އިންތިގާލީ އިންސާފުގެ ގާނޫނު (ގާނޫނު ނަންބަރު 28/2020) ގެ ދަށުން ބަދަލު ނަގައިދިނުމުގައި ކޯޓުތަކުން ޢަމަލުކުރާނެ އިޖުރާއަތުތަކާއި ބަދަލު ނަގައިދޭނެ އަދަދު ތަކުގެ މިންގަނޑުތަކުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2021-158)
(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
ފެށުން
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2020-28 (އިންތިގާލީ އިންސާފުގެ ގާނޫނު) ގެ ދަށުން ބަދަލު ނަގައިދިނުމުގައި ކޯޓުތަކުން އަމަލުކުރާނެ އިޖުރާއަތުތަކާއި ބަދަލު ނަގައިދޭނެ އަދަދުތަކުގެ މިންގަނޑުތަކުގެ ގަވާއިދެއް ހަދަންވާނެ ކަމަށް، އެ ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، އެގޮތުގެ މަތީން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ "ގާނޫނު ނަންބަރު 2020-28 (އިންތިގާލީ އިންސާފުގެ ގާނޫނު) ގެ ދަށުން ބަދަލު ނަގައިދިނުމުގައި ކޯޓުތަކުން އަމަލުކުރާނެ އިޖުރާއަތުތަކާއި ބަދަލު ނަގައިދޭނެ އަދަދުތަކުގެ މިންގަނޑުތަކުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ގަވާއިދުގެ ދާއިރާ
ގާނޫނު ނަންބަރު 2020-28 (އިންތިގާލީ އިންސާފުގެ ގާނުނު) ގެ ދަށުން ކޯޓުތަކުން ބަދަލު ނަގައިދޭންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އަދަދުތަކުގެ މިންގަނޑާ އެއްގޮތަށެވެ.
3 ވަނަ މާއްދާ - ބަދަލު ނަގައިދިނުން
ގާނޫނު ނަންބަރު 2020-28 (އިންތިގާލީ އިންސާފުގެ ގާނޫނު) ގެ ދަށުން އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހޭޅޭ މައްސަލައެއްގައި ނުވަތަ އެ އޮފީހުގެ އަމިއްލަ އިސްނެގުމެއްގައި ބަލާ މައްސަލައެއްގައި، ނިޒާމީގޮތެއްގައި ރޭވިގެން ހިންގައިފައިވާ އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ހިފެހެއްޓިއްޖެނަމަ، އެ އަމަލުގެ ށިކާރައަކަށްވި ފަރާތަށް އަދުލުވެރި ބަދަލުގެ ގޮތުގައި ކޯޓުން ނަގައިދެވޭނީ މާލީ ބަދަލާއި އެހެނިހެން ބަދަލެވެ.
ފުރަތަމަ ބައި
ބަދަލަށް އެދުން
4 ވަނަ މާއްދާ - ބަދަލު ނަގައިދިނުމަށް އެދި ކޯޓަށް ހުށަހެޅުން
(ހ) ބަދަލު ނަގައިދިނުމަށް އެދި ކޯޓަށް ހުށަހަޅާނީ، ގާނޫނު ނަންބަރު 2020-28 (އިންތިގާލީ އިންސާފުގެ ގާނޫނު) ގެ 42 ވަނަ މާއްދާގެ (ނ) ގެ ދަށުން އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ ހުށަހެޅުމަކާ ގުޅޭގޮތުން، އޮމްބަޑްސްޕަރސަންގެ އޮފީހުން ބަދަލު ހޯދުމަށް ދައުވާކުރަންވާނީ ކޮން ފަރާތަކަށްކަން ކަނޑައެޅުމުން، އެ އޮފީހުން ކަނޑައަޅާ ކަނޑައެޅުމާ އެއްގޮތަށެވެ.
(ށ) ބަދަލު ނަގައިދިނުމަށް އެދި ހުށަހަޅާނީ، ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބަދަލު ނަގައިދިނުމުގެ އިހްތިސާސް ލިބިދީފައިވާ ކޯޓަކަށެވެ.
(ނ) ބަދަލު ހޯދުމަށް އެދި ކޯޓަށް ހުށަހަޅަންވާނީ، ގާނޫނު ނަންބަރު 2020-28 (އިންތިގާލީ އިންސާފުގެ ގާނޫނު) ގެ 42 ވަނަ މާއްދާގެ (ނ) ގެ ދަށުން، އޮމްބަޑްސްޕަރސަންގެ އޮފީހުން ނިންމައިފައިވާ ނިންމުމަކާ އެކުގައެވެ.
(ރ) ބަދަލު ހޯދުމަށް އެދި އަނިޔާ ލިބިފައިވާ ފަރާތަށް ހުށަހެޅޭނީ، ގާނޫނު ނަންބަރު 2020-28 (އިންތިގާލީ އިންސާފުގެ ގާނޫނު) ގެ 42 ވަނަ މާއްދާގެ (ރ) ގައިވާ ހާލަތުގައެވެ.
(ބ) ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ކިބައިން ބަދަލު ނަގައިދިނުމަށް އެދި ހުށަހެޅޭނީ، ގާނޫނު ނަންބަރު 2020-28 (އިންތިގާލީ އިންސާފުގެ ގާނޫނު) ގެ 42 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން ބަންޑާރަނައިބަށެވެ.
(ޅ) ގާނޫނު ނަންބަރު 2020-28 (އިންތިގާލީ އިންސާފުގެ ގާނޫނު) ގެ 42 ވަނަ މާއްދާގެ (ނ) ގެ ދަށުން، އޮމްބަޑްސްޕަރސަންގެ އޮފީހުން ގޮތެއް ނިންމާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އެ މައްސަލައަކާ ގުޅިގެން ދައުވާކުރުމަށް ކޯޓަށް ހުށަހަޅަންވާނެއެވެ.
(ކ) ގާނޫނު ނަންބަރު 2020-28 (އިންތިގާލީ އިންސާފުގެ ގާނޫނު) ގެ 42 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން އޮމްބަޑްސްޕަރސަންގެ އޮފީހުން ނިންމާ ނިންމުމުގެ މައްޗަށް ރިއާޔަތްކޮށް، ދައުލަތުގެ މުއައްސަސާގެ ފަރާތުން ބަދަލު ހޯދުމަށް ދައުވާ ކުރެވިދާނެއެވެ.
ދެވަނަ ބައި
ސީދާ ގެއްލުމުގެ ބަދަލު
5 ވަނަ މާއްދާ - ސީދާ ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ދާއިރާ
(ހ) ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި މާލީ ބަދަލެއް ނަގައިދެވޭނީ، ނިޒާމީގޮތެއްގައި ރޭވިގެން ހިންގައިފައިވާ އަމަލެއްގެ ސީދާ ނަތީޖާއެއްގެ ގޮތުން މީހެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ހިފެހެއްޓިއްޖެނަމަ، އެ އަމަލުގެ ށިކާރައަކަށްވި ފަރާތްތަކަށެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ސީދާ ގެއްލުމުގެ ބަދަލު ނަގައިދެވޭނީ އަންނަނިވި ބާވަތްތަކުގެ އަނިޔާތަކަށެވެ.
- މާލީގޮތުން ލިބިފައިވާ ސީދާ ގެއްލުން؛
- ގުނަވަނެއް ނެތިދިޔުން ނުވަތަ ދާއިމީކޮށް ގުނަވަނެއް މަސައްކަތް ނުކުރުން ނުވަތަ އެހެންވެސް ދާއިމީ ޖިސްމާނީ ގެއްލުމެއް ވުން؛
- ދާއިމީކޮށް ނަފްސާނީގޮތުން ގެއްލުންވުން ނުވަތަ މަރުވުން.
(ނ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައިވާ ހާލަތުގައި ނަގައިދެވޭ މާލީ ބަދަލު ނަގައިދެވޭނީ، ލިބުނު ސީދާ ނަތީޖާއެއްގެ ގޮތުން ގެއްލުން ލިބުނު ފަރާތުގެ ގާނޫނީ ބެލެނިވެރިޔާއަށެވެ.
(ރ) މި ބާބުގެ ދަށުން ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުން ނަގައިދެވޭނީ، ގާނޫނު ނަންބަރު 2020-28 (އިންތިގާލީ އިންސާފުގެ ގާނޫނު) ގެ 40 ވަނަ މާއްދާގެ (ހ) ގައިވާ ބަދަލެވެ.
6 ވަނަ މާއްދާ - ސީދާ ގެއްލުމަށް ބަދަލު ނަގައިދިނުމުގައި ބަލާނެ މިންގަނޑުތައް
ނިޒާމީގޮތެއްގައި ރޭވިގެން ހިންގައިފައިވާ އަމަލެއްގެ ސީދާ ނަތީޖާއެއްގެ ގޮތުން މީހެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ހިފެހެއްޓުމުގެ ސަބަބުން ލިބުނު ގެއްލުމަށް ބަދަލު ނަގައިދިނުމުގައި އަންނަނިވި ކަންކަމަށް ބެލިދާނެއެވެ.
(ހ) ހިފެހެއްޓުނު އިންސާނީ ހައްގަކީ ނުވަތަ އަސާސީ މިނިވަން ކަމަކީ ކޮބައިކަން.
(ށ) ލިބިފައިވާ ގެއްލުން / ގެއްލުމުގެ ބާވަތް (މިސާލަކަށް: ވަޒީފާއެއް، ވިޔަފާރިއެއް، މުދަލެއް، ހަށިގަނޑުގެ ގުނަވަނެއް).
(ނ) ގެއްލުންވި ތާރީހުން ފެށިގެން މިއަދާ ހަމައަށް ހިނގި މުއްދަތު.
(ރ) ގެއްލުން ކުޑަކުރުމަށް ކުރެވިފައިވާ މަސައްކަތް.
(ބ) އާންމު ހާލަތަށް އައުމަށް ހިނގި މުއްދަތު.
(ޅ) މުޖުތަމައުގައި އެ މީހެއްގެ މަގާމަށް އައި ބަދަލު (ނަމާއި އަބުރަށް ލިބުނު އުނިކަން).
7 ވަނަ މާއްދާ - މާލީގޮތުން ލިބިފައިވާ ސީދާ ގެއްލުން
މާލީގޮތުން ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ބަލާނީ އަންނަނިވި ކަންކަމަށެވެ.
(ހ) ގެއްލުންވިއިރު ލިބެމުންދިޔަ އާމްދަނީއާއި ގެއްލުންނުވެ އެ ވަޒީފާ / ވިޔަފާރީގައި ދެމިހުރިނަމަ ލިބެމުންދާނެ އާމްދަނީ.
(ށ) ދިރިއުޅެމުން އައި ގޯތިގެދޮރު ގެއްލުމުން ލިބުނު ގެއްލުން.
(ނ) ގައިރު ގާނޫނީ ގޮތެއްގައި ހައްޔަރުކުރުމުގެ ސަބަބުން ނުވަތަ ބަންދުކުރުމުގެ ސަބަބުން ލިބުނު ގެއްލުން.
8 ވަނަ މާއްދާ - ޖިސްމާނީ ގެއްލުން
(ހ) ޖިސްމާނީ ގެއްލުމުގެ ބަދަލު ނަގައިދެވޭނީ، ތިރީގައިވާ ހާލަތްތަކުގައެވެ.
- ގުނަވަނެއް ނެތިދިޔުން؛
- ދާއިމީކޮށް ގުނަވަނެއް މަސައްކަތް ނުކުރުން؛
- ދާއިމީ ޖިސްމާނީ އެހެން ގެއްލުމެއް ލިބިފައިވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެފައިވާކަން ސާބިތުކޮށްދެވިއްޖެނަމަ، ޖިސްމާނީ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި އަންނަނިވި ކަންތައްތަކަށް ރިއާޔަތް ކުރަންވާނެއެވެ.
- ޖިސްމާނީ ގެއްލުން ލިބިފައިވަނީ، ވައިޓަލް ނުވަތަ ސެކަންޑްރީ ގުނަވަނަކަށްތޯ؛
- ލިބުނު ގެއްލުމުގެ ސަބަބުން ހިއްސަކަށް އަސަރުކޮށްފައިވޭތޯ؛
- ލިބުނު ގެއްލުމުގެ ސަބަބުން ހިނގާބިނގާވެ އުޅުމަށް ( mobility) އަށް އަސަރުކޮށްފައިވާ މިންވަރާއި، އެކަމުގެ ސަބަބުން ދެވަނަ ފަރާތަކަށް ބަރޯސާވާންޖެހޭ މިންވަރު؛
- ލިބުނު ގެއްލުމުގެ ސަބަބުން ބޭސްފަރުވާކުރުމަށް ހިނގި ހަރަދާއި، ހިނގާނެ ހަރަދު.
- ދާއިމީގޮތުން ލިބިފައިވާ ޖިސްމާނީ އަނިޔާގެ ސަބަބުން ގުނަވަނެއް އިމްޕްލާންޓް ކުރުމާއި ރިހެބިލިޓޭޓް ކުރުމަށް ދާނެކަމަށް ކަނޑައަޅާ ފައިސާގެ އަދަދު؛
- ދުނިޔޭގައި ހުރިހާ ދުވަހަކު ގުނަވަން އިމްޕްލާންޓްކުރި ކުރުން ސަރވިސް ކުރުމާއި ޕްރޮސެސްކުރުމަށް ދާނެކަމަށް ކަނޑައަޅާ ފައިސާގެ އަދަދު؛
- ދާއިމީގޮތުން ލިބިފައިވާ ޖިސްމާނީ އަނިޔާގެ ސަބަބުން ގުނަވަން އިމްޕްލާންޓް ކުރުމަށް ރާއްޖެއިން ބޭރުގައި ތިބުމަށް ހިނގާނެކަމަށް ކަނޑައަޅާ ހަރަދުގެ ފައިސާގެ އަދަދު؛
- ދާއިމީގޮތުން ލިބިފައިވާ ޖިސްމާނީ އަނިޔާގެ ސަބަބުން އުމުރުދުވަހަށް ނުކުޅެދޭ މީހަކަށް ވުމުން މުސްތަގްބަލުގައި ދިރިއުޅުމަށް ޓަކައި ކުރެވޭނެ މަސައްކަތަކުން މަހްރޫމުވެފައިވާތީ، އޭނާއަށް ލިބޭނެ ގެއްލުމުގެ ބަދަލަށް ކަނޑައަޅާ ފައިސާގެ އަދަދު؛
- ދާއިމީގޮތުން ލިބިފައިވާ ޖިސްމާނީ އަނިޔާގެ ސަބަބުން ލިބިފައިވާ ނަފްސާނީ ގެއްލުމުގެ ބަދަލަށް ކަނޑައަޅާ ފައިސާގެ އަދަދު؛
- ލިބުނު ގެއްލުމުގެ ސަބަބުން އާމްދަނީ ހޯދުމަށް ހުރަސްއެޅިފައިވާ މިންވަރު.
9 ވަނަ މާއްދާ - ދާއިމީކޮށް ނަފްސާނީގޮތުން ގެއްލުންވުން
ނަފްސާނީގޮތުން ދާއިމީކޮށް ގެއްލުންވެފައިވާކަން ސާބިތުކޮށްދެވިއްޖެނަމަ، އަނިޔާ ލިބުނު ފަރާތުގެ ގާނޫނީ ބެލެނިވެރިޔާއަށް ބަދަލުނަގައިދިނުމުގައި އަންނަނިވި ކަންތައްތަކަށް ރިއާޔަތް ކުރަންވާނެއެވެ.
(ހ) ލިބުނު ގެއްލުމުގެ ސަބަބުން ހިނގާބިނގާވެ އުޅުމަށް (mobility) އަށް އަސަރުކޮށްފައިވާ މިންވަރާއި، އެކަމުގެ ސަބަބުން ދެވަނަ ފަރާތަކަށް ބަރޯސާވާންޖެހޭ މިންވަރު.
(ށ) ލިބުނު ގެއްލުމުގެ ސަބަބުން ބޭސްފަރުވާކުރުމަށް ހިނގި ހަރަދާއި، ހިނގާނެ ހަރަދު.
(ނ) ލިބުނު ގެއްލުމުގެ ސަބަބުން އާމްދަނީ ހޯދުމަށް ހުރަސްއެޅިފައިވާ މިންވަރު.
10 ވަނަ މާއްދާ - މަރުވުން
(ހ) ގެއްލުން ލިބުނު ފަރާތް މަރުވެފައިވަނީ ލިބުނު އަނިޔާގެ ސަބަބުންކަން ސާބިތުކޮށްދެވިއްޖެނަމަ، އަނިޔާ ލިބުނު ފަރާތުގެ ގާނޫނީ ބެލެނިވެރިޔާއަށް އިސްލާމީ ށަރީއަތުގައިވާ ގޮތުގެ މަތީން މަރުގެ ދިޔަ ނަގައިދެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މަރުގެ ދިޔަ ނަގައިދިނުމުގެ އިތުރަށް ސީދާ ލިބިފައިވާ މާލީ އެހެނިހެން ބަދަލުނަގައިދެވިދާނެއެވެ. އެގޮތުން ބަދަލު ނަގައިދިނުމުގައި އަންނަނިވި ކަންތައްތަކަށް ރިއާޔަތް ކުރަންވާނެއެވެ.
- ގެއްލުން ލިބުނު ފަރާތް މަރުވުމުގެ ސަބަބުން އާއިލާއަށް ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު؛
- ގެއްލުން ލިބުނު ފަރާތް މަރުވުމުގެ ސަބަބުން އާއިލާއަށް ނަފްސާނީގޮތުން ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު؛
- ގެއްލުން ލިބުނު ފަރާތް މަރުވުމުގެ ސަބަބުން އާމްދަނީ ހޯދުމަށް ހުރަސްއެޅުނު މިންވަރު.
11 ވަނަ މާއްދާ - ބަދަލުނަގައިދޭނެ އަދަދުތަކުގެ މިންގަނޑުތައް
(ހ) އަނިޔާ ލިބުނު ފަރާތަށް ސީދާ ބަދަލު ނަގައިދިނުމުގެ މިންވަރު ކަނޑައެޅުމުގައި މައްސަލައިގައި ހިމެނިގެންވާ އެންމެހައި ކަންކަމުގެ މައްޗަށާއި، މި ގަވާއިދުގެ 6 ވަނަ މާއްދާ (ސީދާ ގެއްލުމަށް ބަދަލު ނަގައިދިނުމުގައި ބަލާނެ މިންގަނޑުތައް) އާއި، 7 ވަނަ މާއްދާ (މާލީގޮތުން ލިބިފައިވާ ސީދާ ގެއްލުން) އާއި، 8 ވަނަ މާއްދާ (ޖިސްމާނީ ގެއްލުން) އާއި، 9 ވަނަ މާއްދާ (ދާއިމީކޮށް ނަފްސާނީގޮތުން ގެއްލުންވުން ނުވަތަ މަރުވުން) ގައި ބަޔާންކޮށްފައިވާ މިންގަނޑަށް ރިއާޔަތްކޮށް، އަންނަނިވި ކަންކަން ކޯޓަށް ކަނޑައެޅިދާނެއެވެ.
- ބަދަލު ނަގައިދިނުމަށް އެދިފައިވާ އެންމެހައި ކަންކަމަށް ބަދަލު ނަގައިދިނުން؛
- ބަދަލު ނަގައިދިނުމަށް އެދިފައިވާ ކަންކަމުގެ ތެރެއިން ބައެއް ކަންކަމަށް ބަދަލު ނަގައިދިނުން؛
- އެއް ބާވަތުގެ މައްސަލަތަކުގައި އެއް ހަމައަކުން ބަދަލު ނަގައިދިނުން.
(ށ) ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ކޯޓުން ރިއާޔަތްކޮށްފައިވާ ކަންކަން ހުކުމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.
12 ވަނަ މާއްދާ - ވަގުތީ ބަދަލު ނަގައިދިނުން
ސީދާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދިފައިވަނިކޮށް، ވަގުތީ ބަދަލެއް ނަގައިދިނުމަށް އެދުމުގައި އަމަލުކުރަންވާނީ މި ގަވާއިދުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
ތިންވަނަ ބައި
ނުސީދާ ގެއްލުމުގެ ބަދަލު
13 ވަނަ މާއްދާ - ނުސީދާ ގެއްލުމުގެ ބަދަލު
(ހ) ގާނޫނު ނަންބަރު 2020-28 (އިންތިގާލީ އިންސާފުގެ ގާނޫނު) ގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާލީ ބަދަލު ނަގައިދެވިދާނެ ހާލަތެއްގައި މާލީ ބަދަލު ނަގައިދިނުމުގެ އިތުރުން، ނުވަތަ މާލީ ބަދަލު ނަގައިދިނުމުގެ ބަދަލުގައި، ނުވަތަ އެ މާއްދާގައި މާލީ ބަދަލު ނަގައިދިނުމަށް ކަނޑައަޅައިފައިވާ ހާލަތްތައް ފިޔަވައި އެ ނޫން ހާލަތްތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް އެހެނިހެން ބަދަލު ނަގައިދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަދަލު ނަގައިދިނުމުގައި އިސްކަންދޭންވާނީ، އަނިޔާ ލިބިފައިވާ ފަރާތަށް ލިބިފައިވާ އަނިޔާއަށް އެންމެ އެކަށީގެންވާ ބަދަލެއް ނަގައިދިނުމަށެވެ.
14 ވަނަ މާއްދާ - ސީދާ ގެއްލުމުގެ ބަދަލާއެކު، ނުސީދާ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ މިންގަނޑު
ގާނޫނު ނަންބަރު 2020-28 (އިންތިގާލީ އިންސާފުގެ ގާނޫނު) ގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާލީ ބަދަލު ނަގައިދެވިދާނެ ހާލަތެއްގައި މާލީ ބަދަލު ނަގައިދިނުމުގެ އިތުރުން، ނުވަތަ މާލީ ބަދަލު ނަގައިދިނުމުގެ ބަދަލުގައި، ނުވަތަ އެ މާއްދާގައި މާލީ ބަދަލު ނަގައިދިނުމަށް ކަނޑައަޅައިފައިވާ ހާލަތްތައް ފިޔަވައި އެ ނޫން ހާލަތްތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް އެހެނިހެން ބަދަލު މި ގާނޫނުގެ 41 ވަނަ މާއްދާގެ ދަށުން ނަގައިދެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.
(ހ) ހަމައެކަނި މާލީ ބަދަލަކުން ފަރުވާ ލިބެން ނެތް ހާލަތެއް ކަމުގައި ވުން.
(ށ) ވަޒީފާއަށް އިއާދަކޮށްދެވޭނީ ވަޒީފާއިން ވަކިކުރުމުގައި، ނުވަތަ ވަޒީފާއިން ބަދަލުކުރުމުގައި މައުޟޫއީ އަދުލުވެރިކަމާއި، އިޖުރާއީ އަދުލުވެރިކަން ވެސް ފުރިހަމަނުވާ ހާލަތުގައި.
15 ވަނަ މާއްދާ - ނުސީދާ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ދާއިރާ
މި ގަވާއިދުގެ ދަށުން ނުސީދާ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ދާއިރާތައް ތިރީގައި މި ވަނީއެވެ.
(ހ) ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުން ނުވަތަ އަދާކުރަމުންދާ ވަޒީފާގައި ކުރިން ހުރި މަގާމަށް ރުޖޫއަކޮށްދިނުން.
(ށ) ތައުލީމު ހާސިލުކުރުމުގެ ނުވަތަ ތަމްރީނު ލިބިގަތުމުގެ ފުރުސަތު ފަހިކޮށްދިނުން.
(ނ) ސިއްހީ ފަރުވާ ނުވަތަ ނަފްސާނީ ފަރުވާ ފޯރުކޮށްދިނުން.
(ރ) ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުން.
16 ވަނަ މާއްދާ - ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުން ނުވަތަ އަދާކުރަމުންދާ ވަޒީފާގައި ކުރިން ހުރި މަގާމަށް ރުޖޫއަކޮށްދިނުން
ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.
(ހ) އެ މީހެއްގެ ސިއްހަތަށް ބެލުން.
(ށ) އެ މީހެއްގެ އުމުރުގެ ހަގުކަމުގެ މައްޗަށާއި، ދޮށިކަމުގެ މައްޗަށާއި، އެ މީހެއްގެ އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުވުމާ އޮތް ދުރުގާތް މިނަކަށް ބެލުން.
(ނ) އެ މީހެއްގެ ތައުލީމާއި ތަޖުރިބާއަށް ބަލައި، އެ މީހެއްގެ ށަރުތު ފުރިހަމަވާ މަގާމަކަށް ހަމަޖައްސައިދިނުން.
(ރ) ވަޒީފާގައި ކުރިން ހުރި މަގާމަށް ރުޖޫއަކޮށްދިނުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.
- ވަޒީފާދިނުމަށް އަންގައި އަމުރެއް ނެރުމުގައި ފުރަތަމަ ބަލަންވާނީ، އެ މުވައްޒަފަކު ވަކިކުރިއިރު ހުރި ވަޒީފާގައި އަލުން ބެހެއްޓުމަށެވެ. ނުވަތަ އެ ވަޒީފާއާ ގުޅޭ ނުވަތަ އޭނާއާ އެކަށީގެންވާ އެ ނޫން ވަޒީފާއެއްގައި ބެހެއްޓުމަށެވެ. މިފަދައިން ބެލުމުގައި، ވަޒީފާއިން ވަކިކުރެވުނު ހާލަތުތަކަށާއި، ވަޒީފާއިން ވަކިކުރަން ދިމާވީ މުވައްޒަފަކު ކުރި އަމަލެއްގެ ސަބަބުންކަމަށްވާނަމަ، އެކަމުގައި އޭނާ ބައިވެރިވާ މިންވަރަށް ރިއާޔަތް ކުރަންވާނެއެވެ.
- މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ޖެހުނީ، އޭނާގެ ވެސް ކޮންމެވެސް މިންވަރެއްގެ ހިއްސާއެއް އޮތްކަމަށް ނުވަތަ ކޮންމެވެސް ވަރަކަށް އޭނާ ފަހިކޮށްދިން ކަމެއްގެ ސަބަބުންކަމަށް ފެނިއްޖެނަމަ، އެ މުވައްޒަފަކަށް ވަޒީފާ އަނބުރާ ދިނުމަށް ކުރާ އަމުރާއެކު، އެ މުވައްޒަފެއްގެ ކިބައިން ލިބިފައިވާ ގެއްލުމާ އެއްވަރުގެ އަދަދަކުން އެ މުވައްޒަފަކު ޖޫރިމަނާ ކުރުމަށް، ނުވަތަ އެ މުވައްޒަފަށް ދިނުމަށް ކަނޑައަޅާ ބަދަލަކުން އެ މިންވަރު އުނިކުރެވިދާނެއެވެ.
17 ވަނަ މާއްދާ - ތައުލީމު ހާސިލުކުރުމުގެ ނުވަތަ ތަމްރީނު ލިބިގަތުމުގެ ފުރުސަތު ފަހިކޮށްދިނުން
ތައުލީމު ހާސިލުކުރުމުގެ ނުވަތަ ތަމްރީނު ލިބިގަތުމުގެ ފުރުސަތު ފަހިކޮށްދިނުމުގައި އަމަލުކުރާނީ އަންނަނިވި ގޮތުގެ މަތީންނެވެ.
(ހ) މީހަކު ނުވަތަ ފަރުދަކު ރަސްމީ އެއްވެސް ސިފައެއްގައި ޕްރޮގްރާމެއްގައި ބައިވެރިކޮށްގެން، ނުވަތަ ކޯހެއްގައި ބައިވެރިކޮށްގެން އެ މީހަކަށް ނުވަތަ ފަރުދަކަށް ތަމްރީނެއް ދޭނަމަ، އެ ތަމްރީނު ދޭން ފެށުމުގެ ކުރިން، ތަމްރީނާ ގުޅޭގޮތުން، ދައުލަތާއި، އެ މީހަކާ ނުވަތަ ފަރުދަކާ ދެމެދު އެއްބަސްވުމެއް އެއްބަސްވާންވާނެއެވެ.
(ށ) ތައުލީމު ހާސިލުކުރުމުގެ އެއްބަސްވުމުގައި ނުވަތަ ތަމްރީނާބެހޭ އެއްބަސްވުމުގައި ތިރީގައިވާ މައުލޫމާތުތައް ބަޔާންކޮށްފައި ހުންނަންވާނެއެވެ.
- ތަމްރީނުދޭ ފަރާތުގެ ނަމާއި އެޑްރެސް؛
- ތަމްރީނު ފުރިހަމަކުރާ މީހާގެ ނަމާއި، ދާއިމީ އެޑްރެހާއި، މިހާރު އުޅޭ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު؛
- މުވައްޒަފަށް ދެވޭ ތަމްރީނާބެހޭ މައުލޫމާތު؛
- ތަމްރީނުގެ މުއްދަތު؛
- ދައުލަތުގެ ފަރާތުން އެ ތަމްރީނަށް ކުރަންޖެހޭ ހަރަދު.
- ތަމްރީނު ފުރިހަމަ ނުކުރެވިއްޖެނަމަ، ދެފަރާތަށް ވެސް ލިބިގެންވާ ހައްގުތަކާއި ދެފަރާތުން ވެސް އަދާކުރަންޖެހޭ ޒިންމާތައް.
(ނ) ތަމްރީނުދެވޭ މުވައްޒަފެއްގެ އަތުން، އެ ތަމްރީނުގައި އޭނާ ބައިވެރިވާކަމަށް ޓަކައި، ދައުލަތުގެ ފަރާތުން ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް އެއްވެސް އަގެއް އަތުލައިގެން ނުވާނެއެވެ.
(ރ) ތަމްރީނާބެހޭ އެއްބަސްވުމާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެކަމަށް ތުހުމަތު ކުރެވޭނަމަ، އެ ކަމުގެ ގެއްލުން ލިބޭ ފަރާތުން އެ ކަމެއްގެ ށަކުވާ، އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ.
18 ވަނަ މާއްދާ - ސިއްހީ ފަރުވާ ނުވަތަ ނަފްސާނީ ފަރުވާ ފޯރުކޮށްދިނުން
(ހ) ދައުލަތުގެ ފަރާތުން އަދާކުރަންޖެހޭ ޒިންމާއެއް އަދާނުކުރުމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ، އެ ފަރާތަކަށް ސިއްހީ ނުވަތަ ނަފްސާނީ ފަރުވާ ފޯރުކޮށްދޭންޖެހޭނެއެވެ.
(ށ) އެހެންނަމަވެސް، ދައުލަތުގެ ފަރާތުން އަމަލުކުރުމުގައި އެކަށީގެންވާ ފަރުވާތެރިކަން ބެހެއްޓުމުގެ މިންގަނޑުގެ ތެރޭގައި ފަރުވާތެރިވެފައިވާކަމަށް، މަދަނީ މިންގަނޑުން ށަރީއަތަށް ސާބިތުވެއްޖެނަމަ ދައުލަތުގެ ފަރާތުން އިހުމާލަށް ޒިންމާވާން ނުޖެހޭނެއެވެ.
(ނ) ދައުލަތުގެ ފަރާތުން އިހުމާލުވެފައިވާ ކަމަށް ބެލެވޭ ޕްރިމާފެސީ ހެއްކެއް (ޡާހިރީ ދަލީލެއް) ނެތްކަމަށްވާނަމަ، ދައުލަތުގެ ފަރާތުގެ ޒިންމާއެއް އޮތްކަމާއި، ޒިންމާއާ ހިލާފުވިކަން ސާބިތުކޮށްދޭންޖެހޭނީ ދައުވާކުރާ ފަރާތަށެވެ.
(ރ) ދައުލަތުގެ ފަރާތުން ވެފައިވާ އިހުމާލެއްގެ ސަބަބުން، ނުވަތަ އަދާކުރަންޖެހޭ ޒިންމާއެއް އަދާނުކުރުމުގެ ސަބަބުން މީހަކަށް ސިއްހީ ގެއްލުމެއް ނުވަތަ ނަފްސާނީ ގެއްލުމެއް ލިބިފައިވާކަމަށް މަދަނީ މިންގަނޑުން ށަރީއަތަށް ސާބިތުވެއްޖެނަމަ، އެ މީހަކަށް ފަރުވާ ފޯރުކޮށްދޭނީ ގާނޫނު ނަންބަރު 2011-15 (އިޖުތިމާއީ ސިއްހީ އިންށުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނު) ގެ ދަށުންނެވެ.
19 ވަނަ މާއްދާ - ވަގުތީ ބަދަލު ނަގައި ދިނުން
(ހ) މައްސަލައިގައި ހިމެނޭ ކޮންމެ ފަރާތަކަށްވެސް ވަގުތީ ބަދަލެއް ހޯދުމަށްއެދި ށަރީއަތަށް ހުށަހެޅިދާނެއެވެ. މިއީ ވަގުތުން ވަގުތަށް ނަގައިދޭންޖެހޭ ކަމަށް ފެންނަ ވަގުތީ ބަދަލެވެ.
(ށ) ވަގުތީ ބަދަލު ނަގައިދިނުމުގައި ށަރީއަތަށް ހުށަހަޅައިފައިވާ އެންމެހައި ކަންކަމަށް ރިއާޔަތްކޮށް، ހުށަހަޅައިފައިވާ ހުށަހެޅުމާމެދު މައްސަލަ ބަލާ ފަރާތުން ގޮތެއް ނިންމަން ވާނެއެވެ.
(ނ) ބަދަލެއް ނަގަދިނުމަށް ނިންމައި، ވަގުތީގޮތުން ބަދަލުގެ މިންވަރެއް ނަގައިދީފައިވާނަމަ، މައްސަލަ ނިންމާއިރު، އެކަމަށް ރިއާޔަތް ކުރަންވާނެއެވެ.
ހަތަރުވަނަ ބައި
އެހެނިހެން ކަންކަން
20 ވަނަ މާއްދާ - (އުނި ކުރެވިފައި)
20 ވަނަ މާއްދާ - ކޯޓަށް ހުށަހެޅޭ އެހެން މައްސަލަތަކާ އެއްގޮތަށް އަމަލުކުރުން
މި ގަވާއިދުގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި އަމަލުކުރާނީ ކޯޓަށް ހުށަހެޅޭ އެހެންވެސް ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލަތަކާ އެއްގޮތަށެވެ. އަދި ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުށަންގެ މަރުހަލާއެއް ހިމެނޭނަމަ، މި ގަވާއިދުގެ ދަށުން ހުށަހަޅާ މައްސަލަތަކާމެދު އެ މަރުހަލާގައި ގޮތެއް ނިންމިދާނެއެވެ.
21 ވަނަ މާއްދާ - ތަންފީޛު ކުރުމަށް އެދި ކޯޓަށް ހުށަހެޅުން
އަނިޔާ ލިބޭ ފަރާތަށް ގާނޫނު ނަންބަރު 2020-28 (އިންތިގާލީ އިންސާފުގެ ގާނޫނު) ގެ ދަށުން ނަގައިދެވޭނީ ކޮން ބާވަތެއްގެ ކިހާ މިންވަރެއްގެ ބަދަލެއްކަން ކޯޓުން ކަނޑައެޅުމަށްފަހު، އެ ކަނޑައެޅުނު ބަދަލު ހަމަޖައްސައިދިނުމަށް ކޯޓުން ކަނޑައަޅާ މުއްދަތުގައި އެ ބަދަލު ހަމަނުޖެހިގެން އަނިޔާ ލިބުނު ފަރާތުން ކޯޓަށް އެކަން އަންގައިފިނަމަ، ކޯޓުން ނިންމައިފައިވާ ނިންމުން ތަންފީޛު ކުރަންވާނީ އެ ކޯޓަށް ހުށަހެޅޭ އެހެނިހެން ހުކުމް ތަންފީޛު ކުރުމުގެ މައްސަލަތަކާ އެއް އުސޫލަކުންނެވެ.
22 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
23 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "އޮމްބަޑްސްޕަރސަންގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-28 (އިންތިގާލީ އިންސާފުގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ އޮމްބަޑްސްޕަރސަންގެ އޮފީހަށެވެ.
(ށ) "އޮމްބަޑްސްޕަރސަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-28 (އިންތިގާލީ އިންސާފުގެ ގާނޫނު) ގެ ދަށުން އައްޔަނުކޮށްފައިވާ އޮމްބަޑްސްޕަރސަން އަށެވެ.
(ނ) "ދުވަސް" ކަމަށް ބުނެފައި އެވަނީ، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ.
މައި ގަވާއިދު
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކިޔުންތެރިންގެ ހިޔާލު