-

ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 2013-14) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2015-10)

 

ގާނޫނު ނަންބަރު 2013-14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

 

ގާނޫނު ނަންބަރު 2013-14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

4. (ހ) ތަފާތު ގިންތިތަކުގެ ގައިދީންނާއި ބަންދު މީހުން ބަންދުކޮށްފައި ބަލަހައްޓާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ ގިންތިއަކަށް ހާއްސަކުރެވިފައިވާ ޖަލެއްގައެވެ.

  1. ތަހްގީގަށް ބަންދުކުރެވޭ މީހުން ކަސްޓޯޑިއަލް ޖަލެއްގައި؛
  2. ތަހްގީގު ނިމި ށަރީއަތް ފެށުމުގެ ކުރިން، ނުވަތަ ށަރީއަތް ފެށި ހުކުމް ކުރުމުގެ ކުރިން، ކޯޓު އަމުރެއްގެ ދަށުން ބަންދުކުރާ މީހުން ރިމާންޑް ޖަލެއްގައި؛
  3. ށަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހުން އާންމު ޖަލެއްގައި.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

4. (ނ) މި ގާނޫނުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ކަސްޓޯޑިއަލް ޖަލެއްގައި ބަންދު މީހުންގެ ގޮތުގައި ތިބޭ އެންމެހައި މީހުންނަށް ބޭސްފަރުވާއާއި އެހެނިހެން ކަންކަން ކުރުމާއި ތަހްގީގު މަރުހަލާގައި އެމީހުންނާ ދޭތެރޭ އަމަލުކުރާނެ ގޮތް ކަނޑައަޅާ އެންމެހައި ގަވާއިދުތައް އެކުލަވާލާނީ ތަހްގީގީ އިދާރާތަކުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި ކޮމިށަނަރުގެ މަށްވަރާގެ މަތިން، މިނިސްޓަރެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކުރެވިފައިވާ، 5 ވަނަ މާއްދާގެ (ނ) އުނިކުރުން.

5. (ނ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، ބަންދު މީހުންގެ ގޮތުގައި ތިބޭ އެންމެހައި މީހުންނަށް ބޭސްފަރުވާއާއި އެހެނިހެން ކަންކަން ކުރުމާއި ތަހްގީގު މަރުހަލާގައާއި ތަހްގީގު ނިމި ށަރީއަތުގެ މަރުހަލާގައި ބަންދު މީހުންނާ ދޭތެރޭ އަމަލުކުރާނެ ގޮތް ކަނޑައަޅާ އެންމެހައި ގަވާއިދުތައް އެކުލަވާލާނީ ތަހްގީގީ އިދާރާތަކުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓަރެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

6. (ށ) ކަސްޓޯޑިއަލް ޖަލުތައް ހިންގައި ބަލަހައްޓާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ. އަދި މި ގާނޫނުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ކަސްޓޯޑިއަލް ޖަލުތައް ހިންގައި ބެލެހެއްޓުމުގައި އަމަލުކުރާނީ ކޮމިށަނަރ އޮފް ޕޮލިސްގެ ލަފަޔާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

7. (ނ)

  1. އާންމު ޖަލުތަކާއި ރިމާންޑް ޖަލުތަކަށް އައްޔަނުކުރެވޭ ޑައިރެކްޓަރ އޮފް ޕްރިޒަންގެ މަސްއޫލިއްޔަތު އަދާކުރަންވާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އަދި ކޮމިށަނަރުގެ ލަފަޔާއި މަށްވަރާގެ މަތިންނެވެ.
  2. މި ގާނޫނުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ކަސްޓޯޑިއަލް ޖަލުތަކަށް އައްޔަނުކުރެވޭ ޑައިރެކްޓަރ އޮފް ޕްރިޒަންގެ މަސްއޫލިއްޔަތު އަދާކުރަންވާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އަދި ކޮމިށަނަރ އޮފް ޕޮލިސްގެ ލަފަޔާއި މަށްވަރާގެ މަތިންނެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

7. (ރ)

  1. އާންމު ޖަލުތަކާއި ރިމާންޑް ޖަލުތަކަށް ޑައިރެކްޓަރ އޮފް ޕްރިޒަން އައްޔަނުކުރާނީ މިނިސްޓަރުގެ ލަފަޔާއެކު ކޮމިށަނަރ އޮފް ޕްރިޒަންސްއެވެ. މި މަގާމަށް އައްޔަނުކުރެވޭނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ކޮމިށަންޑް އޮފިސަރުންގެ ތެރެއިން އޮފިސަރެކެވެ.
  2. ކަސްޓޯޑިއަލް ޖަލުތަކަށް ޑައިރެކްޓަރ އޮފް ޕްރިޒަން އައްޔަނުކުރާނީ ކޮމިށަނަރ އޮފް ޕޮލިސްއެވެ. މި މަގާމަށް އައްޔަނުކުރެވޭނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިސަރެކެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

7. (ބ) ކޮންމެ ޖަލެއްގައިވެސް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ފުރިހަމައަށް ތަންފީޒުކުރުމަށް ބޭނުންވާ ޖަލު އަމުރުތައް، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަދި ކޮމިށަނަރުގެ ލަފަޔާ އެއްގޮތްވާ ގޮތުގެމަތިން ނެރުމުގެ ބާރު ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

10. (ށ) ގައިދީންނާއި ބަންދު މީހުންނަށް އެންމެ މަދުވެގެން ލިބިދޭންޖެހޭ އަސާސީ ހިދުމަތްތައް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ލިބިދޭތޯ ބެލުން؛

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

10. (ނ) ޖަލުތަކުގައި ގައިދީންނާއި ބަންދު މީހުންނާމެދު އަމަލުކުރަނީ އެމީހުންނާމެދު އަމަލުކުރަންވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުން؛

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާއަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

10. (އ) ދައުލަތުގެ މުއައްސަސާއެއް ނުވަތަ އިދާރާއެއްގެ ބެލުމުގެ ދަށުގައި ތިބޭ މީހުން ތިބޭ ތަންތަނާއި، އެމީހުންނާމެދު އަމަލުކުރެވޭ ގޮތް ބަލައި ރިޕޯޓުކުރުން. މި ގާނޫނުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި އަކުރުގެ ދަށުން ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާ ގުޅިގެން ރިޕޯޓު ހުށަހަޅާނީ، ކަމާބެހޭ މުއައްސަސާއަށެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

15. (ނ) ޖަލުގައި ގައިދީންނާއި ބަންދު މީހުންނަށް ކާންދެވޭ ތަކެއްޗާއި ފެނުގެ ފެންވަރު ބެލުމަށްޓަކައި އެތަކެތި ޓެސްޓުކުރުން ނުވަތަ އޭގެ ސާމްޕަލް ނެގުން؛

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

16. (ބ) ތަހްގީގީ ބޭނުމަކަށް ފިޔަވައި ޖަލުގެ ގައިދީންނާއި ބަންދު މީހުންގެ ފޮޓޯއާއި މަންޒަރާއި އަޑު ރެކޯޑްކޮށް އާންމުކުރުން.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

20. ވަޒީފާ ދިނުމާއި ވަކިކުރުން

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންނަށް ވަޒީފާ ދޭނީ ކޮމިށަނަރެވެ. އަދި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުން ވަޒީފާއިން ވަކިކޮށް، މަގާމު ދަށްކޮށް ހަދާނީ ޑިސިޕްލިނަރީ ބޯޑުގެ ލަފާގެ މަތިން ކޮމިށަނަރެވެ.

(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންނަށް ވަޒީފާ ދިނުމުގައާއި ވަޒީފާއިން ވަކި ކުރުމުގައާއި މަގާމު ދަށްކުރުމުގައި އަމަލުކުރާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ހާއްސަކުރެވިފައިވާ ވަޒީފާއާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 25 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

25. (ށ) ކޮމިށަނަރަށާއި ޑެޕިއުޓީ ކޮމިށަނަރ އޮފް ޕްރިޒަންސްއަށާއި، ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އެހީތެރިވެ އެއްބާރުލުން ދިނުމާއި އެމީހުންދޭ އިރުށާދާ އެއްގޮތަށް އަމަލުކުރުމަކީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ކޮންމެ އޮފިސަރަކާއި މުވައްޒަފެއްގެ ވާޖިބެކެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 26 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

26. (ހ) ޖަލުގައި ތިބޭ ގައިދީންނާއި ބަންދު މީހުން، ރައްކާތެރިކަމާއި ސުލްހަވެރިކަމާއި، އޯގާތެރިކަމާއެކު ބެލެހެއްޓުން؛

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 26 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

26.  (ށ) ގައިދީންނާއި ބަންދު މީހުންނާމެދު އިންސާނިއްޔަތާ ހިލާފު ނުވަތަ އަނިޔާވެރި އަމަލު ނުހިންގުން؛

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 26 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

26. (ރ) ގައިދީންނާއި ބަންދު މީހުންގެ ރިހެބިލިޓޭށަންގެ ކަންތައްތަކާއި ވެލްފެއަރގެ ކަންތައްތަކުގައި އެމީހުންނަށް އެހީތެރިވެދިނުން؛

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 26 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

26. (ބ) ގައިދީންނާއި ބަންދު މީހުންނަށް ބޭނުންވާ ސިއްހީ ހިދުމަތެއް ނުވަތަ އެމީހުންނަށް ދޭން ހަމަޖެހިފައިވާ މިނޫންވެސް އެހެން ހިދުމަތެއް ލިބިގަތުމުގައި އެހީތެރިވުން؛

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 26 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

26. (ކ) ގައިދީންނާއި ބަންދު މީހުންގެ ފަރާތުން ނުވަތަ އެމީހުންނާއެކު އެއްވެސް ވިޔަފާރިއެއް ނުވަތަ އެފަދަ ކަމަކާގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުން.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

28. (ށ) އޮފިސަރަކު އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކުރާ ސައްހަ އަމުރަށް ނުކިޔަމަންތެރިވާ ގައިދީންނާއި ބަންދު މީހުން ކިޔަމަންތެރިކުރުމުގެ ގޮތުން ގާނޫނާއި ގަވާއިދު ހުއްދަކުރާ ގޮތެއްގެމަތިން އަދި ގާނޫނާއި ގަވާއިދު ހުއްދަކުރާ މިންވަރަކަށް ބާރުގެ ބޭނުންކުރުން؛

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 28 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

28. (ރ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ޖަލު އަމުރުތަކާ ހިލާފުނުވާ ގޮތަށް ގައިދީންނާއި ބަންދު މީހުންގެ ހަށިގަނޑާއި އެމީހުންގެ ތަކެއްޗާއި ޖަލަށް ވަދެނުކުމެ ހަދާ އެންމެހައި ފަރާތްތަކާއި އެމީހުން ގެންނަ ތަކެތި ބަލައި ފާސްކުރުން؛

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 28 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

28. (ބ) ޖަލުގެ ސަލާމަތާއި ރައްކާތެރިކަމާއި ޖަލުގެ ކަންތައްތައް ބެލެހެއްޓުމުގެ ގޮތުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ޖަލު އަމުރުތަކާ އެއްގޮތްވާ ގޮތުގެމަތިން ގައިދީންނާއި ބަންދު މީހުންނަށް އަމުރުކުރުން.

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

32. (ނ) ގައިދީންނާއި ބަންދު މީހުން ނުވަތަ ހުކުމެއްގައި ހުރި މީހަކު ކުށެއް ކުރާކަން އެނގިހުރެ ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ނުވަތަ އަންގަންޖެހޭ ފަރާތަކަށް ނޭންގުން؛

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކުރެވިފައިވާ، 33 ވަނަ މާއްދާގެ (ރ) އުނިކުރުން.

33. (ރ) އޮފިސަރުގެ މުސާރައިގެ ތެރެއިން ގިނަވެގެން 1 (އެކެއް) މަހުގެ މުސާރައިގެ ދެބައިކުޅަ އެއްބައި ކެނޑުން؛

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

35. (ށ) މި ގާނޫނުގެ 33 ވަނަ މާއްދާގެ (ރ) އިން ފެށިގެން (އ) ގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ އަދަބުތައް ދެވޭނީ ޑިސިޕްލިނަރީ ބޯޑުގެ ލަފާގެ މަތިން ކޮމިށަނަރަށެވެ.

 

26 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 39 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

39. (ބ) ކޮމިށަނަރ އޮފް ޕްރިޒަންސްއާއި ޑެޕިއުޓީ ކޮމިށަނަރ އޮފް ޕްރިޒަންސް އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމެއް ފޮނުވަންވާނެއެވެ. އެހެނިހެން ރޭންކުތަކުގެ މުވައްޒަފުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް ލިޔުމަކުން ކޮމިށަނަރަށް ހުށަހަޅަންވާނެއެވެ.

 

27 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 40 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

40. ވަޒީފާއިން ވަކިކުރުން

ވަޒީފާއަށް ފިލައިގެން ނުވަތަ އަހްލާގީ މައްސަލައެއް ދިމާވެގެން، ނުވަތަ ކުށެއް ކޮށްގެން، ނުވަތަ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފުވެގެން، އެމީހަކު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއިން ވަކިކުރުމުގެ އިހްތިޔާރާއި ބާރު މި ގާނޫނުގެ 20 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮމިށަނަރަށް ލިބިގެންވެއެވެ.

 

28 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކުރެވިފައިވާ، 47 ވަނަ މާއްދާ އުނިކުރުން.

47. ޖަލުގައި މީހުން ބަންދުކުރުމުގެ އުސޫލު    

(ހ) ޖަލުގައި މީހުން ބަންދުކުރުމުގައި ގެންގުޅެންވާނެ އުސޫލަކީ ބަންދުވުން ފިޔަވައި އިތުރު އަދަބެއް އެމީހުންނަށް ނުދިނުމާއި އެމީހުންނަށް ލިބިދޭންޖެހޭ އެހެން އަސާސީ ހައްގެއް ނިގުޅައިނުގަތުމެވެ.

(ށ) ޖަލުގެ ރައްކާތެރިކަމާއި މަސްލަހަތު ދެމެހެއްޓުމާއި ގައިދީން އިސްލާހުކުރުމަށް ކޮންމެހެން ބޭނުންވާ މިންވަރަށް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށް ގައިދީންގެ އަސާސީ ހައްގެއް ނުވަތަ އެއިން ބައެއް ހިފެހެއްޓުމާއި، ޖަލުގައި ގައިދީއަކު ހިންގާ އަމަލަކާ ގުޅިގެން ގަވާއިދުގައި ނުވަތަ ޖަލު އަމުރުގައި ބަޔާންކޮށްފައިވާ އިސްލާހީ ފިޔަވަޅެއް އެޅުމަކުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފުވީ ކަމަކަށް ނުބެލެވޭނެއެވެ.

 

29 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 52 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

52. (ނ) މި ގާނޫނުގެ 108 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބުނާފަދަ 1 (އެކެއް) އަހަރު ނުފުރޭ ކުއްޖާއަށް ގާތުން ކިރުދީ އެކުއްޖާއަށް 1 (އެކެއް) އަހަރު ފުރެންދެން ކުއްޖާގެ ގާތުގައި ޖަލުން ބޭރުގައި ހުރުމަށް މި ގާނޫނުގެ 108 ވަނަ މާއްދާއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ގައިދީ ނުވަތަ ބަންދުގައިވާ މީހާ އަމަލުކުރާނީ މި ގާނޫނުގެ 109 ވަނަ މާއްދާގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ. 

 

30 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

53. ގައިދީންގެ މައުލޫމާތު ބެލެހެއްޓުން

(ހ) ކޮންމެ ޖަލެއްގައިވެސް އެ ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ރަޖިސްޓަރީއެއް ޑައިރެކްޓަރ އޮފް ޕްރިޒަން ލިޔެ ބަލަހައްޓަންވާނެއެވެ.

 

31 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

 56. ގައިދީންނަށް ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައެޅުން

(ހ) ޖަލުގައި ބަންދުކުރެވޭ ކޮންމެ ގައިދީއަކުވެސް އެމީހަކު ޖަލުގައި ބަންދުކުރާތާ 21 (އެކާވީސް) ދުވަހުގެ ތެރޭގައި މި ގާނޫނުގެ ޖަދުވަލު 2 ގައިވާ ގޮތުގެމަތިން އެމީހަކަށް ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައަޅައި، އެގޮތުން ކަނޑައެޅޭ ސަލާމަތީ ގިންތީގެ ދަރަޖައާ އެއްގޮތްވާ ގޮތުގެމަތިން އެމީހަކު ޖަލުގައި ބަންދުކޮށްފައި ބަހައްޓާނެ ތަނެއް ހަމަޖައްސަންވާނެއެވެ.

 

32 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ފަސްވަނަ ބާބުގެ ފަހަތަށް، ހަވަނަ ބާބުގެ ގޮތުގައި އަންނަނިވި ގޮތަށް ބާބެއް އިތުރުކުރުން.

 

ހަވަނަ ބާބު

ޖަލުގައި ބަންދުކުރެވޭ މީހުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން

61  އަސާސީ ހައްގުތަކާއި މިނިވަންކަން ހިފެހެއްޓުން    

(ހ) ގާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި، 57 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ގައިދީންނާއި ބަންދު މީހުންނާމެދު އަމަލުކުރަންވާނީ އިހްތިރާމާއެކު އިންސާނުންނާ މުއާމަލާތުކުރުމަށް އެކަށީގެންވާ ގޮތަކަށެވެ. އަދި ގާނޫނުއަސާސީގެ ދެވަނަ ބާބުގައިވާ އެއްވެސް ހައްގަކުން ނުވަތަ މިނިވަންކަމަކުން އެމީހުން މަހްރޫމްކުރެވޭނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެކަމަކަށް ކޮންމެހެން ބޭނުންވާ މިންވަރަށެވެ.

(ށ) ޖަލުގެ ރައްކާތެރިކަމާއި މަސްލަހަތު ދެމެހެއްޓުމާއި ގައިދީންނާއި ބަންދު މީހުން އިސްލާހުކުރުމަށް ކޮންމެހެން ބޭނުންވާ މިންވަރަށް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށް އެމީހުންގެ އަސާސީ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓުމާއި، ޖަލުގައި އެއިން މީހަކު ހިންގާ އަމަލަކާ ގުޅިގެން ގަވާއިދުގައި ނުވަތަ ޖަލު އަމުރުގައި ބަޔާންކޮށްފައިވާ އިސްލާހީ ފިޔަވަޅެއް އެޅުމަކުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފުވީ ކަމަކަށް ނުބެލެވޭނެއެވެ.

(ނ) ގައިދީންނާއި ބަންދު މީހުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ހިފެހެއްޓުމަށް
މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ޖަލުގައި ބަންދުކޮށްފައި ބެހެއްޓޭ ބެހެއްޓުމުގެ އަސާސްއާ ތައާރުޒްވާ މިންވަރަށް، އެއިން ހައްގެއް ނުވަތަ މިނިވަންކަމެއް،
މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ހިފެހެއްޓުމަށް މި ގާނޫނު ހުރަހެއްނާޅައެވެ.

 

62-  އިގްތިސާދީ އަދި އިޖްތިމާއީ ހައްގުތައް  

ގާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ބ) ގައި، ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރަކަށް، ދިވެހިރާއްޖޭގެ ތަބީއީ މުއްސަނދިކަމާއި، ދަތުރުފަތުރު ކުރުމުގެ ވަސީލަތްތަކާއި، ދައުލަތުގެ ހަބަރު ފަތުރާ ވަސީލަތްތަކާއި، ހުރިހާ ބާވަތެއްގެ މުއާސަލާތީ ހިދުމަތްތައް
ބޭނުންކުރުމުގެ ފުރުސަތު ހޯދޭނެ މަގު ފަހިކޮށްދިނުމަށް ދައުލަތުން މަސައްކަތްކުރަންވާނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންވަރަށް މެނުވީ، ގައިދީންނާއި ބަންދު މީހުންނަށް އެ ހައްގުތައް ލިބިގެނެއް ނުވެއެވެ. 

 

63 ސިޔާސީ ޕާޓީތަކާއި، ޖަމްއިއްޔާތަކާއި، ޖަމާއަތް ހެދުން  

ސިޔާސީ ޕާޓީއާއި ޖަމްއިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެނެއްނުވެއެވެ.

 

64  އެއްވެއުޅުން          

ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި، ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިދީފައިވީނަމަވެސް، ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި އެ މިނިވަންކަން ލިބިގެނެއްނުވެއެވެ.

 

65 މަސައްކަތްކުރުމުގެ ހައްގު  

ގާނޫނުއަސާސީގެ 37 ވަނަ މާއްދާގައިވާ ގޮތުން، ކޮންމެ ރައްޔިތަކަށްމެ އެމީހަކު އިހްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ހައްގު ލިބިދީފައިވީނަމަވެސް، ގައިދީންނާއި ބަންދު މީހުންނަށް އެ ފުރުސަތު ލިބިދެވޭނީ، މި ގާނޫނުގެ 11 ވަނަ ބާބުގައިވާ ގޮތުގެމަތިން،
އެ ބާބުގައި ބަޔާންކޮށްފައިވާ މިންވަރަށެވެ.

 

66 ސަގާފީ ކަންކަމުގައި ބައިވެރިވުން    

ގައުމުގެ އެކިއެކި ސަގާފީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިދެވޭނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިން، ބަޔާންކޮށްފައިވާ މިންވަރަށެވެ.

 

67 ދަތުރުފަތުރުކުރުން

ދިވެހިރާއްޖެއިން ފުރައިގެން ދިއުމާއި، ދިވެހިރާއްޖޭގެ އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަން، ގައިދީންނާއި ބަންދު މީހުންނަށް ލިބިދެވޭނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ހާލަތްތަކެއްގައި، ބަޔާންކޮށްފައިވާ މިންވަރަށެވެ.

 

68  އެހެނިހެން ހައްގުތައް

ގާނޫނުއަސާސީގެ 62 ވަނަ މާއްދާގެ (ށ) ގައި، ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ނުހިމެނޭ އެހެނިހެން ހައްގުތަކާއި މިނިވަންކަން ހޯދުމަށް ނުވަތަ ލިބިގަތުމަށް ހުރަސްއަޅާ ކަމެއް ނޫންކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެއިން ހައްގެއް ނުވަތަ މިނިވަންކަމެއް ގައިދީންނާއި ބަންދު މީހުންނަށް ލިބިދެވޭނީ، ޖަލުގައި ބަންދުކޮށްފައި ބެހެއްޓޭ ބެހެއްޓުމުގެ އަސާސްއާއި، އަދި ގައިދީއެއްނަމަ، އެމީހެއްގެ މައްޗަށް ކަނޑައެޅިފައިވާ ހުކުމް ތަންފީޒުކުރުމުގެ އަސާސްއާ ތައާރުޒްނުވާ މިންވަރަށެވެ.

 

33 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 62 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

62. (ރ) ފާހާނާކުރުމާއި، ފެންވަރައި ގައިންތާހިރުވުމާއި، ކަސްރަތުކޮށް އުޅުމުގެ އިންތިޒާމް؛

 

34 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 65 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

65. ކަސްރަތު

މި ގާނޫނުގެ ދަށުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ސަލާމަތީ ގިންތީގެ އެންމެ މަތީ ދަރަޖައިގައި ހިމެނޭ ގައިދީންނާއި، މަސައްކަތްކުރާ ގައިދީން ފިޔަވައި އެނޫން ގައިދީން ދުވާލަކު މަދުވެގެން 1 (އެކެއް) ގަޑިއިރަށް މޫސުން ތަންދޭނަމަ ކަސްރަތުކުރުމަށްޓަކައި އޭނާ ބަންދުކޮށްފައިވާ ތަނުން ބޭރަށް ނެރެންވާނެއެވެ. އަދި ސަލާމަތީ ގިންތީގެ އެންމެ މަތީ ދަރަޖައިގައި ހިމެނޭ ގައިދީން، ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަސްރަތުކުރުމަށްޓަކައި އޭނާ ބަންދުކޮށްފައިވާ ތަނުން ބޭރަށް ނެރެންވާނެއެވެ.

 

35 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 79 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގައިދީން މަރުވުމުން ނުވަތަ އެހެން ތަނަކަށް ބަދަލުކުރުމަށް އެންގުން  79.

(ހ) ގައިދީއަކު ނުވަތަ ބަންދު މީހަކު މަރުވެއްޖެނަމަ ނުވަތަ އާދަޔާ ހިލާފަށް ބޮޑަށް ބަލިވެއްޖެނަމަ، ނުވަތަ ބައްޔަކާ ގުޅިގެން އެހެން ތަނަކަށް ބަދަލުކުރެވިއްޖެނަމަ ނުވަތަ އޭނާއަށް ނުރައްކާތެރި އަނިޔާއެއް ވެއްޖެނަމަ އެމީހަކު ކަނޑައަޅާފައިވާ ޒިންމާދާރު ބަލަދުވެރިޔާއަށް ލަސްނުކޮށް އަންގަންވާނެއެވެ.

 

36 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 82 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

82. ގައިދީންގެ ށަކުވާތަކާއި އެމީހުން އެދޭ ކަންތައްތައް ކޮށްދިނުން

(ހ) ގައިދީންނާއި ބަންދު މީހުންގެ ށަކުވާތަކާއި އެމީހުން ބޭނުންވާ ކަންތައްތައް ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ނުވަތަ އޭނާ ކަނޑައަޅާފައިވާ ޖަލު އޮފިސަރަކަށް ހުށަހެޅުމުގެ ފުރުސަތު ލިބިދޭންވާނެއެވެ.

 

37 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 82 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

82. (ނ) ޑައިރެކްޓަރ އޮފް ޕްރިޒަން ނުވަތަ އޭނާ ކަނޑައަޅާފައިވާ ޖަލު އޮފިސަރު އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. ގައިދީއަކު ނުވަތަ ބަންދު މީހަކު ކުރި ށަކުވާތަކާއި އޭނާ ބޭނުންވި ކަންތައްތަކާއި އެކަމާ ބެހޭގޮތުން އެޅުނު ފިޔަވަޅުތައް ލިޔެ ބެލެހެއްޓުން؛
  2. ގައިދީއަކު ނުވަތަ ބަންދު މީހަކު ކުރި ށަކުވާތަކާއި އޭނާ ބޭނުންވި ކަންތައްތައް ބަލައި އެކަމާމެދު ނިންމި ގޮތެއް އޭނާއަށް 5 (ފަހެއް) ދުވަހުގެ ތެރޭގައި އެންގުން؛ އަދި
  3. ގައިދީއަކު ނުވަތަ ބަންދު މީހަކު ކުރި ށަކުވާއަކީ އޭނާއަށް ޖިސްމާނީ އަނިޔާއެއް ލިބިގެން ކުރި ށަކުވާއެއްކަމަށްވާނަމަ، އެކަމާ ބެހޭގޮތުން އޭނާއަށް ދޭންޖެހޭ ސިއްހީ ފަރުވާ ވަގުތުން ދިނުމާއި ކޮމިށަނަރަށް ރިޕޯޓުކުރުން.

 

38 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 83 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

 83. ޑައިރެކްޓަރ އޮފް ޕްރިޒަން ދިން ޖަވާބާމެދު ހިތްހަމަނުޖެހޭނަމަ އިންސްޕެކްޓަރަށް އެކަން ހުށަހެޅުން

(ހ) ގައިދީއަކު ނުވަތަ ބަންދު މީހަކު ކުރި ށަކުވާއާމެދު ނުވަތަ ބޭނުންވި ކަންތަކާ ބެހޭގޮތުން ޑައިރެކްޓަރ އޮފް ޕްރިޒަން ނުވަތަ ޖަލު އޮފިސަރަކު އަމަލުކޮށްފައިވާ ގޮތާ ބެހޭގޮތުން ހިތްހަމަނުޖެހޭނަމަ، އޭނާއަށް އެ މައްސަލަ އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްއަށް ހުށަހެޅިދާނެއެވެ. މިފަދަ ހާލަތްތަކުގައި އެކަން އިންސްޕެކްޓަރަށް އެންގޭނެ މަގު ޑައިރެކްޓަރ އޮފް ޕްރިޒަން ތަނަވަސްކޮށްދޭންވާނެއެވެ.

(ށ) އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސް ޖަލު ބަލައި ފާސްކުރަމުން ގެންދާ ވަގުތެއްގައި ގައިދީއަކަށް ނުވަތަ ބަންދު މީހަކަށް އޭނާގެ ށަކުވާ ސީދާ އިންސްޕެކްޓަރަށް ހުށަހެޅިދާނެއެވެ.

 

39 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 84 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

84. އިންސްޕެކްޓަރ ށަކުވާ އަޑުއަހައި ގޮތެއް ނިންމުން 

(ހ) މި ގާނޫނުގެ 83 ވަނަ މާއްދާގައިވާ ހާލަތުގައި އިންސްޕެކްޓަރ އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. ށަކުވާކުރާ ގައިދީ ނުވަތަ ބަންދު މީހާއާ ސުވާލުކޮށް، އެކުރާ ށަކުވާ ނުވަތަ ބޭނުންވާ ކަމެއް އޮޅުންފިލުވުން؛
  2. ގައިދީ ނުވަތަ ބަންދު މީހާ ކުރި ށަކުވާއާ ބެހޭގޮތުން ޑައިރެކްޓަރ އޮފް ޕްރިޒަންއާ ވާހަކަދައްކައި އެއީ ސައްހަ ށަކުވާއެއްނަމަ އެކަމަށް ހައްލެއް ހޯދައިދިނުމަށް ހުށަހެޅުން.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ގައިދީއަކު ނުވަތަ ބަންދު މީހަކު ކުރާ ށަކުވާއެއް ވާހަކަ ދައްކައިގެން ހައްލު ނުކުރެވިއްޖެނަމަ، އެކަން ކޮމިށަނަރަށް ހުށަހެޅިދާނެއެވެ.

 

40 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 85 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

85. ޖަލަށް ޒިޔާރަތްކުރުން އަދި މުއާސަލާތުކުރުން

ޖަލަށް ޒިޔާރަތްކޮށް ގައިދީންނާއި ބަންދު މީހުންނާ ބައްދަލުކުރުމާއި، ގައިދީންނާއި ބަންދު މީހުން އަނެކުންނާ މުއާސަލާތުކުރުމުގައި އަމަލުކުރާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ. އަދި ތިރީގައިވާ ކަންކަން ކުރެވޭނެ ގޮތް އެ ގަވާއިދުގައި ކަނޑައެޅިފައި އޮންނަންވާނެއެވެ.

(ހ) ގައިދީންނާއި ބަންދު މީހުންނާ ބައްދަލުކުރުން؛

(ށ) ގައިދީންނާއި ބަންދު މީހުންނާއި، އެހެން މީހުންނާ ދެމެދު ސިޓީފަދަ ތަކެތި ބަދަލުކުރުމާއި، ފޯނުން ގުޅުމާއި، އެހެން މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުން.

 

41 ވަނަ މާއްދާ -ބުނެވިދިޔަ ގާނޫނުގެ 86 ވަނަ މާއްދާގެ ފެށުމުގައިވާ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

86. ސިޓީ ނުވަތަ އެފަދަ ތަކެތި ބަލައި ފާސްކުރުން

ގައިދީންނާއި ބަންދު މީހުންނަށް ލިބޭ ނުވަތަ އެމީހުން ފޮނުވާ ސިޓީ ނުވަތަ އެނޫންވެސް އެފަދަ ތަކެތި ކިޔައި، އަޑުއަހައި، ރެކޯޑްކޮށް ނުވަތަ ބަލައި ފާސްކުރުމުގެ އިހްތިޔާރު ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ލިބިގެންވެއެވެ. އަދި  ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ލިބޭ އިހްތިޔާރުގެ ދަށުން އަންނަނިވި ސަބަބުތަކަށް ރިއާޔަތްކޮށް، އެފަދަ ސިޓީއެއް ނުވަތަ އެއްޗެއް ދިނުން ނުވަތަ ރައްދުކުރުން މަނާވެސް ކުރެވިދާނެއެވެ.

 

42 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 87 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

87. ގާނޫނީ ވަކީލާ ބައްދަލުކުރުން

ގައިދީއަކަށް ނުވަތަ ބަންދު މީހަކަށް ގާނޫނީ ލަފާ ބޭނުންވާނަމަ، އޭނާގެ ގާނޫނީ ވަކީލަކާ ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭންވާނެއެވެ. އަދި މިގޮތުން ކުރާ ބައްދަލުކުރުމުގައި އެ ދެމީހުން ފެންނަ ހިސާބުގައި ޖަލު އޮފިސަރަކު ހުންނަންވާނެއެވެ.

 

43 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 88 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

88. ޖަލަށް ޒިޔާރަތްކުރުން އަދި މުއާސަލާތުކުރުން

(ހ) ގައިދީންނާއި ބަންދު މީހުންނާއި، އެމީހެއްގެ ގާނޫނީ ވަކީލާއި ކޯޓުތަކާއި އެނޫންވެސް ދައުލަތުގެ މުއައްސަސާތަކާ ދެމެދު ސިޓީ ފަދަ ތަކެތި ބަދަލުކުރެވިދާނެއެވެ.

 

44 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 90 ވަނަ މާއްދާގެ ފެށުމުގައިވާ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

90. ޖަލު ކުށްތައް

ގައިދީއަކު ނުވަތަ ބަންދު މީހަކު ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިނަމަ އޭނާ އެކުރަނީ ޖަލު ކުށެއް ކަމުގައި ބެލެވޭނެއެވެ.

 

45 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 90 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

90. (ބ) މި ގާނޫނާ، ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ، ނުވަތަ ނެރޭ ޖަލު އަމުރަކާ ހިލާފުވުން.

 

46 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 92 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

92. ޖަލުގައި ކުރާ ކުށްތަކުގެ މައްސަލަ ބެލުމުގެ ނިޒާމު

ގައިދީންނާއި ބަންދު މީހުން ކުރާ ކުށްތައް ބަލައި، އެމީހުންގެ މައްޗަށް ސާބިތުވާ ކުށްތަކާމެދު އަޅާނެ ފިޔަވަޅު ކަނޑައެޅުމަށްޓަކައި އިންޓަރނަލް ޑިސިޕްލިނަރީ ނިޒާމެއް އެކަށައަޅައި، އެ ނިޒާމުގެ ދަށުން ގައިދީންނާމެދު ކަންކުރާނެ ގޮތުގެ ގަވާއިދެއް މިނިސްޓަރުގެ ލަފާގެ މަތިން ކޮމިށަނަރ ހަދަންވާނެއެވެ. މި ނިޒާމު ބިނާވެފައި އޮންނަންވާނީ، މިނިވަންކަމާއެކު މައްސަލަ ބެލޭނެ ގޮތަކަށެވެ.

 

47 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 93 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

93. ޖަލު ކުށްތަކާ ގުޅިގެން ފިޔަވަޅުއެޅުން

(ހ) ގައިދީއަކު ނުވަތަ ބަންދު މީހަކު ޖަލު ކުށެއް ކޮށްފިކަމަށް ތުހުމަތުކުރެވޭނަމަ، ޖަލު އޮފިސަރު އެކަން ވަގުތުން ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އަންގަންވާނެއެވެ. އަދި އެކަން ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އެންގުމާއެކު އެކަމެއް ވަގުތުން ތަހްގީގުކުރަންވާނެއެވެ.

 

48 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 93 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

93. (ނ) ގައިދީއަކު ނުވަތަ ބަންދު މީހަކު ކުރި ކުށުގެ ކުޑަ ބޮޑުމިނަށް ބަލައި، ޖަލުގެ މަސްލަހަތު ހަމަޖެއްސުމަށްޓަކައި، އެމީހެއްގެ މައްސަލަ ނިމެންދެން، އޭނާ ބަންދުކޮށްފައި ހުރި ތަން ނޫން އެހެން ތަނަކަށް ބަދަލުކުރުމުގެ އިހްތިޔާރު ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ލިބިގެންވެއެވެ.

 

49 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކުރެވިފައިވާ، 95 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އުނިކުރުން.

95. (ހ) (1)   ގައިދީއަށް ޖަލުގައި ކުރާ މަސައްކަތުން ލިބޭ އުޖޫރަ ނުވަތަ އުޖޫރައިން ބައެއް 1 (އެކެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް އުނިކުރުން؛

 

50 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 96 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

96. ގައިދީންނާއި ބަންދު މީހުން އެކަހެރިކުރުން

(ހ) ޑިސިޕްލިނަރީ އަޑުއެހުމެއްގެ ދަށުން ގައިދީއަކު ނުވަތަ ބަންދު މީހަކު އެކަހެރިކުރުމަށް ކަނޑައަޅައިފިނަމަ، އެކަން ވަގުތުން ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އަންގަންވާނެއެވެ.

(ށ) ޑައިރެކްޓަރ އޮފް ޕްރިޒަން ގައިދީއަކު ނުވަތަ ބަންދު މީހަކު އެކަހެރި ކުރަންވާނީ ކަމާބެހޭ ގަވާއިދާއި ޖަލު އަމުރުތަކާ އެއްގޮތަށެވެ. އެކަހެރި ކޮށްފައި ހުންނަ ގައިދީއަކަށް އެންމެ މަދުވެގެން ލިބެންޖެހޭ އިނާޔަތްތައް ޖަލު އަމުރުގައި ކަނޑައަޅަންވާނެއެވެ.

(ނ) އެކަހެރިކޮށްފައި ހުންނަ ގައިދީ ނުވަތަ ބަންދު މީހާގެ ހާލު މަދުވެގެން 6 (ހައެއް) ގަޑިން އެއްފަހަރު ޑައިރެކްޓަރ އޮފް ޕްރިޒަން އައްޔަނުކުރާ މީހަކު ބަލަންވާނެއެވެ. އެފަދައިން ބަލާއިރު، އޭނާގެ ހާލު ރަނގަޅު ނޫންކަމަށް ފެނިއްޖެނަމަ، އޭނާ މެޑިކަލް އޮފިސަރަށް ދައްކަންވާނެއެވެ.

(ރ) ގައިދީ ނުވަތަ ބަންދު މީހާގެ ޖިސްމާނީ އަދި ނަފްސާނީ ހާލަތަށް ނުރައްކާވާފަދަ ގެއްލުމެއް ކުރިމަތިވެދާނެކަމަށް މެޑިކަލް އޮފިސަރަށް ފެނިއްޖެނަމަ އޭނާ އެކަހެރިކޮށްފައި ބަހައްޓައިގެން ނުވާނެއެވެ.

 

51 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 101 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

101. ޖަލު ކުށުގެ ގޮތުގައި ކަނޑައެޅޭ ކަންކަމާއި އަދަބުތައް އާންމުކުރުން

(ހ) މި ގާނޫނުގެ ދަށުން ޖަލު ކުށް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުގެ ތަފްސީލާއި، ޑިސިޕްލިނަރީ ނިޒާމު ހިނގާ ގޮތާއި، ކަނޑައެޅޭ އަދަބުތަކުގެ ކޮޕީއެއް ގައިދީންނާއި ބަންދު މީހުންނަށް ފެންނަ ތަނެއްގައި ބަހައްޓައި އަދި އެއިން މީހަކު އެދިއްޖެނަމަ، އެމީހަކަށް އޭގެ ކޮޕީއެއް ދޭންވާނެއެވެ.

(ށ) ގައިދީންނާއި ބަންދު މީހުން ކުރާ ޖަލު ކުށާބެހޭ މައުލޫމާތު ރަޖިސްޓަރީއެއްގައި ލިޔެ ޑައިރެކްޓަރ އޮފް ޕްރިޒަން ބަލަހައްޓަންވާނެއެވެ. އަދި އޭގެ ކޮޕީއެއް، އެމީހެއްގެ ފައިލުގައި ހިމަނަންވާނެއެވެ.

(ނ) ގައިދީންނާއި ބަންދު މީހުން ކުރާ ކުށްތަކާއި އެކަމާ ގުޅިގެން އެމީހުންނަށް ދެވޭ އަދަބުތަކުގެ މައުލޫމާތު ކޮމިށަނަރަށް ހުށަހަޅަންވާނެއެވެ.

 

52 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 102 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

102. ރިހެބިލިޓޭށަން ޕްރޮގްރާމްތައް

(ހ) ގައިދީން ކުށްކުރުމުން ދުރުހެލިކޮށް އަނބުރާ މުޖުތަމައަށާއި އާއިލާއަށް ބޭނުންތެރި މީހުންގެ ގޮތުގައި އައުމަށް މަގުފަހިކޮށްދިނުމަށްޓަކައި ތަފާތު ހަރަކާތްތަކާއި ޕްރޮގްރާމްތައް ކޮމިށަނަރ ކަނޑައަޅައި، ކޮންމެ އާންމު ޖަލެއްގައިވެސް ހިންގަންވާނެއެވެ. އަދި އެގޮތުން ޕްރޮގްރާމްތައް ކަނޑައެޅުމުގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނުމަށް އިސްކަންދޭންވާނެއެވެ.

  1. ގައިދީންގެ ނަފްސާނީ ހާލަތަށް ބަލައި ކައުންސިލިންގގެ ހިދުމަތް ލިބިދިނުން؛
  2. ޖަލުގައި ހޭދަކުރާ ދުވަސްތަކުގައި، ވަޒީފާ އަދާކުރެވޭފަދަ ހުނަރު ލިބިގަތުމަށާއި އަދި އަނބުރާ މުޖުތަމައަށް ރުޖޫއަވެ، ބޭނުންތެރި މީހެއްގެ ގޮތުގައި އުޅުމަށް ބޭނުންވާނެ ތައުލީމީ އަދި މަސައްކަތުގެ ހުނަރު ލިބިދެވޭނެ ފަދަ ޕްރޮގްރާމްތައް ހިންގުން؛
  3. ތަފާތު ހަރަކާތްތަކާއި މުނިފޫހިފިލުވުމާއި ކުޅިވަރާއި ވަޒީފާގެ ފުރުސަތު ހޯދައިދިނުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމްތައް ކަސްޓޯޑިއަލް ޖަލާއި ރިމާންޑް ޖަލުގައި ހިންގާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ނިސްބަތަށް، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

53 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 103 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

103. ރިހެބިލިޓޭށަން ހިންގުމަށް ބޭނުންވާ މުވައްޒަފުން

ރިހެބިލިޓޭށަނާއި ވެލްފެއަރ ޕްރޮގްރާމްތަކާއި ހިދުމަތްތައް ދިނުމުގައި އެހީތެރިވެ މަސައްކަތްތައް ހިންގުމަށް އެކަށީގެންވާ އަދަދަކަށް ކައުންސިލަރުންނާއި އިޖްތިމާއީ ފަންނުތަކުގައި ހިދުމަތްކުރާނެ މީހުން އަދި ރިހެބިލިޓޭށަން އޮފިސަރުން ކޮންމެ އާންމު ޖަލެއްގައިވެސް ތިބެންވާނެއެވެ.

 

54 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 108 ވަނަ މާއްދާގެ (ހ) ގެ ފެށުމުގައިވާ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

108. ވަގުތީގޮތުން ގައިދީން ޖަލުން ނެރުން

(ހ) އަންނަނިވި ހާލަތްތަކުގައި، މިނިސްޓަރު ކަނޑައަޅާ ށަރުތުތަކަކާ އެކީގައި، ގައިދީއަކު ނުވަތަ ބަންދު މީހަކު ވަގުތީގޮތުން ދޫކުރުމުގެ ހުއްދަ ކޮމިށަނަރަށް ދެވިދާނެއެވެ.

 

55 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 108 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

108. (ހ) (2)   ބަންދުކުރެވޭ އަންހެނާގެ 1 (އެކެއް) އަހަރު ނުފުރޭ ގާތުން ކިރުދޭ ކުއްޖެއް ހުރުން؛

 

56 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 108 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ގޮތަށް ނަންބަރެއް އިތުރުކުރުން.

108. (ހ) (6)   ޖަލުގައި ހުންނަ މާބަނޑު އަންހެނެއްގެ ބަނޑަށް 6 (ހައެއް) މަސް ފުރުން.

 

57 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 108 ވަނަ މާއްދާގެ (ށ) ގެ ފެށުމުގައިވާ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

108. (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތްތަކުގައި ވަގުތީގޮތުން ޖަލުން ނެރުމަށް އެދި ހުށަހަޅާނީ، ޑައިރެކްޓަރ އޮފް ޕްރިޒަންއަށެވެ. މިފަދަ ހުށަހެޅުމެއް ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ލިބުމުން، އެކަން ކޮމިށަނަރަށާއި މިނިސްޓަރަށް ޑައިރެކްޓަރ އޮފް ޕްރިޒަން ހުށަހަޅަންވާނެއެވެ. މިފަދަ ހާލަތްތަކުގައި އަމަލުކުރާނީ މި މާއްދާގައި ބަޔާންކުރާ އަންނަނިވި ނުކުތާތަކުގެ މައްޗަށް ކޮމިށަނަރ އެކުލަވާލާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

58 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 108 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

108. (ނ) ޖަލެއްގައިވާ ގައިދީއަކު ނުވަތަ ބަންދު މީހަކު ވަގުތީގޮތުން ނެރެވޭނީ ޖަލު އޮފިސަރަކާ އެކުގައި، އޭނާގެ ސީދާ ބެލެހެއްޓުމުގެ ދަށުގައި ހުރިހާ ވަގުތެއްގައިވެސް ހުންނަގޮތަށެވެ. މިގޮތުން ވަގުތީގޮތުން އޮފިސަރުންގެ ހަވާލުގައި ނެރެވޭނީ މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައެވެ. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާއި (5) ވަނަ ނަންބަރުގައިވާ ހާލަތްތަކުގައި ވަގުތީގޮތުން ޖަލުން ނެރެ ގައިދީ ނުވަތަ ބަންދު މީހާ ހަވާލުކުރެވޭނީ އޭނާގެ ބެލެނިވެރިއެއްގެ ސީދާ ބެލެހެއްޓުމުގެ ދަށުގައި ހުރިހާ ވަގުތެއްގައިވެސް ހުންނަ ގޮތަށެވެ.

 

59 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 108 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

108. (ރ) މި މާއްދާގެ ދަށުން ވަގުތީގޮތުން ގައިދީން ނުވަތަ ބަންދު މީހުން ދޫކުރާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޑައިރެކްޓަރ އޮފް ޕްރިޒަން އަންގަންވާނެއެވެ. އެގޮތުން، އެމީހަކު ދޫކުރެވިފައިވާ މުއްދަތާއި، ވަގުތީގޮތުން ދޫކުރުމުގައި ކަނޑައަޅާފައިވާ ށަރުތުތައް އެނގޭނެ ފުރިހަމަ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވަންވާނެއެވެ.

 

60 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 112 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

112. ށަރުތުތައް ހިފަހައްޓާތޯ ބެލުން

މި ގާނޫނުގައިވާ ގޮތުގެމަތިން ވަގުތީގޮތުން ދޫކުރާ ގައިދީންނާއި ބަންދު މީހުން އެމީހުންގެ މައްޗަށް ކަނޑައެޅިފައިވާ ށަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލޭނެ ނިޒާމެއް ކޮމިށަނަރ ގާއިމުކުރަންވާނެއެވެ.

 

61 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 113 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

113. ވަގުތީގޮތުން ދޫކުރުން ބާތިލުކުރުން

(ހ) ގައިދީއަކު ނުވަތަ ބަންދު މީހަކު ވަގުތީގޮތުން ދޫކުރާއިރު އޭނާގެ މައްޗަށް ކަނޑައެޅިފައިވާ ށަރުތުތަކާ އޭނާ ދޫކޮށްފައިވާ މުއްދަތުގައި ހިލާފުވެއްޖެނަމަ ނުވަތަ އޭނާ ވަގުތީގޮތުން ދޫކޮށްފައި ބެހެއްޓުމަކީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަމެއްކަމަށް، އޭނާ ބަލަހައްޓަން ޑައިރެކްޓަރ އޮފް ޕްރިޒަން ހަވާލުކޮށްފައިވާ މުވައްޒަފަކަށް ފެނިއްޖެ ހިނދެއްގައި، އެކަން އެ މުވައްޒަފަކު ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އަންގަންވާނެއެވެ.

(ށ) ގައިދީއަކު ނުވަތަ ބަންދު މީހަކު ބަލަހައްޓަން ޑައިރެކްޓަރ އޮފް ޕްރިޒަން ހަވާލުކޮށްފައިވާ މުވައްޒަފަކު މި މާއްދާގެ (ހ) ގެ ދަށުން ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އެންގުމެއް އަންގައިފިނަމަ، ޑައިރެކްޓަރ އޮފް ޕްރިޒަން އެކަމެއް ބަލައި، އެ ގައިދީއަކު ނުވަތަ ބަންދު މީހަކު ވަގުތީގޮތުން ދޫކޮށްފައިވާ ދޫކުރުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް އޭނާއަށް ފެނިއްޖެނަމަ، އެ ގައިދީއަކު ނުވަތަ ބަންދު މީހަކު ވަގުތީގޮތުން ދޫކޮށްފައިވާ ދޫކުރުން ނިމުމަކަށް ގެނެސް، އޭނާ އަލުން ޖަލުގައި ބަންދުކުރުމަށް އަމުރުކުރަންވާނެއެވެ.

 

62 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 114 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

114. ވަގުތީގޮތުން ދޫކުރުމުގެ ށަރުތުތަކާ ހިލާފުވުމުން ދެވޭ އަދަބު

ވަގުތީގޮތުން ދޫކުރުމުގެ ށަރުތުތަކާ ގައިދީއަކު ނުވަތަ ބަންދު މީހަކު ހިލާފުވެއްޖެނަމަ، ޖަލުގެ އެހެން އަމުރަކާ ހިލާފުވުމުން ދެވޭ އަދަބުތަކުގެ ތެރެއިން އަދަބެއް އޭނާގެ މައްޗަށް ކަނޑައެޅިދާނެއެވެ.

 

63 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 115 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

115. ވަގުތީގޮތުން ދޫކޮށްފައިވާ މީހަކު ޖިނާއީ ކުށެއް ކުރުން

ވަގުތީގޮތުން ދޫކޮށްފައިވާ ގައިދީއަކު ނުވަތަ ބަންދު މީހަކު، އޭނާ ދޫކޮށްފައިހުރި މުއްދަތުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަމަށް ތުހުމަތުކުރެވިއްޖެނަމަ، އޭނާ އިތުރު މުއްދަތަކަށް ވަގުތީގޮތުން ދޫކޮށްފައި ބެހެއްޓުމަށް ހުއްދަ ކޮށްގެންނުވާނެއެވެ.

 

64 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 116 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

116. ވަގުތީގޮތުން ދޫކުރުމަށް ހުއްދަ ނުދިނުން

(ހ) ވަގުތީގޮތުން ދޫކޮށްދިނުން އެދި ގައިދީއަކު ނުވަތަ ބަންދު މީހަކު ހުށަހަޅާ ހުށަހެޅުން ކޮމިށަނަރ ގަބޫލުނުކުރާނަމަ، އެކަން ސަބަބު ބަޔާންކޮށް ލިޔުމުން އޭނާއަށް އަންގަންވާނެއެވެ.

(ށ) ވަގުތީގޮތުން ދޫކުރުމަށް ހުއްދަ ނުދިނުމަށް ކޮމިށަނަރ ނިންމާ ހާލަތުގައި، އެ ނިންމުމާމެދު އެ ގައިދީއަކު ނުވަތަ ބަންދު މީހަކު ހިތްހަމަނުޖެހޭނަމަ، އެކަން އަލުން ބަލައިދިނުން އެދި މިނިސްޓަރަށް ހުށަހެޅިދާނެއެވެ.

 

65 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 117 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

117. ވަގުތީގޮތުން ދޫކުރެވޭ މީހުންގެ ހުކުމުގެ މުއްދަތު ކެނޑުން

މި ގާނޫނުގެ 108 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ވަގުތީގޮތުން ދޫކޮށްފައިވާ ގައިދީން ޖަލުން ބޭރުގައި ހޭދަކުރާ މުއްދަތު، އެއީ ހުކުމް ތަންފީޒުވަމުންދާ މުއްދަތު ކަމުގައި ބަލައިގެން ނުވާނެއެވެ.

 

66 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކުރެވިފައިއެވާ، 118 ވަނަ މާއްދާ އުނިކުރުން.

118. ވަގުތީގޮތުން ދޫކޮށްފައި ހުންނައިރު ހުންނަނީ ބަންދުގައި ކަމަށް ބެލެވުން

މި ގާނޫނުގެ 108 ވަނަ މާއްދާގެ ދަށުން ވަގުތީގޮތުން ދޫކުރެވޭ ގައިދީއަކު ޖަލުން ބޭރުގައި ހޭދަކުރާ މުއްދަތުގައި އޭނާއަކީ ބަންދުގައިވާ މީހެއް ކަމުގައި ބެލޭނެއެވެ.

 

67 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 119 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

119. ޕެރޯލްގެ ފުރުސަތު ލިބިދިނުން

ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ ތެރެއިން ހުކުމުގެ މުއްދަތުގެ ކަނޑައެޅިފައިވާ ވަކި މިންވަރެއް ތަންފީޒުވެ ނިމިފައިވާ މީހުން، މުޖުތަމައުގެ ރައްކާތެރިކަން ނުގެއްލޭނެ ގޮތެއްގެމަތިން މުޖުތަމައަށް އަލުން އަހުލުވެރިކުރުވުމަށްޓަކައި، ކަނޑައެޅޭ ވަކި ށަރުތުތަކަކާ އެކު ޕެރޯލްގެ ދަށުން ދޫކުރުމުގެ ފުރުސަތު، މި ގާނޫނުގައި ބަޔާންކުރާ މީހުންނަށް ލިބިދޭންވާނެއެވެ.

 

68 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 121 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

121. ޕެރޯލް ބޯޑު އެކުލަވާލުން

(ހ) ޕެރޯލް ބޯޑުގެ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މި ގާނޫނު ތަސްދީގުވެ ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވުމާއެކު އަންނަނިވި ފަރާތްތައް އެކުލެވޭ ގޮތަށް ޕެރޯލް ބޯޑު އުފައްދާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޕެރޯލް ބޯޑުގެ އެންމެހައި ކަންކަން ހިނގާ ނުހިނގާ ގޮތް ބަލައި މި ގާނޫނުގެ ދަށުން ހުކުމް ތަންފީޒުކުރާ މީހުން ދޫކުރުމަށްޓަކައި، އަދި ޕެރޯލްގެ ނިޒާމު އެކަށީގެންވާ ގޮތެއްގައި ހިންގައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ހިންގާ ބަލަހައްޓާނީ މިނިސްޓަރުގެ ލަފާގެ މަތިން ކޮމިށަނަރެވެ.

 

69 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 122 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

122.

(ހ) ހުކުމް ތަންފީޒުކުރާ މީހުންނަށް ޕެރޯލްގެ ފުރުސަތު ދިނުމާއި، ޕެރޯލް އިންޓަރވިއު ކުރުމަށްފަހު، ފުރުސަތު ދޭން ނުފެންނަ މީހުން ކަނޑައެޅުން؛

 

70 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 124 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

124. ޕެރޯލްގެ ފުރުސަތު ދިނުމުގައި ބަލަންޖެހޭ ކަންކަން

ހުކުމް ތަންފީޒުކުރާ މީހުންގެ ތެރެއިން ޕެރޯލްގެ ފުރުސަތު ލިބިދެވޭނީ އަންނަނިވި ކަންކަން ފުރިހަމަވާ މީހުންނަށެވެ.

(ހ) އޭނާގެ މައްޗަށް ކަނޑައެޅިފައިވާ އަދަބަކީ 6 (ހައެއް) މަސްދުވަހަށް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުން ކަމުގައިވުން؛

(ށ) ޕެރޯލްގެ ފުރުސަތު ލިބިދެވޭނެ އެންމެ ކުރު މުއްދަތު ކަމަށް މި ގާނޫނުގެ 125 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ ކުރުނޫން މުއްދަތަކަށް ހުކުމް ތަންފީޒުކޮށްފައިވާ މީހަކު ކަމުގައިވުން؛

(ނ) ގައިދީއެއްނަމަ، ޖަލުގައި ހޭދަކުރި މުއްދަތުގައި އެކަށީގެންވާ ރަނގަޅު ފެންވަރެއްގެ އަހްލާގީ މިންގަނޑެއް ދަމަހައްޓާފައިވުމާއެކު ޖަލުން އެ ގައިދީއަކަށް ކަނޑައަޅާ ޕްރޮގްރާމްތައް ފުރިހަމަކޮށްފައިވާ މީހަކު ކަމުގައިވުން؛

(ރ)   އޭނާ ޕެރޯލްގެ ދަށުން ދޫކުރެވިއްޖެނަމަ އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވޭ މީހަކު ކަމުގައި ނުވުން؛

(ބ) އޭނާ ޕެރޯލްގެ ދަށުން ދޫކޮށްފިނަމަ، އޭނާ ކުށްކުރުމުން ދުރުހެލިވެ، ގާނޫނަށް ހުރުމަތްތެރިކޮށް ހިތާ މީހެއްގެ ގޮތުގައި އެނބުރި މުޖުތަމައަށް އައުމުގެ ފުރުސަތު ބޮޑުކަމަށް ބޯޑަށް ގަބޫލުކުރެވުން؛

(ޅ) މޯލްޑިވްސް ޕޮލިސް ސަރވިސް، ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިދީފައިވާ ކޯޓެއްގައި އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހިނގަމުންދާ އިތުރު މައްސަލައެއް ނެތް މީހަކު ކަމުގައިވުން.

 

71 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 125 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

125. (ހ) (2)  

(ހހ) ގާނޫނު ނަންބަރު 17/1977 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ ދަށުން ސާބިތުވެ، އުމުރުދުވަހަށް ޖަލަށް ލުމަށް އަދަބު ކަނޑައެޅިފައިވާ
ކުށްކުށުގެ ތެރެއިން، އެ ކުށެއް ކުރުމުގައި ހިމެނުނު މަސްތުވާއެއްޗަކީ ޑައިމޯފިން ނަމަ، އެ މަސްތުވާއެއްޗެއްގެ 4 (ހަތަރެއް) ގްރާމަށްވުރެ މަތީ އަދަދެއް ހިމެނޭ ކުށް؛

(ށށ) ގާނޫނު ނަންބަރު 17/1977 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ ދަށުން ސާބިތުވެ، އުމުރުދުވަހަށް ޖަލަށް ލުމަށް އަދަބު ކަނޑައެޅިފައިވާ ކުށްކުށުގެ ތެރެއިން، އެ ކުށެއް ކުރުމުގައި ހިމެނުނު މަސްތުވާއެއްޗަކީ ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެސިންނަމަ، އެ މަސްތުވާއެއްޗެއްގެ 14 (ސާދަ) ގްރާމަށްވުރެ މަތީ އަދަދެއް ހިމެނޭ ކުށް؛

(ނނ) ގާނޫނު ނަންބަރު 17/1977 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ ދަށުން ސާބިތުވެ، އުމުރުދުވަހަށް ޖަލަށް ލުމަށް އަދަބު ކަނޑައެޅިފައިވާ ކުށްކުށުގެ ތެރެއިން، އެ ކުށެއް ކުރުމުގައި ހިމެނުނު މަސްތުވާއެއްޗަކީ ޑައިމޯފިން ނުވަތަ ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެސިން ފިޔަވައި އެހެން ބާވަތެއްގެ މަސްތުވާއެއްޗެއްނަމަ، އެ މަސްތުވާއެއްޗެއްގެ 1 (އެކެއް) ގްރާމަށްވުރެ މަތީ އަދަދެއް ހިމެނޭ ކުށް؛

(ރރ) ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ ދަށުން ސާބިތުވެފައިވާ މަސްތުވާތަކެއްޗާ ގުޅޭ ކުށުގެ ތެރެއިން، އުމުރުދުވަހަށް ޖަލަށް ލުމަށް އަދަބު ކަނޑައެޅިފައިވާ ކުށް؛

 

72 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 125 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

125. (ށ) މަސްތުވާތަކެއްޗާ ގުޅޭ ކުށުގެ ތެރެއިން، މި ގާނޫނުގެ 125 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށް ފިޔަވައި އެހެން ކުށުގައި ހުކުމް ކޮށްފައިވާ މީހެއްނަމަ، އެމީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ތިންބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވުން.

 

73 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 125 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

125. (ނ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެކި މައްސަލައިގައި ޖަލު ހުކުމާއި، ގޭ ބަންދުކުރުން، އަރުވާލުން ފަދަ ހުކުމް ތަކުގައި ތިބޭ މީހުންނަށް އަދަބު ލުއިކޮށްދިނުމުގެ އުސޫލު ކަނޑައަޅާނީ އެ ކުށެއްގެ ބޮޑު ކުޑަމިނަށް ބަލައި އެމީހެއްގެ ކުށުގެ ރެކޯޑުގެ މައްޗަށް ރިއާޔަތްކުރުމަށްފަހު ޕެރޯލް ބޯޑުން ކަނޑައަޅާ ގަވާއިދެއްގެ ދަށުންނެވެ.

 

74 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 127 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

127. ޕެރޯލްގެ ފުރުސަތަށް އެދި ހުށަހެޅުން

ޕެރޯލްގެ ފުރުސަތު ލިބިދެވޭނެ އެންމެ ކުރު މުއްދަތު ކަމަށް މި ގާނޫނުގެ 125 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާން 6 (ހައެއް) މަސްދުވަހަށް ވުމުން ޕެރޯލްގެ ފުރުސަތަށް އެދި އޭނާއަށް ހުށަހެޅިދާނެއެވެ. އަދި އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންވާ ކަމަށް އޭނާ ދެކޭ ސަބަބުތަކާއި ޕެރޯލްގައި ދޫކުރެވިއްޖެނަމަ އޭނާ ކަންކުރާނެ ގޮތް ބަޔާންކޮށް ލިޔުމުން ހުށަހެޅިދާނެއެވެ.

 

75 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 129 ވަނަ މާއްދާގެ ފެށުމުގައިވާ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

129. ޕެރޯލްގެ ފުރުސަތު ދިނުމުގައި ރިއާޔަތްކުރަންވާނެ ކަންކަން

ޕެރޯލްގެ ފުރުސަތަށް އެދި ހުށަހަޅާފައިވާ މީހަކާމެދު ޕެރޯލް ބޯޑުން ގޮތެއް ނިންމުމުގައި ރިއާޔަތްކުރާނެ ކަންތައްތަކާއި އަމަލުކުރާނެ މިންގަނޑުތައް ޕެރޯލް ބޯޑުން ކަނޑައަޅައި އިއުލާންކުރަންވާނެއެވެ. އޭގެ ތެރޭގައި ތިރީގައިވާ ކަންކަން ހިމަނަންވާނެއެވެ.

 

76 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 129 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

129. (ހ) އޭނާ ހުކުމް ތަންފީޒުކުރަމުންދާ ކުށް؛

 

77 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިވާ، 129 ވަނަ މާއްދާގެ (ށ) އުނިކުރުން.

129. (ށ) ތަހްގީގާއި ށަރީއަތުގެ މަރުހަލާގައި ނުނިމިވާ އޭނާގެ މައްސަލައެއްވާނަމަ، އެ މައްސަލައެއް؛

 

78 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 129 ވަނަ މާއްދާގެ (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

129. (އ) ހުކުމް ތަންފީޒުކުރަމުން ގެންދިޔައިރު އޭނާގެ ސުލޫކު ހުރި ގޮތް؛

 

79 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 129 ވަނަ މާއްދާގެ (ތ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

129. (ތ) ގައިދީއެއްނަމަ، އޭނާ ޖަލުގައި ހުރި މުއްދަތުގައި ބައިވެރިވެފައިވާ ޕްރޮގްރާމްތަކާއި، އަދާކުރި ވަޒީފާތައް.

 

80 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 130 ވަނަ މާއްދާގެ ފެށުމުގައިވާ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

130. ޕެރޯލްގައި ދޫކުރުމުގައި ށަރުތު ކަނޑައެޅުން

ހުކުމް ތަންފީޒުކުރާ މީހަކު ޕެރޯލްގެ ދަށުން ދޫކުރުމުގައި، ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ނުކުރުމަށް ޕެރޯލް ބޯޑުން އޭނާއަށް ށަރުތު ކުރެވިދާނެއެވެ. އޭގެ ތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނިދާނެއެވެ.

 

81 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 131 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

131. (ށ) ހުކުމް ތަންފީޒުކުރާ މީހަކަށް ޕެރޯލްގެ ފުރުސަތު ދިނުމާ ބެހޭގޮތުން ޕެރޯލް ބޯޑުން ނިންމާ ނިންމުމުގެ ކޮޕީއެއް އެމީހަކަށް ދޭންވާނެއެވެ.

 

82 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 132 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

132. ޕެރޯލް އޮފިސަރުން އައްޔަނުކުރުން

(ހ) ޕެރޯލްގައި ދޫކުރެވިފައި ހުންނަ ކޮންމެ މީހަކަށް، އޭނާ ޕެރޯލްގެ ށަރުތުތަކާ އެއްގޮތަށް އަމަލކުރުމަށް މަގުފަހިކޮށްދީ، އޭނާ އެގޮތަށް އަމަލުކުރޭތޯ ބެލުމަށް ޕެރޯލް އޮފިސަރެއް އައްޔަންކުރަންވާނެއެވެ.

(ށ) ޕެރޯލް އޮފިސަރުންގެ ޒިންމާތަކާއި، ޕެރޯލްގެ ދަށުން ދޫކުރާ މީހުން ޕެރޯލް އޮފިސަރުންނަށް ރިޕޯޓުކުރާނެ އުސޫލުތަކާއި، އެމީހުން ބެލެހެއްޓުމުގައި ޕެރޯލް އޮފިސަރުން އަމަލުކުރަންވާނެ އުސޫލުތައް، ޕެރޯލް ބޯޑުން ކަނޑައަޅަންވާނެއެވެ.

 

83 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 133 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

133. ޕެރޯލްގައި ތިބޭ މީހުންގެ މިނިވަންކަން

ޕެރޯލްގައި ދޫކޮށްފައިވާ މީހާގެ މައްޗަށް ކަނޑައަޅާފައިވާ ށަރުތުތަކާ އޭނާ ހިލާފުނުވާހާ ހިނދަކު، މުޖުތަމައުގެ އެހެން މީހުންނެކޭވެސް އެއްފަދައިން އުޅުމުގެ މިނިވަންކަން އޭނާއަށް ލިބިގެންވެއެވެ. އަދި އޭނާގެ ޕެރޯލް ބާތިލުނުކުރާހާ ހިނދަކު ނުވަތަ ވަގުތީގޮތުން މެދުކަނޑާނުލާހާ ހިނދަކު، އޭނާގެ މައްޗަށް ކަނޑައެޅިފައިވާ ހުކުމުގެ ސަބަބުން ޕެރޯލްގައި ދޫކޮށްފައިވާ މުއްދަތުގައި އޭނާ ހުކުމަށް ރުޖޫއަކޮށްގެންނުވާނެއެވެ.

 

84 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 134 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

134. ޕެރޯލް ފުރިހަމަކުރުން

(ހ) ޕެރޯލްގައި ދޫކޮށްފައިވާ މީހާ އޭނާގެ މައްޗަށް ކުރެވިފައިވާ ޕެރޯލްގެ ށަރުތުތަކާ ހިލާފުނުވެ، އޭނާގެ މައްޗަށް ކަނޑައެޅިފައިވާ ޕެރޯލްގެ މުއްދަތު ފުރިހަމަކޮށްފިނަމަ، އޭނާއަކީ ޕެރޯލް ފުރިހަމަކޮށްފައިވާ މީހެއްކަމަށް ޕެރޯލް ބޯޑުން ނިންމަންވާނެއެވެ.

 

85 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 135 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

135. ޕެރޯލް ސަސްޕެންޑް ކުރެވިދާނެ ހާލަތްތައް      

އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ ޕެރޯލްގައި ދޫކުރެވިފައިވާ މީހާގެ ޕެރޯލް، ޕެރޯލް ބޯޑަށް ސަސްޕެންޑް ކުރެވިދާނެއެވެ.

(ހ) ހުކުމް ތަންފީޒުކުރާ މީހާ އޭނާއަށް ކަނޑައެޅިފައިވާ ޕެރޯލްގެ ށަރުތަކާ ހިލާފުވުން؛

(ށ) ޕެރޯލް ސަސްޕެންޑް ކުރުމަކީ ޕެރޯލްގެ ށަރުތުތަކާ ހިލާފުވިޔަ ނުދިނުމަށްޓަކައި ނުވަތަ މުޖުތަމައުގެ ސަލާމަތްކަމާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމަކަށްވުން؛

(ނ) ޖިނާއީ ކުށެއްގެ ދައުވާއެއް އޭނާގެ މައްޗަށް ކުރެވުން ނުވަތަ ޖިނާއީ ކުށެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތަހްގީގަށް އޭނާ ހައްޔަރުކުރުން.

 

86 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 136 ވަނަ މާއްދާގެ ފެށުމުގައިވާ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

136. ޕެރޯލް ސަސްޕެންޑްވުމުގެ ނަތީޖާ

މި ގާނޫނުގެ 135  ވަނަ މާއްދާގައިވާ ގޮތުގެމަތިން ޕެރޯލްގައި ހުރި މީހެއްގެ ޕެރޯލް ސަސްޕެންޑް ކުރެވުމާއެކު، އޭނާގެ ޕެރޯލް އަލުން މުރާޖައާކުރެވެންދެން އެނބުރި ހުކުމަށް ރުޖޫއަކުރެވޭނެއެވެ.

 

87 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 137 ވަނަ މާއްދާގެ ފެށުމުގައިވާ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

137. ޕެރޯލް ބާތިލުކުރުން

އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެ ހިނދެއްގައި، ޕެރޯލްގައި ދޫކޮށްފައި ހުރި މީހެއްގެ ޕެރޯލް، ޕެރޯލް ބޯޑުން ބާތިލުކުރަންވާނެއެވެ.

 

88 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 137 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

137. (ހ) ޕެރޯލްގައި ދޫކުރެވުނު ފަހުން އޭނާގެ ސުލޫކު ހުރި ގޮތުން، އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ވެދާނެކަމަށް ޕެރޯލް ބޯޑަށް ފެނުން؛

 

89 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 138 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

138. ޕެރޯލް ބާތިލުކުރުމުގެ ނަތީޖާ

ޕެރޯލްގައި ދޫކުރެވިފައިވާ މީހެއްގެ ޕެރޯލް ބާތިލުކޮށްފިނަމަ، ޕެރޯލްގެ ފުރުސަތު ދެވުމުގެ ކުރިން އޭނާ ހުރި ހާލަތަށް ރުޖޫއަވެ، އޭނާގެ ހުކުމުގެ ބާކީ އޮތްބައި ތަންފީޒުކުރަންވާނެއެވެ.

 

90 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 139 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

139. އަލުން ޕެރޯލަށް އެދުން

ހުކުމް ތަންފީޒުކުރާ މީހެއްގެ ޕެރޯލް ބާތިލުކޮށްފިނަމަ، ނުވަތަ އެއްވެސް ސަބަބަކަށްޓަކައި އެނބުރި ހުކުމަށް ރުޖޫއަކުރެވިއްޖެނަމަ، އެ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަސް ވަންދެން އޭނާއަށް އަލުން ޕެރޯލްގެ ފުރުސަތަކަށް ނުއެދެވޭނެއެވެ.

 

91 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 140 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

140. ޕެރޯލް ބޯޑުގެ ނިންމުމާމެދު އިއުތިރާޒްކުރުން

(ހ) އަންނަނިވި ހާލަތްތަކުގައި، ހުކުމް ތަންފީޒުކުރާ މީހެއްގެ ޕެރޯލްއާ ގުޅޭގޮތުން ޕެރޯލް ބޯޑުން ނިންމާ ނިންމުމަކާމެދު އެމީހަކު އިއުތިރާޒްކުރާނަމަ، އެ ނިންމުން މުރާޖައާކޮށްދިނުން އެދި،
އެ ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އަލުން ޕެރޯލް ބޯޑަށް ހުށަހެޅުމުގެ ހައްގު އެމީހަކަށް ލިބިގެންވެއެވެ. އަދި އެ ހުށަހެޅުމުގައި އޭނާ އެ ނިންމުމާމެދު އިއުތިރާޒްކުރާ ސަބަބު ތަފްސީލުކޮށް ބަޔާންކުރަންވާނެއެވެ.

  1. ޕެރޯލް ބޯޑުގެ ނިންމުންތައް ނިންމުމުގައި ރިއާޔަތްކުރަންޖެހޭ މުހިންމު މައުލޫމާތެއް
    އެ ނިންމުން ނިންމި ވަގުތު ޕެރޯލް ބޯޑަށް ލިބިފައި ނެތުން؛ ނުވަތަ
  2. އެ މައްސަލަ ބެލުމުގައި ގާނޫނާއި ގަވާއިދާ ނުވަތަ އިޖުރާއީ އުސޫލަކާ ހިލާފުވެފައިވުން.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ޕެރޯލް ބޯޑުން ނިންމާ ނިންމުމަކާމެދު އިއުތިރާޒްކޮށް އަލުން ޕެރޯލް ބޯޑަށް ހުށަހެޅުމުން، އެ މައްސަލަ ބަލައި ގޮތެއް ކަނޑައަޅާނީ، ޕެރޯލް ބޯޑުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ހުކުމް ތަންފީޒުކުރާ މީހެއްގެ ޕެރޯލްއާ ގުޅޭގޮތުން ޕެރޯލް ބޯޑުން ނިންމާ ނިންމުމަކާމެދު އެމީހަކު އިއުތިރާޒްކޮށް ހުށަހެޅުމުން، ޕެރޯލް ބޯޑުން ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުން ނިންމާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ށަރީއަތަށް ހުށަހެޅުމުގެ ހައްގު އެމީހަކަށް ލިބިގެންވެއެވެ. 

 

92 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ގާނޫނުގެ 142 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

142. ތަފާތުގޮތަކަށް އަމަލުކުރެވިދާނެ ގައިދީންނާއި ބަންދުގައި ބައިތިއްބަން ޖެހޭ އެހެނިހެން މީހުން

(ހ) އަންނަނިވި ގައިދީންނަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއް މެދުވެރިކޮށް ހާއްސަ ގޮތަކަށް އަމަލުކުރުމަށް މިނިސްޓަރަށް ހަމަޖެއްސިދާނެއެވެ.

  1. 18 (އަށާރަ) އަހަރު ނުފުރޭ ކުދިން؛
  2. ހާއްސަ އެހީއަށް ބޭނުންވާ މީހުން.

(ށ) ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ ދަށުން ރާއްޖެއިން ޑީޕޯޓްކުރުމަށްޓަކައި، ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން ކަނޑައަޅާ ގޮތެއްގެމަތިން ބަންދުކުރެވޭ ބިދޭސީންނާމެދު އަމަލުކުރާނެ އުސޫލުތައް އެ ގާނޫނުގެ ދަށުން ކަނޑައެޅުމުގައި، މި ގާނޫނުގައި ގައިދީންނާއި ބަންދު މީހުންނާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތަކަށް ރިއާޔަތްކުރަންވާނެއެވެ.

 

93 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 155 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

155. (ޅ) "ޖަލު" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ކަސްޓޯޑިއަލް ޖަލުތަކާއި ރިމާންޑް ޖަލުތަކާއި އާންމު ޖަލުތަކަށެވެ.

 

94 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 155 ވަނަ މާއްދާގެ (ލ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

155. (ލ) "ގައިދީ" ނުވަތަ "ގައިދީން" ކަމަށް ބުނެފައިއެވަނީ، ޖަލުގައި ތިބޭ މީހުންގެ ތެރެއިން ހުކުމެއް ތަންފީޒުކުރަމުންދާ މީހުންނަށެވެ.

 

95 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 155 ވަނަ މާއްދާގެ (ޏ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

155. (ޏ) "ޕެރޯލް" ކަމަށް ބުނެފައިއެވަނީ، ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ ތެރެއިން ހުކުމުގެ މުއްދަތުގެ ކަނޑައެޅިފައިވާ ވަކި މިންވަރެއް ތަންފީޒުވެ ނިމިފައިވާ މީހުން، މުޖުތަމައުގެ ރައްކާތެރިކަން ނުގެއްލޭނެ ގޮތެއްގެމަތިން މުޖުތަމައާ އަލުން އަހުލުވެރިކުރުވުމަށްޓަކައި، ކަނޑައެޅޭ ވަކި ށަރުތުތަކެއްގެ ދަށުން ދޫކުރާ ދޫކުރުމަށެވެ.

 

96 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ ނުވަތަ އުނިކުރާ މާއްދާތަކާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

97 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

98 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 2013-14)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2013-14)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު