އެއްގަމު އުޅަނދު ރަޖިސްޓަރީ ކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވާއިދު
(ކޮންސޮލިޑޭޓެޑް ނަންބަރު 2021-170)
(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
1 ވަނަ މާއްދާ - ތައާރަފު
(ހ) މި ގަވާއިދަކީ، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކަށް އުޅަނދުގެ އަދަދު ކަނޑައެޅުމުގައްޔާއި އެކަން ތަންފީޛު ކުރުމުގައި އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތްތަކުން އަމަލުކުރަންޖެހޭނެ އަސާސީ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދެވެ.
(ށ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ 24 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 3 މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ނ) މި ގަވާއިދަށް ކިޔާނީ، "އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ ރަށްރަށާއި ސިޓީތަކާއި އެ ނޫންވެސް ސަރަހައްދުތަކުގައި ބޭނުންކުރެވޭނެ އުޅަނދުތަކުގެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައަޅާ ފަރާތްތަކުން އަމަލުކުރަންޖެހޭ އަސާސީ މިންގަނޑުތަކާއި އެ މިންގަނޑުތަކާ އެއްގޮތަށް އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށްފަހުގައި އެކަން ތަންފީޛު ކުރުމުގައި އަމަލުކުރަންޖެހޭ އާންމު އުސޫލުތައް ބަޔާންކުރުމެވެ.
3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް
މި ގަވާއިދު ހިންގާނީ، ސިނާއީ މަސައްކަތަށް ދޫކޮށްފައިވާ ސަރަހައްދެއްގައި ނަމަ،މިނިސްޓްރީންނެވެ. އަދި ވަކިވަކި ރަށްރަށާއި ސިޓީތަކުގައި މި ގަވާއިދު ހިންގާނީ އެ ރަށެއްގެ ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުންނެވެ.
4 ވަނަ މާއްދާ - އުޅަނދުތަކުގެ އަދަދު ކަނޑައެޅުން
މި ގަވާއިދުގެ ބޭނުމަށް އުޅަނދުތަކުގެ އަދަދު ކަނޑައެޅުން ކަމުގައި ބުނެފައި އެވަނީ އަންނަނިވި ކަންކަމަށެވެ.
(ހ) ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކާއި މީހުން ދިރިނޫޅޭ ރަށްރަށާއި ސަރަހައްދުތަކުގައި ބޭނުންކުރުމަށް ޓަކައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދެވޭނެ އެންމެ ގިނަ އަދަދު، އެއިން ކޮންމެ ތަނަކަށް ވަކީން، އަދި އެކި ބާވަތުގެ އުޅަނދުތަކަށް ވަކީން ކަނޑައެޅުން.
(ށ) ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކާއި މީހުން ދިރިނޫޅޭ ރަށްރަށާއި ސަރަހައްދުތަކުގައި އެއްގަމު އުޅަނދު ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތު، އެއިން ކޮންމެ ތަނަކަށް ވަކީން، އަދި އެކި ބާވަތުގެ އުޅަނދުތަކަށް ވަކީން ކަނޑައެޅުން.
(ނ) ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ވަކި ރަށެއްގައި ނުވަތަ ސިޓީއެއްގައި ނުވަތަ މީހުން ދިރިނޫޅޭ ވަކި ރަށެއްގައި ނުވަތަ ސަރަހައްދެއްގައި ބޭނުންކުރުމަށް ޓަކައި، ވަކިވަކި ފަރުދުންގެ ނަމުގައްޔާއި، ވިޔަފާރިއެއްގެ ނަމުގައި ނުވަތަ ކުންފުންޏެއްގެ ނަމުގައްއި، ދައުލަތުގެ އިދާރާއެއްގެ ނަމުގައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދެވޭނެ އެންމެ ގިނަ އަދަދު ކަނޑައެޅުން.
5 ވަނަ މާއްދާ - އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތް
(ހ) ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުގައި ނުވަތަ އެ ރަށްރަށާއި ސިޓީތަކުން ވަކި ސަރަހައްދެއްގައި ބޭނުންކުރުމަށް އުޅަނދުތަކުގެ އަދަދު ކަނޑައަޅާނީ، މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެސެސްމެންޓް ހެދުމަށްފަހު، މި ގަވާއިދުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ވެހިކަލްގެ ކެޕޭސިޓީއަކީ ކޮބައިކަން ދެނެގަނެ، އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ލޯކަލް ކައުންސިލުގެ އިދާރާއިންނެވެ. (އިސްލާހު ކުރެވިފައި)
(ށ) މީހުން ދިރިނޫޅޭ ސިނާއީ ރަށްރަށާއި ސަރަހައްދުތަކުގައި ބޭނުންކުރުމަށް އުޅަނދުތަކުގެ އަދަދު ކަނޑައަޅާނީ މިނިސްޓްރީންނެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށްފަހު، އުޅަނދުތަކުގެ އަދަދު ކަނޑައެޅި ފަރާތުން އެކަން އާންމުކޮށް ފެންނަން ހުންނާނޭހެން ށާއިއުކޮށް، އިއުލާނު ކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަނޑައަޅާ އަދަދާ އެއްގޮތަށް އަމަލުކުރަން ފަށަންވާނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކަން އިއުލާނުކުރާތާ މަދުވެގެން 6 (ހައެއް) މަސްދުވަހުގެ ފަހުންނެވެ.
6 ވަނަ މާއްދާ - އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގައި ބަލަންޖެހޭ އަސާސީ ކަންކަން
(ހ) އަންނަނިވި ކަންކަމަކީ އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތުން ބަލައި ރިއާޔަތް ކުރަންޖެހޭނެ އަސާސީ ކަންކަމެވެ.
- އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގެ ނުވަތަ ސިޓީގެ ނުވަތަ ސަރަހައްދުގެ މީހުންގެ އާބާދީ؛
- އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި ބޭނުންކުރަމުންދާ އެއްގަމު އުޅަނދުގެއަދަދު؛
- އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅައިފައިވާ މަގުތަކުގެ ލޭނުތަކުގެ ޖުމުލަ ދިގުމިނާއި، ޕާކުކުރުމަށް ކަނޑައަޅައިފައިވާ ސަރަހައްދުގެ ބޮޑުމިނާއި، އެ ސަރަހައްދުގައި ޕާކުކުރެވޭނެ އުޅަނދުގެ އަދަދު. (އިސްލާހު ކުރެވިފައި)
(ށ) އުޅަނދުތަކުގެ އަދަދު ކަނޑައަޅަންވާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމާއި، އެއިން ކޮންމެ ކަމެއް އަނެއް ކަމަކާ ގުޅުވައިލުމުން ނުކުންނަ ނަތީޖާތައް ދެނެގަތުމަށް ޓަކައި، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެސެސްމަންޓްތައް ހެދުމަށްފަހުގައި، އެ އެސެސްމަންޓްތަކުގެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށެވެ.
7 ވަނަ މާއްދާ - އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ޓަކައި އެސެސްމަންޓް ހެދުން
(ހ) އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ޓަކައި، އަންނަނިވި ކަންކަމާ ގުޅޭ ތަފުސީލީ އެސެސްމަންޓުތައް، އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތުން ހަދަންވާނެއެވެ. (އިސްލާހު ކުރެވިފައި)
- އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގެ ނުވަތަ ސިޓީގެ ނުވަތަ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ތަންތަނުގެ ތެރެއިން އުޅަނދު ދުއްވާ މަގުތަކުގެ ދިގުމިނާއި ލޭނުތަކުގެ އަދަދާއި ޕާކުކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކުގެ ޖުމުލަ ބޮޑުމިން؛ (އިސްލާހު ކުރެވިފައި)
- އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި، އާންމު ދަތުރުފަތުރުގެ ނިޒާމު ހަމަޖެހިފައިވާ މިންވަރު؛ (އިސްލާހު ކުރެވިފައި)
- އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި، އެއްގަމު އުޅަނދު ދުއްވުމަށާއި ޕާކުކުރުމަށް، ދުއްވާ މަގުތަކާއި ލޭނުތަކާއި ޕާކުކުރާނެ ސަރަހައްދު އިތުރުކުރެވެން އޮތް މިންވަރު؛ (އިސްލާހު ކުރެވިފައި)
- އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި ބޭނުންކުރާ އެއްގަމު އުޅަނދުތައް ބޭނުންކުރުމަށް އެކަށޭނެ އެންމެ ދިގު މުއްދަތު؛ (އިސްލާހު ކުރެވިފައި)
- އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި ބޭނުންކުރާ އެއްގަމު އުޅަނދުތައް އާންމުގޮތެއްގައި ބޭނުންކުރާ އެންމެ ދިގު މުއްދަތު؛ (އިސްލާހު ކުރެވިފައި)
- އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގެ އާބާދީގެ ނިސްބަތުން އަމިއްލަ އެއްގަމު އުޅަނދު ބޭނުންކުރާ ނިސްބަތާއި، އެ އުޅަނދުގެ ބާވަތްތައް؛ (އިސްލާހު ކުރެވިފައި)
- އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދު ގައި އާބާދީގެ ނިސްބަތުން އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރާ ނިސްބަތް؛ (އިސްލާހު ކުރެވިފައި)
- އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި ބޭނުންކުރާ އެއްގަމު އުޅަނދުގެ ނިސްބަތުން އެ ތަނެއްގެ ސިނާއީ މަސައްކަތްތަކަށް ބޭނުންކުރާ އުޅަނދުގެ ނިސްބަތާއި، އެ ފަދަ އުޅަނދުގެ ބާވަތްތައް. (އިސްލާހު ކުރެވިފައި)
- (އުނި ކުރެވިފައި)
- (އުނި ކުރެވިފައި)
- (އުނި ކުރެވިފައި)
- (އުނި ކުރެވިފައި)
- (އުނި ކުރެވިފައި)
- (އުނި ކުރެވިފައި)
- (އުނި ކުރެވިފައި)
- (އުނި ކުރެވިފައި)
- (އުނި ކުރެވިފައި)
- (އުނި ކުރެވިފައި)
- (އުނި ކުރެވިފައި)
- (އުނި ކުރެވިފައި)
- (އުނި ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނެތް ނަމަވެސް، އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ޓަކައި ބޭނުންވެދާނެ މުހިންމު ޑޭޓާއެއް ހޯދުމުގެ ބޭނުމުގައި، އިތުރު އެސެސްމަންޓްތައް ހެދުމުގެ އިހްތިޔާރު، އަދަދު ކަނޑައަޅާ ފަރާތަށް ލިބިގެންވެއެވެ.
8 ވަނަ މާއްދާ - އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގެ މެތޮޑޮލޮޖީ (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)
(ހ) އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ޓަކައި ބަލަންޖެހޭ މިންގަނޑުތައް ކަނޑައަޅާނީ، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެސެސްމަންޓުތައް ހެދުމަށްފަހު، އެ އެސެސްމަންޓްތަކުގެ ނަތީޖާއަށް ރިއާޔަތްކޮށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ރަށެއްގެ ލޭން މީޓަރުގެ ޖުމުލަ ދިގުމިނާއި އެ ރަށަކުން ލިބޭ ޖުމުލަ ޕާކިންގ އޭރިއާ އެ ރަށެއްގެ ކައުންސިލަކުން ކަނޑައެޅުމަށްފަހު، ތިރީގައި ބަޔާންކޮށްފައިވާ ފޯމިއުލާ ބޭނުންކޮށްގެންނެވެ. މި ފޯމިއުލާގެ ބޭނުމަށް ލޭނެއްގެ ގޮތުގައި ބަލާނީ، ފުޅާމިނުގައި 12 (ބާރަ) ފޫޓު ހުންނަ މަގުތަކެވެ. (އިސްލާހު ކުރެވިފައި)
Vehicle Capacity = ([Total Length of Lane
Meters] x 0.21) + ([Total Area for Parking] x
0.01333)
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަނޑައެޅޭ ވެހިކަލް ކެޕޭސިޓީ އެ ރަށެއްގެ ބިމުގެ މިންވަރަށާއި، ޖާގައަށާއި، ބޭނުންކުރާ އުޅަނދުތަކަށް ބަލައި، ކޮންމެ 5 (ފަހެއް) އަހަރަކުން މުރާޖާކުރަންޖެހޭނެއެވެ. އަދި އެ ރަށެއްގައި ބޭނުންކުރާ އުޅަނދު، އެ ރަށަކަށް ކަނޑައަޅައި އިއުލާނުކުރާ ވެހިކަލް ކެޕޭސިޓީއަށްވުރެ އިތުރުނުވާކަން ކަށަވަރުކުރުމާއި، އުޅަނދުތަކުގެ މައުލޫމާތު އަދާހަމަކޮށް ބެލެހެއްޓުމަކީ އެ ރަށެއްގެ ކައުންސިލުގެ ޒިންމާއެކެވެ. (އިސްލާހު ކުރެވިފައި)
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކަނޑައެޅޭ ވެހިކަލް ކެޕޭސިޓީ އެ ރަށެއްގެ ބިމަށް އަންނަ ބަދަލުތަކާއި އިތުރުވެ މަދުވާ މަގުތަކާއި ޕާކިންގ ޖާގައަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ކައުންސިލަށް ފެނިއްޖެ ހިނދެއްގައި މުރާޖާކުރުމުގެ އިހްތިޔާރު ކައުންސިލްތަކަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
(ރ) މި މާއްދާގައިވާ ގޮތުގެ މަތީން ވެހިކަލް ކެޕޭސިޓީގެ ގޮތުގައި ކަނޑައެޅޭ އަދަދު، އަންނަނިވި ކެޓަގަރީތަކަށް ނިސްބަތުން ބަހައިލުމަށްފަހު، އެއިން ކޮންމެ ކެޓަގަރީއަކަށް ކަނޑައެޅޭ ނިސްބަތް އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތަށް ކަނޑައެޅިދާނެއެވެ. (އިސްލާހު ކުރެވިފައި)
- އާންމު ދަތުރުފަތުރުގެ ނިޒާމުގެ އުޅަނދުތަކަށް؛
- އަމިއްލަ އުޅަނދުތަކަށް؛
- ވިޔަފާރީގައި ބޭނުންކުރާ އުޅަނދުތަކަށް؛
- ސިނާއީ މަސައްކަތްތަކުގައި ބޭނުންކުރާ އުޅަނދުތަކަށް.
(ބ) މީގެ އިތުރުން، މި ކެޓަގަރީތައް ވަކި ސަބ-ްކެޓަގަރީތަކަށް ބަހަ އިލައި، އެއިން ކޮންމެ ސަބ-ްކެޓަގަރީއަކަށް ޖެހޭނެ ނިސްބަތް ވަކިން ކަނޑައެޅުމުގެ އިހްތިޔާރު، އަދަދު ކަނޑައަޅާ ފަރާތަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
(ޅ) މި މާއްދާގެ (ރ) އާއި (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަމިއްލަ އުޅަނދުތަކުގެ ތެރެއިން 2 (ދޭއް) ފުރޮޅުލީ އުޅަނދުތަކަށް ވެހިކަލް ކެޕޭސިޓީގެ ގޮތުގައި އެންމެ ގިނަވެގެން ކަނޑައެޅޭނީ %80 (އަށްޑިހަ އިންސައްތަ) އެވެ. (އިސްލާހު ކުރެވިފައި)
9 ވަނަ މާއްދާ - އުޅަނދުތަކުގެ އަދަދާ އެއްގޮތަށް އުޅަނދު ރަޖިސްޓަރީ ކޮށްދިނުމުގެ އުސޫލު (އުނި ކުރެވިފައި)
10 ވަނަ މާއްދާ - އުޅަނދު ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތު ކަނޑައެޅުން
(ހ) ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކާއި މީހުން ދިރިނޫޅޭ ރަށްރަށާއި ސަރަހައްދުތަކުގައި އެއްގަމު އުޅަނދު ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތު ކަނޑައަޅަންވާނީ އުޅަނދު އުފެއްދި ތާރީހުން ފެށިގެންނެވެ.
(ށ) އުޅަނދު ބޭނުންކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން އުޅަނދުގެ ވެރިފަރާތުން އަމަލުކުރަންޖެހޭ އުސޫލުތަކާއި، އުޅަނދުގެ ރަޖިސްޓަރޭށަނާ މެދުގައި އަމަލުކުރެވޭނެ އުސޫލުތައް، އަދަދު ކަނޑައަޅާ ފަރާތުން އެކުލަވައިލައި، އެ އުސޫލުތައް އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އެކުލަވައިލާ އުސޫލުގައި، އުޅަނދު ބޭނުންކުރުމަށް ކަނޑައަޅައިފައިވާ މުއްދަތު ހަމަވުމުން، އުޅަނދުގެ ރަޖިސްޓަރޭށަން ވަގުތުން ބާތިލުކޮށް އުޅަނދު ނައްތައިލުންފަދަ އިޖުރާއަތުތައް ހިންގުމުގެ ކުރިން، އުޅަނދު ރަޖިސްޓަރީ ކޮށްފައިވާ ރަށް ނުވަތަ ސިޓީ ނުވަތަ ސަރަހައްދު ފިޔަވައި، އެ ނޫން ތަނަކަށް ރީ-ރަޖިސްޓަރ ކުރުމަށް ނުވަތަ އުޅަނދު ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމަށް ނުވަތަ އެ ނޫންވެސް އުޅަނދުގެ ވެރިފަރާތަށް ލިބިދާނެ ގެއްލުމެއް ކުޑަކުރެވިދާނެ ފިޔަވަޅުތައް ހި މެނުމަށް އިސްކަންދޭންވާނެއެވެ.
11 ވަނަ މާއްދާ - ވަސީލަތްތައް ގާއިމުކުރުން
މި ގަވާއިދުގެ ދަށުން ކަނޑައަޅާ އުޅަނދުތަކުގެ އަދަދު އެ ގޮތުގައި ހިފެހެއްޓުމަށް ޓަކައި، އަދި އުޅަނދުތަކުގެ އަދަދާ އެއްގޮތަށް އުޅަނދު ރަޖިސްޓަރީ ކޮށްދިނުމުގެ އުސޫލު ހަރުދަނާގޮތުގައި ތަންފީޛު ކުރުމަށް ޓަކައި ބޭނުންވާ އިންސާނީ ވަސީލަތްތަކާއި ފަންނީ ވަސީލަތްތައް، އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތުން ގާއިމުކޮށް،ކަނޑައަޅައިފައިވާ އުޅަނދުތަކުގެ އަދަދު އެ ގޮތުގައި ހިފެހެއްޓޭކަން ކަށަވަރު ކުރަންވާނެއެވެ.
12 ވަނަ މާއްދާ - މިހާރު ބޭނުންކުރާ އުޅަނދުތައް ކަނޑައަޅާ އަދަދަށްވުރެ އިތުރުވުން (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)
މި ގަވާއިދުގެ ދަށުން އުޅަނދުތަކުގެ އަދަދު ކަނޑައަޅާއިރު، އަދަދު ކަނޑައަޅާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި ބޭނުންކުރުމަށް ރަޖިސްޓަރީކޮށްފައިވާ އުޅަނދުގެ އަދަދަކީ، ކަނޑައެޅި އަދަދުގެ ނިސްބަތަށްވުރެ އިތުރު އަދަދެއްނަމަ، އަދަދު ކަނޑައެޅި ނިސްބަތް އެ ގޮތުގައި ހިފެހެއްޓުމުގެ ގޮތުން، ރީ - ރެޖިސްޓްރޭށަން ޕްރޮސެސްއެއްގެ ދަށުން އެ އުޅަނދުތައް އަދަދުގެ ތެރޭގައި ހިމެނޭނެ ނިޒާމެއް އަދަދު ކަނޑައަޅާ ފަރާތުން އެކުލަވައިލައި، ރ-ީރަޖިސްޓަރީ ކުރުމަށް އެކަށީގެންވާ ހަމަހަމަ ފުރުސަތާއި މުއްދަތު ދޭންވާނެއެވެ. (އިސްލާހު ކުރެވިފައި)
13 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުން ކަނޑައަޅާ އުޅަނދުތަކުގެ އަދަދު މިނިސްޓްރީއަށް ހުށަހެޅުން
(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ލޯކަލް ކައުންސިލްތަކުން ކަނޑައަޅާ އުޅަނދުތަކުގެ އަދަދު މިނިސްޓްރީއާ ހިއްސާކޮށް، އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ލޯކަލް ކައުންސިލްތަކުން ފޮނުވާ އުޅަނދުތަކުގެ އަދަދު ކަނޑައަޅައިފައިވަނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންތޯ މިނިސްޓްރީން ބަލަންވާނެއެވެ.
14 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
15 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނައެވެ.
(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމަށް އެ ވަގުތަކު ސަރުކާރުން ހަމަޖައްސައިފައިވާ ވުޒާރާއަށެވެ.
(ށ) "ލޯކަލް ކައުންސިލް" ނުވަތަ "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށެވެ.
(ނ) "އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، އަދަދު ކަނޑައެޅުމުގެ ކުރިން، އެކަމާ ގުޅުންހުރި ކަންކަން ދިރާސާކުރާ ކުރުމަށެވެ.
(ރ) "އެއްގަމު ދަތުރުފަތުރުގެ ނިޒާމު" ކަމަށް ބުނެފައި އެވަނީ، މީހުން ދިރިއުޅޭ ރަށްރަށާއި، އަދި އާންމު ހިދުމަތްދޭ ތަންތަނުގައި އެއްގަމު އުޅަނދުތައް ދުއްވުމަށް ކަނޑައެޅިފައިވާ މަގުތަކާއި، ފާލަންތަކާއި، އަމިއްލަ ބިންބިމާއި ބަންޑާރަ ބިމުން ހިނގާބިނގާވެ އުޅުމަށާއި ދުއްވުމަށް ކަނޑައެޅިފައިވާ މަގުތަކާއި ގޯޅިތަކާއި އަމިއްލަ ބޭނުމަށް ނުވަތަ ސިނާއީ ބޭނުންތަކަށް ދޫކޮށްފައި ވާ ބިންބިމާއި، ވަކިކަމަކަށް ދޫކޮށްފައިވާ ރަށްރަށުގައި އާންމުކޮށް ދުއްވުމާއި ހިނގާބިނގާވެ އުޅުމަށް ހަދައިފައިވާ މަގުތަކާއި ގޯޅިތަކާއި ސަރަހައްދުތަކާއި، މިފަދަ ތަންތަނުގައި ދުއްވާ ހުރިހާ ބާވަތެއްގެ އުޅަނދުތަކާއި، ދުއްވާ މީހުންނަށެވެ.
(ބ) "ލޭން މީޓަރ" ކަމަށް ބުނެފައި އެވަނީ، ޕާކުކުރުމަށް ނުވަތަ އުޅަނދުގެ މޫވްމެންޓަށް މަގެއްގެ ލޭނުގެ ދިގުމިނުން ޖާގަ ހިސާބުކުރުމަށް
ބޭނުންކުރެވޭ ޔުނިޓަކަށެވެ. (އިތުރު ކުރެވިފައި)
(ޅ) "ޕާކިންގ އޭރިއާ" ނުވަތަ "ޕާކިންގ ޖާގަ" ކަމަށް ބުނެފައި އެވަނީ، އުޅަނދެއް ޕާކުކުރުމަށް ޓަކައި ކަނޑައަޅާ ޖާގައަށް ނުވަތަ ލިބެންހުރި ޖާގައަށެވެ. (އިތުރު ކުރެވިފައި)
(ކ) "ވެހިކަލް ކެޕޭސިޓީ" ކަމަށް ބުނެފައި އެވަނީ، ރަށެއްގެ ޖުމުލަ ލޭން މީޓަރަށާއި ލިބެންހުރި ޕާކިންގ އޭރިއާއަށް ބަލައި، އެ ރަށެއްގައި ގިނަވެގެން ބޭނުންކުރެވޭނެ އުޅަނދުތަކުގެ އަދަދުކަމަށް ކަނޑައަޅާ އަދަދަށެވެ. (އިތުރު ކުރެވިފައި)
މައި ގަވާއިދު
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކިޔުންތެރިންގެ ހިޔާލު