-

 ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާނޫނު

(ގާނޫނު ނަންބަރު 2008-09)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނުއަސާސީގައިވާ ގޮތުގެމަތިން އައްޔަންކުރާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ބަޔާންކުރުމަށާއި، އެކަންކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގާއިމްކުރުން

(ހ) މި ގާނޫނުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހްގައި "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ގެ ނަމުގައި އޮފީހެއް ގާއިމްކުރަންވާނެއެވެ.

(ށ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ، އަމިއްލަ ނަމުގައި ދައްވާކުރުމާއި، ދައްވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ށަހްސެކެވެ.

 

3 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލް އައްޔަންކުރުމަށް ނަން ހުށަހެޅުން

(ހ) ޕްރޮސިކިއުޓަރ ޖެނެރަލްކަމަށް މީހަކު އައްޔަންކުރާނީ، މިމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) ޕްރޮސިކިއުޓަރ ޖެނެރަލް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެއް ނަން ނުވަތަ އެއަށްވުރެ ގިނަ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަންވާނެއެވެ.

 

(ނ) މި މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަން ނުވަތަ ނަންތަކަކީ އާންމުކޮށް އިއްލާންކޮށްގެން އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން ހޮވާލެވޭ ނަމެއް ނުވަތަ ނަންތަކެއް ކަމުގައި ވާންވާނެއެވެ. އަދި މިގޮތުން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް ފޮނުވާއިރު، އާންމުކޮށް އިއްލާންކޮށްގެން އެކަމަށް އިޖާބަދިން އެހެން މީހުންގެ ނަންތައްވެސް ރައްޔިތުންގެ މަޖިލީހުގެ މައްލޫމާތައްޓަކައި އެ މަޖިލީހަށް ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަން ނުވަތަ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ މީހަކު، ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލްގައި ހުރުން ލާޒިމުވާ ސިފަތައް

ޕްރޮސިކިއުޓަރ ޖެނެރަލް، ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ މަގާމުގައި ދެމިހުންނައިރު ތިރީގައިމިވާ ސިފަތައް އޭނާގެ ކިބައިގާ ފުރިހަމަވާންވާނެއެވެ.

(ހ) މުސްލިމަކު ކަމުގައިވުން؛

(ށ) ދިވެހި ރައްޔިތަކު ކަމުގައިވުން؛

(ނ) އުމުރުން 25 އަހަރު ވެފައިވުން؛

(ރ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިށްވަތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛

(ބ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛

(ޅ) ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛

(ކ) ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭ ވަރުގެ ތައްލީމާ ގާބިލުކަންހުރި މީހަކު ކަމުގައިވުން. މިގޮތުން، ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ލިބިފައިވުމާއި، ށަރުއީ ނުވަތަ ގާނޫނީ ދާއިރާގައި ދިވެހިރާއްޖޭގައި މަސައްކަތް ކުރާތާ މަދުވެގެން 4 (ހަތަރެއް) އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން؛

(އ) ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާ ކުރާ މީހަކު ކަމުގައި ނުވުން؛

(ވ) ށަރުއީ ނުވަތަ ގާނޫނީ ދާއިރާއާ ގުޅުންހުރި މަސައްކަތެއްކުރާ ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއް ނުވަތަ މިނޫންވެސް މިފަދަ ތަނެއްގައި ހިއްސާއެއް ނުވަތަ މަގާމެއް އޮތް މީހަކު ކަމުގައި ނުވުން؛

(މ) ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން؛

 

5 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުގެ މުއްދަތު

(ހ) މި ގާނޫނުގެ ދަށުން އައްޔަންކުރާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުގެ މުއްދަތަކީ އޭނާ އައްޔަންކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހުގެ 1 (އެކެއް) ދައުރެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ މީހަކު ފިޔަވައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފައިވާ މީހެއްގެ މަގާމުގެ މުއްދަތު، އިތުރު 5 (ފަހެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް، އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިދާނެއެވެ.

 

6 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވުން

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު އެއްވެސް ހާލަތެއްގައި ހުސްވެއްޖެނަމަ، މަގާމު ހުސްވާތާ އެންމެ ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 3 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، އެ މަގާމަށް މީހަކު އައްޔަންކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް

(ހ) ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެހީތެރިވެދިނުމަށްޓަކައި ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލެއް އައްޔަންކުރަންވާނެއެވެ.

(ށ) ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކޮށް ވަކި ކުރާނީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ.

(ނ) ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް އައްޔަންކުރާ މީހެއްގައި މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް ފުރިހަމަވާންވާނެއެވެ.

(ރ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތުން ކުރެ ހާލަތެއްގައި، މި ގާނޫނާއި މިގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް މަސްއޫލުވާ އެންމެހައި ކަންކަން ކުރުމާއި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިފައިވާ ބާރު ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

  1. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވުން؛ ނުވަތަ
  2. އެއްވެސް ސަބަބަކާހުރެ ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދުން.

(ބ) މި މާއްދާގެ (ރ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލް އުފުލަންޖެހޭ އެންމެހައި ޒިންމާތައް ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އުފުލަންވާނެއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލް ޖަވާބުދާރީވާންޖެހޭ ފަރާތްތަކަށް ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ޖަވާބުދާރީވާންވާނެއެވެ.

(ޅ) ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު އެއްވެސް ހާލަތެއްގައި ހުސްވެއްޖެނަމަ، މަގާމު ހުސްވާތާ އެންމެ ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި މާއްދާ ގައިވާ ގޮތުގެމަތިން، ޕްރޮސިކިއުޓަރ ޖެނެރަލް، އެ މަގާމަށް މީހަކު އައްޔަންކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލް މަގާމާ ހަވާލުވުން

ޕްރޮސިކިއުޓަރ ޖެނެރަލަށް، އޭނާގެ މަގާމާ ހަވާލުވެވޭނީ ފަނޑިޔާރެއްގެ ކުރިމަތީގައި އަންނަނިވި ހުވައިކޮށް، ހުވައިގެ އިގްރާރުގައި ސޮއިކުރުމުންނެވެ.

"އަހުރެން ....... (މީހާގެ ނަން) ...... އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ރައްކާތެރިވުމަށާއި، ދިވެހި ގައުމަށް އިހްލާސްތެރިވުމަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ."

 

9 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލް މަގާމުން ވަކިކުރުން

ޕްރޮސިކިއުޓަރ ޖެނެރަލް، އޭނާގެ މަގާމުން ވަކިކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އެވާފަދަ ހާލަތެއްގައި، މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިންނެވެ.

(ހ) ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމާ އެކަށީގެންނުވާ ފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަގާމު އަދާކުރުމަށް އުޒުރުވެރިވާފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ އެ މަގާމު އަދާކުރުމުގެ ގާބިލްކަން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުން ފާސްކުރުމުން، ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މަގާމުން ވަކިވީއެވެ.

 

10 ވަނަ މާއްދާ - މަގާމުން އިސްތިއުފާދިނުން

(ހ) ޕްރޮސިކިއުޓަރ ޖެނެރަލް، އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެ ހިނދެއްގައި، ސިޓީއަކުން އެކަން ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، ޕްރޮސިކިއުޓަރ ޖެނެރަލް، އޭނާގެ މަގާމުން ވަކިވީއެވެ.

(ށ) ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެ ހިނދެއްގައި ސިޓީއަކުން އެކަން ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅައި، އެ ސިޓީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބުމުން ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މަގާމުން ވަކިވީއެވެ.

 

11 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް

(ހ) ޕްރޮސިކިއުޓަރ ޖެނެރަލްއަށް ދެވޭ މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ، ރައްޔިތުންގެ މަޖިލީހުންނެވެ.

(ށ) ޕްރޮސިކިއުޓަރ ޖެނެރަލްއަށް ދެވޭ މުސާރައާއި އިނާޔަތްތައް، އޭނާގެ މަގާމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ.

(ނ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާއާއެކު ކަނޑައަޅާނީ ޕްރޮސިކިއުޓަރ ޖެނެރަލެވެ.

 

12 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލްގެ ސުލޫކީ މިންގަނޑުތައް

(ހ) ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި ބާރުތައް ބޭނުންކުރުމުގައާއި، އޭނާގެ މަގާމުގެ މުއްދަތުގައި، ޕްރޮސިކިއުޓަރ ޖެނެރަލް އަންނަނިވި ގޮތަށް އަމަލުކުރަންވާނެއެވެ.

  1. ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެމަތިން ކަންކަންކުރުން؛
  2. ގާނޫނުގެ ވެރިކަން ކުރިއަރުވައި، ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުން؛
  3. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި ބާރުތައް ބޭނުންކުރުމުގައި ގައުމީ މަސްއޫލިއްޔަތާއި ރައްޔިތުންގެ ލާބައާއި މަންފާ އަބަދުމެ ކުރިއަށްނެރެ އިސްކަންދިނުން؛
  4. އެއްވެސް ރައްޔިތެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރި ކަމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ ވާހަކަ ދައްކާ ބަހަށާއި އިޖްތިމާއީ ދަރަޖަ ނުވަތަ މަގާމަށް ބަލައި ތަފާތުނުކުރުން؛
  5. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި ބާރުތައް ބޭނުންކުރުމުގައި އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން އަންގާ ގޮތަށް ކަންކަންކުރާ، އަދި އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައިވާ މީހަކަށް ވެގެންނުވުން؛
  6. އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި، ވަކިފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި، ތައައްސުބުން އެއްކިބާވެހުރެ، ބަންޑާރަނައިބު ލިޔުމުން ކަނޑައަޅައި އާންމުކޮށް ށާއިއުކޮށްފައިވާ މައިގަނޑު ސިޔާސަތުތަކާއި، އެއްގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތްތައް ކުރުމާއި، ކަންކަން ނިންމުން؛
  7. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތުގެ އަސާސް ހަމަހަމަކަމާއި، ހާމަކަމާއި، ޖަވާބުދާރީވުމުގެ މައްޗަށް ބިނާކުރުން؛
  8. އޭނާ ކުރާކަމަކުން، ނުވަތަ ބައިވެރިވުމަކުން، ނުވަތަ ދައްކާ ވާހަކައަކުން، ނުވަތަ ފާޅުކުރާ ހިޔާލަކުން، ނުވަތަ އެނޫންވެސް އެހެން ގޮތަކުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ މިނިވަންކަމާއި، މުސްތަގިއްލުކަމާއި، އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސް ކަމެއް ނުކުރުން؛
  9. މަގާމުގެ ހައިޘިއްޔަތުން އޭނާއަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ އޭނާ އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒް މަންފާއެއް ހާސިލްކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދައިދިނުމަށް ބޭނުންނުކުރުން؛
  10. މަގާމުގެ ހައިޘިއްޔަތުން އޭނާއަށް ލިބިފައިވާ މައުލޫމާތެއް އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި، ތިންވަނަ ފަރާތަކަށް އެމައުލޫމާތެއް ހާމަނުކުރުން؛
  11. ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ށާމިލުވެ، އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއް ނުކުރުމާއި، އަދި އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާނުކުރުން؛
  12. ޕްރޮސިކިއުޓަރ ޖެނެރަލް، ހުރިހާ ވަގުތެއްގައިވެސް، ހުރިހާ އަމަލެއްގައިވެސް މުޖުތަމައު ގަބޫލުކުރާ ފެންވަރުގައި، އޭނާގެ އަހްލާގާއި އަބުރުގެ ރައްކާތެރިކަން ދެމެހެއްޓުން؛

(ށ) ޕްރޮސިކިއުޓަރ ޖެނެރަލް ކޮންމެ އަހަރަކު އެއްފަހަރު އޭނާގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ފޯރމެޓަކަށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓަރ ޖެނެރަލަށް ހުށަހަޅާންވާނެއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރެވޭ ކޮންމެ މީހަކު އޭނާގެ މަގާމާ ހަވާލުވުމުގެ ކުރިން، އޭނާގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓަރ ޖެނެރަލަށް ހުށަހަޅާންވާނެއެވެ. މިގޮތުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅާ ބަޔާނުގައި މައްސަލައެއްވާ ކަމަށް އޮޑިޓަރ ޖެނެރަލްއަށް ފެނިއްޖެ ހިނދެއްގައި އެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިހްތިޔާރު އޮޑިޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ – ހިމާޔަތް

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުންނާއި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުތަކުގެ ދަށުން އަމަލުކުރުމުގެ ގޮތުން ގާނޫނުގައިވާ ގޮތުގެމަތިން، ނުވަތަ ގާނޫނަކުން ލިބިދޭ ބާރެއްގެ ދާއިރާގެ ތެރޭގައި، ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން، ހެޔޮނިޔަތުގައި ކުރާ ކަމަކާމެދު، ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އެއްވެސް މަދަނީ ނުވަތަ ޖިނާއީ ދައްވާއެއް ނުއުފުލޭނެއެވެ.

 

14 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން

ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން ބޭނުންވެއްޖެ ހިނދެއްގައި، އެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ޕްރޮސިކިއުޓަރ ޖެނެރަލް ހާޒިރުވާންވާނެއެވެ. އަދި އެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީން ޕްރޮސިކިއުޓަރ ޖެނެރަލްއާ ކުރެވޭ ސުވާލުތަކަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭންވާނެއެވެ.

 

15 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) ޖިނާއީ ކުށްތަކާ ގުޅިގެން ދިވެހިރާއްޖޭގައި ކުރާ އެންމެހައި ދައްވާތަކާބެހޭ ކަންކަން ބެލެހެއްޓުން؛

(ށ) ތަހްގީގްކުރާ އެކިއެކި އިދާރާތަކުން ހުށަހަޅާ ހެއްކާއި ގަރީނާ ވަޒަންކޮށް، ދައްވާއެއް އުފުލަންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުން؛

(ނ) ޖިނާއީ ކުށެއް ކޮށްފިކަމުގެ ތުހުމަތު ކުރެވިއްޖެ ކޮންމެ މީހެއްގެ މައްޗަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ އިހްތިސާސް ހުއްދަކުރާ ކޮންމެ ކޯޓެއްގައިމެ ދައްވާ އުފުލުން؛

(ރ) ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ އަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި، ހިންގާ ތަހްގީގްތައް ބަލައި އެ ކަންކަން ހިންގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުން؛

(ބ) ށަރީއަތަށް މައްސަލަ ހުށަހެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް، ނުވަތަ ބަންދުކޮށް، ނުވަތަ މިނޫންވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނޭ ހާލަތްތަކާއި ށަރުތުތައް މުތާލިއާކުރުމާއި މުރާޖައާކުރަމުން ގެންދިއުމާއި، އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުން؛

(ޅ) ޖިނާއީ ކުށެއްކަމަށް ތުހުމަތުކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ށަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫންވެސް ގޮތަކުން މިފަދަ ކަމެއްގެ މައުލޫމާތު ލިބިއްޖެ ހިނދެއްގައި، އެކަމެއް ތަހްގީގްކުރުމަށް، ތަހްގީގްކުރުމުގެ ބާރު ގާނޫނުގެ ދަށުން ލިބިގެންވާ ފަރާތަކަށް އަންގާ ތަހްގީގްކުރުމުގެ އަމުރު ނެރުން؛

(ކ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުން، ޖިނާއީ ދައްވާއެއް ކުރުމުގެ ބާރު ލިބިފައިވާ އެއްވެސް ފަރާތަކުން ހިންގަން ފަށާފައިވާ ޖިނާއީ ދައްވާއެއް ކުރިއަށް ގެންދިއުމާ ހަވާލުވުމާއި، މިފަދަ ދައްވާތައް މުރާޖައާކޮށް، އަނބުރާ ގެންނަން ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެ ކޮންމެ ދައްވާއެއް ކޯޓުން ހުކުމެއް އިއްވުމުގެ ކުރީގައި އަނބުރާ ގެނައުން؛

(އ) ކުށެއް ކުރިކަމަށް ތުހުމަތު ކުރެވިފައިވާ މީހަކާމެދު ދައްވާ އުފުލުމަށް ނުވަތަ ދައްވާ ނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް މުރާޖައާކޮށް އެ ނިންމުން ބަދަލުކުރުމާއި، ކޮށްފައިވާ ދައްވާއެއް އަނބުރާ ގެނައުން؛

(ވ) ޖިނާއީ މައްސަލައަކާ ގުޅިގެން ކޯޓަކުން އިއްވާފައިވާ ހުކުމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް އިސްތިއުނާފުކުރަން ހުށަހެޅުން؛

(މ) ޖިނާއީ މައްސަލަތަކުގައި ދައްވާކުރުމުގެ އެންމެހައި އުސޫލުތައް ކަނޑައެޅުން؛

(ފ) ގާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި، ގާނޫނާއި، އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުން؛

 (ދ) ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކިއެކި އިދާރީ ދާއިރާތަކުގައި، މިގާނޫނުގެ 2 ވަނަ މާއްދާގައި ބުނާ އޮފީހުގެ ގޮފިތައް ގާއިމުކުރުން؛

(ތ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑު އެކުލަވާލައި ތަންފީޒުކުރުން؛

 

16 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ބަދަލުކުރުމާއި ވަކިކުރުން

(ހ) ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ބާރުތައް ތަންފީޒުކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ކޮންމެ އަހަރަކު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓާ ހިލާފުނުވާ ގޮތެއްގެމަތިން އިތުރު މުވައްޒަފުން އައްޔަންކުރުމާއި، ތަމްރީނުދިނުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި އަދި މަގާމުން ވަކި ކުރުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ށ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބޭނުންވާ ފަންނީ އަދި އެހެނިހެން މުވައްޒަފުންގެ ހާއްސަ އޮނިގަނޑެއް އޮންނަންވާނެއެވެ. އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، އެ އޮނިގަނޑުގައި ހިމެނޭ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، މަގާމުގެ ކުރިއެރުމާއި، މަގާމާއި ހިދުމަތުގެ ށަރުތުތައް ހިމަނާފައި އޮންނަންވާނެއެވެ.

 

17 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތް އެހެން ފަރާތަކާ ހަވާލުކުރުން

(ހ) ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރުމާއި އޭނާއަށް ލިބިދޭ ބާރުގެ ދަށުން ކަމެއް ހިންގުމުގައި އޭނާގެ އިރުށާދުގެ ދަށުން އެ ކަމެއް ހިންގުން އޭނާގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ އެހެން މީހަކާ ނުވަތަ އެހެން ބަޔަކާ ހަވާލުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެހެން މީހަކާ ނުވަތަ އެހެން ބަޔަކާ ހަވާލުކުރާ ކަމެއް، ހަވާލުކުރަންވާނީ، ޕްރޮސިކިއުޓަރ ޖެނެރަލް ލިޔުމުން ދޭ ހުއްދައެއްގެ ދަށުން، އެހުއްދައިގައިވާ މިންވަރަށެވެ.

 

18 ވަނަ މާއްދާ - މާލީ ކަންކަން

(ހ) ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓެއްގެ ދަށުން ދައުލަތުގެ މާލިއްޔާއިން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދޫކުރަންވާނެއެވެ. މިކަމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާގެ މަތިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، އެ އޮފީހުގެ ބަޖެޓް އެކުލަވާލައި ދައުލަތުގެ ބަޖެޓާއެކު ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

(ށ) އެއްވެސް ބަޔަކު ނުވަތަ ޖަމާއަތަކުން ނުވަތަ ބޭރު ގައުމެއްގެ ސަރުކާރުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށްދޭ މާލީ އެހީއެއް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސްއޫލިއްޔަތުތައް އަދާކުރަން މެނުވީ ބޭނުންކޮށްގެން ނުވާނެއެވެ.

(ނ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އާމްދަނީއާއި ހަރަދާއި މިލްކިއްޔާތާއި، މާލީ ޒިންމާތަކާބެހޭ ހިސާބު، އޮޑިޓަރ ޖެނެރަލްގެ މަށްވަރާއާއެކު، އޮޑިޓަރ ޖެނެރަލް ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ލިޔެ ބަލަހައްޓައި އޮޑިޓްކުރުމަށްފަހު، އެކުލަވާލެވޭ މާލީ ބަޔާނެއް، މި ގާނޫނުގެ 19 ވަނަ މާއްދާގައި ބުނެފައިވާ އަހަރީ ރިޕޯޓާއެކު، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

 

19 ވަނަ މާއްދާ - އަހަރީ ރިޕޯޓް

(ހ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓުގައި، އެ ރިޕޯޓުގެ މުއްދަތުގައި ހިނގާދިޔަ، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދާއި، އެ މައްސަލަތައް ހުށަހެޅި ފަރާތްތަކާއި، މައްސަލަތަކާމެދު ފިޔަވަޅު އެޅުނު ގޮތުގެ ތަފްސީލު؛
  2.  ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ހިންގުމުގެ ދާއިރާއާއި މުވައްޒަފުންނާ ގުޅޭގޮތުން އިދާރީ ގޮތުން އެ އަހަރެއްގެ ތެރޭގައި ހިނގި ކަންކަމުގެ ތަފްސީލު؛

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ފޮނުވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެ ރިޕޯޓު އާންމުކޮށް ށާއިއްކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ދިމާވާ ހާއްސަ ހާލަތެއްގައި، ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އެހާލަތަކާ ގުޅޭ ހާއްސަ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

20 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލް އައްޔަންކުރުން

(ހ) ގާނޫނުއަސާސީގެ 299 ވަނަ މާއްދާގެ ދަށުން އިންތިހާބުކުރެވޭ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މި ގާނޫނުގައިވާ ގޮތުގެމަތިން ޕްރޮސިކިއުޓަރ ޖެނެރަލެއް އައްޔަންކޮށް ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަމަލުކުރުމަށްޓަކައި:

  1. ގާނޫނުއަސާސީގެ 296 ވަނަ މާއްދާގެ (ށ) ގެ ދަށުން އިންތިހާބުކުރެވޭ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާ ދުވަހުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަނުކުރަން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަން ނުވަތަ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.
  2. މި މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަމެއް ނުވަތަ ނަންތަކެއް ހުށަހަޅާ ދުވަހުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި މަޖިލީހުން ވަކިގޮތެއް ނިންމައި ރައީސުލްޖުމްހޫރިއްޔާއަށް އަންގަންވާނެއެވެ.
  3. މި މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަމެއް މަޖިލީހުން ފާސްނުކޮށްފިނަމަ، އެކަން ރައީސުލްޖުމްހޫރިއްޔާއަށް އަންގާ ދުވަހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައުނަމެއް ނުވަތަ ނަންތަކެއް މަޖިލީހަށް ހުށަހަޅަންވާނެއެވެ.

 

21 ވަނަ މާއްދާ - އިންތިގާލީ މަރުހަލާގައި އައްޔަންކުރެވޭ ޕްރޮސިކިއުޓަރ ޖެނެރަލް

(ހ) ގާނޫނުއަސާސީގެ 288 ވަނަ މާއްދާގައިވާ ގޮތުގެމަތިން އައްޔަންކުރާ ޕްރޮސިކިއުޓަރ ޖެނެރަލަށް މި ގާނޫނުގެ ދަށުން އައްޔަންކުރާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އެންމެހައި މަސްއޫލިއްޔަތުތަކާއި ބާރުތައް ލިބިގެންވެއެވެ. އަދި ގާނޫނުއަސާސީގެ 288 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އައްޔަންކުރާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް މި ގާނޫނަށް އަމަލުކުރަންފަށާ ދުވަހުން ފެށިގެން، މި ގާނޫނުގެ 3 ވަނަ މާއްދާއާއި 5 ވަނަ މާއްދާއާއި 20 ވަނަ މާއްދާގެ (ހ) ފިޔަވައި، މި ގާނޫނުގެ އެހެން މާއްދާތައް ހިނގާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އައްޔަންކުރާ ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މަގާމުގައި ދެމިހުންނާނީ މި ގާނޫނުގެ 20 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ޕްރޮސިކިއުޓަރ ޖެނެރަލެއް އައްޔަންކުރުމާ ހަމައަށެވެ.

 

22 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަންފަށާ ތާރީހް

މި ގާނޫނަށް އަމަލުކުރަންފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއްކުރާ ދުވަހުން ފެށިގެންނެވެ.

 

23 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ހަދައި ހިންގާނީ، ޕްރޮސިކިއުޓަރ ޖެނެރަލެވެ. އަދި މި ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޕްރޮސިކިއުޓަރ ޖެނެރަލް އައްޔަންކުރާތާ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި އެގަވާއިދުތައް ހަދައި ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާފައިވާ ގަވާއިދަކަށް އުނި އިތުރު ގެނައުމަށް ނުވަތަ އެމާއްދާގައި ބުނާ މުއްދަތުގެ ފަހުން މި ގާނޫނުގެ ދަށުން އިތުރު ގަވާއިދެއް ހަދަން ޕްރޮސިކިއުޓަރ ޖެނެރަލް ބޭނުންވެއްޖެ ހާލަތެއްގައި އެ ގަވާއިދެއް ހެދުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ގާނޫނުއަސާސީގެ 288 ވަނަ މާއްދާގެ ދަށުން އައްޔަންކުރެވޭ ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ހަދަން ޖެހޭ ގަވާއިދެއް ހެދުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅާއެވެ.

 

24 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

މި ގާނޫނުގައި އެ އިބާރާތެއް ހިމެނިފައިވާގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާނަމަ:

"ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ކަމަށް ބުނެފައިއެވަނީ، ޕްރޮސިކިއުޓަރ ޖެނެރަލް، އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، މި ގާނޫނުގެ 1 ވަނަ މާއްދާގެ ދަށުން އުފައްދާ އޮފީހަށެވެ.

"އޮޑިޓަރ ޖެނެރަލް" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 4/2007 (އޮޑިޓް ގާނޫނު) ގެ ދަށުން އިސްކޮށްފައިވާ އޮޑިޓަރ ޖެނެރަލަށެވެ.

   

ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

 

މައި ގާނޫނު

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 73/2021)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު