-

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 1994-06)

(1ވަނަ، 2ވަނަ، 3ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

1 ވަނަ މާއްދާ - ފެށުން

ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މާތްވެގެންވާ އިސްލާމް ދީނުގެ  އަހުލުވެރިންކަމަށް ވެފައި،އުސޫލެއްގެ ގޮތުން އެއް މަޒުހަބަކަށް އެންމެން އުޅެމުން އަންނަ އެއް ގައުމިއްޔަތެއް ހިއްސާކުރާ ބަޔަކަށް ވުމާއެކު،ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަން އަމާންކަމާއި ސުލްހަ މަސަލަހަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންކަމެއް ކަމަށްވާތީ، ދިވެހިރައްޔިތުންގެ ދީނީ ސަރުކާއި ރައްޔިތުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.

 

2 ވަނަ މާއްދާ - އިސްލާމީ ތަހުލީމު (އިތުރު ކުރެވިފައި)

(ހ) ދިވެހިރާއްޖޭގެ ކުޑަކުދިންގެ މެދުގައި އިސްލާމްދީނަށް ލޯބިޖައްސައި މަޒްހަބީ ހިލާފުތަކުން އެއްކިބާވެތިބުމަށް ބާރުއަޅުވަނިވި އުސޫލަކުން ދީނީ ތަހުލީމުގެ މަންހަޖު ފަރުމާކޮށް ބައްޓަންކުރުމަކީ ތަހުލީމާގުޅޭ ސިޔާސަތުތައް ތަންފީޒުކޮށް ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ މިނިސްޓްރީއަށާއި ތަހުލީމީ މުއައްސަސާތަކުގެ މައްޗަށް ލާޒިމްވެގެންވާ ކަމެކެވެ.

(ށ) އިސްލާމް މަޖްބޫރު މާއްދާއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މަދްރަސާތަކުގެ ގްރޭޑް 1 އިން ފެށިގެން ގްރޭޑް 12 ގެ ނިޔަލަށް އުނގަންނައިދިނުމަކީ ސަރުކާރުގެ މަދްރަސާތަކާއި އަމިއްލަ މަދްރަސާތަކުގެ މައްޗަށް ލާޒިމްވެގެންވާ ކަމެކެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މަދްރަސާތަކުގައި އިސްލާމް ކިޔަވައިދެވޭނީ މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގަބޫލުކުރާ އިސްލާމީ ޔުނިވަރސިޓީއަކުން ނުވަތަ އެފަދަ ތަހުލީމީ މަރުކަޒަކުން ދީނީ ތަހުލީމުގެ ދާއިރާއިން މަތީ ތަހުލީމުގެ ސެޓްފިކެޓެއް ލިބިފައިވާ މީހުންނަށާއި، ދިވެހިސަރުކާރުން ގަބޫލުކުރާ ފެންވަރަށް އިސްލާމީ ތަހުލީމު ހާސިލުކޮށްފައިވާ މީހުންނަށެވެ. އަދި މި ހުއްދަ ދެވޭނީ ބިދޭސީއެއްނަމަ ސުންނަތް ޖަމާހަތުގެ މުސްލިމުންނަށެވެ.

(ރ) ދިވެހިރާއްޖޭގެ މަދްރަސާތަކުގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ކުދިންގެ ހިތްތަކުގައި ލޯބިޖައްސަން މަސައްކަތްކޮށްގެން ނުވާނެއެވެ. އަދި އިސްލާމްދީން ނޫން އެހެން އެއްވެސް ދީނެއް މާއްދާއެއްގެ ގޮތުގައި ކިޔަވައިދީގެން ނުވާނެއެވެ.

 

3 ވަނަ މާއްދާ - ދީނީ ށިއާރު ފާޅުކުރުމުގެ އިހްތިސާސާއި ތަބާވާންޖެހޭ މުހިންމު ކަންތައް (ސުރުހީ އާއި މާއްދާ އިސްލާހު ކުރެވިފައި)

(ހ) ދިވެހިރާއްޖޭގައި ދީނީ ށިއާރު ފާޅުކުރުމުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމަކީ މިނިސްޓްރީގެ މަސްއޫލިއްޔަތެކެވެ. މިގޮތުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ބިނާކޮށްފައިވާ މިސްކިތްތަކާއި

(ށ) ދީނީ ށިއާރު ފާޅުކުރުމުގައި ދިވެހި ދައުލަތުންނާއި މިނިސްޓްރީން ހައްޔަންކޮށްފައި ތިބޭ މުދިމުންނާއި އިމާމުންނާއި ހަތީބުންނާއި އަދި އެ މިނިސްޓްރީގެ ހުއްދަ ލިބިފައިވާ ދީނީ ށިއާރު ފާޅުކުރުމުގައި އިސްވެ އުޅެންޖެހޭ މަގާމުތަކުގައި ތިބޭ މީހުން އަޅުކަންކުރުމުގެ ކަންތަކުގައި ތަބާވާންޖެހޭނީ ސުންނަތް ޖަމާހަތަށެވެ.

