-

ސިވިލް ސަރވިސް ގެ ގާނޫނު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2007-05)

(1ވަނަ، 2ވަނަ، 3ވަނަ، 4ވަނަ، 5ވަނަ، 6ވަނަ، 7ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

1 ވަނަ މާއްދާ – ތައާރުފާއި ނަން

(ހ) މި ގާނޫނަކީ، ދިވެހި ސިވިލް ސަރވިސްގެ ނަމުގައި، މުސްތަގިއްލު ހިދުމަތެއް ގާއިމުކޮށް، އެހިދުމަތުގެ ގާނޫނީ ހައިސިއްޔަތާއި، މަގުސަދުތަކާއި، މަސްއޫލިއްޔަތުތަކާއި ހުދޫދުތައް އެކަށައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ދިވެހި ސިވިލް ސަރވިސްގެ ގާނޫނު" އެވެ.

 

ޗެޕްޓަރ 1

ދިވެހި ސިވިލް ސަރވިސް

 

2 ވަނަ މާއްދާ – ދިވެހި ސިވިލް ސަރވިސް އެކުލެވިގެންވާގޮތް

ދިވެހި ސިވިލް ސަރވިސްގައި ހިމެނެނީ، ސަރުކާރުގެ މަސްއޫލު އޮފީސްތަކުގެ ޒިންމާދާރު އިސް ވެރިންނާއި، ސިވިލް ސަރވިސްގެ މުވައްޒަފުންނެވެ.

 

3 ވަނަ މާއްދާ – ސިވިލް ސަރވިސްގައި ހިމެނޭ އަދި ނުހިމެނޭ ފަރާތްތައް (އިސްލާހު ކުރެވިފައި)

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މުސްތަގިއްލު ކޮމިށަންތަކާއި، މުސްތަގިއްލު މަގާމުތަކާއި، އެނޫންވެސް މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި އެ ފަރާތްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ފިޔަވައި، ވެރިކަން ހިންގުމުގެ ބާރުގައި ހިމެނޭ އެންމެހައި މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުންނެވެ.

(ށ) ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް ދިވެހި ސިވިލް ސަރވިސްއަކު ނުހިމެނެއެވެ.

  1.  ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ  އައްޔަންކޮށް، ވަކިކުރާ ފަރާތްތައް؛
  2. ކޯޓުތަކުގެ ފަނޑިޔާރުން؛
  3. ދައުލަތުގެ ވިޔަފާރި ތަންތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުން؛
  4. ދިވެހި ސިފައިން؛
  5. އަދުލު އިންސާފު ގާއިމުކުރުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގައި ހިމެނޭ އެންމެހައި މުވައްޒަފުން؛
  6. އެހެން ގާނޫނަކުން ސިވިލް ސަރވިސްގައި ނުހިމެނޭ ފަރާތްތައް ކަމުގައި ކަނޑައަޅާ ފަރާތްތައް؛

 

4 ވަނަ މާއްދާ – ދިވެހި ސިވިލް ސަރވިސްގެ އަސާސީ ސިފަތައް

ދިވެހި ސިވިލް ސަރވިސްއަކީ ދައުލަތުގެ ފަރާތުން، ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތަކަށް ވާންވާނެއެވެ. އަދި ދިވެހި ސިވިލް ސަރވިސްގައި، ތިރީގައިމިވާ އަސާސީ ސިފަތައް އެކުލެވެންވާނެއެވެ.

(ހ) ސަރުކާރުން އެކަށައަޅާ ސިޔާސަތުތަކާއި ހިންގާ ޕްރޮގްރާމްތައް ހިންގުމުގެ ގާބިލުކަން.

(ށ) ސަރުކާރަށް ބޭނުންވާ މަޢުލޫމާތުތައް، އެ މަޢުލޫމާތެއް ބޭނުންވަގުތަކު ލިބިދެވޭނެ ގާބިލުކަން.

(ނ) އިންސާފުވެރިކަމާއި، ތެދުވެރިކަމާއެކު ވަކިފަރާތަކަށް ނުޖެހި، ދިވެހި ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ލިބިދެވޭނެ ގާބިލުކަން.

(ރ) މަސައްކަތުގެ މާހައުލާގުޅޭ ކަންކަމުގައި، މުވައްޒަފުން ފާޅުކުރާ ހިޔާލާއި، ދޭ ލަފާ، އަދި މުވައްޒަފުންގެ އެއްބާރުލުމާއި ބައިވެރިވުމުގެ އަގުވަޒަންކުރުން.

(ބ) މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކޮށް، އެ ހައްގުތަކަށް ރައްކާތެރިވާ، މުވައްޒަފުންގެ ބޭނުންތަކަށް އިސްކަންދޭ، ކުރާ މަސައްކަތުގެ ހެޔޮ ބަދަލު ލިބިދެވޭނެ ނިޒާމުތަކެއް ގާއިމުކޮށް، ހަމަހަމަކަން ކުރިއަރުވާ، ކެރިއަރ ބޭސްޑް ނިޒާމެއް ގާއިމުވެފައި އޮތުން.

(ޅ) މުވައްޒަފުންނާ ގުޅޭގޮތުން ނިންމާ ނިންމުންތައް، ފަހުން ބަލަންޖެހިއްޖެ ހިނދެއްގައި ބެލޭނޭފަދައިން، ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން، ހާމަކަންބޮޑު ގޮތެއްގައި ނިންމާނެ ނިޒާމެއް ގާއިމުވެފައި އޮތުން.

(ކ) މުވައްޒަފަކާ ގުޅޭގޮތުން ނިންމާ ނިންމުމަކާބެހޭގޮތުން އެ މުވައްޒަފަކު ހިތްހަމަ ނުޖެހިއްޖެ ހިނދެއްގައި، އެ ނިންމުމާމެދު އިލްތިމާސްކުރެވޭނޭ، އެކަށީގެންވާ ނިޒާމެއް ގާއިމުވެފައިއޮތުން.

(އ) ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު، ފާޅުކަންބޮޑު ގޮތެއްގައި ހުޅުވާލައި، އެކަށީގެންވާ، ހަމަހަމަ ފުރުސަތު މުޖުތަމަޢުގެ ހުރިހާ ފަރާތަކަށްވެސް ލިބިދެވޭނެ ނިޒާމެއް ގާއިމުވެފައި އޮތުން.

(ވ) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް ފުރުސަތު ލިބޭ ގޮތަށް ނިޒާމެއް ގާއިމުވެފައި އޮތުން. (އިތުރު ކުރެވިފައި)

 

5 ވަނަ މާއްދާ - ދިވެހި ސިވިލް ސަރވިސް ހިންގުން

ދިވެހި ސިވިލް ސަރވިސް ހިންގަންވާނީ:-

(ހ) ސިޔާސީ މަސްލަހަތުތަކުން އެކަހެރިވެފައިވާ، ވަކިފަރާތެއްގެ ނުފޫޒަކަށް ތަބާނުވާ، އަދި ވަކިފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތްނުކުރާ، ޕްރޮފެށަނަލް މިންގަނޑުތަކަކުން ހިދުމަތް ފޯރުކޮށްދޭ؛ އަދި

(ށ) ދޭދޭ މުވައްޒަފުންގެ ތެރޭގައި ތަފާތުކުރުން ނުގެންގުޅޭ މަސައްކަތުގެ މާހައުލެއް ގާއިމުކުރެވިފައިވާ؛ އަދި

(ނ) މަސައްކަތުގެ އަހުލާގުގެ އެންމެރަނގަޅު މިންގަޑުތައް ދަމަހައްޓާ؛ އަދި

(ރ) ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި ދިވެހިރައްޔިތުންނަށް ފުރިހަމައަށް ޖަވާބުދާރީވާ ހިދުމަތެއްގެގޮތުގައާއި؛ އަދި

(ބ) ދިވެހި ސިވިލް ސަރވިސްގައި މަސައްކަތް ކުރުމަށް ވަޒީފާ ދޭންވާނީ އެމީހެއްގެ ތައުލީމީ ފެންވަރާއި، މަސައްކަތުގެ ހުނަރާއި، ގާބިލުކަމާއި، ތަޖުރިބާއަށް ބެލުމަށްފަހުގައެވެ. (އިސްލާހު ކުރެވިފައި)

 

6 ވަނަ މާއްދާ – ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރަ ކަނޑައަޅާ ފަރާތް

ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ، މި ގާނޫނުގެ 43 ވަނަ މާއްދާގައި ވާގޮތުގެމަތިން، ސިވިލް ސަރވިސް ކޮމިށަނުންނެވެ.

 

7 ވަނަ މާއްދާ – ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭފަރާތްތަކުގެ މުސާރަ ކަނޑައަޅާ ފަރާތް

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ފަރާތްތަކުގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) އެހެން ގާނޫނަކުން ވަކިފަރާތަކުން މުސާރަ ކަނޑައެޅުމަށް ބަޔާންކޮށްފައިވާ ފަރާތެއްގެ މުސާރަ ކަނޑައަޅާނީ އެ ގާނޫނެއްގައި ބުނެފައިވާ ފަރާތަކުންނެވެ.

 

ޗެޕްޓަރ 2

ސިވިލް ސަރވިސް ކޮމިށަން

 

8 ވަނަ މާއްދާ – ދިވެހި ސިވިލް ސަރވިސް ކޮމިށަނާއި، ކޮމިށަނުގެ ހައިސިއްޔަތު

މި ގާނޫނުގެ ދަށުން، އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރާއި، އަމިއްލަ ނަމުގައި މުޢާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، އަދި ވަކި ސިއްކައެއް އޮންނަ، މިނިވަން ގާނޫނީ ށަހްސެއްގެ ގޮތުގައި، "ސިވިލް ސަރވިސް ކޮމިށަން" އެއް އުފައްދަންވާނެއެވެ.

 

8-1 ވަނަ މާއްދާ - ކޮމިށަނުގެ މަސްއޫލިއްޔަތުތައް (އިތުރު ކުރެވިފައި)

ކޮމިށަނުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސިވިލް ސަރވިސްއަށް މީހުން ހޯދުމާއި، މީހުން ޢައްޔަންކުރުމާއި، މީހުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި، މީހުންގެ ވަޒީފާ ބަދަލުކުރުމާއި، މީހުން ވަޒީފާއިން ވަކިކުރުން؛

(ށ) ސިވިލް ސަރވިސްގެ ހުރިހާ އިދާރާތަކެއް އިންތިޒާމްކުރުމާއި އެއް މިންގަނޑަކުން ހިންގުމުގެ އުސޫލުތައް ގާއިމުކުރުން؛

(ނ) ސިވިލް ސަރވިސްގެ އެންމެހައި މަސައްކަތްތައް އެކަށީގެންވާ ހަލުވި މިނެއްގައި ކުރެވޭނެ އަދި ރަނގަޅު ނަތީޖާ ނެރެވޭ ގޮތްތަކަށް މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި ރޭވުން؛

(ރ) ވަޒީފާތަކަށް މީހުން ހޯދުމާއި، ޢައްޔަންކުރުމާއި، ބަދަލުކުރުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން؛

(ބ) ސިވިލް ސަރވިސް ކޮމިށަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ވެރިކަން ހިންގާ ފަރާތަށާއި، ރައްޔިތުންގެ މަޖިލީހަށް މަޢުލޫމާތު ދެމުން ގެންދިއުން.

 

9 ވަނަ މާއްދާ – ސިވިލް ސަރވިސް ކޮމިށަނުގެ ބާރުތައް

ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، އަންނަނިވި ބާރުތައް ކޮމިށަނަށް ލިބިގެންވެއެވެ.

(ހ) މި ގާނޫނަށާއި، މި ގާނޫނުގެ 18 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް ޢަމަލު ކުރޭތޯ ބެލުމަށްޓަކައި ކުރަންޖެހޭ ތަހުގީގުތައް ކުރުމަށާއި، މި ގާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ ހިލާފުވާކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި ތިރީގައިމިވާ ބާރުތައް ސިވިލް ސަރވިސް ކޮމިށަނަށް ނުވަތަ ސިވިލް ސަރވިސް ކޮމިށަނުން ހުއްދަދޭ، ކޮމިށަނުގެ މުވައްޒަފަކަށް ލިބިގެންވެއެވެ.

  1.  ހެކިބަސް ހޯދުމަށްޓަކައި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި އެނޫން ފަރާތްތައް ހާޒިރުކުރުން.
  2.  1 ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ހޯދަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ހޯދުން.
  3.  ތަހުގީގު ކުރުމަށްޓަކައި ވަންނަންޖެހޭ، މި ގާނޫނުގެ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަންތަނަށް، ނޯޓިސް ދިނުމަކާނުލައި ވަނުން.

(ށ) މި ގާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ސިވިލް ސަރވިސް ކޮމިށަނުން އެކުލަވާލާ ގަވާއިދެއްގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

(ނ) މި ގާނޫނުގެ 18 ވަނަ މާއްދާގައި ސިވިލް ސަރވިސް ކޮމިށަނާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން، ސިވިލް ސަރވިސް ކޮމިށަނުން ކަނޑައަޅާ ކަންތައްތަކެއް، މި ގާނޫނުގެ 61 ވަނަ މާއްދާގައިވާ އޮފީސްތަކާ ހަވާލުކުރުމުގެ އިހްތިޔާރު ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

(ރ) ސެމިނާރާއި، މަސައްކަތު ބައްދަލުވުމާއި، އެހެނިހެން ޕްރޮގްރާމްތައް ހިންގައިގެން ސިވިލް ސަރވިސްއާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުވައި، އެކިއެކި ދިރާސާތައްކޮށް، އެ ދިރާސާތައް ހާމަކޮށް ށާއިޢުކުރުމުގެ އިހްތިޔާރު ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

(ބ) ސިވިލް ސަރވިސްގެ ކަންތައްތަކާ ގުޅޭގޮތުން ޢާންމުކޮށް ހާމަކުރަންޖެހޭ ކަންކަން ހާމަކުރުމާއި، ކަމާ ގުޅޭގޮތުން ށާއިޢު ކުރަންޖެހޭ ބަޔާންތައް ށާއިޢުކުރުމުގެ އިހްތިޔާރު ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

(ޅ) ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، އެ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުފަހިވާނެ އެންމެހައި ކަންކަން ކުރުމުގެ އިހްތިޔާރު ސިވިލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ – ކޮމިށަން އެކުލެވިގެންވާ ގޮތް

ސިވިލް ސަރވިސް ކޮމިށަން އެކުލެވިގެންވަނީ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ. ކޮމިށަނަށް މެންބަރުން އައްޔަންކުރުމުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އިސްކަންދޭންވާނެއެވެ. (އިސްލާހު ކުރެވިފައި)

 

11 ވަނަ މާއްދާ – ކޮމިށަނުގެ މެންބަރުންގެ މަގާމުގެ މުއްދަތު

(ހ) ކޮމިށަނަށް ޢައްޔަނު ކުރެވޭ މެންބަރަކު، އެ މަގާމުގައި ދެމިހުންނާނީ އެ މެންބަރަކު ޢައްޔަނު ކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ށ) މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ ކޮމިށަނުގެ މެންބަރުން ފިޔަވައި، އެހެން ކޮންމެ މެންބަރަކު އަލުން 5 އަހަރުދުވަހުގެ ދައުރަކަށް ޢައްޔަނު ކުރެވިދާނެއެވެ. އަދި އެގޮތުން ޢައްޔަނު ކުރެވޭ މެންބަރަކު ކޮންމެ 5 އަހަރަކުން ޢައްޔަނު ކުރަމުން ގެންދެވިދާނެއެވެ.

 

12 ވަނަ މާއްދާ – ކޮމިށަންގެ މެންބަރުންގައި ހުރުން ލާޒިމްވާ ސިފަތައް

ކޮމިށަނުގެ މެންބަރުކަމަށް ޢައްޔަނު ކުރާ މީހުންގައި ތިރީގައިވާ ސިފަތައް ހުންނަން ވާނެއެވެ.

(ހ) ދިވެހި ރައްޔިތަކު ކަމުގައިވުން.

(ށ) މުސްލިމަކު ކަމުގައިވުން.

(ނ) ބުއްދި ސަލާމަތުން ހުރުން.

(ރ) އުމުރުން 30 އަހަރުވެފައިވުން.

(ބ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ށަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން، އަދި ޖިނާއީ ކުށެއް ކުރިކަން، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ށަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.

(ޅ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.

(ކ) އެއްވެސް އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.

(އ) ފުރަތަމަ ޑިގްރީއެއް ހާސިލުކުރުމަށްފަހު، ހިންގުމުގެ ދާއިރާއިން މަދުވެގެން 10 (ދިހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ މި އަކުރުގެ ބޭނުމަށްޓަކައި "ފުރަތަމަ ޑިގްރީއެއް ހާސިލުކުރުން" ކަމުގައި ބެލެވޭނީ ގައުމީ ސަނަދުގެ އޮނިގަނޑުގައި ފުރަތަމަ ޑިގްރީއެއްކަމުގައި ބަލައިގަންނަ ސަނަދެއް ހާސިލުކޮށްފައިވާނަމައެވެ. (އިސްލާހު ކުރެވިފައި)

 

13 ވަނަ މާއްދާ – މެންބަރުން އައްޔަންކުރުން (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ހ) ކޮމިށަނުގެ މެންބަރުން އައްޔަންކުރާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) ކޮމިށަނަށް މެންބަރުން ނުވަތަ މެންބަރެއް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިށަނަށް މެންބަރުން އައްޔަންކުރަން އެއިރަކު އައްޔަންކުރަންޖެހޭ އަދަދަށްވުރެ 3 (ތިނެއް) ނަމަށްވުރެ އިތުރުނުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކަކީ އާންމުކޮށް އިއުލާންކޮށްގެން އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން މި ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކުރާ ށަރުޠު ފުރިހަމަވާ މީހުން ކަމުގައިވާންވާނެއެވެ.

 

14 ވަނަ މާއްދާ – މެންބަރުން މަގާމާ ހަވާލުވުން (އިސްލާހު ކުރެވިފައި)

ކޮމިށަނުގެ މެންބަރަކަށް އެމީހެއްގެ މަގާމާ ހަވާލުވެވޭނީ ފަނޑިޔާރެއްގެ ކުރިމަތީގައި އަންނަނިވި ހުވައިކޮށް، އެ ހުވައިގެ އިގްރާރުގައި ސޮއިކުރުމުންނެވެ.

"އަހުރެން ......... (މީހާގެ ނަން) ......... އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ރައްކާތެރިވުމަށާއި،  ދިވެހި ގައުމަށް އިހްލާސްތެރިވުމަށާއި، ސިވިލް ސަރވިސް ކޮމިށަނުގެ މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެމަތީން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ."

 

15 ވަނަ މާއްދާ – މެންބަރުކަމުން ވަކިކުރުން (އިސްލާހު ކުރެވިފައި)

ކޮމިށަނުގެ މެންބަރަކު އެ މަގާމުން ވަކިކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ހާލަތެއްގައި، މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތީންނެވެ.

(ހ) ސިވިލް ސަރވިސް ކޮމިށަނުގެ މެންބަރުކަމުގެ މަގާމާ އެކަށީގެން ނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަގާމު އަދާކުރުމަށް އުޒުރުވެރިވާފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ މަގާމު އަދާކުރުމުގެ ގާބިލުކަން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފެނިގެން، އެ މެންބަރަކު އެ ކޮމިށަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ހުށަހަޅައި ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުން، އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.

(ނ) މިމާއްދާގެ (ށ) ގައިވާ ގޮތުގެމަތީން ކޮމިށަނުގެ މެންބަރަކު، މެންބަރުކަމުން ވަކިކުރެވިއްޖެނަމަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެކަން ރައީސުލްޖުމްހޫރިއްޔާއަށް އެންގުމުން، ރައީސުލްޖުމްހޫރިއްޔާ އެ މެންބަރަކަށް އެކަން އަންގަންވާނެއެވެ.

 

16 ވަނަ މާއްދާ – މަގާމް ހުސްވުން

ކޮމިށަނުގެ މެންބަރެއްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ އަންނަނިވި ހާލަތުތަކުގައެވެ.

  1. މެންބަރުކަމުގެ މުއްދަތު ހަމަވުމުން.
  2. އިސްތިޢުފާ ދިނުމުން.
  3. މި ގާނޫނުގެ 15 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮމިށަނުގެ މެންބަރުކަމުން ވަކިކުރުމުން.
  4. ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތިލުމުން.
  5. މަރުވުމުން.
  6. ކޮމިށަނުގެ މެންބަރުންގެ ކިބައިގައި ހުރުން މި ގާނޫނު ލާޒިމުކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުމުން.

 

17 ވަނަ މާއްދާ – ކޮމިށަނުގެ ރައީސާއި ނައިބުރައީސް އައްޔަންކުރުން (އިސްލާހު1 / އިސްލާހު2 / އިސްލާހު3 ކުރެވިފައި)

(ހ) ކޮމިށަނުގެ މެންބަރުންގެ ތެރެއިން، ކޮމިށަނުގެ ރައީސަކާއި ނައިބު ރައީސެއް ޢައްޔަންކުރަންވާނެއެވެ.

(ށ) ކޮމިށަނުގެ ރައީސާއި ނައިބު ރައީސް ޢައްޔަންކުރާނ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

(ނ) ކޮމިށަނުގެ ރައީސަކު ނުވަތަ ނައިބު ރައީސަކު ޢައްޔަންކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިށަނަށް ޢައްޔަންކޮށްފައިވާ މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މީހަކު، ކޮމިށަނުގެ ރައީސްކަމުގެ މަޤާމަށް ނުވަތަ ނައިބު ރައީސްކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ށ)، (ނ) އަދި (ރ) ގައި އެހެން އޮތްނަމަވެސް، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ކޮމިށަނުގެ ރައީސާއި ނައިބު ރައީސްކަމުގެ މަޤާމަށް ޢައްޔަންކޮށްފައިވާ މެންބަރުން، ޤާނޫނުގައިވާ ގޮތުގެމަތިން މަޤާމުން ވަކިވަންދެން އެ މަޤާމުގައި ދެމިތިބ ނެއެވެ.

 

18 ވަަނަ މާއްދާ – ކޮމިށަނުގެ މަސައްކަތް

ދިވެހި ސިވިލް ސަރވިސް ކޮމިށަނުގެ މައިގަނޑު މަސައްކަތްތަކަކީ:-

(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، މި ގާނޫނުގެ 3 ވަނަ މާއްދާއިން ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ފަރާތްތައްކަމަށް ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި ދިވެހި ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ލިބިދޭންޖެހޭ ހިދުމަތްތައް ފޯރުވައިދިނުމަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، އެ މުވައްޒަފުންނަށް މުސާރައާއި ވަޒީފާއާ ގުޅިގެން ދެވޭ އިނާޔަތްތައް ކަނޑައެޅުމާއި، މިކަންކަމާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.

(ށ) ދިވެހި ސިވިލް ސަރވިސްގައި ހިދުމަތްކުރާ މުވައްޒަފުންނަކީ ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރަށާއި، ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންނަށް ވަފާތެރިކަމާއި އިހްލާސްތެރި ކަމާއެކު ހިދުމަތްކުރާ، ސިޔާސީގޮތުން ވަކިފަރާތަކަށް ނުޖެހޭ، ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށްހިތާ، ގާބިލު ބަޔަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

(ނ) ދިވެހި ސިވިލް ސަރވިސްގައި ހިދުމަތްކުރާ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، އިންސާފުވެރި މާހައުލެއް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.

(ރ) ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި، ހައްގުތަކާއި، ބާރުތަކާއި، ޒިންމާތައް އެކަށައެޅުން.

(ބ) ސަރުކާރުގެ އޮފީސްތަކުން ސިވިލް ސަރވިސްގެ އަސާސީ ސިފަތަކަށް ހުރުމަތްތެރިކޮށްހިތާ، އަދި ހިފަހައްޓާ މިންވަރު ބެލުން.

(ޅ) ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު އެކުލަވާލުން.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން އެކުލަވާލެވޭ ކޯޑް އޮފް ކޮންޑަކްޓާއި، ދިވެހި ސިވިލް ސަރވިސްގެ އަސާސީ ސިފަތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް ސަރުކާރުގެ މަސްއޫލު އޮފީސްތަކުގައި ގާއިމުކުރެވިފައިވާ ނިޒާމުތަކަކީ އެކަމަށް އެކަށީގެންވާ ނިޒާމުތަކެއްތޯ ބެލުން.

(އ) މި ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކާއި ރިޕޯޓުތައް ބަލައި ދިރާސާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

(ވ) ދިވެހި ސިވިލް ސަރވިސްގެ ކަންތައްތަކާ ގުޅޭގޮތުން މި ގާނޫނުގެ 24 ވަނަ މާއްދާއާއި 25 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރިޕޯޓުކުރުން.

(މ) މި ގާނޫނާއި، ސިވިލް ސަރވިސްގެ ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓް ތަންފީޒުކުރުން.

(ފ) ސަރުކާރުގެ މަސްއޫލުވެ ޒިންމާވާ އޮފީސްތަކުގެ ޒިންމާދާރު އިސްވެރިންނާއި، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން މި ގާނޫނާއި، ކޯޑް އޮފް ކޮންޑަކްޓާ ހިލާފަށް ޢަމަލުކުރާކަމަށް ހުށަހެޅޭ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން.

(ދ) ދިވެހި ސިވިލް ސަރވިސްއަކީ ކެރިއަރ ބޭސްޑް ނުވަތަ ވަޒީފާގައި ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭ ހިދުމަތެއްގެ ގޮތުގައި ބައްޓަންކުރުން.

(ތ) ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރޭގައި އިސްނެގުމާއި، ލީޑަރށިޕް ކުރިއަރުވައި، މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ތަމްރީނު ހޯދައިދިނުމާއި، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ މަސައްކަތަށް ގާބިލުބަޔަކަށް ހެދުމަށް ބާރުއެޅުމާއި ހިތްވަރު ދިނުން.

(ލ) ދިވެހި ސިވިލް ސަރވިސްއާ ގުޅޭ ކަންތައްތަކުގައި ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ލަފައާއި އިރުށާދު ދިނުން.

(ގ) ދިވެހި ސިވިލް ސަރވިސްގެ މަގާމުތައް އުފައްދައި އުވާލާނެ އުސޫލުތައް އެކުލަވާލުމާއި، އެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މަގާމު އުފައްދައި އުވާލުމުގެ ކަންތައްތައް ހިންގުން.

(ޏ) ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ އުސޫލުތައް އެކުލަވާލުމާއި، އެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަޅަންޖެހ ފިޔަވަޅުތައް އެޅުން. (އިތުރު ކުރެވިފައި)

(ސ) ސިވިލް ސަރވިސްގެ އޮފ ސްތަކުން ފޯރުކޮށްދ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި، އިދާރ ހިންގުން މޮނިޓަރކޮށް، ކޮމިށަނުން އޮޑިޓްކުރާނެގޮތުގެ އުސޫލު އެކުލަވާލުމާއި، އެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަޅަންޖެހ ފިޔަވަޅުތައް އެޅުން. (އިތުރު ކުރެވިފައި)

 

18-1 ވަނަ މާއްދާ - ނުފޫޒެއް ނެތި މިނިވަންކަމާއެކު މަސައްކަތްކުރުން (އިތުރު ކުރެވިފައި)

(ހ) ކޮމިށަނުގެ ވާޖިބު އަދާކުރުމުގައި، ކޮމިށަނުގެ މެންބަރުން އެއްވެސް ބިރަކަށް ނުވަތަ އެއްވެސް ނުފޫޒަކަށް ލެނބިގެން ނުވާނެއެވެ.

(ށ) ކޮމިށަނުގެ އެއްވެސް މައްސަލައެއް ނިންމުމުގައި ނުވަތަ މައްސަލައެއް ހިންގުމުގައި ނުވަތަ މަށްވަރާއެއް ކުރުމުގައި ނުވަތަ ސިޔާސަތެއް ކަނޑައެޅުމުގައި ސީދާގޮތުންވެސް ނުވަތަ ނުސީދާގޮތުންވެސް އަމިއްލަ މަސްލަހަތެއް ހާސިލުކުރަން މަސައްކަތްކޮށްގެން ނުވާނެއެވެ.

(ނ) ކޮމިށަނުގެ ހުރިހާ ކަމެއްވެސް ކުރަންވާނީ، ކޮމިށަނުގެ މަގްސަދު ހާސިލުވާނެ ގޮތުގެމަތިން، ޢާންމު މަސްލަހަތަށްޓަކައެވެ.

(ރ) ހާމަކަން ބޮޑުގޮތެއްގައި ކަންތައްތައް ކުރުމަށްޓަކައި، އެ ކަމެއްގެ ވަގުތުގައި، އެކަމަކާބެހޭ ސައްހަ މަޢުލޫމާތު ޢާންމުންނަށް ފަސޭހައިން ލިބިގަނެވޭ ގޮތަށް ފޯރުކޮށްދޭންވާނެއެވެ.

(ބ) ކޮމިށަނުގެ މަސައްކަތްތައް ހިންގުމުގައާއި، ކޮމިށަނުގެ އިދާރީ އޮނިގަނޑު ތަރުތީބުވެގެންވާ ގޮތުގައާއި، ކޮމިށަނުގެ މަސައްކަތްތައް ކުރުމުގައާއި، ކޮމިށަނުގެ ޕްރޮގްރާމްތައް ރޭވުމުގައާއި، ކޮމިށަނުގެ ތަހްގީގުތައް ހިންގުމުގައާއި، ކޮމިށަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި، ކޮމިށަނަށް ފުރިހަމަ ގާނޫނީ އިހްތިޔާރާއި މިނިވަންކަމާއި ބާރު ލިބިގެންވެއެވެ.

 

18-2 ވަނަ މާއްދާ - ކޮމިށަނުގެ ޖަމާޢީ ސުލޫކު (އިތުރު ކުރެވިފައި) 

(ހ) ކޮމިށަނުގެ މެންބަރުން އެމީހުންގެ މަގާމުގެ ވާޖިބު އަދާކުރުމުގައި ކޮމިށަނުގެ ގަދަރާއި ދަރަޖައާއި އަބުރުވެރިކަމަށް އުނިކަން އަންނަ ގޮތަށް ޢަމަލުކޮށްގެން ނުވާނެއެވެ.

(ށ) ކޮމިށަނުގެ ސިޔާސަތުތަކާއި ކޮމިށަނުގެ ނިންމުންތަކާއި ކޮމިށަނުން ޢަމަލުކުރާގޮތާ ގުޅޭގޮތުން ޖަވާބުދާރީވުމާއި ޒިންމާ އުފުލުމުގެ ވާޖިބު ކޮމިށަނުގެ މެންބަރުން އަދާކުރަންވާނީ ހާމަކަންބޮޑު ގޮތެއްގެމަތިންނެވެ.

 

18-3 ވަނަ މާއްދާ - މެންބަރުންގެ ޒާތީ ސުލޫކު (އިތުރު ކުރެވިފައި)  

ކޮމިށަނުގެ ކޮންމެ މެންބަރަކުމެ، ފަރުދެއްގެ ހައިސިއްޔަތުންނާއި ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން، ހުރިހާ ހާލަތެއްގައިވެސް، އަންނަނިވި ހަމަތައް ހިފަހައްޓަންވާނެއެވެ.

(ހ) ކޮމިށަނުގެ ގަދަރަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް، އެއްވެސް ވަގުތެއްގައި ނުކުރުން.

(ށ) ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ބުރޫއަރާފާނެ ފަދަ އެއްވެސް ކަމެއްނުކުރުން.

(ނ) ގާނޫނާ ހިލާފު ޢަމަލެއް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް މަގާމުގެ ބޭނުންކޮށްގެން ނުކުރުން.

(ރ) ކަނޑައެޅިގެން ވަކި މީހަކަށް ގެއްލުން ދިނުމުގެ ނިޔަތުގައި ނުވަތަ އޭނާގެ އަބުރު ނަގާލުމުގެ ނިޔަތުގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް މަގާމުގެ ބޭނުންކޮށްގެން ކަމެއް ނުކުރުން.

(ބ) ޢާންމު އުސޫލަކުން ކޮންމެ މީހަކަށްވެސް ލިބެންއޮތް ހަދިޔާއެއް ނުވަތަ އެހީއެއް ނުވަތަ މަންފާއެއް ނުވަތަ މެހެމާންދާރީއެއް ފިޔަވައި އެނޫން ހަދިޔާއެއް، ނުވަތަ އެހީއެއް، ނުވަތަ މަންފާއެއް ނުވަތަ މެހެމާންދާރީއެއް އެއްވެސް ފަރާތަކުން ނުހޯދުން.

(ޅ) ކޮމިށަނުގެ ބައްދަލުވުންތަކަށް ފަރުވާތެރިކަމާއެކު ހާޒިރުވެ، އެ ބައްދަލުވުންތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

 

18-4 ވަނަ މާއްދާ - މާލީ ހިސާބު ހުށަހެޅުން (އިތުރު ކުރެވިފައި)

(ހ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ނުވަތަ އެފަދަ ގާނޫނެއްގެ ދަށުން އެހެންގޮތަކަށް ޢަމަލުކުރަމުން އައިކަމުގައިވީނަމަވެސް، ކޮމިށަނުގެ މެންބަރުން މާލީ ހިސާބު ހުށަހެޅުމުގައި މި ގާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ޢަމަލުކުރާނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) ކޮމިށަނުގެ މެންބަރުކަމަށް ޢައްޔަންކުރެވޭ މީހާ، އޭނާގެ މަގާމާ ހަވާލުވިއިރު، އޭނާއަށް ލިބިފައިވާ އާމްދަނީއާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، އެ މަގާމާ އޭނާ ހަވާލުވާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މާލީ ހިސާބު ހުށަހެޅުމުގެ އިތުރަށް، ކޮމިށަނުގެ މެންބަރުކަމާ ހަވާލުވާ ތާރީހުން ފެށިގެން ކޮންމެ އަހަރެއްގެ މާލީ ހިސާބު އެ އަހަރެއް ނިމޭތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަމުން ގެންދަންވާނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި އަހަރު ކަމަށް މާނަކޮށްފައި އެވަނީ، އެމީހަކު ކޮމިށަނުގެ މެންބަރުކަމާ ހަވާލުވާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ހަމަވާ ތާރީހަށެވެ.

(ރ) ކޮމިށަނުގެ މެންބަރަކު މަގާމުން ވަކިވުމަށްފަހު ނުވަތަ އިސްތިޢުފާ ދިނުމަށްފަހު ހިނގާ ފުރަތަމަ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އޭނާ މަގާމުން ވަކިވިއިރު އޭނާއަށް ލިބިފައިވާ އާމްދަނީއާއި އާމްދަނީ ލިބޭ ގޮތްތަކާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ށ)، (ނ)، އަދި (ރ) ގެ ދަށުން ކޮމިށަނުގެ މެންބަރެއްގެ މާލީ ހިސާބު ހުށަހަޅާއިރު، އޭނާ އިނދެގެންއުޅޭ މީހާއާއި، 18 އަހަރު ނުފުރޭ ދަރިންގެ މާލީ ހިސާބުވެސް ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގެ ދަށުން ހުށަހެޅުން ލާޒިމުކުރާ މާލީ ހިސާބުތައް ތައްޔާރުކުރާނީ، އޮޑިޓަރ ޖެނެރަލް ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ނަމޫނާއާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ކ) މި މާއްދާގެ ދަށުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅާ ބަޔާނުގައި މައްސަލައެއްވާ ކަމަށް އޮޑިޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އެ މައްސަލައެއް އޮޑިޓަރ ޖެނެރަލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

 

18-5 ވަނަ މާއްދާ - އިތުރު ވަޒީފާ އަދާނުކުރުމާއި މަސްލަހަތު ފުށުއަރާ ވިޔަފާރި ނުކުރުން (އިތުރު ކުރެވިފައި)

(ހ) ކޮމިށަނުގެ މެންބަރަކު، އާމްދަނީ ލިބޭ އިތުރު ވަޒީފާއެއް އަދާކޮށްގެންނުވާނެއެވެ. ނުވަތަ އާމްދަނީއެއް ނުވަތަ ފައިދާއެއް ލިބޭ ފަދަ އެހެން މަގާމެއް ފުރައިގެންނުވާނެއެވެ.

(ށ) ކޮމިށަނުގެ މެންބަރަކު، ވިޔަފާރިއެއް ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވެގެންނުވާނެއެވެ. ނުވަތަ އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ށާމިލުވެގެންނުވާނެއެވެ. ނުވަތަ އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެއެވެ. އަދި ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފައިގެންނުވާނެއެވެ. އަދި ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުޢާމަލާތެއްގައި ސީދާގޮތުންވިޔަސް ނުވަތަ ނުސީދާގޮތުންވިޔަސް ކޮމިށަނުގެ މެންބަރަކު އެ މެންބަރެއްގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެންނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ސިގްނިފިކަންޓް ޝެއަރހޯލްޑަރެއް ކަމުގައިނުވާ ގޮތުން، އެފަދަ ކުންފުންޏެއްގެ ހިއްސާ މިލްކުކުރުމަކީ، މި މާއްދާގެ ބޭނުމަށްޓަކައި ވިޔަފާރިކުރުން ކަމުގައެއް ނުބެލެވޭނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި "ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ސިގްނިފިކަންޓް ޝެއަރހޯލްޑަރެއް" ކަމަށް ބަޔާންކޮށްފައި އެވަނީ، ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ހިއްސާގެ ރައުސުލްމާލުގެ %5 (ފަހެއް އިންސައްތަ) އަށްވުރެ ގިނަ ޢަދަދެއްގެ ހިއްސާގެ މައްޗަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބާރު ފޯރުވޭ މަގާމެއްގައި ހުރި ހިއްސާދާރަކަށެވެ.

(ރ) ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން މެނުވީ، ދައުލަތުގެ އެހެން އެއްވެސް ކޮމިށަނެއްގައި، ނުވަތަ ކައުންސިލެއްގައި، ނުވަތަ މަޖިލީހެއްގައި، ނުވަތަ ކޮމިޓީއެއްގައި، ނުވަތަ ބޯޑެއްގައި، ނުވަތަ އެނޫންވެސް ތަނެއްގައި، އުޖޫރައަކަށްވިޔަސް ނުވަތަ އުޖޫރައަކާ ނުލައި ނަމަވެސް، ބައިވެރިވެގެންނުވާނެއެވެ.

(ބ) ކޮމިށަނުގެ މެންބަރަކު ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުން އެއްވެސް ފަރާތަކަށް މަސައްކަތްކޮށްދީގެންނުވާނެއެވެ.

(ޅ) ކޮމިށަނުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާ ފުށުއަރާފާނެ ބާވަތުގެ މަދަނީ ޖަމާޢަތެއްގެ މެންބަރަކަށް ކޮމިށަނުގެ މެންބަރަކު ވެގެންނުވާނެއެވެ.

(ކ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، ކޮމިށަނުގެ މެންބަރެއްގެ ނަމުގައި އޮތް ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއް، ބާޒާރުގައި އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއްގެ އަގު ޢާންމުކޮށް ހުރި އަގަށްވުރެ ބޮޑުނޫން އަގަކަށް ވިއްކާލުމާއި، އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއް ބާޒާރުގައި ޢާންމުކޮށް ކުއްޔަށްދީއުޅޭ އަގަށްވުރެ ބޮޑުނޫން އަގެއްގައި ކުއްޔަށްދީގެން އާމްދަނީ ހޯދުން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވިޔަފާރިއާއި މަސައްކަތުގެ ތެރޭގައި ހިމެނިގެނެއް ނުވެއެވެ.

(އ) ކޮމިށަނުގެ މެންބަރުކަމުން ވަކިވުމަށްފަހު، ފުރަތަމަ ހިނގާ 12 (ބާރަ) މަސްދުވަހުގެ މުއްދަތު ފާއިތުވަންދެން، ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން އޭނާ އަދާކުރި މަސްލަހަތާ ފުށުއަރާ ވަޒީފާއެއް ނުވަތަ މަސައްކަތެއް، ކޮމިށަނުގެ މެންބަރަކު ކޮށްގެންނުވާނެއެވެ.

 

18-6 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުން  (އިތުރު ކުރެވިފައި)

(ހ) ކޮމިށަނުގެ މެންބަރަކު އަދާކުރަންޖެހޭ ރަސްމީ ވާޖިބާއި އޭނާގެ މަސްލަހަތާ ދެމެދު އެއްވެސް ފުށުއެރުމެއް އުފެދުމަކަށް ފުރުސަތު ދީގެން ނުވާނެއެވެ.

(ށ) ކޮމިށަނުގެ މެންބަރެއްގެ މަސްލަހަތު ފުށުއެރުންކަމަށް މި މާއްދާގެ (ހ) ގައި ބުނެފައިއެވާ އުސޫލުގައި، ކޮމިށަނުގެ މެންބަރަކު އިނދެގެންއުޅޭ މީހާއާއި، އޭނާގެ ދަރިންނާއި، އޭނާ ސީދާ ބަލަހައްޓަމުން ގެންދާ އެހެންމީހުންގެ މަސްލަހަތު ފުށުއެރުމަކީވެސް، އެ މެންބަރެއްގެ މަސްލަހަތު ފުށުއެރުން ކަމުގައި ބެލެވޭނެއެވެ.

(ނ) ކޮމިށަނުން ބަލަމުންދާ މައްސަލައެއް ބެލުމުގައި، ކޮމިށަނުގެ މެންބަރެއްގެ މަސްލަހަތު ފުށުއަރާފާނެފަދަ ހާލަތެއް ދިމާވެއްޖެނަމަ، ނުވަތަ ދިމާވެދާނެކަމަށް ގަބޫލުކުރެވޭނަމަ، އެކަން ކޮމިށަނުގައި ބަޔާންކުރުމަށްފަހު، އެ މައްސަލައެއް ބެލުމުން އޭނާ ތަނާޒުލުވާންވާނެއެވެ. އަދި އެ މައްސަލައެއް ބެލުމުގައި އެއްވެސް ފަރާތަކަށް އެއްވެސް މިންވަރަކަށް ނުފޫޒު ފޯރުވައިގެން ނުވާނެއެވެ. އަދި އެ މައްސަލައެއް ނިންމުމުގައި އެމީހަކު، އޭގެފަހުން އެއްވެސް މިންވަރަކަށް ބައިވެރިވެގެންނުވާނެއެވެ.

(ރ) ވަކި މައްސަލައެއް ބެލުމުގައި ނުވަތަ ވަކި ކަމެއް ކުރުމުގައި ވަކި މެންބަރަކު ބައިވެރިވުމަކީ، މަސްލަހަތު ފުށުއަރާނެ ކަމެއްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ކޮމިށަނުގެ ރައީސަށް ގަބޫލުކުރެވޭ ހާލަތެއްގައި ލިޔުމުން ސަބަބު ބަޔާންކުރުމާއެކު އެ މެންބަރަށް އެކަން އެންގުމަށްފަހު، އެ މެންބަރަކު އެ މައްސަލައެއް ބެލުމުން އެކަހެރިކުރެވިދާނެއެވެ.

(ބ) ވަކި މައްސަލައެއް ބެލުމުގައި ކޮމިށަނުގެ ރައީސް ބައިވެރިވުމަކީ، މަސްލަހަތު ފުށުއަރާނެ ކަމެއްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އޭނާއަށް ގަބޫލުކުރެވޭ ހާލަތެއްގައި، ކޮމިށަނުގެ ނައިބު ރައީސަށް ލިޔުމުން އެކަން އެންގުމަށްފަހު، އެ މައްސަލައެއް ބެލުމުން، ކޮމިށަނުގެ ރައީސް ތަނާޒުލުވާންވާނެއެވެ.

(ޅ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގައި ބަޔާންވެގެންވާ އުސޫލުތައް، ކަމާގުޅޭ ނިސްބަތަށް، ކޮމިށަނުގެ މުވައްޒަފުންގެ މައްޗަށްވެސް ހިނގާނެއެވެ.

(ކ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގައި ބަޔާންވެގެންވާ އުސޫލަކާ ކޮމިށަނުގެ މެންބަރަކު ހިލާފުވުމަކީ، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމުގައި ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއްކަމުގައި ބެލެވޭނެއެވެ.

(އ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގައި ބަޔާންވެގެންވާ އުސޫލަކާ ކޮމިށަނުގެ މުވައްޒަފަކު ހިލާފުވުމަކީ، މި ގާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ގާނޫނެއްގައި އެހެންގޮތަކަށް އޮތްނަމަވެސް، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމަށް ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއްކަމުގައި ބެލެވޭނެއެވެ.

 

18-7 ވަނަ މާއްދާ - ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތައް (އިތުރު ކުރެވިފައި)

(ހ) ކޮމިށަނުގެ މެންބަރުން، އެމީހުންގެ މަގާމުގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމުގައި އަންނަނިވި ހަމަތައް ހިފަހައްޓަންވާނެއެވެ.

  1. ދިވެހިރާއްޖޭގެ އެންމެހައި ގާނޫނުތަކަށް ތަބާވެ، އެ ގާނޫނުތަކަށް އިހްތިރާމްކުރުމާއި، އެ ގާނޫނުތަކުގެ ދަށުން ހުއްދަ އަމުރެއް ކުރާ ފަރާތެއްގެ އަމުރަށް ރަސްމީ ވާޖިބު އަދާކުރުމުގައި ތަބާވަމުންދިއުން؛'
  2. ޒާތީ އެއްވެސް ތަޢައްޞުބަކާ ނުލައި، ކޮމިށަނުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމުގައި ދެމިތިބުމާއި، އެކަން ކުރުމުގައި ތިމާގެ މަސައްކަތަށާއި ތިމާގެ ވާޖިބަށް އިހްލާސްތެރިވުމާއި އިންސާފުވެރިވުމާއި، ފަރުވާތެރިވުން؛
  3. ރަސްމީ މަސައްކަތުގެ ދާއިރާގެ ތެރޭގައި އެހެން މީހުންނާ މުޢާމަލާތް ކުރުމުގައި، އިހްތިރާމާއެކު މުޢާމަލާތްކުރުން؛
  4. ތިމާއަށް ލިބިދޭ ބާރާއި އިހްތިޔާރު ނުރަނގަޅު ނިޔަތެއްގައި ވަކިފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ ގެއްލުމެއް ދިނުމުގެ ބޭނުމުގައި ބޭނުންނުކުރުމާއި، ގާނޫނުގެ ދާއިރާގެ ތެރޭގައި ލިބިދޭ އިހްތިޔާރު ސައްހަގޮތުގައި ބޭނުންކުރުމާއި، އެ އިހްތިޔާރު ބޭނުންކުރުމުގައި އެހެން މީހުންގެ ހައްގުތަކަށާއި ވާޖިބުތަކަށާއި ގާނޫނުގައި ސައްހަ މަސްލަހަތުތަކަށް އިހްތިރާމްކުރުން؛
  5. މި ގާނޫނުގެ 3-18 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި، އެއްވެސް ފަރާތެއްގެ އެހީއާއި އިނާޔަތާއި މެހެމާންދާރީއާއި ހަދިޔާ ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި ނަމަވެސް ނުހޯދުން؛
  6. ގާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބަށް ހުރަސްއެޅިދާނެ ނުވަތަ އެ ވާޖިބު އަދާކުރުމަށް ފަހުން ދަތިވެދާނެ ނުވަތަ މަސްލަހަތު ފުށުއަރާފަދަ އެއްވެސް ކަމެއް ނުކުރުން؛
  7. ތިމާއަށް ވަކި މީހަކު ނުވަތަ ވަކި ފަރާތަކުން ކޮށްދީފައިވާ ކަމެއްގެ މުގާބިލުގައި، އެހެން ކަމެއް ތިމާ ކޮށްދޭންޖެހުން ލާޒިމުވާ ހާލަތަށް ތިމާ ނުގެންދިއުން؛
  8. މެންބަރުކަމުގައި ދެމިހުންނައިރު އަދި މެންބަރުކަމުން ވަކިވުމަށްފަހުގައިވެސް، ތިމާގެ މަގާމު އަދާކުރުމުގައި ތިމާއަށް ލިބިފައިވާ މަޢުލޫމާތުތަކާއި، މައްސަލަތަކާ ގުޅިގެން ލިބޭ ސިއްރު ހިފަހައްޓަންޖެހޭ މަޢުލޫމާތުތައް، ސިއްރުގެ ގޮތުގައި ހިފެހެއްޓުން؛
  9. ގާނޫނުގައިވާ ގޮތުގެމަތިން، ސައްހަގޮތުގައި އެހެން ފަރާތަކަށް ހާމަކުރަންޖެހޭ މަޢުލޫމާތު ހާމަކުރުމާއި، އެ މަޢުލޫމާތު އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި، ރަސްމީ ވާޖިބު އަދާކުރުމުގައި ސައްހަ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ނުރަނގަޅު ނުވަތަ ދޮގު މަޢުލޫމާތާއި ހަގީގަތް އޮޅޭ ގޮތަށް މަޢުލޫމާތު ހާމަނުކުރުން؛
  10. ކޮމިށަނުގެ މަސައްކަތަށް މީހުން އިހްތިޔާރުކުރުމުގައާއި މީހުން ޢައްޔަންކުރުމުގައި އެންމެ އަސާސީ ރުކުނަކީ މަސައްކަތަށް އެކަށޭނަ ގާބިލުކަމާއި ތަޢުލީމީ ފެންވަރު ހުރުން ކަމުގައި ބެލުމާއި، ވަޒީފާ ދިނުމާއި ވަޒީފާގެ ކުރިއެރުން ދިނުމާއި މުވައްޒަފުންނާގުޅޭ އެހެނިހެން ކަންކަމުގައި ބަލަންޖެހޭ މައިގަނޑު މިންގަނޑަކީ ތަޢުލީމީގޮތުންނާއި އަހްލާގީގޮތުންނާއި މަސައްކަތުގެގޮތުން އެކަށޭނަ ބަޔަކަށްވުން ކަމުގައި ބެލުން؛
  11. ސިޔާސީ ވަކި ޕާޓީއަކަށް ނުވަތަ ވަކި ކަމަކަށް ތާއީދުކުރުމުގެ ނުވަތަ ނުކުރުމުގެ ސަބަބުން، ސިވިލް ސަރވިސްގެ އެއްވެސް މުވައްޒަފަކަށް ކަމެއް ފަހިކޮށް ނުވަތަ ދަތިކޮށް ނުހެދުން؛
  12. ސިޔާސީ ބަހުސްތަކުގައި ބައިވެރިނުވުމާއި، ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ވަޒީފާގެ ބޭނުންނުކުރުމާއި، ސިޔާސީ ހަރަކާތްތަކަށް ތާއީދުކުރަނީކަން ނުވަތަ ދެކޮޅުހަދަނީކަން ދޭހަވާ ފަދަ އެއްވެސްކަމެއް ނުކުރުން؛
  13. ކޮމިށަނުގެ މުވައްޒަފުން، ކޮރަޕްށަންގެ ޢަމަލުތަކަށް ހުށަހެޅިދާނެ ހާލަތްތައް އަބަދުމެ ވަޒަންކުރަމުން ދިއުމާއި، ކޮރަޕްށަނަށް މަގުފަހިނުވާނެ ގޮތުގެމަތިން އެފަރާތްތަކުގެ ޢަމަލުތައް ހުންނާނެގޮތަށް، އެމީހުންގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތުގެ އަހްލާގާއި ކޮމިށަނުގެ އިދާރީ އުސޫލުތައް ބައްޓަންކުރަމުން ދިއުން؛
  14. ކޮމިށަނުގެ މުވައްޒަފުންނާއި ކޮމިށަނުގެ މެންބަރުން ކޮރަޕްށަންގެ ޢަމަލުތަކުން ދުރުކުރުމަށްޓަކައި ހިންގަންޖެހޭ އުސޫލުތައް ހިންގުމާއި، އެމީހުންނަށް ތަޢުލީމާއި ތަމްރީނުދިނުމާއި، ނުހައްގު މުއްސަނދިކަމުން ސަލާމަތްވެތިބޭކަން ކަށަވަރުކުރުމުގެ ގޮތުން އެމީހުންގެ މާލީ ހާލަތަށް ސަމާލުވެ ތިބުމާއި، ކޮރަޕްށަނުން ރައްކާތެރިވެގެންވާ ނަމޫނާއެއް ކޮމިށަނުގެ މެންބަރުން ދެއްކުން؛
  15. ކޮމިށަނުގެ މެންބަރެއް ކަމުގައިވީނަމަވެސް ނުވަތަ މުވައްޒަފެއް ކަމުގައިވީނަމަވެސް، ސުލޫކީ ހަމަތަކާ ހިލާފަށް ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލަން އަންގާނަމަ ނުވަތަ ބާރުއަޅާނަމަ ނުވަތަ މަޖުބޫރުކުރުވާނަމަ، ނުވަތަ މުވައްޒަފުގެ މަސައްކަތް ނަޒާހަތްތެރިކަމާއެކު ކުރިއަށްގެންދިއުމަށް ހުރަސްއެޅޭފަދަ ނުރަނގަޅު ނުފޫޒެއް ފޯރުވާނަމަ، ލަސްނުކޮށް ޕްރޮސިކިއުޓަރ ޖެނެރަލަށާއި އެންޓި-ކޮރަޕްށަން ކޮމިށަނަށާއި އަދި ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަހެޅުން؛ އަދި
  16. ކޮމިށަނަށް މައްސަލައެއް ހުށަހަޅާ އެއްވެސް މީހަކާމެދު ނުރަނގަޅު ގޮތަކަށް، އެއްވެސް ކަމެއް ނުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޒިންމާތަކަކީ، ކޮމިށަނުގެ ރައީސާއި ކޮމިށަނުގެ މެންބަރުންނާއި ކޮމިށަނުގެ މުވައްޒަފުންގެވެސް ވަޒީފާގެ މައިގަނޑު އެއް އަސާސް ކަމުގައި ބެލެވޭނެއެވެ. އެއީ، ވަޒީފާގެ އެއްބަސްވުމެއް ނެތްނަމަވެސް، އަދި އޮތް ވަޒީފާގެ އެއްބަސްވުމުގައި އެއިން ކަމެއް ހިމެނިފައިނުވި ނަމަވެސްމެއެވެ. އަދި، އެއިން ކަމަކާ ހިލާފުވުމަކީ، އެމީހަކާމެދު ތައުދީބީ ފިޔަވަޅު އެޅުމުގެ ހާލަތެއް އުފަންވުން ކަމުގައި ބެލެވޭނެއެވެ.

 

18-8 ވަނަ މާއްދާ - ސިޔާސަތުތައް އެކަށައެޅުން (އިތުރު ކުރެވިފައި)

މި ގާނޫނުގެ 7-18 ވަނަ މާއްދާގައި ބަޔާންވެގެންވާ ހަމަތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ސިޔާސަތުތަކާއި އުސޫލުތަކާއި ތަމްރީނުތަކާއި ހަމަތަކާގުޅޭ ތަފްސީލުތައް ކޮމިށަނުން އެކުލަވާލައި މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮމިށަނުން އެކުލަވާލައި ތަންފީޒުކުރަންވާނެއެވެ. އަދި އެ ހަމަތަކަށް ޢަމަލުކުރުމުގައި ކުރުން ހުއްދަވެގެންވަނީ ކޮން ކަމެއްކަން ނުވަތަ މަނާވެގެންވަނީ ކޮން ކަމެއްކަން އެނގޭނެ މިންވަރަށް އެ ހަމަތައް ތަފްސީލުކޮށްދޭންވާނެއެވެ.

 

18-9 ވަނަ މާއްދާ - ސުލޫކީ ހަމަތަކަށް ތަބާވުން (އިތުރު ކުރެވިފައި)

(ހ) ކޮމިށަނުގެ މެންބަރުން އެމީހުންގެ މަގާމުގެ ވާޖިބު އަދާކުރުމުގައި، މި ގާނޫނުގައި ބަޔާންވެގެންވާ ސުލޫކީ ހަމަތަކުގެ އެންމެމަތީ މިންގަނޑުގައި ހިފަހައްޓައި، އެހެން މީހުންނަށްވެސް އެ ހަމަތަކަށް ތަބާވާކަން އެނގޭ މިންވަރަށް،  ހުރިހާ ހާލަތެއްގައިވެސް އެ ހަމަތަކަށް ތަބާވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ސުލޫކީ ހަމަތަކަށް ކޮމިށަނުގެ މެންބަރުން ތަބާވުން އެ އަކުރުގެ ދަށުން ލާޒިމުކުރާ ފަދައިން، ކޮމިށަނުގެ މުވައްޒަފުންވެސް އެ ސުލޫކީ ހަމަތަކަށް ތަބާވާކަން، ކޮމިށަނުގެ ރައީސް ކަށަވަރުކުރަންވާނެއެވެ.

(ނ) ކޮމިށަނުގެ މެންބަރުން ވަކިވަކި ފަރުދުންގެ ހައިސިއްޔަތުންނާއި ކޮމިށަނެއްގެ ހައިސިއްޔަތުން ކޮމިށަނުގެ މިނިވަންކަމާއި، އަބުރުވެރިކަމާއި، ހަމަހަމަކަމާއި އަހްލާގީ އަދި ސުލޫކީ މިންގަނޑުތައް ހިފަހައްޓަންވާނެއެވެ.

 

18-10 ވަނަ މާއްދާ - ސުލޫކީ ހަމަތަކާ މެންބަރުން ހިލާފުވުން (އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގައި ބަޔާންވެގެންވާ ސުލޫކީ ހަމަތަކުގެ ތެރެއިން ހަމައަކާ ކޮމިށަނުގެ މެންބަރަކު ހިލާފުވުމަކީ، މި ގާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމަށް ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއް އުފަންވީ ކަމުގައި ބެލެވޭނެއެވެ.

(ށ) ކޮމިށަނުގެ މެންބަރަކު ސުލޫކީ ހަމަތަކާ ހިލާފަށް ކުރި ކަމަކީ، އޭގައި ޖިނާއީ ކުށެއްގެ ޢަމަލު ހިމެނިގެންވާ ކަމެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅު އެޅުމަކީ، ޖިނާއީ ދަޢުވާއެއް އޭނާގެ މައްޗަށް ކުރުމަށް އޮތް ހުރަހެއް ނޫނެވެ.

(ނ) ކޮމިށަނުން ނިންމާ ނިންމުމުގައި ބައިވެރިވި މެންބަރެއް ނުވަތަ މުވައްޒަފެއް މި ގާނޫނުގައި ބަޔާންކޮށްފައިވާ ސުލޫކީ ހަމަތަކާ ހިލާފަށް ކަމެއް ކުރިކަމަށް ނުވަތަ މި ގާނޫނުގެ މާއްދާއަކާ ހިލާފަށް ކަމެއް ކުރިކަމަށް ކޮމިށަނުން ކަނޑައަޅައިފިނަމަ، އެ މެންބަރަކު ނުވަތަ އެ މުވައްޒަފަކު ބައިވެރިވެގެން ކޮމިށަނުން ނިންމާފައިވާ ނިންމުމެއް އަލުން މުރާޖަޢާ ކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

18-11 ވަނަ މާއްދާ - ސުލޫކީ ހަމަތަކާ މުވައްޒަފުން ހިލާފުވުން (އިތުރު ކުރެވިފައި) 

(ހ) ކޮމިށަނުގެ މުވައްޒަފަކު މި ގާނޫނުގެ 7-18 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ސުލޫކީ ހަމަތަކުގެ ތެރެއިން ހަމައަކާ ހިލާފުވެއްޖެނަމަ، އެ ހިލާފުވި މިންވަރެއްގެ ކުޑަބޮޑު މިނަށް ބަލައި، އެ މުވައްޒަފަކާމެދު ކޮމިށަނުގެ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި ކޮމިށަނުގެ މުވައްޒަފުން ސުލޫކާ ހިލާފުވެގެން އެ މުވައްޒަފުންނާމެދު އެޅޭނެ ފިޔަވަޅުތައް، މި ގާނޫނުގެ ދަށުން ހަދާ ކޮމިށަނުގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) ކޮމިށަނުގެ މުވައްޒަފަކު ސުލޫކީ ހަމަތަކާ ހިލާފަށް ކުރިކަމަކީ، އޭގައި ޖިނާއީ ކުށެއްގެ ޢަމަލު ހިމެނިގެންވާ ކަމެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނުގެ މުވައްޒަފުންގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އެޅުމަކީ، އޭނާގެ މައްޗަށް ޖިނާއީ ދަޢުވާއެއް ކުރުމަށް އޮތް ހުރަހެއް ނޫނެވެ.

 

18-12 ވަނަ މާއްދާ - ކޮމިށަނުން ޖަވާބުދާރީވުން (އިތުރު ކުރެވިފައި)

ކޮމިށަނުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން، އެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، ޖަވާބުދާރީވެ، އެމީހުންގެ މަސްއޫލިއްޔަތާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގައި ޒިންމާ އުފުލަންވާނެއެވެ. އަދި ކޮމިށަން ހިނގަމުންދާ ގޮތާ ގުޅޭގޮތުން، ނުވަތަ ކޮމިށަނުން ކުރަމުންދާ ކަމަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުން ހޯދައި ބަލަންޖެހޭ ކޮންމެ ކަމެއްގައި، އީޖާބީގޮތެއްގައި އެއްބާރުލުން ދޭންވާނެއެވެ.

 

18-13 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ރެކޯޑު ބެލެހެއްޓުން (އިތުރު ކުރެވިފައި)

(ހ) ކޮމިށަނުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަކުރުން އަކުރަށް ލިޔެ ބަލަހައްޓަންވާނެވެ. އަދި އެ ބައްދަލުވުންތަކުގެ އޯޑިއޯ ރެކޯޑިންގ ބަލަހައްޓަންވާނެއެވެ.   

(ށ) ޔައުމިއްޔާ ލިޔެ ތައްޔާރުކުރަންވާނީ، މެންބަރުން ދައްކާ ވާހަކައަށް އުނިއިތުރެއް ނުގެނެސް، ކޮމިށަނުގެ މެންބަރަކު ދައްކާ ވާހަކައެއް، އެ ދެއްކި ގޮތަކަށް ޔައުމިއްޔާއިން ފެންނާނެ، އަދި ޖަލްސާގައި ކަންހިނގާދިޔަގޮތް ސާފުކޮށް އެނގޭނެ ގޮތުގެމަތިންނެވެ.

(ނ) ކޮމިށަނުން އެއްވެސް ތަހްގީގެއް ހިންގައިފިނަމަ ނުވަތަ އެއްވެސް ހެކިބަހެއް ހޯދައިފިނަމަ، އަކުރުން އަކުރަށް ޔައުމިއްޔާކުރަންވާނެއެވެ. އަދި އެ ތަހްގީގުގެ އޯޑިއޯ ރެކޯޑިންގ ބަލަހައްޓަންވާނެއެވެ.

(ރ) ކޮމިށަނުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާގައި، ކޮމިށަނުގެ މެންބަރުންގެ ހާޒިރީއާއި ވޯޓުދިން ގޮތުގެ ތަފްސީލު ހިމަނަންވާނެއެވެ.

(ބ) ކޮމިށަނުގެ ބައްދަލުވުންތަކުގެ ހާޒިރީ ކޮންމެ މަހަކު އެއްފަހަރު ކޮމިށަނުގެ ވެބްސައިޓުގައި ށާއިޢުކުރަންވާނެއެވެ.

(ޅ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އޮތްނަމަވެސް، މި މާއްދާގެ (ހ) އަދި (ނ) ގައިވާ ލިޔެކިޔުންތަކާއި ރެކޯޑިންގތައް މަދުވެގެން 10 (ދިހައެއް) އަހަރުދުވަސް ވަންދެން ކޮމިށަނުން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

 

19 ވަނަ މާއްދާ - ރިޕޯޓު ހުށަހަޅަންޖެހޭ ފަރާތް

މި ގާނޫނުގެ 18 ވަނަ މާއްދާގެ (އ) އަދި (ފ) ގެ ދަށުން ކޮމިށަނުންކުރާ ތަހުގީގަށްފަހު އެކުލަވާލެވޭ ރިޕޯޓު ހުށަހަޅަންޖެހޭ ފަރާތްތަކަކީ:-

  1. ތަހުގީގުކުރެވޭ އޮފީހެއްގެ އިސްވެރިޔަކީ ވަޒީރެއްނަމަ، ރައީސުލްޖުމްހޫރިއްޔާއަށް.
  2. ތަހުގީގުކުރެވޭ އޮފީހެއްގެ އިސްވެރިޔަކީ އެ އޮފީހެއް ހިންގުމާ ހަވާލުވެހުރި އެންމެ އިސްވެރިޔާނަމަ، އެ އޮފީހެއް ޖަވާބުދާރީވާންޖެހޭ މިނިސްޓްރީއެއްގެ މިނިސްޓަރަށް، ނުވަތަ އެފަދަ ވުޒާރާއެއް ނެތްނަމަ، ރައީސުލްޖުމްހޫރިއްޔާއަށް.

 

20 ވަނަ މާއްދާ – ކޮމިށަނުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް

ސިވިލް ސަރވިސް ކޮމިށަނުގެ މެންބަރުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

 

21 ވަނަ މާއްދާ – ކޮމިށަނަށް މުވައްޒަފުން އައްޔަނުކުރުން

ސިވިލް ސަރވިސް ކޮމިށަނުގެ އިދާރީ ކަންތައްތައް ބެލެހެއްޓުމަށާއި، ކޮމިށަނަށް އެހީވުމަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާދީ، އެއް މަގާމުން އަނެއް މަގާމަށް ބަދަލުކޮށް، އެމީހުން ވަޒީފާއިން ވަކިކުރާނީ، އެކަމަށް ސިވިލް ސަރވިސް ކޮމިށަނުން އެކުލަވާލާ ގަވާއިދެއްގެ މަތިން ސިވިލް ސަރވިސް ކޮމިށަނުންނެވެ.

 

22 ވަނަ މާއްދާ – ކޮމިށަނުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް

ކޮމިށަނުގެ މުވައްޒަފުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް،  މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަށްވަރާއާއެކު ކަނޑައަޅާނީ ސިވިލް ސަރވިސް ކޮމިށަނުންނެވެ.

 

23 ވަނަ މާއްދާ – ތަޖުރިބާކާރުންނާއި ލަފާދޭމީހުންގެ އެހީ ހޯދުން

(ހ) ސިވިލް ސަރވިސްގެ މަސައްކަތުގައި، ވަކި ހާއްސަ ދާއިރާއަކުން ފަންނީ އެހީ ބޭނުންވެއްޖެ ހިނދެއްގައި، އެފަދަ އެހީ، ކޮންޓްރެކްޓް އުސޫލުން ހޯދުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ހިދުމަތް ހޯދަންވާނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ލަފާގެމަތިން، އެ ހިދުމަތުގެ އަގު އަދާކުރެވޭނެގޮތް ހަމަޖެއްސުމަށް ފަހުގައެވެ.

 

24 ވަނަ މާއްދާ - ކޮމިށަނުގެ އަހަރީ ރިޕޯޓު

(ހ) ކޮންމެ މާލީއަހަރެއް ނިމުމުން، އެއަހަރު ސިވިލް ސަރވިސް ކޮމިށަނުގެ މަސައްކަތްތައް ހިނގިގޮތުގެ ރިޕޯޓެއް، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އަހަރު ނިމޭތާ 2 މަސް ދުވަހުގެ ތެރޭގައި ސިވިލް ސަރވިސް ކޮމިށަނުގެ ރައީސް ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި އެއަހަރުގެ ތެރޭގައި ސިވިލް ސަރވިސްގެ ކަންތައްތައް ހިނގިގޮތް ހިމެނިފައި އޮންނަންވާނެއެވެ. މީގެތެރޭގައި ދިވެހި ސިވިލް ސަރވިސްގެ ކަންތައްތައް އިސްލާހުކޮށް، ތަރައްގީކުރުމަށް ކުރެވުނު މަސައްކަތްތަކާއި، ކުރިމަގަށް ރާވާފައިވާ ކަންތައްތައް ހިމަނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ތައްޔާރު ކުރުމަށްޓަކައި ކޮމިށަނަށް ބޭނުންވާ މަޢުލޫމާތުތައް އޮފީސްތަކުގެ ޒިންމާދާރު އިސްވެރިން ސިވިލް ސަރވިސް ގަވާއިދުގައިވާ ގޮތުގެމަތިން، ކޮމިށަނަށް ފޮނުވަންވާނެއެވެ.

 

25 ވަނަ މާއްދާ - ހާއްސަ ރިޕޯޓު

ކޮމިށަނުގެ މަސައްކަތުގެ ދާއިރާއާއި ބާރުތަކުގެތެރޭގައި ހިމެނޭ ކަމެއްގައި ރައްޔިތުންގެ މަޖިލީހަށް އަވަސް ގޮތެއްގައި ހުށަހަޅަންޖެހޭކަމަށް ކޮމިށަނަށް ފެނިއްޖެކަމެއް، އަހަރީ ރިޕޯޓު ހުށަހަޅަންޖެހޭ ތާރީހާ ހަމައަށް ލަސްނުކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

ޗެޕްޓަރ 3

ދިވެހި ސިވިލް ސަރވިސްގެ ހިދުމަތުގެ މިންގަނޑުތައް

26 ވަނަ މާއްދާ – ސިވިލް ސަރވިސްގެ މުވައްޒަފުންގެ ދައުރު

ދިވެހި ސިވިލް ސަރވިސްގައި ހިދުމަތްކުރާ މުވައްޒަފުންގެ ދައުރަކީ، ތެދުވެރިކަމާއި ޢިހްލާސްތެރިކަމާއެކު، ވަކިފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތްކުރުމެއްނެތި ސަރުކާރުން އެކަށައަޅާ ސިޔާސަތުތަކާއި، ހިންގާ ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެދިނުމެވެ. މިގޮތުން އެންމެހައި ސިޔާސީ ނުފޫޒުތަކުން އެއްކިބާވެތިބެ، އެ ހިނދަކު ވެރިކަން ހިންގުމާ ހަވާލުވެއޮތް ސަރުކާރެއްގެ ސިޔާސަތު

އެކަށައެޅުމުގައާއި، އެ ސިޔާސަތުތަކަށް އަމަލީސިފަ ގެނައުމުގައި އެހީތެރިވެދޭން ވާނެއެވެ.

 

27 ވަނަ މާއްދާ - ހިދުމަތްކުރުމުގެ އުސޫލުތައް

ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުން ސަރުކާރަށް ހިދުމަތް ކުރުމުގައި ޢަމަލުކުރަންވާނީ ތިރީގައިވާ އުސޫލުތަކުގެ މަތިންނެވެ.

(ހ) އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހެއްގައި އެމީހަކު ރިޕޯޓުކުރަންޖެހޭ ފަރާތްތަކަށާއި، އެ އޮފީހެއްގެ އެންމެ އިސްފަރާތަކަށާއި، އެ އޮފީހެއްގައި ދިވެހި ސިވިލް ސަރވިސް ތަމްސީލުކުރާ އެންމެ އިސް ފަރާތަކަށް ޖަވާބުދާރީވުން.

(ށ) އެ މުވައްޒަފެއްގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ގާނޫނުތަކާއި، ދިވެހިރާއްޖެ ބައިވެރިވާ، އަދި، ދިވެހިރާއްޖެއިން ޢަމަލުކުރަންޖެހޭ ބައިނަލްއަގްވާމީ މުޢާހަދާތަކާއި، އެއްބަސްވުންތަކަށް ހުރުމަތްތެރިކޮށް ހިތުން.

(ނ) އެ މުވައްޒަފެއްގެ ޒިންމާތައް އަދާކުރުމުގައި އެ މުވައްޒަފެއްގެ މަސައްކަތުގެ ދާއިރާގެ ޕްރޮފެށަނަލް މިންގަނޑުތަކެއް

އެކުލަވާލެވިފައިވާނަމަ، އެ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުން.

 

28 ވަނަ މާއްދާ – މަޢުލޫމާތު ހާމަކުރުމުގެ އުސޫލުތައް

ދިވެހި ސިވިލް ސަރވިސްގައި ވަޒީފާއަދާކުރާ މުވައްޒަފުން، އެމީހުންގެ ވަޒީފާގެ ވާޖިބުތައް އަދާކުރުމުގައާއި، މަޢުލޫމާތު ހާމަކުރުމުގައި ޢަމަލުކުރަންވާނީ ތިރީގައިވާ އުސޫލުތަކުގެ މަތިންނެވެ.

(ހ) ގާނޫނާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، މަޢުލޫމާތު ދޭންޖެހޭ ކޮންމެ ހާލަތެއްގައި ތެދު މަޢުލޫމާތު ދިނުން.

(ށ) މި މާއްދާގެ (ހ) ގައި ވާގޮތަށް، އެކިފަރާތްތަކަށް ފޯރުކޮށްދެވޭ މަޢުލޫމާތު ފޯރުކޮށްދިނުމުގައި، ޖެހިލުންވުމެއްނެތި، ނިންމުންތައް ނިންމާ ފަރާތަށް އެ ނިންމުން ނިންމުމަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ލިބިދިނުން.

(ނ) މި މާއްދާގެ (ހ) ގައި ވާގޮތަށް، އެކިފަރާތްތަކަށް ފޯރުކޮށްދެވޭ މަޢުލޫމާތު ފޯރުކޮށްދިނުމުގައި، ފައިދާއެއް ހޯދުމުގެ ބޭނުމުގައި އެފަދަ ފައިދާއެއް ހޯދަން މަގުފަހިވާގޮތަށް ވަކިމަޢުލޫމާތެއް ފޯރުކޮށްދީގެން ނުވާނެއެވެ. ނުވަތަ އެ ބޭނުމުގައި އެފަދަ މަޢުލޫމާތެއް ފޯރުކޮށްނުދީ ހިފަހައްޓައިގެން ނުވާނެއެވެ.

(ރ) ސިވިލް ސަރވިސްގެ އެއްވެސް މުވައްޒަފަކު، އެނގިހުރެ ގަސްތުގައި، އެއްވެސް މަޢުލޫމާތެއް، އެއްވެސް ފަރާތަކަށް އޮޅުވާލައިގެން ނުވާނެއެވެ.

(ބ) ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ އެއްވެސް މުވައްޒަފަކު، އެ މުވައްޒަފެއްގެ ރަސްމީ މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ މަޢުލޫމާތެއް، އެ މަޢުލޫމާތެއް ހާމަކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެމަތިން، އެ މުވައްޒަފެއްގެ ރަސްމީ ހައިސިއްޔަތުން މެނުވީ ހާމަކޮށްގެން ނުވާނެއެވެ.

 

29 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

(ހ) ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު، ސަރުކާރުން ސިއްރު ލިޔުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ލިޔުންތަކާއި، ސިއްރު ލިޔުމެއްގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ އެއްވެސް ލިޔުމެއް ހާމަކޮށްގެންނުވާނެއެވެ.

(ށ) ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު، ސަރުކާރުގެ އިދާރާތަކުގެ މެދުގައި މުޢާމަލާތުކުރެވޭ "ސިއްރު" ގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތަކާއި، ސަރުކާރުގެ އިދާރާތަކަށް ލިބޭ "ސިއްރު" ގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ހާމަކޮށްގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި މިގޮތަށް ބަޔާންކުރެވިފައި ވީނަމަވެސް، އެ މާއްދާގައި ބަޔާންކޮށްފައިވާފަދަ ސިއްރެއް ގާނޫނީގޮތުން ހާމަކުރަން ޖެހިއްޖެ ހާލަތެއްގައި، ހާމަކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

 

30 ވަނަ މާއްދާ – ގަވާއިދާ ހިލާފަށް ހިންގާ ކަންތައްތައް ރިޕޯޓްކުރުން

(ހ) ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު، ގާނޫނާ ގަވާއިދާ ހިލާފު ކަމެއް ކުރާކަމަށް ނުވަތަ ކުރަންއުޅޭކަމަށް ތުހުމަތު ކުރެވިއްޖެނަމަ، އެ އޮފީހެއްގެ ޒިންމާދާރު އިސްވެރިޔާއަށް، އެކަމެއް އަންގަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) އަކުން، ގާނޫނާ ހިލާފަށް ހިންގާ ކަންތައްތައް، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަކަށް ހުރަހެއްނާޅައެވެ.

 

31 ވަނަ މާއްދާ – ގަވާއިދާ ހިލާފަށް ހިނގާ ކަންތައްތައް ކޮމިށަނަށް ރިޕޯޓްކުރުން

މި ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެމަތިން މުވައްޒަފަކު އޮފީހުގެ ޒިންމާދާރު އިސްވެރިޔާއަށް ހުށަހެޅި މައްސަލައެއްގައި އެ މުވައްޒަފަކު ހިތްހަމަޖެހޭ ނަތީޖާ ހާސިލު ނުވެއްޖެނަމަ، އެ މައްސަލަ ލިޔުމަކުން ސިވިލް ސަރވިސް ކޮމިށަނަށް ހުށަހެޅުމުގެ އިހްތިޔާރު އެ މުވައްޒަފަކަށް ލިބިގެންވެއެވެ.

 

32 ވަނަ މާއްދާ – ކޮމިށަނުގެ ނިންމުންތަކަށް އަމަލުކުރުން

މި ގާނޫނުގެ 31 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ހުށަހެޅޭ މައްސަލައެއް ސިވިލް ސަރވިސް ކޮމިށަނުން ނިންމާ ގޮތާދޭތެރޭ މުވައްޒަފުން ޢަމަލުކުރަން ޖެހޭނީ ތިރީގައިވާ ގޮތްތަކުންކުރެ އެއްގޮތަށެވެ.

(ހ) ސިވިލް ސަރވިސް ކޮމިށަނުގެ ނިންމުމަކީ އެ މުވައްޒަފަކަށް ގަބޫލުކުރެވޭ ނިންމުމެއްނަމަ ވަޒީފާގެ ވާޖިބުތައް އަދާކުރުމުގައި ދެމިހުރުން.

(ށ) ސިވިލް ސަރވިސް ކޮމިށަނުގެ ނިންމުމަކީ އެ މުވައްޒަފަކު ގަބޫލުކުރާ ނިންމުމެއްކަމަށް ނުވާނަމަ، އެ މައްސަލައެއް، ވަޒީފާއާބެހޭ ޓްރައިބިއުނަލަކަށް ހުށަހެޅުން.

 

33 ވަނަ މާއްދާ – ސިވިލް ސަރވިސްގެ މުވައްޒަފުން ކޯޑް އޮފް ކޮންޑަކްޓަށް ޢަމަލުކުރުން ލާޒިމްވުން

ދިވެހި ސިވިލް ސަރވިސްގައި ވަޒީފާއަދާކުރާ މުވައްޒަފުން ޢަމަލުކުރަންވާގޮތުގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް، ސިވިލް ސަރވިސްގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކުވެސް ޢަމަލުކުރަންވާނެއެވެ.

 

34 ވަނަ މާއްދާ – މި ގާނޫނާއި، ސިވިލް ސަރވިސް ގަވާއިދާ، ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވުން

(ހ) މި ގާނޫނާއި، ސިވިލް ސަރވިސްގެ ގަވާއިދާއި، ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެފައިވާ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފަކާމެދު، އެމީހަކު ކުރި ކުށެއްގެ ކުޑަ ބޮޑުމިނަށް ބަލައިގެން ދިވެހި ސިވިލް ސަރވިސް ގަވާއިދުގައި ކަނޑައަޅާފައިވާގޮތުގެ މަތިން، ކޮމިށަނުން ތިރީގައިވާ ގޮތްތަކުން ކުރެ ގޮތަކަށް ޢަމަލު ކުރެވިދާނެއެވެ.

  1. ނަސޭހަތް ދިނުން.
  2. އިންޒާރުކުރުން.
  3. ހަވާލުކޮށްފައިވާ މަސައްކަތް ބަދަލުކުރުން.
  4. ޖޫރިމަނާކުރުން.
  5. ވަޒީފާގެ ފަންތީގައި އެ މުވައްޒަފެއްގެ މަގާމު ދަށްކުރުން.
  6. ވަޒީފާއިން ވަކިކުރުން.

(ށ) ސިވިލް ސަރވިސްގެ މުވައްޒަފެއް، މި ގާނޫނާއި، ސިވިލް ސަރވިސް ގަވާއިދާއި، ސިވިލް ސަރވިސް ކޯޑް އޮފް ކޮންޑަކްޓާ ހިލާފު ވެއްޖެކަން ކަނޑައަޅައި، އެކަމަކާ ގުޅިގެން އަޅާނެ ފިޔަވަޅެއް ނިންމާނީ އެމީހަކު ކުރި ކުށެއްގެ ކުޑަ ބޮޑު މިނަށް ބަލައިގެން ދިވެހި ސިވިލް ސަރވިސް ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

 

35 ވަނަ މާއްދާ – ގަވާއިދާ ހިލާފު ކަންތައްތައް ރިޕޯޓުކުރާ ފަރާތްތަކަށް ލިބިދެވޭ ހިމާޔަތް

މި ގާނޫނާއި، ދިވެހި ސިވިލް ސަރވިސް ގަވާއިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ މުވައްޒަފަކު ހިލާފުވެއްޖެކަމަށް ތުހުމަތުކުރެވިގެން ނުވަތަ ހިލާފުވެއްޖެކަމަށް ގަބޫލުކުރެވިގެން އެކަން، އެ އޮފީހެއްގެ ޒިންމާދާރު އިސްވެރިޔާއަށް ނުވަތަ ސިވިލް ސަރވިސް ކޮމިށަނަށް ރިޕޯޓުކުރި މުވައްޒަފަކާބެހޭ އެއްވެސް މަޢުލޫމާތެއް އެއްވެސް މުއައްސަސާއަކުން ހާމަކޮށްގެންނުވާނެއެވެ. އަދި، އެފަދަ ރިޕޯޓެއްކުރިކަން ދެނެހުރި އެއްވެސް މީހަކު، އެ މުވައްޒަފަކާ މެދުގައި ނިކަމެތިކޮށްހިތައި، ނުވަތަ އެ މުވައްޒަފަކު ނިކަމެތިކުރުމުގެ ގޮތުން ތަފާތުކުރުމެއް ގެންގުޅެގެން ނުވާނެއެވެ.

 

36 ވަނަ މާއްދާ – މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި މަގްސަދެއް ހާސިލްކުރުން މަނާކުރުން

މި ގާނޫނު ނުވަތަ ދިވެހި ސިވިލް ސަރވިސް ގަވާއިދުގެ ދަށުން، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާގުޅޭ މަސައްކަތްތައްކޮށް، ސިވިލް ސަރވިސްގެ މުވައްޒަފުންނާގުޅޭ ކަންތައްތައް ތަންފީޒުކުރާ މުވައްޒަފަކު، އެމަސައްކަތްކުރަނީ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އަމިއްލަ ބޭނުމެއް ހާސިލުކުރުމުގެ މަގްސަދުގައިކަމަށް ވެގެން ނުވާނެއެވެ. 

 

ޗެޕްޓަރ 4

ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން 

37 ވަނަ މާއްދާ – މުވައްޒަފުންނަށް ވަޒިފާ ދިނުމާއި ވަކިކުރުން

ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި އެއްވަޒީފާއިން އަނެއް ވަޒީފާއަށް ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ސިވިލް ސަރވިސް ކޮމިށަނަށެވެ.

 

38 ވަނަ މާއްދާ – ވަޒީފާ ދިނުމުގެ އަސާސީ މިންގަނޑު

(ހ) ދިވެހި ސިވިލް ސަރވިސްގެ މަގާމަކަށް ސިވިލް ސަރވިސްގައި ހިމެނޭ މީހަކުވިޔަސް އަދި ނުހިމެނޭ މީހަކުވިޔަސް ޢައްޔަނު ކުރަންވާނީ ސިޔާސީ ނުފޫޒުތަކުން އެކަހެރިވެފައިވާ ގޮތެއްގައި މެރިޓް އަކީ އަސާސީ މިންގަނޑު ކަމަށް ބަލައިގެންނެވެ.

(ށ) އަސާސީ މިންގަނޑަކީ މެރިޓް ކަމަށް ބަލައިގެން ވަޒީފާ ދިންކަމަށް ބެލެވޭނީ އެ މުވައްޒަފު ޢައްޔަނު ކުރެވިފައިވަނީ ތިރީގައިވާ ގޮތަށްކަމުގައިވާ ނަމައެވެ.

  1. ޢައްޔަނު ކުރެވުނު މީހަކީ ވަޒީފާގެ ށަރުތުތައް ފުރިހަމަވާ މީހެއްކަމުގައިވުން.
  2. ޢައްޔަނު ކުރެވުނު މީހަކީ އެމީހެއްގެ ތަޢުލީމީ ފެންވަރަށާއި، މަސައްކަތުގެ ހުނަރަށް އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން ޢައްޔަނު ކުރެވިފައިވާ، މީހަކު ކަމުގައިވުން.

 

39 ވަނަ މާއްދާ – ވަޒީފާގެ ކުރިއެރުން ދިނުމުގައި ބަލަންޖެހޭ ކަންތައްތައް

ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފަކަށް ވަޒީފާގެ ކުރިއެރުން ދިނުމުގައި ބަލާނީ ތިރީގައިވާ ކަންކަމަށެވެ.

(ހ) މަގާމުގެ މަސްއޫލިއްޔަތުތަކަށް އެ މުވައްޒަފަކު އެކަށީގެންވާ މިންވަރު.

(ށ) އެ މުވައްޒަފެއްގެ ތަޢުލީމީ ފެންވަރާއި، ތަޖުރިބާ.

(ނ) އޮފީހުގެ މަގްސަދު ހާސިލުކުރުމަށް މުވައްޒަފު ހިއްސާކޮށްފައިވާ މިންވަރު.

(ރ) މުވައްޒަފު ހުރި މަގާމުގެ ވާޖިބުތައް އަދާކޮށްފައިވާ މިންވަރާއި ފެންވަރު.

 

40 ވަނަ މާއްދާ - ވަޒީފާގެ ގިންތި ކަނޑައެޅުން

(ހ) ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަޒީފާ ދޭންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ ތެރެއިން ގިންތިއަކަށް ފެތޭގޮތަށެވެ.

  1. ގިންތި  : 1ދާއިމީ މުވައްޒަފުން.
  2. ގިންތި  : 2ވަގުތީ މުވައްޒަފުން.

(ށ) މި މާއްދާގެ (ހ) ގެ (2) ގައި ބަޔާންކޮށްފައިވާ "ގިންތި" އަށް ފެތޭގޮތަށް ވަޒީފާދެވޭނީ ސަރުކާރު ހިންގުމުގެ ނިޒާމުގެ ތެރެއިން ނުކުންނަ ވަގުތީ ބޭނުންތައް ފުއްދުމަށް، ކަނޑައެޅޭ ވަކި މުއްދަތަކަށް ނުވަތަ ކަނޑައެޅޭ ވަކި މަސައްކަތެއް ކުރުމަށެވެ.

(ނ) މި މާއްދާގެ (ހ) ގެ (1) އަދި (2) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވަޒީފާ ލިބިދެވޭ ހާލަތުތައް، ސިވިލް ސަރވިސް ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. މިގޮތުން ވަޒީފާގެ ޕްރޮބޭށަންގެ މުއްދަތާއި، އެ މުއްދަތުގެ ތެރޭގައި ޢަމަލުކުރެވޭނެގޮތާއި އެ މުއްދަތު އިތުރުކުރެވިދާނެ ހާލަތުތައް ބަޔާންކުރަންވާނެއެވެ.

 

41 ވަނަ މާއްދާ – ވަޒީފާއަށް އައްޔަނު ކުރުމުގެ ށަރުތުތައް

(ހ) ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް ޢައްޔަނު ކުރެވޭނީ، ތިރީގައިމިވާ ށަރުތުތައް ފުރިހަމަވާ މީހުންނެވެ.

  1. ދިވެހި ރައްޔިތަކަށްވުން.
  2. އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެނގޭ މީހަކުކަމުގައިވުން.
  3. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ވަޒީފާއިން މުސްކުޅިކޮށްފައިވާ ފަރާތަކަށް ނުވުމާއި، އުމުރުން 60 (ފަސްދޮޅަސް) އަހަރަށްވުރެ ދޮށީ އުމުރުގެ މީހަކު ކަމުގައި ނުވުން؛ (އިސްލާހު ކުރެވިފައި)
  4. ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކުށެއް ކުރިކަން ސާބިތުވެ، ހުކުމެއް ކުރެވިފައިވާ މީހެއްނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ 3 (ތިނެއް) އަހަރުދުވަސް ވެފައިވުން؛ (އިސްލާހު ކުރެވިފައި)
  5. ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ ދަށުން ކަނޑައަޅާފައިވާ ޓެރަރިސްޓް ޖަމާއަތަކަށް ނިސްބަތްވާ ފަރާތެއް ކަމުގައި ނުވުން؛ (އިސްލާހު ކުރެވިފައި)
  6. ވަޒީފާ އަދާކުރަންޖެހޭ އޮފީހުގެ ޒިންމާދާރު އިސްވެރިޔާއަކީ، ވަޒީފާއަށް ކުރިމަތިލާ މީހާގެ މަންމައަށް، ބައްޕައަށް، ދަރިއަކަށް، އަންބަކަށް، ފިރިއަކަށް، އެއްބަނޑުއެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް ނުވަތަ އެއްބަފާ މީހަކަށް ނުވުން.
  7. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން އިންތިހާބު ކުރެވޭ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.

(ށ) ވަޒީފާއަށް ޢައްޔަނު ކުރެވޭ ފަރާތްތަކަށް ވަޒީފާ ދިނުމުގެކުރިން ތިރީގައިވާ ކަންތައްތައް ބެލުމަށްފަހު، އެކަށީގެންވާ ގޮތަކަށް ވަޒީފާ އަދާނުކުރެވޭނެކަމަށް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި، އެމީހަކަށް ވަޒީފާ ނުދިނުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

  1. ވަޒީފާ އަދާކުރެވޭވަރުގެ ސިއްހަތެއްގައި ހުރި މީހެއްތޯ.
  2. އަހްލާގީ މިންގަނޑާއި ގައުމީ ސަލާމަތާ ގުޅޭގޮތުން ބަލަންޖެހޭ މިންގަނޑުތަކަށް ފެތޭ މީހެއްތޯ.

(ނ) ސިވިލް ސަރވިސްގެ މަގާމެއްގެ މަސްއޫލިއްޔަތު ދިވެހި ރައްޔިތެއްކަމުގައި ނުވާ މީހަކާ ހަވާލުކުރެވޭނީ، އެ މަގާމުގެ މަސައްކަތަށް އެކަށޭނަ ދިވެއްސަކު ލިބެން ނެތް ހާލަތެއްގައި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

(ރ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި އެހެން އޮތްނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް، ކުޑަކުދިންނާ މުއާމަލާތުކުރަންޖެހޭ ވަޒީފާއެއް ދީގެންނުވާނެއެވެ. (އިތުރު ކުރެވިފައި)

(ބ) މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި އެހެން އޮތްނަމަވެސް، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ، ސަރުކާރުގެ މިނިސްޓްރީއެއްގައި ސީދާ މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ ވަޒީފާއެއް ކަމުގައިނުވެފައި، އެއީ މިނިސްޓްރީއެއްގެ ދަށުން ހިނގާ ވަކި އޮފީހެއްގެ ވަޒީފާއެއް ކަމުގައިވާނަމަ، އަދި އެފަދަ އޮފީހަކީ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ ބެލުމުގެ ދަށުން ހިނގާ ތަނެއް ކަމުގައިނުވެފައި، އެއީ އެހެން ޒިންމާދާރު އިސްވެރިއެއްގެ ބެލުމުގެ ދަށުން ހިނގާ އޮފީހެއް ކަމުގައިވާ ހާލަތުގައި، މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދަ ގުޅުމެއް އޮތް ކަމުގައި ބެލޭނީ، އެ އޮފީހެއްގެ ޒިންމާދާރު އިސްވެރިޔާއާއި ވަޒީފާއަށް ކުރިމަތިލާ ފަރާތާ ދެމެދު އެފަދަ ގުޅުމެއް އޮންނަ ހާލަތުގައެވެ. (އިތުރު ކުރެވިފައި)

(ޅ) ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް ހޮވޭ ފަރާތަކަށް ވަޒީފާ ދިނުމުގެ ކުރިން، އެފަރާތުން މަސައްކަތްކުރަންޖެހޭ އޮފީހުގައި އެފަރާތުގެ މަސައްކަތް ސުޕަވައިޒްކުރުމަށް ކަނޑައަޅާ ފަރާތަކީ ނުވަތަ އެފަރާތުން ރިޕޯޓުކުރަންޖެހޭ ފަރާތަކީ، މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކުރާފަދަ ގުޅުމެއް ވަޒީފާއަށް ހޮވޭ ފަރާތާ ދެމެދު އޮތް ފަރާތަކަށް ވެގެންނުވާނެކަން، ވަޒީފާދޭ ފަރާތުން ކަށަވަރުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

 

42 ވަނަ މާއްދާ - މުވައްޒަފުންގެ ފަންތި

(ހ) މުވައްޒަފުންގެ ފަންތިތައް ކަނޑައަޅާނީ ކޮމިށަނުންނެވެ.

(ށ) އެއްވެސް މުވައްޒަފެއްގެ ފަންތި، އެ މުވައްޒަފަކު ހުރި ފަންތިއަކަށްވުރެ ދަށް ފަންތިއަކަށް އެ މުވައްޒަފުގެ އެދުމަކަށް ނުވަތަ ރުހުމާ އެކުގައި މެނުވީ ބަދަލުކުރެވޭނީ ތިރީގައިވާ ހާލަތުތަކުގައެވެ.

  1. މި ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން އެޅޭ ފިޔަވަޅެއްގެގޮތުން.
  2. އެ މުވައްޒަފަކު ހުރި ފަންތީގައި މަސައްކަތްކުރުމަށް ބޭނުންވާ މުހިންމު ށަރުތެއް މުވައްޒަފުގެ ކިބައިން އުނިވުން.
  3. އެ މުވައްޒަފަކު ހުރި ފަންތީގައި މަސައްކަތް ކުރަންވާ މިންވަރަށް ނުވަތަ ފެންވަރަށް މަސައްކަތް ނުކުރުން.
  4. ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން އެ މުވައްޒަފަކު ހުރި ފަންތީގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ނުކުޅެދުން.
  5. ދިވެހިރާއްޖޭގައި ޢަމަލުކުރާ ގާނޫނުތަކާއި، ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އެހެން ހާލަތެއް މެދުވެރިވުން.

 

43 ވަނަ މައްދާ – މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް

(ހ) ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބިދެވޭ މުސާރައާއި މާލީ އިނާޔަތްތައް ކަނޑައަޅާނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ލަފާގެމަތިން ކޮމިށަނުންނެވެ.

(ށ) މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ މަޢުލޫމާތު ޢާންމުކުރަން ވާނެއެވެ.

(ނ) މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ލަފާގެމަތިން، މި މާއްދާގެ (ހ) ގެ ދަށުން ދެވޭ މުސާރައާއި އިނާޔަތްތައް، ކުރިމަތިވާ ހާއްސަ ހާލަތެއްގެ ސަބަބުން، ބަޔާންވެގެންވާ ވަކިމުއްދަތަކަށް، ބަދަލުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ނިންމާ ނިންމުންތައް، މަދުވެގެން ކޮންމެ 3 މަހަކުން އެއްފަހަރު، ކޮމިށަނުން މުރާޖަޢާކުރަންވާނެއެވެ. އަދި، އެބަދަލު ގެންނަން މެދުވެރިވީ ސަބަބު ނިމުމަކަށް އައިސްފައިވާނަމަ، އެބަދަލުގެ ކުރިން އެމީހަކަށް ލިބެމުންއައި އިނާޔަތްތައް، ކުރިޔެކޭ އެއްފަދައިން ލިބޭނެގޮތް ހަމަޖައްސަންވާނެއެވެ.

 

44 ވަނަ މާއްދާ- މުވައްޒަފުންނާ މަސައްކަތް ހަވާލުކުރުން

އޮފީހުގެ ޒިންމާދާރު އިސްވެރިޔާ، ނުވަތަ އޭނާ ކަނޑައަޅާ މުވައްޒަފަކު، އޮފީހުގެ އެހެން މުވައްޒަފުންނަށް، އެ މުވައްޒަފުންގެ ވަޒީފާގެ ޒިންމާތަކާއި، ވާޖިބުތައް ލިޔުމުން އަންގަންވާނެއެވެ.

 

45 ވަނަ މާއްދާ – މުވައްޒަފުން އެދިގެން އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުން (އިސްލާހު ކުރެވިފައި)

ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުވާން ބޭނުންވާ މުވައްޒަފުން ބަދަލުކުރާނީ، ސިވިލް ސަރވިސްގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

46 ވަނަ މާއްދާ – މުވައްޒަފުން އޮފީހަށް ނިކުތުން މަނާކުރުން

(ހ) މުސާރަ ދޭގޮތަށް ނުވަތަ މުސާރަ ނުދޭގޮތަށް މުވައްޒަފުން އޮފީހަށް ނިކުތުން މަނާކުރުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ކޮމިށަނަށެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މުވައްޒަފަކު އޮފީހަށް ނިކުތުން މަނާކުރަންވާނީ، ސިވިލް ސަރވިސް ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

 

47 ވަނަ މާއްދާ – މުވައްޒަފުން ވަޒީފާއިން ވަކިކުރުން

(ހ) ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން، ވަޒީފާއިން ވަކިކުރެވޭނީ، މި ގާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ކޮމިށަނަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރާނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ސަބަބު ނުވަތަ ސަބަބުތައް، އެ މުވައްޒަފަކަށް ލިޔުމުން އަންގަންވާނެއެވެ.

(ނ) ދިވެހި  ސިވިލް ސަރވިސްގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުން ވަޒީފާއިން ވަކިކުރެވިދާނެ ސަބަބުތައް ތިރީގައި އެވަނީއެވެ.

  1. މި ގާނޫނުގެ 42 ވަނަ މާއްދާގެ (ށ) ގެ (4) އަދި (5) ގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވުން.
  2. ވަޒީފާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ތަމްރީނު ކޯހަކުން ފާސްނުވުން، ނުވަތަ ކޯސް ފުރިހަމަ ނުކުރުން.
  3. މި ގާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވިކަން ސިވިލް ސަރވިސް ކޮމިށަނަށް ސާބިތުވުން.
  4. އެ މުވައްޒަފަކަށް ވަޒީފާ ލިބިފައިވަނީ ވަޒީފާ ދިނުމުގައި މި ގާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައި މުވައްޒަފުން ޢައްޔަނު ކުރުމަށް ހަމަޖެހިފައިވާގޮތާ ހިލާފަށްކަމަށް ސިވިލް ސަރވިސް ކޮމިށަނުން ކުރި ތަހުގީގަކަށް ސާބިތުވުން.
  5. މުވައްޒަފަކު  އެވަޒީފާއިން ވަކިވާން އެދުން.
  6. އެ މުވައްޒަފަކު ނިޔާވުން.
  7. މި ގާނޫނުގެ 51 ވަނަ މާއްދާގެ (ށ) ގައިވާ ހާލަތެއް މެދުވެރިވުން، ނުވަތަ އެހެން ގާނޫނެއްގެ ދަށުން، ދިވެހި ސިވިލް ސަރވިސްގައި ވަޒީފާއަދާ ނުކުރެވޭނެ ހާލަތެއް މެދުވެރިވުން.
  8. ސިވިލް ސަރވިސްގެ އިދާރާއަކުން ކުރަމުން އައި މަސައްކަތެއް ހުއްޓާލަންޖެހުމުގެ ސަބަބުން. (އިތުރު ކުރެވިފައި)

(ރ) ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ، މި ގާނޫނުގެ 40 ވަނަ މާއްދާގައި ބުނެފައިވާ ގިންތި 2 ގެ މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނެ އުސޫލުތަކާއި ސަބަބުތައް ސިވިލް ސަރވިސް ގަވާއިދުގައި ހިމަނަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައިވާ ހާލަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަންވާނީ، މުވައްޒަފަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަކުރަންޖެހޭ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރެވިފައިވާކަން ކަށަވަރުކުރުމަށްފަހުގައެވެ. (އިތުރު ކުރެވިފައި)

 

48 ވަނަ މާއްދާ - ލިޔުންތައް ހަވާލުކުރުން

ދިވެހި ސިވިލް ސަރވިސްގައި ވަޒީފާއަދާކުރާ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިއްޖެނަމަ، ނުވަތަ އެހެން ވަޒީފާއަކަށް ބަދަލުކުރެވިއްޖެނަމަ، އެ މުވައްޒަފަކު އަދާކުރަމުންދިޔަ މަގާމެއްގެ ހައިސިއްޔަތުން އޭނާގެ ބެލުމުގެ ދަށުގައިހުރި ހުރިހާ ލިޔެކިޔުމެއް އެ އޮފީހެއްގެ ޒިންމާދާރު އިސްވެރިޔާއާއި، ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކާ ހަވާލުކުރަން ވާނެއެވެ.

 

49 ވަނަ މާއްދާ – ވަޒީފާއިން މުސްކުޅިކުރުމުގެ އުމުރު

ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން މުވައްޒަފަކު މުސްކުޅިކުރުމުގެ އުމުރުތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

(ހ) މުވައްޒަފެއްގެ އުމުރުން 55 އަހަރު ވުމުން މި ގާނޫނުގެ 50 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ގޮތުގެމަތިން ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) މުވައްޒަފެއްގެ އުމުރުން 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވޭނެއެވެ.

 

50 ވަަނަ މާއްދާ – މުސްކުޅިކުރެވޭ ފަރާތްތަކަށް ލިބިދެވޭ އިނާޔަތްތައް

(ހ) ދިވެހި ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފެއްގެ އުމުރުން 55 އަހަރުވުމުން ކޮމިށަނަށް، އެ މުވައްޒަފަކު ވަޒީފާއިން ވަކިވުމަށް ހިތްވަރު ދެވިދާނެއެވެ. މިގޮތުން، ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭގައި ވަޒީފާއިން ވަކިވެއްޖެނަމަ، ކަނޑައަޅާ ވަކި އަދަދަކަށް ފައިސާ ލިބިދޭ ގޮތަށް ހަމަޖެއްސުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) މި ގާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ ދަށުން އުމުރުން 55 އަހަރު ވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާ މުވައްޒަފުންނާއި، ކޮމިށަނަށް ލިބިދޭ އިހްތިޔާރުގެ ދަށުން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ގާނޫނުގައިވާ ގޮތުގެމަތިން މުސްކުޅިކުރުމުގެ އިނާޔަތް ލިބިދޭންވާނެއެވެ.

(ނ) މި ގާނޫނުގެ 49 ވަނަ މާއްދާގެ (ށ) ގެ ދަށުން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ގާނޫނުގައިވާ ގޮތުގެމަތިން މުސްކުޅިކުރުމުގެ އިނާޔަތް ލިބިދޭންވާނެއެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި ބުނެފައިވާ މުސްކުޅިކުރުމުގެ އިނާޔަތް، ގާނޫނަކުން ކަނޑައަޅައި، އެ ގާނޫނުގައިވާ ގޮތުގެމަތިން އެ އިނާޔަތް ދޭންފެށުމާ ހަމައަށް ހިނގާ މުއްދަތުގައި، އެ އިނާޔަތަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ލަފަޔާއެކު ކޮމިށަނުން ހަމަޖައްސާ އިނާޔަތެއް ކަމުގައި ހެދުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ. އެހެންނަމަވެސް، މިގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ލަފަޔާއެކު ކޮމިށަނުން ހަމަޖައްސާ އިނާޔަތަކީ ގާނޫނަކުން ކަނޑައަޅާ މުސްކުޅިކުރުމުގެ އިނާޔަތަށްވުރެ ކުޑަ އިނާޔަތެއްނަމަ، އެ މަދުވާ މިންވަރު އެ ގާނޫނަކަށް އަމަލުކުރަން ފެށުމާއެކު އެމީހަކަށް ދޭންވާނެއެވެ. (އިތުރު ކުރެވިފައި)

(ބ) މިގާނޫނުގެ 49 ވަނަ މާއްދާގެ (ށ) ގެ ދަށުން މުސްކުޅިކުރެވޭ މުވައްޒަފުންނަށް، މުސްކުޅިކުރުމުގެ އިނާޔަތްދިނުމުގައި އަންނަނިވި ދެގޮތުންކުރެ ގޮތެއް ހިޔާރުކުރުމުގެ ފުރުސަތު ދޭންވާނެއެވެ. އަދި މިދެގޮތުންކުރެ ގޮތެއް އެމީހަކު ހިޔާރުކުރުމަށްޓަކައި އެހީތެރިވެދިނުމުގެ ގޮތުން، މިދެގޮތުން އެމީހަކަށް ލިބޭނެ އިނާޔަތްތަކާއި، ދެގޮތުގައި ހުރި ތަފާތުތަކާއި، ފަރަގު ކޮމިށަނުން އެމީހަކަށް އަންގައިދޭންވާނެއެވެ. އަދި މިގޮތުން އެމީހަކު ހިޔާރުކުރާ ގޮތެއްގެ މަތިން އެމީހަކު މުސްކުޅިކުރުމުގެ އިނާޔަތް ލިބިދޭންވާނެއެވެ. (އިތުރު ކުރެވިފައި)

  1. މިމާއްދާގެ (ނ) ގެދަށުން ލިބިދޭ އިނާޔަތް ލިބުން، މިއިނާޔަތް ގާނޫނަކުން ކަނޑައެޅިފައިނެތް ހާލަތެއްގައި މިމާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ކޮމިށަނުން ހަމަޖައްސާ އުސޫލެއްގެ ދަށުން ކޮމިށަނުން ކަނޑައަޅާ އިނާޔަތް ލިބުން.
  2. އެމީހަކު ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރި ތާރިހުން ފެށިގެން 24 މަސް ދުވަސް ވަންދެން، އެމީހަކު ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރިއިރު ލިބެމުން ދިޔަ މުސާރައާއި އެއްވަރުގެ އިނާޔަތް ލިބުން. އަދި އެމީހަކު ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން 24 މަސް ދުވަސް ހަމަވުމުން މިމާއްދާގެ 1 ގައިވާ ގޮތުގެ މަތިން ލިބިދޭ އިނާޔަތް ލިބުން.

 

51 ވަނަ މާއްދާ – އިންތިހާބުތަކަށް ކުރިމަތިލާ މުވައްޒަފުން ވަޒީފާއިން އިސްތިއުފާ ދިނުން

(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ ޢާންމު އިންތިހާބެއްގައި ވާދަކުރުމަށް ގަސްތުކުރާ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން އެ އިންތިހާބެއް ބާއްވާ ތާރީހުގެ މީލާދީ 6 މަސްދުވަސް ކުރިން އެ މުވައްޒަފަކު ހުރި ވަޒީފާއިން އިސްތިޢުފާ ދޭންވާނެއެވެ.

(ށ) މަގާމުން އިސްތިޢުފާ ނުދީހުރެ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންތިހާބަކަށް ކުރިމަތިލައިފިނަމަ ވަޒީފާއިން ވަކިކުރެވޭނެއެވެ.

 

52 ވަނަ މާއްދާ – އިންތިހާބުތަކަށް ކުރިމަތިލާ ކެންޑިޑޭޓުން އެނބުރި ވަޒީފާއަށް އައުމުގެ ހައްގު

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ ޢާންމު އިންތިހާބެއްގައި ވާދަކުރުމަށްޓަކައި މި ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަކުން އިސްތިޢުފާ ދީފައިވާ މީހަކު، އެމީހަކު ކުރިމަތިލާ އިންތިހާބު ކާމިޔާބު ނުކުރެވުނުނަމަ، ނުވަތަ އެ އިންތިހާބަކުން އެމީހެއްގެ ނަން އަނބުރާ ގެނެސްފިނަމަ، އެމީހަކަށް ސިވިލް ސަރވިސްގެ ވަޒީފާއަކަށް ކުރިމަތިލުމުގެ ހައްގު ލިބިގެންވެއެވެ.

 

53 ވަނަ މާއްދާ – ސިވިލް ސަރވިސްގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން (އިސްލާހު ކުރެވިފައި)

ސިވިލް ސަރވިސްގެ އެއްވެސް މުވައްޒަފަކު އަންނަނިވި ކަންކަން ކޮށްގެން ނުވާނެއެވެ.

(ހ) އޭނާގެ މަގާމުގެ ހައިސިއްޔަތުން ލިބޭ ބާރެއް، ސީދާގޮތުން ނުވަތަ ނުސީދާގޮތުންވިޔަސް ބޭނުންކޮށްގެން، އެއްވެސް ފަރާތެއްގެ ސިޔާސީ ހަރަކާތަކަށް ބާރު ފޯރުވުން ނުވަތަ ނުފޫޒު ފޯރުވުން؛

(ށ) މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން؛

(ނ) އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން؛

(ރ) އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުޅުން؛

(ބ) ސިވިލް ސަރވިސްގައި ދެމިހުރިހާ ހިނދަކު، ސިޔާސީ ޕާޓީއެއްގެ މަގާމުތަކުގެ ތެރެއިން ގާނޫނަކުން ނުވަތަ ސިވިލް ސަރވިސްގެ ގަވާއިދުގައި ހުއްދަނުކުރާ މަގާމެއް ފުރުން.

 

ޗެޕްޓަރ 5

ޕަރމަނަންޓް ސެކްރެޓަރީން

 

54 ވަނަ މާއްދާ – ޕަރމަނަންޓް ސެކްރެޓަރީގެެ މަގާމު އުފެއްދުމާއި އުވާލުން

(ހ) މި ގާނޫނުގެ 61 ވަނަ މާއްދާގެ (ހ) ގައިވާ ކޮންމެ އޮފީހެއްގައި މި މާއްދާގެ ދަށުން ޕަރމަނަންޓް ސެކްރެޓަރީގެ މަގާމު އުފައްދައި، އެ މަގާމަށް މީހަކު ހަމަޖައްސަންވާނެއެވެ.

(ށ) ސަރުކާރުގެ އެއްވެސް މިނިސްޓްރީއެއް އުވާލެވިއްޖެނަމަ އެ މިނިސްޓްރީއެއްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމު އުވުނީއެވެ.

 

55 ވަނަ މާއްދާ – ޕަރމަނަންޓް ސެކްރެޓަރީންގެ ޒިންމާތައް

(ހ) ޕަރމަނަންޓް ސެކްޓަރީގެ ޒިންމާއަކީ، އޭނާގެ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓްރުގެ ދަށުން، މިނިސްޓަރުގެ ލަފައާއި އިރުށާދާ އެއްގޮތްވާ ދޮތުގެމަތިން އެ މިނިސްޓްރީއެއ ހިންގައި ބެލެހެއްޓުމާއި، އެ މިނިސްޓްރީއެއްގެ މަސައްވަތާ ގުޅޭގޮތުން މިނިސްޓަރަށް ، މިނިސްޓަރު ބޭނުންވެއްޖެ ހިނދެއްގައި ލަފާދީ އެހީތެރިވެދިނުމުވެ. (އިސްލާހު ކުރެވިފައި)

(ށ) މިނިސްޓަރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ކަންތައްތަކުގައި، އެ މިނިސްޓްރީއެއްގެ ދާއިރާއާގުޅޭ ކަންތައްތަކުގައި މިނިސްޓަރަށް އެހީތެރިވެދޭނީ ޕަރމަނަންޓް ސެކްރެޓަރީއެވެ.

(ނ) ޕަރމަނަންޓް ސެކްރެޓަރީ ވަޒީފާއަދާކުރާ ދާއިރާގެ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ އެންމެހާ ކަންތައްތައް ހިންގައި ބަލަހައްޓާނީ ޕަރމަނަންޓް ސެކްރެޓަރީއެވެ.

 

56 ވަނަ މާއްދާ – ޕަރމަނަންޓް ސެކްރެޓަރީން އައްޔަނުކުރުން

(ހ) ޕާރމަނެންޓް ސެކްރެޓަރީގެ މަގާމަށް މީހުން އައްޔަންކުރާނީ، އެ މިނިސްޓަރީއެއް ހިންގުމާ ހަވާލުވެ ހުރި މިނިސްޓަރެއްގެ ލަފައާއެކު ސިވިލް ސަރވިސް ކޮމިށަނުންނެވެ. (އިސްލާހު ކުރެވިފައި)

(ށ) ޕަރމަނަންޓް ސެކްރެޓަރީން ޢައްޔަނު ކުރެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ.

(ނ) މި ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ ޕަރމަނަންޓް ސެކްރެޓަރީން ފިޔަވައި، އެހެން ކޮންމެ ޕަރމަނަންޓް ސެކްރެޓަރީއެއް އަލުން 5 އަހަރު ދުވަހުގެ ދައުރަކަށް ޢައްޔަނު ކުރެވިދާނެއެވެ. އަދި، އެގޮތުން ޢައްޔަނު ކުރެވޭ ޕަރމަނަންޓް ސެކްރެޓަރީއެއް ކޮންމެ 5 އަހަރަކުން ޢައްޔަނު ކުރަމުން ގެންދެވިދާނެއެވެ.

 

57 ވަނަ މާއްދާ – ޕަރމަނަންޓް ސެކްރެޓަރީ ވަޒީފާއިން ވަކިކުރުން

(ހ) ޕަރމަނަންޓް ސެކްރެޓަރީން ވަޒީފާއިން ވަކިކުރެވޭނީ، ގާނޫނާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ކޮމިށަނުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޕަރމަނަންޓް ސެކްރެޓަރީއަކު ވަޒީފާއިން ވަކިކުރާނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ސަބަބު ނުވަތަ ސަބަބުތައް، އެ މުވައްޒަފަކަށް ލިޔުމުން އަންގަންވާނެއެވެ.

(ނ) ޕަރމަނަންޓް ސެކްރެޓަރީން ވަޒީފާއިން ވަކިކުރެވިދާނެ ސަބަބުތައް ތިރީގައި އެވަނީއެވެ.

  1.  ވަޒީފާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ތަމްރީނު ކޯހަކުން ފާސްނުވުން، ނުވަތަ ކޯސް ފުރިހަމަ ނުކުރުން.
  2. މި ގާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި، އަދި ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވިކަން ދިވެހި ސިވިލް ސަރވިސް ކޮމިށަނަށް ސާބިތުވުން.
  3. އެ މުވައްޒަފަކަށް ޕަރމަނަންޓް ސެކްރެޓަރީގެ ވަޒީފާ ލިބިފައިވަނީ މި ގާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ ހިލާފަށްކަމަށް ސިވިލް ސަރވިސް ކޮމިށަނުންކުރި ތަހުގީގަކަށް ސާބިތުވުން.
  4. ނިޔާވުން.
  5. މި ގާނޫނުގެ 51 ވަނަ މާއްދާގެ (ށ) ގައިވާ ހާލަތެއް މެދުވެރިވުން.
  6. ޕަރމަނަންޓް ސެކްރެޓަރީ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރަށް ޕަރމަނަންޓް ސެކްރެޓަރީގެ އިތުބާރު ނެތުން. މި ނަންބަރުގެ ބޭނުމަށްޓަކައި، މިނިސްޓަރަށް ޕަރމަނަންޓް ސެކްރެޓަރީގެ އިތުބާރު ނެތްކަމަށް ބެލެވޭނީ އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމައެވެ. (އިތުރު ކުރެވިފައި)

    i. އެއިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި އެ އޮފީހެއްގެ މެންޑޭޓުގެ ދަށުން ކުރުމަށް މިނިސްޓަރު ކަނޑައަޅާ މަސްއޫލިއްޔަތުތައް އަދާކުރުމަށް، މަގުބޫލު ސަބަބަކާ ނުލައި އުޒުރުވެރިވުން؛

    ii. ޕަރމަނަންޓް ސެކްރެޓަރީގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ކަމުގައި އޭނާގެ ވަޒީފާ ބަޔާނުގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުބޫލު ސަބަބަކާ ނުލައި އުޒުރުވެރިވުން؛

    iii. ޕަރމަނަންޓް ސެކްރެޓަރީގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާ ތައާރުޟުވާފަދަ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް އޮތް ކަމެއްގައި ށާމިލުވުން.

(ރ) މި މާއްދާ މިހެން އޮތްކަމުގައިވީނަމަވެސް، ދިވެހިރާއްޖޭގައި ޢަމަލުކުރާ އެހެން  ގާނޫނެއްގެ ދަށުން، ދިވެހި ސިވިލް ސަރވިސްގައި ވަޒީފާ އަދާނުކުރެވޭނޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ޕަރމަނަންޓް ސެކްރެޓަރީއަކު ވަޒީފާއިން ވަކިކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ބ) ޕަރމަނަންޓް ސެކްރެޓަރީއަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން، ވަޒީފާއިން ވަކިކުރަން ގަސްތު ކުރާކަން، ވަކިކުރާ ސަބަބު އެނގޭގޮތަށް ބަޔާންކޮށް އެ ސެކްރެޓަރީއަކު ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

 

58 ވަނަ މާއްދާ – ވަގުތީ ޕަރމަނަންޓް ސެކްރެޓަރީން ހަމަޖެއްސުން

ތިރީގައިވާ ހާލަތުތަކުގައި، ވަގުތީ ޕަރމަނަންޓް ސެކްރެޓަރީއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ މީހަކު، ކޮމިށަނުން ޢައްޔަނު ކުރެވިދާނެއެވެ.

(ހ) ޕަރމަނަންޓް ސެކްރެޓަރީގެ މަގާމު ހުސްވުމުން.

(ށ) ވަޒީފާގެ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅޭފަދަ ހާލަތެއް ދިމާވުން.

 

59 ވަނަ މާއްދާ - އަހަރީ ރިޕޯޓު

(ހ) ކޮންމެ މީލާދީ އަހަރެއް ނިމުމުން، އެއަހަރުގެ ތެރޭގައި އެ މިނިސްޓްރީގެ ހަރަކާތްތަކާއި ގުޅޭގޮތުން އަހަރީ ރިޕޯޓެއް، ޕަރމަނަންޓް ސެކްރެޓަރީ ތައްޔާރުކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އެ މިނިސްޓްރީގެ މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

(ށ) މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ތައްޔާރު ކުރެވިފައިވާ ރިޕޯޓަކަށް ވާންވާނެއެވެ.

 

ޗެޕްޓަރ 1-5 (ޗެޕްޓަރު އިތުރު ކުރެވިފައި)

ލޯކަލް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް

 

59-1.ލޯކަލް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އައްޔަންކުރުން

(ހ) ލޯކަލް ކައުންސިލުގެ އެންމެ އިސް މުވައްޒަފެއްގެ ގޮތުގައި، ކައުންސިލުގެ ލަފަޔާއެކު، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އައްޔަންކުރާނީ ސިވިލް ސަރވިސް ކޮމިށަނުންނެވެ.

(ށ) ލޯކަލް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އައްޔަންކުރާނީ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ނ) މި ގާނޫނުގައިވާ ގޮތުގެމަތިން ވަކިކުރެވޭ ސެކްރެޓަރީ ޖެނެރަލް ފިޔަވައި، އެހެން ކޮންމެ ސެކްރެޓަރީ ޖެނެރަލްއެއް އަލުން 5 (ފަހެއް) އަހަރުދުވަހުގެ ދައުރަކަށް އައްޔަންކުރެވިދާނެއެވެ. އަދި، އެގޮތުން އައްޔަންކުރާ ސެކްރެޓަރީ ޖެނެރަލްއެއް ކޮންމެ 5 (ފަހެއް) އަހަރަކުން އައްޔަންކުރަމުން ގެންދެވިދާނެއެވެ.

59-2.ލޯކަލް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ވަޒީފާއިން ވަކިކުރުން

(ހ) ލޯކަލް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ވަޒީފާއިން ވަކިކުރާނީ ސިވިލް ސަރވިސް ކޮމިށަނުންނެވެ.

(ށ) ލޯކަލް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ވަޒީފާއިން ވަކިކުރާނަމަ، ވަޒީފާއިން ވަކިކުރާ ސަބަބު ލިޔުމުން އޭނާއަށް އަންގަންވާނެއެވެ.

(ނ) ލޯކަލް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ވަޒީފާއިން ވަކިކުރާ ސަބަބުތައް ތިރީގައި އެވަނީއެވެ.

  1. ވަޒީފާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ތަމްރީނު ކޯހަކުން ފާސްނުވުން، ނުވަތަ ކޯސް ފުރިހަމަނުކުރުން؛
  2. މި ގާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި، އަދި ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވިކަން ކޮމިށަނަށް ސާބިތުވުން؛
  3. ލޯކަލް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފައިވަނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަކާ ހިލާފަށްކަން ކޮމިށަނުން ކުރި ތަހްގީގަކަށް ސާބިތުވުން؛
  4. ސެކްރެޓަރީ ޖެނެރަލް ވަޒީފާ އަދާކުރާ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލްގެ އިތުބާރު ނެތުން. މި ނަންބަރުގެ ބޭނުމަށްޓަކައި، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ އިތުބާރުނެތްކަމަށް ބެލެވޭނީ އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމައެވެ.
    i. އެއިރެއްގައި އޮންނަ ކައުންސިލުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކައުންސިލުން ކަނޑައަޅާ މަސްއޫލިއްޔަތުތައް އަދާކުރުމަށް، މަގުބޫލު ސަބަބަކާ ނުލައި އުޒުރުވެރިވުން؛
    ii. ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ކަމުގައި އޭނާގެ ވަޒީފާ ބަޔާނުގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުބޫލު ސަބަބަކާ ނުލައި އުޒުރުވެރިވުން؛
    iii. ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާ ތައާރުޟުވާފަދަ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް އޮތް ކަމެއްގައި ށާމިލުވުން.

 

ޗެޕްޓަރ 6

ސިވިލް ސަރވިސް އެޑްވައިޒަރީ ކޮމިޓީ

 

60 ވަނަ މާއްދާ – ސިވިލް ސަރވިސް އެޑްވައިޒަރީ ކޮމިޓީ

(ހ) ދިވެހި ސިވިލް ސަރވިސްގެ ހިންގުމާ ގުޅޭ ކަންތައްތަކުގައި ސަރުކާރަށް ލަފާދިނުމަށްޓަކައި، މި ގާނޫނުގެ ދަށުން އުފެދިފައިވާ ސިވިލް ސަރވިސް އެޑްވައިޒަރީ ކޮމިޓީއެއް އޮންނަންވާނެއެވެ.

(ށ) މި ކޮމިޓީ އެކުލެވިގެންވަނީ ތިރީގައިމިވާ މަގާމުތަކުގައި ތިބޭ މީސްމީހުންގެ މައްޗަށެވެ.

  1. މިނިސްޓްރީތަކުގެ ޕަރމަނަންޓް ސެކްރެޓަރީން.
  2. ސިވިލް ސަރވިސް ކޮމިށަނުގެ ރައީސް.
  3. ސިވިލް ސަރވިސް ކޮމިށަނުގެ މެންބަރުން.

(ނ) މި ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނީ ސިވިލް ސަރވިސް ކޮމިށަނުގެ ރައީސް ނުވަތަ ސިވިލް ސަރވިސް ކޮމިށަނުގެ މެންބަރުންގެ ތެރެއިން އޭނާ ކަނޑައަޅާ މީހެކެވެ.

 

ޗެޕްޓަރ 7

ސަރުކާރުގެ އޮފީސްތައް

 

61 ވަނަ މާއްދާ - ސަރުކާރުގެ އޮފީސްތައް

މި ގާނޫނުގެ ބޭނުމަށްޓަކައި، ސަރުކާރުގެ މަސްއޫލު އޮފީސްތައް ކަމުގައި ބަލާނީ އަންނަނިވި ތަންތަނެވެ.

(ހ) ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީތަކާއި އެޓަރނީ ޖެނެރަލްގެ އޮފީސް.

(ށ) އިދާރީގޮތުން ވަކި އޮފީހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އޮފީސްތައް.

 

62 ވަނަ މާއްދާ – ސަރުކާރުގެ މަސްއޫލު އޮފީހެއްގެ ގޮތުގައި ނުބެލެވޭ ތަންތަނުގެ އިދާރީ ކަންތައްތައް

ސަރުކާރުގެ މަސްއޫލު އޮފީހެއްގެގޮތުގައި ނުބެލެވޭ ސަރުކާރުގެ ކޮންމެ އޮފީހެއްގެ އިދާރީ ކަންތައްތައް އޮންނަންވާނީ އެ އޮފީހަކާ ގުޅޭ ސަރުކާރުގެ މަސްއޫލުވެ ޒިންމާވާ އޮފީހެއްގެ ބެލުމުގެދަށުގައެވެ.

 

63 ވަނަ މާއްދާ – ޒިންމާދާރު އިސްވެރިޔާ އައްޔަނު ކުރުމާއި އޭނާގެ މަސްއޫލިއްޔަތުތައް

(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި، ސަރުކާރުގެ ކޮންމެ މަސްއޫލު އޮފީހެއްގައި، މި ގާނޫނުގެ ދަށުން ހިންގަންޖެހޭ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވޭ ޒިންމާދާރު އިސްވެރިޔަކު ހުންނަންވާނެއެވެ.

(ށ) މަސްއޫލު އޮފީހަކީ މިނިސްޓްރީއެއްނަމަ، އެ މިނިސްޓްރީގެ ޒިންމާދާރު އިސްވެރިޔަކީ ޕަރމަނަންޓް ސެކްރެޓަރީއެވެ. މިނިސްޓްރީތައް ފިޔަވައި އެހެން އޮފީސްތަކުގެ ޒިންމާދާރު އިސްވެރިޔަކީ އެ މަގާމަށް ކޮމިށަނުން ޢައްޔަނު ކުރާ މުވައްޒަފެކެވެ.

(ނ) މި މާއްދާގެދަށުން ކަނޑައަޅާ ޒިންމާދާރު އިސްވެރިޔާގެ މަސްއޫލިއްޔަތުތައް، ސިވިލް ސަރވިސް ގަވާއިދުގައި ބަޔާންކުރަން ވާނެއެވެ.

 

64 ވަނަ މާއްދާ – ސަރުކާރުގެ އޮފީސްތައް އުފެއްދުމާއި އެހެނިހެން ކަންތައްތައް

(ހ) ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިޢުކުރާ ލިޔުމަކުން ތިރީގައި ބަޔާންކޮށްފައިވާ ކޮންމެ ކަމެއް ކުރުމުގެ އިހްތިޔާރު

ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

  1. ސަރުކާރުގެ މިނިސްޓްރީތަކާއި ޑިޕާޓްމަންޓުތަކާއި އޮފީސްތަކާއި އަދި މިނޫންވެސް ސަރުކާރުގެ ތަންތަން އުފެއްދުމާއި އުވާލުން.
  2. މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ ތަންތަނުން ކުރާނޭ މަސައްކަތްތައް ކަނޑައެޅުން.
  3. މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ މިނިސްޓްރީތަކަށް ޒިންމާވާނެ މިނިސްޓަރަކު ކަނޑައެޅުން.
  4. މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ ތަންތަނުގެ އެންމެ އިސްވެރިޔާގެ މަގާމަށް މީހަކު ޢައްޔަ ނުކުރުން.

(ށ) މި ގާނޫނުގެ ބޭނުމަށްޓަކައި މި މާއްދާގެ  (ހ) ގެ (1) ގެ ދަށުން އުފައްދާ އޮފީސްތައް އެކުލެވިގެންވަނީ އެ އޮފީހެއްގެ އެންމެ އިސްވެރިޔާއާއި، އެފަރާތަށް އެހީތެރިވެދޭ ސިވިލް ސަރވިސްގެ މުވައްޒަފުންގެ މައްޗަށެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ޢައްޔަނު ކުރާ ފަރާތަކީ، މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ނުހިމެނޭ ފަރާތެއްނަމަ، އެ މަގާމަކީ ދިވެހި ސިވިލް ސަރވިސްގެ މަގާމެކެވެ.

 

65 ވަނަ މާއްދާ- ސަރުކާރުގެ އޮފީސްތަކުގެ އިސްވެރިންގެ ޒިންމާ

(ހ) ސަރުކާރުގެ އޮފީހެއްގެ ކަންތައްތައް ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސާ މިނިސްޓަރުގެ ލަފަޔާއި އިރުށާދުގެ ދަށުން އެ އޮފީސް ހިންގާ ބެލެހެއްޓުމަށް ޒިންމާވާ ފަރާތަކީ އެ އޮފީހުގެ އިސްވެރިޔާއެވެ.

(ށ) ސަރުކާރުގެ އޮފީހެއް ހިންގުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް މަޢުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި އެ ޒިންމާ އަދާކުރުމަށް އެ އޮފީހެއްގެ އިސްވެރިޔާ، އެ އޮފީހެއް ބަލަހައްޓާ މިނިސްޓަރަށް އެހީތެރިވެދޭން ވާނެއެވެ.

 

 

ޗެޕްޓަރ 8

އިދާރީ އިންތިޒާމުތައް

 

66 ވަނަ މާއްދާ – އަތޮޅުތަކާއި އަތޮޅުތަކުގައި ވަޒީފާ އަދާކުރުމުގެ އިންތިޒާމް ހަމަޖެއްސުން

ދިވެހި ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފަކު، ކުރާ މަސައްކަތުގެ ބާވަތުން ނުވަތަ އެހިނދަކަށް ސަރުކާރުން ބޭނުންވާ ކަމެއް ކުރުމަށްޓަކައި ވަކި ރަށެއްގައި ވަޒީފާ އަދާކުރާގޮތަށް ހަމަޖެއްސުމުގެ އިހްތިޔާރު އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހެއްގެ ޒިންމާދާރު އިސްވެރިޔާއަށް ލިބިގެންވެއެވެ.

 

67 ވަނަ މާއްދާ - އިދާރީ ބަދަލުތައް ގެނައުން

(ހ) އިދާރީ ގޮތުން ގެނެވޭ ބަދަލެއްގެ ސަބަބުން ސަރުކާރުގެ އޮފީހެއްގެ ހިންގުމަށް އެދެވޭ ބަދަލެއް ގެނެވިދާނެކަމަށް މިނިސްޓަރަށް ނުވަތަ ޒިންމާދާރު އިސްވެރިއަކަށް ގަބޫލުކުރެވިގެން ކޮމިށަނަށް ހުށަހެޅިއްޖެ ހިނދެއްގައި، ތިރީގައިމިވާ ގޮތްތަކުންކުރެ ގޮތަކަށް ކޮމިށަނުން ޢަމަލު ކުރެވިދާނެއެވެ.

  1. ކޮމިށަނުން ލިޔުމަކުން ކަނޑައަޅާ ކަނޑައެޅުމަކުން ދިވެހި ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފަކު އެއް އޮފީހުން އަނެއް އޮފީހަށް ބަދަލު ކުރުން.
  2. މި ގާނޫނާއި، ސިވިލް ސަރވިސް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފެއް ނޫންގޮތުގައި އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފެއް ސިވިލް ސަރވިސްގެ މުވައްޒަފެއް ކަމުގައި ހަމަޖެއްސުން.
  3. މި ގާނޫނާއި، ސިވިލް ސަރވިސް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފެއްގެ ގޮތުގައި ކޮމިށަނަށް ފެންނަ މީހަކު ހަމަޖެއްސުން.

 

ޗެޕްޓަރ 9

އެހެނިހެން ކަންތައްތައް

 

68 ވަނަ މާއްދާ – ސާބިތު ދަރަންޏެއް އަދާކުރުމަށް މުސާރަ ހަވާލުކުރުން

ދިވެހި ސިވިލް ސަރވިސްގައި ވަޒީފާއަދާކުރާ މުވައްޒަފެއްގެ މައްޗަށް ށަރުޢީ ކޯޓަކުން ދަރަންޏެއް ނުވަތަ ހަރަދެއް ސާބިތުވެފައި އެ ދަރަނި އަދާކުރުމަށްޓަކައި އެ މުވައްޒަފެއްގެ މުސާރަ ނުވަތަ މުސާރައިން ބައެއް ކޯޓަށް ދެއްކުމަށް ހުކުމެއް ކޮށްފިހިނދެއްގައި، އެ މުވައްޒަފަކަށް މުސާރަ ލިބިދެވޭނީ ކޯޓަށް ދައްކަންޖެހޭ ފައިސާ ކެނޑުމަށްފަހުގައެވެ.

 

69 ވަނަ މާއްދާ – މުވައްޒަފުންގެ ޒާތީ މައުލޫމާތު ހާމަކުރުން

ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ޒާތީ މަޢުލޫމާތު ހާމަކުރަންވާނީ އެކަމަށް ހެދިފައިވާ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

 

70 ވަނަ މާއްދާ – އިނާޔަތެއްގެ ގޮތުގައި ވަޒީފާ ނުދިނުން

ދިވެހި ސިވިލް ސަރވިސްގެ އެއްވެސް މަގާމެއް، އިނާޔަތެއް ލިބިދިނުމުގެ ގޮތުން މީހަކަށް ހަމަޖައްސައިދީގެން ނުވާނެއެވެ. އަދި، ދިވެހި ސިވިލް ސަރވިސްގެ މަސައްކަތަށް ނިކުންނަން ނުޖެހޭގޮތަށް ވަޒީފާއެއް ހަމަޖައްސައިދީގެން ނުވާނެއެވެ.

 

71 ވަނަ މާއްދާ – ގާނޫނު ނަންބަރު 29/1976  ގެ ދަށުން ހިދުމަތްކުރަންޖެހޭ ފަރާތްތައް ސިވިލް ސަރވިސްގައި ހިދުމަތްކުރުން

މި ގާނޫނަށް ޢަމަލުކުރަންފެށުމުން، ގާނޫނު ނަންބަރު 29/1976 (ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީސްމީހުން ސަރުކާރަށް ހިދުމަތްކުރުމާބެހޭ ގާނޫނު) ގައި ސަރުކާރަށް ހިދުމަތްކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، އެވަގުތަކަށް ދިވެހި ސިވިލް ސަރވިސްއަށް ބޭނުންވާ ފަރާތްތައް ހިދުމަތްކުރާނީ ދިވެހި ސިވިލް ސަރވިސްގައެވެ.

 

ޗެޕްޓަރ 10

މި ގާނޫނަށް އަމަލުކުރަންފެށުން

 

72 ވަނަ މާއްދާ – ކޮމިށަން އެކުލަވާލުމާއި ކޮމިށަނުގެ މެންބަރުންނާއި ރައީސާއި، ނާއިބުރައީސްގެ ނަންތައް ހުށަހެޅުން

(ހ) މި ގާނޫނު ތަސްދީގުކުރާ ދުވަހުން ފެށިގެން 180 (އެއްސަތޭކަ އަށްޑިހަ) ދުވަހުގެތެރޭގައި ސިވިލް ސަރވިސް ކޮމިށަން އުފައްދައި، ކޮމިށަނުގެ މެންބަރުންނާއި ރައީސާއި ނާއިބުރައީސް މި ގާނޫނުގައިވާ ގޮތުގެމަތިން ޢައްޔަނުކޮށް ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޢަމަލުކުރުމަށްޓަކައި:

  1. މި ގާނޫނު ތަސްދީގުކުރާ ދުވަހުން ފެށިގެން 45 (ސާޅީސްފަސް) ދުވަހުގެތެރޭގައި ކޮމިށަނުގައި ހިމަނަން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.
  2. 1 ވަނަ ނަންބަރުގައިވާ ފަދައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނަންތައް މަޖިލީހުން ފާސްކޮށް، އެކަން ރައީސުލްޖުމްހޫރިއްޔާއަށް އަންގާދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެތެރޭގައި ކޮމިށަނުގެ ރައީސްކަމާއި ނާއިބުރައީސްކަމުގެ މަގާމަށް ޢައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
  3. 1، 2 އަދި 4 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަމެއް ނުވަތަ ނަންތަކެއް ހުށަހަޅާދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މަޖިލީހުން ވަކިގޮތެއް ނިންމައި ރައީސުލްޖުމްހޫރިއްޔާއަށް އަންގަންވާނެއެވެ.
  4. މި މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަމެއް މަޖިލީހުން ފާސްނުކޮށްފިނަމަ، އެކަން ރައީސުލްޖުމްހޫރިއްޔާއަށް އަންގާދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައު ނަމެއް ނުވަތަ ނަންތަކެއް މަޖިލީހަށް ހުށަހަޅަންވާނެއެވެ.

 

73 ވަނަ މާއްދާ – މި ގާނޫނަށް އަމަލުކުރަން ފެށުން

(ހ) މި ގާނޫނު ފާސްވެ ތަސްދީގުކުރާތާ 12 މަސްދުވަހުގެ ތެރޭގައި މި ގާނޫނަށް ޢަމަލުކުރަން ފަށަންވާނެއެވެ.

(ށ) މި ގާނޫނަށް ޢަމަލުކުރަންފަށާތާ 6 މަސްދުވަހުގެ ތެރޭގައި ދިވެހި ސިވިލް ސަރވިސްގެ ހުރިހާ މަގާމެއް އުފައްދައި، އެ މަގާމުތަކުގެ ކޮލިފިކޭށަންތައް ކަނޑައަޅަންވާނެއެވެ.

(ނ) މި ގާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މި ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރު މުވައްޒަފުންގެ ގޮތުގައިތިބި، ނަމަވެސް މި ގާނޫނުގެދަށުން ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށްނުވާ ހުރިހާ ފަރާތްތަކާއި އޮންނަ ހިދުމަތުގެ ގުޅުމަށް ނިމުންގެންނަން ވާނެއެވެ. މިގޮތުން ކޮމިށަނުން ލިޔުމުން ފޮނުވާ ނޯޓިހަކުން މިކަން ރައްދުވާ ފަރާތްތަކަށް އަންގަންވާނެއެވެ.

(ރ) މި ގާނޫނަށް ޢަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި، މި ގާނޫނުގެދަށުން ދިވެހި ސިވިލް  ސަރވިސްގެ މުވައްޒަފުންކަމަށް ކަނޑައަޅާ މުވައްޒަފުންނަށް ދިވެހި  ސިވިލް ސަރވިސްގެ ވަޒީފާ ހަމަޖައްސަން ވާނެއެވެ.

 

74 ވަނަ މާއްދާ - މި ގާނޫނު މުރާޖައާކުރުން

މި ގާނޫނުގެ 73 ގެ (ހ) ގައިވާ ގޮތުގެމަތިން މި ގާނޫނުގެ ހުރިހާ ބައިތަކަށް ޢަމަލުކުރަން ފަށާތާ 1 އަހަރު ފުރިހަމަވާ  ތާރީހުން ފެށިގެން ގިނަވެގެން 90 ދުވަހުގެ ތެރޭގައި، މި ގާނޫނު އަލުން ދިރާސާކޮށް، މި ގާނޫނަށް ޢަމަލުކުރުމުގައި ދިމާވާ މައްސަލަތަކާއި،  ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކާއެކު ސިވިލް ސަރވިސް ކޮމިށަނުން ރިޕޯޓެއް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

 

75 ވަނަ މާއްދާ – މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން

މި ގާނޫނު ތަސްދީގުކުރާ ތާރީހުންފެށިގެން 12 މަސްދުވަހުގެ ތެރޭގައި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

 

76 ވަނަ މާއްދާ - ގާނޫނުތަކުގެ ބައެއް މާއްދާ

މިގާނޫނަށް ޢަމަލުކުރަން ފެށުމާއެކު:-

(ހ) ގާނޫނު ނަންބަރު 1980-13 ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމުގެ ގާނޫނުގެ 1 ވަނަ މާއްދާ އުވުނީއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މުސާރަ ފިޔަވައި ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ."

(ށ) ގާނޫނު ނަންބަރު 1968-01ޖ. އޮފިށަލް ކަންތައް ޗެޕްޓަރ 1 ގެ 3 ވަނަ މާއްދާ އުވުނީއެވެ.

"ދައުލަތުގެ ކަންކަމަށް މީހުން އިސްކޮށް، އެކަންކަމުން ދުރުކޮށް، އެއްކަމުން އަނެއްކަމަށް ބަދަލުކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މީގެ ތިރީގައި މި ނަންގަނެވޭ ކަންކަމުގެ ތެރެއިން ސީދާ ރައީސުލްޖުމްހޫރިއްޔާ ހަވާލުވާ ކަންތައްތައް ފިޔަވައި އެހެން ކަންކަމަށް ވެރީން އިސްކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ ދޭ ފަތަކުންނެވެ. މި ނަންގަނެވޭ ކަންތަކުގެ ތެރެއިން ސީދާ ރައީސުލްޖުމްހޫރިއްޔާ ހަވާލުވާ ކަންތައްތައް ފިޔަވައި އެހެންކަމަކުން މީހަކު ވަކިކުރެވޭނީ އެކަމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ލިޔުމަކުންނެވެ.

  1. ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން
  2. އުއްތަމަ ފަނޑިޔާރުކަން
  3. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން
  4. މިނިސްޓަރުކަމާއި އެޓަރނީ ޖެނެރަލްކަން
  5. އަތޮޅުވެރިކަން
  6. ބޭރު ތަންތާނގައި ތިބޭ ދިވެހި ދައުލަތުގެ ސަފީރުކަމާއި އެފެންވަރުގެ ވަކީލުކަން"

 

77 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި ޢިބާރާތެއް ހިމެނިފައިވާގޮތުން އެހެންގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާހާ ހިނދަކު:-

"ވަގުތީ މުވައްޒަފުން" ކަމުގައި ބުނެފައި އެވަނީ ސަރުކާރު ހިންގުމުގެ ނިޒާމުގެ ތެރެއިން ނުކުންނަ ވަގުތީ ބޭނުންތައް ފުއްދުމަށް ކަނޑައެޅޭ ވަކި މުއްދަތަކަށް ނުވަތަ ކަނޑައެޅޭ ވަކި މަސައްކަތެއް ކުރުމަށް ވަޒީފާދެވޭ ފަރާތްތަކަށެވެ. 

"ސަރުކާރުގެ އޮފީސް" ކަމުގައި ބުނެފައި އެވަނީ ގާނޫނަކުން، ނުވަތަ އިދާރީގޮތުން ސަރުކާރުގެ ބޭނުންތަކަށްޓަކައި އުފައްދައި ނުވަތަ ހިންގަމުންގެންދާ އޮފީސްތަކަށާއި، މަގާމުތަކަށާއި، އިދާރާތަކަށެވެ.

"ސަރުކާރު" (އުނި ކުރެވިފައި)

"ކޮމިށަން" ކަމަށް ބުނެފައި އެވަނީ ދިވެހި ސިވިލް ސަރވިސް ކޮމިށަނަށެވެ. "ޒިންމާދާރު އިސްވެރިޔާ" ކަމަށް ބުނެފައި އެވަނީ ސަރުކާރުގެ މަސްއޫލު އޮފީސްތަކުގައި، މި ގާނޫނުގައިވާ ކަންކަން ހިންގުމަށްޓަކައި ކަނޑައަޅާފައިވާ ވެރިޔާއަށެވެ.

"ދައުލަތުގެ ވިޔަފާރި ތަންތަން" ކަމަށް ބުނެފައި އެވަނީ:

(ހ) ދައުލަތުގެ ކުންފުންޏާއި، ކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާނަމަ އެ ކުންފުނިތައް: އަދި

(ށ) ކޮންޓްރޯލް ކުރުމުގެ ބާރު ދައުލަތަށް ލިބިގެންވާ ޕްރައިވެޓް ކުންފުންޏާއި، އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނިތައް: އަދި

(ނ) ކޮންޓްރޯލް ކުރުމުގެ ބާރު ދައުލަތަށް ލިބިގެންވާ ޢާންމުކޮށް ހިއްސާ ވިއްކާ ކުންފުންޏާއި، ކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏެއްވާނަމަ އެ ކުންފުނިތައް: އަދި

(ރ) ކޮންޓްރޯލްކުރުމުގެ ބާރު ދައުލަތަށް ލިބިގެންވާ ބިދޭސީ ކުންފުންޏާއި، އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާނަމަ އެ ކުންފުނިތައް: އަދި

(ބ) ދައުލަތުގެ ހިއްސާ %50 އަށްވުރެ ގިނައިން އޮތް ޕާޓްނަރށިޕް ތަކާއި ފައިދާ ބެހުމުގެ އެއްބަސްވުމެއް އޮވެގެން ޖަމާޢަތްތަކާއި، އެފަދަ ޕާޓްނަރށިޕެއްގެ ނުވަތަ ޖަމާޢަތެއްގެ ސަބްސިޑިއަރީއެއް ވާނަމަ އެ ސަބްސިޑިއަރީއެއް: އަދި

(ޅ) އެނޫންވެސް ވަކި ށަހުސެއް ލިބިފައިވާ ނުވަތަ އެފަދަ ށަހުސެއް ލިބިފައިނުވާ ތަންތަން ނުވަތަ، ދައުލަތަށް އާމްދަނީ ހޯދުމުގެ މަގުސަދުގައި ނުވަތަ ވިޔަފާރީގެ އުސޫލުން ފައިދާ ބެހުމުގެ ނިޔަތުގައި ގާނޫނެއްގެ ދަށުން ނުވަތަ އިދާރީގޮތުން އުފައްދާފައިވާ ފަރާތްތައް.

"މަޖިލިސް" ކަމަށް ބުނެފައި އެވަނީ ރައްޔިތުންގެ މަޖިލީހަށެވެ.

"ޕްރޮބޭށަން" ކަމަށް ބުނެފައި އެވަނީ ވަޒީފާ ދެވޭ މުއްދަތުން ފެށިގެން ވަޒީފާ ދެވޭ ފަރާތަކީ އެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަން ހުރި ފަރާތެއްތޯ ބެލުމަށްފަހު ވަޒީފާ ދާއިމީ ކުރުމަށް ނަގާ މުއްދަތަށެވެ.

"ސިޔާސީ ހަރަކާތް" ކަމަށް ބުނެފައި އެވަނީ ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް ހަރަކާތެއް ނުވަތަ ޢަމަލެއްގައި ބައިވެރި ވުމަށެވެ.

(ހ) އެއްވެސް ސިޔާސީ ފަރާތަކަށް ތާއީދު ކުރުމުގެ ގޮތުން ނުވަތަ ތާއީދު ހޯދުމުގެ ގޮތުން އެއްވެސް ހަރަކާތެއް ހިންގުމާއި އެފަދަ ހަރަކާތެއްގައި ބައިވެރިވުން.

(ށ) އެއްވެސް ސިޔާސީ ފަރާތަކާ ދެކޮޅަށް އެއްވެސް ހަރަކާތެއް ހިންގުމާއި އެފަދަ ހަރަކާތެއްގައި ބައިވެރިވުން.

(ނ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން ބާއްވާ އެއްވެސް އިންތިހާބެއްގައި ބައިވެރިވާ ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ ގޮތުންނާއި ތާއީދު ހޯދުމުގެގޮތުން ނުވަތަ އެއްވެސް ކެންޑިޑޭޓަކާއި ދެކޮޅަށް އެއްވެސް މަސައްކަތެއްކުރުން.

(ރ) (އުނި ކުރެވިފައި)

"ސިޔާސީ ނުފޫޒު" ކަމަށް ބުނެފައި އެވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އެދުމަކަށް ނުވަތަ މަސްލަހަތަކަށްޓަކައި އެއްވެސް ކަމެއް ކުރުން ނުވަތަ ނުކޮށް ދޫކޮށްލުމަށެވެ.

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ފަރާތެއް.

(ށ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިންތިހާބުކުރެވޭ އެއްވެސް މަގާމެއްގައި ހުރިފަރާތެއް.

(ނ) ސިޔާސީ ޕާޓީއެއް ނުވަތަ ޖަމާޢަތެއް.

"ލިޔެކިޔުމެއް" ކަމުގައި ބުނެފައި އެވަނީ މި ގާނޫނުގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިވެހި ސިވިލް ސަރވިސްގައި ވަޒީފާއަދާކުރާ މުވައްޒަފަކު އޭނާ ވަޒީފާއަދާކުރި މުއްދަތުގެ ތެރޭގައި އޭނާގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ ތަކެއްޗަށެވެ. 

"ސިވިލް ސަރވިސްގެ މުވައްޒަފުން" ކަމުގައި ބުނެފައި އެވަނީ ޕަރމަނަންޓް ސެކްރެޓަރީންނާއި، ޒިންމާދާރު އިސްވެރިންނާއި، އެފަރާތްތަކުގެ ދަށުން ވަޒީފާއަދާކުރާ ސަރުކާރުގެ މުވައްޒަފުންނާއި، ރާއްޖެއިން ބޭރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިށަނުންނާއި މިށަން ފަދަ ތަންތަނުގައި ވަޒީފާއަދާކުރާ މުވައްޒަފުންނަށެވެ.

"މަސްއޫލު އޮފީސް" ކަމުގައި ބުނެފައި އެވަނީ މި ގާނޫނުގެ 61 ވަނަ މާއްދާގައިވާ އޮފީސްތަކަށެވެ.

"ކޯޑް އޮފް ކޮންޑަކްޓް" ކަމުގައި ބުނެފައި އެވަނީ ދިވެހި ސިވިލް ސަރވިސްގައި ހިމެނޭ މުވައްޒަފުން ވަޒީފާ އަދާކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތާއި އެމީހުންގެ އަހްލާގީ މިންގަނޑާއި ސުލޫކު ބަހައްޓަންވީ ގޮތެވެ.

 

މައި ގާނޫނު

ސިވިލް ސަރވިސް ގެ ގާނޫނު (ގާނޫނު ނަންބަރު 2007-05)

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

6 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1.  ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 311/2014)
  2. އެވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ ޕްރޮމޯށަން ގަވާއިދު (ގަވާއިދު ނަންބަރު 943/2013)
  3. ޕްރިޒަންސް އޮފިސަރުންގެ ސުލޫކީ މިންގަނޑާއި ޔުނިފޯމް އެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 22/2012)
  4. ޑީޕީއާރުއެސްގެ އިސްވެރިޔާއާއި ސިވިލް ސަރވިސް ކޮމިށަނާ ދެމެދު މުވާސަލާތުތައް މަގު ކުރުކޮށް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 56/2013)
  5. ސިވިލް ސަރވިސްގެ ގަވާއިދު 2010 (ގަވާއިދު ނަންބަރު 1/2010)

ކިޔުންތެރިންގެ ހިޔާލު