ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2020-71)
(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލު ހިންގުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 59 ވަނަ މާއްދާއާއި، 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މައިގަނޑު މަގްސަދަކީ، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 59 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުންތައް ބާއްވާނެ ގޮތާއި، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލު ހިންގުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.
3 ވަނަ މާއްދާ - ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލު އެކުލެވިގެންވާ ގޮތް
(ހ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 56 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލު އެކުލެވިގެންވަނީ އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.
- މިނިސްޓްރީން ކަނޑައަޅާ ފަރާތެއް؛
- ސިއްހަތާބެހޭ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
- ތައުލީމާބެހޭ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
- މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ ފަރާތެއް؛
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ ފަރާތެއް؛ އަދި
- ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކޮށްދިނުމަށް ޓަކައި މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާތަކުގެ ތެރެއިން ކަނޑައަޅާ 2 (ދޭއް) ފަރާތް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުންގެ އިތުރުން، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލަށް، އެ ކައުންސިލުން ބޭނުންވެއްޖެ ހިނދެއްގައި، އަންނަނިވި ފަރާތްތަކުގެ ލަފާ ހޯދިދާނެއެވެ.
- ޒުވާނުންނާއި މުޖުތަމައު ބާރުވެރިކުރުވުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
- އިސްލާމީ ކަންކަމާބެހޭ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
- އެޓަރނީ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ ގާނޫނީ ވަކީލެއް؛ އަދި
- ކައުންސިލުން ކަނޑައަޅާ އެހެން ފަރާތެއް.
(ނ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލަށްމެންބަރުން އައްޔަނު ކުރެވޭނީ 3 (ތިނެއް) އަހަރުދުވަހުގެ ދައުރަކަށެވެ. ކައުންސިލުގެ މެންބަރަކަށް ގިނަވެގެން މެންބަރުކަން ކުރެވޭނީ 2 (ދޭއް) ދައުރަށެވެ. (އިތުރު ކުރެވިފައި)
4 ވަނަ މާއްދާ - ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލަށް ރައީސާއި ނައިބު ރައީސް އައްޔަނު ކުރުން
ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ މެންބަރުންގެ ތެރެއިން، ކައުންސިލުގެ ރައީސާއި ނާއިބު ރައީސްގެ ގޮތުގައި 2 (ދޭއް) މެންބަރުން އައްޔަނު ކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.
5 ވަނަ މާއްދާ - ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ރައީސާއި ނައިބު ރައީސްގެ ޒިންމާ (ހ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ރައީސްގެ ޒިންމާތަކަކީ، ކައުންސިލުގެ މަސައްކަތްތައް ރާވައި ހިންގުމާއި، ކައުންސިލުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމެވެ.
(ށ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ނައިބު ރައީސްގެ މަސްއޫލިއްޔަތަކީ، ކައުންސިލުގެ ރައީސްގެ ޒިންމާތައް އަދާކުރުމުގައި އެހީތެރިވެދިނުމާއި، ކައުންސިލުގެ ރައީސް އޭނާގެ ޒިންމާތައް އަދާކުރުމަށް އުޒުރުވެރިޔާ ހާލަތްތަކުގައި އެ ޒިންމާތައް އަދާކުރުމެވެ.
6 ވަނަ މާއްދާ - ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ރައީސާއި ނައިބު ރައީސް މަގާމުން އިސްތިއުފާ ދިނުން
(ހ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެ ހިނދެއްގައި، އިސްތިއުފާ ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
(ށ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން އިސްތިއުފާ ދީފިނަމަ، އެއިން މަގާމެއް ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު އައްޔަނު ކުރަންވާނެވެ.
7 ވަނަ މާއްދާ - ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ މަސްއޫލިއްޔަތުތައް
އަންނަނިވި ކަންކަމަކީ ކައުންސިލުގެ މަސްއޫލިއްޔަތުތަކެވެ.
(ހ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ގުޅޭގޮތުންނާއި، ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމާ ގުޅޭގޮތުން ކަނޑައަޅަންޖެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި މިނިސްޓަރަށް ލަފާދިނުން؛
(ށ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ގުޅޭގޮތުންނާއި، ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އެންމެ ބޮޑަށް އިސްކަންދޭންވީ ކަންކަން ފާހަގަކޮށް، އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މިނިސްޓަރަށް ލަފާދިނުން؛
(ނ) ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއާއި، އެ މުއާހަދާގެ އޮޕްށަނަލް ޕްރޮޓޮކޯލްތަކާއި، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެހެނިހެން މުއާހަދާތައް ދިވެހިރާއްޖޭގައި ތަންފީޒު ކުރަމުން ގެންދޭތޯ ބަލައި، އަޅަންޖެހޭ ފިޔަވަޅުތަކާމެދު މިނިސްޓަރަށް ލަފާދިނުން؛
(ރ) ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މިނިސްޓަރަށް ލަފާދިނުން؛
(ބ) ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމުގެ ގައުމީ ނިޒާމުގެ ދަށުން ދެވޭ ހިދުމަތްތައް މުރާޖައާކޮށް، އެ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މިނިސްޓަރަށް ލަފާދިނުން؛
(ޅ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ގުޅޭގޮތުންނާއި، ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމާ ގުޅޭގޮތުން މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތަކާއި އަމާޒުތައް ހާސިލު ކުރެވެމުންދަނީ ކިހާ މިންވަރަކަށްތޯ ބަލައި، ސަރުކާރުގެ އިދާރާތަކުން އެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ޓަކައި ކުރާ މަސައްކަތްތައް މުރާޖައާކޮށް މިނިސްޓަރަށް އަންގަމުންދިޔުން؛
(ކ) ކުޑަކުދިންނަށް ރައްކައުތެރިކަން ދިނުމަށް މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ޖަމްއިއްޔާތަކަށް ފައިސާ ދޫކުރާނެ އުސޫލު ދުރާލައި ކަނޑައެޅުމާއި، އެ އުސޫލުގެ ދަށުން ފައިސާ ދޫކުރުމުގައި އިސްކަންދޭނެ ކަންކަން ކަނޑައެޅުން؛
(އ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ގުޅޭގޮތުންނާއި، ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާތަކާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާ ގުޅުން ބަދަހިކޮށް، އެފަދަ ޖަމްއިއްޔާތަކާއެކު ހިންގޭ އެކިއެކި ހަރަކާތްތައް ވިލަރެސްކުރުން؛
(ވ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ މަގްސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވައިލަންޖެހޭ ސިޔާސަތުތަކާއި، މިންގަނޑުތަކާއި، އިޖުރާއަތުތައް އެކުލަވައިލުމުގައި މިނިސްޓަރަށް ލަފާދިނުން.
8 ވަނަ މާއްދާ - ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ އިދާރީ ކަންކަން ހިންގުން
ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ އިދާރީ ކަންކަން ހިންގައި ބަލަހައްޓާނީ، ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްށަން ސަރވިސްއިންނެވެ. (އިސްލާހު ކުރެވިފައި)
9 ވަނަ މާއްދާ - ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުންތައް
(ހ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާބެހޭ ކައުންސިލުގެ ބައްދަލުވުމެއް، މަދުވެގެން މަހަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް،ކައުންސިލުގެ މަސައްކަތުގެ ނިސްބަތަށް ބަލައި، ކޮންމެހެން ބައްދަލުވުމެއް ބާއްވަން ކައުންސިލަށް ފެނިއްޖެ ހާލަތެއްގައި،ހަފުތާއަކު 1 (އެކެއް) ފަހަރު ކައުންސިލުގެ ބައްދަލުވުން ބޭއްވުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. (އިސްލާހު ކުރެވިފައި)
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުން ބާއްވަން ކަނޑައަޅާ ދުވަހަށް ބައްދަލުވުން ބޭއްވުމަށް އިދާރީގޮތުން ކުރަންޖެހ ކަންކަން ކުރަންވާނީ،ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްށަން ސަރވިސްއިންނެވެ. (އިސްލާހު ކުރެވިފައި)
(ރ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުމެއް ބާއްވާނަމަ، އެ ބައްދަލުވުމެއް ފެށުމުގެ 72 (ހަތްދިހަދޭއް) ގަޑިއިރުގެ ކުރިން، ކޮންމެ މެންބަރަކަށް ވެސް ބައްދަލުވުން އޮންނާނ ކަން ކައުންސިލުގެ އިދާރީ ކަންކަން ކުރުމަށް ހަމަޖެހިފައިވާ ފަރާތުން އަންގަންވާނެއެވެ. އަދި ކައުންސިލުގެ ބައްދަލުވުމުގައި ބައިވެރިނުވެވޭ ހާލަތްތަކުގައި، އެ މެންބަރަކު ދުރާލައި އެކަން ސަބަބާއެކު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް އަންގަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް،ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ޖެހިއްޖެނަމަ، އެއަށްވުރެ ކުރު މުއްދަތެއްގެ ނޯޓިސް ލިޔުމުން ފޮނުވުމަށްފަހު، ކައުންސިލުގެ ބައްދަލުވުމެއް ބޭއްވުމަކަށް މި ގަވާއިދު ހުރަހެއްނާޅައެވެ. (އިސްލާހު ކުރެވިފައި)
(ޅ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާބެހޭ ކައުންސިލުގެ މެންބަރުން އެއްތަނަކަށް ޖަމާކޮށްގެން ބައްދަލުވުންތައް ބޭއްވެން ނެތް ހާލަތުގައި ނުވަތަ ބައްދަލުވުމުގެ ގާނޫނީ އަދަދު ހަމަނުވާ ހާލަތުގައި، މެންބަރުން އެއްތަނަކަށް ޖަމާކުރުމުގެ ބަދަލުގައި ޒަމާނީ މުއާސަލާތީ ވަސީލަތްތައް (އޯޑިއޯ ނުވަތަ ވީޑިއޯ ޕްލެޓްފޯމެއް) ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމުގެ އިހްތިޔާރު ކައުންސިލުގެ ރައީސަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުން ބޭއްވިކަމުގައި ވިޔަސް، އެ ބައްދަލުވުމެއްގެ ބާވަތަށް ބަލައި، އެ ބައްދަލުވުމަކާ ގުޅޭ ގޮތުން މި ގަވާއިދުގެ ދަށުން ފުރިހަމަކުރަންޖެހ އެންމެހައި ކަންކަން ފުރިހަމަކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(އ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބާއްވާއިރު، މެންބަރުން ބައްދަލުވުމުގައި ބައިވެރިވާންވާނީ އެ ފަރާތަށް ދެވިފައިވާ ލިންކާއި އެ ފަރާތުގެ ލޮގިން އައި.ޑީ ބޭނުންކޮށްގެންނެވެ. (އިސްލާހު ކުރެވިފައި)
(ވ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބާއްވާނީ ކޮން ވަސީލަތަކުންކަން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ކަނޑައަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(މ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބާއްވާއިރު ވޯޓު ދޭނީ އަނގަބަހުންނެވެ. އަދި ވޯޓު ދެވުނު ގޮތް ރިކޯޑުކުރެވެންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ފ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުމެއްގެ ގާނޫނީ އަދަދަކީ، ކައުންސިލުގެ ޖުމުލަ މެންބަރުންގެ %51 (ފަންސާސްއެކެއް އިންސައްތަ) އެވެ. (އިތުރު ކުރެވިފައި)
(ދ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކައުންސިލުގެ ރިޔާސަތު ބަލަހައްޓާނީ، ކައުންސިލުގެ ރައީސެވެ. ރައީސަށް ހާޒިރު ނުވެވޭޭ ނަމަ، ކައުންސިލުގެ ނައިބު ރައީސެވެ. ނައިބު ރައީސަށް ހާޒިރު ނުވެވޭ ނަމަ، އެ ބައްދަލުވުމަކަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މެންބަރެކެވެ. (އިތުރު ކުރެވިފައި)
(ތ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ރައީސާއި ނައިބު ރައީސަށް ކައުންސިލުގެ ބައްދަލުވުމަކަށް ހާޒިރުވެވެން ނެތްކަމަށް ބަލައި، މެންބަރުންގެ ތެރެއިން އެ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ކަނޑައަޅާނީ، އެ ބައްދަލުވުމެއް ފެށުމަށް ކަނޑައަޅައިފައިވާ ގަޑިއަށްވުރެ 10 (ދިހައެއް) މިނިޓު ފަހަނަޅައިދިޔުމުންނެވެ. (އިތުރު ކުރެވިފައި)
(ލ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ރައީސާއި ނައިބު ރައީސަށް ހާޒިރުނުވެވޭ ކައުންސިލުގެ ބައްދަލުވުންތަކުގައި މަށްވަރާކުރި ކަންކަމާއި، ނިންމި އެންމެހައި ކަންކަމުގެ މަޢުލޫމާތު، އެ ބައްދަލުވުމެއްގެ ރިޔާސަތު ބެލެހެއްޓި މެންބަރަކު، ކައުންސިލުގެ ރައީސާއި ނައިބު ރައީސަށް ދޭންވާނެއެވެ. (އިތުރު ކުރެވިފައި)
(ގ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުމެއް ބާއްވައިދިނުން އެދި، ކައުންސިލުގެ ޖުމުލަމެންބަރުންގެ ތިންބައިކުޅައެއްބައި މެންބަރުން އެދިއްޖެނަމަ،ކައުންސިލުގެ ރައީސް، ކައުންސިލުގެ ބައްދަލުވުމެއް ބާއްވަންވާނެއެވެ. (އިތުރު ކުރެވިފައި)
10 ވަނަ މާއްދާ - ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ މެންބަރުން ވަކިކުރުން (ސުރުހީ އާއި މުޅި މާއްދާ ކުރެވިފައި)
(ހ) ކައުންސިލުގެ މެންބަރަކު، މަގްބޫލު އުޒުރެއް ނެތި، ޖެހިޖެހިގެން 3 (ތިނެއް) ބައްދަލުވުމަށް ނުވަތަ އެކު ޖުމުލަ 5 (ފަހެއް) ބައްދަލުވުމަށް ހާޒިރު ނުވެއްޖެ ހާލަތެއްގައި ކައުންސިލުގެ މެންބަރުކަމުން ވަކިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުގެ ބާރު، މިނިސްޓަރަށް ލިބިގެންވެއެވެ.
(ށ) ކައުންސިލުގެ މެންބަރަކު، އެ ފަރާތް ނިސްބަތްވާ އިދާރާއެންމެ އެކަށީގެންވާ މިންވަރަށް ތަމްސީލު ނުކުރާކަންކައުންސިލުގެ އެހެން މެންބަރުންނަށް ފާހަގަކުރެވިއްޖެނަމަ، އެ މެންބަރަކު އައްޔަނުކޮށްފައިވާ އިދާރާއަށް އެކަން އަންގައިދިނުމަށް މިނިސްޓަރަށް ކައުންސިލުގެ މެންބަރުންނަށް އެދެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަކިކުރެވޭނީ ކައުންސިލުގެ ތިންބައިކުޅަދެބައިގެ ޢަމަލުކުރުމަށްފަހު، އެ މާއްދާގެ ދަށުން މެންބަރަކު އަޣުލަބިއްޔަތުން ނިންމައި، އެކަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން، ރައީސުލްޖުމްހޫރިއްޔާ އެކަން ބަލައިގަތުމުންނެވެ.
(ރ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ މެންބަރުންގެ ބައްދަލުވުންތަކުގެ ހާޒިރީ ބެލެހެއްޓުމާއި،ބައްދަލުވުންތަކަށް ހާޒިރުވާ މެންބަރުން ހާޒިރުވިކަމަށް ސޮއިކުރުމާއި، ބައްދަލުވުންތަކަށް ހާޒިރު ނުވެވޭ ސަބަބު ފޮނުވައިފައިވާ ނަމަ، އެ ކަންކަމުގެ އިދާރީ ބެލެހެއްޓުމުގެ ކަންކަން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ކުރަންވާނެއެވެ.
11 ވަނަ މާއްދާ - ބައްދަލުވުންތަކަށް ހުށަހެޅޭ ކަންކަމުގައި ގޮތެއް ނިންމުން
(ހ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުންތަކުގައި މަށްވަރާކުރާ ކަންކަމުގައި ގޮތެއް ނިންމާނީ، ކައުންސިލުގެ ޖުމުލަ މެންބަރުންގެ އަޣްލަބިއްޔަތުން އެ ކަމެއް ފާސްވެގެންނެވެ.
(ށ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުން ނިންމާ ނިންމުންތައް، ލިޔުމުން އެނގެން އޮންނަންވާނެއެވެ. އަދި އެ ނިންމުންތަކުގައި، އެ ނިންމުމެއް ނިންމި ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ ސޮއި އޮންނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ނިންމާ ނިންމުންތަކަށް ޢަމަލުކުރަމުންދާގޮތް ބަލައި، ކައުންސިލުގެ ނިންމުންތައް ތަންފީޒުކުރުމުގައި ދިމާވާ ދަތި ކަންތައްތައް ފާހަގަކޮށް، އެ ކަންކަން މިނިސްޓަރުގެ ސަމާލުކަމަށް ކައުންސިލުން ގެންނަންވާނެއެވެ. (އިތުރު ކުރެވިފައި)
12 ވަނަ މާއްދާ - ބައްދަލުވުންތަކުގައި ވޯޓުލުން
(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުންތަކުގައި ވޯޓުލާނީ އަތް އުފުލައިގެންނެވެ.
(ށ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުންތަކުގައި ނަގާ ވޯޓު ލުމުގައި ކައުންސިލުގެ ރިޔާސަތަށް ވޯޓު ލެވޭނެއެވެ.
(ނ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ މެންބަރުންގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެ މެންބަރަކަށް ވޯޓުލުމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
13 ވަނަ މާއްދާ - ކައުންސިލުގެ މެންބަރުންގެ މަސްލަހަތު ހިމެނޭ ކަންކަން
ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ މެންބަރެއްގެ މަސްލަހަތު ހިމެނޭ އެއްވެސް ކަމެއްގައި އެ މެންބަރަކަށް ބައިވެރިއެއް ނުވެނޭނެއެވެ.
14 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
(ހ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ އެންމެހައި ލިޔެކިޔުންތަކާއި އެހެނިހެން އެއްޗިއްސަކީ، އަދި ކައުންސިލު ބައްދަލުވުންތަކަށް ހުށަހެޅޭ އެންމެހައި މައްސަލަތަކާއި، އެ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތަކަކީ ސިއްރު ލިޔެކިޔުން ކަމުގައި ބަލަންވާނެއެވެ. ކައުންސިލުގެ މެންބަރަކު އެފަދަ މައުލޫމާތެއް ކޮމިޓީގެ ނިންމުމަކާ ނުލައި، އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.
(ށ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ މެންބަރަކަށް ދޭ އެއްވެސް މައުލޫމާތެއް އަމިއްލަ މަގްސަދެއް ހާސިލުކުރުމަށް ނުވަތަ އެހެން ފަރާތަކަށް ފައިދާ ހޯދައިދިނުމަށް ނުވަތަ ގެއްލުމެއް ދިނުމަށް ބޭނުންކޮށްގެން ނުވާނެއެވެ.
15 ވަނަ މާއްދާ - ބައްދަލުވުންތަކުގެ އެޖެންޑާ
(ހ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ކޮންމެ ބައްދަލުވުމެއްގައި ވެސް އެޖެންޑާއެއް އޮންނަންވާނެއެވެ. އެ އެޖެންޑާ ކަނޑައަޅާނީ، ކައުންސިލުގެ ރައީސާއި އެހެން މެންބަރުންގެ މަށްވަރާގެ މަތީން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިންނެވެ. (އިސްލާހު ކުރެވިފައި)
(ށ) ކުޑަކުދިންގެ ހައްގުތައް ރައް ކައުތެރި ކުރުމާ ބެހޭ ކައުންސިލުގައި ހިމެނ ނުވަތަ ތަމްސީލުކުރާ އިދާރާއަކުން ކައުންސިލަށް ވަކިކަމެއް ހުށަހަޅަން ބޭނުންވާނަމަ، އެ ފަރާތް ތަމްސީލުކުރާ ކައުންސިލުގެ މެންބަރަކު މެދުވެރިކޮށް، އެ ކަމެއް ކައުންސިލަށް ހުށަހެޅިދާނެއެވެ. (އިސްލާހު ކުރެވިފައި)
16 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ޔައުމިއްޔާ ބެލެހެއްޓުން
(ހ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި އެ ޔައުމިއްޔާއާ ގުޅޭ ލިޔެކިޔުންތައް ކައުންސިލުގެ މެންބަރުންނަށް ފޮނުވައިގެން ފާސްކުރުމުގެ ކަންކަން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ބަލަހައްޓަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ، ކައުންސިލުގެ ބައްދަލުވުމުގައި
ބައިވެރިވި މެންބަރުން ސޮއިކޮށް ފާސްކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) ކުޑަކުދިންގެ ހައްގުތައް ރައް ކައުތެރި ކުރުމާ ބެހޭ ކައުންސިލުން ފާސްކުރާ، ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ. (އިސްލާހު ކުރެވިފައި)
16-1 ވަނަ މާޢްދާ - މެންބަރުންގެ އެލަވަންސް (އިތުރު ކުރެވިފައި)
ކައުންސިލުގެ މެންބަރުން ހާޒިރުވާ ބައްދަލުވުންތަކަށް އެލަވަންސެއް ކަނޑައަޅަންވާނެއެވެ. މި އެލަވަންސް ކަނޑައަޅާނީ، ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގެ ހުއްދަ ހޯދުމަށްފަހު، މިނިސްޓަރެވެ.
17 ވަނަ މާއްދާ - އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
18 ވަނަ މާއްދާ – މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައި އެވާ މާނަކުރުމެވެ.
(ހ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމުގެ މަސްއޫލިއްޔަތު އެ އިރަކު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ނ) "ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ ގާނޫނު) ގެ 60 ވަނަ މާއްދާގެ ދަށުން ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމަށާއި، އެހީތެރިކަމާއި އަޅައިލުން ބޭނުންވެފައިވާ ކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް ޓަކައި ހާއްސަވެގެން މަސައްކަތްކުރުމަށް އެކުލަވައިލައިފައިވާ އިދާރާއަށެވެ. (އިތުރު ކުރެވިފައި)
މައި ގަވާއިދު
ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-71)
މި ގަވާއިދަށް ގެނެވުނު އިސްލާހު
މައި ގާނޫނު
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-19)
ކިޔުންތެރިންގެ ހިޔާލު