(ނ) ދިވެހިރާއްޖޭގައި ދީނީ ތަގްރީރުކޮށް، ދީނީ ނަސޭހަތްދީ، އަދި ދީނީ ފޮތް ށާއިހުކުރެވޭނީ މިނިސްޓްރީން ލިޔުމަކުން ހުއްދަ ލިބިގެންނެވެ.

 

4 ވަނަ މާއްދާ – ހުއްދަދެވޭ މީހުން

މިގާނޫނުގެ 2 ވަނަ މާއްދާގައި ބުނެފައިވާ ހުއްދަ ދޭންވާނީ، ދިވެހި ސަރުކާރުން  ގަބޫލުކުރާ އިސްލާމީ ޔުނިވަރސިޓީއަކުން، ނުވަތަ އެފަދަ އެފެންވަރުގެ ތަނަކުންމަތީތައުލީމުގެ ސެޓްފިކެޓް ލިބިފައިވާ މީހުންނަށާއި، ދިވެހި ސަރުކާރުން ގަބޫލުކުރާ ފެންވަރަކަށް ދީނީ ތައުލީމު ހާސިލްކޮށްފައިވާ މީހުންނަށެވެ. އަދި މިހުއްދަ ދެވޭނީ، ދިވެހި ސަރުކާރުން ކަނޑއަޅާ އުސޫލުތަކެއްގެ މަތިން މުސްލިމުންނަށެވެ.

 

5 ވަނަ މާއްދާ - މަޖިލިސް އުފެދުން (އިތުރު ކުރެވިފައި)

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ދިވެހިރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތު އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިގްހީ އައު މައްސަލަތަކުގެ ދިރާސާތައްކޮށް، އެކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށްޓަކައި، "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" ގެ ނަމުގައި މަޖިލީހެއް އުފެދުނީއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުން އައި "ފިގްހު އެކަޑަމީ" އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އަށް ބަދަލުވީއެވެ.

 

6 ވަނަ މާއްދާ - އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ގާއިމްކުރުން (އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގެ ދަށުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުގައި "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" ގެ ނަމުގައި އޮފީހެއް ރައީސުލްޖުމްހޫރިއްޔާ ގާއިމްކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ގާއިމްކުރާ އޮފީހަކީ، މިނިސްޓްރީގެ ދަށުން ހިންގޭ، ދައުލަތުގެ ވަކި އިދާރާއެކެވެ.

(ނ) މި ގާނޫނުގެ ދަށުން އުފެދޭ މަޖިލިސް ޖަވާބުދާރީވަނީ މިނިސްޓަރަށެވެ.

މަޖިލީހުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

 

7 ވަނަ މާއްދާ - މަޖިލީހުގެ މަސްއޫލިއްޔަތުތައް (އިތުރު ކުރެވިފައި)

(ހ) ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގާއިމްކޮށް ދެމެހެއްޓުމަށްޓަކައި ދިވެހި މުޖުތަމައަށް ބޭނުންވާ ދީނީ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުން؛

(ށ) ދައުލަތުގެ މުއައްސަސާތަކުން މަޖިލީހުގެ ލަފަޔަށް އެދޭ ދީނީ ކަންކަމުގައި، އެ މުއައްސަސާތަކަށް ބޭނުންވާ އިސްތިށާރީ ލަފާ ފޯރުކޮށްދިނުން؛

(ނ) އިސްލާމީ އުންމަތަށް ދިމާވާ ފިގްހީ އައު މައްސަލަތަކަކީ ކޮބައިކަން ދެނެގަނެ، އެފަދަ މައްސަލަތަކުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ދީނީގޮތުން ފަތުވާ ދިނުން މުހިންމުކަމަށް މަޖިލީހަށް ފެންނަ މައްސަލަތަކުގައި، ދީނީ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުން؛

(ރ) ދިވެހިރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ މައްސަލަތައް ދެނެގަނެ، އެކަންކަމުގެ ދިރާސާތައްކޮށް، އެފަދަ މައްސަލަތަކުގައި މަޖިލީހުގެ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުން؛

(ބ) ދިވެހި ރައްޔިތުންގެ މެދުގައި އުފެދޭ ދީނީ ހިޔާލު ތަފާތުވުންތައް ނައްތާލުމަށާއި، މުޖުތަމައުގެ މަސްލަހަތު ހިމެނޭ ދީނުގެ އެކި މައްސަލަތަކުގައި ހިޔާލު ހޯދާ މަޝްވަރާކުރުމަށްޓަކައި، ދީނީ އިލްމުވެރިންގެ މަހާސިންތާތަކާއި ސެމިނަރތައް ރާވައި ހިންގުން؛ އަދި

(ޅ) ދީނީ ކަންކަމުގައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ތަފާތު ދީނީ މައުލޫއުތަކަށް ދިރާސާކޮށް ލިޔެފައިވާ ލިޔުންތައް ށާއިއުކޮށް ނެރުން.

