-

ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީގޮތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2019-1002)

(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދާކީ، ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށުގައި ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީ ގޮތް ކަނޑައެޅުމަށްޓަކައި ގާނޫނު ނަންބަރު 4/2017 (އިމާރާތްކުރުމުގެ ގާނޫނު) ގެ 95 މާއްދާގެ (ހ) ގެ 12 ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، އަންނަނިވި ކަންތައްތައް ހާސިލުކުރުމެވެ.

(ހ) ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތްކުރެވޭ އުސްމިން ކަނޑައެޅުމުގައި ގެންގުޅޭނެ މިންގަނޑުތައް ކަނޑައެޅުން؛

(ށ) ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތްތަކަކީ ރައްކައުތެރި، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދޭގޮތަށް ފަރުމާކޮށްފައިވާ އި މާރާތްތަކަކަށް ހެދުން؛ އަދި

(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތަކާ ހިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކުރުމާއި، ފިޔަވަޅުއަޅާނެ ފަރާތްތައް ކަނޑައަޅައި ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރާ ފަރާތް

މި ގަވާއިދު ތަންފީޒުކުރާނީ، އިމާރާތްކުރުމާ ގުޅޭ ސިޔާސަތު ތައް ތަންފީޒުކުރުމުގެ ޒިންމާ އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިންނާއި، އިމާރާތްކުރުމާ ގުޅޭ އެކިއެކި ހުއްދަ ދިނުމަށް މިނިސްޓްރީން ކަނޑައަޅާ އިދާރާތަކުންނެވެ.

 

4 ވަނަ މާއްދާ - ގަވާއިދަށް އަމަލު ކުރަން ފަށާތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

 

5 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ހިމެނިފައިވާގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު، މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ނ) "ފަޅު" ކަމަށް ބުނެފައި އެވަނީ، އެ ރަށްރަށުގެ ހޭޅިފަށުން ފެށިގެން ފަރުގެ ބޭރުކައިރިޔާ ހަމަޔަށް އޮންނަ ސަރަހައްދު ނުވަތަ ފަރާއި ގިރީގެ ވަށައިގެންވާ ސަރަހައްދަށެވެ.

(ރ) "ސިޓީ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުން ސިޓީއެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ރަށެއް ނުވަތަ އިދާރީ ދާއިރާއަކަށެވެ.

(ބ) "ޑިވެލޮޕްމަންޓް ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރެވޭ ތަނަށް ކަނޑައަޅާ ޕްލޭނިންގ މިންގަނޑުތަކެވެ.

(ޅ) "ގޯތި" ކަމަށް ބުނެފައި އެވަނީ، ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯއްޗަށެވެ.

(ކ) "މަގު" ކަމަށް ބުނެފައި އެވަނީ، އިމާރާތަށް ވަދެ ނުކުތުމަށް އޮންނަ މައި މަގަށް ނުވަތަ ގޯޅިއަށް ނުވަތަ ގޯއްޗާ އިންވެގެން އޮންނަ މަގުތަކުގެ ތެރެއިން ފުޅާމަގަށް ނުވަތަ ބަހައިފައިވާ ގޯއްޗަށް ވަންނަން އޮންނަ މަގަށެވެ.

(އ) "މަގުގެ ފުޅާމިން" ކަމުގައި ބުނެފައި އެވަނީ، އިމާރާތްކުރުމަށް ހުއްދަދެވޭ ތަނުގެ ކުރިމަތިން، އެތަން ހިމެނޭ ގޯތީގެ މަގުގެ އިމުން ފެށިގެން އެ މަގުގެ އަނެއް ފަރާތުގައި  އޮންނަ ގޯތި ނުވަތަ ތަނުގެ މަގުމަތީ އިމާ ހަމަޔަށެވެ.

(ވ) "އިމާރާތުގެ ފުޓްޕްރިންޓް" ކަމަށް ބުނެފައި އެވަނީ، ތިރީބުރީގައި އިމާރާތް ނުކޮށް ދޫކޮށްފައިވާ ހުސް ޖާގަ ނުހިމަނައި، ތިރީބުރި ހިމެނޭ ބިމުގެ ބޮޑުމިން (އޭރިޔާ) އެވެ.

(މ) "އިމާރާތުގެ ވިޑްތް ކޮއިފިށަންޓް" ކަމަށް ބުނެފައި އެވަނީ، އިމާރާތުގެ ބޭރުން ބޭރަށް ހުންނަ ސީދާ އެންމެ ދިގުމިން، އިމާރާތުގެ ބޮޑުމިން (އޭރިޔާ) އިން ގެއްލުމުން ލިބޭމިނަށެވެ.

 

  1. މި މާއްދާގައިވާ ހިސާބުތައް ހަދާނީ މީޓަރުންނެވެ. ނަމަވެސް އިމާރާތުގެ ބޮޑުމިން (އޭރިޔާ) ބަޔާންކުރާނީ ސްކެއަރ މީޓަރުންނެވެ.
  2. ގޯއްޗެއްގެ ނުވަތަ ތަނެއްގެ މިންތައް ހުރިގޮތުން އިމާރާތުގެ ވިޑްތް ކޮއިފިށަންޓް ނުހޯދޭނަމަ، އެފަދަ ގޯއްޗެއްގެ ނުވަތަ ތަނެއްގެ ވިޑްތް ކޮއިފިށަންޓާއި އެ ގޯއްޗެއް ނުވަތަ ތަނެއްގައި އިމާރާތްކުރެވޭނެ އެންމެ އުސްމިން ކަނޑައަޅާނީ މިނިސްޓްރީއިންނެވެ.

(ފ) "ހުޅުވުން" ކަމަށް ބުނެފައި އެވަނީ، ކުޑަދޮރު، އާނގަފަދަ ހުޅުވުން ތަކަށެވެ. ހަމައެކަނި އަލިވެއްދުމަށް ހުންނަ ގްލާސް ބްލޮކް ނުވަތަ ނުހުޅުވޭގޮތަށް ބިއްލޫރި ޖަހައިފައި ހުންނަ ތަންތަނާއި ދަމާދޮރާއި ކުޑަދޮރު (ސްލައިޑިންގ ޑޯރ އެންޑް ވިންޑޯރ) ގެ ނުހުޅުވޭ ބައި މީގެ ތެރެޔަކު ނުހިމެނޭނެއެވެ.

(ދ) "ބިލްޑިންގ ކޯޑު" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގައި ގެންގުޅެންވީ މިންގަނޑުތައް ބަޔާންކޮށް އެކުލަވަ އިލެވޭ ގަވާއިދަށެވެ.

(ތ) "ކޮމްޕްލައިންސް ޑޮކިއުމަންޓް" ކަމަށް ބުނެފައި އެވަނީ، ބިލްޑިންގ ކޯޑުގެ ދަށުން އެކުލަވައިލެވޭ، އިމާރާތްކުރުމާ ގުޅޭ އުސޫލުތަކާއި މިންގަނޑުތައް ހިމެނިފައިވާ ލިޔެކިޔުންތަކަށެވެ.
(ލ) "ރޭމްޕް" ކަމަށް ބުނެފައި އެވަނީ، އުސް ތަނަކުން އަރައިފައިބަން ބޭނުންކުރާ ކަތި ތަޅުންގަޑަށެވެ.

(ގ) "އިމާރާތްކުރުމުގެ ގާނޫނު" ނުވަތަ "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަން ބަރު 4/2017 (އިމާރާތްކުރުމުގެ ގާނޫނު) އާއި އެ ގާނޫނަށް ގެނެވޭ އި ސްލާހުތަކަށެވެ.

 

ދެވަނަ ބާބު

އިމާރާތްކުރުމުގައި އަމަލުކުރަންވީ ގޮތް

 

6 ވަނަ މާއްދާ - ދެވަނަ ބާބު އިމާރާތްކުރުމުގައި އަމަލުކުރަންވީ ގޮތް 

(ހ) ތިރީގައިވާ ހާލަތްތަކުގައި އިމާރާތް ފަރުމާކުރަންވާނީ މިނިސްޓްރީން ޑިވެލޮޕްމަންޓް ކޮންޓްރޯލް ހޯދުމަށްފަހު، މިނިސްޓްރީން ކަނޑައަޅާ ޑިވެލޮޕްމަންޓް ކޮންޓްރޯލާ އެއްގޮތަށެވެ. (އިސްލާހު ކުރެވިފައި)

  1. މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ސިޓީގެ ގޮތުގައި ކަނޑައަޅައިފައިވާ ރަށްތައް ފިޔަވައި އެހެން ރަށްތަކުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރު ނުވަތަ 100 (އެއްސަތޭކަ ފޫޓު) އަށްވުރެ އުސްކޮށް އިމާރާތް ކުރުމަށް؛ (އިސްލާހު ކުރެވިފައި)
  2. އެކިއެކި ބޭނުމަށް ސަރުކާރުން ތަރައްގީ ކުރުމަށް ދޫކުރާ ބިންބިމުގައި އިމާރާތްކުރުމަށް؛
  3. ސިނާއީ ސަރަހައްދުގެ ގޮތުގައި ނުވަތަ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި ކަނޑައަޅައިފައިވާ ބިމުގައި އިމާރާތްކުރުމަށް؛
  4. މީހުން ދިރިއުޅޭ ރަށްތައް ފިޔަވައި އެހެނިހެން ރަށްތަކުގައި އިމާރާތް ކުރުމަށް؛
  5. ފަޅުތަކުގައި އިމާރާތްކުރުމަށް؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިވެލޮޕްމަންޓް ކޮންޓްރޯލުގައި ހިމެނޭ ނީ އިމާރާތުގެ އުސްމިން، ހުސްޖާގަ، ޕާކިންގ ފަދަ ކަންކަމަށް ކަނޑައިޅައިފައިވާ މިންގަނޑުތަކެވެ.

(ނ) މި މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މީހުން ދިރިއުޅުމަށް ނޫން ބޭނުންތަކަށް ދޫކުރާ ރަށްރަށުގައި އެތަން ބެލެހެއްޓުމަށްޓަކައި މީހަކު ބެހެއްޓުމަށް ނުވަތަ އެ ރަށެއް ދޫކޮށްފައިވާ ބޭނުމާ ގުޅޭ ތަކެތި ބެހެއްޓުމަށް 6 (ހައެއް) މީޓަރަށް ވުރެ ތިރިކޮށް، 1200 (އެއްހާސް ދުއިސައްތަ) އަކަފޫޓަށްވުރެ ތަޅުމުގެ ޖުމްލަ އޭރިޔާ ބޮޑުނުވާވަރަށް، ފުރާޅަކުން ހިޔާކުރެވޭ 1 (އެކެއް) ބުރީގެ އިމާރާތް، މިނިސްޓްރީން ކަނޑައަޅާ ޑިވެލޮޕްމަންޓް ކޮންޓްރޯލާ އެއްގޮތަށް ހުރުން ލާޒިމެއް ނޫނެވެ.

 

6-1 ވަނަ މާއްދާ - މީހުން ދިރިއުޅޭ ރަށްރަށުގައި އިމާރާތްކުރެވޭނެ އެންމެ އުސްމިން ކައުންސިލުން ކަނޑައެޅުން (އިތުރު ކުރެވިފައި)

(ހ) މީހުން ދިރިއުޅޭ ރަށްރަށުގެ ކައުންސިލުން، އެ ރަށެއްގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިން، 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރަށް ވުރެ އުސްނުވާނެ ގޮތަށް ކަނޑައެޅިދާނެއެވެ. މިގޮތުން އެއްވެސް ރަށެއްގެ ރަށު ކައުންސިލުން ނިންމުމެއް ނިންމައިފިނަމަ، އެ ނިންމުމަކަށް އަމަލުކުރަން ފެށޭނެ ތާރީހު އެނގޭގޮތަށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ. އަދި އެ ނިންމުމެއް މިނިސްޓްރީއަށް ލިޔުމުން ހިއްސާކުރަންވާނެއެވެ. 

 

7 ވަނަ މާއްދާ - އިމާރާތްކުރުން

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ތަންތަނުގެ އިމާރާތް ފަރުމާކުރުން ފިޔަވައި، އެހެން އިމާރާތްތައް ފަރުމާކޮށް އިމާރާތްކުރަންވާނީ މި ގަވާއިދުގައިވާ ކަނޑައަޅައިފައިވާ ޕްލޭނިންގ މިންގަނޑުތަކަށް ފެތޭގޮތަށެވެ.

(ށ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޑިވެލޮޕްމަންޓް ކޮންޓްރޯލުގައި، އިމާރާތްކުރުމުގައި ބަލަންވީ ހަމަތަކާއި މިންގަނޑުތައް ކަނޑައެޅިގެން ބަޔާންކޮށްފައިވާނަމަ، އިމާރާތް ފަރުމާކުރުމުގައި އެ މިންގަނޑުތަކަށް ބަލަންވާނެއެވެ.

(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތަކާއި، އިމާރާތްކުރުމާ ގުޅޭ އެހެން ކަންކަމުގައި އަމަލުކުރާނީ، އި މާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި އެކަންކަން ކުރަން ބަޔާންކޮށްފަ އިވާ ގޮތަށެވެ.

 

ތިންވަނަ ބާބު

ދިރިއުޅުމަށް ދޫކުރާ ގޯތީގައި ހަދާ އިމާރާތެއް އިމާރާތްކުރެވޭނެ އުސްމިން

 

8 ވަނަ މާއްދާ - ސިޓީ ފިޔަވައި އެހެން ރަށްތަކުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި އިމާރާތްކުރެވޭނެ އުސްމިން

މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ސިޓީގެ ގޮތުގައި ކަނޑައަޅައިފައިވާ ރަށްތައް ފިޔަވައި އެހެން ރަށްތަކުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއްގައި ހަދާ އިމާރާތެއް އިމާރާތް ކުރާއިރު، ދުވާރުން ފެށިގެން ރޫފްބީމުގެ ނުވަތަ ޓެރަސް ސްލެބުގެ ނުވަތަ ޑެކުގެ މަތީކައިރިޔާ ހަމައަށް އިމާރާތް ކުރެވޭނެ އުސްމިން ކަނޑައަޅާނީ، މި ގަވާއިދުގެ 1-6 ވަނަ މާއްދާއާ ފުށުނާރާގޮތަށް، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.  (އިސްލާހު ކުރެވިފައި)

(ހ) އިމާރާތުގެ ފުޓްޕްރިންޓް 100 (އެއްސަތޭކަ) އަކަފޫޓަށްވުރެ ކުޑަނަމަ ނުވަތަ އިމާރާތުގެ ވިޑްތް ކޮއިފިށަންޓް 1.829 (އެކެއް ޕޮއިންޓް އަށެއް ދޭއް ނުވައެއް) މީޓަރު ނުވަތަ 6 (ހަޔެއް) ފޫޓަށް ވުރެ ހަނިނަމަ، 1 (އެކެއް) ބުރި ނުވަތަ 6 (ހަޔެއް) މީޓަރަށް ވުރެ އުސްކޮށް އިމާރާތެއް ނުކުރެވޭނެއެވެ.

(ށ) އިމާރާތުގެ ފުޓްޕްރިންޓުގެ ބޮޑުމިން 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ކުޑަނަމަ، އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 10.5 (ދިހައެއް ޕޮއިންޓް ފަހެއް) މީޓަރު ނުވަތަ 34.449 (ތިރީސް ހަތަރެއް ޕޮއިންޓް ހަތަރެއް ހަތަރެއް ނުވައެއް) ފޫޓެވެ.

(ނ) (ނ) އިމާރާތަށް ވަދެނުކުތުމަށް އޮންނަ މަގު ނުވަތަ ގޯޅީގެ ފުޅާމިނުގައި 1.828 (އެކެއް ޕޮއިންޓް އަށެއް ދޭއް އަށެއް) މީޓަރު ނުވަތަ 6 (ހައެއް) ފޫޓު ހަމަނުވާނަމަ، އިމާރާތުގެ ފުޓްޕްރިންޓުގެ ބޮޑުމިނުގައި 600 (ހަސަތޭކަ) އަކަފޫޓު ހަމަވިޔަސް، ނުވަތަ 600 (ހަސަތޭކަ) އަކަފޫޓަށް ވުރެ ބޮޑަސް، 1000 (އެއްހާސް) އަކަފޫޓު ހަމަނުވާނަމަ، އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 12.5 (ބާރަ ޕޮއިންޓް ފަހެއް) މީޓަރު ނުވަތަ 41.010 (ސާޅީސް އެކެއް ޕޮއިންޓް ސުމެއް އެކެއް ސުމެއް) ފޫޓެވެ. (އިސްލާހު ކުރެވިފައި)

(ރ) އިމާރާތަށް ވަދެނުކުތުމަށް އޮންނަ މަގުގެ ފުޅާމިނުގައި ނުވަތަ ގޯޅީގެ ފުޅާމިނުގައި މަދުވެގެން 1.828 (އެކެއް ޕޮއިންޓް އަށެއް ދޭއް އަށެއް) މީޓަރު ނުވަތަ 6 (ހައެއް) ފޫޓު ހަމަވާނަމަ، އިމާރާތުގެ ފުޓްޕްރިންޓުގެ ބޮޑުމިނުގައި 600 (ހަސަތޭކަ) އަކަފޫޓު ހަމަވިޔަސް، ނުވަތަ 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑަސް، 1000 (އެއްހާސް) އަކަފޫޓު ހަމަނުވާނަމަ، އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރު ނުވަތަ 60.696 (ފަސްދޮޅަސް ޕޮއިންޓް ހައެއް ނުވައެއް ހައެއް) ފޫޓެވެ. (އިތުރު ކުރެވިފައި)

(ބ) އިމާރާތުގެ ފުޓްޕްރިންޓުގެ ބޮޑުމިނުގައި 1000 (އެއްހާސް) އަކަފޫޓު ހަމަވާނަމަ، ނުވަތަ 1000 (އެއްހާސް) އަކަފޫޓަށްވުރެ ބޮޑުނަމަ، އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ، 24.5 (ސައުވީސް ޕޮއިންޓް ފަހެއް) މީޓަރު ނުވަތަ 80.381 (އަށްޑިހަ ޕޮއިންޓް ތިނެއް އަށެއް އެކެއް) ފޫޓެވެ. މި ހާލަތުގައި އިމާރާތަށް ވަދެނުކުތުމަށް އޮންނަ މަގުގެ ފުޅާމިނުގައި ނުވަތަ ގޯޅީގެ ފުޅާމިނުގައި މަދުވެގެން 4.572 (ހަތަރެއް ޕޮއިންޓް ފަހެއް ހަތެއް ދޭއް) މީޓަރު ނުވަތަ 15 (ފަނަރަ) ފޫޓު ހުންނަންވާނެއެވެ. (އިތުރު ކުރެވިފައި)

(ޅ) އިމާރާތުގެ ފުޓްޕްރިންޓުގެ ބޮޑުމިނުގައި 2000 (ދެހާސް) އަކަފޫޓު ހަމަވާ ނަމަ، ނުވަތަ 2000 (ދެހާސް) އަކަފޫޓަށްވުރެ ބޮޑު ނަމަ، އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރު ނުވަތަ 100 (އެއްސަތޭކަ) ފޫޓެވެ. އަދި މި ހާލަތުގައި އިމާރާތަށް ވަދެނުކުތުމަށް އޮންނަ މަގުގެ ފުޅާމިނުގައި ނުވަތަ ގޯޅީގެ ފުޅާމިނުގައި މަދުވެގެން 6.096 (ހައެއް ޕޮއިންޓް ސުމެއް ނުވައެއް ހައެއް) މީޓަރު ނުވަތަ 20 (ވިހި) ފޫޓު ހުންނަންވާނެއެވެ. (އިތުރު ކުރެވިފައި)

 

9 ވަނަ މާއްދާ - ސިޓީތަކުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި އިމާރާތްކުރެވޭނެ އުސްމިން

މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ސިޓީގެ ގޮތުގައި ކަނޑައަޅައިފައިވާ ރަށްތަކުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއްގައި ހަދާ އިމާރާތެއް އިމާރާތް ކުރާއިރު، ދުވާރުން ފެށިގެން ރޫފްބީމުގެ ނުވަތަ ޓެރަސް ސްލެބުގެ ނުވަތަ ޑެކުގެ މަތީކައިރިޔާ ހަމައަށް އިމާރާތް ކުރެވޭނެ އުސްމިން ކަނޑައަޅާނީ، މި ގަވާއިދުގެ 1-6 ވަނަ މާއްދާއާ ފުށުނާރާގޮތަށް، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.  (އިސްލާހު ކުރެވިފައި)

(ހ) އިމާރާތުގެ ފުޓްޕްރިންޓް 100 (އެއްސަތޭކަ) އަކަފޫޓަށް ވުރެ ކުޑަނަމަ ނުވަތަ އިމާރާތުގެ ވިޑްތް ކޮއިފިށަންޓް 1.829 (އެކެއް ޕޮއިންޓް އަށެއް ދޭއް ނުވައެއް)
މީޓަރު ނުވަތަ 6 (ހަޔެއް) ފޫ ޓަށް ވުރެ ހަނިނަމަ، 1 (އެކެއް) ބުރިއަށް ވުރެ އުސްކޮށް އިމާރާތެއް ނުކުރެވޭނެއެވެ.

(ށ) އިމާރާތުގެ ފުޓްޕްރިންޓުގެ ބޮޑުމިން 800 (އަށްސަތޭކަ) އަކަފޫޓަށްވުރެ ކުޑަނަމަ، އިމާރާތް ކުރެވޭނެ އުސްމިނުގެ ގޮތުގައި ކަނޑައަޅާނީ، އެ އިމާރާތެއްގެ ފުޓްޕްރިންޓް،
އިމާރާތުގެ ވިޑްތްކޮއިފިށަންޓާއި އަދި އެ އިމާރާތަކަށް ވަދެނިކުތުމަށް އޮންނަ މަގުގެފުޅާމިނަށް ބެލުމަށްފަހު ހިސާބުކުރެވޭ އުސްމިންތަކުގެ ތެރެއިން އެންމެ ތިރިމިނެވެ.

(ނ) ވިޑްތް ކޮއިފިށަންޓަށް ބަލައިގެން އިމާރާތްކުރެވޭނެ އެންމެ އުސްމިން ދެނެގަންނާނީ، އިމާރާތުގެ ވިޑްތް ކޮއިފިށަންޓް ، އިމާރާތުގެ ބޮޑުމިން (އޭރިޔާ) ގެ ސްކެއަރ ރޫޓުގެ
ދިހަބައިކުޅަ ހަތްބަޔަށްވުރެ ކުޑަނަމައެވެ. މިގޮތުން އިމާރާތްކުރެވޭނެ އުސްމިންތައް އަންގައިދޭ ތަފުސީލުތައް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާނެއެވެ. މިގޮތަށް އުސްމިން ހޯދުމަށް ބޭނުންކުރާނެ ފޯމިއުލާއަކީ:-  

 

 

(ރ) އިމާރާތުގެ ފުޓްޕްރިންޓަށް ބަލާ އިމާރާތްކުރެވޭނެ އެންމެ އުސްމިން ދެނެގަންނާނީ، އިމާރާތުގެ ވިޑްތް ކޮއިފިށަންޓް، އިމާރާތުގެ ފުޓްޕްރިންޓްގެ ސްކެއަރ ރޫޓްގެ ދިހަބައިކުޅަ ހަތްބަޔާ އެއްވަރު ނުވަތަ އެއަށްވުރެ ބޮޑުނަމައެވެ. މިގޮތުން އިމާރާތްކުރެވޭނެ އުސްމިންތައް އަންގައިދޭ ތަފުސީލުތައް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާނެއެވެ.

 

މި ގޮތަށް އުސްމިން ހޯދުމަށް ބޭނުންކުރާނެ ފޯމިއުލާއަކީ:-

 

 

(ބ) އިމާރާތަކަށް ވަދެނުކުތުމަށް އޮންނަ މަގުގެ ފުޅާމިނަށްބަލައިގެން އި މާރާތްކުރެވޭނެ އެންމެ އުސްމިން ދެނެގަންނާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. މިގޮތުން އިމާރާތްކުރެވޭނެ އުސްމިންތައް އަންގައިދޭ ތަފުސީލުތައް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާނެއެވެ.

  1. އިމާރާތަށް ވަދެނުކުތުމަށް އޮންނަ މަގު ނުވަތަ ގޯޅީގެ ފުޅާމިން 1.219(އެކެއް ޕޮއިންޓް ދޭއް އެކެއް ނުވައެއް) މީޓަރު ނުވަތަ 4 (ހަތަރެއް) ފޫޓަށް ވުރެ ހަނިނަމަ އިމާރާތްކުރެވޭނީ، 6 (ހައެއް) މީޓަރަށް ވުރެ އުސްނުވާގޮތަށް 1 (އެކެއް) ބުރިއަށެވެ.
  2. އިމާރާތަށް ވަދެނުކުތުމަށް އޮންނަ މަގުގެ ނުވަތަ ގޯޅީގެ ފުޅާމިނުގައި 219.1 (އެކެއް ޕޮއިންޓް ދޭއް އެކެއް ނުވައެއް) މީޓަރު ނުވަތަ 4 (ހަތަރެއް) ފޫޓު ހަމަވެ، 1.524) އެކެއް ޕޮއިންޓް ފަހެއް ދޭއް ހަތަރެއް) މީޓަރު 5 (ފަހެއް) ފޫޓު ހަމަނުވާނަމަ، އަދި 9 (ނުވަ) ނުވަތަ މީޓަރު ނުވަތަ 29.53 (އޮނަތިރީސް ޕޮއިންޓް ފަހެއް ތިނެއް) ފޫޓަށް ވުރެ އުސްނުވާގޮތަށް އިމާރާތް ކުރެވިދާނެއެވެ.
  3. އިމާރާތަށް ވަދެނުކުތުމަށް އޮންނަ މަގުގެ ނުވަތަ ގޯޅީގެ ފުޅާމިނުގައި 1.524) އެކެއް ޕޮއިންޓް ފަހެއް ދޭއް ހަތަރެއް) މީޓަރު ނުވަތަ 5 (ފަހެއް) ފޫޓު ހަމަވެ، 1.829 (އެކެއް  ޕޮއިންޓް އަށެއް ދޭއް ނުވައެއް) މީޓަރު 6 (ހައެއް) ފޫޓު ހަމަނުވާނަމަ، 19.20  (ނަވާރަ ޕޮ އިންޓް ދޭއް ސުމެއް) މީޓަރު ނުވަތަ 62.99 (ފަސްދޮޅަސް ދޭއް ޕޮއިންޓް ނުވައެއް ނުވައެއް) ފޫޓަށް ވުރެ އުސްނުވާގޮތަށް އިމާރާތް ކުރެވިދާނެއެވެ.
  4. އިމާރާތަށް ވަދެނުކުތުމަށް އޮންނަ މަގުގެ ނުވަތަ ގޯޅީގެ ފުޅާމިނުގައި 1.829 (އެކެއް ޕޮއިންޓް އަށެއް ދޭއް ނުވައެއް) މީޓަރު ނުވަތަ 6 (ހައެއް) ފޫޓު ހަމަވެ، 3.048 (ތިނެއް ޕޮއިންޓް ސުމެއް ހަތަރެއް އަށެއް) މީޓަރު ނުވަތަ 10 (ދިހައެއް) ފޫޓު ހަމަނުވާނަމަ، 25.20 (ފަންސަވީސް ޕޮއިންޓް ދޭއް ސުމެއް) މީޓަރު ނުވަތަ 68.82) އަށްޑިހަ ދޭއް ޕޮއިންޓް ހައެއް އަށެއް) ފޫޓަށް ވުރެ އުސްނުވާގޮތަށް އިމާރާތް ކުރެވިދާނެއެވެ.
  5. އިމާރާތަށް ވަދެނިކުތުމަށް އޮންނަ މަގުގެ ނުވަތަ ގޯޅީގެ ފުޅާމިނުގައި 3.048 (ތިނެއް ޕޮއިންޓް ސުމެއް ހަތަރެއް އަށެއް) މީޓަރު ނުވަތަ 10 (ދިހައެއް) ފޫޓު ހަމަވާނަމަ، އަދި އެއަށްވުރެ ފުޅާނަމަ، 30.48 (ތިރީސް ޕޮއިންޓް ސާޅީސް އަށެއް) މީޓަރު ނުވަތަ 100 (އެއްސަތޭކަ) ފޫޓަށް ވުރެ އުސްނުވާގޮތަށް އިމާރާތް ކުރެވިދާނެއެވެ.

(ޅ) އިމާރާތުގެ ފުޓްޕްރިންޓުގެ ބޮޑުމިން 800) އަށްސަތޭކަ) އަކަފޫޓު ހަމަވާނަމަ، ނުވަތަ 800) އަށް ސަތޭކަ) އަކަފޫޓަށްވުރެ ބޮޑުނަމަ، އިމާރާތް ކުރެވޭނެ އެންމެ އުސްމިން ދެނެގަންނާނީ، އެ އިމާރަތަކަށް ވަދެނުކުތުމަށް އޮންނަ މަގުގެ ފުޅާމިނަށާއި އިމާރާތުގެ ވިޑްތް ކޮއިފިށަންޓަށް ބެލުމަށްފަހު، ކަނޑައެޅޭ އުސްމިންތަކުގެ ތެރެއިން އެންމެތިރިމިނަށް ބަލައިގެންނެވެ.

(ކ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ވިޑްތް ކޮއިފިށަންޓަށް ބަލައިގެ ން އިމާރާތްކުރެވޭނެ އުސްމިން ދެނެގަންނާނީ، ތިރީގައިވާ ފަދައިންނެވެ.

  1. ވިޑްތް ކޮއިފިށަންޓް 3.0 (ތިނެއް) އަށް ވުރެ ކުޑަނަމަ، 16.5 (ސޯޅަ ޕޮއިންޓް ފަހެއް) މީޓަރު ނުވަތަ 54.83 (ފަންސާސް ހަތަރެއް ޕޮއިންޓް އެކެއް ތިނެއް) ފޫޓަށް ވުރެ އުސްނުވާގޮތަށް އިމާރާތް ކުރެވިދާނެއެވެ.
  2. ވިޑްތް ކޮއިފިށަންޓް 3.0 (ތިނެއް) އަށް ވުރެ ބޮޑުނަމަ، 30.48 (ތިރީސް ޕޮއިންޓް ސާޅީސް އަށެއް) މީޓަރު ނުވަތަ 100 (އެއްސަތޭކަ) ފޫޓަށް ވުރެ އުސްނުވާގޮތަށް އިމާރާތް ކުރެވިދާނެއެވެ.

(އ) އިމާރާތަކަށް ވަދެނިކުތުމަށް އޮންނަ މަގުގެ ފުޅާމިނަށ ބަލައިގެން އިމާރާތްކުރެވޭނެ އެންމެ އުސްމިން ދެނެގަންނާނީ، މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިންނެވެ.

 

10 ވަނަ މާއްދާ - ރޫފްބީމް ނުވަތަ ޓެރަސް ސްލެބް ނުވަތަ ޑެކުގެ މަތީކައިރިން ފެށިގެން މައްޗަށް އިމާރާތް ކުރެވޭނެ މިންގަނޑު 

މި ގަވާއިދުގެ 8 މާއްދާއާއި 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އިމާރާތްކުރެވޭނެ އެންމެ އުސްމިން ކަނޑައެޅުމަށްފަހު، ރޫފްބީމް ނުވަތަ ޓެރަސް ސްލެބް ނުވަތަ ޑެކު ގެ މަތީކައިރިން ފެށިގެން މައްޗަށް ދިރިއުޅުމަށް ދޫކޮށްފައިވާ ގޯޗެއްގައި އިމާރާތް ކުރެވޭނެ މިންގަނޑު ކަނޑައަޅާނީ ތިރީގައި ބަޔާންކޮށްފައިވާ ފަދައިންނެވެ.

(ހ) އިމާރާތުގެ ސިޑިގޮޅިއާއި ލިފްޓް މެށިންރޫމުގެ ހިޔާކުރާބައި 4 (ހަތަރެއް) މީޓަރަ ށް ވުރެ އުސްނުވާ ވަރަށް ހެދިދާނެއެވެ. ލިފްޓާ ގުޅިގެން މި މިނަށް ވުރެ އުސްވާނަމަ، ބަހައްޓަން ބޭނުންވާ ލިފްޓް އުފެއްދި ފަރާތުން ތައްޔާރުކޮށްފައިވާ ތަފުސީލު (މެނުފެކްޗަރަރސް ސްޕެސިފިކޭށަން) ހުށަހަޅަން ވާނެއެވެ. މި ބައިގެ ތަފުސީލުތައް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާނެއެވެ.

(ށ) އިމާރާތުގެ ސިޑިގޮޅިއާއި ލިފްޓް މެށިންރޫމް ހިޔާކުރާ ބައިގައި 1) އެކެއް) މީޓަރު ނުވަތަ 3.280 (ތިނެއް ޕޮއިންޓް ދޭއް އަށެއް ސުމެއް) ފޫޓާ ހަމަޔަށް އަސްކަންޏެއް ލެވިދާނެއެވެ. މި ބައިގެ ތަފުސީލުތައް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާނެއެވެ.

(ނ) އިމާރާތުގެ ފުރާޅު އެޅުމަށް އިމާރާތުގެ ރޫފް ބީމުގެ މަތިން ފެށިގެން މައްޗަށް އިތުރު ކުރެވޭނީ އުސްވެގެން 1.5 (އެކެއް ޕޮއިންޓް ފަހެއް) މީޓަރު ނުވަތަ 4.921 (ހަތަރެއް ޕޮއިންޓް ނުވައެއް ދޭއް އެކެއް) ފޫޓެވެ. މި ބައިގެ ތަފުސީލުތައް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާނެއެވެ.

(ރ) ޓެރަހުގެ ތިންބައިކުޅަ ދެބަޔަށްވާ އޭރިޔާ އިމާރާތްކޮށްގެން ބޭނުން ކުރެވިދާނެއެވެ. އަދި މި ބައިގެ ފުރާޅުގެ އަސްކަންޏާއި ދިޔަދޮވި 0.457 (ސުމެއް ޕޮއިންޓް ހަތަރެއް ފަހެއް ހަތެއް) މީޓަރު ނުވަތަ  1.499 (އެކެއް ޕޮއިންޓް ހަތަރެއް ނުވައެއް ނުވައެއް) ފޫޓު، ޓެރަހުގެ އޭރިޔާގެ ތެރެއަށް ނެރެވިދާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ބައި ލިފްޓް މެށިންރޫމުގެ އުސްމިން ނުވަތަ 4 (ހަތަރު) މީޓަރަށް ވުރެ އުސްވެގެން ނުވާނެއެވެ.

(ޅ) ކޮމިއުނިކޭށަނުގެ ބޭނުމަށްޓަކައި އިމާރާތުގައި ހަރުކުރާ އެންޓަނާއާއި ސެޓެލައިޓް ޑިށްފަދަ ތަކެތި އިމާރާތްކުރެވޭ އުސްމިނުގެ ތެރޭގައި ނުހިމެނޭނެއެވެ. ނަމަވެސް އިންޓަނޭށަނަލް އެއަރޕޯޓެއްގެ ކައިރީގައިކުރާ އިމާރާތްތަކުގައި ހަރުކުރާ އެންޓަނާއާއި ސެޓެލައިޓް ޑިށް ބަހައްޓަންވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެކަމާ ގުޅޭގޮތުން ހަދައިފައިވާ ގަވާއިދުތަކާ އެއްގޮތަށެވެ.

 

11 ވަނަ މާއްދާ - އިމާރާތް އުސްކުރެވިދާނެ ހާލަތްތައް 

(ހ) ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއްގައި ހަދާ އިމާރާތުގެ ތިރީބުރީގެ ތަޅުން، މަގުގެ ބިންގަނޑުގެ އެންމެ މަތީ ފަށަލަ ނުވަތަ ދުވާރަށް ވުރެ 600 (ހަސަތޭކަ) މިލިމީޓަރު އުސްކުރެވިދާނެއެވެ. އަދި މި ފަދައިން ތަޅުން އުސްކޮށްފައިވާ އިމާރާތެއްގެ އުސްކޮށްފައިވާ މިން، މުޅި އިމާރާތް އުސްކުރަން ހުއްދަކުރާ އުސްމިނަށް އިތުރު ކުރެވިދާނެއެވެ. މިގޮތުން އުސްކުރެވޭނީ ގިނަވެގެން 600 (ހަސަތޭކަ) މިލިމީޓަރާ ހަމަޔަށެވެ.

(ށ) ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއްގައި ހަދާ އިމާރާތުގެ ބޭސްމަންޓުގައި ޕާކިންގ ހެދުމަށްޓަކައި، އިމާރާތުގެ ތިރީބުރީގެ ތަޅުން، މަގުގެ ބިންގަނޑުގެ އެންމެ މަތީ ފަށަލަ ނުވަތަ ދުވާރަށް ވުރެ އުސްކުރާނަމަ، އުސްކޮށްފައިވާ މިން، މުޅި އިމާރާތް ހުއްދަކުރާ އުސްމިނަށް އިތުރުކުރެވިދާނެއެވެ. މިގޮތުން އުސްކުރެވޭނީ ގިނަވެގެން 1.5 (އެކެއް ޕޮއިންޓް ފަހެއް) މީޓަރަށެވެ. 

 

12 ވަނަ މާއްދާ -  އިމާރާތުގެ ފަންގިފިލާގެ އުސްމިން

(ހ) ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއްގައި ހަދާ އިމާރާތުގައި ދިރިއުޅުމަށް ބޭނުންކުރާ ކޮންމެ ފަންގިފިލާއެއްގެ ތަޅުމުން ފެށިގެން ށީޓު ނުވަތަ ޑެކުގެ ތިރީކައިރިޔާ ހަމަޔަށް، މަދުވެގެން 2.7 (ދޭއް ޕޮއިންޓް ހަތެއް) މީޓަރު ނުވަތަ 8.859 (އަށެއް ޕޮއިންޓް އަށެއް ފަހެއް ނުވައެއް) ފޫޓު ހުންނަންވާނެއެވެ.

(ށ) ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއްގައި ހަދާ އިމާރާތުގައި ދިރިއުޅުން ފިޔަވައި އެހެން ކަމަކަށް ބޭނުންކުރާ ތަންތަނުގައި ކޮންމެ ފަންގިފިލާއެއްގެ ތަޅުމުން ފެށިގެން ށީޓު ނުވަތަ ޑެކުގެ ތިރީކައިރިޔާ ހަމައަށް މަދުވެގެން 2.5 (ދޭއް ޕޮއިންޓް ފަހެއް) މީޓަރު ނުވަތަ 8.202 (އަށެއް ޕޮއިންޓް ދޭއް ސުމެއް ދޭއް) ފޫޓު ހުންނަންވާނެއެވެ. 

 

13 ވަނަ މާއްދާ - އުސްމިންބެލުމުގައި މަގުގެ ފުޅާމިން

(ހ) ބަހައިފައި ހުންނަ ގޯތީގެ، އުސްމިން ބެލުމުގައި މަގުގެ ފުޅާމިންކަމުގައި ބަލާނީ، ބެހި

(ށ) ގޯޅިއެއްގެ އެއްކޮޅު ބެދިފައި އޮތުމުގެ ސަބަބުން ހަމައެކަނި އެއްކޮޅުން ވަދެވޭގޮތަށް ގޯތި އޮތް މައި މަގުގެ ފުޅާމިނެވެ. އޮންނަ ގޯޅިއެއްގައި އިމާރާތް ކުރާނަމަ، މަގުގެ ފުޅާމިން ކަމުގައި ބަލާނީ މައި މަގުގެ ފުޅާމިނެވެ. 

 

14 ވަނަ މާއްދާ - އުސްމިން ކަނޑައެޅެން ނެތް ހާލަތްތަކުގައި އަ މަލުކުރަންވީ ގޮތް

ގޯތީގެ ބައްޓަން އާދަޔާހިލާފު ގޮތަކަށް އޮތުމުގެ ސަބަބުން ނުވަތަ ގޯތީގެ އެންމެ ދިގު މިން ދެނެގަންނަން ނޭނގުމުގެ ސަބަބުން ނުވަތަ އެނޫން ތަފާތު އެހެން ސަބަބުތަކަށްޓަކައި އިމާރާތްކުރެވޭނެ އުސްމިން ދެނެގަންނަން އުނދަގޫ ތަންތަނުގައި އިމާރާތްކުރެވޭނެ އެންމެ އުސްމިން ކަނޑައެޅުމަށް މިނިސްޓްރިއަށް ހުށަހަޅަންވާނެއެވެ. 

 

 

ހަތަރު ވަނަ ބާބު

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ހަދާ އިމާރާތުގައި ހުސްޖާގަ ދޫކުރުން

 

15 ވަނަ މާއްދާ - އިމާރާތުގައި ހުސްޖާގަ ދޫކުރުން (އިސްލާހު ކުރެވިފައި)

(ހ) މި ގަވާއިދުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނުވާ ހާލަތްތަކުގައި، ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ހަދާ އިމާރާތުގެ ފުޓްޕްރިންޓް 1200 (އެއްހާސް ދުއިސައްތަ) އަކަފޫޓު ހުންނަ ނަމަ، ނުވަތަ އެއަށްވުރެ ބޮޑު ނަމަ، އިމާރާތުގެ ފުޓްޕްރިންޓުގެ %10 (ދިހައެއް އިންސައްތަ) ހިޔާނުކޮށް ހުސްޖާގައެއްގެ ގޮތުގައި ދޫކުރަންވާނެއެވެ.

(ށ) ސިޓީ ފިޔަވައި އެހެން ރަށްތަކުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ހަދާ އިމާރާތުގެ ފުޓްޕްރިންޓުގައި 1000 (އެއްހާސް) އަކަފޫޓު ހުންނަ ނަމަ، ނުވަތަ އެއަށްވުރެ ބޮޑުނަމަ، އަދި އިމާރާތް ކުރާ އެންމެ އުސްމިނަކީ 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރު ނުވަތަ 60.696 (ފަސްދޮޅަސް ޕޮއިންޓް ހައެއް ނުވައެއް ހައެއް) ފޫޓު ނަމަ، 24.5 (ސައުވީސް ޕޮއިންޓް ފަހެއް) މީޓަރު ނުވަތަ 80.381 (އަށްޑިހަ ޕޮއިންޓް ތިނެއް އަށެއް އެކެއް) ފޫޓު ނަމަ، އިމާރާތުގެ ފުޓްޕްރިންޓުގެ %5 (ފަހެއް އިންސައްތަ) ހިޔާނުކޮށް، އިމާރާތުގެ ކުރިމަތިން މަގުމައްޗާ ދިމާއަށް އޮންނަ ފަރާތަށް ހުސްޖާގައެއްގެ ގޮތުގައި ދޫކުރަންވާނެއެވެ. އަދި ގޯތީގެ އިމުން ފެށިގެން މަދުވެގެން 0.75 (ސުމެއް ޕޮއިންޓް ހަތެއް ފަހެއް) މީޓަރު ނުވަތަ 2.46 (ދޭއް ޕޮއިންޓް ހަތަރެއް ހައެއް) ފޫޓު، އިމާރާތުގެ ކޮންމެވެސް ދެ ފަރާތަކުން ސެޓްބެކްގެ ގޮތުގައި ދޫކުރަންވާނެއެވެ. މި ސެޓްބެކްގެ ތެރެއަށް އިމާރާތުގެ 6 (ހައެއް) މީޓަރު ނުވަތަ 19.68 (ނަވާރަ ޕޮއިންޓް ހައެއް އަށެއް) ފޫޓު މަތިން، އެ ސެޓްބެކް ހިމެނޭ ފަޅީގެ އިމާރާތުގެ ދިގުމިނުގެ %50 (ފަންސާސް އިންސައްތަ) އަށް ބެލްކަނި ނެރެވިދާނެއެވެ.

(ނ) ސިޓީ ފިޔަވައި އެހެން ރަށްތަކުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ހަދާ އިމާރާތުގެ ފުޓްޕްރިންޓުގައި 2000 (ދެހާސް) އަކަފޫޓު ހުންނަ ނަމަ، ނުވަތަ އެއަށްވުރެ ބޮޑުނަމަ، އަދި އިމާރާތް ކުރާ އެންމެ އުސްމިނަކީ 24.5 (ސައުވީސް ޕޮއިންޓް ފަހެއް) މީޓަރު ނުވަތަ 80.381 (އަށްޑިހަ ޕޮއިންޓް ތިނެއް އަށެއް އެކެއް) ފޫޓަށް ވުރެ އުސްވެފައި 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރު ނުވަތަ 100 (އެއްސަތޭކަ) ފޫޓާއި ދެމެދުގައި ނަމަ، އިމާރާތުގެ ފުޓްޕްރިންޓުގެ %5 (ފަހެއް އިން ސައްތަ) ހިޔާނުކޮށް، އިމާރާތުގެ ކުރިމަތިން މަގުމައްޗާ ދިމާއަށް އޮންނަ ފަރާތަށް ހުސްޖާގައެއްގެ ގޮތުގައި ދޫކުރަންވާނެއެވެ. އަދި ގޯތީގެ އިމުން ފެށިގެން 0.90 (ސުމެއް ޕޮއިންޓް ނުވައެއް ސުމެއް) މީޓަރު ނުވަތަ 2.95 (ދޭއް ޕޮއިންޓް ނުވައެއް ފަހެއް) ފޫޓު މަދުވެގެން އިމާރާތުގެ ކޮންމެވެސް ދެ ފަރާތަކުން ސެޓްބެކްގެ ގޮތުގައި ދޫކުރަންވާނެއެވެ.

(ރ) ސިޓީތަކުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި އިމާރާތް ކުރާއިރު އިމާރާތުގެ ފުޓްޕްރިންޓުގެ ބޮޑުމިން 600 (ހަސަތޭކަ) އަކަފޫޓު ހަމަވާ ނަމަ، ނުވަތަ 600 (ހަސަތޭކަ) އަކަފޫޓަށް ވުރެ ބޮޑުނަމަ، އަދި އިމާރާތުގެ ފުޓްޕްރިންޓުގައި 1200 (އެއްހާސް ދުއިސައްތަ) އަކަފޫޓު ހަމަ ނުވާ ނަމަ، އަދި އިމާރާތްކުރާ އެންމެ އުސްމިނަކީ 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރު ނުވަތަ 60.696 (ފަސްދޮޅަސް ޕޮއިންޓް ހައެއް ނުވައެއް ހައެއް) ފޫޓާއި 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރު ނުވަތަ 100 (އެއްސަތޭކަ) ފޫޓާ ދެމެދު ނަމަ، އިމާރާތުގެ ފުޓްޕްރިންޓުގެ %5 (ފަހެއް އިންސައްތަ) ހިޔާނުކޮށް ހުސްޖާގައެއްގެ ގޮތުގައި ދޫކުރަންވާނެއެވެ.

(ބ) އިމާރާތުގެ ފުޓްޕްރިންޓުގެ %5 (ފަހެއް އިން ސައްތަ) ހިޔާނުކޮށް ހުސްޖާގައެއްގެ ގޮތުގައި ދޫކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކޮންމެ ހާލަތެއްގައި، މި ހުސްޖާގައިގެ ފުޅާމިނުގައި މަދުވެގެން 0.75 (ސުމެއް ޕޮއިންޓް ހަތެއް ފަހެއް) މީޓަރު ނުވަތަ 2.46 (ދޭއް ޕޮއިންޓް ހަތަރެއް ހައެއް) ފޫޓު ބަހައްޓަންވާނެއެވެ.

(ޅ) އިމާރާތުގެ ވެންޓިލޭށަނުގެ ބޭނުމަށް ދޫކުރާ ވައިގޮޅިތަކުގެ ސައިޒުގައި މަދުވެގެން 0.9 (ސުމެއް ޕޮއިންޓް ނުވައެއް) މީޓަރު ނުވަތަ 2.95 (ދޭއް ޕޮއިންޓް ނުވައެއް ފަހެއް) ފޫޓު× 0.9 (ސުމެއް ޕޮއިންޓް ނުވައެއް) މީޓަރު ނުވަތަ 2.95 (ދޭއް ޕޮއިންޓް ނުވައެއް ފަހެއް) ފޫޓު ހުންނަ ނަމަ، ހިޔާނުކޮށް ހުސްޖާގައިގެ ގޮތުގައި ދޫކުރަންޖެހޭ 5% (ފަހެއް އިން ސައްތަ) ބެލުމުގައި މި ވައިގޮޅިތައް ހިމެނިދާނެއެވެ.

(ކ) މި މާއްދާގައި ބަޔާންކޮށްފައިވާ ހުސްޖާގައިގެ ތެރެއަށް، ތިރީގައި ބަޔާންކޮށްފައިވާ ތަންތަން ފިޔަވައި އިމާރާތުގެ އެއްވެސް ބައެއް ނުނެރެވޭނެއެވެ.

  1. ފުރާޅުގެ ދިޔަދޮވި އިމާރާތުގެ އިމުން ފެށިގެން 0.2 (ސުމެއް ޕޮއިންޓް ދޭއް) މީޓަރު ނުވަތަ 0.656 (ސުމެއް ޕޮއިންޓް ހައެއް ފަހެއް ހައެއް) ފޫޓަށް ނެރެވިދާނެއެވެ.
  2. އިމާރާތުގެ ބައިތަކަށް ވަޔާއި އަލިކަން ފޯރުވުމަށްޓަކައި އިމާރާތުގެ ދޮރާއި، ކުޑަދޮރުގެ ދޮރުފަތްތައް ހުޅުވިދާނެއެވެ.

(އ) މި ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕާކިންގެ ބޭނުމަށްޓަކައި މި ހުސްޖާގަ ބޭނުން ކުރެވިދާނެއެވެ. ނަމަވެސް އިމާރާތުގެ ކުރިމަތިން %5 (ފަހެއް އިންސައްތަ) ހުސްޖާގަ ދޫކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ހާލަތްތަކުގައި ޕާކިންގގެ ބޭނުމަށް ބޭނުން ކުރެވޭނީ މި ހުސްޖާގައިގެ %50 (ފަންސާސް އިންސައްތަ) އެވެ.

 

15-1 ވަނަ މާއްދާ - ދެމަގަށްވާ ގޮތަށް ކަންމައްޗަކަށް އޮންނަ ގޯތީގެ ކަން ވަށްކުރުން (އިތުރު ކުރެވިފައި)

ދެމަގަށްވާ ގޮތަށް ކަންމައްޗަކަށް އޮންނަ ގޯއްޗެއްގައި އިމާރާތެއް ފަރުމާކުރުމުގައި މަގުގެ އިމާ ގުޅިފައިވާ ގޯތީގެ ބައިން 12 (ބާރަ) ފޫޓުގެ ރޭޑިއަސްއެއް ހަމަވާހެން، ކަން ވަށްކުރަންވާނެއެވެ.

 

ފަސްވަނަ ބާބު

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ހަދާ އިމާރާތުގެ ބައިތައް މަގަށް ނެރުން

 

16 ވަނަ މާއްދާ - އިމާރާތުގެ ބައިތައް މަގަށް ނެރުން

އަންނަނިވި ހާލަތްތައް ފިޔަވައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ހަދާ އިމާރާތުގެ އެއްވެސް ބައެއް ނުވަތަ ތަނެއް އިމުން ބޭރަށް މަގަކަށްށް ނުނެރެވޭނެއެވެ.

(ހ) މަގުގެ ފުޅާމިން 6 (ހަޔެއް) ފޫޓަށްވުރެ ހަނިނަމަ، އިމާރާތުގެ 3.743 (ތިނެއް ޕޮއިންޓް ހަތެއް ހަތަރެއް ތިނެއް) މީޓަރު ނުވަތަ 9 (ނުވައެއް) ފޫޓަށް ◌ްވުރެ މަތިން އިމާރާތުގެ ފުރާޅުގެ ދިޔަދޮވި 0.2 (ސުމެއް ޕޮއިންޓް ދޭއް) މީޓަރ ނުވަތަ 0.656 (ސުމެއް ޕޮއިންޓް ހައެއް ފަހެއް ހައެއް) ފޫޓު މަގަށް ނެރެވިދާނެއެވެ.

