-

 

ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2010-19)

(މި ގާނޫނަށް އަމަލުކުރަން ފެށީ 1 ޖެނުއަރީ 2011 ގައި)

(ގާނޫނު ނަންބަރ 2011-10 ގެ 65 ވަނަ މާއްދާއިން އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގާނޫނަކީ ދިވެހިރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް، ދިވެހިރާއްޖޭގެ ޓޫރިސްޓް ރިޒޯޓުތަކުންނާއި، ޓޫރިސްޓް ހޮޓާތަކުންނާއި، ގެސްޓް ހައުސްތަކުންނާއި، ޕިކްނިކް އައިލެންޑްތަކުންނާއި ޓޫރިސްޓް އުޅަނދުތަކުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތްތަކުންނާއި ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން ޓޫރިސްޓުންނަށް ދިވެހިރާއްޖޭގައި ދެވޭ މިނޫންވެސް ބައެއް ހިދުމަތްތަކުގެ އަގުން ދައުލަތަށް ޓެކްސް ނެގުމަށްޓަކައި ހަދާފައިވާ ގާނޫނެކެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު" އެވެ.

 

ޓެކްސް ބިނާކުރެވިފައިވާ ގޮތް

2 ވަނަ މާއްދާ - ޓެކްސް ބިނާކުރެވިފައިވާ ގޮތް

ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓް ހައުސްތަކާއި ޕިކްނިކް އައިލެންޑްތަކާއި ޓޫރިސްޓް އުޅަނދުތަކާއި އެފަދަ ތަންތަނުގައި ހިދުމަތްދިނުމަށް ގާއިމުކޮށްފައިވާ ތަންތަނުން ޓޫރިސްޓުންނަށް ދޭ އަންނަނިވި ހިދުމަތްތަކާއި ވިއްކާ ތަކެތީގެ އަގުންނާއި ޓޫރިސްޓުންނަށް ދިވެހިރާއްޖޭގައި ދެވޭ މިނޫންވެސް ހިދުމަތްތަކުގެ ތެރެއިން މި ގާނޫނުގައި ބަޔާންކޮށްފައިވާ ހިދުމަތްތަކުގެ އަގުން މި ގާނޫނުގައި ކަނޑައަޅާފައިވާ އަދަދެއް، ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންވާނެއެވެ.

(ހ) ޓޫރިސްޓް ރިޒޯޓުތަކާއި ހޮޓާތަކާއި ޕިކްނިކް އައިލެންޑްތަކާއި ގެސްޓް ހައުސްތަކުން ވިއްކާ ކޮޓަރީގެ އަގުން؛

(ށ) ޓޫރިސްޓް އުޅަނދުތަކުން ވިއްކާ ކޮޓަރި ނުވަތަ އެނދުގެ އަގުން؛

(ނ) ޓޫރިސްޓް ރިޒޯޓުތަކާއި ހޮޓާތަކާއި ޕިކްނިކް އައިލެންޑްތަކާއި ގެސްޓް ހައުސްތަކާއި ޓޫރިސްޓް އުޅަނދުތަކުން ޓޫރިސްޓުންނަށް ވިއްކާ އެންމެހައި ތަކެއްޗާއި، މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ހިދުމަތްތަކުގެ އިތުރުން ޓޫރިސްޓުންނަށް ދޭ އެހެނިހެން ހިދުމަތްތަކުގެ އަގުން؛

(ރ) ޓޫރިސްޓް ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓް ހައުސްތަކާއި ޓޫރިސްޓް އުޅަނދުތަކުގައި ހިންގަމުންދާ ޑައިވިންގ ސްކޫލްތަކާއި، ފިހާރަތަކާއި، ސްޕާތަކާއި، ވޯޓަރ ސްޕޯޓްސް ފެސިލިޓީތަކާއި މިނޫންވެސް މިފަދަ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތްތަކުގެ އަގުން؛

(ބ) ދަތުރުފަތުރު ރާވައި ހިންގުމުގެ ހިދުމަތްދޭ ފަރާތްތަކުން ޓޫރިސްޓުންނަށް ދޭ ހިދުމަތްތަކުން އެފަރާތްތަކަށް ލިބޭ އަގުން؛ އަދި

(ޅ) ރާއްޖޭގެ އެތެރޭގައި ޓޫރިސްޓުންނަށް ދެވޭ ވައިގެ ދަތުރުފަތުރާއި ކަނޑުގެ ދަތުރުފަތުރުގެ ހިދުމަތުގެ އަގުން.

 

3 ވަނަ މާއްދާ - ދިވެހިރާއްޖެއިން ބޭރުގައި ކުރާ މުއާމަލާތު

މި ގާނޫނުގައި ބަޔާންކޮށްފައިވާ ހިދުމަތްދިނުމުގެ މުއާމަލާތު ހިނގީ ދިވެހިރާއްޖެއިން ބޭރުގައި ކަމަށްވީނަމަވެސް، އެފަރާތަކުން އެ ގަންނަ ހިދުމަތެއް ލިބިގަންނަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށް ހިނގަމުން އަންނަ ޓޫރިސްޓް ރިޒޯޓެއް، ހޮޓަލެއް، ގެސްޓް ހައުސްއެއް ނުވަތަ ޓޫރިސްޓް އުޅަނދެއްގައި ކަމަށްވާނަމަ، އެފަދަ މުއާމަލާތުތަކުގެ މައްޗަށް މި ގާނޫނު ހިންގޭނެއެވެ.

 

4 ވަނަ މާއްދާ - ހިދުމަތްދެވުނު ވަގުތު

(ހ) މި ގާނޫނުގައި ބަޔާންކުރާ ޓެކްސް ދައްކަންޖެހޭ ހިދުމަތެއް ދިން ވަގުތު ކަމަށް ބަލާނީ، އެ ހިދުމަތާ ގުޅިގެން ފައިސާ ދައްކަންޖެހޭ އިންވޮއިސް ހަދާ ވަގުތާއި އެ ހިދުމަތުގެ އަގު އަދާކުރާ ވަގުތާއި މި ދެ ވަގުތުންކުރެ ކުރިން އަންނަ ވަގުތަށެވެ.

(ށ) އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ ފައިސާ ނުވަތަ އަގު ދެއްކުމަށް އެއްބަސްވެފައިވަނީ ކަނޑައެޅިފައިވާ މުއްދަތަކުން ކަމަށްވާނަމަ، ހިދުމަތްދިން ވަގުތު ކަމަށް ބަލާނީ އެ ފައިސާ ލިބުމުން ނުވަތަ އެ ފައިސާ ލިބެންޖެހޭ ދުވަސް ޖެހުމުން ނުވަތަ މި ދެ ތާރީހުން ކުރެ ކުރިން އަންނަ ތާރީހެވެ.

 

5 ވަނަ މާއްދާ - ހިދުމަތްދިން ވަގުތު ބެލުމުގެ ބޭނުން

ހިދުމަތްދިން ވަގުތު ކަނޑައަޅާނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައި މިވަނީ އެ ހިދުމަތަކީ ޓެކްސް ދައްކަންޖެހޭ މުއްދަތުގެ ތެރޭގައި ދީފައިވާ ހިދުމަތެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމަށެވެ.

 

6 ވަނަ މާއްދާ - ޓެކްސް ނަގާނެ އަގު ކަނޑައަޅާނެ ގޮތް

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބުނެފައިނުވާނަމަ، ހިދުމަތުގެ ޖުމްލަ އަގުގެ ތެރެއިން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ހިސާބުކުރުމަށްޓަކައި އެ ހިދުމަތުގެ އަގު ކަމުގައި ބަލާނީ ހިދުމަތުގެ އަގު އަދާކުރުމަށްޓަކައި ހަދާ އިންވޮއިސްގައިވާ ހިދުމަތުގެ އަގަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންވޮއިސްގައިވާ އަގަކީ، އެ އެއްޗެއްގެ ނުވަތަ އެ ހިދުމަތެއްގެ އަގުގެ އެވްރެޖް ރޭޓުތަކަށްވުރެ ދަށް ރޭޓެއް ކަމުގައި ބަލާނެ މަގުބޫލު ސަބަބުތަކެއް ހުރި ކަމަށް ކޮމިށަނަރ ޖެނެރަލްއަށް ގަބޫލުކުރެވޭނަމަ، ހިދުމަތްދިން އަގުކަމަށް މި ގާނޫނުގެ ބޭނުމަށްޓަކައި ބަލާނީ އެ އެއްޗެއްގެ ނުވަތަ އެ ހިދުމަތެއްގެ އެވްރެޖް އަގުކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ބޯޑުން ކަނޑައަޅާފައިވާ އަގެވެ.

 

7 ވަނަ މާއްދާ - ޓެކްސްގެ މިންވަރު

(ހ) މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިދުމަތްތަކާއި ވިއްކާ ތަކެތީގެ އަގުން ޓެކްސްގެ ގޮތުގައި ތިރީގައި ބަޔާންކޮށްފައިވާ މިންވަރު ސަރުކާރަށް ދައްކަންޖެހޭނެއެވެ.

  1. ޓޫރިސްޓް ރިޒޯޓުތަކާއި ހޮޓާތަކާއި ޕިކްނިކް އައިލެންޑްތަކާއި ގެސްޓް ހައުސްތަކުން ވިއްކާ ކޮޓަރީގެ އަގުން %3.5 (ތިނެއް ޕޮއިންޓް ފަހެއް އިންސައްތަ)
  2. ޓޫރިސްޓް އުޅަނދުތަކުން ވިއްކާ ކޮޓަރި ނުވަތަ އެނދުގެ އަގުން %3.5 (ތިނެއް ޕޮއިންޓް ފަހެއް އިންސައްތަ).
  3. ޓޫރިސްޓް ރިޒޯޓުތަކާއި ހޮޓާތަކާއި ޕިކްނިކް އައިލެންޑްތަކާއި ގެސްޓް ހައުސްތަކާއި ޓޫރިސްޓް އުޅަނދުތަކުން ޓޫރިސްޓުންނަށް ވިއްކާ އެންމެހައި ތަކެއްޗާއި މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ހިދުމަތްތަކުގެ އިތުރުން ޓޫރިސްޓުންނަށް ދޭ އެހެނިހެން ހިދުމަތްތަކުން %3.5 (ތިނެއް ޕޮއިންޓް ފަހެއް އިންސައްތ)
  4. ޓޫރިސްޓް ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓް ހައުސްތަކާއި ޓޫރިސްޓް އުޅަނދުތަކުގައި ހިންގަމުންދާ ޑައިވިންގ ސްކޫލްތަކާއި، ފިހާރަތަކާއި، ސްޕާތަކާއި، ވޯޓަރ ސްޕޯޓްސް ފެސިލިޓީތަކާއި މިނޫންވެސް މިފަދަ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތްތަކުން %3.5 (ތިނެއް ޕޮއިންޓް ފަހެއް އިންސައްތަ)
  5. ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދޭ ފަރާތްތަކުން ޓޫރިސްޓުންނަށް ދޭ ހިދުމަތްތަކުން އެފަރާތްތަކަށް ލިބޭ އަގުން %3.5 (ތިނެއް ޕޮއިންޓް ފަހެއް އިންސައްތަ)
  6. ރާއްޖޭގެ އެތެރޭގައި ޓޫރިސްޓުންނަށް ދެވޭ ވައިގެ ދަތުރުފަތުރާއި ކަނޑުގެ ދަތުރުފަތުރުގެ ހިދުމަތުގެ އަގުން %3.5 (ތިނެއް ޕޮއިންޓް ފަހެއް އިންސައްތަ).

(ށ) ޓޫރިސްޓް އުޅަނދެއް ވަކި މުއްދަތަކަށް ޗާޓަރުކޮށްފައިވާނަމަ، އަދި އެގޮތުން ކުރާ ޗާޓަރުގެ އަގު ކަނޑައެޅިފައިވަނީ ގަނޑުކޮށް އެއް އަދަދަކުން ދައްކާގޮތަށް ކަމުގައިވާނަމަ، މި މާއްދާގެ ދަށުން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭނީ ޗާޓަރުގެ އަގުގެ %3.5 (ތިނެއް ޕޮއިންޓް ފަހެއް އިންސައްތަ( އެވެ.

(ނ) ޓޫރިސްޓް ރިޒޯޓެއް ނުވަތަ ހޮޓަލެއް ނުވަތަ ޕިކްނިކް އައިލެންޑްއެއް ނުވަތަ ގެސްޓް ހައުސްއެއް އެކުގައި ނުވަތަ އެއިން ތަނެއްގެ ވަކި ބައެއް ނުވަތަ ވަކި ކޮޓަރިތަކެއް ނުވަތަ ވަކި ގެއެއް ނުވަތަ ވަކި ކޮޓަރިއެއް ކަނޑައެޅޭ މުއްދަތަކަށް، ކަނޑައެޅިފައިވާ އަގަކަށް ދޫކޮށްފައިވާނަމަ، އަދި އެ އަގު ކަނޑައަޅާފައިވަނީ ގަނޑުކޮށް އެއް އަދަދަކުން ދައްކާގޮތަށް ކަމުގައިވާނަމަ، މި މާއްދާގެ ދަށުން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭނީ އެގޮތުން ކަނޑައެޅިފައިވާ މުޅި އަގުގެ %3.5 (ތިނެއް ޕޮއިންޓް ފަހެއް އިންސައްތަ) އެވެ.

 

ޓެކްސް ނެގޭ މުއްދަތު

8 ވަނަ މާއްދާ - ޓެކްސް ނެގޭ މުއްދަތު

(ހ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް ރިޒޯޓުތަކާއި ހޮޓާތަކާއި ޕިކްނިކް އައިލެންޑްތަކާއި ގެސްޓް ހައުސްތަކާއި ޓޫރިސްޓް އުޅަނދުތަކާއި އެފަދަ ތަންތަނުގައި ހިދުމަތްދިނުމަށް ގާއިމުކޮށްފައިވާ ތަންތަނުން މި ގާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހޭ މުއްދަތުތައް ކަނޑައަޅާނީ ތިރީގައިވާ ގޮތުގެމަތިންނެވެ.

  1. މި މާއްދާގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، ކޮންމެ މަހަކު އެއްފަހަރު؛
  2. ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން 2 (ދޭއް) މަހުން އެއްފަހަރު ޓެކްސް ދެއްކުމަށް ކޮމިށަނަރ ޖެނެރަލްއަށް ހުށަހަޅައި، އެ މުއްދަތަށް ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާނަމަ އެ އުސޫލުން؛
  3. ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން 6 (ހައެއް) މަހުން އެއްފަހަރު ޓެކްސް ދެއްކުމަށް ކޮމިށަނަރ ޖެނެރަލްއަށް ހުށަހަޅައި އެ މުއްދަތަށް ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާނަމަ އެ އުސޫލުން.

(ށ) މި މާއްދާގެ (ހ) ގެ (2) ، އަދި (3) ވަނަ ނަންބަރުގައި އެހެންއޮތް ކަމަށްވީނަމަވެސް ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން މަހަކު ވިއްކާ ހިދުމަތުގެ އަގު 10,000 (ދިހަހާސް) އެމެރިކާ ޑޮލަރުގެ އަގަށްވުރެ މަތިވާނަމަ، ޓެކްސް ދައްކަންޖެހޭނީ މަހަކު 1 (އެކެއް) ފަހަރެވެ.

(ނ) ޓެކްސް ދައްކަންޖެހޭ މުއްދަތު ނިމެންވާނީ މަހުގެ އެންމެފަހު ދުވަހުއެވެ.

 

9 ވަނަ މާއްދާ - ހުއްދައަށް އެދި ހުށަހެޅުން

މި ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޓެކްސް ދައްކަންޖެހޭ މުއްދަތު ބަދަލުކުރުމަށް އެދޭނަމަ އެކަމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާނީ ކޮމިށަނަރ ޖެނެރަލްއަށެވެ.

  

10 ވަނަ މާއްދާ - ޓެކްސް ދައްކަންޖެހޭ މުއްދަތު މާލީ އަހަރާ އެއްތެދުކުރުން

ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން މި ގާނޫނުގެ ދަށުން ދައްކަންޖެހޭ ޓެކްސްގެ މުއްދަތު ނިމޭ ތާރީހާއި އެ ކުންފުނީގެ މާލީ އަހަރު ނިމޭ ތާރީހާ އެއްތެދުނުވާނަމަ، އެފަރާތެއްގެ އެ އަހަރެއްގެ އެންމެފަހު ޓެކްސްގެ މުއްދަތު ނިމޭނީ، އެފަރާތެއްގެ މާލީ އަހަރު ނިމޭ ތާރީހުގައި ކަމަށް ކަނޑައެޅުމުގެ ބާރު ކޮމިށަނަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ކޮމިށަނަރ ޖެނެރަލް ބަލަންޖެހޭ ކަންކަން

(ހ) މި ގާނޫނުގެ 9 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޓެކްސް ދައްކަންޖެހޭ މުއްދަތު ބަދަލުކުރުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ކޮމިށަނަރ ޖެނެރަލްއަށް އެދި ހުށަހަޅައިފިނަމަ، އެ ހުށަހެޅުމާމެދު ގޮތެއް ނިންމުމުގެ ކުރިން އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. ޓެކްސް ބަޔާން ހުށަހެޅުމާއި ޓެކްސް ދެއްކުމުގައި އެފަރާތުގެ އަމަލު މާޒީގައި ހުރިގޮތް؛
  2. މާލީ ރިޕޯޓްތައް ހުށަހެޅުމުގައި އެފަރާތުން ކުރިން އަމަލުކޮށްފައިވާ ގޮތް؛
  3. އެފަރާތަކުން ވިއްކާ ހިދުމަތުގެ ކުޑަބޮޑުމިން.

(ށ) މި މާއްދާގައިވާ ގޮތުގެމަތިން ޓެކްސް ދައްކަންޖެހޭ މުއްދަތު ބަދަލުކުރުމަށް ކޮމިށަނަރ ޖެނެރަލް ނިންމައިފިނަމަ، އެ ނިންމުމަށް އަމަލުކުރަން ފެށޭނީ، އެ ހުށަހެޅުން ހުށަހެޅިއިރު ހިނގަމުންދާ ޓެކްސްގެ މުއްދަތު ނިމުމުންނެވެ.

 

12 ވަނަ މާއްދާ - މި ގާނޫނުގައި ކަނޑައަޅާފައިވާ ހާލަތެއް ބަދަލުވެއްޖެނަމަ އެކަން އެންގުން

(ހ) މި ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޓެކްސް ދައްކަންޖެހޭ މުއްދަތު ހިނގަމުން ދަނިކޮށް، އެ މުއްދަތު ނިމޭ ތާރީހު ޖެހުމުގެ ކުރިން ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ހާލަތެއް މެދުވެރިވި ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޮމިށަނަރ ޖެނެރަލްއަށް އެކަން ހުށަހަޅަންވާނެއެވެ.

  1. ރަޖިސްޓަރީކޮށްފައިވާ ފަރާތް މަރުވުން ނުވަތަ އިފްލާސްކުރުން؛
  2. ކުންފުނި އުވާލުމަށް ކުންފުނިން ނިންމުން ނުވަތަ ކުންފުނި އުވާލުމަށް ކޯޓަށް ހުށަހެޅުން ނުވަތަ ރަޖިސްޓަރީކޮށްފައިވާ ފަރާތަކީ ދަރަނި އަދާކުރުމަށް ނުކުޅެދިފައިވާ ފަރާތެއްކަމަށް ގާނޫނުގެ ދަށުން ނުވަތަ އެފަރާތުން އަމިއްލައަށް ކަނޑައެޅުން ނުވަތަ ގާނޫނުގައިވާ ގޮތުގެމަތިން އެފަރާތެއްގެ ވިޔަފާރި އެހެން ފަރާތަކާ ހަވާލުކުރެވިފައިވުން ނުވަތަ އެފަރާތުން ކުރަމުންއައި ވިޔަފާރި އެހެން ފަރާތަކާ އެއްކޮށްލުން ނުވަތަ އެއްވެސް ސަބަބަކާހުރެ އެފަރާތުގެ ވިޔަފާރި ހުއްޓުމަކަށް އައުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ޓެކްސްގެ މުއްދަތު ނިމޭ ތާރީހު ކަމަށް ބަލާނީ، މި މާއްދާގެ (ހ) ގެ (1) އާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތް މެދުވެރިވި ތާރީހެވެ.

  

ޓެކްސް ބަޔާން

13 ވަނަ މާއްދާ - ޓެކްސް ބަޔާން

ކޮންމެ ޓެކްސްގެ މުއްދަތަކަށް ދައްކަންޖެހޭ ޓެކްސްގެ މިންވަރު މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހިސާބުކުރުމަށްފަހު، އެފަރާތަކުން އެ މުއްދަތުގައި ދައްކަންޖެހޭ ޓެކްސްގެ އަދަދު ބަޔާންކުރާ ޓެކްސް ބަޔާނެއް، ރަޖިސްޓަރީކޮށްފައިވާ ކޮންމެ ފަރާތަކުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

 

14 ވަނަ މާއްދާ - ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ތާރީހު

މި ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާން ހުށަހަޅާނީ އަންނަނިވި ތާރީހުތަކުގައި ނުވަތަ އެ ތާރީހުތަކުގެ ކުރިންނެވެ.

(ހ) ޓެކްސްގެ މުއްދަތު ނިމޭ ތާރީހުން ފެށޭ މަހުގެ 28 ވަނަ ދުވަސް. އަދި މަހުގެ 28 ވަނަ ދުވަހަކީ ހަފްތާ ބަންދު ނުވަތަ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ، ދެން އެންމެ އަވަހަށް ސަރުކާރުގެ އޮފީސްތައް ހުޅުވާ ދުވަސް.

(ށ) މަގުބޫލު އެއްވެސް ސަބަބަކާހުރެ، ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ތާރީހު ފަސްކުރުމަށް ކޮމިށަނަރ ޖެނެރަލް ނިންމައިފިނަމަ އެގޮތުން ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ ތާރީހު.

 

15 ވަނަ މާއްދާ - ޓެކްސް ދައްކަންޖެހޭ ފަރާތެއް މަރުވުން ނުވަތަ އެފަރާތެއްގެ ވިޔަފާރި ހުއްޓުން

ޓެކްސް ދައްކަންޖެހޭ ފަރާތެއް މަރުވެއްޖެނަމަ، ނުވަތަ ޓެކްސް ދައްކަންޖެހޭ ފަރާތެއްގެ ވިޔަފާރި ހުއްޓުމަކަށް އަތުވެއްޖެނަމަ، އެ ހާލަތް މެދުވެރިވާއިރު ހިނގަމުންދާ ޓެކްސްގެ މުއްދަތުގެ އެ ބަޔަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާން، އެކަން ކުރުމަށް ގާނޫނީ ގޮތުން ހަވާލުވާންޖެހޭ ފަރާތުން ހުށަހަޅާނީ އެ ޓެކްސްގެ މުއްދަތު ނިމޭ ތާރީހުން ފެށޭ މީލާދީ މަހުގެ 28 ވަނަ ދުވަހު ނުވަތަ އެ ތާރީހުގެ ކުރިންނެވެ.

 

16 ވަނަ މާއްދާ - ޓެކްސް ބަޔާނުގައި ހުންނަންޖެހޭ މައުލޫމާތު

މި ގާނޫނުގެ ދަށުން ޓެކްސް ދެއްކުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ހުށަހަޅާ ޓެކްސް ބަޔާނުގައި އަންނަނިވި މައުލޫމާތު ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް ހިމަނަންވާނެއެވެ.

(ހ) ނަމާއި އެޑްރެހާއި، ރަޖިސްޓަރީ ނަންބަރާއި ޓެކްސް އައިޑެންޓިފިކޭށަން ނަންބަރު (ޓީ.އައި.އެން) ؛

(ށ) ޓެކްސްގެ މުއްދަތު؛

(ނ) ހިދުމަތް ވިއްކި އަގު، ވިއްކި ހިދުމަތުގެ ޖުމްލަ އަގު، އަދި ވިއްކި ހިދުމަތަށް ދައްކަންޖެހޭ ޓެކްސްގެ އަދަދު؛ އަދި

(ރ) ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ މިނޫންވެސް މައުލޫމާތު.

 

17 ވަނަ މާއްދާ - ޓެކްސް ބަޔާން ތައްޔާރުކުރި ފަރާތް

ކަނޑައެޅިގެން އެހެންގޮތަކަށް ސާބިތުނުވާނަމަ، އެމީހެއްގެ ފަރާތުން ނުވަތަ އެ ކުންފުންޏެއްގެ ފަރާތުން މި ގާނޫނުގެ ދަށުން ހުށަހަޅާ ޓެކްސް ބަޔާން ތައްޔާރުކޮށްފައިވަނީ ސީދާ އެފަރާތުން ނުވަތަ އެފަރާތުން ހުއްދަ ދީގެންކަމަށް ބަލަންވާނެއެވެ.

 

18 ވަނަ މާއްދާ - ޓެކްސް ދެއްކުން

ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން މި ގާނޫނުގައިވާ ގޮތުގެމަތިން ކޮންމެ ޓެކްސްގެ މުއްދަތަކަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާން ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން، އެ ޓެކްސް މުއްދަތަކަށް އެފަރާތަކުން ދައްކަންޖެހޭ ޓެކްސް، މި ގާނޫނާ އެއްގޮތަށް ހިސާބުކުރުމަށްފަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަންވާނެއެވެ.

 

19 ވަނަ މާއްދާ - ދައްކަންޖެހޭ ޓެކްސްއަކީ ދަރަންޏެއް

މި ގާނޫނުގެ ދަށުން ދައްކަންޖެހޭ ކޮންމެ ޓެކްސްއަކީ އެފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ދަރަންޏެއްކަމަށް ބެލެވޭނެއެވެ. އަދި ދައުލަތަށް ދައްކަންޖެހޭ ދަރަންޏެއްގެ ގޮތުގައި އެ ފައިސާ ހޯދުމުގެ ބާރު ކޮމިށަނަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

  

ޓެކްސް ހިސާބުކުރާ ގޮތް

20 ވަނަ މާއްދާ - ޓެކްސް ހިސާބުކުރުމުގެ އަސާސް

(ހ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި ގާނޫނުގެ ދަށުން ދައްކަންޖެހޭ ޓެކްސް ހިސާބުކުރުމުގައި، ހިސާބުކުރުމުގެ އަސާސްއަކަށް ބޭނުންކުރަންވާނީ އިންވޮއިސްއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ކޮމިށަނަރަށް ލިޔުމަކުން ހުށަހަޅައިފިނަމަ، އަދި މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ށަރުތެއް ފުރިހަމަވާނަމަ، މި ގާނޫނުގެ ދަށުން ދައްކަންޖެހޭ ޓެކްސް ހިސާބުކުރުމުގައި، އިންވޮއިސްގެ އަސާސް ފިޔަވައި ތިރީގައި ބަޔާންކޮށްފައިވާ އެހެން އަސާސްއަކަށް ބިނާކޮށް، ޓެކްސްގެ ހިސާބު ތައްޔާރުކުރުމުގެ ހުއްދަ ކޮމިށަނަރ ޖެނެރަލްއަށް ދެވިދާނެއެވެ.

  1. ޕޭމަންޓް އަސާސް؛
  2. ހައިބްރިޑް އަސާސް.

(ނ) މި ގާނޫނުގެ ދަށުން ދައްކަންޖެހޭ ޓެކްސް ހިސާބުކުރުމުގައި އިންވޮއިސްގެ އަސާސް ފިޔަވައި އެހެން އަސާސްއަކަށް ބިނާކޮށް ޓެކްސް ހިސާބުކުރުމުގެ ހުއްދަ ދެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތެއް ފުރިހަމަވާނަމައެވެ.

  1. ލޯކަލް ކައުންސިލް ނުވަތަ އެނޫންވެސް މުނިސިޕަލް އިދާރާއެއް ނުވަތަ ސަރުކާރުގެ އިދާރާއަކަށްވުން؛
  2. ފައިދާއަށް ނޫންގޮތަކަށް ހިދުމަތްދޭ ފަރާތެއް ކަމަށްވުން؛
  3. ޓެކްސް ދައްކަންޖެހޭ ފަރާތަކަށް އަހަރަކު ލިބޭ ޓެކްސް ދައްކަންޖެހޭ އާމްދަނީ 50,000 (ފަންސާސްހާސް) އެމެރިކާ ޑޮލަރަށްވުރެ ކުޑަ ފަރާތަކަށްވުން.

 

21 ވަނަ މާއްދާ - ޓެކްސް ހިސާބުކުރުމުގެ އަސާސް ބަދަލުވުން

(ހ) ޓެކްސް ހިސާބުކުރަންޖެހޭ އަސާސް ބަދަލުވެއްޖެނަމަ، ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ ނަމޫނާއާ އެއްގޮތްވާ ގޮތުގެމަތިން ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ މައުލޫމާތު ރަޖިސްޓަރީކޮށްފައިވާ ފަރާތުން ކޮމިށަނަރ ޖެނެރަލްއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހަޅާނީ ހިނގަމުންދާ ޓެކްސް މުއްދަތުގެ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ އެންމެފަހު ދުވަހު ނުވަތަ އެ ތާރީހުގެ ކުރިންނެވެ.

 

22 ވަނަ މާއްދާ - ޓެކްސް ހިސާބުކުރުމުގެ އަސާސް ބަދަލުވުމުން ހުށަހަޅަންޖެހޭ ލިޔުންތައް

މި ގާނޫނުގެ 20 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންވޮއިސްގެ އަސާސްއިން ޕޭމަންޓް އަސާސްއަށް ނުވަތަ ޕޭމަންޓް އަސާސްއިން އިންވޮއިސް އަސާސްއަށް ޓެކްސް ހިސާބު ތައްޔާރުކުރުމުގެ ހުއްދަ ކޮމިށަނަރ ޖެނެރަލް ދީފިނަމަ އަންނަނިވި ލިޔުންތައް ރަޖިސްޓަރީކޮށްފައިވާ ފަރާތުން ކޮމިށަނަރަށް ހުށަހަޅަންވާނެއެވެ.

(ހ) ޓެކްސް ދައްކަންޖެހޭ ހަރަކާތާ ގުޅިގެންހުރި ކްރެޑިޓަރުންގެ ލިސްޓަކާއި ޓެކްސްގެ މުއްދަތުގެ ނިޔަލަށް އެ ކްރެޑިޓަރުން ދައްކަންހުރި ފައިސާގެ އަދަދު؛

(ށ) ޓެކްސް ދައްކަންޖެހޭ ހަރަކާތާ ގުޅިގެން އެކިއެކި ފަރާތްތަކަށް، ޓެކްސްގެ މުއްދަތުގެ ނިޔަލަށް ދައްކަންހުރި ދަރަނިތަކާއި އެ ދަރަނިތައް ލިބެންޖެހޭ ފަރާތްތަކުގެ ތަފްސީލީ ލިސްޓެއް؛

(ނ) ހައިބްރިޑް އަސާސްއަކަށް ޓެކްސްގެ ހިސާބު ހެދުމުގެ ހުއްދަ ދެވިފައިވާނަމަ، ޓެކްސްގެ މުއްދަތުގެ ނިޔަލަށް ހުރި ކްރެޑިޓާއި ދަރަނިތަކުގެ ތަފްސީލީ ލިސްޓެއް.

 

23 ވަނަ މާއްދާ - ދައްކަންޖެހޭ ޓެކްސްއިން އެއްވެސް އަދަދެއް އުނިކުރުން

ދައްކަންޖެހޭ ޓެކްސްއިން އެ އަދަދެއް އުނިކުރަން މި ގާނޫނުން ކަނޑައެޅިގެން ހުއްދަ ދީފައިވާ އަދަދުތައް ފިޔަވައި، ޓެކްސް ދައްކަންޖެހޭ އަދަދުން އެއްވެސް މިންވަރެއް އުނިކުރެވޭނީ އެކަމެއް ކޮމިށަނަރ ޖެނެރަލްއަށް ހުށަހަޅައި އެ އަދަދަކީ މި ގާނޫނުގެ ދަށުން އުނިކުރެވިދާނެ އަދަދެއްކަމަށް ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ އަދަދުތަކެވެ.

 

24 ވަނަ މާއްދާ - ޓެކްސްގެ އަދަދުން އުނިކުރުމަށް މި ގާނޫނު ހުއްދަ ކުރާ އަދަދުތައް

ކޮންމެ ޓެކްސް މުއްދަތަކަށް ދައްކަންޖެހޭ ޓެކްސްގެ އަދަދު ހިސާބުކުރުމުގައި، ތިރީގައި ބަޔާންކޮށްފައިވާ ހިދުމަތުގެ އަގުތަކާއި އަދަދުތައް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދުން އުނިކުރެވިދާނެއެވެ.

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ މުވައްޒަފުންނަށް ނުވަތަ އެ ކުންފުނި ހިމެނޭ ގްރޫޕުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ނުވަތަ އެ ކުންފުންޏަކުން ހިންގާ އެހެން ތަނެއްގެ މުވައްޒަފުންނަށް ދެވޭ ހިދުމަތުގެ އަގުން ޓެކްސްގެ މިންވަރަށް ޖެހޭ އަދަދު؛

(ށ) ޓެކްސް ދެއްކުމުން އެހެން ގާނޫނަކުން އިސްތިސްނާކޮށްފައިވާ ފަރާތްތަކަށް ދެވޭ ހިދުމަތުގެ އަގުން ޓެކްސްގެ މިންވަރަށް ޖެހޭ އަދަދު؛

(ނ) މުދަލުގެ އަގުން ނުވަތަ ހިދުމަތުގެ އަގުން ނެގޭ އެހެން ޓެކްސްއެއް ނުވަތަ އިންވޮއިސްގައި އެހެން ޓެކްސްއެއް ބަޔާންކޮށްފައިވާނަމަ، އެ ޓެކްސްގެ އަދަދު؛

(ރ) މި ގާނޫނުގެ ދަށުން ޓެކްސް ނެގިފައިވާ ފައިސާއަކުން ދައްކާ އަގު ނުވަތަ ކުލި ނުވަތަ ރީއިމްބަރސްމަންޓް.

 

25 ވަނަ މާއްދާ - ހިނގަމުންދާ ޓެކްސްގެ މުއްދަތުގެ ޓެކްސްގެ އަދަދު ހިސާބު ކުރުމުގައި ކުރީގެ ޓެކްސްގެ މުއްދަތެއްގެ އަދަދުން އުނިކުރުން

ކުރީގެ ޓެކްސް މުއްދަތަކަށް ޓެކްސް ދައްކަންޖެހޭ ޓެކްސްގެ އަދަދު ހިސާބުކުރުމުގައި އުނިނުކުރެވި ވާ އަންނަނިވި ބާވަތްތަކުގެ އަދަދުތައް ހިނގަމުންދާ ޓެކްސް މުއްދަތަށް ދައްކަންޖެހޭ ޓެކްސްގެ އަދަދުން އުނިކުރެވިދާނެއެވެ.

(ހ) އުނިކުރެވޭ އަދަދާމެދު ހިލާފު އުފެދުމުގެ ސަބަބުން އުނިނުކުރެވި ވާ އަދަދެއް؛

(ށ) ޓެކްސް ހެދުމުގައި ހެދިފައިވާ ހިސާބުގެ ކުށެއް.

 

26 ވަނަ މާއްދާ - ހިލާފު އުފެދިފައިވާ އަގާމެދު ކަންކުރާނެ ގޮތް

ވިއްކުނު އެއްޗެއްގެ ނުވަތަ ދެވުނު ހިދުމަތުގެ އަގާމެދު އެ އެއްޗެއް ގަތް ފަރާތާ ނުވަތަ ހިދުމަތް ލިބިގަތް ފަރާތާއި ރަޖިސްޓަރީކޮށްފައިވާ ފަރާތާ ދެމެދު ހިލާފު އުފެދިފައިވާނަމަ، އެ އަދަދެއް ޑެބިޓް ނުވަތަ ކްރެޑިޓް ނޯޓަކުން އެނގެން އޮންނަންވާނެއެވެ. އަދި އެ ދެބަސްވުމެއް ހައްލުވުމުން ދައްކާފައިވާ ޓެކްސްއިން އެ އަދަދެއް އަޅައިކެނޑިދާނެއެވެ.

 

27 ވަނަ މާއްދާ - ރީއިމްބަރސްމަންޓްގެ ގޮތުން ނުވަތަ ހުކުމަކުން ނުވަތަ އެވޯޑެއްގެ ދަށުން ނުވަތަ އެއްބަސްވުމެއްގެ ދަށުން ލިބޭ ފައިސާ

ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ވިއްކާފައިވާ އެއްޗަކާ ނުވަތަ ދީފައިވާ ހިދުމަތަކާ ގުޅިގެން ރީއިމްބަރސްމަންޓްގެ ގޮތުގައި ނުވަތަ ކޯޓުގެ ހުކުމެއްގެ ދަށުން، ނުވަތަ އާބިޓްރަލް އެވޯޑެއްގެ ދަށުން، ނުވަތަ ހިލާފު އުފެދޭ ކަމަކާ ގުޅިގެން ސެޓްލްމަންޓްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ލިބޭ ފައިސާގެ ތެރެއިން މި ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންވެފައިވާ ޓެކްސް ކުރިން ދައްކާފައިނުވާނަމަ، އެ ނިސްބަތް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭނެއެވެ.

 

28 ވަނަ މާއްދާ - ހިސާބުގައި ފަރަގެއް ހުރެގެން ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ އަދަދު

ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ދައްކަންޖެހޭ ޓެކްސްގެ މިންވަރު ތަހުގީގުކުރުމުގައި ކޮމިށަނަރ ޖެނެރަލް ކުރާ ހިސާބާ ގުޅިގެން ޓެކްސް ދައްކަންޖެހޭ އަދަދުގައި ފަރަގެއް ހުރިކަމަށް ކޮމިށަނަރަށް ފެނިއްޖެނަމަ، ފަރަގުގެ ގޮތުގައި އުނިވާކަމަށް އެ ދައްކާ އަދަދަކީ، ރަޖިސްޓަރީކޮށްފައިވާ ފަރާތުން ދައްކަންޖެހޭ ޓެކްސްއެއްކަމުގައި ބަލަންވާނެއެވެ. އަދި އިތުރުވާ އަދަދު ޖެހިގެން އަންނަ ޓެކްސްގެ މުއްދަތުގައި ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދުން އުނިކުރުމުގެ ހުއްދަ ކޮމިށަނަރ ޖެނެރަލް އެފަރާތަކަށް ދޭންވާނެއެވެ.

 

29 ވަނަ މާއްދާ - ކޮމްޕްލިމެންޓަރީ އުސޫލުން ދެވޭ ހިދުމަތް

ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ކުރަމުންދާ ވިޔަފާރީގެ ތެރޭގައި ކޮމްޕްލިމެންޓަރީ އުސޫލުން ދޭ ހިދުމަތްތަކަށް މި ގާނޫނުގެ ދަށުން ޓެކްސް ދެއްކުމުން އިސްތިސްނާކުރެވިފައިވެއެވެ. ނަމަވެސް އަހަރެއްގެ ތެރޭގައި އިސްތިސްނާކުރެވޭ ހިދުމަތުގެ އަގު އެތަނަކުން ވިއްކާ ހިދުމަތްތަކުގެ ޖުމްލަ އަގުގެ %1.5 (އެކެއް ޕޮއިންޓް ފަހެއް އިންސައްތަ) އަށްވުރެ އިތުރުވެއްޖެނަމަ، އެ ހިދުމަތަށް އާންމުކޮށް ކަނޑައެޅިފައިވާ ރޭޓުން ޓެކްސް ދައްކަންވާނެއެވެ.

 

ޓެކްސް އިންވޮއިސް

30 ވަނަ މާއްދާ - ޓެކްސް އިންވޮއިސް

(ހ) މި މާއްދާގައި ކަނޑައެޅިގެން އިސްތިސްނާކޮށްފައިވާ ހާލަތްތަކުގައި ފިޔަވައި، ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ހިދުމަތްދިނުމަށްފަހު، އެ ހިދުމަތް ލިބުނު ފަރާތުން އެދިއްޖެނަމަ، ލަސްވެގެން 28 (އަށާވީސް) ދުވަހުގެ ތެރޭގައި ޓެކްސް އިންވޮއިސް އެފަރާތަކަށް ދޭންވާނެއެވެ. އަދި އެ ޓެކްސް އިންވޮއިސްގައި ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ފާޅުކަންބޮޑު ގޮތެއްގައި ފެންނާނެހެން "ޓެކްސް އިންވޮއިސް" މިގޮތަށް ލިޔެފައި އޮތުން؛
  2. ހިދުމަތްދޭ ފަރާތުގެ ނަން؛
  3. ހިދުމަތް ލިބިގަތް ފަރާތުގެ ނަމާއި އެޑްރެސް؛
  4. އިންވޮއިސް ނަންބަރު؛
  5. ޓެކްސް އިންވޮއިސް ހެދި ތާރީހު؛
  6. ހިދުމަތުގެ ތަފްސީލް؛
  7. ޖުމްލަ އަގު، ޓެކްސް ނެގުމުގެ ކުރީގެ އަގު، ޓެކްސްގެ މިންވަރު، ޓެކްސްގެ މިންވަރާއެކު ޖުމްލަ.

(ށ) އެއް މުއާމަލާތަކާ ގުޅިގެން އެއް ޓެކްސް އިންވޮއިސްއަށްވުރެ ގިނަ ޓެކްސް އިންވޮއިސް ހެދުމަކީ ކުށެކެވެ.

(ނ) ހިދުމަތް ލިބުނު ފަރާތުގެ އަތުގައިވާ ޓެކްސް އިންވޮއިސްގެ އަސްލު ގެއްލިއްޖެކަމަށް ބުނާނަމަ، ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ އަތުގައި އޮތް ކޮޕީއިން ކޮޕީއެއް ހަދައި، އެއީ ކޮޕީއެއްކަމަށް އޭގައި ތައްގަނޑުޖަހައި ސޮއިކުރުމަށްފަހު އޭގެ ކޮޕީއެއް އެފަރާތަށް ދޫކުރެވިދާނެއެވެ.

 

31 ވަނަ މާއްދާ - ދެ މީހަކަށް ވިއްކާ ހިދުމަތް

ދެ މީހަކަށް ހިދުމަތް ވިއްކައިފިނަމަ، އަދި އެ ދެ މީހުން ފައިސާ ދައްކަނީ ދެ މީހުން ބައިވެގެންނަމަ، އެ ދެ މީހުންގެ ނަމުގައި ހަދާނީ އެއް ޓެކްސް އިންވޮއިސްއެވެ.

 

32 ވަނަ މާއްދާ - ރިކޯޑު ބެހެއްޓުން

މި ގާނޫނުގެ ދަށުން ކޮމިށަނަރ ޖެނެރަލް ހަދާ ގަވާއިދުގައި ބަޔާންކުރާ ލިޔެކިޔުންތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ބަހައްޓަންވާނެއެވެ.

 

33 ވަނަ މާއްދާ - އަނބުރައި ނުލިބޭނެ ދަރަނި

ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ދީފައިވާ ހިދުމަތާ ގުޅޭގޮތުން، ދައްކަންޖެހޭ އަގު އަނބުރައި ނުލިބޭނެ ދަރަނީގެ ގޮތުގައި، ފޮތްތަކުން އުނިކުރެވޭނީ ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ އުސޫލަކުންނެވެ. މިގޮތަށް އެފަދަ ދަރަނިތައް ފޮތްތަކުން އުނިކުރެވިއްޖެނަމަ، އެ ދަރަނިތަކާ ގުޅިގެން ދައްކާފައިވާ ޓެކްސް، ޖެހިގެން އަންނަ ޓެކްސްގެ މުއްދަތުގެ ޓެކްސްއިން އުނިކުރެވިދާނެއެވެ.

  

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ބާރު 

34 ވަނަ މާއްދާ - މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ބާރު

(ހ) މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން، އެފަރާތަށް ލިބިފައިވާ މައުލޫމާތާއި ގަބޫލުކުރެވޭގޮތަށް ބަލާފައި އަދި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ހިސާބުތައް އޮޑިޓް ކުރުމުން ރަޖިސްޓަރީކޮށްފައިވާ ފަރާތުން ހުށަހަޅާފައިވާ ޓެކްސް ބަޔާނުގައި ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ޖަހާފައިވަނީ މަދުންކަމަށް ގަބޫލުކުރެވޭ އެ އަދަދެއް، ދެއްކުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމެއް އޮންނަންޖެހޭނީ ލިޔުމަކުންނެވެ. އަދި އެ އެންގުމުގައި ތިރީގައިވާ މައުލޫމާތު ހިމަނަންޖެހޭނެއެވެ.

  1. ހިލާފުވި ފަރާތުގެ ނަމާއި އެޑްރެސް؛
  2. ހިލާފުވި ޓެކްސްގެ މުއްދަތު؛
  3. ހިލާފުވި މުއްދަތުގައި ދެވުނު ހިދުމަތްކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ކަނޑައެޅި އަގު؛
  4. ދައްކަންޖެހޭ ކަމަށް ކަނޑައެޅުނު ޓެކްސްގެ އަދަދު.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޓެކްސް ދައްކަންޖެހޭ ދުވަހު ނުވަތަ އެ ދުވަހުގެ ކުރިން ނުދައްކާ ޓެކްސްއަށް، އެ ޓެކްސް ދައްކަންޖެހޭ ދުވަހުން ފެށިގެން ޓެކްސް ދައްކައި ނިމެންދެން އަހަރަކު %5 (ފަހެއް އިންސައްތަ) ގެ ރޭޓުން ޖޫރިމަނާ ދައްކަންޖެހޭނެއެވެ.

(ރ) މިމާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމެއް ރައްދުވާ ކޮންމެ ފަރާތަކުންވެސް އެ އެންގުމެއް ލިބޭ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ އެންގުމަކަށް އިންކާރުކުރެވިދާނެއެވެ. މި މާއްދާގެ ދަށުން އިންކާރުކޮށް ފޮނުވާ ލިޔުމުގައި އިންކާރުކުރާ ސަބަބުތައް ބަޔާންކުރަންވާނެއެވެ.

(ބ) އިންކާރުކުރާކަމުގެ އެންގުމެއް ލިބުމުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން އެ ބިނާކުރުން އަލުން ބަލަންވާނެއެވެ.

(ޅ) އެކަށީގެންވާ ސަބަބުތަކެއް ހުރެގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ގަބޫލުކުރެވޭ ގޮތުގައި އެ ޓެކްސްއާ ބެހޭގޮތުން އެއްވެސް މީހަކަށް ހެކިބަސް ދެވޭނެކަމަށްވާނަމަ، އެންގުމަކުން އެމީހަކަށް ވަކި ތަނަކަށް، ވަކި ގަޑިއަކަށް ހާޒިރުވާން އަންގައި، ހުވައެއްގެ ދަށުން ނުވަތަ އެނޫން ގޮތަކަށް ވިޔަސް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން އެމީހަކާ ސުވާލުކުރެވިދާނެއެވެ. އެހެންނަމަވެސް، އެއްވެސް މީހަކު ށަރީއަތުގެ މަޖިލީހުގައި ދިނުން ލާޒިމުނުކުރެވޭ އެއްވެސް ހެކިބަހެއް މި މާއްދާގެ ދަށުން ދިނުން ލާޒިމެއް ނުކުރެވޭނެއެވެ.

(ކ) މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ އިންކާރުކުރި ކަމެއް ބަލައި އެކަމަކާމެދު ގޮތެއް ނިންމައި، އަދި ގޮތެއް ނިންމުނުހާ އަވަހަށް އެ އިންކާރުކުރި ފަރާތަށް އޭގެ ނަތީޖާ އަންގަންޖެހޭނެއެވެ.

(އ) މި މާއްދާގެ (ކ) ގައިވާ ގޮތުގެމަތިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ނިންމާ ނިންމުމެއް އިސްތިއުނާފުކުރުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހެޅުމުގެ ހައްގު އިންކާރުކުރާ ފަރާތަށް ލިބިގެންވެއެވެ.

 

35 ވަނަ މާއްދާ - ލިޔެކިޔުންތަކާއި ހިސާބުތައް އޮޑިޓް ކުރުން

ޓެކްސް ދައްކަންޖެހޭ އެއްވެސް މީހަކު ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި، ޓެކްސް ނެގުމަށް ބެލެވޭ އެއްވެސް އަހަރެއްގައި ޓެކްސް ބަޔާނެއް ހުށަހަޅަންޖެހޭ ކޮންމެ މީހަކު ބަލަހައްޓަންޖެހޭ އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ފޮނުވަންޖެހޭ ހިސާބުތަކާއި، އެފަދަ ހިސާބުތައް އޮޑިޓް ކުރުމާ ބެހޭގޮތުން ގަވާއިދު ހެދުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

ޓެކްސް ދެއްކުމުން އެއްކިބާވުން

36 ވަނަ މާއްދާ - ޓެކްސް ދެއްކުމުގެ ޒިންމާއިން އެއްކިބާވުމަށް ނުވަތަ ކުޑަކުރުމަށް އަޅާ ފިޔަވަޅުތައް

(ހ) މިގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން، އެއްވެސް މުއާމަލާތެއްގެ މައިގަނޑު މަގްސަދަކީ ނުވަތަ މައިގަނޑު އެއް މަގްސަދަކީ ޓެކްސް ދެއްކުމުގެ ޒިންމާއިން އެއްކިބާވުން ނުވަތަ ޓެކްސް ދައްކަންޖެހޭ މިންވަރު ކުޑަކުރުން ކަމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ގަބޫލުކުރެވޭވަރުގެ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ބާރުތަކުންކުރެ ބާރެއް ބޭނުންކުރުމުގެ ހައްގު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޓެކްސް ދެއްކުމުގެ ޒިންމާއިން އެއްކިބާވެފައިވަނީ ނުވަތަ ޓެކްސް ދައްކަންޖެހޭ މިންވަރު ކުޑަކޮށްފައިވަނީ، ދޭއް ނުވަތަ އެއަށްވުރެ ގިނަ މުއާމަލާތުތަކެއްގެ ނަތީޖާ އެއްކުރުމުން ކަމަށްވީނަމަވެސް، ނުވަތަ ދޭއް ނުވަތަ އެއަށްވުރެ ގިނަ މުއާމަލާތުތަކާއި ކުންފުންޏެއް އުވާލުމުގެ ނަތީޖާ އެއްކުރުމުން ކަމަށްވީނަމަވެސް، ނުވަތަ އާ ކުންފުންޏެއް އުފެއްދުމުން ކަމަށްވީނަމަވެސް، ނުވަތަ އެހެން ފަރާތަކާއެކު ކުރާ މުއާމަލާތަކުން ކަމަށްވީނަމަވެސް މި މާއްދާގެ (ހ) ހިނގާނެއެވެ.

(ނ) އިންސާފުވެރި އަދި އަދުލުވެރިގޮތެއް ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ފެންނަ ހާލަތްތަކުގައި، އެ އޮތޯރިޓީއަށް ތިރީގައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އެންގިދާނެއެވެ.

  1. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ނަޒަރުގައި އެއްކިބާކުރެވުނު ނުވަތަ ކުޑަކުރެވުނު ޓެކްސްގެ އަދަދަށްވުރެ އިތުރުނުވާ އަދަދެއް ޓެކްސްގެ ގޮތުގައި ބިނާކުރެވިއްޖެކަން އެންގުން؛
  2. ދައްކާފައިވާ ޓެކްސްގެ އަދަދެއް އަނބުރާ ދައްކަންޖެހުން ބާތިލުކުރެވޭ އެންގުމެއް ނެރުން؛ ނުވަތަ
  3. ދައްކާފައިވާ ޓެކްސްގެ އަދަދެއް އަނބުރާ ދައްކާފައިވާނަމަ، އެ އަދަދެއް އަނެއްކާ ދެއްކުމަށް ވަކި މުއްދަތެއް ކަނޑައަޅައި އެ މުއްދަތުގެ ތެރޭގައި އެ އަދަދު ދެއްކުމަށް އެންގުން.

 (ރ) މި މާއްދާގެ (ނ) ގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން އަންގާ އެންގުމަކަށް އިންކާރުކުރާ ފަރާތުން މި ގާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އެ އެންގުމަކާމެދު އަމަލުކުރެވިދާނެއެވެ.

  

ރަޖިސްޓަރީކުރުން

37 ވަނަ މާއްދާ – ރަޖިސްޓަރީކުރުން

(ހ) މި ގާނޫނު ފާސްވާއިރު، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގަމުން ގެންދާ ޓޫރިސްޓް ރިޒޯޓުތަކާއި ހޮޓާތަކާއި ޕިކްނިކް އައިލެންޑްތަކާއި ގެސްޓް ހައުސްތަކާއި ޓޫރިސްޓް އުޅަނދުތަކާއި އަދި މީގެއިތުރުން އެފަދަ ތަންތަނުގައި ހިދުމަތްދިނުމަށް ގާއިމުކޮށް ހިންގަމުންދާ އެންމެހައި ތަންތަނާއި މި ގާނޫނުގައި ބަޔާންކޮށްފައިވާ މިނޫންވެސް ހިދުމަތްތައް ދޭ ފަރާތްތަކުން މި ގާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ގޮތުގައި މި ގާނޫނު ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ށ) މި ގާނޫނު ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން ސަރުކާރުގެ ކަމާބެހޭ ފަރާތުގައި ރަޖިސްޓަރީކޮށް ހިންގުމުގެ ހުއްދަ ދެވޭ ޓޫރިސްޓް ރިޒޯޓު، ހޮޓާ، ޕިކްނިކް އައިލެންޑް، ގެސްޓް ހައުސް އަދި ޓޫރިސްޓް އުޅަނދުތަކާއި އެފަދަ ތަންތަނުގައި ހިދުމަތްދިނުމަށް ގާއިމުކުރާ އެންމެހައި ތަންތަނާއި މި ގާނޫނުގައި ބަޔާންކޮށްފައިވާ މިނޫންވެސް ހިދުމަތްދޭ ތަންތަން މި ގާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ގޮތުގައި އެތަނެއްގައި ހިދުމަތްދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތުން ހުއްދަ ދޭ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓަރީކުރަންވާނެއެވެ.

 

38 ވަނަ މާއްދާ - ރަޖިސްޓަރީކުރަން ހުށަހެޅުން

މި ގާނޫނުގެ 37 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން މި ގާނޫނުގެ ދަށުން ޓެކްސް ދެއްކުމަށްޓަކައި، ރަޖިސްޓަރީކުރުމަށް ހުށަހަޅާނީ މި ގާނޫނުގެ ދަށުން ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ ފޯމެއް ފުރުމަށްފަހު، ކަނޑައަޅާ މައުލޫމާތަކާއެކުގައެވެ.

 

39 ވަނަ މާއްދާ - މި ގާނޫނުގައި ބަޔާންކުރާ ހިދުމަތެއް ރަޖިސްޓަރީ ނުކޮށްދިނުން

މި ގާނޫނުގައި ބަޔާންކޮށްފައިވާ ހިދުމަތެއް، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަކާ ނުލައި ދީފިނަމަ، ބެލެވޭނީ އެފަރާތަކީ މި ގާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތެކޭ އެއްފަދައިން ޓެކްސް ދައްކަންޖެހޭ ފަރާތެއް ކަމަށެވެ.

 

40 ވަނަ މާއްދާ - ހިންގުމުގެ ހުއްދަ ސަރުކާރުން ބާތިލުކުރުމަށްފަހު ވިއްކާ ތަކެއްޗާއި ދޭ ހިދުމަތް

މި ގާނޫނުގައި ބަޔާންކޮށްފައިވާ އެއްޗެއް ވިއްކާ ނުވަތަ ހިދުމަތެއް ދޭ ތަނެއް އޮޕަރޭޓްކުރުމުގެ ހުއްދަ، ސަރުކާރުގެ ކަމާބެހޭ ފަރާތުން ބާތިލުކުރުމަށްފަހުވެސް، އެފަދަ ފަރާތަކުން މި ގާނޫނުގައި ބަޔާންކޮށްފައިވާ ހިދުމަތެއް ދީފިނަމަ، އެފަރާތެއް ބެލެވޭނީ މި ގާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހޭނެ ފަރާތެއް ކަމަށެވެ.

 

41 ވަނަ މާއްދާ - ހިދުމަތްދިނުން ހުއްޓާލުން

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ހިދުމަތެއް ދެމުންގެންދިޔަ ފަރާތަކުން، އެ ހިދުމަތެއް ދިނުން ހުއްޓާލައިފިނަމަ، އެކަމަށް ކަނޑައެޅިފައިވާ ފޯމަކުން، ޓެކްސް ދެއްކުމުގެ ރަޖިސްޓަރީއިން އުނިކޮށްދިނުމަށް އެދި 7 (ހަތެއް) ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ރަޖިސްޓަރީއިން އުނިވުމަށް އެދި ހުށަހަޅާ ފަރާތަކުން، އެ ހިދުމަތްދިނުން ހުއްޓާލާފައިވާކަމަށް ކޮމިށަނަރ ޖެނެރަލްއަށް ގަބޫލުކުރެވޭނަމަ، ޓެކްސް ދެއްކުމުގެ ރަޖިސްޓަރީއިން އެފަރާތެއް އުނިކޮށް އެފަރާތަކަށް އެކަން އަންގަންވާނެއެވެ.

 

42 ވަނަ މާއްދާ - މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް އަންގަންޖެހޭ ކަންކަން

އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެނަމަ، އެކަމެއް ހިނގާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަމެއް، ރަޖިސްޓަރީވެފައިވާ ފަރާތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް އަންގަންވާނެއެވެ.

(ހ) ރަޖިސްޓަރީވެފައިވާ ފަރާތުގެ ނަން، އެޑްރެސް، އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ނުވަތަ ކުރަމުންދާ ވިޔަފާރީގެ ބާވަތާއި ޒާތަށް އެއްވެސް ބަދަލެއް އައުން؛

(ށ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ އެހެންފަރާތަކާ ބައިވެރިވުން، ނުވަތަ އެއްކޮށްލުން ނުވަތަ އެއްވެސް ބާވަތެއްގެ ގާނޫނީ ގުޅުމެއް އުފެދުން؛

(ނ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ހިއްސާ ނުވަތަ މާލީ މަސްލަހަތު ހިމެނޭ، ނުވަތަ އެފަރާތުގެ ހިއްސާދާރުން ނުވަތަ ޑިރެކްޓަރުންގެ މާލީ މަސްލަހަތު ހިމެނޭ ކުންފުންޏެއް ނުވަތަ ވިޔަފާރި ޖަމާއަތެއް ބިދޭސީ ގައުމެއްގައި ގާއިމުކުރުން.

  

ކުށާއި އަދަބުތައް

43 ވަނަ މާއްދާ - ޓެކްސް ދެއްކުމުން އެއްކިބާވުމާގުޅޭ ކުށްކުށް

(ހ) މި މާއްދާއަށް އަމަލުކުރާނީ މީހަކު އެނގިހުރެ އަދި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ގަސްދުގައި ނުވަތަ އެހެން އެއްވެސް މީހަކު ޓެކްސް ދެއްކުމުން އެއްކިބާވުމަށް އެހީތެރިވުމުގެ ގަސްދުގައި އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްފިނަމައެވެ.

  1. ޓެކްސް ބަޔާނެއް ނުފޮނުވުން ނުވަތަ ޓެކްސް ނެގުމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އަންގަންޖެހޭ އެއްވެސް އެންގުމެއް ނުވަތަ ދޭންޖެހޭ އެއްވެސް މައުލޫމާތެއް ނުދީ ހުރުން؛ ނުވަތަ
  2. އެއްވެސް ޓެކްސް ބަޔާނެއްގައި ދޮގު މައުލޫމާތެއް ނުވަތަ ދޮގު ބަޔާނެއް ދިނުން؛ ނުވަތަ
  3. މި ގާނޫނުގެ ދަށުން ކުރެވޭ ސުވާލުތަކަށް ނުވަތަ މައުލޫމާތު ދިނުމަށް ބުނުމުން އަނގަބަހުން ނަމަވެސް ނުވަތަ ލިޔުމުން ނަމަވެސް ދޮގު ޖަވާބު ދިނުން؛ ނުވަތަ
  4. ދޮގު ހިސާބުތަކެއް އެކުލެވޭ ލިޔުންތަކެއް ތައްޔާރުކުރުން ނުވަތަ ބެލެހެއްޓުން ނުވަތަ އެފަދަ ލިޔުންތަކެއް ތައްޔާރުކުރުމަށް ނުވަތަ ބެލެހެއްޓުމަށް ހުއްދަ ދިނުން، ނުވަތަ ހިސާބުތަކެއް އެކުލެވޭ ލިޔުންތަކެއް އޮޅުވާލުން ނުވަތަ އޮޅުވާލުމަށް ހުއްދަ ދިނުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްވެސް އަމަލެއް ކޮށްފި މީހަކު އެކުރީ ކުށެކެވެ. މި ކުށުގެ އަދަބަކީ 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 3 (ތިނެއް) މަސްދުވަހާއި 18 (އަށާރަ) މަސްދުވަހާ ދެމެދު މުއްދަތަކަށް ގޭގައި ބަންދުކުރުން ނުވަތަ ޖަލަށްލުން ނުވަތަ ޖޫރިމަނާކުރުމާއެކު ގޭގައި ބަންދުކުރުން ނުވަތަ ޖަލަށްލުމެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްވެސް އަމަލެއް ކޮށްފިނަމަ، މި މާއްދާގެ (ށ) ގެ ދަށުން ދެވޭ އަދަބެއްގެ އިތުރުން، ކުށްކުރި މީހާއަށް ދެވޭ މަދަނީ އަދަބެއްގެ ގޮތުން، އެ ކުށެއް ކުރިއިރު ހިނގަމުންދިޔަ ނުވަތަ އެ ކުށެއް އަމާޒުކޮށްފައިވާ ޓެކްސް ނެގުމަށް ބެލެވޭ މުއްދަތަށް ދައްކަންޖެހޭ ޓެކްސްގެ އަދަދުގެ ދެގުނައާ އެއްވަރު އަދަދެއް އެފަރާތުން ދައްކަންޖެހޭނެއެވެ.

(ރ) މި މާއްދާގެ ދަށުން ބަލަމުންދާ މައްސަލައެއްގައި، އެއްވެސް ބަޔާނެއްގައި ދޮގު މައުލޫމާތެއް ހިމަނާފައިވަނީ ވަކި މީހަކު ނުވަތަ އެމީހެއްގެ ފަރާތުންކަން، ނުވަތަ އެ ދޮގު މައުލޫމާތެއް ހިމަނާފައިވަނީ އެމީހަކު ނޫނީ އޭނާގެ ފަރާތުން ބަލަހައްޓާ ހިސާބުތައް އެކުލެވޭ ލިޔުންތަކުގައި ނުވަތަ އެފަދަ އެހެން ލިޔެކިޔުމެއްގައިކަން ސާބިތުކުރެވިއްޖެނަމަ، މިއާ ހިލާފަށް ކަންތައް ހިނގާދިޔަކަން ސާބިތުކުރެވެންދެން، އޭނާ އެ ދޮގު މައުލޫމާތެއް ދީފައިވަނީ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ގަސްދުގައި ކަމަށް ބެލެވޭނެއެވެ.

 

44 ވަނަ މާއްދާ - ޓެކްސް ބަޔާން ހުށަނޭޅުމާއި ނުރަނގަޅު ޓެކްސް ބަޔާން ހުށަހެޅުންފަދަ ކަންކަމާގުޅޭ ކުށްތައް

(ހ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ގަސްދުގައި ކުރުމަކީ ކުށެކެވެ.

  1. ޓެކްސް ބަޔާނެއް ހުށަނޭޅުން ނުވަތަ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ އެއްވެސް މައުލޫމާތެއް ނުދިނުން؛
  2. ޓެކްސް ބަޔާނުގައި ހިމަނަންޖެހޭ އަދަދުގެ ބަދަލުގައި ނުބައި އަދަދެއް ޖަހައިގެން ނުރަނގަޅު ޓެކްސް ބަޔާނެއް ހުށަހެޅުން؛
  3. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ގަވާއިދުން ހިސާބުތައް ނުދެއްކުން ނުވަތަ ގަވާއިދުން ތައްޔާރުކުރެވިފައިނުވާ ހިސާބުތައް ދެއްކުން؛
  4. ގަވާއިދުތަކުން ލާޒިމުކުރާ ގޮތަށް ލިޔެކިޔުންތައް ރަނގަޅަށް ނުބެލެހެއްޓުން؛
  5. ޓެކްސް ދައްކަންޖެހޭ މިންވަރު ކަނޑައެޅުމަށް އަސަރުކުރާނެ ކަމަކާ ނުވަތަ އެއްޗަކާމެދު ނުރަނގަޅު މައުލޫމާތު ދިނުން.

(ށ) މި މާއްދާގެ (ހ) ގައިވާ ކުށުގެ އަދަބަކީ 500,000 (ފަސްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 6 (ހައެއް) މަސްދުވަހުގެ މުއްދަތަކަށް ގޭގައި ބަންދުކުރުން ނުވަތަ ޖަލަށްލުން ނުވަތަ ޖޫރިމަނާކުރުމާއެކު ގޭގައި ބަންދުކުރުން ނުވަތަ ޖަލަށްލުމެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ފައިސާގެ އަދަދުގެ އިތުރުން، ތިރީގައިވާ ގޮތުންކުރެ ގޮތަކަށް ކަނޑައެޅޭ އަދަދެއް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކުރި މީހަކު ދައްކަންޖެހޭނެއެވެ.

  1. މި މާއްދާގެ (ހ) ގެ (1) ނުވަތަ (2) ނުވަތަ (3) ވަނަ ނަންބަރަށް ފެތޭ ބާވަތުގެ މައްސަލައެއްނަމަ، އެ ބަޔާން، އެންގުން، މައުލޫމާތު ނުވަތަ ހިސާބުތައް ދިމާވާ ހިސާބުކުރުމުގެ މުއްދަތަށް އެފަރާތުން ދައްކަންޖެހޭ ޓެކްސްގެ އަދަދުގެ ދެގުނައާ އެއްވަރުގެ އަދަދެއް؛ ނުވަތަ
  2. ނުރަނގަޅު ޓެކްސް ބަޔާނެއް ނުވަތަ މައުލޫމާތެއް ދިނުމުގެ ސަބަބުން ޓެކްސް ދައްކަންޖެހޭ މިންވަރުކަމަށް ކަނޑައެޅިފައިވަނީ، ނުވަތަ ބަޔާން ނުވަތަ މައުލޫމާތު ސައްހަކަމަށް ގަބޫލުކުރެވުނުނަމަ، ކަނޑައެޅޭނީ އެފަރާތުން ހަގީގަތުގައި ދައްކަންޖެހޭ ވަރަށްވުރެ ކުޑަ އަދަދެއްނަމަ، އެ އަދަދެއްގެ ދެގުނައާ އެއްވަރުގެ އަދަދެއް.

 

45 ވަނަ މާއްދާ - ޓެކްސް ނުދެއްކުން އަދި އެހެން ގޮތްގޮތުން ގާނޫނާ ހިލާފުވުން

ޓެކްސްއެއް ދައްކަންޖެހޭ ދުވަހަށް ނުދައްކާ ފަރާތަކަށް ދެވޭނެ މަދަނީ އަދަބަކީ:

(ހ) ފުރަތަމަ 30 (ތިރީސް) ދުވަހަށް ދުވާލަކަށް ޓެކްސް ދައްކަންޖެހޭ އަދަދުގެ %0.1.0 (ސުމެއް ޕޮއިންޓް އެކެއް ސުމެއް އިންސައްތަ) ޖޫރިމަނާއެއްގެ ގޮތުގައި ދައްކަންޖެހޭނެއެވެ.

(ށ) ފުރަތަމަ 30 (ތިރީސް) ދުވަހަށްފަހު އިތުރުވާ ކޮންމެ ދުވަހަކަށް ޓެކްސް ދައްކަންޖެހޭ އަދަދުގެ %0.5.0 (ސުމެއް ޕޮއިންޓް ފަހެއް ސުމެއް އިންސައްތަ) ޖޫރިމަނާއެއްގެ ގޮތުގައި ދައްކަންޖެހޭނެއެވެ.

 

46 ވަނަ މާއްދާ - މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން އަދަބު ކަނޑައެޅުން

(ހ) މި ގާނޫނުގެ ދަށުން މަދަނީ އަދަބު ކަނޑައަޅާނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ނިންމުމަކުންނެވެ.

(ށ) މި ގާނޫނުގެ ދަށުން އަދަބު ކަނޑައެޅިއްޖެނަމަ، އެ ފައިސާ ދައްކަންޖެހޭ ފަރާތަށް ލިޔުމަކުން އެކަން އަންގަންޖެހޭނެއެވެ. އަދި އެ އެންގުން އިސްތިއުނާފުކުރުމަށް 30 (ތިރީސް) ދުވަހުގެ ތެރޭގައި ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހެޅުމުގެ ހައްގު އެ އެންގުން ރައްދުވި ފަރާތަށް ލިބިގެންވެއެވެ.

 

47 ވަނަ މާއްދާ - އަދަބު އަދި އިސްތިއުނާފު

(ހ) މި ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ އަދަބެއް، އެ އަދަބު ކަނޑައެޅުނުކަން އެންގި އެންގުން ނެރުނު ދުވަހުން ފެށިގެން 30 (ތިރީސް) ދުވަސް ހަމަވުމުގެ ކުރިން އެ ފައިސާއެއް ދައްކައި ނިންމަންޖެހޭނެއެވެ. ނުވަތަ އެ މުއްދަތުގެ ތެރޭގައި އެކަމަށް އިންކާރުކޮށް އެކަމެއް އިސްތިއުނާފުކުރުމަށްޓަކައި ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހަޅަންވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ އަދަބުތައް، އެންމެހައި ބޭނުންތަކަށް ބަލަންވާނީ އަދަބުގެ ފައިސާ ދައްކަންޖެހޭ ދުވަހު ދައްކަންޖެހިފައިވާ އަދި ބިނާކުރެވިފައިވާ ޓެކްސްގެ ގޮތުގައެވެ.

(ނ) މި ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ އަދަބަކީ، އެ އަދަބަކާމެދު ނުވަތަ އެ އަދަބާގުޅޭ ޓެކްސްގެ އެއްވެސް އަދަދަކާމެދު އިސްތިއުނާފަށް ހުށަހެޅިފައިވީނަމަވެސް، އެ އަދަބުގެ ފައިސާ ދައްކަންޖެހޭ ދުވަހާ ހަމައަށް ދައްކާ ނިންމަންޖެހޭނެ އެއްޗެކެވެ. އެހެން ނަމަވެސް، އިސްތިއުނާފުކުރުމުގެ ސަބަބުން އެ އަދަބު ކުޑަކޮށްފިނަމަ، ނުވަތަ ބާތިލުކޮށްފިނަމަ، އެ އަދަބުގެ ފައިސާ ދެއްކި ދުވަހުން ފެށިގެން އަހަރަކު %12 (ބާރަ އިންސައްތަ) ގެ ރޭޓުން އިންޓްރެސްޓްއާއެކު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން އެ ފައިސާ އަނބުރާ ދައްކަންޖެހޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން އެއްވެސް ފަރާތަކަށް އެއްވެސް ފައިސާއެއް އަނބުރާ ލިބެންޖެހޭނަމަ، އެފަރާތަކުން މި ގާނޫނުގެ ދަށުން އެއްވެސް ފައިސާއެއް ދައްކަންޖެހިފައިވާނަމަ، އެމީހަކަށް އެ ފައިސާއެއް އަނބުރާ ލިބޭނީ އެފަރާތަކުން ދައްކަންޖެހޭ ފައިސާއިން އެފަރާތަކަށް އަނބުރާ ލިބެންޖެހޭ ފައިސާއާއި އޭގެ އިންޓްރެސްޓްގެ އަދަދު ކެނޑުމަށްފަހު ބާކީވާ އަދަދެވެ.

 

48 ވަނަ މާއްދާ - އަދަބުން ލުޔެއް ދިނުން

ލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ފެނިއްޖެނަމަ އަދަބު ލުއިކޮށްދީ، އަދަބެއްގެ މައްސަލައެއް ފަސްކޮށްދީ ނުވަތަ ދެ މައްސަލައެއް އެއްކޮށްލައި، އަދި ނިޔާ ކަނޑައެޅުމަށްފަހު، އަދަބު އިތުރަށް ލުއިކޮށްދީ ނުވަތަ އެއްކޮށް މައާފުކޮށްދިނުމަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް އިހްތިޔާރު ލިބިގެންވާ ކަންކަމެވެ.

 

49 ވަނަ މާއްދާ - ޖިނާއީ އެހެން މައްސަލަތަކަށް ތަންދިނުން

އެހެން އެއްވެސް ގާނޫނެއްގެ ދަށުން ކުރެވޭ އެއްވެސް ޖިނާއީ ދައުވާއަކަށް މި ގާނޫނުން ހުރަހެއް ނޭޅޭނެއެވެ. އެހެންނަމަވެސް، އެއް ކުށަކަށް ދެ ފަހަރަކު އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ނުކުރެވޭނެއެވެ.

 

50 ވަނަ މާއްދާ - ޖިނާއީ މައްސަލަ ހުށަހެޅުމާއި ނިންމުންތަކަށް ކަނޑައެޅިފައިވާ މުއްދަތުތައް

(ހ) އެއްވެސް މީހަކާމެދު މި ގާނޫނުގެ ދަށުން އެއްވެސް ކުށެއް ކުރިކަމުގެ ތުހުމަތުގައި، އެ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ ޓެކްސް ނެގުމަށް ބެލެވޭ މުއްދަތުން ފެށިގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތެއް ހަމަވުމުގެ ކުރިން، ށަރީއަތަށް ހުށަހަޅައިގެން މެނުވީ ޖިނާއީ ދައުވާއެއް ނުކުރެވޭނެއެވެ.

(ށ) އެއްވެސް މީހަކާމެދު މި ގާނޫނުގެ ދަށުން ކޮށްފައިވާ އެއްވެސް އަމަލަކަށް ނުވަތަ ނުކޮށް ދޫކޮށްލި ކަމަކަށް، އެ ކުރިކަމަށް ނުވަތަ ނުކޮށް ދޫކޮށްލި ކަމަށް ތުހުމަތުކުރެވޭ ޓެކްސް ނެގުމަށް ބެލެވޭ މުއްދަތު ނިމޭ ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތެއް ހަމަވުމުގެ ފަހުން އެއްވެސް އަދަބެއް ކަނޑައަޅައިގެން ނުވާނެއެވެ.

(ނ) ކުށެއް ކޮށްފައިވާކަން ނުވަތަ އަދަބެއް ކަނޑައަޅަންޖެހޭކަމެއް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ނޭނގޭނަމަ، ނުވަތަ އެފަދަ ކަމަކަށް ތުހުމަތުކުރެވޭ ވަރަށް އެކަށީގެންވާ ސަބަބުތަކެއް ފެނިފައިނުވާނަމަ، މި މާއްދާގެ (ހ) އަދި (ށ) ގައި ބުނެފައިވާ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތު ހިނގަން ފަށާނީ ކޮމިށަނަރ ޖެނެރަލްއަށް އެކަން އެނގުނު ނުވަތަ ތުހުމަތުކުރެވޭ ވަރަށް އެކަށީގެންވާ ސަބަބުތަކެއް ފެނުނު ޓެކްސް ނެގުމަށް ބެލެވޭ މުއްދަތު ނިމޭ ތާރީހުން ފެށިގެންނެވެ.

(ރ) މަކަރާއި ހީލަތް ނުވަތަ ގަސްދުގައި ފަރުވާ ކުޑަކުރުން ނުވަތަ ގަސްދުގައި ޓެކްސް ދެއްކުމުން އެއްކިބާވުން އެކުލެވޭ އެއްވެސް ކުށެއްނަމަ، އެ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ ތާރީހުން ފެށިގެން 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި އެ މައްސަލަ ކޯޓަށް ފޮނުވައިގެން ށަރީއަތް ހިންގިދާނެއެވެ.

(ބ) ކަމެއް ކުރުމުން ނުވަތަ ނުކޮށް ދޫކޮށްލުމުން މަދަނީ އަދަބެއްދެވޭ ކަމެއްގައި މަކަރާއި ހީލަތް ނުވަތަ ގަސްދުގައި ފަރުވާކުޑަކުރުން ނުވަތަ ގަސްދުގައި ޓެކްސް ދެއްކުމުން އެއްކިބާވުން އެކުލެވޭ އެއްވެސް މައްސަލައެއްގައި، އެކަމެއް ކުރިކަމަށް ނުވަތަ ނުކޮށް ދޫކޮށްލި ކަމަށް ތުހުމަތުކުރެވޭ ތާރީހުން ފެށިގެން 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި އެކަމަށް އަދަބެއް ކަނޑައެޅިދާނެއެވެ.

 

51 ވަނަ މާއްދާ - މި ގާނޫނުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމެއް ކުރުން

މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި ގާނޫނުގައި ކުށެއްކަމަށް ކަނޑައަޅާފައިވާ ކަމެއް ކުރި މީހެއްގެ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މަނާކޮށްފައިވާ ކަމެއް ކުރި މީހެއްގެ އަދަބަކީ 250،000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމާއެކު 1 (އެކެއް) އަހަރާއި 3 (ތިނެއް) އަހަރާ ދެމެދުގެ މުއްދަތަކަށް އަރުވާލުމެވެ.

 

52 ވަނަ މާއްދާ - ޖޫރިމަނާއަށް އިންޓްރެސްޓް ނެގުން

މި ގާނޫނުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާއެއް ދައްކާ ނިންމަންޖެހޭ ދުވަހުން ފެށިގެން ކޮންމެ އަހަރަކު %5 (ފަހެއް އިންސައްތަ) ގެ ރޭޓުން އިންޓްރެސްޓް އަރަމުން ދާނެއެވެ.

  

އެހެނިހެން ކަންތައްތައް

53 ވަނަ މާއްދާ - މި ގާނޫނާއި ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނާ އެކުގައި ކިޔުން

މި ގާނޫނު ކިޔާނީ ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އާ އެކުގައެވެ. އަދި މި ގާނޫނުގައި މާނަކޮށްފައިވާ ކޮންމެ ލަފުޒެއް ނުވަތަ އިބާރާތެއް ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހާ ހިނދަކު މާނަކުރާނީ، އެ ގާނޫނުގައި އެ ލަފުޒެއް ނުވަތަ އިބާރާތެއް މާނަކޮށްފައިވާ ގޮތަށެވެ.

 

54 ވަނަ މާއްދާ - ޓެކްސް ދައްކަންޖެހޭ ފައިސާ

މި ގާނޫނުގައި ބަޔާންކޮށްފައިވާ ޓެކްސް ދައްކަންވާނީ އެމެރިކާ ޑޮލަރުން ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ގަބޫލުކުރާ ބޭރު ފައިސާގެ ތެރެއިން ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ ފައިސާއަކުންނެވެ.

 

55 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، 1 ޖެނުއަރީ 2011 ވަނަ ދުވަހުން ފެށިގެންނެވެ.

 

56 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބުނެފައިނުވާނަމަ، މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، މި ގާނޫނުގައިވާ ކަންކަން ހިންގައި ބަލަހައްޓާނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިންނެވެ.

(ށ) މި ގާނޫނު ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ނިންމަންވާނެއެވެ.

 

57 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބުނެފައި ނުވާހާ ހިނދަކު:

"ހިސާބުތައް" ކަމަށް ބުނެފައި އެވަނީ، ބެލެންސްށީޓް، ފައިދާ އާއި ގެއްލުމުގެ ހިސާބު، ހިސާބުތަކާ ގުޅިފައިވާ ޖަދުވަލުތަކާއި ނޯޓްތައް، ޑިރެކްޓަރުންގެ ރިޕޯޓް، ހިސާބުތަކާގުޅޭ އޮޑިޓަރުންގެ ރިޕޯޓް އަދި މިނޫނަސް އެ ލިޔުންތަކާއެކުގައިވާ ނުވަތަ އެ ލިޔުންތަކުގައި ހިމެނިފައިވާ އެހެން ހުރިހާ ލިޔުންތަކަށެވެ.

"ކުންފުނިތަކުގެ ގްރޫޕެއް" ކަމަށް ބުނެފައި އެވަނީ، ބަލަދުވެރި ކުންފުންޏާއި އެ ބަލަދުވެރި ކުންފުންޏެއްގެ %51 (ފަންސާސް އެކެއް އިންސައްތަ) އަށްވުރެ މަދުނޫން ހިއްސާ އެކުލެވިގެން އެ ބަލަދުވެރި ކުންފުނިން ކޮންޓްރޯލް ކުރަމުންގެންދާ އަތްދަށު ކުންފުނިތަކަށެވެ.

"ކޮމިށަނަރ ޖެނެރަލް" ނުވަތަ "ކޮމިށަނަރ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އައްޔަންކޮށްފައިވާ ކޮމިށަނަރ ޖެނެރަލްއަށެވެ.

"އަނބުރައި ނުލިބޭނެ ދަރަނި" ކަމަށް ބުނެފައި އެވަނީ، ހިސާބު ބެލެހެއްޓުމުގެ ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ނުލިބޭނެ ދަރަނިކަމަށް ބަލައި ހިސާބުތަކުން އުނިކުރެވޭ ބޭޑް ޑެޓްސް ނުވަތަ ދަރަންޏަށެވެ.

"މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.

"މީހާ" ކަމަށް ބުނެފައި އެވަނީ، ވަކި ފަރުދެއް، ކުންފުންޏެއް، ޕާޓްނަރށިޕެއް، ޓްރަސްޓެއް އަދި ޖަމާއަތެއްވެސް ހިމެނޭ ގޮތަށެވެ.

"ލޯކަލް ކައުންސިލް" ކަމަށް ބުނެފައި އެވަނީ، އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި ސިޓީ ކައުންސިލާއި އަވަށު ކައުންސިލަށެވެ.

"ޓެކްސް ބަޔާން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ތައްޔާރުކޮށް ހުށަހެޅޭ ރިޓާން އަދި މީގެ ތެރޭގައި ވަގުތު ފާއިތުވާ ފަހުން ހުށަހެޅޭ ނުވަތަ އިސްލާހު ކުރެވިފައިވާ ރިޓާން ހިމެނޭ ގޮތަށެވެ.

"ޓެކްސްގެ މުއްދަތު" ކަމަށް ބުނެފައި އެވަނީ، ޓެކްސް ދެއްކުމަށް މި ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ މުއްދަތަށެވެ.

"ޓޫރިސްޓެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް އަންނަ ދިވެހި ރައްޔިތަކު ނޫން "ރެސިޑެންޓް ޕާރމިޓް" ނެތް ކޮންމެ މީހަކަށެވެ. "ރެސިޑެންޓް ޕާރމިޓް" އަކީ، ޓޫރިސްޓެއް ނޫން ގޮތަކަށް ރާއްޖޭގައި ހުރުމަށް ކަމާބެހޭ ފަރާތުންދޭ ހުއްދައެވެ.

"ޓީ.އައި.އެން" ކަމަށް ބުނެފައި އެވަނީ، "ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު" އާ އެއްގޮތަށް ކޮންމެ މީހަކަށް ކަނޑައެޅިފައިވާ ޓެކްސް ދައްކާ މީހެއްކަން އަންގައިދޭ ނަންބަރަށެވެ.

"ޕޭމަންޓް އަސާސް" ކަމަށް ބުނެފައި އެވަނީ، ޓެކްސް ދައްކަންޖެހޭ ހިސާބުތައް އެ ތަނަށް ލިބޭ ނުވަތަ އެ ތަނަކުން ދައްކާ ފައިސާގެ މައްޗަށް ބިނާކޮށްގެން ހެދުމަށެވެ.

"އިންވޮއިސް އަސާސް" ކަމަށް ބުނެފައި އެވަނީ، ޓެކްސް ދައްކަންޖެހޭ ހިސާބުތައް އެ ތަނަކުން ހަދާ އިންވޮއިސްތަކުގެ މައްޗަށް ބިނާކުރުމަށެވެ.

"ހައިބްރިޑް އަސާސް" ކަމަށް ބުނެފައި އެވަނީ، ޓެކްސް ދައްކަންޖެހޭ ހިސާބުގެ ބައެއް އެ ތަނުން ހަދާ އިންވޮއިސްގެ މައްޗަށް ބިނާކޮށް އަދި އެ ތަނުން ހަދާ ޓެކްސްގެ ހިސާބުގެ ބައެއް އެ ތަނަށް ލިބޭ އަދި ދައްކާ ފައިސާގެ މައްޗަށް ބިނާކޮށް ހެދުމަށެވެ.

(ށ) މި ގާނޫނުގެ މަގްސަދަށްޓަކައި، އިބާރާތްކުރުމުގައި އެކަހެރި ނަން ގިނަނަމުގެ ތެރޭގައި އަދި ގިނަނަން އެކަހެރި ނަމުގެ ތެރޭގައި ހިމެނެއެވެ.

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2010-16)

 

އުވި ގާނޫނު

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2011-10) ގެ 65 ވަނަ މާއްދާގެ ދަށުން 

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-19)

ރިފަރެންސް

26 އޯގަސްޓް 2010 ވި ބުރާސްފަތިދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 34 ވަނަ ޖަލްސާއިން ފާސްކުޅަ "ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލު" ބަލައި، ތަސްދީގުކޮށްފައިވަނީ 8 ސެޕްޓެމްބަރ 2010 (29 ރަމަޒާން 1431) ގައެވެ.

ކިޔުންތެރިންގެ ހިޔާލު