-

 

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނު

(ގާނޫނު ނަންބަރު 2008-15) 

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، "މޯލްޑިވްސް މީޑިއާ ކައުންސިލު" ގެ ނަމުގައި ކައުންސިލެއް އުފައްދައި، އެ ކައުންސިލުގެ މަގްސަދުތަކާއި މަސްއޫލިއްޔަތުތަކާއި، ބާރުތައް އެކަށައަޅައި، އެ ކަންކަމާގުޅޭ އުސޫލުތައް ބަޔާން ކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ކައުންސިލުގެ މަގްސަދުތައް

ކައުންސިލުގެ މައިގަނޑު މަގްސަދުތަކަކީ:-

(ހ) މީޑިއާގެ މިނިވަންކަން ރާއްޖޭގައި ދެމެހެއްޓުމާއި، އެ މިނިވަންކަމަށް އުނިކަން އަންނަ ކަންކަން ބަލައި ފިޔަވަޅުއެޅުން.

(ށ) މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ހަމަލުކުރަންވީ ހަމަތަކާއި، އެފަރާތްތަކުގެ އަހްލާގީ މިންގަނޑުތައް އެކަށައެޅުން.

(ނ) މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ހިދުމަތްދޭ ދާއިރާތަކުން މަސައްކަތްކުރަނީ ޒިންމާދާރު ގޮތެއްގައި އަހްލާގީ މިންގަނޑުގެ ތެރޭގައިކަން ކަށަވަރުކުރުން.

(ރ) މި ގާނޫނުގައި ހިމެނިގެންވާ އުސޫލުތަކާއި، މި ގާނޫނުގެ ދަށުން އެކަށައަޅާ ހަމަތަކާއި، އަހްލާގީ މިންގަނޑުތަކާ ހިލާފަށް ހިނގާ ކަންތައްތަކާ ގުޅިގެން ހުށަހެޅޭ ށަކުވާތައް ބަލައި ފިޔަވަޅުއެޅުން.

 

3 ވަނަ މާއްދާ - ގާނޫނީ ހައިސިއްޔަތު

ކައުންސިލަކީ، ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ށަހްސެކެވެ. އެ ކައުންސިލުގެ އަމިއްލަ ނަމުގައި ދަހުވާ ކުރުމާއި ދަހުވާ ލިބިގަތުމުގެ ބާރާއި އަމިއްލަ ނަމުގައި މުހާމަލާތު ކުރުމުގެ ބާރުވެސް އެ ކައުންސިލަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - ކައުންސިލު އެކުލެވިގެންވާގޮތް

ކައުންސިލު އެކުލެވިގެންވާނީ 15 (ފަނަރަ) މެންބަރުންގެ މައްޗަށެވެ. މި 15 (ފަނަރަ) މެންބަރުން ބެހިގެންދާނީ މީޑިއާގެ 8 (އަށެއް) މެންބަރުންނާއި، ހާންމުންގެ 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ.

 

5 ވަނަ މާއްދާ - ކައުންސިލުގެ މެންބަރުން ހޮވުން

(ހ) މި ގާނޫނުގެ 4 ވަނަ މާއްދާގައިވާ ގޮތުގެމަތީން ކައުންސިލުގެ މެންބަރުން ހަމަޖައްސާނީ، މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ މަސްއޫލު ފަރާތްތަކުގެ މެދުގައި މިނިސްޓްރީން ބާއްވާ ޖަލްސާއެއްގައި ވޯޓުލައިގެން އަންނަނިވި ގޮތުގެމަތީންނެވެ.

  1. މީޑިއާގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ 8 (އަށެއް) މީހުން.
  2. މިނިސްޓްރީން ހާންމުކޮށް އިހުލާނުކުރުމުން ކުރިމަތިލާ މީހުންގެ ތެރެއިން، މިނިސްޓްރީން ހުށަހަޅާ 14 (ސާދަ) މީހުންކުރެ އެންމެ ގިނަ ވޯޓު ލިބުނު 7 (ހަތެއް) މީހުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޖަލްސާގައި ބައިވެރިވެވޭނީ، މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ މަސްއޫލު ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތެއް ތަމްސީލްކުރާ އެކަކަށެވެ.

 

6 ވަނަ މާއްދާ - ކައުންސިލު އުފެދުން

މި ގާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތީން ކައުންސިލަށް މެންބަރުން ހޮވުމުން، މި ގާނޫނުގެ މަގްސަދަށްޓަކައި މޯލްޑިވްސް މީޑިއާ ކައުންސިލު އުފެދުނީއެވެ.

 

7 ވަނަ މާއްދާ - މެންބަރުންގެ ސިފަތައް

ކައުންސިލުގެ މެންބަރުންގައި، ތިރީގައިވާ ސިފަތައް ހުންނަން ވާނެއެވެ.

(ހ) ދިވެހި ރައްޔިތަކު ކަމުގައިވުން.

(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.

(ނ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ށަރީހަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ރ) މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ބ) ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ށަރީހަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ޅ) ވޭތުވެދިޔަ 2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި ޖިނާހީ ކުށެއް ކުރިކަން ށަރީހަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ކ) ހިޔާނާތުގެ ނުވަތަ ރިށްވަތުގެ ކުށެއް ކުރިކަން ށަރީހަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(އ) މުޖްތަމަހު ގަބޫލުކުރާ މިންގަނޑުތަކުން، އަބުރުވެރި އަހްލާގު ރަނގަޅު މީހެއް ކަމުގައިވުން.

(ވ) ފާއިތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާއެއްގައި އެމީހަކު ލިޔުނު އެއްޗަކާބެހޭގޮތުން ށަރީހަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

 

8 ވަނަ މާއްދާ - މެންބަރުންގެ މުއްދަތު

ކައުންސިލުގެ މެންބަރަކަށް ހަމަޖެހޭ މީހަކު، އެ މަގާމުގައި ދެމިހުންނާނީ، 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި އެއްވެސް މީހަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 (ދޭއް) ދައުރު އަދައެއް ނުކުރެވޭނެއެވެ.

 

9 ވަނަ މާއްދާ - ކައުންސިލުގެ މައިގަނޑު މަސައްކަތް

ކައުންސިލުގެ މައިގަނޑު މަސައްކަތަކީ، މީޑިއާގެ މިނިވަންކަން ގާނޫނު ތަންދޭ ގޮތުގެމަތީން ވީހާވެސް ފުޅާދާއިރާއެއްގައި އެކަށައަޅައި އާލާކޮށް ދެމެހެއްޓުމެވެ. އަދި ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވާ މީޑިއާއެއް ގާއިމުކޮށްދިނުމެވެ. އަދި ހަމައެހެންމެ މީޑިއާގައި ދިވެހި މުޖްތަމަހު ގަބޫލުކުރާ އެންމެމަތީ އަހްލާގީ މިންގަޑުތަކެއް ހިފަހައްޓާ މީޑިއާއެއް ރާއްޖޭގައި ގާއިމުކޮށް ދެމެހެއްޓުމެވެ.

 

10 ވަނަ މާއްދާ - ކައުންސިލުގެ މަސްއޫލިއްޔަތުތައް

ކައުންސިލުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެ ވަނީއެވެ.

(ހ) ހިޔާލުފާޅުކުރުމަށާއި މަހުލޫމާތު ފެތުރުމަށް ގާނޫނުން ލިބިދޭ މިނިވަންކަން ދިރުވައި އާލާކުރުމަށާއި، އެކަންކަމާގުޅޭ ގޮތުން ހާންމުހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން.

(ށ) ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މަހުލޫމާތު ހޯދާ ބަލައިގަތުމުގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ސަރުކާރުންނާއި މީޑިއާ އާއި އެހެނިހެން ފަރާތްތަކުން ކުރާކަންކަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން ހައްލުކުރުން.

(ނ) ހާންމުކޮށް މަހުލޫމާތު ފޯރުކޮށްދިނުމުގެ މިނިވަންކަމަށާއި، ރައްޔިތުންނަށް ކަންކަން އެނގުމުގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ސިޔާސީ، ނުވަތަ ގާނޫނީ، ނުވަތަ ވިޔަފާރީގެ ނުވަތަ އިގްތިސާދީގޮތުން އެޅޭ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި އެ ކަންކަން ދިރާސާކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް އެ ކަންކަން އިސްލާހުކުރުން.

(ރ) މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކުން ތަބާވާންޖެހޭ ހަމަތަކާއި، އަހްލާގީ މިންގަނޑުތައް އެކަށައަޅައި މީޑިއާގެ ފެންވަރު މަތިކޮށް ހިފެހެއްޓުން.

(ބ) މީޑިއާއިން ށާއިހުކުރާ ތަކެއްޗާއި ފެންނަ މަންޒަރުތަކާއި އިވޭއަޑުތަކާއި މީޑިއާއިން ލިބޭ މަހުލޫމާތާ ބެހޭގޮތުން އުފެދޭ ށަކުވާތައް، ކައުންސިލަށް ހުށަހެޅުމަށް ހިތްވަރުދިނުން.

