-

ޓްރާންސްފަރ ޕްރައިސިންގ މެތަޑް

"ޓްރާންސްފަރ ޕްރައިސިންގ މެތަޑް" ކަމަށް ބުނެފައި އެވަނީ، އާމްސް ލެންތު އަގު ކަނޑައެޅުމަށް ބޭނުންކުރާ އަންނަނިވި މެތަޑްތަކުގެ ތެރެއިން މެތަޑަކަށެވެ.

  1. "ކޮމްޕްރަބަލް އަންކޮންޓްރޯލްޑް ޕްރައިސް (ކަޕް) މެތަޑް": ކޮންޓްރޯލް އޮތް މުއާމަލާތެއްގައި މުދަލެއް ނުވަތަ ހިދުމަތެއް ފޯރުވައިދިން އަގު، އަޅައިކިއޭ ހާލަތެއްގައި އެކަމަކު ކޮންޓްރޯލް ނެތް މުއާމަލާތެއްގައި ދެވޭނެ އަގާ އަޅާކިއާ ޓްރާންސްފަރ ޕްރައިސިންގ މެތަޑް؛
  2. "ކޯސްޓް ޕްލަސް މެތަޑް": ކޮންޓްރޯލް އޮތް މުއާމަލާތެއްގައި، މުދަލެއް ނުވަތަ ހިދުމަތެއް ދިނުމަށް ހިނގި ހަރަދުތަކުގެ މައުލޫމާތު ބޭނުންކުރާ ޓްރާންސްފަރ ޕްރައިސިންގ މެތަޑް. މި މެތަޑުގައި، ފަންކްށަންތަކާއި މާކެޓް ކަންޑިށަންތަކަށް ބިނާކޮށް (ބޭނުންކުރި އެސެޓްތަކާއި ނެގި ރިސްކްތަކަށް ބަލައިގެން) އެކަށީގެންވާ ފައިދާއެއް އިތުރުކުރާނީ ހިނގި ހަރަދަށް މިންވަރެއް (މާކް-އަޕް) އިތުރުކޮށްގެންނެވެ. ކޮންޓްރޯލް އޮތް މުއާމަލާތަކަށް، މިގޮތަށް މިންވަރެއް އިތުރުކޮށްގެން އަންނަ އަދަދަކީ، އެ މުއާމަލާތުގެ އާމްސް ލެންތު އަގެއް ކަމުގައި ބެލިދާނެއެވެ.
  3. "ރީސޭލް ޕްރައިސް މެތަޑް": ގުޅުންހުރި ފަރާތެއްގެ އަތުން ގަތް މުދަލެއް، ގުޅުން ނެތް ފަރާތަކަށް ވިއްކާ އަގު އަސާސްއަކަށް ބަލާ ޓްރާންސްފަރ ޕްރައިސިންގ މެތަޑް. މި މެތަޑުގައި، ގުޅުން ނެތް ފަރާތަށް ވިއްކާ އަގުން، "ރީސޭލް ޕްރައިސް މާޖިން " އަދި އެ މުދަލެއް ގަތުމަށް ހިނގި އެހެނިހެން ހަރަދުތައް (މިސާލަކަށް، ކަސްޓަމް ޑިއުޓީ) އުނިކުރުމުން އޮންނަ އަދަދަކީ، ގުޅުންހުރި ފަރާތުން އެ މުދަލެއް ގަތުމަށް ކުރި މުއާމަލާތުގެ އާމްސް ލެންތު އަގެއް ކަމުގައި ބެލިދާނެއެވެ.
  4. "ޕްރޮފިޓް ސްޕްލިޓް މެތަޑް": ކޮންޓްރޯލް އޮތް މުއާމަލާތެއްގައި،ގުޅުންހުރި ފަރާތްތަކުގެ މެދުގައި ބަހައިލާނެ ޖުމްލަ ފައިދާ ކަނޑައަޅައި، އަދި އިގްތިސާދީގޮތުން އެކަށީގެންވާ އަސާސަކަށް ބިނާކޮށް (އާމްސް ލެންތު އެއްބަސްވުމެއްގައި ވެސް އެ ފައިދާ ބެހުމަށް ކަނޑައަޅާނެ މިންވަރުކަމަށް އަންދާޒާކުރެވޭ މިންވަރަށް) އެ ފައިދާ ބަހައިލެވޭ ޓްރާންޒެކްށަނަލް ޕްރޮފިޓް މެތަޑް.
  5. "ޓްރާންޒެކްށަނަލް ނެޓް މާޖިން މެތަޑް": ކޮންޓްރޯލް އޮތް މުއާމަލާތެއްގައި، އެކަށީގެންވާ އަސާސަކަށް ބިނާކޮށް (މިސާލަކަށް، ހަރަދު، ސޭލްސް، އެސެޓްތައް)، ޓެކްސް ދައްކާ ފަރާތަށް ލިބޭ ނެޓް ޕްރޮފިޓް މާޖިން ބަލާ ޓްރާންޒެކްށަނަލް ޕްރޮފިޓް މެތަޑް.
  6. "އަދަރ ސަޗް މެތަޑް": ދެއްކި އަގު ނުވަތަ ދައްކަންޖެހޭ އަގު، ގުޅުން ނެތް ފަރާތްތަކެއްގެ މެދުގައި ހަމަ އެފަދަ ހާލަތެއްގައި، ރިއާޔަތްކުރަންޖެހޭ އެންމެހައި ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، އެފަދަ މުއާމަލާތެއްގައި ދައްކާނެ ނުވަތަ ދައްކަންޖެހޭނެ އަގަށް ރިއާޔަތް ކުރެވޭ، މީރާއިން ހުއްދަކުރާ ކޮންމެ މެތަޑެއް.