މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2010-02)
(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ޖިނާއީ ކުށްތަކުގައި ހުކުމްކޮށްފައިވާ، އިސްތިއުނާފުކުރުމުގެ އިތުރު ފުރުސަތެއް ނެތް މީހުންގެ ތެރެއިން، ވަކިވަކި ފަރުދުންގެ ކުށަށް މައާފުކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ އުސޫލުތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ގެ 115 ވަނަ މާއްދާގެ (ޒ) އާ ހަވާލާދީ، ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގާނޫނުގެ ބޭނުމަކީ، ތިރީގައިއެވާ މަގްސަދުތައް ހާސިލުކުރުމެވެ.
(ހ) ޖިނާއީ ކުށެއްގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން، ށަރުއީ ނިޒާމުގެ ތެރެއިން، އިސްތިއުނާފުކުރުމުގެ އިތުރު ފުރުސަތެއް ނެތް މީހުންނަށް، މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ އުސޫލުތަކެއް، މި ގާނޫނުގައިވާ ގޮތުގެމަތިން، ކަނޑައަޅައިދިނުން.
(ށ) ޖިނާއީ ކުށެއްގެ ހުކުމް އިއްވާފައިވާ މީހެއްގެ އުމުރަށް ބަލައި، ނުވަތަ އޭނާގައި ހުރި ބައްޔަކަށް ބަލައި، ނުވަތަ އޭނާ ހޯދަމުންދާ ސިއްހީ ފަރުވާއަކަށް ބަލައި، ނުވަތަ އޭނާ ހުރި ވަގުތަށާއި ހާލަތަށް ބަލައި، ނުވަތަ އިންސާނިއްޔަތުކަމުގެ ނަޒަރުން ބަލައި، އޭނާގެ އަދަބަށް ލުޔެއް ހޯދައިދިނުމުގެ އުސޫލެއް މި ގާނޫނުގައިވާ ގޮތުގެމަތިން، ކަނޑައަޅައިދިނުން.
(ނ) މި ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން، އަފޫއާންމު ދިނުމުގެ އުސޫލު ކަނޑައަޅައިދިނުން.
3 ވަނަ މާއްދާ - އިސްތިއުނާފުގެ ފުރުސަތު ނެތުން
ޖިނާއީ ހުކުމެއް އިއްވާފައިވާ މީހުންގެ ތެރެއިން، ށަރުއީ ނިޒާމުގެ ތެރެއިން އިތުރު ފުރުސަތެއްނެތް މީހުންކަމުގައި، މި ގާނޫނުގެ ބޭނުމަށްޓަކައި ބަލާނީ، އަންނަނިވި މީހުންނެވެ.
(ހ) އިސްތިއުނާފުކުރުމުގެ ހުރިހާ މަރުހަލާތަކެއް ކަޑައްތުކޮށްފައިވާ މީހުން؛ ނުވަތަ
(ށ) ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ގާނޫނުގެ ދަށުން ލިބިދޭ މުއްދަތު ފަހަނައަޅައިދިޔައިރު، މަގްބޫލު އުޒުރަކާހުރެ، އެ ފުރުސަތުގެ ބޭނުން ހިފިފައި ނުވާ މީހުން؛ ނުވަތަ
(ނ) ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ގާނޫނުގެ ދަށުން ލިބިދޭ މުއްދަތު ފަހަނައަޅައިދިޔައިރު، މަގްބޫލު އުޒުރަކާހުރެ، އެ ފުރުސަތުގެ ބޭނުން ހިފިފައި ނުވާ މީހުން؛
(ރ) ހުކުމުގައި ހިމެނެނީ ވަކި އަދަދެއްގެ ފައިސާ ދެއްކުން އެކަނިކަމުގައިވާހިނދު، އެހުކުމް ގަބޫލްކޮށް އިސްތިއުނާފުގެ ފުރުސަތު ދޫކޮށްލަން ބޭނުންވާ މީހުން.
4 ވަނަ މާއްދާ - މައާފުކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގިންތިތައް
ކުށް މައާފުކޮށްދިނުމާއި އަދަބު ލުއިކޮށްދިނުން މި ގާނޫނުގެ ދަށުން ބެހިގެންވަނީ، ތިރީގައިވާ 5 ގިންތިއަށެވެ.
(ހ) މީހަކު ކުރި ކުށާގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބު މައާފުކޮށްދިނުން؛
(ށ) މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބު ތަންފީޒުކުރުން ވަކި މުއްދަތަކަށް ފަސްކޮށްދިނުން؛
(ނ) މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބުގެ މުއްދަތު ކުރުކޮށްދިނުން؛
(ރ) މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ، އެކުށާ ގުޅިގެން އެއަށްވުރެ ލުއި އަދަބުތަކެއް ކަނޑައެޅުމަށްވެސް ގާނޫނުގައި ފުރުސަތު ލިބިގެންވާ ކުށެއްކަމުގައިވާހިނދު، އޭގެ ތެރެއިން ލުއިބާވަތެއްގެ އަދަބަކަށް، އޭނާގެ އަދަބުގެ ބާވަތް ބަދަލުކޮށްދިނުން؛
(ބ) މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ، ވަކި އަދަދެއްގެ ފައިސާ ދެއްކުން ކަމުގައިވާހިނދު، އެ އިލްތިޒާމު އުފުލުމުން އޭނާ ބަރީއަކޮށްދީ، އެ ފައިސާ ދެއްކުމުން އޭނާ މިނިވަންކޮށްދިނުން؛ ނުވަތަ ދައްކަންޖެހޭ ފައިސާގެ އަދަދު ކުޑަކޮށްދިނުން.
5 ވަނަ މާއްދާ - މައާފުނުދެވޭނެ ކުށް
(ހ) ތިރީގައި ބަޔާންވެގެން އެވަނީ، މި ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށް މައާފުކޮށްދެވިގެން ނުވާނެ، ނުވަތަ އެ މާއްދާގެ (ށ) ގެ ދަށުން އަދަބު ފަސްކުރެވިގެން ނުވާނެ ނުވަތަ މި ގާނޫނުގެ އެހެންވެސް މާއްދާއެއްގެ ދަށުން ކުށް މައާފުކޮށްދެވިގެން ނުވާނެ ކުށްކުށެވެ. އެހެންނަމަވެސް، އެ ކުށްކުށުގެ އަދަބުގެ މުއްދަތު މި ގާނޫނުގެ 4 ވަނަ މާއްދާގެ (ނ) ގެ ދަށުން، ކުރުކޮށް ދިނުމަކަށް ނުވަތަ އެ މާއްދާގެ (ރ) ގެ ދަށުން، އަދަބުގެ ބާވަތް ލުއިކޮށްދިނުމަކަށް ނުވަތަ މި ގާނޫނުގެ އެހެންވެސް މާއްދާއެއްގެ ދަށުން ލުއިކޮށްދިނުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
- މީހަކު މެރުމުގެ ކުށް.
- އިސްލާމީ ށަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށް.
- ޓެރަރިޒަމްގެ ކުށް.
- ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށް.
- މައާފު ނުދެވޭނެ ކުށް (އިސްލާހު ކުރެވިފައި)
- ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގުމުގެ ކުށް.
- އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް.
(ށ) މީހެއްގެ ނުވަތަ ދައުލަތުގެ މުދަލަކުން ނުވަތަ ފައިސާއަކުން ވައްކަން ކުރާ މީހެއްގެމައްޗަށް ކަނޑައެޅޭ ޖިނާއީ ހުކުމެއްގެ ދަށުން އަދަބު ކަނޑައެޅިފައިވާ މީހާއަށް މި ގާނޫނުގެ ދަށުން މައާފުދިންކަމުގައިވީނަމަވެސް، ނުވަތަ އޭނާގެ އަދަބު ލުއިކޮށްދިން ކަމުގައިވީނަމަވެސް، އޭނާ ވަގަށް ނެގިކަމަށް ސާބިތުވި މުދަލުގެ އަގު ނުވަތަ އޭނާ ވަގަށް ނެގިކަމަށް ސާބިތުވި ފައިސާ އަނބުރާ އަދާކުރުމަށް އޮތް އިލްތިޒާމަކަށް، މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މައާފުދެވިގެން ނުވާނެއެވެ. ނުވަތަ ލުޔެއް ދެވިގެން ނުވާނެއެވެ.
(ނ) މީހަކު ކުރި ކުށަކީ، އެ ކުށުގެ އަމަލު ހިންގުމުގައި އެހެން މީހެއްގެ ހައްގަކަށް އަރައިގަތުން ހިމެނިގެންވާ އަމަލެއް ކަމުގައިވާނަމަ، އެމީހަކު، އެ ހައްގު ނުކަނޑާހާހިނދަކު، އެ ކުށް ކުރި މީހާއަށް، މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މައާފުދެވިގެންނުވާނެއެވެ. އެހެންނަމަވެސް، އެފަދަ ހާލަތެއްގައިވާ މީހާގެ އަދަބަށް ލުޔެއް ދެވިދާނެއެވެ.
6 ވަނަ މާއްދާ - ކުށް މައާފުކޮށްދިނުން އެދި ހުށަހެޅުން
(ހ) މީހަކު ކުރި ކުށަކާ ގުޅިގެން އޭނާއަށް މައާފުދެވިދާނެކަމަށް ނުވަތަ އަދަބު ލުއިކުރެވިދާނެކަމަށް، މި ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް ގިންތިއެއްގެ ދަށުން މައާފުކޮށްދިނުން ނުވަތަ އަދަބު ލުއިކޮށްދިނުން އެދި، އެއްވެސް މީހަކު އިލްތިމާސެއް ހުށަހަޅާނަމަ، އެކަންކުރަންވާނީ އެކަމަށް ކަނޑައަޅާފައިވާ "މައާފުކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި އިލްތިމާސް ހުށަހަޅާ ފޯމު" މެދުވެރިކޮށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާއަށް އެޑްރެސްކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.
(ނ) "މައާފުކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި އިލްތިމާސް ހުށަހަޅާ ފޯމު" ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅާ އިދާރާތަކަކުން ލިބެން ހުންނަންވާނެއެވެ.
7 ވަނަ މާއްދާ - އިލްތިމާސް ހުށަހެޅޭނެ މުއްދަތު
މީހަކު ކުރި ކުށަކާ ގުޅިގެން، އޭނާގެ މައްޗަށް ކަނޑައަޅާފައިވާ ހުކުމަކީ، ވަކި އަދަދެއްގެ ފައިސާ ދެއްކުން ކަމުގައިވާ ހާލަތް ފިޔަވައި، އެހެން ހާލަތްތަކުގައިވާ މީހާ، އަދަބު މައާފުކޮށްދިނުން އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި މި ގާނޫނުގެ ދަށުން އިލްތިމާސެއް ހުށަހަޅަންވާނީ، އެމީހެއްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބަށް ކަނޑައަޅާފައިވާ މުއްދަތުގެ ހަތަރުބައިކުޅައެއްބައި ތަންފީޒުވެ ދިޔުމަށްފަހުގައެވެ. (އިސްލާހު ކުރެވިފައި)
8 ވަނަ މާއްދާ - އިލްތިމާސް ހުށަހެޅޭނެ ހާލަތު
މައާފުކޮށްދިނުން އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި މި ގާނޫނުގެ ދަށުން އިލްތިމާސް ހުށަހެޅޭނީ، އެމީހަކީ، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންވެގެންވާ ހާލަތެއްގައިވާ މީހަކަށްވުމާއެކު، މި ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތު ފުރިހަމަކޮށްފައިވާ ހާލަތުގައިވާ މީހެއްކަމުގައިވާނަމައެވެ.
9 ވަނަ މާއްދާ - އިލްތިމާސް ދިރާސާކުރުން
މައާފުކޮށްދިނުން އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ހުށަހެޅުމުން، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެ އިލްތިމާސް ދިރާސާކޮށް އެ އިލްތިމާސާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އަމަލުކުރުމަށް ފެންނަގޮތުގެ ލަފާދޭނީ، މި ގާނޫނުގެ 10 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އުފައްދާ ބޯޑުންނެވެ.
10 ވަނަ މާއްދާ - ކްލެމެންސީ ބޯޑު
(ހ) މި ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށާއި، އެ ބޯޑާގުޅޭގޮތުން މި ގާނޫނު ލާޒިމުކުރާ އެހެން މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، "ކްލެމެންސީ ބޯޑު" ގެ ނަމުގައި 11 މެންބަރުންގެ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ބޯޑަށް މީހުން އައްޔަންކުރާނީ، ނުވަތަ އެ ބޯޑުގެ މެންބަރުކަމުން މީހުން ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ބޯޑުގެ މެންބަރުން އައްޔަންކުރުމުގަޔާއި ވަކިކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި، އެ ބޯޑުގެ ބައްދަލުވުންތައް ބާއްވާނެ އުސޫލާއި، އެ ބޯޑުން ނިންމާ ކަންކަން ނިންމާނެގޮތުގެ އުސޫލުތައް ބަޔާންކޮށްދޭ ގަވާއިދެއް އެޓަރނީ ޖެނެރަލް އެކަށައަޅައި، އާންމުކޮށް އިއުލާނުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ބޯޑު ހަރަކާތްތެރިވާނީ، އެޓަރނީ ޖެނެރަލްގެ ބެލުމުގެ ދަށުންނެވެ. އަދި މި ގާނޫނުގެ ބޭނުމަށްޓަކައި އެޓަރނީ ޖެނެރަލަކީ، އެ ބޯޑުގެ ރައީސެވެ.
11 ވަނަ މާއްދާ - ބޯޑުގެ މެންބަރުން
މި ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން އެކުލަވާލާ ބޯޑުގައި އަންނަނިވި ދާއިރާތަކުގެ މީހުން ހިމެނުމަށް، ރައީސުލްޖުމްހޫރިއްޔާ އިސްކަން ދޭންވާނެއެވެ.
(ހ) ގާނޫނީ ދާއިރާގެ މީހަކު.
(ށ) ތައުލީމީ ދާއިރާގެ މީހަކު.
(ނ) އިޖްތިމާއީ ދާއިރާގެ މީހަކު.
(ރ) ސިއްހީ ދާއިރާގެ މީހަކު.
(ބ) ދީނީ އިލްމުގެ މީހަކު.
(ޅ) މަދަނީ ޖަމްއިއްޔާއެއްގެ މީހަކު.
(ކ) ޕެރޯލް ބޯޑުގެ މީހަކު.
(އ) ފުލުހުންގެ ދާއިރާގެ މީހަކު.
(ވ) ށަރުއީ ދާއިރާގެ މީހަކު.
(މ) ރައްޔިތުންގެ މަޖިލީހުން، އެ މަޖިލީހުގެ މެންބަރުން އައްޔަންކުރައްވާ މެންބަރެއް.
12 ވަނަ މާއްދާ - ބޯޑުގެ ބާރު
(ހ) މި ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އިލްތިމާސެއް ދިރާސާކުރުމުގައި، ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރުމާއި، ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކުރުމުގެ އިހްތިޔާރު މި ގާނޫނުން ބޯޑަށް ލިބިދެއެވެ.
(ށ) މި ގާނޫނުގެ 9 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކުރަންޖެހޭ ދިރާސާތައް ކުރުމާއި، ބަލަންޖެހޭ ބެލުންތައް ބެލުމާއި، ދިވެހި ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އެހީތެރިކަން ހޯދަންޖެހޭކަމަށް ބޯޑަށް ފެނިއްޖެނަމަ، އެ އެހީތެރިކަމެއް ހޯދުމާއި، އެ މައްސަލައާގުޅޭ ރިޕޯޓެއް ނުވަތަ ލިޔުމެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ހޯދަން ޖެހޭކަމަށް ބޯޑަށް ފެނިއްޖެނަމަ، އެ ރިޕޯޓެއް ނުވަތަ ލިޔުމެއް ހޯދުމާއި، ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ އެކިއެކި މުވައްޒަފުން ނުވަތަ ވެރިންނާ ބައްދަލުކޮށްގެން ނުވަތަ ލިޔުމުން ނުވަތަ އަނގަބަހުން އެކިއެކި ސުވާލުތަކަށް ޖަވާބު ހޯދަންޖެހޭ ކަމަށް ބޯޑަށް ފެނިއްޖެ ހިނދެއްގައި، އެކަންކަން ކުރުމުގެ އިހްތިޔާރުވެސް ބޯޑަށް، މި ގާނޫނުން ލިބިދެއެވެ.
13 ވަނަ މާއްދާ - އަމިއްލަ މަސްލަހަތު އޮތް މައްސަލައެއް ނުބެލުން
ބޯޑުން ދިރާސާ ކުރަމުންދާ އެއްވެސް އިލްތިމާސަކާ ގުޅިގެން، ބޯޑުގެ މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް ނުވަތަ އެނޫންވެސް ޒާތީ މަންފާއެއް އޮތް އިލްތިމާސެއް، ބޯޑުން ބަލާހިނދުގައި، އެ އިލްތިމާސެއް ދިރާސާކުރުމުގައި، ނުވަތަ އެ އިލްތިމާސަކާ ގުޅޭގޮތުން ގޮތެއް ނިންމުމުގައި، އެއްވެސް މިންވަރަކަށް އެ މެންބަރު ބައިވެރިވެގެން ނުވާނެއެވެ. އަދި ބޯޑުން ބަލާ އިލްތިމާސަކީ އެފަދަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް އޮތް އިލްތިމާސެއްކަން ކުރިން އެނގިފައި ނެތްނަމަވެސް، އެކަން އެނގޭހިނދު، އެ އިލްތިމާސަކީ އެ މެންބަރަކާ ބުނެވިދިޔަ ހައިސިއްޔަތުން ގުޅުމެއް އޮތް އިލްތިމާސެއްކަން ބޯޑުގެ ރައީސަށް އެންގުމާއެކު، އެ އިލްތިމާސެއް ބެލުމުން ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ގޮތެއް ނިންމުމުގައި، ބައިވެރިވުމުން އެ މެންބަރަކު އެއްކިބާ ވާންވާނެއެވެ.
14 ވަނަ މާއްދާ - ގެއްލުން ލިބުނު ފަރާތާ މުއާމަލާތްކުރުން
(ހ) މައާފުކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް އެދި އިލްތިމާސެއް ހުށަހަޅާފައިވާ ފަރާތުން ކުރި ކުށުގެ ސަބަބުން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިފައިވާނަމަ، އެ އިލްތިމާސް ދިރާސާކުރަން ފެށުމާއެކު، ނުވަތަ އެ އިލްތިމާސާ ގުޅިގެން އަންނަނިވި މައުލޫމާތު، ގެއްލުން ލިބުނު މީހާއަށް އެންގުން ބޯޑުގެ މައްޗަށް ލާޒިމުވެގެންވެއެވެ.
- މައާފުކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް އެދި އިލްތިމާސެއް ހުށަހަޅާފައިވާކަން؛
- އެ އިލްތިމާސާ ގުޅިގެން، މައާފުކޮށްދިނުމުގައި ނުވަތަ އަދަބު ލުއިކޮށްދިނުމުގައި އޭނާއަށް ފެންނަ ނުކުތާއެއް ނުވަތަ ނުކުތާތަކެއް ބޯޑަށް ހުށަހެޅުމުގެ ފުރުސަތު އޭނާއަށް ލިބިގެންވާކަން؛
- އެ އިލްތިމާސާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެއްވެސް ނިންމުމެއް ނިންމައިފިކަމަށްވާނަމަ، އެ ނިންމުމަކީ ކޮބައިކަން.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި، ކުށުގެ ގެއްލުމެއް ލިބިފައިވާ މީހާއަށް ބޯޑުން، މި ގާނޫނުގެ ދަށުން އެންގުން ލާޒިމުކުރާ ކަމެއް އަންގައިފިކަމަށް ބަލާނީ، އެހެން ގޮތަކަށް އެމީހަކު ނޭދޭ ހާލަތްތަކުގައި، އެމީހަކު ރަސްމީގޮތުން ރަޖިސްޓްރީކޮށްފައިވާ އެޑްރެހަށް، އެ މައުލޫމާތު ރަޖިސްޓްރީކޮށްފައިވާ ޕޯސްޓް މެދުވެރިކޮށް ލިޔުމުން ފޮނުވުމުންނެވެ.
15 ވަނަ މާއްދާ - ގެއްލުން ލިބުނު ފަރާތާ ބައްދަލުކުރުން
(ހ) މައާފުކޮށްދިނުން އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި އިލްތިމާސެއް ހުށަހެޅި ފަރާތުން ކޮށްފައިވާ ކުށަކީ، އޭގެ ސަބަބުން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބުނު ކުށެއްކަމުގައިވާނަމަ، އެ އިލްތިމާސް ދިރާސާކުރުމުގައި، އެ ފަރާތަކާ ބައްދަލުކޮށް އެފަރާތަކުން އެ މައްސަލައިގައި ދެކޭގޮތް އޮޅުންފިލުވުމަކީ، އެ ބޯޑުގެ މެންބަރުންގެ އަގުލަބިއްޔަތަށް ނިސްބަތްވާ މެންބަރުންގެ ނަޒަރުގައި، ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ކަނޑައަޅައިފިނަމަ، އިލްތިމާސް ހުށަހެޅި ފަރާތުންކޮށްފައިވާ ކުށުގެ ސަބަބުން ގެއްލުން ލިބުނު ފަރާތާ ބައްދަލުކުރުމަކީ، ބޯޑުން ކުރަންވާނެކަމެކެވެ. އެނޫން ހާލަތްތަކުގައި، އެކަންކުރުމާއި ނުކުރުމަކީ، ބޯޑުގެ އިހްތިޔާރުގައިވާ ކަމެކެވެ.
(ށ) މައާފުކޮށްދިނުން އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި އިލްތިމާސެއް ހުށަހެޅި ފަރާތުން ކުރި ކުށުގެ ސަބަބުން ގެއްލުމެއް ލިބިފައިވާ މީހަކާ ބައްދަލުކުރުމަކީ ކުރަންޖެހޭކަމެއްކަމަށް ކަނޑައެޅުމުގައި، އަންނަނިވި ކަންކަމަށް ބޯޑުން ރިއާޔަތްކުރަންވާނެއެވެ.
- ކުށުގެ ބޮޑުމިން؛
- ކުށް ކޮށްފައިވާ މާޒީގެ ދުރުމިން ނުވަތަ ކައިރިމިން؛
- ކުށުގެ ބާވަތް؛
- ކުރި ކުށުން ލިބުނު ގެއްލުމުގެ ނިސްބަތް؛
- ކުށް ކުރި ފަރާތުގެ ކުށުގެ ރެކޯޑު؛
- ކުށް ކުރި ފަރާތުގެ ކުށްކުރުމުގެ މާޒީއެއްވާނަމަ އެކަން؛
- އެ ކުށް ކުރުމުގައި އަނިޔާވެރި އަމަލު ހިމެނިފައިވާ ނިސްބަތް.
16 ވަނަ މާއްދާ - ކުށުގެ ގެއްލުން ލިބުނު ފަރާތް
ކުށުގެ ގެއްލުން ލިބުނު ފަރާތްކަމަށް، މި ގާނޫނުގެ ބޭނުމަށްޓަކައި ބަލާނީ އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތެކެވެ.
(ހ) ކުރި ކުށުގެ ސަބަބުން ޖިސްމާނީ ގޮތުން ނުވަތަ މާއްދީ ގޮތުން، ނުވަތަ ނަފްސާނީ ގޮތުން، ނުވަތަ ފައިސާގެ ގޮތުން ސީދާ ގެއްލުމެއް ލިބިފައިވާ ފަރާތް، ނުވަތަ ސީދާ ގެއްލުމެއް ލިބިދާނެކަމުގެ ބިރު ހީކުރެވުނު ފަރާތް؛ ނުވަތަ
(ށ) ކުށުގެ ސަބަބުން މީހަކު މަރުވެފައިވާނަމަ އޭނާގެ ވާރިސުން.
17 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުން
(ހ) ބޯޑުން ދިރާސާކޮށްދިނުން އެދި، އިލްތިމާސެއް ލިބުމުން، އެ އިލްތިމާސެއް ލިބޭތާ ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެތެރޭގައި އެ އިލްތިމާސް ދިރާސާކުރުމަށްފަހު، އެ އިލްތިމާސާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް، ލިޔުމުން ބޯޑުން ލަފާދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ބޯޑުން ލަފާދިނުމުގައި، އެ ލަފާ ބިނާކުރަންވާނީ އަންނަނިވި ބާވަތްތަކުގެ ތެރެއިން ބާވަތެއްގެ މައްޗަށެވެ.
- ހުށަހެޅިފައިވާ ގޮތުގެމަތިން މައާފުކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް ފެންނަކަމަށް؛
- ހުށަހެޅިފައިވާ ގޮތަށް މައާފުކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް ނުފެންނަކަމަށް އަދި މި ގާނޫނުގެ ދަށުން ހުއްދަކުރާ ގިންތިތަކުގެ ތެރެއިން ގިންތިއަކަށް ނިސްބަތްވާ އެއްވެސް ގޮތަކަށްވެސް މައާފުކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް ނުފެންނަކަމަށް؛
- ހުށަހެޅިފައިވާގޮތަށް މައާފުކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް ނުފެންނަކަމަށް، އެހެން ނަމަވެސް މި ގާނޫނުގެ ދަށުން ހުއްދަކުރާ ގިންތިތަކުގެ ތެރެއިން ގިންތިއަކަށް ނިސްބަތްވާގޮތަކަށް، މައާފުކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް ފެންނަކަމަށް އަދި އެ ގިންތިއަކީ ކޮބައިކަން.
(ނ) މި މާއްދާގެ ދަށުން ބޯޑުގެ ލަފާ އެކުލަވާލުމުގައި، އެ ލަފާ ބިނާކުރާ ސަބަބުތައް ސާފުކޮށް ބަޔާންކުރަންވާނެއެވެ.
18 ވަނަ މާއްދާ - މައާފުކޮށްދިންކަން ނުވަތަ އަދަބު ލުއިކޮށްދިންކަން އެންގުން
(ހ) މައާފުކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް އެދި އިލްތިމާސް ހުށަހަޅާފައިވާ ގޮތުގެމަތިން މައާފުކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައިފި ހިނދެއްގައި، އެކަމަށް އެދުނު މީހާއަށާއި ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަކަށް، ރައީސުލްޖުމްހޫރިއްޔާ ލިޔުމުން އެކަން އަންގަންވާނެއެވެ.
(ށ) މައާފުކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް އެދި އިލްތިމާސް ހުށަހަޅާފައިވާ ގޮތުގެމަތިން މައާފުކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް ނުފެންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައިފި ހިނދެއްގައި، އެ އިލްތިމާސް ހުށަހެޅި މީހާއަށް އެކަން ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމުން އަންގަންވާނެއެވެ. އަދި އެގޮތަށް އެންގުމަށް، މައާފުކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ނުފެންނަ ސަބަބުތައްވެސް ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ލިޔުމުގައި ހިމަނަންވާނެއެވެ.
19 ވަނަ މާއްދާ - ލަފައަށް އަމަލުނުކުރުން
(ހ) މައާފުކޮށްދިނުން އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ހުށަހެޅި އިލްތިމާސަކާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަކިގޮތަކަށް އަމަލުކުރުމަށް ފެންނަކަމަށް، ބޯޑުން ލަފާދިނުމުން، އެ ދިން ލަފަޔާއެއްގޮތަށް އަމަލުކުރުމާއި ނުކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.
(ށ) މައާފުކޮށްދިނުން އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ހުށަހެޅި އިލްތިމާސަކާ ގުޅޭގޮތުން، ބޯޑުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިންގޮތަށް އަމަލުނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައިފި ހިނދެއްގައި، އެގޮތަށް ކަނޑައެޅި ސަބަބު ރައީސުލްޖުމްހޫރިއްޔާ ބޯޑަށް ލިޔުމުން އަންގަންވާނެއެވެ.
20 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުން
(ހ) މައާފުކޮށްދިނުން އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި އިލްތިމާސެއް ހުށަހެޅުމުން، އެ އިލްތިމާސް ހުށަހެޅި މީހާއާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި ބަދަލުކުރެވޭ ލިޔެކިޔުމާއި، އެ މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް ކަމުގައި ބެލެވޭ ލިޔެކިޔުންތައް އާންމު އުސޫލެއްގެ ގޮތުން ހިއްސާ ކުރެވޭނީ އެ އިލްތިމާސް ދިރާސާކުރުމުގެ މަސައްކަތުގައި ހިމެނޭ މީހުންނާއި މުއައްސަސާތަކުގެ މެދުގައެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ވަކި ގާނޫނެއްގެ ދަށުން ނުވަތަ ވަކި ހާލަތެއް ނިޔާކުރާގޮތުން އިންސާފު ދެމެހެއްޓުމަށްޓަކައި އެ މައުލޫމާތުތަކުގެ ތެރެއިން ބައެއް މައުލޫމާތު ނުވަތަ އެ ހުރިހާ މައުލޫމާތެއް އެކުގައި ހާމަކުރަންޖެހޭކަމަށް ބޯޑަށް ފެނިއްޖެ ހިނދެއްގައި، އެ މައުލޫމާތެއް ހާމަކުރެވިދާނެއެވެ.
