ޖިނާއީ އިޖްރާއަތުގެ ގާނޫނު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2016-12)
(1ވަނަ، 2ވަނަ، 3ވަނަ، 4ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
އެއްވަނަ ބައި
އިބްތިދާއީ މާއްދާތައް
އެއްވަނަ ބާބު
ތައާރުފާއި މަގްސަދު
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގައި ޖިނާއީ ކުށްކުށް ތަހްގީގުކުރުމާއި، ޖިނާއީ ކުށްކުށުގެ ދައުވާ އުފުލުމާއި، އެފަދަ މައްސަލަތަކުގެ ށަރީއަތް ހިންގުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "ޖިނާއީ އިޖުރާއަތުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގާނޫނުގެ މަގްސަދުތައް، ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތެއްގެމަތިން ޖިނާއީ ކުށުގެ ތަހްގީގުތައް ކުރިއަށްގެންދިޔުމަށް މަގުފަހިކުރުމާއި، އެފަދަ ތަހްގީގުތައް، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށްގެންދިޔުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅުން؛
(ށ) ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތެއްގެމަތިން ޖިނާއީ ކުށުގެ ދައުވާ އުފުލުމަށް ބާރުއެޅުމާއި، އެފަދަ ދައުވާތައް، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށްގެންދިޔުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅުން؛
(ނ) ޖިނާއީ މައްސަލަތަކުގެ ށަރީއަތްތައް ވީހާވެސް އިންސާފުވެރިކޮށް، އަދި އެކަށީގެންވާ އަވަސް މިނެއްގައި ހިންގުމަށްޓަކައި ބޭނުންވާ އުސޫލުތައް ކަނޑައެޅުން..
3 ވަނަ މާއްދާ – ގާނޫނު އެމައްޗަށް އެކުލެވިގެންވާ ބައިތައް
މި ގާނޫނު އެކުލެވިގެންވަނީ، އަންނަނިވި ބައިތަކުގެ މައްޗަށެވެ.
(ހ) އިބަތިދާއީ ބައި: ފެށުމުގެ މާއްދާތަކާއި، ގާނޫނުގެ މަގްސަދުތަކާއި، ގާނޫނުގައި އެކުލެވޭ މަފްހޫމްތަކުގެ ރަދީފު؛
(ށ) ތަހްގީގް މަރުހަލާ: ޖިނާއީ ކުށްތަކާ ގުޅިގެން މައްސަލަ ހުށަހެޅުމާއި، މީހުން ހުއްޓުވައި ބަލައި ފާސްކުރުމާއި ހައްޔަރުކުރުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި، ޖިނާއީ ކުށްކުށް ތަހްގީގުކުރުމާ ގުޅޭގޮތުން ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭ ބާރުތަކާއި، އެފަދަ ކުށްކުށް އެ އިދާރާތަކުން އަމަލުކުރަންޖެހޭ އެނޫންވެސް އުސޫލުތައް؛
(ނ) ދައުވާކުރުމުގެ މަރުހަލާ: ދައުވާކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ދައުވާ ނުކޮށް ދޫކޮށްލެވޭނެ ހާލަތްތަކާއި، އުފުލިފައިވާ ދައުވާއެއް އަނބުރާ ގެންދެވޭނެ ހާލަތްތަކާއި، އެކަންކަން ކުރުމުގައި އަމަލުކުރަންވީ އުސޫލުތައް؛
(ރ) ށަރީއަތުގެ ކުރީގެ މަރުހަލާ: ށަރީއަތުގެ އިބްތިދާއީ އަޑުއެހުމާގުޅޭ އުސޫލުތަކާއި، ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމާބެހޭ އުސޫލުތައް؛
(ބ) ށަރީއަތުގެ މަރުހަލާ: ށަރީއަތަށް ހުށަހެޅޭ މައްސަލަތައް ހިންގުމުގެ އުސޫލުތަކާއި، ހެކި ހުށަހެޅުމާއި ހެކީން ހާޒިރުކުރުމާގުޅޭ އިޖުރާއަތުތަކާއި، ހުކުމްކުރުމާއި އަދަބު ކަނޑައެޅުމާގުޅޭ އުސޫލުތައް؛
(ޅ) ށަރީއަތުގެ ފަހުގެ މަރުހަލާ: ޒުކުމް ތަންފީޒުކުރުމާގުޅޭ އުސޫލުތަކާއި، އިސްތިއުނާފްކުރުމާގުޅޭ އުސޫލުތައް؛
(ކ) އާންމު ބައި؛ އާންމު ޖިނާއީ އިޖުރާއަތުތަކާއި، ގާނޫނަށް އަމަލުކުރަން ފެށުމާގުޅޭ އުސޫލުތަކާއި، ގާނޫނުގައި އެކުލެވޭ ލަފްޒުތަކާއި އިބާރާތްތަކުގެ މާނަކުރުން.
4 ވަނަ މާއްދާ – ޖިނާއީ ކުށުގެ ދައުވާ އުފުލުން
ޖިނާއީ ކޮންމެ މައްސަލައެއްވެސް ށަރީއަތަށް ހުށަހަޅާންވާނީ ދައުލަތުން ކުރާ ދައުވާއެއްގެ ގޮތުގައެވެ. ޖިނާއީ މައްސަލަތަކުގައި ދައުލަތުގެ ނަމުގައި ދައުވާކުރާނީ، ޕްރޮސިކިއުޓަރ ޖެނެރަލްއެވެ.
5 ވަނަ މާއްދާ – ޖިނާއީ ކުށް ތަހްގީގުކުރުން
(ހ) ދައުލަތުން ކުރާ ކޮންމެ ޖިނާއީ ދައުވާއެއްގައި އެކުލެވިގެންވާ ކުށުގެ މައްސަލަ، އެކަށީގެންވާ މިންވަރަކަށް ތަހްގީގުކުރެވިފައި އޮންނަންވާނެއެވެ.
(ށ) ޖިނާއީ މައްސަލަތައް ތަހްގީގުކުރުމުގެ ބާރު ލިބިގެންވަނީ، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށެވެ.
6 ވަނަ މާއްދާ – ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓުތައް
(ހ) ޖިނާއީ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސާސް ލިބިގެންވަނީ އަންނަނިވި ކޯޓުތަކަށެވެ.
- އަންނަނިވ ސުޕީރިއަރ ކޯތުތައް؛
(i) ކްރިމިނަލް ކޯޓު؛
(ii) ޖުވެނައިލް ކޯޓު؛
(iii) ޖިނާއީ މައްސަލަ ބެލުމުގެ އިހްތިސާސް ގާނޫނަކުން ދީ، ސުޕީރިއަރ ކޯޓުގެ ދަރަޖައިގައި އުފައްދާފައިވާ ހާއްސަ ކޯޓުތައް. - މެޖިސްޓްރޭޓް ކޯޓުތައް
- ފުރަތަމަ މަރުހަލާގައި ޖިނާއީ މައްސަލަ ބެލުމުގެ އިހްތިސާސް ގާނޫނަކުން ދީފައިވާ އެނޫންވެސް ކޯޓުތައް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޯޓުތަކަށް ޖިނާއީ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންވަނީ، ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގައި ނުވަތަ އެހެން ގާނޫނެއްގައި އެ ކޯޓުތަކަށް ކަނޑައެޅިފައިވާ އިހްތިސާސްގެ ދާއިރާގެ ތެރޭގައެވެ. އަދި އެއިން އެއްވެސް ކޯޓަކަށް ލިބިދީފައިވާ އިހްތިސާސްގެ ދާއިރާ ގާނޫނަކުން ހަނިކޮށްފައިވާނަމަ، އެ ކޯޓަކަށް އެ އިހްތިސާސް ލިބިގެންވާނީ، އެ ގާނޫނަކުން އެ އިހްތިސާސް ހަނިކޮށްފައިވާ މިންވަރަކަށް ކަމުގައި މި ގާނޫނުގެ ބޭނުމަށްޓަކައި ބެލޭނެއެވެ.
(ނ) މެޖިސްޓްރޭޓް ކޯޓަކުން ބެލުމުގެ އިހްތިސާސް ލިބިގެންނުވާ މައްސަލަތަކުގެ ދައުވާ ހުށަހަޅާނީ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން އެ މައްސަލައެއް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކަށެވެ.
(ރ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ޖިނާއީ ކުށުގެ އަމަލު ހިނގި ރަށެއްގައިވާ، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި، ނުވަތަ ދައުވާ ލިބޭ މީހާ ދިރިއުޅޭ ރަށެއްގައިވާ، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި، އެ ކުށުގެ ދައުވާ އުފުލުމުގެ ހައްގު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
(ބ) ޖިނާއީ މައްސަލަތައް އިސްތިއުނާފު މަރުހަލާގައި ބެލުމުގެ އިހްތިސާސް ލިބިގެންވަނީ، ހައި ކޯޓަށާއި ސުޕްރީމް ކޯޓަށެވެ.
ދެވަނަ ބާބު
މަފްހޫމްތަކުގެ ރަދީފު
7 ވަނަ މާއްދާ - މަފްހޫމްތަކުގެ އަސާސް
މި ގާނޫނުގައި ބަޔާންކޮށްފައިވާ މަފްހޫމުތައް މި ބާބުގައި ބަޔާންކޮށްފައި އެވަނީ، މި ގާނޫނުގެ އަސްލު އެގޮތުގައި ދެމެހެއްޓުމަށާއި، މި ގާނޫނުގެ މަގްސަދު އެންމެ ފުޅާމިނުގައި ހާސިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ގާނޫނުގެ ހަމަ ކޮންމެ މާއްދާއެއްވެސް ކިޔަންވާނީ، އެ މަފްހޫމުތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.
8 ވަނަ މާއްދާ - ހުކުމްކުރުން (އިސްލާހު ކުރެވިފައި)
"ހުކުމްކުރުން" "ހުކުމްކުރުން" ކަމަށް ބުނެފައި އެވަނީ، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން ޖިނާއީ ދައުވާއެއްގެ ށަރީއަތް ހިންގުމަށްފަހު، ނުވަތަ އެފަދަ މައްސަލައެއް އަވަސް ނިޔާއިން ބެލުމަށްފަހު، އެ ދައުވާގައި ބަޔާންކުރާ ކުށް، ދައުވާ ލިބޭ ފަރާތުގެ މައްޗަށް ސާބިތުވާ ކަމަށް ނުވަތަ ސާބިތުނުވާ ކަމަށް ކަނޑައަޅައި، ނުވަތަ ދައުވާ ލިބޭ ފަރާތް އެ މައްސަލައިގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަންނުޖެހޭ ކަމަށް ކަނޑައަޅައި، މި ގާނޫނުގެ 154 ވަނަ މާއްދާގެ ދަށުން ކުރާ ހުކުމަށެވެ.
9 ވަނަ މާއްދާ - ކުށުގެ ތުހުމަތުގައިވާ މީހާ (އިސްލާހު ކުރެވިފައި)
"ކުށުގެ ތުހުމަތުގައިވާ މީހާ" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތުކުރެވިގެން އެމީހަކާ ދެކޮޅަށް މި ގާނޫނުގެ ދަށުން އެ ވަގުތަކު ތަހްގީގު ހިންގެމުންދާ، ނުވަތަ ހިންގުމަށްފަހު އެ ވަގުތަކާ ހަމައަށް އެ ކުށުގެ ދައުވާ އުފުލިފައިނުވާ މީހާއަށެވެ. މީގެ ތެރޭގައި، އެމީހެއްގެ މައްޗަށް ތަހްގީގު އިތުރަށް ކުރިއަށް ނުގެންދިއުމަށް ނުވަތަ ދައުވާ ނުއުފުލުމަށް ނިންމޭ މީހާއަކީ ކުށުގެ ތުހުމަތުގައިވާ މީހެއްކަމަށް ބަލައިގެންނުވާނެއެވެ.
10 ވަނަ މާއްދާ - ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓް
"ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓު" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ދައުވާއެއް ލިބިގެންވާ ކޯޓު ބެލުމުގެ އިހްތިސާސް ލިބިގެންވާ ކަމަށް މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ކޮންމެ ކޯޓަކަށެވެ.
11 ވަނަ މާއްދާ - އިބްތިދާއީ އަޑުއެހުން
"އިބްތިދާއީ އަޑުއެހުން" ކަމަށް ބުނެފައި އެވަނީ، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާގެ މައްޗަށް ކުރެވިފައިވާ ދައުވާ އޭނާއަށް ސާފުވެފައިވޭތޯ ބެލުމަށާއި، ދައުވާއަށް އޭނާ ޖަވާބުދާރީވާ ގޮތެއް ބެލުމަށާއި، ދައުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބަލައި، މައްސަލައިގެ ކުރިއަށްހުރި އަޑުއެހުންތައް ރާވައި ތާވަލުކުރުމަށްޓަކައި، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގައި ބާއްވާ އިބްތިދާއީ އަޑުއެހުމަށެވެ.
12 ވަނަ މާއްދާ - އަވަސްނިޔާއިން މައްސަލަ ބެލުން
"އަވަސްނިޔާއިން މައްސަލަ ބެލުން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މައްސަލައެއްގެ ބެލުން އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ މީހާ ކުށަށް އިއުތިރާފުވާ ހާލަތުގައި، އޭނާގެ މައްޗަށް ހުކުމްކުރުމަށްޓަކައި މި ގާނޫނުގެ 162 ވަނަ މާއްދާގެ ދަށުން ށަރީއަތް ހިންގުމަށެވެ.
13 ވަނަ މާއްދާ - އިސްތިއުނާފުކުރުން
"އިސްތިއުނާފުކުރުން" ކަމަށް ބުނެފައި އެވަނީ، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން ޖިނާއީ ދައުވާއެއްގެ ށަރީއަތް ހިންގުމަށްފަހު، އެ ދައުވާގައި ބަޔާންކުރާ ކުށް، ދައުވާ ލިބޭ މީހާގެ މައްޗަށް ސާބިތުވާކަމަށް ނުވަތަ ސާބިތުނުވާކަމަށް ކަނޑައަޅައި، ކުރާ ހުކުމް، މައްސަލައިގައި ހިމެނޭ ފަރާތަކުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށެވެ. ނުވަތަ ދަށު ކޯޓުގެ ހުކުމް އިސްތިއުނާފުކުރުމުން ހައިކޯޓުން އެ މައްސަލަ ބަލައި ކަނޑައަޅާ ހުކުމް، އެއިން ފަރާތަކުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށެވެ.
14 ވަނަ މާއްދާ - މައްސަލަ ބާތިލުކުރުން (އިސްލާހު ކުރެވިފައި)
"މައްސަލަ ބާތިލުކުރުން" ކަމަށް ބުނެފައި އެވަނީ، ދައުވާ ލިބޭ މީހާގެ މައްޗަށް ކުރެވިފައިވާ ދައުވާ އޭނާއަށް ސާފުވެފައިވޭތޯ ބެލުމަށާއި، ދައުވާއަށް އޭނާ ޖަވާބުދާރީވާ ގޮތެއް ބެލުމަށާއި، ދައުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބެލުމަށް ބާއްވާ އިބްތިދާއީ އަޑުއެހުމަށްފަހު، އެ ދައުވާއައިގެން ކުރިއަށްދާނެ ތަނެއް ނެތް ކަމަށް ފެންނަ ހާލަތުގައި އެ ދައުވާ ކުރިއަށްގެންދެވެން ނެތް ކަމަށް ކަނޑައަޅައި މައްސަލަ ބާތިލުކުރާ ކުރުމަށެވެ.
15 ވަނަ މާއްދާ - ދައުލަތް
"ދައުލަތް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މައްސަލައެއްގެ ދައުވާ އުފުލާ ހާލަތުގައި އެ ދައުވާއާ ގުޅޭގޮތުންނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްއަށެވެ. އެނޫން ހާލަތެއްގައި، ދައުލަތުގެ ކަމާބެހޭ އިދާރާއަކަށް ނުވަތަ ފަރާތަކަށެވެ.
16 ވަނަ މާއްދާ - ދައުވާކުރުން (އިސްލާހު ކުރެވިފައި)
"ދައުވާކުރުން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތުކުރެވޭ މީހަކު އެ ކުށް ކުރި ކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ހެކި ލިބިފައިވާ ހާލަތުގައި، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މައްޗަށް އެ ކުށުގެ ޖިނާއީ ދައުވާ އުފުލުމަށެވެ.
17 ވަނަ މާއްދާ - ދައުވާ ލިބޭ މީހާ
"ދައުވާ ލިބޭ މީހާ" ކަމަށް ބުނެފައި އެވަނީ، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި ޖިނާއީ ކުށެއްގެ ދައުވާ އެ މީހަކާމެދު އުފުލިފައިވާ ކޮންމެ މީހަކަށެވެ.
18 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރާ އިދާރާ (އިސްލާހު ކުރެވިފައި)
"ގާނޫނު ތަންފީޒުކުރާ އިދާރާ" ކަމަށް ބުނެފައި އެވަނީ، ފުލުހުން ހިމެނޭގޮތުން، ޖިނާއީ ކުށް ތަހްގީގުކޮށް، ފިޔަވަޅުއެޅުމުގެ ބާރު، ގާނޫނުއަސާސީންނާއި ގާނޫނުން ލިބިދީފައިވާ ކޮންމެ ތަހްގީގީ އިދާރާއަކަށެވެ.
19 ވަނަ މާއްދާ - ށަރީއަތުގެ މަޖިލިސް (އިސްލާހު1 / އިސްލާހު2 ކުރެވިފައި)
"ށަރީއަތުގެ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި ފަނޑިޔާރެއްގެ ކުރިމަތީގައި ބޭއްވޭ ކޮންމެ އަޑުއެހުމަކަށެވެ. އޭގެ ތެރޭގައި، ކުށުގެ ތުހުމަތުގައިވާ މީހާ ހައްޔަރުކުރުމަށްފަހު ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކޮށް، ބޭއްވޭ އަޑުއެހުމާއި، އިބްތިދާއީ އަޑުއެހުމާއި، ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ އަޑުއެހުންތަކާއި، މައްސަލައިގެ ށަރީއަތުގެ އަޑުއެހުންތަކާއި، ހުކުމްކުރުމަށާއި އަދަބު ކަނޑައެޅުމަށް ބާއްވާ އަޑުއެހުންތައް ހިމެނޭގޮތުންނެވެ. އަދި، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އެއް މާލަމަށްވުރެ ގިނަ މާލަން ގުޅުވާލައިގެން ބޭއްވޭ ކޮންމެ އަޑުއެހުމަކީވެސް، ފަނޑިޔާރެއްގެ ކުރިމަތީގައި ބޭއްވޭ ށަރީއަތުގެ މަޖިލީހެކެވެ.
20 ވަނަ މާއްދާ – ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން
"ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މައްސަލައެއްގެ އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ މީހާ ދައުވާއަށް އިންކާރުކުރާ ހާލަތުގައި، އެ ދައުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބެލުމަށްފަހު، ދައުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްނަމަ، މައްސަލައިގެ ށަރީއަތް ހިންގުމަށް ފަނޑިޔާރު ނިންމައި، ށަރީއަތުގައި މައުޒޫއީގޮތުން ބެލުމަކާ ނުލައި އެއާމެދު ގޮތެއް ނިންމޭނެ ދިފާއެއް، ނުވަތަ އިއުތިރާޒެއް، ނުވަތަ އެނޫންވެސް ހުށަހެޅުމެއް ށަރީއަތުގެ ކުރިން ހުށަހެޅުމަށްޓަކައި މައްސަލައިގައި ހިމެނޭ ދެ ފަރާތަށް ދެވޭ ފުރުސަތުގައި ހުށަހެޅޭ ހުށަހެޅުންތަކަށެވެ.
21 ވަނަ މާއްދާ - ށަރީއަތް ހިންގުން
"ށަރީއަތް ހިންގުން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މައްސަލައެއްގެ އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ މީހާ ދައުވާއަށް އިންކާރުކުރާ ހާލަތުގައި، އެ ދައުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބެލުމަށްފަހު، ދައުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްނަމަ، މައްސަލައިގެ ށަރީއަތް ހިންގުމަށް ފަނޑިޔާރު ނިންމައި، ހިންގާ ށަރީއަތަށެވެ.
22 ވަނަ މާއްދާ - ޖިނާއީ ބޮޑެތި ކުށް (އިސްލާހު ކުރެވިފައި)
"ޖިނާއީ ބޮޑު ކުށެއް" ކަމުގައި ބުނެފައި އެވަނީ، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށަކަށެވެ.
(ހ) މީހަކު މެރުމުގެ ކުށް؛
(ށ) ރޭޕްކުރުމުގެ ކުށް؛
(ނ) ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްތައް؛
(ރ) ޓެރަރިޒަމްގެ ކުށްތަކާއި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށްތައް؛
(ބ) މަނީ ލޯންޑްރިންގ ކުށްތައް؛
(ޅ) މީހުން ޓްރެފިކްކުރުމުގެ ކުށްތައް؛
(ކ) މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށްތައް؛
(އ) އަންނަނިވި ކުށްކުށުގެ ތެރެއިން100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ ފައިސާގެ އަދަދު ހިމެނޭ ކުށްތައް؛
- ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 210 ވަނަ ބާބުގައި ބަޔާންކުރާ ކުށްތައް؛
- ގާނޫނު ނަންބަރު 2/2000 (ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ރިށްވަތުގެ ކުށްކުށާއި، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ކަނޑައަޅާފައިވާ ކޮރަޕްށަންގެ ކުށްތައް.
(ވ) ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގައި ކަނޑައަޅާފައިވާ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކުގެ ތެރެއިން، 500,000 (ފަސްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ ފައިސާގެ އަދަދު ހިމެނޭ ކުށްތައް؛
(މ) މީހެއްގެ ގުނަވަނެއް ނެތިދާފަދަ ގޮތަކަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށްތައް؛
(ފ) ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 610 ވަނަ މާއްދާއާއި 611 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކުށްތައް؛
(ދ) ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި 1 ވަނަ ދަރަޖައިގެ އަދި 2 ވަނަ ދަރަޖައިގެ ޖިނާޔަތެއް ކަމުގައި ކަނޑައަޅާފައިވާ ކުށްތައް ނުވަތަ އެހެން ގާނޫނެއްގައި 10 (ދިހައެއް) އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅިފައިވާ ކޮންމެ ކުށެއް.
ދެވަނަ ބައި
ތަހްގީގު މަރުހަލާ
ތިންވަނަ ބާބު
މައްސަލަ ހުށަހެޅުން
23 ވަނަ މާއްދާ - މައްސަލަ ހުށަހަޅަންޖެހޭ އިދާރާ
(ހ) މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރާކަމުގެ ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ އިދާރާ މައުލޫމާތު ލިބޭ ކޮންމެ ފަރާތަކަށްވެސް، އެ ކުށާގުޅޭ މައްސަލަތައް ތަހްގީގުކުރުމުގެ ބާރު ލިބިފައިވާ އިދާރާއަކަށް އެ މައްސަލަ ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ތަހްގީގުކުރާ އިދާރާއަކަށް މައްސަލަ ހުށަހެޅުމުން، އެ އިދާރާއިން އެ މައްސަލަ ބަލައިނުގެންފިނަމަ ނުވަތަ މައްސަލައިގެ ތަހްގީގު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންގޮސްފައިނުވާކަމަށް މައްސަލަ ހުށަހެޅި ފަރާތަށް ގަބޫލުކުރެވޭނަމަ، އެކަމުގެ ށަކުވާ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެފަދަ ށަކުވާއެއް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިއްޖެނަމަ ނުވަތަ އެނޫންވެސް ގޮތަކުން މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރާ ކަމުގެ ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިއްޖެނަމަ، އެކަން ތަހްގީގުކުރުމަށް ތަހްގީގުކުރާ އިދާރާއަށް އަމުރު ކުރުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށްލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރަމުންދާކަމުގެ ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު އެއްވެސް ފަރާތަކުން ހުށަނޭޅިނަމަވެސް، ޖިނާއީ ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަންއުޅޭ ކަމަށް އެފަދަ މައްސަލަތައް ތަހްގީގުކުރުމުގެ ބާރު ލިބިދީފައިވާ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ތުހުމަތުކުރެވުމުން ނުވަތަ އެނގުމުން، އެ އިދާރާގެ އިސްނެގުމުގެ މަތިން، އެ މައްސަލައެއް ބެލުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. (އިސްލާހު ކުރެވިފައި)
24 ވަނަ މާއްދާ - މައްސަލަ ހުށަހަޅަންވާ ގޮތް
(ހ) މި ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތަހްގީގުކުރާ އިދާރާއަކަށް މައްސަލަ ހުށަހަޅާއިރު، އެ މައްސަލައެއް ހުށަހަޅާ ފަރާތަށް އެނގުނު މިންވަރަކުން، އަންނަނިވި މައުލޫމާތު އެ އިދާރާއަކަށް ދޭންވާނެއެވެ.
- މައްސަލަ ހުށަހަޅާ ފަރާތުގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
- މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ މައުލޫމާތު؛
- ކުށެއް ކުރިކަން ނުވަތަ ކުށެއް ކުރަމުންދާކަން ނުވަތަ ނުވަތަ ކުށެއް ކުރަން އުޅޭކަމަށް ގަބޫލުކުރާ ސަބަބުތައް؛
- ކުށް ކުރި ކަމަށް ނުވަތަ ކުރަން އުޅޭކަމަށް ބެލެވޭ ތާރީހް؛
- މައްސަލަ ހިނގި ނުވަތަ ހިނގާ ތަން ނުވަތަ ހިނގާނެ ކަމަށް ބެލެވޭ ތަން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރާކަން ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު ތަހްގީގުކުރާ އިދާރާއަށް ދޭ ފަރާތަކީ ކޮން ފަރާތެއްކަން އޭނާ ހާމަކުރަން ބޭނުންނުވާނަމަ، އެ މައުލޫމާތު ދިނުން ލާޒިމެއް ނޫނެވެ. އަދި އެ ފަރާތެއްގެ މައުލޫމާތު ތަހްގީގުކުރާ އިދާރާއަށް ދިންނަމަވެސް، އެ މައުލޫމާތު ސިއްރުކުރަން އޭނާ އެދެފިނަމަ އެ އިދާރާއިން އެކަން ސިއްރުކުރަންވާނެއެވެ.
(ނ) ޖިނާއީ މައްސަލަތައް ތަހްގީގުކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ކޮންމެ ފަރާތަކުންވެސް އެ ފަރާތަށް މައްސަލަ ހުށަހެޅޭނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެއް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދަންވާނެއެވެ.
25 ވަނަ މާއްދާ – މައްސަލަ ރަޖިސްޓަރީކުރިކަމުގެ ލިޔުން ދޫކުރުން
މި ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަހްގީގުކުރާ އިދާރާއަކަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައާ ގުޅޭގޮތުން މައްސަލަ ހުށަހަޅާ ފަރާތުން ދޭ މައުލޫމާތު ރެކޯޑުކުރުމަށްފަހު، އެ މައްސަލަ އެތަނުގައި ރަޖިސްޓަރީކުރިކަމުގެ ލިޔުމެއް މައްސަލަ ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.
26 ވަނަ މާއްދާ – މައްސަލަ ނިމުނުގޮތް އެނގުން
(ހ) މި ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަހްގީގުކުރާ އިދާރާއަކަށް ހުށަހެޅޭ މައްސަލަތައް ރަޖިސްޓަރީކުރުމަށްފަހު، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އެ މައްސަލައާމެދު އަމަލުކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
- ކުށް ކުރި ކަމަށް ބުނާ މީހާ އެކަން ކުރި ކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބު ހުރި ކަމަށްވާނަމަ، އެ މައްސަލަ ތަހްގީގުކުރުން؛ ނުވަތަ
- ކުށެއް ކުރާ ކަމަށް ނުވަތަ ކޮށްފާނެ ކަމަށް ބެލެވޭ މީހާ އެކަން ކުރި ކަމަށް ނުވަތަ ކޮށްފާނެ ކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބު ހުރި ކަމަށްވާނަމަ، އެ މައްސަލަ ތަހްގީގުކުރުން؛ ނުވަތަ
- ކުށް ކުރި ކަމަށް ބުނާ މީހާ އެކަން ކުރި ކަމަށް ބެލުމަށް އެކަށީގެންވާ ސަބަބު ނެތްނަމަ، އިތުރަށް އެ މައްސަލައިގެ ތަހްގީގު ކުރިއަށް ނުގެންދިއުން؛ ނުވަތަ
- ކުށެއް ކުރާ ކަމަށް ނުވަތަ ކޮށްފާނެ ކަމަށް ބެލެވޭ މީހާ އެކަން ކުރާ ކަމަށް ނުވަތަ ކޮށްފާނެ ކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބު ނެތްނަމަ، އިތުރަށް އެ މައްސަލައިގެ ތަހްގީގު ކުރިއަށް ނުގެންދިއުން.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މައްސަލައަކާމެދު ގޮތެއް ނިންމުމަށްފަހު، އެ މައްސަލައެއް ހުށަހެޅި ފަރާތަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
ހަތަރުވަނަ ބާބު
ތަންތަނާއި މުދާ ބަލައި ފާސްކުރުމާއި މުދާ ހިފެހެއްޓުން
27 ވަނަ މާއްދާ - ތަންތަނާއި މުދާ ބަލައި ފާސްކުރުމުގެ ބާރު
(ހ) މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތަންތަނާއި މުދާ ބަލައި ފާސްކުރުމުގެ ފާސްކުރުމުގެ ބާރު އިހްތިޔާރު، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ތަންތަނާއި މުދާ ބަލައި ފާސްކުރުމުގެއިހްތިޔާރު ލިބިގެންވަނީ، ގާނޫނަކުން ކަނޑައެޅިގެން އެ ބާރު ލިބިދޭ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށެވެ.
28 ވަނަ މާއްދާ -އާންމު ތަންތަނަށް ވަނުން (އިސްލާހު ކުރެވިފައި)
އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާހާހިނދަކު، ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ތަހްގީގުކުރަމުންދާ ޖިނާއީ ކުށަކާ ގުޅިގެން އާންމު ތަނަކަށް ވަންނަންޖެހިއްޖެނަމަ، ކޯޓު އަމުރަކާ ނުލައި، އެތަނަކަށް ވަނުމުގެ ބާރު، ގާނޫނު ތަންފީޒުކުރާ ކޮންމެ އިދާރާއަކަށް ލިބިގެންވެއެވެ.
29 ވަނަ މާއްދާ – އާންމު ތަންތަން ބަލައި ފާސްކުރުން
(ހ) ކޯޓު އަމުރަކާ ނުލައި، މި މާއްދާގައިވާ ގޮތުގެމަތިން އާންމު ތަންތަން ބަލައި ފާސްކުރުމުގެ ބާރު، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) އިން ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭ ބާރުގެ ތެރޭގައި، އަންނަނިވި ކަންކަން ކުރުމުގެ ބާރުވެސް، އެ އިދާރާތަކަށް ލިބިގެންވެއެވެ.
- އެތަނެއް ބަލައި ފާސްކުރުމަށްޓަކައި، އެތަނުގައި ތިބެންޖެހޭނެކަމަށް އެ އިދާރާއަކުން ކަނޑައަޅާ ވަގުތެއް ވަންދެން އެތަނެއްގައި ތިބުން؛
- ކުށެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ގަބޫލުކުރެވޭ އެއްޗެއް ފެނޭތޯ އެތަނެއް ހޯދުން؛
- ކުށެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ގަބޫލުކުރެވޭ އެއްޗެއް ފެނިއްޖެނަމަ، އެ އެއްޗެއް އެ އިދާރާއެއްގެ ބެލުމުގެ ދަށަށް ގެންދިއުން؛
- އާންމު ތަނެއްގައި ހުރި މީހެއް ކުށެއް ކުރަނިކޮށް ފެނިއްޖެ ހިނދެއްގައި، ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް، ނުވަތަ އެ ވަގުތަކު އެ އުޅެނީ ކުށެއް ކުރަން ކަމަށް ބުއްދިއަށް ގަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެއްޖެ ހިނދެއްގައި، ނުވަތަ ކޯޓު އަމުރަކުން ހުއްދަ ލިބިގެން، އެ މީހާ އަތުގައި ކުށެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ގަބޫލުކުރެވޭ އެއްޗެއް އޮތްކަމުގައި އެ އިދާރާއަށް ގަބޫލުކުރެވޭނަމަ، އެ މީހެއްގެ އަތުން އެ އެއްޗެއް އެ އިދާރާއެއްގެ އޮފިސަރުން އަތުލައި، އެ އިދާރާއެއްގެ ބެލުމުގެ ދަށަށް އެ އެއްޗެއް ގެންދިއުން؛
- އެތަނާއި އެތަނުގައިވާ އެއްޗެހީގެ ފޮޓޯ އަދި/ނުވަތަ ވީޑިއޯ ނެގުން؛ (އިސްލާހު ކުރެވިފައި)
- އެތަނެއްގައި ހުރި އިމާރާތެއް ބަލައި ފާސްކުރުން؛
- އެތަނެއް ކޮނެގެން ބެލުން؛
- އެތަނެއްގައި ބަންދުކޮށްފައި ހުރި އެއްޗެއް ހުރިނަމަ، އެ އެއްޗެއް ހުޅުވައިގެން ބެލުން؛
- އެތަނެއްގައި ތަޅުލާފައިހުރި އެއްޗެއް ހުރިނަމަ، އެ ތަޅު ހުޅުވައިގެން ނުވަތަ ހަލާކުކޮށްލައިގެން އެ އެއްޗެއް ބެލުން.
(ނ) މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ދަށުން ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭ ބާރު ބޭނުންކުރުމުގައި މީހަކު ބަލައި ފާސްކުރަންޖެހިއްޖެނަމަ، އެކަން ކުރެވޭނީ، މި ގާނޫނުގެ 38 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތްތަކުގައި، އެ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ފުލުހުންނަށާއި، މީހަކު ބަލައި ފާސްކުރުމުގެ ބާރު ގާނޫނަކުން ކަނޑައެޅިގެން ދީފައިވާ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށެވެ. (އިސްލާހު ކުރެވިފައި)
(ރ) މި މާއްދާގެ (ހ) ގެ ދަށުން އާންމު ތަނެއް ބަލައި ފާސްކުރުމުގައި އެތަނެއްގައި ހުރި އިމާރާތެއް ބަލައި ފާސްކުރުމުގެ ބާރު މި މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރުން ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދެނީ، އެ އިމާރާތަކީ އަމިއްލަ ތަނެއްގެ މާނައިގައި ހިމެނޭ އިމާރާތެއް ކަމުގައިނުވާ ހާލަތުގައި އެކަންޏެވެ. އަމިއްލަ ތަނެއްގެ މާނައިގެ ތެރޭގައި ހިމެނޭ އިމާރާތެއް ބަލައި ފާސްކުރެވޭނީ، މި ގާނޫނުގެ 31 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
30 ވަނަ މާއްދާ - އަމިއްލަ ތަންތަނަށް ވަނުން
(ހ) އެހެން ގާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ތަހްގީގުކުރަމުންދާ ޖިނާއީ ކުށަކާ ގުޅިގެން އަމިއްލަ ތަނަކަށް ވަންނަންޖެހިއްޖެނަމަ، މި މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންވެގެންވާ ހާލަތްތަކުގައި ފިޔަވައި، އެތަނަކަށް، އެތަނެއްގެ ވެރިފަރާތުގެ ރުހުމަކާ ނުލައި ވަދެވޭނީ، ކޯޓު އަމުރަކާ އެކުގައެވެ. (އިސްލާހު ކުރެވިފައި)
(ށ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި ކަންކަން ކުރުމަށްޓަކައި، ކޯޓު އަމުރަކާ ނުލައި، އަމިއްލަ ތަނަކަށް ވަނުމާއި އެކަންކަން ކުރަން އެކަށޭނަ މިންވަރެއްގެ ވަގުތަކަށް އެތަނެއްގައި މަޑުކުރުމުގެ، ނުވަތަ ތިބުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
- ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ލިބިދޭ ހާލަތުގައި ހުރި މީހަކު ހައްޔަރުކުރުމަށް؛
- ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ ބާރު ލިބިގެންވާ މީހަކު ހައްޔަރުކުރުމަށް؛
- ކުށެއް ކުރިކަމަށް ބެލެވޭ މީހަކު ހައްޔަރުކުރުމަށްޓަކައި އޭނާ ފަހާ ދަނިކޮށް އޭނާ އަމިއްލަ ތަނަކަށް ވަދެއްޖެ ހާލަތެއްގައި، އޭނާ ހޯދުމަށް އެތަނަކަށް ވަނުމަށް.
(ނ) އަމިއްލަ ތަނަކީ، މީހުން ދިރިނޫޅޭ، ފަޅުކޮށް ދޫކޮށްލާފައިވާ ތަނެއް ކަމުގައިވެފައި، އެތަނުގައި ކުށެއް ކުރަމުންދާ ކަމަށް ނުވަތަ ކުށެއް ކޮށްފައިވާކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އެ ކުށް ކުރުން ހުއްޓުވުމަށްޓަކައި ނުވަތަ އިތުރު ކުށެއް ކުރިޔަނުދިނުމަށްޓަކައި ނުވަތަ ކުށް ކުރަމުންދާ ނުވަތަ ކުރި ފަރާތްތައް ހައްޔަރުކުރުމަށްޓަކައި، ކޯޓު އަމުރަކާ ނުލައި، އެތަނަކަށް ވަނުމާއި، އެކަންކަން ކުރަން އެކަށޭނަ މިންވަރެއްގެ ވަގުތަކަށް އެތަނެއްގައި މަޑުކުރުމުގެ، ނުވަތަ ތިބުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
(ރ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތުގައި އަމިއްލަ ތަނަކަށް ފުލުހުންނަށް ވަދެވޭނީ، ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ ހާލަތުގައި ހުރި މީހަކު އެތަނެއްގައި ވާކަމަށް އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް، ފުލުހުންނަށް ގަބޫލުކުރެވުމާއެކު، އެ ހެކީގެ މައްޗަށް ބިނާކޮށް ސަބް އިންސްޕެކްޓަރ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ ފުލުހެއްގެ ހުއްދަ ލިބިގެންނެވެ.
(ބ) މި މާއްދާގެ (ށ)، (ނ) އަދި (ރ) އެހެން އޮތްނަމަވެސް، މީހެއްގެ ފުރާނައަށް ނުވަތަ މީހެއްގެ މުދަލަކަށް ލިބިދާނެ ގެއްލުމަކުން އެ މީހަކު ނުވަތަ އެ މުދަލެއް ސަލާމަތްކުރުމަށްޓަކައި އަމިއްލަ ތަނަކަށް ވަނުމަށް އެއްވެސް ފަރާތަކަށް ލިބިދޭ ހައްގަކަށް، ނުވަތަ ގާނޫނީގޮތުން ހަވާލުކުރުމުގެ ބާރު ލިބިގެންވާ ލިޔުމެއް ނުވަތަ އަމުރެއް ހަވާލުކުރުމަށް ނުވަތަ ރައްދުކުރުމަށް އަމިއްލަ ތަނަކަށް ވަނުމަށް ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ލިބިދޭ ބާރަކަށް އެއްވެސް ހަނިކަމެއް ނާންނާނެއެވެ.
(ޅ) ކޯޓު އަމުރަކާ ނުލައި އަމިއްލަ ތަނަކަށް ވަނުމަށް މި މާއްދާގެ ދަށުން ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ލިބިދޭ ބާރެއްގެ ބޭނުން ހިފުމުގައި، އެތަނަކަށް އެ އިދާރާއެއްގެ އޮފިސަރަކު ވަނީ ކޮން މަގްސަދެއްގައި ކަމާމެދު އެތަނުގެ ވެރިފަރާތުން ނުވަތަ އެ ފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަކުން ސުވާލުކޮށްފިނަމަ، އޭނާ އެތަނަށް ވަނީ، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ކޮން ހާލަތެއްގައިކަން ސާފުކޮށްދޭންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ކ) ކޯޓު އަމުރަކާ ނުލައި އަމިއްލަ ތަނަކަށް ވަނުމުން އުފެދޭ މައްސަލައެއްގައި، އެތަނަށް ވަތް ވަނުން ބިނާކުރި އެކަށީގެންވާ ސަބަބަކީ ކޮބައިކަން ސާބިތުކޮށްދިނުމަކީ، ގާނޫނު ތަންފީޒުކުރާ އިދާރާގެ ޒިންމާއެކެވެ.
(އ) ކޯޓު އަމުރަކާ ނުލައި އަމިއްލަ ތަނަކަށް ވަތްނަމަވެސް، އަމިއްލަ ތަނެއް ބަލައި ފާސްކުރެވޭނީ، މި ގާނޫނުގެ 31 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
(ވ) ފުލުހުންގެ މައި މަރުކަޒު ނުވަތަ ސަރަހައްދީ މަރުކަޒެއް ގާއިމުކުރެވިފައިވާ ރަށެއް ފިޔަވައި އެހެން ރަށެއްގައި ސަބް އިންސްޕެކްޓަރ ރޭންކުން ފެށިގެން މަތީ އޮފިސަރަކު ނެތްނަމަ، މި މާއްދާގެ (ރ) ގައި ބަޔާންކުރާ ހުއްދަ ދޭނީ، އެ ރަށެއްގައި ހުންނަ ޕޮލިސް ސްޓޭށަނެއްގެ ސްޓޭށަން އިންޗާޖެވެ. (އިތުރު ކުރެވިފައި)
31 ވަނަ މާއްދާ – އަމިއްލަ ތަންތަން ބަލައި ފާސްކުރުން
(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ކުށަކާގުޅޭ ހެކި އަމިއްލަ ތަނެއްގައި ހުރިކަމަށް ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ބެލެވޭނަމަ، އަދި އެއީ އެ ކުށް ސާބިތުކުރުމަށްޓަކައި ހެކީގެ ގޮތުގައި ށަރީއަތަށް ހުށަހެޅުމަށް ބޭނުންތެރިވެދާނެ އެއްޗެއް ކަމަށްވާނަމަ، އެ އެއްޗެއް ހޯދުމަށް އެތަނަކަށް، އެތަނުގެ ވެރިފަރާތުގެ ނުވަތަ އެތަނެއްގައި ދިރިއުޅޭ ފަރާތެއް ނުވަތަ އެވަގުތަކު އެތަނަކާ ހަވާލުވެގެން ހުރި ފަރާތުގެ ރުހުމާ ނުލައި ގާނޫނު ތަންފީޒުކުރާ އިދާރާއަށް ވަދެވޭނީ، ކޯޓު އަމުރެއްގެ ދަށުންނެވެ.
(ށ) އަމިއްލަ ތަންތަން ބަލައި ފާސްކުރުމުގެ އަމުރަކަށް އެދި ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ކޯޓަށް ހުށަހަޅާއިރު އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ބަލައި ފާސްކުރުމަށް ވަންނަން ބޭނުންވާ ތަނުގެ މައުލޫމާތު؛
- ބަލައި ފާސްކުރުމަށް ވަންނަން ބޭނުންވާ ތަނުގެ ވެރިފަރާތާބެހޭ މައުލޫމާތު؛
- ހޯދަން ބޭނުންވާ މުދަލުގެ ވެރިފަރާތް އެނގޭނަމަ، އެ ފަރާތުގެ މައުލޫމާތު؛
- ބަލައި ފާސްކުރުމަށް އެތަނަކަށް ވަންނަން ބޭނުންވާ ސަބަބު؛
- އެތަން ބަލައި ފާސްކުރަން ބޭނުންވަނީ ކޮން ގާނޫނެއްގައި ބަޔާންކުރާ ކޮން ކުށަކާ ގުޅިގެންކަން؛
- ހޯދަން ބޭނުންވާ މީހަކު ނުވަތަ އެއްޗެއް އެތަނުގައި ވާކަމަށް ލިބިފައިވާ ހެކި؛
- އެ އަމުރުގެ ދަށުން އެއް ފަހަރަށްވުރެ ގިނަ ފަހަރު އެތަނަށް ނުވަތަ ތަންތަނަށް ވަންނަން އެދޭނަމަ، އެކަން؛
- އެތަނަށް ވަންނަން ބޭނުންވާ ވަގުތު؛
- ހޯދަން ބޭނުންވާ އެއްޗެހީގެ މައުލޫމާތު؛ (އިސްލާހު ކުރެވިފައި)
- އަމުރަށް އެދޭ އިދާރާގެ ވެރިއެއްގެ ނަމާއި، ސޮޔާއި، އެ އިދާރާގެ ތައްގަނޑު؛
- އަމުރަށް އެދޭ އޮފިސަރުގެ ނަމާއި، ސަރވިސް ނަންބަރު ނުވަތަ ކާކުކަން އަންގައިދޭ ކާޑު ނަންބަރާއި، އޭނާގެ މަގާމާއި ސޮއި؛
- ކޯޓުން އިތުރު މައުލޫމާތެއް ހުށަހެޅުމަށް އެދިއްޖެނަމަ، އެ މައުލޫމާތު.
- އެތަން ބަލައި ފާސްކުރަން ބޭނުންވަނީ، ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ ވަކި މީހަކާ ގުޅިގެން ކަމަށްވާނަމަ، އެމީހެއްގެ މައުލޫމާތު؛ (އިތުރު ކުރެވިފައި)
- ބަލައި ފާސްކުރަން ބޭނުންވާ ތަނަކީ ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މީހާގެ ބާރުގެ ދަށުގައިވާ ނުވަތަ އޭނާ ދިރިއުޅެމުންގެންދާ ތަނެއް ކަމުގައިވާނަމަ، އެކަން؛ (އިތުރު ކުރެވިފައި)
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު މައުލޫމާތު. (އިތުރު ކުރެވިފައި)
(ނ) ކޯޓު އަމުރަކަށް އެދި މި މާއްދާގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާ ގުޅޭގޮތުން ފަނޑިޔާރު ސާފުކުރަން ބޭނުންވާ ސުވާލުތަކަށް، އެ އަމުރަށް އެދޭ ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރ ޖަވާބުދޭންވާނެއެވެ. (އިތުރު ކުރެވިފައި)
32 ވަނަ މާއްދާ – ބަލައި ފާސްކުރުމުގެ ކޯޓު އަމުރު
(ހ) އަމިއްލަ ތަނެއް ބަލައި ފާސްކުރުމަށް ނެރޭ ކޯޓު އަމުރެއްގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
- އަމުރު ނެރެވޭ ބޭނުން؛
- އަމުރުގެ ދަށުން ބަލައި ފާސްކުރެވޭ ތަން، ނުވަތަ ތަންތަން؛
- އަމުރުގެ ދަށުން ބަލައި ފާސްކުރެވޭ ތަނަށް ވަދެވޭނީ އެހެން ތަނަކަށް ވަދެގެން ނުވަތަ އެހެން ތަނެއް މެދުވެރިކޮށް ކަމުގައިވާނަމަ، އެބޭނުމަށްޓަކައި އެތަނަކަށް ވަދެވޭނެކަން؛
- ބަލައި ފާސްކުރެވޭ ތަނުގެ ވެރިފަރާތުގެ މައުލޫމާތު؛ (އިސްލާހު ކުރެވިފައި)
- އެތަނުން ހޯދަން ބޭނުންވާ މުދަލުގެ ވެރިފަރާތް އެނގޭނަމަ، އެ ފަރާތް؛
- އެތަން ބަލައި ފާސްކުރަން ބޭނުންވަނީ ކޮން ގާނޫނެއްގައި ބަޔާންކުރާ ކޮން ކުށަކާ ގުޅިގެންކަން؛
- ހޯދަން ބޭނުންވާ އެއްޗެހީގެ މައުލޫމާތު؛ (އިސްލާހު ކުރެވިފައި)
- އެ އަމުރުން ބާރުދޭ ކަންކަން ކުރުމަށްޓަކައި އެކަށީގެންވާ މިންވަރަކަށ ްބާރުގެ ބޭނުންކުރެވިދާނެކަން؛
- އެ އަމުރުގެ ދަށުން ބަލައި ފާސްކުރުމަށްޓަކައި އެއްފަހަރަށްވުރެ ގިނަ ފަހަރު އެތަނަށް ނުވަތަ ތަންތަނަށް ވަދެވޭނަމަ، އެކަން؛
- އަމުރު ދެމިއޮންނާނެ މުއްދަތު؛
- އެ އަމުރުން ވަނުމަށް ހުއްދަ ދޭ ތަނަކަށް ދުވާލުގެ ނުވަތަ ރޭގަނޑުގެ ކޮންމެ ވަގުތެއްގައިވެސް ވަނުމަށް ހުއްދަދޭނަމަ އެކަން، ނުވަތަ އެފަދަ ތަނަކަށް ވަދެވޭނީ ދުވާލުގެ ނުވަތަ ރޭގަނޑުގެ ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ކަމަށްވާނަމަ އެކަން.
- ހުއްދަ ދޭ ފަނޑިޔާރުގެ ނަމާއި ސޮއި އަދި ކޯޓުގެ ތައްގަނޑު.
- އެތަން ބަލައި ފާސްކުރަން ބޭނުންވަނީ، ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ ވަކި މީހަކާ ގުޅިގެން ކަމަށްވާނަމަ، އެމީހެއްގެ މައުލޫމާތު؛ (އިތުރު ކުރެވިފައި)
- ބަލައި ފާސްކުރަން ބޭނުންވާ ތަނަކީ ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މީހާގެ ބާރުގެ ދަށުގައިވާ ނުވަތަ އޭނާ ދިރިއުޅެމުންގެންދާ ތަން ކަމުގައިވާނަމަ، އެކަން؛ (އިތުރު ކުރެވިފައި)
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު މައުލޫމާތު. (އިތުރު ކުރެވިފައި)
(ށ) އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގެ އަމުރެއް ކޯޓުން ނެރެންވާނީ، އަންނަނިވ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮތްކަން ކަށަވަރުކުރުމަށްފަހުގައެވެ.
- ވަންނަން ބޭނުންވާ ތަނުގައި މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރަމުންދާކަން ނުވަތަ ކުށެއް ކުރަންއުޅޭކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބެއް އޮތުން؛ ނުވަތަ
- އެތަނަކަށް ވަންނަން ބޭނުންވަނީ ކުށަކާ ގުޅިގެން ހޯދަން ބޭނުންވާ ހެއްކެއް ހޯދުމަށް ކަމުގައިވާނަމަ، އެ އެއްޗެއް އެތަނުގައި ވާކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބެއް އޮތުން؛ އަދި
(3) އެތަނަކަށް ވަދެގެން މެނުވީ ހާސިލުކުރަން ބޭނުންވާ ކަންތައް ފުރިހަމަ ނުކުރެވޭނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތުން.
(ނ) ބަލައި ފާސްކުރުމުގެ މަގްސަދު ގެއްލިދާނެ ކަމަށް ބެލެވޭ ހާލަތެއްގައި މެނުވީ، އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގެ ހުއްދަ ފަނޑިޔާރު ދޭންވާނީ އެފަދަ ތަނެއް ބަލައި ފާސްކުރަން އެކަށީގެންވާ ވަގުތެއްގައެވެ. އެނޫން ވަގުތެއްގައި އެތަނަށް ވަނުމުގެ ހުއްދަ ދޭންވާނީ، އެ އަމުރުގެ ދަށުން ކުރަންއެދޭ ކަންކަމަށް ބަލާއިރު، އެއިން ވަގުތެއްގައި އެތަނެއް ބަލައި ފާސްކުރުމުގެ މަގްސަދެއް އޮތް ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމައެވެ. (އިސްލާހު ކުރެވިފައި)
(ރ) ބަލައި ފާސްކުރުމުގެ ކޯޓު އަމުރެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އެ އަމުރު ދެމިއޮންނާނީ، އެ އަމުރުގައި ބަޔާންކުރާ ތަން ނުވަތަ ތަންތަން ބަލައި ފާސްކޮށް ނިމެންދެން ނުވަތަ އެ އަމުރުގެ މުއްދަތު ހަމަވަންދެން ނުވަތަ އެ އަމުރު ބާތިލުކުރަންދެނެވެ.
(ބ) މި މާއްދާގެ ދަށުން ނެރޭ އަމުރަކާ އެއްގޮތްވާ ގޮތުގެމަތިން ހޯދާ ހޯދުމެއްގައި، އެ އަމުރުގައި ބަޔާންކުރާ އެއްޗެއް ނޫން އެހެން އެއްޗެއް ފެނިއްޖެނަމަ، އަދި އެ އެއްޗަކީ، އެހެން ޖިނާއީ ކުށަކާގުޅޭ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއްކަމަށް ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރަށް ބެލެވޭނަމަ، އަދި އެ އެއްޗެއް ފޮރުވުމުގެ ފުރުސަތު ނުވަތަ ނައްތާލުމުގެ ފުރުސަތު އޮތްކަމަށް އެ އޮފިސަރަކަށް ގަބޫލުކުރެވޭނަމަ، އެ އެއްޗެއް ހިފެހެއްޓުމުގެ ބާރު، އެ އަމުރުން ދޭ ކަމުގައި ބެލޭނެއެވެ.
(ޅ) މި މާއްދާގެ ދަށުން ބަލައި ފާސްކުރުމުގެ އަމުރެއް ނެރޭއިރު، ބަލައި ފާސްކުރަންޖެހޭ ތަނާއި ފާސްކުރަންޖެހޭ ސަބަބުތަކަށް ރިއާޔަތްކޮށް، އެކަންކޮށް ނިންމުމަށް އެކަށީގެންވާ މުއްދަތެއް ފަނޑިޔާރު ދޭންވާނެއެވެ.
(ކ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި ''އެކަށީގެންވާ ވަގުތެއްގައި'' ކަމުގައި ބުނެފައި އެވަނީ، ހެނދުނު 06:00 އާއި ރޭގަނޑު 09:00 އާ ދެމެދު ހިނގާ ވަގުތަށެވެ. (އިތުރު ކުރެވިފައި)
33 ވަނަ މާއްދާ – ބަލައި ފާސްކުރުމުގެ އަމުރު ތަންފީޒުކުރުން
(ހ) ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށް ހުއްދަދެވޭ ތަނެއް، އެ އަމުރުގައި ކަނޑައަޅާފައިވާ މުއްދަތުގައި ބަލައި ފާސްކޮށް ނިންމަންވާނެއެވެ. އެ އަމުރުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެތަނެއް ބަލައި ފާސްކޮށް ނިންމޭނެ ކަމަށް އެ އަމުރަށް އެދުނު ގާނޫނު ތަންފީޒުކުރާ އިދާރާއަށް ބެލެވެން ނެތްނަމަ، އެ އަމުރުގައި ބަޔާންކުރާ މުއްދަތު ހަމަވުމުގެ ކުރިން، އެ އަމުރުގެ މުއްދަތު އިތުރުކުރުމަށް އެދި ކޯޓަށް ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގެ ބާރު، އެ އަމުރަށް އެދޭ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ހުއްދަކުރެވިފައިވާ ކޮންމެ އޮފިސަރަކަށްމެ ލިބިގެންވެއެވެ. އަދި އެ އަމުރުގެ ދަށުން ކުރުމަށް ބާރުދޭ ކަންކަން ކުރުމުގެ ބާރު، އެ އޮފިސަރުންނަށާއި، އެ އޮފިސަރުންނާއެކު އެ އަމުރު ތަންފީޒުކުރުމަށް ދާ އެ އިދާރާގެ ހުއްދަކޮށްފައިވާ އެހެން އޮފިސަރުންނަށްވެސް ލިބިގެންވެއެވެ.
(ނ) ބަލައި ފާސްކުރުމުގެ އަމުރެއްގައި ހުއްދަ ދީފައިވަނީ ހަމައެކަނި ތަނެއްގެ ވަކި ބައެއް ނުވަތަ ސަރަހައްދެއް ބަލައި ފާސްކުރުމަށް ކަމުގައިވާނަމަ، އެ ބައެއް ނުވަތަ ސަރަހައްދެއް ފިޔަވައި އެހެން އެއްވެސް ތަނެއް ބަލައި ފާސްކޮށްގެން ނުވާނެއެވެ.
(ރ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގެ ގޮތުން އަމިއްލަ ތަނަކަށް ވަނުމުގެ ކުރިން، އެތަނުގައި ތިބި ބަޔަކަށް އެތަނަށް ވަންނަކަން އަންގަންވާނެއެވެ. އެހެންނަމަވެސް، އަމިއްލަ ތަނަކަށް ވަނުމުގެ ކުރިން އެތަނުގައި ތިބި ބަޔަކަށް އަންގާ އެންގުން ދުރާލާ އެންގުން ލާޒިމެއް ނޫނެވެ. އެތަނަށް ވަނުމުގެ ހިނދުކޮޅެއް ކުރިން އެކަން އެންގުމުން އެ މާއްދާގެ މަގްސަދު ހާސިލުވީ ކަމުގައި ބެލެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ބ) ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމަށްޓަކައި އެ އަމުރުގައި ބަޔާންކުރާ ތަނަށް ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރަކު ދާއިރު، އެތަނެއްގެ ވެރިފަރާތް އެތަނުގައި ހުރިނަމަ، އެތަން ބަލައި ފާސްކުރަންވާނީ، އެ ފަރާތުގެ ހާޒިރުގައެވެ. އެތަނުގެ ވެރިފަރާތް އެ ތާނގައި ހާޒިރުވެ ނެތް ހާލަތެއްގައި އެތަން ބަލައި ފާސްކުރަންވާނީ، އެ ފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން ފަރާތެއްގެ ހާޒިރުގައެވެ. އަދި ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރު އަންނަނިވި ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.
- އެ އޮފިސަރުގެ ތައާރުފެއް އެ ފަރާތަށް ދިނުމަށްފަހު އޭނާއަކީ ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް އޭނާއަށް ދެއްކުން؛ އަދި
- ކޯޓު އަމުރުގެ ކޮޕީއެއް އޭނާއަށް ދިނުން.
(ޅ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ބަލައި ފާސްކުރަންޖެހޭ ތަނުގައި އެތަނުގެ ވެރިފަރާތް ނުވަތަ އެ ފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން މީހަކު އެތަނުގައި ނެތްނަމަ، އެތަނެއް ބަލައި ފާސްކޮށްގެންނުވާނެއެވެ.
(ކ) ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރާ އޮފިސަރު، އެ ބަލައި ފާސްކުރުމާގުޅޭ މައުލޫމާތު ލިޔުމުން ރެކޯޑުކުރަންވާނެއެވެ. އެގޮތުން ރެކޯޑުކުރުމުގައި، ބަލައި ފާސްކުރާ ތަނުގައި ހާޒިރުވެ ތިބި މީހުންނާއި، އެތަނަށް ވަތް ވަގުތާއި، އަމުރު ތަންފީޒުކުރި އޮފިސަރުންނާއި، ބަލައި ފާސްކުރެވޭ ތަނުން ނެގޭ ކޮންމެ އެއްޗެއްގެ ތަފްސީލު، އެ އެއްޗެއް ނެގުނު ތަން އެނގޭނެ ގޮތަށް ބަޔާންކުރަންވާނެއެވެ.
(އ) މި މާއްދާގެ (ކ) ގައި ބަޔާންކުރާ މައުލޫމާތު ވަގުތުން ވަގުތަށް ލިޔުމުން ރެކޯޑުކުރުމަކީ އަމަލީގޮތުން ދަތިކަމަކަށްވާނަމަ، ބަލައި ފާސްކޮށް ނިމުމަށްފަހު ވީއެންމެ އަވަހަކަށް އެ ބަލައި ފާސްކުރުމާގުޅޭ މައުލޫމާތު އެ އޮފިސަރު ލިޔުމުން ރެކޯޑުކުރަންވާނެއެވެ. ބަލައި ފާސްކުރުމަކާގުޅޭ މައުލޫމާތު ރެކޯޑުކުރުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ވ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، އަމިއްލަ ތަނަކަށް ވަނުމުގެ ކުރިން އެތަނުގައި ތިބި ބަޔަކަށް އެތަނަށް ވަންނަކަން އަންގައިފިނަމަ ބަލައި ފާސްކުރުމުގެ މަގްސަދު ގެއްލިދާނެ ކަމަށް ފެނިއްޖެ ހާލަތެއްގައި، އެތަނުގައި ތިބި ބަޔަކަށް އެންގުމަކާ ނުލައި އެތަނަށް ވަނުމުގެ އިހްތިޔާރު، ބަލައި ފާސްކުރާ އަމުރު ތަންފީޒުކުރާ އޮފިސަރުންނަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)
(މ) މި މާއްދާގެ (ރ) އާއި (ވ) އެހެން އޮތްނަމަވެސް، ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާގެ ކަމާބެހޭ އޮފިސަރުން އަމިއްލަ ތަނަކަށް ވަންނައިރު، ތަނުގެ ވެރިފަރާތް ނުވަތަ އެ ފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން މީހަކު ހުރެފައި، އެ އޮފިސަރުން އެތަން ބަލައި ފާސްކުރަން ފެށުމުގެ ކުރިން ނުވަތަ އެއަށްފަހު އެއިން ފަރާތަކުން އެތަން ދޫކޮށްފައި ހިނގައްޖެނަމަ، އެއިން ފަރާތެއްގެ ހާޒިރުގައި ބަލައި ފާސްކުރުމަށް މި މާއްދާގެ ދަށުން ލިބިދޭ ހައްގު ދޫކޮށްލީ ކަމުގައި ބަލައި، ބަލައި ފާސްކުރުމައިގެން ކުރިއަށްދެވިދާނެއެވެ. އެހެންނަމަވެސް، ތަނުގެ ވެރިފަރާތަށް ނުވަތަ އެ ފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން މީހަކަށް ކޮންމެ ވަގުތެއްގައިވެސް އަނބުރާ އައިސް، އޭނާގެ ހާޒިރުގައި ބަލައި ފާސްކުރުން ކުރިއަށްގެންދިއުމުގެ ހައްގު ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)
34 ވަނަ މާއްދާ – ބަލައި ފާސްކުރުމާ ގުޅޭގޮތުން ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭ އިތުރު ބާރު
(ހ) ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ކޯޓު އަމުރެއްގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގައި، އަންނަނިވި ބާރުތައް، އެ އަމުރު ތަންފީޒުކުރާ އޮފިސަރުންނަށް ލިބިގެންވެއެވެ.
- ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ތަނަށް ވަދެ، އެތަން ބަލައި ފާސްކުރުމަށް އެކަށީގެންވާ ވަގުތު އެތަނުގައި ތިބުން؛
- އެތަނަށް ވަނުމަށްޓަކައި އެހެން ތަނަކަށް ވަންނަންޖެހޭ ކަމަށްވާނަމަ، ނުވަތަ އެތަނަށް ވަދެވޭނީ އެހެން ތަނެއް މެދުވެރިކޮށް ކަމަށްވާނަމަ، އެތަނަށްވެސް ވަނުން؛
- ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ނުވަތަ ކުށްކޮށްގެން ހޯދާފައިވާ މުދަލެއް އެތަނުގައި ހުރިކަމަށްވާނަމަ، އެ އެއްޗެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެނައުން؛
- އެތަނާއި އެތަނުގައި ހުރި ކަމާބެހޭ އެއްޗެހީގެ ފޮޓޯ އަދި/ނުވަތަ ވީޑިއޯ ނެގުން؛ (އިސްލާހު ކުރެވިފައި)
- އެތަނެއްގައި އެވަގުތު ހުރި މީހަކު ބަލައި ފާސްކުރަންޖެހޭ ކަމަށްވާނަމަ، އެކަމެއް ކުރުން؛
- ތަޅުލާފައި ހުރި ދޮރެއްގެ ތަޅު ހަލާކުކޮށްލައިގެން އެދޮރެއް ހުޅުވުން؛
- ބަންދުކޮށްފައިވާ ކުޑަދޮރެއްގެ ތަޅު ހަލާކުކޮށްލައިގެން ނުވަތަ ކުޑަދޮރު ހަލާކުކޮށްލައިގެން އެ ކުޑަދޮރެއް ހުޅުވުން؛
- ތަޅުންގަނޑުން ބައެއް، ނުވަތަ ފާރުން ބައެއް، ނުވަތަ ފަންގިފިލާއިން ބައެއް ހަލާކުކޮށްލައިގެން ނުވަތަ ތަނެއް ކޮނެގެން ބަލަންޖެހޭ އެއްޗެއް ނުވަތަ ތަނެއް ބެލުން؛
- ބަންދުކޮށްފައި ހުރި ފޮށްޓެއް ނުވަތަ އެނޫންވެސް އެއްޗެއް ހުޅުވައިގެން ނުވަތަ ހަލާކުކޮށްލައިގެން ބަލަންޖެހޭ އެއްޗެއް ބެލުން؛
- އެތަނެއްގައި އޮތް އުޅަނދެއް ބަލައި ފާސްކުރަންޖެހޭ ކަމަށްވާނަމަ، އެކަމެއް ކުރުން.
(ށ) މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުން ފެށިގެން (9) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަން ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރުން ކުރަންވާނީ، އެއިން ކަމެއް، ބާރުގެ ބޭނުން ނުކޮށް ކުރެވެން ނެތް ހާލަތުގައ އެކަންޏެވެ.
(ނ) މި މާއްދާގެ (ހ) ގެ (10) ވަނަ ނަންބަރުގައި އެހެން އޮތްނަމަވެސް، އުޅަނދެއް ބަލައި ފާސްކުރެވޭނީ، މި ގާނޫނުގެ 35 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
35 ވަނަ މާއްދާ – އުޅަނދުފަހަރު ބަލައި ފާސްކުރުން
(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ ބާރު ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ އިހްތިޔާރު ލިބިގެންވަނީ، ގާނޫނަކުން ކަނޑައެޅިގެން އެ ބާރު ލިބިދޭ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށެވެ.
(ނ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި މެނުވީ، ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް އުޅަނދެއް ބަލައި ފާސްކުރެވޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
(ރ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާހާހިނދަކު ކޯޓު އަމުރަކާ ނުލައި، އުޅަނދެއް ބަލައި ފާސްކުރެވޭނީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައިވާކަމަށް އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް، ގާނޫނު ތަންފީޒުކުރާ އިދާރާއަށް ގަބޫލުކުރެވޭ ހާލަތުގައެވެ. (އިސްލާހު ކުރެވިފައި)
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައިވާކަމަށް ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރަކަށް ގަބޫލުކުރެވޭނަމަ، ކޯޓު އަމުރަކާ ނުލައި އެ އުޅަނދެއް ބަލައި ފާސްކުރުމުގެ ބާރު، އެ އޮފިސަރަށް ލިބިގެންވެއެވެ.
(ޅ) ކޯޓު އަމުރަކާ ނުލައި އުޅަނދެއް ބަލައި ފާސްކުރުމަށް މި މާއްދާގެ ދަށުން ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ލިބިދޭ ބާރެއްގެ ބޭނުން ހިފުމުގައި، އެ އުޅަނދެއް ބަލައި ފާސްކުރެވެނީ ކޮން މަގްސަދެއްގައި ކަމާމެދު އެ އުޅަނދުގެ ވެރިފަރާތުން ސުވާލުކޮށްފިނަމަ، އެ އުޅަނދު ބަލައި ފާސްކުރެވެނީ، މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުން ފެށިގެން (7) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ކޮން ހާލަތެއްގައިކަން އުޅަނދުގެ ވެރިފަރާތަށް ސާފުކޮށްދޭންވާނެއެވެ.
(ކ) މި މާއްދާގެ (ރ) ގެ ދަށުން ލިބިދޭ ބާރުގެ ތެރޭގައި، ދުއްވާފައިދާ އުޅަނދެއް ހުއްޓުވައި، އެ އުޅަނދު ބަލައި ފާސްކުރުމުގެ ބާރާއި، ޕާކްކޮށްފައިވާ ނުވަތަ ބަނދަރުކޮށްފައިވާ އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ ބާރު ގާނޫނު ތަންފީޒުކުރާ އިދާރާއަށް ލިބިގެންވެއެވެ.
(އ) ގާނޫނު ތަންފީޒުކުރާ އިދާރާއަކީ ފުލުހުން ކަމުގައިވާ ހާލަތުގައި، މި މާއްދާގެ (ރ) ގައި ބަޔާންކުރާ އުޅަނދެއްގައިވާ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ ބާރުވެސް ފުލުހުންނަށް ލިބިގެންވެއެވެ.
(ވ) އުޅަނދެއް އޮތް ތަނެއްގައި ބާއްވައިގެން އެ އުޅަނދެއް ބަލައި ފާސްކުރުމަކީ ކުރެވޭނެ ކަމެއްކަމުގައި ނުވާނަމަ، އެ އުޅަނދެއް ބަލައި ފާސްކުރުމަށްޓަކައި އެކަންކުރެވޭނެ އެހެން ތަނަކަށް، ފުލުހުންގެ ބެލުމުގެ ދަށުން އެ އުޅަނދެއް ގެންދިޔުމުގެ ބާރު، ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރުންނަށް ލިބިގެންވެއެވެ.
(މ) އުޅަނދެއް ބަލައި ފާސްކުރުމުގައި، މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ އެއްޗެއް އެ އުޅަނދުގައިވާނަމަ، އެ އެއްޗެއް ހިފެހެއްޓުމުގެ ބާރު، ގާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފުންނަށް ލިބިގެންވެއެވެ.
(ފ) މި މާއްދާގެ (މ) ގައި އެހެން އޮތްނަމަވެސް، އުޅަނދެއްގައިވާ އެއްޗެއް ހިފެހެއްޓުމުގައި އަމަލުކުރާނީ، މި ގާނޫނުގެ 36 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
(ދ) ކޯޓު އަމުރެއްގެ ދަށުން އުޅަނދެއް ބަލައި ފާސްކުރުމުގައި، ވަކި ހާއްސަ ކަންތައްތަކެއް ކުރުމުގެ ބާރު އެ އަމުރުގައި ބަޔާންކޮށްފައިނުވާ ހާލަތުގައި، މި މާއްދާގެ (ކ)، (އ)، (ވ)، އަދި (މ) އިން ބާރު ލިބިދޭ ކަންކަން ކުރުމުގެ ބާރު، އެ އަމުރުގެ ދަށުން އުޅަނދެއް ބަލައި ފާސްކުރާ ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރުންނަށް ލިބިގެންވެއެވެ.
(ތ) މި މާއްދާގެ (ދ) ގައި އެހެން އޮތްނަމަވެސް، އުޅަނދެއް ބަލައި ފާސްކުރުމުގެ ކޯޓު އަމުރެއް ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރުން ތަންފީޒުކުރަންވާނީ، އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަމުގައި މި ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
36 ވަނަ މާއްދާ - މުދާ ހިފެހެއްޓުން
(ހ) ކޯޓު އަމުރެއްގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގައި، ހެކީގެ ގޮތުގައި ބޭނުންކުރުމަށް އެ އަމުރުން ހިފެހެއްޓުމަށް ހުއްދަކުރާ އެއްޗެއްގެ، ނުވަތަ ކުށްކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާ އެއްޗެއްގެ ފޮޓޯ އަދި/ނުވަތަ ވީޑިއޯ ނެގުމުގެ ނުވަތަ އެ އެއްޗަކުން ސާމްޕަލް ނެގުމުގެ ނުވަތަ އެ އެއްޗަކުން ބައެއް ނުވަތަ އެ އެއްޗެއް އެކުގައި ހިފެހެއްޓުމުގެ ބާރު، ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރުންނަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
(ށ) ހެކީގެ ގޮތުގައި ބޭނުންކުރުމަށް ބަލައި ފާސްކުރެވޭ ތަނަކުން ހޯދަން ބޭނުންވާ އެއްޗަކީ އެއްވެސް ބާވަތެއްގެ އިލެކްޓްރޯނިކް ވަސީލަތެއްގައި ރައްކާކޮށްފައިވާ މައުލޫމާތެއް ކަމުގައިވާނަމަ، އެ މައުލޫމާތު ބެލޭނެ އަދި ކިޔަން އެނގޭނެ ގޮތަކަށް، އަދި އެތަނުން ގެންދެވޭނެ ގޮތަކަށް ހުށަހެޅުމަށް އެންގުމުގެ ބާރު ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން އޮތްނަމަވެސް، ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގައި، ޑިޕްލޮމެޓިކް އިމްތިޔާޒުގެ ދަށުގައިވާ އެއްޗެއްސާއި، ގާނޫނީ އިމްތިޔާޒުގެ ދަށުގައިވާ އެއްޗެއްސާއި، ގާނޫނެއްގެ ދަށުން އިމްތިޔާޒު ލިބިގެންވާ އެނޫންވެސް އެއްޗެހި ހިފެހެއްޓުމުގެ ބާރު ގާނޫނު ތަންފީޒުކުރާ އޮފިސަރުންނަށް ލިބިގެނެއް ނުވެއެވެ. (އިސްލާހު ކުރެވިފައި)
(ރ) ބަލައި ފާސްކުރުމުގެ ކޯޓު އަމުރެއް ތަންފީޒުކުރުމުގައި ހިފަހައްޓާ މުދަލުގެ އިންވެންޓަރީއެއް، ކޯޓު އަމުރު ތަންފީޒުކުރާ އޮފިސަރު އެކުލަވާލަންވާނެއެވެ. އެކަން ކުރަންވާނީ، ގާނޫނު ތަންފީޒުކުރާ އިދާރާގެ އެހެން އޮފިސަރަކާއި، ތަނުގެ ވެރިފަރާތުގެ ނުވަތަ ތަނުގެ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއްގެ ހާޒިރުގައެވެ. (އިސްލާހު ކުރެވިފައި)
(ބ) މި މާއްދާގެ (ރ) ގެ ދަށުން ހިފެހެއްޓޭ މުދަލުގެ އިންވެންޓަރީގެ ކޮޕީއެއް، ތަނުގެ ވެރިފަރާތަށް، ނުވަތަ އޭނާ ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަށް ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރު ދޭންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ޅ) މި މާއްދާގެ ދަށުން ހިފަހައްޓާ އެއްޗެއްސަކީ، އަންނަނިވި ކަންކަމަށް ބޭނުންކުރެވިދާނެ އެއްޗެއްސެވެ. އަދި އެ އެއްޗެއްސަކީ އެކަންކަން ނިމެންދެން ގާނޫނު ތަންފީޒުކުރާ އިދާރާގެ ބެލުމުގެ ދަށުގައި ބެހެއްޓިދާނެ އެއްޗެއްސެވެ.
- ޖިނާއީ ކުށެއްގެ ތަހްގީގެއްގައި އެ އެއްޗެހި ބޭނުންކުރުމަށް؛
- ޖިނާއީ ކުށެއްގެ ށަރީއަތުގައި ހެއްކެއްގެ ގޮތުގައި އެ އެއްޗެހި ބޭނުންކުރުމަށް؛
- އެ އެއްޗަކީ ގާނޫނާ ހިލާފަށް ހޯދާފައިވާ އެއްޗެއް ކަމުގައި ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އެ އެއްޗެއްގެ ހަގީގީ ވެރިފަރާތް ހޯދުމަށް.
(ކ) މި މާއްދާގެ (ޅ) ގައި އެހެން އޮތްނަމަވެސް، ހިފެހެއްޓޭ އެއްޗެއް ހިފެހެއްޓި ބޭނުން ނިމުމަކަށް އައުމާއެކު، އެ އެއްޗަކީ ދިވެހިރާއްޖެއަށް ގެނައުން ނުވަތަ ދިވެހިރާއްޖޭގައި ގެންގުޅުން މަނާ އެއްޗެއް ކަމުގައިނުވާނަމަ، ގާނޫނު ތަންފީޒުކުރާ އިދާރާއިން އެ އެއްޗެއް އެ އެއްޗެއްގެ ވެރިފަރާތާ އަނބުރާ ހަވާލުކުރަންވާނެއެވެ. އަދި ހިފެހެއްޓޭ އެއްޗަކީ، ހަމައެކަނި އެ އެއްޗެއްގެ ކޮޕީއެއް ނުވަތަ ފޮޓޯއެއް އޮތުމުން ފުދޭނެ އެއްޗެއް ކަމަށްވާނަމަ، އެކަން ކުރުމަށްފަހު، އެ އެއްޗެއް، އެ އެއްޗެއްގެ ވެރިފަރާތާ ހަވާލުކުރަންވާނެއެވެ. ނުވަތަ އެ އެއްޗަކީ، މައުލޫމާތު ރައްކާކުރެވޭ އެއްޗެއް ކަމުގައިވެފައި، ތަހްގީގަށް ބޭނުންވަނީ އެ އެއްޗެއްގައިވާ މައުލޫމާތު އެކަނި ކަމުގައިވާނަމަ، އަދި އެ މައުލޫމާތަކީ ނަކަލުކުރެވިދާނ މައުލޫމާތެއް ކަމުގައިވާނަމަ، އެ މައުލޫމާތަކަށް ވާސިލުވެ، އެ މައުލޫމާތު ނަކަލުކުރުމަށްފަހު، އެ އެއްޗެއް އެ އެއްޗެއްގެ ވެރިފަރާތާ ހަވާލުކުރަންވާނެއެވެ.
(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަދައިން ހިފެހެއްޓޭ އެއްޗެއް އެ އެއްޗެއްގެ ވެރިފަރާތަށް އަނބުރާ ރައްދުކުރުމުގައި އަމަލުކުރާނެގޮތް މި ގާނޫނުގެ ދަށުން ހަދާގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ވ) މި މާއްދާގެ (ކ) އެހެން އޮތުމަކުން، މި މާއްދާގެ ދަށުން ހިފެހެއްޓިފައިވާ އެއްޗެއް، ވަކި މުއްދަތަކަށް ހިފެހެއްޓުމަށް އަމުރުކުރުމަށް ކަމާބެހޭ ކޯޓަކަށް ލިބިދޭ އެއްވެސް ބާރަކަށް އުނިކަމެއް ނާންނާނެއެވެ.
(މ) މި މާއްދާގެ ދަށުން ހިފަހައްޓާ އެއްޗެހި، އެ އެއްޗެހީގެ ވެރިފަރާތާ އަނބުރާ ހަވާލުކުރެވެންދެން ނުވަތަ ގާނޫނުގައި ބަޔާންކުރާ އެނޫންވެސް ގޮތަކަށް އެ އެއްޗެއްސާމެދު އަމަލުކުރެވެންދެން ހުންނާނީ، ގާނޫނު ތަންފީޒުކުރާ އިދާރާގެ އެންމެ އިސް ފަރާތުން ކަނޑައަޅާ ތަނެއްގައެވެ.
(ފ) މި މާއްދާގެ ދަށުން އެއްވެސް އެއްޗެއް ހިފެހެއްޓިއްޖެނަމަ، އެ އެއްޗެއް ރައްކާތެރިކަންމަތީ ބެލެހެއްޓުމަކީ، ގާނޫނު ތަންފީޒުކުރާ އިދާރާގެ އެންމެ އިސް ފަރާތުގެ ޒިންމާއެކެވެ.
(ދ) މި މާއްދާގެ ދަށުން ހިފެހެއްޓޭ އެއްޗެހި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި ކަނޑައަޅަންޖެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ޕްރޮސިކިއުޓަރ ޖެނެރަލް ބަޔާންކުރަންވާނެއެވެ.
(ތ) މި މާއްދާގެ (ރ) އާއި (ބ) އެހެން އޮތްނަމަވެސް، ބަލައި ފާސްކުރުމުގެ ކޯޓު އަމުރެއް ތަންފީޒުކުރަމުންދާއިރު ތަނުގެ ނުވަތަ މުދަލުގެ ވެރިފަރާތް ނުވަތަ އެއިން ފަރާތެއްގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއް ހާޒިރުވެ ހުރުމަށްފަހު، މި މާއްދާގެ (ރ) ގައި ބަޔާންކުރާ މުދަލުގެ އިންވެންޓަރީ އެކުލަވާލާއިރު ހާޒިރުވެ ހުންނަން ބޭނުންނުވެ، އެތަން ދޫކޮށްފައި ހިނގައްޖެނަމަ، އެއިން ފަރާތެއްގެ ހާޒިރުގައި މުދަލުގެ އިންވެންޓަރީ ނެގުމަށް މި މާއްދާގެ (ރ) އިން ލިބިދޭ ހައްގު ދޫކޮށްލީ ކަމުގައި ބެލޭނެއެވެ. އެހެންނަމަވެސް، އެއިން މީހަކަށް، ކޮންމެ ވަގުތެއްގައިވެސް އަނބުރާ އައިސް، އޭނާގެ ހާޒިރުގައި މުދަލުގެ އިންވެންޓަރީ ނެގުމުގެ ކަންކަން ކުރިއަށްގެންދިއުމުގެ ހައްގު ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)
(ލ) މި މާއްދާގެ (ތ) ގައި ބަޔާންކުރާ ހާލަތުގައި މުދަލުގެ އިންވެންޓަރީ ނެގުމަށްފަހު، އެ އިންވެންޓަރީގެ ކޮޕީ، އެތަނުގައި ފަސޭހައިން ފެންނާނެ ފަދައިން ހަރުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
37 ވަނަ މާއްދާ - މުދާ ހޯދުމަށް ކޯޓުގައި އެދުން
(ހ) ގާނޫނު ތަންފީޒުކުރާ އިދާރާއަކުން މި ގާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ހިފެހެއްޓި މުދަލެއް ހިފަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، ނުވަތަ އެ މުދަލުން ބަރީއަވުމުގެ ސަބަބުން ގެއްލުން ލިބޭ ކަމަށް ބުނެ އެ މުދާ ހޯދުމަށް އެދި ކޯޓަށް ހުށަހެޅުމުގެ ހައްގު، އެ މުދަލެއްގެ ވެރިފަރާތަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ )(ހ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއް ބެލުމަށްފަހު، އެ މުދަލެއް ހިފަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކޯޓުން ކަނޑައަޅައިފިނަމަ، އަދި އެ މުދަލަކީ ދިވެހިރާއްޖެއަށް ގެނައުން ނުވަތަ ދިވެހިރާއްޖޭގައި ގެންގުޅުން މަނާ އެއްޗެއް ކަމުގައިނުވާނަމަ، އެ މުދަލެއް އެ މުދަލުގެ ވެރިފަރާތާ އަނބުރާ ހަވާލުކުރުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއް ބެލުމަށްފަހު، އެ މުދަލެއް ހިފަހައްޓާފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ކޯޓުން ކަނޑައަޅައިފިނަމަ، މި ގާނޫނުގެ 36 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ކަންކަމުގައި ބޭނުންކުރުމަށްޓަކައި އެ މުދާ، އެ އިދާރާގެ ބެލުމުގެ ދަށުގައި ބެހެއްޓިދާނެއެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައަކީ، އެ މުދަލުން ބަރީއަވުމުގެ ސަބަބުން ގެއްލުން ލިބޭ ކަމަށް ބުނެ ހުށަހެޅޭ މައްސަލައެއް ކަމުގައިވެފައި، މައްސަލައިގައި ހިމެނޭ އެންމެހައި ކަންކަމަށް ރިއާޔަތްކުރާއިރު އެންމެ އިންސާފުވެރި ގޮތަކީ އެ މުދާ އެ މުދަލުގެ ވެރިފަރާތާ ހަވާލުކުރުން ކަމަށް ކޯޓަށް ފެނިއްޖެނަމަ، ކޯޓުން ކަނޑައަޅާ ށަރުތުތަކަކާއެކު އެ މުދަލެއް، އެ މުދަލުގެ ވެރިފަރާތާ އަނބުރާ ހަވާލުކުރުމަށް ކޯޓަށް އަމުރުކުރެވިދާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައި އެހެން އޮތްނަމަވެސް، ހިފެހެއްޓިފައިވާ މުދަލެއް، އެ މުދަލުގެ ވެރިފަރާތުގެ ބެލުމުގެ ދަށަށް ދޫކޮށްފިނަމަ، އެ މުދާ ހިފަހައްޓަން ބޭނުންވި ތަހްގީގަށް އޭގެ ސަބަބުން ނޭދެވޭ އަސަރެއް ކޮށްފާނެ ކަމަށް ފަނޑިޔާރަށް ބެލެވޭނަމަ، އެ މުދަލެއް އެ މުދަލުގެ ވެރިފަރާތާ ހަވާލުކުރުމަށް އަމުރުކޮށްގެންނުވާނެއެވެ.
ފަސްވަނަ ބާބު
މީހުން ހުއްޓުވައި ބަލައި ފާސްކުރުމާއި ހައްޔަރުކުރުން
38 ވަނަ މާއްދާ – މީހުން ހުއްޓުވުމާއި ބަލައި ފާސްކުރުން
(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ، އެއްވެސް މީހަކު ހުއްޓުވައި، އެ މީހެއްގެ ގަޔަށް އަތްލައި، އެ މީހަކު ބަލައި ފާސްކޮށްގެންނުވާނެއެވެ.
(ށ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި، ޖިނާއީ ކުށްކުށާ ގުޅިގެން މީހުން ހުއްޓުވައި، މީހުންގެ ހަށިގަނޑާއި ފޭރާން ބަލައި ފާސްކުރުމުގެ ބާރު ލިބިގެންވަނީ ފުލުހުންނަށެވެ.
(ނ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި އެހެން ކޮންމެ ހާލަތެއްގައި، މީހެއްގެ ނުރުހުމުގައި، އެ މީހަކު ހުއްޓުވައި ބަލައި ފާސްކުރެވޭނީ، ކޯޓު އަމުރެއްގެ ދަށުންނެވެ.
(ރ) ކޯޓު އަމުރަކާ ނުލައި މީހަކު ހުއްޓުވައި ބަލައި ފާސްކުރެވޭނީ، ކުށުގެ ވެށިން ފެންނަ ނުވަތަ ކުށެއް ކުރުމަށްފަހު ކުށުގެ ވެށި ދޫކޮށްދިޔަތާ ގިނައިރުތަކެއް ނުވަނީސް ފުލުހުންނާ ދިމާވާ މީހުންގެ ތެރެއިން އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އަންނަނިވި ކަންކަމަށް ށައްކުކުރުމުގެ ހައިސިއްޔަތު އުފެދޭ ހާލަތެއްގައި އެކަންޏެވެ.
- އަނިޔާވެރި އަމަލެއް ހިންގުމަށް ގެންގުޅޭ އެއްޗެއްކަމަށް ބެލެވޭ ވަޅިއެއް ނުވަތަ ހަންޖަރެއް ނުވަތަ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ކަމުގައި ބެލެވިދާނެ އެނޫންވެސް އެއްޗެއް އޭނާގެ އަތުގައި އޮތްކަމަށް ބެލެވުން؛
- އޭނާގެ އަތުގައި މަސްތުވާއެއްޗެއް ނުވަތަ ބަނގުރާ ހުރިކަމަށް ބެލެވުން؛
- އޭނާގެ އަތުގައި ވަގަށް ނަގާފައިވާ އެއްޗެއް ނުވަތަ މިލްކުވެރިކަން ސާބިތުކޮށްނުދެވޭ އެއްޗެއް ހުރިކަމަށް ބެލެވުން؛
- އޭނާގެ އަތުގައި ކުށްކޮށްގެން ހޯދާފައިވާ އެއްޗެއް ހުރިކަމަށް ބެލެވުން؛
- ޖިނާއީ ބޮޑު ކުށެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް އޭނާގެ އަތުގައި ހުރިކަމަށް ބެލެވުން.
(ބ) މި މާއްދާގެ (ރ) ގައި އެހެން އޮތްނަމަވެސް، ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވާ މީހަކު، މި ގާނޫނުގެ 53 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބަލައި ފާސްކުރުމަށް ފުލުހުންނަށް ލިބިދޭ އެއްވެސް ބާރެއް މި މާއްދާއިން ހަންޏެއް ނުކުރެއެވެ.
(ޅ) މި މާއްދާގެ (ރ) ގައި ބަޔާންވެގެންވާ ހާލަތްތަކުގެ ތެރެއިން ހާލަތެއްގައިވާ މީހަކު، ކޯޓު އަމުރަކާ ނުލައި ހުއްޓުވައި، އެ މީހަކާ ގުޅޭގޮތުން އަންނަނިވި ކަންކަން ކުރުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.
- އެ މީހަކީ ކާކުކަން ބުނެދިނުމަށް އެދުން؛
- އެ މީހަކު ހައްޔަރުކުރުމަށް ނުވާގޮތުން ފުލުހުންގެ ބެލުމުގެދަށަށް ގެނައުން؛
- އެ މީހެއްގެ ޖިންސީ ގުނަވަނެއް ފިޔަވައި، އެހެން ތަންތަން، ލައިގެންހުރި ހެދުން މަތިން އަތްލައިގެން ނުވަތަ ޑިޓެކްޓަރެއް ޖައްސައިގެން ބަލައި ފާސްކުރުން؛
- އެ މީހެއްގެ އަތުގައި އޮތް އެއްޗެއް ނުވަތަ އެ މީހަކު ހިފައިގެން ހުރި އެއްޗެއް ބަލައި ފާސްކުރުން؛
- އެ މީހަކު ލައިގެންހުރި ހެދުމެއްގެ ޖީބު ނުވަތަ އެއްޗެއް ރައްކާކުރެވޭގޮތަށް އެ ހެދުމެއްގައިވާ އެހެން ތަންތަން ބަލައި ފާސްކުރުން؛
- މޫނު ނިވާކޮށްގެން ހުރިނަމަ، މޫނު ހާމަކުރުން؛
- ކުށެއް ކުރިކަމުގެ ތުހުމަތުގައި ހެއްކެއްގެ ގޮތުގައި ބެލެވޭނެ އެއްޗެއް އޭނާގެ އަތުގައި އޮތްނަމަ، އެ އެއްޗެއް ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުން؛
- އެހެން މީހަކަށް ގެއްލުމެއް ދެވިދާނެ އެއްޗެއް އޭނާގެ އަތުގައި އޮތްނަމަ، އެވަގުތަކަށް، ވަގުތީގޮތުން، އެ އެއްޗެއް ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުން.
(ކ) މި މާއްދާގެ (ރ) ގެ ދަށުން ލިބިދޭ ބާރުގެ ދަށުން މީހެއްގެ ހަށިގަނޑު ފުލުހުން ބަލައި ފާސްކުރުމުގައި، ބަލައި ފާސްކުރެވޭ މީހާގެ ގައިގައި އަތްލަންވާނީ، އަދި އޭނާ ބަލައި ފާސްކުރެވޭއިރު އެތާނގައި ތިބެންވާނީ، ބަލައި ފާސްކުރެވޭ މީހާއާ އެއް ޖިންސެއްގެ މީހުން އެކަންޏެވެ.
(އ) (އުނި ކުރެވިފައި)
(ވ) މި މާއްދާގެ (ކ) ގައިވާ ގޮތުގެމަތިން އަމަލުކުރުމުގައި ކުށުގެ ތުހުމަތުގައިވާ މީހާއާ އެއް ޖިންސުގެ އޮފިސަރަކު އެތަނުގައި ނެތްނަމަ، އޭނާއާ އެއް ޖިންސުގެ މީހަކު އެތަނަށް ހާޒިރުކުރުވައި، އެމީހަކު މެދުވެރިކޮށް ކުށުގެ ތުހުމަތުގައިވާ މީހާ ބަލައި ފާސްކުރެވިދާނެއެވެ. އެ ހާލަތުގައި މީހަކު ބަލައި ފާސްކުރެވޭއިރުވެސް އެތާނގައި ތިބެންވާނީ، ބަލައި ފާސްކުރެވޭ މީހާއާ އެއް ޖިންސެއްގެ މީހުން އެކަންޏެވެ. (އިސްލާހު ކުރެވިފައި)
(މ) ކޯޓު އަމުރެއްގެ ދަށުން މީހަކު ބަލައި ފާސްކުރުމުގައި، އެ އަމުރުގައި ވަކި ހާއްސަ ކަންތައްތަކެއް ކުރުމުގެ ބާރު ދީފައިނުވާނަމަ، މި މާއްދާގެ (ބ)، (ޅ)، (ކ)، (އ) އަދި (ވ) ގެ ދަށުން ކުރުމަށް ފުލުހުންނަށް ބާރުލިބިދޭ ކަންކަން ކުރުމުގެ ބާރު، އެ އަމުރުގެ ދަށުން މީހަކު ބަލައި ފާސްކުރާ ފުލުހުންނަށް ލިބިގެންވެއެވެ.
39 ވަނަ މާއްދާ – ނަމާއި އުމުރު ބުނުމަށް އެންގޭނެ ހާލަތްތައް
(ހ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައިވާ މީހެއްގެ ނަމާއި އުމުރާއި އެޑްރެސް ބަޔާންކޮށްދިނުމަށާއި، އެކަމުގެ ހެކި ދެއްކުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
- ކުށެއް ކުރަމުންދަނިކޮށް ފެންނަ މީހާ؛
- ކުށެއް ކޮށްފައިވާ ކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވޭ މީހާ؛
- ކޯޓު އަމުރެއް ތަންފީޒުކުރުމަށްޓަކައި އެ އަމުރު ރައްދުވާ މީހާ؛
- ފުލުހުން ހިންގަމުންގެންދާ ތަހްގީގެއްގައި އެހީތެރިވެވިދާނެ ފަރާތެއް ކަމަށް ފުލުހުންނަށް ފެންނަ މީހާ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރެއްގެ ބޭނުން ހިފުމުގައި، މީހެއްގެ ނަމާއި އުމުރާއި އެޑްރެސް ބަޔާންކޮށްދިނުމަށް އެންގެނީ ކޮން މަގްސަދެއްގައި ކަމާމެދު އެ މީހާ ސުވާލުކޮށްފިނަމަ، އެކަން ކުރަން އަންގަނީ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ކޮން ހާލަތެއްގައިކަން އޭނާއަށް ސާފުކޮށްދޭންވާނެއެވެ.
(ނ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި، މި މާއްދާގެ (ހ) ގައިވާ ހާލަތްތަކުގައާއި، މި ގާނޫނުގެ 38 ވަނަ މާއްދާއާއި، 40 ވަނަ މާއްދާގައިވާ ހާލަތްތަކުގައި މެނުވީ، މީހެއްގެ ނަމާއި އުމުރާއި އެޑްރެސް ބަޔާންކޮށްދިނުމަށާއި، އެކަމުގެ ހެކި ދެއްކުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެނެއްނުވެއެވެ.
40 ވަނަ މާއްދާ – ހައްޔަރުކުރުން
(ހ) އެހެން ގާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި، ޖިނާއީ ކުށަކާ ގުޅިގެން މީހުން ހައްޔަރުކުރުމުގެ ބާރު ލިބިގެންވަނީ ފުލުހުންނަށެވެ.
(ށ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، ފުލުހުންނަށް މީހަކު ހައްޔަރުކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން، އެ އަމުރުގައިވާ ގޮތުގެމަތިންނެވެ.
(ނ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައިވާކަމަށް ފުލުހުންނަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭ ކަމަށްވާނަމަ، ކޯޓު އަމުރަކާ ނުލައި އެ ހާލަތުގައިވާ މީހާ ހައްޔަރުކުރުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.
- މީހަކު ކުށެއް ކޮށްފިކަމަށް އެކަށީގެންވާ ހެކި ލިބިފައިވާ ހާލަތުގައި؛
- މީހަކު ކުރަމުންދާ ކުށެއް ހުއްޓުވުމަށްޓަކައި، ނުވަތަ އެވަގުތު އެ ކުށުގެ އަމަލު ތަކުރާރުކުރިޔަ ނުދިނުމަށްޓަކައި، ނުވަތަ ހިންގަމުންދިޔަ އަމަލުން އެހެން ކުށެއް ކުރިޔަނުދިނުމަށްޓަކައި؛
- މީހަކު އެވަގުތު އެއުޅެނީ ކުށެއް ކުރަން ކަމަށް ބުއްދިއަށް ގަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކި ލިބިފައިވާ ހާލަތުގައި، އެ ކުށް ކުރިޔަނުދިނުމަށްޓަކައި؛
- މީހާގެ ނަމާއި އުމުރު ބަޔާންކޮށްދިނުމަށް މި ގާނޫނުގެ 38 ވަނަ މާއްދާގެ (ޅ) ގެ (1)ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތުގައި ފުލުހަކު ކުރި އަމުރަށް އިންކާރުކުރުމުން، އެ މައުލޫމާތު ދެނެގަތުމަށްޓަކައި؛
- ކޯޓަށް ހާޒިރުވުމުގެ އަމުރެއް ނިސްބަތްވާ މީހަކު އެ އަމުރަށް ތަބާނުވުމުން، އޭނާ ކޯޓަށް ހާޒިރުކޮށްދިނުމަށް ކޯޓުން ކުރާ އަމުރެއް ތަންފީޒުކުރުމަށްޓަކައި؛
- ޖިނާއީ ބޮޑު ކުށެއްގެ ހެކި ފޮރުވުމަށް ނުވަތަ ނައްތާލުމަށ މަސައްކަތްކޮށްފާނެކަމަށްޓަކައި؛
- ގާނޫނީގޮތުން ބަންދުގައި ބެހެއްޓޭނެ ހާލަތެއްގައި ބަންދުގައި ހުރި މީހަކު ފިލައިގެން ދިޔަނުދިނުމަށްޓަކައި؛
- ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރުކުރުމަށް ގާނޫނުން ކަނޑައެޅިގެން ފުލުހުންނަށް ބާރު ލިބިދޭ ހާލަތުގައި.
(ރ) މި މާއްދާގެ ދަށުން މީހަކު ހައްޔަރުކުރަންވާނީ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާއެކު، ފުލުހުންގެ އޮފިސަރެކެވެ. މި މާއްދާގެ ދަށުން ފުލުހުންގެ އޮފިސަރަކު މީހަކު ހައްޔަރުކުރާއިރު އޭނާ ހުރީ ފުލުހުންގެ ޔުނީފޯމުގައި ކަމުގައިނުވާނަމަ، އޭނާއަކީ ކާކުކަން ބަޔާންކޮށްދިނުމަށްފަހު އޭނާއަކީ ފުލުހެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް، ހައްޔަރުކުރެވޭ މީހާއަށް ދައްކަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ބ) ފުލުހުންގެ މައި މަރުކަޒު ނުވަތަ ސަރަހައްދީ މަރުކަޒެއް ގާއިމުކުރެވިފައިވާ ރަށެއް ފިޔަވައި އެހެން ރަށެއްގައި ސަބް އިންސްޕެކްޓަރ ރޭންކުން ފެށިގެން މަތީ އޮފިސަރަކު ނެތްނަމަ، މީހަކު ހައްޔަރުކުރުމަށްޓަކައި މި މާއްދާގެ (ރ) ގައި ބަޔާންކުރާ ހުއްދަ ހޯދާނީ، ފުލުހުންގެ މައި މަރުކަޒަށް ނުވަތަ އެންމެ ކައިރީގައިވާ ސަރަހައްދީ މަރުކަޒަކަށް ގުޅައި، އެތަނުގައި ހުރި ސަބް އިންސްޕެކްޓަރ ރޭންކުންފެށިގެން މަތީ އޮފިސަރެއްގެ ހުއްދަ ހޯދުމަށްފަހުގައެވެ.
(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން އަމަލުކުރާ ކޮންމެ ފަހަރަކު، ހުއްދަދޭ ފުލުހުންގެ އޮފިސަރުގެ ނަމާއި ސޮޔާއި، ހުއްދަ ދިން ތާރީހާއި ވަގުތު އެނގޭނެ ފަދައިން ލިޔުމުން ރެކޯޑުކުރަންވާނެއެވެ.
(ކ) މި މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ހައްޔަރުކުރެވޭ ފަރާތްތަކުގެ ހައްޔަރާމެދު ގޮތެއް ކަނޑައެޅުމަށް، މި ގާނޫނުގެ 58 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާކަށް ނުޖެހޭނެއެވެ.
(އ) މި މާއްދާގެ (ކ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރުގެ ބޭނުމަށް ހައްޔަރުކުރެވޭ ފަރާތެއް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް ބެހެއްޓޭނީ ގިނަވެގެން 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ މުއްދަތަކަށެވެ.
(ވ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގެ ދަށުން މީހަކު ހައްޔަރުކުރުމުގައި، އެމީހާ ހައްޔަރުކުރުމުގެ ކުރިން، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަ ހޯދުން ލާޒިމެއް ނޫނެވެ. އެހެންނަމަވެސް، އެއިން އެއްވެސް ނަންބަރެއްގައި ބަޔާންކުރާ ހާލަތުގައި ފުލުހުންގެ އޮފިސަރަކު މީހަކު ހައްޔަރުކޮށްފިނަމަ، އެކަން ކުރުމަށްފަހު، ވީ އެންމެ އަވަހަކަށް، އެ ރޭންކުގެ އޮފިސަރަކަށް އެކަން އަންގަންވާނެއެވެ. (އިތުރު ކުރެވިފައި)
41 ވަނަ މާއްދާ - ހައްޔަރުކުރުމުގެ އަމުރު
(ހ) މީހަކު ހައްޔަރުކުރުމަށްޓަކައި ކޯޓު އަމުރަކަށް އެދި ހުށަހަޅާއިރު ފުލުހުން އަންނަނިވި މައުލޫމާތު ކޯޓަށް ހުށަހަޅަންވާނެއެވެ.
- ކޯޓު އަމުރަށް އެދެނީ ކޮން ގާނޫނެއްގައި ބަޔާންކުރާ ކޮން ކުށަކާ ގުޅިގެންކަން؛
- ހައްޔަރުކުރަން ބޭނުންވާ މީހާގެ ނަމާއި އެޑްރެސް؛
- އޭނާ އެ ކުށް ކުރިކަމަށް ލިބިފައިވާ ހެކި؛ އަދި
- މައްސަލައާގުޅޭ އިތުރު ތަފްސީލު.
(ށ) މީހަކު ހައްޔަރުކުރުމަށް ނެރޭ ކޯޓު އަމުރެއްގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
- އަމުރު ނެރެވޭ ބޭނުން؛
- އަމުރުގެ ދަށުން ހައްޔަރުކުރަން ބޭނުންވާ މީހާގެ ނަމާއި އެޑްރެސް؛
- އޭނާ ހައްޔަރުކުރެވެނީ ކޮން ގާނޫނެއްގައި ބަޔާންކުރާ ކޮން ކުށެއްގެ ތުހުމަތުގައިކަން؛
- އެ އަމުރުން ބާރުދޭ ކަންކަން ކުރުމަށްޓަކައި އެކަށީގެންވާ މިންވަރަކަށް ބާރުގެ ބޭނުންކުރުމަށް ހުއްދަކުރާކަން؛
- އަމުރު ދެމިއޮންނާނެ މުއްދަތު؛
- ހުއްދަ ދޭ ފަނޑިޔާރުގެ ނަމާއި ސޮއި، އަދި ކޯޓުގެ ތައްގަނޑު.
(ނ) ހައްޔަރުކުރުމުގެ ކޯޓު އަމުރެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އެ އަމުރު ދެމިއޮންނާނީ، އެ އަމުރުގައި ބަޔާންކުރާ މީހާ ހައްޔަރުކުރެވެންދެން ނުވަތަ އެ އަމުރު ކޯޓުން ބާތިލުކުރަންދެނެވެ.
(ރ) ހައްޔަރުކުރުމުގެ އަމުރެއް ތަންފީޒުކުރާ ފުލުހަކު، އަންނަނިވި ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.
- ހައްޔަރުކުރެވޭ މީހާއަށް އޭނާގެ ތައާރުފެއް ދިނުމަށްފަހު އޭނާއަކީ ފުލުހުންގެ އޮފިސަރެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް އޭނާއަށް ދެއްކުން؛ އަދި
- ކޯޓު އަމުރުގެ ކޮޕީއެއް ހައްޔަރުކުރެވޭ މީހާއަށް ދިނުން.
42 ވަނަ މާއްދާ – ހައްޔަރުކުރާއިރު އަމަލުކުރަންވީ ގޮތް
(ހ) ފުލުހުން، ކޯޓު އަމުރެއްގެ ދަށުން ނުވަތަ ކޯޓު އަމުރަކާ ނުލައި ނަމަވެސް، މީހަކު ހައްޔަރުކުރާ ހާލަތުގައި އަންނަނިވި ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.
1. ހައްޔަރުކުރެވޭ މީހާއަށް ދޭންޖެހޭ ގާނޫނީ އިންޒާރު ދިނުން؛
2. ހައްޔަރުކުރެވޭ މީހާ ހައްޔަރަށް ދެކޮޅުނުހަދާ ކަމަށްވާނަމަ، ބާރުގެ ބޭނުންނުކުރުން؛
3. ހައްޔަރުކުރެވޭ މީހާ ހައްޔަރަށް ދެކޮޅުނުހަދާނަމަ، އޭނާ ގައިގައި ބިޑިނޭޅުވުން؛
4. ހައްޔަރުކުރެވޭ މީހާ ހައްޔަރަށް ދެކޮޅުހަދާނަމަ، އޭނާ ހިފެހެއްޓުމަށްޓަކައި ބޭނުންވާ މިންވަރަށް ބާރުގެ ބޭނުންކުރުމާއި، ބިޑިއެޅުވުން.
(ށ) މި މާއްދާގެ ދަށުން މީހަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
(ނ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މި މާއްދާގެ (ށ) ގެ ދަށުން ހަދާ ގަވާއިދުގައި، އަންނަނިވި ކަންކަން ހިމެނޭގޮތުން، މީހުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރަންވީ ގޮތުގެ އިޖުރާއަތުތައް ބަޔާންކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
- ކުޑަކުދިންނާއި މާބަނޑު މީހުންނާއި ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެނޫންވެސް ހާއްސަ ރައްކާތެރިކަން ބޭނުންވާ މީހުން ހައްޔަރުކުރުމުގައި އަމަލުކުރަންވީ އިޖުރާއަތު؛
- ބިޑި އަޅުވައި ނެއްޓުމުގައި އަމަލުކުރަންޖެހޭ ގޮތާއި، ބިޑިއަޅުވާފައި ބެހެއްޓޭނެ ގޮތާއި، ބިޑި އަޅުވާފައި ބެހެއްޓޭނެ އެންމެ ގިނަ ވަގުތު؛
- ހައްޔަރުކުރެވޭ މީހާ ހައްޔަރަށް ދެކޮޅުހަދާ ހާލަތުގައި، ބާރުގެ ބޭނުންކުރެވޭނެ މިންވަރާއި ގޮތް.
43 ވަނަ މާއްދާ – ހައްޔަރުކޮށްފައވާ ކަމުގެ މައުލޫމާތު ދިނުން
(ހ) ފުލުހުން، ކޯޓު އަމުރެއްގެ ދަށުން ނުވަތަ ކޯޓު އަމުރަކާ ނުލައި ނަމަވެސް، މީހަކު ހައްޔަރުކޮށްފި ކަމުގައިވާނަމަ، އޭނާ ހައްޔަރުކުރާކަމާއި، އޭނާ ހައްޔަރުކުރެވޭ ސަބަބު ވަގުތުން އަނގަބަހުން އަންގަންވާނެއެވެ.
(ށ) މީހަކު ހައްޔަރުކުރެވޭ ހިނދު، އެ މީހަކު ހައްޔަރުކުރެވޭކަން ފާޅުގައި، އަމަލުން ދޭހަވި ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފުލުހުން އަމަލުކުރަންވާނެއެވެ.
(ނ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ހައްޔަރުކުރެވޭ މީހާގެ ގައިގައި ބިޑިއެޅުވުން؛ (އިސްލާހު ކުރެވިފައި)
(ރ) ހައްޔަރުކުރެވޭ މީހާ ހައްޔަރަށް ދެކޮޅުހަދާ ހާލަތުގައި، އޭނާ ހައްޔަރުކުރުމަށް ކޮންމެހެން ބޭނުންވާ މިންވަރަށް ބާރުގެ ބޭނުންކުރުން. (އިސްލާހު ކުރެވިފައި)
(ބ) ހައްޔަރުކުރެވުނީ ކުޑަކުއްޖެއްނަމަ، އޭނާ ހައްޔަރުކޮށްފައިވާކަން އޭނާގެ ބެލެނިވެރިއަކަށް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން ފަރާތަކަށް ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އަދި ގިނަވެގެން 4 (ހަތަރެއް) ގަޑިއިރުގެ ތެރޭގައި އަންގަންވާނެއެވެ.
44 ވަނަ މާއްދާ - ގާނޫނީ އިންޒާރުދިނުން
(ހ) ކުށެއްގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފިކަން އޭނާއަށް އަންގާހިނދު، އޭނާއަށް ދޭންޖެހޭ ގާނޫނީ އިންޒާރު ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޭ ގާނޫނީ އިންޒާރުގައި ހިމެނިގެންވަނީ އަންނަނިވި ކަންކަން އޭނާއަށް އެންގުމެވެ.
- އޭނާ ހައްޔަރުކުރެވޭ ކަމާއި، ހައްޔަރުކުރެވެނީ ކޮން ގާނޫނެއްގައި ބަޔާންކުރާ ކޮން ކުށަކާ ގުޅިގެންކަން؛ އަދި
- އޭނާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގު އޭނާއަށް ލިބިގެންވާކަން؛ އަދި
- ސުވާލަށް ޖަވާބު ނުދިނުމަކީ އޭނާއަށް ލިބިގެންވާ ހައްގެއްކަން، އެހެންނަމަވެސް ސުވާލަށް ޖަވާބުދިނުން އެދެވިގެންވާކަން؛ އަދި
- ސުވާލަށް ދޭ ޖަވާބަކީ އޭނާއާ ދެކޮޅަށް ކޯޓެއްގައި ބޭނުންކުރެވިދާނެ އެއްޗެއްކަން؛ އަދި
- އޭނާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިގެންވާކަން؛ އަދި (އިސްލާހު ކުރެވިފައި)
- އޭނާއަކީ ގާނޫނީ ވަކީލަކު ހަމަޖެއްސޭވަރުގެ މާލީ ތަނަވަސްކަމެއް ނެތް މީހެއް ކަމުގައިވާނަމަ، އަދި އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވާނަމަ، ދައުލަތުން ގާނޫނީ ވަކީލަކު ހަމަޖައްސައިދިނުމަށް އެދުމުގެ ހައްގު އޭނާއަށް ލިބިގެންވާކަން.
(ނ) މި މާއްދާގެ ދަށުން އަންގާ ގާނޫނީ އިންޒާރެއްގެ ގާނޫނީ ހައްސިއްޔަތު ފުރިހަމަވާނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން އެފަދަ އެންގުމެއްގައި ހިމެނިގެންވާނަމައެވެ.
45 ވަނަ މާއްދާ – ހައްޔަރުކުރުމަށްފަހު އަމަލުކުރަންޖެހޭ އިޖުރާއަތުތައް
(ހ) ކޯޓު އަމުރެއްގެ ދަށުން ނުވަތަ ކޯޓު އަމުރަކާ ނުލައި ނަމަވެސް، މީހަކު ހައްޔަރުކޮށްފި ކަމުގައިވާނަމަ، ލަސްނުކޮށް، ފުލުހުންގެ މަރުކަޒަކަށް އޭނާ ގެންދަންވާނެއެވެ. އަދި އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ކޯޓުން ނިންމައިފިނަމަ، ލަސްނުކޮށް ކަސްޓޯޑިއަލް ފެސިލިޓީއަކަށް އޭނާ ގެންދަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) ހައްޔަރުކުރެވޭ މީހާ ފުލުހުންގެ މަރުކަޒަށް ގެނައުމާއެކު، އޭނާގެ މައުލޫމާތު ރެކޯޑުކުރުމަށްފަހު، އެ ވަގުތު އެ މަރުކަޒުގައި ހުރި އިސް އޮފިސަރު އޭނާގެ ހައްޔަރާމެދު ގޮތެއް ނިންމަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) މި މާއްދާގެ ދަށުން ފުލުހުންގެ މަރުކަޒަށް ގެނެވޭ މީހާ އިތުރަށް ހައްޔަރުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމުގައި އެ މަރުކަޒުގައި އެ ވަގުތު ހުރި އިސް އޮފިސަރަށް ފެނިއްޖެނަމަ، ވަގުތުން އޭނާ ހައްޔަރުން ދޫކޮށްލަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ފުލުހުންގެ މަރުކަޒަށް ގެނެވޭ މީހަކީ، އޭނާ ހައްޔަރުކުރަންޖެހޭ ކުށާ ގުޅޭގޮތުން އިތުރަށް ސުވާލުކުރަންޖެހޭ މީހެއް ކަމަށް އެ މަރުކަޒުގައި އެ ވަގުތު ހުރި އިސް އޮފިސަރަށް ފެނިއްޖެނަމަ، މި ގާނޫނުގެ 52 ވަނަ މާއްދާގައިވާ ގޮތުގެމަތިން އޭނާ ބަންދުކުރެވިދާނެއެވެ.
(ބ) ފުލުހުންގެ މަރުކަޒުތަކުގައި އެ ވަގުތު ހުރި އިސް އޮފިސަރަކީ، ފުލުހުންގެ ސަރޖަންޓް ރޭންކުން ފެށިގެން މަތީ ރޭންކެއްގެ މީހެއް ކަމުގައިވާންވާނެއެވެ.
46 ވަނަ މާއްދާ - ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރުން
(ހ) ހައްޔަރުގައި ބަހައްޓައިގެން ފުލުހުން މީހަކާ ސުވާލުކުރާ ހާލަތުގައި، އޭނާއާ ސުވާލުކުރަން ފެށުމުގެކުރިން، މި ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ ގާނޫނީ އިންޒާރުގައި ހިމެނިގެންވާ ބައިތައް އޭނާއަށް ރަނގަޅަށް ފަހުމްވެއްޖެކަން ކަށަވަރުކުރަންވާނެއެވެ. އަދި ފަހުމްނުވާނަމަ، އޭނާއަށް އެކަންކަން ފަހުމްވާނެ ގޮތަކަށް ސާފުކޮށްދޭންވާނެއެވެ.
(ށ) ހައްޔަރުގައި ބަހައްޓައިގެން ފުލުހުން މީހަކާ ސުވާލުކުރާ ހާލަތުގައި، އޭނާއާ ސުވާލުކުރަން ފެށުމުގެކުރިން، އޭނާގެ ގާނޫނީ ވަކީލަށް ނުވަތަ އޭނާގެ ތިމާގެ މީހަކަށް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން މީހަކަށް ފޯނުކުރުމުގެ ފުރުސަތު ދީ، އޭނާ ހުރިތަނެއް ބަޔާންކުރުމުގެ ފުރުސަތު ދޭންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) ފުލުހުންގެ ހައްޔަރުގައި ހުރި މީހާ ބޭނުންކަމުގައިވާނަމަ، އޭނާއާ ސުވާލުކުރެވޭ ވަގުތު އޭނާގެ ގާނޫނީ ވަކީލު އޭނާއާ އެކުގައި ހުރުމަށް އެދުމުގެ ހައްގު، އޭނާއަށް ލިބިގެންވެއެވެ. އަދި، އޭނާ އެކަމަށް އެދެފިނަމަ، ފުލުހުން އޭނާއަށް އެ ފުރުސަތުދޭންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތްނަމަވެސް، ހައްޔަރުކުރެވޭއިރު ފުލުހުން ދޭ ގާނޫނީ އިންޒާރު ދިނުމަށްފަހުގައި، އަދި އެ އިންޒާރުގައި ހިމެނޭ ކަންކަން އޭނާއަށް ފަހުމްވެއްޖެކަން ކަށަވަރުކުރުމަށްފަހުގައިވެސް ގާނޫނީ ވަކީލެއްގެ ފުރުސަތު ބޭނުންނުވާ ކަމަށް ބުނެ، އެ ފުރުސަތު ދޫކޮށްލައިފި މީހަކާ ފުލުހުންނަށް ސުވާލުކުރެވިދާނެއެވެ.
(ބ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މި މާއްދާގެ (ނ) ގެ ދަށުން ގާނޫނީ ވަކީލަކު ހަމަޖައްސަން ދޭ ފުރުސަތުގައި، 48 (ސާޅީސް އަށެއް) ގަޑިއިރު ފާއިތުވާއިރުވެސް އެކަށީގެންވާ ސަބަބަކާ ނުލައި ގާނޫނީ ވަކީލު ހާޒިރުވެފައިނުވާނަމަ، ފުލުހުންނަށް އޭނާއާ ސުވާލުކުރުމައިގެން ކުރިއަށްދެވިދާނެއެވެ. (އިސްލާހު ކުރެވިފައި)
(ޅ) މި މާއްދާގެ (ބ) ގައި އެހެން އޮތްނަމަވެސް، ހައްޔަރުގައި ހުރި މީހާއަށް ގާނޫނީ ވަކީލަކު ހަމަޖައްސަން ދެވޭ ފުރުސަތުގައި، އޭނާ ގާނޫނީ ވަކީލަކު އައްޔަންކުރުމަށްފަހުގައިވެސް އޭނާގެ ވަކީލު ހާޒިރުނުވެއްޖެނަމަ، އަދި ވަކީލު ހާޒިރުވެފައިނުވަނީ، ހައްޔަރުކުރެވިފައިވާ ފަރާތަށް އެންގުމަކާ ނުލައި ކަމުގައިވާނަމަ، އެހެން ގާނޫނީ ވަކީލަކު އައްޔަންކުރުމަށް، 12 (ބާރަ) ގަޑިއިރުގެ އިތުރު ފުރުސަތެއް، އޭނާއަށް ދޭންވާނެއެވެ. އަދި އެ 12 (ބާރަ) ގަޑިއިރު ފާއިތުވާއިރުވެސް، އެކަށީގެންވާ ސަބަބަކާ ނުލައި ގާނޫނީ ވަކީލު ހާޒިރުވެފައިނުވާނަމަ، ފުލުހުންނަށް އޭނާއާ ސުވާލުކުރުމައިގެން ކުރިއަށްދެވިދާނެއެވެ. (އިސްލާހު ކުރެވިފައި)
(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކުރާ ހާލަތުގައި ކުށުގެ ތުހުމަތުގައިވާ މީހާގެ ގާނޫނީ ވަކީލުގެ ޣައިރު ހާޒިރުގައި އޭނާއާ ސުވާލުކުރުމައިގެން ކުރިއަށްދިޔަ ނަމަވެސް، އޭގެ ފަހުން އޭނާގެ ވަކީލު ހާޒިރުވެއްޖެނަމަ، ވަކީލު ހާޒިރުވާ ހިސާބުން ފެށިގެން އޭނާއާ ސުވާލުކުރަންވާނީ ވަކީލުގެ ހާޒިރުގައެވެ.
(އ) މި މައްދާގެ (ރ) ގައި ބަޔާންކުރާ ހާލަތުގައި ކުށުގެ ތުހުމަތުގައިވާ މީހާއާ ސުވާލުކުރަމުންދަނިކޮށް، އޭނާ ގާނޫނީ ވަކީލެއްގެ ފުރުސަތު ބޭނުންވާކަމަށް ބުނެފިނަމަ، އޭނާއާ ސުވާލުކުރުން ވަގުތުން ހުއްޓާލަންވާނެއެވެ. އަދި ވަކީލަކު އައްޔަންކުރުމުގެ ފުރުސަތު، މި މާއްދާގެ (ނ)، (ބ) އަދި (ޅ) ގައިވާ ގޮތުގެމަތިން އޭނާއަށް ދޭންވާނެއެވެ.
(ވ) ފުލުހުން ސުވާލުކުރާ މީހާ އާންމުކޮށް ވާހަކަދައްކާ އުޅޭ ބަހުން ނުވަތަ އޭނާއަށް އެނގޭ އެނޫންވެސް ބަހަކުން ފުލުހުންނަށް އޭނާއާ ސުވާލުކުރަން ނޭނގޭނަމަ، ފުލުހުން ކުރާ ސުވާލުތައް އޭނާއަށް ތަރުޖަމާކޮށްދެވޭނެ މީހަކު ހޯދައި، އެ ތަރުޖަމާނުގެ ހިދުމަތް ފުލުހުން ބޭނުންކުރަންވާނެއެވެ. އަދި، އޭނާ ވާހަކަދައްކަނީ އިށާރާތުން ކަމުގައިވާނަމަ، އެކަން އޭނާއަށް ކޮށްދިނުން އެކަށީގެންވާ މީހަކު އޭނާއާ އެއް ހާޒިރުގައި ބަހައްޓައި، އެފަދަ މީހެއްގެ ބޭނުން ފުލުހުން ހިފަންވާނެއެވެ.
(މ) ކުށުގެ ތުހުމަތުގައިވަނީ ކުޑަކުއްޖެއް ކަމުގައިވާނަމަ، އެ ކުއްޖަކާ ސުވާލުކުރަންވާނީ، އެ ކުއްޖެއްގެ ބެލެނިވެރިއެއް، ނުވަތަ ބެލެނިވެރިއަކަށް ހާޒިރުވެވެން ނެތް ހާލަތެއްގައި، އެ ކުއްޖެއްގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެއެހެން ފަރާތެއްގެ ހާޒިރުގައެވެ.
(ފ) ކުށުގެ ތުހުމަތުގައިވާ މީހަކާ ފުލުހުން ސުވާލުކުރަން ފެށުމުގެ ކުރިން ދޭ ގާނޫނީ އިންޒާރާއި އެއަށް އޭނާ ދޭ ޖަވާބާއި، ފުލުހުން ކުރާ ސުވާލާއި، އެ ސުވާލުތަކަށް އޭނާ ދޭ ޖަވާބަކީ، އޯޑިއޯ ނުވަތަ ވީޑިއޯ ރެކޯޑުކުރެވެންވާނެ ސުވާލާއި ޖަވާބެވެ. އަދި އޯޑިއޯ ނުވަތަ ވީޑިއޯ ރެކޯޑު ނުކުރެވޭގޮތަށް މީހަކާ ސުވާލުކޮށްގެން ނުވާނެއެވެ.
(ދ) ތަހްގީގުގައި އޯޑިއޯ ނުވަތަ ވީޑިއޯ ރެކޯޑުކުރެވޭ އެއްޗެއްސަކީ އެ މީހަކު ތަހްގީގުގައި އެގޮތަށް ދައްކާފައިވާ ވާހަކަ ކަމަށް ސާބިތުކޮށްދިނުމަށްޓަކައި ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅޭނެ އަދި ކޯޓުން ބަލައިގަންނާނެ ހެއްކެވެ.
47 ވަނަ މާއްދާ - ހަނުހުރުމުގެ ހައްގު
(ހ) ޖިނާއީ ކުށެއްގެ ތުހުމަތުގައި ސުވާލުކުރެވޭ މީހާއަށް، ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގުގެ ބޭނުން ހިފުމަށް ކޮންމެ ވަގުތެއްގައިވެސް އިހްތިޔާރުކުރެވިދާނެއެވެ. އަދި އެ ހައްގުގެ ބޭނުންހިފާނަމަ، އެ ހައްގު އޭނާ އިހްތިޔާރުކޮށްފިކަން ފާޅުގައި ބުނަންވާނެއެވެ. އަދި އެކަން، ލިޔުމުން ރެކޯޑުކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) ކުށުގެ ތުހުމަތުކުރެވޭ މީހާ ހަނުހުރުމުގެ ހައްގު އިހްތިޔާރުކޮށްފިކަމަށް މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބުނެފި ހިނދެއްގައި، އޭނާއާމެދު ކުރެވިފައިވާ ތުހުމަތާގުޅޭގޮތުން އޭނާއާ ދެން އިތުރަށް އެއްވެސް ސުވާލެއް ކޮށްގެން ނުވާނެއެވެ. އަދި، އޭނާ އެ ހައްގު އިހްތިޔާރުކުރީ، ސުވާލުކުރެވެމުން ދަނިކޮށް ކަމުގައިވާނަމަ، އޭނާއާ ސުވާލުކުރަމުން ދިޔަދިއުން އެހިނދުން ފެށިގެން ހުއްޓާލަންވާނެއެވެ.
(ނ) ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމަކީ އެމީހަކަށް ލިބިގެންވާ ހައްގެއްކަން އެމީހަކަށް އަންގައި، އެ ހައްގު ލިބިގަތުމުގެ ފުރުސަތު އެމީހަކަށް ދޭންވާނެއެވެ. އަދި އެފަދައިން އޭނާއަށް އެންގުމަށްފަހު އޭނާ ދައްކާ ކޮންމެ ވާހަކައެއްވެސް އޭނާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް އޭނާއަށް އަންގަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ރ) ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ށަރީއަތަށް ހުށަހަޅާފާނެ މައުލޫމާތަކީ، ކުށުގެ ތުހުމަތުގައިވާ މީހާއާ ދެކޮޅަށް ކުށެއް ސާބިތުކުރުމަށް ބޭނުންކުރެވިދާނެ މައުލޫމާތެއް ކަމުގައިވާނަމަ، އެ މައުލޫމާތެއް އެ އިދާރާއަށް ނުދީ، އެ ހާލަތުގައި، ހަނުހުރުމުގެ ހައްގު، އޭނާއަށް ލިބިދެއެވެ. (އިސްލާހު ކުރެވިފައި)
(ބ) މި މާއްދާގެ (ރ) ގައި އެހެންއޮތްނަމަވެސް، އޭނާގެ ފަރާތުން ދެވޭ މައުލޫމާތަކީ އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ މައުލޫމާތެއް ކަމުގައިނުވާނަމަ، އެ މައުލޫމާތެއް ގާނޫނު ތަންފީޒުކުރާ އިދާރާއަށް ހާމަކުރަންވާނެއެވެ. އެ ހާލަތުގައި ހަނުހުރުމުގެ ހައްގުގެ ބޭނުމެއް ނުކުރެވޭނެއެވެ.
(ޅ) ގައުމީ ސަލާމަތާ ގުޅޭގޮތުން ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ނުވަތަ ކަމާބެހޭ އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ ޖިނާއީ ކުށްތަކާއި، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 110 ވަނަ މާއްދާއާއި 610 ވަނަ މާއްދާއާއި 611 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަމުގެ ތުހުމަތުކުރެވޭ މީހަކާ ސުވާލުކުރެވޭ ހިނދު، އޭނާ ހަނުހުރުން އެއީ އޭގެ ޒާތުގައި އޭނާ އެ ކުށެއް ކުރީ ކަމުގައި ގަބޫލުކުރެވޭނެ ސަބަބެއް ކަމުގައިނުވިނަމަވެސް، އެ މައްސަލައިގައި ހޯދިފައިވާ ހެކި ހުރީ އެ ކުށުގެ އަމަލާ އޭނާއާ ގުޅުންހުރި ކަމަށް ބެލުމަށް ބުރަވެވޭ ގޮތަށް ކަމުގައިވާނަމަ، ޖަވާބުދާރީވުމަށް އޭނާއަށް ލިބިދޭ ފުރުސަތުގައި އެކަން އެހެންގޮތަކަށް ސާބިތުކޮށްދިނުމަށް މަސައްކަތްކުރުމަކާ ނުލައި އޭނާ ހަނުހުރެއްޖެނަމަ، އޭނާ ހަނުހުންނަ ހުރުމަކީ އެ ކުށަކާ އޭނާއާ ގުޅުންހުރި ކަމަށް ބެލުމަށް ބުރަވެވޭ ސަބަބެއް ކަމުގައި ފަނޑިޔާރަށް ބެލިދާނެއެވެ. (އިތުރު ކުރެވިފައި)
48 ވަނަ މާއްދާ – އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ހައްގު
(ހ) ކުށެއްގެ ތުހުމަތުގައިވާ ކޮންމެ މީހަކަށްމެ، އެ މީހެއްގެ އަމިއްލަ ނަފްސާ ދެކޮޅަށްބަޔާނެއް ނުދިނުމުގެ ހައްގު ލިބިގެންވެއެވެ.
(ށ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މާއްދީ ހެއްކެއްގެ ގޮތުގައި ށަރީއަތަށް ހުށަހަޅަންޖެހޭ އެއްޗެއް ހުށަހެޅެން އޮތް ހަމައެކަނި ގޮތަކީ، އެ އެއްޗެއް، ކުށުގެ ތުހުމަތުކުރެވޭ މީހާއާ ގުޅުވުމަށްޓަކައި، އޭނާގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިށާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ހޯދުން ކަމުގައިވެފައި، އެ އެއްޗެއް އޭނާގެ އަތުން ހޯދަން އެދޭ ހާލަތުގައި، އެއިން ސާމްޕަލެއް ނުދިނުމަކީ، އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ މާނައިގައި ހިމެނިގެންވާ ކަމެކެވެ.
(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހެއްގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިށާނެއް ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ނެގުމަށް އޭނާ އިންކާރުކޮށްފިނަމަ، މި ގާނޫނުގައި ހުއްދަކޮށްފައިވާ ގޮތުގެމަތިން ކޯޓު އަމުރެއްގެ ދަށުން އެ އެއްޗެހި ހޯދައި، އޭނާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުންކުރުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ. (އިތުރު ކުރެވިފައި)
(ރ) މި މާއްދާގެ (ނ) ގައި ބަޔާންވެގެންވާ ކޯޓު އަމުރު ތަންފީޒުކުރުމަށް އެއްބާރުލުން ނުދޭ ހާލަތްތަކުގައި، އެ އަމުރު ތަންފީޒުކުރުމަށް ބޭނުންވާ އެންމެ ކުޑަ މިންވަރުގެ ބާރު ބޭނުންކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ހާލަތުގައި، އެ އަކުރުގައި ބަޔާންވެގެންވާ ސާމްޕަލެއް ދިނުމަށް މި ގާނޫނުގައި ބަޔާންވެގެންވާ ހާލަތްތަކުގައި އަދި މި ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން މެނުވީ ކުށުގެ ތުހުމަތުގައިވާ މީހާއަށް ލާޒިމުކުރުވުމަކީ އޭނާގެ ބަޔާން މަޖުބޫރުން ހޯދުންކަމުގައި ގާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ބޭނުމަށްޓަކައި ބެލޭނެއެވެ. އަދި އެފަދައިން ހޯދާ ބަޔާން، ށަރީއަތުގެ މަޖިލީހުގައި ހެއްކެއްގެ ގޮތުގައި ބަލައެއް ނުގަނެވޭނެއެވެ. އަދި، އެފަދަ ބަޔާނެއް ށަރީއަތުގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތެއްވެސް ނޯންނާނެއެވެ.
49 ވަނަ މާއްދާ – ހަނުހުރުމާއި އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ދިނުން ކަމުގައިނުވާ ކަންކަން
(ހ) ޖިނާއީ ކުށެއްގެ ތުހުމަތުގައި ހިންގާ ތަހްގީގެއްގައި ނުވަތަ ޖިނާއީ ކުށެއްގެ ށަރީއަތުގައި، ވަކި ސުވާލެއްގެ ޖަވާބުދިނުމަކީ އޭގެ ސަބަބުން ޖިނާއީ ދައުވާއެއް އުފުލުމަށް ނުވަތަ ޖިނާއީ ކުށެއް ސާބިތުކުރުމަށް މަގުފަހިކުރާ ކަމަކަށް ނުވާ ހާލަތުގައި، އެހެންނަމަވެސް އެ ސުވާލުގެ ޖަވާބުދިނުމަކީ، އޭނާ ލަދުގަންނަންޖެހިދާނެ، ނުވަތަ އޭނާއަށް ދިރިއުޅުމުގައި ދަތިތަކެއް ކުރިމަތިވެދާނެ، ނުވަތަ އޭނާއާމެދު މީހުން ދެކޭގޮތަށް ބަދަލެއް އަތުވެދާނެ ކަމެއްކަމުގައިވީނަމަވެސް، އެ ސުވާލުގެ ޖަވާބުދިނުން އޭނާގެ މައްޗަށް ލާޒިމުވެގެންވެއެވެ. އަދި، އެ ސުވާލަށް ޖަވާބުނުދިނުން އެއީ، ހަނުހުރުމުގެ ހައްގުގެ ތެރޭގައި ހިމެނިގެންވާ ކަމެއް ނޫނެވެ.
(ށ) މީހަކު ކުރިކަމަށް ކުރިން ސާބިތުވެފައިވާ ކުށެއްގެ މައުލޫމާތު ހޯދުމަށް އޭނާއާ ސުވާލުކުރެވޭހިނދު، އެ ސުވާލުގެ ޖަވާބުދިނުމުގައި ހަނުހުރުމުގެ ހައްގުގެ ބޭނުމެއް ނުކުރެވޭނެއެވެ. އެއީ، އެ ކުށް އޭނާގެ މައްޗަށް ސާބިތުވެ ނިމިފައިވާކަމަށްޓަކައި، އެ ކުށަށް ދެވަނަ ފަހަރަށް އަދަބެއް ދިނުން ގާނޫނުއަސާސީގެ 60 ވަނަ މާއްދާއިން މަނާކުރާތީއެވެ.
(ނ) މި ގާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތް ފިޔަވައި އެނޫން ހާލަތެއްގައި ކުށުގެ ތުހުމަތުގައިވާ މީހާގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިށާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ދޭންޖެހުމަކީ، އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ހައްގުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.
(ރ) ހަނުހުރުމުގެ ހައްގުގެ ދާއިރާގެ ތެރޭގައި، ނުވަތަ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ހައްގުގެ ތެރޭގައި، މި ގާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގެ ދާއިރާއިން ބޭރުގައި، ވަކި އެއްޗެއް އޮތްތަނެއް ނުވަތަ ވަކި ތަނެއް ހުޅުވޭނެގޮތް ނުވަތަ ތަޅުދަނޑިއެއް ނުވަތަ ޕާސްވާރޑެއް ނުވަތަ ތަޅެއް ހުޅުވޭނެ ނަންބަރުތަކެއް ނުވަތަ ވަކި އެކައުންޓެއް އެއީ ކޮން އެކައުންޓެއްކަން ބުނެދޭން ޖެހުމެއް ނުހިމެނެއެވެ.
(ބ) ވަކި އެއްޗެއް އެއީ ކާކުގެ އެއްޗެއްކަން ދެނެގަތުމުގެ ބޭނުމުގައި އެކަނި، އަދި ހެއްކެއްގެ ގޮތުގައި ހުށަހެޅުމަށް ނުވާގޮތުން، މީހެއްގެ އިނގިލީގެ ނިށާނެއް ނުވަތަ އަޑުގެ ރެކޯޑިންގއެއް ނުވަތަ އިސްތަށީގެ ނުވަތަ ޑީ.އެން.އޭ ސާމްޕަލެއް ނުވަތަ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ ސޮއި ސާމްޕަލެއް ނުވަތަ ފޮޓޯއެއް ނުވަތަ އެކްސްރޭއެއް ނުވަތަ މިނެއް ދިނުމަށް އެންގުމުން އެކަން ކުރަން ޖެހުމަކީ، ހަނުހުރުމުގެ ހައްގުގެ ދާއިރާގެ ތެރޭގައި، ނުވަތަ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާންނުދިނުމުގެ ހައްގުގެ ތެރޭގައި، ހިމެނޭ ކަމެއް ނޫނެވެ.
50 ވަނަ މާއްދާ – ހައްޔަރުކުރުމަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން
(ހ) ހައްޔަރުކުރުމަށް ނުވާގޮތުން، ކުށެއްގެ ތުހުމަތުގައި މީހަކާ ސުވާލުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންދެވިދާނެއެވެ. އަދި އެފަދައިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މީހުންނަށް މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގާނޫނީ އިންޒާރު ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޭ ގާނޫނީ އިންޒާރުގައި ހިމެނިގެންވަނީ އަންނަނިވި ކަންކަން އޭނާއަށް އެންގުމެވެ.
- އޭނާ ހައްޔަރުކުރުމަށް ނުވާގޮތުން، ކުށެއްގެ ތުހުމަތުގައި ސުވާލުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިއްޖެކަން؛ އަދި
- އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓޭނީ ގިނަވެގެން 4 (ހަތަރެއް) ގަޑިއިރުކަން؛ އަދި
- އޭނާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގު އޭނާއަށް ލިބިގެންވާކަން؛ އަދި
- އޭނާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގެންވާކަން.
- އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނީ ކޮން ގާނޫނެއްގައި ބަޔާންކުރާ ކޮން ކުށަކާ ގުޅިގެންކަން. (އިތުރު ކުރެވިފައި)
(ނ) މި މާއްދާގެ ދަށުން އަންގާ ގާނޫނީ އިންޒާރެއްގެ ގާނޫނީ ހައްސިއްޔަތު ފުރިހަމަވާނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން އެފަދަ އެންގުމެއްގައި ހިމެނިގެންވާނަމައެވެ.
(ރ) މި މާއްދާގެ 0ހ) ގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓޭނީ ގިނަވެގެން 4 (ހަތަރެއް) ގަޑިއިރުގެ މުއްދަތަށެވެ.
(ބ) ހައްޔަރުކުރުމަށް ނުވާގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހަކަށް، އޭނާއާ ސުވާލުކުރެވޭ ސަބަބު ސާފުކޮށްދޭންވާނެއެވެ.
(ޅ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ވަގުތުގެ ތެރެއިން ގިނަވެގެން 2 (ދޭއް) ގަޑިއިރަށްވުރެ އިތުރުނުވާގޮތަށް އެ މީހަކާ ފުލުހުންނަށް ސުވާލުކުރެވިދާނެއެވެ. އެހެންނަމަވެސް، ސުވާލުކުރާ ވަގުތު، އެއްވެސް ސަބަބަކާ ހެދި 2 (ދޭއް) ގަޑިއިރަށްވުރެ އިތުރުވެގެންނުވާނެއެވެ.
(ކ) ހައްޔަރުކުރުމަށް ނުވާގޮތުން، ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ފުލުހުން މީހަކާ ސުވާލުކުރާ ހާލަތުގައި، އޭނާއާ ސުވާލުކުރަން ފެށުމުގެ ކުރިން، އޭނާގެ ގާނޫނީ ވަކީލަށް ނުވަތަ އޭނާގެ ތިމާގެ މީހަކަށް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެނޫންވެސް ފަރާތަކަށް ގުޅުމުގެ ފުރުސަތު ދޭންވާނެއެވެ. އަދި އޭނާ ހުރިތަނެއް ބަޔާންކުރުމުގެ ފުރުސަތު ދޭންވާނެއެވެ. (އިސްލާހު ކުރެވިފައި)
(އ) ހައްޔަރުކުރުމަށް ނުވާގޮތުން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހާ ބޭނުންކަމުގައިވާނަމަ، އޭނާއާ ސުވާލުކުރެވޭ ވަގުތު އޭނާގެ ގާނޫނީ ވަކީލު އޭނާއާ އެކުގައި ހުރުމަށް އެދުމުގެ ހައްގު އޭނާއަށް ލިބިގެންވެއެވެ. އަދި، އޭނާ އެކަމަށް އެދެފިނަމަ، އެކަން އެގޮތަށް ކޮށްދިނުން ފުލުހުންގެ މައްޗަށް ލާޒިމުވެގެންވެއެވެ.
(ވ) ހައްޔަރުކުރުމަށް ނުވާގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މީހަކު ހައްޔަރުކުރަން އެކަށީގެންވާ ސަބަބެއްނުވާނަމަ، އޭނާއާ ސުވާލުކޮށް ނިމުމުން، އޭނާ އިތުރަށް ހިފަހައްޓައިގެންނުވާނެއެވެ. އަދި ސުވާލުކޮށް ނުނިމުނު ނަމަވެސް، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުތާ 4 (ހަތަރެއް) ގަޑިއިރު ހަމަވުމުން، އޭނާ އިތުރަށް ހިފަހައްޓައިގެންނުވާނެއެވެ.
51 ވަނަ މާއްދާ – ގާނޫނީ ވަކީލެއްގެ އެހީ ލިބިގަތުން
(ހ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު، ނުވަތަ ހައްޔަރުކުރުމަށް ނުވާ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހަކު ގާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް އެދެފިނަމަ، އޭނާގެ ވަކީލުގެ ހާޒިރުގައި މެނުވީ އޭނާއާ ފުލުހުން ސުވާލުކޮށްގެން ނުވާނެއެވެ.
(ށ) ކުށުގެ ތުހުމަތުގައިވާ މީހާ ހައްޔަރުކުރެވޭއިރު ފުލުހުން އޭނާއަށް ދޭ ގާނޫނީ އިންޒާރު ދިނުމަށްފަހުގައި އަދި އެ އިންޒާރުގައި ހިމެނޭ ކަންކަން އޭނާއަށް ފުލުހުން ސާފުކޮށްދިނުމަށްފަހުގައި، ގާނޫނީ ވަކީލަކު އައްޔަންކުރުމަށް އޭނާ ބޭނުންނުވާކަމަށް ބުނެ، އެ ފުރުސަތު ދޫކޮށްލައިފިނަމަ، މި ގާނޫނުގެ 46 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފުލުހުންނަށް އޭނާއާ ސުވާލުކުރެވިދާނެއެވެ. އެހެންނަމަވެސް، އޭގެ ފަހުން އެއްވެސް އިރެއްގައި އޭނާ ގާނޫނީ ވަކީލެއްގެ ފުރުސަތު ބޭނުންވާކަމަށް ބުނެފިނަމަ، ގާނޫނީ ވަކީލެއް އައްޔަންކުރުމުގެ ފުރުސަތު، މި ގާނޫނުގެ 46 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފުލުހުން އޭނާއަށް ދޭންވާނެއެވެ.
