-

މަނިޓަރީގެ ގާނޫނު (ގާނޫނު ނަންބަރ 1981-06) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2007-02)

                                                               

މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (ދިވެހިރާއްޖޭގެ ފައިސާއާބެހޭ އޮތޯރިޓީ) ގާއިމު ކުރުމަށާއި އެކަމާ ގުޅިފައިވާ ކަންތައްތަކާއި، އެކަމާ ބެހިގެން މެދުވެރިވާ ކަންތައްތަކުގެ މައްޗަށް ހިންގުމަށް ހެދުނު ގާނޫނެވެ.

މިގާނޫނު އެކުލެވިގެންވަނީ، ތިރީގައިވާ މާއްދާތަކުގެ މައްޗަށެވެ.

 

 

ޗެޕްޓަރ 1

ފެށުން

 

1 ވަނަ މާއްދާ - ކުރުސުރުހީއާއި ފެށުން

މިގާނޫނުގެ ނަމަކީ "މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981" އެވެ. މިގާނޫނުގެ ތަފާތު ބައިތައް، ވަކިވަކި ތާރީހުގައި ހިންގަން ފެށްޓުމުގެ އިހްތިޔާރު، ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

2 ވަނަ މާއްދާ - ލަފްޒުތަކާއި އިބާރާތްތަކުގެ މާނަ

މިގާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ނުބުނާހާ ހިނދަކު:-

"އެސެޓް" ކަމަށް ބުނެފައި އެވަނީ މިލްކުގައިވާ އަގެއްހުރި ކޮންމެ އެއްޗަކަށެވެ.

"އޮތޯރިޓީ" ނުވަތަ "އެމް.އެމް.އޭ" ކަމަށް ބުނެފައި އެވަނީ  ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން އުފެދިފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.

"ބޭންކް" ކަމަށް ބުނެފައި އެވަނީ ޗެކްގެ ޒަރިއްޔާއިން އެކެއްގެ ކިބައިން އަނެކަކަށް ބަދަލުކުރެވޭ ފައިސާގެ ޑިޕޮޒިޓް ގަބޫލުކުރުން، އެތާނގެ މަސައްކަތުގެ ތެރޭގައި ހިމެނޭ މާލީ އިދާރާއަށެވެ.

"ބޭންކް ވިޔަފާރި" ކަމަށް ބުނެފައި އެވަނީ؛

  1. އާންމުންގެ ކިބައިން، ނުވަތަ އާންމުންގެ ތެރެއިން ބައެއްގެ ކިބައިން، ނުވަތަ މީހެއްގެ ކިބައިން އެބަޔަކު ނުވަތަ އެމީހަކު އެދިއްޖެ ހިނދެއްގައި، ނުވަތަ ވަކި މުއްދަތަކަށް ފަހުގައި، ނޫންނަމަ އެންގުމަށްފަހު، އަނބުރާ ދިނުމަށްޓަކައި ފައިސާ ބަހައްޓައި، ނޫންނަމަ ބޮންޑާއި، ސެޓިފިކެޓާއި، ނޫޓާއި، އެހެނިހެން ސެކިއުރިޓީ އާދަވެގެން ވިއްކައި، ނުވަތަ ހުށަހަޅައި، އަދި އެފަދަ ވިޔަފާރިއެއް ހިންގާ ފަރާތް ޒިންމާވާނޭ ގޮތެއްގައި، އެަދަ ފައިސާތައް އެކުގައި، ނުވަތަ އެއިން ބައެއް ބޭނުން ކޮށްގެން ލޯނު ދޫކުރުމާއި، ނުވަތަ އިންވެސްޓްކުރުމާއި، އަދި
  2. އިސްވެ (1) ގައި ބުނެވިދިޔަ ކަންތައްތައް ކޮށް އުޅޭ މާލީ އިދާރާއެއްގެ މަސައްކަތުގެ އިތުރަށް، ބޭންކުތަކުން އާދައިގެ ގޮތެއްގައި ކޮށް އުޅުން ހުއްދަކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގަބޫލުކުރާ އެހެން މަސައްކަތްތަކަށެވެ.

"ބިލް އޮފް އެކްސްޗޭންޖް" ކަމަށް ބުނެފައި އެވަނީ އެއްފަރާތުން އަނެއް ފަރާތަށް އެޑްރެސްކޮށް، އެ ލިޔުން ރައްދުވާހިނދު، ނުވަތަ ކަނޑައެޅިފައިވާ ދުވަހެއްގައި، ނުވަތަ ވަކި މުއްދަތެއްގެ ތެރޭގައި އެލިޔުމުގައި ފައިސާ ލިބެންވީ ފަރާތެއްގެ ނަން ކަނޑައެޅި ލިޔެވިފައި، އެފަރާތަކަށް ނުވަތަ އެފަރާތުގެ އަމުރަށް، ނުވަތަ ލިޔުން ހުށަހަޅާ ކޮންމެ ފަރާތަކަށް އެލިޔުމުގައިވާ އަދަދެއް ށަރުތަކާ ނުލައި ފައިސާއިން އަދާކުރުމަށް ލިޔެ ފޮނުވާ ލިޔުމަށެވެ.

"ބޯޑު" ކަމަށް ބުނެފައި އެވަނީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށެވެ.

"ބުލިއަން" ކަމަށް ބުނެފައި އެވަނީ ގިނަ އަދަދަކަށް ހުންނަ ރަނާއި، ރިއްސާއި، ނުވަތަ ގަނޑުރަނާއި، ގަނޑުރިއްސާއި، އަދި ހާއްސަކޮށް ބަރުދަނަށް ނިސްބަތްކޮށް ބަލާއިރު، ގިނަ އަދަދެއްގެ ރަނާއި ރިއްސާއި އެނޫންވެސް މައްދަނެއްގެ ފައިސާ ފޮއްޗަށެވެ.

"ޗެކް" ކަމަށް ބުނެފައި އެވަނީ ދޫކުރާ މީހާގެ ފަރާތުން ލިޔެ ސޮއިކޮށް، އޭގައި ބަޔާން ކުރެވިފައިވާ މީހަކަށް، ނުވަތަ އޭނާގެ އަމުރަށް، ނުވަތަ އެހިފައިގެންދާ މީހަކަށް، އެހިފައިގެން ދިއުމުން، ށަރުތަކާ ނުލައި އޭގައި ކަނޑައެޅިގެންވާ އަދަދެއްގެ ފައިސާ ދިނުމަށް، ބޭންކު ވިޔަފާރިކުރާ ފަރާތަކަށް ލިޔުމަކުން ކުރެވޭ އަމުރަކަށެވެ.

"ކްލިއަރިންގ ހައުސް" ކަމަށްބުނެފައިއެވަނީ ޗެކާއި، ޑްރާފްޓް އަދި ނޫޓް ބޭންކުތަކުގެ މެދުގައި އެކުވެގެން ބަދަލުކުރުމަށްޓަކައި އެރަށެއްގައި ހިނގާ ބޭންކުތައް އެއްވާތަނަށެވެ.

"ގަވަރނަރ" ކަމަށް ބުނެފައި އެވަނީ މިގާނޫނުގެ 6 ވަނަ މާއްދާގެ (2) ގެ (ހ) ގައާއި މި ގާނޫނުގެ އެހެން މާއްދާތަކުގައި ބަޔާންކުރާ ގަވަރނަރަށެވެ.

"ޑެޕިއުޓީ ގަވަރނަރ" ކަމަށް ބުނެފައި އެވަނީ މިގާނޫނުގެ 6 ވަނަމާއްދާގެ (2) ގެ (ށ) ގައާއި މިގާނޫނުގެ އެހެން ތަންތާނގައި ބުނެފައިވާ ޑެޕިއުޓީ ގަވަރނަރަށެވެ.

"ޑިސްކައުންޓް" ކަމަށް ބުނެފައި އެވަނީ ވިއްކާ އެއްޗެއްގެ ހަމައަގުން، ގަންނަ މީހާއަށް ކަނޑައިދޭ މިންވަރަށެވެ. ނުވަތަ ހަމައަގުން، ކަނޑައިދޭ ކަނޑައިދިނުމަށެވެ.

"އެކްސްޓަރނަލް ރިޒާރވް" ކަމަށް ބުނެފައި އެވަނީ ކަނޑައެޅިފައި ހުންނަ ބާވަތްތަކެއްގެ މުދާތަކަށެވެ. އާންމު ގޮތެއްގައި މީގައި ހިމެނެނީ، ރަން، އެސް.ޑީ.އާރ. އަދި ރާއްޖެއަށް ބޭރުން ލިބެންވާ ފައިސާއެވެ.

"އެސް.ޑީ.އާރ" ކަމަށް ބުނެފައި އެވަނީ އިންޓަރނޭށަނަލް މަނިޓަރީ ފަންޑުގެ ސްޕެށަލް ޑްރޯވިންގ ރައިޓްސް އަށެވެ.

"އެކްސްޓަރނަލް ޓްރާންސެކްށަން" ކަމަށް ބުނެފައި އެވަނީ ރާއްޖެއަށް ބޭރުން ބޭރު ފައިސާ ލިބޭގޮތަށް ނުވަތަ ރާއްޖެއިން ބޭރަށް ބޭރު ފައިސާދާގޮތަށް ކުރެވޭ މުއާމަލާތަށެވެ.

"މާލީ އިދާރާ" ކަމަށް ބުނެފައި އެވަނީ ބޭންކު ވިޔަފާރި ނުވަތަ، ސެކިއުރިޓީސްގެ ވިޔަފާރި ނުވަތަ އިންށުއަރެންސް ގެ ވިޔަފާރި ނުވަތަ އިންވެސްޓްމަންޓް ލަފާދޭ ވިޔަފާރި، ނުވަތަ ފައިނޭންސް ލީސިންގްގެ ވިޔަފާރި ނުވަތަ އެސެޓް މެނޭޖްމަންޓްގެ ވިޔަފާރި ނުވަތަ ރާއްޖޭގެ ފައިނޭންށަލް ސިސްޓަމް ހިމާޔަތްކުރުމަށްޓަކައި ހިނގާގޮތް ބަލަހައްޓައި  ރެގިއުލޭޓްކުރަން ޖެހޭކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފެންނަ، އެހެންވެސް މިފަދަ މާލީ ހަރަކާތްތައް ހިންގާ މީހެއް ނުވަތަ ތަނެއް ނުވަތަ ކުންފުންޏެއް ނުވަތަ  އެނޫންވެސް ފަރާތަށެވެ.

"ފިސްކަލް އޭޖެންސީ" ކަމަށް ބުނެފައި އެވަނީ ފައިސާއާބެހޭ ހުރިހާކަމެއް ހިންގާ ބަލަހައްޓާ އިދާރާއަށެވެ.

"އާންމު ރިޒާރވް" ކަމަށް ބުނެފައި އެވަނީ މިގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން އުފެދޭ އާންމު ރިޒާރވަށެވެ.

"ސަރުކާރު" ކަމަށް ބުނެފައި އެވަނީ ދިވެހިސަރުކާރަށެވެ.

"އިންށުއަރެންސް" ކަމަށް ބުނެފައި އެވަނީ އިންށުއަރެންސް ޕްރީމިއަމް ލިބޭގޮތަށް އަދި އިންށުއަރެންސް ޕްރީމިއަމްއިންނާއި އިންށުއަރެންސް ވިޔަފާރިން ލިބޭ އާމްދަނީ އިންވެސްޓް ކުރުމުގެ މަސައްކަތާއެކު ލައިފް އިންށުއަރެންސް އާއި ޖެނެރަލް އިންށުއަރެންސް ގެ ވިޔަފާރި ހިންގުމަށެވެ.

"ލީގަލް ޓެންޑަރ" ކަމަށް ބުނެފައި އެވަނީ އަގެއް އަދާކުރުމަށް ގާނޫނީގޮތުން ކަމުދާ، އަދި ބަލައިގަންނަންވީ ފަރާތުން ގަބޫލުކުރަންވާނެ، ފައިސާގެ ގޮތުގައި ނެރެފައިވާ އަދި ހިނގާ ކޮންމެ އެއްޗަކަށެވެ.

"ލައިބިލިޓީ" ކަމަށް ބުނެފައި އެވަނީ އެހެން ފަރާތަކަށް ދިނުން ލާޒިމްވާ ކޮންމެ  އެއްޗަކަށެވެ.

"މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ" ކަމަށް ބުނެފައި އެވަނީ ދިވެހިސަރުކާރުގެ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށެވެ.

"މަނިޓަރީ" ކަމަށް ބުނެފައި އެވަނީ ފައިސާގެ ނުވަތަ ފައިސާއާ ގުޅޭ ނުވަތަ ތަނުގެ އިގްތިސާދަށް ފައިސާ ފޯރުވައިދިނުމާ ދައުރުވާ ގޮތްތަކާ ގުޅޭކަންކަމަށެވެ.

"ނޫޓް" އަދި "ފައިސާފޮތި" ކަމަށް ބުނެފައި އެވަނީ މިގާނޫނުގެ ދަށުން ފައިސާގެ ގޮތުގައި ބޭނުންކުރުމަށް ނެރެވޭ ނޫޓާއި ފައިސާ ފޮއްޗަށެވެ.

"އޯވަރޑްރާފްޓް" ކަމަށް ބުނެފައި އެވަނީ ވަކިފަރާތަކުން ބޭންކުގައި ޖަމާކޮށްފައި ހުރި އަދަދަށްވުރެ އިތުރަށް ބޭނުންކުރަން އެފަރާތެއްގެ އެކައުންޓުން ދޫކުރާ ފައިސާއަށެވެ.

"ޕްރޮމިސަރީ ނޯޓް" ކަމަށް ބުނެފައި އެވަނީ އަދަދު ކަނޑައެޅިގެންވާ ފައިސާއެއް، ކަނޑައެޅިފައިވާ މީހަކަށް، ނުވަތަ ކަނޑައެޅިފައިވާ މީހާގެ އަމުރަށް، ނުވަތަ ހިފައިގެންދާ މީހަކަށް ކަނޑައެޅިގެންވާ އިރެއްގައި ށަރުޔަކާ ނުލައި ދިނުމަށް ވައްދުވެ ސޮއިކޮށްފައިވާ ލިޔުމަށެވެ.

"ރީ-ޑިސްކައުންޓް" ކަމަށް ބުނެފައި އެވަނީ ޕްރޮމިސަރީ ނޯޓެއް ނުވަތަ ބިލް އޮފް އެކްސްޗޭންޖެއް ގަތް ފަރާތުން އަލުން  ވިއްކުމަށެވެ.

