-

ބިންވެރިޔާ ސްކީމު ގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2022-19)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅައިފައިވާ ސިޔާސަތުގެ ދަށުން، "ގެދޮރުވެރިން" މި ނަމުގައި ކުރިޔަށްގެންދާ ޕްރޮގްރާމުގެ ތެރެއިން، މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ޓަކައި ހިންގާ "ބިންވެރިޔާ ސްކީމް" ގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ޓަކައި،ކަނޑައަޅައިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކީ، މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ޓަކައި ހިންގާ "ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ދޫކުރުމުގެ ކަންކަން އިންތިޒާމުކޮށް ހިންގަނީ ކަނޑައެޅިފައިވާ ހަމަތަކެއްގެ މަތީން، ވީހާވެސް ގިނަ ބަޔަކަށް ގޯތި ލިބުމުގެ ފުރުސަތު ފަހިވާގޮތަށްކަން ކަށަވަރު ކުރުމެވެ.

 

3 ވަނަ މާއްދާ - ގޯތި ހޯދުމަށް އެދޭ މީހުންގެ ށަރުތުތައް 

މި ސްކީމުގެ ދަށުން ގޯތި ހޯދުމަށް އެދޭ މީހުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ހުންނަންވާނެއެވެ.

(ހ) މާލޭގެ ރައްޔިތެއް ކަމުގައި ވުން.

(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުން.

(ނ) މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި) ގައި ތިމާގެ އަމިއްލަ ނަމުގައި 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ރަޖިސްޓަރީވެފައި ނެތުން.

(ރ) މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި) ގައި ތިމާގެ އަމިއްލަ ނަމުގައި 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ބިމެއް ރަޖިސްޓަރީވެފައިވާނަމަ، އެ ތަނެއް،މި އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވާ ފަރާތެއް ކަމުގައި ވުން.

(ބ) ސަރުކާރުން ހިންގައިފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް މިހައިތަނަށް ލިބިފައިވާ މީހަކު ކަމުގައި ނުވުން.

(ޅ) މާލެ ސަރަހައްދުން ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން ލިބެންއޮންނަ ބޯހިޔާވަހިކަން،މި އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވާ ފަރާތެއް ކަމުގައި ވުން.

(ކ) މާލެ ސަރަހައްދުގައި އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީ ފައިވާ،ނުވަތަ ދޫކޮށްލައިފައިވާ، ނުވަތަ ވިއްކައިލައިފައިވާ ފަރާތަކަށް ނުވުން.

 

4 ވަނަ މާއްދާ - ގޯއްޗަށް އެދި ހުށަހެޅުން 

މި ސްކީމުން ގޯތި ހޯދުމަށް އެދި ވަކި ފަރުދަކަށް އެޕްލިކޭށަން ހުށަހެޅިދާނެއެވެ. އަދި އެކަކަށްވުރެ ގިނަ މީހުން އެކުވެގެން ޖޮއިންޓް އެޕްލިކޭށަނެއް ވެސް ހުށަހެޅިދާނެއެވެ.

 

5 ވަނަ މާއްދާ - ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުން 

(ހ) ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށް ޓަކައި، ފޯމުތައް އިވެލުއޭޓް ކުރުމުގެ ބޭނުމަށް، މި އުސޫލުގެ 6 ވަނަ މާއްދާގައިވާ ތާވަލާ އެއްގޮތަށް އެކިއެކި ކެޓަގަރީތަކަށް ފޯމުތައް ބަހައިލެވޭނެއެވެ. އެހެން ނަމަވެސް، އެ ކެޓަގަރީތަކަކީ ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އިސްކަންދޭނެ ތަރުތީބެއް ނޫނެވެ.

(ށ) ގޯތި ދިނުމުގައި ބަލާނީ، ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ މާލެ ސަރަހައްދުގައި ހުރި ބޯހިޔާވަހިކަމަށާއި، އެ ފަރާތްތަކުގެ އާމްދަނީއަށާއި، އާއިލާގެ ހާލަތަށެވެ.

(ނ) މި އުސޫލުގެ ބޭނުމަށް މާލޭގެ ރައްޔިތުންގެ ގޮތުގައި ކަނޑައަޅައިފައި ނުވާ މީހުންގެ ދަރިންގެ ތެރެއިން މާލޭގެ ދަފު ތަރުގައި ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް ހާއްސަކުރާނީ، މި އުސޫލުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކެޓަގަރީ (C1) އަށް ކަނޑައަޅާ ގޯތީގެ އަދަދުގެ %20 (ވިހި އިންސައްތަ) އާ ހަމައަށެވެ.

 

6 ވަނަ މާއްދާ - ފޯމުތައް ބަހައިލާނެ  ކެޓަގަރީތައް

ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށް ޓަކައި، އިވެލުއޭޓް ކުރުމުގެ ބޭނުމަށް އަންނަނިވި ކެޓަގަރީތަކަށް ފޯމުތައް ބަހައިލެވޭނެއެވެ.

 

C1 ތިމާގެ ނަމުގައި މާލެ ސަރަހައްދުން އެއްވެސް ވަރެއްގެ ބިމެއް ނެތް އަދި ވާރުތައިން ވެސް މާލެ ސަރަހައްދުން އެއްވެސް ވަރެއްގެ ބިމެއް ލިބެން ނެތް ފަރާތްތައް.

C2 ތިމާގެ ނަމުގައި މާލެ ސަރަހައްދުގައި އެއްވެސް ވަރެއްގެ ބިމެއް ނެތް ނަމަވެސް، މާލެ ސަރަހައްދުން ވާރުތައިން 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ކުޑަ ބިމެއް ލިބެން އޮންނަ ފަރާތްތައް.

C3 ތިމާގެ ނަމުގައި މާލެ ސަރަހައްދުގައި އެއްވެސް ވަރެއްގެ ބިމެއް ނެތް ނަމަވެސް، މާލެ ސަރަހައްދުން ވާރުތައިން 600 (ހަސަތޭކަ) އަކަފޫޓާއި 1،000 (އެއްހާސް) އަކަފޫޓާ ދެމެދުގެ ބިމެއް ލިބެން އޮންނަ ފަރާތްތައް.

C4 ތިމާގެ ނަމުގައި މާލެ ސަރަހައްދުގައި 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮތް، މާލެ ސަރަހައްދުން ވާރުތައިން އެއްވެސް ވަރެއްގެ ބިމެއް ލިބެން ނެތް ފަރާތްތައް.

C5 ތިމާގެ ނަމުގައި މާލެ ސަރަހައްދުގައި 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮންނަ އަދި މާލެ ސަރަހައްދުން ވާރުތައިން 600( ހަސަތޭކަ( އަކަފޫޓަށްވުރެ ކުޑަ ބިމެއް ލިބެން އޮންނަ ފަރާތްތައް.

C6 ތިމާގެ ނަމުގައި މާލެ ސަރަހައްދުގައި 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮންނަ އަދި މާލެ ސަރަހައްދުން ވާރުތައިން 600 (ހަސަތޭކަ) އަކަފޫޓާއި 1،000 (އެއްހާސް) އަކަފޫޓާ ދެމެދުގެ ބިމެއް ލިބެން އޮންނަ ފަރާތްތައް.

 

7 ވަނަ މާއްދާ - ކެޓަގަރީތަކުގެ ތެރޭގައި އިސްކަންދޭނެ ތަރުތީބު

ކޮންމެ ކެޓަގަރީއެއްގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ އަންނަނިވި ތަރުތީބަށް އިސްކަންދީގެންނެވެ. 

 

އިސްކަންދޭނެ ތަރުތީބު 

1

2

3

 މުޅި އާއިލާ  އާއިލާގެ މެންބަރުންގެ ތެރެއިން 1
އަށްވުރެ ގިނަ
އެކަނި 
ގޯތީގެ ހުރިހާ ބެހެނިވެރިން  ގޯތީގެ ބެހެނިވެރިންގެ ތެރެއިން 1
އަށްވުރެ ގިނަ މީހުން 
އެކަނި

 

 

8 ވަނަ މާއްދާ - ގޯތި ލިބޭނެ ބޮޑުމިން ކަނޑައެޅުން

(ހ) ކޮންމެ އެޕްލިކޭށަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1،250 (އެއްހާސް ދުއިސައްތަ ފަންސާސް) އަކަފޫޓެވެ.

(ށ) ޖޮއިންޓް އެޕްލިކޭށަނެއް (އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭށަނެއް) ނަމަ، އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 (ހަތަރުސަތޭކަ) އަކަފޫޓު، ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެއެވެ.

(ނ) 7 (ހަތެއް) މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭށަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭށަނަށް ލިބޭނީ، ޖުމުލަ  4،000 (ހަތަރުހާސް) އަކަފޫޓެވެ.

 

8 ވަނަ މާއްދާގެ (ހ) އާއި (ށ)( އާއި (ނ) އާ ގުޅޭ ތާވަލު

އެޕްލިކޭށަނުގައި ހިމެނޭ މީހުންގެ ޖުމުލަ އަދަދު   ލިބޭ ގޯތީގެ ބޮޑުމިން
1. 1،250
2. 1،650
3. 2،050
4. 2،450
5. 2،850
6. 3،250
7. 3،650
7 މީހުންނަށް ވުރެ އިތުރު  4،000

 

9 ވަނަ މާއްދާ - ޖޮއިންޓް އެޕްލިކޭށަނުގެ ބައިވެރީން

(ހ) މި ސްކީމުގެ ދަށުން، ޖޮއިންޓް އެޕްލިކޭށަނުގައި، މައި އެޕްލިކަންޓާއެކު ކޯ-އެޕްލިކަންޓުންގެގޮތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ ކިބައިގައި، މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ށ) ޖޮއިންޓް އެޕްލިކޭށަނުގައި ބައިވެރިވެވޭނީ އަންނަނިވި ފަރާތްތަކަށެވެ.

  1. އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓަރީވެފައި އޮންނަ ގޯތީގެ ބެހެނިވެރިން )(ޓައިޓްލް ހޯލްޑަރސް).
  2. މަންމަ، ބައްޕަ، ދެމަފިރިން، ދަރިން، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާމީހުން.

 

10 ވަނަ މާއްދާ - ދޫކޮށްލާ ބިމާމެދު އަމަލުކުރާނެ ގޮތް

(ހ) ތިމާގެ ނަމުގައި އެކަނި ރަޖިސްޓަރީކޮށްފައި އޮންނަ ބިން ދޫކޮށްލުމުން، އެ ބިން ލިބޭނީ، މި ސްކީމް ހިންގާ ފަރާތަށެވެ. އަދި އެ ބިމާމެދު އަމަލުކުރާނީ، މި ސްކީމް ހިންގާ ފަރާތުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

(ށ) އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓަރީކޮށްފައި އޮންނަ ބިމަކުން މީހަކު ނުވަތަ ބަޔަކު ދޫކޮށްލާ ބައި ލިބޭނީ، އެ ބިމުން ދެން ލިބެންތިބި ބެހެނިވެރިންނަށެވެ.

 

11 ވަނަ މާއްދާ - މާނަކުރުން

މާނަކުރުން 11 .މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ބޭނުމަށް ޓަކައި، ގޯތީގެ ބޮޑުމިން ނުވަތަ ބޯހިޔާވަހިކަމުގެ ބޮޑުމިން ބަލާނީ، އަދި، މި އުސޫލުގެ ދަށުން އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ހ) "މާލޭގެ ރައްޔިތެއް" ކަމުގައި ބަލާނީ، އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓަރީގައި ޖެހިފައި ނުވާ މީހުންނެވެ. ނަމަވެސް، އެ މީހެއްގެ މަންމައަކީ ނުވަތަ ބައްޕައަކީ މާލޭގެ ރައްޔިތެއް ކަމަށް ވެފައި، ސަރުކާރުން ހިންގައިފައިވާ ސިޔާސަތެއްގެ ސަބަބުން ނުވަތަ ކަނޑައަޅައިފައިވާ ގަވާއިދެއްގެ ސަބަބުން ނުވަތަ އުސޫލެއްގެ ސަބަބުން ކުރިން އެހެން ތަނެއްގެ ރަޖިސްޓަރީގައި ޖެހުމަށްފަހު، މިހާރު މާލޭގެ ރައްޔިތެއްގެ ގޮތުގައި އެ މީހަކު ރަޖިސްޓަރީވެފައި ވާނަމަ، އެފަދަ މީހުން ބަލާނީ މާލޭގެ ރައްޔިތުންގެ ގޮތުގައެވެ. (އިސްލާހު ކުރެވިފައި)

(ށ) އުމުރު ގުނުމުގައި ބަލާނީ، މި ސްކީމަށް ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވާ ތާރީހަށެވެ.

(ނ) އެކަކަށްވުރެ ގިނަ މީހުންގެ މެދުގައި ރަޖިސްޓަރީކޮށްފައި އޮންނަ ގޯތި/ބޯހިޔާވަހިކަމުގެ ބޮޑުމިން ބަލާނީ، ރަޖިސްޓަރީވެފައިވާ މީހުންގެ މެދުގައި ބަހައިލުމުން، އެ މީހަކަށް ޖެހޭ އަކަފޫޓަށެވެ.

(ރ) "ބެހެނިވެރިން" ކަމުގައި ބަލާނީ، ބިން ރަޖިސްޓަރީވެފައިވާ މީހުންނެވެ.

(ބ) "މުޅި އާއިލާ" ކަމަށް ބަލާނީ، އިމީޑިއަޓް ފެމިލީ (މަންމައާއި، ބައްޕައާއި، ދަރިން) އެވެ.

 

12 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި އުސޫޅު

ބިންވެރިޔާ ސްކީމު ގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު (އުސޫލު ނަންބަރު 2022-19)

 

މި އުސޫލަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު/ގަވާއިދު

ނެތް

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު