-

ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2021-14)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

ފުރަތަމަ ބާބު

އިބްތިދާއީ މާއްދާތައް

1 ވަނަ މާއްދާ - ތައާރަފު

މިއީ، ގާނޫނު ނަންބަރު 20/2020 (އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނު 2020) ގެ 4 ވަނަ ބާބަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 46 ވަނަ މާއްދާގެ (ށ) އިން މިނިސްޓްރީއަށް ލިބިދޭ އިހްތިޔާރުގެ ދަށުން، ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ހަމަތަކާއި އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ، "ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި އަމަލުކުރާނޭ ގޮތުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - ގަވާއިދުގެ މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ހާސިލުކުރުމެވެ.

(ހ) ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި މެދުވެރިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތަށާއި އިޖުތިމާއީ ހާލަތަށް ކުރިމަތިވެފައިވާ ދަތިކަން ހައްލުކޮށް، އާންމު ހާލަތަށް ރުޖޫއަވުމަށް މަސައްކަތްކުރުން.

(ށ) އިގްތިސާދީ ދަތި ހާލަތުގެ ޒަރޫރިއްޔަތުގެ ތެރެއިން ދިރިއުޅުން އެހެން ރަށަކަށް ބަދަލުކުރުމަށް ހުރަސްތައް ހުރި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

(ނ) ބޮޑެތި އަދަދުތަކުން ދަރަނިވެރިވަމުންދާ އާއިލާތަކަށް، އެފަދަ އާއިލާތަކުގެ ހާލަތު ބަދަލުކޮށް، އަމިއްލަ ފައިމައްޗައް ތެދުވުމަށް މަގުފަހިކޮށްދިނުން.

(ރ) މި ގަވާއިދުގެ ދަށުން އެހީ ދެވޭ ފަރާތްތަކުގައި ހުންނަންޖެހޭ ށަރުތުތައް ކަނޑައެޅުން.

(ބ) މި ގަވާއިދުގެ ދަށުން އެހީ ދެވޭ ފަރާތްތަކުގެ މައުލޫމާތު ބެލެހެއްޓުމާއި، އެކަމާ ގުޅޭ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތްތައް ކަނޑައެޅުން.

(ޅ) މި ގަވާއިދުގެ ދަށުން އެހީ ދެވޭނެ މިންވަރާއި، މިންގަނޑުތަކާއި، ގޮތްތައް ކަނޑައެޅުން.

(ކ) މި ގަވާއިދުގެ ދަށުން ދެވޭ އެހީ ދިނުން ހުއްޓައިލެވޭނެ ހާލަތްތައް ބަޔާންކުރުމާއި، އެހީ ދިނުން ހުއްޓައިލުމުގައި އަމަލުކުރާނެ ގޮތް ކަނޑައެޅުން.

 

ދެވަނަ ބާބު

އެހީ ދެވޭ ފަރާތްތަކުގެ ދަފުތަރު ބެލެހެއްޓުމާއި، އެހީ ދޭނެ ފަރާތްތައް ކަނޑައެޅުމުގައި ބަލާނެ ށަރުތުތައް

 

4 ވަނަ މާއްދާ - އެހީ ދެވޭ ފަރާތްތަކުގެ ދަފުތަރު ބެލެހެއްޓުން

ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީއަށް އެދޭ ފަރާތްތަކާއި އެހީ ފޯރުކޮށްދެވޭ ފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީން އެކުލަވައިލައި، އެ ދަފުތަރު ބަލަހައްޓަންވާނެއެވެ.

 

5 ވަނަ މާއްދާ - އެހީއަށް އެދި ހުށަހެޅުން

(ހ) ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީއަށް އެދި ހުށަހަޅަންވާނީ، އެކަމަށް ހާއްސަކޮށްފައިވާ "ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކުން އެހީތެރިކަމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަކުރުމަށްފަހު، އެ ފޯމުގެ ޒަރީއާއިންނެވެ. މި ފޯމު، މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ

(ށ) މި ގަވާއިދުގެ ދަށުން އެހީއަށް އެދި ފޯމު ހުށަހަޅަންވާނީ، އެހީއަށް އެދޭ ފަރާތުން ވަޒަންވެރިވާން ބޭނުންވާ ރަށުގެ ކައުންސިލްގެ އިދާރާއަށެވެ.                                       

(ނ) އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަފުތަރުގައި ރަޖިސްޓަރީ ކުރެވޭނީ، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

(ރ) އެހީއަށް އެދޭ ފަރާތްތަކުގެ ތެރެއިން މި ގަވާއިދުގެ ދަށުން އެހީ ދެވޭނީ، ދަފުތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

(ބ) ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ހޯދުމަށް ފޯމު ހުށަހަޅަންވާނީ، އެހީ ބޭނުންވާ މީހާއެވެ. އާއިލާއެއްގެ ފަރާތުން އެހީއަށް އެދެވޭނީ، އެއް ފަރާތަށެވެ. އެއީ އާއިލާއެއް ތަމްސީލުކުރާ މީހާގެ ގޮތުގައި، އެ އާއިލާއިން ފޯމު ހުށަހަޅާ ފަރާތެވެ.

(ޅ) އެހީއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުމެއް ފުރިހަމަވާ ދުވަހުން ފެށިގެން، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެހީ ލިބޭކަން ނުވަތަ ނޫންކަން، އެހީއަށް އެދި ހުށަހަޅާ ފަރާތަށް މިނިސްޓްރީން އަންގަންވާނެއެވެ.

(ކ) އެހީއަށް އެދި ހުށަހަޅާ ފޯމަށް އަމަލުކުރެވޭނީ، ފޯމާއެކު ހުށަހަޅަންޖެހޭ މައުލޫމާތާއި ލިޔެކިޔުންތައް ކައުންސިލުގެ އިދާރާއަށް ހަމަޔަށް ލިބުމުންނެވެ. އަދި ފޯމާއެކު ހުށަހަޅަންޖެހޭ މައުލޫމާތާއި ލިޔެކިޔުންތައް ހަމަނުވާނަމަ، ހަމަނުވެހުރި ހުރިހާ މައުލޫމާތާއި ލިޔެކިޔުންތައް 30 (ތިރީސް) ދުވަހުގެ ތެރޭގައި ހަމަކޮށްފައި ހުށަހެޅުމަށް އެންގުމަށްފަހު، ހަމަނުވެހުރި ހުރިހާ މައުލޫމާތާއި ލިޔެކިޔުންތައް މި މުއްދަތުގައި ހަމަކޮށްފައި ހުށަނާޅައިފިނަމަ، އެ ފޯމު ބާތިލުވާނެއެވެ. މިގޮތުން ބާތިލުކުރެވޭ ފޯމު އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

 

6 ވަނަ މާއްދާ - ވަނަ މާއްދާ - އެހީ ލިބޭ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތައް (އިސްލާހު ކުރެވިފައި)

މި ގަވާއިދުގެ ދަށުން އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) ދރިއުޅުން، އެހެން ރަށަކަށް ދިގު މުއްދަތަކަށް ބަދަލުކުރަން ބޭނުންވެ، އެކަން ކުރުމަށް ދަތިވެފައިވުން.

(ށ) ބަދަލުވާން ބޭނުންވާ ރަށުގައި ދިރިއުޅެވ ނެ އިންތިޒާމު ހަމަޖެހިފައިވުން، ނުވަތަ އެފަދަ އިންތިޒާމެއް ހަމަޖެއްސޭނެ ފަދަ ގޮތެއް ހުރުން.

(ނ) ދިވެހި ރައްޔިތެއް ކަމުގައި ވުން.

(ރ) މާލީ އެހީ ފޯރުކޮށްދެވ ފަރާތެއްނަމަ، ފަގީރުކަމުގެ ހާލަތު ދެނެގަތުމާބެހޭ ގޮތުން އެޖެންސީން ކަނޑައަޅައިފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ މަދުން، މީލާދީ މަހެއްގެ މައްޗަށް އާމްދަނީ ލިބޭ، ދިރިއުޅުމުގެ ހާލަތު ދަށް ފަރާތެއް ކަމުގައި ވުން.

 

7 ވަނަ މާއްދާ - ށަރުތުތަކުން އިސްތިސްނާވާ ހާލަތްތައް (އުނި ކުރެވިފައި)

 

 

ތިންވަނަ ބާބު

އެހީގެ މިންވަރުތަކާއި، އެހީ ދޭނެ ގޮތް

8 ވަނަ މާއްދާ - އެހީ ހަމަޖައްސައިދިނުން

ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން މާލީ އެހީގެ ގޮތުގައި ފޯރުކޮށްދެވޭނީ، މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެހީތަކުގެ ތެރެއިން، އެހީއަށް އެދި ހުށަހަޅާ ފަރާތުން ފޯމުގައި ބޭނުންވާކަމަށް ފާހަގަ ޖަހައިފައިވާ މާލީ އެހީތަކަށް ރިއާޔަތްކޮށް، ކަނޑައެޅޭ އެހީގެ މިންވަރެކެވެ.

 

9 ވަނަ މާއްދާ - ހަމަޖައްސައިދެވޭ އެހީ

(ހ) އެސްޓަބްލިށްމަންޓް ސަޕޯޓް އެލަވަންސް؛

އެހީ ހަމަޖެހުމަށްފަހު، 6 (ހައެއް) މަސްދުވަހަށް، ކޮންމެ މަހަކަށް އާއިލާއަކަށް 3,000 (ތިން ހާސް) ރުފިޔާ ޖަމާކޮށްދެވޭނެއެވެ.

(ށ) ރީލޮކޭޓް ވުމަށް ކުރަންޖެހޭ ދަތުރުފަތުރުގެ ހަރަދު ހަމަޖައްސައިދިނުމަށް ފޯރުކޮށްދެވޭ މާލީ އެހީ؛

  1. މި އެހީ ފޯރުކޮށްދެވޭނީ ވަޒަންވެރިވާން އެދޭ ރަށަށް ދަތުރުކުރުމުގެ އެއްކޮޅު ޓިކެޓަށް ހިނގާ ހަރަދެވެ.
  2. އެހީއަށް އެދޭ ފަރާތުގެ މާލީ ހާލަތާއި، ދިރިއުޅުން ބަދަލުކުރަން އެދޭ މެންބަރުންގެ އަދަދާއި، ވަޒަންވެރިވާން އެދޭ ރަށަށް ރިއާޔަތްކޮށް، ހަރަދުގެ އިންސައްތައެއް އެހީގެ ގޮތުގައި ހަމަޖައްސައިދެވިދާނެއެވެ.

(ނ) ގޯތި/އިމާރާތް މަރާމާތުކުރުމަށް ފޯރުކޮށްދެވޭ މާލީ އެހީ؛

އެހީއަށް އެދޭ ފަރާތުގެ މާލީ ހާލަތާއި، ދިރިއުޅުން ބަދަލުކުރަން އެދޭ ގޯތި/އިމާރާތުގެ ހާލަތަށް ރިއާޔަތްކޮށް، މަރާމާތު ކުރުމަށް ހިނގާނޭ ހަރަދުގެ އިންސައްތައެއް އެހީގެ ގޮތުގައި ހަމަޖައްސައިދެވިދާނެއެވެ.

(ރ) ގޭބީސީގައި ހިފައިގެންގުޅޭ ތަކެތި ހޯދުމަށް ފޯރުކޮށްދެވޭ މާލީ އެހީ؛

އެހީއަށް އެދޭ ފަރާތުގެ މާލީ ހާލަތާއި، ދިރިއުޅުން ބަދަލުކުރަން އެދޭ ގޭގެ ހާލަތަށް ރިއާޔަތްކޮށް، ތަކެތި ހޯދުމަށް ހިނގާނޭ ހަރަދުގެ އިންސައްތައެއް، އެހީގެ ގޮތުގައި ހަމަޖައްސައިދެވިދާނެއެވެ.

(ބ) ގޭބީސީގެ ފަރުނީޗަރު ހޯދުމަށް ފޯރުކޮށްދެވޭ މާލީ އެހީ؛

  1. އެހީއަށް އެދޭ ފަރާތުގެ މާލީ ހާލަތާއި، ދިރިއުޅުން ބަދަލުކުރަން އެދޭ ގޭގެ ހާލަތަށް ރިއާޔަތްކޮށް، ފަރުނީޗަރު ހޯދުމަށް ހިނގާނޭ ހަރަދުގެ އިންސައްތައެއް އެހީގެ ގޮތުގައި ހަމަޖައްސައިދެވިދާނެއެވެ.
  2. ފަރުނީޗަރުގެ ގޮތުގައި ފޯރުކޮށްދެވޭނީ، ނިދާ އެނދު، ގޮދަޑި، ގޮނޑި، މޭޒު، އަލަމާރި ފަދަ ފަރުނީޗަރުގެ ގޮތުގައި ބޭނުންކުރާ ތަކެއްޗެވެ.

 

10 ވަނަ މާއްދާ - ދަފުތަރު ކުރެވޭ ފަރާތްތަކަށް ފޯރުކޮށްދެވޭ އިތުރު އެހީތެރިކަން

(ހ) މި ގަވާއިދުގެ ދަށުން ދަފުތަރުކުރެވި، އެހީ ހަމަޖެހޭ ފަރާތްތަކަށް، މި މާއްދާގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެހީތަކުގެ އިތުރުން، އެ ފަރާތުގެ ހާލަތަށް ރިއާޔަތްކޮށްފައި އަންނަނިވި އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.

  1. ތައުލީމާއި ތަމްރީނު؛
    1.1.ރަސްމީ ތައުލީމު ހާސިލުކުރާ އުމުރުފުރައިގެ ކުދިންނަށް، ބަދަލުވާ ރަށުގެ ސްކޫލުން ޖާގަ ހޯދައިދިނުމަށް، ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް އެހީތެރިވުން.
    1.2.ސްކޫލަށް ދިއުމަށް ބޭނުންވާ އެހެނިހެން ތަކެތި ހޯދުމަށް ދަތިވާ ފަރާތްތަކަށް، އެހީ ފޯރުކޮށްދޭ ޕްރޮގްރާމުގައި ހިމެނޭފަދަ އާއިލާއެއް ނަމަ، ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް އެކަން ފަހިކޮށްދިނުން.
    1.3.ސްކޫލަށް ދިއުމަށް އިތުރު މާލީ އެހީ ބޭނުންވާނަމަ، އެފަދަ ތަކެތި ގަތުމަށް ލުއިލޯނު ފަދަ ވަސީލަތްތައް ހޯދުމަށް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް އެހީތެރިވުން.
    1.4.ކައިރި ރަށްރަށުގައި ތަމްރީނުގެ ފުރުސަތުތައް ހުރިނަމަ، އެފަދަ ތަންތަނުން އެ ފުރުސަތު ހޯދުމަށް، ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް އެހީތެރިވުން.
  2. އާމްދަނީ؛
    2.1.ޖޮބް ސެންޓަރުތައް މެދުވެރިކޮށް ވަޒީފާގެ ފުރުސަތު ހޯދުމަށް، ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް މަގުފަހިކޮށްދިނުން.
    2.2.އެގްރި ބިޒްނަސް / ހޯމްބޭސްޑް ބިޒްނަސް/ އާމްދަނީ ހޯދުމަށް ބޭނުންވާ ތަކެތި ގަތުމަށް ލުއި ލޯނު ފަދަ ވަސީލަތްތައް ހޯދުމަށް، ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް މަގުފަހިކޮށްދިނުން.
    2.3.އާމްދަނީ ލިބޭނެ މަގެއް ތަނަވަސް ކުރުމަށް ތަމްރީނު ހޯދުމުގެ މަގު (ޓިވެޓް ޕްރޮގްރާމް/އިންޓަރންށިޕް ފަދަ ފުރުސަތުތައް) ހޯދުމަށް، ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް މަގުފަހިކޮށްދިނުން.
  3. އިޖުތިމާއީ އެހީތައް؛
    3.1.ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު އެހީ (ގޭތެރޭގައި ހެލިފެލިވެ އުޅުމަށާއި ދަތުރުފަތުރަށް ފަހިކުރުމަށް( ހޯދުމަށް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް މަގުފަހިކޮށްދިނުން.
    3.2.އިޖުތިމާއީ އެހީއާއި ރައްކައުތެރިކަމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ށަރުތުހަމަވާ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް، ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުން.
  4. ރަށްވެހިކަން ބަދަލުކުރަން އެދޭނަމަ، ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް އެކަމަށް އެހީތެރިވުން.
  5. ފެނާއި ކަރަންޓާއި ނަރުދަމާ ފަދަ، ގޭބީސީއަށް ބޭނުންވާ ހިދުމަތްތައް ހޯދުމަށް، ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް އެހީތެރިވުން.
  6. ސިއްހީ ހިދުމަތްތައް؛
    6.1.ދިގުމުއްދަތަށް ފަރުވާކުރަން ބޭނުންވާ ބޭސް ކާންޖެހޭނަމަ، ރަށުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުން އެކަން ހަމަޖައްސައިދިނުމަށް އެހީތެރިވުން.
    6.2.އިތުރު ފަރުވާއަށް ދަތުރުކުރަން ޖެހޭނަމަ، އެފަދަ ކަންކަން ފަހިކުރުމަށް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް އެހީތެރިވުން.
  7. މިނޫންވެސް އެހެނިހެން އެހީތެރިކަން ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް ހޯދުމަށް އެހީތެރިވުން.

 

11 ވަނަ މާއްދާ - އެހީ ފޯރުކޮށްދެވޭނެ ގޮތް

މި ގަވާއިދުގެ ދަށުން ފޯރުކޮށްދެވޭ މާލީ އެހީ ފޯރުކޮށްދެވޭނީ، އެހީއަށް އެދި ހުށަހަޅައިފައިވާ ފޯމުގައި ބަޔާންކޮށްފައިވާ ބޭންކް އެކައުންޓަށެވެ. މިގޮތުން އެހީ ލިބެންވާ ފަރާތަށް ފޯރުކޮށްދޭންޖެހޭ މާލީ އެހީއަކީ ކޮބައިކަން އެ ފަރާތަށް އަންގައި، އެހީ ހަމަޖެހޭކަން އަންގާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން އެ ފަރާތުގެ ބޭންކް އެކައުންޓަށް ޖަމާކުރަންވާނެއެވެ.

 

ހަތަރުވަނަ ބާބު

އެހީ ލިބެމުންދާ ފަރާތުގެ ހާލަތު މޮނިޓަރ ކުރުން

 

12 ވަނަ މާއްދާ - ކޮންޓިނުއަސް މޮނިޓަރިންގ

(ހ) މި ގަވާއިދުގެ ދަށުން ދަފުތަރުކުރެވި އެހީ ލިބެމުންދާ ފަރާތްތަކުގެ ހާލަތު، އެހީ ލިބެން ފަށާތާ މަދުވެގެން 1 (އެކެއް) އަހަރުދުވަސް ވަންދެން، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން މޮނިޓަރ ކުރަމުން ގެންދަންވާނެއެވެ. މިގޮތުން އެހީ ލިބޭ ފަރާތަށް ޒިޔާރަތްކޮށް ކަންކަން ބެލުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. އަދި ކުރާ ޒިޔާރަތުގައި މިނިސްޓްރީއަށް ބޭނުންވާ މައުލޫމާތު ދިނުމަށް އެހީ ލިބޭ ފަރާތުން އެއްބާރުލުން ދޭންވާނެއެވެ.

(ށ) އެހީ ލިބެމުންދާ ފަރާތްތަކުން ކޮންމެ 3 (ތިނެއް) މަހަކުން އެއްފަހަރު، އެ ފަރާތްތަކުގެ ހާލަތު ބަޔާންކޮށް "ހާލަތު ވަޒަންކުރާ ފޯމު"، ދިރިއުޅޭ ރަށުގެ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

13 ވަނަ މާއްދާ - އެހީ ލިބެމުންދާ ފަރާތުގެ ހާލަތު ބަދަލުވުން

މި ގަވާއިދުގެ ދަށުން އެހީ ލިބެމުންދާ ފަރާތެއްގެ ހާލަތު ބަދަލުވެއްޖެ ނަމަ، ނުވަތަ އެ ފަރާތުގެ މައުލޫމާތެއް ބަދަލުވެއްޖެ ނަމަ، އެހީ ލިބެމުންދާ ފަރާތުން އެކަން "ހާލަތު ވަޒަންކުރާ ފޯމު" މެދުވެރިކޮށް، ދިރިއުޅޭ ރަށުގެ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

14 ވަނަ މާއްދާ - އެހީ ހުއްޓައިލުން

އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް ދިމާވެއްޖެނަމަ، މި ގަވާއިދުގެ ދަށުން އެ ފަރާތަށް ދެމުންގެންދާ މާލީ އެހީ ދިނުން ހުއްޓައިލެވޭނެއެވެ.

(ހ) އެހީ ލިބެމުންދާ ފަރާތް ނިޔާވުމުން؛

  1. އެހީ ފޯރުކޮށްދެވޭ ފަރާތް ނިޔާވުމުން، ނިޔާވި ފަރާތުގެ އާއިލާގެ ދިރިއުޅުމުގެ ހާލަތު ބަދަލުވެފައި ނުވާނަމަ، ނުވަތަ މިނިސްޓްރީން ކަނޑައަޅައިފައިވާ މިންވަރަށްވުރެ އެ ފަރާތްތަކުގެ އާއިލާގެ މާލީ ހާލަތު ރަނގަޅުވެފައި ނުވާނަމަ، އެ ހާލަތުގައި އެހީ އެއްކޮށް ހުއްޓައިލުމުގެ ބަދަލުގައި އާއިލާގެ މާލީ ޒިންމާތައް އަދާކުރާނެ އިތުރު ފަރާތެއް ހުރިތޯ ޔަގީންކުރުމަށްފަހު، އެފަދަ ފަރާތެއް ހުރިނަމަ؛
  2. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ހާލަތުގައި ނިޔާވި ފަރާތުގެ ބަދަލުގައި އެހީ ލިބޭ ފަރާތުގެ ގޮތުގައި ކަނޑައަޅާނީ ނިޔާވި ފަރާތުގެ އާއިލާގެ މެންބަރެކެވެ.

(ހ) އެހީ ލިބެމުންދާ ފަރާތުގެ ދިރިއުޅުން އެހެން ރަށަކަށް ބަދަލުވުން.

(ށ) އެހީ ލިބެމުންދާ ފަރާތުގެ މާލީ ހާލަތު، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ބ) ގައި ކަނޑައަޅައިފައިވާ މިންވަރަށްވުރެ ރަނގަޅުވުން.

(ނ) މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ށ) ގެ ދަށުން އެހީ ލިބެމުންދާ ފަރާތްތަކުން، ކޮންމެ 3 (ތިނެއް) މަހުން އެއްމަހު ހުށަހަޅަންޖެހޭ "ހާލަތު ވަޒަންކުރާ ފޯމު" ހުށަހަޅަމުން ނުދިއުން.

 

ފަސްވަނަ ބާބު

އާންމު ބައިތައް

 

15 ވަނަ މާއްދާ - ގަވާއިދާއި ހިލާފުވުން

(ހ) އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން، އެ ފަރާތުގެ ހާލަތު ބަދަލުވުމުގެ ސަބަބުން، ނުވަތަ އެހީ ލިބުމުގައި ފުރިހަމަވާންޖެހޭ ށަރުތުތަކުގެ ތެރެއިން ށަރުތެއް އެ ފަރާތުގެ ކިބައިގައި ހަމަނުވުމުގެ ސަބަބުން، ނުވަތަ އެހީ ދިނުމުގައި ބަލާ މިންގަނޑާއި ގަވާއިދުތަކަށް ނުފެތޭ ފަރާތަކުން އެކަން މިނިސްޓްރީއަށް އެންގުމަކާ ނުލައި އެހީ ނަގަމުން އަންނަކަން މިނިސްޓްރީއަށް އެނގިއްޖެނަމަ، އިތުރަށް ދެވިފައިވާ ފައިސާ ހޯދުމަށް ޓަކައި ފިޔަވަޅު އެޅޭނެއެވެ.

(ށ) އެހީ ލިބެމުންދާ ފަރާތުން މިނިސްޓްރީއަށް ދޮގުމައުލޫމާތު ފޯރުކޮށްދީފައިވާނަމަ، އެކަން މިނިސްޓްރީއަށް ފާހަގަވާ ހިސާބުން، އެ ފަރާތަށް ދެމުންގެންދާ އެހީ ފޯރުކޮށްދިނުން ހުއްޓައިލެވި، އިތުރަށް ދެވިފައިވާ ފައިސާ ހޯދުމަށް ޓަކައި ފިޔަވަޅު އެޅޭނެއެވެ. އަދި މިނިސްޓްރީއަށް ދޮގުމައުލޫމާތު ދީފައިވުމުން އެކަމާ ގުޅިގެން ގާނޫނީ ފިޔަވަޅު ޖިނާއީ އިޖުރައަތުގެ ތެރެއިން އެޅޭނެއެވެ.

 

16 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

17 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރުމާއި އިސްލާހުކުރުން

މި ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންކަން ތަންފީޒުކޮށް ހިންގުމަކީ މިނިސްޓްރީގެ ޒިންމާއެކެވެ. އަދި މި ގަވާއިދަށް އިސްލާހެއް ގެންނަން ޖެހިއްޖެ ހިނދެއްގައި އެ އިސްލާހު ގެނައުމުގެ ބާރާއި އިހުތިޔާރު ލިބިގެންވަނީ މިނިސްޓްރީއަށެވެ.

 

18 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތައް މާނަކުރާނީ، މި މާއްދާގައި އެ ލަފުޒުތަކުގެ މާނަކަމުގައި ބަޔާންކޮށްފައިވާ ގޮތަށެވެ. މި ގަވާއިދުގައި މުފުރަދުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް، އެ ލަފުޒުތަކާއި އިބާރާތްތަކުގެ ޖަމްއު މާނައިގައި، އަދި ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކާއި އިބާރާތްތަކުގެ މުފުރަދު މާނައިގައި ބޭނުން ކުރެވޭނެއެވެ.

(ހ) "މިނިސްޓްރީ" ކަމުގައި ބުނެފައި އެވަނީ، ރައްޔިތުންނަށް އިޖުތިމާއީ ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތާ ހަވާލުވެފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "އެޖެންސީ" ކަމުގައި ބުނެފައި އެވަނީ، ނޭށަނަލް ސޯސަލް ޕްރޮޓެކްށަން އެޖެންސީއަށެވެ.

(ނ) "އެހީ ލިބެންވާ ފަރާތް" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގައި އެހީ ލިބުމަށް ކަނޑައަޅައިފައިވާ އެންމެހައި ށަރުތުތައް ފުރިހަމަވެގެން، އެހީ ފޯރުކޮށްދެވޭ ފަރާތެއްކަމަށް ރަޖިސްޓަރީކުރެވޭ ފަރާތްތަކުގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށެވެ.

 

މައި ގަވާއިދު

ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 14/2021)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

ކިޔުންތެރިންގެ ހިޔާލު