(ޅ) މީޑިއާގައި ށާއިހުކުރެވޭ އެކިއެކި ކަންކަމާ ބެހޭގޮތުން، ހުށަހެޅޭ އެކިއެކި ށަކުވާތައް ބަލައި، ފާހަގަކުރެވޭ ނުކުތާތައް ހާންމުކޮށް އިހުލާނުކުރުން.

(ކ) މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ފަންނީ ހުނަރުވެރިކަން ހޯދުމަށް ގައުމުން ބޭރުގެ ފަރާތްތަކާއި އެތެރޭގެ ފަރާތްތަކާ ގުޅައިގެން އެ ފުރުސަތު ހޯދައިދިނުން.

 

11 ވަނަ މާއްދާ - ކައުންސިލުގެ ރައީސާއި ނައިބުރައީސް ހަމަޖެއްސުން

ކައުންސިލުގެ މެންބަރުންގެ ތެރެއިން، ކައުންސިލުގެ ރައީސަކާއި ނައިބުރައީސެއް ކައުންސިލުގެ މެންބަރުގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން އިންތިހާބު ކުރާންވާނެއެވެ.

 

12 ވަނަ މާއްދާ - ކައުންސިލުގެ ރައީސްގެ މަސްއޫލިއްޔަތުތައް

ކައުންސިލުގެ ރައީސަކީ، ކައުންސިލުގެ އެންމެހައި ކަންކަން ބަލަހައްޓައި ހިންގުމުގެ އެންމެ އިސްވެރިޔާއެވެ. އޭނާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އަންނަނިވި ކަންކަން ހިމެނިގެންވެއެވެ.

(ހ) ކައުންސިލުގެ މަސްއޫލިއްޔަތުތައް ކަމުގައި މި ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން، ކައުންސިލުގެ މެންބަރުންނާއި މުވައްޒަފުން މެދުވެރިކޮށް ކުރުވުމާއި، ހިންގުމާއި، އެކަންކަން ބެލެހެއްޓުން.

(ށ) ކައުންސިލުގެ މަސައްކަތްތައް ރާވައި ހިންގައި، ކައުންސިލުގެ މަސައްކަތުގެ މިސްރާބު ކަނޑައެޅުން.

(ނ) ކައުންސިލުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން.

(ރ) ކައުންސިލުގެ މެންބަރުންނާއި، ކައުންސިލުގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުން.

 

13 ވަނަ މާއްދާ - ކައުންސިލުގެ ނައިބުރައީސްގެ މަސްއޫލިއްޔަތުތައް

ކައުންސިލުގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކައުންސިލުގެ ނައިބުރައީސެވެ. މީގެ އިތުރުން، ކައުންސިލުގެ ރައީސް ކައުންސިލުގެ ނައިބުރައީސާ ހަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރާންވާނެއެވެ.

 

14 ވަނަ މާއްދާ - މަގާމު ހުސްވުން

(ހ) ކައުންސިލުގެ މެންބަރެއްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ އަންނަނިވި ހާލަތުތަކުގައެވެ.

  1. ދައުރު ހަމަވުމުން.
  2. އިސްތިހުފާ ދިނުމުން.
  3. ކައުންސިލުގެ މެންބަރުކަމުން ވަކިކުރުމުން.
  4. މަރުވުމުން.
  5. މެންބަރެއްގައި ހުރުމަށް މި ގާނޫނު ލާޒިމުކުރާ ސިފައެއް އުނިވުމުން.

(ށ) އިސްތިހުފާދީގެން މެނުވީ، ކައުންސިލުގެ ރައީސްގެ މަގާމު ނުވަތަ ނައިބުރައީސްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ ކައުންސިލުގެ މެންބަރުކަމުގެ މަގާމުން އޭނާ ވަކިވުމުން، ނުވަތަ އެ މަގާމު ހުސްވެއްޖެ ކަމަށް ބެލުމަށް އޮތް ހާލަތްތަކުގެ ތެރެއިން ހާލަތެއް ކުރިމަތިވުމުންނެވެ.

 

15 ވަނަ މާއްދާ - ހުސްވާ މަގާމަށް މެންބަރުން ހައްޔަންކުރުން

(ހ) ކައުންސިލުގެ ރައީސްކަމުގެ މަގާމު، ނުވަތަ ކައުންސިލުގެ ނައިބުރައީސްކަމުގެ މަގާމު ނުވަތަ ކައުންސިލުގެ މެންބަރުކަމުގެ މަގާމެއް ހުސްވެއްޖެނަމަ، އެ މަގާމެއް ހުސްވާތާ 21 (އެކާވީސް) ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އަލުން ހައްޔަން ކުރަންވާނެއެވެ.

(ށ) ކައުންސިލުގެ މެންބަރުންގެ މަގާމެއް ހުސްވެގެން، އެ މަގާމަށް މެންބަރަކު ހަމަޖައްސާނީ އަންނަނިވި އުސޫލުންނެވެ.

  1. ހުސްވި މަގާމަކީ މީޑިއާގެ މެންބަރުންގެ މަގާމުގެ ތެރެއިން މަގާމެއްނަމަ، މީޑިއާގެ މެންބަރުންގެ ތެރެއިން އެވަގުތު އެ ކައުންސިލުގައި ތަމްސީލުނުވާ ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ މަސްއޫލު ފަރާތްތަކުގެ މެދުގައި ޖަލްސާއެއް ބާއްވައި، އެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން، އެންމެގިނަ ވޯޓު ލިބުނު މީހެއް މެންބަރަކު ކަމުގައި ހަމަޖެއްސުން.
  2. ހުސްވި މަގާމަކީ، ހާންމުންގެ މެންބަރުންގެ ތެރެއިން މަގާމެއްނަމަ، މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތިން ބާއްވާ ޖަލްސާއަކަށް ހުސްވި މަގާމުގެ ދެގުނައަށްވާ ހަދަދަށް މެންބަރުންގެ ނަން މިނިސްޓްރީން ހުށަހަޅައި، އެ ނަންތަކުގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބުނު މީހެއް މެންބަރަކު ކަމުގައި ހަމަޖެއްސުން.

 

16 ވަނަ މާއްދާ - ކައުންސިލުގެ މެންބަރުން އެމީހުންގެ ވާޖިބު އަދާކުރުން

(ހ) ކައުންސިލުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި އެ ވަނީއެވެ.

  1. ކަނޑައެޅިގެން އެނގެން އޮތް އުޒުރެއް ދިމާވެގެން މެނުވީ، ކައުންސިލުގެ ބައްދަލުވުންތަކަށް ހާޒިރުވުން.
  2. ކަނޑައެޅިގެން އެނގެން އޮތް އުޒުރެއް ދިމާވެގެން މެނުވީ، ކައުންސިލުގެ ރައީސް ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.
  3. ކަނޑައެޅިގެން އެނގެން އޮތް އުޒުރެއް ދިމާވެގެން މެނުވީ، ކައުންސިލުން ބަލާ ށަކުވާތަކުގައި ޒިޔާރަތްކުރަންޖެހޭ ތަންތަނަށް ޒިޔާރަތްކުރުމާއި، ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރުމާއި، ބަލަންޖެހޭ ލިޔެކިޔުންތައް ބެލުމާއި، ތައްޔާރުކުރަންޖެހޭ ރިޕޯޓުތަކާއި ދިރާސާތައް ތައްޔާރުކުރުން.
  4. ސިއްރުގެ ގޮތުގައި ކައުންސިލުން ކަނޑައަޅާ މަހުލޫމާތު ސިއްރުގެ ގޮތުގައި ހިފެހެއްޓުން.
  5. މުޖްތަމަހުގެ ތެރޭގައި އުޅުމުގައި، ކައުންސިލުގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަހްލާގީ މިންގަނޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުން.

(ށ) ކައުންސިލުގެ ކޮންމެ މެންބަރަކުވެސް އެ ކައުންސިލަށް ހިދުމަތްކުރަންވާނީ، މިނިވަންކަމާއި، ހަދުލުވެރިކަމާއި އިންސާފުވެރިކަމާއެކުގައެވެ. އަދި އޭނާއާ ހަވާލުކުރެވޭ ކަންކަން ކުރަންވާނީ، ވަކި ފަރާތަކަށް ޖެހުމެއްނެތި، ވަކި ފަރާތަކަށް ބުރަވުމެއްނެތި، ގާނޫނުއަސާސީއަށާއި ގާނޫނަށް އިހްލާސްތެރިކަން އަދާކުރާ ހާލުގައެވެ.