 

8 ވަނަ މާއްދާ - މެންބަރުންގެ އަދަދު (އިތުރު ކުރެވިފައި)

މަޖިލިސް އެކުލެވިގެންވަނީ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.

 

9 ވަނަ މާއްދާ - މަޖިލިސް އެކުލެވިގެންވާ ގޮތް (އިތުރު ކުރެވިފައި)

މަޖިލިސް އެކުލެވިގެންވަނީ، ތިރީގައި ބަޔާންކޮށްފައިވާ މީހުންގެ މައްޗަށެވެ.

(ހ) މިނިސްޓަރުގެ ލަފާގެ މަތިން އައްޔަންކުރާ 1 (އެކެއް) މެންބަރު؛

(ށ) (އުނި ކުރެވިފައި)

(ނ) ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ނުވަތަ އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 1 (އެކެއް) މަންބަރު؛ އަދި (އިސްލާހު ކުރެވިފައި)

(ރ) ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 3 (ތިނެއް) މަންބަރުން. (އިސްލާހު ކުރެވިފައި)

 

10 ވަނަ މާއްދާ - މެންބަރުކަމުގެ ށަރުތު (އިތުރު ކުރެވިފައި)

މަޖިލީހަށް އައްޔަންކުރެވޭ މެންބަރުން މެންބަރުކަމުގެ މަގާމުގައި ދެމިތިބޭއިރު ތިރީގައިމިވާ ށަރުތުތައް އެ މެންބަރުންގެ ކިބައިގައި ފުރިހަމަވާންވާނެއެވެ.

(ހ) ދިވެހިރައްޔިތަކު ކަމުގައިވުން؛

(ށ) އުމުރުން 25 (ފަންސަވީސް) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން؛

(ނ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިއަށް ށަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން؛ އަދި

(ރ) އިސްލާމީ ފިގުހު ނުވަތަ ފިގުހު މުގާރަން ނުވަތަ އުސޫލުލް ފިގުހު ނުވަތަ އިސްލާމީ ށަރީއާއިން އެންމެ ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް-9 ގެ ސަނަދެއް އަރަބި އިސްލާމީ ޔުނިވަރސިޓީއަކުން އަރަބިބަހުން ނުވަތަ އިނގެރޭސި ބަހުން ހާސިލުކޮށް އަދި އެ ދާއިރާއިން ދިވެހިރާޢްޖޭގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން.

 

11 ވަނަ މާއްދާ - މެންބަރުން އައްޔަންކުރުން (އިތުރު ކުރެވިފައި)

މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މަޖިލީހަށް އައްޔަންކުރަންޖެހޭ މެންބަރު މަޖިލީހަށް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

 

12 ވަނަ މާއްދާ - މަޖިލީހުގެ ރައީސް (އިތުރު ކުރެވިފައި)

މަޖިލީހުގެ މެންބަރުންގެ ތެރެއިން މީހަކު، މަޖިލީހުގެ ރައީސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - މަޖިލީހިގެ ރައީސްގެ ޒިންމާ (އިތުރު ކުރެވިފައި)

މަޖިލީހުގެ ރައީސްގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) މި ގާނޫނުގެ ދަށުން މަޖިލީހުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން؛

(ށ) މަޖިލީހުގެ ޖަލްސާތަކުގެ އެޖެންޑާ ކަނޑައޅުމާއި، ރިޔާސަތު ބެލެހެއްޓުމާއި ޖަލްސާތަކުގެ ގަވާއިދުތައް ހިފެހެއްޓުން؛

(ނ) މަޖިލީހަށް ހުށަހެޅޭ މައްސަލަތައް ދިރާސާކުރުމާއި އެހެނިހެން މަސައްކަތްތައް ބެހެއްޓުން މެންބަރުންނާ ހަވާލުކުރުން؛ އަދި

(ރ) މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގައި މަޖިލީހުން ނިންމާ ނިންމުންތައް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.

 

14 ވަނަ މާއްދާ - މަޖިލީހުގެ ނައިބު ރައީސް (އިތުރު ކުރެވިފައި)

މަޖިލީހުގެ މެންބަރުންގެ ތެރެއިން މީހަކު، މަޖިލީހުގެ ނައިބު ރައީސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - މަޖިލީހުގެ ނައިބު ރައީސްގެ ޒިންމާ (އިތުރު ކުރެވިފައި)

މަޖިލީހުގެ ނައިބު ރައީސްގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މަޖިލީހުގެ ރައީސަށް އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަގަމު ހުސްވެއްޖެ ހާލަތެއްގައި، ރައީސްގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުން؛

(ށ) މަޖިލީހިގެ މަސައްކަތްތަކާ ގުޅިގެން މަޖިލީހުގެ ރައީސް ހަވާލުކުރާ މަސައްކަތްތައް ކުރުން؛ އަދި

(ނ) މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވެދިނުން.

 

16 ވަނަ މާއްދާ - މަޖިލީހުގެ މެންބަރުންގެ ޒިންމާ (އިތުރު ކުރެވިފައި)

މަޖިލީހުގެ މެންބަރުންގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) މަގްބޫލު އުޒުރެއް ދިމާވެގެން މެނުވީ، މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވުން؛

(ށ) މަޖިލީހުގެ މަސައްކަތްތަކާ ގުޅިގެން މަޖިލީހުގެ ރައީސް އެ މެންބަރަކަށް ހަވާލުކުރާ މަސައްކަތްތައް ފަރުވާތެރިކަމާއެކު ފަރުދީގޮތުން ކުރުމާއެކު، މަޖިލީހުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުން؛ އަދި

(ނ) މަޖިލީހުގެ މަސައްކަތްތަކަށް ރިއާޔަތްކޮށް މަޖިލީހުގެ މަސްލަހަތު ކުރިއެރުވުމަށް މަސައްކަތް ކުރުން.

 

17 ވަނަ މާއްދާ - މެންބަރުކަމުގެ ދައުރުގެ މުއްދަތު (އިތުރު ކުރެވިފައި)

މަޖިލީހުގެ މެންބަރުކަމަށް އައްޔަންކުރެވޭ މީހަކު، އެ މަގާމުގައި ހުންނާނީ ތިރީގައި ބަޔާންވެގެންވާ މުއްދަތަށެވެ.

(ހ) މަޖިލީހަށް އައްޔަންކުރެވޭ މެންބަރަކު، މުންބަރުކަމުގެ މަގާމުގައި ދެމިހުންނާނީ އެ މެންބަރަކު އައްޔަންކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ށ) މި ގާނޫނުގެ ދަށުން މެންބަރުކަމަށް އައްޔަންކުރެވޭ އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެނޫންވެސް ގޮތަކަށްވިއަސް 5 (ފަހެއް) އަހަރުގެ 2 (ދޭއް) ދައުރަށްވުރެ ގިނަ ދުވަހު މެންބަރުކަމުގައި ނުހުރެވޭނެއެވެ.

 

18 ވަނަ މާއްދާ - އިނާޔަތް (އިތުރު ކުރެވިފައި)

މަޖިލީހުގެ މެންބަރުންނަށް ދެވޭ އިނާޔަތްތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަޝްވަރާއާއެކު ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

 

19 ވަނަ މާއްދާ - މަގާމު ހުސްވުން (އިތުރު ކުރެވިފައި)

ތިރީގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެންބަރަކަށް މެދުވެރިވެއްޖެނަމަ، އެ މެންބަރެއްގެ މަގާމު ހުސްވާނެއެވެ.

(ހ) މި ގާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިސްތިއުފާދިނުން؛

(ށ) މެންބަރުކަމުގެ ދައުރު ހަމަވުން؛

(ނ) މި ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެންބަރުކަމުން ވަކިކުރުން؛

(ރ) މަޖިލީހުގެ މެންބަރުންގެ ކިބައިގައި ހުރުން މި ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ލާޒިމުކުރާ ށަރުތުތަކުގެ ތެރެއިން ށަރުތެއް އުނިވުން.

 

20 ވަނަ މާއްދާ - ހުސްވާ މަގާމަށް މީހުން އައްޔަންކުރުން (އިތުރު ކުރެވިފައި)

މި ގާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން މަޖިލީހުގެ ރައީސްކަމުގެ މަގާމު ނުވަތަ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމު ނުވަތަ މަޖިލީހުގެ މެންބަރުކަމުގެ މަގާމެއް ހުސްވެއްޖެނަމަ، އެ މަގާމެއް ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އަލުން އައްޔަންކުރަންވާނެއެވެ.

 

21 ވަނަ މާއްދާ - އިސްތިއުފާދިނުން (އިތުރު ކުރެވިފައި)

(ހ) މަޖިލީހުގެ މެންބަރަކު އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް، ރައީސްކަމުން ނުވަތަ ނައިބު ރައީސްކަމުން އިސްތިއުފާދިން ކަމުގައިވިޔަސް، މަޖިލީހުގެ މެންބަރުކަމުން އޭނާ އިސްތިއުފާދިނީ ކަމުގައި ނުބެލެވޭނެއެވެ.

 

22 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން (އިތުރު ކުރެވިފައި)

ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

(ހ) މަގުބޫލު އުޒުރެއްނެތި މެންބަރަކު ވިދިވިދިގެން މަޖިލީހުގެ 3 (ތިނެއް) ޖަލްސާއަށް ހާޒިރުނުވުން؛

(ށ) މަޖިލީހުގެ މެންބަރެއްގެ ކިބައިގައި ހުރުމަށް މި ގާނޫނު ލާޒިމުކުރާ ށަރުތެއް އުނިވުން؛

(ނ) މެންބަރަކު ކުރިކަމެއްގެ ސަބަބުން، އޭނާއަކީ މެންބަރުކަން ކުރުމަށް އެކަށީގެންނުވާ މީހަކު ކަމުގައިވުން؛

(ރ) މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލުވުން؛

(ބ) ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވުން؛

(ޅ) ށަރުއީ ހުކުމަކުން އިފްލާސްކުރުން.

 

23 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލް އައްޔަންކުރުން (އިތުރު ކުރެވިފައި)

(ހ) މަޖިލީހުގެ އިދާރީ ކަންކަން ހިންގުމުގެ މަސްއޫލުވެރި ފަރާތެއްގެ ގޮތުގައި އިސްވެ ހުންނާނީ މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލްއެވެ.

(ށ) މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޖިލީހަށް މެންބަރުން އައްޔަންކުރެވުމާއެކު، ވީ އެންމެ އަވަހަކަށް، ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެކްރެޓާރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަންކުރާނީ، އެކަމަށް ކުރިމަތިލިމަށް އާންމުކޮށް އިއުލާންކުރުމުން އެކަމަށް އެދި ހުށަހަޅާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އެފަރާތްތަކުގެ ގާބިލްކަމާއި ތައުލީމާއި ތަރުޖިބާގެ މައްޗަށް ބިނާކޮށް، މަޖިލީހުންނެވެ.

 

24 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލްގެ ށަރުތުތައް (އިތުރު ކުރެވިފައި)

ސެކްރެޓަރީ ޖެނެރަލްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) ދިވެހިރައްޔިތަކު ކަމުގައިވުން؛

(ށ) އުމުރން 25 (ފަންސަވީސް) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން؛

(ނ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން؛

(ރ) ހިންގުމުގެ ދާއިރާއިން އެންމެ ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް-9 ގެ ސަނަދެއް ހާސިލުކޮށް އަދި އެ ދާއިރާއިން މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ މީހަކު ކަމުގައިވުން ނުވަތަ ލެވެލް-8 ގެ ސަނަދެއް ހާސިލުކޮށް އެ ދާއިރާއިން މަދުވެގެން 7 (ހަތެއް) އަހަރުދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ މީހަކު ކަމުގައިވުން؛

(ބ) ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ހުރި މީހެއް ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގެ މުވައްޒަފެއް ކަމުގައި ނުވުން؛ އަދި

(ޅ) އަރަބި ބަސް ނުވަތަ އިނގެރޭސި ބަހުން ފަސޭހަކަމާއެކު މުއާމަލާތުކުރެވޭ މީހަކު ކަމުގައިވުން.

 

25 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލްގެ ޒިންމާ (އިތުރު ކުރެވިފައި)

ސެކްރެޓަރީ ޖެނެރަލްގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން މަޖިލީހުގެ އިދާރީ އެންމެހައި ކަންކަން ހިންގުން؛

(ށ) މަޖިލީހުގެ އެންމެހައި ހިސާބުތަކާއި ލިޔެކިޔުންތައް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ބެހެއްޓުން؛

(ނ) މަޖިލީހުގެ ޖަލްސާތަކަށް ބޭނުންވާ އެންމެހައި އިދާރީ ކަންކަން ހަމަޖެއްސުމާއި މަޖިލީހުގެ ސެކްރެޓޭރިއެޓްގެ ކަންކަން ހަމަޖެއްސުން؛ އަދި

(ރ) މަޖިލީހުން ދޭ ފަތުވާތައް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އާންމުކޮސް ފެންނާނެހެން ށާއިއުކުރުމާއި އާންމުކުރުން.

 

26 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ދައުރު (އިތުރު ކުރެވިފައި)

(ހ) ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ދައުރަކީ 5 (ފަހެއް) އަހަރުދުވަހެވެ.

(ށ) ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މީހަކަށް އެންމެ ދިގު މުއްދަތަކަށް ހުރެވޭނީ 5 (ފަހެއް) އަހަރުދުވަހުގެ 2 (ދޭއް) ދައުރަށެވެ.

 

27 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލްގެ މުސާރައާއި އިނާޔަތް (އިތުރު ކުރެވިފައި)

ސެކްރެޓަރީ ޖެނެރަލްގެ މުސާރައާއި އިނާޔަތްތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަޝްވަރާއާއެކު ކަނޑައަޅާނީ މަޖިލީހުންނެވެ.

 

28 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލްގެ މަގާމުން އިސްތިއުފާދިނުން (އިތުރު ކުރެވިފައި)

ސެކްރެޓަރީ ޖެނެރަލްގެ  މަގާމުގައި ހުންނަ މީހަކު، އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް މަޖިލީހުގެ ރައީސަށް ސިޓީއެއް ހުށަހަޅައި، އެ ސިޓީ މަޖިލީހިގެ ރައީސަށް ލިބުމުން އެމީހަކު ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމުން ވަކިވީއެވެ.

 

29 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލް މަގާމުން ވަކިކުރެވޭނެ ހާލަތްތައް (އިތުރު ކުރެވިފައި)

(ހ) ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނަ މީހަކު، އެ މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެނަބަރުންގެ އަގުލަބިއްޔަތުންނެވެ.

(ށ) ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނަ މީހަކު، އެ މަގާމުން ވަކިކުރުމަށް، މި މާއްދާގެ (ހ) ގެ ދަށުން މަޖިލީހަށް ލިބިދޭ ބާރު، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި މެނުވީ ބޭނުންކޮށްގެން ނުވާނެއެވެ.

މި ގާނޫނުގެ ދަށުން އޭނާ އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް އަދާނުކުރުން ނުވަތަ މަސްއޫލިއްޔަތު އަދާކުރުމުގެ އިހުމާލުވުން؛
މި ގާނޫނުގައި މަޖިލިސް ހިންގުމަށް ކަނޑައަޅާފައިވާ މަގްސަދުތަކާއި ސިޔާސަތުތަކާ ހިލާފުވުން.
 

30 ވަނަ މާއްދާ - މަޖިލީހުގެ އިދާރީ މުވައްޒަފުން (އިތުރު ކުރެވިފައި)

(ހ) މަޖިލީހުގެ މަސްއޫލިއްޔަތުތައް އަދާކޮށް މަސައްކަތްތައް ކުރުމަށްޓަކައި ބޭނުންވާނެ އިދާރީ މުވައްޒަފުންނާއި ވަސީލަތްތައް މިނިސްޓަރ ހަމަޖައްސައިދޭންވާނެއެވެ.

(ށ) މަޖިލީހުގެ އިދާރީ މުވައްޒަފުންނަކީ ސިވިލް ސަރވިސްގައި ހިމެނޭ މުވައްޒަފުންނެވެ.

 

31 ވަނަ މާއްދާ - މާލީ ކަންކަން (އިތުރު ކުރެވިފައި)

(ހ) މަޖިލީހުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓެއްގެ ދަށުން ދައުލަތުގެ މާލިއްޔާއިން އެ މަޖިލީހަށް ދޫކުރަންވާނެއެވެ. އެގޮތުން، މަޖިލީހުން ބަޖެޓް އެކުލަވާލައި، ދައުލަތުގެ ބަޖެޓުގައި ހިމެނުމަށްޓަކައި ގާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވަޢިދާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ފޮނުވަންވާނެއެވެ.

(ށ) ބޭރުގެ ޖަމާއަތަކުން، ނުވަތަ ބޭރު ގައުމެއްގެ ސަރުކާރުން، ނުވަތަ އެނޫން އެއްވެސް ފަރާތަކުން މަޖިލީހަށް ދޭ މާލީ އެހީއެއް، މަޖިލީހުގެ މަގްސަދުތަކުގެ ތެރޭގައިވާ ކަންކަން ހާސިލުކުރުމަށް ނޫންގޮތެއްގައި ބޭނުންކޮށްގެންނުވާނެއެވެ.

(ނ) މަޖިލީހުގެ އެންމެހައި ހިސާބުތަކާއި ލިޔެކިޔުންތައް ބަލަހައްޓަންވާނީ ގާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތު ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

32 ވަނަ މާއްދާ - އޮޑިޓް ކުރުން (އިތުރު ކުރެވިފައި)

ކޮންމެ އަހަރަކު 1 (އެކެއް) ފަހަރު މަޖިލީހުގެ ހިސާބުތައް އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ އަދި މަޖިލީހުން އެކަމަށް އައްޔަންކުރާ އެކައުންޓަންޓަކު މެދުވެރިކޮށް އޮޑިޓްކުރަންވާނެއެވެ.

 

33 ވަނަ މާއްދާ - މަޖިލީހުގެ ފަތުވާ (އިތުރު ކުރެވިފައި)

ދީނީ މައްސަލަތަކުގައި މަޖިލީހުން ދޭ ފަތުވާއަކީ އެކަމުގައި ނެރެވޭ އެންމެ ފަހު ފަތުވާއެވެ.

 

34 ވަނަ މާއްދާ - ގަވާއިދު ހެދުން (އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގެ 8 ވަނަ މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި، އަންނަނިވި ކަންކަން ހިމެނޭ ގޮތުން ގަވާއިދު ހަދައި ހިންގާނީ، މަޖިލީހުންނެވެ.

  1. މަޖިލީހުގެ ލަފަޔާއި ފަތުވާއަށް އެދުމުގައި އަމަލުކުރަންވީ ގޮތް؛
  2. ށާއިއުކުރެވޭ ފަތުވާތަކުގައި ފުރިހަމަވާންޖެހޭ ސިފަތަކާއި ށަރުތުތައް؛
  3. މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމުގައާއި މަޖިލީހުގެ ނިންމުންތައް ނިންމުމުގައި އަމަލުކުރާނެގޮތް؛މަޖިލީހުގެ އެންމެހާ އިދާރީ ކަންކަން ރާވައި ހިންގާނެ ގޮތް.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

35 ވަނަ މާއްދާ – މަނާ ކަންތައް

(ހ) ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި،މީހުންގެ މެދުގައި ދީނީ ގޮތުން ހިލާފުއުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި އެފަދަ ގޮތްގޮތަށް އަމަލު ކުރުމާއި، މިއިން އެއްވެސް ކަމެއް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ، މަނާ ކަމެކެވެ.

(ށ) ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުވަތަ މުޖްތަމައުގެ ވަކި ބައެއްގެ ހައްގުތަކަށް އުނިކަން ލިބޭފަދަ ގޮތަކަށް، ދީނީ ތަގްރީރު ކުރުމާއި، އާންމުކޮށް ވާހަކަ ދެއްކުމަކީ މަނާކަމެކެވެ.

(ނ) ދީނީ ފިތުނައަކަށް މަގުފަހިވާފަދަ ހަމަލެއް އެއްވެސް މީހަކު ކޮށްގެންނުވާނެއެވެ. މިގޮތުން އަންނަނިވި ކަންތަކަކީ ކުރުން މަނާ ކަންތަކެވެ (އިތުރު ކުރެވިފައި)

  1. ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި މިސްކިތް ނޫންގޮތަށް ކަނޑައެޅިފައިވާ ތަންތަނުގައި އާދަވެގެން ހާންމުންނާއެކު ޖަމާހަތް ހަދައިގެން ނަމާދު ކުރުން.
  2. ހުކުރު ކުރުމަށް މިނިސްޓްރީން ހާއްސަކޮށް ހުއްދަ ދީފައިނުވާ މިސްކިތްތަކުގައި ޖަމާހަތް ހަދައިގެން ހުކުރު ނަމާދު ވަކިން ކުރުން.
  3. ހުކުރު ހުތުބާ ފެށޭގަޑި އެއްގޮތް ނުވާފަދަ އުސޫލަކުން އެކި ގަޑިތަކުގައި ހުކުރު ހުތުބާކިޔަން ފެށުން.
  4. ސަރުކާރުން ކަނޑައަޅާ އުސޫލުތަކާ ހިލާފަށް މިސްކިތްތަކުގައި ދީނީ ތަގްރީރު ދިނުން.
  5. އިސްލާމްދީން ނޫން އެހެން ދީންތަކުގެ މީހުން އަޅުކަންކުރާނެ ތަންތަން ހެދުމާއި، އިސްލާމްދީން ނޫން އެހެން ދީންތަކުގެ ށިއާރުކަމަށް ބެލެވޭ ތަކެތި ވިއްކުމާއި ގެންގުޅުމާއި އިށްތިހާރުކުރުން.
  6. އިސްލާމްދީން ފިޔަވައި އެހެން ދީންތައް ރާއްޖޭގައި ކުރިއެރުވުމަށް ނުވަތަ ފެތުރުމަށް ބޭރުގެ ފަރާތްތަކުން އެހީ ހޯދުމާއި ލިބިގަތުން.
  7. އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ފޮތްތައް ދިވެހިރާއްޖެ ގެނައުމާއި، އެފަދަ ފޮތްތައް އިށްތިހާރުކުރުމާއި، ދިވެހިންނަށް ދެއްކުމާއި، އެފަދަ ފޮތްތަކުގެ މަހުރަޒުތައް ބޭއްވުމާއި، ވިއްކުމާއި، ދިނުމާއި، ދިވެހިރާއްޖޭގައި ހާންމުކޮށް ފެންނަގޮތަށް ގެންގުޅުން.

 

36 ވަނަ މާއްދާ  - ބޭރުގެ  ފަރާތްތަކުން ދޭ މުސާރައާއި ހަދިޔާ

ދިވެހިރާއްޖޭގައި ދީނީ ތަގްރީރުކުރުމާއި ދީނީ ނަސޭހަތް ދިނުމަށް ނުވަތަ ދީނީ ށިއާރު ފާޅުކުރުމާގުޅޭ ހަރަކާތެއް ހިންގުމަށް ބޭރުގެ ފަރާތަކުން  ދޭ މުސާރައެއް ނުވަތަ އުޖޫރައެއް ނުވަތަ ހަދިޔާއެއް، ނުވަތަ މިނޫން ގޮތަކަށްވިޔަސް އެހީއެއް ބަލައިގަންނަންވާނީ މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ (އިސްލާހު ކުރެވިފައި)

 

37 ވަނަ މާއްދާ – އަދަބު

(ހ) މިގާނޫނާ ހިލާފަށް އަމަލުކޮށްފި ނުވަތަ ކުރަން އުޅެފި މީހެއްގެ އަދަބަކީކަމުގެ ކުޑަބޮޑު މިނަށް ބަލައި، 2 އަހަރާ 5 އަހަރާ ދެމެދު މުއްދަތަކަށް ޖަލަށްލުންނުވަތަ ގޭގައި ބަންދުކުރުމެވެ.

(ށ) މިގާނޫނާ ހިލާފަށް އަމަލުކުރުމުގައި އެހީވާ މީހާއާއި، އެފަދަ ކުށެއްގެ މައްލޫމާތުސިއްރުކުރާ މީހެއްގެ އަދަބަކީ، 2 އަހަރާއި 4 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދު ކުރުމެވެ. މިގޮތަށް ވީ އެހީއަކީ، ފައިސާގެ އެހީއެއްނަމަ، އެވީ އެހީއެއްނަމަ، އެވީ އެހީއެއްގެ ކުޑަބޮޑުމިނަށް ބަލައި އެ އެހީވީމީހާ، މިއަކުރުގައިވާ  އަދަބުގެ އިތުރަށް5000 ރުފިޔާއާއި 20000 ރުފިޔާއަ ދެމެދުގެ އަދދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

(ނ) (ނ) މިގާނޫނާ ހިލާފުވާ މީހުންގެ މައްޗަށް އަދަބު ކަނޑައެޅުމުގައި، ކުށް ތަކުރާރު ކުރާ މީހުންގެ މައްޗަށް އަދަބު ކަނޑައަޅާނީ، ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް އަހަރެއްއިތުރުވާ ގޮތަށެވެ.

 

38 ވަނަ މާއްދާ – ގަވާއިދުތައް ހަދައި ހިންގުމުގެ އިހްތިޔާރު

މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ، މިނިސްޓްރީންނެވެ. (އިސްލާހު ކުރެވިފައި)

 

39 ވަނަ މާއްދާ – މާނަ (އިސްލާހު ކުރެވިފައި)

މި ގާނޫނުގައި އެހެން ގޮތަކަށް މާނަ ދޭހަނުވާހާ ހިނދަކު އަންނަނިވި ލަފްޒުތަކުގެ މާނައަކީ މި މާއްދާގައި އެ ލަފްޒުތަކަށް ހާއްސަ ކުރެވިފައިވާ މާނައެވެ.

(ހ) "ދީނީ ށިއާރު" ކަމަށް ބުނެފައި އެވަނީ، ކީރިތި ގުރްއާނާއި ރަސޫލުﷲ ސައްލަﷲ ހަލައިހި ވަސައްލަމަގެ ސައްހަ ސުންނަތުގައި ބަޔާންވެގެންވާ އިސްލާމްދީނުގެ މަތިވެރި ހަގީދާއާއި ރުކުންތަކާއި ހުކުމްފުޅުތަކާއި އަމުރުފުޅުތަކާއި ވާޖިބުތަކާއި، އޭގެ ދަށުން ތަރުތީބުވެގެން އަންނަ އެންމެހައި ކަންކަމަށެވެ.

(ށ) "ދީނީ ށިއާރު ފާޅުކުރުން" ކަމަށް ބުނެފައި އެވަނީ، ހެޔޮކަންތައްތަކަށް އަމުރުކޮށް، ނުބައިކަންތައްތައް ނަހީކުރުމާއި، އިސްލާމްދީނުގެ ހަގީދާއާއި، ހުކުމްފުޅުތަކާއި، އަމުރުފުޅުތަކާއި، ވާޖިބުތަކާއި، އޭގެ ދަށުން ތަރުތީބުވެގެން އަންނަ އެންމެހައި ކަންތައްތަކެއް މީސްތަކުންނަށް ބަޔާންކޮށްދީ، އިސްލާމްދީން ގާއިމުކުރުމަށެވެ.

(ނ) "ދީނީ ތަގްރީރުކުރުމާއި ދީނީ ނަސޭހަތް ދިނުން" ކަމަށް ބުނެފައި އެވަނީ، ހަބަރުފަތުރާ ވަސީލަތަކުން ނުވަތަ ހާންމު މީހުން ޖަމާވެފައިވާ ތަނެއްގައި ދީނީ ތަގްރީރުކުރުމާއި ދީނީ ނަސޭހަތް ދިނުމަށެވެ.

(ރ) "ދީނީ ތަހުލީމުގެ ދާއިރާ" ކަމަށް ބުނެފައި އެވަނީ، އިސްލާމީ ށަރީހަތާއި ހަގީދާގެ ދާއިރާއަށެވެ.

(ބ) "މަތީ ތައުލީމު" ކަމަށް ބުނެފައި އެވަނީ، އަންޑަގްރެޖުއެޓް ތައުލީމާއި އެއަށްވުރެ މަތީ ތަހުލީމަށެވެ.

(ޅ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އިސްލާމްދީނާގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ ވުޒާރާއަށެވެ.

 

މައި ގާނޫނު

ކޮންސޮލިޑޭޓެޑް ގާނޫނު ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 1994-06)

 

މި ގާނޫނަށް ގެނެވުނު އިސްލާހް

1 ވަނަ އިސްލާހް

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

  

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 40/2011)

ކިޔުންތެރިންގެ ހިޔާލު