(ނ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު، އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުކުރުމުގެ ފުރުސަތަކަށް އެދިއްޖެނަމަ، ފުލުހުން އެ މީހަކަށް އެ ފުރުސަތު ދޭންވާނެއެވެ. އެގޮތުން، އެއް ފުރުސަތަށްވުރެ ގިނަ ފުރުސަތަށް އެދިއްޖެނަމަ، އެ ފުރުސަތުތައްވެސް އޭނާއަށް ދޭންވާނެއެވެ.
(ރ) ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު، ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީ ހަމަޖައްސައިދިނުމަށް އެދެފިނަމަ، ދައުލަތުން ވަކީލަކު ހަމަޖައްސައިދެވޭ ހާލަތްތައް އެ މީހަކަށް ފުލުހުން ސާފުކޮށްދޭންވާނެއެވެ. އަދި ހައްޔަރުކުރެވޭ މީހާއާމެދު ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވާނަމަ، އަދި އޭނާއަކީ ގާނޫނީ ވަކީލެއް ހޯދޭފަދަ މާލީ ތަނަވަސްކަމެއް ނެތް މީހެއްނަމަ، ކަނޑައެޅިފައިވާ އުސޫލުން އޭނާއަށް ދައުލަތުން ގާނޫނީ ވަކީލަކު ހަމަޖައްސައިދޭންވާނެއެވެ.
(ބ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަން ނެތް މީހުންނަކީ ކޮބައިކަން ކަނޑައަޅައި، އެފަދަ މީހުންނަށް ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ. އެ ގަވާއިދުގައި، ޖިނާއީ ބޮޑު ކުށަކާ ގުޅިގެން ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބޭ މީހުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީއަށް އެދޭ މީހުންނަށް ދައުލަތުން އެ އެހީ ފޯރުކޮށްދޭނެ އުސޫލުތައް ބަޔާންކުރަންވާނެއެވެ.
(ޅ) ކުށުގެ ތުހުމަތުގައިވާ މީހަކާއި އޭނާގެ ގާނޫނީ ވަކީލާ ދެމެދު ކުރެވޭ މުއާމަލާތްތަކަކީ ގާނޫނީ ހިމާޔަތް ލިބިގެންވާ މުއާމަލާތްތަކެކެވެ.
(ކ) މި މާއްދާގެ (ބ) ގެ ދަށުން ދައުލަތުގެ ފަރާތުން ދިފާއީ ވަކީލުން އައްޔަންކޮށްދޭ ހާލަތުގައި ފިޔަވައި، މައްސަލައެއްގައި ސުވާލުކުރެވޭ ފަރާތެއްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އައްޔަންކުރެވިފައިވާ ފަރާތެއް، ހަމަ އެ މައްސަލައިގައި ސުވާލުކުރެވޭ އެހެން ފަރާތެއްގެ ވަކީލެއްގެ ގޮތުގައި އައްޔަނެއްނުކުރެވޭނެއެވެ. ހަމަ އެފަދައިން، މައްސަލައެއްގައި ސުވާލުކުރެވޭ އެއް ފަރާތުގެ ވަކީލަކަށް އައްޔަންވުމަށްފަހު، އޭނާގެ ވަކީލުކަމުން ތަނާޒުލުވެ، ހަމަ އެ މައްސަލައިގައި ސުވާލުކުރެވޭ އެހެން ފަރާތެއްގެ ވަކީލެއްގެ ގޮތުގައިވެސް އައްޔަނެއްނުވެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(އ) މި މާއްދާގެ (ނ) އާއި (ކ) ގެ ބޭނުމަށްޓަކައި، އަންނަނިވި ކަންކަމާ ގުޅޭގޮތުން ފުލުހުން އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
- ކުށުގެ ތުހުމަތުގައިވާ މީހާގެ ވަކީލުންގެ ގޮތުގައި ހާޒިރުވެވޭނެ މީހުންގެ އަދަދު ކަނޑައެޅުން؛
- ކުށުގެ ތުހުމަތުގައިވާ މީހާއާއި އޭނާގެ ވަކީލާ އެކަހެރިކޮށް ބައްދަލުކުރެވޭނެ ވަގުތުތައް ކަނޑައެޅުން.
(ވ) މި މާއްދާގެ (އ) ގެ ދަށުން ކަނޑައަޅާ އުސޫލުތައް ކަނޑައަޅަންވާނީ، ކުށުގެ ތުހުމަތުގައިވާ މީހާއަށް ގާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް ލިބިދޭ ހައްގުގެ ބޭނުން އޭނާއަށް ހިފޭނެ ގޮތުގެމަތިންނެވެ. އަދި އެއްވެސް ހާލެއްގައި، އެފަދަ އުސޫލުތައް ކަނޑައެޅުމުގައި، އެ ހައްގުގެ ބޭނުން ހެޔޮގޮތުގައި ނުހިފޭ މިންވަރަށް ކަންކަން ހަނިކޮށްގެންނުވާނެއެވެ. (އިތުރު ކުރެވިފައި)
52 ވަނަ މާއްދާ – ބަންދުކުރުން
(ހ) އެހެން ގާނޫނެއްގައި ކަނޑައެޅިގެން އިސްތިސްނާކޮށްފައިވާ ހާލަތެއްގައި މެނުވީ، ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން ބަންދުކޮށްފައި ބައިތިއްބަންވާނީ، ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގައި ކަނޑައަޅާފައިވާފަދަ ކަސްޓޯޑިއަލް ޖަލެއްގައެވެ.
(ށ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހާ ހައްޔަރުކުރެވޭއިރު ފުލުހުން ދޭ ގާނޫނީ އިންޒާރުގައި ބަޔާންކޮށްފައިވާ ހައްގުތައް، އޭނާ ބަންދުގައި ހުންނަ މުއްދަތުގައިވެސް ލިބިދެވޭނެއެވެ.
53 ވަނަ މާއްދާ - ބަންދުގައި ހުންނަ މީހާ ބަލައި ފާސްކުރުން (އިތުރު ކުރެވިފައި)
(ހ) ފުލުހުން ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައި ހުންނަ މީހަކު ބަލައި ފާސްކުރުމުގެ ބާރު، މި ބާބުގައިވާ ގޮތުގެމަތިން ފުލުހުންނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މީހަކު ބަލައި ފާސްކުރުމުގައި، އަންނަނިވި ފަދައިން އޭނާ ބަލައި ފާސްކުރެވިދާނެއެވެ.
- އޭނާ ލައިގެން ހުރި އަންނައުނުގެ ބޭރުން ބަލައި ފާސްކުރުން؛
- ފުލުހުންގެ ކަސްޓޯޑިއަލް ފެސިލިޓީއެއްގައި ބަންދުކޮށްފައި ހުރި މީހެއްގެ ސްޓްރިޕް ސަރޗެއް ހެދުން.
(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި ސްޓްރިޕް ސަރޗް ކަމަށް ބުނެފައި އެވަނީ، މީހަކު ލައިގެން ހުންނަ އަންނައުނު ހިއްލައިގެން ނުވަތަ ބާލުވައިގެން، އޭނާގެ ހަށިގަނޑު ބަލައި ފާސްކުރުމަށެވެ.
(ރ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދަ ސްޓްރިޕް ސަރޗެއް ހަދަންވާނީ، ހަތިޔާރެއް ނުވަތަ ގާނޫނާ ހިލާފު މުދަލެއް ނުވަތަ އެއްޗެއް، އޭނާގެ ހަށިގަނޑުގައި ފޮރުވާފައިވާ ކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ސަބަބެއް އޮވެގެންނެވެ.
(ބ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ސްޓްރިޕް ސަރޗެއް ހެދުމަށް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކަށްވުރެ މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަ ހޯދުމަށްފަހު، ވީ އެންމެ އަވަހަކަށް އެކަން ލިޔުމުން ރެކޯޑުކުރަންވާނެއެވެ.
(ޅ) މި މާއްދާގެ ދަށުން ބަލައި ފާސްކުރުމުގައި، ބަލައި ފާސްކުރެވޭ މީހާގެ ގައިގައި އަތްލާންވާނީ، އަދި، އޭނާ ބަލައި ފާސްކުރެވޭހިނދު އެތާނގައި ތިބެންވާނީ، ބަލައި ފާސްކުރެވޭ މީހާއާ އެއް ޖިންސެއްގެ މީހުން އެކަންޏެވެ.
(ކ) މި މާއްދާގެ (ޅ) ގައިވާ ގޮތުގެމަތިން މީހަކު ބަލައި ފާސްކުރުމަށްޓަކައި ކުށުގެ ތުހުމަތުގައިވާ މީހާއާ އެއް ޖިންސުގެ އޮފިސަރަކު އެތަނުގައި ނެތްނަމަ، ކުށުގެ ތުހުމަތުގައިވާ މީހާ ބަލައި ފާސްކުރަންވާނީ އޭނާއާ އެއް ޖިންސުގެ އޮފިސަރަކު އެތަނަށް ހާޒިރުކުރުވައިގެން، އެ އޮފިސަރަކު މެދުވެރިކޮށެވެ. އެ ހާލަތުގައި މީހަކު ބަލައި ފާސްކުރެވޭއިރުވެސް އެތާނގައި ތިބެންވާނީ، ބަލައި ފާސްކުރެވޭ މީހާއާ އެއް ޖިންސެއްގެ މީހުން އެކަންޏެވެ.
(އ) މި މާއްދާގެ ދަށުން މީހެއްގެ ސްޓްރިޕް ސަރޗެއް ހަދާނަމަ، ހާމަ ތަނެއްގައި، ނުވަތަ ގިނަ ބައެއްގެ ކުރިމަތީގައި އެކަން ކޮށްގެންނުވާނެއެވެ. ސްޓްރިޕް ސަރޗެއް ހަދާއިރު، އެތާނގައި ތިބެންވާނީ، ބަލައި ފާސްކުރެވޭ މީހާއާ އެއް ޖިންސުގެ އޮފިސަރުންގެ ތެރެއިން ބަލައި ފާސްކުރުމަށް ބޭނުންވާ އެންމެ މަދު މިންވަރެއްގެ އޮފިސަރުންނެވެ. އަދި ބަލައި ފާސްކުރެވޭ މީހާ އަމިއްލައަށް އެކަންކުރަން ދެކޮޅުހަދާ ހާލަތުގައި މެނުވީ އޭނާގެ ގައިގައި އެއްވެސް މީހަކު އަތްލައިގެންނުވާނެއެވެ. އަދި އެފަދައިން މީހެއްގެ ގައިގައި އަތްލަންޖެހިއްޖެ ހާލަތެއްގައިވެސް އެކަން ކުރަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ހާލަތްތަކުގައި، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
(ވ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ސްޓްރިޕް ސަރޗެއް ހެދުމުގައި، އެއްވެސް ޖިންސީ ގުނަވަނެއްގެ އިންވޭސިވް ސަރޗެއް ހަދަންޖެހިއްޖެނަމަ، އެކަން ކުރަންވާނީ، މި ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކޯޓު އަމުރަކާ އެކުގައެވެ. އެފަދަ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމުގައި، އެ އަމުރުގައި ބަޔާންވެގެންވާ ގޮތެއްގެމަތިން އަމަލުކުރުމުގެ އިތުރުން، މި ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތުތަކާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު އިޖުރާއަތުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
54 ވަނަ މާއްދާ – ބަލައި ފާސްކުރާއިރު ބައެއް ތަކެތި ހިފެހެއްޓުން
(ހ) ފުލުހުން ހައްޔަރުކޮށް، ބަންދުގައި ބަހައްޓާފައި ހުންނަ މީހާ ބަލައި ފާސްކުރުމުގައި، އޭނާގެ އަތުން ނުވަތަ ހަށިގަނޑުން ނުވަތަ ފޭރާމުން ފެންނަ ތަކެތީގެ ތެރެއިން އޭނާއާމެދު ތުހުމަތުކުރެވޭ ކުށާ ގުޅުންހުރި އެއްޗެހި، ހެކީގެ ގޮތުގައި ނަގައި، ހިފެހެއްޓުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.
(ށ) ފުލުހުން ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައި ހުންނަ މީހާ ބަލައި ފާސްކުރުމުގައި، އޭނާގެ އަތުން ނުވަތަ ހަށިގަނޑުން ނުވަތަ ފޭރާމުން ފެންނަ އަންނަނިވި ތަކެތި ފުލުހުން ނަގައި، ފުލުހުންގެ އަތުގައި ވަގުތީގޮތުން ބެހެއްޓިދާނެއެވެ.
- އޭނާގެ އަތުގައި އޮތް އެއްޗަކީ އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ނުވަތަ ހަށިގަނޑަށް މާއްދީ ގެއްލުމެއް ލިބިދާނެ އެއްޗެއް ކަމުގައިވުން؛
- އެހެން މީހަކަށް ނުރައްކާވެދާނެ ނުވަތަ މާއްދީ ގެއްލުމެއް ކުރިމަތިކުރުވަފާނެ އެއްޗެއް ކަމުގައިވުން؛
- ފިލައިގެންދިޔުމަށް ބޭނުންކުރެވިދާނެ އެއްޗެއް ކަމުގައިވުން؛
- އޭނާގެ އަތުގައި އޮތް އެއްޗަކީ، އޭނާ ބަންދުގައި ހުންނަ މުއްދަތުގައި، ފުލުހުން ރައްކާތެރިކަމާއެކު ބަލަހައްޓައިދޭންޖެހޭ އެއްޗެއް ކަމުގައި ފެނުން.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ހިފަހައްޓާ އެއްޗެހި، އެ މީހަކު ބަންދުން ދޫކޮށްލާއިރު އެ މީހަކާ އަނބުރާ ހަވާލުކުރަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން މީހަކު ބަލައި ފާސްކުރުމުގައި، އޭނާގެ އަތުން ނުވަތަ ހަށިގަނޑުން ނުވަތަ ފޭރާމުން ފެންނަ އެއްޗަކީ ގާނޫނާ ހިލާފު އެއްޗެއް ކަމުގައިވާނަމަ، އެ އެއްޗެއް ހިފެހެއްޓުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ. އެ ހާލަތުގައި ހިފެހެއްޓޭ އެއްޗެއް އެ މީހަކަށް އަނބުރާ ހަވާލެއް ނުކުރެވޭނެއެވެ.
(ބ) މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ދަށުން، ފުލުހުން ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ އެއްޗެހި ކަނޑައަޅައި، އެތަކެތި ރައްކާތެރިކަމާއެކު ބެލެއްޓުމާބެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅަންވާނެއެވެ.
55 ވަނ މާއްދާ – ބަންދުގައި ހުންނަ މީހާގެ ސާމްޕަލް ނެގުން
(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ފުލުހުން ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައި ހުންނަ މީހާއާ ގުޅޭގޮތުން އަންނަނިވި ކަންކަން ކުރުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.
- އޭނާއަކީ ކާކުކަން ދެނެގަނެވޭނެ މާއްދީ ނިށާންތައް ފާހަގަކޮށް އޭނާގެ ފޮޓޯ ނެގުން؛
- އޭނާގެ އިނގިލީގެ ނިށާން ނެގުން؛
- އޭނާއަކީ މަސްތުވާތަކެތި ބޭނުންކޮށްގެން ހުރި މީހެއް ކަމުގައި، އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭ ހާލަތުގައި، އޭނާގެ ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގުން؛
- އޭނާގެ ހަށިގަނޑުގެ ބޭރުން ސާމްޕަލް ނެގުން.
-
އެމީހެއްގެ އިސްކޮޅާއި ބަރުދަން ބަލައި ރެކޯޑުކުރުން؛ (އިތުރު ކުރެވިފައި)
-
ހައްޔަރުކުރެވުނުއިރު، ނުވަތަ ހައްޔަރުކުރުމަށްފަހު ފުލުހުންގެ މަރުކަޒަށް ގެނެވުނުއިރު އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުން. (އިތުރު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޖިނާއީ ތަހްގީގެއްގެ ބޭނުމަށްޓަކައި އަންނަނިވި ކަންކަން ކުރެވޭނީ، ކޯޓު އަމުރެއްގެ ދަށުން، އެ އަމުރެއްގައިވާ ގޮތުގެމަތިންނެވެ. (އިސްލާހު ކުރެވިފައި)
- މީހެއްގެ ޖިންސީ ގުނަވަނެއް ބަލައި ފާސްކުރުން؛
- މީހެއްގެ ޖިންސީ ގުނަވަނެއްގެ ފޮޓޯ ނެގުން؛
- މީހެއްގެ ހަޑިގަނޑުގެ ތެރެއިން ސާމްޕަލް ނެގުން.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކަމެއް ކުރުމަށް ކޯޓު އަމުރަކަށް އެދެވޭނީ، ޖިނާއީ ބޮޑު ކުށްކުށާއި ޖިންސީ ކުށްކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާ ގުޅޭގޮތުން އެކަންޏެވެ. (އިސްލާހު ކުރެވިފައި)
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ކުރުމަށްޓަކައި ކޯޓު އަމުރަކަށް އެދި ހުށަހަޅާއިރު، އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.
- ހައްޔަރުކުރެވިފައިވާ މީހާގެ މައުލޫމާތު؛
- ހައްޔަރުކުރެވިފައިވާ މީހާ ކުރި ކަމަށް ތުހުމަތުކުރެވޭ ޖިނާއީ ބޮޑު ކުށަކީ ނުވަތަ ޖިންސީ ކުށަކީ ކޮން ގާނޫނެއްގައި ބަޔާންކުރާ ކޮން ކުށެއްކަން؛
- ހައްޔަރުކުރެވިފައިވާ މީހާ ކުރިކަމަށް ތުހުމަތުކުރެވިފައިވާ ކުށް އޭނާ ކުރިކަމަށް އެހާތަނަށް ލިބިފައިވާ ހެކި؛
- ކޯޓު އަމުރަށް އެދެނީ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކޮން ކަމަކަށްޓަކައި ކަމާއި، އެކަން ކުރަން ބޭނުންވާ ސަބަބު؛
- ކޯޓު އަމުރުން ކުރުމަށް ހުއްދަދޭ ކަންކަން ތަންފީޒުކުރާ ފަރާތެއްގެ ނަމާއި މަގާމު.
(ބ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ކުރަންވާނީ، ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރެއް ނުވަތަ ހުއްދަލިބިފައިވާ ސިއްހީ އެހީތެރިއެއްގެ އެހީގައެވެ.
(ޅ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގެ ދަށުން އަމަލުކުރުމުގެ ކުރިން، އޭގެ ސަބަބުން އެ މީހާގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް އެއްވެސް ނުރައްކަލެއްނުވާނެކަން ކަށަވަރުކުރަންވާނެއެވެ.
(ކ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން މީހެއްގެ ސާމްޕަލެއް ނެގުމުގެ ކުރިން، ނަގަން ބޭނުންވާ ސާމްޕަލަކީ ކޮބައިކަމާއި، އެ ސާމްޕަލް ނެގެނީ ކޮން ސަބަބަކަށްޓަކައިކަން ކުށުގެ ތުހުމަތުގައިވާ މީހާއަށް ފުލުހުން ބަޔާންކޮށްދޭންވާނެއެވެ. އަދި ޖިނާއީ ބޮޑު ކުށެއް ނުވަތަ ޖިންސީ ކުށެއް ކުރިކަމަށް ނުވަތަ އެފަދަ ކުށެއްގައި ބައިވެރިވިތޯ ބެލުމަށްޓަކައި އެހެން ސާމްޕަލަކާ ނުވަތަ ސާމްޕަލްތަކަކާ އަޅައިކިޔުމަށް އޭނާގެ ކިބައިން ހޯދޭ ސާމްޕަލް ބޭނުންކުރެވިދާނެކަންވެސް ބަޔާންކޮށްދޭންވާނެއެވެ.
(އ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން މީހެއްގެ ސާމްޕަލެއް ނަގައިފިކަމަށްވާނަމަ، އެކަން ލިޔުމުން ފެންނަން އޮންނަންވާނެއެވެ. އަދި އެ ސާމްޕަލް ނެގީ އޭނާގެ ރުހުމުގައިކަން ނުވަތަ ނޫންކަން، އަދި އެ ސާމްޕަލް ނެގީ ކާކުކަން އެ ލިޔުމުގައި އެނގެން އޮންނަންވާނެއެވެ.
(ވ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން މީހެއްގެ ސާމްޕަލެއް ނަގައިފިކަމަށްވާނަމަ، އެ ސާމްޕަލް ފޮނުވާނީ، ތަހްލީލު ރިޕޯޓެއް ހޯދުމަށްޓަކައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހުއްދަކުރާ ލެބޯރަޓަރީއަކަށެވެ.
(މ) މި މާއްދާގެ ބޭނުމަށްޓަކައި "ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑުގެ ޕިއުބިކް ސަރަހައްދު ނޫން އެހެން ހިސާބުތަކުން ނެގޭ އިސްތަށްޓާއި؛ ނިޔަފައްޗާއި ނިޔަފަތީގެ ދަށުން ނެގޭ ސްވަބް ސާމްޕަލާއި؛ ޖިންސީ ގުނަވަނާއި އެ ގުނަވަނުގެ ވަށައިގެންވާ ސަރަހައްދު ނޫން ހަށިގަނޑުގެ އެހެނިހެން ހިސާބުތަކުން ނެގޭ ސްވަބް ސާމްޕަލާއި؛ އަނގައިން ނެގޭ ސްވަބް ސާމްޕަލާއި؛ ކުޅުގެ ސާމްޕަލާއި؛ ކުޑަކަމުދާ ތަކެތީގެ ސާމްޕަލާއި؛ ހަށިގަނޑުގެ ހަމުގައި ފެންނަން ހުންނަ ތަފާތު ނިށާންތަކުގެ ސާމްޕަލަށެވެ. މި މާނައިގެ ތެރޭގައި އިނގިލީގެ ނިށާނާއި އަނގަ ފިޔަވައި ހުޅުވިފައި ހުންނަ ގުނަވަންތަކުން ނެގޭ ސާމްޕަލެއް ނުހިމެނެއެވެ. (އިސްލާހު ކުރެވިފައި)
(ފ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކަމެއް ކުރުމަށް ކޯޓު އަމުރަކަށް އެދެވޭނީ، ޖިންސީ ކުށްކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާ ގުޅޭގޮތުން އެކަންޏެވެ. (އިތުރު ކުރެވިފައި)
(ދ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ކަމެއް ކުރުމަށް ކޯޓު އަމުރަކަށް އެދެވޭނީ، ޖިނާއީ ބޮޑެތި ކުށްކުށުގައި ހައްޔަރުކުރެވޭ މީހުންނާ ގުޅޭގޮތުން އެކަންޏެވެ. (އިތުރު ކުރެވިފައި)
(ތ) (އިތުރު ކުރެވިފައި)
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ އިނގިލީގެ ނިށާން ނެގުމަށް އޭނާ ރުހުން ނުދީފިނަމަ، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން، އަދި މި މާއްދާގެ (2) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފުލުހުންނަށް އޭނާގެ އިނގިލީގެ ނިށާން ނެގިދާނެއެވެ.
- މި މާއްދާގެ (1) ވަނަ ނަންބަރުގެ ދަށުން ފުލުހުންގެ އޮފިސަރަކު މީހެއްގެ އިނގިލީގެ ނިށާން ނަގަންވާނީ، މި ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ ގާނޫނީ އިންޒާރު އިއްވުމަށްފަހުގައެވެ. އަދި އިނގިލީގެ ނިށާން ނަގާ ބޭނުމާއި، އެކަން ކުރުމުގެ ހުއްދަ ލިބިފައިވާކަމާއި އެކަން ކުރުމުގެ ބާރު ލިބިދޭ ގޮތާއި، އެފަދައިން ނެގޭ އިނގިލީގެ ނިށާން މި ގާނޫނުގެ 48 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތުގައި އޭނާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެކަމުގެ އިންޒާރު ދިނުމަށްފަހުގައެވެ.
- މި މާއްދާގެ (1) ވަނަ ނަންބަރުގެ ދަށުން މީހެއްގެ އިނގިލީގެ ނިށާން ނަގަންވާނީ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަ ލިބިގެންނެވެ. އެ ހުއްދަ އެ އޮފިސަރު ދޭންވާނީ، ކުށުގެ ތުހުމަތުގައިވާ މީހާގެ އިނގިލީގެ ނިށާން ނެގުމަކީ އޭނާ ހައްޔަރުކުރެވުނު ކުށުގެ ތަހްގީގަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ގަބޫލުކުރެވޭނަމައެވެ.
- މި މާއްދާގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަން ފުރިހަމަކުރުމަށްފަހު، ވީ އެންމެ އަވަހަކަށް ލިޔުމުން ރެކޯޑުކުރަންވާނެއެވެ.
- މި މާއްދާގެ ދަށުން ނެގޭ އެއްވެސް އިނގިލީގެ ނިށާނެއް، ކުށުގެ ތުހުމަތުގައިވާ މީހާއާ ދެކޮޅަށް ބޭނުންކުރަންވާނީ، މި ގާނޫނުގެ 48 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ އިނގިލީގެ ނިށާން ދިނުމަށް އޭނާ ރުހުން ދޭ ހާލަތުގައި، އެ ރުހުން ދީފައި އޮންނަންވާނީ ލިޔުމުންނެވެ. އަދި ކުށުގެ ތުހުމަތުގައިވާ މީހާގެ ރުހުމާއެކު އިނގިލީގެ ނިށާން ނަގާ ހާލަތުގައިވެސް މި މާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަން ފުރިހަމަކުރަންވާނެއެވެ.
56 ވަނަ މާއްދާ – ހަށިގަނޑުގެ ތެރެއިން ސާމްޕަލް ނެގުން
(ހ) ފުލުހުން ހައްޔަރުކޮށް، ބަންދުކޮށްފައިވާ މީހެއްގެ ހަށިގަނޑުގެ ތެރެއިން ސާމްޕަލެއް ނަގަންވާނީ، އޭނާ ޖިނާއީ ބޮޑު ކުށެއް، ނުވަތަ ޖިންސީ ކުށެއް ކޮށްފައިވާކަން ނުވަތަ އެފަދަ ކުށެއް ކުރުމުގައި ބައިވެރިވެފައިވާކަން ނުވަތަ ނޫންކަން އެ ސާމްޕަލުން ދައްކުވައިދޭނެކަމަށް ފުލުހުންގެ އިންސްޕެކްޓަރުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރަކަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭ ހާލަތުގައި، އޭނާގެ ހަށިގަނޑުން އެ ސާމްޕަލް ނެގުމުގެ ހުއްދަ އެ އޮފިސަރު ލިޔުމުން ދީފައިއޮތުމާއެކު، ކުށުގެ ތުހުމަތުގައިވާ މީހާ އެކަމަށް ލިޔުމުން ރުހުން ދީފައިވާނަމައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުށުގެ ތުހުމަތުގައިވާ މީހާ ލިޔުމުން ރުހުން ދީފައިނުވާހާ ހިނދަކު، އޭނާގެ ހަށިގަނޑުގެ ތެރެއިން ސާމްޕަލެއް، ކޯޓު އަމުރަކާއެކު މެނުވީ ނަގައިގެންނުވާނެއެވެ.
(ނ) ހަށިގަނޑުގެ ތެރެއިން ސާމްޕަލެއް ނެގުމަށްޓަކައި ކޯޓު އަމުރަށް އެދުމުގައި އަދި އެ އަމުރު ތަންފީޒުކުރުމުގައި އަމަލުކުރާނީ މި ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
(ރ) މި މާއްދާގެ ދަށުން މީހެއްގެ ހަށިގަނޑުގެ ތެރެއިން ސާމްޕަލެއް ނަގައިފިކަމަށްވާނަމަ، އެ ސާމްޕަލް ފޮނުވާނީ، ތަހްލީލު ރިޕޯޓެއް ހޯދުމަށްޓަކައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހުއްދަކުރާ ލެބޯރަޓަރީއަކަށެވެ.
(ބ) މި މާއްދާގެ ބޭނުމަށްޓަކައި "ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލް" ކަމަށް ބުނެފައި އެވަނީ، ދަތްޕިލައިގެ ނިށާން، ލޭ، މަނި، މައިދާގެ ތެރެއިން ނެގޭ ސާމްޕަލް، ޖިންސީ ގުނަވަނާއި އެގުނަވަނުގެ ވަށައިގެންވާ ސަރަހައްދުން ނެގޭ އިސްތަށި، ހަށިގަނޑުގެ ހުޅުވިފައި ހުންނަ ގުނަވަންތަކުން ނެގޭ ސާމްޕަލް، ޑީ.އެން.އޭ ހެދުމަށްޓަކައި ނެގޭ ކަށީގެ މަދު އަދި ސޮފްޓް ޓިށޫ އަދި ހަށިގަނޑުގެ އެތެރެއަށް އެއްޗެއް ބާނައިގެން ނަގާ ކުޑަކަމުދާ ތަކެއްޗަށެވެ. މީގެ ތެރޭގައި ސްވަބް މެދުވެރިކޮށް އަނގައިން ނެގޭ ކުޅުގެ ސާމްޕަލެއް ނުހިމެނެއެވެ.
57 ވަނަ މާއްދާ – ސާމްޕަލް ނެގުމާބެހޭ ގަވާއިދު
މި ގާނޫނުގެ 55 ވަނަ މާއްދާއާއި 56 ވަނަ މާއްދާގެ ދަށުން މީހެއްގެ ހަށިގަނޑުން ސާމްޕަލް ނަގާނެ ގޮތުގެ އިޖުރާއަތާއި، އެ ސާމްޕަލް ނެގުމަށްފަހު، ރައްކާތެރިކަމާއެކު އެ ބެލެހެއްޓޭނެ ގޮތާއި، އެ ޓެސްޓުކުރެވޭނެ ގޮތުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަޔާންކުރަންވާނެއެވެ.
ހަވަނަ ބާބު
ބަންދުކޮށްފައިވާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުން
58 ވަނަ މައްދާ – ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުވުން
(ހ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށްޓަކައި، ވީއެންމެ އަވަހަކަށް، އަދި އޭނާ ހައްޔަރުކުރެވޭތާ ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް އޭނާ ހާޒިރުކުރަންވާނެއެވެ.
(ށ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރެވޭ މީހަކުވެސް، ބަންދުގައި ބަހައްޓާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެއެވެ.
(ނ) އަންނަނިވި ހާލަތްތަކުގައި ފިޔަވައި، ކުށުގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާ ފަނޑިޔާރެއްގެ ކުރިމަށްޗަށް ހާޒިރުނުކޮށް، 24 (ސައުވީސް) ގަޑިއިރަށްވުރެ އިތުރުވެގެންނުވާނެއެވެ.
- ފަނޑިޔާރު ހުރީ އޭނާ ހައްޔަރުކުރެވުނު ރަށް ނޫން އެހެން ރަށެއްގައި ކަމަށްވެފައި، ދަތުރުފަތުރު ކުރުމުގެ އެކަށީގެންވާ ވަސީލަތެއް ނެތުން، ނުވަތަ ދަތުރުކުރުމަށް މޫސުން ތަން ނުދިނުން؛
- ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ހައްޔަރުކުރެވޭ މީހެއްނަމަ، ކަނޑައެޅިފައިވާ ވަގުތަށް އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ ވަރަށްވުރެ ދަތުރަށް ހޭދަވާ ވަގުތު ދިގުވުން؛
- އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން އޭނާއަށް ފަރުވާ ދޭންޖެހުން ނުވަތަ ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައި އެޑްމިޓްކޮށްފައި އޮތުން.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ސަބަބެއް މެދުވެރިވާ ހާލަތުގައި، އެ ސަބަބެއް ފިލައިދިޔަހާ އަވަހަކަށް އެ މީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެއެވެ. އަދި މި މާއްދާގެ (ނ) ގައި ބަޔާންކުރާ ސަބަބެއް މެދުވެރިވިކަން ދަލީލުކޮށްދޭ ރަސްމީ ލިޔުމެއް ކޯޓަށް ހުށަހަޅަންވާނެއެވެ.
(ބ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައަޅައިދިނުމަށް އެދި ފަނޑިޔާރަށް ހުށަހަޅާނީ ގާނޫނު ތަންފީޒުކުރާ އިދާރާއިންނެވެ.
(ޅ) ބަންދުކުރެވިފައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ ށަރީއަތަކަށް އެ މީހާގެ ބަންދާގުޅޭ އަންނަނިވި މައުލޫމާތު، އޭނާ ބަންދުކުރި ފަރާތުން ހުށަހަޅަންވާނެއެވެ.
- ހުށަހަޅާ ފަރާތުގެ މައުލޫމާތު؛
- ހައްޔަރުކޮށްފައިވާ މީހާގެ މައުލޫމާތު؛
- އޭނާ ހައްޔަރުކުރި ތާރީހާއި ގަޑި؛
- އޭނާ ހައްޔަރުކުރި ސަބަބު؛
- އޭނާ ހައްޔަރުކުރީ ކޮން ގާނޫނެއްގައި ބަޔާންކުރާ ކޮން ކުށަކާ ގުޅިގެންކަން؛
- ތުހުމަތުކުރެވޭ ކުށާއި އޭނާއާ ގުޅުވައިދޭ ހެކި ލިބިފައިވާ މިންވަރު؛
- އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ބޭނުންވާ ސަބަބު؛
- އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ބޭނުންވާ މުއްދަތު؛
- އޭނާގެ ކުށުގެ ރެކޯޑް؛
- ގާނޫނު ތަންފީޒުކުރާ އިދާރާގެ ތައްގަނޑާއި، މައްސަލަ ތަހްގީގުކުރާ މުވައްޒަފުގެ ނަމާއި، ސޮއި.
(ކ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން، ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުކޮށްފައިވަނީ އޭނާ ހައްޔަރުކުރެވުނުތާ 24 (ސައުވީސް) ގަޑިއިރު ފާއިތުވި ފަހުން ކަމުގައިވާނަމަ، އެ ސަބަބެއް މެދުވެރިވިކަން ފަނޑިޔާރަށް ގަބޫލުކުރެވޭނެ މިންވަރަށް ގާނޫނު ތަންފީޒުކުރާ އިދާރާއިން މައުލޫމާތު ހުށަހަޅަންވާނެއެވެ.
(އ) މީހަކު ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ބާއްވާ ށަރީއަތުގެ މަޖިލީހަށް ހާޒިރުވެ ދައުލަތުގެ ފަރާތުން ވާހަކަ ދެއްކުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.
(ވ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ކުށުގެ ތުހުމަތުގައިވާ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބާއްވާ ށަރީއަތުގެ އަޑުއެހުމަކީ، މި ގާނޫނުގެ ބޭނުމަށްޓަކައި ށަރީއަތުގެ މަޖިލީހެއް ކަމުގައި ބެލޭނެއެވެ. އަދި އެ މަޖިލީހުގައި އޭނާ ދޭ ބަޔާންތަކާއި ދައްކާ ވާހަކަތަކަކީ، އޭނާގެ މައްޗަށް އެ ކުށުގެ ދައުވާ ފަހުން އުފުލިއްޖެ ހާލަތެއްގައި ބޭއްވޭ ށަރީއަތުގައި އޭނާއާ ދެކޮޅަށް ބޭނުންކުރެވޭނެ ހެކި ކަމުގައި ބެލޭނެއެވެ.
59 ވަނަ މާއްދާ – ބަންދާމެދު ގޮތެއް މިންމާއިރު ފަނޑިޔާރު ރިއާޔަތްކުރަންޖެހޭ ކަންކަން
ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ބާއްވާ ށަރީއަތުގެ މަޖިލީހުގައި، އޭނާ ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެމަތިންކަން ނުވަތަ ނޫންކަން ކޯޓުން ކަނޑައެޅުމުގައި، މައްސަލައިގައި ހިމެނޭ ދެފަރާތުން ހުށަހަޅާ ކަންތައްތަކަށް ފަނޑިޔާރު ރިއާޔަތްކުރަންވާނެއެވެ. އޭގެ އިތުރުން، އަންނަނިވި ކަންކަމަށްވެސް ފަނޑިޔާރު ރިއާޔަތްކުރަންވާނެއެވެ.
(ހ) ކުށުގެ ބާވަތާއި، ކުށުގެ ކުޑަބޮޑުމިނާއި، ކުށް ކޮށްފައިވާ ހާލަތާއި، ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަން؛
(ށ) އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަން؛
(ނ) އޭނާގެ ކުށުގެ ރެކޯޑް؛
(ރ) ކޯޓަށް ހާޒިރުވުމުގައި ވޭތުވެދިޔަ ތާނގައި އަމަލުކޮށްފައިވާ ގޮތް.
60 ވަނަ މާއްދާ – ބަންދާމެދު ގޮތެއް ކަނޑައެޅުން
(ހ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ބާއްވާ ށަރީއަތުގެ މަޖިލީހުގައި، އޭނާ ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެމަތިންތޯ ނުވަތަ ނޫންތޯ ކަނޑައެޅުމާއެކު، އަންނަނިވި އަމުރުތަކުގެ ތެރެއިން އަމުރެއް ފަނޑިޔާރު ނެރެންވާނެއެވެ.
- މި މާއްދާގެ (ށ) ނުވަތަ (ބ) ގެ ދަށުން އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރެއް؛
- މި މާއްދާގެ (ނ) ގެ ދަށުން އެއްވެސް ށަރުތެއް ނެތި އޭނާ ބަންދުން ދޫކުރުމުގެ އަމުރެއް؛
- މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން އޭނާ ކަފާލާތުގެ އުސޫލުން ދޫކުރުމުގެ އަމުރެއް؛
- މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުން އޭނާ ށަރުތަކާއެކު ބަންދުން ދޫކުރުމުގެ އަމުރެއް.
(ށ) ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ މީހާއާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެދާނެ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހާލަތެއްގައި، އޭނާގެ ށަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެއެވެ.
- އޭނާއާމެދު ތުހުމަތުކުރެވިފައިވާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް އޭނާ މަސައްކަތްކޮށްފާނެ ކަމަށް ބެލެވުން؛ ނުވަތަ
- އޭނާ ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ބެލެވުން؛ ނުވަތަ
- އޭނާ ފިލައިފާނެ ކަމަށް ބެލެވުން؛ ނުވަތަ
- އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވުން.
(ނ) ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައި ނެތްނަމަ، އަދި މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ސަބަބެއް ނެތްނަމަ، އެއްވެސް ށަރުތަކާ ނުލައި އޭނާ ބަންދުން ދޫކޮށްލުމަށް އަންގަންވާނެއެވެ.
(ރ) ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ސަބަބެއް ނެތް ކަމުގައިވީނަމަވެސް، އޭނާއާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އޭނާ ބަންދުން ދޫކޮށްލުމުގ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
- ކަފާލާތުގެ އުސޫލުން އޭނާ ބަންދުން ދޫކުރުމަށް؛ ނުވަތަ
- ކޯޓުން ކަނޑައަޅާ ށަރުތުތަކަކާއެކު އޭނާ ބަންދުން ދޫކުރުމަށް.
(ބ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެވަގުތު ނެތްކަމުގައިވިޔަސް، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮވެފައި، އޭނާގެ މައްޗަށް އެ މައްސަލައިގައި ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރެއްޖެނަމަ، މި ގާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ފަނޑިޔާރު ރިއާޔަތްކޮށް، 15 (ފަނަރަ) ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވިދާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގެ ދަށުން ބަންދުކުރެވޭ މީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވެފައި، އެ މުއްދަތު ހަމަވުމަށްފަހު އޭނާ އިތުރަށް ބަންދުގައި ބެހެއްޓުމަށް ގާނޫނު ތަންފީޒުކުރާ އިދާރާއިން ބޭނުންނަމަ، އެ މުއްދަތު ހަމަވުމުގެ ކުރިން އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން، އިތުރު މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. އެހެންނަމަވެސް، އޭނާއާ އެކުށާ ގުޅުވައިދޭ އެކަށީގެންވާ މިންވަރެއްގެ ހެއްކެއް އެހާތަނަށްވެސް ލިބިފައިނުވާނަމަ، އެފަދައިން އިތުރުކޮށްދޭ މުއްދަތު، 15 (ފަނަރަ) ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ.
(ކ) މި މާއްދާގެ (ޅ) އެހެން އޮތްނަމަވެސް، އޭނާ ބަންދުކޮށްފައިވަނިކޮށް، އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިއްޖެނަމަ، އޭނާ 15 (ފަނަރަ) ދުވަހަށްވުރެ ދިގު މުއްދަތަކަށް، ނުވަތަ ށަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިހްތިޔާރު، ފަނޑިޔާރަށް ލިބިގެންވެއެވެ.
(އ) މި މާއްދާގެ ދަށުން ފަނޑިޔާރަކު އަމުރެއް ކުރުމުގައި، ށަރީއަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމާނަމަ އެގޮތަށް ފެންނަ ސަބަބު، ނުވަތަ ށަރީއަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރަށް ނުފެންނަނަމަ ނުފެންނަ ސަބަބު، ނުވަތަ މީހަކު ބަންދުން ދޫކޮށްލަން ނިންމައިފިނަމަ އޭނާ ބަންދުން ދޫކޮށްލަން ނިންމި ސަބަބު، ނުވަތަ ކަފާލާތުގެ ދަށުން ނުވަތަ ށަރުތަކާއެކު ދޫކޮށްލަށް ނިންމައިފިނަމަ، އެފަދައިން ނިންމި ސަބަބު، އެ އަމުރުގައި ބަޔާންކުރަންވާނެއެވެ.
(ވ) މި މާއްދާގެ (ށ) ނުވަތަ (ކ) ގެ ދަށުން ށަރީއަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 (ތިރީސް) ދުވަހަކުން މުރާޖައާކުރަންވާނެއެވެ. އަދި، އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުމަށްޓަކައި، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން، އޭނާ ކޯޓަށް ހާޒިރުކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(މ) މި މާއްދާގެ (ވ) އެހެން އޮތްނަމަވެސް، އެ މާއްދާގައި ބަޔާންކުރާ މުއްދަތުގެ ކުރިންވެސް، މި މާއްދާގެ ދަށުން ށަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހަކު، އޭނާގެ ށަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އެ އަމުރު ބާތިލުކުރުމަށް އެދި ކޯޓަށް ހުށަހެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ. (އިތުރު ކުރެވިފައި)
(ފ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ކޯޓަށް މައްސަލަ ހުށަހަޅާނެ އުސޫލުތަކާއި، އެފަދަ މައްސަލަތައް ބެލުމުގައި ކޯޓުން އަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި، ށަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ މީހުންގެ ބަންދުގެ އަމުރު މުރާޖައާކުރުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
ހަތްވަނަ ބާބު
ކަފާލާތުގެ ދަށުން ދޫކުރުން
61 ވަނަ މާއްދާ – ކަފާލާތުގެ އުސޫލުން ދޫކޮށްލުމަށް އެދުމުގެ ހައްގު
ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހަކީ، ކަފާލާތުގެ ދަށުން ދޫކުރެވޭ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހެއްނަމަ، މި ބާބުގައިވާ ގޮތުގެމަތިން ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްދިނުމަށް ކޯޓުގައި އެދުމުގެ އިހްތިޔާރު އެ މީހަކަށް ލިބިގެންވެއެވެ.
62 ވަނަ މާއްދާ – ކަފާލާތުގެ ދަށުން ދޫކުރެވިދާނެ ގޮތްތައް
(ހ) އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ކަފާލާތުގެ ދަށުން މީހަކު ދޫކުރެވިދާނެއެވެ.
- ފައިސާ ބެހެއްޓުމަށްފަހު ކަފާލާތުގެ ދަށުން ދޫކުރުން؛
- މީހަކު ޖާމިނުވުމުން ކަފާލާތުގެ ދަށުން ދޫކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތްތަކުގެ ތެރެއިން ގޮތަކަށް މީހަކު ކަފާލާތުގެ ދަށުން ދޫކުރާއިރު، ށަރުތަކާ ނުލައިވެސް، ށަރުތަކާއެކުވެސް އެ މީހަކު ދޫކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
63 ވަނަ މާއްދާ – ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ މައްސަލަތައް
އަންނަނިވި ބާވަތުގެ މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހަކު ކަފާލާތުގެ އުސޫލުން ދުލެއްނުކުރެވޭނެއެވެ.
(ހ) ގަސްދުގައި މީހަކު މެރިކަމަށް ތުހުމަތުކުރެވޭ މައްސަލަތައް؛
(ށ) މީހަކު މަރާލެވިދާފަދަ ހަތިޔާރަކުން މީހަކަށް ހަމަލާދީ، އެ މީހަކަށް ނުރައްކާތެރި ހާނިއްކައެއް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަތައް؛
(ނ) ޓެރަރިޒަމްގެ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަތައް؛
(ރ) ދައުލަތުގެ މިނިވަންކަމާއި އިސްތިގްލާލަށް ގެއްލުންވާފަދަ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަތައް؛
(ބ) މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގެ މައްސަލަތައް؛
(ޅ) ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށްކުށުގެ މައްސަލަތައް؛
(ކ) ކަފާލާތުގައި ދޫނުކުރެވޭނެކަމަށް އެހެން ގާނޫނަކުން ކަނޑައަޅާފައިވާ މައްސަލަތައް.
64 ވަނަ މާއްދާ – މީހަކު ޖާމިނުވުމުން ބަންދުން ދޫކުރުން
(ހ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ބަންދުން ދޫކުރުމަށްޓަކައި، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ މީހަކު ޔަގީންކަންދީ ޖާމިނުވެއްޖެނަމަ، އޭނާ ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމަށް ފަނޑިޔާރަށް އަމުރުކުރެވިދާނެއެވެ.
(ށ) ބަންދުގައިހުރި މީހަކަށް ޖާމިނުވާ މީހެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- އުމުރުން 21 (އެކާވީސް) އަހަރު ވެފައިވާ މީހަކު ކަމުގައިވުން؛
- އަމިއްލަ ދިރިއުޅުމުގައި ޒިންމާ ނެގުމުގެ އިހްތިޔާރު ލިބިފައިވާ މީހަކު ކަމުގައިވުން؛
- ކުށުގެ ތުހުމަތުގައިވާ މީހާގެ ގާނޫނީ ވަކީލު ކަމުގައިނުވުން؛
- ކޯޓެއްގައި އެއްވެސް ޖިނާއީ ދައުވާއެއް ހިނގަމުންދާ މީހެއްކަމުގައި ނުވުން؛
- ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ތަހްގީގުކުރަމުންދާ ޖިނާއީ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތެއް ކަމުގައިނުވުން؛
- އިފްލާސްކުރެވިފައިވާ ނުވަތަ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހެއް ކަމުގައިނުވުން؛
- ޖިނާއީ ކުށެއް ސާބިތުވެގެން ށަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ ނުވަތަ ތަންފީޒުކުރަންޖެހޭ މީހެއް ކަމުގައި ނުވުން؛
- އޭނާ ޖާމިނުވެގެން، ކަފާލާތުގައި ދޫކޮށްފައިވާ އެއްވެސް މީހަކު ފިލާފައިނުވުން؛
- ކަފާލާތުގެ އިގުރާރާ ހިލާފުވެފައިވާ މީހަކު ކަމުގައިނުވުން.
(ނ) އުމުރުން 18 (އަށާރަ) އަހަރުނުވާ ކުއްޖަކު ނުވަތަ އަމިއްލަ ދިރިއުޅުމުގައި ޒިންމާ ނެގުމުގެ އިހްތިޔާރު ލިބިފައިނުވާ މީހަކު ކަފާލާތުގައި ދޫކުރެވޭނީ، އެ ކުއްޖެއްގެ ނުވަތަ އެ މީހެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ޒިންމާދާރު ބަލަދުވެރިޔަކު ނުވަތަ އެނޫންވެސް އެފަދަ ކުއްޖަކު ނުވަތަ މީހަކު ބެލެހެއްޓުމާ ހަވާލުވެހުރި ފަރާތުން ދޭ ޔަގީންކަމެއްގެ މައްޗަށް ބިނާކޮށެވެ.
(ރ) ބަންދުގައިހުރި މީހަކަށް ޖާމިނުވާ މީހަކީ އެކަން ކުރެވިދާނެ މީހެއް ކަމުގައި މި މާއްދާގެ (ށ) އަށް ރިއާޔަތްކޮށް ފަނޑިޔާރު ކަނޑައެޅުމުން، އަންނަނިވި ކަންކަން ހިމެނޭ އިގްރާރެއްގައި އޭނާ ސޮއިކުރަންވާނެއެވެ.
- ބަންދުގައިހުރި މީހާ ބަންދުން ދޫކޮށްލާފައި ހުންނައިރު އޭނާ ކުށެއް ކުރިޔަނުދީ ބަލަހައްޓާނެކަން؛ އަދި
- އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށުގެ ތަހްގީގަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާއިން އަންގާ ތަންތަނަށް އޭނާ ހާޒިރުކުރާނެކަން؛ އަދި
- ށަރީއަތުގެ މަރުހަލާގައި ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް އޭނާ ކޯޓަށް ހާޒިރުކުރާނެކަން.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ށަރުތުތަކުގެ އިތުރުން، އަންނަނިވި ށަރުތުތަކުގެ ތެރެއިން ށަރުތެއް ނުވަތަ ށަރުތުތަކެއް ކަނޑައެޅުމުގެ އިހްތިޔާރުވެސް ފަނޑިޔާރަށް ލިބިގެންވެއެވެ.
- ވަޒީފާގައި ދެމިހުރުމަށް ނުވަތަ ވަޒީފާއެއް ނެތްނަމަ ވަޒީފާއެއް ހޯދުމަށްއަމަލީގޮތުން މަސައްކަތްކުރުން؛
- ތައުލީމީ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ނުވަތަ ބައިވެރިވެފައިވާ ޕްރޮގްރާމެއް ފުރިހަމަކުރުމަށް؛
- ދަތުރުފަތުރުކުރުމާއި، އުޅޭނޫޅޭ ތަންތަނާއި، މީހުންނާ މުއާމަލާތްކުރުމުގައި ކޯޓުން ކަނޑައަޅާ ގޮތަށް އަމަލުކުރުން؛
- ކުރި ކުށުގެ ސަބަބުން ގެއްލުން ލިބުނު މީހާއާއި ނުވަތަ މީހުންނާއި، އެ މައްސަލައިގައި ހެކިބަސްދޭނެކަމަށް ގަބޫލުކުރެވޭ މީހުންނާ މުއާމަލާތްނުކުރުމާއި ބައްދަލުނުކުރުން؛
- ކަނޑައަޅާފައިވާ އިދާރާއަކަށް ގަވާއިދުން ރިޕޯޓުކުރުން؛
- ގޭގައި ހުރުމަށް ކަނޑައަޅާފައިވާ ވަގުތުގައި އެގޮތަށް އަމަލުކުރުން؛
- ސިއްހީ ނުވަތަ ނަފްސާނީ ނުވަތަ މަސްތުވާތަކެތިން ދުރުހެލިވުމުގެ ފަރުވާ ލިބިގަތުމަށާއި، އަދި ކޯޓުން ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ސިއްހީ ނުވަތަ ނަފްސާނީ ނުވަތަ މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒެއްގައި ހުރެ އެ މަރުކަޒުން ފަރުވާ ލިބިގަތުމަށް؛
- ތައުލީމު ހާސިލުކުރުމަށް ނުވަތަ ވަޒީފާ އަދާކުރުމަށް ނުވަތަ އެނޫންވެސް އެހެން ބޭނުމެއްގައި ބަންދުން ދޫކޮށްފައިވާނަމަ، ކަނޑައަޅާ ވަގުތެއްގައި ކަނޑައަޅާފައިވާ ތަނަށް ބަންދުގައި ހުރުމަށް އެނބުރި އައުން.
(ޅ) ބަންދުގައިހުރި މީހަކު ކަފާލާތުގެ އުސޫލުން ބަންދުން ދޫކުރުމަށްޓަކައި، ބަންދުގައި ހުރިމީހާއަށް ޖާމިނުވާ މީހާ، އޭނާގެ އިގްރާރާ ހިލާފުވެއްޖެނަމަ އޭނާ އެކުރަނީ ކުށެކެވެ. ބަންދުން ދޫކޮށްލެވުނު މީހާ ފިލައިފިނަމަ ނުވަތަ ޖާމިނުވާ މީހާ އޭނާގެ އިގްރާރާ ހިލާފުވެއްޖެނަމަ، އެ ހިލާފުވި ހިލާފުވުމުގެ ކުޑަ ބޮޑު މިނަށް ބަލައި، ޖާމިނުވި މީހާއަށް އަންނަނިވި އަދަބުތަކުގެ ތެރެއިން އަދަބެއް ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
- 1 (އެކެއް) އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
- 2 (ދޭއް) އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން؛
- 15,000 (ފަނަރަހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛
- ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެކަމަށް ކަނޑައެޅުން.
(ކ) ބަންދުގައިހުރި މީހަކު ކަފާލާތުގެ އުސޫލުން ބަންދުން ދޫކޮށްފައިވަނިކޮށް، އޭނާއަށް ޖާމިނުވި މީހާ އޭނާގެ އިގްރާރާ ހިލާފުވެއްޖެނަމަ، ނުވަތަ ބަންދުން ދޫކުރެވިފައިވާ މީހާ ފިލައިފިނަމަ، ބަންދުން ދޫކުރެވިފައިވާ މީހާ ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ނެރެންވާނެއެވެ. އަދި އޭނާ ހައްޔަރުކުރެވުމުން، އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލަ ވަކިގޮތަކަށް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
(އ) މި މާއްދާގެ (ރ) އާއި (ބ) ގެ ދަށުން ކޯޓުން ކަނޑައަޅާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން ބަންދުން ދޫކޮށްލާ މީހާ އަމަލުކުރަމުންދާކަން ކަށަވަރުކުރުމަށްޓަކައި އޭނާއަށް ޖާމިނުވާ ފަރާތުން ކުރެވެން ހުރި އެންމެހައި މަސައްކަތެއް ކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
65 ވަނަ މާއްދާ – ފައިސާ ބެހެއްޓުމަށްފަހު ކަފާލާތުގެ ދަށުން ދޫކުރުން
(ހ) ބަންދުގައިހުރި މީހަކު ބަންދުން ދޫކުރުމަށްޓަކައި، އޭނާ، ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު، ކޯޓުން ކަނޑައަޅާ އަދަދެއްގެ ފައިސާ ކަފާލާތުގެ ގޮތުގައި ކޯޓުގައި ބަހައްޓައިފިނަމަ، ބަންދުގައިހުރި މީހާ ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމަށް ފަނޑިޔާރަށް އަމުރުކުރެވިދާނެއެވެ.
(ށ) މި ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ކޯޓުން ކަނޑައަޅާ ށަރުތުތައް ގަބޫލުކުރާކަމަށާއި، ކޯޓުން އިތުރު ށަރުތުތަކެއް ކަނޑައަޅާނަމަ އެ ށަރުތުތައްވެސް ގަބޫލުކުރާކަމަށާއި، އެއިން ށަރުތަކާ އެ މީހަކު ހިލާފުވެއްޖެނަމަ، ކަފާލާތުގެ ގޮތުގައި އެ މީހަކު ބަހައްޓާފައިވާ ފައިސާ ދައުލަތަށް ނެގޭނެކަން ކަފާލާތު ލިބިދޭ މީހާއަށް ނުވަތަ އޭނާގެ ފަރާތުން ފައިސާ ބެހެއްޓި މީހާއަށް ކޯޓުން އަންގައި، ކަފާލާތު ލިބިދޭ މީހާ ނުވަތަ އޭނާގެ ފަރާތުން ފައިސާބެހެއްޓި މީހާ ސޮއިކުރާ އިގްރާރުގައި އެކަން ބަޔާންކުރަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ބަންދުން ދޫކުރެވޭ މީހާ ފިލައިފިނަމަ، ނުވަތަ ކަފާލާތުގެގޮތުގައި ފައިސާ ބެހެއްޓި މީހާ އޭނާގެ އިގްރާރާ ހިލާފުވެއްޖެނަމަ، ބަންދުން ދޫކުރެވިފައިވާ މީހާ ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ނެރެންވާނެއެވެ. އަދި އޭނާ ހައްޔަރުކުރެވުމުން، އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލަ ވަކިގޮތަކަށް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ ދަށުން ކަފާލާތުގެ ގޮތުގައި ފައިސާ ބަހައްޓާ މީހަކު މައްސަލަ ނިމޭއިރު ކަފާލާތުގެ އިގްރާރާ ހިލާފުވެފައިނުވާނަމަ، އެ ފައިސާ ވީއެންމެ އަވަހަކަށް ކޯޓުން އޭނާއަށް ރައްދުކުރަންވާނެއެވެ.
66 ވަނަ މާއްދާ – ކޯޓުން ކަނޑައަޅާ އިތުރު ށަރުތަކާއެކު ބަންދުން ދޫކުރުން
(ހ) ބަންދުގައި ހުރި މީހާ ދޫކޮށްލާފައި ހުންނައިރު އޭނާ އިތުރު ކުށެއް ނުކުރާނެ ކަމަށާއި، ތަހްގީގު މަރުހަލާގައި ގާނޫނު ތަންފީޒުކުރާ އިދާރާއިން ހާޒިރުވާން އަންގާ ތަންތަނަށް އޭނާ ހާޒިރުވާނެ ކަމަށާއި، ށަރީއަތުގެ މަރުހަލާގައި ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް އޭނާ ހާޒިރުވާނެ ކަމަށާއި، ކޯޓުން އިތުރު ށަރުތުތަކެއް ކަނޑައަޅާނަމަ އެ ށަރުތުތައްވެސް ގަބޫލުކުރާކަމަށް ބަންދުގައި ހުރި މީހާ އިގްރާރުވެ ސޮއިކުރުމުން، އޭނާ ބަންދުން ދޫކޮށްލުމަށް ފަނޑިޔާރަށް އަމުރު ނެރެވިދާނެއެވެ.
(ށ) މި މާއްދާގެ ދަށުން ބަންދުން ދޫކުރެވޭ މީހަކު ބަންދުން ދޫކުރާއިރު ކަނޑައެޅިފައިވާ ށަރުތަކާ ހިލާފުވެއްޖެނަމަ އަލުން ބަންދުކުރެވޭނެކަން ބަންދުގައި ހުރި މީހާ ސޮއިކުރާ އިގްރާރުގައި ބަޔާންކުރަންވާނެއެވެ. އަދި ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ނުވަތަ ށަރުތުތަކެއް ކަނޑައެޅުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
- ބަންދުން ދޫކޮށްލާފައި ހުންނައިރު އެއްވެސް ގާނޫނަކާ ހިލާފު އަމަލެއް ނުވަތަ އިތުރު ކުށެއް ނުކުރުމަށް؛
- ތަހްގީގު މަރުހަލާގައި ތަހްގީގުކުރާ ފަރާތުން ހާޒިރުވާން އަންގާ ތަންތަނަށް ހާޒިރުވުމަށް؛
- ށަރީއަތުގެ މަރުހަލާގައި ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ކޯޓަށް ހާޒިރުވުމަށް؛
- ވަޒީފާގައި ދެމިހުރުމަށް ނުވަތަ ވަޒީފާއެއް ނެތްނަމަ ވަޒީފާއެއް ހޯދުމަށް އަމަލީގޮތުން މަސައްކަތް ކުރުމަށް؛
- ތައުލީމީ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ނުވަތަ ބައިވެރިވެފައިވާ ޕްރޮގްރާމެއް ކުރިއަށްގެންދިޔުމަށް؛
- ދަތުރު ފަތުރުކުރުމާއި، އުޅޭނޫޅޭ ތަންތަނާއި، މީހުންނާ މުއާމަލާތްކުރުމާމެދު ކޯޓުން ކަނޑައަޅާ ގޮތަށް އަމަލުކުރުމަށް؛
- އޭނާ ކުރި ކުށުގެ ސަބަބުން ގެއްލުން ލިބުނު މީހާއާއި، އަދި އެ މައްސަލައިގައި ހެކިބަސް ދޭނެ ކަމަށް ގަބޫލުކުރެވޭ އެންމެހައި މީހުންނާ މުއާމަލާތްނުކުރުމާއި ބައްދަލުނުކުރުމަށް؛
- ކަނޑައަޅާފައިވާ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ނުވަތަ އެހެންވެސް އިދާރާއަކަށް ގަވާއިދުން ރިޕޯޓު ކުރުމަށް؛
- ގޭގައި ހުރުމަށް ކަނޑައަޅައި އަންގާފައިވާ ވަގުތުގައި އެގޮތަށް އަމަލުކުރުމަށް؛
- ލިބެންހުރި ސިއްހީ ނުވަތަ ނަފްސާނީ ފަރުވާ ލިބިގަތުމަށާއި، އަދި ކޯޓުން ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ސިއްހީ، ނުވަތަ ނަފްސާނީ ފަރުވާދޭ މަރުކަޒެއްގައި ހުރެ އެ މަރުކަޒަކުން ފަރުވާ ލިބިގަތުމަށް؛
- ތައުލީމު ހާސިލުކުރުމަށް ނުވަތަ ވަޒީފާ އަދާކުރުމަށްޓަކައި، ނުވަތަ އެނޫންވެސް އެހެން ބޭނުމެއްގައި ދޫކުރުމަށްފަހު، ކަނޑައަޅާ ވަކި ވަގުތެއްގައި، ކަނޑައަޅާފައިވާ ވަކި ތަނަކަށް ބަންދުގައި ހުރުމަށް އެނބުރި އައުމަށް.
(ނ) މި މާއްދާގެ ދަށުން ބަންދުން ދޫކުރާ މީހާ ފިލައިފިނަމަ ނުވަތަ އޭނާ ވެފައިވާ އިގްރާރާ ހިލާފުވެއްޖެނަމަ، އޭނާ ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ނެރެވިދާނެއެވެ. އަދި އޭނާ ހައްޔަރުކުރެވުމުން، އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލަށަރީއަތުން ވަކިގޮތަކަށް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
67 ވަނަ މާއްދާ - މައުލޫމާތު ރެކޯޑުކުރުން
ކަފާލަތުގެ ދަށުން މީހަކު ބަންދުން ދޫކުރާއިރު އޭނާއާގުޅޭ އަންނަނިވި މައުލޫމާތު ކޯޓުން ރެކޯޑުކުރަންވާނެއެވެ.
(ހ) ބަންދުން ދޫކުރެވޭ މީހާގެ ނަން؛
(ށ) އޭނާގެ އުފަން ތާރީހް؛
(ނ) އޭނާގެ ގައުމީ ނިސްބަތް؛
(ރ) އޭނާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރު؛
(ބ) އޭނާގެ ދާއިމީ އެޑްރެސް؛
(ޅ) އޭނާ ދިރިއުޅެމުންދާ އެޑްރެސް؛
(ކ) އޭނާ ވަޒީފާ އަދާކުރާ ތަން؛
(އ) ކަފާލާތުގެ ދަށުން ދޫކުރެވޭ މުއްދަތުގައި އޭނާ ދިރިއުޅޭނެ ތަނާއި، އޭނާއާ އެކުގައި ދިރިއުޅޭނެ ފަރާތެއްގެ ނަމާއި، އެޑްރެސް، އަދި ގުޅޭނެ ފޯނު ނަންބަރެއް؛
(ވ) އޭނާއަށް ޖާމިނުވާ މީހާގެ އިތުރުން އޭނާއާ ގުޅޭނެ ގޮތުގެ މައުލޫމާތު ދެވޭނެ ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްގެ ނަމާއި އެޑްރެސް، އަދި ގުޅޭނެ ފޯނު ނަންބަރެއް؛
(މ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް މައުލޫމާތެއް.
68 ވަނަ މާއްދާ – ބަންދުން ދޫކުރާއިރު ޕާސްޕޯޓު ހިފެހެއްޓުން (އިސްލާހު ކުރެވިފައި)
(ހ) މި ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ނުވަތަ 65 ވަނަ މާއްދާގެ ދަށުން ނުވަތަ 66 ވަނަ މާއްދާގެ ދަށުން އަމުރެއް ކުރުމާ އެކުއެކީގައި، އެ މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރުކުރުމުގެ އިހްތިޔާރު، ނުވަތަ އޭނާ އެ ވަގުތަކު ހުރި ރަށް ނޫން އެހެން ރަށަކަށް ފުރައިގެންދިއުން މަނާކުރުމުގެ ނުވަތަ ދިވެހިރާއްޖެއިން ބޭރަށްދިއުން މަނާކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި "ޕާސްޕޯޓް" ކަމަށް ބުނެފައި އެވަނީ، ކަމާބެހޭ ރަސްމީ އިދާރާއަކުން ވަކި ފަރާތަކަށް ދޫކޮށްފައިވާ ޕާސްޕޯޓާއި ދަތުރުކުރުމަށް ސައްހަވާ އެނޫންވެސް ރަސްމީ ކޮންމެ ލިޔުމެއް ހިމެނޭގޮތުންނެވެ.
69 ވަނަ މާއްދާ – ކަފާލާތާގުޅޭ ގަވާއިދު ހެދުން
ކަފާލާތުގެ ގޮތުގައި ފައިސާ ބަހައްޓަންޖެހޭ އަދަދުތަކާއި، އެ ފައިސާ ކޯޓަށް ބަލައިގަންނާނެ ގޮތާއި، އެ ފައިސާ ރައްކާކުރެވޭނެ ގޮތާއި، އެ ފައިސާ ދައުލަތަށް ނަގަންޖެހޭ ހާލަތުގައި ކަންކުރާނެ ގޮތާއި، ކަފާލާތުގެ ގޮތުގައި ފައިސާ ބަހައްޓާ މީހަކު މައްސަލަ ނިމޭއިރު ކަފާލާތުގެ އިގްރާރާ ހިލާފްވެފައިނުވާނަމަ އެ ފައިސާ އެ މީހަކަށް ރައްދުކުރާނެގޮތާއި، މިނޫންވެސް ކަމާގުޅޭ އެހެނިހެން އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
އަށްވަނަ ބާބު
ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭ އިތުރު ބާރު
70 ވަނަ މާއްދާ – ގާނޫނުން ދޭ ބާރުގެ ބޭނުން ހިފުމުގެ އިހްތިޔާރު
ޖިނާއީ ކުށެއްގެ ތަހްގީގުކުރުމުގައި ތަންތަނާއި މުދާ ބަލައި ފާސްކުރުމަށް ލިބިދޭ ބާރުގެ އިތުރުން، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭ އެހެނިހެން ބާރުތައް، މި ބާބުގައި ބަޔާންކޮށްފައި އެވަނީއެވެ. މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި އެނޫން ކޮންމެ ހާލަތެއްގައި، މި ގާނޫނުގައިވާ ގޮތުގެމަތިން އެއިން ކޮންމެ ބާރެއްގެ ބޭނުންހިފުމުގެ އިހްތިޔާރު، ގާނޫނު ތަންފީޒުކުރާ ކޮންމެ އިދާރާއަކަށްމެ ލިބިގެންވެއެވެ.
71 ވަނަ މާއްދާ – ގާނޫނު ތަންފީޒުކުރާ އިދާރާއަށް ހާޒިރުވާން އެންގުން
(ހ) ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ތަހްގީގުކުރުމުގެ އިހްތިސާސް ލިބިގެންވާ ޖިނާއީ ކުށެއްގެ ތަހްގީގަކާ ގުޅޭގޮތުން ކުށުގެ ތުހުމަތުކުރެވޭ މީހަކު ނުވަތަ އެ ތަހްގީގަށް މައުލޫމާތު ދެވިދާނެ މީހަކު ނުވަތަ ހެކިބަސް ދެވިދާނެ މީހަކު، އެ އިދާރާއަށް ހާޒިރުވުމަށް، އެ އިދާރާއެއްގެ ހުއްދަކުރެވިފައިވާ އޮފިސަރަކު ސޮއިކޮށް ދޫކުރާ ލިޔުމަކުން އެންގުމުގެ ބާރު، އެ އިދާރާއަކަށް ލިބިގެންވެއެވެ.
(ށ) ގާނޫނު ތަންފީޒުކުރާ އިދާރާއަކީ ފުލުހުން ކަމުގައިވާ ހާލަތުގައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އޮފިސަރަކީ، ފުލުހުންގެ ކަމާބެހޭ ޑިޕާޓްމަންޓްގައި ނުވަތަ ޔުނިޓްގައި ނުވަތަ ސްޓޭށަންގައި އިސްކޮށް ހުންނަ ފަރާތެއް ކަމުގައި ވާންވާނެއެވެ. އެނޫން އިދާރާއެއްނަމަ، އެ އިދާރާގެ ކަމާބެހޭ ޑިޕާޓްމަންޓްގެ ވެރިއެއް ކަމުގައި ވާންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމެއްގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ހާޒިރުކުރެވޭ ހައިސިއްޔަތު؛
- ކުށުގެ ތުހުމަތުކުރެވޭ ފަރާތެއްނަމަ، އޭނާއާމެދު ކުރެވޭ ތުހުމަތުގެ ހުލާސާ؛
- ތަހްގީގަކަށް މައުލޫމާތު ދެވިދާނެ މީހަކު ނުވަތަ ހެކިބަސް ދެވިދާނެ މީހަކުނަމަ، ކުރަމުންދާ ތަހްގީގުގެ ހުލާސާ؛
- ހާޒިރުވާން އަންގާ ތަނާއި ގަޑި؛
- އެ އިދާރާގައި ހޭދަވާނެކަމަށް އަންދާޒާކުރާ ވަގުތު؛
- ހުއްދަދޭ އޮފިސަރުގެ ސޮއި.
(ރ) ގާނޫނު ތަންފީޒުކުރާ އިދާރާއަށް ހާޒިރުވުމަށް، މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމަކަށް ހާޒިރުވާ މީހަކު، އެކަމަށް އޭނާ ހާޒިރުވެ ހުންނަ ހުރުމުގައި ހައްޔަރެއް ނުކުރެވޭނެއެވެ.
(ބ) މި މާއްދާގެ ދަށުން ގާނޫނު ތަންފީޒުކުރާ އިދާރާއަށް މީހަކު ހާޒިރުކުރަންވާނީ، 24 (ސައުވީސް) ގަޑިއިރުގެ ނޯޓިހެއް ދިނުމަށްފަހުގައެވެ.
(ޅ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، މި މާއްދާގެ (ހ) ގެ ދަށުން ހާޒިރުވުމަށް ލިޔުން ހަވާލުކުރެވޭ މީހާ، ހާޒިރުނުވެއްޖެނަމަ އަމަލުކުރާނެ ގޮތް ބަޔާންކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
(ކ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ލިޔުމާ ހަވާލުވުމަށްފަހު، މަގްބޫލު އުޒުރެއް މެދުވެރިވެގެން، ހާޒިރުނުވެވޭނަމަ، ހާޒިރުވުމަށް އަންގާފައިވާ ގަޑި ޖެހުމުގެ ލަސްވެގެން 2 (ދޭއް) ގަޑިއިރުގެ ކުރިން ހާޒިރުނުވެވޭ ސަބަބު އަންގަންވާނެއެވެ. (އިތުރު ކުރެވިފައި)
71-1 ވަނަ މާއްދާ - ހާޒިރުވުމަށް ށަރުތުކޮށް ދޫކުރުން (އިތުރު ކުރެވިފައި)
(ހ) ޖިނާއީ ކުށެއް ހިނގަމުންދާ ވަގުތު، ފަހުގެ ތާރީހެއްގައި ނުވަތަ ވަގުތެއްގައި ފުލުހުންގެ ވަކި މަރުކަޒަކަށް ހާޒިރުވުމަށް އަންގާ ށަރުތުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ފުލުހަކު އަންގާއިރު، އަންނަނިވި ކަންކަމަށް ބަލަންވާނެއެވެ.
- ތުހުމަތުކުރެވޭ ކުށުގެ ކުޑަބޮޑުމިނާއި، ނުރައްކާތެރިކަން؛
- ހެއްކާއި ގަރީނާ ހޯދުމަށް ކުރިމަތިވެދާނެ ދަތިތައް؛
- އެމީހާގެ ނުވަތަ އެހެން މީހެއްގެ ފުރާނައަށް ނުވަތަ މީހެއްގެ މުދަލަކަށް ލިބިދާނެ ގެއްލުން؛ އަދި
- އެމީހަކު، އެހެން ކުށަކަށް އަރައިގެންފާނެކަމަށް ބެލެވޭ މިންވަރު.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މީހަކު ހާޒިރުވުމަށް އަންގަންވާނީ ލިޔުމަކުންނެވެ.
72 ވަނަ މާއްދާ – ބޭންކް އެކައުންޓް މޮނިޓަރކުރުން
(ހ) އަންނަނިވި ހާލަތްތަކުގައިވާ މީހުންގެ ބޭންކް އެކައުންޓާއި އެ އެކައުންޓުން ކުރާ މުއާމަލާތް މޮނިޓަރކުރުމުގެ ކޯޓު އަމުރަކަށް އެދުމުގެ ބާރު، ގާނޫނު ތަންފީޒުކުރާ އިދާރާއަށް ލިބިގެންވެއެވެ.
- ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުން ލާޒިމުކުރާ ކުށެއް ކޮށްފައިވާ މީހާއާއި، އެފަދަ ކުށެއް ކުރުމުގައި ބައިވެރިވެފައިވާ މީހާއާއި، އެފަދަ ކުށެއް ކުރަންއުޅޭކަމުގެ މައުލޫމާތު ލިބިފައިވާ މީހާ؛
- ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުން ލާޒިމުކުރާ ކުށެއްގެ އަމަލުނ ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި މަންފާ ލިބިފައިވާ މީހާ؛
- ޖިނާއީ ބޮޑު ކުށެއްގެ އަމަލުން މަންފާއެއް ލިބިގަތުމުގެ މަގުމަތީގައިވާ މީހާ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޯޓު އަމުރަކަށް އެދޭއިރު، އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.
- އަމުރު ނިސްބަތްވާ މީހާގެ ނަމާއި އެޑްރެހާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ބިދޭސީއެއްނަމަ، އަމުރު ނިސްބަތްވާ މީހާގެ ނަމާއި، އެޑްރެހާއި، ޕާސްޕޯޓް ނަންބަރާއި، ގައުމު؛
- ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް؛
- ކުށުގެ ތުހުމަތުކުރެވިފައިވާ މީހާ އެ ކުށް ކުރަންއުޅޭ ކަމަށް ނުވަތަ ކުރަމުންދާ ކަމަށް ލިބިފައިވާ ހެކި؛
- ކޯޓު އަމުރުގެ ދަށުން މޮނިޓަރކުރެވޭ ބޭންކް އެކައުންޓް ނުވަތަ އެކައުންޓްތަކުގެ މައުލޫމާތު؛
- ކޯޓު އަމުރުގެ ދަށުން މޮނިޓަރކުރަން ބޭނުންވާ މުއާމަލާތުގެ ބާވަތް؛
- އެކައުންޓް މޮނިޓަރކުރަން ބޭނުންވަނީ އެކައުންޓްގެ ވެރިފަރާތަށް ނޭނގޭ ގޮތަށްކަން ނުވަތަ އެނގޭ ގޮތަށްކަން؛
- އެކައުންޓް މޮނިޓަރކުރަން ބޭނުންވަނީ އެކައުންޓްގެ ވެރިފަރާތަށް ނޭނގޭ ގޮތަށްކަން ކަމަށްވާނަމަ، އެކަން އެގޮތަށް ކުރަންޖެހޭ ސަބަބު؛
- އެ އަމުރުގެ ދަށުން މޮނިޓަރކުރުމަށް ހުއްދަކުރެވޭ އެކައުންޓް މޮނިޓަރކުރެވޭ ތާރީހު ނުވަތަ ތާރީހުތައް، ނުވަތަ މުއްދަތު؛
- ކޯޓު އަމުރުގައި ބަޔާންކުރާގޮތް ފިޔަވައި އެހެން ގޮތަކަށް ނުވަތަ މަގްސަދަކަށް ހުއްދައިގެ ބޭނުން ނުކުރެވޭނެކަން.
- މޮނިޓަރކުރުމުގެ ހުއްދަ ދެވޭ ބޭންކް ނުވަތަ މާލީ އިދާރާ؛
- އަމުރަށް އެދޭ ގާނޫނު ތަންފީޒުކުރާ އިދާރާއާއި، އެ އިދާރާގެ ކަމާބެހޭ މުވައްޒަފުގެ ނަމާއި، ސޮއި އަދި އިދާރާގެ ތައްގަނޑު.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ އަމުރެއް ނެރުނުކަން، އެ އެކައުންޓްގެ ވެރިފަރާތަށް ނޭނގޭ ގޮތަށް ނުވަތަ އަންގަންނުޖެހޭގޮތަށް އެ އަމުރު ނެރެވިދާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ އަމުރެއްގެ ބޭނުމަކީ، އަންނަނިވި މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމަށް، ބޭންކަކަށް ނުވަތަ މާލީ އިދާރާއަކަށް އަމުރުކުރުމެވެ.
- އެކައުންޓްގެ ވެރިފަރާތުގެ ނަން؛
- އެކައުންޓަކުން ހިންގާފައިވާ މުއާމަލާތްތަކުގެ ތަފްސީލު؛
- އެ ބޭންކަކުން ނުވަތަ މާލީ މަރުކަޒަކުން ދޭންވީ މައުލޫމާތު ނިސްބަތްވާ މުއްދަތު؛
- އެ މައުލޫމާތު ދޭންވީ ގާނޫނު ތަންފީޒުކުރާ އިދާރާގެ ވަކި އޮފިސަރެއްގެ ނަން.
(ބ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ 41 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ޖިނާއީ ކުށްތައް ތަހްގީގުކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތަކުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ލިޔުމަކުން އެދިގެން، ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓްތަކާއި، ޑިޕޮސިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮސިޓް ބޮކްސްތަކުގެ މައުލޫމާތުތައް ހޯދުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
73 ވަނަ މާއްދާ – އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމާއި އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުން
(ހ) މި ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ނެރޭ މޮނިޓަރކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ ބެލުންތަކުން ޖިނާއީ ބޮޑު ކުށެއް ފާހަގަވާކަމަށްވާނަމަ، އެ އެކައުންޓްގައިވާ ފައިސާ، ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމުގެ ކޯޓު އަމުރަކަށް ގާނޫނު ތަންފީޒުކުރާ އިދާރާއަށް އެދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކައުންޓެއްގައިވާ ފައިސާ ހިފަހައްޓަންވާނީ ނުވަތަ އެއިން މުއާމަލާތްކުރުން ހުއްޓުވަންވާނީ، ހެޔޮ ނިޔަތުގައި އަމަލުކުރާ ތިންވަނަ ފަރާތްތަކުގެ ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތެއްގެމަތިންނެވެ.
(ނ) މި މާއްދާގެ ދަށުން މުއާމަލާތްކުރުން ހުއްޓުވާ ފައިސާ ބަލަހައްޓަމުންގެންދާނީ، އެ ފައިސާއެއް ހުރި މާލީ އިދާރާއަކުން، ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުނުއިރު އެ އެއްޗެހި ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ފަރާތަކުންނެވެ.
(ރ) މި މާއްދާގެ ދަށުން ހިފެހެއްޓޭ ފައިސާ ބަލަހައްޓަމުންގެންދާނީ ގާނޫނު ތަންފީޒުކުރާ އިދާރާގެ ބެލުމުގެ ދަށުންނެވެ.
(ބ) ކޯޓު އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން ކޯޓު އަމުރު ހޯދި ބޭނުން ފިލައިގޮސްފިނަމަ، ގާނޫނު ތަންފީޒުކުރާ އިދާރާއިން އެ އަމުރު ބާތިލުކުރަން އެދެންވާނެއެވެ.
(ޅ) މި މާއްދާގެ ދަށުން ހިފަހައްޓާފައިވާ ފައިސާއެއް ހިފެހެއްޓި ހިފެހެއްޓުން ނިމުމަކަށް ގެނައުމަށްޓަކައި، ނުވަތަ މުއާމަލާތްކުރުން ހުއްޓުވާފައިވާ ފައިސާއަކުން މުއާމަލާތްކުރުން ހުއްޓުވި ހުއްޓުވުން ނިމުމަކަށް ގެނައުމަށްޓަކައި، ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް ނުވަތަ މަސްލަހަތު އޮތް ތިންވަނަ ފަރާތަކަށް ކޯޓަށް ހުށަހެޅިދާނެއެވެ.
(ކ) މި މާއްދާގެ ދަށުން ހިފެހެއްޓޭ ފައިސާ ދައުލަތަށް ނަގަންޖެހޭނަމަ އެ ފައިސާ ދައުލަތަށް ނަގަންދެން ނުވަތަ މި މާއްދާގެ ދަށުން ހިފެހެއްޓި ހިފެހެއްޓުން ނިމުމަކަށް ގެންނަންދެން، އެ ފައިސާ ނުވަތަ މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ގާނޫނު ތަންފީޒުކުރާ އިދާރާގެ ޒިންމާއެކެވެ.
74 ވަނަ މާއްދާ – ޒާތީ މުއާމަލާތް އަޑުއެހުމާއި ބެލުން
(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މީހަކު ހިންގާ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ބާވަތުގެ ޒާތީ މުއާމަލާތަކީ، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށަކަށް މަގުފަހިވާ އެއްވެސް މައުލޫމާތެއް ހިމެނޭ މުއާމަލާތެއްކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، ކޯޓު އަމުރެއްގެ ދަށުން އެ މުއާމަލާތެއް ސަރވެއިލްކުރުމުގެ އިހްތިޔާރު، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިގެންވެއެވެ.
- މީހުން މެރުމުގެ ކުށް؛
- އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށް؛
- ޓެރަރިޒަމްގެ ކުށް؛
- މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް؛
- މީހުން ޓްރެފިކްކުރުމުގެ ކުށް؛
- މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް.
- ގައުމީ ސަލާމަތާ ގުޅޭގޮތުން ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ނުވަތަ ކަމާބެހޭ އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ ޖިނާއީ ކުށްކުށް؛ (އިތުރު ކުރެވިފައި)
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް. (އިތުރު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، އަންނަނިވި ބާވަތުގެ ޒާތީ މުއާމަލާތް އެ އަކުރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސަރވެއިލްކުރުމުގެ އިހްތިޔާރު، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިގެންވެއެވެ.
- ސިޓީއާއި އީމެއިލް މެދުވެރިކޮށް ހިންގާ ޒާތީ މުއާމަލާތްތައް؛
- މުވާސަލާތީ ވަސީލަތެއް މެދުވެރިކޮށް ހިންގާ ޒާތީ މުއާމަލާތްތައް.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ޒާތީ މުއާމަލާތް ސަރވެއިލްކުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅަންވާނީ، އަންނަނިވި ކަންކަން ފުރިހަމަކުރުމަށްފަހުގައެވެ.
- އެ ސަރވެއިލަންސް ނިސްބަތްވާ ފަރާތުން ކޮށްފައިވާކަމަށް ނުވަތަކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވުން؛
- އެ މުއާމަލާތް ސަރވެއިލްކޮށްގެން މެނުވީ، މި މާއްދާގެ (ހ) ގައިބަޔާންކުރާ ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަމުގެ ހެކި ލިބެންނެތް ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛
- އެ ޒާތީ މުއާމަލާތް ސަރވެއިލްކުރުމުގެ ހުއްދައަށް އެދުމަށް ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރަކަށް އެ އިދާރާގެ އިސް ވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ހުއްދަ ދީފައިވުން.
(ރ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޒާތީ މުއާމަލާތް ސަރވެއިލްކުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅާއިރު އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.
- ސަރވެއިލަންސް ނިސްބަތްވާ މީހާގެ ނަމާއި އެޑްރެސް؛
- އޭނާ ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް؛
- އޭނާ އެ ކުށް ކުރިކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ލިބިފައިވާ ހެކި؛
- އެ އަމުރުގެ ދަށުން ސަރވެއިލަންސެއް ހިންގުމަށް ބޭނުންވާ މުއްދަތު؛
- އެ އަމުރުގެ ދަށުން ހުއްދަކުރާ ސަރވެއިލަންސް ހިންގުމުގައި ޒިންމާއުފުލާނެ ގާނޫނު ތަންފީޒުކުރާ އިދާރާގެ އިސް އޮފިސަރުގެ ނަމާއި މަގާމާއި ސަރވިސް ނަންބަރު. (އިސްލާހު ކުރެވިފައި)
- އެ އަމުރުގެ ދަށުން ސަރވެއިލްކުރަން ބޭނުންވާ މުއާމަލާތުގެ ބާވަތް. (އިތުރު ކުރެވިފައި)
(ބ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ޒާތީ މުއާމަލާތް ސަރވެއިލްކުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅާއިރު، މި މާއްދާގެ (ރ) ގައި ބަޔާންކުރާ މައުލޫމާތުގެ އިތުރުން އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)
- އެ އަމުރުގެ ދަށުން ސަރވެއިލަންސެއް ހިންގުމަށް ބޭނުންކުރާނެ ސަރވެއިލަންސް ޑިވައިސް ނުވަތަ ޑިވައިސްތަކުގެ ބާވަތް؛ (އިސްލާހު ކުރެވިފައި)
- މި ގާނޫނުގައިވާ ގޮތުގެމަތިން ސަރވައިލަންސެއް ހިންގައިގެން އެ ކުށާގުޅޭ ހެކި ލިބޭނެކަމަށް ގަބޫލުކުރެވޭ ސަބަބު؛
- އެ އަމުރުގެ ދަށުން ސަރވެއިލަންސެއް ހިންގުމަށް ބޭނުންވާ މުވާސަލާތީ ވަސީލަތުގެ ހިދުމަތްދޭ ފަރާތް އެނގޭނަމަ، އެ ފަރާތް؛ (އިސްލާހު ކުރެވިފައި)
- އެ އަމުރުގެ ދަށުން ސަރވެއިލަންސެއް ހިންގުމަށް ބޭނުންވާ މުވާސަލާތީ ވަސީލަތަކީ ވަކި ތަނެއްގައި ހުރި މުވާސަލާތީ ވަސީލަތެއްނަމަ، ނުވަތަ ވަކި ތަނަކަށް ވަދެގެން މެނުވީ ވާސިލުނުވެވޭނެ ވަސީލަތެއްނަމަ، އެތަނެއް. (އިސްލާހު ކުރެވިފައި)
(ޅ) މި މާއްދާގެ(ހ) ގެ ދަށުން ކޯޓު އަމުރެއް ނެރުމުގައި އަންނަނިވި ކަންކަން ފަނޑިޔާރު ކަށަވަރުކުރަންވާނެއެވެ.
- އެ ސަރވެއިލަންސް ނިސްބަތްވާ ފަރާތުން ކޮށްފައިވާ ނުވަތަ ކުރަމުންދާ ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވިފައިވާ ކުށަކީ އެ އިދާރާއަކުން ތަހްގީގުކުރުމުގެ ބާރު ލިބިފައިވާ ކުށެއްކަން ޔަގީންކުރުން؛
- އެ ސަރވެއިލަންސް ނިސްބަތްވާ ފަރާތުން ކޮށްފައިވާ ނުވަތަ ކުރަމުންދާ ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވިފައިވާ ކުށަކީ މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކަމުގައިވުން؛
- އެ ސަރވެއިލަންސް ނިސްބަތްވާ ފަރާތުން ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާ ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ނުވަތަ ކުރަމުންދާ ކަމަށް ކުރަންއުޅޭ ކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާކަން؛
- އެ މުއާމަލާތް ސަރވެއިލްކޮށްގެން މެނުވީ، މި މާއްދާގެ(ހ) ގައި ބަޔާންކުރާ ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަމުގެ ހެކި ލިބެންނެތް ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ވާކަން؛
- އެ ޒާތީ މުއާމަލާތް ސަރވެއިލްކުރުމުގެ ހުއްދައަށް އެދުމަށް ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރަކަށް އެ އިދާރާގެ އިސް ވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ހުއްދަ ދީފައިވާކަން؛
- ސަރވެއިލަންސް ހިންގުމަށް އެދޭ މުއްދަތަކީ އެކަށީގެންވާ މުއްދަތެއްކަން؛
- އަމުރަށް އެދޭ ގާނޫނު ތަންފީޒުކުރާ އިދާރާއަށް ކަމާގުޅޭގޮތުން އެހާތަނަށް ލިބިފައިވާ މައުލޫމާތާއި، އެ އަމުރު ނެރެދިނުމަށް އެކަށީގެންވާ ސަބަބެއް އޮތްތޯ ބެލުމަށް ފަނޑިޔާރަށް ބޭނުންވާނެ އެނޫންވެސް މައުލޫމާތު ލިބިފައިވާކަން.
(ކ) މި މާއްދާގެ(ހ) ގެ ދަށުން ނެރޭ ކޯޓު އަމުރެއްގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
- އަމުރު ނިސްބަތްވާ މީހާގެ ނަމާއި އެޑްރެހާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ބިދޭސީއެއްނަމަ، އަމުރު ނިސްބަތްވާ މީހާގެ ނަމާއި، އެޑްރެހާއި، ޕާސްޕޯޓް ނަންބަރާއި، ގައުމު؛
- އޭނާ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް؛
- އެ އަމުރުގެ ދަށުން ސަރވެއިލްކުރަން ބޭނުންވާ މުއާމަލާތުގެ ބާވަތް؛ (އިސްލާހު ކުރެވިފައި)
- އެ ކަންކަން ކުރުމަށް ހުއްދަކޮށްފައިވާ ތާރީހު ނުވަތަ ތާރީހުތައް، ނުވަތަ މުއްދަތު؛
- އެ އަމުރުގެ ދަށުން ހުއްދަކުރާ ސަރވެއިލަންސް ހިންގުމުގައި ޒިންމާއުފުލާނެ ގާނޫނު ތަންފީޒުކުރާ އިދާރާގެ އިސް އޮފިސަރުގެ ނަމާއި މަގާމާއި ސަރވިސް ނަންބަރު؛ (އިސްލާހު ކުރެވިފައި)
- ކޯޓު އަމުރުގައި ބަޔާންކުރާގޮތް ފިޔަވައި އެހެން ގޮތަކަށް ނުވަތަ މަގްސަދަކަށް އެ އަމުރު ތަންފީޒުނުކުރެވޭނެކަން؛
- އަމުރު ނެރޭ ތާރީހާއި، ހުއްދަ ދޭ ފަނޑިޔާރުގެ ނަމާއި ސޮއި، އަދި ކޯޓުގެ ތައްގަނޑު.
- އެ އަމުރުގެ ދަށުން ސަރވެއިލަންސެއް ހިންގުމަށް ބޭނުންވާ މުވާސަލާތީ ވަސީލަތަކީ ވަކި ތަނެއްގައި ހުރި މުވާސަލާތީ ވަސީލަތެއްނަމަ، ނުވަތަ ވަކި ތަނަކަށް ވަދެގެން މެނުވީ ވާސިލުނުވެވޭނެ ވަސީލަތެއްނަމަ، އެތަނެއް. (އިތުރު ކުރެވިފައި)
(އ) މި މާއްދާގެ(ހ)ގެ ދަށުން ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭ ބާރުގެ ބޭނުންކުރެވޭނީ، މި މާއްދާގެ ދަށުން ނެރޭ ކޯޓު އަމުރާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ވ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހިންގޭ ސަރވެއިލަންސެއްގައި ހޯދާ އެއްވެސް މައުލޫމާތެއް، އެ ސަރވެއިލަންސް ނިސްބަތްވާ ކުށަކާ ގުޅިގެން ހިންގާ ތަހްގީގެއްގެ ނުވަތަ ށަރީއަތެއްގެ ބޭނުމަށް މެނުވީ އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން ހާމަކޮށްގެންނުވާނެއެވެ.
75 ވަނަ މާއްދާ - ފުރުން މަނާކުރުން (ސުރުހީ އާއި މާއްދާ އިސްލާހު ކުރެވިފައި)
(ހ) މީހަކު ކުށެއް ކުރަމުންދާކަމަށް ނުވަތަ ކުށެއް ކޮށްފިކަމަށް ނުވަތަ ކުށެއް ކުރަން އުޅޭކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އަދި އޭނާ ފިލައިގެން ދާންއުޅޭ ކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، ކޯޓު އަމުރެއްގެ ދަށުން އޭނާ ފުރުން މަނާކުރުމުގެ އިހްތިޔާރު، ގާނޫނު ތަންފީޒުކުރާ އިދާރާއަށް ލިބިގެންވެއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަލައިގަނެފައިވާ މައްސަލައެއްނަމަ، އެ އަމުރަށް އެދެންވާނީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި:
- "ޕާސްޕޯޓް" އަށް ދީފައި އެވަނީ، މި ގާނޫނުގެ 68 ވަނަ މާއްދާގެ (ށ) ގައި އެ ލަފްޒަށް ދީފައިވާ މާނަކުރުމެވެ.
- "ފުރުން މަނާކުރުން" ކަމަށް ބުނެފައި އެވަނީ، މި މާއްދާގައި ބަޔާންކުރާ ހާލަތްތަކުގައި ކުށުގެ ތުހުމަތުގައިވާ މީހާ ދިވެހިރާއްޖެއިން ބޭރަށް ފުރައިގެންދިއުން ހުއްޓުވުމަށެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މީހަކު ފުރުން މަނާކުރުމަށް އެދި ކޯޓަށް
ހުށަހަޅާއިރު، އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.
- ފުރުން މަނާކުރަން ބޭނުންވާ މީހާގެ ނަމާއި އެޑްރެހާއި، ޕާސްޕޯޓެއް އޮތްނަމަ، ޕާސްޕޯޓުގެ މައުލޫމާތު؛
- އޭނާ ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް؛
- އޭނާއާ އެ ކުށާ ގުޅުވައިދޭ ހެކީގެ މައުލޫމާތު؛
- އޭނާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެން ދާންއުޅޭ ކަމަށް ބެލެވޭ ސަބަބު، އަދި ލިބިފައިވާ އިންޓެލިޖެންސްގެ މައުލޫމާތު ނުވަތަ ހެކި؛
- އޭނާ ދިވެހިރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބު؛
- އެ އަމުރުގެ ދަށުން އޭނާ ފުރުން މަނާކުރަން ބޭނުންވާ މުއްދަތު.
(ރ) މީހަކު ފުރުން މަނާކުރުމަށް މި މާއްދާގެ ދަށުން ނެރޭ ކޯޓު އަމުރެއްގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
- އަމުރު ނިސްބަތްވާ މީހާގެ ނަމާއި އެޑްރެހާއި، ޕާސްޕޯޓެއް އޮތްނަމަ، ޕާސްޕޯޓުގެ މައުލޫމާތު؛
- އޭނާ ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް؛
- އޭނާ ދިވެހިރާއްޖޭގައި މަޑުކުރުވަން ބޭނުންވާ ސަބަބު؛
- އަމުރު ދެމިއޮންނާނެ މުއްދަތު؛
- އެ އަމުރުގެ ދަށުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓޭ ކަމާއި، އެ މުއްދަތުގައި އޭނާ ދިވެހިރާއްޖެއިން ފުރައިގެންދިއުން މަނާކުރެވޭކަން؛
- އަމުރު ނެރޭ ތާރީހާއި ގަޑިއާއި، ހުއްދަ ދޭ ފަނޑިޔާރުގެ ނަމާއި ސޮއި، އަދި ކޯޓުގެ ތައްގަނޑު.
(ބ) ގާނޫނު ތަންފީޒުކުރާ އިދާރާއަކުން މި މާއްދާގެ (ހ) ގެ ދަށުން ކޯޓު އަމުރެއް ނެރެދިނުމަށް އެދިއްޖެނަމަ، އެ އަމުރު ފަނޑިޔާރު ނެރެދޭންވާނީ، އަންނަނިވި ކަންކަން އެ މީހަކާ ގުޅޭގޮތުން ފުރިހަމަވާނަމައެވެ.
- އަމުރު ނިސްބަތްވާ ފަރާތުން ކުރިކަމަށް ބުނާ ކުށާ އޭނާއާ ގުޅުވައިދޭ ހެކި ލިބިފައިވުން؛ ނުވަތަ
- އަމުރު ނިސްބަތްވާ ފަރާތަކީ ކުށެއް ކުރަންއުޅޭ ފަރާތެއް ކަމަށް ބެލެވޭ ފަރާތެއްނަމަ، ކަމާ ގުޅޭގޮތުން އިންޓެލިޖެންސްގެ މައުލޫމާތުލިބިފައިވުން؛ އަދި
- އޭނާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެން ދާންއުޅޭ ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތުން؛ އަދި
- އޭނާ ދިވެހިރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބެއް އޮތުން.
(ޅ) މި މާއްދާގެ ދަށުން ކޯޓަށް ހުށަހެޅޭ ހުށަހެޅުމަކާމެދު، 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ކޯޓުން ގޮތެއް ނިންމަންވާނެއެވެ.
(ކ) މި މާއްދާގެ ދަށުން ކޯޓުން އަމުރެއް ނެރޭ ވަގުތު، އެ އަމުރު ތަންފީޒުކުރުމަށްޓަކައި، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެ އަމުރަށް އެދުނު އިދާރާއާ ކޯޓުން އެ އަމުރު ހަވާލުކުރަންވާނެއެވެ. އަދި އެ އިދާރާއަށް އެ އަމުރު ލިބުމާއެކު ލަސްކުރުމެއްނެތި، އެ އަމުރުގެ ކޮޕީއެއް މޯލްޑިވްސް އިމިގްރޭށަނަށް ފޮނުވަންވާނެއެވެ.
(އ) މި މާއްދާގެ ދަށުން މީހަކު ފުރުން މަނާކުރުމަށް ނެރޭ އަމުރެއްގެ މައުލޫމާތު، ވީއެންމެ އަވަހަކަށް އެ މީހަކަށް ފޮނުވަންވާނެއެވެ. އަދި އެ އަމުރުގެ ކޮޕީއެއް އެންމެ ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އެ މީހަކަށް
ފޮނުވަންވާނެއެވެ.
(ވ) މި މާއްދާގެ ދަށުން ނެރޭ އަމުރުގައި ބަޔާންކުރާ މުއްދަތު ހަމަނުވަނީސް މި މާއްދާގެ ދަށުން މީހަކު ފުރުން މަނާކުރުމުގެ މަގްސަދު ހާސިލުވެއްޖެނަމަ، އެ އަމުރަށް އެދުނު އިދާރާއިން، ލަސްނުކޮށް އޭނާގެ ޕާސްޕޯޓު ހިފެހެއްޓި ހިފެހެއްޓުން ނިމުމަކަށް ގެނައުމަށް މޯލްޑިވްސް އިމިގްރޭށަނަށް އަންގަންވާނެއެވެ. އަދި އެ އަމުރަށް އެދުނު އިދާރާއިން، އެ އަމުރު ރައްދުވާ މީހާއަށްވެސް ލަސްނުކޮށް އެކަން އަންގަންވާނެއެވެ.
75-1 ވަނަ މާއްދާ - (އިތުރު ކުރެވިފައި)
(ހ) ޖިނާއީ ކުށަކާ ގުޅިގެން މަރުވެފައިވާ މީހަކު މަރުވި ސަބަބު ދެނެގަތުމަށްޓަކައި އަދި ގޮތްނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށްޓަކައި މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ޕޯސްޓް-މޯޓަމްއެއް ހެދުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން ހަދާ ޕޯސްޓް-މޯޓަމްއެއް ހަދަންވާނީ، މެޑިކަލް ޑޮކްޓަރެއްގެ ބެލުމުގެ ދަށުން ފޮރެންސިކް ޕެތޮލޮޖިސްޓެއްގެ އެހީތެރިކަމާ އެކުގައެވެ.
(ނ) މި މާއްދާގައި ބަޔާންކުރާ ފަދަ މަރުގެ މައްސަލަތަކާ ގުޅިގެން ހަދާ ޕޯސްޓް-މޯޓަމް ރިޕޯޓު، އެ މައްސަލައިގެ ހެއްކެއްގެ ގޮތުގައި ކޯޓުން ގަބޫލުކުރަންވާނެއެވެ.
(ރ) މި މާއްދާގައި ބަޔާންކުރާ ޕޯސްޓް-މޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެއް މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
ނުވަވަނަ ބާބު
ތަހްގީގުކުރުމާގުޅޭ ބައެއް އާންމު އުސޫލު
76 ވަނަ މާއްދާ - ގުޅިގެން ހިންގާ ތަހްގީގު
(ހ) ގާނޫނު ތަންފީޒުކުރާ އެއް އިދާރާއިން ތަހްގީގުކުރަމުންދާ ކުށަކީ ގާނޫނު ތަންފީޒުކުރާ އެހެން އިދާރާއަކުން ތަހްގީގުކުރުމުގެ އިހްތިސާސް ލިބޭ ކުށެއް ކަމުގައިވާނަމަ، އެ ކުށުގެ ތަހްގީގު ހިންގަންވާނީ މި މާއްދާގައިވާ ގޮތުގެމަތިންނެވެ.
(ށ) ފުލުހުން ތަހްގީގުކުރަމުންދާ ޖިނާއީ މައްސަލައެއްގައި ވަކި ހާއްސަ ބާވަތެއްގެ ޖިނާއީ ތަހްގީގު ހިންގުމުގެ ބާރު ގާނޫނަކުން ލިބިދީފައިވާ އިދާރާއެއްގެ އިހްތިސާސް ހިނގާނަމަ، އަންނަނިވި ދެގޮތުންކުރެ ގޮތަކަށް އަމަލުކުރަންވާނެއެވެ.
(1) އެ ކުށުގެ އެ ބައިގެ ތަހްގީގު އެ އިދާރާއަކުން ކުރިއަށް ގެންދިޔުމަށްޓަކައި އެ އިދާރާއަށް މައްސަލަ ހުށަހެޅުން؛ ނުވަތަ
(2) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ޖޮއިންޓް އިންވެސްޓިގޭށަނެއް ހިންގިދާނެއެވެ.
77 ވަނަ މާއްދާ – ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅުން
ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ތަހްގީގުކުރާ ޖިނާއީ ކުށެއްގެ ތަހްގީގު ފުރިހަމަކޮށް ނިމުމާއެކު، އެ ކުށުގެ ދައުވާ އުފުލުމަށްޓަކައި ފޮނުވާނީ، ޕްރޮސިކިއުޓަރ ޖެނެރަލްއަށެވެ.
78 ވަނަ މާއްދާ – އިލެކްޓްރޯނިކްކޮށް މައްސަލަ ހުށަހެޅުން
ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ތަހްގީގުކުރާ މައްސަލަތަކުގެ ތަހްގީގު ނިމުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް އިލެކްޓްރޯނިކްކޮށް ފޮނުވުމަށްޓަކައި، އިލެކްޓްރޯނިކް ފައިލިން ސިސްޓަމެއް ގާއިމުކޮށް، އެކަމަށްޓަކައި ގަވާއިދެއް ހަދައި، އެ ގަވާއިދުގެ ދަށުން އެކަން ކުރުމަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
79 ވަނަ މައްދާ – ބައެއް މައުލޫމާތު ސިއްރު މައުލޫމާތުގެ ގޮތުގައި ފޮނުވުން
ޖިނާއީ މައްސަލައެއްގައި ހެކިބަސްދޭންހުރި މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ނުވަތަ އާއިލާއަށް ގެއްލުންދީފާނެކަމުގެ އިންޒާރު ނުވަތަ މައުލޫމާތު ލިބިފައިވާނަމަ، ހެކިބަސްދޭންހުރި މީހަކީ ކާކުކަން ހާމަނުކޮށް، އޭނާއާގުޅޭ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއިން ސިއްރުކުރަންވާނެއެވެ. އަދި ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެފަދަ މައްސަލަތައް ފޮނުވާއިރު، ހެކިބަސްދޭންހުރި މީހާގެ މައުލޫމާތު ހިމެނޭ ލިޔުންތައް ފޮނުވަންވާނީ ސިއްރު ލިޔުންތަކެއްގެ ގޮތުގައެވެ.
79-1 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ދޭ ހުއްދަ ލިޔުމުން އޮތުމާއި ލިޔުމުން ރެކޯޑުކުރުން (އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގައި ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ އޮފިސަރެއް ނުވަތަ ފުލުހުންގެ އޮފިސަރެއް، ވަކި ކަމެއް ކުރުމުގައި، އޭނާއަށްވުރެ މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަ ބޭނުންވާނެ ކަމަށް ބަޔާންކޮށްފައިވާ ހާލަތްތަކުގައި، އެ ހުއްދަ ހޯދަންވާނީ ލިޔުމުންނެވެ. ލިޔުމުން ނޫން ގޮތަކަށް އެ ހުއްދަ ދިނުމަށް މި ގާނޫނު ހުއްދަކޮށްފައިވާ ހާލަތްތަކުގައި، އެ ހުއްދަ ހޯދުމަށްފަހު، އެކަމެއް ކޮށް ނިންމައި، ވީ އެންމެ އަވަހަކަށް އެކަން ލިޔުމުން ރެކޯޑުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހުއްދަ ލިޔުމުން ދޭއިރު، ނުވަތަ ލިޔުމުން ނޫން ގޮތަކަށް ދޭ ހުއްދަ ލިޔުމުން ރެކޯޑުކުރާއިރު، އަންނަނިވި ކަންކަން އެ ލިޔުމުގައި ބަޔާންކުރަންވާނެއެވެ.
- ކުރުމަށް ހުއްދަ ދިން އަމަލުގެ ތަފްސީލު؛
- ހުއްދަ ދިން އޮފިސަރުގެ ނަމާއި ރޭންކާއި ޕޯސްޓް؛
- ހުއްދަ ދިން ތާރީހާއި ވަގުތު؛
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު މައުލޫމާތު.
ތިންވަނަ ބައި
ދައުވާކުރުމުގެ މަރުހަލާ
ދިހަވަނަ ބާބު
ދައުވާކުރުން
80 ވަނަ މާއްދާ – ދައުވާއެއް އުފުލޭއިރު ގާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަވެފައިވުން
(ހ) ޖިނާއީ ކުށެއްގެ ދައުވާއެއް މީހެއްގެ މައްޗަށް އުފުލަން ނިންމައި، އެފަދަ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި އެ މީހެއްގެ މައްޗަށް އެ ދައުވާއެއް އުފުލަންވާނީ، އެ ކުށާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ ކަމަށް ގާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވެގެންނެވެ.
(ށ) މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރުމަށްޓަކައި ގާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވެފައިވާކަން ކަށަވަރުކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޒިންމާއެކެވެ.
81 ވަނަ މާއްދާ - ދައުވާ ހުށަހެޅުން
ޖިނާއީ މައްސަލައެއްގެ ދައުވާ، އެފަދަ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކަށް ހުށަހަޅަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ތައްޔާރުކުރާ ފޯމު މެދުވެރިކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްއެވެ. އެ ފޯމުގައި، ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއްގެ ނަމާއި ސޮއި އޮންނަންވާނެއެވެ. އަދ ޕްރޮސިކިއުޓަރ ޖެނެރަލް ފިޔަވައި އެހެން މީހަކު އެ ފޯމުގައި ސޮއިކުރާނަމަ، އެ މީހަކު އެކަން ކުރަނީ ޕްރޮސިކިއުޓަރ ޖެނެރަލް ހުއްދަދީގެންކަން ކަނޑައެޅިގެން ބަޔާންކޮށްފައި އޮންނަންވާނެއެވެ.
82 ވަނަ މާއްދާ - ދައުވާ އޮންނަންވީ ގޮތް
(ހ) ޖިނާއީ ކޮންމެ ދައުވާއެއްގައި، ކުށުގެ ތުހުމަތުގައިވާ މީހާގެ މައްޗަށް ދައުވާކުރެވޭ ކުށް ބަޔާންކުރަންވާނެއެވެ.
(ށ) މީހެއްގެ މައްޗަށް ދައުވާ އުފުލޭ ކުށް، ދައުވާއެއްގައި ބަޔާންކުރަންވާނީ، ގާނޫނުގައި އެ ކުށް ކަނޑައަޅާ މާއްދާއާ ހަވާލާދީއެވެ. ކުށް ކަނޑައަޅާ މާއްދާއަށް ހަވާލާދިނުމަކާ ނުލައި އެނޫން އާންމު މާއްދާއެއްގެ ދަށުން ނުވަތަ ގާނޫނީ އިފްތިރާޒެއްގެ ދަށުން ނުވަތަ އެނޫންވެސް އެހެން މާއްދާއަކާ ހަވާލާދީ ޖިނާއީ ކުށަކަށް ދައުވާ އުފުލައިގެންނުވާނެއެވެ.
(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ކުށް ކަނޑައަޅާ ގާނޫނެއްގައި ވަކި ކަމެއް ވަކި ގޮތަކަށް ހުރުމަކީ، އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު މީހަކު ވަކި ކުށެއް ކުރީ ކަމުގައި ބެލެވޭނެ ހާލަތެއް ކަމުގައި ގަބޫލުކުރެވޭނެ ކަމަށް ބަޔާންކުރާނަމަ، އެ މާއްދާގައި ބަޔާންކުރާ ކަންކަން ފުރިހަމަވާ ހާލަތުގައި، މީހެއްގެ މައްޗަށް ދައުވާ އުފުލަންޖެހިއްޖެނަމަ އެ ދައުވާ އުފުލާނީ، އެ ގާނޫނީ އިފްތިރާޒް ބަޔާންކުރާ މާއްދާއަށް ހަވާލާދިނުމާއެކު، އެ އިފްތިރާޒްގައި ހަވާލާދޭ ކުށް ކަނޑައަޅާ މާއްދާގެ ދަށުންނެވެ.
(ރ) ޖިނާއީ ވަކި ކުށަކަށް ގާނޫނެއްގައި ވަކި ހާއްސަ ނަމެއް ދީފައިވާނަމަ، ނުވަތަ އެ ކުށް ކަނޑައެޅުމުގައި ގާނޫނެއްގައި ވަކި ހާއްސަ އިބާރާތެއް ބޭނުންކޮށްފައިވާނަމަ، ދައުވާގައި އެ ކުށް ބަޔާންކުރަންވާނީ، އެ ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތަށެވެ.
(ބ) ދައުވާއެއްގައި ކުށް ބަޔާންކުރުމުގެ އިތުރުން، ކުށުގެ ތުހުމަތުގައިވާ މީހާ ހިންގި ކަމަށް ބުނާ އަމަލާއި، އޭނާ ކުށް ކުރި ކަމަށް ބުނާ ވަގުތާއި ތަން ބަޔާންކުރަންވާނެއެވެ. އަދި އެ ކުށަކީ، މީހަކާ ދެކޮޅަށް ހިންގުނު ކުށެއް ކަމުގައިވާނަމަ، ނުވަތަ ވަކި އެއްޗެއް ހިމެނޭ ކުށެއް ކަމުގައިވާނަމަ، އެ މީހެއް ނުވަތަ އެ އެއްޗެއްގެ ތަފްސީލުވެސް ބަޔާންކުރަންވާނެއެވެ.
83 ވަނަ މާއްދާ – ދައުވާ ސާބިތުކުރުމަށް ހެކި ހުށަހެޅުން
(ހ) ޖިނާއީ މައްސަލައެއްގެ ދައުވާ، އެފަދަ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކަށް ހުށަހަޅަންވާނީ، އެ ދައުވާ ސާބިތުކުރުމަށް ބޭނުންވާ ހެއްކާ އެކުގައެވެ. އެގޮތުން، ދައުވާ ސާބިތުކުރުމަށް ހުށަހަޅަން ބޭނުންވާ އެންމެހައި ބަޔާންތަކާއި، ލިޔެކިޔުމާއި، އެކްޒިބިޓްތައް ދައުވާ ފޯމާއެކު ހިމަނަންވާނެއެވެ.
(ށ) ދައުވާ ސާބިތުކުރަން ހުށަހަޅަންޖެހޭ ހެކީގެ ތެރޭގައި ހިމެނޭ މާއްދީ ހެއްކަކީ، ދައުވާ ފޯމާއެކު ހުށަހެޅެން ނެތް ހެކި ކަމުގައިވާނަމަ، އެ ހެކީގެ ތަފްސީލުތައް ދައުވާ ފޯމާއެކު ހުށަހަޅަންވާނެއެވެ.
(ނ) ދައުލަތުން ދައުވާއެއް ސާބިތުކުރަން ހުށަހަޅާ ހެކީގެ ތެރޭގައި ށަފަހީ ހެކި ހިމެނޭނަމަ، ހެކިބަސް ދޭ މީހާއަށް ހިމާޔަތްދިނުމަށް އެދޭ ހާލަތުގައި މެނުވީ، އެ ހެކިބަސް ދޭ މީހާ ނުވަތަ މީހުންގެ ތަފްސީލު ދައުވާ ފޯމުގައި ހިމަނަންވާނެއެވެ. (އިސްލާހު ކުރެވިފައި)
84 ވަނަ މާއްދާ – ދައުވާގެ ލިޔެކިޔުން ދައުވާ ލިބޭ ފަރާތަށް ދިނުން
ޖިނާއީ ކުށެއްގެ ދައުވާ، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓަށް ބަލައިގެންފިނަމަ، އެ ތާރީހުން ފެށިގެން ލަސްވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ދައުވާ ލިބޭ ފަރާތަށް އެކަން އަންގައި، އެ ދައުވާއާއި ދައުވާއާގުޅޭ އެންމެހައި ލިޔެކިޔުމުގެ ކޮޕީ، ދައުވާ ލިބޭ ފަރާތަށް ކޯޓުން ފޮނުވަންވާނެއެވެ. (އިސްލާހު ކުރެވިފައި)
85 ވަނަ މާއްދާ – ދައުވާގައިވާ އޮޅުމެއްގެ ސަބަބުން ދައުވާއަށް އަސަރުނުކުރުން
ތުހުމަތުކުރެވޭ ފަރާތާމެދު ތުހުމަކުރެވޭ ކުށް ދައުވާ ފޯމުގައި ބަޔާންކުރުމުގައި ނުވަތަ ދައުވާއާގުޅޭ އެނޫންވެސް ތަފްސީލެއް ބަޔާންކުރުމުގައި ކުށެއް އޮތުމަކީ، ނުވަތަ ކުށް ބަޔާންކުރުމުގައި ނުވަތަ ދައުވާއާގުޅޭ އެނޫންވެސް ތަފްސީލެއް ބަޔާންކުރުމުގައި ހިމަނަންޖެހޭ އެއްޗެއް ނުހިމެނި އޮތުމަކީ، އޭގެ ސަބަބުން ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކުރެވިފައިވާ ދައުވާ، ދައުވާ ލިބޭ ފަރާތަށް އޮޅިދާނެ ހާލަތެއްގައި މެނުވީ، އެ ދައުވާއަށް އަސަރުކުރާނެ ކަމެއް ކަމުގައެއް ނުބެލެވޭނެއެވެ.
86 ވަނަ މާއްދާ – ވަކި ކުށްކުށަށް ވަކި ދައުވާކުރުން
(ހ) މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެ ޖިނާއީ ކުށަކަށް ވަކި ދައުވާއެއް ކުރަންވާނެއެވެ. އަދި މި މާއްދާގެ (ށ)، (ނ), އަދި (ރ) ގައި ބަޔާންކުރާ ހާލަތުގައާއި، މި ގާނޫނުގެ 88 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި، އެއިން ކޮންމެ ކުށެއްގެ ދައުވާ، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި އުފުލަންވާނީ، ވަކި ދައުވާތަކެއްގެ ގޮތުގައެވެ. (އިސްލާހު ކުރެވިފައި)
(ށ) ކުށުގެ ތުހުމަތުގައިވާ މީހާ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށްތަކަށް އިއުތިރާފުވާ ހާލަތުގައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލެއް ނުހިނގާނެއެވެ.
(ނ) މީހަކު ކުރާ ކުށެއްގެ އަމަލުގެ ތެރޭގައި އެއް ކުށަށްވުރެ ގިނަ ކުށުގެ ރުކުން ފުރިހަމަވާ ހާލަތުގައި، އެ ހުރިހާ ކުށްތަކެއްގެ ދައުވާ ހިމެނޭ ގޮތުން، އޭނާގެ މައްޗަށް އެއް ދައުވާކުރުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.
(ރ) މީހަކު ކުރާ ކުށުގެ އަމަލަކީ، ތަފާތު ދެ ގާނޫނު ނުވަތަ އެއަށްވުރެ ގިނަ ގާނޫނުގެ ދަށުން ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކުށުގެ އަމަލެއް ކަމުގައިވާނަމަ، އެ ހުރިހާ ގާނޫނެއްގައި ބަޔާންކުރާ ކުށުގެ ދައުވާ އެ މީހެއްގެ މައްޗަށް އުފުލިދާނެއެވެ. އަދިއެ ހާލަތުގައި، އެ ހުރިހާ ކުށްތަކެއްގެ ދައުވާ ހިމެނޭ ގޮތުން، އޭނާގެ މައްޗަށް އެއް ދައުވާކުރެވިދާނެއެވެ.
87 ވަނަ މާއްދާ – ދައުވާ އުފުލިފައިވާ ކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއް ސާބިތުވުން
(ހ) މީހެއްގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށުގެ ށަރީއަތުގައި ހާމަވާ ހެކީގެ ސަބަބުން އޭނާ އެހެން ކުށެއްގެ އަމަލު ހިންގިކަން ސާބިތުވާ ހާލަތުގައި، އޭނާގެ މައްޗަށް އެ ދެވަނަ ކުށުގެ ދައުވާ އުފުލިފައިނުވި ނަމަވެސް، އެ ކުށް ސާބިތުވާކަމަށް ކަނޑައެޅިދާނެއެވެ. އެހެންނަމަވެސް، އެފަދައިން ކަނޑައެޅޭނީ، އެއީ އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ފުރަތަމަ ކުށުގެ އަމަލުން ފުރިހަމަވާ ކުށެއް ކަމުގައިވާ ހާލަތުގައި އެކަންޏެވެ.
(ށ) މީހެއްގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށް އޭނާގެ މައްޗަށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވިނަމަވެސް، އެ ކުށް ކުރަން އޭނާ އުޅުނުކަން ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިންކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާނަމަ، އެ ކުށް ކުރަން އުޅުމުގެ ނުވަތަ އެހީތެރިވުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅިދާނެއެވެ.
(ނ) މީހެއްގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށުގެ އަމަލުގެ ތެރޭގައި، އެއް ކުށަށްވުރެ ގިނަ ކުށުގެ އަމަލު ހިމެނޭ ހާލަތުގައި، އަދި އޭގެ ތެރޭގައި އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށަށްވުރެ ކުޑަ ކުށެއް ހިމެނޭ ހާލަތުގައި، އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށް އޭނާ ކުރިކަމަށް ސާބިތުނުވިނަމަވެސް، އެ ކުށުގެ އަމަލުން ފުރިހަމަވާ އަނެއް ކުށް އޭނާ ކުރިކަމަށް ސާބިތުވާނަމަ، އެ ދެވަނަ ކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައެޅިދާނެއެވެ.
88 ވަނަ މާއްދާ – އެކަކަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުގައި ދައުވާކުރުން
އަންނަނިވި މީހުންގެ މައްޗަށް، އެކުގައި ދައުވާ އުފުލުމުގެ އިހްތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
(ހ) އެއް މުއާމަލާތަކުން ފުރިހަމަވާ އެއް ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މީހުން؛
(ށ) އެއް މުއާމަލާތަކުން ފުރިހަމަވާ ތަފާތު ކުށްތަކަކަށް ތުހުމަތުކުރެވޭ މީހުން؛
(ނ) ކުށުގެ އަމަލުން ފުރިހަމަވާ އެއް ބާވަތެއްގެ ކުށްތަކަކަށް ތުހުމަތުކުރެވޭ މީހުން؛
(ރ) އެއް ގާނޫނަކުން ކަނޑައަޅާފައިވާ ތަފާތު ދެ ކުށް ފުރިހަމަވެފައިވަނީ، އެއް މުއާމަލާތަކުން ކަމުގައިނުވިނަމަވެސް، އެ ދެ ކުށް ފުރިހަމަވެފައިވަނީ އެއް ކުށުގެ އަމަލުތަކަކުން ކަމުގައިވާ ހާލަތުގައި، އެ ދެ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ މީހުން.
89 ވަނަ މާއްދާ - އެކަކަށްވުރެ ގިނަ މީހުންގެ މައްޗަށް އެއް ދައުވާ ކުރުމުން މަސްލަހަތަށް އުނިކަން އައުން
މި ގާނޫނުގެ 88 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދައުވާކުރުމުން މީހެއްގެ މަސްލަހަތަށް އުނިކަމެއް އަތުވެދާނެކަމަށް ކޯޓަށް ފެނިއްޖެނަމަ ނުވަތަ އެފަދަ އުނިކަމެއް އަންނަ ކަމަށް މައްސަލައިގައި ހިމެނޭ ފަރާތަކުން ކޯޓަށް ހުށަހަޅައިފިނަމަ، އަދި އެއީ އިންސާފުވެރިގޮތް ކަމަށް ކޯޓަށް ފެންނަނަމަ، އެ ދައުވާތައް ވަކިވަކި ދައުވާތަކެއްގެ ގޮތުގައި ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް އެންގުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
90 ވަނަ މާއްދާ – އެއް ދައުވާ ސާބިތުވުމުން ދެން ހުރި ދައުވާ ދޫކޮށްލުން
(ހ) މީހެއްގެ މައްޗަށް އެއް ދައުވާއަށްވުރެ ގިނަ ދައުވާ އުފުލިފައިވާ ހާލަތެއްގައި، އޭނާގެ މައްޗަށް ދައުވާ ކުރެވިފައިވާ އެއް ކުށް ނުވަތަ އެއަށްވުރެ ގިނަ ކުށް ސާބިތުވެއްޖެނަމަ، އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ދެން ހުރި ކުށްތަކުގެ ތެރެއިން ކުށެއްގެ، ނުވަތަ އެ ހުރިހާ ކުށެއްގެ ދައުވާ، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިއްޖެ ހިނދެއްގައި، އަނބުރާ ގެންދެވިދާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގެ ދަށުން ދައުވާއެއް އަނބުރާ ގެންގޮސްފިނަމަ، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތުގައި މެނުވީ އޭނާގެ މައްޗަށް އަލުން އެ ދައުވާ އުފުލައިގެންނުވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތްނަމަވެސް، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކޮށްފައިވާ ހުކުމް، މަތީ މަރުހަލާއެއްގެ ކޯޓުން ބާތިލުކޮށްފިނަމަ، މި މާއްދާގެ (ހ) ގެ ދަށުން އަނބުރާ ގެންދެވުނު ދައުވާ އޭނާގެ މައްޗަށް އަލުން އުފުލިދާނެއެވެ.
(ރ) މި މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އަނބުރާ ގެންދިއުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
91 ވަނަ މާއްދާ - ދައުވާއަށް ބަދަލު ގެނައުން
(ހ) އިބްތިދާއީ އަޑުއެހުމުގެ ކުރިން، އަދި ދައުވާ ލިބޭ ފަރާތަށް އެކަށީގެންވާ ނޯޓިސް ލިބޭގޮތަށް، ދައުވާގައި ހިމެނޭ ތަފްސީލުތައް ބަދަލުކުރުމުގެ ނުވަތަ ދައުވާގައި އިތުރު ކުށް ހިމެނުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ. އެހެންނަމަވެސް، އެފަދައިން އިތުރުކުރެވޭ ކަންކަން ބިނާވެފައި އޮންނަންވާނީ، ދައުވާގައި ފުރަތަމަ ހިމެނުނު ކުށް ނުވަތަ ކުށްތައް ބިނާވެފައިވާ އަމަލުގެ މައްޗަށެވެ. (އިސްލާހު ކުރެވިފައި)
(ށ) އިބްތިދާއީ އަޑުއެހުން ފެށުމަށް ފަހުގައި، ދައުވާގައި އިތުރު ކުށް ހިމަނައިގެންނުވާނެއެވެ. އެހެންނަމަވެސް ކޯޓުގެ ހުއްދައާއެކު ދައުވާ އެ މައްޗަށް ބިނާވެފައިވާ ކަންކަން، އިބްތިދާއީ އަޑުއެހުމުގެ މަރުހަލާގައި ބަދަލު ކުރެވިދާނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) މި މާއްދާގެ (ހ) ގެ ދަށުން ދައުވާގައި ހިމެނޭ ތަފްސީލުތައް ބަދަލުކުރުމަށް ނުވަތަ ދައުވާގައި އިތުރު ކުށް ހިމެނުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅައިފިނަމަ، ދައުވާއަށް ޖަވާބުދާރީވުމަށްޓަކައި ދައުވާ ލިބޭ ފަރާތަށް އެކަށީގެންވާ ނޯޓިސް ދޭންވާނެއެވެ. (އިތުރު ކުރެވިފައި)
92 ވަނަ މާއްދާ - ދައުވާ އަނބުރާ ގެނައުން
(ހ) މީހެއްގެ މައްޗަށް ކޮށްފައިވާ ދައުވާއެއްގެ ށަރީއަތުގެ ފުރަތަމަ އަޑުއެހުން ފެށުމުގެ ކުރިން، އެ ދައުވާއެއް އަނބުރާ ގެންދިޔުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ. އެފަދައިން ދައުވާ އަނބުރާ ގެންދާއިރު، ފަހުން އެ ދައުވާކުރުމުގެ ހައްގު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބޭ ގޮތަށްވެސް ނުވަތަ ނުލިބޭ ގޮތަށްވެސް ދައުވާ އަނބުރާ ގެންދެވިދާނެއެވެ.
(ށ) ދައުވާ އަނބުރާ ގެންދިއުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާއެއް އަނބުރާ ގެންގޮސްފިނަމަ، އެފަދައިން އެ ދައުވާ އަނބުރާ ގެންދިޔަ ސަބަބު ލިޔުމުން ކޯޓުގައި ބަޔާންކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
93 ވަނަ މާއްދާ - ދައުވާ ބާތިލުވުން (ސުރުހީ އާއި މާއްދާ އިސްލާހު ކުރެވިފައި)
(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި ހާލަތްތަކުގައި މީހެއްގެ މައްޗަށް ކުރެވިފައިވާ ޖިނާއީ ކުށެއްގެ ދައުވާ ބާތިލުވާނެއެވެ.
- ދައުވާ ލިބޭ މީހާ މަރުވުން؛
- ދައުވާ އުފުލުމަށްފަހު، ދައުވާ ލިބޭ ފަރާތުގެ އިހުމާލެއްނެތި، ކޯޓުގައި މައްސަލަ ކުރިއަށްނުގެންގޮސް އެކަށީގެންވާ ދިގު މުއްދަތެއް ފާއިތުވެފައިވުމުގެ ސަބަބުން، ދައުވާ އަނބުރާ ގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އެދުމުން؛
- އަލުން ދައުވާކުރެވޭ ގޮތަށް ދައުވާއެއް އަނބުރާ ގެންދިއުމަށްފަހު އަލުން ދައުވާ ނުކޮށް ވަނިކޮށް، ދައުވާ އުފުލުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވުން؛
- ޖިނާއީ ދައުވާއެއް ބާތިލުވާނެ ހާލަތެއް ކަމަށް އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ ހާލަތެއް މެދުވެރިވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް މެދުވެރިވުމުގެ ސަބަބުން ދައުވާއެއް ބާތިލުވެއްޖެނަމަ އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ކޯޓުތަކުން ހަދާ ގަވާއިދުގައާއި ޕްރޮސިކިއުޓަރ ޖެނެރަލް ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
94 ވަނަ މާއްދާ - ބަންދުގައިވާ މީހުންގެ މައްޗަށް ދައުވާކުރުމުގެ މުއްދަތު (އިސްލާހު1 ސުރުހީ އާއި މާއްދާ އިސްލާހު2 ކުރެވިފައި)
(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި އެނޫން ހާލަތްތަކުގައި، ޖިނާއީ ކުށެއްގެ ދައުވާ ލިބޭ ފަރާތަކީ މި ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ބަންދުކޮށްފައިވާ މީހެއްނަމަ، އޭނާ މި ގާނޫނުގެ 58 ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަހްގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ދައުވާއެއް އުފުލަންވާނެއެވެ.
(ށ) ޖިނާއީ ކުށެއްގެ ދައުވާ ލިބޭ ފަރާތަކީ މި ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމަށްފަހު އެ މާއްދާގެ (ށ) ނުވަތަ (ކ) ގެ ދަށުން ބަންދުކޮށްފައިވާ މީހެއްނަމަ، އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއްގެ ތަހްގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ދައުވާއެއް އުފުލަންވާނެއެވެ.
(ނ) ޖިނާއީ ކުށެއްގެ ދައުވާ ލިބޭ ފަރާތަކީ މި ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށްފަހު އެ މާއްދާގެ (ނ) ނުވަތަ (ރ) ގެ ދަށުން ދޫކޮށްލާފައިވާ މީހެއްނަމަ، ނުވަތަ އޭނާ ދޫކޮށްލާފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުން ކަމަށްވާނަމަ، އޭނާ ބަންދުން ދޫކޮށްލާތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއްގެ ތަހްގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ދައުވާއެއް އުފުލަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) އަދި (ނ) ގައި ކަނޑައަޅާފައިވާ މުއްދަތުތައް އެފަދައިން ކަނޑައަޅާފައި ވީނަމަވެސް، އެ މުއްދަތު ހަމަވުމުގެ ކުރިންވެސް، ވީއެންމެ އަވަހަކަށް އެފަދަ މައްސަލަތަކުގެ ތަހްގީގު ނިންމައި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުވަން މަސައްކަތްކުރަންވާނެއެވެ. އަދި މައްސަލައެއްގައި
ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުގެ ކުރިންވެސް، ވީއެންމެ އަވަހަކަށް އެ މައްސަލައިގައި ދައުވާ އުފުލުމާމެދު ގޮތެއް ނިންމުމަށް ޕްރޮސިކިއުޓަރ ޖެނެރަލް މަސައްކަތްކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ މީހަކު ކުރިކަމަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވެފައި،އެ މައްސަލައިގެ ބާވަތުން އެ އަކުރުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައިކަމުގައިނުވާނަމަ، އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރުމަށްޓަކައި މުއްދަތު އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރެވިދާނެ މައްސަލައެއް އިތުރުކޮށްދިނުމަށް އެދި ސަބަބު ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލްއަށްހުށަހެޅިދާނެއެވެ. އެހެންނަމަވެސް، އެފަދައިން ޕްރޮސިކިއުޓަރ ޖެނެރަލްއިތުރުކޮށްދޭ މުއްދަތު، 60 (ފަސްދޮޅަސް) ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ. އަދި މުއްދަތު އިތުރުކޮށްދޭއިރު، އިތުރުކޮށްދެވޭނީ ފަހަރަކު 15 (ފަނަރަ) ދުވަހަށްވުރެ ދިގުނުވާނެ ގޮތަށެވެ.
(ޅ) މި މާއްދާގެ (ބ) ގެ ދަށުން މުއްދަތު އިތުރުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅާނީ، ގާނޫނު ތަންފީޒުކުރާ އިދާރާއިންނެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލް އެކަމާމެދު ނިންމާ ގޮތެއް، ސަބަބާއެކު، ލިޔުމުން ބަޔާންކުރަންވާނެއެވެ.
(ކ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ މުއްދަތުގައި ތަހްގީގު ފުރިހަމަކުރުމަށްފަހު ދައުވާކުރުމަށްޓަކައި ހުށަނޭޅިއްޖެނަމަ، ނުވަތަ ދައުވާކުރާ މިންވަރަށް ހެކި ލިބިފައިނުވާނަމަ، ތަހްގީގީ އިދާރާއިން އެ މީހަކު ބަންދުން ދޫކޮށްލަންވާނެއެވެ.
(އ) މި މާއްދާގެ (ކ) ގެ ދަށުން މީހަކު ބަންދުން ދޫކޮށްލާއިރު، މި ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން އެ މީހަކު ފުރުން މަނާކުރަންޖެހޭ ހާލަތެއްވާނަމަ، އެކަމަށް އެދި ތަހްގީގީ އިދާރާއިން ކޯޓަށް ހުށަހެޅިދާނެއެވެ.
(ވ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ މުއްދަތުގައި ކުށުގެ ތުހުމަތުގައިވާ މީހާގެ މައްޗަށް ދައުވާ އުފުލުމަށް ބޭނުންވާ ހެކި ލިބިފައިނެތުމުގެ ސަބަބުން ތަހްގީގު ފުރިހަމަނުކުރެވޭ ހާލަތުގައި ކުށުގެ ތުހުމަތުގައިވާ މީހާ ބަންދުން ދޫކޮށްލި ނަމަވެސް، އެ މައްސަލައެއްގައި ފަހުން އާ ހެކި ލިބިއްޖެނަމަ، އެފަދަ އާ ހެއްކާއެކު އެ މައްސަލައެއްގައި އެ މީހެއްގެ މައްޗަށް ދައުވާކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
(މ) މި މާއްދާގެ (ވ) ގެ ބޭނުމަށްޓަކައި "އާ ހެކި" ކަމަށް ބުނެފައި އެވަނީ، އެ މައްސަލައެއްގެ ތަހްގީގު ހިންގިއިރު، ތަހްގީގީ އިދާރާއިން އެކަށީގެންވާ މިންވަރަށް މަސައްކަތްކޮށްގެންވެސް ލިބިފައިނުވާ ހެއްކާއި، އެ މައްސަލައެއްގެ ތަހްގީގު ހިންގިއިރު އެ ހެކި ވުޖޫދުގައިވީ ނަމަވެސް، އެ ހެއްކަށް ވާސި ލުވެވިފައިނުވުމުގެ ސަބަބުން ހާމަވެފައިނުވާ ހެއްކަށެވެ.
(ފ) އާ ހެކި ލިބުމާ ގުޅިގެން މި މާއްދާގެ (ވ) ގެ ދަށުން މީހެއްގެ މައްޗަށްދައުވާ އުފުލާނަމަ، މި މާއްދާގެ (ނ) ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލައެއްގެ ތަހްގީގު ނިންމައި، ދައުވާ އުފުލުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އެ މީހެއްގެ މައްޗަށް ދައުވާ އުފުލަންވާނެއެވެ. އަދި އެ ހާލަތުގައިވެސް އެފަދަ ދައުވާއެއް ކުރެވޭނީ، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 61 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޖިނާޔަތުގެ ތެރޭގައި ހިމެނޭ ކުށްކުށުގައި، ކުށް ކުރި ވަގުތުން ފެށިގެން 8 (އަށެއް) އަހަރު ދުވަސް ނުވަތަ ޖުނަހުގެ ތެރޭގައި ހިމެނޭ ކުށްކުށުގައި، އެ ކުށް ކުރި ވަގުތުން ފެށިގެން 3 (ތިނެއް) އަހަރު ދުވަސް ފާއިތުވެފައިނުވާނަމައެވެ.
(ދ) މި މާއްދާގެ (ފ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ކީރިތި ގުރުއާނުގައި ހައްދު ކަނޑައަޅާފައިވާ ކުށްތަކާއި، މީހެއްގެ މަރާ ގުޅިގެން ތުހުމަތުކުރެވޭ މައްސަލަތަކުގައި، އާ ހެކި ލިބިގެން ދައުވާކުރުމަށް ކަނޑައަޅާފައިވާ މުއްދަތުން އިސްތިސްނާވެގެންވެއެވެ.
(ތ) މި މާއްދާގެ (ވ) ގެ ދަށުން ކުށުގެ ތުހުމަތުގައިވާ މީހެއްގެ މައްޗަށް ދައުވާކުރާ ހާލަތުގައި، މި ގާނޫނުގައި މީހަކު ބަންދުކުރަން ހުއްދަކުރާ ސަބަބެއް އޮތްކަމުގައިވާނަމަ، އެ މީހަކު ބަންދުގައި ބެހެއްޓުމަށް ތަހްގީގީ އިދާރާއަށް އެދެވިދާނެއެވެ.
95 ވަނަ މާއްދާ – މި ގާނޫނަށް އަމަލުކުރަން ފަށާއިރު ހުރި މައްސަލަތައް
މި ގާނޫނަށް އަމަލުކުރަން ފަށާއިރު ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ތަހްގީގުކުރަމުންދާ މައްސަލަތަކުގެ މައްޗަކަށް މި ގާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުތައ އެގޮތަކަށް ނުހިނގާނެއެވެ. އެހެންނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފަށާއިރު ތަހްގީގުގައި ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަތައް ނިންމައި، މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މީހުންގެ މައްޗަށް ދައުވާ އުފުލަންވާނެއެވެ. އަދި ހައްޔަރުކުރެވި، އެހެންނަމަވެސް ބަންދުން ދޫކޮށްލާފައިވާ މީހުންގެ މައްސަލަތައް ނިންމައި، މި ގާނޫނަށް އަމަލުކުރަން ފަށާތާ 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި އެ މީހުންގެ މައްޗަށް ދައުވާ އުފުލަންވާނެއެވެ.
96 ވަނަ މާއްދާ – ކުށަށް އިއުތިރާފްވާ މީހުންގެ މައްޗަށް ދައުވާނުކޮށް ދޫކޮށްލުމާއި އަދަބު ލުއިކޮށްދިނުމަށް ހުށަހެޅުން (އުނި ކުރެވިފައި)
އެގާރަވަނަ ބާބު
ނަސޭހަތް ދިނުން
97 ވަނަ މާއްދާ – ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ މައްސަލަ ނިންމުން
(ހ) ތަހްގީގުގައި ކުށަށް އިއުތިރާފުވާ މީހުންގެ ތެރެއިން ކުދިކުދި ކުށް ކުރާ މީހުން އެފަދަ އަމަލުތަކުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، އަދި އެ މީހުންނަށް އިތުރު ފުރުސަތު ދީ، މުޖުތަމައަށް ރުޖޫއަވެ، މުޖުތަމައުގައި ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ މީހުންގެ މައްޗަށް ކުށުގެ ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ، މައްސަލަ ނިންމުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
(ށ) ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ މައްސަލަ ނިންމަންވާނީ އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ އެގޮތަށް އެ މައްސަލަ ނިންމުނ ކަމުގައިވާނަމައެވެ. އެގޮތުން، މި ގާނޫނުގެ 99 ވަނަ މާއްދާގައި ބަޔާންވެގެންވާ ކަންކަމުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ރިއާޔަތްކުރަންވާނެއެވެ.
98 ވަނަ މާއްދާ – ނަސޭހަތް ދެވޭނެ މައްސަލަތައް
ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތް ދީ، މައްސަލަ ނިންމޭނީ ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާ މައްސަލަތަކުގައެވެ.
(ހ) ކުށަށް އިއުތިރާފުވެފައިވުން؛ އަދި
(ށ) ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ށަރުތުތަކާ އެއްގޮތަށް އަމަލުކުރުމަށް ކުށުގެ ތުހުމަތުގައިވާ މީހާ ގަބޫލުވުން؛ އަދި
(ނ) އޭނާ ކުރިކަމަށް އިއުތިރާފުވާ ކުށަކީ 1 (އެކެއް) އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ޖަލުގައި ބަންދުކުރުމުގެ އަދަބެއް ހިމެނޭ ކުށެއް ކަމުގައި ނުވުން.
99 ވަނަ މާއްދާ – އާންމު މަސްލަހަތަށް އެންމެ ފައިދާހުރިގޮތް ކަނޑައެޅުން
ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތް ދިނުމަކީ އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް ރިއާޔަތްކުރަންވާނެއެވެ.
(ހ) އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ ނަސޭހަތް ދިނުން ކަމުގައި ނިންމުމަށް ބާރުއަޅާ ކަންތައްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
- ކުށުގެ އަދަބަކީ ކުޑަ އަދަބެއް ކަމުގައިވުން؛
- ކުށުގެ ސަބަބުން ލިބުނު ގެއްލުމަކީ ބޮޑު ގެއްލުމެއް ކަމުގައިނުވުން؛
- ކުށް ކުރި މީހަކީ ފުރަތަމަ ފަހަރަށް ކުށް ކުރި މީހެއް ކަމުގައިވުން؛
- ކުށް ކުރި މީހަކީ އެހެން ޖިނާއީ ކުށެއްގެ ދައުވާ އުފުލިފައިވާ މީހެއް ކަމުގައިނުވުން؛
- ކުށް ކުރި މީހަކީ އުމުރުން ދުވަސްވެފައިވާ މީހެއް ކަމުގައިވުން؛
- ކުށް ކުރީ ކުޑަ ކުއްޖެއް ކަމުގައިވުން؛
- ކުށް ކުރީ ޒިންމާދާރުކަމާއެކު އާއިލާއެއް ބަލަމުންދާ މީހަކު ކަމުގައިވުން؛
- ކުށުގެ ސަބަބުން ލިބުނު ގެއްލުމަށް ބަދަލު ދީފައިވުން.
(ށ) އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ ދައުވާކުރުން ކަމުގައި ނިންމުމަށް ބާރުއަޅާ ކަންތައްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
- ކުށުގެ އަދަބަކީ ބޮޑު އަދަބެއް ކަމުގައިވުން؛
- ކުށް ކުރުމުގައި ހަތިޔާރެއް ނުވަތަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ބޭނުންކޮށްފައިވުން؛
- ކުށް ކުރުމުގައި މީހަކަށް ހަމަލާ ދީފައިވުން ނުވަތަ ހަމަލާ ދީފާނެކަމުގެ ބިރުދައްކާފައިވުން؛
- ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހިންގި އަމަލަކަށްވުން؛
- ކުށް ކުރި މީހަކީ މުޖުތަމައުގައި ޒިންމާދާރު މަގާމެއްގައި ހުރި މީހެއް ކަމުގައިވުން؛
- ކުށް ކުރީ ޖަމާއަތެއް ހަދައިގެން ކަމަށްވާނަމަ، އޭނާއަކީ އެކަން ރޭވި މީހާ ކަމުގައިވުން؛
- ކުށުގެ އަމަލު ހިންގީ ކުޑަކުއްޖަކާ ދެކޮޅަށް ކަމުގައިވުން؛
- ކުށުގެ އަމަލު ހިންގީ ކުޑަކުއްޖެއް ބައިވެރިކޮށްގެން ކަމުގައިވުން؛
- ކުޑަކުއްޖެއްގެ ކުރިމަތީގައި ކުރި ކަމަކަށްވުން؛
- މީހެއްގެ ނަސްލު ނުވަތަ ޖިންސު ނުވަތަ ގައުމީ ނިސްބަތް ނުވަތަ އެ މީހެއްގެ ކިބައިގައިހުރި ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުމެއްގެ ސަބަބުން އެ މީހަކާމެދު ހިންގުނު އަމަލެއް ކަމުގައިވުން؛
- ކުށް ކުރުމުގައި ކޮރަޕްށަންގެ އަމަލެއް އެކުލެވިގެންވުން؛
- އެ ކުށަކީ އޭގެ ޒާތުގައި ބޮޑު ކުށެއް ކަމުގައި ނުވިނަމަވެސް އެ ކުށް ކުރުން އާންމުވެފައިވުން؛
- ކުށުގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބިފައިވާނަމަ، ދައުވާ ނުކުރުމާމެދު އޭނާ ކަނޑައެޅިގެން އިއުތިރާޒުކުރުން.
100 ވަނަ މާއްދާ – ނަސޭހަތްދީ ދޫކޮށްލުމުގެ އެއްބަސްވުން
(ހ) މި ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ކުށުގެ ތުހުމަތުގައިވާ މީހަކު ނަސޭހަތްދީ ދޫކޮށްލާނަމަ، މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އޭނާއާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެއްބަސްވުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ށަރުތުތަކަކާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވާކަމަށް އިގުރާރުވެ، ކުށުގެ ތުހުމަތުގައިވާ މީހާ ސޮއިކުރަންވާނެއެވެ. އަދި އެ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން އޭނާ އަމަލުކުރަމުންދާހާ ހިނދަކު، އޭނާގެ މައްޗަށް އެ ކުށުގެ ދައުވާ ނުއުފުލާނެކަން ޕްރޮސިކިއުޓަރ ޖެނެރަލް ކަށަވަރުކޮށްދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ވެވޭ އެއްބަސްވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ށަރުތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
101 ވަނަ މާއްދާ - އިތުރު ކުށެއް ކުރުން
މި ގާނޫނުގެ މި ބައިގެ ދަށުން ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ ނިންމާ މައްސަލައެއް، އެ މައްސަލައެއްގެ ބާވަތުން، އެ މައްސަލަ ނިންމާ ތާރީހުން ފެށިގެން، ނަސޭހަތުގެ އެއްބަސްވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ، 6 (ހައެއް) މަހާއި 3 (ތިނެއް) އަހަރު ދުވަހާ ދެމެދުގެ މުއްދަތެއްގައި، ނަސޭހަތް ދެވުނު މީހާ އިތުރު ކުށެއް ކޮށްފިނަމަ، އޭނާގެ މައްޗަށް އެ ކުށުގެ ދައުވާއާއެކު، އެ ކުށާ ގުޅިގެން ނަސޭހަތް ދެވުނު ކުށުގެ ދައުވާވެސް ކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
102 ވަނަ މާއްދާ – ނަސޭހަތްދީ ދޫކޮށްލުމާގުޅޭ ގަވާއިދު ހެދުން
ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތް ދީ މައްސަލަ ނިންމުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ބާރަވަނަ ބާބު
އަދަބު ލުއިކޮށްދިނުމަށް އެދުން
103 ވަނަ މާއްދާ – އަދަބު ލުއިކޮށްދިނުމަށް ހުށަހެޅުން
ތަހްގީގުގައި ކުށަށް އިއުތިރާފުވާ މީހަކީ، މި ގާނޫނުގެ 97 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ނަސޭހަތް ދިނުމަށްފަހު ދައުވާ ނުކޮށް ދޫކޮށްލުމަށް ށަރުތު ހަމަވާ މީހެއް ކަމުގައިނުވާނަމަ، ނުވަތަ އޭނާގެ މައްޗަށް އޭނާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވިފައިވާ ކުށަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިއްޖެނަމަ، އޭނާގެ އަދަބު ލުއިކޮށްދިނުމަށް ހުށަހެޅުމަށްޓަކައި މި ގާނޫނުގެ 104 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިއުތިރާފުގެ އެއްބަސްވުމެއް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ވެވިދާނެއެވެ.
104 ވަނަ މާއްދާ - އިއުތިރާފުގެ އެއްބަސްވުން (އިސްލާހު ކުރެވިފައި)
(ހ) ކުށުގެ ތުހުމަތުގައިވާ މީހަކު، ތަހްގީގު މަރުހަލާގައި، ނުވަތަ އޭނާގެ މައްޗަށް ދައުވާ އުފުލޭ ހާލަތުގައި އިބްތިދާއީ އަޑުއެހުން ނިމުމުގެ ކުރިން ކުށަށް އިއުތިރާފުވެއްޖެނަމަ، މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އޭނާއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަ ލްއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެއްބަސްވުމެއް ކުށުގެ ތުހުމަތުގައިވާ މީހާއާއެކު ވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އަމިއްލަ އިހްތިޔާރުގައި ހުށަހެޅިދާނެއެވެ. ނުވަތަ ކުށުގެ ތުހުމަތުގައިވާ މީހާއަށްވެސް ހުށަހެޅިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކުށުގެ ތުހުމަތުގައިވާ މީހަކު ކުށަށް އިއުތިރާފުވާ ހާލަތުގައި، އޭނާއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވާންވާނީ، އަންނަނިވި ކަންކަން ފުރިހަމަވާނަމައެވެ.
- ކުށުގެ ތުހުމަތުގައިވާ މީހާ ވާ އިއުތިރާފަކީ، ކުށުގެ ހުރިހާ ރުކުންތަކާއި އުންސުރުތަކަށް، ތަފްސީލީ ގޮތެއްގައިވާ އިއުތިރާފެއްކަމަށްވުން؛ އަދި
- އޭނާގެ އެ އިއުތިރާފުގައި ހިމެނޭ ކަންކަމާއި، އެހާތަނަށް ތަހްގީގަށް ހޯދިފައިވާ ހޯދުންތަކާއި ތަހްގީގަށް ލިބިފައިވާ ހެއްކާ އެކަށީގެންވާ ނިސްބަތަކަށް ދިމާވުން؛ އަދި
- ތަހްގީގަށް އެހާތަނަށް ހޯދިފައިވާ ހެކި އޭނާ އިއުތިރާފުވާ ކުށް އޭނާގެ މައްޗަށް ސާބިތުކުރުމަށް ވާގިވެރިވުން؛ އަދި
- އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ދައުލަތުން ދިނުމަށް ހުށަހަޅާ ލުއިތަކަކީ، ދައުވާ ލިބޭ ފަ ރާތުން ފޯރުކޮށްދޭ މައުލޫމާތުން އުފައްދައިދޭ ނަތީޖާއާ ވަޒަންހަމަވާ ލުއިތަކަކަށްވުން.
(ރ) ކުށުގެ ތުހުމަތުގައިވާ މީހަކު ތަހްގީގުގައި ކުށަށް އިއުތިރާފުވެއްޖެނަމަ، އެކަން، ވީއެންމެ އަވަހަކަށް، އަދި ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ގާނޫނު ތަންފީޒުކުރާ އިދާރާއިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަންގަންވާނެއެވެ. އަދި މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެއްބަސްވުމެއް ވުމަށް ކުށުގެ ތުހުމަތުގައިވާ މީހާ ގާނޫނު ތަންފީޒުކުރާ އިދާރާއަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުން، އެ އިދާރާއިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަންގަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ގާނޫނު ތަންފީޒުކުރާ އިދާރާއިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް އެންގުމުން، ކުށުގެ ތުހުމަތުކުރެވޭ މީހާއާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު މަށްވަރާކުރެވި، މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، އިއުތިރާފުގެ އެއްބަސްވުމެއް ވެވިދާނެއެވެ. އަދި އެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކުރަންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ކުރާ މަށްވަރާގައި، މި މާއްދާގައި ބަޔާންކުރާ އެއްބަސްވުމުގައި ހިމެނުމަށްޓަކައި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ކުށުގެ ތުހުމަތުކުރެވޭ މީހާއަށް ހުށަހެޅުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
- އަންނަނިވި ކަންކަން ފުރިހަމަވާނަމަ، އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށުގެ އަމަލުގައި ހިމެނޭ ކަންކަމުގެ ތެރެއިން ވަކިވަކި ދައުވާ އުފުލިދާނެ އެހެން އަމަލުތަކާ ގުޅިގެން ދައުވާއެއް ނުކުރުމަށް ނުވަތަ އެހެން ކުށެއްގެ ދައުވާއެއް ނުކުރުމަށް ނުވަތަ އޭނާގެ މައްޗަށް ކޮށްފައިވާ އެހެން ދައުވާއެއް އަނބުރާ ގެނައުމަށް؛
- ކުށުގެ ބާވަތުން އެ ކުށަކީ ކުޑަ ކުށަކަށްވެފައި، އެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލުމުގައި ހާސިލުވާނެ އާންމު މަސްލަހަތެއް ނެތުން؛ ނުވަތަ
- އެ ކުށުގެ އަދަބަކީ ނުވަތަ އެ ކުށުގެ ނަތީޖާއަކީ، އިއުތިރާފުގެ އެއްބަސްވުން ނިސްބަތްވާ ކުށް ސާބިތުކުރުމަށް އިތުރު ވަރުގަދަކަމެއް ގެނެސްދޭ ކަމަކަށްނުވުން؛ ނުވަތަ
- އެ ކުށުގެ ދައުވާގެ ށަރީއަތް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ނިމުމުގެ ފުރުސަތު ކުޑަވުމާއެކު، ދައުވާ ލިބޭ ފަރާތާއެކު ވާ އިއުތިރާފުގެ އެއްބަސްވުމުގެ ނަތީޖާގެ ބޭރުން، އޭނާއަށް އިތުރު ކުށެއްގެ ދައުވާ އުފުލައި އަދަބު ލިބުމަކީ، އޭނާ ޖަވާބުދާރީކުރުވުމަށް ނުވަތަ މުޖުތަމައުގެ ރައްކާތެރިކަން ދެމެހެއްޓުމަށް ކޮންމެހެން މުހިންމު ކަމަކަށްނުވުން.
- ކުށުގެ އަދަބު ލުއިކޮށްދޭން އެދޭނަމަ، އަދަބު ލުއިކޮށްދެވިދާނެ ގޮތްތައް.
(ކ) މި މާއްދާގެ ދަށުން ވެވޭ އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކުރެވޭނީ އަންނަނިވި ގޮތުގެމަތިންނެވެ.
- އިއުތިރާފުގެ އެއްބަސްވުމެއްވަނީ، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ބަޔާންކުރާ ކުށަކާ ގުޅިގެންނަމަ، އެ ކުށަށް އެއްބަސްވެވޭ އަދަބު، ގާނޫނުލްއުގޫބާތުގެ 1002 ވަނަ މާއްދާގައި ހިމެނޭ، ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލުގައި އެ ދަރަޖައިގެ ކުށަކަށް ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބަށްވުރެ ކުޑަވެގެންނުވާނެއެވެ.
- އިއުތިރާފުގެ އެއްބަސްވުމެއްވަނީ، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ބަޔާންކުރާ ކުށަކާ ގުޅިގެންނަމަ، އެ ކުށަށް އެއްބަސްވެވޭ އަދަބު، ގާނޫނުލްއުގޫބާތުގެ 1005 ވަނަ މާއްދާގައި ހިމެނޭ، އަދަބުތަކުގެ މިންވަރު ދައްކުވައިދޭ ތާވަލުގައި ބަޔާންކުރާ ގޮތަށް ބަދަލުކޮށް، އެގޮތުގެމަތިން އެއްބަސްވުމުގައި ހިމެނިދާނެއެވެ.
- އިއުތިރާފުގެ އެއްބަސްވުމެއްވަނީ ޖިނާއީ ކުށް ކަނޑައެޅުމުގެ ހާއްސަ ގާނޫނެއްގައި ބަޔާންކުރާ ކުށަކާ ގުޅިގެންނަމަ، އެ ކުށަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބުގެ ދެބައިކުޅަ އެއްބަޔަށްވުރެ އަދަބު ކުޑައެއް ނުކުރެވޭނެއެވެ. އަދި ގާނޫނުގައި އެ ކުށަށް ކުޑަ އަދަބެއް ކަނޑައެޅިފައިނުވާނަމަ، އެ ކުށަށް ކަނޑައެޅިފައިވާ އަދަބުގެ ދެބައިކުޅަ އެއްބަޔަށްވުރެ ކުޑަނުވާނެ އަދަބަކަށް އެއްބަސްވެވިދާނެއެވެ.
(އ) އިއުތިރާފުގެ އެއްބަސްވުމެއް ވުމަށްޓަކައި، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ މަށްވަރާތައް ފެށޭއިރު، ކުށުގެ ތުހުމަތުގައިވާ މީހާ ގާނޫނީ ވަކީލެއް އައްޔަންކޮށްފައިނުވާނަމަ، ގާނޫނީ ވަކީލެއް އައްޔަންކުރުމުގެ ފުރުސަތު އޭނާއަށް އޮތްކަން ގާނޫނު ތަންފީޒުކުރާ އިދާރާއިން އޭނާއަށް އަންގަންވާނެއެވެ. އަދި ކުށުގެ ތުހުމަތުގައިވާ މީހާ ގާނޫނީ ވަކީލެއް އައްޔަންކުރުމަށް ބޭނުންކަމަށް ބުނެފިނަމަ، ގާނޫނީ ވަކީލެއް އައްޔަންކުރުމަށްޓަކައި އެކަށީގެންވާ ފުރުސަތެއް ގާނޫނު ތަންފީޒުކުރާ އިދާރާއިން އޭނާއަށް ދޭންވާނެއެވެ.
(ވ) މި މާއްދާގެ (އ) އެހެން އޮތްނަމަވެސް، އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ގާނޫނީ ވަކީލަކު އައްޔަންކުރުމަށް ލިބޭ ފުރުސަތު ކުށުގެ ތުހުމަތުގައިވާ މީހާ ދޫކޮށްލައިފިނަމަ، ވަކީލެއްގެ އެހީތެރިކަމާ ނުލައި އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
(މ) މި މާއްދާގައިވާ ގޮތުގެމަތިން، ކުށުގެ ތުހުމަތުކުރެވޭ މީހާއާއި، ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު އިއުތިރާފުގެ އެއްބަސްވުމެއް ވުމަށް ނިންމައިފިނަމަ، އެ މީހަކު ކުށަށް އިއުތިރާފުވާތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި ދައުވާ އުފުލުމަށްޓަކައި މައްސަލައިގައި އެހާތަނަށް ލިބިފައިވާ އެންމެހައި ހެއްކާއެކު މައްސަލައިގެ ލިޔުންތައް ގާނޫނު ތަންފީޒުކުރާ އިދާރާއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެއެވެ. ނަމަވެސް، ކުށުގެ ތުހުމަތުގައިވާ މީހާއަކީ މި ގާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކުރާ ތަހްގީގުކުރުމުގެ މުއްދަތު އެ މީހެއްގެ މައްޗަށް ހިނގާ މީހެއް ކަމުގައިވެފައި، އޭނާ ކުށަށް އިއުތިރާފުވާތާ 5 (ފަހެއް) ދުވަސް ހަމަވުމުގެ ކުރިން މި ގާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތު ހަމަވާނެނަމަ، އެ މުއްދަތު ހަމަވުމުގެ ކުރިން ދައުވާކުރުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާއިން އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެއެވެ.
(ފ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ އިއުތިރާފުގެ އެއްބަސްވުމެއް ހެދުމާގުޅޭ ތަފްސީލީ އިޖުރާއަތުތައް، މި ގާނޫނު ތަސްދީގުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ހަތަރުވަނަ ބައި
ށަރީއަތުގެ ކުރީގެ މަރުހަލާ
ތޭރަވަނަ ބާބު
އިބްތިދާއީ އަޑުއެހުން
105 ވަނަ މާއްދާ – އިބްތިދާއީ އަޑުއެހުން ބޭއްވުން
ކުށުގެ ތުހުމަތުކުރެވިފައިވާ މީހާގެ މައްޗަށް ކުރެވިފައިވާ ދައުވާ އޭނާއަށް ސާފުވެފައިވޭތޯ ބެލުމަށާއި، ދައުވާއަށް އޭނާ ޖަވާބުދާރީވާ ގޮތެއް ބެލުމަށާއި، ދައުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ކަނޑައެޅުމަށްޓަކައި، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގެ އިބްތިދާއީ އަޑުއެހުމެއް، އެ ކޯޓަކުން ބާއްވަންވާނެއެވެ.
106 ވަނަ މާއްދާ – އިވްތިދާއީ އަޑުއެހުމުން ހާސިލްކުރަންޖެހޭ ކަންތައްތައް
އިބްތިދާއީ އަޑުއެހުން ބޭއްވުމުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ދައުވާއާއި ދައުވާއާގުޅޭ އެންމެހައި ލިޔެކިޔުމުގެ ކޮޕީ ދައުވާ ލިބޭ ފަރާތަށް ލިބިފައިވާކަން ކަށަވަރުކުރުން؛
(ށ) ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކުރެވޭ ދައުވާއަކީ ކޮބައިކަން އޭނާއަށް ސާފުކޮށްދިނުން؛
(ނ) ދިފާއީ ވަކީލަކު ނުވަތަ ތަރުޖަމާނަކު ހޯދާފައިނުވާނަމަ، އެކަން ކުރަން ފުރުސަތުދިނުން؛
(ރ) މި ގާނޫނުގެ 107 ވަނަ މާއްދާގައިވާ ގޮތަކުންކުރެ ގޮތަކަށް ދައުވާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދައުވާ ލިބޭ ފަރާތަށް ދިނުން؛
(ބ) ށަރީއަތް ހިންގުމަށް ބޭނުންވާ މައުލޫމާތާއި ލިޔުންތައް ހާމަކޮށް، ދައުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ކަނޑައެޅުން؛
(ޅ) ށަރީއަތުގެ ކުރިން ހުށަހެޅޭ ހުށަހެޅުންތައް ހުށަހެޅުމަށް ދެވޭނެ މުއްދަތު ކަނޑައެޅުން؛
(ކ) ށަރީއަތުގެ ކުރިން ހުށަހެޅޭ ހުށަހެޅުންތަކާގުޅޭ އަޑުއެހުންތައް ބޭއްވުމަށާއި، ށަރީއަތުގެ އަޑުއެހުންތައް ބާއްވާނެ ތާރީހުތަކާއި ގަޑި ކަނޑައަޅައި ތާވަލުކުރުން.
107 ވަނަ މާއްދާ - ދައުވާއަށް ޖަވާބުދާރީވުން
(ހ) ދައުވާ ލިބޭ ފަރާތުން އިބްތިދާއީ އަޑުއެހުމުގައި އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ދައުވާއަށް ޖަވާބުދާރީވާންވާނެއެވެ.
- ކުށަށް އިއުތިރާފުވާކަން؛ ނުވަތަ
- ދައުވާއަށް އިންކާރުކުރާކަން.
(ށ) ދައުވާ ލިބޭ ފަރާތުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތެއް އިހްތިޔާރު ނުކޮށްފިނަމަ، ނުވަތަ އިބްތިދާއީ އަޑުއެހުމަށް ހާޒިރުނުވެއްޖެނަމަ، އޭނާ ދައުވާއަށް އިންކާރުކުރީ ކަމަށް ކޯޓުން ބަލަންވާނެއެވެ. އެ ހާލަތުގައި، އިބްތިދާއީ އަޑުއެހުން ނިމުމަކަށް ގެނެސް، މި ގާނޫނުގައިވާ ގޮތުގެމަތިން އެ ދައުވާގެ ށަރީއަތް ކުރިއަށްގެންދިޔުމުގެ މަސައްކަތް ފަށަންވާނެއެވެ.
(ނ) ދައުވާ ލިބޭ މީހާ މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދައުވާއަށް ޖަވާބުދާރީވުމަށް އެންގުމުގެ ކުރިން، އަންނަނިވި ކަންކަން ފަނޑިޔާރު ކުރަންވާނެއެވެ.
- ދައުވާއާއި ދައުވާއާގުޅޭ އެންމެހައި ލިޔެކިޔުމުގެ ކޮޕީ ދައުވާ ލިބޭ ފަރާތަށް ލިބިފައިވާކަން ކަށަވަރުކުރުން؛
- ދައުވާ ލިބޭ މީހާގެ މައްޗަށް ކުރެވޭ ދައުވާއަކީ ކޮބައިކަން ދައުވާ ލިބޭ ފަރާތަށް އެނގޭތޯ ސުވާލުކޮށް، އޭނާއަށް ދައުވާ ސާފުވެފައިނުވާނަމަ ދައުވާ ސާފުކޮށްދިނުން؛
- ދައުވާއަށް އިންކާރުކުރުމުގެ ހައްގު އޭނާއަށް ލިބިގެންވާކަން އެންގުން؛ (އިސްލާހު ކުރެވިފައި)
- ދައުވާއިން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ލިބުމުގެ ހައްގު، އޭނާއަށް ލިބިގެންވާކަން އެންގުން؛ (އިސްލާހު ކުރެވިފައި)
- އޭނާ އިހްތިޔާރުކުރާ ގާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ހައްގު ލިބިގެންވާކަމާއި، އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވާ ހާލަތުގައި، އޭނާ އަމިއްލައަށް ގާނޫނީ ވަކީލަކު އައްޔަންކުރުމުގެ މާލީ ތަނަވަސްކަމެއް އޭނާގެ ކިބައިގައި ނެތްނަމަ، ހަމަޖެހިފައިވާ އުސޫލުން ދައުލަތުގެ ފަރާތުނ އޭނާއަށް ވަކީލަކު އައްޔަންކޮށްދެވޭނެކަން އެންގުން؛
- އޭނާގެ ހާޒިރުގައި ށަރީއަތްކުރެވުމުގެ ހައްގު ލިބިގެންވާކަން އެންގުން؛ (އިސްލާހު ކުރެވިފައި)
- އޭނާއަކީ ދިވެހި ބަސް ނޭނގޭ މީހެއްނަމަ، މި ގާނޫނުގެ 167 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަރުޖަމާނެއްގެ އެހީގައި ށަރީއަތް ކުރެވުމުގެ ހައްގު ލިބިގެންވާކަން އެންގުން؛
- އޭނާގެ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ހައްގު އޭނާއަށް ލިބިގެންވާކަމާއި، އޭނާ ށަރީއަތުގެ މަޖިލީހުގައި ދޭ ބަޔާނަކީ، އޭނާއާ ދެކޮޅަށް ބޭނުންކުރެވިދާނެ ބަޔާނެއްކަމާއި، އޭނާ ދޮގުހެކި ދީފިނަމަ، ދޮގުހެކި ދިނުމުގެ ދައުވާ އޭނާގެ މައްޗަށް ކުރެވިދާނެކަން އެންގުން؛
- ދައުލަތުން ށަރީއަތަށް ހާޒިރުކުރާ ހެކީންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކީން ށަރީއަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކީންނާ ށަރީއަތުގައި ސުވާލުކުރުމުގެ ހައްގު ލިބިގެންވާކަން އެންގުން؛
- އޭނާ މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން 107 ކުށަށް އިއުތިރާފުވެއްޖެނަމަ، އޭނާގެ މައްސަލަ މި ގާނޫނުގެ 162 ވަނަ މާއްދާގެ ދަށުން އަވަސްނިޔާއިން ބެލޭނެކަން ނުވަތަ މި ގާނޫނުގެ 108 ވަނަ މާއްދާގެ (ރ) ގެ ދަށުން އިބްތިދާއީ އަޑުއެހުމުގައި ނިންމޭނެކަން އެންގުން. (އިސްލާހު1، / އިސްލާހު2 ކުރެވިފައި)
(ރ) މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން އަމަލުކުރުމުގައި، ދައުވާ ލިބޭ މީހާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ ކޮބައިކަމާއި، އެ ކުށް ކުރާ މީހަކަށް ނުވަތަ ކުށް ކުރަން އުޅުނު މީހަކަށް ނުވަތަ ކުށް ކުރުމުގައި އެހީތެރިވެދިން މީހަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބަކީ ކޮބައިކަން އޭނާއަށް ސާފުކޮށްދޭންވާނެއެވެ. އަދި އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށް އޭނާގެ މައްޗަށް ސާބިތުނުވިނަމަވެސް، އެ ކުށް ކުރަން އޭނާ އުޅުނުކަން ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިންކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާނަމަ، އެ ކުށް ކުރަން އުޅުމުގެ ނުވަތަ އެހީތެރިވުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅިދާނެކަން އޭނާއަށް ސާފުކޮށްދޭންވާނެއެވެ.
108 ވަނަ މާއްދާ – އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފްވުން
(ހ) އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ މީހާ ކުށަށް އިއުތިރާފުވެއްޖެނަމަ، އެ އިއުތިރާފު ށަރީއަތަށް ބަލައިގަތުމުގެ ކުރިން އެ އިއުތިރާފަކީ، އެއްވެސް މަޖުބޫރުކުރުމެއް ނުވަތަ ނުފޫޒެއް ނުވަތަ ބިރުދެއްކުމަކާ ނުލައި، ބުއްދި ސަލާމަތުން ހުރެ އޭނާގެ އަމިއްލަ އިހްތިޔާރުގައިވާ އިއުތިރާފެއްތޯ ބެލުމަށްޓަކައި ފަނޑިޔާރު އެ މަޖިލީހުގައި އޭނާއާ ސުވާލުކޮށް، އެއީ އެފަދައިންވާ އިއުތިރާފެއްކަން ކަށަވަރުކުރަންވާނެއެވެ. އަދި އެ އިއުތިރާފަކީ ހަގީގަތެއްގެ މައްޗަށް ބިނާވެގެންވާ އިއުތިރާފެއްކަންވެސް ކޯޓުން ކަށަވަރުކުރަންވާނެއެވެ.
(ށ) އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ މީހާ ކުށަށް އިއުތިރާފުވެއްޖެނަމަ، އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގެ ށަރީއަތް، މި ގާނޫނުގެ 17 ވަނަ ބާބުގައިވާ ގޮތުގެމަތިން ހިންގުމަކާ ނުލައި ، މި ގާނޫނުގެ 23 ވަނަ ބާބުގެ ދަށުން އެ މައްސަލަ އަވަސްނިޔާއިން ނިންމުމަށްޓަކައި ށަރީއަތުގެ އަޑުއެހުމެއް ބޭއްވޭނެ ކަމުގައި ނުވަތަ މި މާއްދާގެ (ރ) ގެ ދަށުން އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ބަލައި ނިންމޭނެކަން ދައުވާ ލިބޭ މީހާއަށް ފަނޑިޔާރު އަންގަންވާނެއެވެ. (އިސްލާހު / އިސްލާހު2 ކުރެވިފައި)
(ނ) މި ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ކުށަށް އިއުތިރާފުވާ މީހުންގެ މައްސަލަތަކުގައި ދައުވާ ލިބޭ ފަރާތާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު އިއުތިރާފުގެ އެއްބަސްވުމެއް ވެފައިވާނަމަ، އެ އެއްބަސްވުމާމެދު އިބްތިދާއީ އަޑުއެހުމުގައި ކޯޓުން ގޮތެއް ނިންމަންވާނެއެވެ. އަދި އެގޮތުން ނިންމާ ނިންމުން ބިނާކުރާ ސަބަބުތައް، ދައުލަތަށާއި ދައުވާ ލިބޭ ފަރާތަށް ލިޔުމުން ފަނޑިޔާރު ދޭންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ހުށަހަޅާ އެއްބަސްވުމަކީ، އެހާތަނަށް 108 މައްސަލައިގައި ލިބިފައިވާ ހެއްކަށް ބަލާއިރު، ނުވަތަ މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މައްސަލައިގައި ހިމެނޭ މުހިންމު ކަންކަމަށް އެކަށީގެންވާ މިންވަރަކަށް ރިއާޔަތްކުރުމެއްނެތި ހުށަހަޅާފައިވާ އެއްބަސްވުމެއްނަމަ، އެ އެއްބަސްވުމާމެދު އަލުން ވިސްނުމަށް އެންގުމުގެ ބާރު، ނުވަތަ އެއްބަސްވުން ބަލައިނުގަތުމަށް ނިންމުމުގެ ބާރު، މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ. މި މާއްދާގެ (ނ) ގެ ދަށުން ކޯޓުން ނިންމާ ނިންމުމަކީ އިއުތިރާފުގެ އެއްބަސްވުން ކޯޓަށް ބަލައިގަތުންނަމަ، އިތުރު އަޑުއެހުމެއް ބޭއްވުމަކާ ނުލައި، އެ ށަރީއަތުގެ މަޖިލީހުގައި އޭނާގެ މައްޗަށް އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތުގެމަތިން ފަނޑިޔާރު އަދަބު ކަނޑައަޅައި، ހުކުމްކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ބ) މި މާއްދާގެ (ނ) ގެ ދަށުން ކޯޓުން ނިންމާ ނިންމުމަކީ އިއުތިރާފުގެ އެއްބަސްވުން ކޯޓަށް ބަލައިނުގަތުން ކަމުގައިވާނަމަ، އެކަން ކޯޓުން ހާމަކުރަންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގެ ދަށުން އިއުތިރާފުގެ އެއްބަސްވުމެއް ބަލައިނުގަތުމަށް ފަނޑިޔާރު ނިންމައިފިނަމަ، ދައުވާ ލިބޭ ފަރާތުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަށް އޭނާ ވެފައިވާ އިއުތިރާފުން އޭނާއަށް ރުޖޫއަވުމަށް ފުރުސަތު ދޭންވާނެއެވެ.
(ކ) މި މާއްދާގެ (ޅ) ގެ ދަށުން ދޭ ފުރުސަތުގައި ދައުވާ ލިބޭ ފަރާތުން އިއުތިރާފުން ރުޖޫއަނުވެއްޖެނަމަ، އޭނާގެ އިއުތިރާފު ފަނޑިޔާރު ބަލައިގަންނަންވާނެއެވެ. އެހެންނަމަވެސް، އެހާލަތުގައި ފަނޑިޔާރު ބަލައިގަންނަނީ ހަމައެކަނި އެ އިއުތިރާފުކަމާއި، ދައުވާ ލިބޭ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު ވެފައިވާ އިއުތިރާފުގެ އެއްބަސްވުން ބަލައިނުގަންނަކަން ފަނޑިޔާރު ހާމަކުރަންވާނެއެވެ.
(އ) ދައުވާ ލިބޭ މީހާ ކުށަށް އިއުތިރާފުވާ ހާލަތުގައި، އެ އިއުތިރާފާއި 108 މި ގާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ފަނޑިޔާރު ސާފުކޮށްދޭ ކަންކަން، ލިޔުމުން ނުވަތަ ވީޑިއޯ ނުވަތަ އޯޑިއޯ މެދުވެރިކޮށް، ރެކޯޑުކުރެވިފައި އޮންނަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ވ) (އުނި ކުރެވިފައި)
(މ) މި މާއްދާގެ (ހ) ގެ ދަށުން ދައުވާ ލިބޭ މީހާ ވާ އިއުތިރާފަކީ، އެއްވެސް މަޖުބޫރުކުރުމެއް ނުވަތަ ނުފޫޒެއް ނުވަތަ ބިރުދެއްކުމަކާ ނުލައި، ބުއްދި ސަލާމަތުން ހުރެ އޭނާގެ އަމިއްލަ އިހްތިޔާރުގައިވާ އިއުތިރާފެއް ނޫން ކަމަށް ކޯޓަށް ފެނިއްޖެނަމަ ނުވަތަ އެ އިއުތިރާފަކީ ހަގީގަތެއްގެ މައްޗަށް ބިނާވެގެންވާ އިއުތިރާފެއްކަން، ހުށަހެޅިފައިވާ ދައުވާއާއި ހެއްކަށް ރިއާޔަތްކުރާއިރު ފަނޑިޔާރަށް ގަބޫލުނުކުރެވިއްޖެނަމަ، ދައުވާ ލިބޭ ފަރާތުގެ އިއުތިރާފު ކޯޓުން ބަލައިގަނެގެންނުވާނެއެވެ. (އިތުރު ކުރެވިފައި)
(ފ) ދައުވާ ލިބޭ މީހާ ވާ އިއުތިރާފު ބަލައިނުގަތުމަށް މި މާއްދާގެ (ށ) ގެ ދަށުން ކޯޓުން ނިންމައިފިނަމަ، އެ މައްސަލައިގައި ދެން އަމަލުކުރާނީ، ދައުވާއަށް އިންކާރުކުރާ މީހުންގެ މައްސަލަތަކުގައި އަމަލުކުރާ އުސޫލުންނެވެ. (އިތުރު ކުރެވިފައި)
109 ވަނަ މާއްދާ – އިއުތިރާފުގެ އެއްބަސްވުމެއް ވެފައިވާ މީހަކު އިއުތިރާފުން ރުޖޫއަވުން
(ހ) މި ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ކުށަށް އިއުތިރާފުވެފައިވާ މީހަކަށް މި ގާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ދައުވާއަށް ޖަވާބުދާރީވުމަށް ދެވޭ ފުރުސަތުގައި، އޭނާ ވެފައިވާ އިއުތިރާފުން ރުޖޫއަވެ، ދައުވާއަށް އިންކާރުކުރުމުގެ ހައްގު ލިބިގެންވެއެވެ.
(ށ) މި ގާނޫނުގެ 107 ވަނަ މާއްދާގައި ބުނާ އަޑުއެހުމުގައި ދައުވާ ލިބޭ ފަރާތުން ދައުވާއަށް އިންކާރުކުރާ، ނުވަތަ އިއުތިރާފުން ރުޖޫއަވާ ހާލަތެއް މެދުވެރިވެދާނެކަމަށް ބަލައި، އިއުތިރާފުގެ އެއްބަސްވުމެއް ހިމެނޭ މައްސަލައެއް ކޯޓަށް ހުށަހަޅާއިރު، އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށުގެ ތަހްގީގު އިތުރަށް ފުރިހަމަކުރުމުގެ ފުރުސަތު ދައުލަތުން ބޭނުންވާކަން ނުވަތަ ނޫންކަން ބަޔާންކޮށް ލިޔުމުން ހުށަހަޅަންވާނެއެވެ. މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި، ދައުވާ ލިބޭ ފަރާތުން ދައުވާއަށް އިންކާރުކޮށްފިނަމަ، އަދި މި މާއްދާގައިވާ ގޮތުގެމަތިން ދައުލަތުން އެފަދައިން ލިޔުމުން އެދިފައިވާނަމަ، ތަހްގީގު އިތުރަށް ފުރިހަމަކުރުމުގެ ފުރުސަތު ފަނޑިޔާރު ދައުލަތަށް ދޭންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) މި މާއްދާގެ (ށ) ގެ ދަށުން ދޭ ފުރުސަތުގައި ތަހްގީގު ފުރިހަމަކުރުމަށް ފަނޑިޔާރު ފުރުސަތު ދިނުމާއެކު، އިބްތިދާއީ އަޑުއެހުން އިތުރަށް ކުރިއަށްގެންދެވެން ނެތް ކަމަށް ކަނޑައަޅައި، އެ މައްސަލަ ބާތިލުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ބާތިލުކުރާ މައްސަލައެއްގެ ތަހްގީގު ފުރިހަމަކުރުމަށްފަހު، އަލުން އެ ދައުވާ އޭނާގެ މައްޗަށް ހުށަހެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
110 ވަނަ މާއްދާ - ދައުވާއަށް އިންކާރުކުރުން
(ހ) ދައުވާއަށް ޖަވާބުދާރީވުމަށް އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ ފަރާތަށް ދެވޭ ފުރުސަތުގައި އޭނާ ދައުވާއަށް އިންކާރުކޮށްފިނަމަ، އޭނާ ދައުވާއަށް ޖަވާބުދާރީވިގޮތް ފަނޑިޔާރު ރެކޯޑުކުރުމަށްފަހު، ށަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުމެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންނަމަ، އެ ފުރުސަތު ފަނޑިޔާރު ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ)ގެ ދަށުން ދެވޭ ފުރުސަތުގައި ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާ ނިމި، އެހުށަހެޅުންތަކާމެދު ފަނޑިޔާރު ގޮތެއް ނިންމުމުން، ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކުރާ ދައުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ށަރީއަތަށް ހުށަހަޅަން ގަސްދުކުރާ އެންމެހައި ހެކި، އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ހާމަކުރަންވާނެއެވެ.
(ނ) އިބްތިދާއީ އަޑުއެހުމެއްގައި ދައުވާ ލިބޭ ފަރާތުން ދައުވާއަށް އިންކާރުކުރުމާއެކު، އޭނާގެ މައްޗަށް އެ ދައުވާނުކުރެވޭނެ ކަމަށް ބުނެ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 60 ވަނަ ބާބުގައި ބަޔާންކުރާ ދިފާއުތަކުގެ ތެރެއިން ދިފާއެއް ނަގައިފިނަމަ، އެ ދިފާއު ސާބިތުވޭތޯ އިބްތިދާއީ އަޑުއެހުމުގައި ބަލައި، ގޮތެއް ކަނޑައަޅަންވާނެއެވެ.
(ރ) ދައުލަތުން ހެކި ހުށަހެޅުމުން، ދައުވާ ލިބޭ ފަރާތުން ދިފާއުގައި ހުށަހަޅާނެ ހެކި ހުރިނަމަ، އެ ހެކި ހުށަހަޅަން ދައުވާ ލިބޭ ފަރާތަށް ފުރުސަތު ދޭންވާނެއެވެ.
(ބ) އިބްތިދާއީ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އަދި ދައުވާ ލިބޭ ފަރާތުން ހެކި ހުށަހަޅައި، ހާމަކުރަންވާނީ މި ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިންނެވެ.
111 ވަނަ މާއްދާ – އިއުތިރާފުން ރުޖޫއަވުމުން ކުރިން ވެފައިވާ އިއުތިރާފް ދައުވާ ލިބޭ ފަރާތާ ދެކޮޅަށް ބޭނުންކުރުން
މި ގާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ދައުވާއަށް ޖަވާބުދާރީވުމަށް ދައުވާ ލިބޭ ފަރާތަށް ދެވޭ ފުރުސަތުގައި، އޭނާ ވެފައިވާ އިއުތިރާފުން ރުޖޫއަވެ، ދައުވާއަށް އިންކާރުކޮށްފިނަމަ، އޭނާ ކުރިން ވި އިއުތިރާފު އޭނާއާ ދެކޮޅަކަށް ބޭނުމެއް ނުކުރެވޭނެއެވެ. އަދި އޭނާ އިއުތިރާފުން ރުޖޫއަވިއިރު އޭނާއަކީ، ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވެފައިވާ ފަރާތެއްނަމަ، އޭނާ ވި އިއުތިރާފުން ރުޖޫއަވެ، ދައުވާއަށް އިންކާރުކޮށްފިނަމަ، އެ އެއްބަސްވުމުގައި އޭނާ އެއްބަސްވެފައިވާ ކަންކަން އޭނާއާ ދެކޮޅަކަށް ބޭނުމެއް ނުކުރެވޭނެއެވެ.
112 ވަނަ މާއްދާ – އިބްތިދާއީ އަޑުއެހުމަށް ދައުވާ ލިބޭ މީހާ ހާޒިރުވުން
ދައުވާ ލިބޭ މީހާ ފަނޑިޔާރުގެ ކުރިމަތީގައި ހާޒިރުވެ ހުރެގެން މެނުވީ އިބްތިދާއީ އަޑުއެހުން ބާއްވައިގެންނުވާނެއެވެ. ދައުވާ ލިބޭ މީހާ އިބްތިދާއީ އަޑުއެހުމަށް ހާޒިރުނުވެއްޖެނަމަ، މި ގާނޫނުގެ 107 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ފަނޑިޔާރު އަމަލުކުރަންވާނެއެވެ.
113 ވަނަ މާއްދާ – އިބްތިދާއީ އަޑުއެހުމަށް ދައުލަތުން ހާޒިރުވުން
(ހ) ށަރީއަތުގެ ކުރިން ބާއްވާ އިބްތިދާއީ އަޑުއެހުމަށް ދައުލަތުން ހާޒިރުވުމަށް ކޯޓުން އަންގަންވާނެއެވެ. އިބްތިދާއީ އަޑުއެހުމަށް ދައުލަތުން ސީދާ ހާޒިރުވުމުގެ ބަދަލުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މި މާއްދާގެ (ށ) ގައި ބުނެފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެމަޖިލީހުގައި ބައިވެރިވުމަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
(ށ) ށަރީއަތުގެ ކުރިން ބާއްވާ އިބްތިދާއީ އަޑުއެހުންތަކުގައި މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ގޮތަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދައުލަތުން ބައިވެރިވުމުގެ ކަންތައް ކުރިއަށްގެންދާނެ ގޮތުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
114 ވަނަ މާއްދާ – ގާނޫނީ ވަކީލަކު އައްޔަނުކުރުން
(ހ) މައްސަލައިގެ އިބްތިދާއީ އަޑުއެހުމަށް ދައުލަތުން ހާޒިރުވާއިރު ދައުވާ ލިބޭ ފަރާތުން ގާނޫނީ ވަކީލަކު އައްޔަންކޮށްފައިނުވާނަމަ، ވަކީލަކު އައްޔަންކުރުމަށް އޭނާއަށް ފުރުސަތު ދޭންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި، އިބްތިދާއީ އަޑުއެހުމުގައި ގާނޫނީ ވަކީލަކު އައްޔަންކުރަން ބޭނުންކަމުގައި ދައުވާ ލިބޭ ފަރާތުން ބުނެފިނަމަ، މި ގާނޫނުގެ 107 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އޭނާ ދައުވާއަށް ޖަވާބުދާރީވާން އަންގަންވާނީ، އޭނާގެ ގާނޫނީ ވަކީލު އައްޔަންކުރެވުމުން، އެ ވަކީލުގެ ހާޒިރުގައެވެ.
(ނ) އިބްތިދާއީ އަޑުއެހުމުގައި ގާނޫނީ ވަކީލަކު ހަމަޖައްސަން ބޭނުންކަމުގައި ދައުވާ ލިބޭ ފަރާތުން ބުނެފިނަމަ، އެ މީހަކަށް ގާނޫނީ ވަކީލެއް ހަމަޖެއްސުމަށްގިނަވެގެން 10 ( ދިހައެއް) ދުވަހުގެ ފުރުސަތެއް ކޯޓުން ދޭންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ މުއްދަތު ހަމަވާއިރު އެ މީހަކު ވަކީލެއް ހަމަޖައްސާފައިނުވާނަމަ އެ މީހަކު ވަކީލެއް ހަމަޖައްސަން ބޭނުންނުވަނީ ކަމުގައި ބެލުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ބ) ގާނޫނީ ވަކީލެއްގެ އެހީ ހޯދައި ލިބިގަންނަން ބޭނުންވާ މީހަކީ ބަންދުގައި ހުރި މީހެއްނަމަ، އޭނާ ވަކީލެއް ހަމަޖެއްސުމަށްޓަކައި އޭނާއަށް ވަކީލެއް ހަމަޖެއްސެންދެން ނުވަތަ ކޯޓުން ދޭ މުއްދަތު ފާއިތުވަންދެން ފޯނުކުރުމުގެ ފުރުސަތު އޭނާއަށް ދިނުމަށް އޭނާ ބަންދުކޮށްފައިހުރި ތަނުގެ އިދާރާއަށް ކޯޓުން އަންގަންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގެ ދަށުންވެސް ވަކީލެއް ހަމަޖެއްސުމަށް ދެވޭ މުއްދަތަކީ ގިނަވެގެން 10 (ދިހައެއް) ދުވަހެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަކީލަކު ހަމަނުޖައްސައިފިނަމަ އޭނާ ވަކީލެއް ހަމަޖައްސަން ބޭނުންނުވަނީ ކަމުގައި ބެލެވޭނެއެވެ.
(ކ) ވަކީލެއް ހަމަޖެއްސުމަށް ދެވޭ މުއްދަތު ހަމަވާއިރު ދައުވާ ލިބޭ މީހާ އެކަށީގެންވާ ސަބަބަކާ ނުލައި ވަކީލަކު ހަމަޖައްސާފައިނުވާނަމަ، މައްސަލައިގައި ކޯޓުން ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދަންވާނެއެވެ. އަދި އޭނާ ފަހުން ވަކީލަކު އައްޔަންކުރި ކަމުގައިވިޔަސް، ށަރީއަތުގައި ނިމިފައިހުރި ކަންކަން އަލުން ކުރާކަށް ލާޒިމެއްނުވާނެއެވެ.
(އ) ދައުވާ ލިބޭ މީހާއާމެދު ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވާނަމަ، އަދި އޭނާއަކީ ގާނޫނީ ވަކީލެއް ހޯދޭފަދަ މާލީ ތަނަވަސްކަމެއް ނެތް މީހެއްނަމަ، ކަނޑައެޅިފައިވާ އުސޫލުން އޭނާއަށް ދައުލަތުން ގާނޫނީ ވަކީލަކު ހަމަޖެއްސުމަށްޓަކައި، ކޯޓުން ފުރުސަތު ދޭންވާނެއެވެ.
(ވ) މި މާއްދާގެ (އ) ގެ ދަށުން ކޯޓުން ދޭ މުއްދަތުގެ ތެރޭގައި ކަމާބެހޭ ދައުލަތުގެ އިދާރާއަށް ހުށަހަޅައިގެން ވަކީލެއް ހަމަޖެއްސުމުގެ ކަންތައް އެކަށީގެންވާ ގޮތެއްގައި ކޮށްފައިނުވާކަމަށް ކޯޓަށް ގަބޫލުކުރެވިއްޖެނަމަ، އެ މީހަކު ވަކީލަކު އައްޔަންކުރަން ބޭނުންނުވަނީ ކަމުގައި ބެލެވޭނެއެވެ.
(މ) ދައުވާ ލިބޭ މީހާ ހުރީ ބަންދެއްގައި ކަމުގައިވާނަމަ، މި މާއްދާގެ (އ) ގެ ދަށުން ގާނޫނީ ވަކީލަކު ހަމަޖެއްސުމަށްޓަކައި ކަމާބެހޭ ދައުލަތުގެ އިދާރާއަށް ހުށަހަޅައިގެން އެކަން ހަމަޖައްސައިދިނުމަށް އެ މީހަކު ބަންދުކޮށްފައިވާ ތަނުގެ އިދާރާއަށް ކޯޓުން އަންގަންވާނެއެވެ.
(ފ) މި މާއްދާގެ (މ) ގައިވާ ހާލަތުގައި އެ މީހެއްގެ ކާކުކަން އަންގައިދޭ މައުލޫމާތާއި ހުށަހަޅަންޖެހޭ އެހެނިހެން މައުލޫމާތު، ކަމާބެހޭ ދައުލަތުގެ އިދާރާއަށް ހުށަހަޅައިގެން އެ މީހަކަށް ވަކީލެއް ހަމަޖެއްސުމުގެ ހުރިހާ ކަމެއް ކުރުމަށް އެ މީހަކު ބަންދުގައި ބަހައްޓާފައި ހުރި ތަނުގެ އިދާރާއިން މަގުފަހިކޮށްދޭންވާނެއެވެ.
115 ވަނަ މާއްދާ – ދައުވާއާއިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބެލުން
(ހ) މި ގާނޫނުގެ 107 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުވާއަށް ޖަވާބުދާރީވުމަށް ދައުވާ ލިބޭ ފަރާތަށް ދެވޭ ފުރުސަތުގައި ދައުވާއަށް އިންކާރުކޮށްފިނަމަ، ހުށަހެޅިފައިވާ ދައުވާއަށާއި، އެ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެއްކަށް ރިއާޔަތްކުރާއިރު، ދައުވާ ލިބޭ ފަރާތުގެ މައްޗަށް އެ ދައުވާ ކުރެވޭނެ ތަނެއް ނެތްކަމަށް، މަދަނީ މިންގަނޑުން ބަލާއިރު ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި، އެ ދައުވާއައިގެން ކުރިއަށްދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި، އެއީ ބާތިލު ދައުވާއެއް ކަމުގައި ކަނޑައަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ދައުވާއައިގެން ކުރިއަށްދާނެ ތަނެއް ނެތް ކަމަށްފަނޑިޔާރު ކަނޑައަޅާ ހާލަތުގައި، ކުށުގެ ތުހުމަތުގައިވާ މީހާ ހުރީ ބަންދުގައި ކަމަށްވާނަމަ، އޭނާ ދޫކޮށްލުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ދައުވާއެއް ބާތިލު ކަމަށް ކޯޓުން ކަނޑައެޅުމަކީ، އިތުރު ހެއްކާއެކު، ނުވަތަ ދައުވާގެ ލިޔުމަށް ބަދަލުގެނެސް، ހަމަ އެ ދައުވާ އަލުން އުފުލުމަށް ހުރަހަކަށްވާނެ ކަމެއް ނޫނެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ފަނޑިޔާރަކު ނިންމުމެއް ނިންމައިފިނަމަ، އެ ނިންމުން ނިންމި ސަބަބުތައް، އެ ނިންމުމުގައި ބަޔާންކުރަންވާނެއެވެ. އަދި އެ ނިންމުން ދައުލަތަށާއި ދައުވާ ލިބޭ ފަރާތަށް ފަނޑިޔާރު ދޭންވާނެއެވެ.
(ބ) މި ގާނޫނުގެ 107 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުވާއަށް ޖަވާބުދާރީވުމަށް ދައުވާ ލިބޭ ފަރާތަށް ދެވޭ ފުރުސަތުގައި ދައުވާއަށް އިންކާރުކޮށްފިނަމަ، ހުށަހެޅިފައިވާ ދައުވާއަށާއި އެ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެއްކަށް ރިއާޔަތްކުރާއިރު، ދައުވާ ލިބޭ ފަރާތުގެ މައްޗަށް އެ ދައުވާ ކުރެވޭނެ ތަނެއް އޮތްކަމަށް، މަދަނީ މިންގަނޑުން ބަލާއިރު ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި، އެ ދައުވާއައިގެން ކުރިއަށްދެވޭނެ ކަމަށް ކަނޑައަޅަންވާނެއެވެ.
116 ވަނަ މާއްދާ – ށަރީއަތުގެ އަޑުއެހުން ބާއްވާނެ ދުވަހެއް ކަނޑައެޅުން
(ހ) ދައުވާ ލިބޭ ފަރާތުގެ މައްޗަށް ހުށަހެޅިފައިވާ ދައުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތް ކަމަށް މި ގާނޫނުގެ 115 ވަނަ މާއްދާގެ (ބ) ގެ ދަށުން ފަނޑިޔާރު ނިންމައިފިނަމަ، މި ގާނޫނުގެ ސާދަވަނަ ބާބުގައިވާ ގޮތުގެމަތިން ށަރީއަތްފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމަށް މުއްދަތެއްކަނޑައަޅައި، އެ މުއްދަތުން އުނިނުވާ ގޮތަށް، މައްސަލައިގެ ށަރީއަތުގެ އަޑުއެހުންތައް ބާއްވާނެ ދުވަސްތައް، ދައުލަތާއި ދައުވާ ލިބޭ ފަރާތާ މަށްވަރާކުރުމަށްފަހު، ކޯޓުން ކަނޑައަޅައި ތާވަލުކުރަންވާނެއެވެ.
(ށ) މައްސަލައިގައި ހިމެނޭ ފަރާތްތަކުން ށަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުމެއް ނެތްކަމަށް ބުނެ، މި ގާނޫނުގެ ސާދަވަނަ ބާބުގެ ދަށުން އެފަދަ ހުށަހެޅުންތައް ހުށަހަޅަން ދެވޭ ފުރުސަތު ދޫކޮށްލައިފިނަމަ، ށަރީއަތުގެ އަޑުއެހުން ބާއްވާނެ ދުވަސްތައް ކޯޓުން ކަނޑައަޅައި ތާވަލުކުރަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ށަރީއަތުގެ އަޑުއެހުންތައް ތާވަލުކުރަންވާނީ، މި ގާނޫނުގެ 142 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.
ސާދަވަނަ ބާބު
ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން
117 ވަނަ މާއްދާ – ށާރީއަތުގެ ކުރިން ހުށަހެޅިދާނެ ހުށަހެޅުން
ށަރީއަތުގައި މައުޒޫއީގޮތުން ބެލުމަކާ ނުލައި އެއާމެދު ގޮތެއް ނިންމޭނެ ދިފާއެއް، ނުވަތަ އިއުތިރާޒެއް، ނުވަތަ ހުށަހެޅުމެއް، މައްސަލައިގައި ހިމެނޭ ފަރާތަކަށް ށަރީއަތް ފެށުމުގެ ކުރިން ކޯޓަށް ހުށަހެޅިދާނެއެވެ.
118 ވަނަ މާއްދާ – ށާރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމާއި، އެ ހުށަހެޅުންތަކާގުޅޭ އަޑުއެހުންތައް ބޭއްވުން
(ހ) ށަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ އެންމެހައި ހުށަހެޅުމެއް، ށަރީއަތް ފެށުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން ހުށަހަޅަންވާނެއެވެ. އެ މުއްދަތުގެ ތެރޭގައި އެ އަޑުއެހުންތައް ބާއްވާނެ ގޮތެއް، މި ގާނޫނުގެ 116 ވަނަ މާއްދާގެ ދަށުން ތާވަލުކުރާއިރު ފަނޑިޔާރު ނިންމަންވާނެއެވެ.
(ށ) މައްސަލައިގައި ހިމެނޭ ފަރާތަކުން މި މާއްދާގައިވާ ގޮތުގެމަތިން ށަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ކޯޓަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމަކާމެދު ގޮތެއް ނިންމުމަށް ވީއެންމެ އަވަހަކަށް ކޯޓުން އަޑުއެހުމެއް ބާއްވަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ށަރީއަތަށް ހުށަހަޅަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތައްޔާރުކުރެވިފައިވާ ކަމާގުޅޭ ފޯމު މެދުވެރިކޮށެވެ.
(ރ) ށަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ކޮންމެ ހުށަހެޅުމަކާއެކު، އެ ހުށަހެޅުމަށް ތާއީދުކުރާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ބ) މި މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް ކޯޓަށް ހުށަހެޅުމާއެކު، އެ ހުށަހެޅުމުގެ ކޮޕީއެއް، އެ ހުށަހެޅުން ކޯޓަށް ހުށަހަޅާތާ 2 (ދޭއް) ދުވަހުގެ ތެރޭގައި މައްސަލައިގައި ހިމެނޭ އަނެއް ފަރާތަށް ދޭންވާނެއެވެ.
(ޅ) މި މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމަށް ރައްދުދިނުމުގެ ގޮތުން އަނެއް ފަރާތުން ހުށަހަޅާ ލިޔެކިޔުންތައް، އަޑުއެހުން ބޭއްވުމުގެ 2 (ދޭއް) ދުވަސް ކުރިން ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ކ) ށަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ބާއްވާ އަޑުއެހުން ބޭއްވުމުގެ 5 (ފަހެއް) ދުވަސް ކުރިން އެކަން، މައްސަލައިގައި ހިމެނޭ ދެފަރާތަށް ފަނޑިޔާރު އަންގަންވާނެއެވެ.
(އ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ލިބޭ ފުރުސަތުގައި، ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ ގޮތުގައި އެއް ހުށަހެޅުމަށްވުރެ ގިނަ ހުށަހެޅުން ށަރީއަތަށް ހުށަހެޅިއްޖެ ހާލަތެއްގައި، އެ އެންމެހައި ހުށަހެޅުމަކާމެދު ގޮތެއް ނިންމުމަށްޓަކައި އެއް އަޑުއެހުން ބޭއްވުމަށް މި މާއްދާ ހުރަހެއްނާޅައެވެ. (އިތުރު ކުރެވިފައި)
119 ވަނަ މާއްދާ – ށަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުން
(ހ) އަންނަނިވި ހުށަހެޅުންތަކަކީ ށަރީއަތް ފެށުމުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތަކެކެވެ. މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ށަރީއަތް ފެށުމުގެ ކުރިން އެއިން ހުށަހެޅުމެއް ހުށަނާޅައިފިނަމަ، އެކަންކަން ހުށަހެޅުމަށް އޮތް ފުރުސަތު ދޫކޮށްލީ ކަމުގައި ބެލޭނެއެވެ.
- ދައުވާ އުފުލުމުގައި އަދި/ނުވަތަ ދައުވާ ހުށަހަޅާ ފޯމުގައި އުނިކަމެއް ވާނަމަ އެކަން؛
- ދައުވާކުރުމަށް ހުރަހަކަށްވެދާނެ ދިފާއެއް؛
- ވަކި ހެއްކަކީ ށަރީއަތަށް ގަބޫލުނުކުރެވޭނެ ހެކި ކަމުގައި ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުން؛
- އެކަކަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުގައި ކުރާ ދައުވާއެއް ވަކިކޮށްދިނުމަށް އެދުން؛
- ހެކިބަސްދޭ މީހާ ހިމާޔަތްކުރުމުގެ އަމުރަކަށް އެދުން؛ (އިސްލާހު ކުރެވިފައި)
- މި ގާނޫނުގެ 129 އަދި 132 ވަނަ މާއްދާގެ ދަށުން ހެކި ހާމަކުރުމަށް އެންގުމަށް އެދި ހުށަހަޅާ ހުށަހެޅުން.
(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ވަކި ހެއްކެއް ހާމަވީ، ށަރީއަތް ފެށުމަށް ފަހުގައި ކަމަށްވާނަމަ، އެ ނަންބަރުގައި ބަޔާންކުރާފަދަ ހުށަހެޅުމެއް، ށަރީއަތް ފެށުމަށް ފަހުގައިވެސް ހުށަހެޅިދާނެއެވެ.
120 ވަނަ މާއްދާ – ދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއު ހުށަހެޅުން
(ހ) ދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއެއް ކަމަށް ގާނޫނެއްގައި ބަޔާންވެގެންވާ ދިފާއެއް އޮވެގެން، ދައުވާ ލިބޭ ފަރާތުން އެ ދިފާއު ހުށަހަޅަން ބޭނުންވާނަމަ، ށަރީއަތުގެ ކުރިން އެ ދިފާއު ހުށަހެޅުމުގެ ފުރުސަތު ފަނޑިޔާރު ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ދިފާއެއް ވާންވާނީ، ދައުވާ ލިބޭ ފަރާތާ ދެކޮޅަށް ހުށަހެޅިފައިވާ ދައުވާ މައުޒޫއީގޮތުން ބެލުމަކާ ނުލައި، އެ ދިފާއާމެދު ގޮތެއް ނިންމޭނެ ދިފާއަކަށެވެ.
(ނ) ދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއެއް ކަމަށް ގާނޫނެއްގައި ބަޔާންވެގެންވާ ދިފާއެއް އޮވެގެން، މި މާއްދާގެ ދަށުން ދައުވާ ލިބޭ ފަރާތުން އެ ދިފާއު ހުށަހަޅައި މަދަނީ މިންގަނޑުން އެ ދިފާއު ސާބިތުކޮށްދީފިނަމަ، އެ ދައުވާ ބެލޭނެ ތަނެއް ނެތްކަމަށް އެ ހިސާބުން ކޯޓުން ކަނޑައަޅައި، މައްސަލަ ނިންމަންވާނެއެވެ.
121 ވަނަ މާއްދާ – ދައުވާ ލިބިގަތުމަށް ނުކުޅެދިގެންވާކަމުގެ ދިފާއު
(ހ) ދައުވާ ލިބޭ ފަރާތުން ދައުވާ ލިބިގަތުމަށާއި، ކުރެވޭ ހުކުމް ބަލައިގަތުމަށް ނުކުޅެދިގެންވުމުގެ ދިފާއުގެ ދަށުން ދިފާއެއް ށަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ހުށަހަޅައިފިނަމަ ކޯޓުގެ އަމިއްލަ އިހްތިޔާރުގައި ނުވަތަ ދައުލަތުގެ އެދުމުގެމަތިން އޭނާއަކީ ސިއްހީގޮތުން އެ ދައުވާ ބަލައިގަނެވޭނެ މީހެއްކަން ކަށަވަރުކުރުމަށްޓަކައި ކޯޓުން ކަނޑައަޅާ ތަނަކުން މެޑިކަލް އެގްޒެމިނޭށަނެއް ހެދުމަށް ދައުވާ ލިބޭ ފަރާތަށް ކޯޓުން އަމުރުކުރަންވާނެއެވެ.
(ށ) ކޯޓުގެ އަމުރާ އެއްގޮތަށް ދައުވާ ލިބޭ ފަރާތުން އަމަލުނުކޮށްފިނަމަ ދައުވާ ލިބޭ ފަރާތަކީ ސިއްހީގޮތުން އެ ދައުވާ ބަލައިގަނެވޭނެ މީހެއް ނޫންކަން ސާބިތުކުރުމަށްޓަކައި އެ ފަރާތުން ހުށަހަޅާ ހަބީރުންގެ ހެކިބަސް ގަބޫލުނުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ މެޑިކަލް އެގްޒެމިނޭށަން ރިޕޯޓުގެ ކޮޕީއެއް ހޯދުމަށް ދައުލަތުން އެދިއްޖެނަމަ، އެ ރިޕޯޓުގެ ކޮޕީއެއް ކޯޓުން ދައުލަތަށް ދޭންވާނެއެވެ.
122 ވަނަ މާއްދާ – ކުށުގެ އަމަލު ހިންގި ތަނުގައި ނެތް ކަމުގެ ދިފާއު
(ހ) ކުށުގެ އަމަލު ހިނގި ތަނުގައި ދައުވާ ލިބޭ ފަރާތް ނެތްކަމުގައިވާނަމަ، އަދި އޭނާ އެކަން، ދިފާއެއްގެ ގޮތުގައި ނަގަން ބޭނުންވާނަމަ، އެކަން ދުރާލާ ހާމަކޮށްފައި އޮންނަންވާނެއެވެ. އެގޮތުން ތަހްގީގު މަރުހަލާގައި އަންނަނިވި މައުލޫމާތު ގާނޫނުތަންފީޒުކުރާ އިދާރާއަށް ދީފައި އޮންނަންވާނެއެވެ.
- ކުށުގެ އަމަލު ހިނގިއިރު ދައުވާ ލިބޭ ފަރާތް ހުރި ކަމަށް ބުނާ ކޮންމެ ތަނެއް ވަކިވަކިން ސާފުކޮށް ބަޔާންކޮށްދިނުން؛
- ކުށުގެ އަމަލު ހިނގި ތަނުގައި ދައުވާ ލިބޭ ފަރާތް ނެތްކަން ސާބިތުކޮށްދިނުމުގެ ގޮތުން ދައުވާ ލިބޭ ފަރާތުން ހުށަހަޅަން ގަސްދުކުރާހެކީންގެ ނަމާއި އެޑްރެހާއި ގުޅޭނެ ނަންބަރު.
(ށ) ދައުވާ ލިބޭ ފަރާތުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ތަހްގީގުގައި ދީފިނަމަ، ގާނޫނު ތަންފީޒުކުރާ އިދާރާއިން އެ މައްސަލަ ތަހްގީގުކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާއިރު، އެ މައުލޫމާތު ހިމަނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ކުށުގެ އަމަލު ހިނގި ތަނުގައި ދައުވާ ލިބޭ ފަރާތް ނެތްކަން ސާބިތުކޮށްދިނުމަށް ދައުވާ ލިބޭ ފަރާތުން ހުށަހަޅާ ހެކި ހުރިކަން އޭނާއަށް އެނގިފައިވަނީ ތަހްގީގު މަރުހަލާގެ ފަހުން އެހެންނަމަވެސް ށަރީއަތުގެ މަރުހަލާގެ ކުރިން ކަމުގައިވާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ ކޯޓަށް ހުށަހެޅުމުގެ ކުރިން ދައުވާ ލިބޭ ފަރާތުން މި މާއްދާގެ (ހ) ގައިވާ މައުލޫމާތު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިޔުމަކުން ހުށަހެޅުމުންވެސް، އެ މައުލޫމާތު ދުރާލާ ހާމަކުރެވުނީ ކަމުގައި ބެލެވޭނެއެވެ.
(ރ) މި މާއްދާގެ (ށ) ނުވަތަ (ނ) ގެ ދަށުން ހުށަހެޅޭ މައުލޫމާތު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބުމުން، ދައުވާ ލިބޭ ފަރާތުން ހުށަހެޅި ކަންތައްތަކާއި، މައްސަލައިގެ ތަހްގީގުން ފެންނަންހުރި ކަންތައްތަކަށް ބެލުމަށްފަހު، ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމައިފިނަމަ، ދައުވާ ލިބޭ ފަރާތް އެ ދިފާއު ދުރާލާ ހާމަކުރިކަން ދައުވާގެ ލިޔުންތަކުން އެނގެން އޮންނަންވާނެއެވެ.
(ބ) މި މާއްދާގައި ބަޔާންވެގެންވާ ގޮތަށް ދައުވާ ލިބޭ ފަރާތުން އަމަލުކޮށްފައިވާނަމަ، ކުށުގެ އަމަލު ހިނގި ތަނުގައި ދައުވާ ލިބޭ ފަރާތް ނެތްކަން ސާބިތުކޮށްދިނުމަށް ދައުވާ ލިބޭ ފަރާތުން ހާމަކުރާ ހެކީން ދިފާއީ ހެކީންގެ ގޮތުގައި ށަރީއަތަށް ހާޒިރުކުރެވިދާނެއެވެ.
(ޅ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދައުވާ ލިބޭ ފަރާތުން އަމަލުކޮށްފައިނުވާނަމަ، މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، ކުށުގެ އަމަލު ހިނގި ތަނުގައި ދައުވާ ލިބޭ ފަރާތް ނެތްކަން ސާބިތުކޮށްދިނުމުގެގޮތުން ދުރާލާ ހާމަނުކުރާ ހެކީންގެ ހެކިބަސް ކޯޓުން ގަބޫލުކޮށްގެން ނުވާނެއެވެ.
(ކ) މި މާއްދާގެ (ޅ) އެހެން އޮތްނަމަވެސް، ދައުވާ ލިބޭ ފަރާތުގެ އަމިއްލަ ހެކިބަސް ށަރީއަތުގައި ދިނުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
(އ) ކުށުގެ އަމަލު ހިނގި ތަނުގައި ދައުވާ ލިބޭ ފަރާތް ނެތްކަން ސާބިތުކޮށްދިނުމަށް ދައުވާ ލިބޭ ފަރާތުން ހުށަހަޅާ ހެކި ހުރިކަން އެނގިފައިވަނީ ށަރީއަތުގެ މަރުހަލާގައި ކަމަށްވެފައި، ދައުވާ ލިބޭ ފަރާތުން އެ ހެކި ށަރީއަތަށް ހުށަހަޅައިފިނަމަ، އެހާތަނަށް ށަރީއަތަށް ހުށަހެޅިފައިހުރި ހުރިހާ ހެކިތަކަކަށް ރިއާޔަތްކުރުމަށްފަހު އަދުލުއިންސާފު ގާއިމުކުރުމަށްޓަކައި އެ ހެކި ގަބޫލުކުރަންޖެހޭކަމަށް ކޯޓަށް ފެނިއްޖެނަމަ، އެ ހެކި ގަބޫލުކުރެވިދާނެއެވެ. އަދި މި ގާނޫނުގެ 136 ވަނަ މާއްދާގެ ދަށުން ލާޒިމުކުރާ ކަންކަމަކީ އަދުލުއިންސާފު ގާއިމުކުރުމަށްޓަކައި އެއްކިބާކުރެވިދާނެ ކަމެއްކަމަށް ކޯޓަށް ފެންނަނަމަ، ކަންހިނގާފައި އޮތްގޮތް ރަނގަޅަށް ބެލުމަށްފަހު، އެކަންކަން އެއްކިބާކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
ފަނަރަވަނަ ބާބު
ހެކިބަހުގެ ގޮތުގައި ފަހުން ބޭނުންކުރުމަށް ބަޔާން ނެގުން
123 ވަނަ މާއްދާ – ކޯޓުގެ އަމުރަށް ހެކިބަސް ނެގުން
(ހ) ޖިނާއީ ކުށެއްގެ ށަރީއަތުގައި ހެއްކެއްގެ ގޮތުގައި ހުށަހަޅަން ގަސްދުކުރާ މީހެއްގެ ހެކިބަސް ދުރާލައި ނަގައި، ށަރީއަތުގައި ފަހުން ބޭނުންކުރުމަށްޓަކައި ރައްކާތެރިކޮށްދިނުމަށް އެދި، މައްސަލައިގައި ހިމެނޭ ފަރާތަކަށް ކޯޓަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާ ގުޅޭގޮތުން އަންނަނިވި ކަންކަން ފުރިހަމަވާނަމަ، ހެކިބަހުގެ ގޮތުގައި ފަހުން ބޭނުންކުރުމަށް ބަޔާންނެގުމުގެ ހުއްދަ ކޯޓަށް ދެވިދާނެއެވެ.
- މި ގާނޫނުގެ 128 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބަކާ ހުރެ ހެކިބަސްދޭ މީހާ ށަރީއަތުގެ މަޖިލީހުގައ ހެކިބަސް ދިނުމަށް ހާޒިރުވެވެން ނެތުން؛ އަދި
- އޭނާގެ ހެކިބަހަކީ އެ ށަރީއަތަށް މުހިންމު ހެކިބަހެއް ކަމަށްވުން؛ އަދި
- އަދުލުއިންސާފު ގާއިމުކުރުމަށްޓަކައި އޭނާގެ ހެކިބަސް ނަގައި ރައްކާތެރިކުރެވިފައި އޮތުން މުހިންމުކަމަށްވުން.
(ނ) ކޯޓުގެ ހުއްދައާއެކު، މައްސަލައިގައި ހިމެނޭ ދެފަރާތުން އެއްބަސްވާ ގޮތެއްގެމަތިން، މި މާއްދާގެ ދަށުން ހެކިބަސްދޭ މީހާގެ ހެކިބަސް ނަގައި ރައްކާތެރިކުރެވިދާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ހެކިބަސް ނަގައި ރައްކާތެރިކުރުމަށް ކޯޓުން އަމުރުކުރާނަމަ، އެ ހެކިބަސްނަގާއިރު ހެކިބަސްދޭ މީހާގެ ބެލުމުގެ ދަށުގައިވާ ކަމާގުޅޭ ފޮތްތަކާއި ލިޔެކިޔުމާއި ރެކޯޑާއި ރެކޯޑިންގތަކާއި، ޑޭޓާތަކާއި އެނޫންވެސް މާއްދީ ތަކެތި ހުށަހެޅުމަށް ކޯޓަށް އަމުރުކުރެވިދާނެއެވެ.
(ބ) މި މާއްދާގެ (ހ) އެހެން އޮތްކަމުގައިވީ ނަމަވެސް، ގާނޫނީ ހިމާޔަތް ލިބިފައިވާ އެއްޗެއް އެ މާއްދާގެ ދަށުން ހުށަހެޅުން ލާޒިމުވެގެނެއްނުވެއެވެ.
124 ވަނަ މާއްދާ – ނޯޓިސްދިނުން
(ހ) ހެކިބަސް ނަގައި ރައްކާތެރިކުރަން އެދޭ ފަރާތުން އެ ހެކިބަސް ނަގާނެ ދުވަހަކާއި ހެކިބަސް ނެގުން އޮންނާނެ ތަނުގެ މައުލޫމާތު، މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކަށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެންގުމެއް އަންގާއިރު، ހެކިބަސް ނަގައި ރައްކާތެރިކުރަން ގަސްދުކުރާ އެންމެންގެ ނަމާއި އެޑްރެސް ހިމަނަންވާނެއެވެ. ދައުވާ ލިބޭ ފަރާތަކީ ބަންދުގައި ހުރި ފަރާތެއްނަމަ، މި މާއްދާގެ ދަށުން ހެކިބަސް ނެގުމަށް ކަނޑައެޅިފައިވާ ދުވަހާއި ތަން އެ މީހަކު ބަންދުގައި ބަހައްޓާފައި ހުރި އިދާރާއަށް އަންގަންވާނެއެވެ.
(ނ) ހެކިބަސް ނަގައި ރައްކާތެރިކުރުމަށްޓަކައި ހެކިބަސް ނަގަން ހަމަޖެހިފައިވާ ތަން ބަދަލުކުރަން މައްސަލައިގައި ހިމެނޭ ފަރާތަކުން އެދިއްޖެނަމަ، އެކަން އެގޮތަށް ބަދަލުކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްކަމަށް ކޯޓަށް ފެނިއްޖެނަމަ، އެކަން ކުރުމަށް ހުއްދަދެވިދާނެއެވެ.
125 ވަނަ މާއްދާ – ދައުވާ ލިބޭ ފަރާތް ހާޒިރުވުން
(ހ) ހެކިބަސް ނަގައި ރައްކާތެރިކުރުމުގެ ކަންކަން ކުރިއަށްދާއިރު އެތަނަށް ހާޒިރުވެ، ހެކިބަސްދޭ މީހާގެ ހާޒިރުގައި ހުރުމުގެ ހައްގު ދައުވާ ލިބޭ މީހާއަށާއި އޭނާގެ ވަކީލަށް ލިބިގެންވެއެވެ. އެގޮތުން ހާޒިރުވުމުގެ އެންމެހައި ހަރަދެއް އުފުލަންޖެހޭނީ ދައުވާ ލިބޭ ފަރާތުންނެވެ.
(ށ) ދައުވާ ލިބޭ މީހަކީ ބަންދުގައިވާ މީހެއްނަމަ، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި އެނޫން ހާލަތްތަކުގައި، އޭނާ ބަންދުގައި ބަހައްޓާފައިހުރި ފަރާތުން ހެކިބަސް ނެގުމަށް ހަމަޖެހިފައިވާ ތަނަށް އޭނާ ހާޒިރުކޮށްދޭންވާނެއެވެ.
(ނ) ދައުވާ ލިބޭ ފަރާތަށް އެތަނުގައި ހާޒިރުވެހުރުމަށް ލިބިފައިވާ ހައްގު ލިޔުމުން ދޫކޮށްލާފައިވާނަމަ، ނުވަތަ ހެކިބަސް ނެގުމަށް ހުރަސް އެޅޭގޮތަކަށް ދައުވާ ލިބޭ ފަރާތުގެ އަމަލުތައް ހުރުމުގެ ސަބަބުން ހެކިބަސް ނަގާ ތަނުން އޭނާ ނެރެންޖެހިދާނެކަމަށް އިންޒާރުކުރުމުންވެސް އޭނާގެ އަމަލުތައް ހެކިބަސް ނެގުމަށް ހުރަސްއެޅޭ ގޮތަކަށް ހުރިނަމަ، ދައުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގައި ހެކިބަސް ނެގިދާނެއެވެ.
(ރ) ދައުވާ ލިބޭ ފަރާތަކީ ބަންދުގައިވާ މީހެއް ކަމަށް ނުވާނަމަ، ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން ހެކިބަސް ނަގާ ތަނުގައި ހާޒިރުވެ ހުރުމުގެ ހައްގު އޭނާއަށް ލިބިގެންވެއެވެ. އެކަށީގެންވާ ސަބަބެއް ނެތި ދައުވާ ލިބޭ ފަރާތް އެތަނަށް ހާޒިރުވެފައި ނުވާނަމަ، އަންނަނިވި ހައްގުތައް އޭނާ ދޫކޮށްލީ ކަމުގައި ބެލޭނެއެވެ.
- އެތަނަށް ހާޒިރުވެ ހުރުމަށް ދައުވާ ލިބޭ ފަރާތަށް ލިބިދޭ ހައްގު؛
- ހެކިބަސް ނެގުމަށާއި، އެ ހެކިބަސް ބޭނުންކުރުމަށް އިއުތިރާޒުކުރުމަށް ދައުވާ ލިބޭ ފަރާތަށް ލިބިފައިވާ ހައްގު.
126 ވަނަ މާއްދާ - ހެކިބަސް ނަގާ ގޮތް
މި ގާނޫނުގެ ދަށުން ނުވަތަ ކޯޓުގެ އަމުރަކުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، މ މާއްދާގެ ދަށުން ނަގާ ހެކިބަސް ނަގަންވާނީ ށަރީއަތުގެ މަޖިލީހުގައި ހެކިބަސް ނެގުމުގައި އަމަލުކުރުމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި މި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ހެކީންނާ ސުވާލުކުރުމުގެ ފުރުސަތު، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިގެންވެއެވެ.
127 ވަނަ މާއްދާ – އިއުތިރާޒުކުރުން
ށަރީއަތުގެ މަޖިލީހުގައި ފަހުން ހެކިބަހުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ހެކިބަސް ނަގާއިރު، އެ ހެކިބަސް އެގޮތަށް ނެގުމަށް ދެފަރާތުންކުރެ ފަރާތަކުން އިއުތިރާޒުކުރާނަމަ އެކަން އެ ހެކިބަސް ނެގޭ މަރުހަލާގައި ސަބަބާއެކު ބަޔާންކުރަންވާނެއެވެ.
128 ވަނަ މާއްދާ – ހެކީގެ ގޮތުގައި ބޭނުންކުރުން
ށަރީއަތުގެ މަޖިލީހުގައި ފަހުން ހެކިބަހުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ނަގާ ހެކިބަސް ނުވަތަ އެ ހެކިބަހުގެ ބައެއް، ހެއްކާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، އަންނަނިވި ހާލަތުތަކުންކުރެ ހާލަތެއްގައި ށަރީއަތަށް ހުށަހަޅައި، ށަރީއަތުގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ. (އިސްލާހު ކުރެވިފައި)
(ހ) ށަރީއަތުގެ މަޖިލީހުގައި ފަހުން ހެކިބަހުގެ ގޮތުގައި ބޭނުންކުރުމަށް ނަގާފައިވާ ހެކިބަހުން ބައެއް، ށަރީއަތުގައި ހިމެނޭ އަނެއް ފަރާތުން ށަރީއަތުގެ މަޖިލީހަށް ހުށަހަޅާފައިވުން؛
(ށ) ހެކިބަސްދޭ މީހާ އަންނަނިވި ސަބަބުތަކުންކުރެ ސަބަބަކާހުރެ ށަރީއަތުގެ މަޖިލީހަށް ހާޒިރުކުރެވެން ނެތުން:
- މަރުވުމުގެ ސަބަބުން، ނުވަތަ ހަށިގަނޑަށް ނުވަތަ ސިކުނޑިއަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން، ނުވަތަ މުސްކުޅިވުމުގެ ސަބަބުން އޭނާ ހާޒިރުކުރެވެން ނެތުން؛
- ހެކިބަސްދޭ މީހާ ގައުމުން ބޭރުގައިވުމުގެ ސަބަބުން ހާޒިރުކުރެވެން ނެތުން؛
- ށަރީއަތުގެ މަޖިލީހުގައި ފަހުން ހެކިބަހުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ނަގާފައިވާ ހެކިބަސް ދިން މީހާ ށަރީއަތުގެ މަޖިލީހަށް ހާޒިރުވުމަށް އަންގާފައިވާ އެންގުމާ އެއްގޮތަށް އަމަލުކޮށްފައިނުވުން.
(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންވެގެންވާ ގޮތަށް ހެކިބަސްދޭ މީހާ ގައުމުން ބޭރުގައި ހުރި ހުރުމަކީ ށަރީއަތުގެ މަޖިލީހުގައި ފަހުން ހެކިބަހުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ނަގާފައިވާ ހެކިބަސް، ހެކީގެ ގޮތުގައި ހުށަހަޅަން ގަސްދުކުރާ ފަރާތުން ގަސްދުގައި ކުރުވާފައިވާ ކަމެއް ކަމުގައި ވެގެންނުވާނެއެވެ.
ސޯޅަވަނަ ބާބު
ހެކި ހާމަކުރުން
129 ވަނަ މާއްދާ - ދައުލަތުން ހެކި ހާމަކުރުން
(ހ) މި ގާނޫނުގެ 130 ވަނަ މާއްދާގައިވާ ހާލަތްތަކުގައި މެނުވީ ދައުލަތުން އަންނަނިވި މައުލޫމާތު، ދައުވާ ލިބޭ ފަރާތަށް ހާމަކުރަންވާނެއެވެ. ނުވަތަ ދައުވާ ލިބޭ ފަރާތަށް އެ މައުލޫމާތު ބެލޭނޭ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.
- ދައުލަތުގެ ބާރުގެ ދަށުގައިވާ ނުވަތަ ބެލުމުގެ ދަށުގައިވާ މައުލޫމާތު؛
- އެ މައުލޫމާތަކީ ދައުލަތަށް އެނގޭ ނުވަތަ އެކަށީގެންވާ ގޮތުގައި އެނގެންޖެހޭ މައުލޫމާތު ކަމަށްވުން.
(ށ) ދައުވާ ލިބޭ ފަރާތުން ލިޔުމުން އެދިއްޖެނަމަ އަންނަނިވި ތަކެތި ބަލައި، ކޮޕީ ނަގައި، ފޮޓޯ ނެގުމުގެ ފުރުސަތު ދައުލަތުން ދައުވާ ލިބޭ ފަރާތަށް ދޭންވާނެއެވެ.
- ދައުވާ ލިބޭ ފަރާތުން ދީފައިވާ އެ މައްސަލައާ ގުޅުންހުރި އެންމެހައި ބަޔާންތައް؛
- ދައުވާ ލިބޭފަރާތުން އަނގަބަހުން، ދައުވާކުރާ ފަރާތަށް ނުވަތަ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ދީފައިވާ ބަޔާނެއްގައި ހިމެނޭ މައިގަނޑު ކަންކަން؛
(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ދައުލަތުން މައުލޫމާތު ހާމަކުރަންޖެހޭނީ އެ މައުލޫމާތަކީ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ އޮފިސަރަކު ކުރި ތަހްގީގެއްގައި ނުވަތަ ކުރި ސުވާލެއްގެ ޖަވާބުގެ ގޮތުން ލިބިފައިވާ މައުލޫމާތެއްކަމަށް ދައުވާ ލިބޭ ފަރާތަށް ގަބޫލުކުރެވޭނަމައެވެ.
(ރ) ދައުވާ ލިބޭ ފަރާތުން ލިޔުމުން އެދިއްޖެނަމަ އެ ފަރާތުގެ ކުށުގެ ރެކޯޑު ދައުލަތުން ދޭންވާނެއެވެ.
(ބ) ދައުވާ ލިބޭ ފަރާތުން ލިޔުމުން އެދިއްޖެނަމަ، އަންނަނިވި ހާލަތުގައި ލިޔެކިޔުމާއި، ފޮޓޯއާއި، ވީޑިއޯއާއި، ޑޭޓާއާއި، އިމާރާތްތަކާއި، ތަންތަން ބަލައި، ފޮޓޯ ނަގައި، ކޮޕީ ހެއްދުމުގެ ފުރުސަތު، ދައުލަތުން ދައުވާ ލިބޭ ފަރާތަށް ދޭންވާނެއެވެ.
- އެ އެއްޗެއްސަކީ، ދިފާއު ތައްޔާރުކުރުމުގައި ދައުވާ ލިބޭ ފަރާތަށް މުހިންމު އެއްޗެހި ކަމަށްވުން؛ ނުވަތަ (އިސްލާހު ކުރެވިފައި)
- އެ އެއްޗެއްސަކީ، ދައުލަތުގެ މައިގަނޑު ދައުވާގައި ށަރީއަތުގައި ބޭނުންކުރުމަށް ގަސްދުކުރާ ތަކެތި ކަމަށްވުން؛ ނުވަތަ
- އެ އެއްޗެއްސަކީ، ދައުވާ ލިބޭ ފަރާތުގެ އަމިއްލަ އެއްޗެއް ނުވަތަ އޭނާ ހޯދާފައިވާ އެއްޗެއް ކަމަށްވުން.
(ޅ) ދައުވާ ލިބޭ ފަރާތުން ލިޔުމުން އެދިއްޖެނަމަ، އެ މައްސަލައަކާ ގުޅޭގޮތުން ކުރެވިފައިވާ އެންމެހައި ޖިސްމާނީ ނުވަތަ ސިކުނޑީގެ ނުވަތަ ސައިންޓިފިކް ޓެސްޓްތަކުގެ ނަތީޖާތަކަކީ ދައުވާ ލިބޭ ފަރާތުގެ ދިފާއު ތައްޔާރުކުރުމުގައި، ނުވަތަ ދައުލަތުން ކުރާ ދައުވާގައި ށަރީއަތުގައި ބޭނުންކުރުމަށް ގަސްދުކުރާ ޓެސްޓުތަކެއްކަމަށް ވާނަމަ އެތަކެތި ދައުލަތުން ދައުވާ ލިބޭ ފަރާތަށް ދޭންވާނެއެވެ.
(ކ) ށަރީއަތް ފެށުމުގެ ކުރިން ދައުވާ ލިބޭ ފަރާތުން، ލިޔުމުން އެދިއްޖެނަމަ، އެ ފަރާތާ އެއްކޮޅު އެންމެހައި ހެކި ދައުލަތުން ހާމަކުރަންވާނެއެވެ.
(އ) ދައުވާ ލިބޭ ފަރާތުން ލިޔުމުން އެދިއްޖެނަމަ، ދައުލަތުން ހުށަހަޅަން ގަސްދުކުރާ އެންމެހައި ހެކީންގެ ނަމާއި އެޑްރެސް ހިމެނޭ ލިސްޓެއް ދައުވާ ލިބޭ ފަރާތަށް ދައުލަތުން ދޭންވާނެއެވެ.
130 ވަނަ މާއްދާ - ހާމަކުރަންނުޖެހޭ މައުލޫމާތު
(ހ) އަންނަނިވި ހާލަތްތަކުގައި މި ގާނޫނުގެ 129 ވަނަ މާއްދާގައިވާ މައުލޫމާތަކީ ހާމަކުރަންޖެހޭ ނުވަތަ ބެލުމުގެ ފުރުސަތު ދޭންޖެހޭ މައުލޫމާތެއް ނޫނެވެ.
- މި ގާނޫނުގެ 129 ވަނަ މާއްދާގެ (ހ)، (ރ)، (ޅ) އަދި (ކ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ އެ މައްސަލައެއްގެ ތަހްގީގަކާ ގުޅިގެން ނުވަތަ ދައުވާކުރާ ކުރުމާ ގުޅިގެން ދައުލަތުގެ ވަކީލަކު ނުވަތަ އެޖެންޓަކު އެ އޮފީހެއް ނުވަތަ އެ އިދާރާއެއްގެ އެކަނި ބޭނުމަށްޓަކައި ތައްޔާރުކުރާ ރިޕޯޓާއި ލިޔެކިޔުންތައް؛
- މި ގާނޫނުގެ 129 ވަނަ މާއްދާގެ (ހ) އާއި (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ ސަރުކާރުގެ މުވައްޒަފަކަށް ނުވަތަ ވަކީލަކަށް، ހެކިވެރިއަކު ނުވަތަ ހެކިވެރިއަކަށް ވެދާނެ މީހަކު ދީފައިވާ ބަޔާން.
131 ވަނަ މާއްދާ - ރައްކާތެރިކުރުމުގެ އަމުރު
(ހ) ދައުލަތުން މި ގާނޫނުގެ 129 ވަނަ މާއްދާގެ ދަށުން ހާމަކުރަންޖެހޭ ހެކި ހާމަ ނުކުރުމަށް ނުވަތަ ވަކި މިންވަރަކަށް އެކަނި ހާމަކުރުމަށް، ނުވަތަ ހެކި ހާމަކުރުން ފަސްކުރުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ ދަށުން ދައުލަތުން ރައްކާތެރިކުރުމުގެ އަމުރަކަށް އެދިއްޖެނަމަ، އެ އަމުރާމެދު ކޯޓުން ގޮތެއް ނިންމަންދެން ދައުވާ ލިބޭ ފަރާތަށް އެފަދަ މައުލޫމާތު ލިބުން މަނާކުރުމުގެ ވަގުތީ އަމުރު ނެރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ނ) އަންނަނިވި ސަބަބުތަކަށްޓަކައި ހެކި ހާމަކުރުމަކީ އިންސާފުވެރިގޮތް ކަމަށް ނުފެންނަނަމަ، ހެކި ހާމަ ނުކުރުމަށް، ނުވަތަ ހާމަކުރުން ފަސްކުރުމަށް، ނުވަތަ ކަނޑައެޅޭ ވަކި ށަރުތުތަކެއްގެ މަތިން ހާމަކުރުމަށް އެންގުމުގެ އިހްތިޔާރު ކޯޓަށްލިބިގެންވެއެވެ.
- އެއްވެސް މީހަކަށް ޖިސްމާނީ، ނުވަތަ އެކަށީގެންވާ ބޮޑު އިގްތިސާދީ ގެއްލުމެއް ލިބުން ނުވަތަ ކަމަކަށް މަޖުބޫރު ކުރުން؛ ނުވަތަ
- ތަހްގީގަށް ހުރަސް އެޅުން؛ ނުވަތަ
- ހެއްކެއްގެ އަސްލު އޮޅުވާލުން ނުވަތަ ހެކި ނައްތާލުން، ނުވަތަ ހަލާކުކޮށްލުން، ނުވަތަ ގެއްލުވާލުން.
132 ވަނަ މާއްދާ – ދައުވާ ލިބޭ ފަރާތުން ހެކި ހާމަކުރުން
(ހ) މި ގާނޫނުގެ 133 ވަނަ މާއްދާގައިވާ ހާލަތުގައި މެނުވީ، އަންނަނިވި ރުކުންތަކަށް ފެތޭ ތަކެތި، ދައުވާ ލިބޭ ފަރާތުން ހާމަކުރަންވާނެއެވެ.
- އެ ތަކެއްޗަކީ ދައުވާ ލިބޭފަރާތުގެ އަތުގައި ނުވަތަ ބެލުމުގެ ދަށުގައި ނުވަތަ ބާރުގެ ދަށުގައިވާ ތަކެތި ކަމަށްވުން؛
- އެ ތަކެއްޗަކީ ދައުވާ ލިބޭ ފަރާތުގެ މައިގަނޑު ދިފާއުގައި ބޭނުންކުރަން ގަސްދުކުރާ ތަކެއްޗަށްވުން.
(ށ) ދައުވާ ކުރާ ފަރާތުން ލިޔުމުން އެދިއްޖެނަމަ، ދައުވާ ލިބޭ ފަރާތަށް ލިބިފައިވާ ހޯދުންތަކާއި ފޮޓޯތަކާއި، ވީޑިއޯތަކާއި، ފޮތްތަކާއި، ކަރުދާހާއި، ޑޭޓާއާއި، އެނޫންވެސް އެފަދަ އެއްޗެހި، ދައުވާ ލިބޭ ފަރާތުން ދައުވާކުރާ ފަރާތަށް ހާމަކޮށް، އެ އެއްޗެއް ނަކަލު ކުރުމުގެ ފުރުސަތު ދޭންވާނެއެވެ.
(ނ) ދައުވާ ކުރާ ފަރާތުން ލިޔުމުން އެދިއްޖެނަމަ، ދައުވާ ލިބޭ ފަރާތް ނުވަތަ އެ ފަރާތުގެ މަންދޫބަކު، ވަކި މައްސަލައަކާ ގުޅިގެން، ސިއްހީ ގޮތުން ބެލި ބެލުމަކަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް، ސައިންޓިފިކް ޓެސްޓެއް ނުވަތަ ތަހުލީލެއް، ނުވަތަ އެނޫންވެސް އެފަދަ އެއްޗެހި ދައުވާކުރާ ފަރާތަށް ހާމަކޮށް، އެ އެއްޗެއް ނަކަލު ކުރުމުގެ ފުރުސަތު ދޭންވާނެއެވެ.
(ރ) ދައުވާ ކުރާ ފަރާތުން ލިޔުމުން އެދިއްޖެނަމަ، ދައުވާ ލިބޭފަރާތުން ށަރީއަތަށް ހުށަހަޅަން ގަސްދުކުރާ އެންމެހައި ހެކީންގެ ނަމާއި އެޑްރެސް ހާމަކޮށް، އެ މައުލޫމާތު ހިމެނޭ ލިސްޓެއް ދައުވާކުރާ ފަރާތަށް ދޭންވާނެއެވެ.
133 ވަނަ މާއްދާ - ހާމަކުރަންނުޖެހޭ މައުލޫމާތު
އަންނަނިވި މައުލޫމާތަކީ، އަންނަނިވި ހާލަތްތަކުގައި، މި ގާނޫނުގެ 132 ވަނަ މާއްދާގެ ދަށުން ހާމަކުރަންޖެހޭ ނުވަތަ ބެލުމުގެ ފުރުސަތު ދޭންޖެހޭ މައުލޫމާތެއް ނޫނެވެ.
(ހ) ދައުވާ ލިބޭ ފަރާތުން ނުވަތަ އެ ފަރާތުގެ ވަކީލަކު، ތަހްގީގު މަރުހަލާގައި ނުވަތަ ށަރީއަތުގެ ކުރީގެ މަރުހަލާގައި ތައްޔާރުކޮށްފައިވާ އެއްވެސް ރިޕޯޓެއް، މެމޯއެއް، ނުވަތަ އެ ފަރާތުގެ ބޭނުމަށް ތައްޔާރުކުރާ އެއްވެސް ލިޔުމެއް؛
(ށ) ހެއްކަކު ނުވަތަ ހެއްކަކަށް ވެދާނެ މީހަކު ދީފައިވާ ބަޔާން.
134 ވަނަ މާއްދާ - ރައްކާތެރިކުރުމުގެ އަމުރު
(ހ) ދައުވާ ލިބޭ ފަރާތުން މި ގާނޫނުގެ 132 ވަނަ މާއްދާގެ (ހ) ގެ ދަށުން ހާމަކުރަންޖެހޭ ހެކި ހާމަ ނުކުރުމަށް ނުވަތަ ވަކި މިންވަރަކަށް އެކަނި ހާމަކުރުމަށް، ނުވަތަ ހެކި ހާމަކުރުން ފަސްކުރުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ ދަށުން ދައުވާ ލިބޭ ފަރާތުން ރައްކާތެރިކުރުމުގެ އަމުރަކަށް އެދިއްޖެނަމަ، އެ އަމުރާމެދު ކޯޓުން ގޮތެއް ކަނޑައަޅަންދެން ދައުލަތަށް އެފަދަ މައުލޫމާތު ލިބުން މަނާކުރުމުގެ ވަގުތީ އަމުރު ނެރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ނ) އަންނަނިވި ސަބަބުތަކަށްޓަކައި ހެކި ހާމަކުރުމަކީ އިންސާފުވެރިގޮތް ކަމަށް ނުފެންނަނަމަ، ހެކި ހާމަ ނުކުރުމަށް، ނުވަތަ ހާމަކުރުން ފަސްކުރުމަށް، ނުވަތަ ކަނޑައެޅޭ ވަކި ށަރުތުތަކެއްގެ މަތިން ހާމަކުރުމަށް އެންގުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
- އެއްވެސް މީހަކަށް ޖިސްމާނީ، ނުވަތަ އެކަށީގެންވާ ބޮޑު އިގްތިސާދީ ގެއްލުމެއް ލިބުން ނުވަތަ ކަމަކަށް މަޖުބޫރު ކުރުން؛ ނުވަތަ
- ހެކީގެ ބާރު ކަނޑުވާލުން ނުވަތަ ގެއްލުންދިނުން ނުވަތަ ނައްތާލުން.
135 ވަނަ މާއްދާ – ހެކި ހާމަކުރުމަށް އޮތް މަސްއޫލިއްޔަތު ދެމިއޮތުން
އަންނަނިވި ހާލަތުތަކުގައި މައްސަލައެއްގެ ށަރީއަތް ފެށުމުގެ ކުރިން ނުވަތަ ށަރީއަތް ކުރިއަށް ދަނިކޮށް، މައްސަލައިގައި ހިމެނޭ ފަރާތަކަށް އިތުރު ހެއްކެއް ލިބިއްޖެނަމަ، އެކަމުގެ މައުލޫމާތު މައްސަލައިގައި ހިމެނޭ އަނެއް ފަރާތަށް އަދި ކޯޓަށް ވަގުތުން އަންގަންވާނެއެވެ.
(ހ) އެ ހެއްކަކީ މި ބާބުގައިވާ ގޮތުގެމަތިން ހާމަކުރަންޖެހޭ ހެއްކެއް ކަމުގައިވުން؛
(ށ) އެ ހެއްކަކީ މައްސަލައިގައި ހިމެނޭ ފަރާތަކުން ހާމަކުރަން އެދިފައިވާ ބާވަތުގެ ހެއްކަކަށްވުން ނުވަތަ ކޯޓުން ހާމަކުރަން އެދިފައިވާ ބާވަތުގެ ހެއްކަކަށްވުން.
136 ވަނަ މާއްދާ – ހެކި ހާމަކުރުމާގުޅޭ ކަންކަން ތަންފީޒުކުރުން
(ހ) މި ބާބުގެ ދަށުން ހާމަކުރަންޖެހޭ ހެކި، ކޯޓުން ކަނޑައަޅާފައިވާ މުއްދަތުގައި ހާމަކުރަންވާނެއެވެ. ހެކި ހާމަކުރަން އެދޭފަރާތަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން އަދި ށަރީއަތް ފެށުމުގެ ކުރިން ހާމަކުރަންޖެހޭ ހެކި ހާމަކޮށް ނިންމުމަށްޓަކައި، ހެކި ހާމަކުރަންޖެހޭ މުއްދަތުތައް، ދުރާލައި ކޯޓުން ކަނޑައަޅަންވާނެއެވެ.
(ށ) މައްސަލައިގައި ހިމެނޭ ފަރާތަކުން މި ބާބުގައި ބަޔާންކުރާ އުސޫލަކާ ހިލާފުވެއްޖެނަމަ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އަމަލު ކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
- ހެކި ހާމަކުރުމަށް ނުވަތަ ބެލުމަށް އަމުރުކުރުން. (އެގޮތުން އަމުރުކުރުމުގައި ހެކި ހާމަކުރަންޖެހޭ މުއްދަތާއި، ތަނާއި، ހާލަތާއި އަދި އެނޫންވެސް ކޯޓަށް ފެންނަ އިންސާފުވެރި ށަރުތުތަކެއް ކަނޑައެޅިދާނެއެވެ.)
- ހެކި ހާމަކުރުމަށް އިތުރު ފުރުސަތު ދިނުން؛
- ހާމަނުކުރި ހެކި ށަރީއަތުގެ މަޖިލީހަށް ހުށަހެޅުން މަނާކުރުން؛
- އެ ހާލަތާ ގުޅޭގޮތުން އެންމެ އިންސާފުވެރި އެނޫންވެސް އަމުރެއް ނެރުން.
137 ވަނަ މާއްދާ – ހުއްދަކުރެވިގެންވާ ހެކި ހާމަކުރުމުން އިސްތިސްނާވުން
ހާމަކުރަން އެދޭ ހެއްކަކީ ހެއްކާބެހޭ ގާނޫނުގެ ދަށުން ށަރީއަތުގައި ގަބޫލުނުކުރެވޭ ހެއްކަކަށްވުން އެއީ މި ބާބުގެ ދަށުން ހެކި ހާމަކުރުމަށް އޮންނަ މަސްއޫލިއްޔަތު އަދާކުރުމަށް އޮތް އުޒުރެއްނޫނެވެ. އެހެންނަމަވެސް އެފަދަ ހެކި ހާމަކުރެވުނު ކަމުގައިވީނަމަވެސް، އެފަދަ ހެކި ށަރީއަތަށް ގަބޫލުކުރުމުގައި އަމަލުކުރާނީ ހެއްކާބެހޭ ގާނޫނުގައިވާ ގޮތުގެމަތިންނެވެ. (އިސްލާހު ކުރެވިފައި)
ފަސްވަނަ ބައި
ށަރީއަތުގެ މަރުހަލާ
ސަތާރަވަނަ ބާބު
ށާރީއަތް ހިންގުން
138 ވަނަ މާއްދާ – ށަރީއަތް ހިންގޭނެ މައްސަލަތައް
އިބްތިދާއީ އަޑުއެހުން ބޭއްވުމަށްފަހު، ށަރީއަތަށް ހުށަހެޅޭނީ، އިބްތިދާއީ އަޑުއެހުމުގައި ދައުވާއަށް އިންކާރުކުރާ މީހުންގެ މައްސަލަތަކާއި، އިބްތިދާއީ އަޑުއެހުމަށް ހާޒިރުނުވާ މީހުންގެ މައްސަލަތަކެވެ. (އިސްލާހު ކުރެވިފައި)
139 ވަނަ މާއްދާ – ކުށަށް އިއުތިރާފްވެފައިވާ މީހުންގެ މައްސަލަތައް (އިސްލާހު ކުރެވިފައި)
(ހ) މި ގާނޫނުގެ 108 ވަނަ މާއްދާގެ ދަށުން އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފުވާ މީހުންގެ މައްސަލަތައް ބެލޭނީ، މި ގާނޫނުގެ 162 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަވަސް ނިޔާއިންނެވެ.
(ށ) މި ގާނޫނުގެ 108 ވަނަ މާއްދާގެ ދަށުން އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފުވެފައިވާ މީހުންގެ މައްސަލަތަކުގައި، އިބްތިދާއީ އަޑުއެހުން ބާއްވާ ވަގުތުން ފެށިގެން ގިނަވެގެން ރަސްމީ ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއްގެ ށަރީއަތުގެ އަޑުއެހުން ބާއްވަންވާނެއެވެ.
140 ވަނަ މާއްދާ – ދައުވާއަށް އިންކާރުކުރާ މީހުންގެ މައްސަލަތައް
(ހ) ދައުވާ ލިބޭ ފަރާތަކީ މި ގާނޫނުގެ 109 ވަނަ މާއްދާ ނުވަތަ 110 ވަނަ މާއްދާގެ ދަށުން އިބްތިދާއީ އަޑުއެހުމުގައި ދައުވާއަށް އިންކާރުކޮށްފައިވާ މީހަކުނަމަ، އަދި އޭނާއަކީ، މި ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަންދުކުރެވިފައިވާ މީހަކުނަމަ، މި ގާނޫނުގެ 84 ވަނަ މާއްދާގެ ދަށުން އޭނާއަށް ދައުވާއާގުޅޭ ލިޔެކިޔުންތައް ލިބޭތާ ގިނަވެގެން 70 (ހަތްދިހަ) ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ށަރީއަތުގެ އަޑުއެހުން ބާއްވަންވާނެއެވެ.
(ށ) ދައުވާ ލިބޭ ފަރާތަކީ މި ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމަށްފަހު ދޫކޮށްލާފައިވާ މީހެއްނަމަ، މި ގާނޫނުގެ 84 ވަނަ މާއްދާގެ ދަށުން އޭނާއަށް ދައުވާއާގުޅޭ ލިޔެކިޔުންތައް ލިބޭތާ ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ށަރީއަތުގެ އަޑުއެހުން ބާއްވަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ރ) ގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި، މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބާއްވާ ތާރީހުން ފެށިގެން ނުވަތަ ދައުވާއާގުޅޭ ލިޔެކިޔުން ދައުވާ ލިބޭ ފަރާތަށް ލިބޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަސް ހަމަވުމުގެ ކުރިން، އެ މައްސަލައެއްގެ ށަރީއަތުގެ އަޑުއެހުން ބާއްވައިގެންނުވާނެއެވެ.
(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، މައްސަލައިގެ ށަރީއަތުގެ އަޑުއެހުން އެއަށްވުރެ ކުރިން ބޭއްވުމަށް ދައުވާ ލިބޭ މީހާ އަމިއްލައަށް އެދިއްޖެ ހިނދެއްގައި، މައްސަލައިގެ ށަރީއަތް އެއަށްވުރެ އަވަހަށް ފެށުމަކަށް ހުރަހެއްނެތެވެ.
141 ވަނަ މާއްދާ - އިސްތިސްނާ ހާލަތްތައް
(ހ) މި ގާނޫނުގެ 140 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ މުއްދަތުތައް ގުނުމުގައި، ށަރީއަތުގެ ކުރިން ހުށަހެޅޭ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމަށްޓަކައި ހޭދަވާ ވަގުތެއް ނުހިމެނޭނެއެވެ.
(ށ) މި ގާނޫނުގެ 140 ވަނަ މާއްދާ އެހެންއޮތްނަމަވެސް، އެންމެ ލަސްވެގެން ށަރީއަތް ފެށެންވާނެ ކަމަށް އެ މާއްދާގައި ބަޔާންވެގެންވާ މުއްދަތު އިތުރުކޮށްދިނުމަށް ދައުވާ ލިބޭ ފަރާތުން އެދިއްޖެނަމަ، އެއީ އަދުލުއިންސާފު ގާއިމުކުރުމުގެ މަސްލަހަތު އޮތްކަމެއް ކަމަށް ކޯޓަށް ފެންނަ ހާލަތުގައި، އެ މުއްދަތު އިތުރުކޮށްދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
142 ވަނަ މާއްދާ – އަދުލުވެރިކަމާއެކު އަދި މެދުކެނޑުމެއްނެތި ށަރީއަތް ހިންގުން
(ހ) ޖިނާއީ ކޮންމެ މައްސަލައެއްގެވެސް ށަރީއަތް ހިންގަންވާނީ، އަދުލުވެރިކަމާއެކު، ވަކި ފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައެވެ.
(ށ) ޖިނާއީ މައްސަލައެއްގެ ދައުވާ އުފުލުމަށްފަހު، މެދުކެނޑުމެއްނެތި އެ މައްސަލައިގެ ށަރީއަތް ހިންގަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި މެދުކެނޑުމެއް ނެތި ށަރީއަތް ހިންގުން ކަމަށް ބުނެފައި އެވަނީ، ޖިނާއީ މައްސަލައެއްގެ ދައުވާ އުފުލޭ ހިސާބުން ފެށިގެން އެ މައްސަލައިގެ ށަރީއަތް ނިމި ހުކުމް ކޮށް، އަދަބު ކަނޑައެޅުމާ ހަމައަށް ހިނގާ މަރުހަލާތައް، މި ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުތަކުގެ ތެރޭގައި ކުރިއަށްގެންދެވޭނެ ގޮތަށް ބާރުއަޅައި، އެކަށީގެންނުވާ ލަސްވުމަކާ ނުލައި ކުރިއަށްގެންދިއުމަށެވެ. އަދި އެކަމަށް ރިއާޔަތްކޮށް ށަރީއަތުގެ އަޑުއެހުންތަކުގެ ދެމެދުގައި ގިނަ ދުވަސްތަކެއް ނުހިނގާނެ ގޮތުގެމަތިން އެ އަޑުއެހުންތައް ތާވަލުކުރެވި، ށަރީއަތުގެ އަޑުއެހުންތައް ކުރިއަށްގެންދިއުމަށެވެ. (އިތުރު ކުރެވިފައި)
(ރ) މި މާއްދާގެ (ށ) އާއި (ނ) ގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ށަރީއަތުގެ އަޑުއެހުންތަކުގެ ދެމެދުގައި ގިނަ ދުވަސްތަކެއް ނުހިނގާނެ ގޮތުގެމަތިން އެ އަޑުއެހުންތައް ތާވަލުކުރެވި، ށަރީއަތުގެ އަޑުއެހުންތައް ކުރިއަށްގެންދިއުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
143 ވަނަ މާއްދާ – ށާރީއަތުގެ މަޖިލިސް އާންމުކޮށް ހުޅުވާލައިގެން ބޭއްވުން
(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި، ޖިނާއީ މައްސަލަތަކުގެ ށަރީއަތުގެ ހުރިހާ މަރުހަލާއެއްވެސް ކުރިއަށްގެންދަންވާނީ އާންމުކޮށް ހުޅުވާލައިގެންނެވެ. (އިސްލާހު ކުރެވިފައި)
(ށ) އަންނަނިވި ހާލަތްތަކުގައި ޖިނާއީ މައްސަލައެއްގެ ށަރީއަތެއް، ނުވަތަ ށަރީއަތުން ބައެއް ބާއްވަންވާނީ އާންމުކޮށް ހުޅުވާލެވިފައިނުވާ މަޖިލީހެއްގައެވެ.
- ކުޑަކުއްޖެއްގެ މައްޗަށް ކުރެވޭ ދައުވާއެއްގެ ށަރީއަތުގެ މަޖިލީހުގައި؛
- އެއީ ކުށުގެ އަމަލުން އަނިޔާ ލިބުނު ފަރާތުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ބޭނުންތެރި ކަމެއް ކަމަށްވާ ހާލަތުގައި؛
- އެއީ މުޖުތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުމަށްޓަކައި ނުވަތަ މުޖުތަމައުގެ އަމަންއަމާންކަން ގާއިމުކުރުމަށްޓަކައި ބޭނުންތެރި ކަމެއް ކަމަށްވާ ހާލަތުގައި؛
- އެއީ ގައުމީ ސަލާމަތަށް ބުރޫއެރިޔަނުދިނުމަށްޓަކައި ބޭނުންތެރި ކަމެއް ކަމަށްވާ ހާލަތުގައި؛
- އާންމުކޮށް ހުޅުވާލައިގެން ށަރީއަތް ހިންގައިފިނަމަ، އަދުލު އިންސާފު ގާއިމުކުރުމަށް އެޅިދާނެ ހުރަހަކުން މިންޖުވުމަށްޓަކައި އެއީ ބޭނުންތެރި ކަމެއް ކަމުގައިވާ އެނޫންވެސް ހާލަތެއްގައި.
144 ވަނަ މާއްދާ – ށަރީއަތުގެ އަޑުއެހުން ފެށުމާއި، ދައުވާއާއި ދިފާއު ހުށަހެޅުން
(ހ) ށަރީއަތުގެ އަޑުއެހުން ފަނޑިޔާރު ފަށަންވާނީ، ށަރީއަތުގެ އަޑުއެހުން ފެށުނުކަން އިއުލާންކުރުމާ އެކުގައެވެ. އަދި އެ އަޑުއެހުން ބޭއްވެނީ، ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އިބްތިދާއީ އަޑުއެހުމުގައި އިންކާރުކޮށްފައިވާތީކަން، ނުވަތަ އިބްތިދާއީ އަޑުއެހުމަށް އޭނާ ހާޒިރުވެފައިނުވާތީކަން ފަނޑިޔާރު ހާމަކުރަންވާނެއެވެ.
(ށ) ޖިނާއީ މައްސަލައެއްގެ ށަރީއަތް ފަށާނީ، ދައުވާ ލިބޭ ފަރާތުގެ މައްޗަށް ހުށަހަޅާ ދައުވާ، ދައުލަތުގެ ފަރާތުން ހުށަހެޅުމުންނެވެ.
(ނ) ދައުލަތުގެ ފަރާތުން ދައުވާ ހުށަހަޅާއިރު، އެ ދައުވާ ސާބިތުކުރުމަށް ހުށަހަޅާ ހެކި، އެ ދައުވާއާއެކު ހުށަހަޅަންވާނެއެވެ. ދައުވާއާ ގުޅިގެން ށަރީއަތަށް ހާޒިރުކުރަން ބޭނުންވާ ހެކީންގެ ހެކިބަސް ނަގާނީ، މި ގާނޫނުގެ ނަވާރަވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ހެކީން ހާޒިރުކުރުމުގެ މަރުހަލާގައެވެ.
(ރ) ދައުލަތުގެ ފަރާތުން ދައުވާ ހުށަހަޅާ ނިމުމުން، ދައުވާ ލިބޭ ފަރާތުން އޭނާގެ ދިފާއު ހުށަހަޅަންވާނެއެވެ.
(ބ) ދައުވާ ލިބޭ ފަރާތުން ދިފާއު ހުށަހެޅުމުން ދެން އޮންނާނީ، ހެކީން ހާޒިރުކޮށް ހެކިބަސް ނެގުމުގެ މަރުހަލާއެވެ.
144-1 ވަނަ މާއްދާ - ށަރީއަތުގެ މަރުހަލާގައި އިއުތިރާފުގެ އެއްބަސްވުމެއްވުން (ސުރުހީއާއި މާއްދާ އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގެ 138 ވަނަ މާއްދާގެ ދަށުން އިބްތިދާއީ އަޑުއެހުން ނިންމައި ށަރީއަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި، ޕްރޮސިކިއުޓަރ ޖެނެރަލްއާއި، ކުށުގެ ދައުވާ އުފުލިފައިވާ މީހާ، އިއުތިރާފުގެ އެއްބަސްވުމެއް ވާން ބޭނުންނަމަ، މި ގާނޫނުގެ 150 ވަނަ މާއްދާގެ ދަށުން ހުލާސާ ބަޔާން ހުށަހެޅުމުގެ ށަރީއަތުގެ މަޖިލިސް ފެށުމުގެ ކުރިން، އިއުތިރާފުގެ އެއްބަސްވުމެއް ވުމަށް އެދި، އެ ފަރާތްތަކުން ކޯޓަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުށަހެޅުމުން، އެކަމުގައި މަށްވަރާކޮށް ގޮތެއް ނިންމުމަށް، 15 (ފަނަރަ) ދުވަހުގެ ފުރުސަތެއް ދިނުމުގެ އިހްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ. މިފަދައިން ކޮންމެ މައްސަލައެއްގައިވެސް މަށްވަރާކޮށް ގޮތެއް ނިންމުމަށް ފުރުސަތު ދެވޭނީ އެއް ފަހަރުއެވެ. އެ ފުރުސަތު ނުދޭން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުމަކީ އިސްތިއުނާފުކުރެވޭނެ ނިންމުމެއް ނޫނެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ އެއްބަސްވުމުގައި އަންނަނިވި ކަންކަމަށް އެއްބަސްވެވިދާނެއެވެ.
- ދައުވާ ލިބޭ މީހާގެ މައްޗަށް ހުށަހެޅިފައިވާ ދައުވާތަކުގެ ތެރެއިން ހުރިހާ ދައުވާތަކަކަށް ނުވަތަ ބައެއް ދައުވާތަކަށް އިއުތިރާފުވުން؛
- ދައުވާ ލިބޭ މީހާގެ ފަރާތުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހިމެނޭ އެހެން ބައެއްގެ މައްޗަށް ހެކިބަސް ދިނުމަށް، ނުވަތަ ކުށް ކޮށްފައިވާ ގޮތާބެހޭ އިތުރު މައުލޫމާތު، ނުވަތަ ހެކި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ގަބޫލުކުރެވޭ މިންވަރަށް ފޯރުކޮށްދިނުން؛
- މި ގާނޫނުގެ 104 ވަނަ މާއްދާގެ (ޅ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަން ފުރިހަމަވާނަމަ، އޭނާގެ މައްޗަށް ހުށަހަޅާފައިވާ ދައުވާތަކުގެ ތެރެއިން ބައެއް ދައުވާތައް އަނބުރާ ގެންދިއުން؛
- ދައުވާ ލިބޭ މީހާއަށް ދެވޭނެ އަދަބާ ބެހޭގޮތުން އެއްބަސްވުން.
(ރ) މި މާއްދާގެ (ށ) ގެ ދަށުން އެއްބަސްވުމެއް ވުމުގެ ކުރިން، މި ގާނޫނުގެ 104 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާކަން ޕްރޮސިކިއުޓަރ ޖެނެރަލް ކަށަވަރުކުރަންވާނެއެވެ.
(ބ) މި މާއްދާގެ ދަށުން ވެވޭ އެއްބަސްވުމެއް ބަލައިގަތުމަށް ކޯޓުން ނިންމައިފިނަމަ، އެ އެއްބަސްވުމުގައިވާ ގޮތުގެމަތިން އަމަލުކުރުމަށް މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ލާޒިމުވާނެއެވެ.
(ޅ) މި މާއްދާގެ ދަށުން ހުށަހަޅާ އެއްބަސްވުމެއް ބަލައިގަތުމަށް ނުވަތަ ބަލައިނުގަތުމަށް ނިންމާ ނިންމުމަކީ، އިސްތިއުނާފަށް ހުށަހެ ޅޭނެ ނިންމުމެއް ނޫނެވެ. އަދި އެފަދަ އެއްބަސްވުމަކާމެދު ށަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު ފާޅުކުރި ހިޔާލެއްގެ ސަބަބުން، ނުވަތަ ދެއްކި ވާހަކައެއްގެ ސަބަބުން ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް، އެ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް އުފަންކޮށް ހުށަހަޅައިގެންނުވާނެއެވެ.
(ކ) މި މާއްދާގެ ދަށުން ހުށަހަޅާ އެއްބަސްވުމަކީ، އެހާތަނަށް މައްސަލައިގައި ލިބިފައިވާ ހެއްކަށް ބަލާއިރު، ނުވަތަ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މައްސަލައިގައި ހިމެނޭ މުހިންމު ކަންކަމަށް އެކަށީގެންވާ ވަރަށް ރިއާޔަތްކުރުމެއްނެތި ހުށަހަޅާފައިވާ އެއްބަސްވުމެއްނަމަ، އެ އެއްބަސްވުމާމެދު އަލުން ވިސްނުމަށް އެންގުމުގެ، ނުވަތަ އެއްބަސްވުން ބަލައިނުގަތުމަށް ނިންމުމުގެ ބާރު، މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ.
(އ) މި މާއްދާގެ ދަށުން ހަދާ އެއްބަސްވުން ބަލައިނުގަތުމަށް ފަނޑިޔާރު ނިންމައިފިނަމަ، މި ގާނޫނުގައިވާ ގޮތުގެމަތިން ށަރީއަތުން އެ މައްސަލައެއް ކުރިއަށްގެންގޮސް އެ މައްސަލައާމެދު ގޮތެއް ނިންމަންވާނެއެވެ.
އަށާރަވަނަ ބާބު
ހެކިހުށަހެޅުމާއި ގަބޫލުކުރުން
145 ވަނަ މާއްދާ –ށަރީއަތަށް ގަބޫލުކުރެވޭނެ ހެކި
(ހ) ދައުލަތުން ދައުވާ ހުށަހަޅާއިރު، އެ ދައުވާ ސާބިތުކުރުމަށްޓަކައި ހެކި ހުށަހަޅަންވާނެއެވެ.
(ށ) ދައުވާ ލިބޭ ފަރާތުން އޭނާގެ ދިފާއު ހުށަހަޅާއިރު، އެ ދިފާއު ސާބިތުކުރުމަށްޓަކައި ހެކި ހުށަހެޅިދާނެއެވެ.
(ނ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ހެކި ހުށަހެޅުމުގައި އަމަލުކުރާނީ ހެއްކާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. (އިސްލާހު ކުރެވިފައި)
(ރ) މައްސަލައިގައި ހިމެނޭ ފަރާތަކުން ށަރީއަތަށް ހުށަހަޅާ ހެއްކަކީ ށަރީއަތަށް ގަބޫލުކުރެވޭނެ ހެއްކެއް ނޫން ކަމަށްބުނެ، އެ ހެކި ހުށަނޭޅޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި މައްސަލައިގައި ހިމެނޭ އަނެއް ފަރާތުން ހުށަހަޅައިފިނަމަ، މައްސަލައިގެ ށަރީއަތް އިތުރަށް ކުރިއަށް ގެންދިޔުމުގެ ކުރިން އެ ހުށަހެޅުމާމެދު ފަނޑިޔާރު ގޮތެއް ނިންމަންވާނެއެވެ.
146 ވަނަ މާއްދާ – ހަސްމުން ށަރީއަތަށް ހުށަހަޅާ ހެކި ފިޔަވައި އެހެން ހެކި ގަބޫލުކުރުން
(ހ) މައްސަލައިގައި ހިމެނޭ ހަސްމުން ށަރީއަތަށް ހުށަހަޅާ ހެކި ފިޔަވައި އެހެން އެއްވެސް ހެއްކެއް ފަނޑިޔާރު ގަބޫލުކޮށްގެންނުވާނެއެވެ. އެހެންނަމަވެސް، މައްސަލައިގައި ހިމެނޭ ފަރާތްތަކުން ހަބީރުން ހާޒިރުކުރާ ހާލަތުގައި، އެކަމުގައި އިތުރު ރައުޔެއް ހޯދުން މުހިންމު ކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، ފަނޑިޔާރުގެ އަމިއްލަ އިސްނެގުމަކަށް ހަބީރުން ހާޒިރުކޮށް، އެ މީހުންގެ ހެކިބަސް ނެގުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
(ށ) ކޯޓުގެ އަމިއްލަ އިސްނެގުމުގައި ހާޒިރުކުރާ ހަބީރުންނާ ސުވާލުކުރުމުގެ ހައްގު، ދައުލަތަށާއި ދައުވާ ލިބޭ ފަރާތަށް ލިބިގެންވެއެވެ.
ނަވާރަވަނަ ބާބު
ހެކިބަސް ނެގުން
147 ވަނަ މާއްދާ - ހެކިބަސް ނެގުން
(ހ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ޖިނާއީ ކޮންމެ މައްސަލައެއްގައިވެސް ހެކީންގެ ހެކިބަސް ނަގަންވާނީ، އާންމުކޮށް، ހުޅުވާލެވިފައިވާ ށަރީއަތުގެ މަޖިލީހެއްގައި، ށަރީއަތުގެ މަޖިލީހަށް އެ މީހުން ހާޒިރުކޮށް، ހުވައި މަތީގައި އެ މީހުންނާ ސުވާލުކޮށްގެންނެވެ.
(ށ) ފުރަތަމަ ހެކިބަސް ދޭނީ ދައުލަތުން ހާޒިރުކުރާ ހެކީންނެވެ. ދައުލަތުން ހާޒިރުކުރާ ހެކީންނާ ދައުލަތުން ސުވާލުކޮށް ނިމުމުން، އެ ހެކީން ކްރޮސް-އެގްޒެމިންކުރުމުގެ ހައްގު، ދައުވާ ލިބޭ ފަރާތަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ހެކީން ކްރޮސް-އެގްޒެމިންކުރުމުގެ ގޮތުން ދައުވާ ލިބޭ ފަރާތުން އެ ހެކީންނާ ސުވާލުކުރާއިރު، ސުވާލުކުރެވޭނީ، އެ ހެކީން ދިން ހެކިބަހުގައި ހިމެނުނު ކަންކަމާ ގުޅޭގޮތުން އެކަންޏެވެ. އޭގެ ބޭރުން އެއްވެސް ސުވާލެއް ނުކުރެވޭނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ ދަށުން ދައުލަތުގެ ހެކީން ދައުވާ ލިބޭ ފަރާތުން ކްރޮސް-އެގްޒެމިންކޮށް ނިމުމުން، އެ މީހުން ރީ-އެގްޒެމިންކުރުމުގެ ހައްގު، ދައުލަތަށް ލިބިގެންވެއެވެ.
(ބ) ދައުލަތުން ހާޒިރުކުރާ ހެކީންގެ ހެކިބަސް ނަގާ ނިމުމުން، އަދި އެ ހެކީން ދައުވާ ލިބޭ ފަރާތުން ކްރޮސް-އެގްޒެމިންކޮށް ނިމުމުން، ދެން ހާޒިރުކުރާނީ ދައުވާ ލިބޭ ފަރާތުން ހާޒިރުކުރަން ބޭނުންވާ ހެކީންނެވެ.
(ޅ) ދައުވާ ލިބޭ ފަރާތުން ބޭނުންނަމަ، އޭނާގެ އަމިއްލަ ހެކިބަސްވެސް ށަރީއަތަށް ދެވިދާނެއެވެ. އެހެންނަމަވެސް، އޭނާ ބޭނުންނުވާނަމަ، އޭނާގެ ހެކިބަސް ދިނުމަށް އެއްވެސް ފަރާތަކަށް ލާޒިމެއް ނުކުރެވޭނެއެވެ. އަދި އޭނާ ހެކިބަސް ނުދިނުމަކުން އޭނާ ހެކިބަސް ނުދިނުމަށް އިންކާރުކުރި ކުރުމާމެދު ދައުލަތަށް އެއްޗެއް ނުބުނެވޭނެއެވެ. އަދި އޭނާ ހެކިބަސް ދޭން އިންކާރުކުރި ކުރުމަށް ފަނޑިޔާރު އެއްވެސް ބުރަދަނެއް ދީގެންނުވާނެއެވެ.
(ކ) ދައުވާ ލިބޭ ފަރާތުން މި މާއްދާގެ (ޅ) ގެ ދަށުން ހެކިބަސްދޭން ނިންމައިފިނަމަ، އޭނާ ހެކިބަސް ދޭނީ، ހުވައި މަތީގައި، ށަރީއަތުގެ މަޖިލީހުގައެވެ. އަދި އޭނާގެ ހެކިބަސް ނެގުމުގައި ށަރީއަތަށް ހާޒިރުކުރެވޭ އެހެން ހެކީންގެ ހެކިބަސް ނެގުމުގައި އަމަލުކުރެވޭނެ އުސޫލުތައް ކަމުގައި މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތައް ހިނގާނެއެވެ.
(އ) ދައުވާ ލިބޭ ފަރާތުން ހާޒިރުކުރާ އެންމެހައި ހެކީންނާ ދައުވާ ލިބޭ ފަރާތުން ސުވާލުކޮށް ނިމުމުން، އެ ހެކީން ކްރޮސް-އެގްޒެމިންކުރުމުގެ ހައްގު ދައުލަތަށް ލިބިގެންވެއެވެ. އަދި ދައުވާ ލިބޭ ފަރާތުން ހެކިބަސް ދޭ ހާލަތުގައި، އޭނާ ކްރޮސް-އެގްޒެމިންކުރުމުގެ ހައްގުވެސް ދައުލަތަށް ލިބިގެންވެއެވެ.
(ވ) މި މާއްދާގެ (އ) ގެ ދަށުން ހެކީން ކްރޮސް-އެގްޒެމިންކުރުމުގެ ގޮތުން ދައުލަތުން އެ ހެކީންނާ ސުވާލުކުރާއިރު، ސުވާލުކުރެވޭނީ، އެ ހެކީން ދިން ހެކިބަހުގައި ހިމެނުނު ކަންކަމާ ގުޅޭގޮތުން އެކަންޏެވެ. އޭގެ ބޭރުން އެއްވެސް ސުވާލެއް ނުކުރެވޭނެއެވެ.
(މ) މި މާއްދާގެ (އ) ގެ ދަށުން ދައުވާ ލިބޭ ފަރާތުގެ ހެކީން ދައުލަތުގެ ފަރާތުން ކްރޮސް-އެގްޒެމިންކޮށް ނިމުމުން، އެ މީހުން ރީ-އެގްޒެމިންކުރުމުގެ ހައްގު، ދައުވާ ލިބޭ ފަރާތަށް ލިބިގެންވެއެވެ.
148 ވަނަ މާއްދާ – އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނެގުން (އިސްލާހު ކުރެވިފައި)
(ހ) ހެކީންގެ ހެކިބަސް ނަގަންވާނީ ށަރީއަތުގެ މަޖިލީހަށް ހެކީން ހާޒިރުކޮށްގެން ކަމަށް މި ގާނޫނުގެ 147 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވީނަމަވެސް، ހެކިބަސްދޭ މީހާ ހުރީ ށަރީއަތް ހިނގަމުންދާ ރަށްނޫން އެހެން ރަށެއްގައި ނުވަތަ ދިވެހިރާއްޖޭގެ އެމްބަސީއެއް ނުވަތަ ހައިކޮމިށަނެއް ގާއިމުވެފައިވާ ބިދޭސީ ގައުމެއްގައި ކަމަށްވެފައި، އޭނާ ށަރީއަތަށް ހާޒިރުވުމަށް ދިގުމުއްދަތެއް ނެގުމުގެ ސަބަބުން، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅޭކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި، އެމީހަކީ ކާކުކަން ޔަގީންކުރުމަށްފަހު އޭނާގެ ހެކިބަސް، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނެގުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
(ށ) ހެކިބަސްދޭ މީހާ ހުރީ ށަރީއަތް ހިނގަމުންދާ ރަށްނޫން އެހެން ރަށެއްގައި ކަމަށްވާނަމަ، މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަދައިން އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނަގަންވާނީ އެ ރަށެއްގެ ކޯޓަށް އެމީހާ ހާޒިރުކޮށް، އެމީހަކީ ކާކުކަން ޔަގީންކުރުމަށްފަހު ފަނޑިޔާރެއްގެ ކުރިމަތީގައި ހުވައިކުރުމަށްފަހުއެވެ. އެމީހަކު ހުރީ ދިވެހިރާއްޖޭގެ އެމްބަސީއެއް ނުވަތަ ހައިކޮމިށަނެއް ގާއިމުވެފައިވާ ގައުމެއްގައިނަމަ، އެމީހަކު އެތަނަކަށް ހާޒިރުކޮށް އެމީހަކީ ކާކުކަން ޔަގީންކުރުމަށްފަހު އެމްބަސީ ނުވަތަ ހައިކޮމިށަންގެ ފަސްޓް ސެކްރަޓަރީގެ މަގާމަށްވުރެ މަތީ މަގާމެއްގައި ހުރި މީހެއްގެ ކުރިމަތީގައި ހުވައިކުރުމަށްފަހުއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނަގާއިރުވެސް، އަމަލުކުރަންވާނީ، މި ގާނޫނުގެ 147 ވަނަ މާއްދާގެ (ށ) އިން ފެށިގެން (މ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނަގަންވާނީ އެކަމަށް ބޭނުންވާ ވަސީލަތްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ގާއިމުވެފައިވާ ހާލަތުގައި އެކަންޏެވެ.
149 ވަނަ މާއްދާ – ހެކިބަސްދޭ މީހާ ހިމާޔަތްކުރުމުގެ އަމުރަށް އެދުން (ސުރުހީ އާއި މާއްދާ އިސްލާހު ކުރެވިފައި)
(ހ) ޖިނާއީ މައްސަލައެއްގައި ހިންގޭ ށަރީއަތެއްގައި ހެކިބަސްދޭ މީހަކީ މި މާއްދާގެ (ށ) ގައި ބަޔާންކުރާ ސަބަބަށްޓަކައި ހިމާޔަތް ލިބިދޭންޖެހޭ މީހެއް ކަމަށް ދައުލަތަށް ގަބޫލުކުރެވިއްޖެނަމަ، ހެކިބަސްދޭ މީހާ ހިމާޔަތްކުރުމުގެ އަމުރަކަށް އެދި ދައުލަތުން ކޯޓަށް ހުށަހަޅަންވާނެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހެކިބަސްދޭ މީހާ ހިމާޔަތްކުރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅޭނީ، އޭނާ ހެކިބަސްދޭ ދިނުމުގެ ސަބަބުން އޭނާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އިހްތިމާލު އޮތްކަމުގައި އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބުރަވެ ގަބޫލުކުރެވޭނަމައެވެ.
(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި ހެކިބަސްދޭ މީހާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އިހްތިމާލެއް އޮތުމުގެ ތެރޭގައި އޭނާގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ނުވަތަ މުދަލަށް ނުވަތަ އޭނާގެ އާއިލާގެ މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބިދާނެ ހާލަތްތައް ހިމެނެއެވެ.
(ރ) ހެކިބަސްދޭ މީހަކީ ހިމާޔަތްދޭންޖެހޭ މީހެއް ކަމަށް ބަޔާންކޮށް މި މާއްދާގެ (ހ) ގެ ދަށުން ދައުލަތުން ކޯޓަށް ހުށަހަޅާއިރު، އެ ނިންމުމަށް ވާސި ލުވި ސަބަބު ބަޔާންކުރަންވާނެއެވެ.
(ބ) ހެކިބަސްދޭ މީހާ ހެކިބަސްދޭ ދިނުމުގެ ސަބަބުން އޭނާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އިހްތިމާލު އޮތްކަމުގައި އޭނާއަށް ގަބޫލުކުރެވޭނަމަ، އޭނާއަކީ ހިމާޔަތްދޭންޖެހޭ މީހެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ކޯޓަށް ހުށަހެޅުމަށް ދައުލަތުގެ ކިބައިން އެދުމުގެ ހައްގު، ހެކިބަސްދޭ މީހާއަށްވެސް ލިބިގެންވެއެވެ.
(ޅ) މި ގާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ހެކިބަސްދޭ މީހަކީ ހިމާޔަތްދޭންޖެހޭ މީހެއް ކަމަށް ދެނެގަނެވުނީ މައްސަލައިގެ ށަރީއަތް ފެށުމުގެ ފަހުން ކަމުގައިވާނަމަ، އެފަދަ ހުށަހެޅުމެއް، ށަރީއަތް ފެށުމުގެ ފަހުން ހުށަހެޅުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.
(ކ) ހެކިބަސްދޭ މީހަކު ހިމާޔަތްކުރުމުގެ އަމުރަކަށް އެދެނީ، މި މާއްދާގެ (ޅ) ގެ ދަށުން ކަމުގައިވާނަމަ، އެފަދަ ހުށަހެޅުމެއް ކޯޓަށް ހުށަހަޅާއިރު، އެ ހުށަހެޅުން ށަރީއަތް ފެށުމުގެ ފަހުން ހުށަހެޅި ސަބަބު ބަޔާންކުރަންވާނެއެވެ.
149-1 ވަނަ މާއްދާ - ހެކިބަސްދޭ މީހާ ހިމާޔަތްކުރުމުގެ އަމުރު (ސުރުހީ އާޢި މާއްދާ އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގެ 149 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުން ކޯޓަށް ހުށަހަޅާ ހުށަހެޅުމެއް ބެލުމަށްފަހު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، ހެކިބަސްދޭ މީހާއަކީ ހިމާޔަތް ލިބިދޭންޖެހޭ މީހެއް ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި، އޭނާއަށް ހިމާޔަތްދޭންޖެހޭ މިންވަރު ދަރަޖަކޮށް، އޭނާ ހިމާޔަތްކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށާއި ކަމާ ގުޅުންހުރި ދައުލަތުގެ އިދާރާތަކުގެ މައްޗަށް އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހެކިބަސްދޭ މީހަކު ހިމާޔަތްކުރުމުގެ އަމުރެއް ނެރެދިނުމުގައި، އަންނަނިވި ކަންކަމަށް ފަނޑިޔާރު ރިއާޔަތްކުރަންވާނެއެވެ.
- މި ގާނޫނުގެ 149 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން، ހެކިބަސްދޭ މީހާއަށް ހިމާޔަތްދޭންޖެހޭ ސަބަބު ކަމަށް ދައުލަތުން ހުށަހަޅާ ސަބަބުތަކާއި އޭގެ ތަފްސީލު؛
- ދައުވާ ލިބޭ ފަރާތުން ކުރި ކުށުގެ ތަހްގީގު ހިންގި ފަރާތުން ހުށަހަޅާ ކަންކަން؛
- ހެކިބަސްދޭ މީހާއަށް ހިމާޔަތްދިނުމުން، އޭނާ ހެކިބަސްދޭ މައްސަލައިގެ ށަރީއަތް އިންސާފުވެރިކަމާއެކު ހިންގުމަށް އެހީތެރިވެދޭނެ މިންވަރު؛
- ހެކިބަސްދޭ މީހާގެ ހެކިބަސް، އެ ހެކިބަސްދޭ މައްސަލައަކަށް މުހިންމުވާ މިންވަރު؛
- ހެކިބަސްދޭ މީހާގެ ހެކިބަސް ދިނުމަށް ހަމަޖެހިފައިވާ މައްސަލައިގެ ބާވަތުން އާންމު މަސްލަހަތަށް އަސަރުކުރާނެ މިންވަރު.
(ނ) ހެކިބަސްދޭ މީހާ ހިމާޔަތްކުރުމުގެ އަމުރު ތަންފީޒުކުރާނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން، ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.
(ރ) ހެކިބަސްދޭ މީހަކު ހިމާޔަތްކުރުމުގެ އަމުރެއް މި މާއްދާގެ ދަށުން ކޯޓުން ކުރާ ހާލަތުގައި، މި މާއްދާގެ (ނ) ގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުން އެ އަމުރު ތަންފީޒުކުރުމުގައި، އެ މީހާއަށް ހިމާޔަތްދޭންޖެހޭ މިންވަރާއި ދަރަޖަ ކަނޑައެޅުމާބެހޭ އުސޫލުތަކާއި، އެނޫންވެސް އެ މީހަކަށް ހިމާޔަތްދިނުމާގުޅޭ ތަފްސީލީ އުސޫލުތައް، މި ގާނޫނުގެ ދަށުން އެ ހިދުމަތުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އަދި މި ގަވާއިދު މި ގާނޫނު ތަސްދީގުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވާލަންވާނެއެވެ.
149-2 ވަނަ މާއްދާ - ހިމާޔަތްކުރެވޭ ހެކީންގެ ހެކިބަސް ނެގުން (ސުރުހީ އާޢި މާއްދާ އިތުރު ކުރެވިފައި)
(ހ) ޖިނާއީ މައްސަލަތަކުގައި ހެކިބަސް ނަގަންވާނީ ށަރީއަތުގެ މަޖިލީހަށް ހެކީން ހާޒިރުކޮށްގެން ކަމަށް މި ގާނޫނުގެ 147 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވީނަމަވެސް، ހެކިބަސްދޭ މީހާ ހިމާޔަތްކުރުމުގެ އަމުރެއް މި ގާނޫނުގެ 1-149 ވަނަ މާއް ދާގެ (ހ) ގެ ދަށުން ނެރޭ ހާލަތުގައި، އެފަދަ ފަރާތެއްގެ ހެކިބަސް ނަގަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ހެކިބަސްދޭ މީހާ ހިމާޔަތްކޮށް، ރައްކާތެރިކުރެވޭނެ ގޮތެއްގެމަތިންނެވެ.
(ށ) ހެކިބަސްދޭ މީހަކީ މި ގާނޫނުގެ 1-149 ވަނަ މާއްދާގެ (ހ) ގެ ދަށުން ހިމާޔަތްދިނުމަށް އަމުރުކޮށްފައިވާ މީހެއްނަމަ، ކުށުގެ ތުހުމަތުގައިވާ މީހާގެ ހާޒިރުގައި ނުވަތަ ކުށުގެ ތުހުމަތުގައިވާ މީހާއަށް ހެކިބަސްދޭ ފަރާތަކީ ކާކުކަން އެނގިދާނެފަދަ ގޮތަކަށް ށަރީއަތުގެ މަޖިލީހުގައި ހެކިބަސްދޭ މީހާއާ އެއްވެސް ސުވާލެއް ކުރުމުގެ ފުރުސަތު ފަނޑިޔާރު ދީގެންނުވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންވެގެންވާ އުސޫލު އެއްގޮތަށް ދެމެހެއްޓުމަށްޓަކައި، މި ގާނޫނުގެ 1-149 ވަނަ މާއްދާގެ (ހ) ގެ ދަށުން ހިމާޔަތްކުރުމަށް އަމުރުކޮށްފައިވާ މީހުންގެ ހެކިބަސް ނެގުމުގައި، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އަމަލުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
- ހެކިބަސްދޭ މީހާއަކީ ކާކުކަން ހާމަނުވާގޮތަށް އޭނާގެ އަޑު ބަދަލުކުރުމަށްފަހު އޯޑިއޯ ނުވަތަ އަޑު ފޮނުވައިދޭ ވަސީލަތެއްގެ ޒަރީއާއިން އޭނާއާ ސުވާލުކޮށް، އޭނާގެ ހެކިބަސް ނެގުން؛
- އެ މީހަކީ ކާކުކަން ހާމަނުވާގޮތަށް މަންޒަރު ބަދަލުކުރުމަށްފަހު ވީޑިއޯގެ ޒަރީއާ އިން އޭނާއާ ސުވާލުކޮށް، އޭނާގެ ހެކިބަސް ނެގުން؛
- ށަރީއަތް ފެށުމުގެ ކުރިން ނަގާފައިވާ ހެކިބަސް ކޯޓަށް އިއްވުން؛
- ކުށުގެ ތުހުމަތުގައިވާ މީހާއާ އެއް ހާޒިރެއްގައި ނޫން ގޮތަކަށް ހެކިބަސް ނެގުން.
(ރ) ދައުވާ ލިބޭ ފަރާތް ނުވަތަ އޭނާގެ ވަކީލު، މި ގާނޫނުގެ ދަށުން ހިމާޔަތްދޭން ކޯޓުން އަމުރުކޮށްފައިވާ ހެކިބަސްދޭ މީހަކާ ކުރާ ސުވާލުތަކުގެ ތެރޭގައި އޭނާއަކީ ކާކުކަން ހާމަވެދާނެ ސުވާލެއް ހިމެނޭނަމަ، އެފަދަ ސުވާލުތަކަށް އޭނާ ޖަވާބުދޭންނުޖެހޭ ކަމަށް ފަނޑިޔާރު ކަނޑައަޅަންވާނެއެވެ.
(ބ) ހެކިބަސްދޭ މީހާއަކީ ކާކުކަން އެނގޭނެ މައުލޫމާތާއި އަދި އޭނާއަށް ހިމާޔަތްދިނުމުގެ ގޮތުން އޭނާ ވަކި ތަނެއްގައި ބެހެއްޓިފައިވާނަމަ، އެ ތަނެއްގެ މައުލޫމާތު، އޭނާ ހިމާޔަތްކުރުމުގެ އަމުރު ނެރުނު ފަނޑިޔާރު ކަނޑައަޅާ ބަޔަކަށް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.
(ޅ) ހެކިބަސްދޭ މީހާއަކީ ކާކުކަން ހާމަނުކުރުމަށް އޭނާއާ ގުޅޭގޮތުން ސިއްރުކުރާ މައުލޫމާތު، ތަހްގީގު މަރުހަލާގައިވެސް، އަދި ދައުވާކުރުމާމެދު ގޮތެއް ނިންމުމުގެ މަރުހަލާގައިވެސް ސިއްރުގެ ގޮތުގައި ދަމަހައްޓަންވާނެއެވެ. އަދި މައްސަލަ ނިމުމަށްފަހުގައިވެސް އެ މައުލޫމާތު ސިއްރުގެ ގޮތުގައި ދަމަހައްޓަންވާނެއެވެ.
ވިހިވަނަ ބާބު
ށަރީއަތުގެ އަޑުއެހުންތައް ނިންމާލުން
150 ވަނަ މާއްދާ - ހުލާސާ ބަޔާން ހުށަހެޅުން
(ހ) ދައުލަތުން އަދި ދައުވާ ލިބޭ ފަރާތުން ހާޒިރުކުރާ ހެކީން ހާޒިރުކޮށް ނިމުމުން، އަދި ފަނޑިޔާރު ހަބީރަކު ހާޒިރުކުރާ ހާލަތުގައި އެ ހަބީރެއްގެ ހެކިބަސް ނަގާ ނިމުމުން ދެން އޮންނާނީ، މައްސަލައިގައި ހިމެނޭ ދެ ފަރާތުން ހުލާސާ ބަޔާން ހުށަހެޅުމެވެ.
(ށ) ފުރަތަމަ ހުލާސާ ބަޔާން ހުށަހަޅާނީ ދައުލަތުންނެވެ. އެއަށްފަހު ދައުވާ ލިބޭ ފަރާތުންނެވެ.
151 ވަނަ މާއްދާ - ށަރީއަތުގެ އަޑުއެހުން
(ހ) މި ގާނޫނުގެ 150 ވަނަ މާއްދާގެ ދަށުން ދެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅާ ނިންމުން ނިމުމާއެކު ށަރީއަތުގެ އަޑުއެހުންތައް ފަނޑިޔާރު ނިންމާލަންވާނެއެވެ. އަދި އެކަން، އެ މަޖިލީހުގައި ފަނޑިޔާރު އިއުލާންކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ނ) ގައި ނުވަތަ މި ގާނޫނުގެ 152 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި، މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއްގެ އަޑުއެހުން ނިންމާލުމަށްފަހު، އެ މައްސަލައިގެ އަޑުއެހުންތައް ފަނޑިޔާރު އަލުން ހުޅުވާލައިގެންނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއްގެ އަޑުއެހުންތައް ނިންމާލުމަށްފަހު ދެން އެ މައްސަލައިގެ އަޑުއެހުންތައް އަލުން ހުޅުވާލެވޭނީ، އެ މައްސަލައަކާ ގުޅޭގޮތުން ކުރިން ލިބިފައިނުވާ އާ ހެކި ލިބިފައިވާ ހާލަތުގައި، އަދި އެ ހެކި ށަރީއަތަށް ހުށަހެޅުމަކީ އަދުލުއިންސާފު ގާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ ހާލަތެއްގައެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއްގެ އަޑުއެހުން ނިންމާލުމާއެކު، އެ މައްސަލައިގެ ހުކުމްކުރުމުގެ މަޖިލިސް އޮންނާނެ ތާރީހެއް ފަނޑިޔާރު އިއުލާންކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއްގެ އަޑުއެހުން ނިންމާލުމަށްފަހު، އެ މައްސަލައިގެ ހުކުމްކުރުމުގެ މަޖިލިސް، އެންމެ ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ބާއްވަންވާނެއެވެ.
(ޅ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، ށަރީއަތުގެ އަޑުއެހުންތައް ނިންމާލުމަށްފަހު، އެ މައްސަލައިގެ ހުކުމްކުރުމުގެ ކުރިން، އެ މައްސަލައާ ގުޅޭގޮތުން ކޮންމެހެން ސާފުކުރުން މުހިންމު ކަމެއްވާނަމަ، އެކަމެއް ސާފުކުރުމަށްޓަކައި އިތުރު އެއް އަޑުއެހުން ބޭއްވުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. އެހެންނަމަވެސް، އެފަދައިން ބާއްވާ އަޑުއެހުން، މި މާއްދާގެ (ބ) ގައި ބަޔާންކުރާ މުއްދަތުގެ ކުރިން ބާއްވަންވާނެއެވެ.
(ކ) މި މާއްދާގެ (ޅ) ގެ ދަށުން ބާއްވާ އަޑުއެހުމުގައި އޮންނާނީ ހަމައެކަނި ފަނޑިޔާރު ސާފުކުރަންޖެހޭ ކަންކަން ސާފުކުރުމެވެ. އެ އަޑުއެހުމުގައި އިތުރު ކަންކަން ނުވަތަ ހެކި ހުށަހެޅުމުގެ ފުރުސަތު މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކަށް ލިބިގެނެއްނުވެއެވެ.
152 ވަނަ މާއްދާ – ފަނޑިޔާރަށް ށަރީއަތް ކުރިއަށް ނުގެންދެވޭނެ ހާލަތެއް މެދުވެރިވުން
ށަރީއަތް ހިނގަމުން ދަނިކޮށް ނުވަތަ ށަރީއަތުގެ އަޑުއެހުން ނިމި، ހުކުމް އިއްވަންވެފައި ވަނިކޮށް ފަނޑިޔާރު ބަލިވެއްޖެނަމަ ނުވަތަ މަރުވެއްޖެނަމަ ނުވަތަ ފަނޑިޔާރުގެ މަގާމުގެ ދައުރު ހަމަވެއްޖެނަމަ ނުވަތަ އެ ށަރީއަތެއް ފެށުމުގެ ކުރިން މެދުވެރިވެފައިނުވާ ނުވަތަ އެނގިފައިނުވާ، އެ ފަނޑިޔާރެއްގެ މަސްލަހަތު ފުށުއަރާ ކަމެއް މެދުވެރިވުމުގެ ސަބަބުން އެ ށަރީއަތެއް ހިންގުމަށް ފަނޑިޔާރަކު ނުކުޅެދިއްޖެނަމަ، ނުވަތަ އެ ށަރީއަތެއް ހިންގުމަށް އެނޫންވެސް ގޮތަކުން ނުކުޅެދިއްޖެނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަންނަނިވި ދެގޮތުންކުރެ ގޮތަކަށް އެ މައްސަލައިގައި ކޯޓަށް އަމަލުކުރެވިދާނެއެވެ. އަދި އެގޮތުން ކަނޑައަޅާ ގޮތް، ސަބަބާއެކު މައްސަލައިގައި ހިމެނޭ ދެ ފަރާތަށް، އެ ކޯޓު ހިންގުމާ ހަވާލުވެހުރި ފަނޑިޔާރަކު އަންގަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ހ) އެހެން ފަނޑިޔާރަކު އެ މައްސަލައިގެ ށަރީއަތް ކުރިއަށްގެންދިއުމަށް ކަނޑައެޅުން؛ ނުވަތަ (އިސްލާހު ކުރެވިފައި)
(ށ) އެ މައްސަލައގެ ށަރީއަތް އަލުން ބޭއްވުމަށް ކަނޑައެޅުން. (އިސްލާހު ކުރެވިފައި)
އެކާވީސްވަނަ ބާބު
ހުކުމްކުރުން
153 ވަނަ މާއްދާ - ހުކުމްކުރުމުގެ މަޖިލިސް ލަސްނުކޮށް ބޭއްވުން
ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ފަނޑިޔާރު ކަނޑައަޅާ ހާލަތުގައި، އޭނާގެ މައްޗަށް ހުކުމްކުރުމަށް ބާއްވަންޖެހޭ މަޖިލިސް ލަސްނުކޮށް ބާއްވަންވާނެއެވެ.
154 ވަނަ މާއްދާ – ހުކުމްކުރުން
ށަރީއަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ފަނޑިޔާރު ހުކުމްކުރަންވާނީ، ހުށަހެޅިފައިވާ ދައުވާއަށާއި، ދިފާއުތަކަށާއި، ހުށަހެޅުނު ހެއްކަށާއި، ށަރީއަތަށް ހާޒިރުކުރެވުނު ހެކީންގެ ހެކިބަހަށް ރިއާޔަތްކުރުމަށްފަހު، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.
(ހ) ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައެޅުން؛ ނުވަތަ
(ށ) ދައުވާ ލިބޭ ފަރާތް އެ މައްސަލައިގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭކަމަށް ކަނޑައެޅުން؛ ނުވަތަ
(ނ) ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުން.
155 ވަނަ މާއްދާ – ކުށް ސާބިތު ނުވާކަމަށް ކަނޑައެޅުން
(ހ) މި ގާނޫނުގެ 154 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކުރާ ގޮތްތަކުގެ ތެރެއިން ގޮތަށް ފަނޑިޔާރު ކަނޑައަޅައިފިނަމަ، ހަމަ އެ މަޖިލީހުގައި އެ ހުކުމް އިއްވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުކުމް އިއްވާއިރު، އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ:
- ދެ ފަރާތުން ހުށަހެޅި ހެއްކަށް ރިއާޔަތްކުރާއިރު، ކުށުގެ އަމަލު ހިނގާފައިވާ ގޮތާ ގުޅޭގޮތުން ށަރީއަތަށް ފާހަގަކުރެވޭ ކަންކަން؛
- ފަނޑިޔާރު ނިންމީ ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަމުގައިވާނަމަ، އެ ނިންމުމަށް ވާސިލުވުމުގައި ރިއާޔަތްކުރި ކަންކަމާއި އެ ނިންމުން އެފަދައިން ނިންމި ސަބަބުތައް؛
- ފަނޑިޔާރު ނިންމީ ދައުވާ ލިބޭ ފަރާތް އެ މައްސަލައިގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭކަމަށް ކަމުގައިވާނަމަ، އެކަން ސާބިތުކުރުމަށްޓަކައި ދައުވާ ލިބޭ ފަރާތުން ނަގާފައިވާ ދިފާއެއް އޭނާއަށް ސާބިތުކޮށްދެވުނު ކަމަށް ފަނޑިޔާރު ނިންމި ސަބަބުތައް.
156 ވަނަ މާއްދާ – ކުށް ސާބިތުވާކަމަށް ކަނޑައެޅުން
(ހ) މި ގާނޫނުގެ 154 ވަނަ މާއްދާގެ ދަށުން ފަނޑިޔާރު ނިންމީ ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަމުގައިވާނަމަ، އެފަދައިން އޭނާގެ މައްޗަށް ހުކުމްކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުކުމެއް އިއްވާއިރު، އަންނަނިވި ކަންކަން އެ ހުކުމުގައި ބަޔާންކުރަންވާނެއެވެ:
- ދެ ފަރާތުން ހުށަހެޅި ހެއްކަށް ރިއާޔަތްކުރާއިރު، ކުށުގެ އަމަލު ހިނގާފައިވާ ގޮތާ ގުޅޭގޮތުން ށަރީއަތަށް ފާހަގަކުރެވޭ ކަންކަން؛
- ދައުވާ ލިބޭ ފަރާތުން ދިފާއެއް ހުށަހަޅާފައިވާނަމަ، އެ ދިފާއު އޭނާއަށް ސާބިތުކޮށްނުދެވުނު ކަމަށް ފަނޑިޔާރު ނިންމި ސަބަބުތައް؛
- ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމުމުގައި ފަނޑިޔާރު ރިއާޔަތްކުރި ކަންކަމާއި އެ ނިންމުން އެފަދައިން ނިންމި ސަބަބުތައް؛
- ދައުވާ ލިބޭ މީހާ ކުށަށް އިއުތިރާފުވެފައިވާނަމަ އެކަން؛
- ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކަނޑައެޅޭ އަދަބު؛
- ދައުވާ ލިބޭ ފަރާތުގެ މައްޗަށް އަދަބު ކަނޑައެޅުމުގައި، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު ތަތުބީގުކޮށްފައިވާ ގޮތް؛
- ދައުވާ ލިބޭ މީހަކީ މި ގާނޫނުގެ 104 ވަނަ މާއްދާގައި ބަޔާންކުރާ އިއުތިރާފުގެ އެއްބަސްވުމެއް ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު ވެފައިވާ މީހެއް ކަމުގައިވާ ހާލަތުގައި އެ އެއްބަސްވުން ކޯޓުން ބަލައިގަތްނަމަ، އެކަން؛
- ދައުވާ ލިބޭ މީހާގެ މައްޗަށް ކަނޑައެޅޭ އަދަބު، މި ގާނޫނުގެ 104 ވަނަ މާއްދާ ނުވަތަ މި ގާނޫނުގެ 1-144 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުމެއްގައިވާ ގޮތުގެމަތިން ލުއިކޮށްދޭނަމަ، އެކަން؛ (އިސްލާހު ކުރެވިފައި)
- ކުށުގެ އަނިޔާ ލިބުނު ފަރާތަށް ގެއްލުމުގެ ބަދަލު ނަގައިދޭންޖެހޭނަމަ އެކަމާއި، ބަދަލު ދޭންޖެހޭ ގޮތާއި، އެގޮތުން ދޭންޖެހޭ ބަދަލުގެ އަދަދު؛
- ދައުލަތަށް ނަގަންޖެހޭ ފައިސާއެއް ނުވަތަ މުދަލެއްވާނަމަ، އެ ފައިސާ ނުވަތަ މުދާ ދައުލަތަށް ނެގުމަށް ކުރާ އަމުރު.
(ނ) ފަނޑިޔާރު ހުކުމް އިއްވަންވާނީ އަނގަބަހުންނެވެ. އަދި ފަނޑިޔާރު އަނގަބަހުން އިއްވާގޮތަށް، އަކުރުން އަކުރަށް ހުކުމް ލިޔެފައި އޮންނަންވާނެއެވެ. އަދި ހުކުމް އިއްވުމަށްފަހު ފަނޑިޔާރު އެ ވަގުތު އެ ހުކުމުގައި ސޮއިކުރަންވާނެއެވެ.
(ރ) ދައުވާ ލިބޭ މީހާގެ މައްޗަށް ހުކުމް އިއްވާ ވަގުތު ދައުވާ ލިބޭ މީހާއާއި އޭނާގެ ވަކީލު ހުންނަންވާނީ ކޮޅަށް ތެދުވެއެވެ.
157 ވަނަ މާއްދާ - ހުކުމަށް ބަދަލުނުގެނައުން
ފަނޑިޔާރު މި ގާނޫނުގެ 154 ވަނަ މާއްދާގެ ދަށުން ހުކުމް އިއްވުމަށްފަހު، ހިސާބު ޖެހުމުގައި އަރާފައިއޮތް އޮޅުމެއް ނުވަތަ ލިޔުމުގައިވާ އިމްލާކުށެއް ނުވަތަ ހާމަކަންބޮޑު ގޮތެއްގައި އޮޅިގެން އުނިވެފައިވާ ތަނެއް އިސްލާހުކުރުން ފިޔަވައި ހުކުމަށް އެއްވެސް ބަދަލެއް ގެނެސްގެންނުވާނެއެވެ.
158 ވަނަ މާއްދާ – އިސްތިއުނާފްކުރުމުގެ ފުރުސަތު އޮތްކަން އެންގުން
ފަނޑިޔާރު ކަނޑައެޅި ހުކުމާމެދު ދައުވާ ލިބޭ ފަރާތުން ހިތްހަމަނުޖެހޭނަމަ، މި ގާނޫނުގެ ނަވާވީސްވަނަ ބާބުގެ ދަށުން އިސްތިއުނާފުކުރުމުގެ ހައްގު އޭނާއަށް ލިބިގެންވާ ކަމާއި، އެ މައްސަލަ އިސްތިއުނާފުކުރުމަށް އޭނާއަށް ލިބޭނެ މުއްދަތު، ފަނޑިޔާރު އޭނާއަށް އަންގަންވާނެއެވެ.
ބާވީސްވަނަ ބާބު
އަދަބު ކަނޑައެޅުން
159 ވަނަ މާއްދާ - އަދަބު ކަނޑައެޅުން
(ހ) އަދަބު ކަނޑައެޅުން 159. (ހ) ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ފަނޑިޔާރު ކަނޑައަޅާ ހާލަތުގައި، ދައުވާ ލިބޭ މީހާގެ މައްޗަށް އަދަބު ކަނޑައަޅަންވާނީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ބަޔާންކުރާ ކުށަކާ ގުޅޭގޮތުންނަމަ، އެ ގާނޫނުގެ ތިންވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. އެނޫން ގާނޫނެއްގައި ބަޔާންކުރާ ކުށަކާ ގުޅޭގޮތުންނަމަ، އެ ގާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. (އިސްލާހު ކުރެވިފައި)
(ށ) އަދަބު ކަނޑައެޅުމުގެ ކުރިން ފަނޑިޔާރު އަންނަނިވި ކަންތައްތައް ގާނޫނުލްއުގޫބާތުގައި ނުވަތަ ކުށް ކަނޑައަޅާ އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ ގޮތަށް ބަލައި، ރިއާޔަތްކުރަންވާނެއެވެ.
- ކުށުގެ ޒިންމާ އުފުލުމުގެ އަސާސްތައް ފުރިހަމަވެފައިވާ މިންވަރު؛
- ކުށުގެ ރުކުންތައް ފުރިހަމަވެފައިވާ މިންވަރު.
160 ވަނަ މާއްދާ – އަދަބު ކަނޑައެޅުމަށް ވަކި މަހިލީހެއް ބޭއްވުން
ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ހުކުމްކުރާ މަޖިލީހުގައިވެސް، ނުވަތަ އަދަބު ކަނޑައެޅުމަށް ވަކިން ބާއްވާ މަޖިލީހެއްގައިވެސް ދައުވާ ލިބޭ ފަރާތުގެ މައްޗަށް އަދަބު ކަނޑައެޅިދާނެއެވެ. އެހެންނަމަވެސް، އަދަބު ކަނޑައެޅުމުގެ މަޖިލިސް ވަކިން ބާއްވާނަމަ، އެފަދައިން ބާއްވާ މަޖިލިސް، މައްސަލައިގެ ހުކުމްކުރާތާ އެންމެ ލަސްވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ބާއްވަންވާނެއެވެ.
161 ވަނަ މާއްދާ – އަދަބު ކަނޑައެޅުމުގެ އުސޫލާ އެއްގޮތަށް އަމަލުކުރުން
ދައުވާ ލިބޭ މީހާގެ މައްޗަށް އަދަބު ކަނޑައެޅުމުގައި އަމަލުކުރަންވާނީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ބަޔާންކުރާ ކުށަކާ ގުޅޭގޮތުންނަމަ، އެ ގާނޫނުގެ ތިންވަނަ ބައިގައި ބަޔާންވެގެންވާ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑާއި، އަދަބު ކަނޑައެޅުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ. ދައުވާ ލިބޭ ފަރާތުގެ މައްޗަށް ސާބިތުވާ ކުށަކީ ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ހިމެނޭ ކުށެއް ކަމުގައިނުވާނަމަ، އެ ކުށަށް އަދަބު ކަނޑައެޅުމުގައި ރިއާޔަތްކުރަންވާނީ، އެ ކުށް ކަނޑައަޅާ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލަށެވެ. (އިސްލާހު ކުރެވިފައި)
ތޭވީސްވަނަ ބާބު
އަވަސްނިޔާއިން މައްސަލަ ބެލުން
162 ވަނަ މާއްދާ – ކުށަށް އިއުތިރާފްވެފައިވާ މީހުންގެ މައްސަލަ އަވަސްނިޔާއިން ބެލުން
(ހ) އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފުވެފައިވާ މީހުންގެ މައްސަލަތަކުގެ ށަރީއަތް ހިންގަންވާނީ މި ބާބުގައިވާ ގޮތުގެމަތިން އަވަސްނިޔާއިންނެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަވަސްނިޔާއިން ބެލޭ މައްސަލަތަކުގައި، ށަރީއަތުގެ އަޑުއެހުން ފަށަންވާނީ އެއީ އަވަސްނިޔާއިން ބެލުމަށް ހަމަޖެހިފައިވާ މައްސަލައެއްކަން ފަނޑިޔާރު އިއުލާންކުރުމާއެކުގައެވެ. އަދި އެ މައްސަލައިގެ ދައުވާ ލިބޭ ފަރާތަކީ ކޮބައިކަމާއި، އެ މައްސަލަ އަވަސްނިޔާއިން ބެލުމަށް ތާވަލުކުރެވިފައިވަނީ ދައުވާ ލިބޭ ފަރާތް އިބްތިދާއީ އަޑުއެހުމުގައި އޭނާއާ ދެކޮޅަށް ކުރެވިފައިވާ ދައުވާއަށް އިއުތިރާފުވުމުން ކަމުގައިވެސް ބަޔާންކުރަންވާނެއެވެ.
(ނ) ދައުވާ ލިބޭ ފަރާތުން އިބްތިދާއީ އަޑުއެހުމުގައި ވެފައިވަނީ ސައްހަ އިއުތިރާފެއްކަން ފަނޑިޔާރު ޔަގީންކުރުމަށްފަހު، އޭނާ އިއުތިރާފުވި ކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، ފަނޑިޔާރު ހުކުމްކުރަންވާނެއެވެ. އަދި ހަމަ އެމަޖިލީހުގައި އޭނާގެ މައްޗަށް އަދަބު ކަނޑައަޅަންވާނެއެވެ.
(ރ) (އުނި ކުރެވިފައި)
(ބ) ދައުވާ ލިބޭ ފަރާތަކީ، މި ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވެފައިވާ ފަރާތެއް ކަމުގައިނުވާނަމަ، ނުވަތަ އިއުތިރާފުވެ އެއްބަސްވުން ބަލައިނުގަތުމަށް އިބްތިދާއީ އަޑުއެހުމުގައި ފަނޑިޔާރު ނިންމާފައިވާނަމަ، އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅި ކުށަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު، ގާނޫނުގައިވާ ގޮތުގެމަތިން ފަނޑިޔާރު ކަނޑައަޅަންވާނެއެވެ.
ސައުވީސްވަނަ ބާބު
ށަރީއަތާގުޅޭ އާންމު އުސޫލު
163 ވަނަ މައްދާ – މެދުކެނޑުމެއްނެތި ށަރީއަަތުގެ އަޑުއެހުންތައް ކުރިއަށްގެންދިއުން
(ހ) ށަރީއަތުގެ އަޑުއެހުންތައް ފެށުމަށްފަހު، މި ގާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން، މެދުކެނޑުމެއްނެތި އެ ށަރީއަތް ހިންގޭނެ އިންތިޒާމު، މައްސަލަ ބަލާ ފަނޑިޔާރު ހަމަޖައްސަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ށަރީއަތެއް މެދުކަނޑާލުމަކީ އަދުލުއިންސާފު ގާއިމުކުރުމުގެ މަސްލަހަތުގައި އޮތްކަމެއް ކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެ ށަރީއަތެއް ކުރު މުއްދަތަކަށް މެދުކަނޑާލެވިދާނެއެވެ.
163-1 ވަނަ މާއްދާ - އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ށަރީއަތް ހިންގުން (އިތުރު ކުރެވިފައި)
(ހ) ކުށެއްގެ ތުހުމަތުގައިވާ ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަތަކުގެ އަޑުއެހުންތަކާއި، އިބްތިދާއީ އަޑުއެހުންތަކާއި، ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ އަޑުއެހުންތަކާއި، ށަރީއަތްތައް ކުރިއަށް ގެންދަންވާނީ އެ ކުށުގެ ތުހުމަތުގައިވާ ފަރާތް ނުވަތަ ދައުވާ ލިބޭ ފަރާތާއި، ހައްޔަރުކުރާ ފަރާތް ނުވަތަ ދައުވާކުރާ ފަރާތާއި، އެ ފަރާތްތަކުގެ ވަކީލުންނާއި، އަދި އެނޫނަސް ށަރީއަތުގެ މަޖިލީހަށް ހާޒިރުވާންޖެހޭ މީހުންކަމަށް ށަރީއަތުގެ މަޖިލީހުން ކަނޑައަޅާ މީހުންނާއި، މައްސަލަ ބަލާ ފަނޑިޔާރާ އެއް ހާޒިރެއްގައި އަދި އެއް މަޖިލީހެއްގައި ތިބެގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލަކީ އާންމު އުސޫލުކަމުގައި ވީނަމަވެސް، ފަނޑިޔާރު ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި، އަދުލު އިންސާފުގެ ހަމަތައް ނުގެއްލޭނެ ގޮތުގެމަތިން، އަޑުއެހުންތަކާއި ށަރީއަތްތައް ހިންގާ ކޯޓުގެ މާލަމާއި، މައްސަލައިގައި ހިމެނޭ އެހެނިހެން ފަރާތްތައް ތިބޭ މާލަންތައް، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅުވާލައިގެން އަޑުއެހުންތަކާއި ށަރީއަތްތައް ކުރިއަށް ގެންދިއުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. މިގޮތުން، ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކަކީ ހާއްސަ ހާލަތްތަކެއްކަމަށް ފަނޑިޔާރަށް ކަނޑައެޅިދާނެއެވެ.
- ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާގެ ހާލަތެއްގެ ސަބަބުން ށަރީއަތުގެ މަޖިލީހަށް ހާޒިރުވުމުގައި ރައްކާތެރިކަމެއް ނެތުން؛
- ޖޯގުރަފީ ގޮތުން ރަށްތަކާއި ސަރަހައްދުތައް އެތުރިފައިވާ ގޮތުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް، މޫސުމީ ގޮތުންނާއި ހަރަދުގެ ގޮތުންނާއި ނުވަތަ ޖިނާއީ އަދުލުގެ ނިޒާމު ހިންގުމުގެ އިންތިޒާމުތައް އެ ރަށެއްގައި ނުވަތަ އެ ސަރަހައްދެއްގައި ގާއިމުކުރެވިފައިވާ ގޮތްތަކަށް އެވަގުތަކު އޮތް ހުރަސްތަކާއި ގޮންޖެހުންތަކަށް ރިއާޔަތްކުރުމާއެކު، އަދި ހުށަހެޅިފައިވާ މައްސަލައެއް ނިންމުމަށް ލަސްވުން މެދުވެރިވެ، އަދުލު އިންސާފު ގާއިމުކުރުމަށް ބުރޫއަރާފާނެ ހާލަތެއް އޮތުން.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާއްސަ ހާލަތެއްގައިވެސް އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަތަކުގެ އަޑުއެހުންތަކާއި، އިބްތިދާއީ އަޑުއެހުންތައް ފިޔަވައި، ށަރީއަތްތައް ކުރިއަށް ގެންދެވޭނީ އެގޮތަށް އެކަން ކުރުމަށް ކުށުގެ ތުހުމަތުގައިވާ ފަރާތް ނުވަތަ ދައުވާ ލިބޭ ފަރާތް އިއުތިރާޒުނުކުރާނަމައެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާއްސަ ހާލަތްތަކުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކޯޓުގެ އަޑުއެހުންތަކާއި ށަރީއަތްތައް ކުރިއަށް ގެންދިއުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވީ ނަމަވެސް، އަދި މި މާއްދާގެ (ނ) ގައިވާ ގޮތަށް ކުށުގެ ތުހުމަތުގައިވާ ފަރާތް ނުވަތަ ދައުވާ ލިބޭ ފަރާތް އިއުތިރާޒުނުކުރާނަމަވެސް، ސިކުނޑީގެ ބައްޔެއް ނުވަތަ ނުކުޅެދުމެއް ނުވަތަ ނަފްސާނީ ބައްޔެއް ހުރި ފަރާތްތަކާއި، ކުށަށް އިއުތިރާފުވެފައިވާ ފަރާތްތަކުގެ ށަރީއަތްތައް އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށް ގެންގޮސްގެންނުވާނެއެވެ.
(ބ) މި މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ގޮތުގެމަތިން، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކޯޓުގެ އަޑުއެހުންތަކާއި ށަރީއަތްތައް ކުރިއަށްގެންދިއުމާބެހޭ ގަވާއިދު، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުން އެކުލަވާލަންވާނެއެވެ. އަދި އެ ގަވާއިދުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ށަރީއަތުގެ މަޖިލީހުގައި ބައިވެރިވާ އެންމެހައި ފަރާތްތަކުން ވާންޖެހޭ ތައްޔާރީތައް؛
- ކޯޓުގެ މާލަމުގައި، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅާލެވިގެން ށަރީއަތުގެ މަޖިލީހުގައި ބައިވެރިވާ އެންމެހައި ފަރާތްތަކުން ށަރީއަތުގެ މަޖިލީހުގައި ހިފަހައްޓަންޖެހޭ އުސޫލުތައް؛
- އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ ހެދުމަށް ހޯދަންޖެހޭ ތަކެއްޗާއި ގާއިމުކުރަންޖެހޭ ވަސީލަތްތައް؛
- އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ ނިޒާމު ގާއިމުކުރަންޖެހޭ ތަންތަން؛
- ޓްރާންސްމިށަން ސްޕީޑާއި ބޭންޑްވިތްގެ މިންގަނޑުތައް؛
- ދިމާވާ ޓެކްނިކަލް މައްސަލަތަކާ ގުޅިގެން އަމަލުކުރާނެ ގޮތް؛
- ރާއްޖެއިން ބޭރުގައިވާ ފަރާތެއް ހިމެނޭ މައްސަލައެއްނަމަ ށަރީއަތުގެ މަޖިލިސް ބާއްވާ ވަގުތާއި އެ ފަރާތެއް ހުރި ގައުމެއްގެ ވަގުތާ ދެމެދުގައިވާ ފަރަގު ބޮޑުވާނަމަ އަމަލުކުރާނެ ގޮތް؛
- ތަރުޖަމާނަކު ބޭނުންކުރަންޖެހޭ ހާލަތުގައި އަމަލުކުރާނެ ގޮތް؛ އަދި
- އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ށަރީއަތުގެ މަޖިލިސް ކުރިއަށް ގެންދިއުމާގުޅޭ މިނޫންވެސް އެންމެހައި އުސޫލުތައް.
- އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށްގެންދާ ށަރީއަތްތަކުގެ މަޖިލިސްތަކުގެ ރެކޯޑިންގ، އެ މައްސަލައެއް ނިމޭ ތާރީހުން ފެށިގެން 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ރައްކާތެރިކޮށް ބަލަހައްޓަންވާނެއެވެ.
(ޅ) އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށްގެންދާ ށަރީއަތްތަކުގެ މަޖިލީސްތަކުގެ ރެކޯޑިންގ، އެ މައްސަލައެއް ނިމޭ ތާރީހުން ފެށިގެން 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ރައްކާތެރިކޮށް ބަލަހައްޓަންވާނެއެވެ.
(ކ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ޑްރަގް ކޯޓުގައި ކުރިއަށްގެންދާ ށަރީއަތްތައް އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށްގެންދިއުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. (އިތުރު ކުރެވިފައި)
164 ވަނަ މާއްދާ – ށަރީއަތް މެދުކަނޑާލުމާއި ފަސްކުރުން
(ހ) ށަރީއަތެއް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލާނަމަ، އެކަން، ފަނޑިޔާރު އިއުލާންކުރަންވާނެއެވެ. އަދި އަލުން ފަށާއިރު ފަށާކަން އިއުލާންކުރަންވާނެއެވެ.
(ށ) ށަރީއަތެއް މެދުކަނޑާލަނީ އެހެން ތާރީހެއްގައި ކުރިއަށްގެންދިޔުމަށްނަމަ، އެކަން، ސަބަބު ބަޔާންކޮށް، ފަނޑިޔާރު އިއުލާންކުރަންވާނެއެވެ. އަދި ށަރީއަތުގެ އެ އަޑުއެހުމުގެ ބާކީ ބައި ކުރިއަށްގެންދާނެ ތާރީހަކާއި ގަޑި އެ މަޖިލީހުގައި ފަނޑިޔާރު އިއުލާންކުރަންވާނެއެވެ.
165 ވަނަ މާއްދާ – އިއުތިރާޒްކުރުން
(ހ) ށަރީއަތެއް ކުރިއަށްދާއިރު ށަރީއަތުގެ އުސޫލުތަކާ ހިލާފަށް މައްސަލައިގައި ހިމެނޭ ފަރާތަކުން އަމަލުކުރަމުންދާކަމަށް މައްސަލައިގައި ހިމެނޭ އަނެއް ފަރާތަށް ފެންނަނަމަ، އެކަމަށް އިއުތިރާޒްކުރެވިދާނެއެވެ. އިއުތިރާޒުކުރާނީ، "އިއުތިރާޒުކުރަން" އެފަދައިން ބަޔާންކުރުމަށްފަހު ތެދުވެހުރެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައިގައި ހިމެނޭ ފަރާތަކުން އިއުތިރާޒްކުރާކަން ހާމަކުރުމާއެކު، އޭނާ އިއުތިރާޒްކުރާ ސަބަބު ބަޔާންކުރަންވާނެއެވެ. މިގޮތުން، އިއުތިރާޒްކުރެވޭނީ އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮވެގެންނެވެ.
- ށަރީއަތަށް ހުށަނޭޅޭނެ ހެކި ބަހެއް ހުށަހަޅަން މަސައްކަތްކުރާ ހާލަތުގައި؛
- ހެކިބަސް ދޭ މީހާއާ ލީޑިންގ ސުވާލުކުރާ ހާލަތުގައި؛
- ހެކިބަސް ދޭ މީހާއަށް ފުރައްސާރަކުރާ ހާލަތުގައި.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައިގައި ހިމެނޭ ފަރާތަކުން އިއުތިރާޒެއް ކޮށްފިނަމަ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ފަނޑިޔާރު އަމަލުކުރަންވާނެއެވެ.
- އިއުތިރާޒް ބަލައިގަތުން؛
- އިއުތިރާޒް ގަބޫލުނުކުރުން.
(ރ) އިއުތިރާޒެއް ބަލައިގެންފި ކަމަށް މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ދަށުން ފަނޑިޔާރު އެންގުމުން، އަނެއް ފަރާތުން ކުރަމުންދިޔަ ކަމެއް ވަގުތުން ހުއްޓާލަންވާނެއެވެ.
(ބ) އިއުތިރާޒެއް ގަބޫލުނުކުރާ ކަމަށް މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ދަށުން ފަނޑިޔާރު އެންގުމުން، އަނެއް ފަރާތުން ކުރަމުންދިޔަ ކަމެއް ކުރިއަށްގެންދެވިދާނެއެވެ.
166 ވަނަ މާއްދާ - ށަރީއަތް ކުރާ ބަސް
(ހ) ށަރީއަތުގެ އެންމެހައި މަރުހަލާއެއް ކުރިއަށް ގެންދަންވާނީ، އަދި އެންމެހައި ލިޔެކިޔުންތަކާއި ރެކޯޑުތައް ބަލަހައްޓަންވާނީ ދިވެހި ބަހުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އިނގިރޭސި ބަހާއި އަރަބި ބަހުން ހުންނަ ޑޮކިއުމެންޓްތައް، އޭގެ ދިވެހި ތަރުޖަމާ ހުށަނޭޅުނުކަމުގައިވިޔަސް ކޯޓުތަކުން ބަލައިގަނެ، މައްސަލަތައް ކުރިޔަށް ގެންދަންވާނެއެވެ. އަދި އިނގިރޭސި ބަހާއި އަރަބި ބަސް ނޫން ބަސްބަހުން ލިޔެފައިވާ ޑޮކިއުމެންޓްތައް ކޯޓުތަކަށް ހުށަހަޅަންވާނީ އިނގިރޭސި، ދިވެހި ނުވަތަ އަރަބި ބަހުންކުރެ ބަހަކުން ތަރުޖަމާ ކޮށްގެންނެވެ.
167 ވަނަ މާއްދާ – ކުށުގެ ތުހުމަތުގައިވާ މީހާއަށް ދިވެހިބަސް ނޭނގުން ނުވަތަ ލިޔަންކިޔަން ނޭނގުން
(ހ) ކުށުގެ ދައުވާ އުފުލިފައިވާ މީހަކީ، ދިވެހި ބަހުން ލިޔަންކިޔަން ނުދަންނަ މީހެއްނަމަ، އަދި އޭނާ ވަނީ ގާނޫނީ ވަކީލަކު އައްޔަންކުރުމުގެ ފުރުސަތު ދޫކޮށްލާފައިނަމަ، އޭނާއާ ދެކޮޅަށް ހިންގޭ ށަރީއަތެއްގައި ބަދަލުކުރެވޭ ލިޔެކިޔުމާއި، ނެގޭ ބަޔާންތަކާއި، މައްސަލައާ ގުޅުންހުރި އެހެނިހެން ލިޔުންތަކުގައިވާ އެއްޗެއް އޭގައިވާ ގޮތަށް އެ މީހަކަށް ވިސްނިފައިވާކަން ފަނޑިޔާރު ކަށަވަރުކުރަންވާނެއެވެ.
(ށ) ކުށުގެ ދައުވާ އުފުލިފައިވާ މީހަކީ ދިވެހި ބަސް ނޭނގޭ މީހެއްނަމަ، ނުވަތަ ދިވެހި ބަހުން ރަނގަޅަށް ވާހަކަދައްކައި، ދިވެހި ބަހުން ލިޔަންކިޔަން ނުދަންނަ މީހަކުނަމަ، އެ މީހެއްގެ ށަރީއަތް ކުރިއަށް ގެންދަންވާނީ އެ މީހަކަށް ރަނގަޅަށް ވާހަކަދައްކަން އެނގޭ ބަހަކުން ވާހަކަދައްކަން ދަންނަ ތަރުޖަމާނެއްގެ އެހީގައެވެ. އަދި މި މާއްދާގެ (ރ) ގެ ދަށުން އެ މީހަކު އަމިއްލައަށް ތަރުޖަމާނަކު ހަމަޖައްސާފައިނުވާ ހާލަތުގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޭނާއަށް ކޯޓުން ތަރުޖަމާނަކު ހަމަޖައްސައިދޭންވާނެއެވެ.
(ނ) ދިވެހިބަސް ނޭނގޭ މީހަކު ކޯޓުގެ ފަރާތުން ހަމަޖައްސައިދޭ ތަރުޖަމާނެއްގެ އެހީ ބޭނުންވާނަމަ، ކަނޑައެޅިފައިވާ ފޯމު މެދުވެރިކޮށް ހުށަހަޅާނީ ކޯޓަށެވެ.
(ރ) ދިވެހިބަސް ނޭނގޭ މީހަކު އަމިއްލައަށް ތަރުޖަމާނަކު ހަމަޖައްސަން ބޭނުންވާނަމަ، ކަނޑައެޅިފައިވާ ފޯމު މެދުވެރިކޮށް ހުށަހަޅާނީ ކޯޓަށެވެ.
168 ވަނަ މާއްދާ - ރެކޯޑު ބެލެހެއްޓުން
(ހ) ކޯޓަށް ހުށަހެޅޭ އެންމެހައި ޖިނާއީ ދައުވާތަކާ ގުޅިގެން އަންނަނިވި މައުލޫމާތާއި ލިޔެކިޔުން ކޯޓުން ބަލަހައްޓަންވާނެއެވެ.
- ހުށަހަޅާފައިވާ ދައުވާއާއި ދައުވާއާގުޅޭ އެންމެހައި ލިޔެކިޔުން؛
- ށަރީއަތުގެ މަޖިލީހުގައި ނެގޭ ހެކިބަސް؛
- ށަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ އަޑު ނުވަތަ އަޑާއި މަންޒަރު ރެކޯޑު ކުރެވިފައިވާނަމަ އެ ރެކޯޑިންތަކާއި، އެ ރެކޯޑިންތަކަށް އުނިއިތުރެއް ނުގެނެސް ލިޔާ ބަޔާންތައް؛
- ހެކިބަހުގެ ގޮތުގައި ފަހުން ބޭނުންކުރުމަށްޓަކައި، ދޭ ނުވަތަ ރެކޯޑުކުރެވޭ ބަޔާން؛
- ކޯޓަށް ހުށަހެޅިފައިވާ އެއްވެސް ލިޔުމެއްގައި ދައުވާ ލިބޭ ފަރާތުގެ ހައްގެއް ދޫކޮށްލިކަމަށް ބަޔާންކޮށްފައިނުވާ ހާލަތުތަކުގައި، އެ ހައްގެއް ދޫކޮށްލިކަމަށް ދައުވާ ލިބޭ ފަރާތުން ށަރީއަތުގެ މަޖިލީހުގައި ދޭ ބަޔާން؛
- ކޯޓުގެ އަމުރުތަކާއި، ހުކުމްތަކާއި ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓުތައް؛ އަދި
- މިނޫންވެސް މައްސަލައާ ގުޅިގެން ބަލަހައްޓަންޖެހޭކަމަށް އެހެން ގާނޫނެއްގައި ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެންމެހައި ތަކެތި.
(ށ) ޖިނާއީ ބޮޑެތި ކުށްތަކުގެ ށަރީއަތްތަކުގައި، މައްސަލައިގައި ހިމެނޭ ހަސްމުންނާއި، ހެކީންނާއި، ހަބީރުން އަނގަބަހުން ދައްކާ ވާހަކަތަކުގެ އަޑު ނުވަތަ އަޑާއި މަންޒަރު ރެކޯޑުކުރަންވާނެއެވެ. އަދި މައްސަލައިގެ ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓާއެކު، އެ ރިޕޯޓުގެ ބައެއްގެ ގޮތުގައި އެ ރެކޯޑިންގ ހިމަނާފައި އޮންނަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، މައްސަލައިގައި ހިމެނޭ ހަސްމުންނާއި، ހެކީންނާއި، ހަބީރުން އަނގަބަހުން ދައްކާ ވާހަކަތަކުގެ ރެކޯޑެއް ލިޔުމުން ހޯދުމަށް މައްސަލައިގެ ހަސްމަކު އެދިއްޖެނަމަ، އެކަމަށް އެދޭތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ފަރާތަކަށް ލިޔުމުން އެ ރެކޯޑު ދޭންވާނެއެވެ. އަދި އެކަމަށްޓަކައި އެކަށޭނަ ފީއެއް ކަނޑައެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އަޑު ނުވަތަ އަޑާއި މަންޒަރު ރެކޯޑުކުރެވޭނެ އިންތިޒާމު، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކެއްގައި ހަމަޖައްސަންވާނެއެވެ.
169 ވަނަ މާއްދާ – މައްސަލައިގެ ރެކޯޑިންގ އަޑުއެހުމާއި ބަޔާންތައް ބެލުމުގެ ފުރުސަތު
(ހ) ށަރީއަތުގައި ހިނގަމުންދާ މައްސަލަތަކުގައި ދައުލަތުން ނުވަތަ ދައުވާ ލިބޭ ފަރާތުން އެދެފިނަމަ، ށަރީއަތުގެ އަޑުއެހުންތަކުގެ ރެކޯޑިންގ އަޑުއެހުމުގެ އަދި/ނުވަތަ ބެލުމުގެ ފުރުސަތު އެ ފަރާތަކަށް ކޯޓުން ދޭންވާނެއެވެ. އަދި އެ ރެކޯޑިންގގެ ކޮޕީއެއް ހޯދުމަށް އެއިން ފަރާތަކުން އެދިއްޖެނަމަ އެ ކޮޕީއެއް އެ ފަރާތަކަށް ފޯރުކޮށްދޭންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) އާންމުކޮށް ހުޅުވާލެވިގެން ބާއްވާ ށަރީއަތްތަކުގެ ތެރެއިން، ހުކުމްކޮށް ނިމި، ށަރީއަތް ނިމިފައިވާ މައްސަލަތަކުގައި މައްސަލައާ ގުޅުންހުރި ފަރާތްތަކަށާއި، ގާނޫނީ ވަކީލުންނަށާއި، ދަރިވަރުންނަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ބަލައި، ކޮޕީ ހަދައި، ރެކޯޑިންގތައް އަޑުއެހުމުގެ ފުރުސަތު ކޯޓުން ދޭންވާނެއެވެ. އަދި އެކަމަށްޓަކައި އެކަށޭނަ ފީއެއް ކަނޑައެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ނ) އާންމުކޮށް ހުޅުވާލައިގެން ބާއްވާ ށަރީއަތުގެ މަޖިލިސްތަކުގައި ނެރޭ ކޯޓު އަމުރުތަކާއި ކުރާ ހުކުމްތައް، އެ ތަކެތި ބޭނުންވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ކޯޓުން ހަމަޖައްސައިދޭންވާނެއެވެ.
(ރ) މި މާއްދާގައި ބަޔާންކުރާ ލިޔެކިޔުންތައް ބެލުމަށާއި، ރެކޯޑިންގތައް އަޑުއެހުމަށް، ދޫކުރާނީ ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. (އިތުރު ކުރެވިފައި)
170 ވަނަ މާއްދާ - ކޯޓުގެ ހުރުމަތް ކެނޑުން
ހިނގަމުންދާ ށަރީއަތެއްގެ އެއްވެސް މަރުހަލާއެއްގައި އެއްވެސް ފަރާތަކުން ކޯޓުގެ ހުރުމަތް ކެނޑޭފަދަ އަމަލެއް ހިންގައިފިނަމަ، އެ ފަރާތަކާމެދު، ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ ދަށުން ފިޔަވަޅުއެޅުމުގެ އިހްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)
ފަންސަވީސްވަނަ ބާބު
ށަރީއަތަށް މީހުން ހާޒިރުކުރުން
171 ވަނަ މައްދާ - ކޯޓަށް ހާޒިރުވުމުގެ އަމުރު
(ހ) ދައުވާ ލިބޭ މީހުންނާއި ހެކީންނާއި އެނޫންވެސް އެކިއެކި ބޭނުންތަކަށް ކޯޓަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކުރުމަށް ކޯޓު އަމުރު ފޮނުވުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. މިގޮތުން ފޮނުވާ އަމުރުގައި ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.
- ހާޒިރުވާންވީ މީހާގެ ނަމާއި، ދާއިމީ އަދި ވަގުތީ އެޑްރެސް؛
- ހާޒިރުވާންވީ ތަނާއި ދުވަހާއި ގަޑި؛
- ހާޒިރުކުރެވެނީ ކޮން ދައުވާއަކާ ގުޅިގެންކަން؛
- ހާޒިރުކުރެވެނީ ށަރީއަތުގެ ކޮން މަރުހަލާއަކަށްކަން؛
- ހާޒިރުކުރެވޭ ހައިސިއްޔަތު؛
- ހާޒިރުނުވެއްޖެނަމަ އެޅިދާނެ ފިޔަވަޅު؛
- އެ އަމުރުގައި ހިމަނަން ކޯޓަށް ފެންނަ އެހެނިހެން މައުލޫމާތު؛
- ހުއްދަކުރާ ފަނޑިޔާރުގެ ސޮއި އަދި ކޯޓުގެ ތައްގަނޑު.
(ށ) ހާޒިރުވުމުގެ އަމުރެއް ފޮނުވެނީ ދައުވާ ލިބޭ ފަރާތަށް ކަމުގައިވާނަމަ، އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށުގެ ހުލާސާއެއް އަމުރުގައި ހިމަނަންވާނެއެވެ.
(ނ) ކޯޓަށް ހާޒިރުވުމަށް އަންގާ އަމުރުގެ ނުފުށުގައި، ހާޒިރުވާ މީހުން ސަމާލުކަން ދޭންޖެހޭ ކަންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.
172 ވަނަ މާއްދާ - އަމުރު ރައްދުކުރުން
(ހ) ކޯޓަށް ހާޒިރުވާންޖެހޭ މީހާއަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވެން އޮތްނަމަ، ހާޒިރުވުމުގެ އަމުރު އެ މީހާއާ ހަވާލުކުރުމުން އަމުރު ރައްދުކުރެވުނީއެވެ. ކޯޓަށް ހާޒިރުވާންޖެހޭ މީހާއާ ކޯޓަށް ހާޒިރުވުމުގެ އަމުރު ހަވާލުނުކުރެވިއްޖެނަމަ، އޭނާ ދިރިއުޅޭ ގޭގައި އުޅޭ ތަސައްރަފު ފުދިފައިވާ މީހަކާ އަމުރު ހަވާލުކުރުމުން، އަމުރު ރައްދުކުރެވުނީކަމަށް ބެލެވޭނެއެވެ.
(ށ) މި މާއްދާގައިވާ ގޮތުގެމަތިން ހާޒިރުވުމުގެ އަމުރު ހަވާލުކުރެވިފައި ވަނިކޮށް، އަމުރު ލިބެންވާ ފަރާތުން އަމުރު ލިބުނު ކަމަށް އިންކާރުކުރާ ހާލަތުގައި، ކޯޓުގެ ފަރާތުން އަމުރު ހަވާލުކުރަން ދިޔަ ފަރާތުން، އަމުރު ހަވާލުކުރި ކަމަށްބުނެ ދޭ ހެކިބަހަކީ، ހާޒިރުވުމުގެ އަމުރު ރައްދުވިކަމުގެ ފުރިހަމަ ހެކިބަހެއް ކަމުގައި ބެލެވޭނެއެވެ.
173 ވަނަ މާއްދާ - އަމުރު ރައްދުކުރާ ފަރާތް
(ހ) ހާޒިރުވުމުގެ އަމުރު އާންމު ގޮތެއްގައި ކޯޓުގެ މުވައްޒަފުން ރައްދުކުރާ ގޮތަށް އޮތްކަމުގައި ވީނަމަވެސް، ކޯޓުން ކަނޑައަޅާ ހާލަތްތަކުގައި، ރަޖިސްޓަރީ ޕޯސްޓްގެ ޒަރީއާއިން ނުވަތަ ކޯޓުން ކަނޑައަޅާ އެހެން ފަރާތެއް މެދުވެރިކޮށް ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޕޯސްޓްގެ ޒަރީއާއިން ހާޒިރުވުމުގެ އަމުރު ރައްދުކުރާ ހާލަތްތަކުގައި، އެ މީހަކު ދިރިއުޅޭ އެޑްރެހަކަށް އަމުރު ރައްދުކުރިކަމަށް ސޮއިކުރުވާފައި، ޕޯސްޓް އޮފީހުން ކޯޓަށް ހުށަހަޅާ ސްލިޕް ބެލެވޭނީ، ހާޒިރުވުމުގެ އަމުރު ރައްދުވިކަމުގެ ހެއްކެއްގެ ގޮތުގައެވެ.
(ނ) އަމުރު ރައްދުވާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޖަމްއިއްޔާއެއްނަމަ، އެ ކުންފުންޏެއް ނުވަތަ ޖަމްއިއްޔާއެއް ރަޖިސްޓަރީކޮށްފައިވާ އޮފީހެއްގެ އެޑްރެހަށް އަމުރު ރައްދުކުރިކަމަށް ސޮއިކުރުވާފައި، ޕޯސްޓް އޮފީހުން ކޯޓަށް ހުށަހަޅާ ސްލިޕް ބެލެވޭނީ، އެ ފަރާތަށް އަމުރު ރައްދުވިކަމުގެ ހެއްކެއްގެ ގޮތުގައެވެ.
174 ވަނަ މާއްދާ - ކޯޓަށް ހާޒިރުވުން
(ހ) ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބޭ ކޮންމެ މީހަކު އެ އަމުރުގައި ކަނޑައަޅާފައިވާ ތާރީހުގައި، އެ އަމުރުގައި ކަނޑައަޅާފައިވާ ގަޑިއަށް ކޯޓަށް ހާޒިރުވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުވެ، މަގްބޫލު އުޒުރެއް ނެތި އަމުރުގައިވާ ގަޑިއަށް ހާޒިރުނުވެއްޖެނަމަ، ނުވަތަ އަމުރު ބަލައިނުގެންފިނަމަ، ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވީ ކަމަށް ބަލައި، އޭނާއާމެދު ފިޔަވަޅުއެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. ހާޒިރުނުވި މީހަކީ ނުވަތަ އަމުރު ބަލައިނުގަތް މީހަކީ، ދައުވާ ލިބޭ ފަރާތް ކަމުގައިވާނަމަ، އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އިހްތިޔާރުވެސް ކޯޓަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޯޓަށް ހާޒިރުވުމަށް އަމުރު ރައްދުވެ، މަގްބޫލު އުޒުރެއްނެތި ގަޑިއަށް ކޯޓަށް ހާޒިރުނުވެއްޖެނަމަ، އެ މީހަކު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ޖޫރިމަނާކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ރ) ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބިފައިވަނިކޮށް، މަގްބޫލު އުޒުރެއް ދިމާވެގެން ކޯޓަށް ހާޒިރުވެވެން ނެތްނަމަ، ސަބަބު ބަޔާންކޮށް، އަމުރުގައިވާ ގަޑީގެ 1 (އެކެއް) ގަޑިއިރު ކުރިން، އެކަން ކޯޓަށް އަންގަންވާނެއެވެ. މަގްބޫލު އުޒުރެއް ކަމަށް ބަލާނީ ތިރީގައިވާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވުމެވެ.
- ހާޒިރުވާންޖެހޭ މީހާ ކޯޓަށް ހާޒިރުނުވެވޭފަދަ ބައްޔެއްވުން؛
- މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރާއި، އެއްގަމު ދަތުރު ކުރެވޭގޮތް ނުވުން؛
- ފަނޑިޔާރަށް ގަބޫލުކުރެވޭ އެހެން އުޒުރެއް މެދުވެރިވުން.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޯޓަށް ހާޒިރުނުވެވުނު ސަބަބަކީ ބަލިވުން ކަމަށްވާނަމަ، ކޯޓުން ދޫކުރާ މެޑިކަލް ފޯމު ފުރުމަށްފަހު ސަރުކާރު ބަންދުނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި، ކޯޓަށް ހުށަހަޅަންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެފަދަ ތަނަކުން ފުރިހަމަކޮށްގެން ގެންނަ ލިޔުމެއްގެ ތެދު ދޮގު ސާބިތުކުރަންޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ފޯމުގައި ސޮއިކޮށްފައިވާ ފަރާތްތައް ކޯޓަށް ހާޒިރުކުރެވިދާނެއެވެ.
175 ވަނަ މާއްދާ – އެހެން ރަށެއްގައި ނުވަތަ ގައުމެއްގައި ހުރި މީހަކަށް އަމުރު ރައްދުކުރުން
(ހ) ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހާ ހުރީ މައްސަލައިގެ ށަރީއަތް ހިންގާ ކޯޓު ހުރި ރަށް ނޫން އެހެން ރަށެއްގައި ކަމަށްވާނަމަ، އެ މީހަކު ހާޒިރުކޮށްދިނުމުގެ އަމުރު ރައްދުކޮށްދިނުމަށް އެދޭނީ އެ މީހަކު ހުރި ރަށެއްގެ ކޯޓުގައެވެ. އެ މީހަކު ހުރިރަށުގައި ކޯޓެއް ނެތްނަމަ، އެ އަމުރު ރައްދުކުރާނީ އެ މީހަކު ހުރި ރަށާ އެންމެ ކައިރީގައިވާ ރަށެއްގެ ރަށު ކޯޓުންނެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ހާލަތުގައި އެ މީހަކަށް ރައްދުކުރާނީ އެ މާއްދާގައި ބަޔާންކުރާ ރަށެއްގެ ކޯޓުން ތައްޔާރުކޮށްފައިވާ އަމުރެކެވެ. ނަމަވެސް އެ އަމުރަކަށް ހާޒިރުނުވެގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ މައްސަލައިގެ ށަރީއަތް ހިންގާ ކޯޓުންނެވެ.
(ނ) ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހާ ހުރީ ދިވެހިރާއްޖެއިން ބޭރުގައި ކަމަށްވާނަމަ، އެ މީހަކު ހާޒިރުކޮށްދިނުމުގެ އަމުރު ރައްދުކޮށްދިނުމަށް އެދޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެ ގައުމެއްގެ ކަމާބެހޭ ފަރާތެއްގައެވެ.
176 ވަނަ މާއްދާ – މީހުން ހާޒިރުކުރުމާބެހޭ ގަވާއިދު
ށަރީއަތަށް މީހުން ހާޒިރުކުރުމާއި، ހާޒިރުކުރުމުގެ އަމުރު ނެރުމާއި އަމުރު ރައްދުކުރުމާބެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
177 ވަނަ މާއްދާ – ހެކީން ހާޒިރުކުރުމުގައި ހިނގާ ހަރަދު
(ހ) ދައުވާ ލިބޭ ފަރާތުން ހާޒިރުކުރަން ބޭނުންވާ މީހަކު ހުރީ މައްސަލައިގެ ށަރީއަތް ހިންގާ ކޯޓު ހުރި ރަށް ނޫން އެހެން ރަށެއްގައި ނުވަތަ ރާއްޖެއިން ބޭރުގައި ކަމަށްވާނަމަ، ދައުވާ ލިބޭ ފަރާތުން ހާޒިރުކުރަން ބޭނުންވާ މީހާގެ ދަތުރު ހަރަދާއި، އެ މީހަކު އެ ރަށުގައި ހުރުމަށް ހިނގާނެ ހަރަދު އުފުލާނީ ދައުވާ ލިބޭ ފަރާތުންނެވެ.
(ށ) ދައުލަތުން ހާޒިރުކުރަން ބޭނުންވާ ހެއްކަކު ހުރީ ށަރީއަތް ހިންގާ ކޯޓު ހުރި ރަށް ނޫން އެހެން ރަށެއްގައި ނުވަތަ ރާއްޖެއިން ބޭރުގައި ކަމަށްވާނަމަ، ދައުލަތުން ހާޒިރުކުރަން ބޭނުންވާ މީހާގެ ދަތުރު ހަރަދާއި، އެ މީހަކު އެ ރަށުގައި ހުރުމަށް ހިނގާނެ ހަރަދު އުފުލާނީ ދައުލަތުންނެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ދައުވާ ލިބޭ ފަރާތާއި ދައުލަތުން އުފުލަންޖެހޭ ހަރަދުތައް އުފުލާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
178 ވަނަ މާއްދާ – ބަންދުގައި ތިބޭ މީހުން ކޯޓަށް ހާޒިރު ކުރުން
ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހަކީ ބަންދުގައި ހުރި މީހެއްނަމަ، އޭނާ ކޯޓަށް ހާޒިރުކުރުމަށް ނެރޭ އަމުރު، އޭނާ ބަންދުކޮށްފައި ހުރި ތަނުގެ އިދާރާއަށް ފޮނުވުމުން، އެ އަމުރު އެ މީހާއަށް ރައްދުކޮށް، އެ އަމުރުގައި ކަނޑައަޅާފައިވާ ގަޑިއަށް އެ އިދާރާއިން އޭނާ ހާޒިރުކޮށްދޭންވާނެއެވެ.
179 ވަނަ މާއްދާ – ކޯޓަށް ހާޒިރުވާ މީހުންގެ ހެދުން
ކޯޓަށް ހާޒިރުވާ މީހުން ކޯޓަށް ހާޒިރުވާންވާނީ ކޯޓުގެ ހުރުމަތާ އެކަށީގެންވާ ހެދުމެއް އަޅައިގެންނެވެ. ކޯޓަށް ހާޒިރުވާއިރު ހެދުން އެޅުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ސައްބީސްވަނަ ބާބު
ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓު
180 ވަނަ މާއްދާ – ކޮންމެ މައްސަލައެއްގައި ށަރީއަތް ނުމުނު ގޮތުގެ ރިޕޯޓެއް އޮތުން
ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން ހިންގާ ށަރީއަތެއްގައި، ހުކުމްކޮށް، އަދަބުކަނޑައަޅާ ނިމުމުން، އެ މައްސަލައިގެ ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓެއް މައްސަލަ ބެލި ފަނޑިޔާރު ތައްޔާރުކުރަންވާނެއެވެ.
181 ވަނަ މާއްދާ – ރިޕޯޓްގައި ހިމެނެންޖެހޭ ކަންތައްތައް
(ހ) ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.
- ދައުވާ ލިބޭ މީހާގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
- ދައުވާ ލިބޭ މީހާގެ އުމުރު ނުވަތަ އުފަން ތާރީހް؛
- މައްސަލަ ކޯޓަށް ހުށަހެޅުނު ތާރީހާއި ނިމުނު ތާރީހް؛
- ދައުލަތުން ކުރާ ދައުވާގެ ބާވަތާއި ދައުވާގެ ހުލާސާ؛
- ދައުވާއާގުޅޭ ލިޔުންތައް؛
- މި ގާނޫނުގެ 155 ވަނަ މާއްދާގެ (ށ) ގައި ނުވަތަ 156 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މައުލޫމާތު ހިމެނޭގޮތުން، އެ މައްސަލައިގައި ކޮށްފައިވާ ހުކުމް؛
- ރިޕޯޓުގައި ހިމެނުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު މައުލޫމާތު.
(ށ) ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި މައްސަލަ ބެލި ފަނޑިޔާރު ސޮއިކޮށް، ކޯޓުގެ ތައްގަނޑު ޖަހަންވާނެއެވެ.
182 ވަނަ މާއްދާ – މައްސަލައާ ގުޅުންހުރި ފަރާތްތަކުން ރިޕޯޓް ހޯދުމަށް އެދުން
މައްސަލައާ ގުޅުންހުރި ފަރާތްތަކުން ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ހޯދުމަށް އެދިއްޖެނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، އެ ރިޕޯޓުގެ އަސްލާ އެއްގޮތްކަމުގެ ކޮޕީއެއް، ވީއެންމެ އަވަހަކަށް އެ ފަރާތަށް ދޫކުރަންވާނެއެވެ.
ހަވަނަ ބައި
ށަރީއަތުގެ ފަހުގެ މަރުހަލާ
ހަތާވީސްވަނަ ބާބު
ހުކުމް ތަންފީޒުކުރުން
183 ވަނަ މާއްދާ – ހުކުމް ތަންފީޒުކުރުމުގެ އަމުރު
(ހ) ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން ކުރި ހުކުމްގައިވާ އަދަބަކީ ޖަލުގައި ނުވަތަ އެނޫންވެސް ތަނެއްގައި ބަންދުކުރުން ކަމުގައިވާނަމަ، އެ އަދަބެއް ތަންފީޒުކުރުމަށް، އަދަބު ތަންފީޒުކުރާ އިދާރާއަށް ކޯޓުން އަމުރުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޯޓުން ކުރާ އަމުރު ތަންފީޒުކުރުމަށްޓަކައި، ކޯޓުން ހުކުމް އިއްވާފައިވާ މީހާއާ ހަވާލުވުމަށް، އަދަބު ތަންފީޒުކުރާ އިދާރާއަށް ކޯޓުން އެންގުމާއެކު އެ އިދާރާއިން ވަގުތުން އެމީހަކާ ހަވާލުވާންވާނެއެވެ. އަދި އެފަދަ އަމުރެއް ކޯޓުން ކުރީ އަދަބު ތަންފީޒުކުރާ އިދާރާ ގާއިމުވެފައިނެތް ރަށެއްގައިނަމަ، ކޯޓުން ހުކުމް އިއްވާފައިވާ މީހާއާ ހަވާލުވުމަށް ފުލުހުންނަށް ކޯޓުން އެންގުމާއެކު، ފުލުހުން އެމީހަކާ ވަގުތުން ހަވާލުވެ، ވީ އެންމެ އަވަހަކަށް އަދަބު ތަންފީޒުކުރާ އިދާރާއާ އެމީހަކު ހަވާލުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
184 ވަނަ މާއްދާ – ހުކުމް ތަންފީޒުކުރުމުގެ އަމުރުގައި ހިމަނަންޖެހޭ ކަންކަން
ހުކުމް ތަންފީޒުކުރުމަށްޓަކައި މި ގާނޫނުގެ 183 ވަނަ މާއްދާގެ ދަށުން އަދަބު ތަންފީޒުކުރާ އިދާރާއަށް ކޯޓުން ފޮނުވާ އަމުރުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
(ހ) ކުށްވެރިޔާގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
(ށ) ކުށްވެރިޔާގެ އުމުރު ނުވަތަ އުފަން ތާރީހް؛
(ނ) ކުށްވެރިޔާ ހުރީ ބަންދުގައިނަމަ، އޭނާ ބަންދުގައި ހުރި ތަނަކާއި ބަންދުގައި ހުރި ގޮތް؛
(ރ) ސާބިތުވި ކުށް؛
(ބ) ތަންފީޒުކުރަންޖެހޭ އަދަބު؛
(ޅ) ހުކުމްކުރި ކޯޓާއި ގަޒިއްޔާ ނަންބަރު؛
(ކ) ހުކުމްކުރި ތާރީހް؛
(އ) ހުކުމްކުރަންދެން ބަންދުގައި ހުރިނަމަ ބަންދުގައި ހުރި މުއްދަތު.
185 ވަނަ މާއްދާ – އެއް ހުކުމަށްވުރެ ގިނަ ހުކުމް ތަންފީޒުކުރުން
މީހެއްގެ މައްޗަށް އެއް ހުކުމަށްވުރެ ގިނަ ހުކުމް ކަނޑައަޅާފައިވާ ހާލަތެއްގައި، ހުކުމް ތަންފީޒުކުރާނީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
186 ވަނަ މާއްދާ – ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން ކެނޑުން
ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ށަރީއަތުން ހުކުމްކުރަންދެން ދައުވާ ލިބޭ މީހާ ބަންދުގައި ހުންނަ ހާލަތުގައި، ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމުގައިވާ އަދަބަކީ ބަންދުކުރުން ކަމުގައިވާނަމަ، ހުކުމްކުރަންދެން ބަންދުގައި ހުރި މުއްދަތު، ހުކުމުގެ މުއްދަތުން ކަނޑަންވާނެއެވެ.
187 ވަނަ މާއްދާ - ކުށުގެ ރެކޯޑު ބެލެހެއްޓުން (އިސްލާހު ކުރެވިފައި)
(ހ) މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއެއް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެޓަރނީ ޖެނެރަލް ކަނޑައަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއެއް ކަނޑައަޅާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓޭނެ ނިޒާމެއް، އެ އިދާރާއިން ގާއިމުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ގާއިމުކުރާ ނިޒާމަކީ، ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އެންމެހައި އިދާރާތަކަށް ވާސިލުވެވޭނެ ނިޒާމެއް ކަމުގައިވާންވާނެއެވެ.
(ރ) މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓުމާގުޅޭ އެންމެހައި އުސޫލުތައް، މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ އިދާރާއިން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
188 ވަނަ މާއްދާ - ޖޫރިމަނާ ދެއްކުން
(ހ) ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމުގައިވާ އަދަބަކީ ޖޫރިމަނާކުރުން ކަމުގައިވާނަމަ، އެ ހުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް އެ މީހަކު އެ ޖޫރިމަނާ ދައްކަންވާނެއެވެ. މިގޮތުން ޖޫރިމަނާކުރިކަން އަންގައިދޭ ލިޔުމެއް މައްސަލަ ބަލައި ހުކުމްކުރި ކޯޓުން ތައްޔާރުކޮށް ދައުވާ ލިބޭ މީހާއަށް ވަގުތުން ދޭންވާނެއެވެ. އެ ލިޔުމުގައި ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނެންވާނެއެވެ.
- ކުށްވެރިޔާގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
- ކުށްވެރިޔާގެ ބައްޕަ ނުވަތަ މަންމަގެ ފުރިހަމަ ނަން؛
- ކުށްވެރިޔާގެ އުމުރު ނުވަތަ އުފަން ތާރީހް؛
- ސާބިތުވި ކުށް؛
- ޖޫރިމަނާ ދައްކަންވީ ގޮތާއި އަދަދު؛
- ހުކުމްކުރި ކޯޓާއި ގަޒިއްޔާ ނަންބަރު؛
- ހުކުމްކުރި ތާރީހް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ކުރިކަން އަންގައިދޭ ލިޔުމުގެ އަސްލާ އެއްގޮތް ކޮޕީއެއް އަދަބު ތަންފީޒުކުރާ އިދާރާއަށާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށާއި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓަން ހަމަޖެހިފައިވާ އިދާރާއަށް ފޮނުވަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ނުދައްކައިފިނަމަ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން އަމަލުކުރާ އުސޫލުން އެ ފައިސާ ދައުލަތަށް ނަގަންވާނެއެވެ.
(ރ) (އުނި ކުރެވިފައި)
189 ވަނަ މާއްދާ – ދަރަނި ސާބިތުވިކަން އެންގުމާއި ދަރަނި ދެއްކުން
(ހ) ޖިނާއީ މައްސަލައެއްގެ ށަރީއަތް ނިމި ހުކުމްކުރިއިރު އެ ކުށުގެ ސަބަބުން ގެއްލުންވި ފަރާތަށް ގެއްލުމުގެ ބަދަލު ނަގައިދޭން ނިންމާފައިވާނަމަ، އެފަދަ ގެއްލުމުގެ ބަދަލަކީ ކުށް ސާބިތުވި މީހާ، އެ ފަރާތަށް ދައްކަންޖެހޭ ދަރަންޏެކެވެ. ހުކުމުގައި ބުނެފައިވާ ގޮތަށް އެ ދަރަނި އޭނާ އަދާކޮށް ނިންމަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ދަރަނި ދައްކަންޖެހޭނީ މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ އިބްތިދާއީ ކޯޓަށެވެ.
(ނ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަދައިން މައްސަލަ ނިމުމުން ދަރަނި ސާބިތުވީކަން އަންގައިދޭ ލިޔުމެއް، ކުށް ސާބިތުވި މީހާއަށާއި ދަރަނި ލިބެންޖެހޭ މީހާއަށް ކޯޓުން ދޭންވާނެއެވެ. އެ ލިޔުމުގައި އަންނަނިވި މައުލޫމާތު ހިމެނެންވާނެއެވެ.
- ކުށްވެރިވި މީހާގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
- ކުށްވެރިވި މީހާގެ އުމުރު ނުވަތަ އުފަން ތާރީހް؛
- ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ އަދަދު؛
- ހުކުމްކުރި ކޯޓާއި ގަޒިއްޔާ ނަންބަރު؛
- ހުކުމްކުރި ތާރީހް؛
- ދަރަނި ލިބެންޖެހޭ ފަރާތް.
190 ވަނަ މާއްދާ – ދަރަނީގެ މައުލޫމާތު ބެލެހެއްޓުން
(ހ) މި ގާނޫނުގެ 189 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވާ ލިޔުމުގެ އަސްލާ އެއްގޮތް ކޮޕީއެއް، ދަރަންޏާބެހޭ މައުލޫމާތު ބަލަހައްޓާ މަރުކަޒީ އިދާރާއަށް ފޮނުވަންވާނެއެވެ. އަދި ދަރަންޏާބެހޭ މައުލޫމާތު މަރުކަޒީކޮށް ބެލެހެއްޓުމަށްޓަކައި މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ އިބްތިދާއީ ކޯޓުގެ ފައިސާއާބެހޭ ސެކްށަނަށް އެ ލިޔުމުގެ ކޮޕީ ފޮނުވަންވާނެއެވެ.
(ށ) ދަރަނި ދައްކަންޖެހޭ ފަރާތުން މި ގާނޫނުގެ 189 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ކޯޓަށް ދަރަނި ދެއްކުމުން، ވީއެންމެ އަވަހަކަށް ދަރަނި ލިބެންވާ ފަރާތަށް އެ ފައިސާ ރައްދުކުރަންވާނެއެވެ. އަދި ދަރަނީގެ މައުލޫމާތު މަރުކަޒީކޮށް ބެލެހެއްޓުމަށްޓަކައި އެ ދަރަނި ދައްކާ ނިންމިކަން ވީއެންމެ އަވަހަކަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިދާރާއަށް ލިޔުމަކުން އަންގަންވާނެއެވެ.
191 ވަނަ މާއްދާ – ކުށް ސާބިތުނުވާ ހާލަތުގައި ބަންދުން ދޫކުރުން
ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކޯޓުން ހުކުމްކުރާއިރު، އެމީހަކީ ބަންދުގައި ހުރި މީހެއްނަމަ، އެމީހަކު ބަންދުން ދޫކޮށްލުމަށް އެމީހަކު ބަންދުގައި ބަހައްޓާފައި ހުރި ތަނުގެ އިދާރާއަށް ކޯޓުން ވަގުތުން އަންގަންވާނެއެވެ. އަދި އެމީހަކީ، ޕާސްޕޯޓު ނުވަތަ ދަތުރުފަތުރުކުރުމަށް ގެންގުޅޭ އެނޫންވެސް ރަސްމީ ލިޔުމެއް ހިފެހެއްޓިފައިވާ މީހެއްނަމަ، އެ އެއްޗެއް ދޫކުރުމަށް އެ އެއްޗެއް ހިފަހައްޓާފައިވާ އިދާރާއަށް ކޯޓުން ވަގުތުން އަންގަންވާނެއެވެ. (އިސްލާހު ކުރެވިފައި)
އަށާވީސްވަނަ ބާބު
ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުން
192 ވަނަ މާއްދާ – ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުން
ދައުވާ ލިބޭ ފަރާތުން ކުރި ކުށުގެ ސަބަބުން، އެ ފަރާތަށް އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ލިބިފައިވާކަން ށަރީއަތަށް ސާބިތުވާ ހާލަތުގައި، އެ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ގާނޫނަކުން ކަނޑައަޅާފައިވާނަމަ، އެގޮތަށް އެކަން ކުރުމަށް ކޯޓުން އަމުރުކުރަންވާނެއެވެ. އަދި އެ މުދަލާއި ފައިސާ ބޭނުންކޮށްގެން އިތުރު މުދަލާއި ފައިސާ ހޯދާފައިވާ ކަމަށް ށަރީއަތަށް ސާބިތުވެފައިވާނަމަ، އެ ފައިސާއާއި މުދާވެސް ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.
193 ވަނަ މާއްދާ – މުދަލާއި ތަކެތި ދައުލަތުން ނެގުމަކީ އަދަބުގެ ބައެއް ނޫންކަން
ދައުވާ ލިބޭ ފަރާތުން ކުރި ކުށުގެ ސަބަބުން، އެ ފަރާތަށް އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ލިބިފައިވާކަން ށަރީއަތަށް ސާބިތުވާ ހާލަތުގައި، އެ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ކޯޓުން ކުރާ އަމުރަކީ އެ ކުށަކަށް ކަނޑައަޅާ އަދަބުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.
194 ވަނަ މާއްދާ – ފަހުން ފެންނަ މުދާ ނުވަތަ ފައިސާ
ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކުރި ފަހުން ހަމައެފަދަ އެހެން މުދާތަކެއް ނުވަތަ ފައިސާތަކެއް ފެނިގެން އެ ފައިސާ ނުވަތަ އެ މުދާ ކުރިން ކޮށްފައިވާ އަމުރުގައި ބަޔާންކޮށްފައިވާ މުދަލާއި ފައިސާގެ ތެރޭގައި ހިމެނުމަށް، ދައުލަތުން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، އިތުރު އަމުރެއް ނެރުމުގެ ނުވަތަ ކުރިން ކޮށްފައިވާ އަމުރު އިސްލާހުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
195 ވަނަ މާއްދާ – ދައުލަތަށް ނެގުމަށް އަމުރުކޮށްފައިވާ މުދަލެއް ނުވަރަ ފައިސާއެއްގެ ބަދަލުގައި އެހެން މުދަލެއް ނުވަތަ ފައިސާއެއް ދައުލަތަށް ނެގުން
ދައުވާ ލިބޭ ފަރާތުން ކުރާ ކަމެއްގެ ސަބަބުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެނަމަ، ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކޮށްފައިވާ މުދާ ނުވަތަ ފައިސާގެ ބަދަލުގައި އެ މުދަލުގެ ނުވަތަ ފައިސާގެ އަގާ އެއްވަރު މުދަލެއް ނުވަތަ ފައިސާއެއް ނެގުމުގެ އިހްތިޔާރު ދައުލަތަށް ލިބިގެންވެއެވެ.
(ހ) އެ މުދާ ނުވަތަ ފައިސާ ތިންވަނަ ފަރާތަކަށް ވިއްކާލާފައިވުން ނުވަތަ ދީފައިވުން؛
(ށ) އެ މުދާ ނުވަތަ ފައިސާ ދައުލަތުގެ ބާރު ނުހިނގާ ހިސާބަކަށް ގެންގޮސްފައިވުން؛
(ނ) އެ މުދަލުގެ ނުވަތަ ފައިސާގެ އަގު އެކަށީގެންނުވާ މިންވަރަކަށް ދަށަށް ގޮސްފައިވުން؛
(ރ) އެ މުދާ ނުވަތަ ފައިސާ ފަސޭހައިން ވަކިނުކުރެވޭ ގޮތަށް އެހެން މުދަލަކާ ނުވަތަ ފައިސާއަކާ އެއްކޮށްލާފައިވުން.
196 ވަނަ މާއްދާ – ތިންވަނަ ފަރާތެއްގެ ހައްގެއް އޮތުން
ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކޮށްފައިވާ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާގައި ތިންވަނަ ފަރާތެއްގެ ހައްގެއް އޮތްކަމަށްވާނަމަ، އެ ހައްގު ހޯދުމަށްޓަކައި ކަމާބެހޭ ކޯޓަށް ހުށަހެޅުމުގެ ހައްގު އެ ފަރާތަކަށް ލިބިގެންވެއެވެ.
197 ވަނަ މާއްދާ – މުދަލާއި ފައިސާ ދައުލަތުން ނެގުމުގެ އަމުރު ތަންފީޒުކުރުން
ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ދައުލަތުން ކަނޑައަޅާ ފަރާތަކަށް އަންނަނިވި ކަންކަން ކުރެވިދާނެއެވެ.
(ހ) ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާގެ ތެރެއިން ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކޮށްފައިވާ މުދަލާއި ފައިސާ އަތުލުން؛
(ށ) ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާގެ ތެރެއިން ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކޮށްފައިވާ މުދަލާއި ފައިސާ ހޯދައި ދެނެގަތުމަށްޓަކައި ހޯދަންޖެހޭ ހޯދުންތަކާއި ކުރަންޖެހޭ ކަންކަން ކޯޓުން ގަބޫލުކުރާ ގޮތަކަށް ކުރުން؛
(ނ) ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނަގާއިރު ތިންވަނަ ފަރާތެއްގެ ހައްގަކާ ބެހޭގޮތުން ކޯޓު އަމުރަކުން ނުވަތަ އެއްވެސް ގާނޫނެއްގައި ވަކިގޮތަކަށް ކަމެއް ކުރުން ލާޒިމުކުރާނަމަ އެކަން އެގޮތަށް ކުރުން.
ނަވާވީސްވަނަ ބާބު
އިސްތިއުނާފުކުރުން
198 ވަނަ މާއްދާ – އިސްތިއުނާފުކުރުން (އިސްލާހު ކުރެވިފައި)
(ހ) މި ގާނޫނުގައި ނުވަތަ ޖިނާއީ ކުށް ކަނޑައެޅުމުގެ ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ކޯޓަކުން ކޮށްފައިވާ ހުކުމެއް، ނުވަތަ ނެރެފައިވާ އަމުރެއް ނުވަތަ ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުހަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް، ގާނޫނުއަސާސީއާ ނުވަތަ ށަރުއީ އުސޫލަކާ ނުވަތަ ގާނޫނަކާ ހިލާފުކަމަށް ގަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ކަމާބެހޭ ފަރާތަކުން އެ ހުކުމެއް ނުވަތަ އަމުރެއް ނުވަތަ ނިންމުމެއް އިސްތިއުނާފު ކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަކުން ކޮށްފައިވާ ހުކުމެއް، އެ ހުކުމް ކުރާ ތާރީހުން ފެށިގެން ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުހަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް، އެ އަމުރެއް ނެރޭ، ނުވަތަ އެ ނިންމުމެއް ނިންމާ ތާރީހުން ފެށިގެން ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރެވިދާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި މާއްދާގެ (ހ) ގެ ދަށުން ކޯޓަކުން ނެރެފައިވާ އަމުރެއް ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރާނަމަ، އެ އަމުރެއް ނެރޭ ތާރީހުން ފެށިގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި އިސްތިއުނާފުކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ބ) މި މާއްދާގެ (ނ) ނުވަތަ (ރ) ގައިވާ ގޮތުގެމަތިން ކޯޓުން ނެރޭ އަމުރެއް ނުވަތަ ނިންމާ ނިންމުމެއް އިސްތިއުނާފުކުރުމުން، އެފަދައިން އިސްތިއުނާފުކުރާ ތާރީހުން ފެށިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ އަމުރާމެދު ނުވަތަ އެ ނިންމުމާމެދު ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ޅ) ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުހަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް ނުވަތަ ށަރީއަތުގެ މަރުހަލާގައި ކޯޓަކުން ނެރެފައިވާ އަމުރެއް އިސްތިއުނާފުކުރުމަށް މި މާއްދާގެ (ނ) ނުވަތަ (ރ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، އެއް ފަނޑިޔާރަކަށް އެ މައްސަލައާމެދު ގޮތެއް ކަނޑައެޅިދާނެއެވެ. (އިތުރު ކުރެވިފައި)
199 ވަނަ މާއްދާ - ކުށް ސާބިތުނުވާކަމަށް ކުރި ހުކުމް އިސްތިއުނާފްކުރުން
(ހ) ކުށް ސާބިތުނުވާކަމަށް ނުވަތަ ދައުވާ ލިބޭ މީހާ ޖިނާއީ މަސްއޫލިއްޔަތު އުފުލަންނުޖެހޭކަމަށް މައްސަލަ ބެލި ކޯޓުން ކުރާ ހުކުމް އިސްތިއުނާފުކުރުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަދައިން އިސްތިއުނާފުކުރާއިރު ދައުވާ ލިބުނު މީހަކީ ހައިކޯޓުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން ބަންދުގައި ހުންނަންޖެހޭ މީހެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިއްޖެނަމަ، އޭނާ ބަންދުކުރުމުގެ އަމުރެއް ނެރެދިނުމަށް ހައިކޯޓުގައި އެދުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ފަދައިން ޕްރޮސިކިއުޓަރ ޖެނެރަލް އެދުމުން، ދައުވާ ލިބޭ މީހާ ބަންދުގައި ބަހައްޓަން ހައިކޯޓުގެ ފަނޑިޔާރުން ނިންމައިފިނަމަ، މި ގާނޫނުގެ ތިންވަނަ ބައިގައިވާ ގޮތުގެމަތިން ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްދިނުމަށް ފަނޑިޔާރުންގެ ކިބައިން އެދުމުގެ އިހްތިޔާރު ދައުވާ ލިބޭ މީހާއަށް ލިބިގެންވެއެވެ.
200 ވަނަ މާއްދާ – ކުށް ސާބިތުވާކަމަށް ކުރި ހުކުމް އިސްތިއުނާފްކުރުން
މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ދަށު ކޯޓަކުން ކޮށްފައިވާ ހުކުމް، ދައުވާ ލިބޭ ފަރާތުން އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
201 ވަނަ މާއްދާ – ކަނޑައަޅާފައިވާ އަދަބު އިސްއުނާފްކުރުން
މައްސަލަ ބެލި ކޯޓުން އަދަބު ކަނޑައަޅާފައިވަނީ އަދަބު ކަނޑައެޅުމުގެ އުސޫލާ ހިލާފަށް ކަމަށް ފެނިއްޖެނަމަ، މައްސަލަ ބެލި ކޯޓުން ކަނޑައެޅި އަދަބު އިސްތިއުނާފުކުރުމުގެ އިހްތިޔާރު ދައުލަތަށާއި ދައުވާ ލިބޭ ފަރާތަށް ލިބިގެންވެއެވެ.
202 ވަނަ މާއްދާ – މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ކުރާ އަމުރު އިސްތިއުނާފްކުރުން
މި ގާނޫނުގެ އަށާވީސްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ކޯޓުން ކުރާ އަމުރު އިސްތިއުނާފުކުރުމުގެ ހައްގު ކަމާބެހޭ ފަރާތްތަކަށް ލިބިގެންވެއެވެ.
203 ވަނަ މާއްދާ – ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުން
ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ ނިންމާފައިވާގޮތް ގާނޫނުއަސާސީއާ ނުވަތަ ށަރުއީ އުސޫލަކާ ނުވަތަ ގާނޫނަކާ ހިލާފުކަމަށް ގަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ސުޕްރީމް ކޯޓުގައި ކަމާބެހޭ ފަރާތަކުން އިސްތިއުނާފުކުރެވިދާނެއެވެ.
ނަވާވީސް-1 ވަނަ ބާބު (ބާބު އިތުރު ކުރެވިފައި)
ހާއްސަ ހާލަތްތަކުގައި އަމަލުކުރާނެ ހާއްސަ އިޖުރާއަތުތައް
203-1 ވަނަ މާއްދާ - ކުއްލި ނުރައްކަލުގެ ހާލަތެއްގައި ނުވަތަ ކާރިސާއެއްގައި ހާއްސަ އުސޫލުތައް ހިނގުން (އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރުލިބިގެން ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާގެ ހާލަތެއް އިއުލާންކޮށް، އަދި އެ ހާލަތު ދެމިއޮތުމުގެ ސަބަބުން، އަދި އެ ހާލަތު އިއުލާންކޮށްފައިވާ ރަށާއި ސަރަހައްދުގައި ރައްކާތެރިކަން އޮތް މިންވަރަށާއި ނުވަތަ އެ ހާލަތުގައި ކަންކަން މަނާކުރެވިފައިވާ މިންވަރަށް ރިއާޔަތްކުރާއިރު، ގާނޫނެއްގައި ނުވަތަ ގާނޫނަކުން ބާރުލިބިދީފައިވާ ގަވާއިދެއްގައި ބަޔާންކުރާ އިޖުރާއަތުތައް ހިންގެން ނެތްނަމަ، މި ބާބުގައި ބަޔާންކުރާ ހާއްސަ އިޖުރާއަތުތަކަށް، މި ބާބުގައި ބަޔާންކުރާ ގޮތުގެމަތިން އަމަލުކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖިނާއީ މައްސަލަތަކުގެ މުއްދަތުތަކާމެދު އަމަލުކުރާނީ އަންނަނިވި އުސޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
- މި ގާނޫނުގެ 94 ވަނަ މާއްދާގައި، ތަހްގީގު ފުރިހަމަކޮށް ދައުވާ އުފުލުމަށް މުއްދަތުތަކެއް ކަނޑައަޅާފައިވާ މައްސަލަތަކުގައި، ތަހްގީގު ފުރިހަމަކޮށް ދައުވާ އުފުލުމުގައި ބޮޑެތި ހުރަސްތައް ކުރިމަތިވެފައިވާކަމަށް، ސަބަބުތަކުގެ މައްޗަށް ބިނާކޮށް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައެޅުމުން، އެ މައްސަލަތަކުގެ ތަހްގީގު ފުރިހަމަކޮށް ދައުވާ އުފުލުމަށް އިތުރު 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
- މި ގާނޫނުގެ 118 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ށަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ އެންމެހައި ހުށަހެޅުމެއް، ށަރީއަތް ފެށުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން ހުށަހަޅަންވާނެއެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ އެހެނިހެން މުއްދަތުތައް، މައްސަލަ ބަލާ ފަނޑިޔާރު ނިންމާ ގޮތެއްގެމަތިން ކަނޑައެޅިދާނެއެވެ.
- ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 61 ވަނަ މާއްދާގައި ޖިނާޔަތުގެ ތެރޭގައި ހިމެނޭ ކުށްކުށުގައި، އެ ކުށްކުރި ވަގުތުން ފެށިގެން 8 (އަށެއް) އަހަރު ދުވަހުގެ މުއްދަތު ފަހަނައަޅާ ދިއުމުން ދައުވާ ނުއުފުލޭނެ މައްސަލަތަކުގައާއި، ޖުނަހުގެ ތެރޭގައި ހިމެނޭ ކުށްކުށުގައި، އެ ކުށްކުރި ވަގުތުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތު ފަހަނައަޅާ ދިއުމުން ދައުވާ ނުއުފުލޭނެ މައްސަލަތަކުގައި، އެ މުއްދަތު ފަހަނައަޅާ ދިޔައިރު ދައުވާ އުފުލިފައިނުވާނަމަ، އެ ދައުވާއެއް އުފުލުމަށް އެ މުއްދަތު ހަމަވި ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހަށްވުރެ ދިގު ނޫން މުއްދަތެއް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
- ގާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ 17 ވަނަ މާއްދާގެ ދަށުން މީހެއްގެ މައްޗަށް ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލަންވާނެއެވެ. އަދި ދައުވާ އުފުލި ތާރީހުން ފެށިގެން ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކޯޓުން ހުކުމްކުރަންވާނެއެވެ. އަދި އެ މުއްދަތު ކޮންމެހެން އިތުރުކުރަން ޖެހިއްޖެ ހާލަތެއްގައި، އެކަމަށް އެކަށީގެންވާ އެންމެ ކުރު މުއްދަތަކަށް މުއްދަތު އިތުރުކުރެވިދާނެއެވެ.
- ގާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ ދަށުން، މަތީ މަރުހަލާގެ ކޮންމެ ކޯޓެއްގައި މައްސަލައެއް އިސްތިއުނާފުކުރެވޭނެ މުއްދަތަކީ، އެ މައްސަލައިގެ ހުކުމުގެ ލިޔުން ލިބޭ ތާރީހުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭ ގޮތުން، 30 (ތިރީސް) ދުވަހެވެ.
- ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 1-28 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން، 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަހްގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅަންވާނެއެވެ. އަދި އެ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅާތާ 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލަންވާނެއެވެ.
- މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ހައްޔަރުކޮށްފައިވާ، ނުވަތަ ހައްޔަރުކުރުމަށްފަހު ބަންދުން ދޫކޮށްލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން، ނުވަތަ އެނޫންވެސް މީހުންގެ މައްސަލަތަކުގެ ތެރެއިން، ތަހްގީގު ފުރިހަމަކޮށް ދައުވާ އުފުލުމަށް ވަކި މުއްދަތުތަކެއް ކަނޑައަޅާފައިވާ މައްސަލަތަކުގައި، ތަހްގީގު ފުރިހަމަކުރުމަށާއި ދައުވާ އުފުލުމުގައި ބޮޑެތި ހުރަސްތައް ކުރިމަތިވެފައިވާކަމަށް، ސަބަބުތަކުގެ މައްޗަށް ބިނާކޮށް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ މައްސަލަތަކުގައި، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ މުއްދަތެއްގައި، ތަހްގީގު ފުރިހަމަކޮށް ދައުވާ އުފުލުމަށް ނިންމުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
- މި މާއްދާގެ އެހެން އަކުރެއްގައި ކޯޓުގައި އިސްތިއުނާފުކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިވާ މައްސަލަތައް ފިޔަވައި، އެހެން މައްސަލަތަކުގައި އިސްތިއުނާފުކުރެވޭނެ މުއްދަތަކީ، އެ މައްސަލައެއްގެ ހުކުމުގެ ލިޔުން ލިބޭ ތާރީހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭ ގޮތުން، 30 (ތިރީސް) ދުވަހެވެ.
(ނ) މި ބާބުގައި ބަޔާންކުރާ ހާއްސަ އިޖުރާއަތުތަކަށް އަމަލުކުރެވޭއިރު، އެބައެއްގެ މައްޗަށް ޖިނާއީ އަދުލުގެ ނިޒާމު ހިންގޭ އެންމެހައި ފަރާތްތަކަށް ލިބިގެންވާ ހައްގުތައް، މި ބާބުގައި ބަޔާންކުރާ އުސޫލަކުން އެ ފަރާތްތަކަށް ލިބިދެވެންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއްގައި ށަރީއަތް ހިންގުމުގައި މި ބާބުގައި ބަޔާންކުރާ އުސޫލުތަކަށް އަމަލުކުރުމަށް ނިންމައި، އެކަން ކޯޓުތަކަށް އަންގާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.
(ބ) ތަހްގީގުކުރުމާއި ދައުވާ އުފުލުމުގައި އަދި ށަރީއަތް ހިންގުމުގައި މި ބާބުގައި ބުނެފައިވާ އުސޫލުތަކަށް އަމަލުކުރަން ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާ ނިންމުން އަދި ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ނިންމާ ނިންމުން ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
(ޅ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއްގައި، އަމަލުކުރުމުގައި އިސްކަންދޭންވާނީ މި ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށެވެ.
203-2 ވަނަ މާއްދާ - ހައްޔަރުކުރުމާއި ބަންދުކުރުމާބެހޭ ހާއްސަ އިޖުރާއަތުތައް (އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގެ 1-203 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތެއް އޮތުމާއެކު، އަދި އެ ހާލަތުގައި އިތުރަށް ރިއާޔަތްކުރުމަށް އެ މާއްދާގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކުރާހިނދު، މި ގާނޫނުގެ ދަށުން ހައްޔަރުކުރެވޭ މީހަކު ނުވަތަ ހައްޔަރުކުރުމަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހަކު، ފުލުހުންގެ މަރުކަޒަކަށް ހާޒިރުކުރެވޭނެފަދަ ހާލަތެއް ނެތްނަމަ، މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަނޑައަޅާ ތަނަކަށް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާއެކު އެމީހަކު ގެންދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، އެ މާއްދާގައި ބަޔާންކުރާ ހާލަތުގައިވެސް، މި ގާނޫނުގައި ހައްޔަރުކުރުމާއި ބަންދުކުރުމާ ގުޅޭގޮތުން ބަޔާންކުރާ އެހެން ގާނޫނީ އިޖުރާއަތުތައް ފުރިހަމަކުރަންވާނެއެވެ.
(ނ) މި ގާނޫނުގެ 1-203 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތެއް އޮތުމާއެކު، އަދި އެ ހާލަތުގައި އިތުރަށް ރިއާޔަތްކުރުމަށް އެ މާއްދާގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކުރާހިނދު، މި ގާނޫނުގެ ދަށުން ހައްޔަރުކުރެވޭ މީހަކު މި ގާނޫނުގެ 52 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ޖަލެއްގައި ހައްޔަރުކުރެވެން ނެތްނަމަ، މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަނޑައަޅައި އާންމުކުރާ ހާއްސަ ތަނެއްގައި އެމީހަކު ބަންދުކުރެވިދާނެއެވެ.
203-3 ވަނަ މާއްދާ - ހާއްސަ ހާލަތްތަކުގައި ކޯޓު އަމުރު ދޫކުރުން (އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގެ 1-203 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، މި ގާނޫނުގެ 204 ވަނަ މާއްދާގައި ބަޔާންކުރާ ކޯޓު އަމުރުތަކާއި އަދި މިނޫންވެސް މި ގާނޫނުގެ ދަށުން ކޯޓުން ނެރޭ އަމުރުތަކުގެ އަސްލު، އަމުރަށް އެދުނު ފަރާތަށް ފޮނުވުމުގެ ބަދަލުގައި، އެ އަމުރުތައް އިލެކްޓްރޯނިކް ޒަރީއާއެއް މެދުވެރިކޮށް އަމުރަށް އެދުނު ފަރާތަށް ފޮނުވުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ށ) މި ގާނޫނުގެ 1-203 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، މި ގާނޫނުގެ 204 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކުރާ އުސޫލުތަކަށް، އަމަލުކުރުން ވަގުތީގޮތުން ހުއްޓާލައި، ކޯޓުގެ އިސް ފަނޑިޔާރު ނުވަތަ އިސް ފަނޑިޔާރު ކަނޑައަޅާ އުސޫލުތަކެއްގެ މަތިން ކޯޓު އަމުރުތައް ދޫކުރަމުން ގެންދިއުމުގެ އިހްތިޔާރު ކޯޓުތަކަށް ލިބިގެންވެއެވެ.
203-4 ވަނަ މާއްދާ - ހާއްސަ ހާލަތުގައި ގާނޫނީ ވަކީލެއްގެ އެހީ ލިބިގަތުން (އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގެ 1-203 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތެއް އޮތުމާއެކު، އަދި އެ ހާލަތުގައި އިތުރަށް ރިއާޔަތްކުރުމަށް އެ މާއްދާގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކުރާހިނދު، ކުށުގެ ތުހުމަތެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ނުވަތަ ހައްޔަރުގައިވާ ފަރާތަކަށް އޭނާގެ ގާނޫނީ ވަކީލާ އާންމު އުސޫލުން ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖެއްސެން ނެތްނަމަ، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އޭނާގެ ވަކީލާ މުއާމަލާތްކުރެވޭނެ އިންތިޒާމު، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް، ހައްޔަރުގައިވާ ފަރާތާއި އޭނާގެ ވަކީލާ ދެމެދު މައްސަލައާ ގުޅިގެން ކުރާ މުއާމަލާތަކީ އެހެން އިތުރު ފަރާތަކަށް އަޑުއިވިގެން ނުވާނެހެން، ހުރުމަތް ލިބިގެންވާ މުއާމަލާތެއްކަން ކަށަވަރުކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން އަޅަންވާނެއެވެ.
ހަތްވަނަ ބައި
އެހެނިހެން
ތިރީސްވަނަ ބާބު
އާންމު މާއްދާތައް
204 ވަނަ މާއްދާ – ކޯޓު އަމުރު ދޫކުރުމުގެ އުސޫލު (އިސްލާހު ކުރެވިފައި)
(ހ) މި ގާނޫނުގެ ދަށުން ކޯޓު އަމުރެއް ހޯދައިގެން މެނުވީ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަންކަމުގައި، އެ އަމުރު ދޫކުރުމުގައި އަމަލުކުރާނެ ގަވާއިދެއް، އަންނަނިވި އުސޫލުތައް އެކުލެވޭގޮތަށް މި ގާނޫނުގެ ދަށުން ހަދައި، އާންމުކުރަންވާނެއެވެ.
- ޖިނާއީ މައްސަލަ ބެލުމުގެ ނުވަތަ އިސްތިއުނާފު ކުރުމުގެ އިހްތިސާސް ލިބިގެންވާ ކޮންމެ ކޯޓަކުން، ކޯޓު އަމުރު ދޫކުރަންޖެހޭ ހާލަތްތަކުގައި އެ ކޯޓެއްގެ ވަކި ފަނޑިޔާރަކަށް ނުވަތަ ވަކި ފަނޑިޔާރުންތަކަކަށް ހާއްސަވެގެންނުވާ ގޮތުގެމަތިން އެ ކޯޓެއްގެ ކޮންމެ ފަނޑިޔާރަކަށް، ކޯޓު އަމުރު ދޫކުރުމުގެ ބާރުލިބިދޭ އިންތިޒާމެއް ހަމަޖެއްސުން؛ އަދި މިގޮތުން އިހްތިސާސް ލިބިގެންވާ ކޯޓެއްގައި، ވަކި ފަނޑިޔާރަކު ނުވަތަ ވަކި ފަނޑިޔާރުންތަކެއް ބަލާ މައްސަލައެއް ނަމަ، ކޯޓު އަމުރު ދޫކުރަންވާނީ އެ ފަނޑިޔާރު ނުވަތަ އެ ފަނޑިޔާރުންކަން؛
- އެއިން ފަނޑިޔާރަކު ކޯޓު އަމުރު ދޫކުރުމަށް ހަފްތާއެއްގެ ތެރޭގައި ހާއްސަވާންޖެހޭ ދުވަސް ކަނޑައެޅުން؛
- ވިދިވިދިގެން ދެ ދުވަހު އެއް ފަނޑިޔާރަކު ކޯޓު އަމުރު ދޫނުކުރެވޭނެ ގޮތްވުން؛
- ކޯޓު އަމުރު ދޫކުރުމުގައި ފަނޑިޔާރުން ދައުރުވާ އުސޫލަކުން ކޯޓު އަމުރު ދޫކުރުމުގެ އުސޫލު ހަމަޖެހުން؛
- އެ ފަނޑިޔާރަކު ދޫކުރާ ކޯޓު އަމުރަކީ، އެ ފަނޑިޔާރަކު ނިސްބަތްވާ ކޯޓަކުން ދޫކުރާ ކޯޓު އަމުރެއްކަމުގައި ބެލުން؛
- ކޯޓު އަމުރު ދޫކުރުމަކީ، ފަނޑިޔާރަކު ހުންނަ ތަނަކަށް ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރުން ގޮސް، އެކަމާގުޅޭ ލިޔުން ހުށަހެޅުމުން، އެ އަމުރު ދޫކުރުމާއި ދޫނުކުރުމާމެދު އެ ވަގުތު ގޮތެއް ކަނޑައަޅަންޖެހޭގޮތަށް އޮންނަކަމަކަށްވުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދަންޖެހޭ ގަވާއިދު އެކުލަވާލާނީ ސުޕްރީމް ކޯޓުންނެވެ.
(ނ) ކޯޓެއްގައި ހުރީ އެންމެ ފަނޑިޔާރެއް ނަމަ، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރުގައި ބުނާ އުސޫލުތައް އެ ކޯޓަކަށް ނުހިނގާނެއެވެ.
(ރ) އެއް ފަނޑިޔާރަށްވުރެ ގިނަ ފަނޑިޔާރުން މަސައްކަތްކުރާ ކޯޓެއް ނަމަ، ހައްޔަރު އަމުރެއް ނެރުނު ފަނޑިޔާރު، އެ އަމުރަކާ ގުޅިގެން ހައްޔަރުކުރެވުނު މީހެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގެ މައްސަލަ ބެލުމުގައި ބައިވެރިވެގެންނުވާނެއެވެ.
205 ވަނަ މާއްދާ – ކުޑަކުއްޖެއް ނުވަތަ ނަފްސާނީގޮތުން ނުވަތަ ޖިސްމާނީގޮތުން އުނިކަމެއް ލިބިފައިވާ މީހުންނާމެދު އަމަލުކުރެވޭ އުސޫލު
(ހ) ޖިނާއީ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތަކީ ކުޑަކުއްޖެއް ނުވަތަ ނަފްސާނީ ގޮތުން ގެއްލުމެއް ލިބިފައިވާ މީހެއް ނުވަތަ ލޮލަށް ފެނުމުގައި ނުވަތަ ކަންފަތަށް އަޑުއިވުމުގައި ނުވަތަ ވާހަކަ ދެއްކުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް އުނިކަމެއް ހުރި މީހެއް ނުވަތަ ލިޔަންކިޔަން ނުދަންނަ މީހެއް ކަމުގައި، ގާނޫނު ތަންފީޒުކުރާ ފަރާތަށް ގަބޫލުކުރެވޭނަމަ ނުވަތަ އެ ފަރާތަށް އެފަދަ މައުލޫމަތެއް ލިބިފައިވާނަމަ، އެކަމާ ދެކޮޅަށް ހެކި ލިބިފައިނުވާހާ ހިނދަކު، އެ މީހަކާމެދު އަމަލުކުރަންވާނީ އެފަދަ ސިފައެއް ހުރި މީހެއްގެ ގޮތުގައި ބަލައިގެންނެވެ.
(ށ) ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ ފަރާތަކީ ކުޑަކުއްޖެއްނަމަ ނުވަތަ ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ މީހެއްނަމަ، އަދި އެ ކުއްޖެއްގެ ބެލެނިވެރިޔާ ނުވަތަ އެ ކުއްޖެއްގެ މަސްލަހަތު ދިފާއުކުރެވޭނެ މީހަކު، ނުވަތަ ނަފްސާނީ ގޮތުން ގެއްލުމެއް ލިބިފައިވާ މީހަކާ ހަވާލުވެގެން ހުންނަ މީހަކު ނުވަތަ އެ މީހެއްގެ މަސްލަހަތު ދިފާއުކުރެވޭނެ މީހަކު ގާނޫނު ތަންފީޒުކުރާ ފަރާތުން ހާޒިރުކުރަންޖެހިއްޖެނަމަ، އަންނަނިވި ކަންކަމަކީ އޭނާ ހާޒިރުވުމުގެ މަގްސަދުކަން އަނގަބަހުންނާއި ލިޔުމުން އެ މީހަކަށް އަންގަންވާނެއެވެ.
- ކުޑަކުއްޖާއަށް ނުވަތަ ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ މީހާއަށް ލަފާދިނުމަށް؛
- ކުޑަކުއްޖާއާމެދު ނުވަތަ ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ މީހާއާމެދު އަމަލުކުރެވެނީ އަދުލުވެރި އަދި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުމަށް؛
- ކުޑަކުއްޖާ ނުވަތަ ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ މީހާ ބުނަން ބޭނުންވާ ވާހަކައެއް ބުނުމަށް އެހީތެރިވެދިނުމަށާއި، އެ ކުއްޖާއާ ނުވަތަ އެ މީހާއާ މުއާމަލާތްކުރުމުގައި އެހީތެރިވެދިނުމަށް.
(ނ) މި ގާނޫނުގެ ދަށުން ކުޑަކުއްޖެއްގެ ބެލެނިވެރިއެއް ނުވަތަ އެ ކުއްޖެއްގެ މަސްލަހަތު ދިފާއުކުރެވޭނެ މީހެއް ނުވަތަ ނަފްސާނީ ގޮތުން ގެއްލުމެއް ލިބިފައިވާ މީހަކާ ހަވާލުވެގެން ހުންނަ މީހެއް ނުވަތަ އެ މީހެއްގެ މަސްލަހަތު ދިފާއުކުރެވޭނެ މީހަކު، އެ ކުއްޖަކަށް ނުވަތަ އެ މީހަކަށް ގާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް އެދެފިނަމަ، އެއީ އެ ކުއްޖެއް ނުވަތަ އެ މީހަކު ގާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް އެދުނީ ކަމުގައި ބަލަންވާނެއެވެ.
(ރ) ކުޑަކުއްޖަކު ނުވަތަ ނަފްސާނީ ގޮތުން ގެއްލުމެއް ލިބިފައިވާ މީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމުގެ ކުރިން، އެ ކުއްޖަކު ނުވަތަ އެ މީހެއްގެ ހާލަތާއި، އެ ކުއްޖަކު ނުވަތަ އެ މީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓުމުން ކޮށްފާނެ ނޭދެވޭ އަސަރުތަކާއި، އެކަމުގައި އެ މީހަކަށް ފެންނަ އެންމެ ރަނގަޅުގޮތް ހުށަހެޅުމުގެ ފުރުސަތު، އެ ކުއްޖަކާ ނުވަތަ އެ މީހަކާ ހަވާލުވެގެންހުރި މީހާއަށް ނުވަތަ އެ ކުއްޖެއްގެ ނުވަތަ އެ މީހެއްގެ މަސްލަހަތު ދިފާއުކުރެވޭނެ މީހާއަށް ދޭންވާނެއެވެ.
206 ވަނަ މާއްދާ – ނަފްސާނީ ނުވަތަ ޖިސްމާނީ އުނިކަމެއް ލިބިފައިވާ މީހުންގެ ހައްގުތައް
(ހ) ތަހްގީގު މަރުހަލާގައާއި ށަރީއަތުގެ ހުރިހާ މަރުހަލާއެއްގައިވެސް، ނަފްސާނީ ނުވަތަ ޖިސްމާނީ އުނިކަމެއް ހުރުމުގެ ސަބަބުން އެ މީހެއްގެ އަމިއްލަ މަސްލަހަތު ދިފާއުނުކުރެވޭ މީހުންނާމެދު އަމަލުކުރަންވާނީ އަންނަނިވި ގޮތުގެމަތިންނެވެ.
- ތަހްގީގުގައި އެ މީހަކާ ސުވާލުކޮށް ނުވަތަ ބަޔާން ނަގައި ނުވަތަ އެނޫން ގޮތަކަށްވެސް ތަހްގީގުގައި އޭނާއާ މުއާމަލާތްކުރަންވާނީ އޭނާއާ ހަވާލުވެގެން ހުންނަ މީހެއްގެ ނުވަތަ އޭނާގެ މަސްލަހަތު ދިފާއުކުރެވޭނެ މީހެއްގެ ހާޒިރުގައެވެ.
- އެ މީހަކާމެދު ކުރެވޭ ތުހުމަތުތަކާއި، ތަހްގީގުގައި އޭނާއާ ކުރެވޭ ސުވާލުތަކާއި، އޭނާ ދީފައިވާ ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތައް ހުށަހަޅާފައިވާ ގޮތަށް އެ މީހަކަށް ވިސްނިފައިވާކަން ޔަގީންކުރުމަކީ ތަހްގީގުކުރާ ފަރާތުގެ ޒިންމާއެކެވެ.
- އޭނާ ހައްޔަރުކުރާނަމަ ނުވަތަ ބަންދުކުރާނަމަ، އޭނާގެ ނަފްސާނީ އަދި ޖިސްމާނީ ހާލަތަށް ރިއާޔަތްކުރަންވާނެއެވެ. އަދި އޭނާ ހައްޔަރުކުރުމުގައި ނުވަތަ ބަންދުކޮށްފައި ބެހެއްޓުމުގައި އޭނާގެ އަމިއްލަ އިހްތިޔާރުގައި ކުރަން ދަތި ޒަރޫރީ ކަންކަން ކުރެވޭނެ އިންތިޒާމް އޭނާ ހައްޔަރުކުރާ ނުވަތަ ބަންދުކުރާ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
- ޖިނާއީ އެއްވެސް އިޖުރާއަތެއް އެފަދަ މީހެއްގެ މައްޗަށް ހިންގުމުގައި، އެ މީހެއްގެ ނަފްސާނީ ނުވަތަ ޖިސްމާނީ ހާލަތާ އެކަށީގެންނުވާ ބުރައެއް އެ މީހަކާ ކުރިމަތިކޮށްގެންނުވާނެއެވެ.
- ބަންދުގައި ތިބޭ އެހެން މީހުންގެ ފަރާތުން އޭނާއަށް އަނިޔާއެއް ނުލިބޭނެ ނުވަތަ ގޯނާއެއް ނުވާނެފަދަ ގޮތަކަށް އޭނާ ބަންދުކޮށްފައި ބަހައްޓާ ފަރާތުން ކަންކަން އިންތިޒާމްކުރަންވާނެއެވެ.
- އޭނާއަކީ ލޮލަށް ފެނުމުގައި އުނިކަމެއް ލިބިފައިވާ މީހެއްނަމަ ނުވަތަ ލިޔަންކިޔަން ނޭނގޭ މީހެއްނަމަ، އޭނާ ދީފައިވާ ބަޔާނުގައި ސޮއިކުރުވުމުގެ ކުރިން، އެ މައްސަލަ ތަހްގީގުކުރުމުގައި ނުވަތަ ށަރީއަތްކުރުމުގައި ބައިވެރިނުވާ މީހަކު މެދުވެރިކޮށް އޭނާ ދީފައިވާ ބަޔާން އޭނާއަށް އިއްވަންވާނެއެވެ.
- އޭނާއަކީ ކަންފަތަށް އަޑުއިވުމުގައި އުނިކަމެއް ލިބިފައިވާ މީހެއްނަމަ ނުވަތަ ވާހަކަނުދެއްކޭ މީހެއްނަމަ، އޭނާއާމެދު ކުރެވޭ ތަހްގީގުގައި ނުވަތަ ށަރީއަތުގައި އޭނާއަށް އެހީތެރިވެދިނުމަށްޓަކައި، އެފަދަ މީހަކާ މުއާމަލާތްކުރަން އެނގޭ މީހަކު ވީއެންމެ އަވަސް ފުރުސަތެއްގައި ތަހްގީގުކުރާ ފަރާތުން ނުވަތަ ކޯޓުން ހަމަޖައްސައިދޭންވާނެއެވެ.
(ށ) ނަފްސާނީ ގޮތުން ގެއްލުމެއް ލިބިފައިވާ މީހަކު ބަލައި ފާސްކުރަންވާނީ، އެ މީހަކާ ހަވާލުވެގެން ހުންނަ މީހެއް ނުވަތަ އެ މީހެއްގެ މަސްލަހަތު ދިފާއުކުރެވޭނެ މީހެއްގެ ހާޒިރުގައެވެ. އެހެންނަމަވެސް، އެފަދަ މީހެއްގެ މަސްލަހަތު ދިފާއުކުރެވޭނެ މީހަކު ނެތް ހާލަތެއްގައިވެސް، އެފަދަ މީހަކު ބަލައި ފާސްކުރުމަކީ މައްސަލައިގެ އެންމެހައި ހާލަތުތަކަށް ރިއާޔަތްކުރާއިރު ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ތަހްގީގުކުރާ ފަރާތުގެ އޮފިސަރަށް ގަބޫލުކުރެވިއްޖެނަމަ، މި މާއްދާގެ (ނ) ގައިވާ ކަންކަން ފުރިހަމަވާ ގޮތެއްގެމަތިން އެފަދަ މީހެއްގެ ޣައިރު ހާޒިރުގައި އެކަން ކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ނަފްސާނީ ގޮތުން ގެއްލުމެއް ލިބިފައިވާ މީހެއްގެ މަސްލަހަތު ދިފާއުކުރެވޭނެ މީހަކު ނެތް ހާލަތެއްގައި އެފަދަ މީހަކު ބަލައި ފާސްކުރަންވާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިސަރެއްނަމަ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކަށްވުރެ މަތީ ރޭންކެއްގެ ވެރިއެއްގެ ހުއްދަ ހޯދުމަށްފަހުގައެވެ. އެނޫން އިދާރާއެއްގެ އޮފިސަރެއްނަމަ، އެ އިދާރާއެއްގެ ކަމާބެހޭ ޑިޕާޓްމަންޓްގެ ވެރިއެއްގެ ހުއްދަ ހޯދުމަށްފަހުގައެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން މީހަކު ބަލައި ފާސްކުރާ ކޮންމެ ފަހަރަކު، އެކަން އެގޮތަށް ކުރި ސަބަބު ބަޔާންކޮށް، ލިޔުމުން ރެކޯޑުކުރަންވާނެއެވެ. އަދި އެ ލިޔުމުގައި އެ މީހަކު ބަލައި ފާސްކުރި އޮފިސަރާއި، އެކަމަށް ހުއްދަ ދިން ވެރިއެއްގެ ސޮއިކޮށްފައި އޮންނަންވާނެއެވެ.
207 ވަނަ މާއްދާ – ހޭބިއަސް ކޯޕަސް ރިޓަކަށް އެދުން
(ހ) މީހަކު ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އޭނާ ހައްޔަރުން ދޫކޮށްލުމަށް އެދި، އޭނާއަށް ނުވަތަ އޭނާގެ ބަދަލުގައި އެހެން ފަރާތަކަށް ހޭބިއަސް ކޯޕަސް ރިޓަކަށް އެދި ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހޭބިއަސް ކޯޕަސް ރިޓަކަށް އެދި ހުށަހަޅާއިރު، އަންނަނިވި މައުލޫމާތު އެކުލެވޭ ބަޔާނެއް ހުށަހަޅަންވާނެއެވެ.
- ހައްޔަރުކޮށްފައިވާ މީހާ ހައްޔަރުކުރި ތާރީހާއި އޭނާ ބަންދުކޮށްފައިވާ ތަން؛
- ހައްޔަރުކޮށްފައިވާ މީހާ ހައްޔަރުކުރި ފަރާތް؛
- ހައްޔަރުކޮށްފައިވާ މީހާ ހައްޔަރުކުރި ސަބަބު ކަމަށް ބެލެވޭ ނުވަތަ ގަބޫލުކުރެވޭ ސަބަބުތައް.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބަޔާނަކީ، ހައްޔަރުކޮށްފައިވާ މީހާ ދީފައިވާ، އަދި އޭނާ ސޮއިކޮށްފައިވާ ތެދު ބަޔާނެއް ކަމުގައި ވާންވާނެއެވެ.
(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، ހައްޔަރުކޮށްފައ ވާ މީހާ ހައްޔަރުގައި ހުރުމުގެ ސަބަބުން އޭނާ އަމިއްލައަށް މި މާއްދާގެ (ށ) ގައި ބަޔާންކުރާ ބަޔާން ދެވެން ނެތްކަމަށް ކޯޓަށް ސާބިތުކޮށްދެވޭނަމަ، އޭނާގެ ފަރާތުން އެހެން މީހަކު އެ ބަޔާން ދިނުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް މައްސަލައެއް ހުށަހަޅަނީ، ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ މީހަކާ ގުޅޭގޮތުން ކަމުގައިވާނަމަ، އެ މާއްދާގެ ދަށުން ކޯޓަށް ހުށަހަޅާ މައްސަލައާއެކު އެ އަމުރެއްގެ ކޮޕީއެއްވެސް ހުށަހަޅަންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ އަމުރުގެ ކޮޕީ ވާންވާނީ، ހައްޔަރުކުރުމުގެ އަމުރު ނެރުނު ފަރާތުގެ ސޮއި އަދި/ނުވަތަ ސިއްކައެއް ހިމެނޭ ކޮޕީއަކަށެވެ.
(ކ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ އަމުރުގެ ކޮޕީއެއް، ހައްޔަރުކުރި ފަރާތުގައި އެދުމުންވެސް ހައްޔަރުކޮށްފައިވާ މީހާއަށް އެ ފަރާތުން ފޯރުކޮށްދީފައިނުވާނަމަ، އެ އަމުރުގެ ކޮޕީއަކަށް އެ ފަރާތުން އެދިފައިވާ ކަމާއި، ހައްޔަރުކުރި ފަރާތުން އެ އަމުރުގެ ކޮޕީއެއް ދިނުމަށް އިންކާރުކޮށްފައިވާ ކަން ބަޔާންކޮށް، ކޯޓަށް ބަޔާނެއް ހުށަހަޅަންވާނެއެވެ.
208 ވަނަ މާއްދާ – ހައްޔަރުކޮށްފައިވާ މީހާ ހާޒިރުކުރަން އަމުރުކުރުން
(ހ) މި ގާނޫނުގެ 207 ވަނަ މާއްދާގެ ދަށުން ހޭބިއަސް ކޯޕަސް ރިޓަކަށް އެދި ހުށަހެޅުމުން، އެ މައްސަލަ ނިސްބަތްވާ މީހާ ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަމާމެދު ކޯޓުން ގޮތެއް ކަނޑައެޅުމަށްޓަކައި، ހައްޔަރުކޮށްފައިވާ މީހާ ކޯޓަށް ހާޒިރުކުރުމަށް އޭނާ ހައްޔަރުކޮށްފައިވާ ފަރާތަށް ކޯޓުން އަމުރުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ކުރާ އަމުރާ އެއްގޮތްވާ ގޮތުގެމަތިން، ހައްޔަރުކޮށްފައިވާ މީހާ ކޯޓަށް ހާޒިރުކުރުމަކީ، އޭނާ ހައްޔަރުކުރި ފަރާތުގެ މައްޗަށްލާޒިމު ކަމެކެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ކުރާ އަމުރާ އެއްގޮތްވާ ގޮތުގެމަތިން ހައްޔަރުކޮށްފައިވާ މީހާ ކޯޓަށް ހާޒިރުނުކޮށްފިނަމަ، ހައްޔަރުކުރާ ފަރާތުން ކޯޓުގެ ހުރުމަތާ ހިލާފުވީ ކަމުގައި ބަލައި، އެ ފަރާތް ކޯޓަށް ހާޒިރުވުމަށް އަމުރުކޮށް، ކޯޓުގެ ހުރުމަތާ ހިލާފުވާ ފަރާތްތަކާމެދު އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުން އެ ފަރާތާމެދު އަމަލުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
209 ވަނަ މާއްދާ – ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުން
(ހ) މި ގާނޫނުގެ 208 ވަނަ މާއްދާގެ ދަށުން ކޯޓުން ކުރާ އަމުރާ އެއްގޮތްވާ ގޮތުގެމަތިން ހައްޔަރުގައިވާ މީހާ ކޯޓަށް ހާޒިރުކުރުމުން، އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ސާބިތުކޮށްދޭނީ، އޭނާ ހައްޔަރުކުރި ފަރާތުންނެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ހައްޔަރުގައިވާ މީހާ ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން އޭނާ ހައްޔަރުކުރި ފަރާތަށް ސާބިތުކޮށްނުދެވިއްޖެނަމަ، އޭނާ ހައްޔަރުން ދޫކޮށްލުމަށް ކޯޓުން އަމުރު ކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ހައްޔަރުގައިވާ މީހާ ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން އޭނާ ހައްޔަރުކުރި ފަރާތަށް ސާބިތުކޮށްދެވިއްޖެނަމަ، އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ކޯޓުން ކަނޑައަޅަންވާނެއެވެ.
210 ވަނަ މާއްދާ – ގެއްލުމުގެ ބަދަލު ހޯދުން
(ހ) މީހަކު ހައްޔަރުކޮށްފައިހުރީ ނުވަތަ ބަންދުކޮށްފައިހުރީ ގާނޫނާ ހިލާފަށް ކަމަށް ކޯޓަކުން ކަނޑައަޅައިފިނަމަ، އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު، އޭނާ ބަންދުކުރި ފަރާތުގެ ކިބައިން ލިބިދިނުން އެދި ށަރީއަތަށް ހުށަހެޅުމުގެ ހައްގު އޭނާއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާނީ މަދަނީ މައްސަލައެއްގެ ގޮތުގައި، އެފަދަ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކަށެވެ.
211 ވަނަ މާއްދާ - ގަވާއިދު ހެދުން
(ހ) މި ގާނޫނުގެ މަގްސަދު ހާސިލުކުރުމަށްޓަކައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ގަވާއިދު ހަދާނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކެވެ.
- މި ގާނޫނުގެ ދަށުން ތަހްގީގުކުރުމާގުޅޭ ކަންކަމުގައި ގަވާއިދުތައް ހަދާނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުންނެވެ.
- މި ގާނޫނުގެ ދަށުން ދައުވާ އުފުލުމާއި ދައުވާކުރުމާގުޅޭ ކަންކަމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ.
- މި ގާނޫނުގެ ދަށުން ށަރީއަތްކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ސުޕްރީމް ކޯޓުންނެވެ.
(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ކޯޓުތަކުގެ އިދާރީ ހިންގުމާ ގުޅޭގޮތުން ގަވާއިދު ހެދުމަށް ގާނޫނުއަސާސީން ކޯޓުތަކަށް ލިބިދޭ ބާރުގެ ދަށުން ވަކި ކޯޓަކުން ހަދަންޖެހޭ ގަވާއިދެއް ހެދުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި ނިންމަންވާނެއެވެ.
212 ވަނަ މާއްދާ – ގާނޫނަށް އަމަލުކުރަން ފެށުން
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާނީ، 2 ޖުލައި 2017 ވަނަ އަހަރުން ފެށިގެންނެވެ. (އިސްލާހު ކުރެވިފައި)
(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އަމަލުކުރެވެމުންދިޔަ އާންމު ޖިނާއީ އިޖުރާއަތާގުޅޭ އެންމެހައި އުސޫލުތައް ބާތިލުވީއެވެ.
(ނ) ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޖިނާއީ ކުށް ކަނޑައެޅުމުގެ ހާއްސަ ގާނޫނެއްގައި ވަކި ކަމެއް ކުރުމުގެ ހާއްސަ އުސޫލުތަކެއް ކަނޑައަޅައިދީފައިވާ ހާލަތުގައި ފިޔަވައި، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު އަންނަނިވި ކަންކަމުގައި އަމަލުކުރަންވާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. (ފެށޭ އިބާރާތް އިސްލާހު ކުރެވިފައި)
- ކޯޓު އަމުރު ހޯދަންޖެހޭ ހާލަތުގައި އެ އަމުރަށް އެދުމުގައި އަދި އެ އަމުރު ކޯޓުން ނެރުމުގައި އަދި އެ އަމުރު ތަންފީޒުކުރުމުގައި؛
- މީހުން ހުއްޓުވުމާއި، ހިފެހެއްޓުމާއި، ހިފައި ހައްޔަރުކުރުމާއި ބަންދުކުރުމުގައި؛
- ޖިނާއީ މައްސަލައެއްގެ ތަހްގީގު ހިންގުމުގައި؛
- ޖިނާއީ މައްސަލައެއްގެ ދައުވާ އުފުލުމުގައި ނުވަތަ ދައުވާ ދޫކޮށްލުމުގައި ނުވަތަ ދައުވާ އަނބުރާ ގެނައުމުގައި؛
- ޖިނާއީ މައްސަލައެއްގެ ށަރީއަތް ހިންގުމުގައި؛
- ޖިނާއީ މައްސަލައެއްގެ ހުކުމް ތަންފީޒުކުރުމުގައި؛
- މި ގާނޫނުގައި ކަނޑައަޅާފައިވާ އާންމު ޖިނާއީ އިޖުރާއަތަކާ ގުޅޭގޮތުން.
213 ވަނަ މާއްދާ – މާނަކުރުން
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނައެވެ.
(ހ) "އެހެން ގާނޫނެއް" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ، ޖިނާއީ ކުށް ކަނޑައެޅުމުގެ ހާއްސަ ގާނޫނަކަށެވެ.
(ށ) "އާންމު ތަންތަން" ކަމަށް ބުނެފައި އެވަނީ، އެންމެންނަށްމެ ބޭނުންކުރެވޭ ގޮތަށް އަބަދުމެ ހުޅުވާލެވިފައިވާ މަގާއި ގޯއްޗާއި ބިމާއި އާންމު މައިދާންތަކާއި ޕާކްތަކާއި އަމިއްލަ ތަންތަން ކަމަށް ނުބެލެވޭ ބިމާއި ގޯއްޗާއި އިމާރާތަށެވެ. އާންމުކޮށް މީހުންނަށް ވަދެނިކުމެވޭގޮތަށް ހުޅުވިގެންވާ ފިހާރަތަކާއި ކެފޭތަކާއި ރެސްޓޯރަންޓްތަކާއި ސައިހޮޓާތަކާއި އެފަދަ ތަންތަނުގެ ތެރެއިން ތަނެއްގައި ކުށެއް ހިނގައިފިކަމަށް ނުވަތަ ކުށެއް ހިނގަމުންދާކަމަށް އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވޭހިނދު، އެތަނަކީވެސް އާންމު ތަނެއްގެ މާނައިގައި ހިމެނިގެންވާނެ ތަނެކެވެ.
(ނ) "އަމިއްލަ ތަންތަން" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ނަމުގައި ރަޖިސްޓަރީ ކުރެވިގެންވާ ގޯއްޗާއި، ގެއާއި، ބިމާއި، އިމާރާތާއި، މީހުން ދިރިއުޅުމަށް ބޭނުންކުރާ ގޭގެއަށާއި ގޭބިސީއަށާއި އޮފީހަށާއި، ވަކި އިދާރާއަކުން ވަކި އުސޫލަކުން ވަކި ބައެއް ބޭނުންކުރަން ދޫކޮށްފައިވާ ގޯއްޗާއި އިމާރާތާއި ހޯލާއި މައިދާންތަކަށެވެ.
(ރ) "ކޯޓު އަމުރު" ކަމަށް ބުނެފައި އެވަނީ، ކޯޓު އަމުރެއް ހޯދައިގެން ކުރަންޖެހޭ ކަމެއް ކުރުމަށް މި ގާނޫނުގައިވާ ގޮތުގެމަތިން ފަނޑިޔާރަކު ދޫކުރާ ހުއްދައަށެވެ. ނުވަތަ ފަނޑިޔާރަކު ކުރާ އަމުރަށެވެ.
(ބ) "ފަނޑިޔާރު" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ދަށު ކޯޓުތަކާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށެވެ.
(ޅ) "ހައިކޯޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ހައިކޯޓަށެވެ.
(ކ) "ސުޕްރީމް ކޯޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށެވެ.
(އ) "ސާމްޕަލް ނެގުން" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ލެއިން ނުވަތަ އިސްތަށިން ނުވަތަ ނިޔަފަތީގެ ދަށުން، ނުވަތަ ދަލުން ނުވަތަ ހަށިގަނޑުގެ އެނޫންވެސް ދިޔައެއް ނުވަތަ ތެތްކަމެއް ހިމެނޭގޮތަށް، ހަށިގަނޑުގެ ތެރެއިންނާއި ހަށިގަނޑުގެ ބޭރުން ސާމްޕަލެއް ނެގުމަށެވެ.
(ވ) "ޑީ.އެން.އޭ" ނުވަތަ "ޑީއޮކްސިރައިބޯ ނިއުކްލިކް އެސިޑް" ކަމަށް ބުނެފައި އެވަނީ، ދިރޭތަކެތީގެ ހަށިގަނޑުގައި އެކުލެވޭ އެންމެ އަސާސީ ވިހުދަ ނުވަތަ ޔުނިޓު ނުވަތަ ސެލްގެ ނިއުކްލިއަސްގެ ވިއުގަނޑެއް ފަދައިން ވަރަށް ފުރިހަމަ ތަރުތީބަކުން އެތުރި ރައްކާކުރެވިފައިވާ ވިރާސީ ސިފަތަކާއި ނަސްލާއި ގުނަވަންތަކުގެ މަސައްކަތްތައް އޭގެ މައްޗަށް ބިނާވެފައިވާ ވިރާސީ ބަހާއަށެވެ. މި ވިރާސީ ކުރެހުން، ނިބޫ ނުވަތަ ގަރުބަގަތުމުގައި އެއް ޖިންސުގެ އެއް ކުއްޖަކަށްވުރެ ގިނަކުދިން ފިޔަވައި ތަފާތެވެ.
(މ) "ފުލުހުންގެ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ފުލުހުންގެ ހިދުމަތް ދިނުމަށް އުފައްދައި ހިންގައި ކޮންމެ އިދާރާއަކަށް ނުވަތަ މަރުކަޒަކަށެވެ.
(ފ) "ޖިނާއީ ކުށެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ޖިނާއީ ކުށް ކަމުގައި ކަނޑައަޅާފައިވާ ކޮންމެ ކުށަކަށެވެ.
(ދ) "ޖިނާއީ ކުށް ކަނޑައެޅުމުގެ ހާއްސަ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތަކުގެ ތެރެއިން ޖިނާއީ ކުށް ކަނޑައެޅުމުގެ ގާނޫނުތަކާއި، ވަކި ދާއިރާއެއް ނުވަތަ ކަމަކާގުޅޭ ގާނޫނެއްގައި ޖިނާއީ ކުށްކުށާގުޅޭ މާއްދާތައް އެކުލެވޭ ގާނޫނުތައް ހިމެނޭގޮތުންނެވެ.
(ތ) "ޕްރޮސިކިއުޓަރ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 220 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތަށެވެ.
(ލ) "ކުށުގެ ވެށި" ކަމަށް ބުނެފައި އެވަނީ، ކުށެއް ހިނގާ ހިނދު، އެ ކުށާ ގުޅުންހުރި ވާގިއާއެއް ނުވަތަ މާއްދީ ހެއްކެއް ނުވަތަ އެއްޗެއް ހުރި ކޮންމެ ތަނަކަށެވެ. (އިސްލާހު ކުރެވިފައި)
(ގ) "ސަރވައިލްކުރުން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއް ކޮށްފައިވާ ކަމުގެ ނުވަތަ ކުރަމުންދާކަމުގެ ނުވަތަ ކުރަންއުޅޭ ކަމުގެ ހެކި ހޯދުމަށްޓަކައި، ނުވަތަ ތުހުމަތުކުރެވޭ ޖިނާއީ ހަރަކާތެއްގެ އިންޓެލިޖެންސް އެއްކުރުމަށްޓަކައި، ކެމެރާ، މައިކްރޮފޯން، ޓޭޕް ރެކޯޑަރ، ވަޔަރ ޓެޕްފަދަ އިލެޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން މީހުންގެ މުއާމަލާތްތައް އަޑުއެހުމާއި، މީހުންގެ ހަރަކާތްތައް މޮނިޓަރކުރުމާއި، މީހުންނާއި ތަންތަން ބަލައި އޮބްޒަރވްކުރުމަށެވެ. (އިސްލާހު ކުރެވިފައި)
(ޏ) "ޑިޕްލޮމެޓިކް އިމްތިޔާޒު" ކަމަށް ބުނެފައި އެވަނީ، ބޭރު ދައުލަތެއްގެ އިއްޒަތްތެރިއެއްކަމުގައި ވުމުން، ނުވަތަ ބޭރު ގައުމެއްގެ ސަފީރަކަށް ވުމުން، ނުވަތަ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން ޑިޕްލޮމެޓިކް އިމްތިޔާޒު ދީފައިވާ ބައިނަލްއަގްވާމީ މުއައްސަސާއެއް ތަމްސީލުކުރާ ފަރާތަކަށްވުމުން، ނުވަތަ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން އިމްތިޔާޒު ލިބެންޖެހޭ ފަރާތަކަށްވުމުން، އެ ފަރާތަކަށް ދިވެހި ދައުލަތުގެ ފަރާތުންދޭ އިމްތިޔާޒަށެވެ. (އިސްލާހު ކުރެވިފައި)
(ސ) "ހެއްކާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 24/1976 (ހެއްކާބެހޭ ގާނޫނު) އަށް އަމަލުކުރެވެމުންދާހާ ހިނދަކު އެ ގާނޫނާއި، ހެއްކާ ގުޅޭގޮތުން ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކާއި އެ ގާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތައްވެސް ހިމެނޭގޮތުންނެވެ. (އިތުރު ކުރެވިފައި)
(ޑ) "ހުއްޓުވުން" ކަމަށް ބުނެފައި އެވަނީ، ހައްޔަރަށްވެސް ބަންދަށްވެސް އަދި ބެލުމުގެ ދަށަށް ގެނައުމަށްވެސް ނުވާގޮތަށް ސުވާލުކުރުމަށްޓަކައި ނުވަތަ ބަލައި ފާސްކުރުމަށްޓަކައި މީހަކު ހުއްޓުވާ ހުއްޓުވުމަށެވެ. އެ ހާލަތުގައި އޭނާގެ މިނިވަންކަން ނިމުމަކަށް އައީ ކަމަށް ބަލައި، ގާނޫނީ އިންޒާރުދީ، ވަކީލެއްގެ އެހީތެރިކަން ދީ ހަދާކަށް ލާޒިމެއްނޫނެވެ. (އިތުރު ކުރެވިފައި)
(ޒ) (އިތުރު ކުރެވިފައި)
- "ބެލުމުގެ ދަށަށް ގެނައުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ދެ ހާލަތުންކުރެ ހާލަތެއްގައިވާ މީހާ ހުރި ހާލަތަށް ނިސްބަތްކޮށެވެ.
i. ހައްޔަރަށް ނުވާގޮތަށް ނުވަތަ ބަންދުކުރުމަށް ނުވާގޮތަށް ކުށެއްގެ ތުހުމަތުގައި ސުވާލުކުރުމަށްޓަކައި ފުލުހުންގެ މަރުކަޒަކަށް ގެނައުމަށްފަހު ނުވަތަ ހާޒިރުކުރުމަށްފަހު ހިނގާ 4 (ހަތަރެއް) ގަޑިއިރުގެ ވަގުތު އެތަނުގައި ހޭދަކުރާ ކުރުން؛ ނުވަތަ
ii. ހައްޔަރުކުރުމަށްފަހު ނުވަތަ ބަންދުކުރުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުގައި ނުވަތަ ބަންދުގައި އޭނާ ހުންނަ ހުރުން. - ކުށުގެ ތުހުމަތެއްގައި ނޫންގޮތަށް ސުވާލެއްކުރުމަށް ނުވަތަ މައުލޫމާތެއް ސާފުކުރުމަށް ނުވަތަ ހެކިބަހެއް ހޯދުމަށްޓަކައި ފުލުހުންގެ މަރުކަޒަކަށް ހާޒިރުވާ މީހާ އެހުރީ މި މާއްދާގެ ބޭނުމަށްޓަކައި، ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަކަށް ނުބެލެވޭނެއެވެ. ބެލުމުގެ ދަށަށް ގެނައުމުގެ ހާލަތުގައި، ގާނޫނީ އިންޒާރުދީ ވަކީލެއްގެ އެހީތެރިކަން ދޭނެއެވެ.
(ޓ) (އިތުރު ކުރެވިފައި)
- "ހައްޔަރުކުރުން" ކަމަށް ބުނެފައި އެވަނީ، މީހެއްގެ މިނިވަންކަން ހުއްޓުމަކަށް ގެނެސް، މި ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނީ އިންޒާރު ދިނުމާއެކު، ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނައުމަށެވެ.
- ފުލުހުންގެ ހައްޔަރުގައި މީހަކު ހުންނާނީ އޭނާ ފުލުހުންގެ ބަންދަށް ބަދަލުވުމާ ހަމައަށެވެ. ފުލުހުންގެ ހައްޔަރުގައި ހުންނަ މީހާ ފުލުހުންގެ ބަންދަށް ބަދަލުކުރެވޭނީ، އޭނާގެ މައްސަލަ ތަހްގީގުކުރާ ޑިޕާޓްމަންޓްގެ އިސްވެރިއެއް އޭނާ ބަންދަށް ބަދަލުކުރުމަށް ކަނޑައެޅުމުން ނުވަތަ ފަނޑިޔާރަކު އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުންނެވެ.
- ހައްޔަރުގައި މީހަކު ހުންނަ ވަގުތު، މި ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނީ އިންޒާރުގައި ބަޔާންވެގެންވާ ހައްގުތައް ލިބިގެންވެއެވެ.
(ޔ) "ބަންދުކުރުން" ކަމަށް ބުނެފައި އެވަނީ، މީހަކު ހައްޔަރުކުރުމަށްފަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ހާލަތަށެވެ. ބަންދުގެ މުއްދަތުގައި އޭނާ ހުންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައިވާ ކަސްޓޯޑިއަލް ޖަލެއްގައެވެ. ބަންދުގައި ހުންނަ ވަގުތު މި ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނީ އިންޒާރުގައި ބަޔާންވެގެންވާ ހައްގުތައް ބަންދުގައި ހުންނަ މީހާއަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)
(ޕ) "ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ތަނަކާ ގުޅޭގޮތުންނަމަ، އެތަނެއްގެ ވެރިފަރާތަށެވެ. ކުއްޔަށްދީފައިވާ ތަނަކާ ގުޅޭގޮތުންނަމަ، އެތަން ކުއްޔަށް ހިފާފައިވާ ފަރާތަށެވެ. އެއްމެދު އިމާރާތެއްގެ ވަކި ޔުނިޓެއް ނުވަތަ ބައެއްނަމަ، އެ ޔުނިޓެއް ނުވަތަ ބައެއްގެ ވެރިފަރާތަށެވެ. އަދި އެއިން އެއްވެސް ފަރާތެއް އެއިން ތަނެއްގައި ނެތް ހާލަތެއްގައިނަމަ ނުވަތަ އެނޫން ހާލަތެއްގައިނަމަ، އެތަނެއްގައި ދިރިއުޅޭ ނުވަތަ އެތަނަކާ އެ ވަގުތަކު ހަވާލުވެހުރި ފަރާތްވެސް ހިމެނޭގޮތުންނެވެ. (އިތުރު ކުރެވިފައި)
(ޖ) "މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށަކާ ގުޅޭގޮތުން ސުވާލުކުރެވެމުންދާ މީހާ ނުވަތަ ކުށުގެ ތުހުމަތުގައިވާ މީހާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ކަމަށް އޭނާ ކަނޑައަޅާ، އުމުރުން 18 (އަށާރަ) އަހަރުން މަތީގެ ކޮންމެ މީހަކަށެވެ. (އިތުރު ކުރެވިފައި)
މައި ގާނޫނު
ޖިނާއީ އިޖްރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު 12/2016)
މި ގާނޫނަށް ގެނެވުނު އިސްލާހު
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު
- ކްރިމިނަލް ކޯޓުގެ ގަވާއިދު (ގަވާއިދު ނަންބަރު 100/2021)
- ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 4/2021)
- ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި މީރާއިން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 108/2020)
- އެންޓި-ކޮރަޕްށަން ކޮމިށަނުގެ ތަހުގީގު ކުރުމުގެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 98/2020)
- ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ނަވާވީސް-1 ވަނަ ބާބަށް އަމަލުކުރަން އެންގުން (އެންގުން ނަންބަރު 2-2020-198)
- ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 1052/2019)
- ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 78/2017)
- ޕްރޮސިކިއުޓްކުރުމުގެ އިޖްރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 76/2017)
ކިޔުންތެރިންގެ ހިޔާލު