-

ސުޕްރީމް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2022-100)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

އެއްވަނަ ބައި

އިބްތިދާއީ ކަންކަން 

 

1 ވަނަ މާއްދާ - ތައާރުފު

(ހ) މިއީ، ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގެ ތައާރުފު 425 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭ ސުޕްރީމް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ މަގުސަދު 

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ތަންފީޒުކޮށް ހިންގުމުގެ ކަންކަން އިންތިޒާމުކޮށް، އެ ގާނޫނު ތަންފީޒުކުރުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމަލުކުރާނެ ގޮތްތަކުގެ ތަފްސީލުތަކާއި އިރުށާދުތައް ބަޔާންކުރުމެވެ. (އިސްލާހު ކުރެވިފައި)

 

3 ވަނަ މާއްދާ - ގާނޫނަށް އިސްކަން ދިނުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަކާއި، ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ފުށުއަރާނަމަ، އެކަމެއް މާނަކޮށް ތަންފީޒު ކުރަންޖެހޭނީ، މަދަނީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތަށް އިސްކަންދީގެންނެވެ.

 

4 ވަނަ މާއްދާ - ރަދީދު

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަވާ ގޮތަށް އެ ލަފުޒެއް ނުވަތަ ރަދީފު އެ އިބާރާތެއް ބޭނުންކޮށްފައި ނުވާނަމަ، އެ ލަފުޒަކަށް ނުވަތަ އެ އިބާރާތަކަށް  ދީފައިވަނީ ތިރީގައިވާ މާނައެވެ.

(ހ) "މި ގަވާއިދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ މި ގަވާއިދަށާއި، މި ގަވާއިދަށް ގެންނަ އިސްލާހުތަކަށެވެ.

(ށ) "ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހެއް" ކަމަށް ބުނެފައި އެވަނީ، އެ ތަނެއްގެ ޑިޕާޓްމަންޓުތަކުގެ އެންމެ އިސްވެރިން ފެށިގެން މަތީގެ އިދާރީ މަގާމުތައް ފުރާ މީހުންނާއި، އެ ތަނެއްގެ ސިޔާސަތު ކަނޑައަޅައި ތަންފީޒުކުރާ ގުނަވަނުގެ ޑިރެކްޓަރުންނާއި މެންބަރުންގެ ތެރޭގައި ހިމެނޭ މީހުންނަށެވެ.

(ނ) "ގާނޫނީ ވަކީލަކު އައްޔަނުކުރާ ލިޔުން" ކަމަށް ބުނެފައި އެވަނީ، ސުޕްރީމް ކޯޓުގެ މަރުހަލާތަކުގައި ހަސްމަކު ތަމްސީލުކުރުމަށް އެ ހަސްމެއްގެ ފަރާތުން ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާ ގޮތަށް ތައްޔާރުކޮށްފައިވާ ޕަވަރ އޮފް އެޓަރނީއާއި ގަރާރާއި، އެ ނޫންވެސް ލިޔުމަށެވެ.

(ރ) "ރަޖިސްޓްރާ" ކަމަށް ބުނެފައި އެވަނީ، ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތްތަކާއި، ރަޖިސްޓްރާ ނެތް ހާލަތެއްގައި ރަޖިސްޓްރާގެ މަސްއޫލިއްޔަތު އަދާކުރުމަށް ހަވާލުކޮށްފައިވާ ފަރާތްތައް ވެސްހިމެނޭ ގޮތަށެވެ.

(ބ) "ކޯޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށެވެ.

 

 

ދެވަނަ ބައި

ހަސްމުން އަދި ހަސްމުން ތަމްސީލުކުރުން

 

5 ވަނަ މާއްދާ - ދައުވާކުރުމުގެ ހައިސިއްޔަތު

ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ފުރަތަމަ މަރުހަލާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލަން ކަނޑައަޅައިފައިވާ މައްސަލަތަކުގައި، ކޮންމެ ތަބީއީ ށަހްސަކަށް، އަދި ގާނޫނީށަހްސަކަށް އެ ފަރާތެއް އަމިއްލައަށް ނުވަތަ އެ ފަރާތުން އައްޔަނުކޮށް ކަނޑައަޅާ ގާނޫނީ ވަކީލަކު މެދުވެރިކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދައުވާ އުފުލައި ނުވަތަ 
ދައުވާ ދިފާއުކޮށް ހެދިދާނެއެވެ. ނަމަވެސް، އެގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދައުވާއެއް ހުށަހެޅޭނީ، އެ މައްސަލައެއްގައި އެ ފަރާތުގެ މަސްލަހަތު އޮތް އަދި ދައުވާ ބިނާކުރާ ސަބަބެއް އޮތް ނަމައެވެ.

 

6 ވަނަ މާއްދާ - ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު

ދުސްތޫރީ މައްސަލަތަކުގައި ދައުވާކުރުމުގެ ހައިސިއްޔަތު ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - ގިނަ ހަސްމުން މައްސަލަ ހުށަހެޅުން

އެއް އަސާސެއްގެ މައްޗަށް ބިނާވެގެންވާ ދައުވާއެއް ނުވަތަ ދައުވާތަކެއް ހިމެނޭ މައްސަލަތަކުގައި އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެކުވެގެން، އެއް މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅިދާނެއެވެ. އަދި، އެއް ފަރާތަށްވުރެ ގިނަ ފަރާތުގެ މައްޗަށް މައްސަލަ ރައްދުވާ ގޮތަށް ވެސް އެފަދަ މައްސަލަތައް ކޯޓަށް ހުށަހެޅިދާނެއެވެ.

 

8 ވަނަ މާއްދާ - ދައުލަތް ތަމްސީލުކުރުން 

(ހ) ދައުލަތުން ދައުވާކުރާ މަދަނީ މައްސަލަތަކުގައި އަދި ދައުލަތުގެ މައްޗަށް ދައުވާ ރައްދުވާގޮތަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގައި ސުޕްރީމް ކޯޓުގައި ދައުލަތް ތަމްސީލުކުރާނީ، ބަންޑާރަނައިބު ނުވަތަ އޭނާ އައްޔަނުކުރާ ގާނޫނީ ވަކީލެއް ނުވަތަ ގާނޫނީ ވަކީލުންނެވެ. މައްސަލައެއްގައި އެއް ގާނޫނީ ވަކީލަކަށްވުރެ ގިނަ ގާނޫނީ ވަކީލުން އައްޔަނުކުރާނަމަ، އެ ފަރާތްތަކުގެ ތެރެއިން އިސް ވަކީލަކީ ކޮން ވަކީލެއްކަން ވަކީލުން އައްޔަނުކުރާ ލިޔުމުގައި ބަޔާންކުރަންވާނެއެވެ.

(ށ) ދައުލަތް ތަމްސީލުކުރުމަށް ބަންޑާރަނައިބުގެ ފަރާތުން ގާނޫނީ ވަކީލުން އައްޔަނުކުރާނީ، މި ގަވާއިދުގެ 22 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމަކުންނެވެ.

(ނ) ބަންޑާރަނައިބުގެ މަގާމު ހުސްވެފައިވާ ވަގުތުތަކުގައި ބަންޑާރަނައިބުގެ އޮފީސް ހިންގަން ހަވާލުވެފައިވާ ވެރިއަކު އައްޔަނުކުރާ ގާނޫނީ ވަކީލުންނަށް ސުޕްރީމް ކޯޓުގައި ދައުލަތް ތަމްސީލުކުރެވޭނެއެވެ.

 

9 ވަނަ މާއްދާ - ޕާޓްނަށިޕް ތަމްސީލުކުރުން

ޕާޓްނަށިޕެއް ސުޕްރީމް ކޯޓުގައި ތަމްސީލުކުރާނީ، އެ ޕާޓްނަށިޕަކުން އައްޔަނުކުރާ ޕާޓްނަރަކު ނުވަތަ އެ ޕާޓްނަށިޕަކުން އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.

 

10 ވަނަ މާއްދާ - ކުންފުނި ތަމްސީލުކުރުން 

ކުންފުންޏެއް ސުޕްރީމް ކޯޓުގައި ތަމްސީލުކުރާނީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އައްޔަނުކުރާ އެ ކުންފުނީގެ ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހެއް ނުވަތަ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.

 

11 ވަނަ މާއްދާ - ޖަމްއި އްޔާ، ޖަމާއަތް، ކުލަބް ތަމްސީލުކުރުން

ރަޖިސްޓަރީ ކޮށްފައިވާ ޖަމްއިއްޔާއެއް ނުވަތަ ޖަމާއަތެއް ނުވަތަ ކުލަބެއް ސުޕްރީމް ކޯޓުގައި ތަމްސީލުކުރާނީ، އެ ތަނެއްގެ ހިންގާ ކޮމިޓީން އައްޔަނުކުރާ އެ ތަނެއްގެ ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހެއް ނުވަތަ އެ ތަނެއްގެ ހިންގާ ކޮމިޓީން އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.

 

12 ވަނަ މާއްދާ - ސިޔާސީ ޕާޓީ ތަމްސީލުކުރުން

ރަޖިސްޓަރީ ކޮށްފައިވާ ސިޔާސީ ޕާޓީއެއް ސުޕްރީމް ކޯޓުގައި ތަމްސީލުކުރާނީ، އެ ސިޔާސީ ޕާޓީއެއް ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތެއް ނުވަތަ އެ ޕާޓީގެ ފަރާތުން އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.

 

13 ވަނަ މާއްދާ - ކޮމިށަން ތަމްސީލުކުރުން

ގާނޫނަކުން ވަކި ގާނޫނީ ށަހްސެއްގެ ގޮތުގައި އުފައްދައިފައިވާ ކޮމިށަނެއް ސުޕްރީމް ކޯޓުގައި ތަމްސީލުކުރާނީ، އެ ކޮމިށަނުން އައްޔަނުކުރާ އެ ކޮމިށަނެއް ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހެއް ނުވަތަ އެ ކޮމިށަނުން އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.

 

14 ވަނަ މާއްދާ - ގާނޫނީ ށަހްސު ތަމްސީލުކުރުން

ގާނޫނަކުން ވަކި ގާނޫނީ ށަހްސެއްގެ ގޮތުގައި އުފައްދައިފައިވާ އޮތޯރިޓީއެއް ނުވަތަ އިދާރާއެއް ނުވަތަ މުއައްސަސާއެއް ހިންގަނީ ޑިރެކްޓަރުންގެ ބޯޑަކުން ނުވަތަ ގަވަރނިންގ ބޯޑަކުން ކަމުގައި ވާނަމަ، ސުޕްރީމް ކޯޓުގައި ތަމްސީލުކުރާނީ، އެ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން ނުވަތަ ގަވަރނިންގ ބޯޑުން އައްޔަނުކުރާ އެ ތަނެއް ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހެއް ނުވަތަ އެ ބޯޑުން އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ. މިގޮތަށް އުފައްދައިފައިވާ އޮތޯރިޓީއެއް ނުވަތަ އިދާރާއެއް ނުވަތަ މުއައްސަސާއެއްގެ ހިންގުމުގެ ބާރު ދީފައިވަނީ، އެފަދަ ތަނަކަށް އައްޔަނުކޮށްފައިވާ އެންމެ އިސް ފަރާތަކަށް ކަމުގައި ވާނަމަ، އެ ފަރާތެއް ސުޕްރީމް ކޯޓުގައި ތަމްސީލުކުރާނީ، އެ ފަރާތުން ނުވަތަ އެ ފަރާތުން އައްޔަނުކުރާ އެ ތަން ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހެއް ނުވަތަ އެ ފަރާތުން އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.

 

15 ވަނަ މާއްދާ - ގާނޫނަކުން އުފައްދާ މަގާ މުތައް ތަމްސީލުކުރުން

ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިދޭގޮތަށް ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން މަގާމެއް އުފައްދައި އެ މަގާމު ފުރާނޭ މީހަކު އައްޔަނު ކޮށްފައިވާނަމަ، އެ މީހަކު ސުޕްރީމް ކޯޓުގައި ތަމްސީލުކުރާނީ، އޭނާ އަމިއްލައަށް ނުވަތަ އޭނާ އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ. މިފަދަ މަގާމެއް ހުސްވެފައިވާ ވަގުތުތަކުގައި އެ އޮފީސް ހިންގަން ހަވާލުވެފައިވާ ވެރިއަކު އައްޔަނުކުރާ އެ އޮފީހުގެ ގާނޫނީ ވަކީލުންނަށް ސުޕްރީމް ކޯޓުގައި ތަމްސީލުކުރެވޭނެއެވެ.

 

16 ވަނަ މާއްދާ - ލޯކަލް ކައުންސިލް ތަމްސީލުކުރުން

ލޯކަލް ކައުންސިލުތައް ސުޕްރީމް ކޯޓުގައި ތަމްސީލުކުރާނީ، އެ ކައުންސިލަކުން އައްޔަނުކުރާ އެ ކައުންސިލެއްގެ ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހެއް ނުވަތަ އެ ކައުންސިލުން އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.

 

17 ވަނަ މާއްދާ - ސޯލް ޕްރޮޕްރައިޓަރށިޕް ތަމްސީލުކުރުން

ސޯލް ޕްރޮޕްރައިޓަރށިޕްއަކުން ސުޕްރީމް ކޯޓުގައި ތަމްސީލުކުރާނީ، އެ ސޯލް ޕްރޮޕްރައިޓަރށިޕުގެ ވެރިފަރާތް ނުވަތަ އޭނާ އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ. (އިސްލާހު ކުރެވިފައި)

 

18 ވަނަ މާއްދާ - ކުޑަކުއްޖެއް ނުވަތަ ރައްކައުތެރިކަން ލިބިގެންވާ ފަރާތްތައް ތަމްސީލުކުރުން

(ހ) އެހެން ގޮތަކަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައި ނުވާނަމަ، މަދަނީ މައްސަލަތަކުގައި ކުޑަކުއްޖެއް ނުވަތަ ރައްކައުތެރިކަން ލިބިގެންވާ ފަރާތެއް ސުޕްރީމް ކޯޓުގައި ތަމްސީލުކުރާނީ އެ ފަރާތުގެ ށަރުއީ ބަލަދުވެރިޔާ ނުވަތަ ށަރުއީ ބަލަދުވެރިޔާ އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ. ނަމަވެސް، ކުޑަކުއްޖާގެ ނުވަތަ ރައްކައުތެރިކަން ލިބިގެންވާ ފަރާތުގެ ގާނޫނީ ބަލަދުވެރިޔަކު އައްޔަނު ކޮށްފައިވާނަމަ، ސުޕްރީމް ކޯޓުގައި އެ ފަރާތެއް ތަމްސީލުކުރާނީ، އެ ފަރާތުގެ ގާނޫނީ ބަލަދުވެރިޔާ ނުވަތަ ގާނޫނީ ބަލަދުވެރިޔާ އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އަމިއްލަ މަސްލަހަތު ފުށުއަރާ މައްސަލަތަކުގައި އެ ފަދަ ފަރާތަކަށް ނުވަތަ އެ ފަދަ ފަރާތަކުން އައްޔަނުކުރާ ގާނޫނީ ވަކީލަކަށް ސުޕްރީމް ކޯޓުގައި ކުޑަކުއްޖަކު ނުވަތަ ރައްކައުތެރިކަން ލިބިގެންވާ ފަރާތެއް ތަމްސީލެއް ނުކުރެވޭނެއެވެ. މި ހާލަތުގައި ކުޑަކުއްޖާ ނުވަތަ ރައްކައުތެރިކަން ލިބިގެންވާ ފަރާތް ސުޕްރީމް ކޯޓުގައި ތަމްސީލުކުރާނޭ އެހެން ފަރާތެއް ސުޕްރީމް ކޯޓުން ކަނޑައަޅަންވާނެއެވެ.

(ނ) ކުޑަކުއްޖެއް ނުވަތަ ރައްކައުތެރިކަން ލިބިގެންވާ ފަރާތެއް ތަމްސީލުކުރާ ފަރާތުގެ މައިގަނޑު މަސްއޫލިއްޔަތު އޮންނަންވާނީ، އެ ކުޑަކުއްޖާ ނުވަތަ ރައްކައުތެރިކަން ލިބިގެންވާ ފަރާތުގެ މަސްލަހަތު ރައްކައުތެރިކުރުމަށެވެ.

(ރ) މި މާއްދާގެ (ހ) ގައި ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތެއް ތަމްސީލުކުރާ މީހަކު، ކުޑަކުއްޖެއްގެ މައްޗަށް ނުވަތަ ރައްކައުތެރިކަން ލިބިގެންވާ ފަރާތެއްގެ މައްޗަށް ދައުވާލިބޭ މައްސަލައެއްގައި އިއުތިރާފުވެ، ނުވަތަ ސުލްހައިގެ ހައްލަކަށް އެއްބަސްވެ ގަބޫލުކުރަންވާނީ ސުޕްރީމް ކޯޓުގެ ހުއްދައާ އެކުގައެވެ.

 

19 ވަނަ މާއްދާ - އެކުގައި މަސްލަހަތު ހިމެނޭ ހަސްމަކު އެހެން ހަސްމެއް ތަމްސީލުކުރުން

އެއް ފަރާތަށްވުރެ ގިނަ ފަރާތުގެ މަސްލަހަތު އެކުގައި ހިމެނޭނަމަ، އޭނާ އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ތަމްސީލުކުރުމަށް އޭނާއާއެކު އެ މައްސަލައިގައި އެއް މަސްލަހަތެއް ހިމެނޭ އެހެން މީހަކު އައްޔަނު ކުރެވިދާނެއެވެ. މި މާއްދާގެ ދަށުން އެއް ހަސްމަކު އެ މައްސަލައިގެ އެހެން ހަސްމަކު ތަމްސީލުކުރާނަމަ، މި ގަވާއިދުގެ 22 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމެއް ފުރިހަމަކޮށްފައި، އެ ލިޔުން ސުޕްރީމް ކޯޓަށް ހުށަހަޅަންވާނެއެވެ.

 

20 ވަނަ މާއްދާ - މަސްލަހަތު ހިމެނޭ ހުރިހާ ފަރާތެއް ހަސްމުންގެ ގޮތުގައި ހިމެނުން

(ހ) ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ދައުވާ ނުވަތަ މައްސަލައިގައި ހިމެނޭ ހުރިހާކަމެއް ފުރިހަމަޔަށް އަދި މުޅިން ނިންމުމަށް ޓަކައި އެ ގަޒިއްޔާގެ ހަސްމުންގެ ގޮތުގައި ކޮންމެހެން ބައިވެރިވާންޖެހޭ ކަމަށް ގަބޫލުކުރެވޭ އެންމެހައި ފަރާތްތައް އެ ގަޒިއްޔާގެ ހަސްމުންގެ ގޮތުގައި ހިމަނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ މަގުސަދަށް ޓަކައި، ދައުވާކުރާ ފަރާތުން ކުރާ ދައުވާގައި ހިމެނޭ ހައްގަކީ އެ ފަރާތާއެކު ނުވަތަ އެ ފަރާތުގެ އިތުރަށް އެހެން ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް ލިބެންވާ ހައްގެއް ނުވަތަ ހައްގުތަކެއް ހިމެނޭ ދައުވާއެއް ނަމަ، އެ ގަޒިއްޔާގައި ދައުވާކުރާ ފަރާތްތަކުގެ ގޮތުގައި އެފަދަ ހުރިހާ ފަރާތްތަކެއް ހިމަނަންވާނެއެވެ. ގަޒިއްޔާގެ ހަސްމުންގެ ގޮތުގައި ހިމަނަންޖެހޭ ކަމަށް ގަބޫލުކުރެވޭ މީހަކު ދައުވާކުރާ ފަރާތެއްގެ ގޮތުގައި އެ ގަޒިއްޔާގައި ހިމެނުމަށް އިއުތިރާޒުކުރާނަމަ، އެ މީހަކު އެ ގަޒިއްޔާގެ ދައުވާލިބޭ ފަރާތެއްގެ ގޮތުގައި ހިމެނިދާނެއެވެ.

(ނ) ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ދައުވާގައި ނުވަތަ މައްސަލައިގައި ހިމެނޭ ހުރިހާ ކަމެއް ފުރިހަމައަށް އަދި މުޅިން ނިންމުމަށް ޓަކައި ގަޒިއްޔާގެ ހަސްމެއްގެ ގޮތުގައި ހިމަނަންޖެހޭ ފަރާތެއްކަމަށް ސުޕްރީމް ކޯޓަށް ގަބޫލުކުރެވޭ ފަރާތްތައް ހަސްމެއްގެ ގޮތުގައި ގަޒިއްޔާގައި ހިމެނުމަށް ދައުވާކުރާ ފަރާތަށް ސުޕްރީމް ކޯޓުން އަންގަންވާނެއެވެ.

(ރ) މައްސަލައެއްގެ ހަސްމެއްގެ ގޮތުގައި ހިމަނައިފައިވާ މީހަކު އެ ގަޒިއްޔާގެ ހަސްމެއްގެ ގޮތުގައި ހިމެނުމަކީ ކޮންމެހެން ބޭނުންކަމެއް ނޫންކަމަށް ސުޕްރީމް ކޯޓަށް ގަބޫލުކުރެވޭނަމަ، އެފަދަ ފަރާތެއް އެ ގަޒިއްޔާއިން އުނިކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ. މިގޮތުން ހަސްމަކު އުނިކުރުމަށް ނިންމައިފިނަމަ، އެގޮތަށް ނިންމި ސަބަބު، ށަރީއަތް ނިމުނު ގޮތުގައި ހިމަނަންވާނެއެވެ.

 

21 ވަނަ މާއްދާ - މައްސަލައެއްގެ ތެރެއަށް ތަދައްހުލުވުމަށް އެދި ހުށަހެޅުން

(ހ)  ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން މަސްލަހަތު އޮތް އެއްވެސް ފަރާތަކުން އެ މައްސަލައަށް ތަދައްހުލުވުމަށް އެދި ހުށަހަޅައިފިނަމަ،އެ ފަރާތަކަށް އެ މައްސަލައިގައި ތަދައްހުލުވުމުގެ ހުއްދަދިނުމުގެ އިހްތިޔާރު، މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތަކުން މައްސަލައަކަށް ތަދައްހުލުވުމަށް އެދި ހުށަހަޅާނީ، އެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފައިވާ ފޯމުންނެވެ.

(ނ) މައްސަލައަކަށް ތަދައްހުލުވުމަށް އެދި ހުށަހަޅާ ފަރާތުން ތަދައްހުލުވުމަށް އެދި ހުށަހަޅަނީ ދައުވާކުރާ ފަރާތެއްގެ ގޮތުގައިކަން ނުވަތަ ދައުވާލިބޭ ފަރާތެއްގެ ގޮތުގައިކަން ތަދައްހުލުވުމަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތަކުން ތަދައްހުލުވުމަށް އެދި ހުށަހެޅުމުން، އެ މައްސަލައަށް ތަދައްހުލުކުރެވޭނީ، އެކަމަށް ކަނޑައެޅިފައިވާ ފީ ދެއްކުމުންނެވެ.

 

22 ވަނަ މާއްދާ - ގާނޫނީ ވަކީލުން އައްޔަނުކުރުން

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ކަނޑައެޅިފައި ނުވާނަމަ، ހަސްމުން ތަމްސީލުކުރުމަށް ގާނޫނީ ވަކީލުން އައްޔަނުކުރުމުގައި ގާނޫނީ ވަކީލުން ކަމުގައި، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ ދަށުން ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އަންނަނިވި ފަރާތްތައް ކަނޑައެޅިދާނެއެވެ.

  1. ލީގަލް ޕްރެކްޓިސް؛
  2. ލޯ ފަރމް؛
  3. ކުންފުންޏެއްގެ ނުވަތަ މުއައްސަސާއެއްގެ އިންހައުސް ލީގަލް ކައުންސެލް؛
  4. ގާނޫނީ ހިދުމަތް ދިނުމަށް ހިލޭސާބަހަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއަކުން އައްޔަނުކުރާ ގާނޫނީ ވަކީލުން.

(ށ) ކުންފުންޏެއްގެ ނުވަތަ އެހެން މުއައްސަސާއެއްގެ އިންހައުސް ލީގަލް ކައުންސެލްއަށް އެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ހާޒިރުވެވޭނީ ހަމައެކަނި އޭނާ ވަޒީފާ އަދާކުރާ ކުންފުނީގެ ނުވަތަ މުއައްސަސާގެ ފަރާތުންނެވެ.

(ނ) ހަސްމެއްގެ ގާނޫނީ ވަކީލުންގެ ގޮތުގައި ލޯ ފަރމްއެއް ނުވަތަ ލީގަލް ޕްރެކްޓިސްއެއް އައްޔަނު ކޮށްފައިވާނަމަ، ގާނޫނީ ވަކީލުން ސުޕްރީމް ކޯޓަށް ހާޒިރުވާނީ އެ ލޯ ފަރމްގެ ފަރާތުން ނުވަތަ ލީގަލް ޕްރެކްޓިސްގެ ފަރާތުންނެވެ.

(ރ) މަދަނީ މައްސަލައެއްގައި ހަސްމެއްގެ ފަރާތުން ގާނޫނީ ވަކީލަކު ސުޕްރީމް ކޯޓަށް ހާޒިރުވާއިރު މުވައްކިލު ނުވަތަ މުވައްކިލުގެ ގާނޫނީ ވަކީލު(ން) ފިޔަވައި އެހެން މީހަކު ސުޕްރީމް ކޯޓަށް ހާޒިރުވުން ލާޒިމެއް ނޫނެވެ.

(ބ) ހަސްމަކު ތަމްސީލުކުރަން ލީގަލް ޕްރެކްޓިސެއް އައްޔަނުކުރާނަމަ، ސުޕްރީމް ކޯޓަށް ހާޒިރުވާނީ، އެ މީހެއްގެ ނަމުގައި އެ ލީގަލް ޕްރެކްޓިސް ރަޖިސްޓަރީ ކޮށްފައިވާ ގާނޫނީ ވަކީލެވެ.

(ޅ) ހަސްމެއް ތަމްސީލުކުރަން އައްޔަނުކުރަނީ ލޯ ފަރމެއްނަމަ، އެ ލޯ ފަރމަކުން އައްޔަނުކުރާ ގާނޫނީ ވަކީލެކެވެ.

(ކ) ލޯ ފަރމްތަކުންނާއި ލީގަލް ޕްރެކްޓިސްތަކުންނާއި ގާނޫނީ ވަކީލުންނަށް ސުޕްރީމް ކޯޓުގައި ހަސްމުން ތަމްސީލުކުރެވޭނީ، އަންނަނިވި ގޮތްތަކުންކުރެ ކޮންމެވެސް އެއް ގޮތަކަށް ބާރުލިބިގެންނެވެ.

  1. މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ ޕަވަރ އޮފް އެޓަރނީ ލިބިފައި އޮތުން؛
  2. މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ ލިޔުމަކުން ލޯ ފަރމް ނުވަތަ ލީގަލް ޕްރެކްޓިސް ނުވަތަ ގާނޫނީ ވަކީލު އައްޔަނުކޮށްފައި އޮތުން.

(އ) މި މާއްދާގެ (ކ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޕަވަރ އޮފް އެޓަރނީ ނުވަތަ އައްޔަނުކުރުމުގެ ލިޔުމުގައި އަންނަނިވި ބައިތައް ފުރިހަމަވާންވާނެއެވެ.

  1. އައްޔަނުކުރާ ފަރާތުގެ ނަން؛
  2. އައްޔަނުކުރެވޭ ފަރާތުގެ ނަން؛
  3. އައްޔަނުކުރެވޭ ފަރާތަށް ދީފައިވާ ބާރުތަކުގެ ތަފުސީލު؛ (ނަމޫނާ މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައި ވާނެއެވެ.)
  4. އައްޔަނުކުރެވޭ ފަރާތުން ކޯޓަށް ހުށަހަޅާ ހުށަހެޅުންތަކާއި، އެ ފަރާތުން މައްސަލައާ ގުޅިގެން ކުރާ ކަންކަމާއި ސުޕްރީމް ކޯޓުގައި ދައްކާ ވާހަކަތައް އޭނާ އަމިއްލައަށް އެކަންކަން ކުރުމެކޭ އެއްފަދައިން، އޭނާ އެ ކަންކަން ގަބޫލުކޮށް ތަސްދީގުކުރާކަން؛ 
  5. އައްޔަނުކުރި ތާރީހު؛
  6. އައްޔަނުކުރި ފަރާތުގެ ސޮޔާއި، އިނގިލީގެ ނިށާން/ރަސްމީ ތައްގަނޑު؛
  7. ހެކިންގެ ނަމާއި، ދާއިމީ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، އުމުރާއި، އިނގިލީގެ ނިށާން ޖަހައި ސޮއިކޮށްފައި އޮތުން، ނުވަތަ ނޯޓަރީ ޕަބްލިކުގެ ފަރާތުން ނޯޓަރައިސް ކޮށްފައި އޮތުން. 
  8. އައްޔަނުކުރެވޭ ގާނޫނީ ވަކީލުގެ ތަފުސީލާއި، ސޮޔާއި، ރަސްމީ ތައްގަނޑު.

(ވ) މި މާއްދާގެ ދަށުން އައްޔަނުކުރާ ގާނޫނީ ވަކީލަކަށް ސުޕްރީމް ކޯޓުގައި ހަސްމަކު ތަމްސީލުކުރެވޭނީ، އެ ފަރާތަކީ، ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށް ވާނަމައެވެ.

 

23 ވަނަ މާއްދާ - ކުންފުނި، ޖަމްއިއްޔާ، ގާނޫނީ ށަހްސުން ތަމްސީލުކުރުން

(ހ) ސުޕްރީމް ކޯޓުގައި އެ ފަރާތެއް ތަމްސީލުކުރުމަށް ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ ބަދަލުގައި އެ ށަހްސެއް އަމިއްލައަށް ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އެ ށަހްސުގެ ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހަކު އައްޔަނުކުރާނަމަ، ނުވަތަ އެ ށަހްސެއް ސުޕްރީމް ކޯޓުގައި ތަމްސީލުކުރުމަށް ގާނޫނީ ވަކީލަކު އައްޔަނުކުރާނަމަ، އެ ފަރާތެއް އައްޔަނުކުރާނީ، އެ ގާނޫނީ ށަހްސަކުން ފާސްކޮށްފައިވާ ގަރާރަކުންނެވެ. އަދި ހުއްދަކުރާ ގަރާރުގައި އަންނަނިވި މައުލޫމާތު ހުންނަންވާނެއެވެ.

  1. ގާނޫނީ ށަހްސުގެ ފުރިހަމަ ނަން؛
  2. ރަޖިސްޓަރީ ކޮށްފައިވާ އެޑްރެހާއި، ރަޖިސްޓަރީ ނަންބަރު؛
  3. ކުންފުންޏެއްނަމަ، ޑިރެކްޓަރުންގެ ޖުމުލަ އަދަދު؛ 
  4. ޕާޓްނަރށިޕެއްނަމަ، ޕާޓްނަރުންގެ ޖުމުލަ އަދަދު؛
  5. މިނިވަން މުއައްސަސާއެއްނަމަ، މެންބަރުންގެ ޖުމުލަ އަދަދު؛
  6. ކުލަބެއް ނަމަ، ނުވަތަ ޖަމްއިއްޔާއެއްނަމަ، ހިންގާ ކޮމިޓީގެ މެންބަރުގެ ޖުމުލަ އަދަދު؛
  7. ކޯރަމް ހަމަވާ އަދަދު؛
  8. ބައްދަލުވުމުގެ ބައިވެރިންގެ އަދަދު؛
  9. ޖަލްސާ ބޭއްވި ތާރީހާއި، ތަނާއި، ވަގުތު (އޮންލައިން ޕްލެޓްފޯމެއްގައި ނަމަ، ކޯލް އިނީށިއޭޓްކުރި ފަރާތާއި އިންތިޒާމުކުރި ތަން). 
  10. ކަނޑައެޅި ނިމިފައިވާ ގޮތް؛
  11. މި ގަރާރުގެ ދަށުން ސުޕްރީމް ކޯޓަށް ހާޒިރުވާ ފަރާތަށް ދީފައިވާ ބާރުތަކުގެ ތަފުސީލާއި، އެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާ ހުށަހެޅުންތަކާއި، އެ ފަރާތުން މައްސަލައާ ގުޅިގެން ކުރާ ކަންކަމާއި ސުޕްރީމް ކޯޓުގައި ދައްކާ ވާހަކަތައް އޭނާ އަމިއްލައަށް އެ ކަންކަން ކުރުމެކޭ އެއްފަދައިން، އޭނާ އެ ކަންކަން ގަބޫލުކޮށް ތަސްދީގުކުރާކަން؛ (ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމެނިފައިވާނެއެވެ.)
  12. ހާޒިރުވި މެންބަރުންގެ ނަމާއި ސޮއި؛
  13. ސިއްކަ؛
  14. ފާސްކުރި ތާރީހު؛
  15. އައްޔަނުކުރާ މީހާގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، މަގާމު.

(ށ) ފަރުދަކު ނުވަތަ ގާނޫނީ ށަހްސަކުން ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އައްޔަނުކޮށްފައިވާ ފަރާތަށް ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އެހެން ފަރާތެއް ހަމައެއް ނުޖެއްސޭނެއެވެ. އަދި ފަރުދަކު ނުވަތަ ގާނޫނީ ށަހްސެއް ތަމްސީލުކުރުމަށް އައްޔަނުކުރާނެ ފަރާތެއް ހަމަޖެއްސުމުގެ ބާރު ލިބިފައިވާ މީހަކަށް އެ ބާރު އެހެން މީހަކާ ހަވާލެއް ނުކުރެވޭނެއެވެ. ނަމަވެސް، ހަސްމަކު ތަމްސީލުކުރުމަށް ލޯ ފަރމްއެއް ނުވަތަ ލީގަލް ޕްރެކްޓިސްއެއް ނުވަތަ ހިލޭސާބަހަށް ގާނޫނީ ހިދުމަތްދޭ ޖަމްއިއްޔާއެއް އައްޔަނުކޮށްފައިވާ ހާލަތުގައި، އެ ފަރމްއެއްގެ ނުވަތަ ޕްރެކްޓިސްއެއްގެ ނުވަތަ ޖަމްއިއްޔާގެ ފަރާތުން ހާޒިރުވާނޭ ވަކީލަކު އެ ތަނުން ކަނޑައެޅުމަކަށް ހުރަހެއް ނެތެވެ.

(ނ) ޕަވަރ އޮފް އެޓަރނީއަކުން ނުވަތަ އެ މީހެއްގެ ގަރާރަކުން ސުޕްރީމް ކޯޓަށް ހާޒިރުވުމަށް ގާނޫނީ ވަކީލަކު ހަމަޖެއްސުމުގެ ބާރު އެ ތަނުގެ މަގާމެއްގައި ހުންނަ މީހަކަށް، އެ ތަނެއް އުފެއްދި ގާނޫނުގައި ނުވަތަ އެ ތަނެއްގެ ދުސްތޫރުގައި ނުވަތަ ހިންގާ ގަވާއިދުގައި ލިބިދީފައިވާނަމަ، އެ ބާރުގެ ދަށުން ގާނޫނީ ވަކީލުން އައްޔަނުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

24 ވަނަ މާއްދާ - އައްޔަނު ވެވޭ ފަރާތް ވަކި ލިޔުމަކުން އެއްބަސްވުން

ގާނޫނީ ވަކީލު އައްޔަނުކުރާ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސުޕްރީމް ކޯޓުގައި ހަސްމު ތަމްސީލުކުރުމަށް ގާނޫނީ ވަކީލު ގަބޫލުކުރާކަމަށް އެ ލިޔުމުގައި ބަޔާންކޮށް އެ ލިޔުމުގައި ސޮއިކުރުމުގެ ބަދަލުގައި، ހަސްމު ތަމްސީލުކުރަން ގާނޫނީ ވަކީލު ގަބޫލުކުރާކަން ވަކި ލިޔުމަކުން ސުޕްރީމް ކޯޓަށް އެންގުމުގެ އިހްތިޔާރު ގާނޫނީ ވަކީލަށް ލިބިގެންވެއެވެ. ނަމަވެސް މިގޮތަށް ވަކި ލިޔުމަކުން ގަބޫލުކުރާނަމަ، އެ ލިޔުމެއް އޮންނަންވާނީ އައްޔަނުކުރުމުގެ ލިޔުމާއެކުގައި ހީރަސްކުރެވިފައެވެ.

 

25 ވަނަ މާއްދާ - ތަމްސީލު ކުރަމުންދާ މައްސަލައަކުން ތަނާޒުލުވުން

(ހ) ގާނޫނީ ވަކީލަކު ނުވަތަ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ހަސްމަކު ތަމްސީލުކުރުމަށް ހަމަޖައްސައިފައިވާ ފަރާތެއް އެކަށީގެންވާ ސަބަބެއް ނެތި އަދި އެކަށީގެންވާ މުއްދަތެއްގެ ނޯޓިސް ދިނުމަކާ ނުލައި އެ މައްސަލައަކުން ތަނާޒުލުވެގެން ނުވާނެއެވެ. އަދި މައްސަލައަކުން ތަނާޒުލުވާން ޖެހިއްޖެނަމަ، އެ މައްސަލައިގެ އަޑުއެހުން ތާވަލުކުރެވިފައިވާ ދުވަހުގެ މަދުވެގެން ރަސްމީ 7 (ހަތެއް) ދުވަހުގެ ކުރިން ތަނާޒުލުވުމުގެ ނޯޓިސް ހަސްމަށާއި ސުޕްރީމް ކޯޓަށް ފޮނުވަންވާނެއެވެ.

(ށ) ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ތަމްސީލުކުރަމުންދާ ވަކީލަކު މައްސަލައިން ތަނާޒުލުވާނަމަ، ސުޕްރީމް ކޯޓުން އެކަމަށް ކަނޑައަޅައިފައިވާ ފޯމު ފުރިހަމަކޮށްފައި، އެ ފޯމު ހުށަހަޅަންވާނެއެވެ.

(ނ) ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހަސްމަކު ތަމްސީލުކުރަމުންދާ ވަކީލަކު މައްސަލައިން ތަނާޒުލުވާނަމަ، އެ ހަސްމަށް ނުވަތަ އެ ހަސްމު ސުޕްރީމް ކޯޓުގައި ތަމްސީލުކުރުމަށް އަލުން އައްޔަނު ކުރެވޭ ގާނޫނީ ވަކީލާ މައްސަލައިގެ ފައިލު ހަވާލުކުރަންވާނީ، ސުޕްރީމް ކޯޓުން އެކަމަށް ކަނޑައަޅައިފައިވާ ފޯމުންނެވެ. އަދި މައްސަލައިގައި އެހައިތަނަށް ކަން ހިނގައިފައިވާ ގޮތުގެ ތަފުސީލީ ލިޔުމެއް ފައިލުގައިހިމަނަންވާނެއެވެ. އެ ލިޔުމުގައި، މައްސަލައިގެ ހުރިހާ ލިޔުންތައް ހަމަޔަށް ހުރިކަމަށް ތަނާޒުލުވާ ވަކީލު ބަޔާންކޮށް ސޮއިކުރަންވާނެއެވެ.

 

26 ވަނަ މާއްދާ - ވަކީލުން ސުލޫކީ މިންގަނޑާ ހިލާފުވުން

(ހ) ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހަސްމަކު ތަމްސީލުކުރުމަށް އައްޔަނުކޮށްފައިވާ ގާނޫނީ ވަކީލަކު، ވަކީލުންގެ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެކަމަށް ބެލެވޭނަމަ، ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގެ 421 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ ބާރު، ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ.

(ށ) ހިނގަމުންދާ ށަރީއަތެއްގައި މައްސަލަ ހިންގުމަށް ގާނޫނީ ވަކީލަކު ދަތިކުރާނަމަ، ނުވަތަ މައްސަލަ ލަސްކުރާނަމަ، ނުވަތަ މައްސަލައިގެ އެކިއެކި އިޖުރާއަތުތައް ހިންގުމަށް ސުޕްރީމް ކޯޓުން ކަނޑައަޅާ ސުންގަޑިތަކާ އެއްގޮތަށް ކަންކަން ނުކުރާނަމަ، ނުވަތަ ސުޕްރީމް ކޯޓުގައި އަދަބާ ހިލާފު އަމަލެއް ހިންގާނަމަ، ނުވަތަ އެކަށީގެންނުވާ ބަސްމަގު ބޭނުންކުރާނަމަ، ނުވަތަ ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރަމުންދާކަން މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހަށް ފާހަގަވެއްޖެނަމަ، ކަނޑައެޅޭ ވަކި މުއްދަތަކަށް އެ ވަކީލު އެ މައްސަލައެއްގައި ކޯޓަށް ހާޒިރު ނުވެވޭ ގޮތް ހެދުމާއި، އެ ވަކީލު ބަދަލުކުރުމަށް އެންގުމުގެ އިހްތިޔާރު، އެ މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހަށް ލިބިގެންވެއެވެ. އަދި އެ ފަރާތަކާމެދު ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގެ 45 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ އިހްތިޔާރު، މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހަށް ލިބިގެންވެއެވެ.

(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވަކީލުންގެ ސުލޫކީ މިންގަނޑު ބެލުމުގައި ސުޕްރީމް ކޯޓުން އަމަލުކުރާނީ، ދިވެހިރާއްޖޭގެ ބާ ކައުންސިލުން އެކަށައަޅައިފައިވާ ގަވާއިދު ނަންބަރު 2021-118 (ގާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ހަމަތަކަށެވެ. (އިސްލާހު ކުރެވިފައި)

 

27 ވަނަ މާއްދާ - ހަސްމަކު ތަމްސީލުކުރުމަށް ގާ ނޫނީ ވަކީލަކު އައްޔަނުކުރާނޭ ވަގުތު

(ހ) މަދަނީ މައްސަލަތަކުގައި ދައުވާކުރާ ފަރާތުން ގާނޫނީ ވަކީލަކު އައްޔަނުކުރާ ލިޔުން ހުށަހަޅާނީ، ދައުވާ ނުވަތަ އިސްތިއުނާފު ފޯމާ އެކުގައެވެ. ދައުވާލިބޭ ފަރާތުން ގާނޫނީ ވަކީލަކު އައްޔަނުކުރާ ލިޔުން ސުޕްރީމް ކޯޓަށް ހުށަހަޅާނީ، ދައުވާގެ ނުވަތަ އިސްތިއުނާފުގެ ރައްދު ހުށަހަޅާ ފޯމާއެކުގައެވެ. އަދި މައްސަލައަކަށް ތަދައްހުލުވާ ފަރާތްތަކުން ނުވަތަ އެނޫންވެސް ގޮތަކުން މައްސަލައަށް އިތުރުކުރެވޭ ހަސްމުން ގާނޫނީ ވަކީލަކު އައްޔަނުކުރާނަމަ، އެކަމަށް އެދި ހުށަހަޅާ ފޯމު ސުޕްރީމް ކޯޓަށް ހުށަހަޅާއިރު، ގާނޫނީ ވަކީލު އައްޔަނުކުރާ ލިޔުން ސުޕްރީމް ކޯޓަށް ހުށަހަޅަންވާނެއެވެ.

(ށ) ހަސްމަކު ތަމްސީލުކުރާނެ ފަރާތެއް ކަނޑައެޅިފައި ނުވާނަމަ، ސުޕްރީމް ކޯޓުގެ އެންމެހައި މަރުހަލާތަކަށް އެ ހަސްމަކު އަމިއްލައަށް ހާޒިރުވުމަށް ޓަކައި ސުޕްރީމް ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވާނީ، ސީދާ އެ ހަސްމަށެވެ. ގާނޫނީ ވަކީލަކު އައްޔަނުކޮށްފައިވާނަމަ، ހާޒިރުވުމުގެ އަމުރު ފޮނުވާނީ، ހަމައެކަނި ގާނޫނީ ވަކީލަށެވެ. ނަމަވެސް، ގާނޫނީ ވަކީލަށް ހާޒިރުވުމުގެ އަމުރު ރައްދުނުކުރެވިއްޖެނަމަ، ހާޒިރުވުމުގެ އަމުރު ސީދާހަސްމަށް ފޮނުވުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) ހަސްމަކު ތަމްސީލުކުރުމަށް ގާނޫނީ ވަކީލަކު އައްޔަނުކޮށްފައިވާނަމަ، ހަސްމުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާ އެންމެހައި ލިޔުންތަކުގައި ސޮއިކުރާނީ ގާނޫނީ ވަކީލެވެ.

 

28 ވަނަ މާއްދާ - ވަކީލު ނުވަތަ ހަސްމަކު ތަމްސީލުކުރާ ފަރާތެއް ވަކިކުރުން

(ހ) ހަސްމަކު ތަމްސީލުކުރަން އައްޔަނުކޮށްފައިވާ ފަރާތް، އަންނަނިވި ހާލަތްތަކުގައި ވަކިކުކުރުމުގެ ބާރު މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހަށް ލިބިގެންވެއެވެ.

  1. ށަރީއަތުގެ ނިޒާމާ ހިލާފުވެގެން ފިޔަވަޅެއް އަޅަންޖެހުން؛
  2. ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑުން؛
  3. މުވައްކިލުގެ ފަރާތުން ށަރީއަތަށް ދޭންޖެހޭ މައުލޫމާތެއް ދީފައިނުވާކަމަށް ތަމްސީލުކުރާ ފަރާތަކުން ބުނުން؛
  4. ތަމްސީލުކުރާ ފަރާތެއް ނުވަތަ ވަކީލު ކެންސަލްކުރުމަށް މުވައްކިލު އެދުން.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ތަމްސީލުކުރާ ފަރާތެއް ނުވަތަ ވަކީލު ވަކިކޮށްފިނަމަ، ވަކިކުރި ސަބަބާއެކު މައްސަލައިގެ ފައިލުގައި އެކަން ނޯޓުކުރަންވާނެއެވެ.

 

29 ވަނަ މާއްދާ - ހަސްމަކު ނިޔާވުން 

(ހ) ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ހަސްމަކު ނިޔާވެއްޖެނަމަ، ސުޕްރީމް ކޯޓުގެ ގަވާއިދުގެ 115 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ލަސްނުކޮށް އެކަން ލިޔުމުން ކޯޓަށް އަންގަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) ހަސްމަކު ނިޔާވެއްޖެކަން ސުޕްރީމް ކޯޓަށް އެނގޭ ދުވަހުން ފެށިގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި "މައްސަލައިގެ ށަރީއަތްތައް މެދުކަނޑައިލިކަން އަންގާ ލިޔުން" މައްސަލައިގެ ހަސްމުން ތަމްސީލުކުރާ ފަރާތްތަކަށް ކޯޓުން ފޮނުވަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ނިޔާވި ހަސްމު އައްޔަނުކޮށްފައިވާ ވަކީލަކު ނެތްނަމަ، "މައްސަލައިގެ ށަރީއަތްތައް މެދުކަނޑައިލިކަން އަންގާ ލިޔުން" ފޮނުވާނީ، ކޯޓުން ކޮންމެހެ ން ގުޅަން ޖެހިގެން ކޯޓުން ގުޅާނެ ފަރާތެއްކަމަށް އެ ފަރާތުން ކޯޓަށް ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ފަރާތަށް ނުވަތަ އެ ފަރާތުން ލިޔުމުން ކޯޓަށް އަންގައިފައިވާ ފަރާތަކަށެވެ. (އިސްލާހު ކުރެވިފައި)

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ލިޔުން، ނިޔާވި ހަސްމުގެފަރާތުން ކަނޑައަޅައިފައިވާ ފަރާތަށް ލިބުމުން، އެ ލިޔުން ލިބޭ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ނިޔާވި ފަރާތުގެ ވާރިސުންގެ ތެރެއިން އެ ފަރާތަށް އެނގޭ ހުރިހާ ވާރިސުންގެ މައުލޫމާތ،ު އެކަމަށް ކަނޑައަޅައިފައިވާ ފޯމުން، ކޯޓަށް ހުށަހަޅަންވާނެއެވެ. (އިތުރު ކުރެވިފައި)

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ވާރިސުންގެ މައުލޫމާތު ފޯމު ކޯޓަށް ހުށަހަޅާ ތާރީހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، ށަރީއަތްތައް މެދުކަނޑައިލެވިފައިވާ މައްސަލަ ކުރިޔަށްދާނެ ގޮތާއި ވާރިސުން ސާބިތުކުރުމަށްފަހު އެންގުމަށް ރަޖިސްޓްރާރ އަންގަ ންވާނެއެވެ. މަތީގައި ބަޔާންކުރިގޮތަށް ވާރިސުން ސާބިތުކުރުމުގެ މައްސަލަ ނިމުމުން، އެކަމަށް ކަނޑައަޅައިފައިވާ ފޯމުން، ވާރިސުންގެ މައުލޫމާތ،ު ސުޕްރީމް ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި މި ފޯމުގައި ވާރިސުން ތަމްސީލުކުރާނެ ފަރާތެއް އައްޔަނުކުރާނަމަ، އެކަން ބަޔާންކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

 

ތިންވަނަ ބައި

އިސްތިއުނާފުކުރުމަށް އެދި މައްސަލަ ހުށަހަޅުން

 

30 ވަނަ މާއްދާ - އިސްތިއުނާފުކުރުމަށް އެދި ހުށަހެޅުން

(ހ) ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގެ ސައްބީސް ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމްތަކާއި، އަމުރުތަކާއި، ނިންމުންތައް އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެކަމަށް ކަނޑައަޅައިފައިވާ ފޯމުންނެވެ.

(ށ) އާންމު އުސޫލެއްގެގޮތުން ހުކުމެއް ނުވަތަ އަމުރެއް ނުވަތަ ނިންމުމެއް އިސްތިއުނާފު ކުރެވޭނީ، އެ މައްސަލައެއްގައި ހިމެނޭ ހަސްމުންނަށެވެ. ނަމަވެސް، ހުކުމް ނުވަތަ ކޯޓު އަމުރު ނުވަތަ ނިންމުން ނިސްބަތްވާ މައްސަލައިގެ ހަސްމަކަށް ނުވިޔަސް، އެ ހުކުމް ނުވަތަ އަމުރު ނުވަތަ ނިންމުން ރައްދުވާ ފަރާތަކަށް ނުވަތަ އެ ނިންމުމެއްގެ މަސްލަހަތު އޮތް ފަރާތަކަށް އެ ނިންމުމެއް އިސްތިއުނާފު ކުރެވިދާނެއެވެ. މިގޮތުން، މަސްލަހަތު އޮތް ފަރާތަކުން ހުކުމެއް ނުވަތަ އަމުރެއް ނުވަތަ ނިންމުމެއް އިސްތިއުނާފުކުރަން އެދޭއިރ،ު އެ ފަރާތުގެ މަސްލަހަތު އޮތްކަން ސުޕްރީމް ކޯޓަށް ސާބިތުކޮށްދިނުމަކީ، އިސްތިއުނާފު ކުރަން އެދޭ ފަރާތުގެ މަސްއޫލިއްޔަތެކެވެ. (އިސްލާހު ކުރެވިފައި)

 

31 ވަނަ މާއްދާ - އިސްތިއުނާފުކުރެވިދާނެ ނިންމުންތައް

އިސްތިއުނާފު ކުރެވިދާނެ ނިންމުތަކުގެ ތެރޭގައި، އަންނަނިވި ބާވަތްތަކުގެ ނިންމުންތައް ހިމެނެއެވެ.

ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވިދާނެ ނިންމުންތަކުގެ ތެރޭގައި، ހުކުމްތަކާއި އަމުރުތަކާއި އެ ނޫން ވެސް ނިންމުންތައް ހިމެނެއެވެ.  (އިސްލާހު ކުރެވިފައި)

 

32 ވަނަ މާއްދާ - އިސްތިއުނާފުގެ މުއްދަތު

(ހ) ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މަދަނީ މައްސަލައެއްގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމައިފައިވާ ނިންމުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާނީ، ދިވެހިރާއްޖޭގެ ހައިކޯޓުން އެ ނިންމުމެއް ނިންމި ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ.

(ށ) (އުނި ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އިސްތިއުނާފު ކުރުމަށް ކަނޑައަޅައިފައިވާ މުއްދަތު ހަމަވާއިރު، އެ މައްސަލައެއް އިސްތިއުނާފު ކުރެވިފައި ނުވަނީ އަމިއްލަ ބާރު ނުފޯރުވޭފަދަ ސަބަބެއް މެދުވެރިވެގެންނަމަ، އަދި އެކަން އިސްތިއުނާފުކުރާ ފަރާތުން ސާބިތުކޮށްދީފިނަމަ، އެ ނިންމުން ނިންމި ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހު ގެ ތެރޭގައި އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅިދާނެއެވެ.

 

33 ވަނަ މާއްދާ - އިތުރު އިސްތިއުނާފުގެ މައްސަލަ ހުށަހެޅުން 

ހ) މައްސަލައެއް އިސްތިއުނާފު ކޮށްފައިވާކަން، އިސްތިއުނާފު ރައްދުވާ ފަރާތަކަށް ސުޕްރީމް ކޯޓުން އެންގުމުން، އެ މައްސަލައާ ގުޅިގެން ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގެ 286 ވަނަ މާއްދާގެ ދަށުން އިތުރު އިސްތިއުނާފުގެ މައްސަލައެއް ހުށަހަޅަން އެދޭނަމަ، މައްސަލަ އިސްތިއުނާފުކޮށްފައިވާކަން ސުޕްރީމް ކޯޓުން އަންގާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ މައްސަލައާ ގުޅޭ އިތުރު އިސްތިއުނާފު ހުށަހަޅަންވާނެއެވެ. މިފަދަ އިތުރު އިސްތިއުނާފުގެ މައްސަލަތައް ހުށަހަޅާނީ، ސުޕްރީމް ކޯޓުން އެކަމަށް ކަނޑައަޅައިފައިވާ ފޯމުންނެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މިގޮތުން އިސްތިއުނާފު ކުރަނީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ބާވީސްވަނަ ބާބު "ވަގުތީ ފަރުވާއާއި ރައްކާތެރިކަމުގެ އަމުރު" ގެ ދަށުން ނެރޭ ވަގުތީ ފަރުވާގެ އަމުރަކާ ގުޅިގެން ކަމަށްވާނަމަ، މައްސަލައެއް އިސްތިއުނާފު ކޮށްފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތަކަށް ކޯޓުން އަންގާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރުމަށް ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ އިތުރު އިސްތިއުނާފުގެ މައްސަލަ ބަލައިގަތުމާމެދު ގޮތެއް ކަނޑައަޅާނީ، މައި އިސްތިއުނާފީ މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހުންނެވެ. (އިސްލާހު ކުރެވިފައި)

(ރ) މި މާއްދާގެ ދަށުން ހުށަހަޅާ އިތުރު އިސްތިއުނާފުގެ މައްސަލަ ބަލައިގަތުމަށް ނިންމައިފިނަމަ، އެ މައްސަލަ ބަލައި ގޮތެއް ކަނޑައަޅާނީ، އިތުރު ފީއެއް ނެގުމަކާ ނުލައި، މައި އިސްތިއުނާފީ މައްސަލައިގެ ތެރެއިންނެވެ. (އިތުރު ކުރެވިފައި)

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އިސްތިއުނާފީ މައްސަލައެއް ކޯޓުގައި ރަޖިސްޓަރީވުމާއެކު، ވީ އެންމެ އަވަހަކަށް، އެ ހުށަހެޅުނު މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކަށް ކޯޓުން އެކަން އަންގަންވާނެއެވެ. (އިތުރު ކުރެވިފައި)

(ޅ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ އިތުރު އިސްތިއުނާފުގެ މައްސަލަ ބަލައިނުގަތުމަށް ނިންމާ ހާލަތުގައި، ބަލައިނުގަތުމަށް ފެންނަ ސަބަބު ބަޔާންކޮށް، މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ. އެގޮތުން ނިންމާ ނިންމުމަކީ އެކަމާ ގުޅޭ އެންމެ ފަހުގެ ނިންމުންކަމުގައި ބެލޭނެއެވެ. (އިތުރު ކުރެވިފައި)

 

34 ވަނަ މާއްދާ - އިސްތިއުނާފު މައްސަލައާމެދު އިސްތިއުނާފު ރައްދުވާ ފަރާތުން އެދެވިދާނެ ކަންކަން

(ހ) އިސްތިއުނާފުކުރާ މައްސަލައެއް ހުށަހަޅައިފައިވާކަން ނުވަތަ އިސްތިއުނާފުކުރާ މައްސަލައެއް ހުށަހަޅައިފައިވަނިކޮށް އިތުރު އިސްތިއުނާފު މައްސަލައެއް ހުށަހަޅައިފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތަށް ސުޕްރީމް ކޯޓުން އަންގާތާ 20 (ވިހި) ދުވަހުގެ ތެރޭގައި، ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގެ 287 ވަނަ މާއްދާގައިވާ ކަންކަމުގެ ތެރެއިން ކަމަކަށް އެދި، އިސްތިއުނާފު ރައްދުވާ ފަރާތަށް ހުށަހެޅިދާނެއެވެ. މިފަދަ ހުށަހެޅުމަކަށް އެދި ހުށަހަޅާނީ ސުޕްރީމް ކޯޓުން އެކަމަށް ކަނޑައަޅައިފައިވާ ފޯމުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާމެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައެޅެންދެން އިސްތިއުނާފުގެ މައްސަލަ ކުރި ޔަށް ނުގެންގޮސް ފަސްކުރަންވާނެއެވެ. އެގޮތުން ފަސްކުރެވޭނީ، ގިނަވެގެން 20 (ވިހި) ދުވަހުގެ މުއްދަތަށެވެ.

(ނ) އިސްވެދިޔަ ގޮތަށް ހުށަހެޅޭ މައްސަލައެއް ބެލުމަށް ނިންމައިފިނަމަ، ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމުގެ މަތީން މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެކަމަށް ޖަވާބުދާރީވުމަށް މަދުވެގެން 20 (ވިހި) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. 

(ރ) މި މާއްދާގެ (ހ) ގެ ދަށުން އިސްތިއުނާފު މައްސަލައާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމާ ނިންމުން، މައްސަލައާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް އެދި ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ. އެގޮތުން ނިންމާ ނިންމުމަކީ އެކަމާ ގުޅޭ އެންމެ ފަހުގެ ނިންމުންކަމުގައި ބެލޭނެއެވެ. (އިތުރު ކުރެވިފައި)

 

35 ވަނަ މާއްދާ - އިސްތިއުނާފުކުރެވޭ މައްސަލަތަކާމެދު އަމަލުކުރާނެގޮތް 

(ހ) ގާނޫނެއްގައި ނުވަތަ ސުޕްރީމް ކޯޓުގެ ގަވާއިދުގައި ނުވަތަ މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އިސްތިއުނާފު ކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ ރަޖިސްޓްރާއެވެ. މައްސަލައިގެ އިސްތިއުނާފު ބަލައިގަތުމާމެދު ރަޖިސްޓްރާ ނިންމާ ގޮތް، މައްސަލަ ހުށަހެޅި ތާރީހުން ފެށިގެން، ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، އިސްތިއުނާފު ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

(ށ) ސުޕްރީމް ކޯޓުން އެހެން ގޮތަކަށް ކަނޑައަޅައިފައި ނުވާނަމަ، އިސްތިއުނާފުކުރެވޭ މައްސަލައެއް ބަލައިގަތުމާމެދު ރަޖިސްޓްރާ ގޮތެއް ނިންމާނީ، އަޑުއެހުމަކާ ނުލައެވެ.

(ނ) އިސްތިއުނާފުގެ މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުން ނިންމުމުން، އެ މައްސަލައެއް ސުޕްރީމް ކޯޓުގައި ރަޖިސްޓަރީ ކުރެވޭނީ، ސުޕްރީމް ކޯޓުން އެކަމަށް ކަނޑައަޅައިފައިވާ ފީ ދެއްކުމުންނެވެ.

 

 

ހަތަރުވަނަ ބައި

ރަޖިސްޓްރާ ގެ ނިންމުން

 

36 ވަނަ މާއްދާ - ރަޖިސްޓްރާގެ ނިންމުމެއް އަލުން ބަލަން އެދި ހުށަހެޅުން

ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލައެއް ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމައިފިނަމަ، އެ ނިންމުމެއް ނިންމާ ތާރީހުން ފެށިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ނިންމުން އަލުން ބަލައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހައްގު، މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ. ރަޖިސްޓްރާގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހަޅާނީ، ސުޕްރީމް ކޯޓުން އެކަމަށް ކަނޑައަޅައިފައިވާ ފޯމުންނެވެ.

 

 

ފަސް ވަނަ ބައި

މައްސަލަ ރަޖިސްޓަރީވުން

 

37 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީ ވުމުން ސުޕްރީމް ކޯޓުން ފުރިހަމަ ކުރަންޖެހޭ ކަންކަން

(ހ) ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަ ރަޖިސްޓަރީވާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. މައްސަލަ ބަލައިގަތްކަން، މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކަށް ލިޔުމުން އެންގުން؛ 
  2. ދައުވާއަށް ލިޔުމުން ޖަވާބު ދިނުމަށް މައްސަލަ ރައްދުވާ ފަރާތްތަކަށް އެންގުން؛ 
  3. މައްސަލަ ސުޕްރީމް ކޯޓުގައި ރަޖިސްޓަރީ ވެފައިވާކަން ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި ށާއިއުކުރުން.

(ށ) މައްސަލައިގެ ޖަވާބު ލިޔުމުން ހުށަހެޅުމަށް ޓަކައި މައްސަލަ ރައްދުވާ ފަރާތަށް ނުވަތަ ފަރާތްތަކަށް، މަދުވެގެން 20 (ވިހި) ދުވަހުގެ ފުރުސަތު ކޯޓުން ދޭންވާނެއެވެ. މިގޮތުން މައްސަލައިގެ ޖަވާބު ހުށަހަޅާނީ، ސުޕްރީމް ކޯޓުން އެކަމަށް ކަނޑައަޅައިފައިވާ ފޯމުންނެވެ. (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައަޅާ މައްސަލަތަކާއި، މައްސަލައިގެ ބާވަތުން ނުވަތަ މައްސަލައިގެ ބާވަތަށް ބަލައި އަވަހަށް ނިންމަންޖެހޭ މައްސަލައެއްކަމަށް މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ މައްސަލަތަކުގައި، އެ މަޖިލީހުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޖަވާބު ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)

 

38 ވަނަ މާއްދާ - މައްސަލައިގެ ޖަވާބު ހުށަހަޅައިފައި ނުވުން

މައްސަލައިގެ ޖަވާބު ހުށަހެޅުމުން، ނުވަތަ އެކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި މުއްދަތުގައި މައްސަލަ ރައްދުވާ ފަރާތުން ނުވަތަ ފަރާތްތަކުން މައްސަލައިގެ ޖަވާބުސުޕްރީމް ކޯޓަށް ހުށަހަޅައިފައި ނުވާނަމަ، އަންނަނިވި ދެގޮތުންކުރެ ގޮތަކަށް ސުޕްރީމް ކޯޓުން ކަންކުރަންވާނެއެވެ.

(ހ) މައްސަލައިގެ އަޑުއެހުން ބާއްވަން ތާވަލުކޮށްފައިވާ ތާރީހު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އެންގުން؛ ނުވަތަ

(ށ) އިބްތިދާއީ ބައްދަލުވުމެއް ބާއްވަން ކަނޑައަޅާނަމަ، އިބްތިދާއީ އަޑުއެހުމެއް ބާއްވާނެ ތާރީހެއް، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އެންގުން. 

 

 

ހަވަނަ ބައި

އިބްތިދާއީ އަޑުއެހުން

 

39 ވަނަ މާއްދާ - މައްސަލައިގެ އިބްތިދާއީ އަޑުއެހުން

(ހ) މައްސަލައަކާ ގުޅިގެން ބާއްވާ އިބްތިދާއީ އަޑުއެހުމުގެ މަގުސަދަކީ އަންނަނިވި ކަންކަމާމެދު ގޮތްތަކެއް ކަނޑައެޅުމެވެ.

  1. މައްސަލައިގައި ހިމެނޭ ހަސްމުން އެދިގެން މައްސަލަ އަވަހަށް ކުރިޔަށްގެންދިޔުމަށް.
  2. މައްސަލަ ހިންގުމަށް ފަސޭހަކުރުމަށް ޓަކައި، އެ މައްސަލައިގައި 
    ހުސޫމަތް އުފެދިފައިވާ ނުކުތާ ތަކަކީ ކޮބައިކަން ނުވަތަ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ކަންކަމަކީ ކޮބައިކަން ދެނެގަތުމަށް.
  3. އަވަސްގޮތެއްގައި ށަރީއަތް ކުރި ޔަށް ގެންދެވޭނެ ގޮތަކާ މެދުގައި ހަސްމުންނާ މަށްވަރާކޮށް ގޮތްތަކެއް ކަނޑައެޅުމަށް.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން މައުލޫމާތު ސާފުކުރުމަށްފަހު، ނުވަތަ މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅައިފައިވާ ގާނޫނީ ނުކުތާތަކަށް ބިނާކޮށް، ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ކަންކަމަކީ ކޮބައިކަން ސުޕްރީމް ކޯޓުން ކަނޑައެޅިދާނެއެވެ. މިގޮތުން ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ކަންކަން ކަނޑައަޅަންވާނީ، މައްސަލަ ހުށަހަޅާ ފަރާތުން މައްސަލަ ހުށަހަޅާ ފޯމުގައި ހުށަހަޅައިފައިވާ ހުރިހާ މައިގަނޑު ގާނޫނީ ނުކުތާތަކަށް ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅޭނެ ގޮތަށް، އަދި ހުށަހަޅައިފައިވާ ނުކުތާތަކުގެ އިމުން ބޭރުނުވާނެ ގޮތަކަށެވެ. މީގެ އިތުރުން، ރައްދު އިސްތިއުނާފެއް ނުވަތަ އިތުރު އިސްތިއުނާފެއް، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅައިފައިވާނަމަ،ސުޕްރީމް ކޯޓުން ނިންމަންޖެހޭ ކަންކަން ކަނޑައަޅަންޖެހޭނީ، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ރައްދު ނުވަތަ އިތުރު އިސްތިއުނާފީ ނުކުތާތައްވެސް ހިމެނޭ ގޮތަށެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ބާއްވާ އަޑުއެހުމުގައި، މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެ މައްސަލައަކާ ގުޅިގެން ފާހަގަކުރަން ބޭނުންވާ ނުކުތާތައް ފާހަގަކުރުމަށް ފުރުސަތު ދިނުމަށް ފަހު، މައްސަލައާ ގުޅިގެން ހުށަހަޅަންޖެހޭނެ ލިޔުންތަކާއި ބާއްވަންޖެހޭނެ އަޑުއެހުންތަކުގެ އަދަދާއި ވަގުތުދޭނެ މިންވަރު ކޯޓަށް ކަނޑައެޅިދާނެއެވެ.

(ރ) މި މާއްދާގެ ދަށުން ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކަކީ، އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އަމަލުކުރުން ލާޒިމު ނިންމުންތަކެކެވެ.

(ބ) އިބްތިދާއީ އަޑުއެހުމާއި މައްސަލައިގެ ފުރަތަމަ އަޑުއެހުން އެއް ދުވަހެއްގައި ބޭއްވޭ އެއް މަޖިލީހެއްގައި ކުރިޔަ ށް ގެންދިއުމުގެ އިހްތިޔާރު، މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހަށް ލިބިގެންވެއެވެ.

 

40 ވަނަ މާއްދާ - އައު ވާގިއާއާއި ހެއްކަށް ރިއާޔަތްކުރުން

އިސްތިއުނާފުކޮށްފައިވާ މައްސަލައަކާ ގުޅިގެން އެއްވެސް އައު ވާގިއާއެއް ނުވަތަ ހެއްކަކަށް ކޯޓުން ރިއާޔަތްކުރަންވާނީ، އަންނަނިވި ހާލަތްތަކުގައި އެކަންޏެވެ.

(ހ) އައު ވާގިއާއެއް ނުވަތަ ހެއްކެއް ލިބުމުން ވަގުތުން ހުށަހަޅައިފައިވުން.

(ށ) އެންމެ ފަރުވާތެރިކަމާ އެކުގައި މަސައްކަތްކޮށްފައި އޮތް ނަމަވެސް، ސުޕްރީމް ކޯޓަށް އެ ވާގިއާތަކާއި ހެކި ހުށަހެޅިފައި ނުވުން.

(ނ) އެ ވާގިއާތަކާއި ހެއްކަކީ މައްސަލައިގެ ނިންމުމަށް އޭގެ ސަބަބުން އެކަށީގެންވާ ބޮޑު ބަދަލެއް އަތުވެދާނެ ވާގިއާއެއް ނުވަތަ ހެއްކެއް ކަމުގައިވުން.

 

ހަތްވަނަ ބައި

ށަރީއަތް ހިންގުމާއި ހުކުމްކުރުން

 

41 ވަނަ މާއްދާ - ސުޕްރީމް ކޯޓަށް ހުށަހަޅާ ލިޔެކިޔުންތަކަކީ އަސާސްކަމުގައި ބެލުން

ސުޕްރީމް ކޯޓުގެ އަޑުއެހުންތަކުގައި ހަސްމުންގެ ފަރާތުން ވާހަކަ ދައްކަންވާނީ، އެ ފަރާތްތަކުން ސުޕްރީމް ކޯޓަށް ލިޔުމުން ހުށަހަޅައިފައިވާ ބަޔާންތަކުގައިވާ ކަންކަމަކީ އަސާސްކަމުގައި ބަލައިގެންނެވެ.

 

42 ވަނަ މާއްދާ - ގުޅުންހުރި ގުޅުންހުރި ދެ ގަޒިއްޔާ

ކޯޓަށް ހުށަހެޅިފައިވާ ދެ ގަޒިއްޔާއަކީ ސުޕްރީމް ކޯޓުގެ ނަޒަރުގައި ދެ ދައުވާއެއް ނުވަތަ ދެ މައްސަލައެއް ށާމިލުވާ ދެ ގަޒިއްޔާ ކަމުގައި ވާނަމަ، ދެ ގަޒިއްޔާ ބަލާނޭ ތަރުތީބު ކަނޑައެޅުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ.

 

43 ވަނަ މާއްދާ - ދެ ގަޒިއްޔާ އެކީ ހުކުމްކުރުން

(ހ) އަންނަނިވި ހާލަތްތަކުގައި، ދެ ގަޒިއްޔާއަކުން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ދެ މައްސަލައެއް ނުވަތަ ދެ ދައުވާއެއް ބަލައި ހުކުމްކުރަންވާނީ، ދެ ގަޒިއްޔާ އެއްކޮށް، އެކުއެކީގައެވެ.

  1. ދެ ދައުވާގައި ނުވަތަ ދެ މައްސަލައިގައި ވެސް ހިމެނޭ ސުވާލަކީ އެއް ސުވާލެއް ކަމަށްވުން؛ ނުވަތަ 
  2. އެއް ގަޒިއްޔާގައި ކުރާ ހުކުމުން އަނެއް ގަޒިއްޔާގެ ހުކުމަށް އަސަރުކުރާނެނަމަ، ނުވަތަ އެއް މައްސަލަ ނިމުމުން އަނެއް މައްސަލަވެސް ނިމޭނެ ކަމަށްވާނަމަ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މައްސަލަ ހުށަހަޅާ ނުވަތަ މައްސަލަ ރައްދުވާ ފަރާތުގެ ރުހުން އޮންނާކަށެއް ނުޖެހޭނެއެވެ.

 

44 ވަނަ މާއްދާ - މައްސަލަ ނިންމާނެ މުއްދަތު

ގާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅައިފައި ނުވާނަމަ، ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތައް އެ މައްސަލަތަކުގެ އަޑުއެހުންތައް ނިމޭ ތާރީހުން ފެށިގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ނިންމަންވާނެއެވެ. ނަމަވެސް މަގުބޫލު ސަބަބެއް މެދުވެރިވެގެން އެފަދަ މައްސަލައެއް 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ނިންމެން ނެތްނަމަ، ސަބަބު ބަޔާންކޮށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

 

45 ވަނަ މާއްދާ - އިސްތިއުނާފުކުރުމުން ހުކުމް ތަންފީޒުކުރުން ފަސްނުވުން

(ހ) ފުރަތަމަ މަރުހަލާގެ ކޯޓެއްގެ ނުވަތަ ޓްރައިބިއުނަލެއްގެ ނިންމުމެއް އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅުނު ކަމުގައި ވިޔަސް، އެ ނިންމުމެއްގެ ގާނޫނީ ނަތީޖާ ނުވަތަ ހުކުމް ތަންފީޒުކުރުން ފަސްވެގެނެއް ނުދާނެއެވެ. ފުރަތަމަ މަރުހަލާގެ ކޯޓެއްގެ ހުކުމް ނުވަތަ ޓްރައިބިއުނަލެއްގެ ނިންމުން ތަންފީޒުކުރުން ފަސްކުރަން ހަސްމަކު އެދޭނަމަ، ސުޕްރީމް ކޯޓުން ކަނޑައަޅައިފައިވާ ފޯމުން ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމެއް ސުޕްރީމް ކޯޓަށް ލިބޭ ތާރީހުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.

 

46 ވަނަ މާއްދާ - ހުކުމް ނުވަތަ އަމުރު ރައްދުކުރުން

އެ މީހަކީ މައްސަލައިގެ ހަސްމަކަށް ނުވިނަމަވެސް، ހުކުމުގައި ނުވަތަ އަމުރުގައިވާ ކަމެއްގެ ސަބަބުން އެ މީހެއްގެ ހައްގަކަށް އަސަރުކޮށްފާނޭ ކޮންމެ މީހަކަށް ހުކުމުގެ ކޮޕީއެއް ނުވަތަ އަމުރުގެ ކޮޕީއެއް، އެކަމަށް އެދުނު ކޮންމެ ފަރާތަކަށް، ކޮންމެ ވަގުތެއްގައި ވެސް ރައްދުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

 

47 ވަނަ މާއްދާ - ހަރަދު ދެއްކުން ފަސްކުރުމަށް އެންގުން

މައްސަލައެއް އިސްތިއުނާފު ކުރެވިއްޖެނަމަ، އެ މައްސަލަ ސުޕްރީމް ކޯޓުން ނިންމަންދެން ށަރީއަތުގެ ހަރަދު ދެއްކުން ފަސްކުރުމަށް އެންގުމުގެ ބާރު، ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ. މިފަދަ ހުށަހެޅުމެއް ހުށަހަޅާނަމަ، އެ ކަމެއް ހުށަހަޅާނީ، އެކަމަށް ކަނޑައަޅައިފައިވާ ފޯމުންނެވެ.

 

 

އަށްވަނަ ބައި

ށަރީއަތުގެ ހަރަދު

 

48 ވަނަ މާއްދާ - ށަރީއަތުން ހަރަދުނަގައިދިނުން

(ހ) ސުޕްރީމް ކޯޓުން ނިންމާ މައްސަލައެއްގައި، ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގެ ފަންސަވީސްވަނަ ބާބުގެ ދަށުން ށަރީއަތުގެ ހަރަދު ނަގައިދިނުމަށް ނިންމާނަމަ، އެ މައްސަލައިގައި ހަރަދު ނަގައިދިނުމަށް ސުޕްރީމް ކޯޓުން ކަނޑައަޅާ ގޮތް، މައްސަލަ ނިމުނު ގޮތުގައި ބަޔާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ށަރީއަތުގެ ހަރަދު ނަގައިދިނުމަށް ނިންމައިފިނަމަ، ށަރީއަތުގެ ހަރަދު ނަގައިދިނުމަށް އެދި ހުށަހަޅާނީ، ސުޕްރީމް ކޯޓުން އެ މައްސަލައެއް ނިންމި ތާރީ ހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ފުރަތަމަ މަރުހަލާގައި އެ މައްސަލަ ބެލި ކޯޓަށެވެ.

 

 

ނުވަ ވަނަ ބައި

އެހެނިހެން ކަންކަން

 

49 ވަނަ މާއްދާ - މުއްދަތު ގުނުން (ސުރުހީއާއި މާއްދާ އިތުރު ކުރެވިފައި)

މި ގަވާއިދުގެ ބޭނުމަށް ޓަކައި މުއްދަތު ގުނުމުގައި އަމަލުކުރާނީ، އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) ވަކި ކަމެއް ކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ގުނުމުގައި، އެ މުއްދަތު ފެށޭ ދުވަހާއި ނިމޭ ދުވަހެއް ނުހިމެނޭނެއެވެ.

(ށ) 7 (ހަތެއް) ދުވަހަށްވުރެ ކުރު މުއްދަތެއް ގުނުމުގައި، އެ 7 (ހަތެއް) ދުވަހުގެ މުއްދަތުގެ ތެރޭގައި ރަސްމީ ބަންދު ދުވަހެއް ހިމެނޭނަމަ، އެ މުއްދަތު ގުނުމުގައި އެ ބަންދު ދުވަހެއް ނުހިމެނޭނެއެވެ.

(ނ) 7 (ހަތެއް) ދުވަހަށްވުރެ ދިގު މުއްދަތު ގުނުމުގައި، އެ ކަމެއް ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ހިމެނޭނެއެވެ.

(ރ) ވަކި ކަމެއް ކުރުމަށް ކަނޑައެޅި ފައިވާ މުއްދަތު ގުނުމުގައި އެ ކަމެއް ކުރުމަށް ކަނޑައަޅައިފައިވާ މުއްދަތު ނިމޭ ދުވަސް ދިމާވަނީ ރަސްމީ ބަންދު ދުވަހަކާ ކަމުގައި ވާނަމަ، ދެން އެންމެ އަވަހަށް ކޯޓުގެ މަސައްކަތް ފެށޭ ރަސްމީ ދުވަހެއްގައި އެ ކަމެއް ކުރުމުން، އެ މުއްދަތުގައި އެ ކަމެއް ކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

 

50 ވަނަ މާއްދާ - ރަޖިސްޓަރީ ހުޅުވިފައި ހުންނަ ގަޑި (ސުރުހީއާއި މާއްދާ އިތުރު ކުރެވިފައި)

(ހ) ސުޕްރީމް ކޯޓުގެ ރަޖިސްޓަރީ ހުޅުވިފައި ހުންނާނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ގަޑީގައެވެ.

(ށ) ކޯޓުން އެހެން ގޮތަކަށް ކަނޑައަޅައިފައި ނުވާނަމަ، މި ގަވާއިދުގެ ދަށުން ހުށަހަޅާ މައްސަލަތަކާއި ލިޔެކިޔުމަކީ އެ ދުވަހު ކޯޓަށް ރަސްމީކޮށް ލިބިފައިވާ ލިޔެކިޔުމެއް ކަމަށް ބަލައިގެން ފިޔަވަޅުއަޅާނީ ކޮންމެ ދުވަހެއްގެ ވެސް ރަސްމީ ގަޑީގައި އެ ލިޔުމެއް ކޯޓަށް ލިބިފައިވާނަމައެވެ.

 

51 ވަނަ މާއްދާ - ޖަދުވަލުތައް

މި ގަވާއިދާ އެކުގައިވާ ޖަދުވަލުތަކަކީ މި ގަވާއިދުގެ ބައެކެވެ.  

 

52 ވަނަ މާއްދާ - ގަވާއިދުގައި ނެތް ކަމެއް ދިމާވުން 

މި ގަވާއިދުގައި ނެތްކަމެއް ދިމާވެއްޖެނަމަ، އެ ކަމަކާމެދު އަމަލުކުރާނީ، ސުޕްރީމް ކޯޓުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

53 ވަނަ މާއްދާ - ގަވާއިދު ނުހިނގާނެ މައްސަލަތައް (ސުރހީއާއި މާއްދާ އިތުރު ކުރެވިފައި)

ގާނޫނުއަސާސީން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ސުޕްރީމް ކޯޓުން ފުރަތަމަ މަރުހަލާގައި ބެލުމަށް ކަނޑައަޅައިފައިވާ މައްސަލަތަކަށް މި ގަވާއިދެއް ނުހިނގާނެއެވެ.

 

54 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 16 ޖޫން 2022 އިން ފެށިގެންނެވެ.

 

 

ޖަދުވަލު 1

 

ތަމްސީލުކުރާ ފަރާތަށް ދީފައިވާ ބާރުތަކުގެ ތަފުސީލު

 

(މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 22 ވަނަ މާއްދާގެ (އ) ގެ (3) ވަނަ ނަންބަރާއި، 23 ވަނަ މާއްދާގެ (ހ) ގެ (11) ވަނަ ނަންބަރު)
(ތަމްސީލުކުރާ ފަރާތަށް ދޭ ބާރުތައް، ތިރީގައިވާ ގޮތަށް ނުވަތަ ދިނުމަށް ގަސްތުކުރާ ބާރުތަކާ މުނާސަބުވާ ގޮތަށް ބަދަލުކޮށްގެން ލިޔުމަށް)

  1. ދައުވާ/މައްސަލައިގައި ހަސްމު، ސުޕްރީމް ކޯޓުގައި ތަމްސީލުކުރުން. 
  2. ދައުވާ/މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ ދައުވާ ފޯމުތަކާއި، ހުށަހެޅުންތަކާއި، ލިޔުންތަކާއި،ނޯޓިސްތަކުގައި ސޮއިކޮށް ކޯޓަށް ފޮނުވުމާއި، އެފަދަ ލިޔެކިޔުންތަކާ ހަވާލުވުން.
  3. ށަރީއަތުގެ މަޖިލީހުގައި ވާހަކަދެއްކުން.
  4. ށަރީއަތަށް ނުގޮސް ސުޕްރީމް ކޯޓުގައި ނުވަތަ ސުޕްރީމް ކޯޓުން ބޭރުގައި ހައްލެއް ހޯދައި މައްސަލަ ހައްލުކުރުން އަދި އެފަދަ އެއްބަސްވުންތަކުގައި ސޮއިކުރުން.
  5. އަޑުއެހުން ފަސްކުރުމަށް އެދުން.
  6. އިއުތިރާފުވުން.
  7. މައްސަލަ އަނބުރާ ގެނައުން.
  8. ސުޕްރީމް ކޯޓުން ލިޔެކިޔުންތަކާއި ލިޔެކިޔުންތަކުގެ ކޮޕީ ހޯދުން.
  9. ސުޕްރީމް ކޯޓު މެދުވެރިކޮށް ލިބޭ ފައިސާއާ ހަވާލުވުން ނުވަތަ ސުޕްރީމް ކޯޓަށް ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުން.މަތީގައިވާ ކަންކަން އަހުރެން އަމިއްލައަށް ކުރުމެކޭ އެއްފަދައިން އެ ކަންކަން ކުރުމުގެ ފުރިހަމަ ބާރާއި އިހްތިޔާރު (ތަމްސީލުކުރާ ފަރާތުގެ ނަން) އަށް ދީފީމެވެ.

 

މައި ގަވާއިދު

ސުޕްރީމް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-100)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

މަދަނީ އިޖުރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު 2021-32)

 

ސްޕްރީމް ކޯޓުގެ ފޯމްތަކުގެ ލިންކް

ކިޔުންތެރިންގެ ހިޔާލު