އިސްލާމިކް ޔުނިވަރސިޓީގެ ގާނޫނު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2015-11)
(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ "ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ" ގެ ނަމުގައި ޔުނިވަރސިޓީއެއް އުފައްދައި، އެ ޔުނިވަރސިޓީގެ މަގްސަދުތަކާއި މަސްއޫލިއްޔަތުތަކާއި ބާރުތައް އެކަށައަޅައި، އެކަންކަމާގުޅޭ އުސޫލުތައް ބަޔާންކުރާ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ – މަގްސަދު
މި ގާނޫނުން ހާސިލުކުރަން ބޭނުންވާ މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ދިވެހިރާއްޖޭގައި އިސްލާމީ މަތީ ތައުލީމު ފޯރުކޮށްދޭ ހާއްސަ ޔުނިވަރސިޓީއެއް ގާއިމުކޮށް އެ ޔުނިވަރސިޓީ ހިނގާނެގޮތުގެ އިޖުރާއާތުތަކާއި އުސޫލުތައް ކަނޑައެޅުން؛
(ށ) ދީނީ އެއްބައިވަންތަކަމާއި، ގައުމީ ވަހްދަތުގެ ގިއުގަނޑުގެ ތެރޭގައި، ދިވެހިރާއްޖޭގެ އިސްލާމީ ތައުލީމާއި ސަގާފަތް ރައްކާތެރިކޮށް ދެމެހެއްޓުމަށާއި، ގައުމުގެ ތަރައްގީއަށާއި، ހޭލުންތެރިކަމަށް ބޭނުންވާ ތައުލީމާއި ތަމްރީނު ލިބިފައިވާ ތަހުޒީބު، ޒިންމާދާރު، އެއްބައިވަންތަ އަދި އެއްބައެއްވަންތަ ދިވެހި ދަރިންތަކެއް އުފެއްދުން؛
(ނ) ފަރުދުންނާއި ގައުމު، ތަރައްގީއާ ހަމައަށް ވާސިލުކޮށް ކުރިއެރުވުމަށްޓަކައި އިސްލާމީ ނަޒަރިއްޔާތުގެ ރޫހާ އެއްގޮތަށް މަސައްކަތްކުރުން؛
(ރ) އިސްލާމީ ސައިންސާއި އަދި ޑިސިޕްލިންތަކުގެ އެކި ރޮނގުން ކުރިއަރައި ތަރައްގީއަށް ވާސިލުވާނެ ގޮތްތައް ހޯދުން؛
(ބ) ޔުނިވަރސިޓީން ދަސްވެނިވާ ދަރިވަރުންނަކީ ގައުމާއި މުސްލިމް އުންމަތް ބިނާކުރާނެ އުފެއްދުންތެރި އަދި ގާބިލު ފަންނުވެރި ބައެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރުން.
ދެވަނަ ބާބު
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
3 ވަނަ މާއްދާ - ޔުނިވަރސިޓީ އުފެއްދުން
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ނަމުގައި ޔުނިވަރސިޓީއެއް އުފެދުނީއެވެ.
(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީ އޮފް އެޑިއުކޭށަންގެ ދަށުން ހިނގަމުން އައި "ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ"، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ބަދަލުވީއެވެ.
(ނ) މި ޔުނިވަރސިޓީއަށް އިނގިރޭސި ބަހުން ކިޔާނީ "އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް" އެވެ. އަދި އަރަބި ބަހުން ކިޔާނީ "جامعة المالديف الإسلامية" އެވެ.
4 ވަނަ މާއްދާ - ގާނޫނީ ހައިސިއްޔަތު
(ހ) ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ ދިވެހި ދައުލަތުގެ ޔުނިވަރސިޓީއެކެވެ.
(ށ) ޔުނިވަރސިޓީއަކީ މި ގާނޫނުގައިވާ ގޮތަށް އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި އުފުލޭ މުދަލާއި ނުއުފުލޭ މުދާ ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން ހޯދުމާއި ލިބިގަތުމާއި ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމާއި މިކަންކަމުގެ ހައްގު ލިބިގެންވާ، އަމިއްލަ ނަމުގައި މުއާމަލާތް ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ށަހްސެކެވެ.
(ނ) ޔުނިވަރސިޓީގެ ސިއްކަ ރައްކާތެރިކޮށް، ބަލަހައްޓައި ބޭނުންކުރަންވާނީ ޔުނިވަރސިޓީގެ މަޖިލީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށެވެ.
(ރ) ޔުނިވަރސިޓީގެ ކަންތައްތަކުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ޔުނިވަރސިޓީގެ މަޖިލީހުގެ ރައީސެވެ.
5 ވަނަ މާއްދާ - ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް އަމަލުކުރުން
ޔުނިވަރސިޓީގެ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރަންވާނީ އަދި ޔުނިވަރސިޓީގެ ބާރުތައް ބޭނުންކުރަންވާނީ މަތީ ތައުލީމާބެހޭ ގައުމީ މަޖިލީހުން ނުވަތަ މިނިސްޓަރު ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
6 ވަނަ މާއްދާ - ޔުނިވަރސިޓީގެ މަސްއޫލިއްޔަތު
ޔުނިވަރސިޓީގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.
(ހ) އާންމުކޮށް އިލްމާއި ހުނަރު، ހާއްސަކޮށް އިސްލާމީ އިލްމާއި މައުރިފާއާއި ސަގާފަތް އިތުރުކޮށް ފުޅާކުރުން؛
(ށ) ދިވެހިރާއްޖެއަށް ބޭނުންވާ އާންމު އިލްމާއި ހުނަރުތަކާއި އަދި އިސްލާމީ ތައުލީމުގެ އެންމެހާ ދާއިރާތަކުން މަތީ ތައުލީމާއި ތަމްރީނު ދިނުން؛
(ނ) އިލްމީ ދިރާސާކުރުމާއި މިފަދަ ދިރާސާތައް ގައުމީ އަދި ބައިނަލްއަގްވާމީ މުޖްތަމައުގެ މަންފާއަށްޓަކައި ށާއިއުކުރުން؛
(ރ) ޔުނިވަރސިޓީގައި ހިންގާ ކޯސްތަކާއި ލިބިދޭ ތަމްރީނާއި ތައުލީމާ ގުޅިގެން ދޭންޖެހޭ ބެޗެލަރސް، މާސްޓަރސް، އަދި ޑޮކްޓޯރަލް ޑިގްރީއާއި އެނޫންވެސް ސަނަދުތަކާއި އެވޯޑުތައް ދިނުން؛
(ބ) ރާއްޖެއާއި ރާއްޖޭން ބޭރުގެ ތައުލީމީ މަރުކަޒުތަކާއެކު އެއްބާރުލުމުގެ ގުޅުންތައް ގާއިމުކުރުން؛
(ޅ) ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ޔުނިވަރސިޓީގެ ވަސީލަތްތައް ތަރައްގީކޮށް އިތުރު ވަސީލަތްތައް ހޯދުން؛
(ކ) ޔުނިވަރސިޓީގެ އެންމެހާ ވަސީލަތްތައް ޔުނިވަރސިޓީގެ މަރުކަޒުތަކުގެ މެދުގައި އިންސާފުވެރިކަމާއެކު އެންމެ ހެޔޮގޮތުގައި ބޭނުންކުރުން؛
(އ) އިސްލާމީ އަދި ދިވެހި ތާރީހާއި އާދަކާދަތަކާއި އަދަބުތައް ކުރިއަރުވައި ފެތުރުން؛
(ވ) އިސްލާމީ ށަރީއަތާއި ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފުނުވާގޮތަށް މަތީގައި ބަޔާންކޮށްފައިވާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެކަމެއް ކުރުން.
7 ވަނަ މާއްދާ - ޔުނިވަރސިޓީގެ ބާރުތައް
މި ގާނޫނުގެ ދަށުން ޔުނިވަރސިޓީއަށް ތިރީގައިވާ ބާރުތައް ލިބިގެންވެއެވެ.
(ހ) ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި އިސްލާމީ ށަރީއަތާއި ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފުނުވާ ގޮތަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުމުގެ ބާރާއި އިހްތިޔާރު.
(ށ) މި މާއްދާގެ (ހ) ގައިވާ ބާރުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތަކާއި އެނޫންވެސް އެފަދަ ކަންތައްތައް ހިމެނިގެންވެއެވެ.
- ގަތުމާއި ކުއްޔަށް ހިފުމާއި ނުވަތަ އެހެން ގޮތަކުން ނަމަވެސް މުދަލެއް ލިބިގަތުމާއި، ވިއްކުމާއި ކުއްޔަށް ދިނުމާއި ނުވަތަ އެނޫން ގޮތަކުން ނަމަވެސް މުދަލެއް ދޫކޮށްލުން؛
- އިލްމީ އަދި ސައިންޓިފިކް ހޯދުންތަކާއި ދިރާސާތަކާއި އައު އުފެއްދުންތައް، ވިޔަފާރީގެ އުސޫލުން ތަރައްގީކުރުމާއި، އިސްލާމީ ސަގާފަތާއި މައުރިފާގެ ތަފާތު ރޮނގުތަކުން ފޮތްތަކާއި ދިރާސާތައް އެކުލަވާލުމާއި ތަރުޖަމާކުރުމާއި މިފަދަ މަސައްކަތްތައް ށާއިއުކޮށް ވިޔަފާރީގެ އުސޫލުން ތަރައްގީކުރުން؛
- ޔުނިވަރސިޓީގެ ފަރާތުން އެހެން ފަރާތްތަކަށް ކޮށްދޭ މަސައްކަތްތަކަށާއި ދެވޭ ހިދުމަތްތަކަށާއި ފޯރުކޮށްދެވޭ މައުލޫމާތަށާއި މުދަލަށް އަގު ނުވަތަ ބަދަލު ހޯދުން؛
- ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލުކުރުމަށް މަގުފަހިވާ ގޮތެއްގެމަތިން ކުންފުނި އުފެއްދުމާއި އެހެން ފަރާތަކާ އެކުވެގެން ކުންފުނި އުފެއްދުމުގައި ބައިވެރިވުން؛
- ސެކިއުރިޓީސްއަށް އިށްތިރާކު ދިނުމާއި ގަތުން؛
- އެކަޑެމިކް ޕާޓްނަރށިޕް އުފެއްދުން؛
- ގުޅިގެން ހިންގޭ، ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލުކުރުމަށް އެހީވެދޭ ވިޔަފާރިއާއި ފައިދާ ލިބޭފަދަ ކަންކަމުގައި ބައިވެރިވުން؛
- އަގުދުތައްކުރުން؛
- އިމާރާތްތައް ބިނާކުރުން؛
- ޔުނިވަރސިޓީގެ މިލްކިއްޔާތުގެ ތެރޭގައި ހިމެނޭ މުދަލާއި ބިންތަކާއި އިމާރާތްތައް ބޭނުންކުރުމާއި އެތަކެތީގެ މައްޗަށް އަމުރު ހިންގުން؛
- ޔުނިވަރސިޓީއަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާދިނުމާއި ވަޒީފާއިން ވަކިކުރުން؛
- ޔުނިވަރސިޓީގެ ފައިސާއިން ވިޔަފާރިކުރުމާއި ވިޔަފާރި ހުއްޓާލުން؛
- އިލްމީ އަދި ސައިންޓިފިކް ދިރާސާކުރުން؛
- ދަރިވަރުންނަށް ފައިސާގެ އެހީއާއި ދަރަނި ދިނުން؛
- ސްކޮލަރށިޕް ދިނުމާއި ފެލޯށިޕް ދިނުން؛
- ރިސަރޗް ގްރާންޓް ހޯދުމާއި އެ ގްރާންޓް ހައްގުވާ ފަރާތްތަކަށް ދިނުން؛
- ހަދިޔާއާއި އިނާޔަތާއި ވަސިއްޔަތް ގަބޫލުކުރުން؛
- ޔުނިވަރސިޓީއަށް ވަގުފް ކުރެވިފައިވާ މުދާ ބެލެހެއްޓުން؛
- މި ގާނޫނުން ނުވަތަ އެހެން ގާނޫނަކުން ޔުނިވަރސިޓީއަށް އިހްތިޔާރު ދެވިފައިވާ އެހެނިހެން ކަންތައްތައް ކުރުން؛
- ޔުނިވަރސިޓީއަށް ލިބިގެންވާ ބާރުތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
(ނ) މި ގާނޫނުގައި ޔުނިވަރސިޓީއަށް ވަގުފް ނުވަތަ ޓްރަސްޓްގެ ގޮތުގައި ލިބިފައިވާ މުދަލާމެދު އަމަލުކުރެވޭނީ އެ ވަގުފް ނުވަތަ ޓްރަސްޓް ބަލަހައްޓާ ފަރާތުގެ ހައިސިއްޔަތުން ޔުނިވަރސިޓީއަށް ލިބިފައިވާ ބާރާއި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށެވެ.
(ރ) ޔުނިވަރސިޓީއަށް ލިބިގެންވާ ބާރުތައް ބޭރު ގައުމެއްގައިވެސް އެ ގައުމެއްގެ ގާނޫނާ އެއްގޮތަށް ހިންގިދާނެއެވެ.
8 ވަނަ މާއްދާ - ޔުނިވަރސިޓީ އެކުލެވިގެންވާ ގޮތް
ޔުނިވަރސިޓީ އެކުލެވިގެންވަނީ ތިރީގައި ބަޔާންކޮށްފައިވާ ބައިތަކުގެ މައްޗަށެވެ.
(ހ) ޔުނިވަރސިޓީގެ މަޖިލިސް؛
(ށ) އެކަޑެމިކް ބޯޑު؛
(ނ) އިދާރީ އަދި ތައުލީމީ ގޮތުން ޔުނިވަރސިޓީ ހިންގުމަށްޓަކައި ޔުނިވަރސިޓީގެ މަޖިލީހުން އުފައްދާ ކޮލެޖާއި ފެކަލްޓީއާއި ސެންޓަރާއި ސްކޫލާއި ޑިޕާޓްމަންޓާއި ޑިވިޒަނާއި އިންސްޓިޓިއުޓާއި ޔުނިޓްފަދަ ތަންތަން؛
(ރ) ޔުނިވަރސިޓީގެ މަޖިލީހުން ކަނޑައަޅާ ޔުނިވަރސިޓީގެ ފަންނީ، އިދާރީ އަދި އެހެނިހެން މުވައްޒަފުން؛
(ބ) ޔުނިވަރސިޓީގެ މަޖިލީހުން ކަނޑައަޅާ ކުރިއާއި މިހާރުގެ ދަރިވަރުން.
9 ވަނަ މާއްދާ - ޔުނިވަރސިޓީގެ އިސް އޮފިސަރުން
(ހ) ޔުނިވަރސިޓީގެ އިސް އޮފިސަރުންގެ ގޮތުގައި ހިމެނޭނީ އަންނަނިވި ފަރާތްތަކެވެ (އިސްލާހު ކުރެވިފައި)
- ޔުނިވަރސިޓީގެ ޗާންސެލަރ؛
- ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ؛ އަދި
- ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުން
(ށ) (އުނި ކުރެވިފައި)
10 ވަނަ މާއްދާ – ޗާންސެލަރ
(ހ) ޔުނިވަރސިޓީގެ ޗާންސެލަރ އައްޔަންކޮށް، ވަކިކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ (އިސްލާހު ކުރެވިފައި)
(ށ) ޗާންސެލަރުގެ މަގާމުގެ މުއްދަތަކީ، 5 (ފަހެއް) އަހަރުދުވަހެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި އޭނާ މަގާމުން ވަކިކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ނ) ޗާންސެލަރުގެ މަސްއޫލިއްޔަތަކީ ޔުނިވަރސިޓީގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމެވެ.
11 ވަނަ މާއްދާ - ވައިސް ޗާންސެލަރ (އިސްލާހު ކުރެވިފައި)
(ހ) ޔުުނިވަރސިޓީގެ ވައިސް ޗާންސެލަރ އައްޔަންކޮށް، ވަކިކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.
(ށ) ވައިސް ޗާންސެލަރުގެ މަގާމުގެ މުއްދަތަކީ، 5 (ފަހެއް) އަހަރުދުވަހެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި އޭނާ މަގާމުން ވަކިކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ނ) ވައިސް ޗާންސެލަރަކީ ޔުނިވަރސިޓީގެ މަޖިލީހުން ނިންމާ އުސޫލުތަކާ އެއްގޮތަށް ޔުނިވަރސިޓީގެ ތައުލީމީ، އިލްމީ އަދި އިދާރީ ކަންތައްތައް ހިންގާ އެންމެ އިސްވެރިޔާއެވެ. ވައިސް ޗާންސެލަރުގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.
- ޔުނިވަރސިޓީގެ މަޖިލީހުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޔުނިވަރސިޓީގެ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުމާއި، ޔުނިވަރސިޓީގެ ތައުލީމާއި އިލްމީ ފެންވަރު ރަނގަޅުކޮށް ޔުނިވަރސިޓީ ތަރައްގީކުރުން؛
- ޔުނިވަރސިޓީގެ ތަރައްގީގެ މަށްރޫއުތަކާއި ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ހިންގުން؛
- ޔުނިވަރސިޓީގެ މަޖިލީހުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޔުނިވަރސިޓީއާބެހޭ މައުލޫމާތު ޔުނިވަރސިޓީގެ ދަރިވަރުންނަށާއި މުވައްޒަފުންނަށާއި އެހެނިހެން ފަރާތްތަކަށް ލިބޭނެގޮތް ހަމަޖެއްސުން؛
- ޔުނިވަރސިޓީގެ މަޖިލީހުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޔުނިވަރސިޓީގެ މުވައްޒަފުންނާއި ފައިސާއާއި ތަކެއްޗާއި އިމާރާތްތަކާއި އެހެނިހެން ތަކެތީގެ ބޭނުން އެންމެ ފައިދާ ބޮޑު ގޮތަކަށް ހިފޭނެގޮތް ހަމަޖެއްސުން؛
- ޔުނިވަރސިޓީގެ މަޖިލީހުން ނިންމާ ގޮތެއްގެމަތިން މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި، މުވައްޒަފުން ތަމްރީނުކުރުމާއި، މުވައްޒަފުން، އެކިއެކި މަސައްކަތަށް ހަމަޖެއްސުމާއި، މުވައްޒަފުންނަށް ކުރިއެރުން ދިނުން.
12 ވަނަ މާއްދާ - ޑެޕިއުޓީ ވައިސް ޗާންސެލަރުން (އިތުރު ކުރެވިފައި)
(ހ) ޑެޕިއުޓީ ވައިސް ޗާންސެލަރުން އައްޔަންކޮށް ވަކިކުރާނީ ޔުނިވަރސިޓީގެ މަޖިލީހުންނެވެ.
(ށ) ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަގާމުގެ ދައުރާއި މަސްއޫލިއްޔަތު ކަނޑައަޅާނީ ޔުނިވަރސިޓީގެ މަޖިލީހުންނެވެ.
13 ވަނަ މާއްދާ - ވަޒީފާގެ އޮނިގަނޑު
ޔުނިވަރސިޓީގެ ލެކްޗަރަރުންނާއި އިދާރީ މުވައްޒަފުންގެ ވަޒީފާގެ ގިންތިތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އިދާރީ އޮނިގަނޑެއް ޔުނިވަރސިޓީގެ މަޖިލީހުން ކަނޑައަޅަންވާނެއެވެ. މި ބަޔާންކުރެވުނު އޮނިގަނޑުގައި ޔުނިވަރސިޓީގެ މަގާމުތަކުގެ ށަރުތުތަކާއި މުވައްޒަފުން ތިބެންވާނެ އަދަދުތައް ކަނޑައަޅާފައި އޮންނަންވާނެއެވެ.
14 ވަނަ މާއްދާ - މުވައްޒަފުންގެ މުސާރަ
ޔުނިވަރސިޓީގެ މުވައްޒަފުންގެ މުސާރަ ކަނޑައަޅާނީ ޔުނިވަރސިޓީގެ މަޖިލީހާއި މިނިސްޓަރުގެ ލަފާގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީންނެވެ.
ތިންވަނަ ބާބު
ޔުނިވަރސިޓީގެ މަޖިލިސް
15 ވަނަ މާއްދާ - ޔުނިވަރސިޓީގެ މަޖިލިސް
ޔުނިވަރސިޓީގެ މަޖިލީހަކީ ޔުނިވަރސިޓީ ހިންގާ އެންމެ އިސްފަރާތެވެ.
16 ވަނަ މާއްދާ - ޔުނިވަރސިޓީގެ މަޖިލީހުގެ މަސްއޫލިއްޔަތުތައް
ޔުނިވަރސިޓީގެ މަޖިލީހުގެ މަސްއޫލިއްޔަތުތައް އަދާކުރަންވާނީ މަތީ ތައުލީމާބެހޭ ގައުމީ މަޖިލީހުން ނުވަތަ މިނިސްޓަރު ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. ޔުނިވަރސިޓީގެ މަޖިލީހުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ޔުނިވަރސިޓީގެ ކަންތައްތައް ރާވައި ފަރުމާކޮށް ސިޔާސަތުތައް ކަނޑައެޅުން؛
(ށ) އެކިއެކި ކޯސްތައް ހިންގައި، ސެޓްފިކެޓާއި ޑިޕްލޮމާއާއި ޑިގްރީފަދަ ސަނަދުތައް ދިނުން؛
(ނ) ޔުނިވަރސިޓީއަށް މުވައްޒަފުން ލެއްވުމާއި ވަކިކުރުން؛
(ރ) ޔުނިވަރސިޓީގެ ގޮފިތައް ޔުނިވަރސިޓީގެ ތެރޭގައި ނުވަތަ އެހެން ސަރަހައްދެއްގައި ގާއިމުކުރުން؛
(ބ) ޔުނިވަރސިޓީގެ ބަޖެޓް ރާވައި ބެލެހެއްޓުން؛
(ޅ) ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން؛
(ކ) ފީތަކާއި އަގުތަކާއި ޖޫރިމަނާތައް ކަނޑައެޅުމާއި ދަރިވަރުންނަށް ފައިސާގެ އެހީއާއި ދަރަނި ދިނުން؛
(އ) ޔުނިވަރސިޓީގެ އީޖާދުތަކާއި އުފެއްދުންތަކާއި ހޯދުންތައް ވިޔަފާރިއަށްޓަކައި ތަރައްގީކުރުން؛
(ވ) ޔުނިވަރސިޓީގެ ކަންތައްތައް ރޭވުމަށާއި ހިންގުމަށާއި ދިރާސާކުރުމަށް ކޮމިޓީތަކާއި ބޯޑުތައް އުފެއްދުން؛
(މ) ރާއްޖެއާއި ރާއްޖޭން ބޭރުގެ ތައުލީމީ މަރުކަޒުތަކާ ގުޅުން އުފައްދައި ތަރައްގީކުރުން؛
(ފ) ޔުނިވަރސިޓީގެ ގަވާއިދުތަކާ އެއްގޮތަށް މުވައްޒަފުން ކުރިއަރުވައި ތަރައްގީކުރުން؛
(ދ) ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލުކުރުމަށް ފަހިވާ ށަރީއާ ހުއްދަކުރާ ވިޔަފާރީގެ މުއާމަލާތްތައް ކުރާނެ އުސޫލުތައް ކަނޑައަޅައިދިނުން؛
(ތ) ތިރީގައި މިވާ ކަންތައްތައް ހިންގާނެގޮތް ކަނޑައެޅުން:
- ޔުނިވަރސިޓީއަށް ވަނުމުގެ އިމްތިހާނުތައް؛
- ދަރިވަރުން ހޮވުމާއި ދަރިވަރުން ޔުނިވަރސިޓީއަށް ވެއްދުން؛
- ތައުލީމީ ޕްރޮގްރާމްތައް ފަރުމާކުރުން؛
- މަންހަޖު ރާވައި ތަރައްގީކުރުން؛
- އިމްތިހާނުތައް ބޭއްވުމާއި ސަނަދު ދިނުން؛
- މައުލޫމާތާބެހޭ ނިޒާމު ބެލެހެއްޓުން؛
- ޔުނިވަރސިޓީގެ މާއްދީ ވަސީލަތްތަކާއި ފައިސާއާބެހޭ ކަންތައްތައް ބެލެހެއްޓުން؛
- ޔުނިވަރސިޓީގެ ލައިބްރަރީތައް އުފައްދައި ތަރައްގީކޮށް ބެލެހެއްޓުން.
(ލ) އަދި މިނޫނަސް ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ އެހެން ކަންތައްތައް ކުރުން.
17 ވަނަ މާއްދާ - ޔުނިވަރސިޓީގެ މަޖިލީހަށް ލިބިގެންވާ ބާރުތައް
(ހ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އަދި މަތީ ތައުލީމާބެހޭ ގައުމީ މަޖިލީހުން ނުވަތަ މިނިސްޓަރު ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން އަންނަނިވި ކަންތައްތައް ކުރުމުގެ ބާރު ޔުނިވަރސިޓީގެ މަޖިލީހަށް ލިބިގެންވެއެވެ.
- ޔުނިވަރސިޓީ ހިންގުމާއި ކޮންޓްރޯލުކުރުން؛
- ޔުނިވަރސިޓީގެ އިސް މަގާމުތަކަށް ޔުނިވަރސިޓީގެ މުވައްޒަފުން ނުވަތަ އެހެން ފަރާތްތައް އައްޔަންކުރުމާއި ވަކިކުރުން؛
- އިދާރީ އަދި ތައުލީމީ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ކޮލެޖާއި ފެކަލްޓީއާއި ސެންޓަރާއި ސްކޫލާއި ޑިޕާޓްމަންޓާއި ޑިވިޒަނާއި އިންސްޓިޓިއުޓާއި ޔުނިޓްފަދަ ތަންތަން އުފެއްދުމާއި އުވާލުން؛
- ޔުނިވަރސިޓީގެ މާލީ ކަންތައްތައް ހިންގައި ކޮންޓްރޯލުކުރުން؛
- (އުނި ކުރެވިފައި)
(ށ) ޔުނިވަރސިޓީއާ ގުޅޭ ހުރިހާ ކަމެއްގައި ޔުނިވަރސިޓީގެ މަޖިލީހުން ހަރަކާތްތެރިވާންޖެހޭނީ ޔުނިވަރސިޓީގެ މަޖިލީހަށް ފެންނަ ގޮތުގައި ޔުނިވަރސިޓީގެ މަސްލަހަތު އެންމެ ބޮޑަށް ކުރިއެރުވޭނެ ގޮތަށެވެ.
18 ވަނަ މާއްދާ - ޔުނިވަރސިޓީގެ މަޖިލީހުގެ ބާރުތައް އެހެން ފަރާތަކަށް ހަވާލުކުރުން
(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އެހެން ކަންކަން ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރަކަށް ނުވަތަ ޔުނިވަރސިޓީގެ މުވައްޒަފަކާ ހަވާލުކުރެވިދާނެއެވެ. ނަމަވެސް މިގޮތަށް ހަވާލުކުރެވޭ ކަންކަމުގައި ޒިންމާދާރު ފަރާތަކީ ޔުނިވަރސިޓީގެ މަޖިލީހެވެ.
(ށ) އަންނަނިވި ކަންކަން، ޔުނިވަރސިޓީގެ މަޖިލީހުން އެހެން ފަރާތަކާ ހަވާލެއް ނުކުރެވޭނެއެވެ (އިސްލާހު ކުރެވިފައި)
- ޑެޕިއުޓީ ވައިސް ޗާންސެލަރުން އައްޔަންކުރުން؛
- ޔުނިވަރސިޓީގެ ސްޓްރެޓީޖިކް ޕްލޭނާއި ބަޖެޓް ފާސްކުރުން؛
- ޔުނިވަރސިޓީގެ ނުއުފުލޭ މުދާ އެއްވެސް ސިފައެއްގައި ދޫކޮށްލުން؛
- ޔުނިވަރސިޓީގެ ނުވަތަ ޔުނިވަރސިޓީން ކޮންޓްރޯލުކުރާ ތަނެއްގެ ވިޔަފާރީގެ މުއާމަލާތްތަކުގެ ތެރެއިން ޔުނިވަރސިޓީގެ މާލިއްޔަތަށާއި ހަރަކާތްތަކަށް ބޮޑު ގެއްލުމެއް ނުވަތަ ނޭދެވޭ އަސަރެއްކޮށްފާނެފަދަ މުއާމަލާތްތައް ބެލެހެއްޓުން؛
- ޔުނިވަރސިޓީގެ ހިންގުން މުރާޖައާކުރުން؛
- ޔުނިވަރސިޓީގެ އަހަރީ ރިޕޯޓު ފާސްކުރުން.
(ނ) މި މާއްދާގެ ދަށުން އެހެން ފަރާތަކާ ހަވާލުކުރާ ބާރެއް ޔުނިވަރސިޓީގެ މަޖިލީހަށް އަނބުރާ ގެނެވިދާނެއެވެ.
19 ވަނަ މާއްދާ - ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރުން (އިސްލާހު ކުރެވިފައި)
ޔުނިވަރސިޓީގެ މަޖިލިސް އެކުލެވިގެންވަނީ، އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.
(ހ) މަގާމުގެ ހައިސިއްޔަތުން ހިމެނޭ 2 (ދޭއް) މެންބަރުން؛
(ށ) ޔުނިވަރސިޓީގެ މަޖިލީހުން ހުށަހަޅާ، މަދުވެގެން 16 (ސޯޅަ) މީހުންގެ ލިސްޓަކުން، މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރު އައްޔަންކުރާ 8 (އަށެއް) މެންބަރުން؛
(ނ) އިންތިހާބުކުރާ 8 (އަށެއް) މެންބަރުން؛ އަދި
(ރ) ޔުނިވަރސިޓީގެ މަޖިލީހަށް ފެނިއްޖެ ހިނދެއްގައި މަޖިލީހުން ކަނޑައަޅާ މުއްދަތަކަށް ޔުނިވަރސިޓީގެ މަޖިލީހުން އައްޔަންކުރާ އެކަކު.
20 ވަނަ މާއްދާ - މަގާމުގެ ހައިސިއްޔަތުން ހިމެނޭ މެންބަރުން (އިތުރު ކުރެވިފައި)
މަގާމުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ އަންނަނިވި މެންބަރުން ޔުނިވަރސިޓީގެ މަޖިލީހުގައި ހިމެނޭނެއެވެ.
(ހ) ޔުނިވަރސިޓީގެ ޗާންސެލަރ؛
(ށ) ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ.
21 ވަނަ މާއްދާ - އިންތިހާބުކުރާ މެންބަރުން (އިތުރު ކުރެވިފައި)
އަންނަނިވި މެންބަރުންނަކީ، ޔުނިވަރސިޓީގެ މަޖިލީހަށް އިންތިހާބުކުރާ މެންބަރުންނެވެ.
(ހ) ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ ތެރެއިން އިންތިހާބުކުރާ އެކަކު؛
(ށ) ޔުނިވަރސިޓީގެ އެކަޑެމިކް ބޯޑުން އިންތިހާބުކުރާ 1 (އެކެއް) މެންބަރު؛
(ނ) ފެކަލްޓީތަކުގެ ޑީނުންގެ ތެރެއިންނާއި މަރުކަޒުތައް ހިންގާ އެންމެ އިސްވެރިންގެ ތެރެއިން އިންތިހާބުކުރާ 2 (ދޭއް) މީހުން؛
(ރ) މި ގާނޫނުގެ 19 ވަނަ މާއްދާގައި ބުނެފައިވާ މީހުންނާއި، ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި، ކޮލެޖް، ފެކަލްޓީ، ސެންޓަރުތައް ފަދަ ތަންތަނުގެ އިސްވެރިން ފިޔަވައި، ކިޔަވައިދޭ އެހެން މީހުންގެ ތެރެއިން އިންތިހާބުކުރާ އެކަކު ؛
(ބ) ޔުނިވަރސިޓީގެ އިދާރީ މުވައްޒަފުންގެ ތެރެއިން އިންތިހާބުކުރާ އެކަކު ؛
(ޅ) ޔުނިވަރސިޓީގެ އެލަމްނައިގެ ތެރެއިން އިންތިހާބުކުރާ އެކަކު ؛ އަދި
(ކ) ޔުނިވަރސިޓީގެ އިދާރީ މަސައްކަތުގައި ނުވަތަ ކިޔަވައިދިނުމުގައި ބައިވެރިނުވާ ދަރިވަރުންގެ ތެރެއިން އިންތިހާބުކުރާ އެކަކު.
22 ވަނަ މާއްދާ - ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރުންގެ ށަރުތު
ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރަކަށް އައްޔަންކުރެވޭ މެންބަރުންނަކީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ މީހުން ކަމުގައި ވާންވާނެއެވެ.
(ހ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން؛
(ށ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން؛
(ނ) ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދާ މީހެއް ކަމުގައި ނުވުމާއި މިފަދަ ކުށެއް ކުރިކަން ސާބިތުވެ ހުކުމް ތަންފީޒުކޮށް ނިމުނު ފަހުން މަދުވެގެން 5 (ފަހެއް) އަހަރު ވެފައިވުން؛
(ރ) މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން؛
(ބ) ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން؛
(ޅ) ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރުކަމުގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ އިލްމީ ފެންވަރާއި ލަޔާގަތު އަދި މަސައްކަތުގެ އަހްލާގު ހުރި މީހަކު ކަމުގައިވުން؛
(ކ) ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ހުރި މީހަކު ކަމުގައިނުވުން؛
(އ) އިފްލާސްކުރެވިފައިވާ މީހަކު ކަމުގައި ނުވުން.
23 ވަނަ މާއްދާ - ޔުނިވަރސިޓީގެ މަޖިލީހަށް އައްޔަންކުރާ މެންބަރުންގެ މަގާމުގެ މުއްދަތު (އިސްލާހު ކުރެވިފައި)
މަޖިލީހުގެ މެންބަރުންގެ ދައުރު ދެމިއޮންނާނީ އަންނަނިވި ގޮތަށެވެ.
(ހ) މަގާމުގެ ހައިސިއްޔަތުން ޔުނިވަރސިޓީގެ މަޖިލީހުގައި ހިމެނޭ މެންބަރުން، އެ މަގާމުތަކުގައި ދެމިތިބޭހާ ހިނދަކު، ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ދެމިތިބޭނެއެވެ.
(ށ) މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރު އައްޔަންކުރާ 8 (އަށެއް) މެންބަރުން، މެންބަރުކަމުގެ މަގާމުގައި ދެމިތިބޭނީ 4 (ހަތަރު) އަހަރުދުވަހަށްވުރެ ދިގުނުވާ ގޮތެއްގެމަތިން، އައްޔަންކުރާއިރު، ކަނޑައެޅޭ މުއްދަތަކަށެވެ.
(ނ) މި ގާނޫނުގެ ދަށުން ޔުނިވަރސިޓީގެ މަޖިލީހަށް އިންތިހާބު ކުރާ މެންބަރުންގެ ތެރެއިން ޔުނިވަރސިޓީގެ އިދާރީ މަސައްކަތުގައި ނުވަތަ ކިޔަވައިދިނުމުގައި ބައިވެރިނުވާ ދަރިވަރު ފިޔަވައި އެހެން މެންބަރުންގެ މެންބަރުކަމުގެ ދައުރަކީ 2 (ދޭއް) އަހަރުދުވަހެވެ.
(ރ) ޔުނިވަރސިޓީގެ އިދާރީ މަސައްކަތުގައި ނުވަތަ ކިޔަވައިދިނުމުގައި ބައިވެރިނުވާ ދަރިވަރުންގެ ތެރެއިން އިންތިހާބުކުރާ މެންބަރުގެ ދައުރަކީ 1 (އެކެއް) އަހަރުދުވަހެވެ.
24 ވަނަ މާއްދާ - މެންބަރުން އިންތިހާބުކުރާނެ ގޮތް (އިސްލާހު ކުރެވިފައި)
(ހ) މި ގާނޫނުގެ 20 ވަނަ މާއްދާގައި ބުނެފައިވާ ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރުން ހޮވުމަށް ބާއްވަންޖެހޭ އިންތިހާބާބެހޭ އުސޫލުތައް ކަނޑައަޅާނީ ޔުނިވަރސިޓީގެ މަޖިލީހުންނެވެ.
(ށ) އިންތިހާބެއް ބާއްވަން ޖެހުމުން އެ މަސައްކަތްކުރުމަށް ޔުނިވަރސިޓީގެ މަޖިލީހުން އިލެކްށަންސް އޮފިސަރެއް އައްޔަންކުރަންވާނެއެވެ.
(ނ) ޔުނިވަރސިޓީގެ މަޖިލީހުން ކަނޑައަޅާ އުސޫލުތަކުގެ މަތިން އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންދާނީ އިލެކްށަންސް އޮފިސަރެވެ.
25 ވަނަ މާއްދާ - މަޖިލީހުގެ ނޮމިނޭށަން ކޮމިޓީ (އިތުރު ކުރެވިފައި)
މި ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ލިސްޓު އެކުލަވާލާނީ، ޔުނިވަރސިޓީގެ މަޖިލީހުގެ ނޮމިނޭށަން ކޮމިޓީންނެވެ. އެ ކޮމިޓީ އެކުލެވިގެންވާނީ އަންނަނިވި މެންބަރުންގެ މައްޗަށެވެ.
(ހ) ޗާންސެލަރ؛
(ށ) ވައިސް ޗާންސެލަރ؛
(ނ) ޔުނިވަރސިޓީގެ މަޖިލީހުން ކަނޑައަޅާ އުސޫލެއްގެ މަތިން ޗާންސެލަރ އައްޔަންކުރާ 6 (ހައެއް) މެންބަރުން.
26 ވަނަ މާއްދާ - ނޮމިނޭށަން ކޮމިޓީން ނަން ލިސްޓު އެކުލަވާލާނެގޮތް (އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މެންބަރުން އައްޔަންކުރުމަށް ހުށަހަޅާ ނޮމިނޭށަން ލިސްޓުގައި މަދުވެގެން 16 (ސޯޅަ) މީހުންގެ ނަން ހިމަނަންވާނެއެވެ.
(ށ) ނޮމިނޭށަން ކޮމިޓީން ނޮމިނޭށަން ލިސްޓު އެކުލަވާލާއިރު، އެކި ފަންނުގެ ހުނަރުތަކުގެ މީހުން ހިމަނަންވާނެއެވެ.
(ނ) ނޮމިނޭށަން ކޮމިޓީން އެކުލަވާލާ ނޮމިނޭށަން ލިސްޓުގައި އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތެއްގެ ނަން ހުށަހަޅައިގެންނުވާނެއެވެ.
- ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް؛
- ޔުނިވަރސިޓީގެ ދާއިމީ މުވައްޒަފެއް؛
- ޔުނިވަރސިޓީގެ ދަރިވަރެއް؛
- ނޮމިނޭށަން ކޮމިޓީގެ މެންބަރެއް.
27 ވަނަ މާއްދާ - ނޮމިނޭށަން ކޮމިޓީގެ ލިސްޓުން މެންބަރުން އައްޔަންކުރުން(އިތުރު ކުރެވިފައި)
ނޮމިނޭށަން ކޮމިޓީގެ ނޮމިނޭށަން ލިސްޓު މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރަށް ލިބޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ލިސްޓުގައިވާ މެންބަރުންގެ ތެރެއިން އެ ވަޒީރަށް ފެންނަ ގޮތުގައި ޔުނިވަރސިޓީގެ މަސްލަހަތު ކުރިއަރުވަން އެންމެ އެކަށީގެންވާ 8 (އަށެއް) މެންބަރުން އައްޔަންކުރަންވާނެއެވެ.
28 ވަނަ މާއްދާ - ވޯޓުދިނުމުގެ ހައްގު ލިބިގެންވާ ފަރާތްތައް (އިތުރު ކުރެވިފައި)
(ހ) ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ ތެރެއިން ޔުނިވަރސިޓީގެ މަޖިލީހަށް މެންބަރަކު އިންތިހާބުކުރުމުގައި ވޯޓު ދެވޭނީ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށެވެ.
(ށ) އެކަޑެމިކް ބޯޑުން ޔުނިވަރސިޓީގެ މަޖިލީހަށް މެންބަރަކު އިންތިހާބުކުރުމުގައި ވޯޓު ދެވޭނީ އެކަޑެމިކް ބޯޑުގެ މެންބަރުންނަށެވެ.
(ނ) ޑީނުންގެ ތެރެއިން ޔުނިވަރސިޓީގެ މަޖިލީހަށް މެންބަރަކު އިންތިހާބުކުރުމުގައި ވޯޓު ދެވޭނީ ކޮލެޖް، ނުވަތަ ފެކަލްޓީ، ނުވަތަ ސެންޓަރު ހިންގަން ތިބޭ ދާއިމީ އެންމެ އިސްވެރިންނަށެވެ.
(ރ) ކިޔަވައިދޭ މީހުންގެ ތެރެއިން ޔުނިވަރސިޓީގެ މަޖިލީހަށް މެންބަރަކު އިންތިހާބުކުރުމުގައި ވޯޓު ދެވޭނީ އެ އިންތިހާބަކަށް ކެންޑިޑޭޓުންގެ ނަންތައް ހުށަހެޅޭއިރު، ޔުނިވަރސިޓީގައި ކިޔަވައިދިނުމުގެ މަސައްކަތުގައި ފާއިތުވި އަހަރު ހޭދަކޮށްފައިވާ އަދި އިންތިހާބުގެ ކަންތައް ހިނގަމުންދާ ވަގުތުގައިވެސް ކިޔަވައިދިނުމުގެ މަސައްކަތުގައި ދެމިތިބި ދާއިމީ މުވައްޒަފުންނަށެވެ.
(ބ) އިދާރީ ބައިގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ޔުނިވަރސިޓީގެ މަޖިލީހަށް މެންބަރަކު އިންތިހާބުކުރުމުގައި ވޯޓުދެވޭނީ އެ އިންތިހާބަކަށް ކެންޑިޑޭޓުންގެ ނަންތައް ހުށަހެޅޭއިރު، ޔުނިވަރސިޓީގެ އިދާރީ ބައިގެ މަސައްކަތުގައި ފާއިތުވި އަހަރު ހޭދަކޮށްފައިވާ އަދި އިންތިހާބުގެ ކަންތައް ހިނގަމުންދާ ވަގުތުގައި ވެސް އިދާރީ ބައިގެ މަސައްކަތުގައި ދެމިތިބި ދާއިމީ މުވައްޒަފުންނަށެވެ.
(ޅ) އެލަމްނައިގެ ތެރެއިން ޔުނިވަރސިޓީގެ މަޖިލީހަށް މެންބަރަކު އިންތިހާބުކުރުމުގައި ވޯޓުދެވޭނީ އެލަމްނައި އެސޯސިއޭށަންގެ މެންބަރުންނަށެވެ.
(ކ) ދަރިވަރުންގެ ތެރެއިން ޔުނިވަރސިޓީގެ މަޖިލީހަށް މެންބަރަކު އިންތިހާބުކުރުމުގައި ވޯޯޓު ދެވޭނީ ޔުނިވަރސިޓީގެ މަޖިލީހުން ކަނޑައަޅާ ދިގު މުއްދަތުގެ ކޯސްތަކުގައި ރަޖިސްޓަރީކޮށްފައިވާ ދަރިވަރުންނަށެވެ.
29 ވަނަ މާއްދާ - އެކަޑެމިކް ބޯޑު
(ހ) ޔުނިވަރސިޓީގެ ތައުލީމީ އަދި އިލްމީ ކަންތައްތަކާމެދު މަށްވަރާކޮށް އެކަންކަން މިސްރާބުކޮށް ވާނުވާ ބަލައި އެންމެ އިސް ކޮމިޓީގެ ގޮތުގައި، ޔުނިވަރސިޓީގެ މަޖިލީހުގެ ގަވާއިދެއްގެ ދަށުން އެކަޑެމިކް ބޯޑެއް ގާއިމުކުރަންވާނެއެވެ.
(ށ) ބޯޑު އެކުލެވިގެންވަނީ، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް ހިމެނޭ ގޮތަށެވެ.
- ވައިސް ޗާންސެލަރ؛ (އިސްލާހު ކުރެވިފައި)
- މަގާމުގެ ހައިސިއްޔަތުން އައްޔަންކުރާ ޔުނިވަރސިޓީގެ ދަށުގައިވާ ފެކަލްޓީތަކުގެ ޑީނުންނާއި އެހެނިހެން ސެންޓަރުތަކުގެ އެންމެ އިސްވެރިން؛
- ޔުނިވަރސިޓީން އިންތިހާބުކުރާ މެންބަރުން؛
- އެބައެއްގެ އިލްމުވެރިކަމާއި ތަޖުރިބާއަށް ބަލައި މަށްވަރާތަކަށް ހިއްސާކުރެވޭނެ ހިޔާލުތަކަށްޓަކައި އައްޔަންކުރާ މެންބަރުން.
(ނ) ބޯޑުގެ މަސްއޫލިއްޔަތު ހަރުދަނާ ގޮތެއްގައި އަދާކުރުމަށްޓަކައި ބޯޑުގެ މެންބަރުން އައްޔަންކުރާނެ ނުވަތަ އިންތިހާބުކުރާނެ ގޮތާއި އެމީހުންގެ މެންބަރުކަމުގެ ދައުރާއި ޖަލްސާތައް ބާއްވާނެ ގޮތްތައް ޔުނިވަރސިޓީގެ މަޖިލީހުން ފާސްކުރާ ގަވާއިދަކުން ހަމަޖައްސަންވާނެއެވެ.
(ރ) ބޯޑުގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.
- ތައުލީމީ ކަންތައްތައް ތަރައްގީކުރުމާއި ދަރިވަރުން ވެއްދުމާއި އިމްތިހާނުކުރުމާއި އިލްމީ ދިރާސާކުރުމާއި ސަނަދު ދިނުމާއި ޔުނިވަރސިޓީގެ ސުލޫކު ހިފެހެއްޓުމާއި ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާމެދު މަށްވަރާކޮށް މަޖިލީހަށް ހުށަހެޅުންތައް ހުށަހެޅުން؛
- ޔުނިވަރސިޓީގެ މަޖިލީހުގެ ގަވާއިދަކުން ބޯޑާ ހަވާލުކުރާ މަސައްކަތްތަކާއި ޔުނިވަރސިޓީގެ މަޖިލީހުން ފޮނުވާ ހާއްސަ މައްސަލަތަކާ ގުޅޭގޮތުން އެ މަޖިލީހަށް ރިޕޯޓު ހުށަހެޅުން.
(ބ) ބޯޑުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ބާރު ބޯޑަށް ލިބިގެންވެއެވެ. ނަމަވެސް ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ނިންމާނީ ޔުނިވަރސިޓީގެ މަޖިލީހުންނެވެ.
- ތައުލީމީ މަރުކަޒަކާ އެއްބާރުލުމުގެ ގުޅުމެއް ގާއިމުކުރުން؛
- ކޮލެޖް، ފެކަލްޓީފަދަ ތަނެއް ގާއިމުކުރުން ނުވަތަ އުވާލުން.
30 ވަނަ މާއްދާ - ޔުނިވަރސިޓީގެ މަޖިލީހުގެ ރައީސް
ޔުނިވަރސިޓީގެ މަޖިލީހުގެ ރައީސަކީ ޗާންސެލަރެވެ. ޔުނިވަރސިޓީގެ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.
(ހ) ޔުނިވަރސިޓީގެ މަޖިލީހުގެ ޖަލްސާތަކުގެ އެޖެންޑާ ކަނޑައެޅުމާއި ރިޔާސަތު ބެލެހެއްޓުން؛
(ށ) ޔުނިވަރސިޓީގެ މަޖިލީހުގެ ނިންމުންތައް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން؛
(ނ) ޔުނިވަރސިޓީގެ މަޖިލީހުގެ ޖަލްސާތަކުގެ ގަވާއިދުތައް ހިފެހެއްޓުން؛
(ރ) ޔުނިވަރސިޓީގެ ކަންތައްތަކުގައި މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވުޒާރާއަށް ޖަވާބުދާރީވުން.
31 ވަނަ މާއްދާ - ޔުނިވަރސިޓީގެ މަޖިލީހުގެ ނައިބު ރައީސް
މަޖިލީހުގެ ނައިބު ރައީސަކީ ވައިސް ޗާންސެލަރެވެ. މަޖިލީހުގެ ނައިބު ރައީސްގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.
(ހ) ޔުނިވަރސިޓީގެ މަޖިލީހުގެ ރައީސް ނެތް ހިނދެއްގައި ޔުނިވަރސިޓީގެ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތު އަދާކުރުން؛
(ށ) ޔުނިވަރސިޓީގެ ބަޖެޓާއި އިދާރީ ކަންތައްތަކާއި ކިޔަވައިދިނުމާބެހޭ ރޭވުންތައް ޔުނިވަރސިޓީގެ މަޖިލީހުގެ ރައީސްގެ މަށްވަރާގެމަތިން ޔުނިވަރސިޓީގެ މަޖިލީހަށް ހުށަހެޅުން؛
(ނ) މަޖިލީހުން ނިންމާ ނިންމުންތަކާ އެއްގޮތަށް ޔުނިވަރސިޓީގެ އިދާރީ އަދި ތައުލީމީ ކަންތައްތައް ހިންގުން.
32 ވަނަ މާއްދާ - ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތު
ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.
(ހ) ޔުނިވަރސިޓީގެ މަޖިލީހާއި މަޖިލީހުގެ ކޮމިޓީތަކުގެ ތެރެއިން އެ މެންބަރަކު ހިމެނޭ ކޮމިޓީއެއްގެ ޖަލްސާތަކަށް ހާޒިރުވުން؛
(ށ) ޔުނިވަރސިޓީގެ މަޖިލީހުގެ މަސައްކަތަކަށް އެހީތެރިވުމުގެ ގޮތުން މެންބަރުންގެ ހުނަރާއި ތަޖުރިބާ ފަރުވާތެރިކަމާއި ތެދުވެރިކަމާއެކު ހުށަހެޅުން؛
(ނ) ޔުނިވަރސިޓީގެ މަސައްކަތްތަކަށް ރިއާޔަތްކޮށް ޔުނިވަރސިޓީގެ މަސްލަހަތު ކުރިއެރުވުމަށް ހަރަކާތްތެރިވުން؛
(ރ) އަމިއްލަ ފައިދާއެއް ހޯދުމަށާއި ނުވަތަ އެހެން މީހަކަށް ފައިދާއެއް ހޯދައިދިނުމަށާއި ޔުނިވަރސިޓީއަށް ނުވަތަ އެހެން މީހަކަށް ގެއްލުމެއް ދިނުމަށް މަގާމުގެ ބޭނުން ނުކުރުން؛
(ބ) މަގާމުގެ ހައިސިއްޔަތުން ލިބޭ މައުލޫމާތަށް ރައްކާތެރިވުމާއި އެފަދަ މައުލޫމާތު އަމިއްލަ ފައިދާއަކަށް ނުވަތަ އެހެން މީހެއްގެ ފައިދާއަކަށް ނުވަތަ ޔުނިވަރސިޓީއަށް ނުވަތަ އެހެން މީހަކަށް ގެއްލުމެއް ދިނުމަށް ބޭނުން ނުކުރުން؛
(ޅ) މަޖިލީހުގައި މަށްވަރާކުރެވޭ ކަމެއްގައި މެންބަރެއްގެ އަމިއްލަ މަސްލަހަތެއްވާނަމަ ޔުނިވަރސިޓީގެ މަޖިލީހުގެ ރިޔާސަތަށް އެކަން އަންގައި އެފަދަ ޖަލްސާއަކަށް ހާޒިރުނުވުން. އަދި ރިޔާސަތުން ހާޒިރުވާން އަންގައިގެން ހާޒިރުވިއަސް ވޯޓު ދިނުމުގައި ބައިވެރިނުވުން؛
(ކ) ވިޔަފާރިއާ ބެހޭގޮތުން ނިންމަންޖެހޭ ކަންކަމުގައި ތެދުވެރިކަމާއި، ނިންމާ ކަންތަކުގައި އަމިއްލަ މަންފާއެއްނެތި، ނިންމުމަށްޓަކައި ބޭނުންވާ ހުރިހާ މައުލޫމާތުގެ އަލީގައި، ޔުނިވަރސިޓީގެ ފައިދާއަށް ކަންކަން ނިންމުން؛
(އ) ހެޔޮނިޔަތުގައި ރަނގަޅު ވިސްނުމާއެކު ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަޖިލީހުން ހަވާލުކުރެވޭ ކަންތައްތައް ފަރުވާތެރިކަމާއެކު ފަރުދީގޮތުން ކުރުމާއެކު މަޖިލީހުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުން.
33 ވަނަ މާއްދާ - ޔުނިވަރސިޓީގެ މަޖިލީހުގެ ސެކްރެޓަރީ
ޔުނިވަރސިޓީގެ މަޖިލީހުގެ ސެކްރެޓަރީއަކީ ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ނުހިމެނޭ، ޔުނިވަރސިޓީގެ މަޖިލީހުގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ހިންގުމާގުޅޭ އެންމެހާ ކަންކަން ކުރުމަށްޓަކައި ޔުނިވަރސިޓީގެ މަޖިލީހުން އައްޔަންކުރާ ޔުނިވަރސިޓީގެ މުވައްޒަފެކެވެ. މަޖިލީހުގެ ސެކްރެޓަރީގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ޔުނިވަރސިޓީގެ މަޖިލީހުގެ ޖަލްސާތަކާއި މަޖިލީހުގެ ކޮމިޓީތަކުގެ ޔައުމިއްޔާއާއި ނިންމުންތައް ލިޔެ ރައްކާތެރިކޮށް ބެލެހެއްޓުން؛
(ށ) ޔުނިވަރސިޓީގެ މަޖިލީހުގެ ނިންމުންތަކާ ގުޅިގެން އެކި ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުން؛
(ނ) ޔުނިވަރސިޓީގެ މަޖިލީހުގެ ކަންތައްތަކާ ގުޅިގެން އެ މަޖިލީހުން އަންގާ ކަންތައްތައް ކުރުން.
34 ވަނަ މާއްދާ - މެންބަރުކަމުގެ ގޮނޑި ހުސްވުން
ތިރީގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެއްޖެނަމަ ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ހުސްވާނެއެވެ.
(ހ) ޖަލްސާއަށް ކިޔާފައި އޮތުމާއެކުވެސް މަގްބޫލު އުޒުރެއްނެތި ވިދިވިދިގެން މަޖިލީހުގެ 3 (ތިނެއް) ޖަލްސާއަށް ހާޒިރުނުވުން؛
(ށ) ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރެއްގެ ކިބައިގައި ހުރުން މި ގާނޫނުން ލާޒިމުކުރާ ށަރުތުތަކުގެ ތެރެއިން ށަރުތެއް އުނިވުން؛
(ނ) ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރުކަން ގެއްލޭފަދަ މަގާމަކަށް އައްޔަންކުރެވުން ނުވަތަ އިންތިހާބުވުން؛
(ރ) ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާނުކުރާކަމަށް މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގްލަބިއްޔަތުން ފާސްވުން؛
(ބ) ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގެ ކުޅަދާނަކަން ނެތްކަމަށް ޔުނިވަރސިޓީގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގްލަބިއްޔަތުން ފާސްވުން؛
(ޅ) އިލްމީ ނަޒާހަތްތެރިކަން ގެއްލޭފަދަ އަމަލެއް ކުރިކަން ޔުނިވަރސިޓީގެ މަޖިލީހަށް ސާބިތުވުން.
35 ވަނަ މާއްދާ – އިސްތިއުފާދިނުން (އިސްލާހު ކުރެވިފައި)
(ހ) މި ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޗާންސެލަރާއި ވައިސް ޗާންސެލަރ އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މީހަކު އެ މަގާމުން ވަކިވީއެވެ.
(ށ) މި ގާނޫނުގެ 18 ވަނަ މާއްދާގެ (ށ)، (ނ)، އަދި (ރ) ގައި ބަޔާންކޮށްފައިވާ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިއުފާދޭން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ޔުނިވަރސިޓީގެ ޗާންސެލަރަށް ހުށަހަޅައި، އެ ސިޓީ ޗާންސެލަރަށް ލިބުމުން އެ މެންބަރަކު އެ މަގާމުން ވަކިވީއެވެ.
36 ވަނަ މާއްދާ - ހުސްވާ ގޮނޑިއަށް މެންބަރުން އައްޔަންކުރުމާއި އިންތިހާބުކުރުން
ޔުނިވަރސިޓީގެ މަޖިލީހަށް އައްޔަންކޮށްފައިވާ ނުވަތަ އިންތިހާބުކޮށްފައިވާ މެންބަރެއްގެ ގޮނޑި ހުސްވެއްޖެނަމަ، އެ ގޮނޑިއަކަށް މެންބަރަކު އައްޔަންކުރާނީ ނުވަތަ އިންތިހާބުކުރާނީ އެ މެންބަރަކު އައްޔަންކުރާ ނުވަތަ އިންތިހާބުކުރާ ފަރާތަށް އެންގުމުން އެފަރާތުންނެވެ.
37 ވަނަ މާއްދާ – ބައްދަލުވުންތައް
(ހ) ޔުނިވަރސިޓީގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވުމުންނެވެ (އިސްލާހު ކުރެވިފައި)
(ށ) ޔުނިވަރސިޓީގެ މަޖިލީހުން ކަމެއް ނިންމިކަމަށް ބެލެވޭނީ، އެކަމެއް ނިންމާ ޖަލްސާއަކަށް ހާޒިރުވާ މެންބަރުންގެ އަގްލަބިއްޔަތުން އެކަމެއް ފާސްވުމުންނެވެ.
(ނ) ޔުނިވަރސިޓީގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ ޔުނިވަރސިޓީގެ ޗާންސެލަރެވެ. ޗާންސެލަރަށް ހާޒިރުނުވެވިއްޖެނަމަ ވައިސް ޗާންސެލަރެވެ. ޗާންސެލަރާއި ވައިސް ޗާންސެލަރަށް ހާޒިރުނުވެވިއްޖެނަމަ ރިޔާސަތު ބަލަހައްޓާނީ އެ ޖަލްސާއަކަށް ހާޒިރުވި މެންބަރުން، އެ މެންބަރުންގެ ތެރެއިން ހޮވާ މީހެކެވެ.
38 ވަނަ މާއްދާ - ވަގުތީގޮތުން ވައިސް ޗާންސެލަރާ އި ޑެޕިއުޓީ ވައިސް ޗާންސެލަރު ގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް މީހުން އައްޔަންކުރުން
(ހ) އަަންނަނިވި ހާލަތްތަކުގައި ވަގުތީގޮތުން ވައިސް ޗާންސެލަރާއި ޑެޕިއުޓީ ވައިސް ޗާންސެލަރު ގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް މީހަކު އައްޔަންކުރުމުގެ ބާރު ޔުނިވަރސިޓީގެ މަޖިލީހަށް ލިބިގެންވެއެވެ (އިސްލާހު ކުރެވިފައި)
- ވައިސް ޗާންސެލަރ ނުވަތަ ޑެޕިއުޓީ ވައިސް ޗާންސެލަރު ގެ މަގާމު ހުސްވުން؛
- ވައިސް ޗާންސެލަރ ނުވަތަ ޑެޕިއުޓީ ވައިސް ޗާންސެލަރު ގެ މަގާމާ ހަވާލުވެގެން ހުރި މީހަކު ރަށުން ބޭރުގައިވުން ނުވަތަ އެހެންވެސް ސަބަބަކަށްޓަކައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވުން.
(ށ) ވަގުތީ ގޮތުން އައްޔަންކުރާ މީހަކު 6 (ހައެއް) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް މަގާމުގައި ބަހައްޓައިގެން ނުވާނެއެވެ.
ހަތަރުވަނަ ބާބު
އިންތިގާލީ ކަންކަން
39 ވަނަ މާއްދާ - ޔުނިވަރސިޓީގެ ވަގުތީ ނުވަތަ އިންތިގާލީ މަޖިލިސް
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުން، ކުއްލިއްޔާގައި އޮތް ކުއްލިއްޔާގެ މަޖިލިސް ވެގެންދާނީ ޔުނިވަރސިޓީގެ އިންތިގާލީ މަޖިލީހަށެވެ (އިސްލާހު ކުރެވިފައި)
(ށ) ޔުނިވަރސިޓީގެ ޗާންސެލަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު އައްޔަންކުރަންދެން ޔުނިވަރސިޓީގެ ވަގުތީ ޗާންސެލަރަކަށް ހުންނާނީ ކުއްލިއްޔާގައި އޮތް ކުއްލިއްޔާ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުރި މީހެކެވެ.
(ނ) ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު އައްޔަންކުރަންދެން ޔުނިވަރސިޓީގެ ވަގުތީ ވައިސް ޗާންސެލަރަކަށް ހުންނާނީ ކުއްލިއްޔާގެ ރެކްޓަރ އެމެރިޓަސްގެ މަގާމުގައި ހުރި މީހެކެވެ.
(ރ) ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ މީހުން އައްޔަންކުރަންދެން ޔުނިވަރސިޓީގެ ވަގުތީ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަގާމުތަކަށް މީހުން ހަމަޖައްސާނީ ޔުނިވަރސިޓީގެ އިންތިގާލީ މަޖިލީހުގެ ރުހުމާއެކު ޔުނިވަރސިޓީގެ ވަގުތީ ވައިސް ޗާންސެލަރެވެ (އިސްލާހު ކުރެވިފައި)
(ބ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މި ގާނޫނުގެ 8 ވަނަ މާއްދާއާ އެއްގޮތަށް ޔުނިވަރސިޓީގެ މަޖިލިސް އެކުލަވާލައި ވަގުތީ މަޖިލިސް އުވާލަންވާނެއެވެ.
40 ވަނަ މާއްދާ - ކުއްލިއްޔާގެ މުވައްޒަފުންނާއި ދަރިވަރުން
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުންއައި ކުއްލިއްޔާގެ މުވައްޒަފުންނާއި ދަރިވަރުން، މި ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފެދޭ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އުފެދުމާއެކު، އެ ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުން ކަމުގައި ހަމަޖެހުނީއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން މަގާމު ގެއްލޭ މުވައްޒަފުންނަށް ޔުނިވަރސިޓީގައި ހުރި ހުސް މަގާމުތަކުގެ ތެރެއިން މަގާމެއް އެ މުވައްޒަފަކަށް ހުށަހަޅަންވާނެއެވެ (އިތުރު ކުރެވިފައި)
41 ވަނަ މާއްދާ - ކުއްލިއްޔާގެ އުސޫލުތައް ނަގުލުކުރުން
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުން، ކުއްލިއްޔާގެ މަޖިލީހާއި އެ މަޖިލީހުން އުފައްދާފައިވާ ކޮމިޓީތަކުން ފާސްކޮށްފައިވާ ސިޔާސަތުތަކާއި ގަވާއިދުތަކާއި އިރުށާދުތައް މި ގާނޫނާ ތައާރުޒުނުވާނަމަ، ޔުނިވަރސިޓީގެ މަޖިލީހުން ބަދަލެއް ގެންނަންދެން ޔުނިވަރސިޓީގެ ސިޔާސަތުތަކާއި ގަވާއިދުތަކާއި އިރުށާދުތަކުގެ ގޮތުގައި ގާނޫނީ ހައިސިއްޔަތު ލިބިގެންދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިޔާސަތުތަކާއި ގަވާއިދުތަކުގެ ތެރޭގައި ކުއްލިއްޔާގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދު ނުހިމެނޭނެއެވެ.
42 ވަނަ މާއްދާ - ކުއްލިއްޔާގެ މުދަލާއި އަރަންޏާއި ދަރަނި ނަގުލުވުން
މި ގާނޫނަށް އަމަލުކުރަން ފެށުމުން ކުއްލިއްޔާގެ މުދަލާއި އަރަންޏާއި ދަރަނި ބަދަލުވެގެންދާނީ ޔުނިވަރސިޓީގެ މުދަލާއި އަރަންޏާއި ދަރަންޏަށެވެ.
43 ވަނަ މާއްދާ - ކުއްލިއްޔާގެ ބިންބިމާއި އިމާރާތްތައް
މި ގާނޫނަށް އަމަލުކުރަން ފެށުމުން، ކުއްލިއްޔާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ބޭނުން ކުރުމަށް ސަރުކާރުން ދޫކޮށްފައިވާ ބިންބިމާއި އިމާރާތްތައް ވާނީ ޔުނިވަރސިޓީއަށް ނިސްބަތްވާ ދައުލަތުގެ ބިންބިމާއި އިމާރާތަށެވެ.
44 ވަނަ މާއްދާ - ނުނިމިހުރި މައްސަލަތައް
މި ގާނޫނަށް އަމަލުކުރަން ފެށުމުން، ކުއްލިއްޔާ ބައިވެރިވެފައިވާ އެއްވެސް މައްސަލައެއް ނުވަތަ މުއާމަލާތެއް ނުނިމިވާނަމަ މި މުއައްސަސާގެ ބަދަލުގައި އެ މައްސަލައެއް ނުވަތަ މުއާމަލާތެއްގެ ބައިވެރިޔަކަށް ވާނީ ޔުނިވަރސިޓީއެވެ. އަދި އެކަމުގައި ކުއްލިއްޔާއަށް ލިބިގެންވި ހުރިހާ ބާރަކާއި ހައްގެއް ޔުނިވަރސިޓީއަށް ލިބިގެންވާނެއެވެ.
ފަސްވަނަ ބާބު
އެހެނިހެން ކަންތައްތައް
45 ވަނަ މާއްދާ - ސައްހަ ނިންމުންތައް
(ހ) ޔުނިވަރސިޓީގެ ސައްހަ ނިންމުންތައް ކަމުގައި ބަލާނީ މި ގާނޫނާ ހިލާފުނުވާގޮތަށް ނިންމާ ލިޔުމުން ހުންނަ ތިރީގައި ބަޔާންކޮށްފައިވާ ނިންމުންތަކެވެ.
- ޔުނިވަރސިޓީގެ މަޖިލީހުގެ ނިންމުންތައް؛
- ޔުނިވަރސިޓީގެ މަޖިލީހުން އުފައްދާ ކޮމިޓީތަކުގެ ނިންމުންތައް؛
- ޗާންސެލަރ ނުވަތަ ވައިސް ޗާންސެލަރުގެ ނިންމުންތައް.
(ށ) ޗާންސެލަރ ނުވަތަ ވައިސް ޗާންސެލަރ އައްޔަންކުރުން ސައްހަނުވުމުގެ ސަބަބުންނާއި، ކޮމިޓީއަކަށް ގަވާއިދާ ހިލާފަށް އިންތިހާބުކުރެވިފައިވާ މީހަކު ހުރުމުންނާއި، ކޮމިޓީއެއް އެއްކުރުން ގަވާއިދާ ހިލާފުވުމުންނާއި، ޔުނިވަރސިޓީގެ މަޖިލިސް ނުވަތަ އެކަޑެމިކް ބޯޑު ނުވަތަ ކޮމިޓީއަކަށް ހޮވަންޖެހޭ މެންބަރެއް ނުހޮވި އޮތުމުގެ ސަބަބުން އެފަދަ މީހަކު ނުވަތަ ކޮމިޓީއަކުން ނިންމާ ނިންމުމެއް ބާތިލެއް ނުވާނެއެވެ (އިތުރު ކުރެވިފައި)
46 ވަނަ މާއްދާ – އަގުދުކުރުން
ޔުނިވަރސިޓީން އަމިއްލަ ފަރާތަކާ ނުވަތަ އަމިއްލަ ކުންފުންޏަކާ ނުވަތަ އެނޫންވެސް ފަރާތަކާއެކު އަގުދެއް ކުރާނަމަ އެ އަގުދެއް އޮންނަންވާނީ ށަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ލިޔެވި ޔުނިވަރސިޓީގެ ސިއްކަ ޖަހާފައެވެ.
47 ވަނަ މާއްދާ - މާލީ އަހަރު
ޔުނިވަރސިޓީގެ މާލީ އަހަރަކީ 1 ޖަނަވަރީން ފެށިގެން 31 ޑިސެންބަރުގެ ނިޔަލަށްވާ 12 (ބާރަ) މަސްދުވަހެވެ.
48 ވަނަ މާއްދާ - ޔުނިވަރސިޓީގެ މާލިއްޔާ
(ހ) ޔުނިވަރސިޓީގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ފައިސާ، ދައުލަތުގެ މާލިއްޔާއިން، ކޮންމެ އަހަރަކު ޔުނިވަރސިޓީއަށް ދޫކުރަންވާނެއެވެ (އިސްލާހު ކުރެވިފައި)
(ށ) އެއްވެސް މީހަކު ނުވަތަ ޖަމާއަތަކުން ނުވަތަ ސަރުކާރަކުން ޔުނިވަރސިޓީއަށް ދޭ އެހީއެއް، ގަބޫލުކުރަންވާނީ ޔުނިވަރސިޓީގެ މަޖިލީހުގެ ހުއްދައާއެކު ޔުނިވަރސިޓީގެ މަގްސަދުތަކުގެ ތެރޭގައިވާ ކަންކަން ކުރުމަށް އެކަންޏެވެ.
(ނ) ޔުނިވަރސިޓީގެ މަގްސަދުތަކުގެ ތެރޭގައިވާ ކަންކަން ކުރުމަށްޓަކައި އެކި ގޮތްގޮތުން ޔުނިވަރސިޓީއަށް އާމްދަނީ ހޯދިދާނެއެވެ. މިގޮތުން އިގްތިސާދުކުރުމާއެކު ދައުލަތުގެ މާލިއްޔާއިން ދޭ ފައިސާއަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި އެއް އަހަރުން އަނެއް އަހަރަށް ޔުނިވަރސިޓީން ހިންގާ އާމްދަނީ ހޯދުމުގެ ހަރަކާތް އިތުރުކޮށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ ގޮތަކަށް ކޮންމެ އަހަރަކުވެސް ޔުނިވަރސިޓީން މަސައްކަތްކުރަންވާނެއެވެ.
(ރ) ޔުނިވަރސިޓީގެ އެއްވެސް މުވައްޒަފަކަށް އަމިއްލަ މަންފާއެއް ހޯދުމުގެ ގޮތުން ޔުނިވަރސިޓީގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ނުވާނެއެވެ. އަދި ޔުނިވަރސިޓީގެ ނަމުގައި އަމިއްލަ ފައިދާއެއް ނުވަތަ މަންފާއެއް އޮންނަގޮތަށް އެއްވެސް ހަރަކާތެއް ޔުނިވަރސިޓީގެ އެއްވެސް މުވައްޒަފަކު ހިންގުމަކީ މި ގާނޫނު ހުއްދަކުރާ ކަމެއްނޫނެވެ.
(ބ) އަންނަނިވި ގޮތްގޮތުން ޔުނިވަރސިޓީއަށް ލިބޭ ފައިސާ، ޔުނިވަރސިޓީގެ މަޖިލީހުން ނިންމާ އުސޫލެއްގެ މަތިން، ހަރަދުކުރުމުގެ ހައްގު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ. މި ފައިސާ ހޭދަކުރަންވާނީ ހަމައެކަނި ޔުނިވަރސިޓީގެ ބޭނުމަށެވެ (އިތުރު ކުރެވިފައި)
- އެކި ގޮތްގޮތުން ދަރިވަރުންނާއި މުވައްޒަފުންގެ އަތުން ނެގޭ ފީއާއި ފައިސާ؛ އަދި
- ޔުނިވަރސިޓީއަށް އާމްދަނީ ހޯދުމަށް މި ގާނޫނުގެ ދަށުން ހިންގާ 2 މުއާމަލާތްތަކުން ލިބޭ ފައިސާ.
49 ވަނަ މާއްދާ - ލޯނުގެ ގޮތުގައި ފައިސާ ހޯދުން
(ހ) ޔުނިވަރސިޓީއަށް ލޯނުގެ ގޮތުގައި ފައިސާ ހޯދޭނީ ޔުނިވަރސިޓީގެ މަޖިލީހުގެ ހުއްދަ ލިބިގެން ސަރުކާރުގެ މާލީ ކަންތައްތައް ބަލަހައްޓާ ވުޒާރާއަކުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށެވެ. އަދި މިގޮތަށް ލޯނު ނެގޭނީ އިސްލާމީ ށަރީއާ ހުއްދަކުރާ ގޮތުގެމަތިންނެވެ.
(ށ) ޔުނިވަރސިޓީގެ ނުއުފުލޭ އެއްވެސް މުދަލެއް ރަހުނުކޮށްގެން ނުވާނެއެވެ.
50 ވަނަ މާއްދާ – ފީ
(ހ) ޔުނިވަރސިޓީން ހިންގާ ކޯހަކަށް ނުވަތަ ޔުނިވަރސިޓީން ދޭ ހިދުމަތަކަށް ފީ ނަގަންވާނީ ޔުނިވަރސިޓީގެ މަޖިލީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ފީތައް އާންމުކޮށްފައި ހުންނަންވާނެއެވެ.
51 ވަނަ މާއްދާ - މާލިއްޔާއިން ހަރަދުކުރުން
ޔުނިވަރސިޓީގެ މާލިއްޔާއިން ހަރަދު ކުރެވޭނީ ޔުނިވަރސިޓީގެ މަޖިލީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ހަމައެކަނި ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށެވެ.
52 ވަނަ މާއްދާ - ޓެކްސް ދެއްކުމުން އިސްތިސްނާކުރުން
ޔުނިވަރސިޓީގެ މަގްސަދުތައް ހާސިލުކުރުމަށް ހާއްސަކުރެވިފައިވާ އެއްވެސް މިލްކިއްޔާތަކުން ޓެކްސް ނެގުމުން އިސްތިސްނާވެގެންވެއެވެ. އަދި ޔުނިވަރސިޓީއަށް އެއްވެސް ފަރާތަކުން ހިލޭ އެހީގެ ގޮތުގައާއި ހައިރާތުގެ ގޮތުގައާއި ވަގުފްގެ ގޮތުގައި ދޭ އެއްވެސް އެހީއަކުންވެސް ޓެކްސް ނެގުމުން އިސްތިސްނާވެގެންވެއެވެ.
53 ވަނަ މާއްދާ – އޮޑިޓްކުރުން
ޔުނިވަރސިޓީގެ އާމްދަނީ އާއި ހަރަދާއި މިލްކިއްޔާތާއި މާލީ ޒިންމާތަކާބެހޭ ހިސާބު، އޮޑިޓަރ ޖެނެރަލްގެ މަށްވަރާއާއެކު ޔުނިވަރސިޓީގެ މަޖިލީހުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ލިޔެ ބަލަހައްޓައި، އޮޑިޓް ކުރުމަށްފަހު، އެކުލަވާލެވޭ މާލީ ބަޔާނެއް، މި ގާނޫނުގެ 47 ވަނަ މާއްދާގައި ބުނެފައިވާ އަހަރީ ރިޕޯޓާއެކު، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށާއި މިނިސްޓަރަށް ފޮނުވަންވާނެއެވެ.
54 ވަނަ މާއްދާ - އަހަރީ ރިޕޯޓު
(ހ) ޔުނިވަރސިޓީގެ ހަރަކާތްތަކުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 1 (އެކެއް) ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރަށް ޔުނިވަރސިޓީގެ މަޖިލީހުން ފޮނުވަންވާނެއެވެ (އިތުރު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓުގައި، އެ ރިޕޯޓުގެ މުއްދަތުގައި ހިނގާދިޔަ، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ޔުނިވަރސިޓީގެ ހާލަތު އަންގައިދޭ މުހިންމު ހަރަކާތްތަކުގެ ކުރު ހުލާސާ؛
- ޔުނިވަރސިޓީގެ މަޖިލީހާއި މަޖިލީހުން އުފެއްދި ކޮމިޓީތަކުގެ މެންބަރުންނާއި ހާޒިރީއާއި ނިންމުނު މުހިންމު ކަންތައްތައް؛
- ކިޔަވައިދިނުމާއި އުނގެނުމުގެ ފެންވަރު މަތިކުރުމަށްޓަކައި ހިންގުނު ހަރަކާތްތައް؛
- ޔުނިވަރސިޓީގެ ކޯސްތަކާއި މުވައްޒަފުންނާއި ދަރިވަރުންނާބެހޭ ހުލާސާ ތަފާސްހިސާބުތައް؛
- ރިޕޯޓުގައި ހިމެނުމަށް މަޖިލީހުން ނިންމާ އެހެނިހެން މައުލޫމާތު.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު، ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި މިނިސްޓަރަށް ފޮނުވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، ޔުނިވަރސިޓީގެ މަޖިލީހުން އެ ރިޕޯޓު އާންމުކޮށް ށާއިއުކުރަންވާނެއެވެ.
55 ވަނަ މާއްދާ - ގަވާއިދު ހެދުން
(ހ) މި ގާނޫނުގެ މާއްދާތައް ތަންފީޒުކުރުމަށްޓަކައި ނުވަތަ މި ގާނޫނުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފުމަށްޓަކައި، އެހެން އެއްވެސް ގާނޫނަކާ ހިލާފުނުވާ ގޮތަށް ގަވާއިދު ހެދުމުގެ ބާރު ޔުނިވަރސިޓީގެ މަޖިލީހަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) އިން ޔުނިވަރސިޓީގެ މަޖިލީހަށް ލިބިފައިވާ ބާރުގެ ތެރޭގައި އަންނަނިވި ކަންކަމާއި އަދި އެނޫންވެސް އެހެން ކަންކަމަށް ގަވާއިދު ހެދުން ހިމެނެއެވެ.
- ޔުނިވަރސިޓީ ހަރުދަނާ ގޮތެއްގައި ހިންގުމާއި ޔުނިވަރސިޓީގެ ސުލޫކު ހިފެހެއްޓުން؛
- މި އަކުރުގެ (1) ވަނަ ނަންބަރުގެ ދަށުން ހެދިފައިވާ ގަވާއިދަކާ ހިލާފުވެއްޖެނަމަ ޔުނިވަރސިޓީގެ ފަރާތުން ނުވަތަ ޔުނިވަރސިޓީން އައްޔަންކުރާ ފަރާތަކުން ޔުނިވަރސިޓީގެ ދަރިވަރުންނަށާއި ޔުނިވަރސިޓީގެ މުވައްޒަފުންނަށް ދޭނެ އިދާރީ އަދަބުތައް ކަނޑައެޅުން؛
- މި ގާނޫނުގައި ބަޔާންވެފައިވާ އިންތިހާބުތައް ބާއްވާނެ ގޮތްތަކާއި އިންތިހާބުތަކާ ގުޅިގެން ހުށަހަޅާ ށަކުވާތަކާމެދު އަމަލުކުރާނެ ގޮތްތައް ކަނޑައެޅުން؛
- ޔުނިވަރސިޓީގެ ފަންނީ މުވައްޒަފުން ކަނޑައެޅުން؛
- ޔުނިވަރސިޓީގެ އެކިއެކި މަޖިލިސްތަކުގެ އަންނަނިވި ކަންކަން ކަނޑައެޅުން:
(ހހ) ޖަލްސާތައް ބޭއްވުމާއި ކެންސަލްކުރުމާއި ފަސްކުރުމުގެ ގޮތްތަކާއި ޖަލްސާތައް ބާއްވާނެ ވަގުތުތައް؛
(ށށ) ޖަލްސާތަކުގައި ވޯޓުދޭނެ ގޮތް؛
(ނނ) ކޮންވޮކޭށަންގެ ޖަލްސާތަކުގައި މާލީ ކަންތައްތައް ހާމަކުރާނެ އުސޫލުތައް؛
(ރރ) ރިޔާސަތަށް މީހުން އައްޔަންކުރާނެ ގޮތާއި އެމީހުންގެ ބާރުތަކާއި މަސްއޫލިއްޔަތު؛
(ބބ) ޖަލްސާތައް ކުރިއަށް ގެންދާނެ ގޮތާއި ޖަލްސާތަކުގެ ރެކޯޑު ބަލަހައްޓާނެ ގޮތް؛
(ޅޅ) އެކިއެކި ކޮމިޓީތައް އުފައްދާނެ ގޮތް؛
(ކކ) ކޮމިޓީތަކުގެ ޖަލްސާތަކުގެ ގާނޫނީ އަދަދާއި އެ ކޮމިޓީތަކަށް ލިބިގެންވާ ބާރުތަކާއި ޒިންމާތައް؛
(އއ) ޖަލްސާތައް ބޭއްވުމާއި ކެންސަލްކުރުމާއި ފަސްކުރުމުގެ ގޮތްތަކާއި ޖަލްސާތައް ބާއްވާނެ ވަގުތުތައް. - މި ގާނޫނުގައި ބަޔާންވެގެންނުވާ މަތީ ފެންވަރުގެ މުވައްޒަފުން މަގާމުން ވަކިކުރާނެ ގޮތް ކަނޑައެޅުން؛
- ހާއްސަ ހާލަތްތަކުގައި ވައިސް ޗާންސެލަރު ގެ ޒިންމާތަކާއި ބާރުތައް ޑެޕިއުޓީ ވައިސް ޗާންސެލަރ އުފުލައި ބޭނުންކުރާނެ ގޮތްތައް ކަނޑައެޅުން (އިސްލާހު ކުރެވިފައި)
- މި ގާނޫނުން ނުވަތަ މި ގާނޫނުގެ ދަށުން އުފައްދާ އޮފީހެއް ނުވަތަ ތަނެއް ހިންގާ މުވައްޒަފަކަށް، އެތަން ހިންގަން ހަވާލުކުރާ މުއްދަތު މި ގާނޫނުގައި ބަޔާންކޮށްފައި ނުވާނަމަ ނުވަތަ ގަވާއިދަކުން ނޫން ގޮތަކުން މުއްދަތު ކަނޑައެޅުމުގެ ފުރުސަތު މި ގާނޫނުގައި ދެވިފައި ނުވާނަމަ އެފަދަ މަގާމުގެ ނުވަތަ ވަޒީފާގެ މުއްދަތާއި 9ޔުނިވަރސިޓީގެ މުވައްޒަފުންގެ ވަޒީފާއާގުޅޭ އެންމެހާ ކަންކަން ކަނޑައެޅުން؛
- ޔުނިވަރސިޓީގެ މަސްއޫލު މަގާމުތަކަށް މީހުން ހަމަޖެއްސުމާއި އެ މަގާމުތަކުގެ މުއްދަތާއި ށަރުތުތަކާއި މަގާމުން ވަކިކުރެވޭނެ ގޮތްތައް ކަނޑައެޅުން؛
- ޔުނިވަރސިޓީއަށް ދަރިވަރުން ވައްދާނެގޮތް ކަނޑައެޅުން؛
- ތަގުރީރުތަކާއި ކްލާސްތަކާއި އިމްތިހާނުތައް ބާއްވާނެ ގޮތްތަކާއި ވަގުތުތަކާއި ތަންތަނާއި، އޭގެ އަދަދުތަކާއި ސިފަތައް ކަނޑައެޅުން؛
- ޔުނިވަރސިޓީގެ ކިޔަވައިދިނުން ތަރައްގީކޮށް ފުޅާކުރުމުގެ ކަންތައްތައް ކަނޑައެޅުން؛
- އެކި ފެންވަރުގެ ސަނަދާއި ށަރަފު ދިނުން؛
- ފެލޯށިޕާއި ސްކޮލަރށިޕާއި ފައިސާގެ އެހީ ދިނުން؛
- ސަނަދެއް ހޯދުމަށް ހަމަކުރަންޖެހޭ މާއްދާއެއްގެ ބަދަލުގައި ކުރީގެ ކިޔެވުމަކުން ނުވަތަ އެހެން މަސައްކަތަކުން އެ މަސައްކަތުގެ ތައުލީމީ ބަރުދަން ވަޒަންކޮށް ކްރެޑިޓް ޕޮއިންޓް ދިނުން؛
- ކޮންވޮކޭށަނަށް މެންބަރުން ވެއްދުން؛
- ތައުލީމީ އެހެން މަރުކަޒަކުން ކިޔަވަމުންދާ ނުވަތަ ކިޔަވާފައިވާ މީހުން އެމީހުންގެ ކިޔެވުމާ އެއްގޮތްވާ، ޔުނިވަރސިޓީގެ ފެންވަރަކަށް އެމީހުން ޔުނިވަރސިޓީއަށް ވެއްދުން ނުވަތަ ޔުނިވަރސިޓީއަށް ވަންނަން އެދޭ އެހެން ކޮލެޖަކުން ނުވަތަ ޔުނިވަރސިޓީއަކުން ކޯހެއް ނުވަތަ ކޯހެއްގެ އެއްބައި ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ޔުނިވަރސިޓީން ގަބޫލުކުރާ މިންވަރަކަށް އެގްޒެމްޕްށަން ދިނުން؛
- ދަރިވަރުން ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެކިއެކި ފީތައް ކަނޑައެޅުން؛
- ޔުނިވަރސިޓީއާ ގުޅިގެން ލައިބްރަރީތަކާއި ލެބޯރެޓަރީތަކާއި މިއުޒިއަމްތައް އުފައްދައި އެތަންތަން ހިންގުން؛
- ދަނާލުތައް ބިނާކުރުން ނުވަތަ އެހެން ފަރާތަކުން ހިންގާ ދަނާލުތަކުގައި ބައިވެރިވުން؛
- ތައުލީމީ ނުވަތަ އިލްމީ މުއައްސަސާތަކުގެ ބައެއްގެ ގޮތުގައި ޔުނިވަރސިޓީ ވުން ނުވަތަ އެފަދަ ތަނަކާ ޔުނިވަރސިޓީ ބައިވެރިވުން؛
- ޔުނިވަރސިޓީގެ މިލްކިއްޔާތުތައް ކޮންޓްރޯލުކޮށް އިންވެސްޓްކުރުން.
(ނ) މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ޔުނިވަރސިޓީގެ މަޖިލީހުން ފާސްކުރާ ގަވާއިދުތަކާ ގުޅޭ އެހެނިހެން ކަންކަމާ ގުޅޭގޮތުން ޔުނިވަރސިޓީގެ މަޖިލީހުން ގަވާއިދު ހެދިދާނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގަވާއިދުތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
56 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނަށް ގެނެވުނު އިސްލާހުތައް ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ (އިސްލާހު ކުރެވިފައި)
57 ވަނަ މާއްދާ - އިންތިގާލީ ކަންކަން (އިތުރު ކުރެވިފައި)
(ހ) ގާާނޫނު ނަންބަރު 11/2015 (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މި ގާނޫނުގެ 10 ވަނަ މާއްދާއާއި 11 ވަނަ މާއްދާގެ ދަށުން ފުރަތަމަ އައްޔަންކުރާ ޔުނިވަރސިޓީގެ ޗާންސެލަރާއި ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.
(ށ) ގާނޫނު ނަންބަރު 11/2015 (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން އެކުލަވާލާ ފުރަތަމަ ޔުނިވަރސިޓީގެ މަޖިލިސްއަށް މެންބަރުން އައްޔަންކޮށް، އަދި އިންތިހާބުކުރަންޖެހޭ މެންބަރުން އިންތިހާބުކުރުމަށްފަހު އެ މަޖިލިސް އަލުން އެކުލަވާލަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން ޔުނިވަރސިޓީގެ މަޖިލިސް އެކުލަވާލުމުގެ ކަންކަން އިންތިޒާމުކޮށް ހަމަޖެއްސުމުގެ މަސައްކަތްކުރާނީ، ޔުނިވަރސިޓީގެ ޗާންސެލަރ އެކަމަށް އައްޔަންކުރާ ވަގުތީ ކޮމިޓީއަކުންނެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކޮމިޓީ އެކުލެވިގެންވާނީ، ޗާންސެލަރުގެ އިތުރުން، ޔުނިވަރސިޓީގެ މަގާމުތައް ފުރަމުންދާ ފަރާތްތަކުގެ ތެރެއިން ޗާންސެލަރ އައްޔަންކުރާ 4 (ހަތަރެއް) މެންބަރުންގެ މައްޗަށެވެ.
(ބ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދައިން ޔުނިވަރސިޓީގެ މަޖިލިސް އަލުން އެކުލަވާލުމާއެކު، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކޮމިޓީ އުވުނީއެވެ.
(ޅ) މި މާއްދާގެ (ށ) ގެ ދަށުން ޔުނިވަރސިޓީގެ މަޖިލިސް އަލުން އެކުލަވާލެވެންދެން ގާނޫނު ނަންބަރު 11/2015 (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އޮތް ޔުނިވަރސިޓީގެ މަޖިލިސް ދެމިއޮންނާނެއެވެ.
58 ވަނަ މާއްދާ – މާނަކުރުން
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ހިންގުމަށްޓަކައި އުފައްދާފައިވާ ޔުނިވަރސިޓީ ހިންގާ މަޖިލީހަށެވެ.
(ށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ މަތީ ތައުލީމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެއިރެއްގައި ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(ނ) "ވައިސް ޗާންސެލަރ" ކަމަށް ބުނެފައި އެވަނީ، ދުވަހުން ދުވަހަށް ޔުނިވަރސިޓީ ހިންގުމަށް އައްޔަންކުރާ އެންމެ އިސްމީހާއަށެވެ.
(ރ) "ސެކިއުރިޓީސް" ކަމަށް ބުނެފައި އެވަނީ، ސެކިއުރިޓީ އެކްސްޗޭންޖްގައި ނުވަތަ މާރކެޓްގައި ނުވަތަ އެކަމަށް އާންމު ގޮތެއްގައި ގަބޫލުކުރެވޭ ދާއިރާއެއްގެ ތެރޭގައި ބޭނުންކުރުމަށް އެ ގެންގުޅޭ މީހަކަށް، ނުވަތަ ރަޖިސްޓަރީ ކުރެވިފައިވާ ފަރާތަކަށް، އިންވެސްޓްމަންޓަކަށް ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި، ބިލް އޮފް އެކްސްޗޭންޖް ނުހިމެނޭ ގޮތަށް، ދޫކުރެވޭ ށަރީއާ ހުއްދަކުރާގޮތަށް ފަރުމާކުރެވިފައިވާ ލިޔުމަށެވެ.
(ބ) "ޔުނިވަރސިޓީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށެވެ.
(ޅ) "ކުއްލިއްޔާ" ކަމަށް ބުނެފައި އެވަނީ، ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާއަށް ނިސްބަތްވާ ހުރިހާ ކެމްޕަސް، ފެކަލްޓީ، ސެންޓަރު، އޮފީސްފަދަ ތަންތަނަށެވެ.
(ކ) "ޗާންސެލަރ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރަށެވެ.
(އ) "އެކަޑެމިކް ބޯޑު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން އުފައްދާ ބޯޑަށެވެ.
(ވ) "މަތީ ތައުލީމާބެހޭ ގައުމީ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާގުޅޭ އެންމެހާ ސިޔާސަތުތައް ކަނޑައަޅައި ވިލަރެސްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދާ މަޖިލީހަށެވެ.
މި ގާނޫނަށް ގެނެވުނު އިސްލާހު
ކޮންސޮލިޑޭޓް ކުރެވިފައިވާ ގާނޫނު
އިސްލާމިކް ޔުނިވަރސިޓީގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2015/11)
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު
- އިސްލާމިކް ޔުނިވަރސިޓީގެ މަޖިލިސް ހިންގާ ގަވާއިދު (ގަވާއިދު ނަންބަރު 18/2017)
- ކޯސްތަކަށް ފީ ނެގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 33/2016)
- ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފެލޯށިޕާއި، ސްކޮލަރށިޕާއި ފައިސާގެ އެހީ ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 31/2016)
- ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އެކިފެންވަރުގެ ސަނަދާއި، ށަރަފް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރ 30/2016)
- އިސްލާމީ ޔުނިވަރސިޓީގެ ލައިބްރަރީއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 28/2016)
- މަތީ ފުރުސަތު ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 27/2016)
- ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ދަރިވަރުން ވެއްދުމާއި ވަކިކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 26/2016)
ކިޔުންތެރިންގެ ހިޔާލު