ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2015-09)
(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
އެއްވަނަ ބައި: އިބްތިދާއީ މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ހަބަރާއި މައުލޫމާތު ފެތުރުމާއި، ހޭލުންތެރިކަން އިތުރުކުރުމާއި، މުނިފޫހިފިލުވުންވެސް ށާމިލުވާގޮތުން، ''ޕަބްލިކް ސަރވިސް މީޑިއާ'' ގެ ނަމުގައި ވަކި ކުންފުންޏެއްގެ ގޮތުގައި، ދައުލަތުގެ މީޑިއާ ގާއިމުކޮށް، ޕަބްލިކް ސަރވިސް މީޑިއާ ހިންގާނެ ހަމަތަކާއި އުސޫލުތައް ބަޔާންކުރާ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު" މިހެންނެވެ.
2 ވަނަ މާއްދާ – މާނަކުރުން
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދެވިފައިވަނީ އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުންތަކެވެ.
(ހ) "ޕަބްލިކް ސަރވިސް މީޑިއާ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ޕަބްލިކް ސަރވިސް މީޑިއާގެ ހިދުމަތް ދިނުމަށްޓަކައި ހިންގާ ކުންފުންޏަށެވެ.
(ށ) "ނިއު މީޑިއާ" ކަމަށް ބުނެފައި އެވަނީ، ހަބަރާއި މައުލޫމާތު ފެތުރުމާއި، މުނިފޫހިފިލުވުމުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، އިންޓަރނެޓާއި އެނޫންވެސް ޓެކްނޮލޮޖީތަކުގެ ތެރެއިން އަލަށް އުފެދޭ ފޭސްބުކް، ޓްވިޓަރ، ޔޫޓިއުބްފަދަ ވަސީލަތްތަކަށާއި، ހަބަރާއި މައުލޫމާތު ފެތުރުމާއި، މުނިފޫހިފިލުވުމުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދުނިޔޭގައި އަލަށް ބޭނުންކުރެވޭ އެންމެހައި އީޖާދުތަކަށެވެ.
(ނ) "ބްރޯޑްކާސްޓް" ކަމަށް ބުނެފައި އެވަނީ، ޓީވީ މެދުވެރިކޮށް ނުވަތަ ރޭޑިއޯ މެދުވެރިކޮށް ނުވަތަ އިންޓަރނެޓް މެދުވެރިކޮށް ނުވަތަ މޮބައިލް ފޯން، ޓެބްލެޓް ފަދަ ވަސީލަތްތައް މެދުވެރިކޮށް ރައްޔިތުންނަށް އަޑު ނުވަތަ މަންޒަރާއި އަޑު ފޯރުކޮށްދޭ ކޮންމެ ހިދުމަތަކަށެވެ.
(ރ) "ޕްރިންޓް މީޑިއާ" ކަމަށް ބުނެފައި އެވަނީ، ކަރުދާހުގައި ޗާޕުކުރެވިގެން ފޮތްފޮތާއި، ނޫސް މަޖައްލާ، ޖަރނަލް ފަދަ އުފެއްދުންތަކުގެ ގޮތުގައި ހަބަރާއި މައުލޫމާތު ފެތުރުމާއި، މުނިފޫހިފިލުވުމުގެ ހިދުމަތް ފޯރުކޮށްދޭ ވަސީލަތްތަކަށެވެ.
(ބ) "އެޑިޓޯރިއަލް މިނިވަންކަން" ކަމަށް ބުނެފައި އެވަނީ، ހަބަރާއި މައުލޫމާތު ފެތުރުމާއި މުނިފޫހިފިލުވުމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ޕަބްލިކް ސަރވިސް މީޑިއާއިން ނުވަތަ ކުންފުނީގެ ވަކި ސެކްށަނަކުން ނުވަތަ ކުންފުނީގެ ވަކި ހިދުމަތަކުން ނުވަތަ ކުންފުނީގެ ވަކި މުވައްޒަފަކު ހިފަހައްޓާ ހަމަތަކާއި އުސޫލުތަކުގެ މިނިވަންކަމަށެވެ.
(ޅ) "އެޑިޓޯރިއަލް ސިޔާސަތު" ކަމަށް ބުނެފައި އެވަނީ، ހަބަރާއި މައުލޫމާތު ފެތުރުމާއި، މުނިފޫހިފިލުވުމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ޕަބްލިކް ސަރވިސް މީޑިއާއިން ނުވަތަ ކުންފުނީގެ ވަކިވަކި ސެކްށަންތަކުން ނުވަތަ ކުންފުނީގެ ވަކިވަކި ހިދުމަތަކުން ނުވަތަ ކުންފުނީގެ ވަކިވަކި މުވައްޒަފަކު ހިފަހައްޓަންޖެހޭނެކަމަށް ކުންފުނީގެ އިސް މެނޭޖްމަންޓުން ކަނޑައަޅާ ހަމަތަކާއި އުސޫލުތަކަށެވެ.
(ކ) (އުނި ކުރެވިފައި)
(އ) (އުނި ކުރެވިފައި)
(ވ) "އަރުށީފުކުރުން" ކަމަށް ބުނެފައި އެވަނީ، ޕަބްލިކް ސަރވިސް މީޑިއާ އުފެދުމާ ގުޅިގެން މި ގާނޫނުގެ ދަށުން ކުންފުނީގެ ބެލުމުގެ ދަށަށް އަންނަ، ޓީވީ، ރޭޑިއޯ އަދި ނޫސް މަޖައްލާއާއި އެނޫން ލިޔެކިޔުންތަކުގެ އަރުށީފާއި، ޕަބްލިކް ސަރވިސް މީޑިއާގެ ދަށުން އުފައްދަމުން ގެންދާ އެންމެހައި އުފެއްދުންތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީއާއެކު ރައްކާކުރެވެމުންދާ ދިއުމަށެވެ.
(މ) "އިށްތިހާރުކުރުން" ކަމަށް ބުނެފައި އެވަނީ، މުދަލެއް ނުވަތަ ހިދުމަތެއް ވިއްކުމަށްޓަކައި ނުވަތަ ކުއްޔަށް ދޫކުރުމަށްޓަކައި، ނުވަތަ އެ މުދަލަކާމެދު ނުވަތަ އެ ހިދުމަތަކާމެދު ށައުގުވެރިކަން އިތުރުކުރުމަށްޓަކައި، އާންމުކޮށް ކުރެވޭ އިއުލާނަށެވެ. އިށްތިހާރުކުރާ ފަރާތުން ބޭނުންވާ ބަދަލެއް، މުދަލަކާ ގުޅިގެން ނުވަތަ ހިދުމަތަކާ ގުޅިގެން މުޖްތަމައުގެ ވިސްނުމަށް ގެނައުމަށްޓަކައި، އާންމުކުރާ ފިކުރު ނުވަތަ ކުރިއަށް ނެރޭ ވިސްނުމަށެވެ. އަދި އެކަން ކުރުމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާގެ އުފެއްދުމެއްގެ ތެރެއިން ވަގުތެއް ނުވަތަ ޖާގައެއް އޭގެ މުގާބިލުގައި އަގުދޭގޮތަށް ނުވަތަ އެއްޗެއް ލިބިދޭގޮތަށް ހޯދައިގެން ކުރާ އިއުލާނަށެވެ. އަދި ވަކި ފިކުރެއް ކުރިއެރުވުމަށްޓަކައި ނުވަތަ ވަކި ކަމެއްގެ ވިސްނުން ކުރިއެރުވުމަށްޓަކައި ކުރާ އިއުލާނާއި ހުށަހަޅާ ހުށަހެޅުންވެސް އިށްތިހާރުކުރުމުގެ މާނައިގައި ހިމެނެއެވެ.
(ފ) "ސްޕޮންސަރކުރުން" ކަމަށް ބުނެފައި އެވަނީ، މީޑިއާގެ އެއްވެސް ބާވަތެއްގެ ހިދުމަތެއް ދިނުމުގައި ނޫޅޭ ފަރުދަކު ނުވަތަ ކުންފުންޏަކުން، ސީދާގޮތުން ނުވަތަ ނުސީދާގޮތުން، ޕަބްލިކް ސަރވިސް މީޑިއާގެ އުފެއްދުމަކަށް މާލީ އެހީ ފޯރުކޮށްދިނުމަށެވެ. އަދި އެފަރާތުގެ ނަން ނުވަތަ ބްރޭންޑް ނުވަތަ ޓްރޭޑްމާކް ނުވަތަ ށަހްސިއްޔަތު ކުރިއަށް ނެރެ އިށްތިހާރުކޮށް މީހުންގެ ށައުގުވެރިކަން އެއާމެދު އުފެއްދުމުގެ މަގްސަދުގައި ދޭ މާލީ އެހީތެރިކަމަށެވެ.
ދެވަނަބައި: ކުންފުނި ގާއިމުކުރުމާއި، ކުންފުނީގެ އަސާސީ އުސޫލުތައް
3 ވަނަ މާއްދާ - ޕަބްލިކް ސަރވިސް މީޑިއާ ގާއިމުވުމާއި، ރައުސްމާލު ކަނޑައެޅުން (ސުރުހީ އާއި މާއްދާ އިސްލާހު ކުރެވިފައި)
(ހ) މި ގާނޫނު ތަސްދީގުކޮށް، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އަމިއްލަ ނަމުގައި މުދާ ހޯދައި، މުދާ ލިބިގަނެ، އެ މުދަލުން މުއާމަލާތްކުރުމުގެ ގާނޫނީ ހައިސިއްޔަތު މި ގާނޫނުން ލިބިދޭ، ވަކި ގާނޫނީ ށަހްސެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ ޕަބްލިކް ސަރވިސް މީޑިއާ ގާއިމުވީއެވެ.
(ށ) ޕަބްލިކް ސަރވިސް މީޑިއާގައި މިހިނދު ހުއްދަ ކުރެވިފައިވާ ރައުސްމާލަކީ 10 (ދިހައެއް) ރުފިޔާގެ 300,000,000 (ތިންސަތޭކަ މިލިއަން) ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 300,000,000 (ތިން ބިލިއަން) ރުފިޔާއެވެ (އިތުރު ރެވިފައި)
(ނ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށް އަދި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ހުއްދަ ހޯދުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކުންފުނީގެ ހުއްދަދެވިފައިވާ ރައުސްމާލަށް ބަދަލުގެނެވިދާނެއެވެ (އިތުރު ރެވިފައި)
4 ވަނަ މާއްދާ - ޕަބްލިސް ސަރވިސް މީޑިއާގެ މަގްސަދުތައް
ޕަބްލިކް ސަރވިސް މީޑިއާ އަބަދުވެސް މަސައްކަތްކުރަމުން ދާނީ އަންނަނިވި މަގްސަދުތައް ހާސިލުކުރުމަށްޓަކައެވެ.
(ހ) އިންޓަރނެޓްގެ ޒަރީއާއިން އުފެދިގެން އަންނަ ނިއު މީޑިއާގެ އެންމެހައި ވަސީލަތްތަކާއި، ބްރޯޑްކާސްޓްކުރުމުގެ އެންމެހައި ވަސީލަތްތަކާއި، ޕްރިންޓް މީޑިއާއާއި، އަދި މިނޫނަސް ހަބަރާއި މައުލޫމާތާއި ހޭލުންތެރިކަމާއި މުނިފޫހިފިލުވުން ފޯރުކޮށްދޭ އެންމެހައި ޓެކްނޮލޮޖީތަކުގެ ބޭނުންހިފައިގެން، ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ވަރުގަދަ އަދި ހަރުދަނާ ގައުމީ މީޑިއާއެއް ބިނާކޮށް ދެމެހެއްޓުމަށް.
(ށ) ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނުގައި ކަނޑައަޅާފައިވާ އާންމު އުސޫލުތަކާއި ސިޔާސަތުތަކުގެ އިމުގެ ތެރޭގައި، ނުފޫޒުން އެއްކިބާވެފައިވާ، އަދި އެޑިޓޯރިއަލް މިނިވަންކަން ލިބިފައިވާ، ދިވެހިރާއްޖޭގެ އެންމެހައި ސަރަހައްދުތަކަށް ހިދުމަތް ފޯރުކޮށްދޭ ގައުމީ މީޑިއާއެއްގެ ގޮތުގައި ދެމިއޮތުމަށް (އިތުރު ކުރެވިފައި)
(ނ) ޕަބްލިކް ސަރވިސް މީޑިއާގައި ހިދުމަތްކުރާ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި، އިސްވެރިންނާއި، އަދި އެންމެހައި މުވައްޒަފުންގެ ވަޒީފާގެ ރައްކާތެރިކަން ގެރެންޓީކޮށްދިނުމަށް (އިތުރު ކުރެވިފައި)
(ރ) ޕަބްލިކް ސަރވިސް މީޑިއާއެއްގެ ގޮތުގައި ދެމިއޮތުމަށާއި، ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީއާއެކު ޕަބްލިކް ސަރވިސް މީޑިއާ ތަރައްގީކުރުމަށް ބޭނުންވާނެ މާލީ އެހީތެރިކަމާއި ފުދުންތެރިކަން ހޯދައިދިނުމަށް.
5 ވަނަ މާއްދާ - ޕަބްލިކް ސަރވިސް މީޑިއާގެ ސިޔާސަތުތައް
ޕަބްލިކް ސަރވިސް މީޑިއާގެ އެންމެހައި ކަންކަން ހިންގަންވާނީ އަންނަނިވި ސިޔާސަތުތަކާއި ހަމަތަކުގެ އިމުގެ ތެރޭގައެވެ.
(ހ) ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް އިސްލާމީ ރިވެތި އާދަކާދަތަކާއި ފިކުރު ހިފެހެއްޓުން.
(ށ) ގާނޫނުއަސާސީއާއި ގާނޫނުތަކަށް ބޯލެނބުމުގެ ރޫހު މުޖްތަމައުގައި އަށަގެންނެވުން.
(ނ) ދިވެހިންގެ ގައުމީ ށަހްސިއްޔަތު ހިފެހެއްޓުން.
(ރ) ދިވެހިވަންތަ ސަގާފަތާއި، ދިވެހި ބަސް ކުރިއެރުވުމަށް މަސައްކަތްކުރުން.
(ބ) މުޖްތަމައުގެ އާންމު އަހްލާގާއި ސުލޫކަށް ހާއްސަ އިސްކަމެއް ދިނުމާއެކު، ސުލްހަވެރި، އެކުވެރި، ގުޅުންބަދަހި، އިންސާފަށް ލޯބިކުރާ، އެކަކު އަނެކަކަށް އިހްތިރާމްކުރާ މުޖްތަމައެއް ބިނާކުރުން.
(ޅ) ނޫސްވެރިކަމުގެ އާންމު މިންގަނޑުތަކާއި އުސޫލުތަކުގެ އިމުގެ ތެރޭގައި އެންމެހައި ކަންކަން ހިންގުމާއެކު، ހަބަރާއި މައުލޫމާތު ފެތުރުމާއި، ހިޔާލުފާޅުކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމާއި، މުނިފޫހިފިލުވުމާއި، ކުޅިވަރުގެ ހަރަކާތްތައް ހިންގުމުގައި ގާނޫނީ ހަމަތަކަށް ތަބާވުން.
(ކ) ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ޕަބްލިކް ސަރވިސް މީޑިއާގެ ހިދުމަތް ފޯރުކޮށްދެމުން ދިއުމަށް މަސައްކަތްކުރުމާއި، ޕަބްލިކް ސަރވިސް މީޑިއާއިން ވަކިވަކި ފަރުދުންނަށާއި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައިވެސް ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުން.
(އ) ރައްޔިތުންގެ މެދުގައި ނަފްރަތާއި ފިތުނަފަސާދަ އުފެދޭނެ ކަންތައްތަކަށް ޖާގަނުދިނުން.
(ވ) ދީނީ، އިގްތިސާދީ، އިޖްތިމާއީ، ސިޔާސީ އަދި މިނޫނަސް ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައި މައުލޫމާތު މުއްސަނދި، ހޭލުންތެރި ރައްޔިތެއް ބިނާކުރުމަށް މަސައްކަތްކުރުން.
(މ) މުޖްތަމައަށް ބޭނުންތެރިވާނެ ބިނާކުރުވަނިވި ތަފާތު ފިކުރުތަކާއި ހިޔާލުތަކަށް އަދި އައު ވިސްނުންތަކަށް ޖާގަދިނުން.
(ފ) ރައްޔިތުންގެ ހުރިހާ ގިންތިއަކާ ގުޅޭ، ހުރިހާ އުމުރުފުރައަކަށް އަމާޒުކުރެވޭ، ރައްޔިތުންގެ ހާލަތާއި ކަންބޮޑުވުންތައް ހާމަކޮށްދެވޭ އުފެއްދުންތައް ޕަބްލިކް ސަރވިސް މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުން.
(ދ) ދައުލަތް ހިންގުމުގެ ތިންބާރާއި، މިނިވަން މުއައްސަސާތަކާއި، ދައުލަތުގެ އެކި އިދާރާތަކުގެ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދިނުން.
(ތ) ދިވެހި ރައްޔިތުންނަށް މުހިންމުވާނެ ބައިނަލްއަގްވާމީ އެކި ކަންކަމާއި، ގައުމީ އެކި ކަންކަމުގެ ހަބަރާއި، މައުލޫމާތާއި، ކަން ހިނގަމުންދާގޮތް ޕަބްލިކް ސަރވިސް މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް އަންގައިދިނުން.
6 ވަނަ މާއްދާ - ނުފޫޒުން އެއްކިބާވުން
(ހ) ޕަބްލިކް ސަރވިސް މީޑިއާއަކީ ނުފޫޒުން އެއްކިބާވެފައިވާ، އެޑިޓޯރިއަލް މިނިވަންކަން ފުރިހަމައަށް ލިބިފައިވާ މުއައްސަސާއެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ފަރާތަކުންވެސް މަސައްކަތްކުރަންވާނެއެވެ.
(ށ) ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫން ގޮތަކުންވެސް ބާރެއް ނުވަތަ ހައިސިއްޔަތެއް ލިބިފައިވާ އެއްވެސް ފަރާތަކުން، ޕަބްލިކް ސަރވިސް މީޑިއާގެ މައްޗަށް ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް ނުފޫޒު ފޯރުވަން މަސައްކަތްކޮށްގެން ނުވާނެއެވެ.
(ނ) ޕަބްލިކް ސަރވިސް މީޑިއާގެ ވަކި މުވައްޒަފެއްގެ މަސައްކަތުގެ މައްޗަކަށްވެސް، ނުވަތަ ޕަބްލިކް ސަރވިސް މީޑިއާގެ ވަކި މަސައްކަތެއް ނުވަތަ ވަކި ހަރަކާތެއްގެ މައްޗަކަށްވެސް
މި ގާނޫނުގައި ބަޔާންވެގެންވާ ހަމަތަކާއި އުސޫލުތަކުގެ ބޭރުން އެއްވެސް ފަރާތަކުން ނުފޫޒެއް ފޯރުވައި، އަމުރެއްކޮށް، ނުވަތަ ފިޔަވަޅެއް އަޅައިގެން ނުވާނެއެވެ.
(ރ) ވަކި ފަރާތެއްގެ ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫންވެސް ޒާތީ މަސްލަހަތެއް ހިމާޔަތްކުރުމަށްޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެފައިވާ އަމަލެއް ޕަބްލިކް ސަރވިސް މީޑިއާއިން ހިންގައިގެން ނުވާނެއެވެ.
ތިންވަނަ ބައި: އިންތިގާލީ މަރުހަލާ
7 ވަނަ މާއްދާ - އުވާލެވޭ ގާނޫނު
މި ގާނޫނު ތަސްދީގުކޮށް، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 6/2010 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަން ގާއިމުކުރުމުގެ ގާނޫނު) އުވުނީއެވެ.
8 ވަނަ މާއްދާ - ނިމުމަކަށް އަންނަ މަގާމުތައް
މި ގާނޫނު ތަސްދީގުކޮށް، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 6/2010 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަން ގާއިމުކުރުމުގެ ގާނޫނު) އުވުމާ ގުޅިގެން، އެ ގާނޫނުގެ 11 ވަނަ މާއްދާއާއި 12 ވަނަ މާއްދާގެ ދަށުން އައްޔަންކޮށްފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ ޑިރެކްޓަރުންގެ ބޯޑުގެ މަގާމުގެ ގާނޫނީ ހައިސިއްޔަތު ނިމުމަކަށް އަންނާނެއެވެ. އަދި އެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަން ހިންގުމަށް އައްޔަންކޮށްފައިވާ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގެ ގާނޫނީ ހައިސިއްޔަތުވެސް ނިމުމަކަށް އަންނާނެއެވެ.
9 ވަނަ މާއްދާ - ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނަށް އިސްކަން ދިނުން
މި ގާނޫނުގައި ޕަބްލިކް ސަރވިސް މީޑިއާއާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އެއްވެސް ކަމެއް، މިހާރު އަމަލުކުރެވެމުންދާ އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ހިމެނޭކަމަށްވާނަމަ، އެ ގާނޫނެއް ނުވަތަ ގަވާއިދެއްގައި އެކަން އޮތްއޮތުން މި ގާނޫނުގެ ބޭނުމަށްޓަކައި ބާތިލުވާނެއެވެ. އަދި ހުރިހާ ހާލެއްގައިވެސް އިސްކަންދޭނީ މި ގާނޫނުގައިވާ އުސޫލުތައް ދެމެހެއްޓުމަށެވެ.
10 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން، މި ގާނޫނަށް އަމަލުކުރަން ފަށާނެއެވެ.
11 ވަނަ މާއްދާ - ޕަބްލިކް ސަރވިސް މީޑިއާ ހިންގުމާ ޑިރެކްޓަރުންގެ ބޯޑު ހަވާލުވުން (ސުރުހީ އަދި މާއްދާ އިސްލާހު ކުރެވިފައި)
ގާނޫނު ނަންބަރު 9/2015 (ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ޕަބްލިކް ސަރވިސް މީޑިއާ ހިންގާނެ ޑިރެކްޓަރުންގެ ބޯޑު ގާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު) ގައިވާ ގޮތުގެމަތިން އެކުލަވާލަންވާނެއެވެ. އަދި މި އެކުލަވާލެވޭ ބޯޑުގެ މެންބަރުންގެ ތެރެއިން ބޯޑުގެ ޗެއަރމަނާއި، ޕަބްލިކް ސަރވިސް މީޑިއާ ހިންގުމަށް ހަވާލުވާނެ މެނޭޖިންގ ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން މީހުން އަައްޔަންކޮށް، މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފަށަންވާނެއެވެ.
12 ވަނަ މާއްދާ - ވަގުތީގޮތުން ކުންފުނި ހިންގުން (ސުރުހީ އަދި މާއްދާ އިސްލާހު ކުރެވިފައި)
ގާނޫނު ނަންބަރު 9/2015 (ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން އަައްޔަންކުރާ ޑިރެކްޓަރުންގެ ބޯޑުން، ޕަބްލިކް ސަރވިސް މީޑިއާ ހިންގުމާ ހަވާލުވަންދެން، ޕަބްލިކް ސަރވިސް މީޑިއާގެ ކަންކަން ވަގުތީގޮތުން ހިންގާނީ، ގާނޫނު ނަންބަރު 9/2015 (ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަަމަލުކުރަން ފެށިއިރު ޕަބްލިކް ސަރވިސް މީޑިއާ ހިންގަމުން ގެންދިޔަ އިސް މެނޭޖްމަންޓުންނެވެ.
13 ވަނަ މާއްދާ - މުދަލާއި ވަސީލަތްތަކާއި މުވައްޒަފުން ބަދަލުވުން
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ މިލްކުވެރިކަމުގެ ދަށުގައި ހުރި އެންމެހައި ވެބްސައިޓް، ޓީވީ ރޭޑިއޯ ޗެނަލް، ނޫސް މަޖައްލާ އަދި ހަބަރާއި މައުލޫމާތު ފެތުރުމުގެ މިނޫން ވަސީލަތްތައް ޕަބްލިކް ސަރވިސް މީޑިއާގެ މިލްކުވެރިކަމުގެ ދަށަށް ބަދަލުވީއެވެ.
(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަނުން، ބައިވެރިވެފައިވާ ޖަމްއިއްޔާ ޖަމާއަތްތަކުގެ މެންބަރށިޕްތަކާއި، ވެފައިވާ އެއްބަސްވުންތަކާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި ބިންބިމާއި، އިމާރާތްތަކާއި، އެންމެހައި މުދަލާއި ފައިސާއާއި، އަރުށީފު އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަނުން އޯޑަރުކޮށްފައިވާ ނުވަތަ އެ ކޯޕަރޭށަނަށް ލިބެންޖެހޭ އެންމެހައި މުދަލާއި ފައިސާ، އަދި މިނޫންވެސް މިފަދަ ހުރިހާ މިލްކުވެރިކަމާއި ހައްގުތަކާއި ޒިންމާތައް މި ގާނޫނުގެ ދަށުން ޕަބްލިކް ސަރވިސް މީޑިއާއަށް ބަދަލުވީއެވެ. އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަނުން އެ ހިނދަށް ދައްކަންޖެހިފައިވާ ފައިސާއެއް ނުވަތަ އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، އެ ފައިސާއެއް ދެއްކުމުގެ ނުވަތަ އެ ދަރަންޏެއް އަދާކުރުމުގެ އިލްތިޒާމުވެސް މި ގާނޫނުގެ ދަށުން ޕަބްލިކް ސަރވިސް މީޑިއާއަށް ބަދަލުވީއެވެ.
(ނ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގައި ހިދުމަތްކުރަމުންދިޔަ މުވައްޒަފުންނަކީ ޕަބްލިކް ސަރވިސް މީޑިއާގެ މުވައްޒަފުންގެ ގޮތުގައި ބަދަލުވެގެންދާނެއެވެ. އަދި އެ މުވައްޒަފުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގައި ހިދުމަތްކުރަމުން ދިޔައިރު، ހިދުމަތުގެ މުއްދަތު ގުނަމުންދިޔަ ދިއުމަށް އެއްވެސް މެދުކެނޑުމެއް ނުގެނެސް، ޕަބްލިކް ސަރވިސް މީޑިއާގެ މުވައްޒަފުންގެ ގޮތުގައި، އެ މުވައްޒަފުންގެ ހިދުމަތުގެ މުއްދަތު ގުނަމުން ގެންދެވޭނެއެވެ.
ހަތަރުވަނަ ބައި: އޮނިގަނޑު
14 ވަނަ މާއްދާ - ޑިރެކްޓަރުންގެ ބޯޑު (ސުރުހީ އަދި މާއްދާ އިސްލާހު ކުރެވިފައި)
(ހ) ޕަބްލިކް ސަރވިސް މީޑިއާ ހިންގާނީ، ގާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޑައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު) ގައިވާ ގޮތުގެމަތިން ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުން އަައްޔަންކުރާ ޑިރެކްޓަރުންގެ ބޯޑަކުންނެވެ.
(ށ) ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވަނީ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.
15 ވަނަ މާއްދާ - މެންބަރުކަމުގެ ށަރުތު (ސުރުހީ އަދި މާއްދާ އިސްލާހު ކުރެވިފައި)
ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ކިބައިގައި އަންނަނިވި ށަރުޠުތައް ފުރިހަމަވާންވާނެއެވެ.
(ހ) އަުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.
(ށ) ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ނުވަތަ ސިޔާސީ ޕާޓީއެއްގެ މުވައްޒަފެއްގެ ގޮތުގައި ހުރި މީހެއްކަމުގައި ނުވުން.
(ނ) ގާނޫނުގައި ބަޔާންވެފައިވާ މަކަރާއި ހީލަތުގެ ކުށެއް، ނުވަތަ ކޮރަޕްށަނުގެ ކުށެއް، ނުވަތަ މާރާމާރީގެ ކުށެއް، ނުވަތަ ވައްކަމުގެ ކުށެއް ށަރީއަަތަށް ސާބިތުވެ، އެ ކުށުގެ އަދަބު ތަންފީޒުކޮށް ނިމުނުތާ 5 (ފަހެއް) އަހަރު ހަމަނުވާ، ނުވަތަ އެ ކުށުގެ އަދަބަށް މައަާފު ލިބުނުތާ 5 (ފަހެއް) އަހަރު ހަމަނުވާ މީހަކު ކަމުގައި ނުވުން.
16 ވަނަ މާއްދާ - ޑިރެކްޓަރުންގެ ބޯޑަށް މީހުން އައްޔަން ކުރުން (ސުރުހީ އަދި މާއްދާ އިސްލާހު ކުރެވިފައި)
ގާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޑައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުން ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑަށް 5 (ފަހެއް) މެންބަރުން، އަައްޔަންކުރަންވާނެއެވެ.
17 ވަނަ މާއްދާ - މެންބަރުންގެ އިޤްރާރު (ސުރުހީ އަދި މާއްދާ އިސްލާހު ކުރެވިފައި)
ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑަށް އަައްޔަންކުރާ ކޮންމެ މެންބަރަކުވެސް، ގާނޫނު ނަންބަރު 9/2015 (ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ، ޖަދުވަލު 1 ގެ އިޤްރާރުގައި ސޮއިކުރަންވާނެއެވެ.
18 ވަނަ މާއްދާ - މެންބަރުކަމުގެ ދައުރެއްގެ މުއްދަތު (ސުރުހީ އަދި މާއްދާ އިސްލާހު ކުރެވިފައި)
ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑަށް ކޮންމެ މެންބަރަކުވެސް އަައްޔަންކުރާނީ، އަައްޔަންކުރާ ތާރީހުން ފެށިގެން 4 (ހަތަރެއް) އަހަރުދުވަހުގެ ދައުރަކަށެވެ.
19 ވަނަ މާއްދާ - މެންބަރުކަމުގެ ދައުރެއްގެ އެންމެ ދިގު މުއްދަތު (ސުރުހީ އަދި މާއްދާ އިސްލާހު ކުރެވިފައި)
ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ ގޮތުގައި އެކަކަށް އެންމެ ދިގު މުއްދަތަކަށް ހުރެވޭނީ، 4 (ހަތަރެއް) އަހަރުދުވަހުގެ 2 (ދޭއް) ދައުރުގެ މުއްދަތަށެވެ.
20 ވަނަ މާއްދާ - ޑިރެކްޓަރުންގެ ބޯޑުގެ ޒިންމާތައް (ސުރުހީ އަދި މާއްދާ އިސްލާހު ކުރެވިފައި)
ޕަބްލިކް ސަރވިސް މީޑިއާ ހިންގާ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާއި މަތިކުރެވިފައިވަނީ އަންނަނިވި ޒިންމާތަކެވެ.
(ހ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕަބްލިކް ސަރވިސް މީޑިއާގެ ސިޔާސަތުތައް ކަނޑައެޅުން.
(ށ) ޕަބްލިކް ސަރވިސް މީޑިއާ ހިންގުމަށްޓަކައި، މެނޭޖިންގ ޑިރެކްޓަރު އެކުލަވާލާ މުވައްޒަފުންގެ އޮނިގަނޑާއި، މުސާރައިގެ އޮނިގަނޑު ފާސްކުރުމާއި، މުވައްޒަފުންގެ އޮނިގަނޑާއި މުސާރައިގެ އޮނިގަނޑަށް މެނޭޖިންގ ޑިރެކްޓަރު ގެންނަން އެދޭ ބަދަލުތައް ގެނައުމުގެ ހުއްދަ ދިނުން،
(ނ) ދިވެހި ދައުލަތާއި، ދިވެހި ގައުމުގެ ސިޔާދަތާއި ކަރާމަތާއި އަމިއްލަ މިނިވަންކަން ނެގެހެއްޓުމާއި، ދިވެހި ދައުލަތުގެ ސިޔާސަތުތަކާއި އުސޫލުތަކާއި ނިންމުންތައް ރައްޔިތުންނަށް ބަޔާންކޮށްދީ، އެކަންކަން ތަންފީޒުކުރުމުގައި ދައުލަތުގެ މީޑިއާގެ ދައުރު އަދާކުރުމަށް ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖްމަންޓަށް ދޭންޖެހޭ އިރުށާދުތައް ދިނުން.
(ރ) ޕަބްލިކް ސަރވިސް މީޑިއާގެ މަޤްސަދުތަކާއި ސިޔާސަތުތަކާ އެއްގޮތަށް ކަންކަން ހިންގުމުގެ މަގުފަހިކޮށްދީ، ފުރުސަތު ތަނަވަސްކޮށްދިނުން.
21 ވަނަ މާއްދާ - ޑިރެކްޓަރުންގެ ބޯޑުން އަަމަލުކުރަންޖެހޭ އަާންމު އުސޫލު (ސުރުހީ އަދި މާއްދާ އިސްލާހު ކުރެވިފައި)
ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑުން، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަންކަން ހިންގުމުގައި އަންނަނިވި އުސޫލުތަކަށް ތަބާވާންވާނެއެވެ.
(ހ) ގާނޫނު ނަންބަރު 9/2015 (ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކުންފުނި ހިންގުމުގައި، ޑިރެކްޓަރުންގެ ކޯޑާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރަމުން ގެންދަންވާނީ، އިސްލާމީ އުސޫލުތަކާއި، ރިވެތި އާދަކާދަތަކާއި، ދިވެހިންގެ ފަހުރުވެރި ތާރީޚާއި ސަގާފަތާއި މިނިވަންކަމުގެ މައްޗަށް ރައްކާތެރިވުމާއެކު، ދިވެހި މުޖްތަމައަުގައި ފިތުނަފަސާދައާއި ބައިބައިވުމާއި ހަމަނުޖެހުން އުފެއްދުމަށް ޖާގަ ދިނުމަކާނުލައި، މިނިވަންކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު، ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން،
(ށ) އަމިއްލަ މަސްލަހަތު ކުރިއަށް ނެރުމަށާއި ތިންވަނަ ފަރާތެއްގެ މަސްލަހަތު ކުރިއަށް ނެރެދިނުމަށް، މަގާމުގެ ނުފޫޒު ނުވަތަ މަގާމުގެ ހައިސިއްޔަތު ބޭނުންނުކުރުން.
22 ވަނަ މާއްދާ - ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން އަައްޔަންކުރުމާއި ވަކިކުރުން (ސުރުހީ އަދި މާއްދާ އިސްލާހު ކުރެވިފައި)
ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑަށް އަައްޔަންކުރާ 5 މެންބަރުންގެ ތެރެއިން، ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން އަައްޔަންކުރަންވާނެވެ. ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން އަައްޔަންކުރާނީ އަދި ވަކިކުރާނީ ގާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަލައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު) ގައިވާ ގޮތުގެމަތިން ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުންނެވެ.
23 ވަނަ މާއްދާ - ޗެއަރމަންގެ މަސްއޫލިއްޔަތު (ސުރުހީ އަދި މާއްދާ އިސްލާހު ކުރެވިފައި)
(ހ) ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން.
(ށ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ތަމްސީލުކުރަންޖެހޭ ހާހާލަތްތަކުގައި އެކަން ކުރާނެގޮތް ޑިރެކްޓަރުންގެ ބޯޑުގެ މަށްވަރާއާއެކު ކަނޑައެޅުން.
(ނ) ޑިރެކްޓަރުންގެ ބޯޑުގެ މަސައްކަތްތައް ގާނޫނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރުން.
24 ވަނަ މާއްދާ - މެނޭޖިންގ ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަައްޔަންކުރުމާއި ވަކިކުރުން (ސުރުހީ އަދި މާއްދާ އިސްލާހު ކުރެވިފައި)
(ހ) ޕަބްލިކް ސަރވިސް މީޑިއާ ހިންގުމަށްޓަކައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ 5 (ފަހެއް) މެންބަރުންގެ ތެރެއިން މެނޭޖިންގ ޑިރެކްޓަރަކާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކު ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުން ކަނޑައަޅަންވާނެއެވެ.
(ށ) މެނޭޖިންގ ޑިރެކްޓަރާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މީހުން އަައްޔަންކުރާނީ އަދި ވަކިކުރާނީ، ގާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޑައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު) ގައިވާ ގޮތުގެމަތިން ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުންނެވެ.
25 ވަނަ މާއްދާ - މެނޭޖިންގ ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަސްއޫލިއްޔަތު (ސުރުހީ އަދި މާއްދާ އިސްލާހު ކުރެވިފައި)
(ހ) ދުވަހުން ދުވަހަށް ޕަބްލިކް ސަރވިސް މީޑިއާ ހިންގުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
(ށ) ދިވެހި ދައުލަތާއި، ދިވެހި ގައުމުގެ ސިޔާދަތާއި ކަރާމަތާއި އަމިއްލަ މިނިވަންކަން ނެގެހެއްޓުމާއި، ދިވެހި ދައުލަތުން ކަނޑައަޅާ ސިޔާސަތުތަކާއި، އުސޫލުތަކާއި، ނިންމާ ނިންމުންތައް ރައްޔިތުންނަށް ބަޔާންކޮށްދީ، އެކަންކަން ތަންފީޒުކުރުމުގައި ދިވެހިރާއްޖޭގެ ގައުމީ މީޑިއާގެ ދައުރު އަދާކުރުމުގައި އިސްނެގުން.
(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، ކުންފުނީގެ އާންމު އެޑިޓޯރިއަލް ސިޔާސަތުތަކާއި ބޯޑުގެ ނިންމުންތަކާ ހިލާފުކަމެއް ހިނގަމުންދާކަމަށްވާނަމަ، އެކަން ރަނގަޅުކުރުމަށް ކުންފުނީގެ އިސް މެނޭޖްމަންޓަށް މަށްވަރާދިނުމަކީ ޑިރެކްޓަރުންގެ ބޯޑުން ކުރަންޖެހޭނެ ކަމެކެވެ.
26 ވަނަ މާއްދާ - މެނޭޖިންގ ޑިރެކްޓަރު ނުވަތަ މެނޭޖިންގ ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ނެތް ހާހާލަތު (ސުރުހީ އަދި މާއްދާ އިސްލާހު ކުރެވިފައި)
އެއްވެސް ސަބަބަކާހުރެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ހުސްވެއްޖެ ހިނދެއްގައި، ޕަބްލިކް ސަރވިސް މީޑިއާ ހިންގުމުގެ ކަންކަން އިސްވެ ބަލަހައްޓާނީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރެވެ. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުންކުރެ އެއްވެސް މަގާމެއްގައި މީހަކު ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ، ވަގުތީގޮތުން ކުންފުނި ހިންގާނެ އިސްމީހަކު ކަނޑައަޅާނީ ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުންނެވެ.
27 ވަނަ މާއްދާ - ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތައް (ސުރުހީ އަދި މާއްދާ އިސްލާހު ކުރެވިފައި)
(ހ) ޑިރެކްޓަރުންގެ ބޯޑުގެ މަދުވެގެން 4 ޖަލްސާ ކޮންމެ އަހަރަކު ބާއްވަން ވާނެއެވެ.
(ށ) ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާ ބާއްވާނެ ތާރީހު ކަނޑައަޅައި، އެޖެންޑާ ތަރުތީބުކޮށް، މެންބަރުންނަށް ނޯޓިސްދޭނީ، ޗެއަރމަންގެ ލަފާގެމަތިން މެނޭޖިންގ ޑިރެކްޓަރެވެ.
(ނ) ޑިރެކްޓަރުންގެ ބޯޑުގެ ކޮންމެ އަާންމު ޖަލްސާއެއްގެ ނޯޓިސް، އެ ޖަލްސާއެއް ބޭއްވުމުގެ 3 (ތިނެއް) ދުވަހުގެ ކުރިން މެންބަރުންނަށް ފޮނުވަންވާނެއެވެ.
(ރ) ޑިރެކްޓަރުންގެ ބޯޑުގެ ކުއްލި ޖަލްސާއެއް ބާއްވަންޖެހޭ ހާހާލަތްތަކާއި، އެ ޖަލްސާތަކަށް ނޯޓިސްދޭނެ އުސޫލު، މި ގާނޫނުގެ ދަށުން ހަދާ ޑިރެކްޓަރުންގެ ބޯޑުގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
28 ވަނަ މާއްދާ - ޖަލްސާތަކުގެ ރިޔާސަތު (ސުރުހީ އަދި މާއްދާ އިސްލާހު ކުރެވިފައި)
(ހ) ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ ޗެއަރމަނެވެ.
(ށ) ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން ބައިވެރިނުވާ ޖަލްސާއެއްނަމަ، އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ކަނޑައަޅާނީ، ޖަލްސާއަށް ހާޒިރުވެތިބޭ މެންބަރުންނެވެ.
29 ވަނަ މާއްދާ - ކޯރަމާއި ވޯޓުދިނުން (ސުރުހީ އަދި މާއްދާ އިސްލާހު ކުރެވިފައި)
(ހ) ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއެއްގެ ކޯރަމްހަމަވެ، ޖަލްސާއެއް ސައްޙަވާނީ މަދުވެގެން 3 (ތިނެއް) މެންބަރުން އެ ޖަލްސާއަށް ހާޒިރުވެ ތިބިނަމައެވެ.
(ށ) ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ ނިންމުންތަކެއްވެސް ނިންމަންވާނީ ޖަލްސާއަށް ހާޒިރުވެތިބި މެންބަރުންގެ އަޣްލަބިއްޔަތުން، އެކަމަށް ނަގާ ވޯޓަކުންނެވެ.
30 ވަނަ މާއްދާ - ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ އުޖޫރަ (ސުރުހީ އަދި މާއްދާ އިސްލާހު ކުރެވިފައި)
ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ މުސާރައާއި އަިނާޔަތްތައް އަންނަނިވި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައަޅާނީ، ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުންނެވެ.
(ހ) މެނޭޖިންގ ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަށް ކަނޑައެޅިފައިވާ މަހު މުސާރައެއް، ކޮންމެ މަހަކުވެސް ދޭންވާނެއެވެ.
(ށ) ޖޯޑުގެ ޗެއަރމަނަށާއި، ބޯޑުގެ އެހެން މެންބަރުންނަށް ކަނޑައަޅާފައިވާ އަިނާޔަތެއް ދޭންވާނެއެވެ.
31 ވަނަ މާއްދާ - މަގާމުން އިސްތިއަުފާ ދިނުން (ސުރުހީ އަދި މާއްދާ އިސްލާހު ކުރެވިފައި)
ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުގެ މުއްދަތު ހަމަވުމުގެކުރިން، އެ މަގާމުން އިސްތިއުފާދިނުމަށް މެންބަރަކު ބޭނުންވެއްޖެ ހިނދެއްގައި، އިސްތިއަުފާދިންކަމުގެ ސިޓީ ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑަށް ފޮނުވުމުން، ކުންފުނީގެ މެންބަރުކަމުގެ މަގާމުން ވަކިވާނެއެވެ.
32 ވަނަ މާއްދާ - މަގާމުން ވަކިކުރުން (ސުރުހީ އަދި މާއްދާ އިސްލާހު ކުރެވިފައި)
ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުގެ މުއްދަތު ހަމަވުމުގެ ކުރިންވެސް އަންނަނިވި ހާހާލަތަކުންކުރެ ހާހާލަތެއްގައި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކު މަގާމުން ވަކިކުރުމުގެ އިހްތިޔާރު ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑަށް ލިބިގެންވެއެވެ.
(ހ) މަގުބޫލު އުޒުރެއްނެތި، ޑިރެކްޓަރުންގެ ބޯޑުގެ 5 (ފަހެއް) ޖަލްސާއަށް ވިދިވިދިގެން ހާޒިރުނުވުން.
(ށ) ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ ޒިންމާ އަދާކުރުމުގައި މެންބަރަކު އިހުމާލުވެއްޖެކަމަށް ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑަށް ފެނުން.
(ނ) ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ އަާންމު އަހްލާގާއި ސުލޫކުގައި އެފަދަ މަގާމެއްގައި ހުންނަ މީހެއްގެ ކިބައިގައި ހުރުން އެކަށީގެންނުވާ ކަންތައްތަކެއް ހުރިކަމަށް ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑަށް ފެނުން،
(ރ) ޕަބްލިކް ސަރވިސް މީޑިއާގެ މަސްއޫލިއްޔަތުތައް އަދާކުރުން ހަރުދަނާކުރުމަށްޓަކައި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށް ބަދަލު ގެންނަން ޖެހިއްޖެކަމަށް ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑަށް ފެނުން،
33 ވަނަ މާއްދާ - މަގާމުން ވަކިކުރުމުގެ އިޖްރާއަތު (ސުރުހީ އަދި މާއްދާ އިސްލާހު ކުރެވިފައި)
ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކު މި ގާނޫނުގެ 32 ވަނަ މާއްދާއާ އެއްގޮތްވާ އިޖުރާއަތު ގޮތުގެމަތިން، މަގާމުން ވަކިކުރަން ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑަށް ފެނިއްޖެ ހިނދެއްގައި އަންނަނިވި އިޖުރާއަތުތައް ފުރިހަމަކުރަންވާނެއެވެ.
(ހ) މި ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ ދަށުން މެންބަރަކު މަގާމުން ވަކިކުރާނަމަ، ސަބަބު ބަޔާންކޮށް، އެ މެންބަރަކަށާއި ޑިރެކްޓަރުންގެ ބޯޑަށް ފޮނުވާ ސިޓީއަކުން މަގާމުން ވަކިކުރުން.
(ށ) މި ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ނ) ނުވަތަ (ރ) ގެ ދަށުން މެންބަރަކު މަގާމުން ވަކިކުރާނަމަ، ސަބަބު ބަޔާންކޮށް އެ މެންބަރަކަށް ފޮނުވާ ސިޓީއަކުން މަގާމުން ވަކިކުރުން.
34 ވަނަ މާއްދާ - ހުސްވާ މަގާމަށް މެންބަރުން އަައްޔަންކުރުން (ސުރުހީ އަދި މާއްދާ އިސްލާހު ކުރެވިފައި)
(ހ) ގާނޫނު ނަންބަރު 9/2015 (ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އަައްޔަންކުރާ ހާހާލަތުގައި ފިޔަވައި، މި ގާނޫނުގައި ބުނާ އެއްވެސް ސަބަބެއް ނުވަތަ ހާލަތެއް މެދުވެރިވެގެން، ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑުގެ ވަކި މެންބަރެއްގެ މަގާމު ހުސްވާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ މަގާމަށް އަލުން މެންބަރަކު އަައްޔަންކުރަން ވާނެއެވެ.
(ށ) ގާނޫނު ނަންބަރު 9/2015 (ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ޕަބްލިކް ސަރވިސް މީޑިއާ ހިންގުމަށް އަައްޔަންކުރާ ޑިރެކްޓަރުންގެ ބޯޑުގެ މަގާމުގެ މުއްދަތު ހަމަވުމުން އައި ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އަައްޔަންކޮށް، ހުއްޓުމެއްނެތި ޕަބްލިކް ސަރވިސް މީޑިއާ ހިނގަމުންދާނެ އިންތިޒާމު ހަމަޖައްސަން ވާނެއެވެ.
35 ވަނަ މާއްދާ – ޕަބްލިކް ސަރވިސް މިޑިއާގެ ވެރިންނާއި މުވައްޒަފުން (ސުރުހީ އަދި މާއްދާ އިސްލާހު ކުރެވިފައި)
(ހ) ޕަބްލިކް ސަރވިސް މީޑިއާގެ ވެރިންނާއި މުވައްޒަފުންގެ އޮނިގަނޑު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އެކުލަވާލުމުން، އަދި އެ އޮނިގަނޑަށް ބަދަލެއް ގެންނަން ބޭނުންވެއްޖެ ކޮންމެ ހާލަތެއްގައި އެކަމަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުން ފާސްވާނީ ޖަލްސާއަށް ހާޒިރުވެތިބި މެންބަރުންގެ އަޣްލަބިއްޔަތުން، އެކަމަށް ނަގާ ވޯޓަކުންނެވެ.
(ށ) ޕަބްލިކް ސަރވިސް މީޑިއާގެ ވެރިންނާއި މުވައްޒަފުންގެ އޮނިގަނޑުގައި ހިމެނޭ ވަޒީފާތަކަށް މުވައްޒަފުން ހަމަޖައްސާނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ.
36 ވަނަ މާއްދާ - ހިންގާ ގަވާއިދާއި އަސާސީ ގަވާއިދު އެކުލަވާލުމުގައި އަަމަލުކުރާނެ އުސޫލު (ސުރުހީ އަދި މާއްދާ އިސްލާހު ކުރެވިފައި)
(ހ) ޕަބްލިކް ސަރވިސް މީޑިއާގެ އަސާސީ ގަވާއިދުގައި، ގާނޫނު ނަންބަރު 9/2015 (ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 3 ވަނަ މާއްދާގައި ބުނެފައިވާ ޙިއްސާއަކީ ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ 30 ވަނަ މާއްދާގައި ބުނާ ކުންފުނީގެ ރައުސްމާލުކަމަށް ބަލަންވާނެއެވެ. އަދި ކުންފުނީގެ ހިންގާ ގަވާއިދު ޑިރެކްޓަރުންގެ ބޯޑުން އެކުލަވާލަންވާނީ، އަދި ބަދަލު ގެންނަމުން ގެންދަންވާނީ، މި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) ޕަބްލިކް ސަރވިސް މީޑިއާގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދު އެކުލަވާލުމުގައިވެސް، އަދި އެ ދެ ގަވާއިދަށް ކޮންމެ ބަދަލެއް ގެންނައިރުވެސް ދިވެހި ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ވުޒާރާ ނުވަތަ އިދާރާގެ މަށްވަރާ ހޯދަންވާނެއެވެ.
37 ވަނަ މާއްދާ - އެހެން ވަޒީފާތަކާ މަސައްކަތްތައް ކުރުމުގެ އުސޫލު (އިސްލާހު ކުރެވިފައި)
(ހ) މި ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ ވަޒީފާއެއް ފިޔަވައި އެހެން ވަޒީފާއެއް ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށް އަދާކުރެވިދާނެއެވެ. ނަމަވެސް މިގޮތުން އަދާކުރާ ވަޒީފާއެއްގެ ސަބަބުން، މި ގާނޫނުގައި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރަމުން ދިއުމަށް އެއްވެސް ހުރަހެއް އެޅިގެން
ނުވާނެއެވެ.
(ށ) މި ގާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ސިޔާސަތުތަކާ ފުށުނާރާނެ ގޮތުގެމަތިން، މުޖްތަމައަަށް ފައިދާހުރި އަިލްމީ މަސައްކަތްތައް އެމީހެއްގެ އަިލްމާއި ގާބިލުކަން ހުރި މިންވަރަކުން ކުރަމުން ގެންދިއުމަކީ، ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑުގެ އެއްވެސް މެންބަރަކަށް މަނާކަމެއް ނޫނެވެ.
38 ވަނަ މާއްދާ - އިސް މެނޭޖްމަންޓް
(ހ) މި ގާނޫނުގައިވާ ގޮތުގެމަތިން ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރ ޕަރސަނަކާއި ވައިސް ޗެއަރ ޕަރސަނެއް ހޮވުމާއެކު، ވީ އެންމެ އަވަހަކަށް، ޕަބްލިކް ސަރވިސް މީޑިއާ ހިންގާނެ އިސް މެނޭޖްމަންޓުގެ ގޮތުގައި، ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރާއި، ދެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން ހޮވަންވާނެއެވެ.
(ށ) ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރާއި ދެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންނަށް ހޮވޭނީ، ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުގެ ތާއީދު ލިބިގެންނެވެ.
(ނ) ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރާއި ދެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން އެ މަގާމުތަކުން ވަކިކުރެވޭނީ، ބޯޑުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުގެ ތާއީދު ލިބިގެންނެވެ.
(ރ) އެއްވެސް ސަބަބަކާހުރެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ހުސްވެއްޖެ ހިނދެއްގައި، ޕަބްލިކް ސަރވިސް މީޑިއާ ހިންގުމުގެ ކަންކަން އިސްވެ ބަލަހައްޓާނީ، ދެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންގެ ތެރެއިން ވަގުތީ ގޮތުން އެ މަގާމާ ހަވާލުވުމަށް ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ މީހެކެވެ.
(ބ) އެއްވެސް ސަބަބަކާހުރެ ޕަބްލިކް ސަރވިސް މީޑިއާގެ އިސް މެނޭޖްމަންޓުގެ 3 (ތިނެއް) މަގާމު އެއްފަހަރާ ހުސްވެއްޖެ ހާލަތެއްގައި، އެ މަގާމުތަކަށް މީހުން ހަމަޖެއްސެންދެން، ޕަބްލިކް ސަރވިސް މީޑިއާ ވަގުތީ ގޮތުން ހިންގާނެ ފަރާތެއް، ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅަންވާނެއެވެ.
39 ވަނަ މާއްދާ - އިސް މެނޭޖްމަންޓުގެ މަގާމަކުން ވަކިކުރެވޭނެ ހާލަތް
ޕަބްލިކް ސަރވިސް މީޑިއާގެ އިސް މެނޭޖްމަންޓުގެ 3 (ތިނެއް) މަގާމުގެ ތެރެއިން މަގާމެއްގައި ހުރި މީހަކު، އެ މަގާމުން ވަކިކުރުމަށް، މި ގާނޫނުގެ 38 ވަނަ މާއްދާގެ (ނ) ގެ ދަށުން ޑިރެކްޓަރުންގެ ބޯޑަށް ލިބިދޭ ބާރު، އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައި މެނުވީ ބޭނުންކޮށްގެން ނުވާނެއެވެ.
(ހ) މި ގާނޫނުގެ ދަށުން އޭނާ އުފުލަންޖެހޭ މަސްއޫލިއްޔަތެއް ނުއުފުލުން ނުވަތަ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުން.
(ށ) މި ގާނޫނުގައި ޕަބްލިކް ސަރވިސް މީޑިއާ ހިންގުމަށް ކަނޑައަޅާފައިވާ އާންމު ސިޔާސަތުތަކާ ހިލާފުވުން.
40 ވަނަ މާއްދާ - ދުވަހުން ދުވަހަށް ހިންގުމުގެ ޒިންމާ
(ހ) މި ގާނޫނުގައި ކަނޑައަޅާފައިވާ ސިޔާސަތުތަކާއި އުސޫލުތަކާ ހިލާފުނުވާނެ ގޮތުގެމަތިން، ޕަބްލިކް ސަރވިސް މީޑިއާ ހިންގުމުގައި ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަން ނިންމައި، ދުވަހުން ދުވަހަށް ކުންފުނި ހިންގުމުގެ ޒިންމާ އުފުލާނީ ޕަބްލިކް ސަރވިސް މީޑިއާގެ އިސް މެނޭޖްމަންޓުންނެވެ.
(ށ) ކުންފުނީގެ އެޑިޓޯރިއަލް ސިޔާސަތުތައް ހިންގައި، ކުންފުނި ދުވަހުން ދުވަހަށް ހިންގުމުގެ އެންމެ އިސް ފަރާތަކީވެސް ޕަބްލިކް ސަރވިސް މީޑިއާގެ އިސް މެނޭޖްމަންޓެވެ.
(ނ) ޕަބްލިކް ސަރވިސް މީޑިއާ ދުވަހުން ދުވަހަށް ހިންގުމަށް ބޭނުންވާނެ އުސޫލުތައް ކަނޑައަޅައި، އެންގުންތައް އަންގައި، ކަންކަން ހިނގާ ނުހިނގާގޮތް ބެލުމަކީ އިސް މެނޭޖްމަންޓުން ކުރަންޖެހޭނެ ކަމެކެވެ.
(ރ) ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރާއި ދެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންނަކީ މީޑިއާގެ ދާއިރާ ނުވަތަ ޓެލެކޮމިޔުނިކޭށަންގެ ދާއިރާއާ ގުޅުންހުރި އެހެން އެއްވެސް އަމަލީ ވަޒީފާއެއް އަދާކުރާ ބަޔަކަށް ވެގެން ނުވާނެއެވެ. އަދި ޕަބްލިކް ސަރވިސް މީޑިއާ ހިންގުމުގައި އެމީހުންނާ މަތިކުރެވިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް އެމީހުން އިސްކަންދީ، އެކަމަށް ވަގުތު ދޭންވާނެއެވެ.
41 ވަނަ މާއްދާ - ޕަބްލިކް ސަރވިސް މީޑިއާގެ ވެރިންނާއި މުވައްޒަފުން
(ހ) ޕަބްލިކް ސަރވިސް މީޑިއާގެ އިސް މެނޭޖްމަންޓުގެ ދަށުން އެ ކުންފުނި ހިންގާނެ ވެރިންނާއި މުވައްޒަފުންގެ އޮނިގަނޑު މި ގާނޫނުގެ 24 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ކަނޑައެޅުމުން، އެ އޮނިގަނޑަށް ފެތޭނެ ގޮތުގެމަތިން ޕަބްލިކް ސަރވިސް މީޑިއާ ހިންގުމަށް އެކި ފެންވަރުގެ ވެރިންނާއި މުވައްޒަފުން ހަމަޖައްސަމުން ގެންދާނީ އިސް މެނޭޖްމަންޓުންނެވެ.
(ށ) މި ގާނޫނުގެ 24 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެމަތިން ވެރިންނާއި މުވައްޒަފުން މަގާމުތަކަށް ހަމަޖައްސަމުން ދިއުމުގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ އެކި ފަންތީގެ ވަޒީފާތަކުގައި ކުރިން ތިބި ވެރިންނާއި މުވައްޒަފުން، ޕަބްލިކް ސަރވިސް މީޑިއާގެ ވަޒީފާގެ އޮނިގަނޑަށް ފެތޭގޮތަށް އެކި މަގާމުތަކަށް ބަދަލުކުރުމާއި، އޮނިގަނޑަށް ނުފެތޭ މުވައްޒަފުން ވަކިކުރުމާއި އެކި މަގާމުތަކަށް އަލަށް މުވައްޒަފުން އައްޔަންކުރުމުގެ އިހްތިޔާރު އިސް މެނޭޖްމަންޓަށް ލިބިގެންވެއެވެ. ނަމަވެސް މިގޮތުގެމަތިން މަގާމު ބަދަލުކުރާ ނުވަތަ މަގާމުން ވަކިކުރާ މުވައްޒަފުންނަށް ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ހަމަޖައްސައިދޭންޖެހޭ
ބަދަލެއް ނުވަތަ ކޮމްޕެންސޭށަނެއް ވާނަމަ އެކަން ހަމަޖައްސައިދޭންވާނެއެވެ.
ފަސްވަނަ ބައި: ޕަބްލިކް ސަރވިސް މީޑިއާގެ ހިދުމަތް
42 ވަނަ މާއްދާ - ހިދުމަތުގެ މައިގަނޑު އަމާޒު
ޕަބްލިކް ސަރވިސް މީޑިއާގެ ހިދުމަތުގެ މައިގަނޑު އަމާޒަކަށް ވާންޖެހޭނީ، ދުނިޔެއަށް އަންނަމުންދާ ތަރައްގީއާއެކު، މީޑިއާގެ އެންމެ ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފައިގެން، މި ގާނޫނުގައި ބުނާ މަގްސަދުތައް ހާސިލުކުރުމާއި، މި ގާނޫނުގައި ބުނާ އާންމު ސިޔާސަތުތަކާ ހަމަތައް ތަންފީޒުކުރުމެވެ.
43 ވަނަ މާއްދާ - ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުން
ޕަބްލިކް ސަރވިސް މީޑިއާގެ ހިދުމަތް ދިވެހި އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދޭން މަސައްކަތްކުރަންވާނެއެވެ. އަދި އިންޓަރނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ޕަބްލިކް ސަރވިސް މީޑިއާގެ ހިދުމަތް ފޯރުކޮށްދޭ ދާއިރާ ފުޅާކުރަމުން ގެންދަންވާނެއެވެ.
44 ވަނަ މާއްދާ - ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުން
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަނުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިޔަ، ޓީވީއާއި ރޭޑިއޯއާއި ހަބަރާއި މައުލޫމާތު ފެތުރުމުގެ އެނޫންވެސް ހިދުމަތްތައް މެދުކެނޑުމެއްނެތި ޕަބްލިކް ސަރވިސް މީޑިއާއިން ދެމުން ގެންދަންވާނެއެވެ.
45 ވަނަ މާއްދާ - ހިދުމަތުގެ އައު ތަސައްވުރު
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ޕަބްލިކް ސަރވިސް މީޑިއާގެ ހިދުމަތް ޒަމާނީކުރުމާއި އެ ހިދުމަތް ފުޅާކުރަމުން ގެންދާނެގޮތުގެ ޕްލޭނެއް ޑިރެކްޓަރުންގެ ބޯޑުން އެކުލަވާލަންވާނެއެވެ. މި ޕްލޭންގެ ދަށުން، 1 (އެކެއް) ވެބްސައިޓް، 1 (އެކެއް) ޓީވީ ޗެނަލް، 1 (އެކެއް) ރޭޑިއޯ ޗެނަލް، އަދި ޕްރިންޓް މީޑިއާގެ ހިދުމަތްދޭ
1 (އެކެއް) ވަސީލަތް ޕަބްލިކް ސަރވިސް މީޑިއާއިން ދިނުން ލާޒިމު ހިދުމަތްތަކެއްގެ ގޮތުގައި އޮންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައި އެވާ ޕްލޭންގައި، ނިއު މީޑިއާގެ ގޮތުގައި ހަބަރާއި މައުލޫމާތާއި މުނިފޫހިފިލުވުން ފޯރުކޮށްދޭ ސޯށަލް މީޑިއާގެ ޒަމާނީ އެކި ވަސީލަތްތަކާއި، ހަބަރާއި މައުލޫމާތާއި މުނިފޫހިފިލުވުން ފޯރުކޮށްދިނުމުގައި ދުނިޔޭގެ މަގްބޫލުކަން ހޯދަމުންދާ އައު އުސޫލުތަކާއި ޓެކްނޮލޮޖީތަކަށް ދިވެހިރާއްޖޭގެ ޕަބްލިކް ސަރވިސް މީޑިއާ ވަންނަމުން، ކުރިއަރަމުންދާނެ ވިސްނުންތަކެއް ހިމަނައި، މި ޕްލޭނާ އެއްގޮތަށް ޕަބްލިކް ސަރވިސް މީޑިއާ ހިންގަން ފަށައިގަންނަންވާނެއެވެ.
46 ވަނަ މާއްދާ - ހިދުމަތަށް ހުއްދަދިނުން
(ހ) މި ގާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގައި، ޕަބްލިކް ސަރވިސް މީޑިއާއިން ދިނުން ލާޒިމުކަމަށް ބުނެފައި އެވާ 4 (ހަތަރެއް) ހިދުމަތް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ފްރީކުއެންސީ، ޑޮމެއިން، އަދި ރެޖިސްޓްރޭށަން ފަދަ ކަންކަން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ކަށަވަރުކޮށްދޭންވާނެއެވެ.
(ށ) މި ގާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގައި، ޕަބްލިކް ސަރވިސް މީޑިއާއިން ދިނުން ލާޒިމުކަމަށް ބުނެފައި އެވާ 4 (ހަތަރެއް) ހިދުމަތުގެ އިތުރަށްވެސް ތަފާތު ވެބްސައިޓާއި ޓީވީއާއި ރޭޑިއޯ ޗެނަލާއި އަދި ނޫސް މަޖައްލާގެ ހިދުމަތް ޕަބްލިކް ސަރވިސް މީޑިއާއަށް ދެމުން ގެންދެވިދާނެއެވެ. ނަމަވެސް އިތުރުކުރެވޭ ހިދުމަތްތަކަށް ރެޖިސްޓްރޭށަން ހެދުން، ފްރީކުއެންސީ ހޯދުން، ޑޮމެއިން ނެގުން ފަދަ ކަންކަމުގައި މިފަދަ ހިދުމަތްދޭ އެހެން ފަރާތްތަކާ ތަފާތު ވަކި ހާއްސަ އިމްތިޔާޒުތަކެއް ޕަބްލިކް ސަރވިސް މީޑިއާއަށް ވީތީ ލިބިއެއް ނުދެވޭނެއެވެ.
47 ވަނަ މާއްދާ - މީޑިއާއާ ގުޅުންހުރި ވިޔަފާރިތައް ކުރުން
(ހ) ހަބަރާއި މައުލޫމާތާއި މުނިފޫހިފިލުވުމާ ގުޅުންހުރި އެކި ބާވަތުގެ ފަންނުވެރިކަމާއި ލިޔުންތެރިކަމާއި އަދަބީ މަސައްކަތްތައް ކުރިއެރުވުމަށްޓަކައި، އެފަދަ މަސައްކަތްތައް ކުރާ އަމިއްލަ ފަރާތްތަކުގެ އުފެއްދުންތައް ގަތުމާއި އެފަދަ އުފެއްދުންތަކުން ވިޔަފާރިކުރުމަކީ ޕަބްލިކް ސަރވިސް މީޑިއާގެ ހިދުމަތުގެ އޮނިގަނޑުގެ ތެރޭގައި ހިމެނޭކަމެކެވެ.
(ށ) ޕަބްލިކް ސަރވިސް މީޑިއާ އުފެއްދި މަގްސަދުތައް ދިވެހި ރައްޔިތުންނަށް ހާސިލުކޮށްދިނުމަށްޓަކައި، އެކި ބާވަތުގެ ތަގްރީރު، ބަހުސް، ޑޮކިއުމެންޓްރީ، ފިލްމު، ޑްރާމާ، ލަވަ އަލްބަމް، ފޮތް ށާއިއުކުރުމާއި އަދި މިނޫންވެސް މިބާވަތުގެ އުފެއްދުންތައް އުފައްދައި އޭގެ ވިޔަފާރި ކުރެވިދާނެއެވެ.
(ނ) މީޑިއާގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެކި ބާވަތުގެ ތަކެތީގެ ވިޔަފާރި ކުރުމުގެ އިހްތިޔާރުވެސް ޕަބްލިކް ސަރވިސް މީޑިއާއަށް ލިބިގެންވެއެވެ.
(ރ) ދިވެހި ރައްޔިތުން ބެލުމަށް ށައުގުވެރިވާނެ، ރާއްޖެއާއި ރާއްޖޭން ބޭރުގެ ޓީވީ ޗެނަލްތަކާއި ކޭބަލް ޓީވީއާއި އިންޓަރނެޓް ފަދަ ވަސީލަތްތައް މެދުވެރިކޮށް ހެޔޮއަގުގައި ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ހިދުމަތް، ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޕަބްލިކް ސަރވިސް މީޑިއާއަށް ދެވިދާނެއެވެ.
48 ވަނަ މާއްދާ - ވިޔަފާރިއަށްވުރެ ހިދުމަތަށް އިސްކަން ދިނުން
(ހ) ޕަބްލިކް ސަރވިސް މީޑިއާގެ ކުރިއެރުމާއި ދެމިއޮތުމަށްޓަކައި، އެ ކުންފުނީގެ ހިދުމަތުގެ ދާއިރާގެ ތެރެއިން ވިޔަފާރި އުސޫލުން އެކި ކަންކަން ކުރެވޭގޮތަށް މި ގާނޫނުގައި ފުރުސަތު ފަހިކޮށްދީފައި އޮތްކަމުގައި ވީނަމަވެސް، މި ގާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގައި ބުނެފައި އެވާ 4 (ހަތަރެއް) ހިދުމަތް ޕަބްލިކް ސަރވިސް މީޑިއާއިން ފޯރުކޮށްދޭންވާނީ، ރައްޔިތުންނާ ހަމައަށް ހިލޭ ފޯރުކޮށްދޭ ހިދުމަތްތަކެއްގެ ގޮތުގައެވެ. އަދި މި ގާނޫނުގެ ދަށުން ވިޔަފާރި އުސޫލުން ދެވޭ ހިދުމަތްތަކުގެ ތެރެއަށް ޕަބްލިކް ސަރވިސް މީޑިއާއިން ވަންނަންވާނީ، މި ގާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގައި ބުނެފައި އެވާ 4 (ހަތަރެއް) ހިދުމަތަކީ އެންމެ އިސްކަމެއްދީގެން ކުންފުނިންދޭ ހިދުމަތްތައް ކަމުގައި ހެދުމަށްފަހުއެވެ.
(ށ) މި ގާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ 4 (ހަތަރެއް) ހިދުމަތް ޕަބްލިކް ސަރވިސް މީޑިއާއިން ރައްޔިތުންނާ ހަމައަށް ހިލޭ ފޯރުކޮށްދިނުމުގެ މާނައަކީ، އެއިން އެއްވެސް ހިދުމަތެއް ފޯރުކޮށްދިނުމުގެ މުގާބިލުގައި ޕަބްލިކް ސަރވިސް މީޑިއާއަށް ރައްޔިތެއްގެ އަތުން އެއްވެސް އަގެއް ނުނެގުމެވެ. އިންޓަރނެޓް ނުވަތަ ކޭބަލް ޓީވީ ފަދަ ވަސީލަތެއް މެދުވެރިކޮށް މިއިން ހިދުމަތެއް ފޯރުކޮށްދޭ އޮޕަރޭޓަރަކު އެފަރާތުން އެކޮށްދޭ މަސައްކަތަށް އަގެއް ނެގުމަކީ ޕަބްލިކް ސަރވިސް މީޑިއާއާ ގުޅުމެއްހުރި ކަމެއް ނޫނެވެ.
49 ވަނަ މާއްދާ - މީޑިއާގެ ހިދުމަތުގެ ދާއިރާއިން ތައުލީމާއި ތަމްރީން ދިނުން
މީޑިއާގެ ދާއިރާގައި ހިދުމަތްކުރާނެ ނޫސްވެރިންނާއި އެހެނިހެން ފަންނީ ހުނަރުވެރިން އުފައްދައި، ޒަމާނީ ތަމްރީނު ދިނުމަށްޓަކައި ހާއްސަ ޓްރެއިނިންގ ސެންޓަރެއް ޕަބްލިކް ސަރވިސް މީޑިއާގައި ގާއިމުކުރަންވާނެއެވެ.
50 ވަނަ މާއްދާ - ގައުމީ ނިއުސް އެޖެންސީގެ ހިދުމަތް
ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ރާއްޖޭގެ ހަބަރާއި މައުލޫމާތު ދުނިޔެއަށް ފެތުރުމަށްޓަކައި އަދި ވިޔަފާރި އުސޫލުން އެފަދަ ބައެއް ހަބަރާއި މައުލޫމާތު އެކި ފަރާތްތަކަށް ވިއްކުމަށްޓަކައި ރާއްޖޭގެ ގައުމީ ނިއުސް އެޖެންސީއެއް އުފައްދަންވާނެއެވެ. މި ގާނޫނަށް އަމަލުކުރަން ފަށާތާ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި މި ނިއުސް އެޖެންސީ އުފައްދައި ހިދުމަތް ދޭން ފަށަންވާނެއެވެ.
ހަވަނަ ބައި: ޕަބްލިކް ސަރވިސް މީޑިއާގެ އަރުށީފު
51 ވަނަ މާއްދާ - އަރުށީފުގެ ގަވާއިދާއި އުސޫލުތައް
(ހ) ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން އުފައްދާ އެންމެހައި އުފެއްދުންތައް އަރުށީފުކުރުމުގައި އަމަލުކުރާނެ ގަވާއިދެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ޑިރެކްޓަރުންގެ ބޯޑުން އެކުލަވާލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ ގަވާއިދުގައި އަންނަނިވި ކަންކަން ހިމެނިފައިވާންވާނެއެވެ.
- ޕްރިންޓް މީޑިއާގެ އުފެއްދުންތައް އަރުށީފުކުރެވޭނެ އުސޫލު.
- އިންޓަރނެޓް މެދުވެރިކޮށް، ހަބަރާއި މައުލޫމާތާއި މުނިފޫހިފިލުވުމުގެ އެކި ދާއިރާތަކުގައި ޕަބްލިކް ސަރވިސް މީޑިއާގެ އުފެއްދުންތައް އަރުށީފުކުރެވޭނެ އުސޫލު.
- ޕަބްލިކް ސަރވިސް މީޑިއާއިން ޓީވީއާއި ރޭޑިއޯ މެދުވެރިކޮށް ދުރަށް ފޮނުވާ އުފެއްދުންތައް އަރުށީފުކުރެވޭނެ އުސޫލު.'
- މި ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ޕަބްލިކް ސަރވިސް މީޑިއާއިން އުފައްދާ، ނުވަތަ ވިޔަފާރި އުސޫލުން ގަނެވިއްކާ އުފެއްދުންތައް އަރުށީފުކުރާނެ އުސޫލު.
(ނ) ޕަބްލިކް ސަރވިސް މީޑިއާގެ އުފެއްދުންތައް އަރުށީފުކުރާނެ އުސޫލު ބަޔާންކުރާ ގަވާއިދުގައި ޒަމާންތަކަށް ދެމިހުންނަގޮތަށް އަރުށީފުކޮށް ރައްކާކުރަންޖެހޭ އުފެއްދުންތަކަކީ ކޮބައިކަން ބަޔާންކޮށްދެވިފައި އޮންނަންވާނެއެވެ.
(ރ) ޒަމާންތަކަށް ދެމިހުންނާނެހެން އަރުށީފުކޮށް ރައްކާކުރަންޖެހޭ މުހިންމު އުފެއްދުންތައް ފިޔަވައި، ޕަބްލިކް ސަރވިސް މީޑިއާގެ އެހެނިހެން އުފެއްދުންތައް އަރުށީފުކޮށްފައި ބަހައްޓަންޖެހޭނީ އެ އުފެއްދުމެއް އާންމުންނާ ހަމައަށް ފޯރުކޮށްދޭން ފަށާ ތާރީހުން ފެށިގެން މަދުވެގެން 1 (އެކެއް) މަސްދުވަހުގެ މުއްދަތަށެވެ.
(ބ) ޕަބްލިކް ސަރވިސް މީޑިއާގެ އެއްވެސް އުފެއްދުމަކާމެދު ށަރުއީ ކޯޓެއްގައި ދައުވާއެއް އުފުލިއްޖެ ހާލަތެއްގައި އެ އުފެއްދުމަކާ ގުޅޭ މައްސަލައިގައި ފައިސަލާކުރަނިވި ނިންމުމެއް ށަރުއީ މަރުހަލާއިން ނިންމަންދެން އެ އުފެއްދުމެއް އަރުށީފުކޮށްފައި ބަހައްޓަންވާނެއެވެ.
52 ވަނަ މާއްދާ - ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ ބޭނުން ހިފުން
މި ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ވަރަށް މުހިންމު ގައުމީ އަދި ތާރީހީ އުފެއްދުންތަކެއް ޕަބްލިކް ސަރވިސް މީޑިއާގެ މިލްކިއްޔާތުގެ ތެރޭގައި ހިމެނިގެންދާތީ، ޕަބްލިކް ސަރވިސް މީޑިއާގެ ވީހާވެސް ގިނަ އުފެއްދުމެއް ޒަމާންތަކަށް ދެމިހުންނާނެހެން ރައްކާކޮށް އަރުށީފުކޮށްފައި ބެހެއްޓުމަށްޓަކައި، ޖާގަބޮޑު، ހަރަދު ކުޑަ، އަދި ޔަގީންކަން ބޮޑު ޒަމާނީ ޓެކްނޮލޮޖީތަކުގެ ބޭނުން ހިފަމުން ގެންދިއުމަކީ، އަދި ޕަބްލިކް ސަރވިސް މީޑިއާގައި އިތުބާރުހުރި ޒަމާނީ އަރުށީފެއް ގާއިމުކުރުމަކީ، މި ގާނޫނު ލާޒިމުކުރާކަމެކެވެ.
53 ވަނަ މާއްދާ - އަރުށީފުގެ މަންފާ ލިބިދިނުން
(ހ) ޕަބްލިކް ސަރވިސް މީޑިއާގެ އަރުށީފުގައި ހުންނަ އޯޑިއޯ ވީޑިއޯ އަދި ލިޔެކިޔުންފަދަ ތަކެތީގެ ނަކަލު ގަންނަން ބޭނުންވާ ފަރާތްތަކަށް ވިއްކޭނެ އުސޫލުތަކެއް ގާއިމުކޮށް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެ އުސޫލުތަކަށް އަމަލުކުރަން ފަށަންވާނެއެވެ.
(ށ) ޕަބްލިކް ސަރވިސް މީޑިއާގެ އަރުށީފުގައި ހުންނަ އޯޑިއޯ ވީޑިއޯ އަދި ލިޔެކިޔުންފަދަ ތަކެތި، ކިޔަވާކުދިންނަށާއި ރިސަރޗްކުރާ ފަރާތްތަކަށް ބަލައި އަޑުއަހައި ދިރާސާކުރެވޭނެ އުސޫލުތަކެއް ގާއިމުކޮށް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެ އުސޫލުތަކަށް އަމަލުކުރަން ފަށަންވާނެއެވެ.
ހަތްވަނަ ބައި: އާމްދަނީއާއި މާލީ އެހީ
54 ވަނަ މާއްދާ - އާމްދަނީއާއި މާލީއެހީ ހޯދޭނެ ގޮތްތައް
ޕަބްލިކް ސަރވިސް މީޑިއާއިން އާމްދަނީއާއި މާލީ އެހީ ހޯދަންވާނީ އަންނަނިވި ގޮތްތަކުންނެވެ.
(ހ) ދައުލަތުގެ ބަޖެޓުގެ ތެރެއިން ޕަބްލިކް ސަރވިސް މީޑިއާއަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކޮންމެ އަހަރަކުވެސް ދޭ ވަކި މިންވަރެއްގެ ފައިސާ (އިސްލާހު ކުރެވިފައި)
(ށ) ޕަބްލިކް ސަރވިސް މީޑިއާ ތަރައްގީކުރުމަށް ބޭނުންވާ މުހިންމު ކަންތައްތަކާއި ގުޅިގެން ދައުލަތުންދޭ އެހީ.
(ނ) ޕަބްލިކް ސަރވިސް މީޑިއާ ތަރައްގީކުރުމަށް ބޭނުންވާ މުހިންމު ކަންތައްތަކާއި ގުޅިގެން ދައުލަތުގެ ފަރާތުން ގެރެންޓީކޮށްދީގެން ހޯދާ ލޯން.
(ރ) އިށްތިހާރުކޮށްދީގެން ހޯދާ ފައިސާ.
(ބ) ސްޕޮންސަރުންގެ އަތުން ހޯދާ ފައިސާ.
(ޅ) ޕަބްލިކް ސަރވިސް މީޑިއާ ތަރައްގީކުރުމަށާއި ޖަމާއަތަށް ފައިދާހުރި އެކި އުފެއްދުންތައް އިތުރުކުރުމަށް ރާއްޖެއާއި ރާއްޖޭން ބޭރުން ހޯދާ އެހީ.
(ކ) ޕަބްލިކް ސަރވިސް މީޑިއާ އުފެއްދި މަގްސަދުތަކާއި އާންމު އުސޫލުތަކާއި އަދި މި ގާނޫނާ ހިލާފުނުވާނެ ގޮތުގެމަތިން ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ އުސޫލުތަކެއްގެ ދަށުން އެކި ބާވަތުގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ.
55 ވަނަ މާއްދާ - ދައުލަތުން ދޭންޖެހޭ ފައިސާ
(ހ) މި ގާނޫނުގެ ދަށުން ދައުލަތުގެ ބަޖެޓުން ޕަބްލިކް ސަރވިސް މީޑިއާއަށް ކޮންމެ އަހަރަކުދޭ ފައިސާއަކީ، އެންމެ މަދުވެގެން މި ގާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގައި ބުނާ 4 (ހަތަރެއް) ހިދުމަތް، މުވައްޒަފުންނާއި ވަސީލަތްތަކާއެކު ހިންގައި ރައްޔިތުންނާ ހަމައަށް މުޅި އަހަރުތެރޭ ފޯރުކޮށްދެވޭނެ މިންވަރަށް ދޭ ފައިސާއަކަށްވާންވާނެއެވެ.
(ށ) ޕަބްލިކް ސަރވިސް މީޑިއާ ހިންގުމަށް ދައުލަތުގެ ބަޖެޓުން ކޮންމެ މާލީ އަހަރަކަށް ފައިސާ ހޯދުމަށްޓަކައިވެސް، މާލީ އަހަރު ފެށުމުގެ 3 (ތިނެއް) މަސްދުވަސް ކުރިން، ކުރިއަށް އޮތް އަހަރު ޕަބްލިކް ސަރވިސް މީޑިއާ ހިންގުމަށް ހިނގާނެކަމަށް ލަފާކުރެވޭ ހަރަދާއި، ޕަބްލިކް ސަރވިސް މީޑިއާ ހިންގައިގެން ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީގެ މައްޗަށް ބިނާކޮށް ބަޖެޓެއް ތައްޔާރުކޮށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީއާއި، ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ. އަދި މި ބަޖެޓާއެކު، ނިމިދިޔަ މާލީ އަހަރުގެ މާލީ ހިސާބުތައް، ރާއްޖޭގައި ލައިސަންސް ލިބިފައިވާ އޮޑިޓް ފަރމަކުން އޮޑިޓްކުރުމަށްފަހު ހުށަހަޅަންވާނެއެވެ.
(ނ) މި ގާނޫނުގެ 54 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޕަބްލިކް ސަރވިސް މީޑިއާ ތަރައްގީކުރުމަށް ބޭނުންވާ މުހިންމު ކަންތައްތަކާ ގުޅިގެން ދައުލަތުގެ އެހީއަށް، ނުވަތަ ލޯނެއް ހޯދުމަށްޓަކައި ދައުލަތުގެ ގެރެންޓީއަށް އެދި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅައިފިނަމަ، ދައުލަތުގެ ފަރާތުން އެހިނދަކަށް ދެވެން އޮތް އެންމެ ބޮޑު އެއްބާރުލުމެއް ޕަބްލިކް ސަރވިސް މީޑިއާއަށް ދޭންވާނެއެވެ.
56 ވަނަ މާއްދާ - ސްޕޮންސަރ އަދި އިސްތިހާރުން ހޯދާ އާމްދަނީ (ސުރުހީ އިސްލާހު ކުރެވިފައި)
މި ގާނޫނުގެ 54 ވަނަ މާއްދާގެ (ރ) އާއި (ބ) ގެ ދަށުން، އިށްތިހާރުކޮށްދީގެންނާއި، ސްޕޮންސަރ ހޯދައިގެން އާމްދަނީ ހޯދުމުގައި ޕަބްލިކް ސަރވިސް މީޑިއާއިން އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
(ހ) މި ގާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގައި ބުނާ 4 (ހަތަރެއް) ހިދުމަތް ދިނުމުގައި، އިންޓަރނެޓްގައި ފަރުމާކުރެވިފައިވާ ވެބްސައިޓްގެ ޖާގައިގެ، އަދި ރޭޑިއޯ ނުވަތަ ޓީވީއިން 1 (އެކެއް) ދުވަހުގެ ތެރޭގައި ބްރޯޑްކާސްޓްކުރާ ޖުމްލަ ވަގުތުގެ، އަދި ނޫސް ނުވަތަ މަޖައްލާގެ ސަފްހާތަކުގެ ޖުމްލަ އަދަދުގެ 33 (ތިރީސް ތިނެއް) އިންސައްތައަށްވުރެ އިށްތިހާރަށް ދެވޭ ޖާގަ ނުވަތަ ވަގުތު އިތުރުނުކުރުން.
(ށ) ވެބްސައިޓާއި މަޖައްލާގައި އިށްތިހާރަށް ޖާގަދޭއިރު އަދި ބްރޯޑްކާސްޓްކުރަމުން ދިއުމުގައި އިށްތިހާރަށް ވަގުތުދޭއިރު އެއީ އިށްތިހާރަށް ދެވިފައިވާ ވަގުތުކަމާއި ޖާގަކަން އެނގޭނޭ އިންތިޒާމެއްގެމަތިން އިށްތިހާރުކުރަމުން ގެންދިއުން.
(ނ) އިށްތިހާރުތަކުގައި ހިމެނޭ މައުލޫމާތު، މިޔުޒިކް، މަންޒަރު ފަދަ ހުރިހާ ބައިތަކަކީވެސް ރާއްޖޭގެ ގާނޫނުތަކަށްފެތޭ، މުޖްތަމައުގެ އާންމު އަހްލާގީ މިންގަނޑު ގަބޫލުކުރާ ބައިތަކެއްކަން ކަށަވަރުކުރުން.
(ރ) ގާނޫނަކުން ބާރު ލިބިގެން ރާއްޖޭގައި ބޭއްވޭ އެކިއެކި އިންތިހާބުތަކާއި، ރައްޔިތުންގެ އާންމު ވޯޓުތައް ފަދަ ކަންކަމުގައި، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިށްތިހާރުކުރުމަށް ޖާގައާއި ވަގުތު ގަނެވޭނެ އުސޫލެއް ވާދަކުރާ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލުމަށްފަހުނޫނީ އިންތިހާބުތަކާއި އާންމު ވޯޓުތަކާ ގުޅޭ ކެމްޕޭން އިށްތިހާރުތައް ނުފޮނުވުމާއި ށާއިއުނުކުރުން.
(ބ) އެއްވެސް ފަރާތަކުން ސްޕޮންސަރކޮށްގެން ނުވަތަ ވަގުތާއި ޖާގަ ގަނެގެން އިންޓަރނެޓްގައި، ނޫސް މަޖައްލާގައި، ރޭޑިއޯއާއި ޓީވީގައި ޕްރޮގްރާމެއް ލިޔުމެއް ނުވަތަ އެނޫންވެސް ކަމެއް އާންމުކުރާނަމަ، އެއީ ވިޔަފާރި އުސޫލުން ސްޕޮންސަރކޮށްގެން ކުރާކަމެއްކަން އެނގޭނެގޮތް ހެދުން.
އަށްވަނަ ބައި: ގަވާއިދުތައް ހަދައި ހިންގުން
57 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުމުގެ އުސޫލު
(ހ) މި ގާނޫނުގެ ދަށުން ޕަބްލިކް ސަރވިސް މީޑިއާ ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހެދުމަކީ ޑިރެކްޓަރުންގެ ބޯޑުގެ ޒިންމާއެކެވެ.
(ށ) މި ގާނޫނުގައި ބުނާ ގަވާއިދުތަކާއި އަދި މި ގާނޫނު ތަންފީޒުކުރުމަށްޓަކައި މުހިންމުވާނެކަމަށް ޑިރެކްޓަރުންގެ ބޯޑަށް ފެންނަ އެންމެހައި ގަވާއިދުތައް ހެދުމުގެ ބާރު ޑިރެކްޓަރުންގެ ބޯޑަށް ލިބިގެންވެއެވެ.
(ނ) ވަކި މުއްދަތެއްގައި ހަދައި ނިންމުމަށް މި ގާނޫނުން ލާޒިމުކުރާ ގަވާއިދުތަކާއި އުސޫލުތަކާއި ޕްލޭންތައް އެ މުއްދަތުގައި އެކުލަވާލައި ނިންމަންވާނެއެވެ.
(ރ) ވަކި މުއްދަތެއް ކަނޑަނާޅާ، ޑިރެކްޓަރުންގެ ބޯޑުން އެކުލަވާލަންވާނެކަމަށް މި ގާނޫނުގައި ބުނެފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި ޕްލޭންތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ 2 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެކުލަވާލައި ނިންމަންވާނެއެވެ.
(ބ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު މި ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް މީޑިއާ ކޯޕަރޭށަންގެ އެންމެހައި މުދަލާ ވަސީލަތްތައް ޕަބްލިކް ސަރވިސް މީޑިއާގެ ދަށަށް ބަދަލުވާތީއާއި، މި ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަނުން ދެމުން ގެންދިޔަ ހުރިހާ ހިދުމަތެއް މެދުކެނޑުމެއްނެތި ޕަބްލިކް ސަރވިސް މީޑިއާ އުފެދުމާއެކު އެ ކުންފުނިން ދިނުން ލާޒިމުކޮށްފައިވާތީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަން ހިންގުމަށްޓަކައި ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކަކީ، މި ގާނޫނަށް އަމަލުކުރަން ފަށައިގަތުމާއެކު ޕަބްލިކް ސަރވިސް މީޑިއާވެސް ހިންގަމުން ގެންދަންވާނެ އުސޫލުތައް ކަމުގައި ބަލައިގަންނަންޖެހޭނެއެވެ. ނަމަވެސް ޑިރެކްޓަރުންގެ ބޯޑު އެކުލަވާލުމާއެކު އެ ބޯޑުގެ ފަރާތުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަން ހިންގުމަށްޓަކައި ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތައް މުރާޖައާކޮށް، ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަމަށް ފެތޭނެހެން އެ ގަވާއިދުތައް އަލުން އެކުލަވާލަންވާނެއެވެ.
58 ވަނަ މާއްދާ - ގަވާއިދު ހެދުން ލާޒިމުވާ ކަންކަން
ޕަބްލިކް ސަރވިސް މީޑިއާ ހިންގާނެގޮތުގެ ގަވާއިދުތައް އެކުލަވާލާއިރު، އަންނަނިވި ކަންކަމާ ގުޅޭ ގަވާއިދުތައް އެކުލަވާލެވިފައި ހުންނަންވާނެއެވެ.
(ހ) ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތަކުގެ ގަވާއިދު.
(ށ) މި ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން އެކިއެކި އުފެއްދުންތައް ގަނެ ވިއްކުމުގެ ކަންކަން ހިންގާނެގޮތުގެ ގަވާއިދު.
(ނ) މި ގާނޫނުގެ 54 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރާއްޖެއާއި ރާއްޖޭން ބޭރުން އެހީ ހޯދުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު.
(ރ) އިށްތިހާރުކުރުމާއި ސްޕޮންސަރކުރުމުގެ ގަވާއިދު.
(ބ) އަރުށީފުކުރުމުގެ ގަވާއިދު.
(ޅ) ޕަބްލިކް ސަރވިސް މީޑިއާގެ ހިދުމަތްތަކާމެދު ރައްޔިތުން ށަކުވާ ހުށަހެޅުމާއި އެ ށަކުވާ ބަލައި އަމަލުކުރާނެގޮތުގެ ގަވާއިދު.
(ކ) ޕަބްލިކް ސަރވިސް މީޑިއާއިން ބުނި އެއްޗެއް، ލިޔުނު އެއްޗެއް ނުވަތަ ފޮނުވި އެއްޗެއް ނުވަތަ ކުރި ކަމަކާ ގުޅިގެން ޕަބްލިކް ސަރވިސް މީޑިއާ މެދުވެރިކޮށް ރައްދުދޭން ބޭނުންވެއްޖެ ފަރާތަކަށް ރައްދުދިނުމުގެ ފުރުސަތު ދިނުމުގައި އަމަލުކުރާނެ އުސޫލު ކަނޑައަޅާ ގަވާއިދު.
(އ) ސިޔާސީ ޕާޓީތަކާއި ޖަމާއަތްތަކަށް އިށްތިހާރުކުރުމަށާއި ކެމްޕޭންކުރުމަށް އަދި އެނޫން ކަންކަމުގައިވެސް ހަމަހަމަ ފުރުސަތު ދިނުމުގެ ގަވާއިދު.
(ވ) އިންތިހާބުތަކުގައި ކެންޑިޑޭޓުންގެ ކެމްޕޭނަށް ހަމަހަމަ އުސޫލުން ފުރުސަތު ދިނުމުގެ ގަވާއިދު.
59 ވަނަ މާއްދާ - ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ ކޯޑު
ޕަބްލިކް ސަރވިސް މީޑިއާގެ އުފެއްދުންތަކުގައި އަދި ހަބަރާއި މައުލޫމާތާއި މުނިފޫހިފިލުވުން ފޯރުކޮށްދިނުމުގައި ހިފަހައްޓަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ ކޯޑެއް، ވަކި ގަވާއިދެއްގެ ގޮތުގައި މި ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ޕަބްލިކް ސަރވިސް މީޑިއާއިން އެކުލަވާލަންވާނެއެވެ. މި ބުނެވުނު ކޯޑުގައި އަންނަނިވި ކަންކަން ހިމެނިފައި ހުންނަންވާނެއެވެ.
(ހ) މައުލޫމާތުގެ ތެދުކަމާއި އިންސާފުވެރިކަމަށް ބަލާނެގޮތް.
(ށ) މީހުންގެ ޒާތީ ދިރިއުޅުމުގެ ހުރުމަތަށް ބަލާނެގޮތް.
(ނ) މީހުންނަށް ގޯނާކުރުމާއި އުނދަގޫކުރުންކަމަށް ބެލެވިދާނެ ކަންކަމުން ދުރަށް ދިއުމުގައި އަމަލުކުރާނެގޮތް.
(ރ) 18 (އަށާރަ) އަހަރު ނުފުރޭ ކުޑަކުދިން ހިމާޔަތްކުރުމަށް ހަދާނެގޮތް.
(ބ) ކުޑަކުދިންގެ ޕްރޮގްރާމްތަކާއި އެމީހުންނާ ނުގުޅޭ ޕްރޮގްރާމްތައް ދައްކާނެ ގަޑިތައް ވަކިގޮތަކަށް ފެއްތުމަށް އަމަލުކުރާނެގޮތް.
(ޅ) އަނިޔާވެރި އަމަލުތައް ކަމުގައި ނުވަތަ ޖިންސީ އަމަލުތައް ކަމުގައި ބެލިދާނެފަދަ އަމަލުތައް އާންމު ނުކުރުމުގައި ގެންގުޅޭނެ މިންގަނޑުތައް.
(ކ) ހަރުކަށި ބަހުރުވަކަމަށް ނުވަތަ އެކަށީގެންނުވާ ބަހުރުވަކަމަށް ބެލެވޭ ބަސް އާންމު ނުކުރުމުގައި ހިފަހައްޓާނެ އުސޫލު.
(އ) އެކިއެކި އަނިޔާ ލިބިފައިވާ ފަރާތްތަކާމެދު އަމަލުކުރާނެގޮތާއި އެކިއެކި ހިތާމަތައް ވެރިވެފައިވާ ފަރާތްތަކުގެ ކަންކަން ގެންނާނެގޮތް.
(ވ) ޖިނާއީ އަމަލުތަކާއި މުޖްތަމައުގެ އާންމު އަހްލާގީ ސުލޫކީ މިންގަނޑުތަކާ ހިލާފު އަމަލުތައް ގެނެސްނުދިނުމުގައި ހިފަހައްޓާނެ އުސޫލު.
(މ) މަސްލަހަތު ފުށުއަރާނެ ދަނޑިވަޅުތަކުގައި އަމަލުކުރާނެ ގޮތް.
(ފ) އެއް ހާލަތެއްގައި ތިބޭ ދެފަރާތެއް ތަފާތުނުކުރުމުގައި އަމަލުކުރާނެގޮތް.
(ދ) އެކިއެކި މައުލޫމާތުތައް ލީކުވިޔަނުދިނުމަށާއި އެކިއެކި މައުލޫމާތު ލިބޭ މަސްދަރުތައް ހިމާޔަތްކުރުމުގައި އަމަލުކުރާނެގޮތް.
ނުވަވަނަ ބައި: ޒިންމާ އުފުލުމާއި ޖަވާބުދާރީވުން
60 ވަނަ މާއްދާ - އޮޑިޓް ރިޕޯޓު
(ހ) ކޮންމެ މީލާދީ އަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ނިމިދިޔަ އަހަރު ޕަބްލިކް ސަރވިސް މީޑިއާގެ މާލީ ކަންކަން ހިނގައިދިޔަ ގޮތުގެ އޮޑިޓެއް، ރާއްޖޭގައި އޮޑިޓްކުރުމުގެ ލައިސަންސް ލިބިފައިވާ އޮޑިޓް ފަރމަކުން ކުރުވައި، އަހަރީ އޮޑިޓް ރިޕޯޓެއް އެކުލަވާލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެވުނު އޮޑިޓް ރިޕޯޓު އެކުލަވާލާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އެ ރިޕޯޓު ފޮނުވަންވާނެއެވެ.
61 ވަނަ މާއްދާ - އަހަރީ ރިޕޯޓު
ކޮންމެ މީލާދީ އަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ފާއިތުވި އަހަރު ޕަބްލިކް ސަރވިސް މީޑިއާ ހިނގައިދިޔަ ގޮތުގެ އަހަރީ ރިޕޯޓު އެކުލަވާލައި، އެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ. އަދި އެ ރިޕޯޓު އާންމުންނަށް ފެންނާނެހެން ހާމަކުރަންވާނެއެވެ.
62 ވަނަ މާއްދާ - އަހަރީ ރިޕޯޓުގައި ހިމަނަންޖެހޭ ކަންކަން
ޕަބްލިކް ސަރވިސް މީޑިއާގެ އަހަރީ ރިޕޯޓުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
(ހ) އަހަރީ އާމްދަނީއާއި ހަރަދުގެ ހުލާސާ.
(ށ) މިހާރު ހިނގަމުންދާ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ ހުލާސާ.
(ނ) ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނަށް އަދި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ވޭތުވެދިޔަ އަހަރު އައި ބަދަލުތައް.
(ރ) ޕަބްލިކް ސަރވިސް މީޑިއާގެ މަގްސަދުތައް ހާސިލުކުރުމަށް މަސައްކަތްކުރެވުނު މިންވަރު.
(ބ) ކުންފުނީގެ ކަންކަން ހިނގައިދިޔަ ގޮތުގެ އާންމު ބަޔާނެއް.
(ޅ) އަހަރު ތެރޭގައި ޕަބްލިކް ސަރވިސް މީޑިއާގެ އުފެއްދުންތެރިކަން ހުރިގޮތް.
(ކ) ޕަބްލިކް ސަރވިސް މީޑިއާ ހަރުދަނާކުރުމަށް ކުރިމަގުގައި އަޅަން ފެންނަ ފިޔަވަޅުތައް.
(އ) އާންމުކޮށް ލިބެމުންދާ ށަކުވާތަކާއި، އެ ށަކުވާތަކާ ގުޅިގެން ކުންފުނިން އަޅަމުންދާ ފިޔަވަޅުތައް، އަދި އެ ށަކުވާތަކާމެދު ކުންފުނިން ދެކޭގޮތް.
(ވ) އަހަރު ތެރޭގައި ފާހަގަކޮށްލެވޭ ހާއްސަކަމެއް ހިނގާފައިވާނަމަ އެކަމެއް.
ދިހަވަނަ ބައި: އާންމު ބައިތައް (ބާބު އިތުރު ކުރެވިފައި)
63. ކުންފުނީގެ ހިންގުމުގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތް
(ހ) މި ގާނޫނުގެ ދަށުން އުފައްދާފައިވާ ކުންފުނީގެ މައްޗަށް، މި ގާނޫނާ ހިލާފު ނުވާނެ ގޮތުގެމަތިން، ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓްރަރ އޮފް ކޮމްޕެނީޒްގެ އިހްތިސާސް އަދި ގާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޑައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު) ގެ ދަށުން ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުގެ އިހްތިސާސް ބުނެވިދިޔަ ގާނޫނުތަކުގައިވާ ގޮތުގެމަތިން ހިނގާނެއެވެ.
(ށ) ގާނޫނު ނަންބަރު 9/2015 (ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު) އަށް1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޑިރެކްޓަރުންގެ ބޯޑަކީ، ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ބޭނުމަށްޓަކައި، އަދި ކަމާބެހޭ އެހެން ގާނޫނުތަކުގެ ބޭނުމަށްޓަކައި ޑިރެކްޓަރުންގެ ބޯޑުކަމުގައި ބެލެވޭނެއެވެ.
(ނ) ގާނޫނު ނަންބަރު 9/2015 (ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން އަައްޔަންކޮށްފައިވާ "މެނޭޖިންގ ޑިރެކްޓަރު" އަކީ ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ބޭނުމަށްޓަކައި، އަދި ކަމާބެހޭ އެހެން ގާނޫނުތަކުގެ ބޭނުމަށްޓަކައި އަައްޔަންކުރެވޭ މެނޭޖިންގ ޑިރެކްޓަރެއްކަމުގައި ބެލެވޭނެއެވެ.
(ރ) ގާނޫނު ނަންބަރު 9/2015 (ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ވަކިވަކި ފަރުދުންނާއި ބޯޑަށް ދީފައިވާ ޒިންމާތަކުގެ އިތުރުން، މި ގާނޫނާ ޚިލާފު ނުވާނެ ގޮތުގެމަތިން، ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގައި ލާޒިމުކުރާ އެންމެހައި ކަންކަން އެ ފަރުދުންގެ މައްޗަށް ހިނގާނެއެވެ.
ޖަދުވަލު 1 (އުނިކުރެވިފައި)
------------------
ޖަދުވަލު 2 (އުނިކުރެވިފައި)
-----------------
ޖަދުވަލު 1
(ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަމާއި ނިށާން)
ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ އިގްރާރު
އަހުރެން .......... (ފުރިހަމަ ނަން)، .......... (ދާއިމީ އެޑްރެސް)، .......... (އައިޑެންޓިޓީ ކާޑު ނަންބަރު)، ގާނޫނު ނަންބަރު (ގާނޫނުގެ ނަންބަރު) (ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު) ގެ 21 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާ މި ހަވާލުވަނީ، ދިވެހި ރައްޔިތުންނަށް އަމާނާތްތެރިކަމާއި ހަމަހަމަކަމާއެކު ޕަބްލިކް ސަރވިސް މީޑިއާގެ ހިދުމަތް ދިނުމަށާއި، ޕަބްލިކް ސަރވިސް މީޑިއާގެ މަގްސަދުތަކާއި، ޕަބްލިކް ސަރވިސް މީޑިއާގެ އާންމު ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އަމާނާތްތެރިކަމާއެކު ކުރުމަށާއި، ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނާ އެއްގޮތަށް ތެދުވެރިކަމާއެކު ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ކަމުގައިވުމަށް އިގްރާރުވާ ހާލު (އަހަރު/މަސް/ދުވަސް) ވީ (ހަފުތާގެ ދުވަސް) މި ތާރީހުގައެވެ.
ސޮއި:
ނަން:
އައިޑެންޓިޓީ ކާދު ނަންބަރ:
ތާރީހު:
މައި ގާނޫނު
ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު (ގާނޫނު ނަންބަރު 9/2015)
މި ގާނޫނަށް ގެނެވުނު އިސްލާހު
އުވުނު ގާނޫނު
ބްރޯޑްކާސްޓިންގ ކޯޕަރޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 6/2010)
ކިޔުންތެރިންގެ ހިޔާލު