21 ވަނަ މާއްދާ - މަރުގެ ހުކުމާގުޅޭ ހާއްސަ އުސޫލު
މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ސުޕްރީމް ކޯޓުން މީހެއްގެ މައްޗަށް މަރުގެ ހުކުމް ކަނޑައަޅައިފިހިނދެއްގައި، ނުވަތަ ދަށު ކޯޓަކުން ނުވަތަ ހައިކޯޓުން، މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ މަރުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފިހިނދެއްގައި، އެ ހުކުމް ނިސްބަތްވާ މީހާ ހުރި ހާލަތަށާއި، ކަމާގުޅޭ ށަރުއީ އުސޫލުތަކަށާއި، ދައުލަތުގެ މަސްލަހަތަށާއި، އިންސާނިއްޔަތުގެ ހަމަތަކަށް ބަލައި، އޭނާގެ ހުކުމް، އުމުރު ދުވަހަށް ޖަލުގައި ބަންދުކުރުމަށް ބަދަލުކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް މި ގާނޫނުން ލިބިގެންވެއެވެ. އެހެންނަމަވެސް، އެބަދަލު ގެނައުމަށްފަހު، އެބަދަލުގެނެވުނު ހުކުމަކީ، މި ގާނޫނުގެ އެއްވެސް މާއްދާއެއްގެ ދަށުން މައާފުދެވިގެންވާނެ ހުކުމެއް ނޫނެވެ.
22 ވަނަ މާއްދާ - ށަރުތާއެކު އަދަބު މައާފުކޮށްދިނުން ނުވަތަ ލުއިކޮށްދިނުން
(ހ) މައާފުކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކޮންމެ ގިންތިއެއްގެ ދަށުން މައާފުކޮށްދިންކަމުގައިވީނަމަވެސް، ނުވަތަ އަދަބު ލުއިކޮށްދިންކަމުގައި ވީނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ށަރުތަކާއެކު، ކުށް މައާފުކޮށްދިނުމުގެ ނުވަތަ އަދަބު ލުއިކޮށްދިނުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ށަރުތަކާ ހިލާފުވެއްޖެ ހިނދެއްގައި، އެ މައާފުދިން ދިނުން ނުވަތަ އަދަބު ލުއިކޮށްދިން ދިނުން ބާތިލުވުމާއެކު، ރައީސުލްޖުމްހޫރިއްޔާ އެމީހަކަށް މައާފުކޮށްދިނުމުގެ ނުވަތަ އަދަބު ލުއިކޮށްދިނުމުގެ ކުރިން، އެމީހަކު ހުރި ހާލަތަށް އެމީހަކު ރުޖޫއަވެގެންދާނެއެވެ. އަދި އޭނާއަށް މައާފުދެވުނު ނުވަތަ އަދަބު ލުއިކޮށްދެވުނު ހުކުމުގެ ނުނިމިއޮތް މިންވަރުން އޭނާގެ މައްޗަށް ހިނގަންފަށާނެއެވެ.
23 ވަނަ މާއްދާ - މައުލޫމާތު ސައްހަވުން
(ހ) މައާފުކޮށްދިނުން އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި މި ގާނޫނުގެ ދަށުން އިލްތިމާސެއް ހުށަހަޅާއިރު، އެ އިލްތިމާސެއްގައި ހިމެނޭ، ނުވަތަ އެ އިލްތިމާސަކާ ގުޅިގެން ހުށަހަޅާ، ހުރިހާ މައުލޫމާތެއްވެސް ތެދުވެރިކަމާއެކު ފުރިހަމައަށް ހާމަކުރުމަކީ، ނުވަތަ ބަޔާންކުރުމަކީ، އެ އިލްތިމާސް ހުށަހަޅާ މީހެއްގެ މައްޗަށް މި ގާނޫނު ލާޒިމުކުރާ ކަމެކެވެ.
(ށ) މި ގާނޫނުގެ ދަށުން، އެއްވެސް އިލްތިމާސެއް ދިރާސާކުރުމުގައި، އެ އިލްތިމާސެއްގައި ހިމެނިގެންވާ ވަކި މައުލޫމާތަކީ، ނުވަތަ އެ އިލްތިމާސާ ގުޅިގެން ހުށަހަޅާފައިވާ ވަކި މައުލޫމާތަކީ ސައްހަނޫން މައުލޫމާތެއްކަން ފާހަގަކުރެވިއްޖެކަމަށްވާނަމަ، މި މާއްދާއާ ހިލާފުވީކަމުގައި ބަލައި، އެހިސާބުން އެ އިލްތިމާސެއް ކުރިއަށް ނުގެންދިޔުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.
24 ވަނަ މާއްދާ - ހުކުމް ތަންފީޒުވަމުން ދަނިކޮށް ކުށް މައާފުކޮށްދިނުމުގައި ބަލާނެ މިންގަނޑުތައް
މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ ހުކުމެއް ތަންފީޒުވަމުންދާ ހާލަތެއްގައި، އޭނާގެކުށް މައާފުކޮށްދިނުމަށް އެދި އިލްތިމާސެއް ހުށަހަޅައިފިނަމަ، އެ އިލްތިމާސް ދިރާސާކުރުމުގައި ބޯޑުން ބަލާނީ އަންނަނިވި ކަންކަމަށެވެ.
(ހ) މައްސަލައިގެ މައުލޫމާތުތައް.
(ށ) މައްސަލަ ތަހްގީގުކުރުމުގައި ފާހަގަކުރެވުނު ކަންކަން.
(ނ) ނުރަނގަޅު އަމަލުތައް ހުރިގޮތް.
(ރ) ކުށުގެ އަމަލުކޮށްފައިވާ ހާލަތް.
(ބ) ކުށުގެ އަމަލުގެ ސަބަބުން ލިބުނު ގެއްލުމުގެ ނިސްބަތް.
(ޅ) ކުށުގެ އަމަލުން ލިބުނު ގެއްލުން ކުރިމަތިވި ހާލަތްތައް.
(ކ) އެހެނިހެން ޖިނާއީ މައްސަލަތަކުގައި އިލްތިމާސް ހުށަހެޅި ފަރާތް ހިމެނިގެންވާ މިންވަރު.
(އ) މުޖުތަމައުގައި ކުށްވެރިޔާގެ އަބުރު އޮތް މަގާމު.
(ވ) ގެއްލުން ލިބުނު މީހުންނަށް ގެއްލުން ފޯރި ނިސްބަތް.
(މ) ދައުވާކުރުމުގައި ބަލާފައިވާ ނުކުތާތައް.
(ފ) އިލްތިމާސް ހުށަހެޅި މީހާގެ އަމަލުތައް، ހުކުމަށްފަހު ހުރިގޮތް.
(ދ) ކުށުގެ އަމަލުތަކުން ދުރަށް ދިޔުމަށް ކޮށްފައިވާ މަސައްކަތް.
(ތ) ހުކުމް ތަންފީޒުކުރުމުގައި އަމަލުތައް ބަހައްޓާފައިވާ ގޮތް.
(ލ) މައާފުދީފިކަމަށްވާނަމަ، އޭނާ ދެން ކުށެއް ނުކުރާނެކަމާމެދު އުފެދޭ ސުވާލަށް ޖަވާބުދެވިދާނެ ނިސްބަތް.
25 ވަނަ މާއްދާ - އަދަބު ލުއިކޮށްދިނުމުގައި ބަލާނެ މިންގަނޑުތައް
ކުށެއްގެ އަދަބު ތަންފީޒުވަމުންދަނިކޮށް، އެ އަދަބު ލުއިކޮށްދިނުން އެދި އިލްތިމާސް ހުށަހަޅައިފިނަމަ، އެ އިލްތިމާސް ދިރާސާކުރުމުގައި، ބޯޑުން ބަލާނީ އަންނަނިވި ކަންކަމަށެވެ.
(ހ) އަދަބުގެ ބޮޑުކަމާއި ބުރަކަން.
(ށ) އާންމު އުސޫލުން އެ ކުށަށް ދީފައިވާ އެހެން އަދަބުތަކުގެ މިންވަރު ނުވަތަ ނިސްބަތް.
(ނ) ހާއްސަ ބައްޔެއް ހުރުން.
(ރ) އުމުރުން ދުވަސްވެފައިވާ މިންވަރު.
(ބ) ގައުމަށް ކޮށްފައިވާ ހިދުމަތް.
(ޅ) ދައުވާ ސާބިތުވުމާ ހަމައަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ފަރާތްތަކާއެކު މުއާމަލާތް ކޮށްފައިވާގޮތް.
(ކ) އަދަބު ތަންފީޒުވެ ނިމިފައިވާ މިންވަރު.
(އ) ހުކުމް ތަންފީޒުކުރުމުގައި އަމަލުތައް ބަހައްޓާފައިވާ ގޮތް.
(ވ) ކުށުގެ އަމަލުގެ ސަބަބުން ގެއްލުންވި މީހުންގެ ފަރާތުން މައާފު ހޯދުމަށް ކޮށްފައިވާ މަސައްކަތް.
26 ވަނަ މާއްދާ - ކުށް މައާފުކޮށްދިނުމުގެ ސަބަބުން ރެކޯޑު ފޮހެވިގެން ނުދިޔުން
(ހ) މި ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތަށް ނިސްބަތްވާ މީހުންގެ ކުށުގެ ރެކޯޑު ފިޔަވައި، މި ގާނޫނުގެ ދަށުން ކުށް މައާފުކޮށްދެވޭ އެހެން މީހުންގެ ކުށުގެ ރެކޯޑު، އެމީހުން ކުށް މައާފުކޮށްދިންކަމުގައި ވީނަމަވެސް، އެ މީހެއްގެ ކުށުގެ ރެކޯޑުން އެ ކުށް ފޮހެވިގެން ނުދާނެއެވެ.
(ށ) މި ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތަށް ނިސްބަތްވާ މީހުންގެ ކުށް، މި ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މައާފުކޮށްދީފިކަމަށްވާނަމަ، އޭނާގެ ކުށުގެ ރެކޯޑު ފުހެވިގެންދާނެއެވެ.
27 ވަނަ މާއްދާ - ބަދަލު ހޯދުމަށް ދައުވާ ކުރުމަށް އުނިކަމެއް އައުން
މީހަކު ކޮށްފައިވާ ކުށަށް މި ގާނޫނުގެ ދަށުން މައާފުދިން ކަމުގައިވީނަމަވެސް، ނުވަތަ އޭނާ ކުރި ކުށުގެ ސަބަބުން އޭނާގެ މައްޗަށް ކަނޑައެޅި އަދަބު ލުއިކޮށްދިން ކަމުގައި ވީނަމަވެސް، އެ ކުށުގެ ސަބަބުން ގެއްލުން ލިބުނު ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމަށް އޮތް ހައްގަކަށް އުނިކަމެއް ނާންނާނެއެވެ.
28 ވަނަ މާއްދާ - ހުކުމެއްގެ ސައްހަކަމާމެދު ސުވާލުނުކުރުން
(ހ) މައާފުކޮށްދިނުން ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ހުށަހަޅާފައިވާ އިލްތިމާސާ ގުޅިފައިވާ ހުކުމް އެއީ، ސައްހަ ހުކުމެއްކަމުގައި ހުރިހާ ފަރާތަކުންވެސް ގަބޫލުކުރަންވާނެއެވެ.
(ށ) މި ގާނޫނުގެ ދަށުން އިލްތިމާސް ހުށަހަޅާ މީހާގެ މައްޗަށް ކުށެއް ސާބިތުވުމުގެ ސައްހަކަމަކީ، ނުވަތަ ކުށް ސާބިތުވެފައިވާ ގޮތުގެ ސައްހަކަމަކީ، ނުވަތަ ހުކުމް އައިސްފައިވާގޮތުގެ ސައްހަކަމަކީ، ކުށް މައާފުކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް އެދި ހުށަހަޅާ އިލްތިމާސަކާ ގުޅިގެން ދިރާސާކުރެވޭނެ ނުވަތަ ގޮތެއް ކަނޑައެޅޭނެ ކަންކަމެއް ނޫނެވެ.
29 ވަނަ މާއްދާ - މައާފުދިނުމުގެ ހާއްސަ އުސޫލު
(ހ) 7 އޯގަސްޓް 2008 ދުވަހު އަމަލުކުރަން ފެށި ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށުމުގެ ކުރިން، ޖިނާއީ އެކިއެކި ކުށްކުށުގައި ހުކުމްކޮށްފައިވާ މީހުންގެ ތެރެއިން އަންނަނިވި މިންގަނޑުތަކަށް ފެތޭ އަދަބު، މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ގިންތިތަކުގެ ތެރެއިން ގިންތިއަކަށް ނިސްބަތްކޮށް، ވަކި އިލްތިމާސެއް ހުށަހެޅުމަކާއި ނުލައި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ އިސްނެގުމުގައި މައާފުކޮށްދިނުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.
- 7 އޯގަސްޓް 2008 ގެ ފަހުން ކުށެއްކަމަށް ނުބެލެވޭ ކަމެއް، އޭގެކުރިން ކުށެއްކަމުގައި ބެލިގެން ހުކުމެއް ތަންފީޒުކުރަމުންދާ މީހުން.
- 7 އޯގަސްޓް 2008 ގެ ފަހުން، ކުށެއް ސާބިތުކުރުމަށް ބޭނުންވާކަމަށް ގާނޫނުއަސާސީ ގައި ނުވަތަ ގާނޫނެއްގައި ކަނޑައަޅާފައިވާ މިންގަނޑަށްވުރެ، ހަރުކަށި ނުވަތަ ދަށް މިންގަނޑެއްގެ ދަށުން، މީހެއްގެ މައްޗަށް ކުށެއް ކަނޑައެޅި ހުކުމެއް ތަންފީޒުކުރަމުންދާ މީހުން.
- 7 އޯގަސްޓް 2008 ގެ ކުރިން، ކުށްކުރިއިރު، އުމުރުން 18 އަހަރު ފުރިހަމަނުވާ މީހުން.
- 7 އޯގަސްޓް 2008 ގެ ކުރިން، މީހެއްގެ މައްޗަށް ހުކުމްކުރުމުގައި، އޭނާގެ ތަހްގީގުގައި ވެފައިވާ އިއުތިރާފަށް އެކަނި ބެލިގެން ހުކުމްކުރެވި، ހުކުމް ތަންފީޒުކުރަމުންދާ މީހުން.
- 7 އޯގަސްޓް 2008 ގެ ކުރިން، ދައުލަތާ ދެކޮޅަށް ކުރެވުނު ކުށަކަށްވުރެ ބޮޑަށް، ސިޔާސީ ހަރަކާތެއް ކުރިއަށް ގެންދިޔުމުގައި ކުރިކަމެއް އެއީ، ކުށެއް ކަމަށް ބެލިގެން ކުރެވިފައިވާ ހުކުމެއް ތަންފީޒުކުރަމުންދާ މީހުން.
(ށ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ ހުކުމެއް ނުވަތަ ހުކުމްތަކެއްގެ މުއްދަތަކީ 25 އަހަރަށްވުރެ ދިގު މުއްދަތަކަށްވެފައި، އެ ހުކުމް ނުވަތަ އެހުކުމްތައް ތަންފީޒުކުރުމުގައި 25 އަހަރު ޖަލުގެ ބަންދުގައި ހޭދަކޮށްފައިވާނަމަ، އޭނާގެ އުޅުމަށާއި، ސިއްހަތަށާއި، ވަގުތަށާއި، ހާލަތަށް ބަލައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެގުމުގައި، އޭނާއަށް މައާފުދިނުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.
(ނ) ޖިނާއީ ކުށުގެ ހުކުމް އިއްވާފައިވާ މީހެއްގެ އުމުރަށް ބަލައި ނުވަތަ އޭނާ ގައިހުރި ބައްޔަކަށް ބަލައި، ނުވަތަ އޭނާ ހޯދަމުންދާ ފަރުވާއަކަށް ބަލައި، ނުވަތަ އޭނާ ހުރިވަގުތަށާއި ހާލަތަށް ބަލައި، ނުވަތަ އިންސާނިއްޔަތުކަމުގެ ނަޒަރަކުންބަލައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެގުމުގައި އޭނާގެ އަދަބު ލުއިކޮށްދިނުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.
30 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
މި ގާނޫނުގެ ދަށުން، ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކުންނެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ ގަވާއިދުތައް ހަދައި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
31 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
32 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދު؛
"ބޯޑު" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން އުފައްދާ ކްލެމެންސީ ބޯޑަށެވެ.
"އިލްތިމާސް" ކަމަށް ބުނެފައިއެވަނީ، މައާފުކޮށްދިނުން ނުވަތަ އަދަބު ލުއިކޮށްދިނުން އެދި މި ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ ހުށަހެޅުމަށެވެ.
"ކުށް މައާފުކޮށްދިނުން" ނުވަތަ "މައާފުދިނުން" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ހުށަހަޅާ އިލްތިމާސަކާ ގުޅޭގޮތުން، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ ތެރެއިން ގިންތިއަކަށް ފެތޭގޮތަށް، ހުކުމް ތަންފީޒުވަމުންދާ މީހެއްގެ އަދަބު ނުވަތަ އަދަބުން ބައެއް މައާފުކޮށްދިނުމުގެ ގޮތުން ނުވަތަ ލުއިކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ކަނޑައެޅުމަށެވެ.
"އަދަބު ލުއިކުރުން" ކަމަށް ބުނެފައި އެވަނީ މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބެއް، އެ އަދަބަށްވުރެ ލުއި އަދަބަކަށް ށަރުތަކާއެކު ނުވަތަ ށަރުތަކާނުލައި ނަމަވެސް ބަދަލުކޮށްދިނުމާއި، މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބެއްގެ މުއްދަތު ކުރުކޮށްދިނުމާއި، މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބެއް ތަންފީޒުކުރުން ފަސްކޮށްދިނުން ހިމެނޭ ގޮތަށެވެ.
"ސުޕްރީމް ކޯޓު" ކަމަށް ބުނެފައިއެވަނީ، ސުޕްރީމް ކޯޓުގެ ނަމުގައި ދިވެހިރާއްޖޭގެ ށަރުއީ ނިޒާމުގައި ހިމެނޭ އިސްތިއުނާފުގެ އެންމެމަތީ ކޯޓަށެވެ.
"އިންސާނިއްޔަތުކަމުގެ ނަޒަރުން" ކަމަށް ބުނެފައި އެވަނީ އިންސާނަކަށް ހަމްދަރުދީވެ އޯގާތެރިވާންޖެހޭ އެންމެހާ ހާލަތްތަކަށެވެ.
މައި ގާނޫނު
މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 02/2010)
މި ގާނޫނަށް ގެނެވުނު އިސްލާހު
ކިޔުންތެރިންގެ ހިޔާލު