-

މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރ 2006-03) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2015-38)

 

ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

12. ޕަބްލިކް ބޭންކް އެކައުންޓްގެ އިތުރުން އެހެން އެކައުންޓެއްގައި ދައުލަތުގެ ފައިސާ ބެހެއްޓުން

(ހ) މި ގާނޫނުގެ 11 ވަނަ މާއްދާގައި ދައުލަތުގެ އެންމެހައި ފައިސާ ބަލަހައްޓަންވާނީ އެ މާއްދާގައި ބަޔާންކޮށްފައިވާ ޕަބްލިކް ބޭންކް އެކައުންޓްގައި ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އަންނަނިވި ހާލަތްތަކުގައި ޕަބްލިކް ބޭންކް އެކައުންޓްގެ އިތުރުން އިތުރު އެކައުންޓެއް ނުވަތަ އެކައުންޓްތަކެއް ހުޅުވައި ދައުލަތުގެ ފައިސާ ބެހެއްޓުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

  1. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަރުކަޒެއް ނުވަތަ އެ އޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއްވެސް ނެތް ރަށެއްގައި ހިނގާ ދައުލަތުގެ އޮފީހަކުން، ދައުލަތުގެ ފައިސާ ބެހެއްޓުމަށްޓަކައި އެކައުންޓެއް ހުޅުވުމަށް އެދުން؛
  2. ދައުލަތުގެ ފައިސާގެ ތެރެއިން ވަކި މަސްރޫއަކާ ގެޅޭ ފައިސާ ވަކި އެކައުންޓެއްގައި  ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުން؛
  3. ދައުލަތުގެ ފައިސާގެ ތެރެއިން ހިލޭ ނުވަތަ ލޯނު އެހީގެ ގޮތުގައި ލިބޭ ފައިސާ ވަކި އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކުން އެ ފައިސާދޭ ފަރާތަކުން އެދުން.

(ށ) މި މާއްދަގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔަންކޮށްފައިވާ ހާލަތުގައި އެކައުންޓެއް ހުޅުވޭނީ، އެކަމަށް މިނިސްޓަރުގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަދި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ދައުލަތުގެ ފައިސާ ބެހެއްޓުމަށް އެކައުންޓް ހުޅުވަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައެވެ.

(ރ) މި މާއްދަގެ (ހ) ގައި ބަޔަންކޮށްފައިވާ ގޮތުގެމަތިން ހުޅުވާ އެކައުންޓަކުން ފައިސާ ދައްކަންޖެހޭ ގޮތަށް ހަރަދެއް ކުރަންވާނީ، އެ އެކައުންޓްގައި ފައިސާހުރި ވަރަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތިންނެވެ.

(ބ) މި މާއްދާގެ ދަށުން ހުޅުވާ އެކައުންޓްތައް ބެލެހެއްޓުމުގައި އަމަލުކުރާނެ އުސޫލު މި ގަނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓަރު ކަނޑައަޅައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާޢިއުކުރަންވާނެއެވެ.

 

2 ވަނަ މާއްދާ – މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

  

މައި ގާނޫނު

މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު 2006-03)

 

ކޮންސޮލިޑޭޓެޑް ގާނޫނު

މާލިއްޔަތުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2006-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު