-

އިންތިގާލީ އިންސާފުގެ ގާނޫނު

(ގާނޫނު ނަންބަރު 2020-28) 

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަހްގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއްއެކަށައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "އިންތިގާލީ އިންސާފުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގާނޫނުގެ މަގްސަދުތަކަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެފަދަ މައްސަލަތައް ދެނެގަނެ، އެކަމުގައި ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި އެކަންކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި، ހަގީގަތާ ހަމައަށް ވާސިލުވުން؛

(ށ) ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެ އަމަލުތަކަށް ޒިންމާވާ ފަރާތްތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަވާބުދާރީކުރުވައި، އެފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުން؛

(ނ) ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާ ނުވަތަ އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް އެފަދައިން ހިނގާފައިވާ ސަބަބުތައް ދެނެގަނެ، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުން.

 

3 ވަނަ މާއްދާ - ގާނޫނު ހިންގޭނެ ދާއިރާ

މި ގާނޫނު ހިންގޭނީ، 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ ކަންކަމުގެ މައްޗަށެވެ.

 

ދެވަނަ ބާބު

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް

 
4 ވަނަ މާއްދާ - އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް އުފެއްދުން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހެއް އުފެދުނީއެވެ.

(ށ) އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ، އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަގިއްލު ގާނޫނީ ށަހްސެކެވެ.

 

5 ވަނަ މާއްދާ - އޮމްބަޑްސްޕަރސަންގެ އޮފީހުގެ ދައުރު

(ހ) އޮމްބަޑްސްޕަރސަންގެ އޮފީހުގެ ދައުރަކީ، ގިނަވެގެން 2 (ދޭއް) އަހަރުދުވަހެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތް ނިމުމުން، އެ އޮފީސް އުވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތް ނިންމިދާނެކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ގަބޫލުނުކުރެވޭނަމަ، އެ މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން އެ އޮފީހުގެ މަސައްކަތް ނިންމާނެ ނިޒާމެއް ރައީސުލްޖުމްހޫރިއްޔާ ގާއިމުކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - އޮމްބަޑްސްޕަރސަންގެ އޮފީސް އެކުލެވިގެންވާ ގޮތް

(ހ) މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ އޮމްބަޑްސްޕަރސަންގެ އޮފީސް އެކުލެވިގެންވަނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 3 (ތިނެއް) އޮމްބަޑްސްޕަރސަނުންގެ މައްޗަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އައްޔަންކުރާ އޮމްބަޑްސްޕަރސަނުންގެ ތެރެއިން މީހަކު، ޗީފް އޮމްބަޑްސްޕަރސަންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.

(ނ) އޮމްބަޑްސްޕަރސަނުން މަގާމުން ވަކިކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.

(ރ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ މި މާއްދާގެ (ހ) ގެ ދަށުން އައްޔަންކުރާ އޮމްބަޑްސްޕަރސަނުން އައްޔަންކޮށް، މި ގާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އުފައްދާ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތް ފެށޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭންވާނެއެވެ.

(ބ) އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ނިންމުމުގައި، އޮމްބަޑްސްޕަރސަންގެ އިއްތިފާގުން އެ މައްސަލަތައް ނިންމޭތޯ މަސައްކަތް ކުރަންވާނެއެވެ. އެފަދަ މައްސަލަތައް ނިންމުމުގައި، އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިއްތިފާގު ނުލިބޭ ހާލަތްތަކުގައި، މައްސަލަތައް ނިންމާނީ، އޮމްބަޑްސްޕަރސަނުންގެ އަޣްލަބިއްޔަތުންނެވެ.

 

7 ވަނަ މާއްދާ - އޮމްބަޑްސްޕަރސަނުންގެ ށަރުތު

(ހ) އޮމްބަޑްސްޕަރސަނެއްގެ މަގާމަށް އައްޔަންކުރެވޭ ފަރާތެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

 1. މުސްލިމަކު ކަމުގައިވުން؛
 2. ދިވެހިރައްޔިތަކު ކަމުގައިވުން؛
 3. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޖިނާއީ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން؛
 4. އުމުރުން 30 (ތިރީސް) އަހަރުވެފައިވާ މީހެއް ކަމުގައިވުން؛
 5. އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައިނުވުން ނުވަތަ ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ އެއްވެސް މަގާމެއް ފުރާފައިވާ މީހެއް ކަމުގައިނުވުން؛
 6. އިންތިހާބުކުރެވޭ މަގާމެއް ނުވަތަ ދައުލަތުގެ މަގާމެއް ނުވަތަ ސިޔާސީ މަގާމެއް ފުރަމުންދާ މީހެއް ކަމުގައިނުވުން؛
 7. މި ގާނޫނުގައި އޮމްބަޑްސްޕަރސަންގެ މަސްއޫލިއްޔަތުތައް ކަމަށް ބަޔާންކޮށްފައިވާ ކަންކަން އަދާކުރެވޭވަރުގެ ގާބިލުކަންހުރުމާއެކު، ކަމާގުޅުންހުރި ދާއިރާއަކުން މަދުވެގެން ފުރަތަމަ ޑިގްރީ ހާސިލުކޮށް، އެއިން ދާއިރާއަކުން މަދުވެގެން 7 (ހަތެއް) އަހަރުދުވަހުގެ ތަޖުރިބާ ހުރި މީހަކަށްވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ށަރުތުތަކުގެ އިތުރުން، އޮމްބަޑްސްޕަރސަނެއްގެ މަގާމަށް އައްޔަންކުރެވޭ ފަރާތަކީ، އިންސާނީ ހައްގަކާ ހިލާފު އަމަލެއް ހިންގުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވެފައިވާ ނުވަތަ އެފަދަ ތުހުމަތެއް ރައްދުވެފައިވާ މީހެއް ކަމުގައިވެގެންނުވާނެއެވެ.

 

8 ވަނަ މާއްދާ - މަގާމުގެ ދައުރު

އޮމްބަޑްސްޕަރސަން ކަމަށް އައްޔަންކުރެވޭ މީހުން، މި ގާނޫނުގެ 6 ވަނަ މާއްދާގެ (ނ) ގެ ދަށުން މަގާމުން ވަކިކުރާ ހާލަތުގައި ފިޔަވައި، އެމީހުން މަގާމަށް އައްޔަންކުރާ ތާރީހުން ފެށިގެން، މި ގާނޫނުގެ ދަށުން އޮމްބަޑްސްޕަރސަންގެ އޮފީހާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކޮށް ނިމި، އެ އޮފީސް އުވެންދެން މަގާމުގައި ދެމިތިބޭނެއެވެ.

 

9 ވަނަ މާއްދާ - މަގާމު ހުސްވުން

(ހ) އަންނަނިވި ހާލަތްތަކުގައި، އޮމްބަޑްސްޕަރސަނެއްގެ މަގާމު ހުސްވީ ކަމުގައި ބެލެވޭނެއެވެ.

 1. މަރުވުން ނުވަތަ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދޭފަދަ ހާލަތެއް މެދުވެރިވުން؛
 2. އިސްތިއުފާދިނުން؛
 3. މެންބަރުކަމުން ވަކިކުރުން؛
 4. މެންބަރުކަމުގެ ށަރުތެއް އުނިވުން؛
 5. ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތިލުން.

(ށ) އޮމްބަޑްސްޕަރސަނެއްގެ މަގާމު ހުސްވާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު އައްޔަންކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - އިސްތިއުފާދިނުން

(ހ) ޗީފް އޮމްބަޑްސްޕަރސަން އެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން ޗީފް އޮމްބަޑްސްޕަރސަންގެ މަގާމުން އެމީހަކު ވަކިވީއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އޭނާގެ މަގާމުން އިސްތިއުފާދިން ކަމުގައިވިޔަސް، އޮމްބަޑްސްޕަރސަންގެ އޮފީހުގެ މެންބަރުކަމުން އޭނާ އިސްތިއުފާދިނީ ކަމުގައެއް ނުބެލެވޭނެއެވެ.

(ނ) އޮމްބަޑްސްޕަރސަންގެ އޮފީހުގެ މެންބަރަކު މެންބަރުކަމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.

 

11 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން

އޮމްބަޑްސްޕަރސަނަކު އޭނާގެ މަގާމުން ވަކިކުރެވޭނީ، އޮމްބަޑްސްޕަރސަންކަމުގެ މަގާމާ އެކަށީގެންނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަގާމު އަދާކުރުމަށް އުޒުރުވެރިވާފަދަ ހާލަތެއް މެދުވެރިވެއްޖެ ކަމަށް، ނުވަތަ އެ މަގާމު އަދާކުރުމަށް ގާބިލުކަން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި، މި ގާނޫނުގެ 6 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއަށެވެ.

 

12 ވަނަ މާއްދާ - އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިހްތިސާސް

މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެފަދަ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމުގެ އިހްތިސާސް މި ގާނޫނުގެ ދަށުން އެކުލަވާލާ އޮމްބަޑްސްޕަރސަންގެ އޮފީހަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ - އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސްއޫލިއްޔަތުތައް

މި ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކުރާ އިހްތިސާސްގައި ހިމެނޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި، އަންނަނިވި މަސްއޫލިއްޔަތުތައް އޮމްބަޑްސްޕަރސަންގެ އޮފީހުން އަދާކުރަންވާނެއެވެ.

(ހ) ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެފަދަ މައްސަލަތައް ދެނެގަނެ، އެކަމުގައި ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި އެކަންކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި، ހަގީގަތާ ހަމައަށް ވާސިލުވުން؛

(ށ) ނިޒާމީ ސިފައެއްގައި ރޭވިގެން އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހިންގުމަށް މެދުވެރިވެފައިވާ ސަބަބުތައް ދެނެގަނެ އެ އަމަލުތަކުގެ ޒާތާއި އެކަން ހިނގާފައިވާ ފުޅާމިން ދެނެގަތުން؛

(ނ) ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެ އަމަލުތަކަށް ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި ފަރާތްތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެނެގަނެ، ޖަވާބުދާރީކުރުވުން؛

(ރ) އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ތަހްގީގަށްފަހު ޖިނާއީ ކުށެއް ކަމުގައިވާ އަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުން؛

(ބ) އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ތަހްގީގަށްފަހު މަދަނީ ދައުވާ އުފުލަންޖެހޭ ފަރާތްތަކާމެދު ދައުވާކުރުމަށް ބަންޑާރަނައިބަށް ފޮނުވުން؛

(ޅ) އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ތަހްގީގުގެ އަލީގައި ނިޒާމީ ގޮތެއްގައި ހިންގާފައިވާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކާއި، ޒިންމާ އުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ބަދަލުހޯދައިދީ، ފަރުވާ ހޯދުމަށް މަގުފަހިކޮށްދިނުން؛

(ކ) ނިޒާމީ ސިފައެއްގައި ރާވައިގެން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގުތައް ނިގުޅައިގަތުމުގައި ބައިވެރިވެފައިވާ ދައުލަތުގެ މުއައްސަސާތައް އިސްލާހުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުން؛

(އ) ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާ އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގަތުމުގެ މައްސަލަތައް، ކުރިއަށް އޮތް ތަނުގައި ނުހިނގާނެކަން ކަށަވަރުކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ދެނެގަތުމާއި، އެފަދަ ކަންކަމާ ގުޅޭގޮތުން ގެންނަންޖެހޭ އިސްލާހުތައް ފާހަގަކުރުން.

 

14 ވަނަ މާއްދާ - އޮމްބަޑްސްޕަރސަންގެ އޮފީހުގެ ބާރުތައް

(ހ) މި ގާނޫނުން ބާރު ލިބިގެން ކުރަމުންދާ ތަހްގީގުތަކާ ގުޅިގެން އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސްއޫލިއްޔަތު އަދާކުރުމަށާއި އެ އޮފީހުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި އަންނަނިވި ބާރުތައް ލިބިގެންވެއެވެ.

 1. އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސްއޫލިއްޔަތު އަދާކުރުމުގައްޔާއި އަދި އެ އޮފީހުން ކުރިއަށް ގެންދާ ތަހްގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން؛
 2. ޖިނާއީ މައްސަލަތައް ތަހްގީގުކުރުން؛ އަދި މިގޮތުން އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ޖިނާއީ މައްސަލައެއް ބަލަންޖެހިއްޖެނަމަ، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކުރާ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން؛
 3. އޮމްބަޑްސްޕަރސަންގެ އޮފީހުން ތަހްގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހާޒިރުކުރަންޖެހޭކަމަށް އެ އޮފީހަށް ފެންނަ ކޮންމެ ފަރާތެއް އެ އޮފީހަށް ހާޒިރުކޮށް ސުވާލުކުރުން؛
 4. އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައްޔާއި ތަހްގީގުތަކުގައި އެހީތެރިވުމަށް ބޭނުންވާ ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ހަބީރުންގެ އެހީތެރިކަން ހޯދުން.

(ށ) އޮމްބަޑްސްޕަރސަންގެ އޮފީހަށް ލިބިގެންވާކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ބާރުތަކުގެ އިތުރުން އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި، ގާނޫނު ނަންބަރު 4/2019 (ރިޔާސީ ކޮމިށަންތަކުގެ ގާނޫނު) ގައި ބަޔާންކުރާ ކޮމިށަންތަކަށް ލިބިގެންވާ އެންމެހައި ބާރުތައް އެ އޮފީހަށް ލިބިގެންވެއެވެ.

 

15 ވަނަ މާއްދާ - އޮމްބަޑްސްޕަރސަންގެ އޮފީހުން މިނިވަންކަމާއެކު މަސައްކަތްކުރުން

އޮމްބަޑްސްޕަރސަންގެ އޮފީހުން މަސައްކަތްކުރަންވާނީ، މިނިވަންކަމާއި މުސްތަގިއްލުކަމާއެކު، ތައައްސުބުން އެއްކިބާވެތިބެ، މި ގާނޫނުގެ މަގްސަދުތައް ހާސިލުވާނެ ގޮތުގެމަތިންނެވެ.

 

16 ވަނަ މާއްދާ - ޗީފް އޮމްބަޑްސްޕަރސަންގެ މަސްއޫލިއްޔަތު

(ހ) ޗީފް އޮމްބަޑްސްޕަރސަންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

 1. ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން، ނަތީޖާ ނެރެދެވޭ ގޮތުގައި ހަރުދަނާ އުސޫލުން، އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ލަފަޔާއި އިރުށާދުދިނުން؛
 2. އޮމްބަޑްސްޕަރސަންގެ އޮފީހުގެ ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައެޅުމާއި، ބައްދަލުވުން ބާއްވާނެ ތާރީހާއި ވަގުތު ކަނޑައެޅުންފަދަ އޮމްބަޑްސްޕަރސަންގެ އޮފީސް ހިންގުމާގުޅޭ ނިންމުންތައް ނިންމުން؛
 3. އޮމްބަޑްސްޕަރސަންގެ އޮފީހާއި އޮމްބަޑްސްޕަރސަނުންނާއި މެންބަރުންނާއި، އޮފީހުގެ މުވައްޒަފުން ސުލޫކީ ހަމަތަކަށް ތަބާވުމުގައި ނަމޫނާ ދައްކައި، ޒައާމަތު ގާއިމުކުރުން؛
 4. އޮމްބަޑްސްޕަރސަނުންގެ މަށްވަރާގެ މަތިން އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިދާރީ އެކިއެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލު ކަނޑައަޅައި، އެ އުސޫލާ އެއްގޮތަށް އިދާރީ ކަންކަން ހިންގަމުންދާކަން ކަށަވަރުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
 5. އޮމްބަޑްސްޕަރސަންގެ އޮފީހުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން؛ އަދި
 6. އޮމްބަޑްސްޕަރސަންގެ އޮފީހުން ނިންމާ ނިންމުންތައް ތަންފީޒުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޗީފް އޮމްބަޑްސްޕަރސަންގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އޭނާ އުޒުރުވެރިވެއްޖެ ހާލަތެއްގައި ނުވަތަ ނުކުޅެދިއްޖެ ހާލަތެއްގައި، އެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރާނެ އޮމްބަޑްސްޕަރސަނެއް ކަނޑައަޅާނީ އޮމްބަޑްސްޕަރސަނުންގެ މެދުގައި މަށްވަރާކޮށްގެންނެވެ.

 

17 ވަނަ މާއްދާ - އޮމްބަޑްސްޕަރސަނުންގެ މަސްއޫލިއްޔަތުތައް

އޮމްބަޑްސްޕަރސަނުންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) އޮމްބަޑްސްޕަރސަންގެ އޮފީހުން ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން؛

(ށ) އޮމްބަޑްސްޕަރސަނެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް މިނިވަންކަމާއި، އަދުލުވެރިކަމާއެކު، އަދި ވަކި ފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި އަދާކުރުން؛

(ނ) އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލަން ނިންމާ މައްސަލަތައް ތަހްގީގުކުރުމާއި، އެ މައްސަލަތަކުގައި ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތް ކުރުމާއި، އެ މައްސަލަތަކުގެ ތެރެއިން ސުލްހަވެރި ހައްލެއް ނުހޯދޭ މައްސަލަތަކުގައި ފިޔަވަޅުއަޅަންޖެހިއްޖެ ހާލަތެއްގައި ފިޔަވަޅު އެޅުން.

 

18 ވަނަ މާއްދާ - އޮމްބަޑްސްޕަރސަނުން ހިފަހައްޓަންޖެހޭ ސުލޫކީ ހަމަތައް

އޮމްބަޑްސްޕަރސަނުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ހިފަހައްޓަންޖެހޭ ސުލޫކީ ހަމަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) އޮމްބަޑްސްޕަރސަނެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް މިނިވަންކަމާއި، އަދުލުވެރިކަމާއެކު، އަދި ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި އަދާކުރުން؛

(ށ) އޮމްބަޑްސްޕަރސަނެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ މިނިވަންކަމާއި، ނަޒާހަތްތެރިކަމުގެ ހަމަތައް ހިފެހެއްޓުން؛

(ނ) އޮމްބަޑްސްޕަރސަންގެ އޮފީހާ މި ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި، ހުރިހާ ވަގުތެއްގައިވެސް ތެދުނިޔަތުގައި މަސައްކަތްކުރުމާއި، އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަގްސަދުތައް ހާސިލުކުރުމަށާއި މަސްލަހަތުތައް ހިމާޔަތްކުރުމަށް އިސްކަންދިނުން؛

(ރ) އޮމްބަޑްސްޕަރސަނެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ފިޔަވައި، ދައުލަތުގެ އެހެން އެއްވެސް ކޮމިށަނެއްގައި، ނުވަތަ ކައުންސިލެއްގައި، ނުވަތަ މަޖިލީހެއްގައި، ނުވަތަ އެނޫންވެސް އެހެން ޖަމާއަތެއްގައި، އުޖޫރައަކަށްވިޔަސް ނުވަތަ އުޖޫރައަކާ ނުލައި ނަމަވެސް، ބައިވެރިނުވުން؛

(ބ) ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުން ދައުލަތުގެ އެއްވެސް ފަރާތެއްގައި މަސައްކަތްނުކުރުން.

 

19 ވަނަ މާއްދާ - މުސާރައާއި އިނާޔަތް

އޮމްބަޑްސްޕަރސަނުންގެ މުސާރައާއި އިނާޔަތް ކަނޑައަޅާނީ، ރައްޔިތުންގެ މަޖިލީހުންނެވެ.

 

20 ވަނަ މާއްދާ - މަސައްކަތް ފެށުން

(ހ) އޮމްބަޑްސްޕަރސަންގެ އޮފީސް އެކުލަވާލުމާއެކު، އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަގްސަދުތަކާއި މަސްއޫލިއްޔަތުތައް އާންމު ރައްޔިތުންނަށް ބަޔާންކޮށްދޭންވާނެއެވެ. އަދި މި ގާނޫނުގެ ދަށުން އެ އޮފީހުން ބެލުމުގެ އިހްތިސާސް ލިބިދޭ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލަންވާނެއެވެ. މިފަދައިން މައްސަލަތައް ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް އޮމްބަޑްސްޕަރސަންގެ އޮފީހުން ކަނޑައަޅައި، އާންމުކޮށް އިއުލާންކުރަންވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިހްތިސާސް ލިބޭ މައްސަލަތައް ހުށަހެޅުމަށް މި މާއްދާގެ (ހ) ގެ ދަށުން ހުޅުވާލުމުން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން، އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ މައްސަލަތައް، މިނިވަންކަމާއެކު ދެފުށް ފެންނަގޮތަށް، އެކަށީގެންވާ އަވަސް މިނެއްގައި ބަލަންވާނެއެވެ.

 

21 ވަނަ މާއްދާ - ދިފާއުވުމުގެ ހައްގު

(ހ) އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލާ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތަކަށް އެފަރާތެއްގެ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތާއި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެ ފުރުސަތު އެފަރާތަކަށް ލިބިދޭންވާނެއެވެ.

(ށ) އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލާ މައްސަލައަކީ ޖިނާއީ ކުށެއްގެ ތުހުމަތެއް ހިމެނޭ މައްސަލައެއްނަމަ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ ދަށުންނާއި އެހެނިހެން ގާނޫނުތަކުގެ ދަށުން ކުށުގެ ތުހުމަތުގައިވާ ފަރާތަކަށް ލިބިދޭ އެންމެހައި ހައްގުތައް އެފަރާތަކަށް ލިބިދޭންވާނެއެވެ.

 

22 ވަނަ މާއްދާ - އޮމްބަޑްސްޕަރސަންގެ އޮފީހުން ދައުލަތުގެ މުއައްސަސާތަކަށް އަންގާ އެންގުމަށް އަމަލުކުރުން

މި ގާނޫނުގެ ދަށުން އޮމްބަޑްސްޕަރސަންގެ އޮފީހުގެ ފަރާތުން ދައުލަތުގެ މުއައްސަސާއަކަށް އަންގާ އެންގުމަކަށް އަމަލުކުރުމަށް އިންކާރުކޮށްފިނަމަ އެކަމަށް އިންކާރުކުރާ ފަރާތަކުން އެކުރަނީ ޖިނާއީ ކުށެކެވެ.

 

23 ވަނަ މާއްދާ - ތަހްގީގަށް ހުރަސްއެޅުން

އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ތަހްގީގުތަކާ ގުޅިގެން، މައްސަލައިގައި ތުހުމަތުކުރެވޭ ނުވަތަ އެނޫންވެސް ފަރާތަކުން ތަހްގީގަށް ހުރަސް އެޅޭފަދަ އަމަލެއް ހިންގުމަކީ، ނުވަތަ އެހެންވެސް ނުފޫޒެއް ފޯރުވުމަކީ ޖިނާއީ ކުށެކެވެ.  އެފަދަ މައްސަލަތަކުގައި އެ ކުށްކުރި މީހެއްގެ މައްޗަށް ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 532 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުވާކުރެވިދާނެއެވެ.

 

24 ވަނަ މާއްދާ - މައްސަލަތައް ތަހްގީގުކުރުމުގައި ލިބިދޭ ހާއްސަ އިމްތިޔާޒ

(ހ) އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލާ މައްސަލަތަކުގައި އޮމްބަޑްސްޕަރސަންގެ އޮފީސް ނޫން އެހެން ފަރާތަކުން އެއްވެސް ތަހްގީގެއް ކޮށްފައިވާނަމަ އެ ތަހްގީގަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދާފައިވާ މައުލޫމާތާއި ހޯދުންތަކާއި އެފަރާތެއްގެ ބެލުމުގެދަށުގައި ހުރި ލިޔެކިޔުންތަކާއި ހެއްކާއި، ގަރީނާތަކާއި، އެނޫންވެސް ކަންކަން، އެ އޮފީހުން އެދިއްޖެ ހިނދެއްގައި    އެ އޮފީހާ ހިއްސާކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ހިނގާފައިވާ މައްސަލަތަކުގެ ތެރެއިން، ވަކި ބާވަތްތަކެއްގެ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ އިންތިގާލީ ކޮމިށަނަކުން ބަލަމުންދާ މައްސަލަތައް، މި ގާނޫނުގެ ދަށުން ގާއިމުކުރާ އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލައިގެންނުވާނެއެވެ.

 

25 ވަނަ މާއްދާ - ހެކިބަސްދޭ ފަރާތްތަކާއި އަނިޔާ ލިބިފައިވާ ފަރާތްތަކަށް ރައްކާތެރިކަން ދިނުން

(ހ) އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލާ މައްސަލައެއްގައި ހެކިބަސްދޭ ފަރާތްތަކާއި އަނިޔާ ލިބިފައިވާ ފަރާތްތައް ހިމާޔަތްކުރަންޖެހޭ ހާލަތެއްގައި އެފަދަ ފަރާތްތަކަށް ރައްކާތެރިކަންދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ހެކިބަސްދޭ ފަރާތްތަކާއި އަނިޔާ ލިބިފައިވާ ފަރާތްތައް ހިމާޔަތްކުރަންޖެހޭ ހާލަތެއްގައި އެފަދަ ފަރާތްތަކަށް ރައްކާތެރިކަން ލިބިދިނުމުގެ އުސޫލެއް އޮމްބަޑްސްޕަރސަންގެ އޮފީހުން އެކުލަވާލަންވާނެއެވެ.

(ނ) އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލާ މައްސަލައެއްގައި ހެކިބަސްދޭ ފަރާތަކީ ނުވަތަ އަނިޔާ ލިބިފައިވާ ފަރާތަކީ އަންހެނަކަށްވެއްޖެނަމަ، އެފަރާތެއް ހިމާޔަތްކުރަންޖެހޭ ހާލަތެއްގައި އެފަދަ ފަރާތަކަށް ދޭންޖެހޭ ހާއްސަ ހިމާޔަތާއި ރައްކާތެރިކަން ދިނުމުގައި އަމަލުކުރާނެ އުސޫލެއް އޮމްބަޑްސްޕަރސަންގެ އޮފީހުން އެކުލަވާލަންވާނެއެވެ.

 

26 ވަނަ މާއްދާ - އަނިޔާ ލިބިފައިވާ ފަރާތްތަކަށް ފުރުސަތު ދިނުމާއި އެފަރާތްތައް އިތުރަށް ށިކާރަވެރިނުކުރުން

އޮމްބަޑްސްޕަރސަންގެ އޮފީހުން މައްސަލައެއް ބެލުމުގައި، އަދި ކަންކަން ނިންމުމުގައި އަނިޔާ ލިބުނު ފަރާތްތަކާ ގުޅޭގޮތުން އަންނަނިވި ކަންކަން ކަށަވަރުކުރަންވާނެއެވެ.

(ހ) އަނިޔާ ލިބުނު ފަރާތްތައް އިތުރަށް ށިކާރަވެރިނުވާނެ ގޮތެއްގެމަތިން ފިޔަވަޅުތައް އެޅުން ނުވަތަ ކަންކަން ނިންމުން؛

(ށ) އެފަރާތްތަކުގެ ގަދަރަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން، އިހްތިރާމާއެކު އެފަރާތްތަކާ މުއާމަލާތުކުރުން؛

(ނ) އެކަށީގެންވާ އަވަސް މިނެއްގައި، އަދި އިންސާފުވެރިކަމާއެކު ފިޔަވަޅުތައް އެޅުން ނުވަތަ ކަންކަން ނިންމުން؛

(ރ) އަނިޔާ ލިބިފައިވާ ފަރާތްތަކާއި އެފަރާތްތަކުގެ ޒާތީ މައުލޫމާތު ހާމަނުކުރުން؛

(ބ) އަނިޔާ ލިބިފައިވާ ފަރާތުގެ ބަސް ހާމަކުރުމުގެ ފުރުސަތު އެފަރާތަކަށް ދިނުން ނުވަތަ އެފަރާތަކުން ކަނޑައަޅާ ފަރާތަކަށް ދިނުން.

 

27 ވަނަ މާއްދާ - މައްސަލަ ބެލުމުގައި އަމަލުކުރާނެ ގޮތް

(ހ) އޮމްބަޑްސްޕަރސަންގެ އޮފީހަށް ތަހްގީގުކުރުމަށް ހުށަހެޅޭ މައްސަލައެއް ނުވަތަ މި ގާނޫނުގެ ދަށުން ބަދަލު ނަގައިދިނުމަށް އެދި ހުށަހަޅާ މައްސަލައެއް ތަހްގީގުކުރުމުގައި އޮމްބަޑްސްޕަރސަންގެ އޮފީހުން އަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ.

 1. އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައިގެ ތަހްގީގު ނިންމުމަށްފަހު އެންމެ އިސްކަމެއް ދޭންވާނީ އަނިޔާ ލިބިފައިވާ ފަރާތާއި އަނިޔާދިން ފަރާތް ސުލްހަވެރިކުރުވުމަށެވެ.
 2. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، އަނިޔާ ލިބިފައިވާ ފަރާތާއި އަނިޔާދިން ފަރާތް ސުލްހަވެރިކުރުވުމަށް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރާ މަސައްކަތަށް އަނިޔާ ލިބިފައިވާ ފަރާތުންނާއި އަނިޔާދިން ފަރާތުން ނުވަތަ އަނިޔާ ލިބިފައިވާ ފަރާތުން ނުވަތަ އަނިޔާދިން ފަރާތުން އެއްބާރުލުން ނުދީފިނަމަ، އެ ދެ ފަރާތާ ވާހަކަ ދައްކައިގެން އެ ދެ ފަރާތް ސުލްހަވެރިކުރެވެން ހުރި އެންމެހައި ގޮތްތައް ހޯދައި، އެ ދެ ފަރާތް ސުލްހަވެރިކުރުވުމަށް އޮމްބަޑްސްޕަރސަންގެ އޮފީހުން މަސައްކަތްކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އަނިޔާ ލިބިފައިވާ ފަރާތާއި އަނިޔާދިން ފަރާތް ސުލްހަވެރިކުރުވުމުގައި އޮމްބަޑްސްޕަރސަންގެ އޮފީހުން އަމަލުކުރާނެ އިޖުރާއަތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ތަހްގީގުކުރުމަށްފަހު، އަދި މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަދި (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ސުލްހަވެރިކުރުވުމަށް މަސައްކަތްކުރުމަށްފަހު، އަނިޔާ ލިބިފައިވާ ފަރާތާއި އަނިޔާދިން ފަރާތް ސުލްހަވެރި ނުކުރެވިއްޖެ ހާލަތެއްގައި، އަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ.

 1. އޮމްބަޑްސްޕަރސަންގެ އޮފީހުން ތަހްގީގުކުރާ މައްސަލައެއްގައި ހިމެނޭ ޖިނާއީ ބައިތަކުގެ ތަހްގީގު ފުރިހަމަވުމާއެކު، ދައުވާކުރުމަށްޓަކައި އެކަށީގެންވާ ހެކި ހުރިނަމަ، އެފަދަ މައްސަލަތަކުގައި ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެއެވެ.
 2. އޮމްބަޑްސްޕަރސަންގެ އޮފީހުން ތަހްގީގުކުރާ މައްސަލައެއްގައި ހިމެނޭ މަދަނީ ގެއްލުމުގެ ބަދަލު ހޯދުމާއި، މުދަލާއި ފައިސާ އަނބުރާ ހޯދުމުގެ ކަންކަން ހިމެނޭނަމަ އެފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅުމަށް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވަންވާނެއެވެ.
 3. އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ތަހްގީގުގެ އަލީގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާއި، ޒިންމާ އުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.

28 ވަނަ މާއްދާ - ސުލްހައާއި ހަމަޖެހުން ގާއިމުކުރުން

(ހ) އޮމްބަޑްސްޕަރސަންގެ އޮފީހުން މައްސަލަތައް ބެލުމަށްފަހު، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކަށް ރިއާޔަތްކޮށް، އެފަދަ އަމަލުތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް ތަސައްލީ ހޯދައިދިނުމަށާއި، އަނިޔާ ލިބިފައިވާ ފަރާތާއި ދައުލަތާދެމެދު އިތުބާރު ގާއިމުކުރުމުގެ ގޮތުންނާއި މިފަދަ އަމަލުތައް ކުރިއަށް އޮތް ތަނުގައި ހިނގިޔަނުދިނުމަށްޓަކައި މުޖުތަމައު ހޭލުންތެރިކުރުވުމުގެ ގޮތުން އަންނަނިވި ފިޔަވަޅުތައް އެޅިދާނެއެވެ.

 1. ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން އަނިޔާ ލިބިފައިވާ ފަރާތްތަކަށާއި އެފަރާތްތަކާމެދު އަނިޔާވެރިވި ފަރާތްތަކަށް މުޖުތަމައުގައި އިހްތިރާމާއެކު އެއްބައިވަންތަކަމުގައި އުޅުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން، ފަރުވާއާއި އެހީތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން؛
 2. ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ހިނގާފައިވާކަން ބަލައިގަނެ، އެ އަމަލުތައް ހިނގާފައިވާ ގޮތް ދިރާސާކުރުމަށްފަހު އެކަމާ ގުޅުންހުރި ހެއްކާއި ލިޔެކިޔުންތަކުގެ މައްޗަށް އެ ހާދިސާ ލިޔެ ށާއިއުކުރުމަށް ކަމާ ގުޅުންހުރި މުއައްސަސާއަކަށް ހަވާލުކުރުން؛
 3. ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ އަނިޔާއާ ގުޅޭގޮތުން އަންނަން އޮތް ޖީލުތަކަށް އެކަމުން ފިލާވަޅު ލިބޭނެހެން ހަނދާނީ ބިނާ ނުވަތަ ދާރުލްއާސާރުފަދަ ތަންތަން ގާއިމުކުރުމަށް ކަމާ ގުޅުންހުރި މުއައްސަސާއަކަށް ހަވާލުކުރުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮމްބަޑްސްޕަރސަންގެ އޮފީހުން ކަނޑައެޅުމަށް މި މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކާއި، މި ގާނޫނުގެ ދަށުން ސުލްހަ ގާއިމުކުރުމަށް އެޅިދާނެ އެހެނިހެން ފިޔަވަޅުތައް އެޅުމުގައި ރިއާޔަތްކުރާނެ މިންގަނޑުތަކާއި، އަމަލުކުރާނެ އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

29 ވަނަ މާއްދާ - ކުރިން ނިމިފައިވާ މައްސަލަތައް އަލުން ބެލުން

(ހ) އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިހްތިސާސް ހިނގާ މައްސަލަތައް އެ އޮފީހުން ބެލުމުގައި، މީގެ ކުރިން، އެކިއެކި މުއައްސަސާތަކުން އެ ވާގިއާތަކުގެ މައްޗަށް ގޮތެއް ކަނޑައަޅާފައިވާ މައްސަލަތަކާ ގުޅިގެން އާ ހެއްކެއް ފެނިއްޖެނަމަ ނުވަތަ ގާނޫނީ އުސޫލެއް ނުވަތަ ގާނޫނީ ނުކުތާއަކަށް ރިއާޔަތްކޮށް، އެ މައްސަލައެއް އަލުން ބަލައިދިނުމަށް އެދި، އޮމްބަޑްސްޕަރސަންގެ އޮފީހުން ނުވަތަ އެ މައްސަލައިގެ އިހްތިސާސް ލިބިގެންވާ މުއައްސަސާއެއް މެދުވެރިކޮށް އެ މައްސަލައާމެދު އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތެއް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ހުށަހެޅުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 1. އެ މައްސަލަ ތަހްގީގުކުރުމަށް ނުވަތަ ތަހްގީގުނުކުރެވޭނެކަމަށް ނިންމާފައިވުން؛ ނުވަތަ
 2. އެ މައްސަލައިގައި ދައުވާކުރުމަށް ނުވަތަ ނުކުރުމަށް ނިންމާފައިވުން؛ ނުވަތަ
 3. އެ މައްސަލައިގެ ށަރީއަތް ކުރިއަށް ގެންދިއުމަށް ނުވަތަ ނުގެންދިއުމަށް ނިންމާފައިވުން؛ ނުވަތަ
 4. އެ މައްސަލައިގެ ށަރީއަތް ނިމި، ކޯޓުން ހުކުމްކޮށްފައިވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގާނޫނީ އުސޫލަކީ ނުވަތަ ގާނޫނީ ނުކުތާއަކީ، އެ މައްސަލައިގެ ނަތީޖާ ބަދަލުކުރުވަނިވި ގާނޫނީ އުސޫލެއްކަން ނުވަތަ ގާނޫނީ ނުކުތާއެއްކަން އޮމްބަޑްސްޕަރސަންގެ އޮފީހުން ކަށަވަރުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރުގައިވާ ގޮތްތަކުގެ ތެރެއިން ގޮތެއް ކަނޑައަޅާފައިވާ މައްސަލައެއްނަމަ، އެ މައްސަލައެއް އަލުން ބެލުމާމެދު ގޮތެއް ކަނޑައަޅައިދިނުމަށް އެދި އޮމްބަޑްސްޕަރސަންގެ އޮފީހުން އެ މައްސަލައިގައި ގޮތް ނިންމާފައިވާ މުއައްސަސާއަކަށް ހުށަހެޅިދާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު ނުވަތަ (4) ވަނަ ނަންބަރުގައިވާ ގޮތްތަކުގެ ތެރެއިން ގޮތެއް ކަނޑައަޅާފައިވާ މައްސަލައަކީ ޖިނާއީ މައްސަލައެއްނަމަ، އެ މައްސަލައާ ގުޅިގެން ފެނިފައިވާ އާ ހެކި ނުވަތަ ގާނޫނީ އުސޫލު ނުވަތަ ގާނޫނީ ނުކުތާއަށް ރިއާޔަތްކޮށް، އެ މައްސަލަ އަލުން ބެލުމާމެދު ގޮތެއް ކަނޑައެޅުމަށް އެ މައްސަލައިގެ ށަރީއަތް ކުރިއަށް ގެންދިއުމަށް ނުވަތަ ނުގެންދިއުމަށް ނިންމާފައިވާ ނުވަތަ މައްސަލައިގައި ހުކުމްކޮށްފައިވާ ކޯޓަށް އެ މައްސަލަ ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އޮމްބަޑްސްޕަރސަންގެ އޮފީހުން ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު ނުވަތަ (4) ވަނަ ނަންބަރުގައިވާ ގޮތްތަކުގެ ތެރެއިން ގޮތެއް ކަނޑައަޅާފައިވާ މައްސަލައަކީ މަދަނީ މައްސަލައެއްނަމަ، އެ މައްސަލައާ ގުޅިގެން ފެނިފައިވާ އާ ހެކި ނުވަތަ ގާނޫނީ އުސޫލު ނުވަތަ ގާނޫނީ ނުކުތާއަށް ރިއާޔަތްކޮށް، އެ މައްސަލަ އަލުން ބެލުމާމެދު ގޮތެއް ކަނޑައެޅުމަށް އެ މައްސަލައިގެ ށަރީއަތް ކުރިއަށް ގެންދިއުމަށް ނުވަތަ ނުގެންދިއުމަށް ނިންމާފައިވާ ނުވަތަ މައްސަލައިގައި ހުކުމްކޮށްފައިވާ ކޯޓަށް އެ މައްސަލަ ހުށަހެޅުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހަށް އޮމްބަޑްސްޕަރސަންގެ އޮފީހުން ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) އަދި (ބ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގެ (ހ) ގައިވާ ގޮތްތަކުގެ ތެރެއިން ގޮތެއް ކަނޑައަޅާފައިވާ މައްސަލައަކާ ގުޅިގެން ފެނިފައިވާ އާ ހެއްކަކީ، ނުވަތަ ގާނޫނީ އުސޫލަކީ، ނުވަތަ ގާނޫނީ ނުކުތާއަކީ އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުގެ ނުވަތަ ދައުވާލިބޭ ފަރާތުގެ މަސްލަހަތު އޮތް ހެއްކެއް، ގާނޫނީ އުސޫލެއް ނުވަތަ ގާނޫނީ ނުކުތާއެއްނަމަ، އެކަންކަމަށް ރިއާޔަތްކޮށް، އެ މައްސަލައިގައި      އެ މުއައްސަސާއަކުން ނިންމާފައިވާ ނިންމުން އަލުން ބެލުމަށް އެދި ހުށަހެޅުމުގެ ހައްގު ތުހުމަތުކުރެވޭ ފަރާތަށް ނުވަތަ ދައުވާލިބޭ ފަރާތަށް ލިބިގެންވެއެވެ. އަދި، އެ މައްސަލައާ ގުޅިގެން ފެނިފައިވާ އާ ހެކި ނުވަތަ ގާނޫނީ އުސޫލު ނުވަތަ ގާނޫނީ ނުކުތާގެ މައުލޫމާތު އޮމްބަޑްސްޕަރސަންގެ އޮފީހުގެ އަމިއްލަ އިސްނެގުމަށް އެފަރާތަކަށް ދޭންވާނެއެވެ.

(ކ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަލުން ބެލުމަށް އެދި އެ މައްސަލައާމެދު ގޮތެއް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ހުށަހެޅުމުން، އެ މައްސަލައާމެދު މީގެ ކުރިން އެ މުއައްސަސާއަކުން ނިންމާފައިވާ ނިންމުމާމެދު ގޮތެއް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް އެ މުއައްސަސާއަކުން ރިއާޔަތްކުރަންވާނެއެވެ.

 1. އެ މައްސަލަ އަލުން ބެލުމަށް އެދި ހުށަހަޅާފައިވާ އާ ހެއްކަކީ ނުވަތަ ގާނޫނީ އުސޫލަކީ ނުވަތަ ގާނޫނީ ނުކުތާއަކީ، އެ މައްސަލައާމެދު އެ މުއައްސަސާއަކުން ގޮތެއް ނިންމުމަށްފަހު ލިބިފައިވާ އާ ހެއްކެއް ނުވަތަ ގާނޫނީ އުސޫލެއް ނުވަތަ ގާނޫނީ ނުކުތާއެއްކަން ނުވަތަ ނޫންކަން؛
 2. އެ މައްސަލަ އަލުން ބެލުމަށް އެދި ހުށަހަޅާފައިވާ އާ ހެކި، ނުވަތަ ގާނޫނީ އުސޫލު ނުވަތަ ގާނޫނީ ނުކުތާއާ އެ މައްސަލައާ ހުރި ގުޅުން؛
 3. އެ މައްސަލައާމެދު އެ މުއައްސަސާއަކުން ގޮތެއް ނިންމިއިރު އެ މައްސަލަ އަލުން ބެލުމަށް އެދި ހުށަހަޅާފައިވާ އާ ހެއްކަކީ ގާނޫނީ ގޮތުން ހޯދުމުގެ ފުރުސަތު ކުރިން ނެތް ހެއްކަކަށްވުން؛
 4. އެ މައްސަލަ އަލުން ބެލުމަށް އެދި ހުށަހަޅާފައިވާ އާ ހެކި، ނުވަތަ ގާނޫނީ އުސޫލު، ނުވަތަ ގާނޫނީ ނުކުތާގެ ސަބަބުން، އެ މައްސަލައިގައި އެ މުއައްސަސާއަކުން ކުރިން ނިންމާފައިވާ ނިންމުމަށް ބަދަލު އައުމުގެ ފުރުސަތު އޮތުން.

(އ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އޮމްބަޑްސްޕަރސަންގެ އޮފީހުން     އެ މުއައްސަސާއަކަށް ހުށަހެޅޭ މައްސަލައަކާމެދު ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ގޮތެއް ކަނޑައަޅަންވާނެއެވެ.

 

30 ވަނަ މާއްދާ - އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިދާރީ ކަންކަން

އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކޮށް މަސައްކަތްތައް ކުރުމަށްޓަކައި އެ އޮފީހަށް ބޭނުންވާނެ މުވައްޒަފުންނާއި ވަސީލަތްތައް ސަރުކާރުން ފަހިކޮށްދޭންވާނެއެވެ.

 

31 ވަނަ މާއްދާ - އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުވައްޒަފުން

(ހ) އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިދާރީ މުވައްޒަފުން ނަގާނީ އެ އޮފީހުންނެވެ.

(ށ) އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލަމުންދާ މައްސަލަތަކުގައި މަސައްކަތްކުރުމަށް ފަންނީ މުވައްޒަފުންގެ ގޮތުގައި އެ އޮފީހުން ހަމަޖައްސަންވާނީ އެކަށީގެންވާ ހުނަރާއި ތަޖުރިބާހުރި ފަރާތްތަކެވެ.

(ނ) އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް، މިނިސްޓްރީ އޮފް ފިނޭންސްގެ މަށްވަރާއާއެކު ކަނޑައަޅާނީ އެ އޮފީހުންނެވެ.

 

32 ވަނަ މާއްދާ - އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތަށް މުވައްޒަފުން ވީއްލުން

(ހ) ދައުލަތުގެ ނުވަތަ ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާ މުވައްޒަފަކު އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތަށް ވަގުތީގޮތުން އެ އޮފީހަށް ވީއްލައިދިނުމަށް އެދިއްޖެނަމަ، އެ މުވައްޒަފަކު މަސައްކަތްކުރާ އޮފީހެއްގެ މަސައްކަތުން އެ މުވައްޒަފަކު ވީއްލަންވާނެއެވެ. އެގޮތުން އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތަށް ވީއްލާ މުވައްޒަފުން އެ އޮފީހުގައި މަސައްކަތްކުރާ މުއްދަތުގެ މުސާރައާއި އިނާޔަތްތައް ދޭނީ އެ މުވައްޒަފަކު ވީއްލާ އިދާރާއަކުންނެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތަށް ވީއްލާ މުވައްޒަފަކު އެ އޮފީހުގައި މަސައްކަތްކުރަން އުޒުރުވެރިވާނަމަ، އެ އޮފީހުގެ މަސައްކަތަށް ދިއުމުން ތަނާޒުލުވުމުގެ ފުރުސަތު އެ މުވައްޒަފަކަށް ލިބިގެންވެއެވެ.

 

33 ވަނަ މާއްދާ - މާލީ ކަންކަން

(ހ) އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ފައިސާ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓެއްގެ ދަށުން ދައުލަތުގެ މާލިއްޔާއިން، އޮމްބަޑްސްޕަރސަންގެ އޮފީހަށް ދޫކުރަންވާނެއެވެ. އެގޮތުން، އޮމްބަޑްސްޕަރސަންގެ އޮފީހުން ބަޖެޓު އެކުލަވާލައި، ދައުލަތުގެ ބަޖެޓުގައި ހިމެނުމަށްޓަކައި ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އޮމްބަޑްސްޕަރސަންގެ އޮފީހަށް ދައުލަތުގެ މާލިއްޔާއިން ދޫކުރާ ފައިސާގެ އިތުރުން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިއެކި ޖަމްއިއްޔާ ޖަމާއަތްތަކުންނާއި، ބޭރުގެ ގައުމުތަކުން މާލީ އެހީ އެ އޮފީހަށް ހޯދިދާނެއެވެ.

(ނ) އޮމްބަޑްސްޕަރސަންގެ އޮފީހަށް އާމްދަނީގެ ގޮތުގައި ލިބޭ އެންމެހައި ފައިސާ ޖަމާކުރަންވާނީ، އެ އޮފީހުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށެވެ.

 

34 ވަނަ މާއްދާ - އާމްދަނީއާއި ހަރަދު އޮޑިޓްކުރުން

(ހ) އޮމްބަޑްސްޕަރސަންގެ އޮފީހުގެ އާމްދަނީއާއި ހަރަދާއި މިލްކިއްޔާތާއި، މާލީ ޒިންމާތަކާބެހޭ ހިސާބު ބަލަހައްޓަންވާނީ ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި މި ހިސާބުތައް ބަލަހައްޓާނެ ގޮތުގެ ގަވާއިދު އޮޑިޓަރ ޖެނެރަލްގެ މަށްވަރާއާއެކު، އޮމްބަޑްސްޕަރސަންގެ އޮފީހުން އެކުލަވާލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގަވާއިދުގައިވާ ގޮތުގެމަތިން އޮމްބަޑްސްޕަރސަންގެ އޮފީހުގެ އާމްދަނީއާއި ހަރަދާއި މިލްކިއްޔާތާއި، މާލީ ޒިންމާތަކާބެހޭ ހިސާބުތައް އޮޑިޓަރ ޖެނެރަލް އޮޑިޓްކުރުމަށްފަހު، އޮމްބަޑްސްޕަރސަންގެ އޮފީހުން އެކުލަވާލާ މާލީ ބަޔާން ކޮންމެ އަހަރެއްގެ އަހަރީ ރިޕޯޓާއެކު، އެ މާލީ އަހަރު ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

 

35 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

(ހ) އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ތަހްގީގުތަކާއި ކުރަމުންދާ މަސައްކަތްތައް ކުރިއަށްދާއިރު، އެ ތަހްގީގުތަކާގުޅޭ ނުވަތަ އެ މަސައްކަތަކާގުޅޭ އެންމެހައި މައުލޫމާތަކީ، ސިއްރު އަދި އިމްތިޔާޒު ލިބިގެންވާ މައުލޫމާތެވެ

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ތަހްގީގަކާއި ކުރަމުންދާ މަސައްކަތަކާ ގުޅިގެން، އެ ތަހްގީގަކަށް ނުވަތަ އެ މަސައްކަތަކަށް ހުރަސްނޭޅޭނެހެން، އެ ތަހްގީގަކާ ނުވަތަ މަސައްކަތަކާ ގުޅޭގޮތުން އޮމްބަޑްސްޕަރސަންގެ އޮފީހުން ކަނޑައަޅާ އުސޫލެއްގެ މަތިން މައުލޫމާތު ހާމަކުރެވިދާނެއެވެ.

(ނ) އޮމްބަޑްސްޕަރސަންގެ މަގާމުން އިސްތިއުފާދިނުމަށްފަހު ނުވަތަ މަގާމުން ވަކިކުރުމަށްފަހުގައިވެސް މި ގާނޫނުގެ ދަށުން އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ނުވަތަ ހިންގާފައިވާ ތަހްގީގުތަކާގުޅޭ ނުވަތަ އެ އޮފީހުން ކުރަމުންދާ ނުވަތަ ކޮށްފައިވާ މަސައްކަތަކާގުޅޭ އެންމެހައި މައުލޫމާތުގެ ސިއްރުކަން ހިފަހައްޓަންވާނެއެވެ.

(ރ) އޮމްބަޑްސްޕަރސަންގެ އޮފީހަށް ލިބިގެންވާ ބާރުތައް ބޭނުންކުރުމުގައާއި އަދި އެފަރާތުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މައްސަލައިގައި ހިމެނޭ ފަރާތްތަކާބެހޭ ޒާތީ މައުލޫމާތުތަކުގެ ސިއްރުކަން ހިފަހައްޓަންވާނެއެވެ

(ބ) އޮމްބަޑްސްޕަރސަންގެ އޮފީހުން ތަހްގީގުކޮށް ދައުވާކުރުމާއި، ފިޔަވަޅު އެޅުމަށް ފޮނުވާ މައްސަލަތަކުގައި ހިމެނޭ އެންމެހައި މައުލޫމާތާއި، ލިޔެކިޔުންތަކުގެ ސިއްރު ހިފެހެއްޓުމުގައި އަމަލުކުރާނެ ހާއްސަ އިޖުރާއަތުތައް އެކަށައަޅައި، އެކަމާބެހޭ އިންތިޒާމުތައް އެ މައްސަލައެއް ފޮނުވޭ އިދާރާއަކުން ހަމަޖައްސަންވާނެއެވެ.

 

36 ވަނަ މާއްދާ - ހިމާޔަތް

އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުންނާއި، އެ އޮފީހަށް ލިބިދޭ ބާރުތަކުގެ ދަށުން އަމަލުކުރުމުގެ ގޮތުން ގާނޫނުގައިވާ ގޮތުގެމަތިން، ނުވަތަ ގާނޫނަކުން ލިބިދޭ ބާރެއްގެ ދާއިރާގެ ތެރޭގައި، އޮމްބަޑްސްޕަރސަނަކު ނުވަތަ އެ އޮފީހުގެ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން، ހެޔޮ ނިޔަތުގައި ކުރާ ކަމަކާމެދު، ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އެއްވެސް މަދަނީ ނުވަތަ ޖިނާއީ ދައުވާއެއް ނުއުފުލޭނެއެވެ.

 

37 ވަނަ މާއްދާ - މާލީ ބަޔާން

(ހ) އޮމްބަޑްސްޕަރސަނެއްގެ ގޮތުގައި އައްޔަންކުރެވޭ އޮމްބަޑްސްޕަރސަނުން، އެ މަގާމާ ހަވާލުވިއިރު އެމީހުންނަށް ލިބިފައިވާ އާމްދަނީއާއި އެމީހުންގެ ނަމުގައި ހުރި މުދަލާއި އެމީހުން އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، އެ މަގާމާ އެމީހުން ހަވާލުވާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މާލީ ހިސާބު ހުށަހެޅުމުގެ އިތުރަށް، އޮމްބަޑްސްޕަރސަންގެ އޮފީހުގެ އެންމެހައި އޮމްބަޑްސްޕަރސަނުން އެ މަގާމާ ހަވާލުވާ ތާރީހުން ފެށިގެން ކޮންމެ އަހަރެއްގެ މާލީ ހިސާބު       އެ އަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަމުން ގެންދަންވާނެއެވެ. އެގޮތުން އެ މާލީ ހިސާބުގައި އެމީހުންގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކުރަންވާނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި އަހަރު ކަމަށް މާނަކޮށްފައި އެވަނީ، އޮމްބަޑްސްޕަރސަނުން މަގާމާ ހަވާލުވާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ހަމަވާ ތާރީހަށެވެ.

 

38 ވަނަ މާއްދާ - މަސްލަހަތު އޮތް މައްސަލައެއް ނުބެލުން

(ހ) އެއްވެސް އޮމްބަޑްސްޕަރސަނެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް ނުވަތަ އެނޫންވެސް ފައިދާއެއް އޮތް މައްސަލައަކާ ގުޅޭ އެއްވެސް ނިންމުމެއް ނިންމުމުގައި ނުވަތަ އެ މައްސަލައެއް ބެލުމުގައި އެ އޮމްބަޑްސްޕަރސަނަކު އެއްވެސް މިންވަރަކަށް ބައިވެރިވެގެން ނުވާނެއެވެ.

(ށ) އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލާ މައްސަލައަކީ، އޮމްބަޑްސްޕަރސަނެއްގެ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް ނުވަތަ އެނޫންވެސް ފައިދާއެއް އޮތް މައްސަލައެއްކަން ކުރިން އެނގިފައިނެތްނަމަވެސް، އެކަން އެނގޭހިނދު އެ މައްސަލައަކީ އެމީހެއްގެ މަސްލަހަތެއް އޮތް މައްސަލައެއްކަން ޗީފް އޮމްބަޑްސްޕަރސަނަށް އެންގުމާއެކު، އެ މައްސަލައެއް ބެލުމުން އެ މެންބަރަކު އެއްކިބާވާންވާނެއެވެ.

(ނ) އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލާ މައްސަލަތައް ބެލުމަށް އެ އޮފީހުން ކަނޑައަޅާ މުވައްޒަފެއްގެ މަސްލަހަތު ފުށުއަރާފަދަ މައްސަލަތައް ބެލުމުން  އެ މުވައްޒަފެއް އެއްކިބާވާންވާނެއެވެ.

 

ތިންވަނަ ބާބު

ބަދަލު ނަގައިދިނުމާއި ފަރުވާ ހޯދައިދިނުން

 
39 ވަނަ މާއްދާ - ބަދަލު ނަގައިދިނުން

(ހ) މި ގާނޫނުގެ ދަށުން އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލައެއްގައި ނުވަތަ އެ އޮފީހުގެ އަމިއްލަ އިސްނެގުމަށް ބަލާ މައްސަލައެއްގައި، ނިޒާމީ ގޮތެއްގައި ރޭވިގެން ހިންގާފައިވާ އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ހިފެހެއްޓިއްޖެނަމަ، އެ އަމަލުގެ ށިކާރައަކަށްވި ފަރާތަށް މި ގާނޫނުގައިވާ ގޮތުގެމަތިން އަދުލުވެރި ބަދަލެއް ކޯޓުން ނަގައިދެވިދާނެއެވެ.

(ށ) މި ބާބުގެ ދަށުން ބަދަލުގެ ގޮތުގައި ނަގައިދެވޭނީ، މާލީ ބަދަލާއި، އެހެނިހެން ބަދަލެވެ.

 

40 ވަނަ މާއްދާ - ސީދާ ގެއްލުމުގެ ބަދަލު

(ހ) ނިޒާމީ ގޮތެއްގައި ރޭވިގެން ހިންގާފައިވާ އަމަލެއްގެ ސީދާ ނަތީޖާއެއްގެ ގޮތުން މީހެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ހިފެހެއްޓިއްޖެނަމަ، އެ އަމަލުގެ ށިކާރައަކަށްވި ފަރާތަށް ލިބުނު އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން، އަންނަނިވި ބާވަތްތަކުގެ އަނިޔާތައް ލިބިފައިވާ ފަރާތްތަކަށް މާލީ ބަދަލު ނަގައިދެވިދާނެއެވެ.

 1. މާލީގޮތުން ލިބިފައިވާ ސީދާ ގެއްލުން؛
 2. ގުނަވަނެއް ނެތިދިޔުން ނުވަތަ ދާއިމީކޮށް ގުނަވަނެއް މަސައްކަތްނުކުރުން ނުވަތަ އެހެންވެސް ދާއިމީ ޖިސްމާނީ ގެއްލުމެއްވުން؛
 3. ދާއިމީކޮށް ނަފްސާނީގޮތުން ގެއްލުންވުން ނުވަތަ މަރުވުން.

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ ހާލަތުގައި، ނަގައިދެވޭ މާލީ ބަދަލު ނަގައިދެވޭނީ ލިބުނު އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން ގެއްލުން ލިބުނު ފަރާތުގެ ގާނޫނީ ބެލެނިވެރިޔާއަށެވެ.

 

41 ވަނަ މާއްދާ - ނުސީދާ ގެއްލުމުގެ ބަދަލު

(ހ) މި ގާނޫނުގެ 40 ވަނަ މާއްދާގައި ބަޔާންކުރާ މާލީ ބަދަލު ނަގައިދެވިދާނެ ހާލަތެއްގައި މާލީ ބަދަލު ނަގައިދިނުމުގެ އިތުރުން، ނުވަތަ މާލީ ބަދަލު ނަގައިދިނުމުގެ ބަދަލުގައި، ނުވަތަ އެ މާއްދާގައި މާލީ ބަދަލު ނަގައިދިނުމަށް ކަނޑައަޅާފައިވާ ހާލަތްތައް ފިޔަވައި އެނޫން ހާލަތްތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް އެހެނިހެން ބަދަލު ނަގައިދެވިދާނެއެވެ. އޭގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

 1. ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުން ނުވަތަ އަދާކުރަމުންދާ ވަޒީފާގައި ކުރިން ހުރި މަގާމަށް ރުޖޫއަކޮށްދިނުން؛
 2. ތައުލީމު ހާސިލުކުރުމުގެ ނުވަތަ ތަމްރީނު ލިބިގަތުމުގެ ފުރުސަތު ފަހިކޮށްދިނުން؛
 3. ސިއްހީ ނުވަތަ ނަފްސާނީ ފަރުވާ ހޯދައިދިނުން؛
 4. ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުން.

(ށ) މި މާއްދާގެ ދަށުން އެހެނިހެން ބަދަލު ނަގައިދިނުމުގައި އިސްކަންދޭންވާނީ، އަނިޔާ ލިބިފައިވާ ފަރާތަށް ލިބިފައިވާ އަނިޔާއަށް އެންމެ އެކަށީގެންވާ މިންވަރަށް ބަދަލު ނަގައިދިނުމަށެވެ.

 

42 ވަނަ މާއްދާ - ބަދަލު ނަގައިދިނުމަށް އެދި ހުށަހެޅުން

(ހ) އަނިޔާ ލިބިފައިވާ ކަމަށް ގަބޫލުކުރެވޭނަމަ، ބަދަލު ނަގައިދިނުމަށް އެދި އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅިދާނެއެވެ.

(ށ) ބަދަލު ނަގައިދިނުމަށް އެދި އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

(ނ) މި މާއްދާގެ ދަށުން އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ ހުށަހެޅުމަކާ ގުޅޭގޮތުން ގޮތެއް ނިންމުމުގައި، ހުށަހެޅިފައިވާ ހެއްކަށް ނުވަތަ އެ އޮފީހުން ކަމާގުޅޭގޮތުން ހޯދާފައިވާ ހެއްކަށް ރިއާޔަތްކުރާއިރު، އެއީ ކުށުގެ އެ އަމަލުގެ ސަބަބުން އަނިޔާ ލިބުނު މީހެއް ކަމަށް އެ އޮފީހަށް ފެނިއްޖެ ހިނދެއްގައި، އެ މައްސަލައިގައި އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އޮމްބަޑްސްޕަރސަންގެ އޮފީހަށް ކަނޑައެޅިދާނެއެވެ.

 1. އެ މައްސަލައިގައި ބަދަލު ހޯދުމަށް ދައުވާކުރަންވާނީ ދައުލަތުގެ މުއައްސަސާއެއްގެ މައްޗަށްކަމަށް؛ ނުވަތަ
 2. އެ މައްސަލައިގައި ބަދަލު ހޯދުމަށް ދައުވާކުރަންވާނީ އަނިޔާ ލިބިފައިވާ ފަރާތަށް އަނިޔާދިން ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއް ނުވަތަ އިސް ހިންގުންތެރިންގެ މައްޗަށްކަމަށް.

(ރ) މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތަށް އޮމްބަޑްސްޕަރސަންގެ އޮފީހުން ކަނޑައަޅައިފިނަމަ، އެ މައްސަލައިގައި ދައުލަތުގެ މުއައްސަސާގެ ފަރާތުން ބަދަލު ހޯދުމަށް ދައުވާކުރުމުގެ އިހްތިޔާރު އަނިޔާ ލިބިފައިވާ ފަރާތަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތަށް އޮމްބަޑްސްޕަރސަންގެ އޮފީހުން ކަނޑައަޅައިފިނަމަ، އެ މައްސަލައިގައި ދައުލަތުގެ މުއައްސަސާގެ އިސް ހިންގުންތެރިޔާގެ ކިބައިން އަނިޔާ ލިބިފައިވާ ފަރާތަށް ބަދަލު ނަގައިދިނުމަށް ދައުވާކުރުމުގެ އިހްތިޔާރީ ބާރު ލިބިގެންވަނީ ދައުލަތުގެ ބަންޑާރަނައިބަށެވެ.

 

43 ވަނަ މާއްދާ - ބަދަލު ނަގައިދެވޭ މިންވަރު

(ހ) މި ގާނޫނުގެ ދަށުން ބަދަލު ނަގައިދޭން ކަނޑައެޅުމުގައި، އެ މައްސަލައެއްގައި ހިމެނިގެންވާ އެންމެހައި ކަންކަމުގެ މައްޗަށް ބިނާކޮށް، އަނިޔާލިބޭ ފަރާތަށް ނަގައިދޭނީ ކޮން ބާވަތެއްގެ ބަދަލެއް އަދި ކިހާ މިންވަރަކަށްކަން ކަނޑައަޅާނީ، ކޯޓުންނެވެ. އެގޮތުން، އަންނަނިވި ކަންކަން ކޯޓަށް ކަނޑައެޅިދާނެއެވެ.

 1. ބަދަލު ނަގައިދެވޭނެ ދާއިރާއާއި ށަރުތުތައް؛
 2. ބަދަލު ދިނުމުގެ ކަންކަން ހަމަޖައްސައިދޭންޖެހޭ އިދާރާ؛
 3. ވަގުތުން ވަގުތަށް ނަގައިދޭންޖެހޭ ކަމަށް ފެންނަ ވަގުތީ ބަދަލު؛

(ށ) މި މާއްދާގެ ދަށުން ބަދަލު ނަގައިދިނުމުގައި، އަންނަނިވި ކަންކަން ކޯޓަށް ކަނޑައެޅިދާނެއެވެ.

 1. ބަދަލު ނަގައިދިނުމަށް އެދިފައިވާ އެންމެހައި ކަންކަމަށް ބަދަލުނަގައިދިނުން؛
 2. ބަދަލު ނަގައިދިނުމަށް އެދިފައިވާ ކަންކަމުގެ ތެރެއިން ބައެއް ކަންކަމަށް ބަދަލުނަގައިދިނުން؛
 3. އެއްބާވަތެއްގެ މައްސަލަތަކުގައި އެއް ހަމައަކުން ބަދަލު ނަގައިދިނުން.

 

44 ވަނަ މާއްދާ - ބަދަލު ނަގައިދިނުމާގުޅޭ ގަވާއިދު

މި ގާނޫނުގެ ދަށުން ބަދަލު ނަގައިދިނުމުގައި ކޯޓުތަކުން އަމަލުކުރާނެ އިޖުރާއަތުތަކާއި، ބަދަލު ނަގައިދޭނެ އަދަދުތަކުގެ މިންގަނޑުތަކުގެ ގަވާއިދެއް ބަންޑާރަނައިބުގެ ލަފަޔާއެކު، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ހަދަންވާނެއެވެ.

 

45 ވަނަ މާއްދާ - އެހެނިހެން ފަރުވާ

(ހ) މި ގާނޫނުގެ 40 ވަނަ މާއްދާއާއި 41 ވަނަ މާއްދާގައި ބަޔާންކުރާ ބަދަލުގެ އިތުރުން ނުވަތަ އޭގެ ބަދަލުގައި، އަނިޔާ ލިބޭ ފަރާތްތަކަށް އެހެނިހެން ފަރުވާ ދިނުމަށް އޮމްބަޑްސްޕަރސަންގެ އޮފީހަށް ކަނޑައެޅިދާނެއެވެ. އޭގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

 1. އިންސާނީ ހައްގަކާ ހިލާފަށް ހިންގަމުންދާ އަމަލު ހުއްޓުވުން؛
 2. އަމަލު ހިންގި ފަރާތް ޖަވާބުދާރީކުރުވުން؛
 3. މައާފަށް އެދުން.

(ށ) މި ގާނޫނުގެ ދަށުން އޮމްބަޑްސްޕަރސަންގެ އޮފީހުން ކަނޑައަޅައިދޭނެ އިތުރު ފަރުވާއާއި، އެ ފަރުވާ ދިނުމުގައި ރިއާޔަތްކުރާނެ މިންގަނޑުތަކާއި، އަމަލުކުރާނެ އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

ހަތަރުވަނަ ބާބު

ރިޕޯޓުކުރުން

 

46 ވަނަ މާއްދާ - އޮމްބަޑްސްޕަރސަންގެ އޮފީހުގެ ރިޕޯޓު

(ހ) އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތް ފުރިހަމަވެ ނިމުމުން، އަންނަނިވި ކަންކަން ހިމެނޭ ގޮތުން އެކުލަވާލާ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަންވާނެއެވެ.

 1. އޮމްބަޑްސްޕަރސަންގެ އޮފީހުގެ ނިންމުންތަކުގެ ހުލާސާއެއް؛
 2. އޮމްބަޑްސްޕަރސަންގެ އޮފީހުން ބެލި ކޮންމެ މައްސަލައެއް ވަކިން ބަޔާންކޮށް އެ މައްސަލައިގެ ތަފްސީލު ހިމެނުމާއެކު އެ މައްސަލައެއްގައި ފާހަގަވި ކަންކަމާއި އެ މައްސަލައެއް ނިންމިގޮތް؛
 3. އޮމްބަޑްސްޕަރސަންގެ އޮފީހުން ބެލި މައްސަލަތަކުގެ ތެރެއިން ޖިނާއީ ދައުވާ އުފުލުމަށް ހުށަހެޅި މައްސަލަތައް؛
 4. ކުށުގެ ށިކާރައަކަށްވި ފަރާތްތަކަށް ބަދަލުދިނުމާއި ފަރުވާ ދިނުމާ ގުޅޭގޮތުން ހުށަހަޅާ ހުށަހެޅުންތައް؛
 5. އޮމްބަޑްސްޕަރސަންގެ އޮފީހުން ހުށަހަޅާ ކަންކަން ތަންފީޒުކުރުމަށްޓަކައި އަޅަންޖެހޭކަމަށް އެ އޮފީހަށް ފެންނަ ފިޔަވަޅުތައް؛
 6. އޮމްބަޑްސްޕަރސަންގެ އޮފީސް އުފެއްދި މަގްސަދުތައް ހާސިލުކުރުމަށްޓަކައި ނިޒާމީގޮތުންނާއި ސިޔާސީގޮތުންނާއި އިދާރީގޮތުން އަޅަންޖެހޭކަމަށް އެ އޮފީހަށް ފެންނަ އިސްލާހީ އަދި އެނޫންވެސް ފިޔަވަޅުތަކާއި ގާނޫނުތަކަށާއި ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް؛
 7. އޮމްބަޑްސްޕަރސަންގެ އޮފީސް އުވުމަށްފަހު އެ އޮފީހުގެ ހުށަހެޅުންތައް ތަންފީޒުކުރުމަށް ބޭނުންވާނެ ނިޒާމީ އޮނިގަނޑުގެ ތަފްސީލު ބަޔާންކުރުން؛
 8. އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލާފައިވާ މައްސަލަތަކުގެ ތެރެއިން، އެ އޮފީހުގެ މެންބަރުންނާއި މުވައްޒަފުންގެ މަސްލަހަތު ފުށުއެރި މައްސަލަތަކާއި އެ މައްސަލަތައް ބެލުމުގައި އަމަލުކޮށްފައިވާ ގޮތުގެ ތަފްސީލު

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ރިޕޯޓު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ ރިޕޯޓު، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

 

47 ވަނަ މާއްދާ - ވަގުތީ ރިޕޯޓު

(ހ) އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތް ފެށުމަށްފަހު ވޭތުވެގެންދާ ކޮންމެ 3 (ތިނެއް) މަހަކުން އެއް ފަހަރު، އަންނަނިވި ކަންކަން ހިމެނޭ ރިޕޯޓެއް އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންވާނެއެވެ.

 1. އޮމްބަޑްސްޕަރސަންގެ އޮފީހުން ކޮށްފައިވާ މަސައްކަތްތައް؛
 2. އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލަމުންގެންދާ މައްސަލަތަކުގެ ތަފްސީލު؛
 3. އޮމްބަޑްސްޕަރސަންގެ އޮފީހުން ނިންމާފައިވާ މައްސަލަތަކާއި،      އެ މައްސަލަތައް ނިންމާފައިވާ ގޮތް؛
 4. އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިދާރީ ހިންގުމާގުޅޭ މައުލޫމާތު.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ދިމާވާ ހާއްސަ ހާލަތެއްގައި، އޮމްބަޑްސްޕަރސަންގެ އޮފީހަށް ފެނިއްޖެ ހިނދެއްގައި އެ ހާލަތަކާގުޅޭ ހާއްސަ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ އިހްތިޔާރު އެ އޮފީހަށް ލިބިގެންވެއެވެ.

 

ފަސްވަނަ ބާބު

ދައުވާކުރުމާއި ހުކުމްކުރުމާއި އިސްތިއުނާފުކުރުން

 
48 ވަނަ މާއްދާ - ދައުވާ އުފުލަންޖެހޭ މުއްދަތު

މި ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ބަދަލު ނަގައިދިނުމަށް އެދި ފޮނުވާ މައްސަލައެއް ނުވަތަ މި ގާނޫނުގެ ދަށުން ދައުވާކުރުމަށް ފޮނުވާ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ނުވަތަ ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާ ތާރީހުން ފެށިގެން ގިނަވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި އެ މައްސަލައެއްގައި ދައުވާ އުފުލުމާމެދު ގޮތެއް ނިންމަންވާނެއެވެ. އަދި އެފަދަ މައްސަލަތަކުގައި ދައުވާ އުފުލާއިރު، އެއީ މި ގާނޫނުގެ ދަށުން ދައުވާކުރެވޭ މައްސަލައެއްކަން ކަމާބެހޭ ކޯޓަށް އަންގަންވާނެއެވެ.

 

49 ވަނަ މާއްދާ - މައްސަލަ ބަލައި ހުކުމް ކުރަންޖެހޭ މުއްދަތު

(ހ) އޮމްބަޑްސްޕަރސަންގެ އޮފީހުން ތަހްގީގުކޮށް ފޮނުވާ މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ބަންޑާރަނައިބު ނިންމައިފިނަމަ، ނުވަތަ މި ގާނޫނުގެ 42 ވަނަ މާއްދާގައިވާ ގޮތުގެމަތިން އޮމްބަޑްސްޕަރސަންގެ އޮފީހުން ބަލާފައިވާ މައްސަލައެއްގައި ބަދަލު ހޯދުމަށް އެދި އަނިޔާ ލިބިފައިވާ ފަރާތަކުން އެ މައްސަލަ ކޯޓަށް ހުށަހަޅައިފިނަމަ، އެ މައްސަލަތައް، ވީ އެންމެ އަވަހަކަށް، އަދި ލަސްވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކޯޓުން ބަލައި، ހުކުމް ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް 60 (ފަސްދޮޅަސް) ދުވަސް ގުނުމުގައި މައްސަލަ ބަލަމުންދާ ކޯޓު ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ބާރު ނުފޯރާ ކަމެއްގެ ސަބަބުން ލަސްވާ ލަސްވުމެއް ނުހިމެނޭނެއެވެ.

 

50 ވަނަ މާއްދާ- އިސްތިއުނާފުކުރުމުގެ ހައްގާއި އިސްތިއުނާފީ މުއްދަތު

(ހ) މި ގާނޫނުގެ ދަށުން ޖިނާއީ އަދި މަދަނީ ދައުވާ އުފުލާ މައްސަލަތައް، ކަމާބެހޭ ދަށު ކޯޓުން ނިންމާފައިވަނީ ށަރުއީ އަދި ގާނޫނީ އުސޫލަކާ ހިލާފަށްނަމަ،  އެ މައްސަލައެއް ނިންމާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ހައިކޯޓަށް ހުށަހެޅުމުގެ ހައްގު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހައިކޯޓުގައި އިސްތިއުނާފުކުރެވޭ މައްސަލަތަކުގައި، ވީ އެންމެ އަވަހަކަށް، އަދި ލަސްވެގެން އެ މައްސަލައެއް އިސްތިއުނާފުކުރުމަށް ހުށަހެޅުނު ތާރީހުން ފެށިގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި މައްސަލަ ބަލައި ގޮތެއް ކަނޑައަޅަންވާނެއެވެ.

(ނ) ހައިކޯޓުން ނިންމާ މައްސަލަ ނިންމާފައިވަނީ ށަރުއީ އަދި ގާނޫނީ އުސޫލަކާ ހިލާފަށްނަމަ އެ މައްސަލައެއް ނިންމާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހައްގު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވޭ މައްސަލަތަކުގައި، ވީ އެންމެ އަވަހަކަށް، އަދި ލަސްވެގެން އެ މައްސަލައެއް އިސްތިއުނާފުކުރުމަށް ހުށަހެޅުނު ތާރީހުން ފެށިގެން       45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި މައްސަލަ ބަލައި ގޮތެއް ކަނޑައަޅަންވާނެއެވެ.

 

ހަވަނަ ބާބު

އެހެނިހެން

 51 ވަނަ މާއްދާ - ގަވާއިދު ހެދުން

(ހ) އޮމްބަޑްސްޕަރސަންގެ އޮފީސް ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި އެނޫނަސް މި ގާނޫނުގެ ދަށުން އެ އޮފީހުން ހަދަންޖެހޭކަމަށް ބަޔާންކޮށްފައިވާ ގަވާއިދުތައް ހަދައި ހިންގާނީ، އެ އޮފީހުންނެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އެ ގަވާއިދެއް ހަދަންޖެހޭކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ އިދާރާއަކުން ހަދައި އާންމުކުރަންވާނެއެވެ.

 

52 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

53 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ނިޒާމީ ސިފައެއްގައި ރޭވިގެން އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ނިގުޅައިގަތުމުގެ އަމަލުތަކަށެވެ.

(ށ) "އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދެވަނަ ބާބުގެ ދަށުން ލިބިދޭ އަސާސީ ހައްގުތަކަށާއި އަސާސީ މިނިވަންކަމަށެވެ.

(ނ) "އޮމްބަޑްސްޕަރސަންގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އުފައްދާ ''އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް'' އަށެވެ.

(ރ) "އޮމްބަޑްސްޕަރސަން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އުފައްދާ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް އައްޔަންކުރާ އޮމްބަޑްސްޕަރސަނުންނަށެވެ.

(ބ) "އެހީތެރިކަން ފޯރުކޮށްދިނުން" ކަމަށް ބުނެފައި އެވަނީ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުރިމަތިވެފައިވާ ނަފްސާނީ، ޖިސްމާނީ، އިޖްތިމާއީ، އިގްތިސާދީ، ސިއްހީ އަދި އެނޫންވެސް ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ ފުރުސަތުތައް ހޯދައިދިނުމުގެ ޕްރޮގްރާމްތަކުގެ ފުރުސަތު ފަހިކޮށްދިނުމާއި، ސައިކޯސޯށަލް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

(ޅ) "ދައުލަތުގެ މުއައްސަސާއެއް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީސްތަކާއި، މިނިސްޓްރީތަކާއި، ޑިޕާޓްމަންޓްތަކާއި، ކޮމިށަންތަކާއި، ހިދުމަތްތަކާއި، އޭޖެންސީތަކާއި، ބޯޑުތަކާއި، ކައުންސިލުތަކާއި، މަޖިލިސްތައް ހިމެނޭގޮތުން، ދައުލަތުގެ ރަސްމީ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ އިދާރާއަކަށެވެ.

(ކ) "ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއް" ކަމަށް ބުނެފައި އެވަނީ، އެ އިދާރާއެއްގެ ފެންވަރުގައި ނިންމުންތައް ނިންމުމުގެ ބާރާއި އިހްތިޔާރު ލިބިގެންވާ، އަދި އެމީހެއްގެ ނިންމުމަށް ތަބާވުން އެ އިދާރާއެއްގެ މުވައްޒަފުންގެ މައްޗަށް ލާޒިމުވެގެންވާ ކޮންމެ މީހަކަށެވެ.

(އ) "ފިޔަވަޅު އެޅުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލައެއްގައި ނުވަތަ އެ އޮފީހުގެ އަމިއްލަ އިސްނެގުމަށް ބަލާ މައްސަލައެއްގައި، މި ގާނޫނުގައިވާ ގޮތުގެމަތިން، ބަދަލު ނަގައިދިނުމުގެ ގޮތުން ނުވަތަ ފަރުވާ ހޯދައިދިނުމުގެ ގޮތުން އެ މައްސަލައާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށެވެ.

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

 1. އިންތިގާލީ އިންސާފުގެ ގާނޫނު (ޤާނޫނު ނަންބަރު 2020-28) ގެ ދަށުން ބަދަލު ނަގައިދިނުމުގައި ކޯޓުތަކުން ޢަމަލުކުރާނެ އިޖުރާއަތުތަކާއި ބަދަލު ނަގައިދޭނެ އަދަދު ތަކުގެ މިންގަނޑުތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-158)
 2. އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މައްސަލަތައް ބެލުމުގައި އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-53)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު