-

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 2014-19) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު 

(ގާނޫނު ނަންބަރު 2021-24)

ގާނޫނު ނަންބަރު 2014-19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 7 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރު އުނިކުރުން.

7. (ށ) (4) ހިންގަން ގަސްދުކުރާ ވިޔަފާރީގެ ބާވަތާއި ދާއިރާ؛

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 7 ވަނަ މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރު އުނިކުރުން.

7. (ށ) (6) ވިޔަފާރި ހިންގަނީ އެއް ތަނަށްވުރެ ގިނަ ތަނުގައި ކަމަށްވާނަމަ، އެ ހުރިހާ ތަނެއްގެ މައުލޫމާތު؛ 

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 7 ވަނަ މާއްދާގެ (ށ) ގެ (8) ވަނަ ނަންބަރު އުނިކުރުން.

7. (ށ) (8) ވިޔަފާރި ފަށަން ގަސްދުކުރާ ތާރީހް؛ 7

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

8. (ށ) މި ގާނޫނުގެ ދަށުން އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކޮށްދެވޭނީ 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަޖިސްޓަރީ އާކުރުން 11.

(ހ) މި ގާނޫނުގެ ދަށުން އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކޮށްފައިވާ މުއްދަތު ހަމަވުމަށްފަހުގައިވެސް އެ ވިޔަފާރި ކުރިއަށް ގެންދަން އެދޭ ފަރާތްތަކުން، އެ މުއްދަތު ހަމަވުމުގެ ކުރިން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ވިޔަފާރީގެ ރަޖިސްޓަރީ އާކުރުމަށް އެދި ހުށަހަޅަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

11. (ށ) މި މާއްދާގެ (ހ) ގެ ދަށުން އެއްވެސް ފަރާތަކުން އަމިއްލަ ވިޔަފާރިއެއްގެ ރަޖިސްޓަރީ އާކުރުމަށް އެދި ހުށަހަޅައިފިނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ވިޔަފާރިއެއްގެ ރަޖިސްޓަރީ، އިތުރު 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށް އާކޮށްދޭންވާނެއެވެ.

 

7 ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ފަހަތަށް ދެ ނަންބަރު އިތުރުކުރުން.

ރަޖިސްޓަރީ ބާތިލުކުރުން 12 (ހ)

(3) ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި ހިންގާ ވިޔަފާރިއެއްކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ރަޖިސްޓްރާރަށް ގަބޫލުކުރެވުން؛

(4) މި ގާނޫނުގެ 1-26 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މައުލޫމާތު ހުށަހެޅުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުވެފައިވުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) އިސްލާހުކުރުން.

ވިޔަފާރި ހިންގުމުގެ ޒިންމާ އުފުލާ ފަރާތެއް އައްޔަންކުރުން 15

(ހ) އަމިއްލަ ވިޔަފާރިއެއްގެ މަސްއޫލުވެރިޔާގެ ދިރިއުޅުން އާންމުކޮށް ދިވެހިރާއްޖޭގައި ގާއިމުވެފައި ނުވާނަމަ، އެ ވިޔަފާރި ހިންގުމުގެ ޒިންމާ އުފުލުމަށް، މި މާއްދާގެ (ރ) ގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ އެހެން މީހަކު ވިޔަފާރީގެ މަސްއޫލުވެރިޔާއަށް އައްޔަންކުރެވިދާނެއެވެ.


9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަކުރެއް އިތުރުކުރުން.

15. (ރ) މި މާއްދާގެ (ހ) ގެ ދަށުން، ވިޔަފާރީގެ މަސްއޫލުވެރިޔާގެ ފަރާތުން ވިޔަފާރި ހިންގުމުގެ ޒިންމާ އުފުލުމަށް އައްޔަންކުރާ މީހެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހިރައްޔިތަކު ކަމުގައިވުން؛
  2. ދިވެހިރާއްޖޭގައި ދިރިއުޅޭ މީހަކު ކަމުގައިވުން.

 

10 ބުނެވިދިޔަ ގާނޫނުގެ 26 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން.

ކޮންމެ އަހަރަކު ހުށަހަޅަންޖެހޭ މައުލޫމާތު 1-26

(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތައް ކުރިއަށްދާ ގޮތް ދެނެގަތުމަށްޓަކައި ހޯދަންޖެހޭކަމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި 
ކަނޑައަޅާ މައުލޫމާތު، އެ ގަވާއިދުގައި ބަޔާންކު ރާ މުއްދަތެއްގެ ތެރޭގައި ކޮންމެ އަހަރަކު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހުށަހަޅާފައިވަނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މުއްދަތުގެ ފަހުންކަމުގައިވާނަމަ، އެ މައުލޫމާތު ބަލައިގަނެވޭނީ 500 (ފައްސަތޭކަ) ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ.

 

ވިޔަފާރީގެ މަސްއޫލުވެރިޔާ ބަދަލުކުރުން 2-26

(ހ) އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމަށްފަހު ވިޔަފާރީގެ މަސްއޫލުވެރިޔާ ބަދަލުކުރުމަށް ބޭނުންވެއްޖެނަމަ، އެ ވިޔަފާރިއެއް ރަޖިސްޓަރީކުރި ފަރާތަކުން ވިޔަފާރީގެ މަސްއޫލުވެރިޔާ ބަދަލުކުރުމަށް އެދި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މައުލޫމާތާއެކު ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވިޔަފާރީގެ މަސްއޫލުވެރިޔާ ބަދަލުކުރުމާއެކު، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓަރީއަށް އައި ބަދަލު އެނގޭނެ ގޮތަށް ސެޓްފިކެޓެއް ދޫކުރަންވާނެއެވެ.

 

ވިޔަފާރީގެ މަސްއޫލުވެރިޔާ ބަދަލުކުރުމުގެ ނަތީޖާ 3-26

މި ގާނޫނުގެ 2-26 ވަނަ މާއްދާގައިވާ ގޮތުގެމަތިން ވިޔަފާރީގެ މަސްއޫލުވެރިޔާ ބަދަލުކުރުމަކުން، ވިޔަފާރި ރަޖިސްޓަރީކުރި ފަރާތުގެ ހައްގަކަށް ނުވަތަ ވާޖިބަކަށް ނުވަތަ ވިޔަފާރީގެ މަސްއޫލުވެރިޔާ ބަދަލުކުރިކަމުގެ ސެޓްފިކެޓް ދޫކުރާ ތާރީހާ ހަމައަށް އެ ފަރުދަކު، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ނަމުގައި ކުރާ ނުވަތަ ކޮށްފައިވާ މުއާމަލާތަކުން ލިބޭ ފައިދާއާއި ގެއްލުމަށް އަދި އެ މުއްދަތުގެ ތެރޭގައި ހިންގާފައިވާ މުއާމަލާތަކާ ގުޅިގެން އުފުލޭ ދައުވާއަށް ޖަވާބުދާރީވުމުގެ ޒިންމާއިން ބަރީއައެއް ނުވާނެއެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

28. (ށ) މި ގާނޫނާ ހިލާފު އަމަލެއްކޮށްފި މީހަކު، އޭނާ ހިންގި އަމަލެއްގެ ކުޑަބޮޑު މިނަށް ބަލައި، 1،000 (އެއްހާސް) ރުފިޔާއާއި 100،000  (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 36 ވަނަ މާއްދާގެ (މ) ގެ ފަހަތަށް އަކުރެއް އިތުރުކުރުން.

36. (ފ) "ސެޓްފިކެޓް" ކަމަށް ބުނެފައިއެވަނީ، ރަޖިސްޓްރާރ ކަނޑައަޅާ މައުލޫމާތުތަކެއް ހިމަނައި، ވިޔަފާރި ރަޖިސްޓަރީ ވެއްޖެކަން ނުވަތަ ވިޔަފާރިއާ ގުޅޭގޮތުން އެއްވެސް ބަދަލެއް ގެނެސްފައިވާކަން އަންގައިދޭ ލިޔުމަކަށެވެ.


13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ ޖަދުވަލުގެ 6 ވަނަ ނަންބަރު އުނިކުރުން.

6. ސިއްކަ ރަޖިސްޓަރީ ކުރުމުގެ ފީ 100 (ސަތޭކަ) ރުފިޔާ

 

14 ވަނަ މާއްދާ -

މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އިސްލާހުކުރަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

15 ވަނަ މާއްދާ -

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން  ފެށިގެންނެވެ.

 

މައި ގާނޫނު

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 2014-19)

 

ކޮންސޮލިޑޭޓެޑް ގާނޫނު

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-19)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު