-

ކެޕިޓަލް މާކެޓް ށަރީއާ އެޑްވައިޒަރީ ކައުންސިލުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2020-63)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

1 ވަނަ މާއްދާ - ތައާރަފު

މި ގަވާއިދަކީ، ގާނޫނު ނަންބަރު 2006-02 (މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ 10 ވަނަ މާއްދާގެ (އ) އާއި، އެ ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން ހަދައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، ކެޕިޓަލް މާކެޓާބެހޭ މިނިވަން ށަރީއާ އެޑްވައިޒަރީ ކައުންސިލެއް އުފައްދައި، އެ ކައުންސިލް މެދުވެރިކޮށް، ކެޕިޓަލް މާކެޓާބެހޭ ކަންކަމުގައި އޮތޯރިޓީއަށް ބޭނުންވާ ށަރީއާގެ ލަފާ ހޯދުމެވެ. އަދި އިސްލާމިކް ކެޕިޓަލް މާކެޓެއް ރާއްޖޭގައި ތަރައްގީ ކުރުމަށް ޓަކައި ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ހޯދުމެވެ.

 

3 ވަނަ މާއްދާ - ކައުންސިލް އުފެއްދުން

މި ގަވާއިދުގެ ދަށުން ށަރީއާއާބެހޭ ކަންކަމުގައި އޮތޯރިޓީއަށް ލަފާދިނުމަށްޓަކައި "ކެޕިޓަލް މާކެޓް ށަރީއާ އެޑްވައިޒަރީ ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އުފައްދައި، އެ ކައުންސިލަށް ބޭނުންވާ އެންމެހައި ކަންކަން މި ގަވާއިދުގައިވާ ގޮތުގެ މަތިން ހަމަޖެއްސޭނެއެވެ.

 

4 ވަނަ މާއްދާ - ކައުންސިލުގެ ޒިންމާ

ކައުންސިލުގެ މަސްއޫލިއްޔަތުތައް، ތިރީގައި މިވަނީއެވެ.

(ހ) އޮތޯރިޓީން ހުށަހަޅާ މައްސަލަތަކުގައި ށަރީއާ ލަފަޔާއި ރޫލިންގ ފޯރުވައިދިނުން؛

(ށ) އޮތޯރިޓީން ރެގިއުލޭޓްކުރާ ފަރާތަކުން ހުށަހަޅާ މައްސަލައެއްގައި ށަރީއާ ލަފަޔާއި ރޫލިންގ ފޯރުވައިދިނުން؛

(ނ) އިސްލާމިކް ކެޕިޓަލް މާކެޓް ދެމެހެއްޓުމުގައި ފޯރުވައިދޭންޖެހޭ އެހެންވެސް ށަރީއާ ލަފާ ނުވަތަ ރޫލިންގ ދިނުން.

 

5 ވަނަ މާއްދާ - މެންބަރުން އައްޔަނުކުރުމާއި ވަކިކުރުން

(ހ) ކައުންސިލުގެ މެންބަރުން އައްޔަނުކޮށް ވަކިކުރާނ،ީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުންނެވެ. (އިސްލާހު ކުރެވިފައި)

(ށ) (އިސްލާހު ކުރެވިފައި)

  1. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލުގެ މެންބަރެއްގެ ގޮތުގައި އައްޔަނުކުރާ ކޮންމެ ފަރާތަކަށ،ް ކައުންސިލަށް އައްޔަނުކުރިކަމުގެ ލިޔުމެއް ދޭންވާނެއެވެ. މި ލިޔުމުގައި، އެ މެންބަރަކު އައްޔަނުކުރި މުއްދަތާއި، އެލަވަންސްގެ ތަފުސީލާއި، އެ މެންބަރެއްގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
  2. ކައުންސިލުގެ މެންބަރުކަމުގެ ދައުރަކީ 3 (ތިނެއް) އަހަރުދުވަހެވެ. މެންބަރުކަން ކުރެވޭނ،ީ ވިދިވިދިގެން 2 (ދޭއް) ދައުރުގައެވެ. މި މާއްދާގައި މިހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް 1 (އެކެއް) ދައުރުގެ މެދުކެނޑުމަކަށްފަހ،ު އިތުރު ދައުރަކަށް އެ މެންބަރުން އަލުން އައްޔަނު ކުރުމުގެ އިހުތިޔާރު ބޯޑަށް ލިބިގެންވެއެވެ.

(ނ) ތިރީގައިވާ ކަމެއް މެދުވެރިވެއްޖެނަމަ، ކައުންސިލުގެ މެންބަރުކަމުން ވަކިކުރެވޭނެއެވެ.

  1. އޮތޯރިޓީގެ ބޯޑުން ފާސްކޮށްފައިވާ ފިޓް އެންޑް ޕްރޮޕަރ މިންގަނޑުތަކަށް ނުފެތުން؛
  2. އިސްތިއުފާ ހުށަހެޅުން؛
  3. އޮތޯރިޓީއަށް ގަބޫލުކުރެވޭ ފަދަ މަގްބޫލު އުޒުރެއް ނެތި، އަދި އޮތޯރިޓީއަށް އެންގުމަކާ ނުލައި، ވިދިވިދިގެން 3 (ތިނެއް) ޖަލްސާއަށް ހާޒިރު ނުވުން؛
  4. ކައުންސިލުގައި އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތާ މަސްލަހަތު ފުށުއަރައިފާނޭ ފަދަ ގޮތަކަށް އަމަލުކުރުން؛
  5. ކައުންސިލުގެ މެންބަރުންގެ ކިބައިގައި ހުންނަންވާނެކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތެއް އުނިވުން.

 

6 ވަނަ މާއްދާ - ކެޕިޓަލް މާކެޓް ށަރީއާ އެޑްވައިޒަރީ ކައުންސިލް ގާއިމުކުރުން

(ހ) ކައުންސިލުގެ މެންބަރުންގެ އަދަދަކީ ޖުމުލަ 5 (ފަހެއް) އެވެ. އެއ،ީ ށަރުއީ ދާއިރާގެ 4 (ހަތަރެއް) މެންބަރުންނާއި، އިންޑަސްޓްރީ 1 (އެކެއް) ތަޖުރިބާކާރެވެ. މިއިން ކޮންމެ މެންބަރެއްގެ ކިބައިގައި ވެސ،ް ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް  ފުރިހަމަ ވާންވާނެއެވެ. (އިސްލާހު ކުރެވިފައި)

  1. ށަރީއާއިން ނުވަތަ ފިގްހު ނުވަތަ އުސޫލުލް ފިގްހު ނުވަތަ ފިގްހު އަލްމުއާމަލާތުގެ ރޮނގުން މާސްޓަރޒް ޑިގްރީއެއް ހާސިލުކޮށްފައިވުން، ނުވަތަ ބައިނަލްއަގްވާމީ ސެކިއުރިޓީޒް ކޮމިށަނެއް ނުވަތަ ކެޕިޓަލް މާކެޓް ރެގިއުލޭޓްކުރާ ރެގިއުލޭޓަރީ އޮތޯރިޓީއެއްގެ ހުއްދަ ލިބިފައިވާ ނުވަތަ ރަޖިސްޓަރީކޮށްފައިވާ ށަރީއާ އެޑްވައިޒަރެއް ކަމުގައިވުން، ނުވަތަ އޮތޯރިޓީން ގަބޫލުކުރާ ފެންވަރުގެ ތަޖުރިބާ، އިސްލާމިކް ކެޕިޓަލް މާކެޓުގެ ދާއިރާއިން، ނުވަތަ އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ލިބިފައިވާކަމަށް އޮތޯރިޓީއަށް ފެނުން؛ (އިސްލާހު ކުރެވިފައި)
  2. އިންޑަސްޓްރީ ތަޖުރިބާކާރެއްގެ ގޮތުގައި ކައުންސިލަށް އައްޔަނުކުރާނަމ،ަފައިނޭންސް/ ބިޒްނަސް ނުވަތަ އެކައުންޓިންގ ނުވަތަ އިކޮނޮމިކްސްގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅޭ ދާއިރާއަކުން މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، (އިސްލާހު ކުރެވިފައި)
  3. އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ނުވަތަ ދާއިމީ މުވައްޒަފެއް ކަމުގައި ނުވުނ،ް ނުވަތަ ފާއިތުވި 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްކަމުގައި ނުވުނ،ް ނުވަތަ އޮތޯރިޓީން ރެގިއުލޭޓްކުރާ ފަރާތެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކަށް ނުވުން ނުވަތަ ދާއިމީ މުވައްޒަފަކަށް ނުވުން؛ (އިސްލާހު ކުރެވިފައި)
  4. އޮތޯރިޓީން ރެގިއުލޭޓްކުރާ ފަރާތެއްކަމުގައި ނުވުނ،ް ނުވަތަ ފާއިތުވި 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އޮތޯރިޓީން ރެގިއުލޭޓްކުރާ ފަރާތެއް ނުވަތަ ރާއްޖޭގައި ލިސްޓުކޮށްފައިވާ އިސްލާމިކް ސެކިއުރިޓީޒް ދޫކުރާ ފަރާތެއްގެ ށަރީއާ އެޑްވައިޒަރީ ކައުންސިލުގެ މެންބަރެއް ކަމުގައި ނުވުން؛ (އިތުރު ކުރެވިފައި)
  5. އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ށަރީއާ އެޑްވައިޒަރެއް ކަމުގައި ނުވުން ނުވަތަ ފާއިތުވި 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އޮތޯރިޓީގައި ށަރީއާ އެޑްވައިޒަރެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިނުވުން. (އިތުރު ކުރެވިފައި)

(ށ) ކައުންސިލުގެ މެންބަރުންގެ ތެރެއިނ،ް މެންބަރުންގެ އަޣްލަބިއްޔަތުނ،ް ކޮންމެ އަހަރަކަށް ޗެއަރޕާ ސަނެއް ހޮވަން ވާނެއެވެ. ޗެއަރޕާ ސަނެއްގެ ގޮތުގައި އިންތިހާބުކުރާ ފަރާތަކަށް، އެ މަގާމުގައި އެންމެ ގިނަވެގެން ދެމިހުރެވޭނ،ީ ވިދިވިދިގެން 3 (ތިނެއް) އަހަރުދުވަހަށެވެ. ޗެއަރޕާސަންގެ މައިގަނޑު މަސްއޫލިއްޔަތަކަށް ވާނީ ޖަލްސާތަކުގެ އެޖެންޑާ ކަނޑައެޅުމާއި، ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމެވެ. (އިސްލާހު ކުރެވިފައި)

(ނ) ކައުންސިލުގެ ކޯރަމަކީ 3 (ތިނެއް) މެންބަރުންނެވެ. މި މާއްދާގައި މިހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ށަރިއާއާ ގުޅޭ ނިންމުމެއް ނިންމޭނ،ީ ކޯރަމުގެ މެޖޯރިޓީ މެންބަރުންނަކީ ށަރީއާގެ ދާއިރާއިން ކިޔަވައިފައިވާ ފަރާތްތައް ކަމުގައި ވާނަމައެވެ. (އިސްލާހު ކުރެވިފައި)

(ރ) (އުނި ކުރެވިފައި)

 

7 ވަނަ މާއްދާ - ކައުންސިލުގެ ސެކްރެޓޭރިއަޓް

(ހ) ކައުންސިލުގެ ކަންކަން ހިންގުމަށްޓަކައި އެކަމަށް ހާއްސަ ފުލްޓައިމް ސެކްރެޓޭރިއެޓެއް އޮތޯރިޓީގައި އޮންނަންވާނެއެވެ. މި ސެކްރެޓޭރިއަޓުގެ މަސައްކަތް ހިންގާނެ މުވައްޒަފުން އައްޔަނު ކުރާނީ އޮތޯރިޓީންނެވެ.

(ށ) ކައުންސިލުގެ މަސައްކަތް ކުރިޔަށްދާ ގޮތާބެހޭ ރިޕޯޓެއް، ސެކްރެޓޭރިއަޓުން، ކޮންމެ 3 (ތިނެއް) މަހުން އެއްފަހަރު، ބޯޑަށް ފޮނުވަންވާނެއެވެ.

 

8 ވަނަ މާއްދާ - ސެކްރެޓޭރިއަޓުގެ ޒިންމާ

ސެކްރެޓޭރިއަޓުގެ ޒިންމާތައް، ތިރީގައި މިވަނީއެވެ.

(ހ) ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖައްސަންޖެހޭ އިދާރީ ކަންކަން ހަމަޖެއްސުން؛

(ށ) ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުމާއި، ޔައުމިއްޔާތައް ބެލެހެއްޓުން؛

(ނ) ކައުންސިލުގެ ރޫލިންގތައް، މި ގަވާއިދުގެ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ލިޔެ ބެލެހެއްޓުން؛

(ރ) ކައުންސިލަށް ބޭނުންވާ ކަންކަމުގައި ރިސާޗް މަސައްކަތް ކުރުން؛

(ބ) ދުނިޔޭގެ އެކި ގައުމުތަކުގައި ނެރޭ ކެޕިޓަލް މާކެޓާބެހޭ ށަރީއާ ރޫލިންގތައް ހޯދައި، އެ ރޫލިންގތައް ދިވެހިބަހަށް ތަރުޖަމާކުރުން؛

(ޅ) ކައުންސިލުގެ މަސައްކަތް ކުރިޔަށްދާ ގޮތް އޮތޯރިޓީގެ ވެބްސައިޓް މެދުވެރިކޮށް ހާމަކުރުން؛

(ކ) ކައުންސިލުން ހަވާލުކުރާ އެހެނިހެން މަސައްކަތް ކުރުން.

 

9 ވަނަ މާއްދާ - ކައުންސިލުގެ ރޫލިންގތައް ށާއިއުކުރުން

(ހ) އޮތޯރިޓީން، ކައުންސިލުގެ ރޫލިންގތައް ށާއިއު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތިން ށާއިއު ކުރަންވާނީ އޮތޯރިޓީގެ ބޯޑުން އެންޑޯޒް ކުރުމަށް ފަހުގައެވެ.

 

10 ވަނަ މާއްދާ - މަސްލަހަތާއި ޒިންމާ ފުށުއެރުން

ކައުންސިލުން ގޮތެއް ނިންމަންޖެހޭ މައްސަލައެއްގައި، ކައުންސިލުގެ މެންބަރަކާ ސީދާގޮތެއްގައި ނުވަތަ ނުސީދާ ގޮތެއްގައި ގުޅުމެއް އޮތް ނަމަ، އެ މައްސަލައެއް ނުވަތަ އެ މައްސަލައަކާ ގުޅުންހުރި މައްސަލައެއް މަށްވަރާކުރާ ކައުންސިލުގެ ޖަލްސާއެއް ފެށުމުގެ ކުރިން، އެ މެންބަރަކު އެކަން ކައުންސިލަށް ފުރިހަމައަށް ހާމަކޮށްދޭން ވާނެއެވެ. އަދި އެ މައްސަލައެއް ނުވަތަ އެ މައްސަލައަކާ ގުޅުންހުރި މައްސަލައެއް މަށްވަރާކޮށް ނިންމާއިރު އެ މެންބަރަކު ޖަލްސާގައި ބައިވެރިވެގެން ނުވާނެއެވެ.

 

11 ވަނަ މާއްދާ - ސިއްރު

ގާނޫނީގޮތުން ކޯޓަކަށް ބޭނުންވެއްޖެ ހިނދެއްގައި މެނުވީ، ނުވަތަ މި ގަވާއިދުގެ ދަށުން އޭނާގެ ވާޖިބުތައް އަދާކުރުމުގެ ގޮތުން މެނުވީ، ބޯޑުގެ އެއްވެސް މެންބަރަކު، ނުވަތަ އޮތޯރިޓީގެ އެއްވެސް މުވައްޒަފަކު، އޮތޯރިޓީގައި އޭނާ އަދާކުރަންޖެހޭ ވާޖިބު އަދާކުރުމުގައި އެނގިފައި އޮތް ނަމަވެސް، އާންމުކޮށް ހާމަކޮށްފައިނުވާ އޮތޯރީޓީގެ މުހިންމު މައުލޫމާތެއް، އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

 

12 ވަނަ މާއްދާ - ގަވާއިދު އިސްލާހުކުރުން

މި ގަވާއިދަށް ބަދަލު ގެންނާނީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުންނެވެ.

 

13 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

14 ވަނަ މާއްދާ - ކުރީގެ ގަވާއިދު އުވައިލުން

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2013-585 (ކެޕިޓަލް މާކެޓް ށަރީއާ އެޑްވައިޒަރީ ކައުންސިލުގެ ގަވާއިދު) އުވުނީއެވެ.

 

15 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތަކުން އެހެންގޮތަކަށް ދޭހަ ނުވާނަމަ، މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތައް މާނަކުރަންވާނީ ތިރީގައިވާ ފަދައިންނެވެ.

"އޮތޯރިޓީ" ކަމުގައި ބުނެފައި އެވަނީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށެވެ.

"ކައުންސިލް" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން އުފައްދާ ކެޕިޓަލް މާކެޓް ށަރީއާ އެޑްވައިޒަރީ ކައުންސިލަށެވެ.

"ރޫލިންގ" ކަމުގައި ބުނެފައި އެވަނީ، ކެޕިޓަލް މާކެޓް ށަރީއާ އެޑްވައިޒަރީ ކައުންސިލުން ށަރީއާގެ މައްސަލައަކަށް ނިންމާ ނިންމުންތައް، އެ ނިންމުން ނިންމުނު ސަބަބާއި، އެ ނިންމުމުގައި ބޭނުންކުރެވުނު ށަރީއާގެ ހަމަތައް ބަޔާންކޮށްފައިވާ ލިޔުމަށެވެ.

 

މައި ގަވާއިދު

ކެޕިޓަލް މާކެޓް ށަރީއާ އެޑްވައިޒަރީ ކައުންސިލުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-63)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2006-02)

 

އުވުނު ގަވާއިދު

ކެޕިޓަލް މާކެޓް ށަރީއާ އެޑްވައިޒަރީ ކައުންސިލުގެ ގަވާއިދު (ގަވާއިދު ނަންބަރު 2013-585)

ކިޔުންތެރިންގެ ހިޔާލު