-

ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2012-04)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ތެލަސީމިއާ އިތުރުވަމުންދާ ނިސްބަތް ކޮންޓްރޯލްކޮށް، ތެލަސީމިއާ ކުދިންނަށް ފަރުވާދިނުމުގެ ނިޒާމެއް ގާއިމުކޮށް، ފަރުވާދިނުމުގެ އެ ނިޒާމަކީ ދިވެހިދައުލަތުގެ ހަރަދުގައި ހިންގާ ނިޒާމެއްކަމުގައި ކަނޑައަޅައި، ތެލަސީމިއާ ކޮންޓްރޯލްކުރުމާއި އެ ބަލީގެ ފަރުވާގެ ނިޒާމު ހިންގުމުގެ އާންމު އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ – މަގްސަދު

މި ގާނޫނުގެ މައިގަނޑު މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ދިވެހިރާއްޖޭގައި ތެލަސީމިއާ އިތުރުވަމުންދާ ނިސްބަތް ކޮންޓްރޯލްކުރުމަށާއި، ތެލަސީމިއާ ކުދިންނަށް ފަރުވާދިނުމަށް އެންމެ އިސް ސަފުގައި މަސައްކަތްކުރާނެ ދައުލަތުގެ މުއައްސަސާއެއް އުފެއްދުން.

(ށ) ތެލަސީމިއާ ކުދިންގެ ތަފްސީލުތައް ދަފްތަރުކޮށް، ބެލެހެއްޓުމުގެ ނިޒާމެއް ތައާރުފުކުރުން.

(ނ) ތެލަސީމިއާ ކުދިންނަށް ފަރުވާދިނުމުގެ ނިޒާމު ދައުލަތުގެ ހަރަދުގައި ހަމަޖައްސައިދިނުމާއެކު، އެކަން ކުރާނެ އުސޫލު އެކަށައަޅައިދިނުން.

(ރ) ތެލަސީމިއާ ހުރިތޯ ބެލުމަށް ކުދިންނާއި މީހުން ޓެސްޓުކުރުމުގެ ނިޒާމެއް ގާއިމުކުރުން.

(ބ) ތެލަސީމިއާ ކުދިންނަށް އެހެންވެސް ކުދިންނާއި މީހުންނެކޭ އެއްފަދައިން ދުނިޔޭގައި އުޅެވޭނެގޮތް ހަދައިދިނުމަށްޓަކައި، ދޭންޖެހޭ ހާއްސަ އިނާޔަތްތައް ދައުލަތުގެ ފަރާތުން ދިނުމާއި، އެ ކުދިންނަށް ބޭނުންވާ ބޭސްފަރުވާ ދައުލަތުގެ ފަރާތުން، ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކުރުން.

(ޅ) ތެލަސީމިއާ ކުދިންނަށް ދޭ ފަރުވާއަކީ އެންމެ ނަތީޖާ ރަނގަޅު ފަރުވާކަމުގައި ހެދުމާއި، ތެލަސީމިއާއަށް ބޭސްކުރުމުގެ އިތުރަށް، ތެލަސީމިއާގެ ސަބަބުން އެ ކުދިން ހުށަހެޅޭ އެހެން ބަލިތަކުން އެ ކުދިން ސަލާމަތްކުރުމަށްޓަކައި، ދައުލަތުގެ އެހީތެރިކަމާއި މަދަދުވެރިކަން ލިބޭނެގޮތް ހަދައިދިނުން.

 

3 ވަނަ މާއްދާ - ތެލަސީމިއާ މާނަކުރުން

''ތެލަސީމިއާ'' ކަމަށް މި ގާނޫނުގައި ބުނެފައިއެވަނީ، ކުއްޖާ އުފެދުމުގައި، ކުއްޖާގެ މައިންބަފައިންގެ ކިބައިން އޭނާއަށް ވާރުތަވާ ހާލަތެއްގެ ސަބަބުން، ކުއްޖާގެ ލޭގައި ހުންނަންޖެހޭ މާއްދާއެއްކަމުގައިވާ ހީމޮގްލޮބިން ހުންނަންޖެހޭ މިންވަރަށް ނުހުރުމުގެ ނަތީޖާއެއްގެގޮތުން، ނުވަތަ އެ މާއްދާ ލޭގައި ތަރުތީބުވެގެން ދާންޖެހޭގޮތަށް ތަރުތީބުވެގެން ނުދިއުމުގެ ނަތީޖާއެއްގެގޮތުން، ކުއްޖާގެ ހަށިގަނޑުގައި
ލޭ އުފައްދަންޖެހޭ މިންވަރަށް ލޭ ނުއުފެއްދުމުގެ ސަބަބުން އޭނާއަށް ދިމާވާ ސިއްހީ ހާލަތަށެވެ.

 

4 ވަނަ މާއްދާ - އިސް ޒިންމާ ހަވާލުކުރެވިގެންވާ ފަރާތް

(ހ) މި ގާނޫނު ތަންފީޒުކުރުމާއި ހިންގުމާއި މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމުގެ އެންމެ އިސް ޒިންމާ އުފުލާނީ ވަޒީރެވެ.

(ށ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށްޓަކައި ބޭނުންވާ އެންމެހައި ބާރުތައް، މި ގާނޫނާއި އެހެނިހެން ގާނޫނުތަކުގެ ދާއިރާގެ ތެރޭގައި، ވަޒީރަށް ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ - ލާމަރުކަޒީ ބައެއް އުސޫލުތައް

(ހ) ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުގައި، މި ގާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ ކައުންސިލްތަކުން އުފުލުމަށް މަގުފަހިކޮށްދީ، އެކަމަށް ގާނޫނީ ބާރު ލިބިދިނުމުގެގޮތުން، އޭގެތެރެއިން ކޮންމެ ކައުންސިލެއް އެއީ، އެ ކައުންސިލެއް ނިސްބަތްވާ ސަރަހައްދުގައި، މި ގާނޫނު ތަންފީޒުކުރުމަށްޓަކައި އެ ސަރަހައްދަށް އައްޔަންކުރެވޭ އޭޖެންޓްކަމުގައި، މި ގާނޫނުގެ ދަށުން ވަޒީރު ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ކައުންސިލުން ފޯރުކޮށްދޭންވާނީ އެ އަތޮޅެއްގައި ހުންނަ ސިއްހީ ހިދުމަތްދޭ އެންމެ އިސް މަރުކަޒެއް މެދުވެރިކޮށްގެންނެވެ.

(ނ) ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ފެންވަރުގައި، ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކާއި، ތެލަސީމިއާ އާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި، ތެލަސީމިއާއިން ރައްކާތެރިކަން ރައްޔިތުންނަށް ލިބިދިނުމުގެ މަސައްކަތްކުރާ ފަރާތްތަކަށް، ވަޒީރުގެ އިރުށާދު މި ގާނޫނުގެ ދަށުން ދެވިދާނެއެވެ.

(ރ) މި ގާނޫނުގެ ދަށުން ވަކި މަސްއޫލިއްޔަތުތަކެއް، ރަށު ކައުންސިލްގެ ފެންވަރުގައި ނުވަތަ އަތޮޅު ކައުންސިލްގެ ފެންވަރުގައި ނުވަތަ ސިޓީ ކައުންސިލްގެ ފެންވަރުގައި ހަވާލުކުރެވޭކަމަށްވާނަމަ، އެކަން ކުރަންވާނީ، އެ ބާރުތައް ނުވަތަ އެ މަސްއޫލިއްޔަތުތައް ސާފުކޮށް އެނގޭނެގޮތަށް ލިޔުމަކުންނެވެ.

(ބ) ރަށު ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށް، މި ގާނޫނުގެ ދަށުން ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ތަފްސީލުކޮށް ބަޔާންކޮށް، އާންމުކޮށް އިއުލާންކޮށް، ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އުފެއްދުން

(ހ) ދިވެހި ރައްޔިތުން ތެލަސީމިއާއިން ރައްކާތެރިކުރުމާއި، ދިވެހިރާއްޖޭގައި ތެލަސީމިއާ އިތުރުވަމުންދާ ނިސްބަތް ކޮންޓްރޯލްކުރުމާއި، ތެލަސީމިއާ ކުދިންނަށް ފަރުވާދިނުމާއި، ތެލަސީމިއާ އާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ އާންމު ޒިންމާ ގައުމުގެ ފެންވަރުގައި އުފުލައި، އެންމެ
ކުރީ ސަފުގައި ހަރަކާތްތެރިވުމަށްޓަކައި، ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރުގެ ނަމުގައި ސެންޓަރެއް، މި ގާނޫނުގެ މި މާއްދާގެ ދަށުން މި އުފެއްދީއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެންޓަރު ހިންގުމަށްޓަކައި ބޭނުންވާ ފައިސާ ދިވެހިދައުލަތުގެ ބަޖެޓުން ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެންޓަރުގެ އެންމެ އިސް ވެރިޔަކީ، ޑިރެކްޓަރ ޖެނެރަލްއެވެ. އެ މަގާމު، މި މާއްދާގެ މި އަކުރުގެ ދަށުން، މި އުފެއްދީއެވެ. އެ މަގާމަށް މީހަކު އައްޔަންކުރާނީ، ސިވިލް ސަރވިސް ކޮމިށަނުންނެވެ. މި މަގާމަށް އައްޔަންކުރާ މީހަކީ، މެނޭޖްމަންޓްގެ ދާއިރާއާއި ތެލަސީމިއާގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންވާނެއެވެ.

(ރ) ޑިރެކްޓަރ ޖެނެރަލް މަސައްކަތްކުރާނީ، ވަޒީރުގެ އާންމު އިރުށާދުގެ ދަށުންނެވެ.

 

7 ވަނަ މާއްދާ - ސެންޓަރުގެ އިހްތިސާސްގެ ދާއިރާ

އަންނަނިވި ކަންކަން ކުރުމަކީ، ސެންޓަރުގެ އިހްތިސާސްގެ ދާއިރާގެތެރޭގައި ހިމެނިގެންވާ، އަދި އެކަންކަން ކުރުމުގެ ޒިންމާ ސެންޓަރުން އުފުލަންޖެހޭނެ ކަންކަމެވެ.

(ހ) މި ގާނޫނުގެ ދަށުން ތެލަސީމިއާ ކޮންޓްރޯލްކުރުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެ ޕްރޮގްރާމްތަކުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ކަނޑައެޅުމާއި އެ ޕްރޮގްރާމްތައް ހިންގުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގާނެގޮތުގެ ހަމަތައް ކަނޑައެޅުން.

(ށ) ކައުންސިލްތަކުގެ އިހްތިސާސްގެ ދާއިރާގައި ހިމެނޭ ސަރަހައްދުތަކުގައި ހުރި ސިއްހީ ހިދުމަތްދޭ މުއައްސަސާތަކުން ނުވަތަ މަރުކަޒުތަކުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމާޒުތަކަށާއި، ހަމަތަކަށާއި، އުސޫލުތަކަށް ތަބާވުން ލާޒިމުކުރުން.

(ނ) ތެލަސީމިއާ ކޮންޓްރޯލްކުރުމާ ގުޅޭގޮތުން ގައުމީ ފެންވަރުގައި ހިންގަންޖެހޭ މަށްރޫއުތައް ހިންގުން.

(ރ) ތެލަސީމިއާއަށް ފަރުވާދިނުމަށްޓަކައި ހިންގަންޖެހޭ މަށްރޫއުތަކާއި ޕްރޮގްރާމްތައް ހިންގުން.

(ބ) ތެލަސީމިއާ ހުއްޓުވުމަށްޓަކައި އާބާދީގެ އެކި ގިންތިތަކުގެ މީހުންނަށް އަމާޒުކޮށްގެން ހިންގަންޖެހޭ ތައުލީމާއި ތަމްރީނާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން.

(ޅ) ތެލަސީމިއާ ދިވެހިރާއްޖޭގައި އިތުރުވަމުންދާ ނިސްބަތާގުޅޭ މައުލޫމާތުތައް އެއްކުރުމާއި އެ ބަލި އިތުރުވަމުންދާގޮތް ބަލަމުންދިއުން.

(ކ) ތެލަސީމިއާ އާ ގުޅޭގޮތުން ސިއްހީ މަސައްކަތްތެރިންނަށާއި، ތެލަސީމިއާ ކުދިންނަށާއި، އެ ކުދިންގެ ބެލެނިވެރިންނަށާއި، އާންމުކޮށް މުޅި މުޖުތަމައަށް އަމާޒުކޮށްގެން ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުން.

(އ) ތެލަސީމިއާ ކުދިންނަށް، ތެލަސީމިއާގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާދެވޭނެ ނިޒާމެއް ގާއިމުކުރުން.

(ވ) މި ގާނޫނު ހިންގުމުގެގޮތުންނާއި، ތެލަސީމިއާ ކޮންޓްރޯލްކުރުމަށް މަސައްކަތްކުރުމުގެގޮތުން ރާއްޖެއާއި ރާއްޖޭން ބޭރުގެ ޖަމާއަތްތަކާއި ބޭރުގެ ގައުމުތަކާއެކު އެއްބަސްވުންތައް އެއްބަސްވުމާއި، އެފަދަ ޖަމާއަތްތަކާއި ގައުމުތަކާ ގުޅިގެން ޕްރޮގްރާމްތައް ރާވައި ހިންގުން.

(މ) އެކަށީގެންވާ މުވައްޒަފުންނާއި އެކަށީގެންވާ ވަސީލަތްތައް ހުރެގެން، ތެލަސީމިއާއަށް ޓެސްޓުކުރުމަށްޓަކައި ބޭނުންވާ މިންވަރަށް ލެބޯޓަރީތައް އުފައްދައި، އެ ތަންތަނުން ދޭނެ ހިދުމަތްތައް ކަނޑައަޅައި، އެ ހިދުމަތްތައް، އެ ތަންތަނުން ދެމެހެއްޓެނިވި ގޮތެއްގައި ދެމުންދިއުން.

(ފ) ތެލަސީމިއާ ކޮންޓްރޯލްކުރުމަށް ކުރެވެމުންދާ ކަންކަމާއި ފަރުވާދިނުމުގެ ނިޒާމު ހިންގަމުންގެންދާގޮތުގެ މައްޗަށް ރިޕޯޓެއް އެކުލަވާލައި، ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަސް ހުސްވުމުގެ ކުރިން ވަޒީރަށް ރިޕޯޓު ހުށަހެޅުން.

(ދ) މީހާއަށް ވާރުތަވާ ހާލަތެއްގެ ސަބަބުން ނުވަތަ މީހާ ގައިގައި އުފެދޭ ހާލަތެއްގެ ސަބަބުން، އޭނާގެ ލޭގައި ހިމެނެންޖެހޭ މާއްދާތަކެއް އުނިވެގެން، ނުވަތަ އޭނާގެ ލޭގައި ހުންނަންޖެހޭ މާއްދާތަކެއް ހުންނަންވީ ނިސްބަތަށްވުރެ އިތުރުވެގެން، ނުވަތަ އޭނާގެ ލޭގައި ހިމެނެންޖެހޭ މާއްދާތަކެއް ހިމެނެންޖެހޭ ތަރުތީބަށް އައިސްފައިވާ ބަދަލަކުން، އޭނާއަށް ދިމާވާ ސިއްހީ ހާލަތްތަކާ ގުޅޭގޮތުން ހިންގަންޖެހޭ މަށްރޫއުތައް ހިންގައި، ފަރުވާގެ ނިޒާމުތައް ހަމަޖެއްސުން.

 

8 ވަނަ މާއްދާ – ރަޖިސްޓަރީކުރުން

(ހ) އަލަށް އުފަންވާ އެއްވެސް ކުއްޖެއްގައި، ނުވަތަ އުފަންވެފައިވާ އެއްވެސް ކުއްޖެއްގައި، ތެލަސީމިއާގެ އަލާމާތެއް ހުރިކަން ސާބިތުވާހިނދުން ފެށިގެން، އެ ކުއްޖެއްގެ ނަން ސެންޓަރުގައި އޮންނަ ކަމާބެހޭ ދަފްތަރުގައި ރަޖިސްޓަރީކުރުމަކީ، ތެލަސީމިއާ ކުދިންގެ ބެލެނިވެރިންގެ މައްޗަށް، މި ގާނޫނު ލާޒިމުކުރާ ކަމެކެވެ.

(ށ) ތެލަސީމިއާ ކުދިންނަށް މި ގާނޫނުގެ ދަށުން ލިބެންވާ ހިދުމަތާއި މަދަދުވެރިކަމާއި އެހީތެރިކަން ދައުލަތުގެ ހަރަދުގައި ދެވޭނީ މި ގާނޫނުގެ ދަށުން އެ ކުދިން ރަޖިސްޓަރީކުރުމަށްފަހު، ރަޖިސްޓަރީކޮށްފައިވާ ކުދިންނަށް އެކަންޏެވެ.

 

9 ވަނަ މާއްދާ - ފަރުވާ ލިބިގަތުމުގައި ބެލެނިވެރިންގެ ޒިންމާ

ތެލަސީމިއާ ކުއްޖަކަށް އެކަށީގެންވާ ފަރުވާ ހޯދައިދިނުމަށް ބެލެނިވެރިޔާ ޒިންމާވާންވާނެއެވެ. މިގޮތުން، ތެލަސީމިއާ ކުއްޖެއްގެ ހަށިގަނޑުގައި ހީމޮގްލޮބިން ހުންނަ މިންވަރު 9 (ނުވައެއް) އަށްވުރެ ދަށް ނުވާނެ ގޮތުގެމަތިން ހިފެހެއްޓުމަށްޓަކައި ދޭންޖެހޭ ފަރުވާ ހޯދުމާއި، ގަވާއިދުން ހަދަންޖެހޭ ޓެސްޓުތައް ހެދުމާއި، ދަގަނޑުގެބައި ހަށިގަނޑުން ބޭރުކުރުމަށް ބޭނުންކުރެވޭ ބޭސް ދިނުމާއި، ތެލަސީމިއާ އާ ގުޅޭގޮތުން އެ ކުއްޖަކަށް ދޭންޖެހޭ އެހެނިހެން ފަރުވާވެސް ހޯދައިދިނުމަށް، ބެލެނިވެރިޔާ ޒިންމާވާންވާނެއެވެ.

 

10 ވަނަ މާއްދާ - ޕްރޮގްރާމްތައް ހިންގުން

(ހ) ތެލަސީމިއާ ދިވެހިރާއްޖޭގައި ފެތުރުނަ ނުދިނުމަށްޓަކައި، މުޖުތަމައުގެ ފެންވަރުގައި، ނުވަތަ ރަށު ފެންވަރުގައި، ނުވަތަ އަތޮޅު ފެންވަރުގައި، ނުވަތަ ގައުމުގެ ފެންވަރުގައި ހިންގަންޖެހޭ ޕްރޮގްރާމްތައް، ސެންޓަރުން ހިންގަންވާނެއެވެ.

(ށ) ސެންޓަރުން ހިންގާ ޕްރޮގްރާމްތައް ހިންގަންވާނީ އަންނަނިވި އަމާޒުތައް ހާސިލުވާނެގޮތް ބަލައިގެންނެވެ.

  1.  ތެލަސީމިއާ ކުދިން ލިބޭ ނިސްބަތް އަހަރުން އަހަރަށް ދަށްކުރެވޭނެގޮތްވުން.
  2. އެކަށީގެންވާ ނަތީޖާ ނެރެވޭ ފަރުވާ، ތެލަސީމިއާ ކުދިންނަށް ލިބޭނެގޮތްވުން.
  3. ރަށު ފެންވަރުގައާއި، އަތޮޅު ފެންވަރުގައާއި، ގައުމުގެ ފެންވަރުގައި، ތެލަސީމިއާއަށް ފަރުވާދެވޭނެ އަދި ތެލަސީމިއާއަށް ހޭލުންތެރިކަން އިތުރުކުރެވޭނެ ފަންނީ ވަސީލަތްތަކާއި މީހުން ގާއިމުކުރެވިގެންވުން.
  4. ތެލަސީމިއާއަށް ފަރުވާދިނުމާއި ކޮންޓްރޯލްކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ އިންސާނީ ވަސީލަތް ފޯރުކޮށްދެވިގެންވުން.

(ނ) ސެންޓަރުން ހިންގާ ޕްރޮގްރާމްތައް ހިންގުމުގައި، އަންނަނިވި ކަންކަމަށް ސަމާލުވާންވާނެއެވެ.

  1.  ތެލަސީމިއާ ގެ ޒާތަށާއި ބާވަތަށާއި ނުރައްކަލަށާއި އެ ހާލަތު ވާރުތަވަމުންދާގޮތަށް މީހުން ހޭލުންތެރިކުރުވުން.
  2. ތެލަސީމިއާ ކުއްޖަކު ލިބިދާނެ މީހުންނަކީ ކޮބައިކަން ދެނެގަތުމަށާއި ތެލަސީމިއާގެ އަލާމާތްތައް ހުރި ކުދިންނަކީ ނުވަތަ މީހުންނަކީ ކޮބައިކަން ދެނެގަތުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް، ނަތީޖާ ނެރެވޭނެގޮތެއްގައި އަދި އިތުބާރުހުރި ގޮތެއްގައި ކުރެވޭނެގޮތް ހެދުން. މިގޮތުން ސާނަވީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ހާއްސަ ސަމާލުކަމެއް ދިނުން.
  3. ތެލަސީމިއާ ކުދިން ލިބިދާނެކަމަށް ބެލެވޭ މީހުންނަށް، އާއިލާ ރޭވުމުގައި ދޭންޖެހޭ މައުލޫމާތާއި ކައުންސެލިންގ ފޯރުކޮށްދިނުން.
  4. ކައިވެނިކޮށްގެން އުޅޭ މީހުންގެ ތެރެއިން ތެލަސީމިއާ ކުއްޖަކު ލިބިދާނެ ނުރައްކާ އޮތް މީހުން ފާހަގަކޮށް، އެ މީހުންނަށް އެކަން ވިސްނައިދީ، އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި އެހީތެރިވެދިނުން.
  5. ތެލަސީމިއާގެ ފަރުވާދިނުމާއި ތެލަސީމިއާ ކޮންޓްރޯލްކުރުމަކީ، ގައުމުގެ ފެންވަރުގައި އޮތް ސިއްހީ އަދި އިގްތިސާދީ މައްސަލައެއްކަމުގައި ބަލައި، ގިނަބަޔަކަށް ތެލަސީމިއާ ފެތުރުނަ ނުދިނުމަށާއި ތެލަސީމިއާގެ ފަރުވާއަށްޓަކައި ގިނަ ހަރަދުތައް ކުރަންނުޖެހޭގޮތަށް ކުރެވޭ ކަމަކަށް ހެދުން.
  6. ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ޖަމާއަތްތަކާ ގުޅިގެން އެކިއެކި ޕްރޮގްރާމްތައް ހިންގުން.
  7. ތެލަސީމިއާ ކުދިންގެ ހަށިގަނޑުގައި ދަގަނޑުގެ މާއްދާތައް ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ހުންނަ ދަގަނޑުގެބައި ހަށިގަނޑުން ބޭރުކުރުމަށްޓަކައި ފަރުވާދިނުން. އަދި
    ދެވޭ ފަރުވާއާއި ބޭނުންކުރާ ވަސީލަތްތަކަކީ އެންމެ ނަތީޖާހެޔޮ ފަރުވާއާއި ވަސީލަތްތައްކަމުގައި ހެދުން.
  8. ސިއްހީ ހިދުމަތްދޭ އާންމު ހުރިހާ މަރުކަޒުތަކެއްގައި، ތެލަސީމިއާ އާ ބެހޭގޮތުން ދޭންޖެހޭ އިރުށާދާއި ލަފާ ލިބޭނެގޮތް ހަމަޖައްސައިދިނުމާއި، އެ ބަލި ދެނެގަނެވޭނެގޮތް ހަމަޖައްސައިދިނުން.
  9. ތެލަސީމިއާ ކުދިން ލިބިދާނެ މީހުން ފާހަގަކުރުމަށް ކުރެވޭ މަސައްކަތާއި، ތެލަސީމިއާ ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތާއި، ތެލަސީމިއާއަށް ފަރުވާދެވެމުންދާ ނިސްބަތާއި، ތެލަސީމިއާ ކުދިންގެ އަދަދުތަކަށް އަހަރުން އަހަރަށް އަންނަމުންދާ ބަދަލުތައް، ދެނެގަނެވޭނެގޮތަށް ކަންކަން ރޭވުން.
  10. ތެލަސީމިއާ ކުދިންނަކީ، މުޅި އުމުރުދުވަހަށްވެސް، ކަނޑައެޅޭ މުއްދަތުތަކެއްގެ ތެރޭގައި، މަދުވެގެން މަހަކު 1 (އެކެއް) ފަހަރު ނުވަތަ މަހަކު 2 (ދޭއް) ފަހަރު ލޭ އަޅަންޖެހޭ ކުދިންކަމަށްވާތީ، ލޭ އެޅުމުގެ އިންތިޒާމު ހަމަޖެއްސުން.
  11. ތެލަސީމިއާ ކުދިންނަކީ، އެހެން މީހުންގެ ގައިން ލޭ އަޅައިގެން ދިރިއުޅެންޖެހޭ ބަޔަކަށްވާތީ، އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ލޭ އެޅުމުގައި، ލޭގެ ސަބަބުން ނުވަތަ ލެއާގުޅިގެން، ނުވަތަ ލޭގެ ޒަރީއާއިން ނުވަތަ ލޭ އެޅުމުގައި ބޭނުންކުރާ ވަސީލަތެއް ނުވަތަ އާލާތެއްގެ ސަބަބުން، ގައިންގަޔަށް އަރާ ބައްޔެއް އެ ކުދިންނަށް ޖެހުނަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ދޭންޖެހޭ ފަރުވާދިނުން.

(ރ) ތެލަސީމިއާ ކޮންޓްރޯލްކުރުމަށްޓަކައި ހިންގޭ ކޮންމެ ޕްރޮގްރާމެއްގައިވެސް، މުޖުތަމައުގައި ތެލަސީމިއާ ޖެހިފައި ތިބެދާނެ މީހުންނަކީ ކޮބައިކަން ދެނެގަތުމާއި، ކައުންސެލިންގ ދިނުމާއި، ތެލަސީމިއާގެ ސަބަބުން އުފެދޭ ސިއްހީ މައްސަލަތަކަށް ދޭންވާ ފަރުވާ ލިބިދޭންވާނެއެވެ.

 

11 ވަނަ މާއްދާ - ތެލަސީމިއާއަށް ޓެސްޓުކުރުމުގައި ފަރުދުންގެ ޒިންމާ

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު އުމުރުން 18 އަހަރުން ދަށުގެ ދިވެހި ކޮންމެ ކުއްޖަކުވެސް  އެ ކުއްޖެއްގެ އުމުރުން 18 އަހަރު ފުރުމުގެ ކުރިން ތެލަސީމިއާއަށް ޓެސްޓުކޮށް، ނަތީޖާ ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެ ކުއްޖެއްގެ ބެލެނިވެރިންގެ ޒިންމާއެކެވެ.

(ށ) ލުއިފަސޭހަ ގޮތެއްގައި އަދި އެކަށީގެންވާ އަގެއްގައި ތެލަސީމިއާއަށް ޓެސްޓުކުރެވޭނެ ނިޒާމެއް ގާއިމުކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ.

 

12 ވަނަ މާއްދާ - ލޭގެ ފަރުވާދިނުމުގެ އެހީ

(ހ) ތެލަސީމިއާ ކުދިން ލޭ އަޅަންޖެހޭ ދުވަހަށް ލޭ އެޅޭނެ އިންތިޒާމު ދައުލަތުގެ ހަރަދުގައި ސެންޓަރުން ހަމަޖައްސަންވާނެއެވެ.

(ށ) ތެލަސީމިއާ ކުދިންނަށް ލޭ ހަދިޔާކުރަން ށައުގުވެރިވާކަން އަމިއްލަ އިސްނެގުމުގައި ހާމަކުރާ މީހުންނާއި އެ މީހުންގެ ލޭގެ ތަފްސީލުތައް އެނގޭނެ ދަފްތަރެއް ސެންޓަރުން އެކުލަވާލައި ބަލަހައްޓަންވާނެއެވެ.

(ނ) ތެލަސީމިއާ ކުދިންނަށް ލޭ ދޭނެ ފަރާތްތަކުގެ ގޮތުގައި، އެ ކުދިން ސެންޓަރަށް ތައާރުފުކޮށްދޭ ފަރާތްތަކާއި އެ ފަރާތްތަކުގެ ލޭގެ ތަފްސީލު މި މާއްދާގެ (ށ) ގެ ދަށުން އުފައްދާ ދަފްތަރުގައި ހިމަނަންވާނެއެވެ.

(ރ) ތެލަސީމިއާ ކުދިންނަށް ލޭ ދޭނެ މީހުން ހޯދުމަށް ސެންޓަރުގެ އަމިއްލަ އިސްނެގުމުގައި މަސައްކަތްކުރަންވާނެއެވެ. އަދި އެގޮތުން ކުރާ މަސައްކަތުން ލޭ ދިނުމަށް އެއްބަސްވާ މީހުންނާއި އެ މީހުންގެ ލޭގެ ތަފްސީލު މި މާއްދާގެ (ށ) ގެ ދަށުން އެކުލަވާލާ ދަފްތަރުގައި ހިމަނަންވާނެއެވެ.

(ބ) މި މާއްދާގެ (ށ)، (ނ) އަދި (ރ) ގައިވާ ގޮތުގެމަތިން، ސެންޓަރަށް ހޯދޭ ނުވަތަ ޖަމާކުރެވޭ ލޭ، އެކަށީގެންވާ ގޮތުގައި ރައްކާކުރެވޭނެ އަދި ބެލެހެއްޓޭނެ އިންތިޒާމު ސެންޓަރުން ހަމަޖައްސަންވާނެއެވެ.

 

13 ވަނަ މާއްދާ - ދަގަނޑުގެ މާއްދާއާގުޅޭ  ފަރުވާދިނުމުގެ އެހީ

 ތެލަސީމިއާ ކުދިންގެ ލޭގައި ޖަމާވަމުންދާ ދަގަނޑުގެ މާއްދާތައް، އެ ކުދިންގެ ހަށިގަނޑުގައި ދަގަނޑު ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ޖަމާވިޔަ ނުދިނުމަށްޓަކައި، އެ ކުދިންނަށް ގަވާއިދުން ދޭންޖެހޭ ފަރުވާ ދައުލަތުގެ ހަރަދުގައި ސެންޓަރުން ހަމަޖައްސައިދޭންވާނެއެވެ.

 

14 ވަނަ މާއްދާ - ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ އެހީ

ތެލަސީމިއާ ޖެހިފައިވާ ކުއްޖާއާ ލޭގެ ގުޅުންހުރި މީހަކު މެދުވެރިކޮށް، އެ މީހުންގެ އެހީގައި، ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ބޭނުންވާ ކުދިންގެ ތެރެއިން، ސެންޓަރުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ށަރުތު ފުރިހަމަވާ ކުދިންނަށް، ދައުލަތަށް ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި ހިނގާ ހަރަދުގެ %50 (ފަންސާސް އިންސައްތަ) ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.

 

15 ވަނަ މާއްދާ - ދަތުރުފަތުރުގެ އެހީ

ތިމާ ދިރިއުޅޭ ރަށުގައި ހުރެގެން ތެލަސީމިއާ ކުއްޖަކަށް ލޭ އެޅުމުގެ ހިދުމަތެއް ލިބެންނެތްކަމުގައިވާނަމަ، ނުވަތަ ތެލަސީމިއާ ކުއްޖަކަށް ހާއްސަގޮތުން ހޯދަންޖެހޭ އެހެންވެސް ފަރުވާއެއް އެ ރަށުގައި ލިބެންނެތްކަމުގައިވާނަމަ، އެ ހިދުމަތް ލިބެންހުރި އެންމެ ކައިރި ރަށަކަށް ނުވަތަ އެންމެ ފަސޭހައިން ދެވޭނެ ރަށަކަށް ދަތުރުކުރުމުގެ އިންތިޒާމު ސެންޓަރުގެ ފަރާތުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ދައުލަތުން ހަމަޖައްސައިދޭންވާނެއެވެ.

 

16 ވަނަ މާއްދާ - ތެލަސީމިއާ ފަންޑު  ގާއިމުކުރުން

(ހ) މި މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ތެލަސީމިއާ ފަންޑުގެ ނަމުގައި، ފަންޑެއް މި ގާއިމުކުރީއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަންޑު ހަދައި، އެ ފަންޑަށް ވަކިން ފައިސާ ޖަމާކުރާގޮތަށް ކަނޑައަޅާފައިއެވަނީ، ތެލަސީމިއާ ކޮންޓްރޯލްކުރުމަށާއި ތެލަސީމިއާ ކުދިން ފަރުވާ ލިބިގަތުމަށްޓަކައި އަހަރެއްގެތެރޭގައި ކުރަންޖެހޭ ހަރަދުތަކުގެ ތެރެއިން، މި ގާނޫނުގައި ބަޔާންކޮށްފައިވާ ހަރަދުތައް ދިވެހިދައުލަތުގެ ފަރާތުން އުފުލައި، އެ ހަރަދުތައް ކޮށްދިނުމަށް ބޭނުންވާ ފައިސާ އެ ހިދުމަތަށް ބޭނުންވާ ކުދިންގެ ނިސްބަތަށް ބަލައި، ކޮންމެ އަހަރަކުވެސް ވަކިން ޖަމާކުރެވެމުންދާނެގޮތް ހެދުމުގެގޮތުންނެވެ.

 

17 ވަނަ މާއްދާ - ފަންޑަށް ޖަމާކުރެވޭނެ  ފައިސާގެ ބާވަތްތައް

އަންނަނިވި ބާވަތުގެ ފައިސާ، ފަންޑަށް ޖަމާކުރެވިދާނެއެވެ.

(ހ) މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ތެލަސީމިއާ ކޮންޓްރޯލްކުރުމަށާއި ތެލަސީމިއާއަށް ފަރުވާދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުގައި ހިމަނައި، ފަންޑަށް ޖަމާކުރުމަށް ދޫކުރާ ފައިސާ.

(ށ) ދިވެހިރާއްޖޭގައި ތެލަސީމިއާ ކޮންޓްރޯލްކުރުމަށްޓަކައި، ދިވެހިސަރުކާރަށް އެހީގެގޮތުގައި އެކިއެކި ފަރާތްތަކުން ލިބޭ ފައިސާ.

(ނ) ދިވެހިރާއްޖޭގައި ތެލަސީމިއާ ކޮންޓްރޯލްކުރުމަށާއި ތެލަސީމިއާއަށް ފަރުވާދިނުމަށް، އެހީގެ ގޮތުގައި ދިވެހިސަރުކާރަށް ދިވެހި ރައްޔިތުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު، ނުވަތަ އެނޫންވެސް ގައުމެއްގެ ރައްޔިތުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ރާއްޖޭން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާއަކުން ނުވަތަ ޖަމާއަތަކުން ދޭ ފައިސާ.

(ރ) މި މާއްދާގެ (ށ) އަދި (ނ) ގެ ދަށުން ފަންޑަށް ޖަމާކުރެވޭ ފައިސާއަކީ، ސެންޓަރު ހިންގުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ދޫކުރާ ފައިސާގެ އިތުރަށް، އަދި އެއާ ވަކިން ދޫކުރާ ފައިސާއެކެވެ.

 

18 ވަނަ މާއްދާ - ފަންޑަށް ޒިންމާ އުފުލުން

ފަންޑު ހިންގައި ބެލެހެއްޓުމާއި ފަންޑުގައިވާ ފައިސާއަށް ޒިންމާ އުފުލާނީ ވަޒީރެވެ.

 

19 ވަނަ މާއްދާ - ފައިސާ ބޭނުންކުރުން

(ހ) ފަންޑުގެ ފައިސާ ބޭނުންކުރާނީ، މި ގާނޫނުގެ ދަށުން، ތެލަސީމިއާ ކޮންޓްރޯލްކުރުމަށާއި ތެލަސީމިއާއަށް ފަރުވާދިނުމުގެ ނިޒާމު ހިންގުމަށްޓަކައި ސީދާގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށެވެ. ސެންޓަރުން ކުރަންޖެހޭ އިދާރީ ހަރަދުތައް ކުރުމަށް މި ފަންޑުގެ ފައިސާ ބޭނުންކޮށްގެން ނުވާނެއެވެ.

(ށ) ފަންޑަށް ފައިސާ ދޫކުރާ ފަރާތަކުން، ވަކިކަމެއް ކުރުމަށް ފައިސާ ދޫކޮށްފައިވާނަމަ، އެ ފައިސާއެއް ހަރަދުކުރަންވާނީ ހަމައެކަނި އެކަމަކަށެވެ.

 

20 ވަނަ މާއްދާ - ބަޖެޓުގައި ފައިސާ ހިމެނުން

(ހ) ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކު، ވިދިގެން އަންނަ އަހަރުގެ ބަޖެޓު ފާސްކުރާއިރު، އެ ބަޖެޓު މެދުވެރިކޮށް، ތެލަސީމިއާ ކޮންޓްރޯލްކުރުމަށާއި ތެލަސީމިއާއަށް ފަރުވާދިނުމަށް އެކަށީގެންވާ އަދަދެއްގެ ފައިސާ ފަންޑަށް ދޫކުރަންވާނެއެވެ.

(ށ) ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކު، ވިދިގެން އަންނަ އަހަރުގެ ބަޖެޓު ފާސްކުރާއިރު ސެންޓަރު ހިންގުމަށާއި މި ގާނޫނު ތަންފީޒުކުރުމަށާއި، މި ގާނޫނުގެ ދަށުން ސެންޓަރުން ކުރަންޖެހޭ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަގޮތުގައި ކުރުމަށް ބޭނުންވާ މިންވަރަށް ފައިސާ ދޫކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ފައިސާ އެކަށައެޅުމުގައި، ސެންޓަރުން އެދޭ މިންވަރަށް ފައިސާ ދޫކުރުމަށް، ވީއެންމެ ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ މަޖިލީހުން މަސައްކަތްކުރަންވާނެއެވެ. ސެންޓަރަށް މި މާއްދާގެ (ށ) ގެ ދަށުން ދޫކުރާ ފައިސާއަކީ، މި މާއްދާގެ (ހ) ގެ ދަށުން ފަންޑަށް ދޫކުރާ ފައިސާއެއް ނޫނެވެ.

 

21 ވަނަ މާއްދާ - ބާރުތައް ހަވާލުކުރުން

(ހ) މި ގާނޫނުގެ ދަށުން ވަޒީރަށް ލިބިދޭ ވަކި ހާއްސަ ބާރެއް، ނުވަތަ ވަޒީރު އުފުލަންޖެހޭ ވަކި ހާއްސަ މަސްއޫލިއްޔަތެއް، ޑިރެކްޓަރ ޖެނެރަލްއާ ހަވާލުކުރެވިދާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ވަކި ހާއްސަ މަސްއޫލިއްޔަތެއް، ޑިރެކްޓަރ ޖެނެރަލްއާ ހަވާލުކޮށްފިނަމަ، އޭނާ އެ މަސްއޫލިއްޔަތު އަދާކުރަންވާނީ، ސީދާ މި ގާނޫނުގެ ދަށުން އެ މަސްއޫލިއްޔަތު އޭނާއާ ހަވާލުކުރެވިފައިވަނީ ކަމުގައި ބަލައިގެންނެވެ.

(ނ) މި ގާނޫނުގެ ދަށުން ވަކި ބާރެއް ނުވަތަ ވަކި މަސްއޫލިއްޔަތެއް ވަކި މީހަކާ ހަވާލުކުރުމުގެ ބަދަލުގައި، ވަކި ގިންތިއެއްގެ ބަޔަކާ ނުވަތަ ވަކި މަގާމެއްގައި ތިބޭ ބަޔަކާ އެ މަސްއޫލިއްޔަތެއް ނުވަތަ ބާރެއް ހަވާލުކުރުމުގެ ބާރު ވަޒީރަށް ލިބިގެންވެއެވެ.

(ރ) މި ގާނޫނުގެ ދަށުން ވަކި ބާރެއް ނުވަތަ ވަކި މަސްއޫލިއްޔަތެއް ހަވާލުކުރެވިފައިވާ މީހަކު، އެ ބާރެއް ނުވަތަ މަސްއޫލިއްޔަތެއް ތަންފީޒުކުރަމުންދާ ދަނޑިވަޅުގައި، އެހެންގޮތަކަށް ސާބިތުކޮށްނުދެވޭހާހިނދަކު، ގަބޫލުކުރަންޖެހޭނީ، އޭނާ އެ މަސައްކަތް އެ ކުރަނީ އޭނާއާ ހަވާލުކުރެވިފައިވާ ބާރުގެ ނުވަތަ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރޭގައި ކަމަށެވެ.

(ބ) މި ގާނޫނުގެ ދަށުން ވަޒީރު، ވަކި މީހަކާ ނުވަތަ ވަކި ގިންތިއެއްގެ ބަޔަކާ ހަވާލުކުރާ ކޮންމެ ބާރެއްވެސް، ލިޔުމުން ހަވާލުކުރުމަށްފަހު، ލިޔުމުން އެ ބާރު އަތުލެވިވެސްދާނެއެވެ. އަދި ވަކި މީހަކަށް ބާރެއް ހަވާލުކުރެވިފައި އޮތުމަކީ، ވަޒީރު އެ ބާރު ސީދާ ބޭނުންކުރުމަށް އޮތް ހުރަހެއްވެސް ނޫނެވެ.

 

22 ވަނަ މާއްދާ – މުވައްޒަފުން

 ސެންޓަރުގައި އަންނަނިވި މަގާމުތައް އުފައްދައި، އެ ސެންޓަރުގެ މަސައްކަތް ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ނިސްބަތަށް، އެ މަގާމުތަކުގައި މީހުން ހިދުމަތްކުރަންވާނެއެވެ.

(ހ) ހީމަޓޮލޮޖިސްޓުން.

(ށ) ޕީޑިއޭޓްރިށަނުން.

(ނ) ޖެނެޓިކް ކައުންސެލަރުން.

(ރ) ނަރުހުން.

(ބ) ޓެކްނޮލޮޖިސްޓުން.

(ޅ) ފިޒީށަނުން.

 

23 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ ވަޒީރުގެ މަށްވަރާގެމަތިން ސެންޓަރުންނެވެ. މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް މި ގާނޫނު ތަސްދީގުކުރާތާ ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް އިއުލާންކުރަންވާނެއެވެ.

 

24 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

25 ވަނަ މާއްދާ - މާނަ

މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދެވިފައިވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ސިއްހީ ހިދުމަތްދޭ ތަންތަން" ކަމަށް ބުނެފައިއެވަނީ، ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލްތަކާއި މަރުކަޒުތަކާއި ޕޯސްޓްތަކާއި ކްލިނިކްތަކާއި އެފަދަ އެހެން ތަންތަން ހިމެނޭގޮތަށެވެ.

(ށ) "ސެންޓަރު" ކަމަށް ބުނެފައިއެވަނީ، ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށެވެ.

(ނ) "ވަޒީރު" ކަމަށް ބުނެފައިއެވަނީ، ސިއްހީ ކަންތައްތައް ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވަޒީރަށެވެ.

(ރ) "ސަރަހައްދު" ކަމަށް ބުނެފައިއެވަނީ، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ދާއިރާތަކަށެވެ.

(ބ) "ޑިރެކްޓަރ ޖެނެރަލް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރުގެ އެންމެ އިސް ވެރިއެއްގެގޮތުގައި އައްޔަންކުރާ ޑިރެކްޓަރ ޖެނެރަލްއަށެވެ.

(ޅ) "ކައުންސެލިންގ" ކަމަށް ބުނެފައިއެވަނީ، ވަކި ހާލަތަކާގުޅޭ ހާއްސަ މައުލޫމާތު ދިނުމަށާއި،އެ ހާލަތު ބަދަލުކުރުމަށް ނުވަތަ ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަމުގެ އިރުށާދުދިނުމަށާއި، އެ ހާލަތު ބަދަލުކުރުމުގައި ނުވަތަ ރަނގަޅުކުރުމުގައި ދިމާވާ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީ، މައުލޫމާތު ދެވޭ ފަރާތް ތައްޔާރުކޮށްދިނުމުގެގޮތުން ދެވޭ ލަފާއާއި ކުރެވޭ ކަންކަން ހިމެނޭގޮތަށެވެ.

(ކ) "ތެލަސީމިއާ ކުދިން" ކަމަށް ބުނެފައިއެވަނީ، އެ ކުދިން ވިހާ ތާރީހުން ފެށިގެން މީލާދީގޮތުން 18 އަހަރު ފުރުމާދެމެދުގެ އުމުރުގެ ކުދިންނާއި އުމުރުން 18 އަހަރު މީލާދީގޮތުން ފުރިހަމަވުމަށްފަހުގައިވެސް ތެލަސީމިއާގައި ދެމިތިބި މީހުން ހިމެނޭގޮތަށެވެ.

(އ) "ދަގަނޑުގެބައި ހަށިގަނޑުން ބޭރުކުރުމަށް ބޭނުންކުރެވޭ ބޭސް" ކަމަށް ބުނެފައިއެވަނީ، އަޔަން ކީލޭޝަން (Iron Chelation) ގެ ގޮތުގައި ބޭނުންކުރެވޭ އެންމެހައި ބޭސްތަކާއި ފަރުވާ ހިމެނޭގޮތަށެވެ.

  

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ތެލަސީމިއާ ފަންޑު ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 1077/2019)

ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ހިދުމަތް ދިނުމމުގެ ގަވާއިދު (ގަވާއިދު ނަންބަރު 47/2012)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު