-

ގޭންގު ކުށްތައް މަނާކުރުމާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 2010-18)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ގޭންގު އުފެއްދުމާއި، ހިންގުމާއި، ގޭންގު ހަދައިގެން އެކިއެކި ކުށްކުރުން މަނާކުރުމާއި، އެ ކުށްތަކަށް އަދަބު ކަނޑައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ގޭންގު ކުށްތައް މަނާކުރުމާބެހޭ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ގޭންގެއްގެ މެންބަރުކަމާއި ލީޑަރުކަން

(ހ) ގައިރު ގާނޫނީ އަމަލުތައް ހިންގުމަށްޓަކައި ގޭންގެއް އުފެއްދުމާއި ހިންގުމާއި ގޭންގެއްގެ މެންބަރަކަށް ވުމަކީ ކުށެކެވެ.

(ށ) އެއްވެސް ގޭންގެއްގެ ލީޑަރުކަން ކުރުމަކީ ނުވަތަ ލީޑަރެއްގެ ދައުރު އަދާކުރުމަކީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 1 (އެކެއް) އަހަރުދުވަހާއި 5 (ފަހެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 2 (ދޭއް) އަހަރުދުވަހާއި 7 (ހަތެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

3 ވަނަ މާއްދާ - ގޭންގެއްގެ މެންބަރެއްކަން ދެއްކުން

(ހ) އެއްވެސް މީހަކު ބުނާ ބަހަކުން ނުވަތަ ކުރާ އަމަލަކުން ނުވަތަ ހާމަކުރާ އިބާރާތަކުން ނުވަތަ ހާމަކުރާ އެއްވެސް ބާވަތެއްގެ ނިށާނަކުން ނުވަތަ އެނޫންވެސް ގޮތަކަށް އެމީހަކީ ގޭންގެއްގެ މެންބަރެއްކަން ދެއްކުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 6 (ހައެއް) މަސްދުވަހާއި 18 (އަށާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

4 ވަނަ މާއްދާ - ގޭންގެއްގެ މައުލޫމާތާއި ނިށާން ހާމަކުރުން

(ހ) އެއްވެސް ގޭންގަކާބެހޭ މައުލޫމާތު ހިމެނޭގޮތަށް ވެބްސައިޓެއް ތައްޔާރުކޮށް ނުވަތަ މުއާސަލާތީ އެއްވެސް ވަސީލަތެއް ނުވަތަ އިންޓަރނެޓް ބޭނުންކޮށްގެން މައުލޫމާތު ފެތުރުމާއި، ނުވަތަ ގޭންގަކަށް ނިސްބަތްވާ ނިށާނެއް ނުވަތަ ސިއްކައެއް ނުވަތަ ލޯގޯއެއް ނުވަތަ މިނޫންވެސް މިފަދަ އެއްޗެއް އެއްވެސް ތަނެއްގައި ކުރެހުމަކީ ނުވަތަ ހަރުކުރުމަކީ ނުވަތަ ބެހެއްޓުމަކީ ނުވަތަ ހާމަކުރުމަކީ ނުވަތަ މިފަދަ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ ކުށެކެވެ.

(ށ) ގާނޫނެއްގެ ދަށުން ރަޖިސްޓަރީ ކުރާ ޖަމާއަތަކަށް، ޖަމްއިއްޔާއަކަށް، ފިހާރައަކަށް، ރެސްޓޯރެންޓް ހޮޓާފަދަ ތަނަކަށް، ކުންފުންޏަކަށް ނުވަތަ އެނޫންވެސް ތަނަކަށް، ގޭންގަކަށް ނިސްބަތްވާ ނަމެއް ނުވަތަ ގޭންގަކަށް ނިސްބަތްވާ ލޯގޯއެއް ރަޖިސްޓަރީ ކޮށްގެން ނުވާނެއެވެ. 

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 6 (ހައެއް) މަސްދުވަހާއި 18 (އަށާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

5 ވަނަ މާއްދާ - ފައިސާގެ އެހީ ފޯރުކޮށްދޭ ފަރާތްތައް

(ހ) އެކިއެކި ޖިނާއީ ކުށްކުރުމަށްޓަކައި އުފައްދާ ގޭންގުތަކާއި ގޭންގުތަކުގެ މެންބަރުންނަށް މާލީ އަދި މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 50,000 (ފަންސާސްހާސް ރުފިޔާ) އާއި 500,000  (ފަސްލައްކަ ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު 3 (ތިނެއް) އަހަރުދުވަހާއި 7 (ހަތެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

6 ވަނަ މާއްދާ - ހެކިންނަށް ބިރުދެއްކުން

(ހ) އެއްވެސް ގޭންގަކާ ނުވަތަ ގޭންގެއްގެ މެންބަރަކާ ގުޅޭގޮތުން ކޯޓަކަށް ނުވަތަ ގާނޫނު ތަންފީޒުކުރާ ފަރާތަކަށް މައުލޫމާތު ދިނުން ނުވަތަ ހެކި ދިނުން ހުއްޓުވުމަށްޓަކައި އެމީހާއަށް ނުވަތަ އެނޫންވެސް ފަރާތަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ދޭނެކަމުގެ ނުވަތަ މެދުވެރިކުރާނެކަމުގެ އިންޒާރުދިނުމަކީ ނުވަތަ އަނިޔާއެއް ނުވަތަ ގެއްލުމެއް ދިނުމަކީ ނުވަތަ މެދުވެރިކުރުމަކީ ކުށެކެވެ.

 (ށ) މި މާއްދާގެ (ހ) ގެ ދަށުން އިންޒާރުދިނުމުގެ ކުށްކޮށްފި މީހެއްގެ އަދަބަކީ 6 (ހައެއް) މަސްދުވަހާއި 18 (އަށާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އަނިޔާއެއް ނުވަތަ ގެއްލުމެއް ދިނުމުގެ ނުވަތަ މެދުވެރިކުރުމުގެ ކުށްކޮށްފި މީހެއްގެ އަދަބަކީ 3 (ތިނެއް) އަހަރުދުވަހާއި  7 (ހަތެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

7 ވަނަ މާއްދާ – ރެކްރޫޓްކުރުން

(ހ) ގޭންގަކަށް ވެއްދުމަށް ނުވަތަ ގޭންގެއްގައި ނުވަތަ ގޭންގެއްގެ ހަރަކާތެއްގައި ބައިވެރިކުރުމަށް އެއްވެސް މީހަކު ހޯދުމަށް އެއްވެސް މަސައްކަތެއް ކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 6 (ހައެއް) މަސްދުވަހާއި 18 (އަށާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

8 ވަނަ މާއްދާ - ގޭންގެއްގެ ސަރަހައްދު ކަނޑައެޅުން

(ހ) ގޭންގެއްގެ ސަރަހައްދުކަމުގައި ވަކި ސަރަހައްދެއް ގާއިމުކުރުމުގެ ގޮތުން އެއްވެސް ތަނެއްގައި އެއްވެސް މީހަކު ވަކި މުއްދަތަކަށް ނުވަތަ ވަކި ވަގުތަކަށް ނުވަތަ ވަކި ގަޑިއަކަށް ނުވަތަ އެއްވެސް މުއްދަތެއް ނުވަތަ ވަގުތެއް ނުވަތަ ގަޑިއެއް ކަނޑައެޅުމެއް ނެތި ނަމަވެސް އެ ތަނެއްގައި ހުރުމުން ނުވަތަ މަޑުކުރުމުން ސަރުކާރުގެ ކަމާބެހޭ ފަރާތަކުން، އެތަނެއްގައި ނުތިބުމަށް ނުވަތަ މަޑުނުކުރުމަށް އެންގުމުން އެ ތަނެއްގައި ތިބުމަކީ ނުވަތަ މަޑުކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 6 (ހައެއް) މަސްދުވަހާއި 18 (އަށާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

9 ވަނަ މާއްދާ - ރަޖިސްޓަރީ ބާތިލުކުރުން

ގާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ނަމެއް ނުވަތަ ޖަމާއަތެއް ނުވަތަ ޖަމްއިއްޔާއެއް ނުވަތަ ކުޅިވަރުކުޅޭ ކްލަބެއް ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްގެން މި ގާނޫނުގެ ދަށުން މަނާކޮށްފައިވާ އަމަލެއް ނުވަތަ ހަރަކާތެއް ހިންގާކަމަށް ށަރީއަތަށް ސާބިތުވެއްޖެނަމަ، އެ ނަމެއް ނުވަތަ އެ ޖަމާއަތެއް ނުވަތަ

އެ ޖަމްއިއްޔާއެއް ނުވަތަ ކުޅިވަރުކުޅޭ ކްލަބެއްގެ ރަޖިސްޓަރީ ބާތިލުކުރުމުގެ ބާރު ކަމާބެހޭ އިދާރާއަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - ގޭންގުގެ ބޭނުމަށް ހަތިޔާރު އުފެއްދުމާއި ވިއްކުމާއި ދިނުމާއި ގެންގުޅުން

(ހ) ގޭންގެއްގެ ބޭނުމަށް ހަތިޔާރެއް ނުވަތަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެފަދަ އެއްޗެއް އުފެއްދުމަކީ ނުވަތަ ވިއްކުމަކީ ނުވަތަ ދިނުމަކީ ނުވަތަ ގެންގުޅުމަކީ ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 1 (އެކެއް) އަހަރުދުވަހާއި 5 (ފަހެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

11 ވަނަ މާއްދާ - އެކުވެގެން ބިރުދެއްކުން

(ހ) ތިން މީހުން ނުވަތަ އެއަށްވުރެ ގިނަމީހުން އެކުގައި ތިބެ އަނެކާއަށް ހަމަލާ ދީފާނެކަމުގެ އިންޒާރުދިނުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނާފަދަ އިންޒާރެއް ދޭ ހިނދު އެ ތަނުގައި ހާޒިރުވެ ތިބެ އެ ހަމަލާއާ ރުހޭކަން ދައްކާ އެންމެން އެ ކުރަނީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 1 (އެކެއް) އަހަރުދުވަހާއި 3 (ތިނެއް) އަހަރުދުވަހާ ދެމެދުގެ  މުއްދަތަކަށް ޖަލަށްލުމެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 6 (ހައެއް) މަސްދުވަހާއި 18 (އަށާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

12 ވަނަ މާއްދާ - މީހެއްގެ ބިމަކަށް ވަނުން

(ހ) ކުށެއް ކުރުމަށްޓަކައި މީހެއްގެ ބިމަކަށް، ނުވަތަ ގެއަކަށް ނުވަތަ އިމާރާތަކަށް ނުވަތަ ފިހާރައަކަށް ނުވަތަ މިނޫންވެސް ތަނަކަށް ވަނުމަކީ އަދި އުޅަނދަކަށް އެރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 6 (ހައެއް) މަސްދުވަހާއި 18 (އަށާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

13 ވަނަ މާއްދާ - ގްރޫޕް ނުވަތަ ގޭންގު ރަމްޒުކުރާ ކުރެހުން

ގޭންގު ނުވަތަ އެކިއެކި ގްރޫޕްތައް ރަމްޒުކޮށްދޭ ކުރެހުންތައް ގޭގޭގެ ފާރުތަކުގައާއި، އާންމު ތަންތަނުގައި ކުރަހާފައިވަނިކޮށް ފެނިއްޖެނަމަ، އެ ތަންތަނުގެ ވެރިފަރާތުގެ ހުއްދައަކާނުލައި އެފަދަ ކުރެހުންތައް ފޮހެލުން ނުވަތަ ކުރެހުންތަކުގެ މަތީގައި ކުލަ ލުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ކައުންސިލްތަކަށް ލިބިގެންވެއެވެ.

 

14 ވަނަ މާއްދާ - ކުށްކޮށްގެން ހޯދާ ފައިސާއާއި މުދަލާއި ތަކެތި

(ހ) ގޭންގު ހިންގައިގެން ހޯދާ މުދަލާއި، ފައިސާއާއި ތަކެތި ކަމަށް ށަރީއަތަށް ސާބިތުވެއްޖެނަމަ އެފަދަ މުދަލާއި، ފައިސާއާއި ތަކެތި މި ގާނޫނުގެ ދަށުން ދައުލަތަށް ނެގޭނެއެވެ.

(ށ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކާމެދު، މީހެއްގެ މައްޗަށް ތުހުމަތު ކުރެވިއްޖެނަމަ، ނުވަތަ ދައުވާ އުފުލިއްޖެނަމަ، އެ ކުށެއް ކޮށްގެން ހޯދާފައިވާކަމަށް ތުހުމަތު ކުރެވޭ މުދަލާއި ފައިސާއާއި ތަކެތި، އެ މައްސަލައެއް ށަރީއަތުން ވަކިގޮތަކަށް ނިމެންދެން ހިފެހެއްޓުމަށް، ނުވަތަ އެމީހެއްގެ ބެލުމުގެ ދަށުން އެ އެއްޗެއް ދިޔަނުދިނުމަށް، ނުވަތަ އެ އެއްޗަކުން އެއްވެސް ތަސައްރުފެއް ނުކުރުމަށް، ނުވަތަ ވަކި ފަރާތެއްގެ ހަވާލުގައި އެ އެއްޗެއް ބެހެއްޓުމަށް ގާޒީއަށް އަމުރު ކުރެވިދާނެއެވެ.

(ނ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކާމެދު މީހެއްގެ މައްޗަށް ތުހުމަތު ކުރެވިއްޖެނަމަ، މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، އެ މާއްދާގައި ބުނެފައިވާފަދަ އަމުރެއް ހޯދުމަށް އެ މައްސަލައެއް ކޯޓަށް ހުށަހަޅައި، ވަކިގޮތަކަށް ގާޒީ ނިންމަންދެން، އެ ކުށެއް ކޮށްގެން ހޯދާފައިވާކަމަށް ތުހުމަތު ކުރެވޭ ފައިސާއާއި މުދަލާއި ތަކެތި ހިފެހެއްޓުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.

 

15 ވަނަ މާއްދާ - ގޭންގު ހަދައިގެން މާރާމާރީ ހިންގުން

(ހ) ތިރީގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.

  1.  ގޭންގު ނުވަތަ ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމަށް ރޭވުން؛
  2. ގޭންގު ނުވަތަ ގްރޫޕް ހަދައިގެން މާރާމާރީ ހިންގުން؛
  3. ގޭންގު ނުވަތަ ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމުގައި ބައިވެރިވުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށްކުރާ މީހެއްގެ އަދަބަކީ 3 (ތިނެއް) އަހަރުދުވަހާއި 5 (ފަހެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށްކުރާ މީހެއްގެ އަދަބަކީ 6 (ހައެއް) އަހަރުދުވަހާއި  12 (ބާރަ) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

(ރ) މި މާއްދާގައި "މާރާމާރީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި މާރާމާރީކަމަށް ބުނެފައިވާ ކަންކަމަށެވެ.

 

16 ވަނަ މާއްދާ - އާންމު ތުރާ

ގޭންގު ހަދައިގެން ނުވަތަ ގްރޫޕް ހަދައިގެން ގާނޫނާ ހިލާފު އަމަލުކުރުމަށް ނުވަތަ ގާނޫނާ ހިލާފު އަމަލު ރޭވުމަށް ނުވަތަ، އެފަދަ އަމަލުކުރުމަށް ތައްޔާރުވުމަށް އެއްވެސް ގޭންގެއް ނުވަތަ އެއްވެސް ގްރޫޕެއް އެއްވެސް އިމާރާތަކަށް ނުވަތަ ތަނަކަށް އެއްވުމަކީ އާންމު ތުރާލެކެވެ. އަދި ކޯޓުގެ އަމުރެއްގެ ދަށުން،  އެ އަމުރެއްގައި ބަޔާންކުރާ ފަރާތްތައް އެ އަމުރުގައި ބަޔާންކޮށްފައިވާ މުއްދަތަކަށް އެ އިމާރާތައް ނުވަތަ އެ ތަނަށް އައުން މަނާކުރެވިދާނެއެވެ.

 

17 ވަނަ މާއްދާ - މަދަނީ ޒިންމާ

(ހ) ގޭންގު ހަދައިގެން ނުވަތަ ގްރޫޕް ހަދައިގެން ގާނޫނާ ހިލާފު އަމަލެއް ރޭވުމުގައި ނުވަތަ ކުރަން އުޅުމުގައި ނުވަތަ ކުރުމުގައި ނުވަތަ އެހީތެރިވެދިނުމުގައި ގޭންގެއްގެ ނުވަތަ ގޭންގެއްގެ މެންބަރެއްގެ ނުވަތަ ގޭންގެއްގެ އެހީތެރިއެއްގެ ކިބައިން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަކަށް އެ ގޭންގެއްގެ ކޮންމެ މެންބަރަކު ވަކިވަކީން އަދި އެކުގައި މަދަނީ ޒިންމާ އުފުލަންޖެހޭނެއެވެ.

(ށ) ގޭންގެއްގެ ކޮންމެ އެހީތެރިޔަކުމެ އަދި ގޭންގެއްގެ މެންބަރަކު ބެލެހެއްޓުމަށްޓަކައި ހަރަދުކުރާ ކޮންމެ ފަރާތަކުންމެ، މި މާއްދާގެ (ހ) ގައި ބުނާ މަދަނީ ޒިންމާ އެ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން އުފުލަންޖެހޭނެއެވެ.

 

18 ވަނަ މާއްދާ - މި ގާނޫނަށް އިސްކަންދިނުން

މި ގާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ކުށާއި، އަދަބާއި، އަދި ކަންކަން އެހެން ގާނޫނަކުން ކަނޑައަޅާފައިވާ ކުށާއި، އަދަބު އަދި ކަންކަމާ ފުށުއަރާނަމަ އިސްކަންދެވޭނީ މި ގާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ކުށާއި އަދަބާއި އަދި ކަންކަމަށެވެ.

 

19 ވަނަ މާއްދާ - ބައެއް ހައްގުތައް ހިފެހެއްޓުން

(ހ) މި ގާނޫނުގެ ދަށުން ހުކުމް ތަންފީޒުކުރަމުން ގެންދާ އެއްވެސް މީހަކަށް ޕެރޯލްގެ ދަށުން ނުވަތަ އެހެން ގޮތަކުންވިޔަސް އަދަބު ލުއިކޮށްދެވޭނީ ހުކުމުގެ ތިންބައިކުޅަދެބައި ތަންފީޒުކުރުމަށް ފަހުގައެވެ.

(ށ) މި ގާނޫނުގައި ބުނެފައިވާފަދަ ކުށެއްކުރީ ނުވަތަ އެފަދަ ކުށެއްގައި ބައިވެރިވީ އުމުރުން 18 އަހަރު ނުފުރޭ ކުއްޖެއްކަމުގައިވިޔަސް އެ ކުއްޖަކަށް 14 އަހަރު ފުރިފައިވާނަމަ ގާނޫނު ނަންބަރު 9/1991 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ގާނޫނު) އާއި ގާނޫނުލްއުގޫބާތުގެ 7 ވަނަ މާއްދާއިން އިސްތިސްނާކޮށް މި ގާނޫނުގެ ދަށުން ކުށްވެރިވާނެއެވެ. އެފަދަ ފަރާތްތަކަށް އިއްވޭ ހުކުމް ތަންފީޒުކުރަންޖެހޭނީ އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް ހާއްސަކޮށްފައި ހުންނަ މަރުކަޒެއްގައެވެ.

 

20 ވަނަ މާއްދާ - ހާއްސަ ރައްކާތެރިކަން

މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންނާއި، އެއިން ކުށަކާގުޅިގެން، ށަރީއަތުގެ މަރުހަލާގައި ބަންދުކުރެވޭ މީހުންނާއި، އެއިން ކުށެއް ކުރިކަން ސާބިތުވެގެން ހުކުމް ތަންފީޒުކުރަމުންދާ މީހުން ބަންދުގައި ހުންނަ މުއްދަތުގައި ސިއްހީ ފަރުވާ ހޯދުމަށް ފަރުވާލިބިގަންނަ އެއްވެސް މަރުކަޒަކަށް ހާޒިރުކުރެވޭނީ އެކަށީގެންވާ ސަލާމަތާއެކު ކަމާބެހޭ ފަރާތްތަކުގެ އޮފިސަރަކާއެކުގައެވެ.

 

21 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒްއިންނެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި އެ ގަވާއިދުތައް ހަދައި ނިންމަންވާނެއެވެ. އަދި މިފަދަ ގަވާއިދަކަށް އަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީއަށް އެ ގަވާއިދެއް ހުށަހަޅަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާފައިވާ ގަވާއިދަކަށް އުނި އިތުރު ގެނައުމަށް ނުވަތަ އެ އަކުރުގައި ބުނާ މުއްދަތުގެ ފަހުން މި ގާނޫނުގެ ދަށުން އިތުރު ގަވާއިދެއް ހަދަން މިނިސްޓްރީ އޮފް ހޯމްއެފެއާޒްއިން ބޭނުންވެއްޖެ ހާލަތެއްގައި އެ ގަވާއިދެއް ހެދުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ. މިގޮތަށް މިފަދަ ބަދަލެއް ގެނައިކަމުގައިވިއަސް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީއަށް އެ ބަދަލެއް ހުށަހަޅަންވާނެއެވެ.

 

22 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

23 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބުނެފައިނުވާހާ ހިނދަކު؛

"ގޭންގު" ކަމުގައި ބުނެފައި އެވަނީ، ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން އެކުވެގެން އުފައްދާ، އެ ޖަމާއަތެއް ނުވަތަ ގްރޫޕެއްގެ މައިގަނޑު ހަރަކާތެއްގެ ގޮތުގައި ޖިނާއީ ކުށްކުރުން ހިމެނޭ ޖަމާއަތްތަކާއި ގްރޫޕްތަކަށެވެ.

"އެހީތެރިއަކު" ކަމުގައި ބުނެފައި އެވަނީ، ގޭންގަކަށް ނުވަތަ ގޭންގެއްގެ އެއްވެސް މެންބަރަކަށް އެނގިހުރެ އެހީތެރިވެ ނުވަތަ ގޭންގެއްގެ ނުވަތަ ގޭންގެއްގެ އެއްވެސް މެންބަރެއްގެ ގައިރު ގާނޫނީ ހަރަކާތުން މަންފާއެއް ލިބިގަންނަ ކޮންމެ ތަބީއީ ނުވަތަ ގާނޫނީ ށަހްސަކަށެވެ.

މި ގާނޫނުގެ 6 ވަނަ މާއްދާގައި "އިންޒާރުދިނުން" ކަމަށް ބުނެފައި އެވަނީ، ސީދާ މީހެއްގެ ގާތަށް އައިސް އިންޒާރުދިނުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން އެސް.އެމް.އެސް ނުވަތަ އީ-މެއިލް ނުވަތަ ފެކްސް ނުވަތަ ފޯންކޯލް ނުވަތަ އެނޫންވެސް ގޮތަކަށް، ނުވަތަ ސިޓީއެއް ނުވަތަ ލިޔުމެއް ލިޔެ ހާމަކުރުން، ނުވަތަ ފާރު ފަދަ ތަނެއްގައި ލިޔެ ހާމަކޮށްގެން މީހެއްގެ ޖިސްމަށް ނުވަތަ މުދަލަށް ނުވަތަ އާއިލާގެ މެންބަރަކަށް އެއްވެސް މިންވަރެއްގެ ގެއްލުމެއް ނުވަތަ އަނިޔާއެއް ދޭނެކަމަށް ބުނުމަށެވެ.

މި ގާނޫނުގެ 8 ވަނަ މާއްދާގައި "ގޭންގެއްގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، އާންމުކޮށް އެއްތަނަކަށް އެއްވެ ތިބެ ގޭންގު ކުށްތަކާއި، ގްރޫޕް މާރާމާރީ ހިންގުމަށް ރާވައި، އަދި މާރާމާރީ ހިންގާ ތަންތަނަށެވެ. އެ ތަންތަނުން ހިނގައިބިނގައި އަދި އެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރުދުންނަށް ތުރާ ލިބޭގޮތަށް ގްރޫޕްތަކުގެ ކޮންޓްރޯލުގައި އޮންނަ ގޯޅިގޯޅި ކަންމައްޗާއި ބިންބިމާއި، ހުސް އިމާރާތްތަކާއި، (އާންމުކޮށް މީހުން ގޮސް އުޅޭ) ޕާކުތަކާއި މިނޫނަސް އާންމުން އެއްވެއުޅޭ ތަންތަނާއި، އެފަދަ މީހުން ހަރަކާތްތެރިވާ އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި ތަކެތި ހިމެނޭ ގޮތުގެމަތިންނެވެ.

  މި ގާނޫނުގެ 10 ވަނަ މާއްދާގެ ބޭނުމަށްޓަކައި "ހަތިޔާރު" ކަމަށް ބުނެފައި އެވަނީ؛

  1. އެއްވެސް ބާވަތެއްގެ ވަޅިއެއް؛
  2. ކަނޑިއާއި ހަންޖަރު؛
  3. ރޭޒަރު ތިލައާއި ކަޓަރާއި ކަޓަރު ތިލަ؛
  4. ކަތިވަޅިއާއި ކޯރާޑިއާއި ފުރޯއާއި މުޅޯ؛
  5. ތޫނުކޮށްފައި ނުވަތަ ކޮޅު ފޭއްސާފައި ހުންނަ ދަގަނޑާއި ދަނޑިއާއި ލަކުޑިއާއި އަދި އެނޫންވެސް އެފަދަ ތަކެތި؛
  6. ދަގަނޑު ހޮޅިބުރިއާއި މޮހޮރު ޖަހާފައި ހުންނަ ފިލާގަނޑާއި ލަކުޑިބުރިއާއި މުގުރު؛
  7. ޗޭނު ބުރިއާއި، ވައިރާއި، ވައިރު ނަރާއި، ޓައީ ކްލިޕް އަދި އެކިއެކި ގުނަވަންތަކުގައި އެޅުވުމަށް ތައްޔާރުކޮށްފައި ހުންނަ ކަންވާރު ބުރިއާއި ސާޅަނގައާއި މިފަދަ ތަކެތި؛
  8. ގޮވާ ތަކެއްޗާއި އަލިފާން ރޯވާ ފަދަ ތަކެތި؛
  9. ޓޭޒަރ ގަންއާއި ސްޓަން ގަން އަދި އެނޫންވެސް މީހެއްގެ ހަށިގަނޑަށް ށޮކެއް ފޮނުވައިގެން އޭނާއަށް ނުކުޅެދޭ ހާލަތެއް ވަގުތީ ގޮތުން މެދުވެރި ކުރުވާ ކޮންމެ އެއްޗެއް؛
  10. ވަކި ވަގުތެއް ޖެހުމުން ގޮވާގޮތަށް ހަދާފައި ހުންނަ ތަކެއްޗާއި ގޮވާނެ ވަކި ގޮތެއް ރޭވިފައި ހުންނަ ތަކެތި؛
  11. އަޑުގަދަވުމުން ސިއްސައިގެންދާގޮތަށް މޮޑިފައިކޮށްފައި ހުންނަ އެއްގަމު އުޅަނދުފަހަރު؛
  12. ވިހައާއި ވިހަ ގޭސް؛
  13. ނުރައްކާތެރި ބަޔޮލޮޖިކަލް ނުވަތަ ކެމިކަލް މާއްދާތަކާއި ނުރައްކާތެރި އެސިޑްތަކާއި ރޭޑިއޯއެކްޓިވް މާއްދާތައް؛
  14. މިނޫންވެސް މީހަކަށް އަނިޔާއެއް ދެވިދާނެ ނުވަތަ ތަނަކަށް ގެއްލުމެއް ދެވިދާނެ ކޮންމެ އެއްޗެއް.

ރިފަރެންސް

19 އޯގަސްޓް 2010 ވި ބުރާސްފަތިދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުޅަ "ގޭންގު ކުށްތައް މަނާކުރުމާބެހޭ ބިލު" ބަލައި، ތަޞްދީޤުކޮށްފައިވަނީ 5 ސެޕްޓެމްބަރ 2010 (26 ރަމަޟާން 1431) ގައެވެ.

ކިޔުންތެރިންގެ ހިޔާލު