-

މަނިޓަރީ އޮތޯރިޓީގެ ގާނޫނު (ގާނޫނު ނަންބަރު 1981-06) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2015-23)

 

ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގައި ހިމެނޭ "ބޭންކް" އެ ލަފުޒުގެ މާނަކުރުން އަންނަނިވި ގޮތަށް އިސްލާހުކުރުން.

"ބޭންކު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގައި އެ ލަފުޒަށް ދީފައިވާ މާނައިގައެވެ.

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގައި ހިމެނޭ "ބޭންކް ވިޔަފާރި" އެ އިބާރާތުގެ މާނަކުރުން އުނިކޮށް، އޭގެ ބަދަލުގައި އަންނަނިވި އިބާރާތް އިތުރުކުރުން.

"ބޭންކިންގ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގައި އެ އިބާރާތަށް ދީފައިވާ މާނައިގައެވެ.

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގައި ހިމެނޭ "މާލީ އިދާރާ" އެ އިބާރާތުގެ މާނަކުރުން އަންނަނިވި ގޮތަށް އިސްލާހުކުރުން.

2. "މާލީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ބޭންކިންގ ވިޔަފާރި ނުވަތަ އިންވެސްޓްމަންޓް ބޭންކިންގ ވިޔަފާރި ނުވަތަ މާރޗަންޓް ބޭންކިންގ ވިޔަފާރި ނުވަތަ ޑިވެލޮޕްމަންޓް ބޭންކިންގ ވިޔަފާރި ނުވަތަ އިންށުއަރެންސްގެ ވިޔަފާރި ނުވަތަ ފައިނޭންސް ލީސިންގގެ ވިޔަފާރި ނުވަތަ ކޮންސިއުމަރ ފައިނޭންސްގެ ވިޔަފާރި ނުވަތަ ހައުސިންގ ފައިނޭންސްގެ ވިޔަފާރި ނުވަތަ ރެމިޓެންސްގެ ވިޔަފާރި ނުވަތަ މަނީ ޗޭންޖިންގ ވިޔަފާރި ނުވަތަ ކާޑު އިށޫކޮށް އެކްވަޔަރކުރުމުގެ ވިޔަފާރި ނުވަތަ އެއްވެސް ބާވަތެއްގެ ޕޭމަންޓް އަދި ސެޓްލްމަންޓް އިންސްޓްރުމަންޓެއް ނުވަތަ ޕޭމަންޓް އަދި ސެޓްލްމަންޓް ސިސްޓަމެއް ހިންގުމުގެ ވިޔަފާރި ނުވަތަ ދިވެހިރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، އެ ވިޔަފާރިއެއް ނުވަތަ މާލީ ހަރަކާތެއް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރަންޖެހޭ ކަމަށް އޮތޯރިޓީއަށް ފެންނަ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން ލައިސަންސް ދޭ، ސެކިއުރިޓީޒްއާބެހޭ ވިޔަފާރިއާއި ހިދުމަތްތައް ފިޔަވައި، ވިޔަފާރިއާއި މާލީ ހަރަކާތްތައް ހިންގާ ކޮންމެ ފަރާތަކަށެވެ.

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގައި ހިމެނޭ "ބޭންކް ވިޔަފާރި" އެ އިބާރާތުގެ މާނަކުރުމުގެ ފަހަތަށް، އަންނަނިވި ދެ އިބާރާތުގެ މާނަކުރުން އިތުރުކުރުން.

2. "ބޭންކު-ނޫން މާލީ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ބޭންކިންގ ވިޔަފާރި ފިޔަވައި އެހެން ބާވަތްތަކުގެ މާލީ ވިޔަފާރިތަކަށެވެ. އޭގެ ތެރޭގައި، އިންވެސްޓްމަންޓް ބޭންކިންގ ވިޔަފާރި ނުވަތަ މާރޗަންޓް ބޭންކިންގ ވިޔަފާރި ނުވަތަ ޑިވެލޮޕްމަންޓް ބޭންކިންގ ވިޔަފާރި ނުވަތަ އިންށުއަރެންސްގެ ވިޔަފާރި ނުވަތަ ފައިނޭންސް ލީސިންގގެ ވިޔަފާރި ނުވަތަ ކޮންސިއުމަރ ފައިނޭންސްގެ ވިޔަފާރި ނުވަތަ ހައުސިންގ ފައިނޭންސްގެ ވިޔަފާރި ނުވަތަ ރެމިޓެންސްގެ ވިޔަފާރި ނުވަތަ މަނީ ޗޭންޖިންގ ވިޔަފާރި ނުވަތަ ކާޑު އިށޫކޮށް އެކްވަޔަރކުރުމުގެ ވިޔަފާރި ނުވަތަ އެއްވެސް ބާވަތެއްގެ ޕޭމަންޓް އަދި ސެޓްލްމަންޓް އިންސްޓްރުމަންޓެއް ނުވަތަ ޕޭމަންޓް އަދި ސެޓްލްމަންޓް ސިސްޓަމެއް ހިންގުމުގެ ވިޔަފާރި ނުވަތަ ދިވެހިރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން ލައިސަންސް ދޭ، ސެކިއުރިޓީޒްއާބެހޭ ވިޔަފާރިއާއި ހިދުމަތްތައް ފިޔަވައި، އެ ވިޔަފާރިއެއް ނުވަތަ މާލީ ހަރަކާތެއް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރަންޖެހޭ ކަމަށް އޮތޯރިޓީއަށް ފެންނަ ވިޔަފާރިއާއި މާލީ ހަރަކާތްތައް ހިމެނޭގޮތުންނެވެ.

"ބޭންކު-ނޫން މާލީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ބޭންކު-ނޫން މާލީ ވިޔަފާރިއެއް ކުރުމަށް މި ގާނޫނުގެ ދަށުން ލައިސަންސް ލިބިފައިވާ ނުވަތަ ހުއްދަ ލިބިފައިވާ ކޮންމެ ފަރާތަކަށެވެ.

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގައި ހިމެނޭ "އެކްސްޓަރނަލް ޓްރާންސެކްށަން" އެ އިބާރާތުގެ މާނަކުރުމުގެ ފަހަތަށް، އަންނަނިވި އިބާރާތުގެ މާނަކުރުން އިތުރުކުރުން.

"އެގްޒެކެޓިވް އޮފިސަރ" ކަމަށް ބުނެފައި އެވަނީ، އެ އިދާރާއެއްގެ މުވައްޒަފުންގެ ތެރެއިން ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިވާ މުވައްޒަފުންނާއި، އަދި އެ އިދާރާގެ ހަރަކާތްތަކުގެ ތެރެއިން މައިގަނޑު ހަރަކާތްތައް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ ކޮންމެ މުވައްޒަފަކަށެވެ. އެފަދަ މަސްއޫލިއްޔަތު އުފުލާ ކޮންމެ މުވައްޒަފަކީ އެ އިދާރާގެ ކޮންމެ މަގާމެއްގައި ހުރި މީހެއް ކަމުގައި ވީނަމަވެސް، މި ގާނޫނުގެ ބޭނުމަށްޓަކައި އެއީ އެގްޒެކެޓިވް އޮފިސަރެއް ކަމުގައި ބެލެވޭނެއެވެ. އެގްޒެކެޓިވް އޮފިސަރުންގެ ތެރޭގައި، އެ އިދާރާއެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި، މެނޭޖިންގ ޑިރެކްޓަރާއި، ޑިރެކްޓަރުންގެ ބޯޑުގެ ރައީސާއި ނައިބު ރައީސާއި، ޗީފް ފައިނޭންށަލް އޮފިސަރާއި، ޗީފް އެގްޒެކެޓިވް އޮފިސަރާއި، ޖެނެރަލް މެނޭޖަރާއި، ލޯނުދޫކުރުމާ ހަވާލުވެ ހުންނަ އެންމެ އިސް މުވައްޒަފާއި، ހަޒާންދާރު ހިމެނޭނެއެވެ.

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(3) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އޮތޯރިޓީގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުންނާއި އޭޖެންޓުންނާއި ކޮންސަލްޓަންޓުންނާއި އެޑްވައިޒަރުން އައްޔަންކޮށް، ވަޒީފާގެ ކުރިއެރުން ދީ، ވަޒީފާއިން ވަކިކުރާނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން ބޯޑުން ކަނޑައަޅާ އުސޫލުތަކެއްގެ ދަށުން ގަވަރނަރެވެ.

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ނަންބަރުތައް އިތުރުކުރުން.

(4) އޮތޯރިޓީގެ މުވައްޒަފުންނާއި އޭޖެންޓުންނާއި ކޮންސަލްޓަންޓުންނާއި އެޑްވައިޒަރުންނަށް ދޭނެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، ބޯޑުން ކަނޑައަޅާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ގަވަރނަރެވެ. އޮތޯރިޓީގެ މުވައްޒަފުންނަށް ދޭ މުސާރައާއި އިނާޔަތްތައް ވާންވާނީ، ކަމަށް ގާބިލު އަދި އެކަށީގެންވާ މީހުން އައްޔަންކުރުމަށާއި އެމީހުން ވަޒީފާގައި ދެމިތިބުމަށް އެކަށީގެންވާ މިންވަރެއްގެ މުސާރައަކާއި އިނާޔަތްތަކެއް ކަމުގައެވެ.

(5) އަންނަނިވި ކަންކަން ކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ބޯޑުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އޮތޯރިޓީގެ މުވައްޒަފުންނަށް އޮތޯރިޓީއިން ލޯނު ދޫކުރެވިދާނެއެވެ.

(ހ) ދިރިއުޅުމުގެ ބޭނުމަށްޓަކައި ގެއެއް ނުވަތަ ފްލެޓެއް ނުވަތަ ގޯއްޗެއް ގަތުމަށް؛

(ށ) މުވައްޒަފާއި މުވައްޒަފުގެ އާއިލާގެ ދިރިއުޅުމުގެ ބޭނުމަށްޓަކައި އިމާރާތްކުރުމަށް ނުވަތަ ދިރިއުޅޭ ތަން މަރާމާތުކުރުމަށް؛

(ނ) މުވައްޒަފު ނުވަތަ މުވައްޒަފުގެ ދަރިއަކު މަތީ ތައުލީމު ހާސިލުކުރުމަށް.

(6) މި މާއްދާގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އެހެން ކަމަކަށްޓަކައި އޮތޯރިޓީގެ މުވައްޒަފުންނަށް ލޯނުދޫކުރުމަކީ ވަގުތާއި ހާލަތަށް ބަލާއިރު އެދެވިގެންވާ ކަމެއް ކަމަށް ގަވަރނަރަށް ފެނިއްޖެ ހިނދެއްގައި، އެ ކަމަކަށްޓަކައި މުވައްޒަފުންނަށް ލޯނު ދޫކުރެވިދާނެއެވެ. މިގޮތުން ދޫކުރެވޭ ލޯނުގެ އަދަދު، އެ މުވައްޒަފެއްގެ 3 (ތިނެއް) މަސް ދުވަހުގެ މުސާރައަށް ޖެހޭ އަދަދަށްވުރެ އިތުރުވެގެންނުވާނެއެވެ. އަދި، އެފަދަ ކަންކަމަށް ލޯނު ދޫކުރަންވާނީ، ބޯޑުން ކަނޑައަޅާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ، އެއްގޮތްވާ ގޮތުގެމަތިންނެވެ.

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(2) މި މާއްދާގެ (1) ވަނަ ނަންބަރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އޮތޯރިޓީއަށް ބަދަލު ހޯދުމަށް ހުށަނާޅާ ހުރި، ލީގަލް ޓެންޑަރ ނޫންކަމަށް ކަނޑައެޅިފައިވާ ނޫޓު ނުވަތަ ފައިސާ ފޮތީގެ ސިއްކައިގެ އަގު، އޮތޯރިޓީގެ ލައިބިލިޓީން އުނިކުރަންވާނެއެވެ.

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާގެ (2) ވަނަ ނަންބަރުގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ނޫޓު ނުވަތަ ބޭންކް ބާކީގެ ގޮތުގައި ބެހެއްޓިފައި ހުރި ބޭރު ފައިސާ؛

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާގެ (2) ވަނަ ނަންބަރުގެ (ޅ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

(ކ) ޑެރިވެޓިވްސް ހިމެނޭގޮތުން، އެހެނިހެން ސެކިއުރިޓީއާއި ފައިނޭންށަލް އިންސްޓްރުމަންޓްތައް.

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މަނިޓަރީ އޮތޯރިޓީއަކަށް ނުވަތަ ސެންޓްރަލް ބޭންކަކަށް ނުވަތަ މާލީ އިދާރާއަކަށް، މުރާސިލެއްގެ ގޮތުން ނުވަތަ ބޭންކަރެއްގެ ގޮތުން ނުވަތަ އޭޖެންޓެއްގެ ގޮތުން ނުވަތަ ޑިޕޮޒިޓް ބަހައްޓާ ތަނެއްގެ ގޮތުން ހިދުމަތްކޮށްދިނުން.

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) ބޭރު ގައުމެއްގެ ސަރުކާރުން ނުވަތަ މާލީ އިދާރާއަކުން ނެރެފައިވާ ނުވަތަ ގަރަންޓީކޮށްފައިވާ ޓްރެޒަރީ ބިލްތަކާއި އެހެނިހެން ސެކިއުރިޓީއާއި ފައިނޭންށަލް އިންސްޓްރުމަންޓްތައް ގަނެވިއްކުން ނުވަތަ އެފަދަ ތަކެތިން އިންވެސްޓްކުރުން ނުވަތަ އެފަދަ ތަކެތިން ވިޔަފާރިކުރުން.

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ތ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.

(ލ) އޮތޯރިޓީގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، ތަފާސްހިސާބާއި މައުލޫމާތު އެއްކުރުމާއި، އެކުލަވާލުމާއި، ދިރާސާކުރުމާއި، ށާއިއުކުރުން؛

(ގ) ދިވެހިރާއްޖޭގެ މާލީ ދާއިރާ ތަރައްގީކުރުމަށާއި ދިވެހިރާއްޖޭގައި ފައިނޭންށަލް އިންކްލޫށަން އިތުރުކޮށް ހަރުދަނާކުރުމުގެ މަގްސަދުގައި އެކި މަށްރޫއުތައް ކުރިއަށް ގެންދިޔުމާއި، އެފަދަ މަށްރޫއެއްގެ ދަށުން ދެވޭ ހިދުމަތާ ގުޅިގެން ފީ ނުވަތަ ޗާޖު ނެގުން؛

(ޏ) ބިމާއި ގޯތިގެދޮރުފަދަ ނުއުފުލޭ މުދަލާއި އުފުލޭ މުދާ ލިބިގަތުމާއި، ގަނެވިއްކުމާއި، އަތުލުމާއި، ހިފެހެއްޓުމާއި، އެފަދަ މުދަލާއި އެފަދަ މުދަލުގެ މައްޗަށް އޮތް މަސްލަހަތުތައް އެހެން ފަރާތްތަކަށް ހަވާލުކުރުމާއި، ބަދަލުކުރުމާއި، ކުއްޔަށްދިނުމާއި، ވިއްކުމާއި، ރަހުނުކުރުން؛

(ސ) ޕޭމަންޓް އަދި ސެކިއުރިޓީސް ސެޓްލްމަންޓް ސިސްޓަމްތައް ރާވައި ހިންގުމާއި، އެފަދަ ސިސްޓަމްތަކުގައި ބައިވެރިވުން؛

(ޑ) އެހެން ގާނޫނަކުން އޮތޯރިޓީއާ ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 24 ވަނަ މާއްދާގެ (ނ) އުނިކޮށް، އެ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ދިވެހިސަރުކާރާއި ނުވަތަ ބޭރު ގައުމެއްގެ ސަރުކާރާއި، ދިވެހިސަރުކާރު ނުވަތަ ބޭރު ގައުމެއްގެ ސަރުކާރެއްގެ ވިޔަފާރިއާބެހޭ ތަންތަނާއި، ދިވެހިސަރުކާރު ނުވަތަ ބޭރު ގައުމެއްގެ ސަރުކާރު ބައިވެރިވާ ފަރާތްތަކާއި، މަނިޓަރީ އޮތޯރިޓީތަކާއި ސެންޓްރަލް ބޭންކުތަކާއި މާލީ އިދާރާތައް ފިޔަވައި އެހެން އެއްވެސް ފަރާތަކާ ގުޅިގެން، މި ގާނޫނުގެ 22 ވަނަ މާއްދާގެ (ރ) އާއި (ބ) ގައި ބަޔާންކުރާފަދަ އެއްވެސް ވިޔަފާރިއެއްގައި ބައިވެރިވުން.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

އާންމު ރިޒާރވް 27. 

  1. އޮތޯރިޓީގެ އާންމު ރިޒާރވް ގާއިމުކޮށް، ކޮންމެ މާލީ އަހަރެއް ނިމުމާއެކު، އެ އާންމު ރިޒާރވަށް އޮތޯރިޓީގެ އެ އަހަރެއްގެ ސާފު ފައިދާގެ %50 (ފަންސާސް އިންސައްތަ) ޖަމާކުރަންވާނެއެވެ. އެގޮތުން ޖަމާކުރަންވާނީ ހުއްދަ ދެވިފައިވާ ރައުސްމާލާ އާންމު ރިޒާރވް އެއްވަރުވަންދެނެވެ. އެއަށްފަހު، ހުއްދަ ދެވިފައިވާ ރައުސްމާލުގެ ދެގުނައާ އާންމު ރިޒާރވް އެއްވަރުވަންދެން ކޮންމެ އަހަރަކު ސާފު ފައިދާގެ %25 (ފަންސަވީސް އިންސައްތަ) އާންމު ރިޒާރވަށް ޖަމާކުރަންވާނެއެވެ. ހުއްދަދެވިފައިވާ ރައުސްމާލުގެ ދެގުނައާ އާންމު ރިޒާރވް އެއްވަރުވުމުން، ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ މިންވަރެއް ކޮންމެ އަހަރަކު ސާފު ފައިދާއިން އާންމު ރިޒާރވަށް ޖަމާކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 28 ވަނަ މާއްދާގެ (4) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(4) އޮތޯރިޓީގެ ކޮންމެ މާލީ އަހަރެއް ނިމުމާ ވިދިގެން، އަލުން އަގުކުރެވޭ ރިޒާރވް އެކައުންޓްގައި ކްރެޑިޓް ބާކީއެއް ވާނަމަ، އެ ކްރެޑިޓް ފުރަތަމަ ބޭނުންކުރަންވާނީ، މި މާއްދާގެ (3) ވަނަ ނަންބަރުގެ ދަށުން ދޫކުރެވިފައިވާ ސެކިއުރިޓީ ދެއްކުމަށެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ޗެޕްޓަރު 6 ގެ ސުރުހީގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

އޮތޯރިޓީން ރެގިއުލޭޓްކުރާ ދާއިރާތަކާއި ބޭންކު-ނޫން މާލީ ވިޔަފާރި ހިންގުމަށް ލައިސަންސް ދޫކުރުން 29. 

(ހ) ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން ލައިސަންސް ދޭ ސެކިއުރިޓީޒްގެ ވިޔަފާރި، ނުވަތަ ސެކިއުރިޓީޒްއާގުޅޭ އެހެނިހެން ހިދުމަތްތަކުގެ މައްޗަށް މި މާއްދާއެއް ނުހިނގާނެއެވެ.

(ށ) ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ ދަށުން ލައިސަންސް ލިބިގެން ނުވަތަ ހުއްދަ ލިބިގެން ހިންގާ ވިޔަފާރިއެއް ފިޔަވައި، އެހެން ބޭންކު-ނޫން މާލީ ވިޔަފާރިއެއް އެއްވެސް ފަރާތަކުން ހިންގަންވާނީ މި ގާނޫނުގެ ދަށުން ދޫކުރާ ލައިސަންސެއް ނުވަތަ ހުއްދައެއް ލިބުމަށް ފަހުގައެވެ. އެފަދައިން މި ގާނޫނުގެ ދަށުން ލައިސަންސް ނުވަތަ ހުއްދަ ހޯދަންޖެހޭ ފަރާތްތަކުގެ ތެރޭގައި، މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން ރެގިއުލޭޓްކޮށް ސުޕަވައިޒްކުރާނެ ފަރާތެއް ކަމަށް ކަނޑައަޅާފައިނުވާ ފަރާތްތަކެއް ނުހިމެނޭނެއެވެ.