(ށ) މަގުގެ ފުޅާމިން 6 (ހަޔެއް) ފޫޓަށް ވުރެ ފުޅާނަމަ، އިމާރާތުގެ 3.743 (ތިނެއް ޕޮއިންޓް ހަތެއް ހަތަރެއް ތިނެއް) މީޓަރު ނުވަތަ 9 (ނުވައެއް) ފޫޓަށް ވުރެ މަތިން، އިމާރާތުގެ ފުރާޅުގެ އަސްކަންޏާއި ދިޔަދޮވި، އިމުން ފެށިގެން 0.457 (ސުމެއް ޕޮއިންޓް ހަތަރެއް ފަހެއް ހަތެއް) މީޓަރު ނުވަތަ 1.499 (އެކެއް ޕޮއިންޓް ހަތަރެއް ނުވައެއް ނުވައެއް) ފޫޓު މަގަށް ނެރެވިދާނެއެވެ.  

 

17 ވަނަ މާއްދާ - ދޮރާ އި ކުޑަދޮރުގެ ދޮރުފަތް މަގަށް ހުޅުވުން

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގެ ނުވަތަ ބިމުގެ މަގާ ގުޅޭ އިމުގައި ހުންނަ ދޮރާއި އިމާރާތުގައި ހުންނަ ކުޑަދޮރާއި ފެންލައިޓުގެ ދޮރުފަތް އިމުން ބޭރަށް މަގަށް ހުޅުވޭނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ހ) އެފަދަ އެއްޗަކީ ދުވާރުން ފެށިގެން 2.743 (ދޭއް ޕޮއިންޓް ހަތެއް ހަތަރެއް ތިނެއް) މީޓަރު ނުވަތަ 9 (ނުވައެއް) ފޫޓަށް ވުރެ ތިރިން އިމުން ބޭރަށް މަގަށް ހުރި އެއްޗެއްކަމުގައި ނުވުން؛

(ށ) އެފަދަ އެއްޗަކީ ދުވާރުން ފެށިގެން 2.743 (ދޭއް ޕޮއިންޓް ހަތެއް ހަތަރެއް ތިނެއް) މީޓަރު ނުވަތަ 9 (ނުވައެއް) ފޫޓަށް ވުރެ މަތިން، 0.457  މީޓަރު ނުވަތަ 1.499 (އެކެއް ޕޮއިންޓް ހަތަރެއް ނުވައެއް ނުވައެއް) ފޫޓަށް ވުރެ ބޭރަށް ހުރި އެއްޗެއްކަމުގައި ނުވުން.  

 

ހަވަނަ ބާބު

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ހަދާ އިމާރާތަކުގެ ބައިތަކަށް ވަޔާއި އަލިކަން ފޯރުވުން

 

18 ވަނަ މާއްދާ - އިމާރާތްތަކުގެ ބައިތަކަށް ވަޔާއި އަލިކަން ފޯރުވުން

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ހަދާ އިމާރާތެއް ހެދުމަށްޓަކައި އިމާރާތް ޑިޒައިންކުރަންވާނީ ބިލްޑިންގ ކޯޑުގެ މިކަމާ ގުޅޭ ކޮމްޕްލައިންސް ޑޮކިއުމަންޓް ށާއިއުކޮށް ތަންފީޒުކުރަ ންދެން މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިމާރާތުގެ ބައިތަކަށް ވަޔާއި އަލިކަން ފޯރާގޮތަށެވެ.

(ހ) އިމާރާތެއްގެ ބައިތަކަށް ވަޔާއި އަލިކަން ފޯރުވުމަށްޓަކައި އިމާރާތުގެ ކޮންމެ ބައެއްގެ ތަޅުމުގެ ބޮޑުމިނުގެ %10 (ދިހައެއް އިންސައްތަ) އަށްވުރެ ކުޑަނު ނޫން ހުޅުވުމެއް އިމާރާތް ނުކޮށް އޮންނަ ހުސްޖާގައަކާ ދިމާވާގޮތަށް ހުންނަންވާނެއެވެ.

(ށ) ހުޅުވުމަކުން ވައި ދައުރުވާނެކަމަށް ބެލޭނީ، ހުޅުވުމާ ދިމާއިން ފެށިގެން 6 (ހައެއް) މީޓަރުގެ ދުރުމިނަށެވެ. އަދި ހުޅުވުމުގެ ބޮޑުމިން ތަޅުމުގެ ބޮޑުމިނުގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ ކުޑަނުވާނަމަ ވެންޓިލޭޓް ވާނެކަމަށް ބެލޭނީ ، ހުޅުވުމާ ދިމާއިން ފެށިގެން 7.5 (ހަތެއް ޕޮއިންޓް ފަހެއް) މީޓަރުގެ ދުރުމިނަށެވެ. މި ބަޔާންކުރެވުނު ދެ ހާލަތުގައިވެސް ހުޅުވުމުގެ އަރިމަތިން ވެންޓިލޭޓްވާނެކަމަށް ބެލޭނީ ފަރާތަކަށް 4 (ހަތަރެއް) މީޓަރުގެ ދުރުމިނަށެވެ.

(ނ) އިމާރާތް ނުކޮށް އޮންނަ ހުސްޖާގައެއްގައި ހުރަހެއްނެތި ކުޑަވެގެން 600 × 600 މިލިމީޓަރު ހުންނަންވާނެއެވެ. މިފަދަ ހުސްޖާގައެއް އެހެން ގޯއްޗަކާ އިންވެގެން ބާއްވާނަމަ، އިމުން ފެށިގެން ކުޑަވެގެން 750 (ހަތް ސަތޭކަ ފަންސާސް) މިލިމީޓަރު ހުންނަންވާނެއެވެ.

(ރ) ގޯއްޗެއްގެ އިމާ ގުޅިގެން ހަދާ އިމާރާތެއްގެ އެއްވެސް ތަނެއްގެ ނުވަތަ އެއްވެސް ބައެއްގެ ދޮރެއް، ކުޑަދޮރެއް، ފެންލައިޓެއް، އާނގައެއް ފަދަ އެއްވެސް ހުޅުވުމެއް ނުވަތަ ފިކްސްޑު ގްލާސް ފަދަ އެއްޗެއް ބޭނުންކޮށްގެން ނުހުޅުވޭހެން ހަދައިފައިހުންނަ ކެނޑުމެއް، އެހެން ގޯއްޗެއްގެ އިމާ ގުޅޭ އިންފާރުގައި ބަހައްޓައިގެން ނުވާނެއެވެ. އަދި އިމުގައި ނޫންގޮތަކަށް ހަދާ އިމާރާތެއްގައި ވެސް އެހެން ގޯއްޗެއްގެ އިމަކާވީ ފަރާތަ ށް ހުޅުވުމެއް ނުވަތަ އެއްވެސް ބާވަތެއްގެ ކެނޑުމެއް ބެހެއްޓޭނީ އެންމެ ކުޑަވެގެން 750 (ހަތް ސަތޭކަ ފަންސާސް) މިލިމީޓަރުގެ އެތެރޭގައެވެ.

(ބ) އިމާރާތްނުކޮށް ބާއްވަންޖެހޭ ހުސްޖާގައިގެ ބަދަލުގައި، އެ އިމާރާތާ އިންވެގެންވާ މަގާއި ގޯޅިފަދަ ތަންތަން ބޭނުންކުރެވިދާނެއެވެ. ނަމަވެސް ގޯއްޗެއް ބަހާއިރު އެފަދަ ގޯއްޗެއްގެ އެތެރެއިން ނެގޭ ބައިބަޔަށް ވަދެނުކުތުމަށް އެ ގޯތިން ނަގާ ގޯޅި ނެގިފައިވާ ގޯތި ފިޔަވައި އެހެން ގޯއްޗެއްގައި ހަދާ އިމާރާތެއް ނުވަތަ ތަނެއްގެ ދޮރެއް ނުވަތަ ކުޑަދޮރެއް ނުވަތަ އާނގައެއް ނުވަތަ އެ ފަދަ އެހެން އެއްވެސް ހުޅުވުމެއް ބަހައްޓައިގެން ނުވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ބަޔާންކޮށްފައި އޮތް ނަމަވެސް، ގޯތި ބަހައިގެން ދޫކޮށްފައިވާ ގޯޅިގަނޑު، ސަރުކާރުގެ ގޯޅިގަނޑަކަށް ބަދަލުކޮށްފިނަމަ، އެފަދަ ގޯޅިއަކާމެދު އަމަލުކުރެވޭނީ ގޯއްޗާ އިންވެގެން އޮންނަ މަގާއި ގޯޅި ފަދަ ތަންތަނާމެދު އަމަލުކުރާ ފަދައިންނެވެ.

(ކ) އިމާރާތެއްގެ އެންމެ ތިރީ 2 (ދޭއް) ބުރީގައި (ދެބުރީގެ ޖުމްލަ އުސްމިން 7.5 ،ހަތެއް ޕޮއިންޓް ފަހެއް މީޓަރަށް ވުރެ އުސްނުވާވަރަށް) ދިރިއުޅުން ފިޔަވައި އެހެން ބޭނުމަކަށް ހަދާ ތަންތަނަށް އެކަށީގެންވާ ގޮތެއްގައި މެކޭނިކަލް ގޮތުން ވެންޓިލޭޓްވާ ގޮތަށް ހަމަޖައްސާނަމަ، މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް ހުސްޖާގައާއި ހުޅުވުން ނުބަހައްޓާ އިމާރާތް ކުރެވިދާނެއެވެ. ނަމަވެސް އިމާރާތުގެ ދެންހުރި ބައިތަކަށް މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަޔާއި އަލިކަން ލިބޭނޭގޮތަށް ހުޅުވުންތަކާއި ހުސްޖާގަ ދޫކޮށްފައި ހުންނަންވާނެއެވެ. މި ހުސްޖާގައަކީ، ހުސްޖާގަ ފެށޭ ހިސާބުން މައްޗާ ހަމަޔަށް ހާމަ ޔަށް އޮންނަ ތަނަކަށް ވާންވާނެއެވެ. އަދި އެއްވެސް އިރެއްގައި އިމާރާތުގެ އެންމެ ތިރީ ބުރި، ނުވަތަ ތިރީ 2 (ދޭއް) ބުރި ދިރިއުޅުމަށް ބޭނުންކުރާނަމަ، މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް ވަޔާއި އަލިކަން ލިބޭނޭހެން ހުޅުވުންތަކާއި ހުސްޖާގަ ދޫކޮށްފައި ހުންނަންވާނެއެވެ. 

 

ހަތްވަނަ ބާބު

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ހަދާ އިމާރާތުގައި ރެ އިލިންގ (ޗެންޗޭނު) އާއި ކުޑަދޮރުގައި ހުންނަންވާނެ މިންގަނޑު

 

19 ވަނަ މާއްދާ - އިމާރާތުގެ ބެލްކަންޏާއި ސިޑިއާއި ޓެރަސްފަދަ ތަންތަނުގައި ރެއިލިންގ (ޗެންޗޭނު) ޖެހުން ނުވަތަ ފާރު ރޭނުން

އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވައިލާ "ބިލްޑިންގ ކޯޑު" ގެ ދަށުން އެކުލަވައިލާ ކޮމްޕްލަޔަންސް ޑޮކިއުމަންޓުތަކަށް އަމަލުކުރަން ފަށަންދެން އިމާރާތުގެ ބެލްކަންޏާއި ސިޑިއާއި ޓެރަސްފަދަ ތަންތަނުގައި ރެއިލިންގ (ޗެންޗޭނު) ޖެހުމުގައި އަމަލުކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ފަދައިންނެވެ.

(ހ) އިމާރާތުގައި ހުންނަ ބެލްކަންޏާއި ޓެރަސްގައި ޖަހާ ރެއިލިންގ ނުވަތަ ފާރު ޑިޒައިންކޮށްފައި ހުންނަންވާނީ ނުވަތަ ހަދައިފައި ހުންނަންވާނީ އުސްމިނުގައި ކުޑަވެގެން 1.2 (އެކެއް ޕޮއިންޓް ދޭއް) މީޓަރު ނުވަތަ 3.94 (ތިނެއް ޕޮއިންޓް ނުވައެއް ހަތަރެއް) ފޫޓު ހުންނަވަރަށް ރެއިލިންގ (ޗެންޗޭނު) ޖަހާގޮތަށް ނުވަތަ ފާރު ރާނާ ގޮތަށެވެ. މިގޮތުން ބެލްކަނީގައި ޖަހާ ރެއިލިންގ ނުވަތަ ރާނާފައިވާ ފާރު ޑިޒައިންކޮށްފައި ހުންނަންވާނީ ނުވަތަ ހަދައިފައި ހުންނަންވާނީ ރެއިލިންގ ނުވަތަ ފާރުގެ އެއްވެސް ހުސްޖާގައަކުން ޑައިމީޓަރުގައި 125 (ސަތޭކަ ފަންސަވީސް) މިލިމީޓަރު ހުންނަވަރުގެ ސްފިއަރ އެއް ނުދާވަރަށެވެ. އަދި ރެއިލިންގ ނުވަތަ ފާރު ޑިޒައިންކޮށްފައި ހުންނަންވާނީ ނުވަތަ ހަދައިފައި ހުންނަންވާނީ ސަލާމަތީ ގޮތުން ކުޑަކުދިންނަށް ރައްކައުތެރި އަދި އެކުދިންނަށް ނޭރޭނެ ފަދައިންނެވެ.

(ށ) ގޯއްޗެއްގެ އިމާ ގުޅިގެން ހަދާ އިމާރާތެއްގެ ބެލްކަންޏާއި ޓެރަސްފަދަ އެއްވެސް ތަނެއް ނުވަތަ އެއްވެސް ބައެއް އެހެން ގޯއްޗެއްގެ އިމާ ގުޅިގެން ބާއްވާނަމަ، ޖެހިގެން އޮތް ގޯތީގެ އިމާވީ ފަރާތުގައި އިމާރާތްކުރާ ގޯތީގެ އިމުގައި ކުޑަވެގެން 2 (ދޭއް) މީޓަރުގެ ނުވަތަ 6.562 (ހައެއް ޕޮއިންޓް ފަހެއް ހައެއް ދޭއް) ފޫޓުގެ އުސްފާރެއް ރާނާފައި ހުންނަންވާނެއެވެ. ނުވަތަ އެ ސައިޒުގެ ހުރަހެއް ހަދަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް ރެއިލިންގ (ޗެންޗޭނު) ޖަހަންޖެހޭނީ ނުވަތަ ފާރެއް ރާނަން ޖެހޭނީ މި ގަވާއިދުގެ (ށ) ގައި ބަޔާންކޮށްފައިވާ ތަންތަން ފިޔަވައި އެހެނިހެން ބެލްކަންޏާއި ޓެރަސްފަދަ ތަންތަނުގައެވެ.

(ރ) އިމާރާތުގައި ހިމެނޭ ސިޑި ޑިޒައިންކޮށްފައި ހުންނަންވާނީ ނުވަތަ ހަދައިފައި ހުންނަންވާނީ އުސްމިނުގައި ކުޑަވެގެން 850 (އަށްސަތޭކަ ފަންސާސް) މިލިމީޓަރު ހުންނަ ވަރަށް ރެއިލިންގ (ޗެންޗޭނު) ޖަހާގޮތަށް ނުވަތަ ފާރު ރާނާ ގޮތަށެވެ. އަދި އިމާރާތުގެ ސަރވިސަސް އޭރިޔާ ފަދަ، އާންމުކޮށް ކުޑަކުދިން ނުވަންނާނެ ތަ ންތަނުގައި ހުންނަ ސިޑި ފިޔަވައި އެހެން ތަންތަނުގައި ހުންނަ ސިޑީގެ ރެއިލިންގ ޑިޒައިންކޮށްފައި ހުންނަންވާނީ ނުވަތަ ހަދައިފައި ހުންނަންވާނީ ސަލާމަތީގޮތުން ކުޑަކުދިންނަށް ރައްކައުތެރި ގޮތަކަށެވެ.

(ބ) ބިމުންފެށިގެން 743.2) ދޭއް ޕޮއިންޓް ހަތެއް ހަތަރެއް ތިނެއް) މީޓަރު ނުވަތަ 9 (ނުވަ) ފޫޓުމަތިން އިމާރާތުގައި ބަހައްޓާ ކުޑަދޮރުތައް ހުންނަންވާނީ، ތަޅުމުން ފެށިގެން މަދުވެގެން 1 (އެކެއް) މީޓަރު ނުވަތަ 3.281 (ތިނެއް ޕޮއިންޓް ދޭއް އަށެއް އެކެއް) ފޫޓުގެ އުސްމިނުގައެވެ.

(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެރަހާއި ބެލްކަނި ފަދަ ތަންތަނަށް ހުޅުވޭގޮތަށް ހުންނަ ކުޑަދޮރުތައް، ތަޅުމުން ފެށިގެން 1 (އެކެއް) މީޓަރަށް ވުރެ ތިރިކޮށް ބެހެއްޓިދާނެއެވެ.

(ކ) ބިމުންފެށިގެން 2.743 (ދޭއް ޕޮއިންޓް ހަތެއް ހަތަރެއް ތިނެއް) މީޓަރު ނުވަތަ 9 (ނުވައެއް) ފޫޓަށްވުރެ މަތިން އިމާރާތުގައި އާންމުކޮށް މީހުން ބޭނުންކުރާ ސަރަހައްދުތަކުގައި ބަހައްޓާ އާނގައަކީ އެ އާނގައިގެ ތެރެއިން 125 (އެއްސަތޭކަ ފަންސަވީސް) މިލިމީޓަރުގެ ސް ޕިއަރއެއް ދާ ވަރުގެ އާނގައެއް ނަމަ، އެފަދަ އާނގައެއް ހުންނަންވާނީ ތަޅުމުން ފެށިގެން މަދުވެގެން 1 (އެކެއް) މީޓަރު ނުވަތަ 3.281 (ތިނެއް ޕޮއިންޓް ދޭއް އަށެއް އެކެއް) ފޫޓުގެ އުސްމިނުގައެވެ.

 

އަށްވަނަ ބާބު

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ހަދާ އިމާރާތުގައި ޕާކިންގ ޖާގަ ކަނޑައެޅުން

 

20 ވަނަ މާއްދާ - ޕާކިންގ ކަނޑައެޅުން

ދިރިއުޅުމަށް ދޫކޮށްފައިވާ ބިމުގައި ހަދާ އިމާރާތުގެ ޕާރކިންގ ޖާގަ އަންނަނިވި ގޮތުގެ މަތިން ކަނޑައަޅަންވާނެއެވެ.

(ހ) އިމާރާތުގެ ފުޓްޕްރިންޓް 1200 (އެއް ހާސް ދުއިސައްތަ) އަކަފޫޓަށް ވުރެ ބޮޑުނަމަ، އަދި އިމާރާތް 5 (ފަހެއް) ބުރިއަށްވުރެ އުސްނަމަ، އިމާރާތުގެ ފުޓްޕްރިންޓުގެ %10 (ދިހައެއް އިންސައްތަ) ޕާރކިންގއަށް ކަނޑައެޅިފައި އޮންނަންވާނެއެވެ.

(ށ) ޕާކިންގއަށް ދޫކުރާ އޭރިޔާ، އމާރާތުގެ އެންމެ ތިރީ ބުރީގައި އޮންނާކަށް މަޖުބޫރެއްނޫނެވެ. ނަމަވެސް، ދުއްވާ ތަކެއްޗަށް ފަސޭހަކަމާއެކު މަގުމަތިން ވަދެ ނިކުމެވޭނެ ގޮތްތައް ރޭވިފައި ހުންނަންވާނެއެވެ.

(ނ) ޕާކިންގ އޭރިއާ ކަނޑައެޅުމުގައި މި އޭރިއާ ބައިތަކަކަށް ބަހައިލެވިދާނެއެވެ. ނަމަވެސް މިގޮތަށް ބަހައިލާ ބައިތަކުން އެއްވެސް ބައެއް އިމާރާތުގެ ފުޓްޕްރިންޓުގެ %5 (ފަހެއް އިން ސައްތަ) އަށް ވުރެ ކުޑަވެގެން ނުވާނެއެވެ. މިގޮތަށް ބާއްވާ ޕާކިންގ އޭރިޔާއަށް ވަނުމަށް އޮންނަ މަގު ނުވަތަ ރޭމްޕް، އިމާރާތުގެ ފުޓްޕްރިންޓުން ޕާކިންގއަށް ދޫކުރަންޖެހޭ %10 (ދިހައެއް އިންސައްތަ) ގެ ތެރެޔަކު ނުހިމެނޭނެއެވެ.

(ރ) ދުއްވާ އެއްޗެއްސަށް ވަނުން މަނާ މަގުތަކުގައި ހުންނަ ގޯތިތައް އިމާރާތްކުރާއިރު ޕާކިންގއަށް ޖާގަ ދޫކުރާކަށެއް ނުޖެހޭނެއެވެ. 

 

 

ނުވަވަނަ ބާބު

އެހެނިހެން

 

21 ވަނަ މާއްދާ - ނުވަވަނަ ބާބު އެހެނިހެން

(ހ) ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ހަދާ އިމާރާތުގެ ފުޓްޕްރިންޓް 1000 (އެއް ހާސް) އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑުނަމަ، ކުނި ބަހައްޓާ ޖާގައިގެ ގޮތުގައި މަދުވެގެން އިމާރާތުގެ ފުޓް ޕްރިންޓްގެ %1.5 (އެކެއް ޕޮއިންޓް ފަހެއް އިންސައްތަ) އިމާރާތުގައި ކަނޑައެޅިފައި ހުންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މިންވަރަށް ޖާގަ ދޫކުރުމުން، އެ ޖާގައިގެ ބޮޑުމިން 2x2 (ދޭއް ގުނަ ދޭއް) އަށްވުރެ ކުޑަވެގެން ނުވާނެއެވެ.  

 

22 ވަނަ މާއްދާ - ގޯތި ބައިކުރުން

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއް ބައިކުރާއިރު ގޯޅިއެއް ހިމަނައިގެން ގޯތި ބައިކުރާނަމަ، އެ ގޯޅީގެ ފުޅާމިނުގައި މަދުވެގެން 4 (ހަތަރެއް) ފޫޓު ހުންނަންވާނެއެވެ.

 

23 ވަނަ މާއްދާ - ގޯތީގެ އިމާ އިންވެގެން ޖާގަ ދޫކުރުން

މަގުމަތީގެ އިން ފިޔަވައި އެހެން އިމަކާ ގުޅިގެން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއްގައި ހަދާ އިމާރާތެއް ނުވަތަ އިމާރާތެއްގެ ބައެއް ވިޔަސް އިމުގައި ނޫން ގޮތެއްގައި ހަދާނަމަ، އެންމެ ކުޑަވެގެން 750 (ހަތް ސަތޭކަ ފަންސާސް) މިލިމީޓަރުގެ ފުޅާމިނުގެ ހުސް ޖާގައެއް ބާއްވަން ވާނެއެވެ. އިމާރާތުގެ ބައެއް އިމުގައި ޖައްސައިގެން ހަދާނަމަ، މި ބަޔާންކުރި 750 (ހަތް ސަތޭކަ ފަންސާސް) މިލިމީޓަރުގެ ފުޅާމިނުގެ ހުސްޖާގަ ހުރިހާ ދިމާއަކުން ހަމަވުން ލާޒިމެއް ނޫނެވެ. އެހެން ނަމަވެސް، ހުސްޖާގަތައް ހުންނަންވާނީ މިފަދަ ތަންތަން ސާފުކުރުމަށްޓަކައި ވަދެ ނުކުމެވޭފަދަ ގޮތަކަށެވެ.  

 

24 ވަނަ މާއްދާ - ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި، ދިރިއުޅުން ނޫން ބޭނުންތަކަށް އިމާރާތް ކުރުން

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ސައިހޮޓާ، ރެސްޓޯރަންޓް، ކެފޭ، ބޭކަރީ، ފި ހާރަ، ވަޑާންގެ، ވާރކްށޮފް، ގުދަން، އަދި އިގްތިސާދީ މަސައްކަތްކުރާ އެހެނިހެން ތަންތަން އިމާރާތްކުރުމަށް ހުއްދައަށް އެދުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލެއް، މި ގަވާއިދު ށާއިއުކުރާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މިނިސްޓްރީން އާންމުކުރަންވާނެއެވެ. 

 

25 ވަނަ މާއްދާ - ޕްލޭނިންގ ކޮމެޓީ 

(ހ)  މި ގަވާއިދުގެ މަގްސަދުގައި ހިމެނުނު ނަމަވެސް، ނުވަތަ އިމާރާތްކުރުމާ ގުޅޭ ގާނޫނުން މި ގަވާއިދުގެ އިހްތިސާސްގެ ތެރޭގައި ހިމެނުނު ނަމަވެސް، މި ގަވާއިދުގައި ބަޔާންކޮށްފައި ނެތް ކަމެއް ދިމާވެއްޖެނަމަ، އެ ކަމެއްގައި ގޮތެއް ނިންމުމަށްޓަކައި ، ޕްލޭނިންގ ކޮމިޓީގެ ނަމުގައި ކޮމިޓީއެއް މިނިސްޓަރު އެކުލަވައިލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޕްލޭނިންގ ކޮމިޓީ ހިންގާ އުސޫލުތައް ޕްލޭނިންގ ކޮމެޓީން ކަނޑައަޅަންވާނެއެވެ.

(ނ) ޕްލޭނިންގ ކޮމިޓީ ހިނގަމުންދާނީ، ޕްލޭނިންގ މިންގަނޑުތައް ކަނޑައަޅާ މިނިސްޓްރީގެ ދަށުންނެވެ.

(ރ) ޕްލޭނިންގ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ސިޔާސަތާ ގުޅޭ ނިންމުމެއް ނިންމަން ޖެހިއްޖެ ހާލަތެއްގައި އެ ކަމެއް ނިންމަވާނީ މިނިސްޓަރުގެ އިރުށާދާ އެއްގޮތަށެވެ.

(ބ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޕްލޭނިންގ ކޮމެޓީން ނިންމާ ނިންމުންތަކަށް އަމަލުކުރަންވާނެއެވެ.

 

ދިހަވަނަ ބާބު

ގަވާއިދާ ހިލާވުމުން އަމަލުކުރެވޭނެ ގޮތާއި، އަޅާނެ ފިޔަވަޅުތައް

 

26 ވަނަ މާއްދާ - ގަވާއިދާ ހިލާފު ވުމުން އަމަލުކުރަންވީ ގޮތް 

(ހ މި ގަވާއިދުގައި ކުރަން ޖެހޭނެ ކަމަށް ކަނޑައަޅައިފައިވާ ކަމެއް ނުކޮށް ދޫކޮށްލުމަކީ މަނާކަމެކެވެ. އަދި މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކަމަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެކަން އެއްވެސް ފަރާތަކަށް ފާހަގަކުރެވިއްޖެނަމަ، އެކަން ފާހަގަކުރެވޭ ފަރާތަކުން، އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަށް އަންގަންވާނެއެވެ.

(ށ) މި ގަވާއިދާ ހިލާފަށް ކަމެއް ހިނގައިފިކަމުގެ މައުލޫމާތު، އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކަށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެންގުމުން، އެފަރާތުން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވާނަމަ، އެ މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ މައުލޫމާތެއް، އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަށް ލިބިއްޖެނަމަ، ނުވަތަ ގަވާއިދާ ހިލާފުވެފައިވާ ކަމަށް އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަށް ފާހަގަކުރެވިއްޖެނަމަ، އެފަދަ ތަނެއް ހުރީ މި ގަވާއިދާ އެއްގޮތްވާ ގޮތަށްކަން ނުވަތަ ނޫންކަން އިންސްޕެކްޓު ކުރަން ވާނެއެވެ.

(ރ) މި މާއްދާގެ (ނ) ދަށުން އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއިން ކުރާ އިންސްޕެކްށަނުން އެފަދަ ތަނެއް ހުރީ މި ގަވާއިދާ އެއްގޮތަށް ނޫންކަމަށް ކަނޑައަޅައިފިނަމަ، ނުވަތަ އެފަދަ ތަނެއްގައި ނުރައްކައުތެރި ހާދިސާއެއް ހިނގައިފާނެކަމަށް ހުއްދަ ދޫކުރާ އިދާރާއިން ކަނޑައަޅައިފިނަމަ، އެފަދަ ތަނަކާ މެދު އަމަލުކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

  1. ރަނގަޅުކުރަންވީ ކަންތައްތައް ރަނގަޅުކުރުމަށް، މި ގަވާއިދުގެ 27 ވަނަ މާއްދާ ގައި ކަނޑައަޅައިފައިވާ ގޮތަށް މުއްދަތެއް ދީ، އެ މުއްދަތުގެ ތެރޭގައި އެކަންކަން ރަނގަޅުކުރުމަށް އަންގަންވާނެއެވެ.
  2. މި އަކުރުގެ (1) ވަނަ ނަންބަރު ގައިވާ އެންގުމުގައި، ސަބަބާއި ރަނގަޅުކުރަން ދޭ މުއްދަތު ބަޔާންކޮށް، ތާރީހު ޖަހައި، ސޮއިކޮށް، ތައްގަނޑު ޖަހައިފައި އޮންނަންވާނެއެވެ.
  3. މި އަކުރުގެ (1) ވަނަ ނަމްބަރުގެ ދަށުން ރަނގަޅުކުރަންވީ ކަންކަން ރަނގަޅުކުރުމާ ހަމައަށް، އެ ތަނެއްގެ ހާލަތު، ހުއްދަ ދޫކުރާ އިދާރާއިން މޮނިޓަރ ކުރަމުން ގެންދަންވާނެއެވެ.

 

27 ވަނަ މާއްދާ - ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

މި ގަވާއިދާ ހިލާފުވެފައިވާ ކޮންމެ ކަމަކަށް ވަކިވަކިން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންވާނެއެވެ.

(ހ) ކަމުގެ ކުޑަބޮޑުމިނަށް ބަލައި އެ ކަމެއް ރަނގަޅު ކުރުމަށް މުއްދަތެއް ދީފައި، އެކަން އެންގުމާއެކު، ގަވާއިދާ ހިލާފުވި ކޮންމެ ކަމަކަށް ވަކިން 100,000 (އެއްލައްކަ) ރުފިޔާއަށް ވުރެ ބޮޑު ނުވާނެ އަދަދަކުން ޖޫރިމަނާ ކުރަން ވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، އެކަމެއް ރަނގަޅުކުރުމަށް ދޭ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، ރަނގަޅުނުކޮށް ބަހައްޓާ އިތުރު ކޮންމެ ދުވަހަކަށް، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ޖޫރިމަނާކޮށްފައިވާ އަދަދުގެ %3 (ތިނެއް އިންސައްތަ) ޖޫރިމަނާގެ އަދަދަށް އިތުރުކުރަމުން ގެންދެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އަދި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، ޖޫރިމަނާ ފައިސާއާއެކު އެ ޖޫރިމަނާ ނުދެއްކުމުގެ ސަބަބުން އަރާ ފައިސާ ހޯދުމަށާއި، އެކަން ރަނގަޅުކުރުމަށް އަމުރުކޮށްދިނުން އެދި މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެއެވެ.

 

މައި ގަވާއިދު

ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 1002/2019)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މައި ގާނޫނު

އިމާރާތްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 4/2017)

ކިޔުންތެރިންގެ ހިޔާލު

Abdulla Muzillu
2 އަހަރު ކުރިން

ޢިންގްލިޝް ވާރޝަން އިނުން ރަނގަޅު ކަމަށް ފެނޭ