"ރިޒާރވް" ކަމަށް ބުނެފައި އެވަނީ ބޭންކެއްގެ އަމިއްލަ ހަޒާނާގައި ޖަމާކޮށް ބެހެއްޓޭ ފައިސާއާއި، ނުވަތަ ލިބޭނެ ގޮތެއްގައި އެފަދަ އެހެން ފަރާތެއްގެ ބެލެހެއްޓުމުގެ ދަށުގައި ބަހައްޓަން ޖެހިފައިވާ ފައިސާއާއި ނުވަތަ ބެހެއްޓުމުގެ އިހްތިޔާރު ލިބިފައިވާ ފައިސާއަށެވެ.

"ސެކްރެޓަރީ" ކަމަށްބުނެފައިއެވަނީ މިގާނޫނުގެ 6 ވަނަ މާއްދާގެ (14) ގައާއި މިގާނޫނުގެ އެހެން ތަންތާނގައި ބުނެފައިވާ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތަކުގެ ސެކްރެޓޭރިއެޓް ބަލަހައްޓާ ޑިރެކްޓަރުންގެ ބޯޑުގެ ސެކްރެޓަރީއަށެވެ.

"ސެކިއުރިޓީގެ ވިޔަފާރި" ކަމަށްބުނެފައިއެވަނީ ސެކިއުރިޓީ ވިއްކަން ހުށަހަޅާ ފަރާތުން ވިއްކަން ހުށަހަޅާ ސެކިއުރިޓީ ގަންނާނެ ގޮތެއް ހަމަޖެއްސުން ނުވަތަ ގަންނާނެ ކަމުގެ ޔަގީންކަން ދިނުން (އަންޑަރ ރައިޓިން)، ތިންވަނަ ފަރާތަކަށް ސެކިއުރިޓީ ގަނެވިއްކައިދިނުން (ބްރޯކަރޭޖް)، އަދި އާންމުންނާ ގުޅިފައިވާ މިފަދަ ސެކިއުރިޓީއާ ގުޅިފައިވާ މަސައްކަތްތަކަށެވެ.

"ސެކިއުރިޓީ" ކަމަށް ބުނެފައި އެވަނީ؛

  1. ސެކިއުރިޓީ އެކްސްޗޭންޖްގައި ނުވަތަ މާރކެޓްގައި ނުވަތަ އެކަމަށްޓަކައި އާންމުގޮތެއްގައި ގަބޫލުކުރެވޭ ދާއިރާއެއްގެ ތެރޭގައި ބޭނުންކުރުމަށް އެ ގެންގުޅޭ މީހަކަށް، ނުވަތަ ރަޖިސްޓަރީކުރެވިފައިވާ ފަރާތަކަށް، އިންވެސްޓްމަންޓަކަށް ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި، ބިލް އޮފް އެކްސްޗޭންޖް ނުހިމެނޭ ގޮތަށް، ދޫކުރެވޭ ލިޔުމަށެވެ.
  2. ލޯނެއް ނެގުމަށްޓަކައި ބެހެއްޓޭ ރަހުނު ނުވަތަ އެ ރަހުނު ސާބިތުކޮށްދޭ ލިޔުމަށެވެ.

"ޓްރެޒަރީ ބިލް" ކަމަށް ބުނެފައި އެވަނީ މޫނުމަތީގެ އަގުގެ ޑިސްކައުންޓަކާއެކު ވިއްކާ، ސަރުކާރުގެ މާލީ ލިޔުމަށެވެ.

 

ޗެޕްޓަރ 2

މިގާނޫނުގެ ބިންގާ

3 ވަނަ މާއްދާ - އޮތޯރިޓީ އުފެއްދުމާއި ދެމެހެއްޓުން

މިގާނޫނުން "މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ" ގެ ނަމުން ނަންދެވިފައިވާ އޮތޯރިޓީއެއް އުފެދުނީއެވެ. މިތަނަކީ، މެދުކެނޑުމެއްނެތި ހިނގަމުންދާނެ ގޮތެއްގައި އުފައްދާފައިވާ، އެތާނގެ ރަސްމީ ސިއްކައެއް އޮންނަ ތަނެކެވެ. އަދި މިތަނަކީ، އެތާނގެ ނަމުގައި ދައްވާކޮށް، ދައްވާ ލިބިގަނެ، އެކިއެކި މުއާމަލާތުކޮށް، އަދި މިގާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތީން، ބިމާއި ގޯތިގެދޮރުފަދަ ހަރުމުދަލާއި އެނޫންވެސް ހުރިހާ ބާވަތެއްގެ މުދާ ލިބިގަނެ، ގަނެ، އަތުލައި، ހިފަހައްޓައި، ބޭނުންކޮށް، އަދި މިބުނި ހުރިހާ ބާވަތެއްގެ މުދާ، އެހެން ފަރާތްފަރާތާ ހަވާލުކޮށް، އެފަރާތްފަރާތަށް ރައްދުކޮށް، ދޫކޮށް، ލިބިދީ، ރަހުނުކޮށް، މިލްކުވެރިކަން ބަދަލުކޮށް، ނުވަތަ އެނޫން އެހެން ގޮތަކުންވިޔަސް އެއިން ވަކިވެވިދާނޭ ނުވަތަ އެއާމެދު ގޮތެއް ނިންމިދާނޭ މުސްތަގިއްލު މުއައްސަސާއެކެވެ.

4 ވަނަ މާއްދާ - އޮތޯރިޓީގެ މައިގަނޑު މަގްސަދުތައް

އޮތޯރިޓީގެ މައިގަނޑު މަގްސަދުތަކަކީ:-

(ހ) ފައިސާ ނެރުމާއި، ފައިސާ ލިބެން ހުންނާނޭ ގޮތް ޖަމަޖެއްސުމާއި، އަދި ދިވެހިރުފިޔާގެ ބައިނަލްއަގްވާމީ އަގު ކަނޑައެޅުން؛

(ށ) ބޭންކިންގ އާބެހޭ އަދި މަނިޓަރީ މުއާމަލާތާބެހޭ ކަންތައްތަކުގައި، ސަރުކާރަށް ލިފާދިނުމުގެ ހިދުމަތްތައް އަދާކުރުން؛

(ނ) ރާއްޖޭގެ މާލީ ކަންތައްތައް ހަރުދަނާ ގޮތެއްގައި ކުރިއެރުވުމަށްޓަކައި، ބޭންކްގެ މުއާމަލާތާބެހޭ އުސޫލުތައް އެކަށައަޅައި، ހިންގައި، އެކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުން؛

(ރ) ދިވެހިރާއްޖޭގައާއި ރާއްޖޭންބޭރުގައި ރާއްޖޭގެ މަނިޓަރީ ހަރުދަނާކަން ހިފެހެއްޓުމާއި، ރާއްޖޭގައި ހަމަޖެހޭ ރަނގަޅު އިގްތިސާދީ ތަރައްގީއެއް ގެނެވޭފަދަ ގޮތެއްގައި މާލީހާލަތު ކުރިއެރުވުން. މިކަންކަމެވެ.

5 ވަނަ މާއްދާ - ވަނަ މާއްދާ - ވިޔަފާރި ހިންގާ ތަންތަން

އޮތޯރިޓީގެ މައިއޮފީސް ހުންނަންވާނީ މާލޭގައެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ރާއްޖޭގެ އެކިއެކި ތަންތާނގައި އިތުރު ގޮފިތައް އުފެއްދިދާނެއެވެ.


6 ވަނަ މާއްދާ - ވަނަ މާއްދާ - ޑިރެކްޓަރުންގެ ބޯޑުގެ މަސްއޫލިއްޔަތާއި ބޯޑު އެކުލެވިގެންވާ ގޮތް އަދި ޑިރެކްޓަރުންގެ ބޯޑުގެ އެހެނިހެން ކަންކަން

  1. އޮތޯރިޓީގެ މައިގަނޑު ސިޔާސަތު ކަނޑައެޅުމަށް މަސްއޫލުވާންޖެހޭ، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑެއް އޮންނަންވާނެއެވެ.
  2. ބޯޑު އެކުލެވިގެންވާނީ ތިރީގައިމިވާ 7 (ހަތެއް) މީހުންގެ މައްޗަށެވެ.
    (ހ) ގަވަރނަރ؛
    (ށ) ޑެޕިއުޓީ ގަވަރނަރ؛
    (ނ) އޮތޯރިޓީގެ އިކޮނޮމިކް ރިސާރޗް އެންޑް ސްޓެޓިސްޓިކްސް ދާއިރާއިން ނުވަތަ އޮތޯރިޓީގެ ފައިނޭންށަލް ސެކްޓަރ ދާއިރާއިން މީހެއް؛
    (ރ) މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ހުށަހަޅާ އެމިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރަކަށްވުރެ މަތީ ފެންވަރެއްގެ މުވައްޒަފެއް؛
    (ބ) މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ފިޔަވާ ސަރުކާރުގެ އިގްތިސާދީ ދާއިރާއިން އައްޔަންކުރާ މީހެއް؛
    (ޅ) ސަރުކާރުގެ އޮފީހެއް ނުވަތަ ސަރުކާރުގެ ކުންފުންޏެއް ތަމްސީލްނުކުރާ ޕްރައިވެޓް ސެކްޓަރގައި، އިގްތިސާދީ ކަންތައްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ތަޖުރިބާހުރި ގާބިލް މީހުންގެތެރެއިން އައްޔަންކުރާ ދެމީހުން.
  3. އޮތޯރިޓީގެ ގަވަރނަރާއި ޑެޕިއުޓީ ގަވަރނަރ  އައްޔަންކޮށް ވަކި ކުރާނީ، ރައްޔިތުންގެ މަޖިލީހުގެ މަށްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
  4. މިމާއްދާގެ (2)ގެ (ނ)، (ރ)، (ބ) އަދި (ޅ) ގައި ބަޔާންވެގެންވާ މެންބަރުން އައްޔަންކޮށް ވަކި ކުރާނީ އޮތޯރިޓީގެ ގަވަރނަރުގެ ލަފައާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.
  5. މިމާއްދާގެ (2)ގެ (ނ)، (ރ)، (ބ) އަދި (ޅ) ގެދަށުން ބޯޑަށް އައްޔަންކުރެވޭ މެންބަރުންނަކީ ފިސްކަލް އަދި މަނިޓަރީ ސިޔާސަތު ކަނޑައެޅުމުގައި ބޯޑުގެ ބަހުސްތަކާއި ނިންމުންތަކުގައި މާނަވީގޮތަށް ބައިވެރިވެވޭވަރުގެ ގާބިލް މީހުންކަމުގައި ވާންވާނެއެވެ.
  6. މިމާއްދާގެ (3) ގެ ދަށުން ބޯޑަށް އައްޔަންކުރެވޭ ގަވަރނަރާއި ޑެޕިއުޓީ ގަވަރނަރަކީ ތިރީގައިމިވާ ސިފަތައް ހުރި މީހުންކަމުގައި ވާންވާނެއެވެ.
    (ހ) އިގްތިސާދީ ދާއިރާގައި ނުވަތަ ބޭންކިންގ ދާއިރާގައި ނުވަތަ މާލީ އިދާރާއެއްގައި ނުވަތަ ވިޔަފާރީގެ ދާއިރާގައި ނުވަތަ މިފަދަ ދާއިރާތަކުގައި ވަކިން ނުވަތަ ޖުމްލަގޮތެއްގައި މަދުވެގެން 10 (ދިހައެއް) އަހަރު މަސައްކަތްކޮށް، މާލީ ކަންތައްތަކާބެހޭ ތަޖުރިބާ ލިބިފައިވާ، ނުވަތަ މާލީކަންތައްތަކާބެހޭ ދާއިރާއަކުން ތައްލީމް ހާސިލްކޮށް، މަދުވެގެން 5 (ފަހެއް) އަހަރު މަސައްކަތްކޮށްފައިވާ މީހަކު ކަމުގައިވުން؛
    (ށ) އެމީހަކީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ލަޔާގަތާއި މަސައްކަތުގެ އަހްލާގް ހުރި މީހަކު ކަމުގައިވުން؛
    (ނ) އިފްލާސް އަކުން މިންޖުނުވެ ހުރި މީހެއް ކަމުގައިނުވުން؛
    (ރ) ވައްކަން، ޓެކުން، ފޭރުން، މަކަރާއި ހީލަތް، ހިޔާނާތް، ރިށްވަތް ނުވަތަ އިހުމާލުގެ  ކުށެއް ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ސަރުކާރުގެ އެއްވެސް އިދާރާއަކުން އެމީހެއްގެ މައްޗަށް ހިޔާނާތުގެ  މައްސަލައެއް އުފުލި ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން؛
    (ބ) އޮތޯރިޓީގެ ގަވާއިދުގެ ދަށުން ހިނގަމުންދާ މާލީ އިދާރާއެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހެއްކަމުގައި ނުވުން؛
    (ޅ) އޮތޯރިޓީގެ ގަވާއިދުގެ ދަށުން ހިނގަމުންދާ މާލީ އިދާރާއެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ނުވަތަ އެހެންވެސް މަގާމެއްގައި ހުރި، ނުވަތަ އެފަދަ އިދާރާއެއްގައި އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން އައްޔަން ކޮށްފައިވާ ފަރާތެއްގެ (ނުވަތަ ގުޅިފައިވާ ފަރާތެއްގެ) ނުވަތަ އޭނާގެ %5 އަށް ވުރެން ގިނަ މިންވަރެއްގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި، އެތަނެއްގެ ޖުމްލަ %5 އަށްވުރެން ގިނަ މިންވަރެއްގެ ހިއްސާ އޮތް މީހެއް ކަމުގައި ނުވުން.
    (ކ) ސަރުކާރު ނުވަތަ އަމިއްލަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންކަން ނުވަތަ ޑިރެކްޓަރކަމުގެ މަގާމް ފުރަމުންދާ މީހެއްކަމުގައި ނުވުން.
    (އ) ސަރުކާރުގެ ނުވަތަ އެހެން  އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހެއްކަމުގައި ނުވުން.
    (ވ) ގާނޫނަކުން ކަނޑައެޅިފައިވާ އިންތިހާބަކުން މަގާމަކަށް ހޮވިފައިވާ މީހަކުކަމުގައި ނުވުން.
    (މ) އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް  ކަމުގައި ނުވުން.
  7. މިމާއްދާގެ (4) ގެ ދަށުން ބޯޑަށް އައްޔަންކުރެވޭ ޑިރެކްޓަރުންނަކީ ތިރީގައިމިވާ ސިފަތައް ހުރި މީހުންކަމުގައި ވާންވާނެއެވެ.
    (ހ) މާލީއިދާރާއެއްގައި މަސައްކަތްކޮށްފައިވާ ނުވަތަ ވިޔަފާރީގެ ދާއިރާގައި ނުވަތަ ބޭންކިންގ ދާއިރާގައި ނުވަތަ މިފަދަ ދާއިރާތަކުގައި ވަކިން ނުވަތަ ޖުމްލަގޮތެއްގައި މަދުވެގެން 7 (ހަތެއް) އަހަރު މަސައްކަތްކޮށް، މާލީ ކަންތައްތަކާބެހޭ ތަޖުރިބާ ލިބިފައިވާ، ނުވަތަ މާލީކަންތައްތަކާބެހޭ ދާއިރާއަކުން ތައްލީމް ހާސިލްކޮށް، މަދުވެގެން 5 (ފަހެއް) އަހަރު މަސައްކަތް ކޮށްފައިވާ މީހަކު ކަމުގައިވުން؛
    (ށ) އެމީހަކީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ލަޔާގަތާއި މަސައްކަތުގެ އަހްލާގް ހުރި މީހަކު ކަމުގައިވުން؛
    (ނ) އިފްލާސް އަކުން މިންޖުނުވެ ހުރި މީހެއް ކަމުގައިނުވުން؛
    (ރ) ވައްކަން، ޓެކުން، ފޭރުން، މަކަރާއި ހީލަތް، ހިޔާނާތް، ރިށްވަތް ނުވަތަ އިހުމާލުގެ ކުށެއް ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން. އަދި ސަރުކާރުގެ އެއްވެސް އިދާރާއަކުން އެމީހެއްގެ މައްޗަށް ހިޔާނާތުގެ މައްސަލައެއް އުފުލި ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
    (ބ) އޮތޯރިޓީގެ ގަވާއިދުގެ ދަށުން ހިނގަމުންދާ މާލީ އިދާރާއެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހެއްކަމުގައި ނުވުން؛
    (ޅ) އޮތޯރިޓީގެ ގަވާއިދުގެ ދަށުން ހިނގަމުންދާ މާލީ އިދާރާއެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ނުވަތަ އެހެންވެސް މަގާމެއްގައި ހުރި، ނުވަތަ އެފަދަ އިދާރާއެއްގައި އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން އައްޔަން ކޮށްފައިވާ ފަރާތެއްގެ (ނުވަތަ ގުޅިފައިވާ ފަރާތެއްގެ) ނުވަތަ އޭނާގެ %5 އަށް ވުރެން ގިނަ މިންވަރެއްގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި، އެތަނެއްގެ ޖުމްލަ %5 އަށްވުރެން ގިނަ މިންވަރެއްގެ ހިއްސާ އޮތް މީހެއް ކަމުގައި ނުވުން.
  8. އޮތޯރިޓީގެ ގަވަރނަރާއި ޑެޕިޔުޓީ ގަވަރނަރ އަދި އޮތޯރިޓީގެ އެހެން އެއްވެސް މުވައްޒަފަކު ވިޔަފާރިއެއް ކުރާނަމަ އެކަން ޑިރެކްޓަރުންގެ ބޯޑަށް ލިޔުމަކުން ހުށަހަޅަން ޖެހޭނެއެވެ. މިފަދަ ވިޔަފާރިއާބެހޭ މައުލޫމާތު ހުށަހަޅާނެ ގަވާއިދު ޑިރެކްޓަރުންގެ ބޯޑުން ފާސްކުރަންވާނެއެވެ.

  9. (ހ) މިމާއްދާގެ (3) ގެ ދަށުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރާ ގަވަރނަރ އައްޔަންކުރެވޭނީ 7 (ހަތެއް) އަހަރު ދުވަހުގެ މުއްދަތަކަށެވެ.
    (ށ) ޑެޕިޔުޓީ ގަވަރނަރ އައްޔަންކުރެވޭނީ 6 (ހައެއް) އަހަރު ދުވަހުގެ މުއްދަތަކަށެވެ.
    (ނ) މިމާއްދާގެ (4)ގެ ދަށުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރެވޭ ޑިރެކްޓަރުން އައްޔަން ކުރެވޭނީ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަކަށެވެ.
  10. މިމާއްދާގެ (3) އަދި (4)ގެ ދަށުން އައްޔަންކުރެވޭ ކޮންމެ މެންބަރެއްވެސް އައްޔަންކުރެވޭނީ ގިނަވެގެން ދެ ދައުރަށެވެ.
  11. ޑިރެކްޓަރުންގެ ބޯޑުގެ 4 (ހަތަރެއް) މެންބަރުން ހަމަވެއްޖެނަމަ ބޯޑުގެ ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވީކަމަށް ބެލެވޭނެއެވެ.
  12. މަދުވެގެން މީލާދީ ކަލަންޑަރުގެ ކޮންމެ 3 (ތިނެއް) މަހަކުން އެއްފަހަރު ބޯޑުގެ ޖަލްސާއެއް ބާއްވަންވާނެއެވެ. އަދި އޮތޯރިޓީގެ އެކިއެކި މަސައްކަތްތައް ގަވާއިދުން ހިންގުމަށްޓަކައި ބޯޑުގެ ޖަލްސާތައް ބާއްވަންޖެހޭކަމަށް ގަވަރނަރަށް، ނުވަތަ ގަވަރނަރގެ މަސްއޫލިއްޔަތާއި ޑެޕިއުޓީ ގަވަރނަރ ހަވާލުވެ ހުންނަހިނދެއްގައި ޑެޕިއުޓީ ގަވަރނަރަށް ފެންނަ އަދަދަކަށް ބޯޑުގެ ޖަލްސާ ބޭއްވިދާނެއެވެ
  13. ބޯޑުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ ބޯޑުގެ ޗެއަރމަންގެ ހައިސިއްޔަތުން ގަވަރނަރެވެ. ގަވަރނަރ ނެތް ހިނދެއްގައި ރިޔާސަތު ބަލަހައްޓާނީ ޑެޕިޔުޓީ ގަވަރނަރެވެ.
  14. ބޯޑުގެ ޖަލްސާތަކުގައި، ސެކްރެޓަރީކަން ކުރާނީ، އެކަމަށް ގަވަރނަރ އައްޔަންކުރާ އޮތޯރިޓީގެ އިސް މުވައްޒަފެކެވެ.
  15. އޮތޯރިޓީ ހިންގާނޭ ގަވާއިދުތައް ހަދައި، އެގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީ ހިނގާތޯ ބަލައި އަދި ބޯޑުގެ ޖަލްސާތައް ބޭއްވުމުގެ ގަވާއިދުތައް ހަދައި، ޖަލްސާތައް ބާއްވައި، ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބަލަހައްޓައި، އޮތޯރިޓީގެ ބޭންކް  އެކައުންޓްތައް ހުޅުވައި އަދި ބަންދުކޮށް، އޮތޯރިޓީގެ ހިސާބުތައް ބަލަހައްޓައި، އޯޑިޓްކުރުވުމަކީ ބޯޑުގެ މަސްއޫލިއްޔަތެކެވެ.

 

7 ވަނަ މާއްދާ - ގަވަރނަރާއި ޑެޕިއުޓީ ގަވަރނަރގެ މަސްއޫލިއްޔަތު

  1. އޮތޯރިޓީން ދުވަހުން ދުވަހަށް ހިންގާ މަސައްކަތްތައް، ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ސިޔާސަތާ އެއްގޮތްވާގޮތުގެމަތިން ހިންގާނީ ގަވަރނަރެވެ. ގަވަރނަރަށް އޮތޯރިޓީގެ މަސައްކަތްތަކަށް ހާޒިރުވެވެން ނެތް ހާލަތެއްގައި  ގަވަރނަރުގެ މަސްއޫލިއްޔަތުތައް އަދާކުރާނީ ޑެޕިއުޓީ ގަވަރނަރެވެ.
  2. ގަވަރނަރާއި ޑެޕިއުޓީ ގަވަރނަރަކީ އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް ނުވަތަ މަގާމެއް އަދާނުކުރާ، ހަމައެކަނި އޮތޯރިޓީގެ މަސައްކަތަށް ހާއްސަވެގެންވާ ބައެކެވެ.

8 ވަނަ މާއްދާ - ގަވަނަރާއ،ިޑެޕިއުޓީ ގަވަނަރ، އަދި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި ސެކްރެޓަރީގެ މުސާރަ ކަނޑައެޅުމާއި އިސްތިޢުފާ ދިނުން އަދި މުވައްޒަފުން ޢައްޔަންކުރުން

  1. ގަވަނަރާއި، ޑެޕިއުޓީ ގަވަނަރުގެ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުއްވުމާއި، އިސްތިއުފާ ދިނުމާއި، މަގާމުން ވަކިކުރުން އޮންނާނީ  ތިރީގައިމިވާ ގޮތުގެމަތިންނެވެ.
    (ހ) ގަވަރނަރާއި ޑެޕިއުޓީ ގަވަރނަރުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ މަށްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
    (ށ) ގަވަރނަރާއި ޑެޕިއުޓީ ގަވަރނަރުގެ މުސާރަ ނުވަތަ އެހެނިހެން މާލީ ނުވަތަ އެނޫންވެސް އިނާޔަތެއް، މަގާމުގެ ދައުރުގެ ތެރޭގައި އުންޏެއް ނުކުރެވޭނެއެވެ. އަދި އެފަދަ މުސާރައާއި އިނާޔަތެއް އިތުރު ކުރުމަކަށް މިމާއްދާ ހުރަހެއް ނާޅައެވެ.
    (ނ) އޮތޯރިޓީގެ ގަވަރނަރ ނުވަތަ ޑެޕިއުޓީ ގަވަރނަރ އޭނާގެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން އިސްތިއުފާ ދެވިދާނެއެވެ.
    (ރ) އޮތޯރިޓީގެ ގަވަރނަރާއި ޑެޕިއުޓީ ގަވަރނަރގެ މަގާމް އެއްވެސް ސަބަބަކާހުރެ ހުސްވެއްޖެނަމަ، 45 (ސާޅީސްފަހެއް)  ދުވަހުގެ ތެރޭގައި އެމަގާމަށް މީހަކު އައްޔަންކުރަންވާނެއެވެ.
  2. މިގާނޫނުގެ ދަށުން އައްޔަންކުރެވޭ ގަވަރނަރާއި ޑެޕިއުޓީ ގަވަރނަރ ފިޔަވައި އައްޔަންކުރެވޭ ބޯޑުގެ މެންބަރުންނާއި ސެކްރެޓަރީއަށް ދޭންވާ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ގަވަރނަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
  3. އޮތޯރިޓީގެ އޮފިސަރުންނާއި މުވައްޒަފުން އެމީހެއްގެ ގާބިލިއްޔަތުގެ މައްޗަށް ބިނާކޮށް އައްޔަންކުރުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި، އޭޖެންޓުންނާއި މުރާސިލުން އައްޔަންކޮށް، ވަކިކޮށް، މުސާރަދޭނެ މިންވަރާއި، ގޮތްތައް ކަނޑައަޅައި އަދި ވަޒީފާ ދިނުމާއި، ވަޒީފާ އަދާކުރުމުގެ ށަރުޔުތައް އެކަށައަޅައި ހަދާނީ ބޯޑުން ކަނޑައަޅާ ހަމަތަކާއި ރާއްޖޭގައި އަމަލުކުރެވެމުންދާ ގާނޫނުތަކާއި އެގާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގަވަރނަރެވެ.

9 ވަނަ މާއްދާ - ގަވަނަރ،ޑެޕިއުޓީ ގަވަނަރ، ޑިރެކްޓަރުންގެ ބޯޑު އަދި މުވައްޒަފުންނަށްދެވޭ ޤާނޫނީ ޙިމާޔަތް

އޮތޯރިޓީގެ މުވައްޒަފުންނަށް ގާނޫނީ ހިމާޔަތް ދެވޭނީ ތިރީގައިމިވާ ގޮތުގެމަތިންނެވެ.

  1. މިގާނޫނުގެ ދަށުން، ކުރަންޖެހޭ ކަމެއް ކުރުމުގައި ނުވަތަ މަގާމުގެ ވާޖިބުތައް އަދާކުރުމުގައި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކު، ނުވަތަ އޮތޯރިޓީގެ މުވައްޒަފަކު ނުވަތަ އޭޖެންޓެއް ނުވަތަ މުރާސިލަކު ނުބައި ނިޔަތެއްނެތި، އެކަމަށް އެކަށީގެންވާ ފަރުވާތެރިކަމާއެކު ކުރާ ކަމަކާ ގުޅިގެން ނުވަތަ ނުކޮށް ދޫކޮށްލެވޭ ކަމަކާ ގުޅިގެން ލިބޭ ގެއްލުމަކަށް އެމުވައްޒަފަކު ޒާތީ ގޮތުން ޒިންމާ ވާކަށް ނުޖެހޭނެއެވެ. އަދި އެފަދަ ކަމަކާ ގުޅިގެން އޭނާގެ މައްޗަށް ކުރެވޭ ދައްވާއެއްގައި، އޭނާ ކުރަންޖެހޭ ހަރަދުތަކަށް އޮތޯރިޓީއިން ޒިންމާ ވާންޖެހޭނެއެވެ.
  2. މިމާއްދާގެ (1) ގައިވާގޮތް ފިޔަވައި އެހެންގޮތަކަށް ބޯޑުގެ މެންބަރެއް ނުވަތަ އޮތޯރިޓީގެ މުވައްޒަފެއް ނުވަތަ އޭޖެންޓެއް ނުވަތަ މުރާސިލެއްގެ މައްޗަށް ށަރީއަތަށް ހުށަހެޅޭ މައްސަލައެއްގައި ސާބިތުވާ ކުށެއްގެ އެންމެހާ ޒިންމާ އުފުލަންވާނީ އެމީހެކެވެ.

 

10 ވަނަ މާއްދާ – މަގްސަދާ ހިލާފު އަމަލު

  1. ބޯޑުގެ އެއްވެސް މެންބަރަކު، މިގާނޫނުގެ ދަށުން ހިންގާ އެއްވެސް ކަމަކާ ގުޅިގެން އެމީހެއްގެ ވާޖިބު އަދާކުރުމުގައި، މާލީ، ނުވަތަ ޒިރާއީ، ނުވަތަ ސިނާއީ، ނުވަތަ ވިޔަފާރިއާއި ވިޔަފާރި ހިންގުމުގެ ދާއިރާގައި ހިމެނޭ ފަރާތެެއްގެ، ނުވަތަ މިނޫނުވެސް ފަރާތެއްގެ އިރުށާދު ލިބިގަނެ، ގަބޫލުކޮށްގެން ނުވާނެއެވެ. އަދި އެފަދަ ފަރާތެއް ވަކީލެއްގެ ގޮތުން އެއްވެސް އަމަލެއް ހިންގައިގެން ނުވާނެއެވެ.
  2. ބޯޑުން ގޮތެއް ނިންމަންޖެހޭ މައްސަލައެއްގައި، ވިޔަފާރީގައި، ނުވަތަ ވިޔަފާރިއާގުޅޭ ރޮނގެއްގައި، ނުވަތަ މާލީ، ނުވަތަ ޒިރާއީ، ނުވަތަ ސިނާއީ، ނުވަތަ މިނޫންވެސް ރޮނގެއްގައި، މި ބޯޑުގެ މެންބަރަކާ ސީދާ، ނުވަތަ ނުސީދާ ގޮތެއްގައި ގުޅުމެއްވާނަމަ، އެކަން ބޯޑަށް ފުރިހަމައަށް ހާމަކޮށްދޭން ވާނެއެވެ.
  3. ބޯޑުގެ އެއްވެސް މެންބަރަކު، ނުވަތަ އޮތޯރިޓީގެ އެއްވެސް މުވައްޒަފަކު، މިގާނޫނުގެ ދަށުން އޭނާގެ ވާޖިބު  އަދާކުރުމުގައި ވަކި ފަރާތަކަށް ބުރަވެވިދާނެފަދަ ގޮތެއްގައި، އެއްވެސް ބާވަތެއްގެ ހަދިޔާއެއް، އޭނާގެ އަމިއްލަ ނަމުގައި، ނުވަތަ އޭނާ އިނދެގެން އުޅޭ މީހެއްގެ، ނުވަތަ ދަރިއެއްގެ ނަމުގައި، ނުވަތަ އޭނާގެ ނުވަތަ އޭނާ އިދެގެން އުޅޭ މީހާގެ މަންމަގެ ނުވަތަ ބައްޕަގެ ނުވަތަ ބޭބެގެ ނުވަތަ ދައްތަގެ، ނުވަތަ ކޮއްކޮގެ ނަމުގައި، ނުވަތަ ވިޔަފާރީގެ ގޮތުން، ނުވަތަ މާލީ ގޮތުން އެމީހަކާ ގުޅުމެއް އޮތް މީހެއްގެ ނަމުގައި، ގަބޫލުކޮށްގެންނުވާނެއެވެ. އަދި އެފަދަ ގޮތެއްގައި ފައިދާއެއް ލިބޭ ކަމެއްގައި ބައިވެރިވެގެންވެސް ނުވާނެއެވެ.
  4. މިމާއްދާއާ ހިލާފު އަމަލެއް ކޮށްފި މީހަކު ކުށްވެރިވާނެއެވެ. މިގޮތުުން ކުށްެރިވެއްޖެ މީހަކަށް ދެވޭ އަދަބަކީ، އެއް އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން، ނުވަތަ އެއަށްވުރެ ދިގުނޫން މުއްދަތަކަށް އަރުވާލުން ނުވަތަ އެއަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ. ނުވަތަ ދިހަހާސް ރުފިޔާއަށް ވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. ނުވަތަ ދިހަހާސް ރުފިޔާއަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާ ކުރުމާއެކު އެއްއަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން، ނުވަތަ އެއަށްވުރެ ދިގުނޫން މުއްދަތަކަށް އަރުވާލުން، ނުވަތަ އެއަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ.

 

11 ވަނަ މާއްދާ – ސިއްރު

  1. ގާނޫނީ ގޮތުން ކޯޓަކަށް ބޭނުންވެއްޖެ ހިނދެއްގައި މެނުވީ ނުވަތަ މިގާނޫނުގެ ދަށުން އޭނާގެ ވާޖިބުތައް އަދާކުރުމުގެ ގޮތުން މެނުވީ ބޯޑުގެ އެއްވެސް މެންބަރަކު ނުވަތަ އޮތޯރިޓީގެ އެއްވެސް މުވައްޒަފަކު، އޮތޯރިޓީގައި އޭނާ އަދާކުރަންޖެހޭ ވާޖިބު އަދާކުރުމުގައި އެނގިފައިވާ، އޮތޯރިޓީގެ، ނުވަތަ ބޭންކެއްގެ ނުވަތަ މާލީ، އިދާރާއެއްގެ، ނުވަތަ އެހެންވެސް ފަރާތެއްގެ މައްލޫމާތެއް އެއްވެސް ފަރާތަކަސް ހާމަކޮށްގެންނުވާނެއެވެ.
  2. މިމާއްދާއާ ހިލާފުވާ އަމަލެއް ކޮށްފި މީހަކު ކުށްވެރި ވާނެއެވެ. މިގޮތުން ކުށްވެރިވެއްޖެ މީހަކަށް ދެވޭ އަދަބަކީ، ދެއަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން، ނުވަތަ އެއަށްވުރެ ދިގުނޫން މުއްދަތަކަށް އަރުވާލުން، ނުވަތަ އެއަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ. ނުވަތަ ވިހިހާސް ރުފިޔާއަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ. ނުވަތަ ވިހާސް ރުފިޔާއަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާ ކުރުމާއެކު، ދެ އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން، ނުވަތަ އެއަށްވުރެ ދިގުނޫން މުއްދަތަކަށް އަރުވާލުން ނުވަތަ އެއަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ.


ޗެޕްޓަރ 3

ދިވެހި ފައިސާ

12 ވަނަ މާއްދާ - ދިވެހި ފައިސާގެ ޔުނިޓް

ދިވެހިރާއްޖޭގެ ފައިސާގެ ޔުނިޓަކީ، ރުފިޔާއެވެ. މިރުފިޔާ އެކުލެވިގެންވަނީ ސަތޭކަ ލާރީގެ މައްޗަށެވެ.

 

13 ވަނަ މާއްދާ - ދިވެހިފައިސާގެ ބޭރުގެ އަގު

ދިވެހިރާއްޖެ ބައިވެރިވާ، އަދި އެއާ އެއްގޮތަށް އަމަލު ކުރަމުން ގެންދާ ބައިނަލްއަގްވާމީ ފައިސާއާބެހޭ އެގްރީމެންޓެއް ވާނަމަ، އެ އެގްރީމްނެޓުގައިވާ ހުރިހާ ށަރްތުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމާއެކު، ބޯޑުގެ މަށްވަރާގެ މަތިން، ބޭރުގެ ފައިސާގެ ނިސްބަތުން ދިވެހި ރުފިޔާގެ އަގެއް ރައީސުލްޖުމްހޫރިއްޔާއަށް ކަނޑައެޅިދާނެއެވެ. މިގޮތުން ދިވެހި ރުފިޔާގެ ބޭރުގެ އަގަށް ބަދަލެއް ގެންނަންވެއްޖެނަމަ، އެބަދަލެއް ރައީސުލްޖުމްހޫރިއްޔާ އަންގާ ގޮތެއްގެ މަތީން އޮތޯރިޓީން ލިޔެ އިއްލާން ކުރަން ވާނެއެވެ.

 

14 ވަނަ މާއްދާ – ފައިސާނެރުން

  1. ދިވެހިރާއްޖޭގައި ލީގަލް ޓެންޑަރ ކަމުގައި ހިމެނޭ ފައިސާފޮއްޗާއި ނޫޓުނެރުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި އޮތޯރިޓީއަށެވެ. މިނޫން ފަރާތަކުން ލީގަލް ޓެންޑަރ ކަމުގައި ހިމެނިދާނޭ ނޫޓު ނުވަތަ ފައިސާ ފޮތި ނުވަތަ ފައިސާގެ އަގު ހިމެނިދާފަދަ ލިޔުމެއް ނުވަތަ ނިށާނެއް ވިޔަސް ނެރުމަކީ މަނާކަމެކެވެ.
  2. އޮތޯރިޓީން ތިރީގައި މިވާ ކަންތައްތައް ކުރަން ވާނެއެވެ:-
    (ހ) ނޫޓު ޗާޕުކުރުމާއި ފައިސާފޮތި ޖެހުމާބެހޭ ކަންތައްތައް އިންތިޒާމުކޮށް، މިކަންކަމާބެހޭ އެންމެހާ ކަންތައްތައ ބަލަހައްޓައި، އެތަކެތި ސަލާމަތްކޮށް ރައްކައުތެރި ކުރުން.
    (ށ) ނޫޓާއި ފައިސާފޮތި ނެރުމާއި، އަނބުރާ ގެނައުމާއި، އަނބުރާ ގެނައުމަށްފަހު އަލުން ނެރުމާއި، އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި ނޫޓާއި ފައިސާފޮތި ބަދަލުކޮށްދިނުން. މިގާނޫނު ހިންގަން ފެށުމުގެ ކުރިން ސަރުކާރުން ނެރެފައިވާ ނޫޓާއި ފައިސާފޮތި މީގެ ތެރޭގައި ހިމެނެއެވެ.

 

15 ވަނަ މާއްދާ – ނޫޓާއި ފައިސާފޮތި

  1. މިގާނޫނުގެ ދަށުން ނެރޭ ނޫޓު ޗާޕްކުރެވެންވާނީ، އޮތޯރިޓީގެ ފަރާތުން ރަނގަޅުކަމަށް ކަނޑައަޅާ ސިފައަކާއި ޑިޒައިނެއްގައި، އެފަދަ ޕްލޭޓަކުން، އަދި އެފަދަ ކަރުދާހެއްގައެވެ. މިނޫޓުގެ އަގު ބެހިފައި ހުންނަންވާނީ އެވަގުތަކު އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
  2. މިގާނޫނުގެ ދަށުން ނެރޭ ފައިސާ ފޮތީގެ ބައިތަކާއި، ބަރުދަނާއި، ސިފައާއި، ޑިޒައިނާއި، ފައިސާފޮތި ހެދުމަށް ބޭނުންކުރާ މައްދަން ނުވަތަ މައްދަންތަކާއި، މިކަންކަން ހުންނަންވާނީ، އެވަގުތަކު އޮތޯރިޓީން ކަނޑައަޅާ ހަމަތަކެއްގެ މަތިންނެވެ.
  3. މިގާނޫނުގެ 14 ވަނަ މާއްދާއަށް އަމަލު ކުރަން ފެށުމުގެ ކުރިން، ސަރުކާރުން ނެރެ، ލީގަލް ޓެންޑަރ ކަމުގައި ބޭނުން ކުރެވި، ބާޔިލު ނުކޮށްހުރި ނޫޓާއި ފައިސާ ފޮއްޗަކީ، ހުރިހާ ހަމައަކުން ބަލާއިރުވެސް ގާނޫނީ ށަރުތުތައް ފުރިހަމަވާ ލީގަލް ޓެންޑަރެވެ.

 

16 ވަނަ މާއްދާ – ލީގަލް ޓެންޑަރ

  1. މިމާއްދާގެ (2) އާ ހިލާފުނުވާ ގޮތުގެމަތިން ފައިސާ ދެއްކުމުގައި ތިރީގައި ބަޔާން ވެގެންވާ ހަމަތަކުގެ މަތިން ހުށަހަޅާ ނޫޓާއި ފައިސާފޮއްޗަކީ ލީގަލް ޓެންޑަރެވެ.
    (ހ) ނޫޓުން ދައްކާނަމަ ކޮންމެ އަދަދެއް
    (ށ) އެއްލާރީގެ ފައިސާފޮތިން ދައްކާނަމަ، އެއްރުފިޔާއަށްވުރެ ގިނަނޫން އަދަދެއް
    (ނ) އެއްލާރިއަށްވުރެ މަތީ އަގެއްގެ ފައިސާފޮތިން ދައްކާނަމަ، އެފޮއްޗެއްގެ ސިއްކައިގެ އަގުގެ ފަންސާސް ގުނައަށްވުރެ އިތުރުނޫން އަދަދެއް.
  2. އެނޫޓަކާމެދު ނުވަތަ އެ ފައިސާފޮއްޗަކާމެދު ގައިރު ގާނޫނީ ގޮތެއްގައި އަމަލު ކުރެވިފައިވާނަމަ އެއީ ލީގަލް ޓެންޑަރެއް ނޫނެވެ.
  3. މިގާނޫނު ހިންގުމުގައި،
    (ހ) ގައިރު ގާނޫނީ ގޮތެއްގައި އަމަލު ކުރެވިފައިވާ ނޫޓެއް ކަމުގައި ބަލާނީ އާންމު ގޮތެއްގައި ބޭނުންކުރާ ކުރުމުގައި އެއަށް އަންނަ އުނިކަމެއް ފިޔަވައި، އެހެން ގޮތަކުން ނޫޓުގެ ނަންބަރަށް، އަގުބަޔާންކުރާ އަދަދަށް، ނުވަތަ ސޮޔަށް އުނިކަމެއް އަންނަ ގޮތަށް ގެއްލުމެއް ލިބިފައިވާ، ނުވަތަ އެއްވެސް މީހަކު އަސްދުގައި އޭގެ ލިޔުމަކަށް، ނުވަތަ އޭގެ ކުރެހުމަކަށް، ނުވަތަ އޭގެ އަސްލަށް އެއްވެސް ކަހަލަ ބަދަލެއް ގެނެސްފައިވާ ނޫޓެކެވެ.
    (ށ) ގައިރުގާނޫނީ ގޮތެއްގައި އަމަލު ކުރެވިފައިވާ ފައިސާފޮއްޗެއް ކަމުގައި ބަލާނީ،އާންމު ގޮތެއްގައި ބޭނުންކުރާ ކުރުމުގައި އެއަށް އަންނަ އުނިކަމެއް ފިޔަވައި އެހެން ގޮތަކުން އެއަށް އުނިކަމެއް ގެނެވި، ގެއްލުމެއް ލިބިފައިވާ، ނުވަތަ ލުއިވެފައިވާ ކޮންމެ ފައިސާފޮއްޗެކެވެ. އަދި މިނޫނަސް އެއްވެސް މީހަކު އެފައިސާފޮތީގެ ސިއްކައަށް އުނިކަމެއް އަންނަގޮތަކަށް ލަފްޒެއް، ނަންބަރެއް، ނުވަތަ މީނޫންވެސް އެއްޗެއް ލިޔެ، ކުރަހައި، ނުވަތަ ބިންވަޅުނަގާފައިވާ ކޮންމެ ފައިސާފޮއްޗަކީވެސް އޭގެ ބަރުދަނަށް ބަދަލު އައިސްފައިވިޔަސް ނުވަތަ ނުވިޔަސް ގައިރު ގާނޫނީ ގޮތެއްގައި އަމަލު ކުރެވިފައިވާ ފައިސާފޮއްޗެކެވެ.