(ނ) މި ގާނޫނުގެ ދަށުން ދޫކުރާ ލައިސަންސް ނުވަތަ ހުއްދަ ނެތި، އެއްވެސް ފަރާތަކުން ބޭންކު-ނޫން މާލީ ވިޔަފާރިއެއް ހިންގާ ކަމަށް ގަބޫލުކުރެވޭ ސަބަބެއް އޮތޯރިޓީއަށް ލިބިއްޖެނަމަ، އެފަދަ ފަރާތެއްގެ ވިޔަފާރި ހިންގާ ތަނަށް ގޮސް، ނުވަތަ އެ ތަނުގެ ފޮތްތަކާއި އެކައުންޓްތައް އޮތޯރިޓީއަށް ގެނުވައިގެން، އެތަކެތި ބެލުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި އެފަދަ އަމަލެއް ހިންގާކަމަށް ގަބޫލުކުރެވޭ ފަރާތެއްގެ ފޮތްތަކާއި އެކައުންޓްތައް ބެލުމަށްޓަކައި އެފަރާތެއްގެ ވިޔަފާރި ހިންގާ ތަނަށް ވަނުމަށް ނުވަތަ އެފަރާތެއްގެ ފޮތްތަކާއި އެކައުންޓްތައް އޮތޯރިޓީއަށް ގެނައުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި އޮތޯރިޓީން އެދުމުން، އެކަންކަން ކުރުމަށްޓަކައި އޮތޯރިޓީއަށް ބޭނުންވާ އެހީތެރިކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފޯރުކޮށްދޭންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ލައިސަންސް ދޫކުރާނެ އުސޫލުތަކާއި، މިންގަނޑުތަކާއި، ލައިސަންސްދޫކުރުމުގެ ށަރުތުތަކާއި، ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ވިޔަފާރި ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ އުސޫލުތަކާގުޅޭ ގަވާއިދުތަކާއި ސަރކިއުލަރތަކާއި މެމޮރަންޑަމްތައް އޮތޯރިޓީއަށް ނެރެވިދާނެއެވެ. މިގޮތުން ވަކި ބާވަތެއްގެ ބޭންކު-ނޫން މާލީ އިދާރާއަކުން އެކަނި އަމަލުކުރަންޖެހޭ ހާއްސަ ގަވާއިދުތަކާއި، ޖުމްލަކޮށް ހުރިހާ ބޭންކު-ނޫން މާލީ އިދާރާތަކުން އަމަލުކުރަންޖެހޭ އާންމު ގަވާއިދު އޮތޯރިޓީއަށް ނެރެވިދާނެއެވެ.

(ބ) މި ގާނޫނުގެ ދަށުން ދޫކުރާ ލައިސަންސެއް ނެތި، އެއްވެސް ފަރާތަކުން ބޭންކު-ނޫން މާލީ ވިޔަފާރިކުރުމަކީ ކުށެކެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ ކުށެއްކޮށްފި ފަރާތެއްގެ އަދަބަކީ، އެފަރާތެއް 100,000 (އެއްލައްކަ) ރުފިޔާއާއި 1,000,000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު 2 (ދޭއް) އަހަރާއި 5 (ފަހެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ކ) މި ގާނޫނުގެ ދަށުން ދޫކުރާ ހުއްދައެއް ނެތި، އެއްވެސް ފަރާތަކުން ބޭންކު-ނޫން މާލީ ވިޔަފާރިކުރުމަކީ ކުށެކެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކުރާ ކުށެއްކޮށްފި ފަރާތެއްގެ އަދަބަކީ، އެފަރާތެއް 75,000 (ހަތްދިހަފަސްހާސް) ރުފިޔާއާއި 750,000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު 1 (އެކެއް) އަހަރާއި 3 (ތިނެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި މާއްދާ އިތުރުކުރުން.

މައުލޫމާތާއި ރިޕޯޓު ހުށަހެޅުމާއި، ބޭންކު-ނޫން އިދާރާތައް ސުޕަވައިޒްކުރުން 30. 

(ހ) ކޮންމެ ބޭންކު-ނޫން މާލީ އިދާރާއަކުންވެސް، އޮތޯރިޓީން އަންގާ ގޮތެއްގެމަތިން އަދި އޮތޯރިޓީން އެދޭ ތަފްސީލާއެކު، އަދި އޮތޯރިޓީން އަންގާ ވަގުތަށް، އޮތޯރިޓީން އެދޭ މައުލޫމާތާއި ލިޔެކިޔުންތަކާއި ރިޕޯޓުތައް ހުށަހަޅަންވާނެއެވެ.

(ށ) ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް، ބޭންކު-ނޫން މާލީ އިދާރާތައް އޮތޯރިޓީއަށް ސުޕަވައިޒްކުރެވިދާނެއެވެ.

  1. ބޭންކު-ނޫން މާލީ އިދާރާ ހިނގާ ގޮތް ބެލުމަށް ނުވަތަ ބޭންކު-ނޫން މާލީ އިދާރާގެ ހާލަތު ނުވަތަ މެނޭޖްމަންޓުގެ ގާބިލުކަމާއި ހިންގުންތެރިކަން ދެނެގަތުމަށް ނުވަތަ ބޭންކު-ނޫން މާލީ އިދާރާއަށް ކުރިމަތިވެދާނެ ނުރަނގަޅު އަސަރުތަކަށް ތައްޔާރުވުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާފައިވާ އުސޫލުތައް ބެލުމަށް ނުވަތަ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެފަރާތުން އަމަލުކުރާ މިންވަރު ބެލުމަށް ނުވަތަ އޮތޯރިޓީން ބަލަންޖެހޭކަމަށް ފެންނަ އެނޫންވެސް ކަންކަން ބެލުމަށް އޮތޯރިޓީން އައްޔަންކުރާ ފަރާތެއް މެދުވެރިކޮށް ނުވަތަ އޮތޯރިޓީގެ އޮފިސަރުން މެދުވެރިކޮށް، އޮތޯރިޓީއަށް ފެނިއްޖެ ކޮންމެ ހިނދެއްގައި، އެ އިދާރާގެ އޮންސައިޓް އެގްޒެމިނޭށަނެއް ހިންގިދާނެއެވެ.
  2. މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާފަދަ އޮންސައިޓް އެގްޒެމިނޭށަނެއްގެ ތެރޭގައި ނުވަތަ އޮންސައިޓް އެގްޒެމިނޭށަނަކާ ގުޅިގެން އިތުރު މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ނުވަތަ ހެއްކެއް ހޯދުމަށް އޮތޯރިޓީގެ އޮފިސަރުން ބޭނުންވެއްޖެނަމަ، އެ އެއްޗެއް އެތަނުން ފޯރުކޮށްދޭންވާނެއެވެ. ނުވަތަ އޮފިސަރުން ބޭނުންވެއްޖެނަމަ އެ އެއްޗެއް ލިޔުމުން އޮތޯރިޓީއަށް ފޮނުވައިދޭންވާނެއެވެ. އެފަދަ ތަކެތީގެ ތެދުކަން ލިޔުމަކުން އަންގައިދޭންޖެހޭފަދަ ހާލަތްތަކުގައި، އެފަދަ ލިޔުން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މާލީ އިދާރާތަކުން ބަހައްޓަންޖެހޭ ރިޒާރވް 31. 

(ހ) ބޭންކުތަކުގެ ނުވަތަ ބޭންކު-ނޫން މާލީ އިދާރާތަކުގެ ޑިޕޮޒިޓްތަކާއި އެހެން ލައިބިލިޓީތަކުގެ ނިސްބަތުން މަދުވެގެން ބަހައްޓަންޖެހޭ ރިޒާރވެއް ކަނޑައަޅައި ބެހެއްޓުމަށް ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކަށާއި ބޭންކު-ނޫން އިދާރާތަކަށް އޮތޯރިޓީއަށް އެންގިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މަދުވެގެން ބަހައްޓަންޖެހޭ ރިޒާރވް ކަނޑައެޅުމުގައި، ބޭންކުތަކަށާއި ތަފާތު ބާވަތްތަކުގެ ބޭންކު-ނޫން މާލީ އިދާރާތަކަށް ތަފާތު ރިޒާރވް ރޭށިއޯތައް ކަނޑައެޅުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިޕޮޒިޓްތަކާއި އެހެން ލައިބިލިޓީތަކުގެ ބާވަތްތަކާއި، މަދުވެގެން ބަހައްޓަންޖެހޭ ރިޒާރވް ކަނޑައަޅާނެ ގޮތާއި ހިސާބުކުރާނެ ގޮތުގެ އުސޫލު ބޯޑުން ކަނޑައެޅުމަށްފަހު، ބޭންކުތަކަށް ނުވަތަ ބޭންކު-ނޫން މާލީ އިދާރާތަކަށް އޮތޯރިޓީން އަންގަންވާނެއެވެ.

 

20 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އަހަރީ މާލީ ހިސާބުތަކާއި ރިޕޯޓުތައް 35. 

(ހ) ކޮންމެ މާލީ އަހަރެއްގެ މާލީ ހިސާބުތައް އޮތޯރިޓީން ތައްޔާރުކުރަންވާނެއެވެ.

(ށ) ކޮންމެ މާލީ އަހަރެއް ނިމޭތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި، ތިރީގައިވާ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އޮތޯރިޓީން ހުށަހަޅަންވާނެއެވެ.

  1. އެކްސްޓަރނަލް އޮޑިޓަރުން ސަރޓިފައިކޮށްފައިވާ އަދި ބޯޑުން ފާސްކޮށްފައިވާ މާލީ ހިސާބުތައް؛ އަދި
  2. ބޯޑުން ފާސްކޮށްފައިވާ އޮތޯރިޓީގެ އަހަރީ ރިޕޯޓު. މި ރިޕޯޓުގައި އޮތޯރިޓީގެ މަގްސަދުތައް ހާސިލުކުރުމަށް އެކަށައެޅިފައިވާ ސިޔާސަތުތަކާއި އެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ގޮތުން އަދި އޮތޯރިޓީގެ ތަރައްގީއަށްޓަކައި އޮތޯރިޓީން ކޮށްފައިވާ މައިގަނޑު މަސައްކަތްތަކާއި ފާއިތުވި އަހަރު ދިވެހިރާއްޖޭގެ އިގްތިސާދު ހިނގައިދިޔަ ގޮތުގެ ދިރާސާއަކާއި ހިނގަމުންދާ އަހަރު ދިވެހިރާއްޖޭގެ އިގްތިސާދު ހިނގާނެ ކަމަށް ލަފާކުރެވޭ ގޮތް ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔުންތައް، ކޮންމެ މާލީ އަހަރެއް ނިމޭތާ 4 (ހަތަރެއް) މަސް ދުވަހުގެ ތެރޭގައި، އޮތޯރިޓީން ށާއިއުކުރަންވާނެއެވެ.

(ރ) މީލާދީ ކޮންމެ މަހެއް ނިމޭތާ ރަސްމީ ބަންދު ނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ފާއިތުވެދިޔަ މަހުގެ ޕްރޮފޯމާ ބެލެންސް ށީޓް ތައްޔާރުކޮށް އޮތޯރިޓީން ށާއިއުކުރަންވާނެއެވެ.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ދެ މާއްދާ އިތުރުކުރުން.

ތަފާސްހިސާބު އެއްކުރުން 36. 

(ހ) އޮތޯރިޓީގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ތަފާސްހިސާބާބެހޭ މައި އިދާރާއިން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އޮތޯރިޓީއަށް ބޭނުންވާ ތަފާސްހިސާބާއި މައުލޫމާތު ހޯދުމަށް އެއްވެސް ފަރާތެއްގައި އެދިއްޖެނަމަ، އެފަރާތަކުން އޮތޯރިޓީއަށް އެ ތަފާސްހިސާބެއް ނުވަތަ މައުލޫމާތެއް ފޯރުކޮށްދޭންވާނެއެވެ.

(ށ) އޮތޯރިޓީއަށް ބޭނުންވާ ތަފާސްހިސާބުތަކުގެ މައުލޫމާތާއި، އެ މައުލޫމާތު ބޭނުންވާގޮތް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އެ ގަވާއިދުގައި އެފަދަ މައުލޫމާތު ހުށަހަޅަންޖެހޭ ފަރުދުންނާއި ގާނޫނީ ށަހުސްތަކާއި މުއައްސަސާތައް ބަޔާންކުރުމާއެކު، އޮތޯރިޓީއަށް ހުށަހެޅޭ މައުލޫމާތުގެ ސިއްރުކަން ހިފެހެއްޓޭނެ ގޮތާއި، ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތައް ބަޔާންކުރަންވާނެއެވެ.

ފީ އަދި ޗާޖު 37. 

އޮތޯރިޓީގެ މަސައްކަތްތަކަށާއި އޮތޯރިޓީން ދޭ ހިދުމަތްތަކަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެކަށީގެންވާ ފީ ނުވަތަ ޗާޖުތައް ނެގިދާނެއެވެ. އަދި އޮތޯރިޓީން ރެގިއުލޭޓްކުރާ އިދާރާތަކުގެ ކިބައިން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ފީ އާއި ޗާޖުތައް ނެގިދާނެއެވެ.

 

22 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 36 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގަވާއިދު ހެދުމާއި އެންގުންތައް އެންގުން 36. 

މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމައަށް ހިންގުމަށްޓަކައި ގަވާއިދު ހަދައި ހިންގުމުގެ އިހްތިޔާރު ބޯޑުގެ ލަފާގެ މަތިން އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި ބޭންކު-ނޫން މާލީ އިދާރާތައް އާންމުކޮށް އަމަލުކުރަންޖެހޭ ގޮތަށް، ނުވަތަ ވަކި ބާވަތެއްގެ ބޭންކު-ނޫން މާލީ އިދާރާތަކުން އެކަނި އަމަލުކުރަންޖެހޭނެ ގޮތަށް، ނުވަތަ ބޭންކު-ނޫން މާލީ އިދާރާއަކުން އެކަނި އަމަލުކުރަންޖެހޭ ގޮތަށް ގަވާއިދުތަކާއި އިރުށާދުތަކާއި ސަރކިއުލަރތަކާއި މެމޮރަންޑަމްތައްވެސް ބޯޑުގެ ލަފާގެ މަތިން އޮތޯރިޓީއަށް ނެރެވިދާނެއެވެ. އޭގެ އިތުރުން، ވަކި މައްސަލައެއް ނުވަތަ ހާލަތަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމާއި، ވަކި މައްސަލައެއް ނުވަތަ ހާލަތެއް ނިސްބަތްވާ ބޭންކު-ނޫން މާލީ އިދާރާއަކުން އަމަލުކުރަންޖެހޭ ގޮތެއް އެ ބޭންކު-ނޫން މާލީ އިދާރާއަކަށް އެންގުމުގެ ބާރުވެސް ބޯޑުގެ ލަފައާއެކު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 37 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަނގަޅުކުރުމަށް އެޅޭ ފިޔަވަޅުތަކާއި ގާނޫނު ހިންގުމަށް އެޅޭ ފިޔަވަޅު 37. 

(ހ) ބޭންކު-ނޫން މާލީ އިދާރާއަކުން ނުވަތަ ބޭންކު-ނޫން މާލީ އިދާރާއެއްގެ އެގްޒެކެޓިވް އޮފިސަރަކު ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިކަމަށް އޮތޯރިޓީއަށް ޔަގީންކުރެވިއްޖެނަމަ ނުވަތަ އެފަދަ ކަމެއް ކޮށްފިކަމަށް ނުވަތަ ކޮށްފާނެކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކާއި އަދަބުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ އޭގެ ތެރެއިން އެއް ފިޔަވަޅަށްވުރެ ގިނަ ފިޔަވަޅު އެފަރާތަކާމެދު އޮތޯރިޓީއަށް އެޅިދާނެއެވެ.

  1. މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ނުވަތަ ލައިސަންސްގެ ށަރުތަކާ ނުވަތަ އޮތޯރިޓީގެ އަމުރަކާ ނުވަތަ އެންގުމަކާ ހިލާފުވުން؛ ނުވަތަ
  2. މި ގާނޫނު ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ކަނޑައަޅާ މިންގަނޑުތަކަށް ރިއާޔަތްކޮށް، ހަރުދަނާ ނޫން ގޮތަކަށް ބޭންކު-ނޫން މާލީ ވިޔަފާރީގެ ހަރަކާތްތައް ހިންގުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން ފަރާތަކުން، އެ އަކުރުގެ (1) ވަނަ ނަންބަރުގައި ނުވަތަ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ކޮށްފިކަމަށް އޮތޯރިޓީއަށް ޔަގީންކުރެވިއްޖެނަމަ ނުވަތަ އެފަދަ ކަމެއް ކޮށްފިކަމަށް ނުވަތަ ކޮށްފާނެކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ، އެފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި އަންނަނިވި ފިޔަވަޅުތައް ހިމެނެއެވެ.

  1. އެފަރާތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ވަކި ހަރަކާތެއް ހުއްޓާލުމަށް އެންގުން؛
  2. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ނުވަތަ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން އެފަރާތުން ކޮށްފައިވާ ކަމެއް ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށް އެންގުން؛
  3. އިތުރަށް ވިޔަފާރި ކުރިއަށް ގެންދިޔުމަށް ވަކި ށަރުތުތަކެއް ކަނޑައެޅުން؛
  4. ހިއްސާދާރުންނަށް ފައިދާ ބެހުން މަނާކުރުން ނުވަތަ ބަހާ މިންވަރު ހުދޫދުކުރުން؛
  5. އެކަށީގެންވާކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ ށަރުތުތަކަކާއެކު، އޮތޯރިޓީން ކަނޑައަޅާ އަދަދެއްގެ ފައިސާ ވަކި މުއްދަތަކަށް އޮތޯރިޓީގައި ޑިޕޮސިޓްކޮށް ބެހެއްޓުމަށް އެންގުން؛
  6. ހިލާފުވެފައިވާ ކަންކަން ބެލުމަށް އަދި އެކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއެއް ބޭއްވުމަށް ބޯޑުގެ ޗެއަރމަނަށް އެންގުން؛ އެގޮތުން ބާއްވާ ޖަލްސާތަކުގައި، އޮތޯރިޓީން ބޭނުންވެއްޖެނަމަ އޮތޯރިޓީ ތަމްސީލުކުރާ ފަރާތެއް ނުވަތަ ފަރާތްތަކެއް ބައިވެރިކުރަންވާނެއެވެ.
  7. ހިލާފުވެފައިވާ ކަމެއްގެ ކުޑަ ބޮޑުމިނަށް ބަލައި، ބޭންކު-ނޫން މާލީ އިދާރާގެ އެގްޒެކެޓިވް އޮފިސަރަކު ނުވަތަ އެފަރާތުގެ ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިވާ ނުވަތަ އެފަރާތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން މައިގަނޑު ހަރަކާތްތައް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ އޭޖެންޓެއް ވަގުތީގޮތުން ސަސްޕެންޑްކުރުމަށް ނުވަތަ މަގާމުން ވަކިކުރުމަށް ލަފާދިނުން؛
  8. އެފަރާތުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން ނުވަތަ ބޯޑުގެ އެހެން މެންބަރަކު މަގާމުން ވަކިކުރުމަށް އެފަރާތަށް އެންގުން؛
  9. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ ކަމެއްގައި ޒިންމާވަނީ، އެ ބޭންކު-ނޫން މާލީ އިދާރާގެ އެގްޒެކެޓިވް އޮފިސަރަކު ނުވަތަ އެފަރާތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން މައިގަނޑު ހަރަކާތްތައް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ އެފަރާތުގެ އޭޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތެއް ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ، އެފަރާތެއް ޖޫރިމަނާކުރުން؛
  10. ޖޫރިމަނާކުރުން؛ ޖޫރިމަނާކުރުމުގައި، އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، ވެފައިވާ ހިލާފު ރަނގަޅު ވަންދެން ނުވަތަ އަމަލުކުރަންޖެހޭ ކަންތައްތަކަށް އަމަލުކުރަންދެން ހިނގާ ކޮންމެ ދުވަހެއްގެ މައްޗަށް 100,000 (އެއްލައްކަ) ރުފިޔާ އަށްވުރެ އިތުރުނުވާނެ އަދަދެއް ކަނޑައެޅިދާނެއެވެ. ނަމަވެސް، މިގޮތުން ކަނޑައަޅާ ޖުމްލަ އަދަދު އެ އިދާރާއެއްގެ އަގުއަދާކޮށްފައިވާ ރައުސްމާލުގެ %5 (ފަހެއް އިންސައްތަ) އަށްވުރެ އިތުރުވެގެންނުވާނެއެވެ.
  11. އެފަރާތަށް ދޫކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދަ ބާތިލުކުރުން.

(ނ) ތިރީގައިވާ ކަމެއް ބޭންކު-ނޫން މާލީ އިދާރާއަކުން ކޮށްފިނަމަ، އެކަމެއް ރަނގަޅުކުރަންދެން ދުވާލެއްގެ މައްޗަށް އިދާރީ އަދަބެއްގެ ގޮތުގައި 100,000 (އެއްލައްކަ) ރުފިޔާ އަށްވުރެ އިތުރުނުވާ ގޮތަށް ޖޫރިމަނާކޮށް އެ ފައިސާ އޮތޯރިޓީއަށް ދެއްކުމަށް އެންގިދާނެއެވެ. އެހެންނަމަވެސް، އެގޮތުން ކަނޑައަޅާ ޖޫރިމަނާގެ ޖުމްލަ އަދަދު، ބޭންކު-ނޫން މާލީ އިދާރާގެ އަދާކޮށްފައިވާ ރައުސްމާލުގެ %5 (ފަހެއް އިންސައްތަ) އަށްވުރެ އިތުރުވެގެންނުވާނެއެވެ.

  1.  ގަސްދުގައި ނުވަތަ ފަރުވާކުޑަކުރުމުގެ ސަބަބުން، ތެދުނޫން ނުވަތަ އެކަށީގެންވާ ވަރަށް ފުރިހަމަނުވާ ހިސާބުތަކާއި މައުލޫމާތު އޮތޯރިޓީއަށް ހުށަހެޅުން؛ ނުވަތަ
  2. އޮތޯރިޓީން އެއްވެސް މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ނުވަތަ ރިޕޯޓެއް ހުށަހެޅުމަށް އެދުމުން، އެ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ނުވަތަ ރިޕޯޓެއް އެ އިދާރާއަށް ލިބިހުރެ، ހުށަހަޅައިފައިނުވުން.

 

24 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ މާއްދާތަކާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

26 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

މަނިޓަރީ އޮތޯރިޓީގެ ގާނޫނު (ގާނޫނު ނަންބަރު 1981-06)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު