-

އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކާބެހޭ ގަވާއިދު  (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2022-91)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ ބައި

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ 63 ވަނަ މާއްދާގެ ދަށުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އަށް ލިބިފައިވާ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ލަފުޒެއް ބޭނުންކޮށްފައިވާ ގޮތަކުން ކަނޑައެޅިގެން އެހެން ގޮތަކަށް އެ ލަފުޒެއް ބަޔާންނުކުރާހައި ހިނދަކު، އެ ލަފުޒެއް މާނަކުރާނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގައި އެ ލަފުޒެއް މާނަކޮށްފައިވާ ގޮތަށެވެ.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަންޖެހޭފަރާތްތައް

މި ގަވާއިދު ހިނގާނީ، އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކާއި އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތައް ތަމްސީލުކުރާ ފަރާތްތަކުގެ މައްޗަށެވެ.

 

2 ވަނަ ބައި

ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭ ށަރުތުތައް

 

4 ވަނަ މާއްދާ - އިންވެސްޓްކުރުމަށް ލަފާދިނުމުގެލައިސަންސަށް އެދޭ ކުންފުނިތަކުގެށަރުތުތައް

އިންވެސްޓްކުރުމަށް ލަފާދިނުމުގެ ލައިސަންސަށް އެދޭ ކުންފުނީ ގެ ޑިރެކްޓަރުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) ވޭތުވެދިޔަ 10 (ދިހައެއް) އަހަރު ދުވަހުގެ ތެރޭގައި ވައްކަން، ނުވަތަ ޓެކުން، ނުވަތަ ފޭރުން، ނުވަތަ މަކަރާއި ހީލަތްހެދުމުގެ ކުށެއް ސާބިތުވެފައި ނުވުން.

(ށ) އިފްލާސް ކުރެވިފައި ނުވުން.

(ނ) މި އޮތޯރިޓީން ކަނޑައަޅައިފައިވާ "ފިޓް އެންޑް ޕްރޮޕަރ" މިންގަނޑުތަކަށް ފެތުން.

 

5 ވަނަ މާއްދާ - އިންވެސްޓްކުރުމަށް ލަފާދޭ ކުންފުނިތައް ތަމްސލުކުރާފަރާތްތަކުގެ ށަރުތުތައް

ލައިސަންސް ހޯދުމަށް އެދޭ ފަރުދުންގެ ކިބައިގައި، ތިރީގައިވާ ށަރުތުތައް ފުރިހަމަވާން ވާނެއެވެ.

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އިންވެސްޓް ކުރުމަށް ލަފާދޭ ކުންފުންޏެއްގެ ޑިރެކްޓަރެއްގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތައް ހުރުން.

(ށ) އުމުރުން 1(އަށާރަ) އަހަރު ފުރިފައިވުން.

(ނ) އޮތޯރިޓީން ބާއްވާ އިމްތިހާނެއްގައި ބައިވެރިވެ، އެ އިމްތިހާނުން ފާސްވެފައިވުން، ނުވަތަ ބޭރުގެ ސެކިއުރިޓީޒް ރެގިއުލޭޓްކުރާ ފަރާތަކުން އިންވެސްޓްކުރުމަށް ލަފާދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކަށް ވުން.

(ރ) އޮތޯރިޓީން ބާއްވާ ސެކިއުރިޓީޒްއާބެހޭ ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކޮށްފައިވުން.

 

3 ވަނަ ބައި

ލައިސަންސް ދޫކުރުމާއި ، ލައިސަންސް އައުކުރުމާއި، ކެޕިޓަލްއާއި ފީ ތައް

 

6 ވަނަ މާއްދާ - ލައިސަންސަށް އެދި ހުށަހެޅުން

(ހ) ލައިސަންސް ހޯދުމަށާއި ލައިސަންސް އައުކުރުމަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމުންނެވެ.

(ށ) މި ގަވާއިދުގައިވާ ކަންކަން ދިރާސާ ކުރުމަށް ޓަކައި އިތުރު މައުލޫމާތު ބޭނުންވާނަމަ، އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށް، ހުށަހަޅާ ފަރާތަށް، އޮތޯރިޓީން އެންގިދާނެއެވެ.

(ނ) އޮތޯރިޓީން އެޕްލިކޭށަން ފޯމު ބަލައިގަންނަ ދުވަހުން ފެށިގެން، ގިނަވެގެން 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި، އެ އެޕްލިކޭށަނާ ބެހޭ ގޮތުން އޮތޯރިޓީން ނިންމި ގޮތް، ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ. އަދި އެޕްލިކޭށަނާ ގުޅިގެން އިތުރު މައުލޫމާތެއް ހުށަހެޅުމަށް އޮތޯރިޓީން އަންގައި ފައިވާނަމަ، 45 (ސާޅީސްފަހެއް) ދުވަހުގެ މުއްދަތު ގުނަން ފަށާނީ، ހުށަހަޅަން އަންގައިފައިވާ އިތުރު މައުލޫމާތު އެ ފަރާތަކުން އޮތޯރިޓީ އަށް ހުށަހަޅާ ތާރީހުން ފެށިގެންނެވެ.

(ރ) ލައިސަންސްގެ މުއްދަތަކީ، އެ ލައިސަންސެއް ދޫކުރާ ނުވަތަ އައުކުރާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހެވެ.

(ބ) ކުންފުންޏަކުން ލައިސަންސް ހޯދުމަށް އެދި ހުށަހަޅާއިރު، އިންވެސްޓްކުރުމަށް ލަފާދޭ ކުންފުނި ތަމްސލުކުރާނެ މަދުވެގެން 1 (އެކެއް) ފަރާތުގެ ލައިސަންސް އެޕްލިކޭށަން ވެސް ހުށަހަޅަންވާނެއެވެ.

(ޅ) ލައިސަންސް ހޯދުމަށް އެދި ހުށަހެޅުމުގައްޔާއި ލައިސަންސް އައުކުރުމަށް އެދި ހުށަހެޅުމުގައި ގަސްތުގައި ނުވަތަ އެނގިހުރެ، ހަގީގަތާ ހިލާފު، ނުވަތަ ހަގީގަތް އޮޅޭފަދަ ބަޔާނެއް ދީފިނަމަ، ނުވަތަ ބައެއް މައުލޫމާތު އުނިކޮށް ހުށަހަޅައިފިނަމަ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން އެ ފަރާތަކާމެދު ފިޔަވަޅު އެޅޭނެއެވެ.

 

7 ވަނަ މާއްދާ - ލައިސަންސް ބާތިލުވުމާއި،ބާތިލުކުރުމާއި ވަގުތ ގޮތުން ހިފެހެއްޓުން

(ހ) ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގައި ލައިސަންސް ބާތިލުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމެއް މެދުވެރިވެއްޖެނަމަ، މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސް ބާތިލުވާނެއެވެ.

(ށ) ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގައި އޮތޯރިޓީ އަށް ލައިސަންސް ބާތިލުކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމެއް މެދުވެރިވެއްޖެނަމަ،މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުން ނުވަތަ ވަގުތ ގޮތުން ލައިސަންސް ހިފެހެއްޓުމުގެ ބާރު އޮތޯރިޓީ އަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - ލައިސަންސްގެ ށަރުތުތައް

ލައިސަންސް ދޫކުރުމުގައި ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ 31 ވަނަ މާއްދާގައިވާ ފަދައިން ލައިސަންސްގެ އިތުރު ށަރުތުތައް ކަނޑައެޅުމާއި، ލިޔުމުން ނޯޓިސް ދިނުމަށްފަހު، އެ ށަރުތުތަކަށް އެކަށީގެންވާ ބަދަލު ގެނައުމުގެ އިހްތިޔާރު އޮތޯރިޓީ އަށް ލިބިގެންވެއެވެ .

 

9 ވަނަ މާއްދާ - ޕްރޮސެސްކުރުމުގެ ފީ

ލައިސަންސް ހޯދުމަށް ނުވަތަ ހުއްދަ ހޯދުމަށް ހުށަހަޅާއިރު، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ އެޕްލިކޭށަން ޕްރޮސެސްކުރުމުގެ ފީ އޮތޯރިޓީ އަށް ދައްކަންވާނެއެވެ.

 

10 ވަނަ މާއްދާ - ލައިސަންސްގެ އަހަރީ ފީ

އޮތޯރިޓީން ލައިސަންސް ދޫކޮށްފައިވާ އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކާއި އަދި އިންވެސްޓްކުރުމަށް ލަފާދޭ ކުންފުނިތައް ތަމްސީލްކުރާ ފަރާތްތަކުން، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ، ލައިސަންސްގެ އަހަރީ ފީ އޮތޯރިޓީ އަށް ދައްކަންވާނެއެވެ.

 

11 ވަނަ މާއްދާ - ކެޕިޓަލް

އިންވެސްޓްކުރުމަށް ލަފާދިނުމުގެ ލައިސަންސަށް އެދޭ ކުންފުނީގެ ޕެއިޑްއަޕް ކެޕިޓަލް 250،000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއަށްވުރެ ދަށްވެގެން ނުވާނެއެވެ. އަދި އިންވެސްޓްކުރުމަށް ލަފާދޭ ކުންފުންޏަކުން ވެސް، އިންވެސްޓުކުރުމަށް ލަފާދިނުމުގެ ހައިސިއްޔަތުން ހުރިހާ ވަގުތެއްގައި ވެސް އެ ފަރާތުގެ ވިޔަފާރީގައި، އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތީން ނެޓް ކެޕިޓަލެއް ދަމަހައްޓަންވާނެއެވެ.

 

4 ވަނަ ބައި

ސެކިއުރިޓީޒްގައި ހިމެނޭ މަސްލަހަތުތަކުގެ ދަފުތަރު

 

12 ވަނަ މާއްދާ - މަސްލަހަތުތަކުގެ ރަޖިސްޓަރ ދަފުތަރު ބެލެހެއްޓުން

ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ 6 ވަނަ ޗެޕްޓަރުގައި ބަޔާންކޮށްފައިވާ ފަދައިން، އިންވެސްޓް ކުރުމަށް ލަފާދޭ ފަރާތްތަކުންނާއި، އިންވެސްޓް ކުރުމަށް ލަފާދޭ ފަރާތްތައް ތަމްސީލުކުރާ ފަރާތްތަކުންނާއި، މާލީ މުރާސިލުން، އެ ފަރާތްތަކުގެ މަސްލަހަތު ހިމެނޭ ސެކިއުރިޓީޒްގެ މައުލޫމާތުތައް އެކުލެވޭ ރަޖިސްޓަރ ދަފުތަރެއް ބަލަހައްޓަންވާނެއެވެ.

 

5 ވަނަ ބައި

މާލީ ކަންކަމާ ގުޅިގެން އަދާކުރަންޖެހޭ ޒިންމާތައް

 

13 ވަނަ މާއްދާ - އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކުން ބަލަހައްޓަންޖެހޭފޮތްތަކާއި ރިކޯޑުތައް

އިންވެސްޓް ކުރުމަށް ލަފާދޭ ކޮންމެ ފަރާތަކުން ވެސް، އިންވެސްޓް ކުރުމަށް ލަފާދޭ ފަރާތުގެ ހިދުމަތްތަކާބެހޭ ތެދު، ސީދާ، އަދި އެންމެ ފަހުގެ މައުލޫމާތުތައް ހިމެނޭ، ތިރގައިވާ ފޮތްތަކާއިރިކޯޑުތަކުގެ އެކައުންޓުތައް ބަލަހައްޓަންވާނެއެވެ.

(ހ) ލިބޭ ފައިސާއާއި ދޫކުރެވޭ ފައިސާގެ ރިކޯޑުތަކާއި، އެއްވެސް ލެޖަރއެއްގައި އޮރިޖިނަލް އެންޓްރ އެއް ހެދުމަށް ބޭނުންކުރާ ރިކޯޑުތައް.

(ށ) އެސެޓްތަކާއި، ލައިބިލިޓ ތަކާއި، ރިޒާވާއި، ކެޕިޓަލާއި، އާމްދަނީ ގެ އެކައުންޓްތަކާއި، ހަރަދުތަކުގެ އެކައުންޓުތައް ދައްކުވައިދޭ އާންމު ލެޖަރތަކާއި ހާއްސަ ލެޖަރތައް.

(ނ) ސެކިއުރިޓީޒް ގަތުމަށް ނުވަތަ ވިއްކުމަށް އިންވެސްޓްކުރުމަށް ލަފާދޭ ފަރާތުން ދޭ އޯޑަރުތަކުގެ ލިޔެކިޔުން ނުވަތަ ސެކިއުރިޓީޒް ގަތުމަށް، ނުވަތަ ވިއްކުމަށް، ނުވަތަ ލިބިގަތުމަށް، ނުވަތަ ފޯރުކޮށްދިނުމާބެހޭ ގޮތުން އިންވެސްޓްކުރުމަށް ލަފާދޭ ފަރާތުގެ ކްލަޔަންޓަކު ދޭ އޯޑަރުތަކާއި އިރުށާދުތަކާބެހޭ އެންމެހައި ލިޔެކިޔުން. މިފަދަ ލިޔެކިޔުންތަކުގައި، އެ ބަޔާންކުރެވޭ ކަމެއްގެ ށަރުތުތަކާއި މައުލޫމާތުތައް ފުރިހަމަޔަށް އެކުލެވިފައި ހުންނަންވާނެއެވެ.

(ރ) ހުރިހާ ޗެކު ފޮތްތަކާއި، ބޭންކު ސްޓޭޓްމަންޓްތަކާއި، ކެންސަލްކުރި ޗެކުތަކާއި، ރިކޮންސިލިއޭށަންތައް.

(ބ) ވިޔަފާރީގެ ބިލުތަކާއި ސްޓޭޓްމަންޓުތައް ނުވަތަ އެ ތަކެތީގެ ކޮޕީއާއި، އެ ތަކެތީގެ ތެރެއިން ފައިސާ ދައްކައިފައިވާ ތަކެއްޗާއި، ފައިސާ ނުދައްކާ ހުރި ތަކެތީގެ މައުލޫމާތު.

(ޅ) މާލީ ހިސާބުތަކުގެ ކުރިޔަށް ހަދައި ފައިވާ ޓްރަޔަލް ބެލެންސްތަކާއި، އިންޓާނަލް އޮޑިޓު ގެ މަސައްކަތްތަކުގެ ލިޔެކިޔުންތައް.

(ކ) އިންވެސްޓްކުރުމަށް ލަފާދޭ ފަރާތުން ދީފައިވާ ލަފާތަކާ ގުޅޭގޮތުން، ނުވަތަ ފައިސާ ނުވަތަ ސެކިއުރިޓީޒް ލިބިގަތުމާ ގުޅޭގޮތުން، ނުވަތަ ދޫކުރުމާ ގުޅޭގޮތުން، ނުވަތަ ފޯރުކޮށްދިނުމާ ގުޅޭގޮތުން ލިބޭ ހުރިހާ ލިޔެކިޔުންތަކުގެ އަސްލާއި، ފޮނުވާ ހުރިހާ ލިޔެކިޔުންތަކުގެ ކޮޕީ. މިކަމުން އިސްތިސްނާވާނީ، އިންވެސްޓްކުރުމަށް ލަފާދޭ ފަރާތް ނުވަތަ އޭނާގެ ފަރާތުން ދޭ ލަފައެއްކަމުގައި ނުބެލެވޭނެ އަދި އެއްވެސް ފަރާތަކުން ހުށަހެޅުމަކާ ނުލައި މާކެޓަށް ނެރޭ ލިޔުންތަކާއި، އާންމުކޮށް ބެހުމަށް ނެރޭ ލިޔެކިޔުމެވެ.

(އ) ކްލަޔަންޓުގެ ފައިސާ، ސެކިއުރިޓީޒް ނުވަތަ މުއާމަލާތްތައް ހިންގުމުގައި އެ މުއާމަލާތްތަކާ ގުޅޭގޮތުން އިންވެސްޓް ކުރުމަށް ލަފާދޭ ފަރާތަށް އަމިއްލަ އިހްތިޔާރާއި ބާރު ދީފައިވާ ހުރިހާ އެކައުންޓުތަކުގެ ލިސްޓެއް، ނުވަތަ އެ އެކައުންޓުތައް އެނގޭނެ ރިކޯޑުތައް.

(ވ) މުއާމަލާތު ކުރުމުގެ އަމިއްލަ އިހްތިޔާރާއި ބާރު، އިންވެސްޓްކުރުމަށް ލަފާދޭ ފަރާތަށް ދިނުމަށްޓަކައި ހަދައިފައިވާ ޕަވަރ އޮފް އެޓާނީ ނުވަތަ މިފަދަ އިހްތިޔާރެއް ދިންކަން ސާބިތުކޮށްދޭ އެހެނިހެން ލިޔެކިޔުންތައް.

(މ) ހިދުމަތްތަކާ ގުޅޭގޮތުން އެއްވެސް ކްލަޔަންޓަކާއި އިންވެސްޓްކުރުމަށް ލަފާދޭ ފަރާތާ ދެމެދު ލިޔުމުން ހަދައިފައިވާ އެއްބަސްވުންތައް.

(ފ) ކްލަޔަންޓުންނަށް ފޯރުކޮށްދިނުމަށް ނުވަތަ އައު ކްލަޔަންޓުން ހޯދުމުގެ މަގުސަދުގައިހަދައިފައިވާ ނޯޓިހާއި، ސަރކިއުލަރއާއި، އިސްތިހާރާއި، ނޫހުގައި ށާއިއުކުރާ ލިޔުމާއި،ސިޓީއާއި، އެފަދަ އެހެން ލިޔެކިޔުންތަކުގެ ކޮޕީ.

(ދ) ސެކިއުރިޓީޒްގެ ކޮންމެ މުއާމަލާތަކާ ގުޅިގެން އެ ކުރި މުއާމަލާތަކުން ސީދާ ފައިދާއެއް ނުވަތަ ނުސީދާ ފައިދާއެއް، އިންވެސްޓްކުރުމަށް ލަފާ ދޭ ފަރާތަށް ލިބޭ ނުވަތަ އިންވެސްޓްކުރުމަށް ލަފާދޭ ފަރާތް ތަމްސލުކުރާ ފަރާތަށް ލިބޭ ކޮންމެ މުއާމަލާތަކާ ގުޅޭ ލިޔެކިޔުން.

 

14 ވަނަ މާއްދާ - އޮޑިޓަރުން އައްޔަނުކުރުން

އިންވެސްޓްކުރުމަށް ލަފާދޭ ފަރާތުގެ ހިސާބުތައް އޮޑިޓްކުރަންވާނީ، ދިވެހިރާއްޖޭގެ އެކައުންޓެންސީ ޕްރޮފެށަނާ ގުޅޭ ކަންކަމުގެ އުސޫލުތައް ކަނޑައަޅާ ބަލަހައްޓާ ފަރާތުން ދޫކޮށްފައިވާ އޮޑިޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުންނެވެ.

 

15 ވަނަ މާއްދާ - މާލީ ހިސާބުތައް

އިންވެސްޓްކުރުމަށް ލަފާދޭ ފަރާތް، އޭނާގެ އިންވެސްޓްކުރުމަށް ލަފާދިނުމުގެ ވިޔަފާރިއާ ބެހޭ އަހަރީ ހިސާބުތައް، އިންޓަރނޭށަނަލް ފައިނޭންށަލް ރިޕޯޓިންގ ސްޓޭންޑާރޑްތަކާ އެއްގޮތަށް، މާލީ އަހަރު ނިމޭތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި އޮތޯރިޓީ އަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ހިސާބުތަކުގައި، އަންނަނިވި ސްޓޭޓްމަންޓްތައް ހިމަނަންވާނެއެވެ.

(ހ) ބެލެންސްށީޓް.

(ށ) އިންކަމް ސްޓޭޓްމަންޓް.

(ނ) ކޭށް ފްލޯ ސްޓޭޓްމަންޓް.

(ރ) ސްޓޭޓްމަންޓް އޮފް ޗޭންޖަޒް އިން އިކުއިޓީ.

 

6 ވަނަ ބައި

ކްލަޔަންޓުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި، ކްލަޔަންޓުންގެ ފަންޑުތައް ބެލެހެއްޓުން

 

16 ވަނަ މާއްދާ - ކްލަޔަންޓުންގެ މަސްލަހަތުގައި މަސައްކަތްކުރުން

(ހ) އިންވެސްޓް ކުރުމަށް ލަފާދިނުމުގެ މުއާމަލާތެއް ހިންގުމުގެ ތެރޭގައި، އިންވެސްޓް ކުރުމަށް ލަފާދޭ ފަރާތް ނުވަތަ އިންވެސްޓް ކުރުމަށް ލަފާދޭ ފަރާތް ތަމްސީލުކުރާ ފަރާތުން ހަގީގަތް އޮޅުވައިލުން، ނުވަތަ އެނގިހުރެ މައުލޫމާތު އުނިކުރުން، ނުވަތަ މިނޫންވެސް މަކަރާއި ހީލަތުގެ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެއެވެ.

(ށ) ފައިޑިއުށަރީއެއްގެ ހައިސިއްޔަތުން އިންވެސްޓް ކުރުމަށް ލަފާދޭ ފަރާތް ނުވަތަ އިންވެސްޓް ކުރުމަށް ލަފާދޭ ފަރާތް ތަމްސލުކުރާ ފަރާތުން އެ ފަރާތުގެ ކްލަޔަންޓުންނާމެދު އިހްލާސްތެރިކަމާއެކު މުއާމަލާތް ކުރަންވާނެއެވެ. އަދި އެ ކްލަޔަންޓުގެ ރުހުން ލިބިގެން މެނުވީ، ކްލަޔަންޓެއްގެ މަސްލަހަތު ފުށުއަރާފަދަ ގޮތަކަށް އަމަލުކޮށްގެން ނުވާނެއެވެ .

 

17 ވަނަ މާއްދާ - ކްލަޔަންޓުންނަށް ނުވަތަ ކްލަޔަންޓުންނަށް ވުމަށް އެދޭ ފަރާތްތަކަށް ލިޔުމުން ހާމަކުރަންޖެހޭކަންތައްތައް

އިންވެސްޓް ކުރުމަށް ލަފާދޭ ފަރާތުގެ ކޮންމެ ކްލަޔަންޓަކަށް ނުވަތަ ކްލަޔަންޓަކަށް ވުމަށް އެދޭ ކޮންމެ ފަރާތަކަށް، މައުލޫމާތުތައް ހާމަކުރުމަށް ޓަކައި، އަންނަނިވި ކަންކަމާބެހޭ ގޮތުން، ފުރިހަމަ އަދި ތެދު މައުލޫމާތު ހިމެނޭ، ލިޔެފައިވާ ސްޓޭޓްމަންޓެއް ނުވަތަ ލުއިފޮތެއް ފަދަ ލިޔުމެއް ދޭންވާނެއެވެ.

(ހ) އިންވެސްޓް ކުރުމަށް ލަފާދޭ ފަރާތް ތަމްސލުކުރާ ފަރާތުގެ ތައުލީމީ ފެންވަރާއި، ވިޔަފާރީގެ ތަޖުރިބާ.

(ށ) އިންވެސްޓް ކުރުމަށް ލަފާދޭ ފަރާތުގެ ލަފާދެވޭ ހިދުމަތުގެ ބާވަތް.

(ނ) ފޯރުކޮށްދެވޭ ހިދުމަތްތަކަށް އަގު ނެގުމުގައި އަމަލުކުރަނީ ކޮން އުސޫ ލަކުންކަމާއި ރޭޓު.

(ރ) އިންވެސްޓް ކުރުމަށް ލަފާދިނުމުގެ ހިދުމަތް ފޯރުކޮށްދޭ ކްލަޔަންޓުންގެ ބާވަތް.

(ބ) އިންވެސްޓް ކުރުމަށް ލަފާދެވޭ އިންވެސްޓްމަންޓްތަކުގެ ބާވަތްތައް.

(ޅ) އިންވެސްޓްމަންޓުގެ މުއްދަތާ ގުޅޭ ކަންކަން.

(ކ) އިންވެސްޓް ކުރުމަށް ލަފާދިނުމުގެ ތެރޭގައި ފައިނޭންށަލް ޕްލޭނިންގ ހިމެނޭނަމަ އެކަން.

(އ) އިންވެސްޓް ކުރުމަށް ލަފާދިނުން ފިޔަވައި އެހެން ވިޔަފާރިއެއް، އިންވެސްޓް ކުރުމަށް ލަފާދޭ ފަރާތުން ކުރާނަމަ، އެ ވިޔަފާރިއެއްގެ ކުރު ތައާރުފެއް.

(ވ) ކްލަޔަންޓުންގެ އެކައުންޓުތަކާ ގުޅޭގޮތުން ތައްޔާރުކުރާ ރިޕޯޓުތަކުގެ ބާވަތްތަކާއި، އެ ރިޕޯޓުތައް އެ ފަރާތްތަކަށް ލިބޭނެ މުއްދަތުތައް.

(މ) ޑިސްކްރީށަނަރީ ޕޯޓްފޯލިއޯ މެނޭޖްކޮށްދޭނަމަ އެކަން. (ޑިސްކްރށަނަރީ ޕޯޓްފޯލިއޯ މެނޭޖްކޮށްދޭނަމަ، ފާއިތުވި މާލީ އަހަރުގެ ހިސާބުތައް ކްލަޔަންޓަށް ލިބޭނެ ގޮތް ހަމަޖައްސަންވާނެއެވެ.)

 

7 ވަނަ ބައި

އިސްތިހާރުކުރުން

 

18 ވަނަ މާއްދާ - އާންމު އުސޫލުތައް

(ހ) އިސްތިހާރު ކުރުމާ ބެހޭގޮތުން މި މާއްދާގައި ބުނެފައިވާ ކަންކަން، އެ ހާލަތަކާ ގުޅޭގޮތުން ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާނަމަ، އިންވެސްޓްމަންޓް އެޑްވައިޒަރުން ށާއިއުކުރާ ލިޔުންތަކާއި ރިޕޯޓުތަކުގެ މައްޗަށް ވެސް ހިނގާނެއެވެ.

(ށ) އިސްތިހާރުތަކުގައި، ތިރީގައިވާ ކަންކަން ފުރިހަމަވާންވާނެއެވެ.

  1. ކޮންމެ އިސްތިހާރެއް ވާންވާނީ، އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް ހަގީގަތް ނޯޅޭނޭ ފަދައިން، ހެޔޮ ނިޔަތުގައި ކުރާ އިސްތިހާރުތަކަކަށެވެ. 
  2. ކޮންމެ އިސްތިހާރެއް ވެސް ވާންވާނީ، ސީދާ ތެދު މައުލޫމާތު، ވީއެންމެ ފުރިހަމައަކަށް ހިމެނޭ އިސްތިހާރަކަށެވެ.
  3. ކޮންމެ އިސްތިހާރެއްގައި ވެސް ބޭނުންކުރަންވާނީ، އާންމުންނަށް ފަސޭހައިން ދޭހަވާފަދަ ލަފުޒާއި އިބާރާތްތަކެވެ.
  4. ކޮންމެ އިސްތިހާރަކުން، އެ އިސްތިހާރުކުރާ އިންވެސްޓްމަންޓް ނުވަތަ ފޯރުކޮށްދޭނެކަމަށް އިސްތިހާރުގައި ބުނާ ހިދުމަތްތަކަކީ ކޮބައިކަން ސާފުސީދާ ބަހުރުވައިން، އެއްވެސް އޮޅުމެއްނެތި އެނގެންވާނެއެވެ.
  5. އިސްތިހާރުކުރާ އިންވެސްޓްމަންޓަކީ، ނުވަތަ ފޯރުކޮށްދޭނެކަމަށް އިސްތިހާރުގައި ބުނާ ހިދުމަތަކީ ކޮބައިކަން އެނގޭނެ މިންވަރަށް، ކޮންމެ އިސްތިހާރަކުން ވެސް، އެކަށީގެންވާ މައުލޫމާތު ލިބެންވާނެއެވެ.
  6. ފޯކާސްޓެއް ނުވަތަ އެސްޓިމޭޓެއް ހިމަނައިފައިވާނަމަ، އެ ބިނާކޮށްފައިވާ ކަންކަމާއި،އެ ފޯކާސްޓް ނުވަތަ އެސްޓިމޭޓް އެ ގޮތަށް ދިމާނުވެދާނެކަމުގެ ރިސްކުތަކާއި، އެ ފޯކާސްޓް ނުވަތަ އެސްޓިމޭޓް ތައްޔާރުކުރި ފަރާތެއްގެ ގާބިލިއްޔަތު އެނގެން އޮންނަންވާނެއެވެ. އަދި އެ ފަރާތަކީ އެ ފޯކާސްޓަށް ނުވަތަ އެސްޓިމޭޓަށް ޒިންމާ އުފުލާ ފަރާތެއް ކަމަށް ވާންވާނެއެވެ.
  7. މާޒީގެ ޕާރފޯމަންސް ދައްކުވައިދޭ ހިސާބުތަކެއް ހިމަނާނަމަ، ނުވަތަ އެފަދަ ހިސާބުތަކަކަށް ހަވާލާދޭނަމަ ހަވާލާދޭންވާނީ، އޭގެ ކުރ ގެ މުއްދަތުގެ ހިސާބުތަކާއި އަޅައިކިޔޭފަދަ ގޮތަކަށެވެ.
  8. އިސްތިހާރުގައި، އިންވެސްޓްމަންޓަކާ ގުޅިފައިވާ ރިސްކުތަކުގެ މައްޗަށް އެކަށީގެންވާ އަހަންމިއްޔަތުކަމެއް ދީފައި ހުންނަންވާނެއެވެ.

(ނ) ކޮންމެ އިސްތިހާރެއްގައި ވެސް، އެ އިސްތިހާރަކީ ކަމެއް ހާމަކޮށް، ޕްރޮމޯޓް ކުރުމަށް ޓަކައި ކުރެވޭ އިސްތިހާރެއްކަން އެނގޭނެބަޔާނެއް ފެންނާނެ ނުވަތަ އަޑުއިވޭނެ ގޮތަށް ހިމަނަންވާނެއެވެ.

(ރ) އިސްތިހާރުކުރާ އިންވެސްޓްމަންޓަކ އޭގެ މާކެޓް އަގަށް ބަދަލުއަންނާނެ ފަދަ އިންވެސްޓްމަންޓެއް ކަމުގައި ވާނަމަ، ނުވަތަ ބޭރު ފައިސާއިން ކުރެވޭ އިންވެސްޓްމަންޓެއް ކަމުގައި ވާނަމަ، އަދި އެ އިސްތިހާރުގައި އެ އިންވެސްޓްމަންޓުން ލިބޭނެކަމަށް ލަފާކުރެވޭ ފައިދާގެ މިންވަރު ބުނެފައިވާނަމަ، އިސްތިހާރުގައި ބުނެފައިވާ ރިސްކުތަކާ ގުޅޭގޮތުން މާކެޓް ވެލިއުއަށް އަންނަ ބަދަލުތަކެއްގެ ސަބަބުން، ނުވަތަ ބޭރު ފައިސާގެ އަގަށް އަންނަ ބަދަލުތަކެއްގެ ސަބަބުން، ލަފާކޮށްފައިވާ ފަދައިން ފައިދާ ނުލިބިދާނެކަން ސާފުބަހުން އެނގެން އޮންނަންވާނެއެވެ.

 

19 ވަނަ މާއްދާ - ގަވާއިދަށް ބަދަލުގެނައުން

މި ގަވާއިދަށް ބަދަލު ގެނެވޭނީ، މި އޮތޯރިޓީ ގެ ބޯޑުގެ ޖަލްސާއަކުން، ބޯޑުގެ އައްލަބިއްޔަތުންނެވެ.

 

20 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

21 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2014-375 (އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކާބެހޭ ގަވާއިދު) އުވުނީއެވެ. (އިސްލާހު ކުރެވިފައި)

 

ޖަދުވަލު 1

ފީ

#

ތަފުސީލު

އިންވެސްޓްކުރުމަށް ލަފާދޭ ކުންފުނި

އިންވެސްޓްކުރުމަށް ލަފާދޭ ކުންފުނި ތަންސީލުކުރާ ފަރާތް

ފީ ދައްކަންޖެހޭ ތާރީހު

1. އެޕްލިކޭޝަން ޕްރޮސެސްކުރުމުގެ ފީ 15،000 ރުފިޔާ 500 ރުފިޔާ އެޕްލިކޭޝަނާއެކު
2. އަހަރީ ފީ 15،000 ރުފިޔާ - މާލީ އަހަރު ނިމޭތާ 1 މަސްދުވަހުގެ ތެރޭގައި

 

ޖަދުވަލު 2

އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކުން/އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތައް ތަމްސީލުކުރަން އެދޭ ފަރާތްތަކުންު ލައިސަންސް ހޯދުމަށް؟އައުކުރުމަށް އދި ހުށަހަޅާ ފޯމު

(މި ފޯމު ހިމަނައިފައިވަނީ ނަމޫނާއެއްގެ ގޮތުގައެވެ. ފޯމުގައިވާ މައުލޫމާތުތައް ތަރުތީބުން ހުށަހެޅުމުން ފުދޭނެއެވެ.)

1. ލައިސަންސްގެ ބާވަތް

1.1 ލައިސަންސް ހޯދުމަށް އެދުން:               އަލަށް                ލައިސަންސް އައުކުރުމަށް

1.2 ލައިސަންސް

  • އިންވެސްޓްކުރުމަށް ލަފާދޭ ފަރާތުގެ ލައިސަންސް
  • އިންވެސްޓްކުރުމަށް ލަފާދޭ ފަރާތެއް ތަމްސީލުކުރުމުގެ ލައިސަންސް

2. ލައިސަންސް ހޯދުމަށް ނުވަތަ އައުކުރުމަށް އެދޭ ފަރާތުގެ އާންމު މައުލޫމާތު

2.1 ލައިސަންސް އައުކުރުމަށް ނަމަ، މިހާރުގެ ލައިސަންސްގެ ނަންބަރާއި ތާރީހު: 

2.2 ނަމާއި އެޑްރެސް:

2.3 ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެ ނަންބަރާއި، އުފަންތާރީހު؛ ކުންފުންޏެއް ނަމަ، ރަޖިސްޓަރީ ނަންބަރާއި، ރަޖިސްޓަރީ ކުރި ތާރީހު:

2.4 ފޯނު ނަންބަރާއި، ފެކްސްުނަންބަރާއި، އީމެއިލްއެޑްރެސް:

2.5 ޕްރިންސިޕަލް ބޭންކަރުގެ ނަ،ން، އެޑްރެސް، އެކައުންޓް ނަންބަރު (ތައް):

2.6 އޮޑިޓަރުގެ ނަމާއިުއެޑްރެސް:

2.7 ފަރުދެއް ނަމަ، މިހާރު ވަޒފާ އަދާކުރާ ތަނާއި ފަޒީފާ:

ނަންބަރު 3 އިން ފެށިގެން ނަންބަރު 6 ގެ ނިޔަލަށް ހުރި ބައިތައް ފުރަންޖެހޭނީ،  ލައިސަންސަށް އެދި ނުވަތަ ލައިސަންސްު އައުކުރުމަށް އެދި ހުށަހަޅަނީ ކުންފުންޏަކުން ނަމައެވެ. ނަމަވެސް ހުށަހަޅަނީ، ލައިސަންސް އައުކުރުމަށް ކަމަށް ވެފައި، މިމައުލޫމާތުތަކަށް ބަދަލު އައިސްފައި ނުވާނަމަ، މި މައުލޫމާތުތައް އަލުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.  

3. ހުއްދަކޮށްފައިވާ ދޫކޮށްފައިވާ އަގު އަދާކޮށްފައިވާ ކެޕިޓަލް (ހިއްސާގެ އަދަދާއި ވެލިއު):

4. ޕްރިންސިޕަލް ނުވަތަ މައި ހިއްސާދާރުންގެ ނަމާއި އެޑްރެސް:

5. ޑިރެކްޓަރުންނާއި މެޖޭޖްމަންޓުގެ ނަން، އެޑްރެސް، އަދާކުރާ ފަޒީފާތައް، ޑިރެކްޓަރުކަން ކުރާ އެހެން ކުންފުނިތައް، ތައުލީމާއި ތަޖުރިބާ:

6. ހުށަހަޅާ ފަރާތުގެ ޕޭރަންޓް ކކުންފުންޏާއި ސަބްސިޑިއަރީ ކުންފުނިތަކާއި، އެސޯސިއޭޓް ކުންފުނި ނަމަ، އެ ކުންފުނިތަކުގެ ނަމާއި އެޑްރެސް:

7. ލައިސަންސް ހޯދުމަށް އެދި ނުވަތަ ލައިސަންސް އައުކުރުމަށް އެދި ހުށަހަޅާ ފަރާތް (ކުންފުންޏެއް ނަމަ، އެ ކުންފުންޏަކާ ބެހޭ ގޮތުން އެ ކުންފުނީގެ ޑިރެކްޓަރުންގެ) ގެ އިގްރާރު

(ހ) މަތީގައި ބަޔާންކޮށްފައިވާ މައުލޫމާތު ސައްހަކަމުގައި އަހުރެން/އަހުރެމެން (ތިރީގައި ސޮއިކޮށްފައިވާ ފަރާތްތައް) ޔަގީންކޮށްދެމެވެ. އަދި މި މައުލޫމާތަށް ބަދަލެއް އަތުވެއްޖެނަމަ ލަސްނުކޮށް އޮތޯރިޓީއަށް އަންގާނެކަމަށް އެއްބަސްވަމެވެ. 

(ށ) (އިންވެސްޓްކުރުމަށް ލަފާދިނުމުގެ ލައިސަންސަށް އެދޭ ފަރުދެއްނަމަ) އެފަރާތުގެ މާލީ ހާލަތު ދެނެގަތުމަށް ޓަކައި އެހެނިހެން ލިޔެކިޔުން އޮތޯރިޓީއަށް ބޭނުންވެއްޖެނަމަ، އެ ލިޔެކިޔުން ހުށަހެޅުމަށް އެއްބަސްވަމެވެ. 

(ނ) އަހުރެން/އަހުރުމެން އަންނަނިވި ކަންތައްތައް ކަށަވަރުކޮށްދެމެވެ.

  1. ލައިސަންސަށް އެދި ހުށަހަޅާ ފަރާތަކީ އިފްލާސްކުރުމުގެ މަރުހަލާއެއްގައިވާ ފަރާތެއް ނޫންކަން.
  2. ލައިސަންސް ހޯދުމަށް އެދި ހުށަހޅާ ފަރާތުގެ ވިޔަފާރިއާއި އަދި ވިޔަފާރީގެ މުދަލުގެ މައްޗަށް އެއްވެސް ގާނޫނެއްގެ ދަށުން ރިސީވަރެއް ނުވަތަ މެނޭޖަރެއް އައްޔަންކޮށް ނުވާކަން. 
  3. ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ ދަރަނިތައް އަދާކުރުމަށް ޓަކައި އެ ފަރާތުގެ އިހްތިޔާރުގެ ބޭނުން، ކްރެޑިޓަރުންނާއެކު އެއްވެސްކަހަލަ އެއްބަސްވުމަކަށް އައިސްފައި ނުވާކަން. 
  4. ލައިސަންސަށް އެދޭ ނުވަތަ އައުކުރުމަށް އެދޭ ފަރާތަށް (އެއީ ކުންފުންޏެއްނަމަ، ކުންފުނީގެ ޑިރެކްޓަރުންނާއި އިސް އޮފިސަރުން) ތިރީގައި ބުނެފައިވާ ކަމެއް މެދުވެރިވެފައި ނުވާކަން. 
    1. އިފްލާސްކުރެވިފައިވުން. 
    2. މި ފޯމު ހުށަހަޅާ ދުވަހުގެ ކުރިޔަށް ހިނގައިފައިވާ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ނުވަތަ އެހެން ގައުމެއްގައި ވައްކަން، ނުވަތަ ޓެކުން، ނުވަތަ ފޭރުން، ނުވަތަ މަކަރާއި ހީލަތްހެދުމުގެ ކުށް ސާބިތުވެފައި ވުން. 

 

ލައިސަންސް ހޯދުމަށް އެދޭ ފަރާތުގެ ނަން؛        ސޮއި؛        ތާރީހް؛        ކުންފުންޏެއްނަމަ ސިއްކަ.

 

(ކުންފުނީގެ ހުރިހާ ޑިރެކްޓަރުން ސޮއިކުރަންވާނެއެވެ)

 

* މި ފޯމާއެކު އަންނަނިވި ލިޔެކިޔުން ހުށަހަޅަންވާނެއެވެ. (ނަމަވެސް ހުށަހަޅަނީ ލައިސަންސް އައުކުރުމަށް ކަމަށް ވެފައި، ކުރިން ހުށަހަޅާފައިވާ މައުލޫމާތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާނަމަ، އަލުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)

  1. ފަރުދެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛ ލިބިފައިވާ ސަނަދުގެ ކޮޕީ؛ ޕާސްޕޯޓް ސައިޒުގެ ކުލަ ފޮޓޯއެއް. (ލައިސަންސް އައުކުރުމަށް ނަމަ ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)
  2. ކުންފުންޏެއް ނަމަ
    1. ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއެއް
    2. ކުންފުންޏެއް ނަމަ، އެންމެ ފަހުގެ 2 (ދޭއް) އަހަރުދުވަހުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް (2 އަހަރު ނުވާނަމަ، އެންމެ ފަހުގެ ހިސާބުތައް)
    3. ޑިރެކްޓަރުންނާއި އެގްޒެކެޓިވުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީއާއި ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
    4. ޑިރެކްޓަރުންނާއި އެގްޒެކެޓިވް މުވައްޒަފުންގެ ސީ.ވީ.
    5. ކުންފުނީގެ ހިންގާ ގަވާއިދުގެ ކޮޕީއާއި، އަސާސީ ގަވާއިދުގެ ކޮޕީ.
    6. ވިޔަފާރީގެ ޕްރޮޕޯޒަލް (އޯގަނައިޒޭށަން ސްޓްރަކްޗަރއާއި ޒިންމާތައް އެނގެން އޮންނަންވާެނެއެވެ.)
  3. އިންވެސްޓްކުރުމަށް ލަފާދޭ ފަރާތުގެ މުވައޒަފަކު، އިންވެސްޓްކުރުމަށް ލަފާދޭ ފަރާތް ތަމްސީލުކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާނަމަ، އެއީ އެ ފަރާތުގެ މުވައްޒަފެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  4. އިންވެސްޓްކުރުމަށް ލަފާދޭ ފަރާތުގެ ލައިސަންސަށް އެދޭ ފަރާތް، ނުވަތަ އިންވެސްޓްކުރުމަށް ލަފާދޭ ފަރާތުގެ ލައިސަންސަށް އެދޭ ފަރާތުގެ ޑިރެކްޓަރުންނާއި، އިންވެސްޓްކުރުމަށް ލަފާދޭ ފަރާތް ތަމްސީލުކުރާ ފަރާތުގެ ލައިސަންސަށް އެދޭ ފަރާތުގެ ކުށުގެ ރިކޯޑު ސާފުކުރާ ފޯމު ފުރިހަމަކޮށްފައި، މި ފޯމު އޮތޯރިޓީން ލިބެން ހުންނަންވާނެއެވެ. 

 

މައި ގަވާއިދު

އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-91)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

އުވުނު ގަވާއިދު

އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2014-375)

 

މައި ގާނޫނު

މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2006-02)

ކިޔުންތެރިންގެ ހިޔާލު