 

17 ވަނަ މާއްދާ – ސައްހަނޫޓާއި ފައިސާ ފޮތިކަމުގެ ހެކި

  1. އޮތޯރިޓީން ނެރެފައިވާކަމަށް ހުށަހެޅިފައިވާ ނޫޓެއް ނުވަތަ ފައިސާފޮއްޗެއްގެ ސައްހަކަމާމެދު ނުކުންނަ އެއްވެސް މައްސަލައެއްގައި އޮތޯރިޓީގެ އެކަމަށް ބާރުދެވިފައިވާ މުވައްޒަފަކު އެނޫޓަކީ ނުވަތަ ފައިސާ ފޮއްޗަކީ، ސައްހަ ނުވަތަ ސައްހަނޫން އެއްޗެއްކަމަށް ދޭ ސެޓްފިކެޓަކީ، ގާނޫނީ ހުރިހާ ކޯޓެއްގައި އެނޫޓަކީ ނުވަތަ އެފައިސާ ފޮއްޗަކީ ސައްހަ ނުވަތަ ސައްހަނޫން އެއްޗެއްކަމަށް ސާބިތުކޮށްދޭ ހެއްކެއް ކަމުގައި ގަބޫލު ކުރެވޭނެއެވެ.
  2. އެފަދަ އެއްވެސް ސެޓްފިކެޓަކާމެދު އެމުވައްޒަފަކާ ސުވާލެއް ނުކުރެވޭނެއެވެ.
  3. އޮތޯރިޓީ ނޫން ފަރާތަކުން މިގާނޫނާ ހިލާފަށް އުފައްދާ ނޫޓާއި ފައިސާފޮތްޗަކީ ބާޔިލް އެއްޗެކެވެ. އަދި އެފަދަ ތަކެއްޗަށް އޮތޯރިޓީއިން އޭގެ ބަދަލު އަގު ދައްކާކަށް ނުޖެހޭނެއެވެ. މިފަދަ ކަމެއް ދިމާވެއްޖެނަމަ މިފަދަ ކަންތައްތައް ހިންގާ ފަރާތްތައް ސަރުކާރުގެ އެހެނިހެން  އިދާރާތަކާގުޅިގެން ހޯދައި،  މިފަދަ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަކީ އޮތޯރިޓީގެ ކަމެކެވެ.

 

18 ވަނަ މާއްދާ – ނޫޓާއި ފައިސާފޮތި އުވާލުމަށް ގެނައުން

  1. އޮތޯރިޓީގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ ކުރާ އިއްލާނަކުން ވަކި ނޫޓެއް ނުވަތަ ނޫޓުތަކެއް، ވަކި ފައިސާފޮއްޗެއް ނުވަތަ ފައިސާފޮތިތަކެއް އެއީ، އެ އިއްލާނުގައި ބުނާ ތާރީހަކުން ފެށިގެން ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރެއް ނޫންކަމުގައި ކަނޑައެޅިދާނެއެވެ. ނަމަވެސް މިގޮތުން ލީގަލް ޓެންޑަރެއް ނޫންކަމުގައި ކަނޑައެޅޭ ނޫޓާއި ފައިސާފޮތި، ރައީސުލްޖުމްހޫރިއްޔާ އެ އިއްލާނުގައި ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އޮތޯރިޓީއަށް ހުށަހަޅައިފިނަމަ، އޭގެ ސިއްކައިގެ އަގު އޮތޯރިޓީގެ ފަރާތުން ލިބިދޭންވާނެއެވެ.
  2. މިމާއްދާގެ (1) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އޮތޯރިޓީއަށް ބަދަލު ހޯދުމަށް ހުށަނާޅައިހުރި ލީގަލް ޓެންޑަރ ނޫންކަމަށް ކަނޑައެޅިފައިވާ، އެފަދަ ނޫޓު ނުވަތަ ފައިސާފޮތީގެ ސިއްކައިގެ އަގު އޮތޯރިޓީގެ ފަރާތުން ސަރުކާރަށް ބަދަލުކޮށް އެ އަދަދު އޮތޯރިޓީގެ ލައިބިލިޓީގެ ތެރެއިން އުނިކުރެވޭނެއެވެ.

 

19 ވަނަ މާއްދާ - ބަދަލުނުދެވޭނެ ބައެއް ނޫޓާއި ފައިސާފޮތި

ގެއްލި، ވަގަށް ގެންގޮސް އުނިވާފަދަ ގެއްލުމެއް ލިބިފައިވާ، ނުވަތަ ފުރިހަމަނުވާ ނޫޓެއްގެ ނުވަތަ ފައިސާފޮއްޗެއްގެ އަގު، ނުވަތަ ގައިރު ގާނޫނީ ގޮތަކަށް އަމަލު ކުރެވިފައިވާ ނޫޓެއްގެ ނުވަތަ ފައިސާފޮއްޗެއްގެ އަގު އޮތޯރިޓީން ލިބިގަތުމުގެ ހައްގު އެއްވެސް ފަރާތަކަށް ލިބިގެނެއްނުވެއެވެ. ނަމަވެސް، އުނިވާފަދަ ގެއްލުމެއް ލިބިފައިވާ ނުވަތަ ފުރިހަމަނުވާ ނުވަތަ ގައިރު ގާނޫނީ ގޮތަކަށް އަމަލު ކުރެވިފައިވާ ނޫޓެއްގެ ނުވަތަ ފައިސާފޮއްޗެއްގެ އަގު އިނާޔަތެއްގެ ގޮތުގައި އަނބުރާ ލިބިދެވިދާނެ ސަބަބުތަކާއި ގޮތްތައް ކަނޑައެޅުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.


ޗެޕްޓަރ4

މަސައްކަތްތަކާއި މާލީ ހުކުމްތައް

 

20 ވަނަ މާއްދާ – އޮތޯރިޓީގެ މަސައްކަތް ކުރުމުގެ ބާރު ލިބިދިނުން

  1. މިގާނޫނުގައި އެހެން ގޮތަކަށް ކަނޑައެޅިގެން ބުނެފައިނުވާހާ ހިނދަކު، އޮތޯރިޓީގެ މަސައްކަތްތަކުގެ ތެރެއިން މިޗެޕްޓަރގައާއި މިގާނޫނުގެ އެހެން މާއްދާތަކުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރުމުގެ ބާރު ޑިރެކްޓަރުންގެ ބޯޑަށް ލިބިގެންވެއެވެ. ޑިރެކްޓަރުންގެ ބޯޑުން އެމަސައްކަތްތައް ކުރަންވާނީ ހެޔޮ ނިޔަތުގައި އެމަސައްކަތަށް ބޭނުންވާ ފަރުވާތެރިކަމާއެކުގައެވެ.
  2. ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ސިޔާސަތާއި، ނިންމުންތަކާއި މަސައްކަތްކުރުމުގެ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން، އޮތޯރިޓީގެ މަސައްކަތްތައް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާނީ، އޮތޯރިޓީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ގަވަރނަރެވެ.
  3. (ހ) ގަވަރނަރަށް މިމާއްދާގެ (2) ގެ ދަށުން ލިބިދޭ ބާރުތަކާއި، ޑެޕިއުޓީ ގަވަރނަރަށް މިގާނޫނުގެ 7 ވަނަމާއްދާގެ (1) ގެ ދަށުން ގަވަރނަރގެ ހައިސިއްޔަތުން މަސްއޫލިއްޔަތު އަދާކުރަންޖެހޭ ހާލަތުތަކުގައި ލިބިދޭ ބާރުތައް ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށް ނުވަތަ އޮތޯރިޓީގެ އިސް މުވައްޒަފުންނާ ހަވާލުކުރެވޭނެ މިންވަރު ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅަންވާނެއެވެ.
    (ށ) މިމާއްދާގެ (ހ) ގައި ވާ ކަންކަން އެހެންފަރާތަކާ ހަވާލުކުރިކަމުގައި ވީނަމަވެސް، އެކަންކަމަށް ޒިންމާވެ، ޖަވާބުދާރީވާނީ ގަވަރނަރެވެ. އަދި މިގާނޫނުގެ 7 ވަނަ މާއްދާގެ (1) ގައިވާ ހާލަތުގައި ޒިންމާވާނީ ޑެޕިއުޓީ ގަވަނަރެވެ.
  4. މިމާއްދާގެ (3) ގެ ދަށުން ކަނޑައަޅާ ކަނޑައެޅުންތަކުން ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި، އޮތޯރިޓީގެ މުވައްޒަފުންނަށް ލިބިދޭ އިދާރީ ބާރުތައް ތަންފީޒުކުރުމުގައި، ބޯޑުގެ މެންބަރުންނާއި އޮތޯރިޓީގެ އިސް މުވައްޒަފުންނަށް ތިރީގައި މިވާ ކަންކަން ކުރުމުގެ ބާރުލިބިގެންވެއެވެ.
    (ހ) އޮތޯރިޓީގެ ފަރާތުން ގާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ބޭރުގެ ފަރާތްތަކާއެކު ކޮންޓްރެކްޓްތައް ކުރުން؛
    (ށ) އޮތޯރިޓީގެ މައްޗަށް ދައްވާލިބޭ ނުވަތަ އޮތޯރިޓީން ދައްވާކުރާ މައްސަލަތަކުގައި އޮތޯރިޓީ ތަމްސީލުކުރުން؛
    (ނ) އޮތޯރިޓީގެ އާންމު ކަންތައްތައް ހިންގުމުގައާއި ކުރަންޖެހޭ ނުވަތަ ކުރުން ރަނގަޅުވާނެކަމަށް ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށާއި، އޮތޯރިޓީގެ މުވައްޒަފުންނަށް ފެންނަ ކަންތައްތައް ކުރުން.

 

21 ވަނަ މާއްދާ – އެކްސްޓާރނަލް ރިޒަރވް

  1. ދިވެހި ސަރުކާރުގެ އެކްސްޓާރނަލް ރިޒާރވްތައް ޖަމާކުރެވޭ ފަރާތަކީ އޮތޯރިޓީއެވެ.
  2. ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވޭ ރިޒާރވް އެސެޓްތަކުގެ ތެރެއިން ތިރީގައި ބަޔާން ވެގެންވާ އެންމެހައި ބާވަތްތައް ނުވަތަ އޭގެތެރެއިން ބައެއް އެކުލެވިގެންވާ އެކްސްޓާރނަލް ރިޒާރވެއް، ބޯޑުން ކަނޑައަޅާ ށަރްތުތަތަކާއި ހަމަތަކެއްގެމަތިން ބަލަހައްޓާނީ އޮތޯރިޓީގެ ފަރާތުންނެވެ.
    (ހ) ރަން
    (ށ) ނޫޓު ނުވަތަ ބޭންކް ބާކީގެ ގޮތުގައި ރާއްޖޭން ބޭރުގައި ބެހެއްޓިފައިހުރި ބޭރުފައިސާ
    (ނ) ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ ރިޒާރވް އެސްޓްތައް. އޭގެތެރޭގައި:-
    1. އިންޓަރނެށެނަލް މަނިޓަރީ ފަންޑުގެ ޖެނެރަލް ޑޕާރޓްމަންޓްގައި ދިވެހިރާއްޖޭގެ ރިޒާރވް ކަމުގައި ހުރި އަދަދު
    2. އިންޓަރނެށެނަލް މަނިޓަރީ ފަންޑުގައި ދިވެހިރާއްޖޭގެ ނަމުގައިހުރި ސްޕެށަލް ޑްރޯއިންގ ރައިޓްސް؛
      (ރ) ބޯޑުން ކަނޑައަޅާ ރާއްޖޭން ބޭރުގެ ތަނަކަަށް ބޭރުފައިސާއިން ލިބެންވާ ބިލް އޮފް އެކްސްޗޭންޖާއި ޕްރޮމިސަރީ ނޯޓް؛
      (ބ) ބޭރު ގައުމުތަކުގެ ސަރުކާރުން ނެރެފައިވާ ޓްރެޒަރީ ބިލްގެ ތެރެއިން އޮތޯރިޓީއަށް ގަނެފައިވާ ޓްރެޒަރީ ބިލް؛
      (ޅ) ބޭރު ސަރުކާރުން، ނުވަތަ ބައިނަލްއަގްވާމީ މާލީ އިދާރާއަކުން ނެރެފައިވާ ނުވަތަ ގަރަންޓީ ކޮށްފައިވާ ސެކުރިޓީގެ ތެރެއިން އޮތޯރިޓީއަށް ގަނެފައިވާ  ސެކިއުރިޓީ
  3. ދިވެހިރާއްޖޭގެ އެކްސްޓަރނަލް ޓްރާންސެކްށަންތަކާ އެކަށީގެންވާ މިނަވަރެއްކަމަށް ފެންނަ ވަރަކަށް، އެކްސްޓަރނަލް ރިޒާރވް ދެމެހެއްޓުމަށްޓަކައި އޮތޯރިޓީގެ ފަރާތުން ކުރެވެންއޮތް އެންމެ ރަނގަޅަކަށް މަސައްކަތް ކުރަންވާނެއެވެ.

 

22 ވަނަ މާއްދާ – އޮތޯރިޓީތެ މަސައްކަތް

އޮތޯރިޓީން ތިރީގައިމިވާ މަސައްކަތްތައް ކުރެވިދާނެއެވެ.

(ހ) ސަރުކާރާއި ދިވެހިރާއްޖޭގައި ހުރި ބޭންކްތަކާއި ސަރުކާރުގެ އެޖެންސީތަކާއި، ސަރުކާރު ބައިވެރިވާ ތަންތަނާއި، އެހެނިހެން މާލީ އިދާރާތަކުގެ ނަމުގައި އެކައުންޓް ހުޅުވައިދީ އެފަރާތްތަކުން ޑިޕޮޒިޓް ގަބޫލުކުރުން

(ށ) މަނިޓަރީ އޮތޯރިޓީއަކަށް، ނުވަތަ ސެންޓްރަލް ބޭންކަކަށް، ނުވަތަ ބައިނަލްއަގްވާމީ މާލީ އިދާރާއަކަށް މުރާސިލެއްގެ ގޮތުން ނުވަތަ ބޭންކަރެއްގެ ގޮތުން، ނުވަތަ އޭޖެންޓެއްގެ ގޮތުން، ނުވަތަ ޑިޕޮޒިޓް ބަހައްޓާ ތަނެއްގެ ގޮތުން ހިދުމަތް ކޮށްދިނުން.

(ނ) ބޭނުމެއް ޖެހިއްޖެ ހިނދެއްގައި، ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ހުންނަ އެފަދަ ބޭންކްތަކުގައި، ނުވަތަ އެހެން ޑިޕޮޒިޓް ބަހައްޓާ ތަންތަނުގައި އެކައުންޓް ހިންގައި، އަދި އެފަރާތްތަކަކީ އޮތޯރިޓީގެ އެފަދަ މުރާސިލުން ނުވަތަ އޭޖެންޓުން ކަމުގައި އައްޔަން ކުރުން؛

(ރ) ރަންފައިސާފޮތި، ބުލިއަން ނުވަތަ ބޭރުފައިސާ ގަނެ ވިއްކައި، އެތަކެތިން ވިޔަފާރި ކުރުން؛

(ބ) ބޭރު ގައުމުތަކުގެ ސަރުކާރުން، ނުވަތަ ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ނެރެފައިވާ، ނުވަތަ ގަރަންޓީ ކޮށްފައިވާ ޓްރެޒަރީ ބިލުތަކާއި އެހެނިހެން ސެކިއުރިޓީތައް ގަނެވިއްކައި، ނުވަތަ އެފަދަ ތަކެތި އިންވެސްޓްކޮށް، ނުވަތަ އެފަދަ ތަކެތީން ވިޔަފާރިކުރުން؛

(ޅ) ސަރުކާރުން ނެރެފައިވާ ނުވަތަ ގަރަންޓީ ކޮށްފައި ހުންނަ ޓްރެޒަރީ ބިލްތަކާއި، އެހެނިހެން ސެކިއުރިޓީ ގަނެ ވިއްކައި، އެފަދަ ތަކެތީގައި އިންވެސްޓްކޮށް، ނުވަތަ އެފަދަ ތަކެތީން ވިޔަފާރި ކުރުން؛

(ކ) ރާއްޖޭގައި ހުރި ބޭންކްތަކަށާއި އަދި އެހެނިހެން މާލީ އިދާރާތަކަށް ބޯޑުން ކަނޑައަޅާ ށަރްތުތަކާއި ހަމަތަކެއްގެ މަތިން ނުވަދިހަ ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ލޯނާއި އެޑްވާންސް ދޫކޮށް އަދި ރީ-ޑިސްކައުންޓް ކުރުން؛

(އ) އެއްބަސްވެވޭ ވަކި ށަރުތުތަކަކާއި ހަމަތަކެއްގެ މަތިން ސަރުކާރަށް ވަގުތީ އެޑްވާންސް ދޫކުރުން؛

(ވ) ދިވެހިރާއްޖެ ބައިނަލްއަގްވާމީ، މާލީ އިދާރާއެއްގެ މެނަބަރަކަށް ވުމާ ގުޅިގެން ނުވަތަ އެކަމާ ވިދިގެން ދައްކަންޖެހޭ ޗަންދާއަށާއި އެހެން ހަރަދުތަކަށާއި، އެފަދަ ތަނެއްގެ އެކައުންޓެއްގައި ރާއްޖެބައިވެރި ވުމުގަޔާއި އަދި އެކަމާ ގުޅިގެން ކުރަންޖެހޭ ޓްރާންސެކްށަން ތަކަށާއި އަދި ހިންގަންޖެހޭ ކަންތައްތަކަށްޓަކައި އެއްބްސްވެވޭ ވަކި ށަރުތުތަކަކާއި ހަމަތަކެއްގެ މަތިންސަރުކާރަށް އެޑްވާންސް ދޫކުރުން؛

(މ) ސަރުކާރާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކާ ދެމެދު ހިންގާންޖެހޭ މުއާމަލާތު ތަކުގައި ފިސްކަލް އެޖޭންސީއެއްގެ ބައި އަދާކޮށްދިނުމާއި މިނޫންވެސް ފައިސާއާބެހޭ އޭޖެންސީ މަސައްކަތް ސަރުކާރުން ކޮށްދިނުން؛

(ފ) ގާނޫނުގައިވާގޮތުން ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބިގެން އޮތޯރިޓީގެ މަސައްކަތަށްޓަކައި ފައިސާ ދަރަންޏަށް ނެގުން: މިގޮތުން ނަގާ ފައިސާއަށް އޮތޯރިޓީގެ ފަރާތުން ސެކިއުރިޓީ ދެވިދާނެއެވެ.

(ދ) ސަރުކާރުން ނަގާ ލޯނުތަކާއި، އޭގެ ސަރވިސް ޗާރޖް ގަވާއިދުން ދެއްކުމުގެ ގަރަންޓީ ދިނުން

(ތ) ބޭންކްތަކާ ގުޅިގެން ކްލިއަރިން ހައުސެއް އިންތިޒާމްކޮށް ހިންގުން

 

23 ވަނަ މާއްދާ – ރަނާއި ބޭރުފައިސާ ގަނެވިއްކާ ރޭޓުތައް

  1. އޮތޯރިޓީއަށް އެވަގުތަކު ފެނުނު މިންވަރަކަށް ރަނާއި ބޭރު ފައިސާ ގަނެވިއްކިދާނެއެވެ. އަދި އެ ތަކެތީން ވިޔަފާރި ކުރުމުގެ ރޭޓުތައް ކަނދައެޅިދާނެއެވެ.
  2. ބޭންކްތަކާއި، ހުއްދަ ދެވިފައިވާ އެހެން ފަރާތްތަކުން، ދިވެހިރާއްޖޭގައި ރަނާއި، ބޭރުފައިސާ ގަނެވިއްކައި އަދި އެތަކެތީން ވިޔަފާރި ކުރެވިދާނެ ރޭޓުތައް އޮތޯރިޓީގެ ފަރާތުން ކަނޑައަޅައި އެކަން އާންމުކޮށް އިއްލާން ކުރެވިދާނެއެވެ.
  3. އޮތޯރިޓީން ކަނޑައަޅާ މެދުމިން ރޭޓަކާ ގުޅޭގޮތުން އޮތޯރިޓީން ކަނޑައަޅާ ދާއިރާއެއްގެ ތެރޭގައި ބޭރުފައިސާ ގަނެ ވިއްކުމުގެ ރޭޓު ހަމަޖެއްސިދާނެއެވެ.
  4. ވަކި ކަމަކަށް ހާއްސަކޮށް ނުވަތަ ވަކި މުނާސަބަތަކާ ގުޅޭގޮތުން ޖެހިފައިވާ ފައިސާފޮތި ބޭރުފައިސާއަށް ވިއްކުމަކީ، މިމާއްދާގައި ބަޔާން ވެގެންވާފަދަ ބޭރުފައިސާގެ ވިޔަފާރިއެއް ކަމަކަށް ނުބެލޭނެއެވެ.

 

24 ވަނަ މާއްދާ – މަނާކަންތައް

އޮތޯރިޓީން ތިރީގައިމިވާ ކަންތައްތައް ކޮށްގެން ނުވާނެއެވެ.

(ހ) 22 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާން ކުރެވިފައިވާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކުން ޑިޕޮޒިޓް ގަބޫލުކޮށް، އެހެން އެއްވެސް ފަރާތަކަށް އެކައުންޓްހުޅުވައިދިނުން

(ށ) ދިވެހި ސަރުކާރާއި، ސަރުކާރުގެ ވިޔަފާރިއާބެހޭ ތަންތަނާއި، ސަރުކާރު ބައިވެރިވާ ފަރާތްތަކާއި، އޮތޯރިޓީގައި އެކައުންޓް ހިންގާ ބޭންކުތަކާއި، އެހެނިހެން މާލީ އިދާރާތަކާއި، ބޭރު ގައުމުތަކުގެ މަނިޓަރީ އޮތޯރިޓީތަކާއި، ސެންޓްރަލް ބޭންކްތަކާއި، ބޭރު ގައުމުތަކުގެ ސަރުކާރުތަކާއި، ބައިނަލްއަގްވާމީ މާލީ އިދާރާތައް ފިޔަވައި، އެހެން އެއްވެސް ފަރާތަކާ ގުޅިގެން، 22 ވަނަ މާއްދާ ގެ (ރ) އާއި (ބ) އިން ހުއްދަ ކުރެވިފައިވާ ފަދަ އެއްވެސް ވިޔަފާރިއެއްގައި ބައިވެރިވުން؛

(ނ) އޮތޯރިޓީގެ މަސައްކަތް ހިންގުމަށާއި، ތަނުގެ މުވައްޒަފުން ދިރިއުޅޭ ގޭގޭގެ ގޮތުގައި ބޭނުންކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި، އެބޭނުމަކަށް ފުދޭވަރަށް މޭނުވީ އިމާރާތް ނުވަތަ ބިންގަނެ، ނުވަތަ މިލްކު ކުރުން


ޗެޕްޓަރ 5

ރައުސްމާލާއި، ފައިދާއާއި ރިޒާރވް

25 ވަނަ މާއްދާ – ރައުސުލްމާލު

  1. އޮތޯރިޓީގެ ހުއްދަ ދެވިފައިވާ ރައުސްމާލަކީ، ހަތަރު މިލިޔަން ރުފިޔާއެވެ. ނަމަވެސް
  2. ބޭނުންވީ މިންވަރަކަށް ބޯޑުގެ ފަރާތުން ހުށަހަޅައި ރައީސުލްޖުމްހޫރިއްޔާ ހުއްދަ ދިނުުމުންް މިއަދަދަކީ އެކިފަހަރުމަތިން އިތުރު ކުރެވިދާނޭ އަދަދެކެވެ. މިގާނޫނަށް ގެނެވޭ އިސްލާހަކުން މެނުވީ މި ރައުސްމާލު އުންޏެއް ނުކުރެވޭނެއެެވެ.
  3. އޮތޯރިޓީގެ އުފެދުމާއެކު އޮތޯރިޓީގެ ހުއްދަ ދެވިފައިވާ ރައުސްމާލަށް ދިވެހި ސަރުކާރުން އެއްމިލިޔަން ރުފިޔާ ދޫކުރާނެއެވެ. އަދި މީގެ އިތުރަށްވެސް އެކިފަހަރުމަތިން ބޭނުން މިންވަރަކަށް ބޯޑުގެ ފަރާތުން ހުށަހަޅައި، ރައީސުލްޖުމްހޫރިއްޔާ ހުއްދަދޭ އަދަދެއް ސަރުކާރުން އޮތޮރިޓީއަށް ދޫކުރާނެއެވެ.
  4. އޮތޯރިޓީގެ މުޅި ރައުސްމާލު، ދޫކުރެވޭ ހިނދުން ފެށިގެން ހުންނަންވާނީ، ހަމައެކަނި ސަރުކާރުގެ އެއްޗެއްގެ ގޮތުގައެވެ. މި ރައުސްމާލުގެ މިލްކުވެރިކަން އެހެން  ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ. އަދި މި ރައުސްމާލުގެ މައްޗަކަށް އެއްވެސް  ފަރާތަކުން ދައްވާއެއް ނުކުރެވޭނެއެވެ. އަދި މި ރައުސްމާލު ރަހުނެއް ނުމެ  ކުރެވޭނެއެވެ.

 

26 ވަނަ މާއްދާ – ފައިދާ

ކޮންމެ މާލީ އަހަރެއްގެ އޮތޯރިޓީގެ ސާފު ފައިދާ އޮތޯރިޓީން ކަނޑައެޅޭނީ، އެއަހަރެއްގެ މުޅި ފައިދާއިން ހުރިހާ އާންމު ހަރަދުތަކެއް ކަނޑައި، އަދި ތިރީގައި ބަޔާންވެގެންވާ ކަންތައްތަކަށްވެސް އުނި ކުރުމަށް ފަހުގައެވެ.
(ހ) ނުލިބޭނެކަމަށް ބޯޑުން ނިންމާ ދަރަންޏާއި، ށައްކުވާ ދަރަނި އަދި ބޭނުން ކުރުމުގެ ސަބަބުން ތަނުގެ މުދަލެއް ބާވާ ބާވުމަށް

(ށ) ބޯޑަށް ބޭނުންކަމަށް ފެންނަ އެހެން ކަންތައްތަކަށް

(ނ) 37 ވަނަ މާއްދާގެ (3) ގެ ދަށުން ދޫކޮށްފައިވާ ސެކިއުރިޓީ ސަރުކާރަށް އަނބުރާދެއްކުމަށް.

މިމާއްދާގައި ބަޔާން ވެގެންވާ ގޮތަށް ހިސާބު ކުރެވޭނީ 28 ވަނަ މާއްދާގައި ބަޔާން ވެގެންވާ ފައިދާ ނުވަތަ ގެއްލުން އޭގައި ނުހިމަނައި ހިސާބު ކުރާނަމައެވެ.

 

27 ވަނަ މާއްދާ - އާންމު ރިޒާރވް

  1. އޮތޯރިޓީގެ އާންމު ރިޒާރވް ގާއިމުކޮށް، ކޮންމެ މާލީ އަހަރެއް ނިމުމާއެކު، އާންމު ރިޒާރވަށް އެއަހަރެއްގެ އޮތޯރިޓީގެ ސާފު ފައިދާގެ ސަތޭކައަކުން ފަންސާސް ޖަމާކުރަން ވާނެއެވެ. މިގޮތުން ޖަމާ ކުރަންވާނީ ހުއްދަ ދެވިފައިވާ ރައުސްމާލާ އާންމު ރިޒާރވް އެއްވަރު ވާންދެނެވެ. މިއަށްފަހު އާންމު ރިޒާރވް، ހުއްދަ ދެވިފައިވާ ރައުސްމާލުގެ ދެގުނަޔާ ހަމަވަންދެން ކޮންމެ އަހަރަކު ސާފު ފައިދާގެ ސަތޭކައަކުން ފަންސަވީސް އާންމުރިޒާރވަށް ޖަމާކުރަން ވާނެއެވެ.
  2. މިމާއްދާގެ (1) ގައި ބަޔާންކޮށްފައިވާ ފަދައިން ކޮންމެ އަހަރެއްގެ ސާފު ފައިދާގެ ތެރެއިންއާންމު ރިޒާރވަށް ޖަމާ ކުރަންވާ ބައި ޖަމާ ކުރުމަށްފަހު ދެންއޮތްބައި ސަރުކާރަށް ދޭންވާނެއެވެ.
  3. އަހަރެއް ހުސްވާއިރު އާންމު ރިޒާރވަށްވުރެ ސާފު ގެއްލުން ބޮޑުވެއްޖެނަމަ، އެހެން ފަރާތަކަށް އޭގެ މިލްކުވެރިކަން ބަދަލު ނުކުރެވޭނޭ، އަދި ފައިދާއާ ނުލައި ދޫކުރެވޭ ސެކިއުރިޓީން އެބޮޑުވި އަދަދެއް ސަރުކާރުން އޮތޯރިޓީއަށް ދޭންވާނެއެވެ.

 

28 ވަނަ މާއްދާ - ރިޒާރވް އެކައުންޓް އަލުން އަގުކުރުން

  1. މަދުވެގެން ކޮންމެ ތިންމަހަކުން، އެއްފަހަރު، އޮތޯރިޓީގެ އެސެޓްތަކާއި، ލައިބިލިޓީތައް، ރަނުން، ނުވަތަ ބޭރުފައިސާއަކުން ނުވަތަ އެކައުންޓް ބެލެހެއްޓުމަށް ބޭނުންކުރާ އެހެން ޔުނިޓަކުން އަގުކުރަން ވާނެއެވެ.
  2. އޮތޯރިޓީގެ އެސްޓްތައް، ނުވަތަ ލައިބިލިޓީތައް، ރަނުން، ނުވަތަ ބޭރު ފައިސާއަކުން ނުވަތައެކައުންޓް ބެލެހެއްޓުމަށް ބޭނުންކުރާ އެހެން ޔުނިޓަކުން އަގުކުރުމުގައި، ދިވެހި ފައިސާ ބޭރުގެ އަގު ތަފާތުވުމުގެ ސަބަބުން ވާ އިތުރެއް، ނުވަތަ އެފަދަ އެސެޓެއްގެ އަގަށް، ނުވަތަ އެއްފައިސާ އަނެއް ފައިސާއިން އަގު ކުރުމުގައި، ނުވަތަ އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލަކާ ގުޅިގެން ދިވެހި ފައިސާއިން އެފަދަ އެސެޓް އަގުކުރާއިރު ވާ އިތުރެއް އަލުން އަގުކުރެވޭ ރިޒާރވް އެކައުންޓުގައި ޖަމާކުރަން ވާނެއެވެ. އަދި އެއްވެސް ހާލެއްގައި މިފަދަ ބަދަލަކާ ގުޅިގެން އަންނަ އިތުރެއް ނުވަތަ އުނިކަމެއް އޮތޯރިޓީގެ އަހަރު ހިސާބުގެފައިދާގައި ނުވަތަ ގެއްލުމުގައި ހިމަނައިގެން ނުވާނެއެވެ.
  3. މިފަދަ އެއްވެސް ބަދަލެއްގެ ސަބަބުންވާ ގެއްލުމެއް އަލުން އަގުކުރެވޭ ރިޒާރވް އެކައުންޓުގައި އޮތް ކްރެޑިޓް ބާކީއަކުން ހަމަޖައްސަން ވާނެއެވެ. އެއޮތްބާކީއަކުން އެގެއްލުން ހަމަޖެއްސޭވަރު ނުވިނަމަ، މިގާނޫނުގެ އެހެން ބައިތަކާ ހިލާފުނުވާ ގޮތުގެމަތީން، އެހެން ފަރާތަކަށް އޭގެ މިލްކުވެރިކަން ބަދަލު ނުކުރެވޭނޭ، އަދި ފައިދާއާ ނުލައި ދޫކުރެވޭ ސެކިއުރިޓީން އެގެއްލުން ހަމަޖެއްސުމަށް ބޭނުންވާ މިންވަރެއް ސަރުކާރުން އޮތޯރިޓީއަށް ދޫކުރަން ވާނެއެވެ.
  4. އޮތޯރިޓީގެ ކޮންމެ މާލީ އަހަރެއް ނިމުމާ ވިދިގެން އަލުންއަގުކުރެވޭ ރިޒާރވް  އެކްއުންޓުގައި ކްރެޑިޓް ބާކީއެއްވާނަމަ، ފުރަތަމަ ބޭނުންކުރަންވާނީ، މިމާއްދާގެ (3) ގެ ދަށުން ދޫކުރެވިފައިވާ ސެކިއުރިޓީ އަނބުރާ ދެއްކުމަށެވެ.
    މިސެކިއުރިޓީ އަނބުރާ ދެއްކުމަށްފަހު، ދެން އޮންނަ ބާކީގައި އެއްސަތޭކަހާސް ރުފިޔާ ހަމަވާނަމަ، ނުވަތަ އެއައްވުރެ ގިނަނަމަ އޭގެ ފަސްބައިކުޅަ އެއްބައި ސަރުކާރަށް ދޭންވާނެއެވެ. އެއްސަތޭކަހާސް ރުފިޔާއަށްވުރެ މަދުނަމަ، އެބާކީ އެކުގައި ދައްކަންވާނީ ސަރުކާރަށެވެ.
  5. މިމާއްދާގައި ބަޔާން ވެގެންވާ ގޮތުގެމަތިން މެނުވީ އެއްވެސް އުނިއިތުރެެއް އަލުން އަގުކުރެވޭ ރިޒާރވް އެކައުންޓަށް ގެނެސްގެން ނުވާނެއެވެ.

ޗެޕްޓަރ 6

އޮތޯރިޓީއާއި، ބޭންކްތަކާއި އެހެން މާލީ އިދާރާތަކާ ދެމެދު  ހުންނަން ވާނޭ ގުޅުން

29 ވަނަ މާއްދާ - ލައިސަންސް ދޫކުރުން

  1. ދިވެހިރާއްޖޭގައި އެއްވެސް ބޭންކަކުން ނުވަތަ އެހެންވެސް މާލީ އިދާރާއަކުން ބޭންކް ވިޔަފާރި ފަށަންވާނީ، ނުވަތަ ބޭންކް ވިޔަފާރި ހިންގަންވާނީ، އެކަމަށްޓަކައި އެފަރާތަކަށް، އޮތޯރިޓީން ދޭ ލައިސަންސެއްގެ ދަށުންނެވެ. މިގާނޫނަށް އަމަލު ކުރަން ފަށާއިރު، ރާއްޖޭގައި ހިނގަމުން އަންނަ ބޭންކްތަކަށް، މިގާނޫނަށް އަމަލު ކުރާން ފެށުމާއެކު، ލައިސަންސް ދޫކުރަންވާނެއެވެ.
  2. މިމާއްދާގެ (1) ގައި ބަޔާން ކުރެވިފައިވާ ލައިސަންސް ދޫކުރުމުގެ ށަރްތުތައް ކަނޑައަޅާނީ އޮތޯރިޓީންނެވެ.
  3. މިމާއްދާގެ ދަށުން ދޫކޮށްފައިވާ ލައިސަންސް ގައިވާ ށަރްތަކާ ބޭންކަކުން ނުވަތަ އެހެންވެސް މާލީ އިދާރާއަކުން ހިލާފް ވެއްޖެނަމަ، ނުވަތަ މި ގާނޫނުގައިވާ އެހެންވެސް ހުކުމަކާ އެއިން ފަރާތަކުން ހިލާފުވެއްޖެނަމަ، ނުވަތަ މިގާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ހެދޭ ގަވާއިދަކާ އެއިން ފަރާތަކުން ހިލާފު ވެއްޖެނަމަ އެފަރާތަކަށް ދޫކުރެވިފައިވާ ލައިސަންސް ބާތިލު ކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

އޮތޯރިޓީން މިގޮތަށް ނިންމިކަމުގައިވިޔަސް އެކަން އަންގާތާ ތިރީސް ދުވަހުގެ ތެރޭގައި އެގޮތް ބަދަލު ކުރާން އެދި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރުމުގެ ހައްގު އެ ބޭންކަކަށް ނުވަތަ އެ މާލީ އިދާރާއަކަށް ލިބިގެންވެއެވެ. ރައީސުލްޖުމްހޫރިއްޔާ ނިންމާގޮތް އެއީ އެންމެފަހު ނިންމުމެވެ.

30 ވަނަ މާއްދާ - ބޭންކްތަކާއި އެހެނިހެން މާލީ އިދާރާތައް ހިނގާނުހިނގާގޮތް ބެލުން

  1. ދުވަސްދުވަސްކޮޅުން، ނުވަތަ އޮތޯރިޓީއަށް ފެނިއްޖެ ކޮންމެ ހިނދެއްގައި ބޭންކްތަކާއި އެހެނިހެން މާލީ އިދާރާތަކުގެ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލެހެއްޓުމަށްޓަކައި އޮތޯރިޓީގެ މުވައްޒަފުން މެދުވެރިކޮށް އެތަންތާނގެ ފޮތްތަކާއި އެކައުންޓްތައް ބެލިދާނެއެވެ.
  2. ބޭންކެއް ނުވަތަ އެހެންވެސް މާލީ އިދާރާއެއްގެ ކަންތައްތައް ހިނގާނުހިނގާގޮތް ބެލުމަށް މިމާއްދާއިން އޮތޯރިޓީއަށް ލިބިދޭ ބާރުގެ ދަށުން ފޮނުވާ މުވައްޒަފަކު ތިރީގައި މިވާ ކަންތައްތައް އެދުމުން އެފަރާތަކުން އެގޮތަށް އަމަލު ކުރަންވާނެއެވެ.
    (ހ) ބޭންކެއް ނުވަތަ އެހެންވެސް މާލީ އިދާރާއެއްގެ ޑިރެކްޓަރެއް ނުވަތަ އެހެންވެސް މުވައްޒަފެއްގެ ކިބައިން، ހޯދަން ބޭނުންވާކަމަށް އޮތޯރިޓީ ދެކޭ ހުރިހާ މައްލޫމާތެއް ދިނުމަށ؛
    (ށ) އެފަދަ ޑިރެކްޓަރެއް، ނުވަތަ މުވައްޒަފެއްގެ އަތުގައިވާ، ނުވަތަ ބެލުމުގެ ދަށުގައިވާ، ފޮތްތަކާއިރެކޯޑްތަކާއި މިނޫންވެސް ލިޔުމެއް ނުވަތަ މައްލޫމާތެއްވާ، ނުވަތަ މައްލޫމާތެއް ލިބުން އެކަށީގެންވާ ކޮންމެ އެއްޗެއް ދެއްކުމަށް.

  3. (ހ) 29 ވަނަ މާއްދާގެ (3) ގައި ބަޔާން ވެގެންވާ ހުކުމްތަކަށް އަމަލު ކުރުމާއެކު، އެއްވެސް މީހަކު މިމާއްދާގެ (2)ގެ ދަށުން އޮތޯރިޓީގެ މުވައްޒަފަކު ހޯދަން އުޅޭ މައްލޫމާތެއް ނުދީފިނަމަ، ނުވަތަ ދެކޮޅު ހަދައިފިނަމަ، ނުވަތަ ފަރުވާކުޑަކޮށްފިނަމަ ނުވަތަ:
    (ށ) މިފަދަ މައްލޫމާތެއް ދިނުމުގައި ހުށަހަަޅާ ފޮތެއް، ރެކޯޑެއް، ނުވަތަ އެހެންވެސް ލިޔުމެއްގައި ދޮގުމައްލޫމާތު ހުރިކަން އެނގިހުރެ އެފަދަ އެއްޗެއް ހުށަހަޅައިފިނަމަ އެމީހަކު ކުށްވެރިވާނެއެވެ. މިގޮތުން ކުށްވެރި ވެއްޖެ މީހެއްގެ އަދަބަކީ ވިހިހާސް ރުފިޔާއަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

 

31 ވަނަ މާއްދާ - މާލީއިދާރާތަކުގައި ހުންނަންޖެހޭ ރިޒާރވް

  1. ބޭންކެއް ނުވަތަ އެހެންވެސް މާލީ އިދާރާއެއްގެ ޑިޕޮޒިޓްތަކާއި، އަދި މިކަމަށް ކަނޑައަޅާ މިފަދަ އެހެން ލައިބިލިޓީތަކާ ނިސްބަތްވާގޮތުން ބެހެއްޓުމަށް ބޭނުންވާ ރިޒާރވް، އޮތޯރިޓީން ކަނޑައަޅައި، ދިވެހިރާއްޖޭގައި ހުންނަ ކޮންމެ މާލީ އިދާރާއެއްގެ މައި އޮފީހަށް ލިޔުމަކުން އެންގޭނެއެވެ.
  2. މިމާއްދާގެ (1) ގައި ބަޔާން ކުރެވިފައިވާ ރިޒާރވް ހުންނަންވާނީ ފައިސާއިންނެވެ. ނުވަތަ އޮތޯރިޓީން ކަނޑައަޅާ އުސޫލަކުން އޮތޯރިޓީގައި ޑިޕޮޒިޓް ކޮށްފައެވެ.
  3. ތަފާތު ވައްތަރުގެ ޑިޕޮޒިޓާއި އެފަދަ އެހެން ލައިބިލިޓީތަކަށް، ތަފާތު ރޭށިއޯތައް އޮތޯރިޓީއަށް ފެންނަ އުސޫލަކުން ކަނޑައެޅިދާނެއެވެ. ނަމަވެސް:-
    (ހ) ރިޒާރވް ރޭށިއޯ ކަނޑައެޅުމުގައި ހިމަނާފައިވާ ޑިޕޮޒިޓް އަދި މިފަދަ އެހެން ލައިބިލިޓީތަކުގެ ޖުމްލައިގެ ސަތޭކައަކުން ސާޅީހަށްވުރެ ބޮޑު އަދަދެއް ބޭންކަކުން ނުވަތަ އެހެންވެސް މާލީ އިދާރާއަކުން ރިޒާރވްގެގޮތުގައި ބެހެއްޓުމަކަށް އޮތޯރިޓީއަކުން ނޭންގޭނެއެވެ. ނަމަވެސް، މަނިޓަރީ ހާލަތު ނިޔާކުރާގޮތުން، ރައީސުލްޖުމްހޫރިއްޔާ ގަބޫލު ކުރުމާއެކު، އޮތޯރިޓީއަށް އެވަގުތަކާ އެންމެ އެކަށީގެންވާ ކަމަށް ފެންނަ ދަރަޖައަކަށް އެ ރޭށިއޯ އެއަށްވުރެ މައްޗަށް ޖެއްސިދާނެއެވެ.
    (ށ) ރިޒާރވް ރޭށިއޯ ފުރަތަމަ ކަނޑައެޅޭ ގޮތަކަށް، ނުވަތަ އެއަށް ގެނެވޭ އެއްވެސް އިތުރަކަށް، އަމަލު ކުރަން ފަށަންވާނީ، އެގޮތަށް ކަނޑައަޅާ ދުވަހުން ފެށިގެން މަދުވެގެން 15 ދުވަހުގެ ނޯޓިސް ދިނުމަށް ފަހުގައެވެ.
    (ނ) އޮތޯރިޓީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ބޭންކެއްގައި ނުވަތަ އެހެންވެސް މާލީ އިދާރާއެއްގައި އެވްރެޖް ގޮތެއްގައި ހިފެހެއްޓިފައި، ނުވަތަ ރައްކާކުރެވިފައި ހުންނަ ހުރިހާ ތަކެއްޗެއްގެ މައްޗަށް ބިނާކޮށްގެން މިނަންބަރުގެ ދަށުން ބޭނުންވާ ރިޒާރވް ރޭށިއޯ، އޮތޯރިޓީން ކަނޑައެޅިދާނެއެވެ.
    (ރ) ދިވެހިރާއްޖޭގައި ހުންނަ މާލީ އިދާރާތަކުގެ ތެރެއިން އެއްފެންވަރެއްގެ ހުރިހާ މާލީ އިދާރާއަކަށް ރިޒާރވް ރޭށިއޯ ގަނޑައެޅިފައި އޮންނަންވާނީ އެއްހަމައަކުންނެވެ.
  4. މިމާއްދާގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ހުންނަޖެހޭ ރިޒާރވް ރޭށިއޯ ނުބެހެއްޓިއްޖެ ނުވަތަ ނުބަހައްޓައިފި ކޮންމެ ބޭންކެއް، ނުވަތަ އެހެންވެސް މާލީ އިދާރާއެއް، އޮތޯރިޓީގެ ފަރާތުން ޖޫރިމަނާ ކުރެވިދާނެއެވެ. މިގޮތުން ޖޫރިމަނާ ކުރެވޭނީ ރިޒާރވް އުނިވެފައިވާ މުއްދަތުގެ ތެރޭގައި އެބޭންކްގެ ނުވަތަ އެމާލީ އިދާރާގެ އެއްވެސް ކަސްޓަމަރެއް (މުއާމަލާތު ހިންގާ ފަރާތެއް) ގެ އަތުން ހަގީގަތުގައި ނެގި އެންމެ މަތީ ސަރވިސް ޗާރޖެއްގެ ދެގުނައަށްވުރެއް އިތުރުނުވާ ގޮތުން ކަނޑައެޅިފައިވާ އަހަރީ ރޭޓަކުންނެވެ.
  5. ރިޒާރވް އުނިވާން ފެށްޓި ތާރީހުން ފެށިގެން މިމާއްދާގެ (4) ގައި ބަޔާން ކޮށްފައިވާ ޖޫރިމަނާ ކުރެވިދާނެއެވެ.

 

32 ވަނަ މާއްދާ - ފައިދާއާއި ސަރވިސް ޗާރޖާއި ކްރެޑިޓް ދެވޭ ހަމަތައް

  1. އޮތޯރިޓީއަށް، ރައީސުލްޖުމްހޫރިއްޔާ ލިޔުމުންދޭ ހުއްދައެއްގެމަތިން އޮތޯރިޓީން ދިވެހިރާއްޖޭގައި ހުންނަ ކޮންމެ ބޭންކެއްގެ ނުވަތަ އެހެންވެސް މާލީ އިދާރާއެއްގެ މައިއޮފީހަށް، އަންނަނިވި ކަންތައްތައް ލިޔުމަކުން އެންގިދާނެއެވެ.
    (ހ) ޑިޕޮޒިޓާއި އެފަދަ އެހެން ލައިބިލިޓީއަށް ދޭންވާ ފައިދާގެ އެންމެ ގިނަ އަދި އެންމެ މަދު އަދަދާއި އެހިސާބުތައް ކުރާނޭގޮތް؛
    (ށ) ތިރީގައިވާ ހިދްމަތްތައް އަދާކޮށް ދިނުމުގައި ހުއްދަވާ މަގްސަދުތަކާއި، އެކަންކަމަށް ކަނޑައެޅިފައިވާ އެންމެމަތީ ޖުމްލަތަކާއި، އޮތޯރިޓީގެ ހާއްސަ ހުއްދައެއްނެތި ދޫކުރެވޭނެ އެންމެމަތީ އަދަދުތަކާއި، ދުވަސް ހަމަވާ އެންމެ ދިގު މުއްދަތަކާއި، ނެގޭ އެންމެމަތީ ސަރވިސް ޗާރޖާއި، އެންމެ މަދުން ބަހައްޓަންޖެހޭ ފައިސާގެ އަދަދާއި، ނުވަތަ ސެކިއުރިޓީގެ ގޮތުން އެންމެ މަދުން ބަހައްޓަންޖެހޭ އެއްޗެއް:-
    1. ލޯން ނުވަތަ އޯވަރޑްރާފްޓްގެ ގޮތުން އެޑްވާންސް ދިނުމާއި، އިންވެސްޓްކުރުން؛
    2. ބިލް އޮފް އެކްސްޗޭންޖް، ޕްރޮމިސަރީ ނޯޓް އަދި އެހެން ވިޔަފާރި ހިންގުމާބެހޭ، ނުވަތަ މާލީ ލިޔުންތައް ޑިސްކައުންޓް ކުރުން؛
    3. ލެޓަރ އޮފް ކްރެޑިޓް ދޫކުރުން؛
    4. ގަބޫލުކުރާކަމުގެގަޔީންކަން (އެކްސެޕްޓަންސް) ދިނުމާއި އެނޫންވެސް ކްރެޑިޓް ދިނުން.
  2. ކްރެޑިޓް ދިނުން އެފަރާތެއްގެ ވިޔަފާރީގެ މުހިންމު އެއްބައެއް ކަމުގައިވާ ކޮންމެ ފަރާތަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިޒުނައާއެކު، ލިޔެ ށާއިއު ކުރެވިގެން، އެކަން ލިޔުމަކުން އެފަރާތަށް އެންގުމަށްފަހު، އޮތޯރިޓީން އެފަރާތަކާމެދު މިމާއްދާގެ (1) ގައިވާ ގޮތުގެމަތީން އަމަލު ކުރެވިދާނެއެވެ.
  3. މިމާއްދާގެ (1) ގައިވާ އުސޫލުތަކާ ހިލާފަށް އެއްވެސް ފަރާތަކުން ކްރެޑިޓް ދޫކޮށްފައިވާ ކަމާމެދު، ނުވަތަ ކްރެޑިޓް ދޫކުރަމުން ގެންދާ ކަމާމެދު ތުހުމަތު ކުރެވޭ ސަބަބުތަކެއް ވާކަމަށް އޮތޯރިޓީއަށް ފެނިއްޖެ ހާލެއްގައި އެފަރާތެއްގެ އެކައުންޓްތަކާއި، ފޮތްތަކާއި، ލިޔުންތައް، އޮތޯރިޓީން ބެލިދާނެއެވެ. އަދި މިގޮތުން އެކައުންޓްތަކާއި، ފޮތްތަކާއި، ލިޔުންތައް ނުދައްކައިފިނަމަ އެއީ މިގާނޫނާ ހިލާފުވީ ކަމުގެ ހެއްކެއް ކަމުގައި ބެލިދާނެއެވެ.
  4. މިމާއްދާގެ ދަށުން ނެރެވޭ ނޯޓިސްތަކަށް ރާއްޖޭގައި އަމަލު ކުރެވޭނީ އެއް ހަމައެއްގެ މަތީންނެވެ. އަދި އެފަދައިން އަމަލު ކުރުމަށް ކަނޑައަޅާ ތާރީހަކީ ނޯޓިސް ނެރޭ ދުވަހުން ފެށިގެން ސާދަ ދުވަހަށްވުރެ ކުރުނޫން މުއްދަތެއް ދެވިފައިވާ ތާރީހެއް ކަމުގައި ވާންވާނެއެވެ. އޮތޯރިޓީން މިފަދަ ނޯޓިސް ތަކުގައި މިމާއްދާގެ (1) ގެ ދަށުން ބަޔާންކޮށްފައިވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށް މާލީ އިދާރާތަކާއި މިނޫންވެސް ކްރްޑިޓް ދޫކުރާ ފަރާތްތައް ނުވަތަ އެފަދަ މަސައްކަތްކުރާ އެހެން ފަރާތްތައް ތަފާތު ކުރެވިދާނެއެވެ.
  5. އެއްވެސް ބޭންކެއް ނުވަތަ އެހެންވެސް މާލީ އިދާރާއަކުން މިމާއްދާގެ (1) އާ ހިލާފުވެއްޖެނަމަ، އެއިން ކޮންމެ ހިލާފުވުމަކަށް، އެ ހިލާފުވުމުގައި ދެމިހުރި ކޮންމެ ދުވަހަކަށް ދެހާސް ރުފިޔާއަށްވުރެ ގިނަނޫން އަދަދަކުން އެފަރާތެއް ޖޫރިމަނާ ކުރެވިދާނެއެވެ.
  6. މިމާއްދާގެ (2) އާ ގުޅިގެން (1) ގައިވާ ކަންތައްތައް ހިންގަންޖެހިއްޖެ ފަރާޓެއް ތިރީގައި ބަޔާން ވެގެންވާފަދަ އަމަލެއް ކޮށްފިނަމަ، އެފަރާތެއް ކުށްވެރިވާނެއެވެ.
    (ހ) މިމާއްދާގެ (1) އާ ހިލާފުވުން؛ ނުވަތަ
    (ށ) އެއްވެސް ފަރާތަކުން އެނގިހުރެ ދޮގު މައްލޫމާތު ނުވަތަ ތެދެއްކަން ޔަގީން ނުކުރެވޭ މައްލޫމާތު އޮތޯރިޓީއަށް ދިނުން؛
    (ނ) މިމާއްދާގެ (1) ގެ ދަށުން ހިންގަންޖެހޭ ކަންތައްތައް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކުރަމުން ގެންދޭތޯ ބެލުމަށްޓަކައި އޮތޯރިޓީން ހޯދާން އެދިއްޖެ މައްލޫމާތެއް، އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު އެމުއްދަތުގެ ތެރޭގައި އެފަރާތަކުން އެ މައްލޫމާތު އޮތޯރިޓީއަށް ނުދެވުން.

    މަތީގައި ބަޔާންކުރެވުނުފަދަ އަމަލެއް ކުރިކަން ސާބިތުވެއްޖެނަމަ އެފަރާތަކަށް ދެވޭ އަދަބަކީ:-
    1. މިމާއްދާގެ (6) ގެ (ހ) ގައިވާގޮތުން ކުށްވެރި ވެއްޖެނަމަ، އެކުށުގައި ދެމިހުރި ކޮންމެ ދުވަހަކަށް ދެހާސް ރުފިޔާއަށްވުރެ ބޮޑުނޫން އަދަދެއްގެ ޖޫރިމަނާ ކުރުމެވެ.
    2. މިމާއްދާގެ (6) ގެ (ށ) ގައިވާގޮތުން، ނުވަތަ (ނ) ގައިވާގޮތުން ކުށްވެރި ވެއްޖެނަމަ ވިހިހާސް ރުފިޔާއަށްވުރެ ބޮޑުނޫން އަދަދެއްގެ ޖޫރިމަނާ ކުރުމެވެ.

 

33 ވަނަ މާއްދާ - ރާއްޖޭގައި ހުރި އެސެޓްގެ ރޭށިއޯ

ދިވެހިރާއްޖޭގައިވާ ކޮންމެ ބޭންކެއްގައި ނުވަތަ އެހެންވެސް މާލީ އިދާރާއެއްގައި ހުރި ޑިޕޮޒިޓާއި ރުފިޔާއިން ދައްކަންޖެހޭ އެހެން އެފަދަ ލައިބިލިޓީގެ އެންމެ މަދުން ހުންނަންޖެހޭ ކަމަށް އޮތޯރިޓީން ކަނޑައަޅާ ނިސްބަތަކުން ރުފިޔާއިން އަގު ދެއްކެން ހުރި  އެއްޗަކާއި ރާއްޖޭގައި ހުރި އެހެން އެސެޓް، ކޮންމެ ބޭންކެއްގައި ނުވަތަ އެހެންވެސް އިދާރާއެއްގައި ހުންނަން ވާނެއެވެ.

34 ވަނަ މާއްދާ - މަސައްކަތް ހިންގުމަށްޓަކައި ބޭނުންވާ ބޭރު ފައިސާ

ބޭންކްތަކާއި އެހެން މާލީ އިދާރާތަކުގެ މަސައްކަތް ހިންގުމަށްޓަކައި ބޭނުންވާ ބޭރުފައިސާއިން ބެހެއްޓޭނޭ އެންމެ މަތީ އަދަދު، ނުވަތަ ވަކި ފައިސާއަކުން، ނުވަތަ ވަކި ފައިސާ ތަކަކުން ބެހެއްޓޭނެ އެންމެމަތީ އަދަދު އޮތޯރިޓީން ކަނޑައެޅިދާނެއެވެ.


ޗެޕްޓަރ 7

އެހެނިހެން ހުކުމްތައް

35 ވަނަ މާއްދާ -  އޮތޯރިޓީގެ އަހަރީ ސްޓޭޓްމަންޓް

  1. ކޮންމެ މަހެއް ހުސްވުމާއެކު، ވީ އެންމެ އަވަސް ފުރުސަތެއްގައި، ވޭތުވެދިޔަ މަހުގެ ވިޔަފާރި ހިންގި އެންމެ ފަހުދުވަހުގެ  ނިޔަލަށް އޮތޯރިޓީގެ ވިޔަފާރީގެ ހާލަތު ހުރިނެތްގޮތް އެނގޭފަދަ ސްޓޭޓްމަންޓެއް އޮތޯރިޓީގެ ފަރާތުން ތައްޔާރުކޮށް، މި ސްޓޭޓްމަންޓް އާންމުކޮށް ށާއިއު ކުރަންވާނެއެވެ.
  2. ކޮންމެ މީލާދީ އަހަރެއް ހުސްވުމާއެކު، ވޭތުވެދިޔަ އަހަރު އޮތޯރިޓީ ހިނގިގޮތުގެ ރިޕޯޓެއް އޮތޯރިޓީން ރައީސުލްޖުމްހޫރިއްޔާއަށް، ހުށަހަޅަން ވާނެއެވެ. މި ރިޕޯޓާއެކު އޮޑިޓަރ ބަލައި ސައްހަކަމަށް ބުނެފައިވާ އަހަރީ ހިސާބުގެ ކޮޕީއެއްވެސް ހުށަހަޅަންވާނެއެވެ. އަދި މި ރިޕޯޓާއި އަހަރީ ހިސާބު ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބުމަށްފަހު އާންމުކޮށް ށާއިއުކުރަންވާނެއެވެ.
  3. އޮތޯރިޓީގެ އެކައުންޓްތައް ދިވެހި ސަރުކާރުގެ އޮޑިޓަރ ނުވަތަ އޭނާ ގަބޫލުކުރާ އޮޑިޓަރަކު އޮޑިޓްކުރަންވާނެއެވެ.
  4. އޮތޯރިޓީގެ މާލީ ހިސާބުތަކާއި އަހަރީ ހިސާބުތައް ކޮންމެ މާލީ އަހަރެއް ނިމުމާއެކު ލަސްވެގެން 4 (ހަތަރެއް) މަސް ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެއެވެ.

36 ވަނަ މާއްދާ - ގަވާއިދުތައް

މިގާނޫނުގެ ހުކުމްތައް ފުރިހަމައަށް ހިންގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު ބޯޑުގެ ފަރާތުން ގަވާއިދުތައް ހެދިދާނެއެވެ.

37 ވަނަ މާއްދާ - މިގާނޫނުގެދަށުން ދެވޭ އަދަބު

މިގާނޫނުގައި އަދަބު ކަނޑައެޅިފައިވާ ކުށްތަކަށް އަދަބު ދެވޭނީ، ހަމައެކަނި މިގާނޫނުގައި ބަޔާން ވެގެންވާ ގޮތުގެ މަތިންނެވެ.

  

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ހަވާލުކުރެވިފައިވާ ނުވަތަ އުނިކަމެއް ލިބިފައިވާ ނޫޓާއި ފައިސާފޮއްޗަށް ބަދަލުދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-142)

 

މައި ގާނޫނު

މަނިޓަރީ އޮތޯރިޓީގެ ގާނޫނު (ގާނޫނު ނަންބަރު 1981-06)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު