އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރ 2009-05) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2015-36)
ޤާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.
1 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ގާނޫނު ހިންގުމާއި ގަވާއިދު ހެދުން
3. (ހ) މި ޤާނޫނު ހިންގާނީ، އަދި މި ޤާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ، އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމަށް އެވަގުތަކު ސަރުކާރުން ހަމަޖައްސާ މިނިސްޓްރީއަކުންނެވެ.
(ށ) މީގެފަހުން މި ޤާނޫނުގައި "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މިނިސްޓްރީއަށެވެ.
(ނ) ދިވެހިރާއްޖޭގައި އެއްގަމު ދަތުރުފަތުރުގެ އެންމެހައި ކަންތައްތައް ތަރައްޤީކުރެވޭނ ގޮތްތައް ހޯދައި، ޢާންމު ދަތުރުފަތުރުގެ ނިޒާމު ރާވައި އަދި މިނޫންވެސް އެއްގަމު ދަތުރުފަތުރާ ގުޅޭ އެންމެހައި ކަންތައްތައް ހިންގައި ބަލަހައްޓާނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން އެކަމަކަށް ޢައްޔަންކުރާ ފަރާތަކުންނެވެ.
(ރ) މި ޤާނޫނުގައި މިނިސްޓްރީއަށް ލިބިދީފައިވާ ބާރެއް ނުވަތަ އިޚްތިޔާރެއް، އެހެން ފަރާތަކާ ޙަވާލުކުރާނަމަ، އެކަން ޢާންމުކޮށް އަންގައި އިޢުލާންކުރަންވާނެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގައި މިހާރު އޮތް ބައި އެއީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އެ މާއްދާގެ (ހ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
4. (ށ) މި ޤާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާތަކާއި ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ، ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅުއަޅައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމާގުޅޭ އެންމެހައި ކަންތައްތައް ކުރާނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ނުވަތަ ޤާނޫނަކުން ކަނޑައަޅާ ފަރާތަކުންނެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
12. (ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރޯޑްވާދިނަސްއަށް ދެވިފައިވާ މުއްދަތު ހަމަވެ އާނުކުރާ އުޅަނދުތަކުގެ ރޯޑްވާދިނަސް ބާޠިލުވާނެއެވެ. އަދި އެފަދަ އުޅަނދު ރޯޑްވާދިނަސް އާނުކޮށް ދުއްވުމާއި ބޭނުންކުރުމަކީ މަނާކަމެކެވެ. އަދި ރޯޑްވާދިނަސް ބާޠިލުކޮށްފައިވާ އުޅަނދެއް އެއް ތަނުން އަނެއް ތަނަށް ގެންދަންވާނީ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ދޫކުރާ ހުއްދައެއްގެ ދަށުންނެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
13. (ށ) ރަޖިސްޓަރީކުރަން ނުޖެހޭ އުޅަނދެއް އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ދުއްވަންވާނީ، ނުވަތަ ބޭނުންކުރަންވާނީ، ރަޖިސްޓަރީކުރަން ނުޖެހޭ ބާވަތްތަކުގެ އުޅަނދު، އެ ނިޒާމުގެ ތެރޭގައި ބޭނުންކުރުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތެއްގެ މަތިންނެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ދަފްތަރު
15. (ހ) އެއްގަމުގައި ދުއްވާ އިންޖީނުލީ ހުރިހާ ބާވަތެއްގެ އުޅަނދުތަކާބެހޭ ދަފްތަރެއް އުފައްދައި އެ އުޅަނދުފަހަރާބެހޭ މަޢުލޫމާތު އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރާރ ލިޔެ ބަލަހައްޓަންވާނެއެވެ. މިގޮތުން ރަހުނުކޮށްފައިވާ އުޅަނދުތައް މި ދަފްތަރުގައި ފާހަގަކުރަންވާނެއެވެ.
(ށ) ދިވެހިރާއްޖޭގެ ކޮންމެ ރަށަކުން ނުވަތަ ސިޓީއަކުން ނުވަތަ ސަރަޙައްދަކުން، އެ ރަށެއްގައި ނުވަތަ އެ ސިޓީއެއްގައި ނުވަތަ އެ ސަރަޙައްދެއްގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދުގެ ރަޖިސްޓަރީގެ ދަފްތަރެއް ޤާއިމުކޮށް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ބަލަހައްޓަމުން ގެންދަންވާނެއެވެ. މި ދަފްތަރުގައި ދާއިމީކޮށް އެ ރަށަކަށް ނުވަތަ އެ ސިޓީއަކަށް ނުވަތަ އެ ސަރަޙައްދަކަށް ރަޖިސްޓަރީކޮށްފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ މަޢުލޫމާތާއި، ރަޖިސްޓަރީކޮށްފައިވާ ތަން ނޫން އެހެން ތަނެއްގައި ދުއްވުމަށް ވަގުތީ ހުއްދަ ލިބިގެން އެ ރަށެއް ނުވަތަ އެ ސިޓީއެއް ނުވަތަ އެ ސަރަޙައްދެއްގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދުގެ މަޢުލޫމާތު ސާފުކޮށް އެނގޭނެހެން ބަލަހައްޓަމުން ގެންދަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދަފްތަރުގައި ހިމެނޭ މަޢުލޫމާތަކަށް އުނިއިތުރެއް ގެންނަންވާނީ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. މި މާއްދާގައި ބަޔާންކުރާ ދަފްތަރު މި އިޞްލާޙު ގެޒެޓުކުރާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ޤާއިމުކޮށް ނިންމަންވާނެއެވެ.
(ރ) ރަހުނުކޮށްފައިވާކަމަށް މި ދަފްތަރުގައި ބަޔާންކުރެވިފައިވާ އުޅަނދެއް ދީ ނުވަތަ ވިއްކާނަމަ، އެކަން ލިޔުމަކުން ރަޖިސްޓްރާރަށް އަންގަންވާނެއެވެ.
(ބ) އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދެއް ރަހުނުކުރެވޭނަމަ، އެ އުޅަނދެއް ރަހުނުކޮށްދޭ ފަރާތުން ރަޖިސްޓްރާރަށް ނުވަތަ ރަޖިސްޓްރާރ ކަނޑައަޅާ ފަރާތަކަށް އަންގަންވާނެއެވެ.
6 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އެއްތަނުން އަނެއްތަނަށް ދުއްވާފައި ގެންދިއުން
20. ރަޖިސްޓަރީކުރަންޖެހޭ އެއްގަމު އުޅަނދެއް ރަޖިސްޓަރީނުކޮށް، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރެވޭނީ، ހަމައެކަނި އެއްތަނުން އަނެއްތަނަށް ގެންދިއުމަށްޓަކައި، މިނިސްޓްރީން އެކަމަށް ހަދާ ގަވާއިދުގެ ދަށުން މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތެއްގެ ހުއްދަ ހޯދުމަށް ފަހުގައެވެ. މިގޮތަށް ބޭނުންކުރާ އުޅަނދުގައި އެކަމަށް މިނސްޓްރީން ކަނޑައަޅާ ނިޝާނެއް ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި މިގޮތުން ގެންދެވޭ އުޅަނދެއް ގެންދިއުމަށްފަހު ރަޖިސްޓަރީނުކޮށް އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ދުއްވުމާއި ބޭނުންކުރުމާއި ޕާކުކުރުމަކީ މަނާކަމެކެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ހ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
ވެރިފަރާތް ބަދަލުކުރުން
(ހ) އެއްގަމު އުޅަނދެއްގެ ވެރިފަރާތް ބަދަލުކޮށްދިނުމަށް އެދި ރަޖިސްޓަރީ ބަދަލުކުރުމަށް ބޭނުންވާ ކަންތައްތައް ފުރިހަމަކުރުމަށްފަހު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ހުށަހަޅާތާ ލަސްވެގެން 20 (ވިހި) ދުވަހުގެ ތެރޭގައި އެ އުޅަނދެއްގެ ވެރިފަރާތް ބަދަލުކޮށްދޭންވާނެއެވެ. މިގޮތުން ވެރިފަރާތް ބަދަލުކުރާ ދުވަހާ ހަމައަށް، އެ އުޅަނދަކާ ގުޅިގެން ސަރުކާރަށާއި، އެހެން ފަރާތަކަށް އަދާކުރަންޖެހޭ ފައިސާއެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކުރުމުން ނޫނީ އުޅަނދުގެ ރަޖިސްޓަރީ ބަދަލުކޮށްދީގެން ނުވާނެއެވެ.
(ށ) އެއްވެސް އެއްގަމު އުޅަނދެއް ވިއްކައިފިނަމަ ނުވަތަ ދީފިނަމަ، އެ އުޅަނދެއްގެ ވެރިފަރާތުން ލަސްވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ވެރިފަރާތް ބަދަލުނުކޮށް ދުއްވުން ނުވަތަ ބޭނުންކުރުމަކީ މަނާކަމެކެވެ. ވެރިފަރާތް ބަދަލުނުކޮށް އެއްގަމު އުޅަނދު ގަވާއިދާ ޚިލާފުވާނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ރަޖިސްޓަރީކޮށްފައިވާ ފަރާތުންނެވެ.
8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ރަޖިސްޓަރީ ބާތިލުކުރުން
27. (ހ) އުޅަނދެއްގެ ވެރިފަރާތުން އެ އުޅަނދުގެ ރަޖިސްޓަރީ ބާޠިލުކުރުމަށް އެދިއްޖެ ހިނދެއްގައި، ރަޖިސްޓަރީ ބާޠިލުކޮށްދޭންވާނެއެވެ. ރަޖިސްޓަރީ ބާޠިލުކޮށްދޭނީ އެދުވަހާ ހަމައަށް އެ އުޅަނދަކާ ގުޅިގެން ދައްކަންޖެހޭ ފައިސާއެއްވާނަމަ، އެ ފައިސާއެއް ދެއްކުމުންނެވެ.
(ށ) ރަޖިސްޓަރީ ބާޠިލުކޮށްފައިވާ އުޅަނދެއް އަލުން ރަޖިސްޓަރީކުރާނަމަ އެ އުޅަނދެއްގެ އަހަރީ ފީ ދައްކާނީ އެ އުޅަނދު އަލުން ރަޖިސްޓަރީކުރި މަހުން ފެށިގެން އަހަރު ހަމަވާގޮތަށެވެ.
(ނ) އަހަރީ ފީ ދައްކާފައިވަނިކޮށް، ރަޖިސްޓަރީ ބާޠިލުކޮށްފިނަމަ، އެ އަހަރަށް ދައްކާފައިވާ އަހަރީ ފީގެ ތެރެއިން، ހިނގާ މަސް ފިޔަވައި، އަހަރުގެ ބާކީ އޮތްބަޔަށްވާ ޖުމްލަ ފައިސާ، އެ އުޅަނދުގެ ވެރިފަރާތަށް އަނބުރާ ދޭންވާނެއެވެ.
(ރ) ރަޖިސްޓަރީ ބާޠިލުކޮށްފައިވާ އުޅަނދަކަށް އާ ރަޖިސްޓަރީއެއް ހަދައިދޭނީ، އަހަރީ ފީ ދެއްކުމަށްފަހު، މި ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
(ބ) ރަޖިސްޓަރީ ބާޠިލުކޮށްފައިވާ، އުޅަނދެއް، ރަޖިސްޓަރީ އާނުކޮށް އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރުމަކީ މަނާކަމެކެވެ. އެއްވެސް ސަބަބަކާހުރެ ރަޖިސްޓަރީ ބާޠިލުކޮށްފައިވާ އުޅަނދެއް އަލުން ރަޖިސްޓަރީނުކޮށް، ނުވަތަ އެކަމަށް ބޭނުންވާ ހުއްދަ ނުހޯދައި، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކޮށްފިނަމަ، އެކަމުގެ އަދަބަކީ އުޅަނދު ބޭނުންކުރި މީހާ 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުމާއެކު، އުޅަނދުގެ ވެރިފަރާތް 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.
9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 28 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
28. (ކ) އަހަރީ ފީ ދައްކަންޖެހޭ އެއްގަމު އުޅަނދަކުން އަހަރީ ފީ ހަމަވެފައިވަނިކޮށް އަހަރީ ފީ ނުދައްކާ އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކޮށްފިނަމަ ކަނޑައެޅިފައިވާ އަދަބަކީ އެފަދަ އުޅަނދެއް ދުއްވި ނުވަތަ ބޭނުންކުރި މީހާ 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުން، އަހަރީ ފީ ނުދައްކާތާ 6 (ހައެއް) މަސްދުވަސް ފާއިތުވެފައިވާ އުޅަނދެއް އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކޮށްފިނަމަ، ބޭނުންކުރި ފަރާތް 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން، އުޅަނދުގެ ވެރިފަރާތް 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަހަރީ ފީ ބަލައިގަނެވޭނީ އެ އުޅަނދަކާއި އުޅަނދުގެ ވެރިފަރާތް މި ޤާނޫނުގެ ދަށުން ދައްކަންޖެހޭ އެއްވެސް ޖޫރިމަނާ ފައިސާއެއްވާނަމަ އެ ފައިސާ ދައްކައި ހަލާސްކުރުމުންނެވެ.
10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
އެއްގަމު އުޅަނދު ރަޖިސްޓަރީނުކޮށް ދުއްވުމާއި ގަވާއިދާ ހިލާފަށް ދުއްވުން
29. (ހ) އެއްގަމު އުޅަނދުގައި ހަރުކުރުމަށް ދޫކުރާ ނަންބަރު ހަރުނުކޮށް، ނުވަތަ ނަންބަރު އޮޅުންނުފިލާވަރަށް ހަލާކުވެފައި ވަނިކޮށް، ނުވަތަ މިނިސްޓްރީން އެކަމަށް ހަދާ ގަވާއިދާ ޚިލާފުވާ މީހާއާއި، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި އުޅަނދެއްގައި، ނުވަތަ ޚިދުމަތްދޭ ތަނެއްގައި ހަރުކުރުމަށް ދޫކުރާ ނިޝާން ނެތި ޚިދުމަތްދޭ މީހާ ނުވަތަ އުޅަނދު ދުއްވި މީހާގެ އަދަބަކީ؛
- އުޅަނދު ދުއްވި މީހާގެ އަދަބަކީ، ފުރަތަމަ ފަހަރަށްނަމަ 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން، ދެވަނަ ފަހަރަށްނަމަ 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުން، ދެ ފަހަރަށްވުރ އިތުރުވާ ކޮންމެ ފަހަރަކަށް 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.
- ޚިދުމަތްދިން ތަނުގެ އަދަބަކީ، ފުރަތަމަ ފަހަރަށްނަމަ 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން، ދެވަނަ ފަހަރަށްނަމަ 1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން، ދެ ފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 2,000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.
(ށ) މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން އެ އުޅަނދަކަށް ދީފައިވާ ރަޖިސްޓަރީ ނަންބަރު ފިޔަވައި އެހެން ނަންބަރެއް، އުޅަނދުގައި ޖަހައިގެން ދުއްވާ ނުވަތަ ބޭނުންކުރާ ފަރާތްތައް މި މާއްދާގެ (ހ) ގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ޖޫރިމަނާކުރެވޭނެއެވެ.
11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
30. (ށ) "ޑްރައިވިންގ ސްކޫލް" ހިންގުމުގެ މިންގަނޑުތަކާއި އުޞޫލުތައް ކަނޑައަޅާ ގަވާއިދެއް މިނިސްޓްރީން ހަދަންވާނެއެވެ. މި ގަވާއިދުގައި ޑްރައިވިންގ ސްކޫލުގެ އިންސްޓްރަކްޓަރުންގެ ފެންވަރު އެކަށައަޅައި، ދުއްވަން ދަސްކޮށްދިނުމަށް ޑްރައިވިންގ ސްކޫލުން ފީގެ ގޮތުގައި ނެގޭނެ އެންމެމަތީ ޢަދަދުތައް ކަނޑައަޅަންވާނެއެވެ. އަދި ޑްރައިވަރުން އެކިއެކި ގިންތީގެ ވެހިކަލްތަކަށް އިމްތިހާންކުރެވޭނެ މިންގަނޑުތަކާއި، އިމްތިހާންކުރެވޭނެ ގޮތްތައް ހިމަނަންވާނެއެވެ.
12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
30. (ނ) ޑްރައިވިންގ ސްކޫލު ހިންގުމަށް ލައިސަންސަށް އެދޭނީ އެކަމަށް ކަނޑައެޅިފައިވާ ފޯމެއް ފުރުމަށްފަހު، ޑްރައިވިންގ ސްކޫލުގެ މަސްއޫލުވެރިފަރާތުން ސޮއިކޮށް މިނިސްޓްރީއަށް ހުށަހެޅުމުންނެވެ. އަދި ފޯމުގައިވާ މަޢުލޫމާތު ފުރިހަމަވެފައިވުމާއެކު ޑްރައިވިންގ ސްކޫލެއް ހިންގުމަށް މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދަކުން ލާޒިމުކުރާ ކަންކަން ފުރިހަމަވެފައިވާނަމަ، ލަސްވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލް ހިންގުމަށް ލައިސަންސް ދޫކުރަންވާނެއެވެ.
13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
33. (ނ) މިނިސްޓްރީން ޤަބޫލުކުރާ ޤައުމުތަކުގެ ލައިސަންސް އޮތް މީހުންނަށް 90 (ނުވަދިހަ) ދުވަހަށް އެ ލައިސަންސްގެ މައްޗަށް ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވިދާނެއެވެ. މިގޮތުން މިނިސްޓްރީން ޤަބޫލުކުރާ ޤައުމުތަކުގެ ލިސްޓު ތައްޔާރުކޮށް ޢާންމުކުރަންވާނެއެވެ.
14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 46 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
46. (ޅ) ޢާންމު ދަތުރުފަތުރުގެ ޚިދުމަތަށް ގިންތި ކަނޑައެޅުމާއި، ލައިސަންސް ދޫކުރުމާއި ލައިސަންސް ދޫކުރާނެ އުޅަނދުގެ ޢަދަދު ކަނޑައެޅުމުގެ ބާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. މިގޮތުން ކަނޑައަޅާ ކަންތައްތައް ޢާންމުކޮށް އިޢުލާންކުރަންވާނެއެވެ.
15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 47 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
47. (ހ) މި ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސް ނެތި ބަހުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މަނާކަމެކެވެ. މިފަދަ ކުށެއްކުރި ފަރާތެއްގެ އަދަބަކީ 2,000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.
(ށ) މި ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) އާ ޚިލާފުވުން ފިޔަވައި، ބަހުގެ ޚިދުމަތް ދިނުމަށް މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ ޚިލާފަށް ބަހުގެ ޚިދުމަތްދޭ ފަރާތްތަކުގެ އަދަބަކީ ފުރަތަމަ ފަހަރަށްނަމަ 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން، ދެވަނަ ފަހަރަށްނަމަ 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން، ތިންވަނަ ފަހަރަށްނަމަ 1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި ތިން ފަހަރަށްވުރެ އިތުރަށް އެފަދަ ކުށެއް ތަކުރާރުކޮށްފިނަމަ، އެފަރާތެއްގެ ބަހުގެ ޚިދުމަތް ދިނުމުގެ ލައިސަންސް ބާޠިލުވާނެއެވެ.
16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 48 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
48. (ކ) މި ޤާނޫނާ ޚިލާފަށް ޓެކްސީގެ ޚިދުމަތް ދިނުމަކީ ކުށެކެވެ. މިފަދަ ކުށެއްކުރާ ފަރާތެއްގެ އަދަބަކީ ފުރަތަމަ ފަހަރަށްނަމަ 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން، ދެވަނަ ފަހަރަށްނަމަ 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުން، ތިންވަނަ ފަހަރަށްނަމަ 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ތިން ފަހަރަށްވުރެ އިތުރަށް އެފަދަ ކުށެއް ތަކުރާރުކޮށްފިނަމަ، ކުށުގެ ބާވަތަށް ބަލައި، އެފަރާތެއްގެ ޓެކްސީގެ ޚިދުމަތް ދިނުމުގެ ލައިސަންސް ބާޠިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.
17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 51 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ފުލުހުން ލައިސަންސާއި، އެއްގަމު އުޅަނދާއި، އުޅަނދާ ގުޅޭ ލިޔުންތައް ބެލުން
51. (ހ) ފުލުހަކު ފުލުހުންގެ ރަސްމީ ޑިއުޓީގެ ވަގުތުގައި، އެމީހަކަށް ފެންނަ އުޅަނދެއް ހުއްޓުވައި، އުޅަނދާއި، ޑްރައިވިންގ ލައިސަންސް ބަލައި ޗެކުކޮށް، އުޅަނދުގެ ރަޖިސްޓަރީއާގުޅޭ ލިޔުންތަކާއި އުޅަނދުގައި ފުރިހަމަވެފައި ހުންނަންޖެހޭނެކަމަށް މި ޤާނޫނާއި ޤާނޫނުން ބާރުލިބިގެން ހަދާ ގަވާއިދުތަކުން ލާޒިމުކުރާ ކަންތައްތައް ފުރިހަމަވެފައިވާކަމުގެ ސްޓިކަރ ނުވަތަ ލިޔުން ހަމައަށް ހުރިތޯ ބެލުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ. ފުލުހުން ބަލައި ޗެކުކުރާއިރު ޤާނޫނާއި ގަވާއިދުތަކުން ލާޒިމުކުރާ ކަންކަން ފުރިހަމަކޮށްފައިވާކަމުގެ ސްޓިކަރ ނުވަތަ ލިޔުން ފުލުހުން ބަލައި ޗެކުކުރާ ގަޑީގައި ދެއްކޭގޮތަށް އުޅަނދުގައި ހަރުކޮށްފައި ނުވަތަ ދެއްކޭގޮތަށް ހުންނަންވާނެއެވެ.
(ށ) މި ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅުއެޅުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ނ) ފުލުހަކު ފުލުހެއްގެ ރަސްމީ ޑިއުޓީ ގަޑި ފިޔަވައި އެހެން ގަޑިތަކުގައި އުޅޭއިރު މި ޤާނޫނާ ޚިލާފަށް އެއްވެސް ފަރާތަކުން ޢަމަލުކުރާތަން ފެނިއްޖެނަމަ އެފަރާތެއް ހުއްޓުވައި ފުލުހެއްކަން އަންގައިދޭ ކާޑުދައްކައި، އުޅަނދާއި، ޑްރައިވިންގ ލައިސަންސް ބަލައި ޗެކުކޮށް، އުޅަނދުގެ ރަޖިސްޓަރީއާ ގުޅޭ ލިޔުންތަކާއި އުޅަނދުގައި ފުރިހަމަވެފައި ހުންނަންޖެހޭނެކަމަށް މި ޤާނޫނާއި މި ޤާނޫނުން ބާރު ލިބިގެން ހަދާ ގަވާއިދުން ލާޒިމުކުރާ ކަންތައްތައް ފުރިހަމަވެފައިވާކަމުގެ ސްޓިކަރ ނުވަތަ ލިޔުންތައް ހަމައަށް ހުރިތޯ ބަލައި ފިޔަވަޅުއެޅުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 52 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ގިންތި ކަނޑައެޅުން
52. (ހ) އެއްގަމު އުޅަނދުފަހަރުގެ ގިންތިތައް ތިރީގައިވާ ގޮތަށް ކަނޑައެޅުމުގެ އިޚްތިޔާރު މި ޤާނޫނުގެ ދަށުން މިނިސްޓްރީއަށް ލިބިގެންވެއެވެ.
- ބަރު އުޅަނދުފަހަރު؛
- ލުއި އުޅަނދުފަހަރު؛
- ތެޔޮ އުފުލާ އުޅަނދުފަހަރު؛
- ގޭސް އުފުލާ އުޅަނދުފަހަރު؛
- ތަފާތު ކެމިކަލްއާއި ނުރައްކާތެރި މުދާ އުފުލާ އުޅަނދުފަހަރު؛
- ކުނިއުކާލުމަށް ބޭނުންކުރާ އުޅަނދުފަހަރު؛
- ބަރުމުދާ އުފުލުމަށް ތައްޔާރުކޮށްފައި ހުންނަ އުޅަނދުފަހަރު؛
- ބަރުމުދާ އުފުލުމަށް ޚާއްޞަކޮށްފައި ހުންނަ ދެބުރިވަކިކުރެވޭ އުޅަނދުފަހަރު؛
- ކޮންޓޭނާ އުފުލުމަށް ޚާއްޞަކޮށްފައި ހުންނަ އުޅަނދުފަހަރު؛
- ފެން އުފުލުމަށް ތައްޔާރުކޮށްފައި ހުންނަ އުޅަނދުފަހަރު؛
- ކާބޯތަކެއްޗާއި ފިނިކޮށް ތަކެތި އުފުލުމަށް ތައްޔާރުކޮށްފައި ހުންނ އުޅަނދުފަހަރު؛
- ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ޚާއްޞަކޮށްފައި ހުންނަ އުޅަނދ ފަހަރު:
(ހހ) ކޮންނަން ބޭނުންކުރާ އުޅަނދުފަހަރު؛
(ށށ) ތާރުއެޅުމާ މަގުހެދުމަށް ބޭނުންކުރާ އުޅަނދުފަހަރު؛
(ނނ) ކްރޭން، ފޯކްލިފްޓްފަދަ މުދާ އުފުލައި ބާލާ އުޅަނދުފަހަރު؛
(ރރ) ތަފާތު އެކި މަސައްކަތްތަކަށް އުފައްދާފައި ހުންނަ އަދި އުފައްދާ އުޅަނދުފަހަރު؛
(ބބ) އުސް ޢިމާރާތްތަކަށް އަރާ އެކި މަސައްކަތްކުރުމަށް އުފައްދާފައ ހުންނަ އަމިއްލަ ޒާތުގައި ދުއްވާ ލިފްޓްފަދަ އުޅަނދުފަހަރު؛ - ޓީވީ ރޭޑިއޯފަދަ މުއާޞަލާތީ ޚިދުމަތްތަށް ވަގުތުން ވަގުތަށް ބްރޯޑްކާސްޓްކުރުމަށް އުފައްދާފައި ހުންނަ އުޅަނދުފަހަރު؛
- ތަފާތު ފަންނީ ދިރާސާކުރުމަށް އުފައްދާފައި ހުންނަ އެއްގަމު އުޅަނދުފަހަރު.
19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 52 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
ގިންތިކުރުމާއި ދަރަޖަ ކަނޑައަޅުމުގެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލުން 53.
53. މި ޤާނޫނުގެ 52 ވަނަ މާއްދާގައި ބަޔާންކުރާފަދަ އެންމެހައި އުޅަނދުފަހަރު ގިންތިކުރުމާއި އެކަމަށް ޚާއްޞަކޮށް ދުނިޔޭގައި އުފައްދާފައި ހުންނަ އަދި ރާއްޖޭގައި އުފައްދާ އުޅަނދުފަހަރު ގިންތިކުރުމާއި ވަކި މުއްދަތަކަށް އެތަކެތީގެ ރޯޑްވަރދިނަސް ހެދުމާއި، ތެލާއި ގޭސްފަދަ ނުރައްކާތެރި މުދާ އުފުލާ އުޅަނދުފަހަރު ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ދަރަޖަ ކަނޑައެޅުމާއި، ކާބޯތަކެތި އުފުލާ އުޅަނދުފަހަރު ޞިއްޙީ މިންގަނޑުތަކަށް ފެތޭގޮތަށް ދަރަޖަ ކަނޑައެޅުމާއި ކުނިއުފުލާ އުޅަނދުފަހަރު އެކަމަށް ޚާއްޞަކޮށްފައިވާ އުޅަނދުފަހަރުގައި އުފުލުމަށް ދަރަޖަ ކަނޑައަޅައި އިންސްޕެކްޓްކުރުމާއި، މިކަންކަމާބެހޭ އެންމެހައި ގަވާއިދުތައް ހެދުމާއި ރަޖިސްޓަރީކުރާނެ އުޞޫލުތައް ކަނޑައެޅުމާއި، ކަމާބެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ މި ޤާނޫނުގެ ދަށުން މިނިސްޓްރީންނެވެ.
20 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 54 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ހިނގާ މީހުންނަށް އުނދަގޫވާގޮތަށް ދުއްވުމާއި ޕާކުކުރުމާއި މަގުމަތީގައި މުދާ ބެހެއްޓުން
54. (ހ) ދުވާރުމަތީގައި ނުވަތަ އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި، މީހުން ހިނގުމަށް ހަދާފައިވާ ތަނެއްގައި ނުވަތަ ސަރަޙައްދެއްގައި، ކުޑަކުދިން އުފުލުމަށް ޚާއްޞަކޮށްފައި ހުންނަ ޕްރޭމާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހުންނަ ހަމައެކަނި އިންސާނީ ހަކަތަ ބޭނުންކޮށްގެން ދުއްވާ ފުރޮޅުލީ ގޮނޑިފަދަ ތަކެތި ފިޔަވައި، އެއްވެސް ބާވަތެއްގެ އެއްގަމު އުޅަނދެއް ދުއްވުމަކީ، ނުވަތަ ޕާކުކުރުމަކީ މަނާކަމެކެވެ. އަދި ހިނގާ މީހުންނަށް ދަތިވާގޮތަށް ދުވާރުމަތީގައި މުދަލާއި ތަކެތި ބެހެއްޓުމާއި، ދުއްވާ އެއްޗެއްސަށް ދަތިވާގޮތަށް މަގުމަތީގައި މުދަލާއި ތަކެތި ބެހެއްޓުމަކީ މަނާކަމެކެވެ. މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ހުއްދަ ހޯދައިގެން ވަގުތީ ބޭނުމަކަށް މަގުމަތީގައި މުދާ ނުވަތަ ތަކެތި ބަހައްޓާ ބެހެއްޓުން އިސްތިސްނާކުރެވޭނެއެވެ.
(ށ) މަގު ހުރަސްކުރުމަށް ފާހަގަކުރެވިފައިވާ ކަފިހިހުރަހަކުން މީހަކު ނުވަތަ ބަޔަކު މަގު ހުރަސްކުރާނަމަ، ނުވަތަ މަގު ހުރަސްކުރަން އުޅޭނަމަ، މަގު ހުރަސްކުރާ މީހުންނަށް ތަންދިނުމުގެ ގޮތުން އެއްގަމު އުޅަނދު ހުއްޓަންވާނެއެވެ. އަދި ކަފިހިހުރަހުން މަގު ހުރަސްކުރާ ފަރާތްތަކަށް ޖާގަނުދީ ދުއްވުމަކީ މަނާކަމެކެވެ.
21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 55 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން
އެއްގަމު އުޅަނދެއް ދުއްވާއިރު މުއާސަލާތީ ވަސީލަތެއް ބޭނުންކުރުން 55.
55. (ހ) އެއްގަމު އުޅަނދު ދުއްވާއިރު ދުއްވަން އިންނަ މީހާ މޯބައިލް ފޯނާއި އަތުން ހިފައިގެން ބޭނުންކުރާ އެއްވެސް މުއާޞަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމަކީ މަނާކަމެކެވެ.
(ށ) ހެޑްސެޓް އަޅައިގެން ދުއްވުމާއި، ޓީވީ ބަލަމުން ނުވަތަ އެހެން ވަސީލަތެއް ބޭނުންކޮށްގެން ވީޑިއޯ ނުވަތަ އެނޫން އެފަދަ އެއްޗެއް ބަލަމުން ދުއްވުމާއި އެހެން ފަރާތްތަކަށް އަޑުއިވޭވަރަށް ބާރަށް ލަވަޖެހުމާއި އަޑުގަދަކުރާ ބޭނުންކުރަމުން ދުއްވުމަކީ މަނާކަމެކެވެ. މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ހުއްދަ ހޯދައިގެން ޚާއްޞަ އިވެންޓަކާ ގުޅިގެން ލަވަޖެހުމާއި އަޑުގަދަކުރާ ބޭނުންކުރަމުން ދުއްވުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
(ނ) ޓެކްސީގެ ޚިދުމަތްދޭ އުޅަނދުފަހަރުގައި ބޭނުންކުރާ ރޭޑިއޯސެޓްފަދަ މުއާޞަލާތީ ވަސީލަތްތަކާއި، އިމަރޖެންސީ ބަރުގޮނު އަޅާފައިދާ ޢާންމު ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންކުރާ އުޅަނދާއި އަސްކަރީ އުޅަނދުތަކުގައި މިނިސްޓްރީން ހަމަޖައްސާ ގޮތެއްގެ މަތިން މިނިސްޓްރީން ހުއްދަދޭ މުއާޞަލާތީ ވަސީލަތްތައް ބޭނުންކުރެވިދާނެއެވެ.
22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 59 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
59. (ށ) އިންޖީނުލީ އެއްގަމު އުޅަނދުތަކުގެ ތެރެއިން ހަމައެކަނި ދެމީހުންނަށް އެރޭގޮތަށް ތައްޔާރުކޮށްފައި ހުންނަ ދެ ފުރޮޅުލީ އެއްގަމު އުޅަނދުގައި، އެ އުޅަނދަށްވުރެ ދިގު ތަކެއްޗާއި، އެ އުޅަނދަށްވުރެ ފުޅާ ތަކެއްޗާއި، ފަހަތުގައި އިންނަ މީހަކަށް އެއް އަތުން ނުހިފޭވަރުގެ ބަރުތަކެއްޗާއި، އެ އުޅަނދަކުންދާ މީހުންނަށްވުރެ އުސްތަކެތި އުފުލުމަކީ މަނާކަމެކެވެ. އެ އުޅަނދަށްވުރެ ފުޅާނުވާގޮތަށް އަދި އެ އުޅަނދެއްގައި ދަތުރުކުރާ މީހުންނަށްވުރެ އުސްނޫން، އެ އުޅަނދަށްވުރެ ބޭރަށް ނުނުކުންނަ ގޮތަށް އުޅަނދުގައި ހަރުކޮށްފައި ހުންނަ ވަށިގަނޑަށް ނުވަތަ ފޮއްޓެއްފަދަ އެއްޗަކަށް ލައިގެން ނުވަތަ ނުވެއްޓޭގޮތަށް އުޅަނދުގެ ފަހަތުގައި ހައްޔަރުކޮށްގެން އުޅަނދުގައި އެއްޗެހި ގެންދެވިދާނެއެވެ.
23 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 59 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
59. (ނ) މުދާ އުފުލުމަށް ހަދާފައި ހުންނަ އެއްގަމު އުޅަނދުގައި މުދާ އުފުލަންވާނީ، މިނިސްޓްރީން އެކަމަށް ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި މި ޤާނޫނާ ޚިލާފަށް މުދާ އުފުލުމަކީ މަނާކަމެކެވެ.
24 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 60 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
މަސައްކަތްކުރުން
60. (ހ) އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ އެއްވެސް ތަނެއްގައި ހިނގާ މީހުންނަށާއި، ދުއްވާ އުޅަނދުފަހަރަށް ހުރަސްއެޅޭގޮތަށް އެއްވެސް މަސައްކަތެއް ކުރަންވާނީ، އެކަމަށް ކަނޑައަޅާ ގަވާއިދެއްގެ ދަށުން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު ބަހައްޓަންޖެހޭ ނިޝާންތައް ބަހައްޓައިގެންނެވެ. މިގޮތަށް ހުއްދަ ހޯދައިގެން ނިޝާންތައް ބަހައްޓައިގެން ނޫން ގޮތަކަށް މަގުމަތީގައި ނުވަތަ ދުވާރު މަތީގައި އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ނިޝާންތައް ބަހައްޓައިގެން މަސައްކަތްކުރަމުންދާ ސަރަޙައްދުތަކުގައި އެ ނިޝާންތަކާ ޚިލާފަށް އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެކެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރަންޖެހޭ ހުއްދަތަކާއި ނިޝާންތައް ދޫކޮށް، އެ މަސައްކަތްކުރުމަށް ބަންދުކުރަންޖެހޭ ސަރަޙައްދުތައް ކަނޑައަޅައި ބަލަހައްޓާނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުންނެވެ. މަގުމަތީގައި މަސައްކަތްކުރަން ހުއްދަދޭއިރު މަގު ބަންދުކުރުމުން އެންމެ ދަތިނުވާނެ ގަޑިތަކަށް ސަމާލުކަންދީގެން މަގު ބަންދުކުރުމަށް ހުއްދަދިނުމާއި، ޓްރެފިކް ފްލޯއަށް ބުރޫއަރާގޮތަށް އެއްފަހަރާ ގިނަ މަގުތަކެއް ނުވަތަ އެއް ދިމާލަކަށް ދިއުމަށް ދަތުރުކުރެވޭ މުހިންމު ދެމަގެއް އެއްފަހަރާ ބަންދުނުވާނެ ގޮތަކަށް މަގު ބަންދުކުރުމުގެ މަސައްކަތް ބަލަހައްޓަންވާނެއެވެ. މުހިންމު ބޮޑެތި މަގުތައް ބަންދުކުރަންޖެހޭ ޙާލަތްތަކުގައި ދަންވަރު ގަޑީގައި މަގު ބަންދުކުރުމަށް ސަމާލުކަންދޭންވާނެއެވެ.
25 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
61. (ނ) އެކްސިޑެންޓް މައްސަލަތަކުގެ ތަޙްޤީޤުގެ ބޭނުމަށް 48 (ސާޅީސް އަށެއް) ގަޑިއިރު ވަންދެން ލައިސަންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. މިގޮތަށް ލައިސަންސް ހިފަހައްޓައިފިނަމަ ލައިސަންސް ހިފަހައްޓާ ގަޑިން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރު ވަންދެން ދުއްވުމުގެ ވަގުތީ ލައިސަންސެއް ނުވަތަ ހުއްދައެއް ދޫކުރަންވާނެއެވެ. އެކްސިޑެންޓުގެ ބާވަތުން 48 (ސާޅީސް އަށެއް) ގަޑިއިރަށްވުރެ އިތުރަށް ލައިސަންސް ހިފަހައްޓަން ޖެހިއްޖެނަމަ ކޯޓު އަމުރުގެ ދަށުން ލައިސަންސް ހިފެހެއްޓިދާނެއެވެ.
26 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 66 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
66. (ނ) އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި، އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުގެ ތެރެއިން މި ޤާނޫނާ ޚިލާފުވާ ފަރާތްތަކުގެ ލައިސަންސް، ޓްރެފިކް ފުލުހުންނަށް ނުވަތަ ޓްރެފިކް ބަލަހައްޓާ ފަރާތްތަކުގެ ތެރެއިން ލައިސަންސް ހިފެހެއްޓުމުގެ ހުއްދަ މިނިސްޓްރީން ދީފައިވާ ބަޔަކަށް ހިފެހެއްޓިދާނެއެވެ. މިގޮތުން ލައިސަންސް ހިފަހައްޓައިފިނަމަ، ލައިސަންސްގެ ބަދަލުގައި 48 (ސާޅީސް އަށެއް) ގަޑިއިރަށް އެއްގަމު އުޅަނދު ދުއްވުމުގެ ވަގުތީ ހުއްދައެއް ދޫކުރަންވާނެއެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ޖޫރިމަނާ ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައި ނުވާނަމަ، މި 48 (ސާޅީސް އަށެއް) ގަޑިއިރު ގުނާނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ. އަދި މިގޮތުން ހިފަހައްޓާ ލައިސަންސް އަނބުރާ ޙަވާލުކުރެވޭނީ މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކާ ޚިލާފުވެގެން ކުރެވިފައިވާ އެންމެހައި ޖޫރިމަނާ ތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުންނެވެ. ޖޫރިމަނާ ދައްކައި މައްސަލަ ނިންމުމުން ލައިސަންސް އަނބުރާ ޙަވާލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.
27 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 66 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
66. (ރ) ލޮލުގެ ފެނުމާއި ބަލި ޙާލަތު ނިޔާކުރާގޮތުން ނުވަތަ އެ އުޅަނދެއް ދުއްވުމުގެ ޤާބިލުކަން ނެތް މީހެއް، އެއްގަމު އުޅަނދު ދުއްވުމަށް އެކަށީގެންނުވާ މީހެއްކަމަށް ޓްރެފިކް ފުލުހުންނަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ބަޔަކަށް ސާބިތުވެއްޖެ ހިނދެއްގައި، އެމީހެއްގެ ލައިސަންސް ހިފެހެއްޓުމުގެ އިޚްތިޔާރު، ޓްރެފިކް ފުލުހުންނަށް ލިބިގެންވެއެވެ. އެފަރާތެއްގެ އިހުމާލުން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި 5 (ފަހެއް) އެކްސިޑެންޓަށްވުރެ ގިނައިން އެކްސިޑެންޓް ހިނގައިފިނަމަ އެފަރާތެއްގެ ލައިސަންސް 6 (ހައެއް) މަސްދުވަހަށް ހިފެހެއްޓޭނެއެވެ.
28 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 66 ވަނަމާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
66. (ކ) މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ތަކުރާރުކޮށް ޚިލާފުވާ ފަރާތްތަކުގެ ޑްރައިވިންގ ލައިސަންސުން މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދަކާ އެއްގޮތްވާ ގޮތުގެމަތިން ޕޮއިންޓް އުނިކޮށް، ލައިސަންސް ހިފަހައްޓައި، ޑްރައިވިންގ ލައިސަންސް ބާޠިލުކުރުމުގެ ބާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތްތަކަށް ލިބިގެންވެއެވެ. އަދި މިގޮތަށް ބާޠިލުކުރެވޭ ލައިސަންސް އަލުން ހެއްދޭނީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށްފަހު ލައިސަންސް ބާޠިލުކުރިތާ 180 (ސަތޭކަ އައްޑިހަ) ދުވަސް ފަހުންނެވެ.
29 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 69 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
69. (ހ) "އެއްގަމު ދަތުރުފަތުރުގެ ނިޒާމު" ކަމަށް ބުނެފައި އެވަނީ މީހުން އުޅޭ ރަށްރަށާއި، އަދި ޢާންމު ޚިދުމަތްދޭ ތަންތަނުގައި އެއްގަމު އުޅަނދުތައް ދުއްވުމަށް ކަނޑައެޅިފައިވާ މަގުތަކާއި، ފާލަންތަކާއި، އަމިއްލަ ބިންބިމާއި ބަންޑާރަ ބިމުން ހިނގާބިނގާވެއުޅުމަށާއި ދުއްވުމަށް ކަނޑައެޅިފައިވާ މަގުތަކާއި ގޯޅިތަކާއި އަމިއްލަ ބޭނުމަށް ނުވަތަ ސިނާއީ ބޭނުންތަކަށް ދޫކުރެވިފައިވާ ބިންބިމާއި ވަކިކަމަކަށް ދޫކުރެވިފައިވާ ރަށްރަށުގައި ޢާންމުކޮށް ދުއްވުމާއި ހިނގާބިނގާވެއުޅުމަށް ހަދާފައިވާ މަގުތަކާއި ގޯޅިތަކާއި ސަރަޙައްދުތަކާއި، މިފަދަ ތަންތަނުގައި ދުއްވާ ހުރިހާ ބާވަތެއްގެ އުޅަނދުތަކާއި، ދުއްވާ މީހުންނަށެވެ.
30 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 69 ވަނަ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
69. (ވ) "އެއްގަމު އުޅަނދު" ކަމަށް ބުނެފައި އެވަނީ މީހުން އުފުލުމަށާއި، މުދާ އުފުލުމަށާއި މީހުންނާއި މުދާ އުފުލުމަށާއި، ތަފާތު ޢާންމު ޚިދުމަތް ދިނުމުގެ ގޮތުން އެއްގަމުގައި ދުއްވުމަށް ނުވަތަ ގެންދިއުމަށް ނުވަތަ ދިއުމަށް އުފައްދާފައި ހުންނަ އުޅަނދަށެވެ. ދަމާ ގާޑިޔަލާއި، ވީލްބަރޯފަދަ ތަކެތިވެސް މި ޤާނޫނުގެ ބޭނުމަށް އެއްގަމު އުޅަނދުގެ ގޮތުގައި ބެލެވޭނެއެވެ.
31 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 69 ވަނަ މާއްދާގެ (ޏ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
69. (ޏ) "ބަންޑާރަ މަގު" ކަމަށް ބުނެފައި އެވަނީ އަމިއްލަ ބިންބިމާއި ބަންޑާރަ ބިމުން އަމިއްލަ ބޭނުމަށް ކަނޑައަޅައި ހެދިފައިވާ އެންމެހައި މަގުތަކާއި ގޯޅިތައް ފިޔަވައި ދައުލަތުން ކަނޑައަޅާ ގޮތްތަކަކަށް ބޭނުންކުރެވޭ އެންމެހައި މަގުތަކާއި ގޯޅިތަކަށެވެ. އަމިއްލަ ބިންބިމާއި ވަކިކަމަކަށް ބޭނުންކުރުމަށް ދޫކޮށްފައިވާ ސަރަޙައްދުތަކާއި ސިނާއީ މަސައްކަތްކުރުމަށް ދޫކުރެވިފައިވާ ރަށްރަށްރަށުގައި ޢާންމުކޮށް ބޭނުންކުރުމަށް ކަނޑައެޅިފައިވާ މަގުތަކާއި ގޯޅިތަކަކީވެސް މި ޤާނޫނުގެ ބޭނުމަށް ބަންޑާރަ މަގުގެ ގޮތުގައި ބެލެވޭނެއެވެ.
32 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 69 ވަނަ މާއްދާގެ (ޏ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
(ސ) ''ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުން" ކަމަށް ބުނެފައ އެވަނީ ތިރީގައި ބަޔާންކުރެވިފައިވާ ކަންތައްތަކަށެވެ.
- މަގުތަކުގައި ކަތިކައްޗަށް (ޒިގްޒެގްކޮށް) މަގު ހުރަސްވާގޮތަށް ބާރު ސްޕީޑްގައި އެއްގަމު އުޅަނދު ދުއްވުން؛
- ސައިލެންސަރުން އަޑުގަދަކޮށްގެން ޢާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބަދަލުގެނެސްގެން (މޮޑިފައިކޮށްގެން) އެއްގަމު އުޅަނދު ދުއްވުން؛
- ހަރު ގާނަމުން އެއްގަމު އުޅަނދު ދުއްވުން؛
- ގޯޅިއަކަށް ނުވަތަ މަގަކަށް ނުކުންނައިރު ނުވަތަ މަގުތަކުގައި ދުއްވާއިރު ދުވެލިމަތަ (ބަންޕަރު) އަށް މަޑުނުކޮށް ބާރު ސްޕީޑްގައި ދުއްވުން؛
- ޓްރާންސްޕޯޓް އޮތޯރިޓީއާއި އެ އޮތޯރިޓީން ކަނޑައަޅާ އިދާރާތަކުން، ހުއްދަ ނުނަގައި، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ރޭސްޖަހަން ދުއްވުމާއި
- މަގުތަކުގައި ދުއްވާ އެހެން ވެހިކަލްތަކަށް ޖާގަނުދީ، ރައްކާތެރިކަމާއެކު ކުރިއަރައިގެންދާނެ ޖާގަނެތި ނުރައްކާތެރިކޮށް އޯވަރޓޭކްކުރަމުން ދުއްވުން؛
- މަސްތުގެ ޙާލަތުގައި ހުރެގެން އެއްގަމު އުޅަނދު ދުއްވުން.
33 ވަނަ މާއްދާ - މި ގާނޫނުން، ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ މާއްދާތަކާ ގުޅިގެން، އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރ ތަރުތީބުކުރުން.
34 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނަށް ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުވުން.
35 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގާނޫނު
އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05)
ކޮންސޮލިޑޭޓެޑް ގާނޫނު
އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2009-05)
ކިޔުންތެރިންގެ ހިޔާލު