(ނ) އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް ނުވަތަ އެނޫންވެސް ފައިދާއެއް އޮތް މައްސަލައެއް، ކައުންސިލުން ބަލާ ހިނދުގައި، އެ މައްސަލައެއް ބެލުމުގައި ނުވަތަ ނިންމުމުގައި، އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި ކައުންސިލުން ބަލާ މައްސަލައަކީ، އެފަދަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް ނުވަތަ އެނޫންވެސް ފައިދާއެއް އޮތް މައްސަލައެއްކަން ކުރިން އެނގިފައި ނެތްނަމަވެސް އެކަން އެނގޭހިނދު، އެ މައްސަލައަކީ ބުނެވިދިޔަ ގޮތަށް އެ މެންބަރަކާ ގުޅުމެއްއޮތް މައްސަލައެއްކަން ކައުންސިލުގެ ރައީސަށް އެންގުމާއެކު، އެ މައްސަލައެއް ބެލުމުން ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އެ މެންބަރަކު އެއްކިބާވާންވާނެއެވެ.

 

17 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން

ކައުންސިލުގެ މެންބަރަކު އޭނާގެ މަގާމުން ވަކިކުރެވޭނީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކައުންސިލުގެ ތިންބައިކުޅަ ދެބައިގެ އަގްލަބިއްޔަތުން ނެގޭ ވޯޓަކުންނެވެ.

(ހ) ށަރްހީ ހުކުމަކުން އިފްލާސްކުރުން.

(ށ) ކައުންސިލުގެ މެންބަރެއްގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތު އުފުލުމަށް ނުކުޅެދުން.

(ނ) ކައުންސިލުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބާ ތަހާރުޒުވާ ފަދަ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް ނުވަތަ ދައުރެއް އޮތް ހާލަތެއް ދިމާވުން.

(ރ) މެންބަރެއްގެ މައްޗަށް ސާބިތުވާ ކުށެއްގެ ސަބަބުން، ކައުންސިލުގެ މެންބަރަކު ހިފަހައްޓަންޖެހޭ އަބުރުވެރިކަމަށް އުނިކަން އަތުވެއްޖެކަމަށް ކައުންސިލަށް ފެނުން.

(ބ) ކައުންސިލުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވުމާއި، އެކަމަށް ދޭންވާ ސަމާލުކަން ނުދިނުން.

 

18 ވަނަ މާއްދާ - އިސްތިއުފާ ދިނުން

(ހ) ކައުންސިލުގެ ރައީސް ނުވަތަ ނައިބުރައީސް ނުވަތަ މެންބަރަކު އޭނާގެ މަގާމުން އިސްތިހުފާ ދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް ކައުންސިލަށް ފޮނުވާ ލިޔުމަކުން އިސްތިހުފާ ދެވިދާނެއެވެ. އަދި ކައުންސިލުން އެ އިސްތިހުފާ ގަބޫލުކުރިކަން އަންގަންދެން އެމީހަކު އޭނާގެ ވާޖިބުތައް އަދާކުރުންމަތީ ދެމިހުންނަން ވާނެއެވެ. ނަމަވެސް، އެ އިސްތިހުފާ ހުށަހަޅާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އިސްތިހުފާ ގަބޫލުކުރިކަން ނާންގައިފިނަމަ އެ އިސްތިހުފާ ގަބޫލުކުރީކަމަށް ބެލޭނެއެވެ.

(ށ) މިމާއްދާގެ (ހ) ގެ ދަށުން ކައުންސިލުގެ ރައީސް ކަމުން ނުވަތަ ނައިބުރައީސް ކަމުން އިސްތިހުފާ ދިން ކަމުގައިވިޔަސް، ކައުންސިލުގެ މެންބަރުކަމުން އޭނާ އިސްތިހުފާ ދިނީކަމުގައެއް ނުބެލެވޭނެއެވެ.

 

19 ވަނަ މާއްދާ - އުޖޫރަ

(ހ) ކައުންސިލުގެ ރައީސާއި ނައިބުރައީސާއި މެންބަރުންނަށް ދެވޭ އުޖޫރައާއި އެހެނިހެން މާލީ ހިނާޔަތްތައް ކަނޑައަޅާނީ، ރައްޔިތުންގެ މަޖިލީހުންނެވެ.

(ށ) ކައުންސިލުގެ ރައީސަށާއި ނައިބުރައީސަށް ދެވޭ އުޖޫރައާއި މާލީ ހިނާޔަތްތައް، އެމީހުންގެ މަގާމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ. އަދި ކައުންސިލުގެ މެންބަރުންނަށް ދެވޭ އުޖޫރައާއި މާލީ ހިނާޔަތްތައްވެސް، އެމީހުންގެ މެންބަރުކަމުގެ މުއްދަތުގައި އުންޏެއްނުކުރެވޭނެއެވެ.

 

20 ވަނަ މާއްދާ – ބައްދަލުވުންތައް

ކައުންސިލުގެ ބައްދަލުވުމެއް މަދުވެގެން މަހަކު އެއްފަހަރު ބާއްވަންވާނެއެވެ.

 

21 ވަނަ މާއްދާ - ކައުންސިލުގެ ނިންމުންތައް

މުޅި ކައުންސިލުގެ ފެންވަރުގައި ބަލާ މައްސަލަތައް ނިންމުމުގައި، ކައުންސިލުގެ އިއްތިފާގުން އެ މައްސަލަތައް ނިންމޭތޯ މަސައްކަތްކުރަންވާނެއެވެ. އެފަދަ މައްސަލަތައް ނިންމުމަށް، ކައުންސިލުގެ އިއްތިފާގު ނުލިބޭ ހާލަތްތަކުގައި، މައްސަލަތައް ނިންމާނީ، ކައުންސިލުގެ އަގްލަބިއްޔަތުންނެވެ. އަދި އަގްލަބިއްޔަތު ނުލިބިއްޖެނަމަ، އަގްލަބިއްޔަތު ނުލިބުނު ސަބަބު ތަފްސީލުކޮށް ހާމަކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - ކައުންސިލުން ހިފަހައްޓާނެ ހަމަތައް

(ހ) މީޑިއާގެ މިނިވަންކަމަކީ، ރައްޔިތުންނަށް ކަންކަން އެނގުމަށް ލިބިގެންވާ ހައްގަށްވުރެ މާމަތީ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް އެކުލެވިގެންވާ ކަމެއްކަން ގަބޫލުކުރުމާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޒިންމާއަކީ ރައްޔިތުންނަށް ވާންޖެހޭ ޒިންމާއެއްކަން ގަބޫލުކުރުން.

(ށ) މީޑިއާމެދުވެރިކޮށް އެކިއެކި ކަންކަން ށާއިހުކުރުމަށް ލިބިދޭ މިނިވަންކަމަކީ ރައްޔިތުންނަށް ކަންކަން އެނގުމަށް އޮތް ހައްގާއި އެއްފަދަ މިނިވަންކަމެއްކަމަށް ގަބޫލުކުރުމާއި، މިނިވަން ދީމުގްރާތީ މުޖުތަމަހުއެއްގައި މީޑިއާއަށް ލިބެންވާ މަގާމުގެ އަސާސަކީ މިއީކަމުގައި ބެލުމާއި، ހަބަރެއްކަމުގައި ބެލެވޭ އެކަށީގެންވާ މަހުލޫމާތު މީޑިއާގައި ށާއިހުކުރުމަށް ލިބިދޭ ހައްގާއި، ވަކި ފަރާތަކަށް ޖެހުމެއްނެތި، ނުވަތަ ވަކި ފަރާތަކަށް ބުރަވުމެއްނެތި، ނުވަތަ ވަކި ފަރާތެއްގެ ނުފޫޒެއްނެތި، އެފަދަ މަހުލޫމާތު ށާއިހުކުރުމަށް ލިބިދޭ ފުރުސަތުވެސް، އެ މިނިވަންކަމުގައި ހިމެނިގެންވާކަން ގަބޫލުކުރުން.

 

23 ވަނަ މާއްދާ - ކައުންސިލުން ރިއާޔަތް ކުރާނޭ އުސޫލުތައް

ކައުންސިލަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އަންނަނިވި އުސޫލުތަކަށް ކައުންސިލުން ރިހާޔަތްކުރާންވާނެއެވެ.

(ހ) ކަނޑައެޅިގެން ދޮގުކަން އެނގޭ ނުވަތަ އެއީ ދޮގަކަށް ވެދާނެކަމަށް ބެލެވޭ މަހުލޫމާތެއް، މީޑިއާގެ އެއްވެސް ވަސީލަތަކުން ށާއިހުކޮށްގެން ނުވާނެކަން.

(ށ) މީޑިއާއަށް ލިބޭ މަހުލޫމާތެއް އެއީ ތެދުތޯ ބެލުމަށް ފުރުސަތުއޮވެ، އެކަން ނުބަލައި އެ މަހުލޫމާތެއް ށާއިހުކޮށްގެން ނުވާނެކަން.

(ނ) ތެދުނޫން މަހުލޫމާތެއް ށާއިހުކޮށްފިކަމަށްވާނަމަ އެ މަހުލޫމާތެއް އެއީ ތެދުނޫން މަހުލޫމާތެއްކަން އެނގޭހިނދު ވީހާވެސް އަވަހަކަށް އެކަމަށް މަހާފަށްއެދި، އެލިޔުނު ލިޔުމެއް އަނބުރާ ގެންދާކަން ނުވަތަ ރަނގަޅުކުރާކަން ނުވަތަ އިތުރަށް ބުނެދީ، ސާފުކޮށްދޭކަން ނުވަތަ އެކަމަށް މަހާފަށް އެދޭކަން ހާމަކުރަންވާނެކަން. އަދި އެގޮތުން ކުރާނެކަމަށް ހާމަކުރާ ކަންތައް ކުރަންވާނެކަން.

(ރ) މީޑިއާގައި ށާއިހުކުރާ މަހުލޫމާތަކީ އިންސާފުވެރިކަމާއި ތެދުވެރިކަމާއެކު ށާއިހުކޮށް ފޯރުކޮށްދެވޭ މަހުލޫމާތެއްކަން ގަބޫލުކުރުމުގެ ހައްގު މީޑިއާގެ ވަސީލަތްތައް ބަލައިގަންނަ ފަރާތްތަކަށް ލިބިގެންވާކަން. އަދި އެފަދަ މަހުލޫމާތު މީޑިއާގެ ވަސީލަތްތައް ބަލައިގަންނަ ފަރާތްތަކަށް ފޯރުކޮށްދެނީ ފަރުދުންނަށް ލިބިގެންވާ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް ހުރުމަތްތެރިކޮށް ހިތޭ ގޮތެއްގައި އެފަރާތަކަށް ދޭންވާ ހައްގު ގަދަރާއި އިހްތިރާމް ދެވިގެންކަމުގައިވެސް ގަބޫލުކުރުމުގެ ހައްގު މީޑިއާގެ ވަސީލަތްތައް ބަލައިގަންނަ ފަރާތްތަކަށް އޮތްކަން.

(ބ) އަމިއްލަ މިނިވަންކަމުގެ ދާއިރާއޭ ބުނުމަކުން ހާންމުކޮށް ލިބެން ހުންނަ މަހުލޫމާތާއި މުޖުތަމަހަށް އެކަން އެނގުން ލާޒިމުވާފަދަ ނުވަތަ މުހިންމުވާފަދަ މަހުލޫމާތަކީ އަމިއްލަ މިނިވަންކަމާ ގުޅިފައިވާ މަހުލޫމާތުކަމުގައި ބަލައި ހިފެހެއްޓިގެން ނުވާނެކަން.

(ޅ) ތުންތުން މަތިން ދެކެވޭ ވާހަކައާއި، ސާބިތު ނުހިފޭ ވާހަކަ ށާއިހު ކުރާކަމަށްވާނަމަ، އެއީ އެފަދަ ވާހަކަ ކަން އެ ށާއިހުކުރާ ށާއިހުކުރުމުގައި އެނގެންއޮންނަން ވާނެކަން.

(ކ) ހިޔާލު ތަފާތުވެފައިވާ މައްސަލައެއްގައި މީޑިއާގެ ވަސީލަތަކުން ށާއިހުކުރާ ކޮންމެ މަހުލޫމާތެއް އަންނަނިވި މިންގަޑުތަކަށް ފެތެންވާނެއެވެ.

  1. ހަގީގަތާއި، ހަގީގަތުގެ މައްޗަށް މީހަކު ފާޅުކުރާ އަމިއްލަ ހިޔާލާ ދެކަންތައް، ތަފާތުކޮށް އެނގޭގޮތަށް ފާހަގަކުރެވިފައި އޮތުން.
  2. އޮޅުންއަރާފަދަ ގޮތަކަށް ތެދު ހާމަ ނުކުރާ މަހުލޫމާތު ހާމަނުކޮށް އަދި ތެދު މަހުލޫމާތު ހިފަހައްޓާފައި ނުވުން.
  3. ތެދެއްކަމަށް ބެލެވޭ ކަމެއް ހާމަކޮށްދެވޭ ގޮތުން އެއީ ތެދެއްކަމުގައި ގަބޫލުނުކުރެވޭ ފަދަ ގޮތެއް މަހުލޫމާތަކުން ނުވަތަ އެނޫންވެސް އެހެން ރަމްޒަކުން ނުދެއްކުން.
  4. ހަބަރެއް ނުވަތަ މަހުލޫމާތެއް ނުވަތަ ހިޔާލެއް ފާޅުކުރުމުގައި އެއްވެސް ޒާތީ މަސްލަހަތެއް އެ ކަމެއްގައި އޮތްކަމަށް ވާނަމަ އެމަސްލަހަތު އެ ކަމެއްގައި އެގޮތަށް އޮތްކަން ހާމަކުރުން.
  5. އެއްވެސް ފަރާތެއްގެ ފައިސާއާއި ދަރަނިވެރިކަމުގެ މަހުލޫމާތާއި، އެއްވެސް ފަރާތެއްގެ އަބުރުވެރިކަމުގެ ގޮތުގައި ބެލެވޭ އަމިއްލަ މަހުލޫމާތު އަދި އޭނާގެ އަބުރަށް ނުވަތަ ގަދަރަށް އުނިކަން އަތުވެދާނެ ފަދަ ނުވަތަ މީހުންނަށް ކަންކަން އޮޅިދާނެފަދަ ހަގީގަތެއް ނެތް ވާހަކަ ހާމަނުކުރުން.
  6. މަހުލޫމާތު ށާއިހުކުރުމުގެ ފުރިހަމަ އިހްތިޔާރު މީޑިއާއަށް ލިބިގެންވީކަމުގައިވީ ނަމަވެސް، އެއީ ހާންމު އިޖްތިމާހީ މިންގަޑުތަކަށް އުނިކަމެއް ލިބިދާނެފަދަ ކަމެއްކަމަށްވާނަމަ، ށާހިއުކުރުމުގައި މީޑިއާއިން ޒިންމާދާރު ވާންވާނެކަން.
  7. ވަކި ފަރާތަކަށް ނުވަތަ ވަކި ޖަމާހަތަކަށް ރައްދުވާގޮތަށް ފާޑުކިޔައި އެއްޗެއް ށާއިހުކުރާކަމަށްވާނަމަ އެކަންކުރުމުގައި ހަމަޔާއި، އިންސާފާއި، އަހްލާގަށް ލޯބިކުރަންވާނެކަން.
  8. ކައުންސިލަށް ފާހަގަކުރެވޭ ކަމަށް ކައުންސިލުން ހާމަކުރާ ކަންތައްތައް، އެ ރައްދުވާ ވަސީލަތެއްގައި ފަސޭހައިން ހާންމުކުރެވެން އޮތްނަމަ ށާއިހުކުރަންވާނެކަން.
  9. ކައުންސިލުން އެކިއެކި މައްސަލަތައް ބަލައި ނިންމުންތައް ނިންމުމުގައި، ހުށަހެޅިފައިވާ މައްސަލައެއްގައި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން އެކަން އެގޮތަށް ކުރުމަށް ބޭނުންވި ސަބަބާއި، ރައްޔިތުންނަށް ކަންކަން އެނގުމަށް އޮތް ހައްގާއި ދެބައި ހަމަހަމަ ކުރަންވާނެކަން.

 

24 ވަނަ މާއްދާ - އެކިފަރާތްތަކުގެ އަމިއްލަ މައުލޫމާތު ހާމަކުރުމުގެ މިންގަޑުތައް

(ހ) މީޑިއާގައި މަސައްކަތްކުރާ މީހުން އެކިފަރާތްތަކުގެ އަމިއްލަ މަހުލޫމާތު ހޯދަންވާނީ މުޖުތަމަހުގެ މަސްލަހަތެއް އެކަމުގައި ހިމެނޭކަމަށްވާނަމައެވެ. އެފަދަ މަހުލޫމާތު ހޯދުމުގައި އެއިން ފަރާތެއްގެ އަމިއްލަ މިނިވަންކަމުގެ ދާއިރާގެ ތެރެއަށް ނުހައްގުން ވަދެގެން ނުވާނެއެވެ. އަދި އެފަރާތެއްގެ އަބުރަށާއި ގަދަރަށް އަބަދުމެ އިހްތިރާމްކުރަންވާނެއެވެ.

(ށ) ވަކި މީހަކާ ބެހޭގޮތުން ހޯދާ އެމީހެއްގެ އަމިއްލަ މަހުލޫމާތު ށާއިހުކުރަންވާނީ، ހަމައެކަނި އެތަކެތި ހޯދި މަގްސަދަށްޓަކައެވެ. އަދި އެމީހަކާބެހޭ އަމިއްލަ މަހުލޫމާތެއް ދޭ ފަރާތެއްވެސް އެތަކެތި އެފޯރުކޮށްދެނީ ވަކި މަގްސަދެއްގައިކަމަށް ނުވަތަ އެމަހުލޫމާތެއް ލިބޭ ފަރާތަކަށް އެލިބެނީ ވަކި ބޭނުމެއްގައިކަމަށް ގަބޫލުކުރުމުގެ ހައްގު އެފަދަ ތަކެތި ދޭ މީހާއަށްވެސް، އަދިއެފަދަ ތަކެތި ނިސްބަތްވާ މީހާއަށްވެސް ލިބިގެންވެއެވެ.

(ނ) ވަކިފަރާތަކާ ބެހޭގޮތުން ހޯދާ އެފަރާތުގެ އަމިއްލަ މަހުލޫމާތަކީ ތެދު، ފުރިހަމަ، އަދި އެންމެފަހުގެ މަހުލޫމާތުކަމުގައި ވާންވާނެއެވެ.

(ރ) މީޑިއާގައި މަސައްކަތްކުރާ މީހުން ވަކިފަރާތަކާ ބެހޭގޮތުން ހޯދާ އެފަރާތެއްގެ އަމިއްލަ މަހުލޫމާތު، އެއިން ނަހަމަ ބޭނުމެއް ނުކުރެވޭނޭ ގޮތެއްގެމަތިން ނުވަތަ އެ މަހުލޫމާތެއް ގެއްލިގެން ނުދާނޭ ގޮތުގެމަތިން ނުވަތަ ހުއްދަނޫން ފަރާތަކަށް އެ މަހުލޫމާތެއް ނުފެންނާނޭ އަދި ނުލިބޭނޭ ގޮތެއްގެމަތިން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

(ބ) މީޑިއާގެ އެކިއެކި ވަސީލަތްތަކަށް މަހުލޫމާތުދޭ ފަރާތްތައް ހިމާޔަތްވެގެންވުމުގެ ހައްގު އެފަރާތްތަކަށް ލިބިގެންވެއެވެ. އަދި މަހުލޫމާތު ދިނީ ކާކުކަން ނޭނގޭ ގޮތެއްގައި ލިބޭ މަހުލޫމާތު ހާމަކުރާއިރު، އެ މަހުލޫމާތުދިން ފަރާތް ހާމަކުރުމަކީ ގާނޫނަކުން ލާޒިމުކުރާކަމެއްކަމުގައި ނުވާހައި ހިނދަކު، އެފަރާތުގެ ތަފްސީލު ހާމަކުރުމަކީ މީޑިއާގައި މަސައްކަތްކުރާ މީހަކު ކޮށްގެންވާނޭ ކަމެއް ނޫނެވެ.

(ޅ) ވަކި ފަރާތަކަށް ރައްދުވާ ގޮތަށް ފާޑުކިޔައި ހިޔާލުފާޅުކުރާކަމަށްވާނަމަ އެކަން ކުރާންވާނީ އިންސާފުވެރިކަމާ ހަމަހަމަ ކަމާއެކުގައެވެ. އަދި ވަކި ފަރާތަކާ ބެހޭގޮތުން ހާމަކުރި އަމިއްލަ މަހުލޫމާތަކީ ތެދު ނޫން މަހުލޫމާތެއްކަމުގައި ވާނަމަ ވީއެންމެ އަވަސް ފުރުސަތެއްގައި ހަމަ އެވަސީލަތެއްގައި ފާޅުކަން ބޮޑުގޮތެއްގައި އެކަން އިސްލާހުކޮށް ރަނގަޅުކުރަންވާނެއެވެ. އަދި ދެވަނަ ފަހަރަށް އެމަހުލޫމާތު ބޭނުންކޮށްގެން ނުވާނެއެވެ.

 

25 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

ބަޔާންވެގެންވާ އުސޫލުތަކާއި ހިލާފަށް ހިނގާ ކަންތައްތަކާގުޅިގެން، ތިރީގައި މިވާގޮތުގެމަތިން ކޮންމެ ފަރާތަކަށްވެސް އަދި ކޮންމެ ޖަމާހަތަކަށްވެސް ކައުންސިލަށް ށަކުވާ ހުށަހެޅިދާނެއެވެ.

(ހ) މީޑިއާގެ ވަސީލަތެއްގައި ށާއިހުކޮށްފައިވާ އެއްޗަކާމެދު ހިތްހަމަނުޖެހޭނަމަ ނުވަތަ އިހުތިރާޒު ކުރާކަމަށްވާނަމަ ފުރަތަމަ އެކަން އެ ވަސީލަތެއްގެ އެޑިޓަރަށް ނުވަތަ އެ ވަސީލަތެއްގެ ލިޔުންތަކަށް ޒިންމާވާ ފަރާތަކަށް އަންގާނީއެވެ. އަދި ދެފަރާތުގެ ދެމެދުގައި މަށްވަރާކުރެވިގެން އެ އުފެދިފައިވާ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދޭތޯ މަސައްކަތްކުރާނީއެވެ.

 (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް މަސައްކަތްކޮށްގެން އެއްވެސް ހައްލެއް ނުހޯދިއްޖެކަމަށްވާނަމަ، ކައުންސިލަށް އެ ށަކުވާ ހުށަހެޅިދާނެއެވެ. ށަކުވާ ހުށަހަޅާއިރުގައި، އެ ށަކުވާ ނިސްބަތްވާ ލިޔުންއޮތް ވަސީލަތެއްގެ ހަދަދާއި، އެ ވަސީލަތެއް ށާއިހުކުރި ތާރީހާއި، އަދި އެއީ ޗާޕްކޮށްފައިވާ ވަސީލަތެއްނަމަ، އެ ލިޔުންއޮތް ސަފްހާއާއި، އެ ށާއިހުކޮށްފައިވާ އެއްޗެއްގެ ފޮޓޯކޮޕީއެއް ނުވަތަ ސްކޭން ކޮޕީއެއް، ނުވަތަ މަންޒަރެއް ނުވަތަ އެއިން ކަފާފައިވާ ކެފުމެއް، ށަކުވާއާ އެކުގައި ހުށަހަޅަންވާނެއެވެ. އަދި ވެބްސައިޓެއްގައި ށާއިހުކޮށްފައިވާ މަހުލޫމާތެއް ކަމުގައިވާނަމަ، އެ ވެބްސައިޓެއްގެ ޔޫ.އާރް.އެލް އެޑްރެސް ހާމަކުރަންވާނެއެވެ. އަދި ވީވަރަކުން އޭގެ ޕްރިންޓްއައުޓެއްވެސް ދޭންވާނެއެވެ.

(ނ) ކައުންސިލަށް ހުށަހެޅޭ ށަކުވާއަކީ، ސުލްހަވެރިކަމާއެކު ހައްލު ކުރެވިދާނެ ކަމެއްކަމަށްވާނަމަ، އެކަން ކައުންސިލުގެ ރައީސް، އެ މައްސަލައެއް ރައްދުވާ މީޑިއާގެ ވަސީލަތެއްގެ އެޑިޓަރަށް އަންގާ އެކަން ހައްލުކުރެވޭތޯ މަސައްކަތްކުރަންވާނެއެވެ. އަދި އެ ވަސީލަތަކާގުޅޭ ށަކުވާއެއް ލިބިއްޖެކަން އެ ވަސީލަތެއްގެ އެޑިޓަރަށް ނުވަތަ ވެބްސައިޓެއްނަމަ އެ ވެބްސައިޓެއްގައި ހިމެނޭ މަހުލޫމާތަށް ޒިންމާވާ ފަރާތަށް ނުވަތަ އެ ވެބްސައިޓެއްގެ ވެބްމާސްޓަރަށް އެންގުމުން 1 (އެކެއް) ހަފްތާގެ ތެރޭގައި އެކަމަށް އެއްވެސް ކަހަލަ އިޖާބައެއް ދީފައިނުވާނަމަ، އެ މައްސަލައެއް ކައުންސިލުން ރަސްމީކޮށް ބަލަންފަށާނެއެވެ.

(ރ) ކައުންސިލަށް ހުށަހެޅޭ މައްސަލައަކީ، ގާނޫނަކުން ލިބިދޭ ހައްގަކުން ދަހުވާ އުފުލިދާނެ ފަދަ މައްސަލައެއް ކަމަށްވާނަމަ، ކައުންސިލުން އެ މައްސަލައެއް ބަލަންފަށާނީ އެ ގާނޫނީ ހައްގު ތިމާ ދޫކޮށްލާކަމަށް ލިޔެ ސޮއިކޮށް ކައުންސިލާއެކު އިގްރާރެއްވުމުންނެވެ. އެ އިގްރާރުގައި ސޮއިކުރަންވާނީ، ތިމާ ދޫކޮށްލާ ހައްގުގެ ބާވަތާއި، މިންވަރާއި، އެކަމުން ނުކުންނާނެ ނަތީޖާއާ މެދު ފުރިހަމައަށް ވިސްނުމަށްފަހުގައެވެ. އަދި އެކަށީގެންވާކަމަށްވާނަމަ އެކަމުގައި، ގާނޫނީ ލަފާވެސް ހޯދުމަށްފަހުގައެވެ. ކައުންސިލުން އެފަދަ އިގްރާރެއް ބޭނުންކުރަނީ، ށަރްހީ ކޯޓުތަކުގައި ހިންގިދާނެ މައްސަލަތައް ށަރްހީ ކޯޓުގެ ބަދަލުގައި ހުށަހެޅޭ ތަނަކަށް ކައުންސިލު ނުވާތީއާއި، ށަރްހީ ކޯޓުތަކުގެ ބޭރުން ކަންކަން ހައްލުކޮށްދޭ ތަނަކަށް ކައުންސިލު ވާތީއެވެ.

(ބ) ކައުންސިލަށް ހުށަހެޅޭ ށަކުވާ ބެލުމަށްފަހު، އެ ށަކުވާއަކީ ކައުންސިލުން ކަނޑައަޅާފައިވާ ހަމަތަކާ ހިލާފަށް ކޮށްފައިވާ ކަމަކާ ގުޅޭގޮތުން ހުށަހަޅާފައިވާ ށަކުވާއެއްކަމުގައި ނުވާނަމަ، ސަބަބު ބަޔާންކޮށް، އެ ށަކުވާގެ މައްސަލަ އެހިސާބުން ނިމުމަކަށް ގެނައުމަކީ، ކައުންސިލަށް ކުރެވިދާނެކަމެކެވެ.

(ޅ) ކައުންސިލަށް ހުށަހެޅޭ ށަކުވާއަކީ އެހެން އިދާރާއަކުން އެއަށްވުރެ ފުރިހަމަ ގޮތުގައި ބެލިދާނެ ށަކުވާއެއްކަމަށް ފެންނަކަމުގައި ވާނަމަ އެކަން ސަބަބު ބަޔާންކޮށް އެންގުމަށްފަހު، އެ ށަކުވާ އެހެންފަރާތަކަށް ރައްދުކުރުމަށް ކައުންސިލަށް ކަނޑައެޅިދާނެއެވެ.

(ކ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތީން ކައުންސިލުން މަސައްކަތްކޮށްގެން ސުލްހަވެރި ހައްލެއް ހޯދިއްޖެކަމަށްވާނަމަ އެހިސާބުން އެ ށަކުވާގެ މައްސަލަ ނިމުމަކަށް އަންނާނެއެވެ. އަދި އެފަދަ ސުލްހަވެރި ހައްލެއް ނުހޯދިއްޖެކަމަށްވާނަމަ ކައުންސިލުން އެ މައްސަލައެއް ރަސްމީކޮށް ބަލާކަމުގެ ނޯޓިސް އެ މައްސަލައެއް ރައްދުވާ މީޑިއާގެ ވަސީލަތަށް ދޭންވާނެއެވެ. އަދި އެ ނޯޓިސް ދޭއިރު، މައްސަލަ ހުށަހެޅި ފަރާތުން ކައުންސިލަށް ހުށަހަޅާފައިވާ ހުރިހާ ލިޔެކިޔުމެއް އެ ނޯޓިހާއެކު ފޮނުވަންވާނެއެވެ. ކައުންސިލުން އެއްވެސް ކަހަލަ ނޯޓިހެއް މީޑިއާގެ ވަސީލަތަކަށް ދީފިނަމަ، ކައުންސިލުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެއަށް އިޖާބަދޭންވާނެއެވެ.

(އ) ށަކުވާއަކާ ގުޅިގެން މީޑިއާގެ ވަސީލަތަކަށް ކައުންސިލުން ނޯޓިސްދިނުމުން އެ ވަސީލަތަކުން އެ ނޯޓިހަށް ރައްދެއްދީފިނަމަ، އަންނަނިވި ދެ ގޮތުންކުރެ ގޮތަކަށް، ކައުންސިލަށް ހަމަލުކުރެވިދާނެއެވެ.

  1. އެ ވަސީލަތަކުން ދިން ޖަވާބަކީ އެކަށީގެންވާ ޖަވާބެއް ނަމަ އެ މައްސަލަ ނިމުމަކަށް ގެނައުން، ނުވަތަ
  2. އެ ވަސީލަތަކުން ދިން ޖަވާބަކީ އެކަށީގެންނުވާ ޖަވާބެއްނަމަ ކައުންސިލުގެ މެންބަރުންގެ ތެރެއިން މެންބަރަކު މެދުވެރިކޮށް ސުލްހަވެރިކަމާއެކު ވާހަކަދައްކައިގެން އެ މައްސަލަ ހައްލުކުރެވޭތޯ ބެލުން.

(ވ) މި މާއްދާގެ (އ) ގައިވާ ގޮތަށް ސުލްހަވެރިކަމާއެކު ވާހަކަދައްކައިގެން މައްސަލަ ހައްލުކުރެވިއްޖެނަމަ އެހިސާބުން އެ މައްސަލައެއް ނިމުމަކަށް އައީއެވެ. އަދި ސުލްހަވެރިކަމާއެކު ވާހަކަދައްކައިގެން މައްސަލަ ހައްލުނުކުރެވިއްޖެނަމަ ނުވަތަ އެކަން ކުރުމަށް މައްސަލަ ހުށަހެޅިފަރާތުން ނުވަތަ މައްސަލަ ރައްދުވާ ފަރާތުން ދެކޮޅުހަދާނަމަ، ކައުންސިލުން އެ މައްސަލައެއް ބަލަންވާނެއެވެ.

(މ) ކައުންސިލުން، މައްސަލައެއް ބަލަން ފަށާއިރު، ކައުންސިލުގެ ވަކި ބައްދަލުވުމެއްގައި އެ މައްސަލައެއް ބަލާނެކަމާއި އެ މައްސަލައެއް ބަލާނެ ތާރީހާއި ގަޑިއާއި އެކަމަށް ހޭދަވާނެކަމަށް ލަފާކުރާ ވަގުތު މައްސަލައިގައި ހިމެނޭ ދެފަރާތަށްމެ އަންގަންވާނެއެވެ. އެ މައްސަލައެއް ބަލާ ވަގުތުގައި އެ ދެފަރާތުންމެ އެތަނަށް ހާޒިރުވުމަކީ މަޖުބޫރުކަމެއް ނޫނެވެ. އެހެންނަމަވެސް، މައްސަލައިގައި ހިމެނޭ ދެފަރާތްމެ އެބައްދަލުވުމަށް ހާޒިރުވުމަކީ ކައުންސިލުން ހިތްވަރު ދޭނެކަމެކެވެ.

(ފ) ކައުންސިލުން މައްސަލައެއް ބެލުމަށްފަހު ނިންމާ ނިންމުމުގައި އެ މައްސަލަ ހިނގާފައިވާ ގޮތާއި، އެ މައްސަލައިގެ ހުލާސާއާއި، އެ މައްސަލައެއްގައި ކައުންސިލަށް ފާހަގަކުރެވޭ ނުކުތާތައް ސާފުކޮށް ބަޔާންކުރަންވާނެއެވެ.

(ދ) ކައުންސިލުން ނިންމާ ކޮންމެ ނިންމުމެއް އެ ނިންމުމެއް ރައްދުވާ މީޑިއާގެ ވަސީލަތެއްގެ މަސްއޫލުވެރި ފަރާތަށް، ލިޔުމަކުން ފޮނުވަންވާނެއެވެ. އަދި އެލިޔުން އެ ފަރާތަށް ރައްދުވިކަން، ލިޔުމުން ކަށަވަރު ކުރުމާއެކުގައެވެ.

(ތ) ކައުންސިލުން ނިންމާ ނިންމުން އެ ރައްދުވާ ވަސީލަތަކުން ފުރަތަމަ ށާއިހުކުރުމަށް ދެވޭ މުއްދަތުގައި ށާއިހުކުރަންދެން އެމަހުލޫމާތެއް އެހެން ފަރާތަކަށް ކައުންސިލަކުން ހާމައެއް ނުކުރާނެއެވެ. އެހެންނަމަވެސް އެ މަހުލޫމާތެއް ކަނޑައެޅިފައިވާ ވަސީލަތަކުން ހާމަނުކޮށްފި ކަމަށްވާނަމަ ނުވަތަ ހާމަނުކުރެވޭގޮތް ދިމާވެއްޖެނަމަ ދެން އެހެން ވަސީލަތެއްގައި އެމަހުލޫމާތު ށާއިހުކުރުމުގެ ހައްގު ކައުންސިލަށް ލިބިގެންވެއެވެ.

(ލ) ކައުންސިލުން ނިންމާ ނިންމުމަކާމެދު ހިތްހަމަ ނުޖެހޭ ފަރާތެއްވާނަމަ އެ މައްސަލަ އަލުން ބަލައިދިނުމަށް އެދި އެފަރާތަކުން ކައުންސިލުގެ ރައީސަށް ހުށަހެޅިދާނެއެވެ. އެފަދަ ހުށަހެޅުމެއް ހުށަހެޅިއްޖެނަމަ އަންނަނިވިގޮތަށް ކައުންސިލުގެ ރައީސަށް ހަމަލުކުރެވިދާނެއެވެ.

  1. މައްސަލަ އަލުން ބަލައިދިނުމަށް ހުށަހެޅި ފަރާތުން އެގޮތަށް ހުށަހަޅާފައިވަނީ އެކަށީގެންވާ ސަބަބެއްނެތި އަދި ހަމައެކަނި އެކަމާ ހިތްހަމަނުޖެހޭތީ ކަމަށްވާނަމަ އެހިސާބުން އެ މައްސަލަ ނުބަލާ ދޫކޮށްލުން.
  2. މައްސަލަ ނިންމިގޮތާމެދު ހިތްހަމަނުޖެހިގެން އަލުން ބަލައިދިނުމަށް ހުށަހެޅިހުށަހެޅުމަކީ އެކަށީގެންވާ ސަބަބުތަކެއް މައްޗަށް ބިނާކޮށް ހުށަހެޅި ހުށަހެޅުމެއްކަމުގައި ވާނަމަ އެ މައްސަލަ ކައުންސިލުގެ ރައީސް އަލުން ކައުންސިލަށް ގެންގޮސް އެ މައްސަލަ ދެވަނަ ބެލުމަކުން ބެލުމަށް ކައުންސިލަށް ހުށަހެޅުން.

(ގ) އެއްވެސް ވަސީލަތަކާ ގުޅޭގޮތުން ހުށަހެޅުނު ށަކުވާއެއް ބެލުމަށްފަހު، ކައުންސިލުން ނިންމިގޮތް އެ ވަސީލަތެއްގައި ށާއިހުކުރުމަށް އަންގައިފިނަމަ، އެ އެންގިގޮތަށް އެ ބަޔާނެއް ށާއިހުކުރަންވާނެއެވެ. އެގޮތަށް ށާއިހުނުކޮށްފިކަމަށްވާނަމަ، އެހެން ވަސީލަތެއްގައި އެ ބަޔާން ށާއިހުކުރުމުގެ ހައްގު ކައުންސިލަށް ލިބިގެންވެއެވެ.

 

26 ވަނަ މާއްދާ - ބަލައި ތަހްގީގު ކުރުމުގެ ބާރު

(ހ) މީޑިއާގެ ވަސީލަތެއްގައި ށާއިހުކުރި އެއްޗަކާގުޅިގެން ވަކި ފަރާތެއްގެ ނުވަތަ ބައެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ބުނެ، ނުވަތަ ހައްގަކަށް ކަނޑައެޅިގެން އުނިކަމެއް ލިބިދާނެ ކަމަށް ބުނެ، ވަކިފަރާތަކުން ނުވަތަ ބަޔަކު ނުވަތަ ފަރާތެއްގެ، ނުވަތަ ބަޔެއްގެ ފަރާތުން ށަކުވާއެއް ހުށަހެޅުމުން، އެކަމެއް ބެލުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

(ށ) ކައުންސިލުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، އަންނަނިވި ކަންކަން ކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

  1. ހެކިންގެ ގޮތުގައި ހާޒިރު ކުރަންޖެހޭ ފަރާތްތައް ކައުންސިލަށް ހާޒިރު ކުރުމާއި، ހެކިބަސް ހޯދުން.
  2. ބަލަމުންދާ މައްސަލައަކާ ގުޅުންހުރިކަމަށް ފެންނަ ފަރާތްތައް ކައުންސިލަށް ހާޒިރު ކުރުމާއި، އެފަރާތްތަކުގެ ބަޔާން ހޯދުން.
  3. ގާނޫނީ ބާރު ލިބިގެން އެހެން އިދާރާއަކުން ކުރަމުންދާ ނުވަތަ ހިނގަމުންދާ ތަހްގީގެއްގައި ހިމެނޭ ލިޔުމެއް ފިޔަވައި، ކައުންސިލުން ބަލަމުންދާ މައްސަލައަކާ ގުޅުންހުރި ކަމަށް ފެންނަ ލިޔެކިޔުންތައް ހޯދުމާއި، ބެލުމާއި، ބޭނުންވެއްޖެނަމަ، އެ ލިޔުންތައް ކައުންސިލަށް ގެނައުން.
  4. ވަކި ކަންކަމާ ގުޅޭގޮތުން ހާއްސަ މަހުލޫމާތެއް ދެވިދާނެ ކަމަށް ކައުންސިލަށް ފެންނަ ފަރާތްތަކުން، އެ މަހުލޫމާތެއް ލިޔުމަކުން ކައުންސިލަށް ދިނުމަށް އެންގުން.
  5. ކައުންސިލަށް ހުށަހެޅޭ މައްސަލައަކާ ގުޅޭގޮތުން ކަމާބެހޭ ފަރާތުން ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ކައުންސިލަށް މަހުލޫމާތެއް ދިނުމަށް، ނުވަތަ ރިޕޯޓެއް ހުށަހެޅުމަށް އެންގުމުން އެ މުއްދަތުގެ ތެރޭގައި އެ މައްސަލައަކާބެހޭ މަހުލޫމާތެއް ނުފޮނުވައިފިނަމަ، ނުވަތަ ރިޕޯޓެއް ހުށަނާޅައިފިނަމަ، ކައުންސިލުން އެ މައްސަލަ، އަމިއްލައަށް ބެލުން.
  6. ކައުންސިލުން ބަލަމުންދާ މައްސަލައެއްގައި ކައުންސިލުން ސުވާލު ކުރެވެމުންދާ މީހެއް، ރާއްޖޭން ބޭރަށް ފުރައިގެންދާނަމަ، ފުރާ ތާރީހަކާއި އެނބުރި އަންނަ ތާރީހެއް ކައުންސިލަށް އަންގަންވާނެކަމަށް އެމީހަކަށް އެންގުން.
  7. ވަކީލުން ގަބޫލުކުރުން.
  8. ހާންމުކޮށް ހުޅުވާލައިގެން، ނުވަތަ ހުޅުވާނުލައި މައްސަލަ ބެލުން.
  9. ކައުންސިލުގެ މެންބަރަކު އެކަނި، ނުވަތަ އެއަށްވުރެ ގިނަ މެންބަރުންގެ ކޮމިޓީއަކުން މައްސަލަ ބަލައި ތަހްގީގު ކުރުން.
  10. ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަންޖެހޭ ހެކި ހޯދުމާއި ބަލައިގަތުން.

 

27 ވަނަ މާއްދާ - ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުން

ކައުންސިލުން ބަލައި ތަހްގީގު ކުރާ މައްސަލައެއްގައި ތުހުމަތު ކުރެވޭ ފަރާތަށް އޭނާގެ ދިފާހުގައި ވާހަކަ ދައްކައި، މައްސަލަ ދިމާވި ގޮތްކަމަށް އެފަރާތަށް ފެންނަ ގޮތެއް، ނުވަތަ އެކަމުގައި އެފަރާތުން ހަމަލުކުރި ގޮތްކަމަށް އެފަރާތުން ބުނާ ގޮތެއް ކައުންސިލަށް ބަޔާން ކޮށްދިނުމުގެ ފުރުސަތު ދޭންވާނެއެވެ. އެފަދަ ފުރުސަތެއް އޭނާއަށް ކައުންސިލުން ދީފައިނުވާނަމަ، ކައުންސިލުން އެ މައްސަލަ ނިންމި ގޮތަކީ، ސައްހަ ގޮތަކަށްނުވާނެއެވެ.

 

28 ވަނަ މާއްދާ - އެންގުންތަކަށް ތަބާވުން

މިގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން ކައުންސިލުން އަންގާ އެންގުމަކަށް ތަބާނުވެއްޖެނަމަ، ނުވަތަ ކައުންސިލުގެ ގަދަރަށް އުނިކަމެއް ލިބޭ ގޮތަކަށް ހަމަލުކޮށްފިނަމަ، އެފަދަ ފަރާތަކާމެދު އަޅަންޖެހޭ ގާނޫނީ ނުވަތަ ށަރްހީ ފިޔަވަޅުއެޅުމަށްޓަކައި، އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

 

29 ވަނަ މާއްދާ - ހިމާޔަތް

(ހ) ކައުންސިލުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުންނާއި، ކައުންސިލަށް ލިބިދޭ ބާރުތަކުގެ ދަށުން ހަމަލު ކުރުމުގެ ގޮތުން ގާނޫނާ ހިލާފުނުވާ ގޮތުގެމަތިން ކައުންސިލުގެ މެންބަރަކު، ނުވަތަ މުވައްޒަފަކު އޭނާގެ ރަސްމީ ހައިސިއްޔަތުން، ހެޔޮނިޔަތުގައި ކުރާ ކަމަކާމެދު ނުވަތަ، ނުކޮށް ދޫކޮށްލާ ކަމަކާމެދު އެއްވެސް ދަހުވާއެއް ނުއުފުލޭނެއެވެ.

(ށ) ކައުންސިލުން މައްސަލައެއް ބެލުމަށްފަހު، ށާއިހުކުރާ ރިޕޯޓެއްގައި ހިމެނޭ ކަމަކާ ގުޅިގެން، ކައުންސިލުގެ މެންބަރަކު، އިދާރީ އޮފީހަކަށް ހާޒިރުކުރެވި، ސުވާލެއްކުރެވޭނީ ނުވަތަ އެއްވެސް ފަނޑިޔާރުގެއެއްގައި، ކައުންސިލުގެ މައްޗަށް ދަހުވާއެއް އުފުލޭނީ، އެކަމަކީ ހަގީގަތާ ހިލާފަށް ބަޔާން ކޮށްފައިވާ ކަމެއްކަމަށް ގަބޫލުކުރެވޭފަދަ، އެކަށީގެންވާ ހެކިހުރިނަމައެވެ.

 

30 ވަނަ މާއްދާ - މުވައްޒަފުން އައްޔަންކުރުން

ކައުންސިލުގެ ވާޖިބުތައް އަދާކުރުމަށާއި، އިދާރީ ކަންތައްތައް ބެލެހެއްޓުމަށް އެހީތެރިވެދޭނެ މުވައްޒަފުން ތިބެންވާނެއެވެ. އެމީހުންނަކީ ސިވިލް ސަރވިސްގައި ހިމެނޭ މުވައްޒަފުންނެވެ.

 

31 ވަނަ މާއްދާ - މާލީ ކަންކަން

(ހ) ކައުންސިލުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް، ދައުލަތުގެ ބަޖެޓްގައި ހިމެނިގެން ކައުންސިލަށް ދޫކުރަންވާނެއެވެ.

(ށ) އެއްވެސް މީހަކު ނުވަތަ ބަޔަކު، ނުވަތަ ޖަމާހަތަކުން ނުވަތަ ބޭރު ގައުމެއްގެ ސަރުކާރަކުން ކައުންސިލަށްދޭ މާލީ އެހީއެއް، ކައުންސިލުގެ މަގްސަދުގެ ތެރޭގައިވާ ކަންކަން ކުރުމަށް މެނުވީ ބޭނުންކޮށްގެން ނުވާނެއެވެ.

(ނ) ކައުންސިލުގެ އާމްދަނީއާއި ހަރަދާއި މިލްކިއްޔާތާއި، މާލީ ޒިންމާތަކާ ބެހޭ ހިސާބު، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ލިޔެ ބަލަހައްޓައި އޯޑިޓް ކުރުމަށްފަހު، އެކުލަވައިލެވޭ މާލީ ބަޔާނެއް، މި ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓާއެކު، ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި މިނިސްޓަރަށް ފޮނުވަންވާނެއެވެ.

 

32 ވަނަ މާއްދާ - މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގަވާއިދު

މިގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގަވާއިދު ހަދައި ހިންގާނީ ކައުންސިލުންނެވެ. އަދި މިގާނޫނުގެ ދަށުން ކައުންސިލު އުފެދޭތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެގަވާއިދު ހަދައި، ހާންމުކޮށް އިހްލާން ކުރަންވާނެއެވެ.

 

33 ވަނަ މާއްދާ - އަހަރީ ރިޕޯޓު

(ހ) ކައުންސިލުގެ ހަރަކާތްތަކުގެ މައްޗަށް އެކުލަވައިލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 28 ގެ ކުރިން ކައުންސިލުން ށާއިހުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓުގައި، އެ ރިޕޯޓުގެ މުއްދަތުގައި ހިނގައިދިޔަ، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ކައުންސިލަށް ހުށަހެޅުނު މައްސަލަތައް.
  2. ކައުންސިލުން ނިންމި މައްސަލަތަކާއި، އެ މައްސަލަތައް ނިންމިގޮތް.
  3. ހުށަހެޅިފައިވާ މައްސަލަތަކުގެތެރެއިން ބަލަމުންގެންދާ މައްސަލަތައް.

 

34 ވަނަ މާއްދާ - ބެލުމުގެ ބާރު ލިބިގެންވާ މައްސަލަ

(ހ) ކައުންސިލަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މައްސަލައެއް ހިނގާފައިވަނީ، މި ގާނޫނަށް ހަމަލުކުރަން ފެށުމުގެ ފަހުން ކަމުގައިވިޔަސް، އެހެން ގޮތަކަށް މި ގާނޫނުގައި ބަޔާންކޮށްފައި ނުވާހައިހިނދަކު، ކައުންސިލަށް އެ މައްސަލައެއް ބެލޭނީ، އެ މައްސަލައެއް ހިނގި ތާރީހާއި، އެމައްސަލައެއް ކައުންސިލަށް ހުށަހެޅި ތާރީހާ ދެމެދު، މީލާދީ ގޮތުން 3 (ތިނެއް) މަސްދުވަސް ފުރިހަމަ ނުވާނަމައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ކައުންސިލަށް ހުށަހެޅޭ މައްސަލައަކީ، އެ މައްސަލައިގެ ބާވަތަށާއި، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލާއިރު، ކޮންމެހެން ބަލަންޖެހޭ މައްސަލައެއްކަމަށް ކައުންސިލަށް ފެންނަ މައްސަލައެއް ބެލުމަކަށް މިގާނޫނު ހުރަހެއް ނާޅައެވެ.

 

35 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަންފެށުން

މި ގާނޫނަށް ހަމަލުކުރަންފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިހުކުރުމުންނެވެ.

 

36 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު:

"މީޑިއާ" ކަމަށް ބުނެފައިއެވަނީ، ޓީވީއަށާއި، ރޭޑިއޯއަށާއި، އިންޓަރެކްޓިވް ސީޑީއަށާއި، ވެބްސައިޓަށާއި، ދުވަހުނޫސްތަކަށާއި، ހަފްތާނޫސްތަކަށާއި، މަޖައްލާތަކަށާއި، ޓްރޭޑް ޕަބްލިކޭށަންތަކަށާއި، މިނޫންވެސް ނަންނަމުގައި، ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެންނާއި، ރަޖިސްޓަރީ ނުކޮށް މަހުލޫމާތާއި، ހަބަރާއި، ހިޔާލާއި، އިށްތިހާރު، ހާންމުކޮށް ފެތުރުމަށްޓަކައި ގަންނަންލިބޭގޮތަށް، ނުވަތަ އަގަކާނުލައި ލިބޭގޮތަށް، ޗާޕުކޮށްގެންނާއި، އިންޓަނެޓާއި، އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ށާއިހުކުރެވޭ ށާއިހުކުރުންތަކަށެވެ.

"މުޖުތަމަހުގެ މަސްލަހަތު އޮތުން" ކަމަށް ބުނެފައިއެވަނީ، މުޖުތަމަހުގެ ބަޔަކަށް އެމަހުލޫމާތަކުން ހައްގުނޫން ގެއްލުމެއް ނުވަތަ އުނިކަމެއް ލިބިދާނެ މައުލޫމާތާއި، މުޖުތަމަހުގެބަޔަކު އެނގެން ބޭނުންވެދާނެ މައުލޫމާތާއި، ކަންބޮޑުވާ މައުލޫމާތާއި، މުޖުތަމަހުގެ ބަޔެއްގެ ތެރޭގައި އެކަން ހިނގަމުންދާގޮތާބެހޭ މައުލޫމާތު އެނގިފައި އޮތުމަކީ، މުހިންމު ކަމެއްކަމަށް ބެލޭނެ މައުލޫމާތަށެވެ.

"އަމިއްލަ މައުލޫމާތު" ކަމަށް ބުނެފައިއެވަނީ، ފާހަގަކުރެވޭ ވަކިފަރުދެއްގެ އަމިއްލަ ދިރިއުޅުމުގެ ދާއިރާގެ ތެރޭގައި ހިމެނޭ މަހުލޫމާތަށާއި، އެ މަހުލޫމާތެއް ހާމަކުރުމަކީ، އޭނާގެ އަމިއްލަ ފަރުދީ މިނިވަންކަމުގެ ހައްގަށް އުނިކަން ލިބުންކަމުގައި ބެލެވިދާނެ މަހުލޫމާތަށެވެ.

"މައުލޫމާތު" ކަމަށް ބުނެފައިއެވަނީ، އެއްވެސް ލިޔުމަކަށް، ވީޑިއޯއަކަށް، ފޮޓޯއަކަށް، ކުރެހުމަކަށް، ނުވަތަ އޯޑިއޯއަކަށެވެ.

"މީޑީއާގައި ށާއިހުކުރުން" ކަމަށް ބުނެފައިއެވަނީ، ޓީވީ ނުވަތަ ރޭޑިއޯ ނުވަތަ އިންޓަރެކްޓިވް ސީޑީ ނުވަތަ ވެބްސައިޓު ނުވަތަ ނޫސް ނުވަތަ މަޖައްލާއެއްގައި ކުރެހުމަށާއި، މަންޒަރު ދެއްކުމަށާއި، އަޑު ފޮނުވުމަށާއި، ލިޔުމަށެވެ.

"ކައުންސިލު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލަށެވެ.

"މިނިސްޓްރީ" ކަމަށް ބުނެފައިއެވަނީ، މީޑިއާގެ ކަންތައް ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

"މިނިސްޓަރު" ކަމަށް ބުނެފައިއެވަނީ، މީޑިއާގެ ކަންތައްތައް ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވަޒީރަށެވެ.

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާއި އުސޫލު

މީޑިއާ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު - 11 ސެޕްޓެމްބަރު 2020)

މީޑިއާ ކައުންސިލްގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-04)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު