ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2006-06)
(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، "ހިޔުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް" ގެ ނަމުގައި ކޮމިށަނެއް އުފައްދައި، އެކޮމިށަނުގެ މަގްސަދުތަކާއި މަސްއޫލިއްޔަތުތަކާއި، ބާރުތައް އެކަށައަޅައި، އެކަންކަމާގުޅޭ އުސޫލުތައް ބަޔާން ކުރުމުގެ ގާނޫނެވެ.
(ށ) މިގާނޫނަށް ކިޔާނީ، "ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - ކޮމިށަނުގެ މަގްސަދުތައް
ކޮމިށަނުގެ މައިގަނޑު މަގްސަދުތަކަކީ:-
(ހ) އިސްލާމީ ށަރީއަތާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދަމަހައްޓައި، އެފަދަ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރުން.
(ށ) ބައިނަލްއަގްވާމީ އަދި ސަރަހައްދީ މުއާހަދާތަކާއި ގަރާރުތަކުގެ ތެރެއިން، ދިވެހިރާއްޖޭގައި އަމަލުކުރަންޖެހޭ މުއާހަދާތަކާއި ގަރާރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދަމަހައްޓައި، އެފަދަ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރުން.
(ނ) އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތްތަކަށް އެހީތެރިވެ، ހިތްވަރު ދިނުން.
3 ވަނަ މާއްދާ - ގާނޫނީ ހައިސިއްޔަތު
ކޮމިށަނަކީ، އަމިއްލަ ނަމުގައި ދައްވާ ކުރުމާއި ދައްވާ ލިބުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ށަހްސެކެވެ.
3-1 ވަނަ މާއްދާ - ނުފޫޒެއް ނެތި މިނިވަންކަމާއެކު މަސައްކަތްކުރުން (އިތުރު ކުރެވިފައި)
(ހ) ކޮމިށަނުގެ ވާޖިބު އަދާކުރުމުގައި، ކޮމިށަނުގެ މެންބަރުން އެއްވެސް ބިރަކަށް ނުވަތަ އެއްވެސް ނުފޫޒަކަށް ލެނބިގެން ނުވާނެއެވެ.
(ށ) ކޮމިށަނުގެ އެއްވެސް މައްސަލައެއް ނިންމުމުގައި ނުވަތަ މައްސަލައެއް ހިންގުމުގައި ނުވަތަ މަށްވަރާއެއް ކުރުމުގައި ނުވަތަ ސިޔާސަތެއް ކަނޑައެޅުމުގައި ސީދާގޮތުންވެސް ނުވަތަ ނުސީދާގޮތުންވެސް އަމިއްލަ މަސްލަހަތެއް ހާސިލުކުރަން މަސައްކަތްކޮށްގެން ނުވާނެއެވެ.
(ނ) ކޮމިށަނުގެ ހުރިހާ ކަމެއްވެސް ކުރަންވާނީ، ކޮމިށަނުގެ މަގްސަދު ހާސިލުވާނެ ގޮތުގެމަތިން، ޢާންމު މަސްލަހަތަށްޓަކައެވެ
(ރ) ކޮމިށަނުގެ މަސައްކަތްތައް ހިންގުމުގައާއި، ކޮމިށަނުގެ އިދާރީ އޮނިގަނޑު ތަރުތީބުވެގެންވާ ގޮތުގައާއި، ކޮމިށަނުގެ މަސައްކަތްތައް ކުރުމުގައާއި، ކޮމިށަނުގެ ޕްރޮގްރާމްތައް ރޭވުމުގައާއި، އިންސާނީ ހައްގެއް ނިގުޅައިގަތުން ހުއްޓުވުމަށް ކުރާ ކަންކަމުގައާއި، ކޮމިށަނުގެ ތަހްގީގުތައް ހިންގުމުގައާއި، ކޮމިށަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި، ކޮމިށަނަށް ފުރިހަމަ ގާނޫނީ އިހްތިޔާރާއި މިނިވަންކަމާއި ބާރު ލިބިގެންވެއެވެ.
4 ވަނަ މާއްދާ – ކޮމިށަން އެކުލެވިގެންވާ ގޮތް
(ހ) ކޮމިށަން އެކުލެވިގެންވާނީ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މެންބަރުން އައްޔަންކުރަންވާނީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކާއި، އިޖްތިމާއީ އަދި ފަންނީ ދާއިރާތައް ހިމެނޭ ގޮތަށް އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތައް ހިމަނައިގެންނެވެ. މިގޮތުން ދީނީ، ގާނޫނީ، އިޖްތިމާއީ، އިގްތިސާދީ، އަދި ސިއްހީ ދާއިރާ ފަދަ ދާއިރާތަކުން މީހުން ހިމެނިދާނެއެވެ.
5 ވަނަ މާއްދާ - މެންބަރުން އައްޔަންކުރުން (އިސްލާހު ކުރެވިފައި)
(ހ) ކޮމިށަނަށް މެންބަރުން އައްޔަންކުރާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
(ށ) ކޮމިށަނުގެ މެންބަރުކަމަށް އައްޔަންކުރަންވާނީ، ކޮމިށަނުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރެވޭ ފަދަ ލަޔާގަތާއި ގާބިލިއްޔަތު ހުރި މީހުންގެ ތެރެއިން މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ސިފަތައް ފުރިހަމަވާ މީހުންނެވެ.
(ނ) ކޮމިށަނަށް އެފަހަރަކު އައްޔަންކުރަންޖެހޭ މެންބަރުންގެ އަދަދަށްވުރެ މަދު ނޫން އަދަދެއްގެ މީހުންގެ ނަން، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކަކީ އާންމުކޮށް އިއުލާންކޮށްގެން އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން ހޮވާލެވޭ ނަމެއް ނުވަތަ ނަންތަކެއް ކަމުގައި ވާންވާނެއެވެ. އަދި އެގޮތުން ހުށަހެޅޭ ނަންތަކުގެ ތެރޭގައި ވީހާވެސް ބޮޑަށް ގައުމުގެ އެކި ދާއިރާތައް ތަމްސީލުވާނެ ގޮތެއް ވުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއަޅަންވާނެއެވެ.
(ބ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުން ފާސްކުރާ ބަޔަކު، ކޮމިށަނުގެ މެންބަރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.
6 ވަނަ މާއްދާ - މެންބަރުންގައި ހުރުން ލާޒިމްވާ ސިފަތައް
ކޮމިށަނުގެ މެންބަރުންގެ ކިބައިގައި ތިރީގައިވާ ސިފަތައް ހުންނަން ވާނެއެވެ.
(ހ) މުސްލިމަކު ކަމުގައިވުން؛
(ށ) ދިވެހި ރައްޔިތަކު ކަމުގައިވުން؛
(ނ) އުމުރުން 25 އަހަރު ވެފައިވުން؛
(ރ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
(ބ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛
(ޅ) ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކުކަމުގައި ނުވުން؛
(ކ) ރިށްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
(އ) ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން.
7 ވަނަ މާއްދާ - މެންބަރުންގެ މުއްދަތު
(ހ) ކޮމިށަނަށް އައްޔަން ކުރެވޭ މެންބަރަކު، އެމަގާމުގައި ދެމިހުންނާނީ އެ މެންބަރަކު އައްޔަންކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.
(ށ) މިގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ މެންބަރަކު ފިޔަވައި، އެހެން ކޮންމެ މެންބަރަކީ، އަލުން އިތުރު އެއްފަހަރު 5 އަހަރު ދުވަހުގެ މުއްދަތަށް ކޮމިށަނަށް އައްޔަން ކުރެވިދާނެ މެންބަރެކެވެ.
8 ވަނަ މާއްދާ - ކޮމިށަނުގެ ރައީސާއި ނާއިބުރައީސް އައްޔަންކުރުން (އިސްލާހު ކުރެވިފައި)
(ހ) ކޮމިށަނުގެ މެންބަރުންގެ ތެރެއިން ކޮމިށަނުގެ ރައީސަކާއި ނާއިބު ރައީސެއް އައްޔަންކުރަންވާނެއެވެ.
(ށ) ކޮމިށަނުގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
(ނ) ކޮމިށަނުގެ ރައީސަކު ނުވަތަ ނާއިބު ރައީސަކު އައްޔަންކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިށަނަށް އައްޔަންކުރެވޭ މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުން ފާސްކުރާ މީހަކު، ކޮމިށަނުގެ ރައީސްކަމުގެ މަގާމަށް ނުވަތަ ނާއިބު ރައީސްކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.
9 ވަނަ މާއްދާ - ކޮމިށަނުގެ ރައީސްގެ މަސްއޫލިއްޔަތުތައް (އިސްލާހު ކުރެވިފައި)
ކޮމިށަނުގެ ރައީސްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން، ނަތީޖާ ނެރެދެވޭ ގޮތުގައި ހަރުދަނާ އުސޫލުން، ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ލަފައާއި އިރުށާދުދިނުން؛
(ށ) ކޮމިށަނުގެ ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައެޅުމާއި، ބައްދަލުވުން ބާއްވާނެ ތާރީހާއި ވަގުތު ކަނޑައެޅުން ފަދަ ކޮމިށަން ހިންގުމާގުޅޭ ނިންމުންތައް ނިންމުން؛
(ނ) ކޮމިށަނާއި ކޮމިށަނުގެ މެންބަރުންނާއި ކޮމިށަނުގެ މުވައްޒަފުން ސުލޫކީ ހަމަތަކަށް ތަބާވުމުގައި ނަމޫނާ ދައްކައި، ޒަޢާމަތު ގާއިމުކުރުން؛
(ރ) ކޮމިށަނުގެ މަށްވަރާގެ މަތިން ކޮމިށަނުގެ އިދާރީ އެކިއެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލު ކަނޑައަޅައި، އެ އުސޫލާ އެއްގޮތަށް އިދާރީ ކަންކަން ހިންގަމުންދާކަން ކަށަވަރުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
(ބ) ކޮމިށަނުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން؛ އަދި
(ޅ) ކޮމިށަނުން ނިންމާ ނިންމުންތައް ތަންފީޒުކުރުން.
10 ވަނަ މާއްދާ - ކޮމިށަނުގެ ނާއިބުރައީސްގެ މަސްއޫލިއްޔަތުތައް
ކޮމިށަނުގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެމަގާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކޮމިށަނުގެ ނާއިބުރައީސެވެ. މީގެ އިތުރުން، ކޮމިށަނުގެ ރައީސް ކޮމިށަނުގެ ނާއިބުރައީސާ ހަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ.
11 ވަނަ މާއްދާ - މަގާމު ހުސްވުން
(ހ) ކޮމިށަނުގެ މެންބަރެއްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ އަންނަނިވި ހާލަތުތަކުގައެވެ.
- މެންބަރުކަމުގެ މުއްދަތު ހަމަވުމުން.
- އިސްތިއުފާ ދިނުމުން.
- މިގާނޫނުގެ 15 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮމިށަނުގެ މެންބަރުކަމުން ވަކިކުރުމުން.
- ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތިލުމުން.
- މަރުވުމުން.
- ކޮމިށަންގެ މެންބަރުންގެ ކިބައިގައި ހުރުން މި ގާނޫނު ލާޒިމްކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުމުން.
(ށ) ކޮމިށަނުގެ ރައީސްގެ މަގާމު ނުވަތަ ނާއިބުރައީސްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ، ކޮމިށަނުގެ މެންބަރުކަމުގެ މަގާމު ހުސްވެއްޖެ ކަމަށް ބެލެވޭ ހާލަތެއް ކުރިމަތިވުމުންނެވެ.
12 ވަނަ މާއްދާ - ހުސްވާ މަގާމަށް މީހުން އައްޔަންކުރުން
(ހ) މިގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (1) ގައި ބުނެފައިވާ ހާލަތު މެދުވެރިވެގެން، ކޮމިށަންގެ ރައީސްކަމުގެ މަގާމު ނުވަތަ ކޮމިށަންގެ ނާއިބުރައީސްކަމުގެ މަގާމު ނުވަތަ ކޮމިށަންގެ މެންބަރުކަމުގެ މަގާމެއް ހުސްވުމުގެ 15 (ފަނަރަ) ދުވަސްކުރިން، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާއި، 8 ވަނަ މާއްދާގެ (ށ)، (ނ) ގައި ބުނެފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ހޯދަންޖެހޭ މަށްވަރާ ހޯދައި ނިންމަންޖެހޭނެއެވެ.
(ށ) މިގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ 2، 3، 4، 5 އަދި 6 ގައި ބުނެފައިވާ ހާލަތުތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން ކޮމިށަނުގެ ރައީސްކަމުގެ މަގާމު، ނުވަތަ ކޮމިށަނުގެ ނާއިބުރައީސްކަމުގެ މަގާމު ނުވަތަ ކޮމިށަނުގެ މެންބަރުކަމުގެ މަގާމެއް ހުސްވެއްޖެނަމަ، އެމަގާމެއް ހުސްވާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެމަގާމަށް މީހަކު އަލުން އައްޔަން ކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މުއްދަތު ހަމަވެގެން ކޮމިށަނަށް މެންބަރުން ހޮވުމާއި ކޮމިށަންގެ ރައީސާއި ނާއިބުރައީސްގެ މަގާމަށް މީހުން ހޮވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް، އެމުއްދަތު ހަމަވުމުގެ 60 (ފަސްދޮޅަސް) ދުވަހުގެކުރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
13 ވަނަ މާއްދާ - ކޮމިށަނުގެ މެންބަރުން އެމީހުންގެ ވާޖިބު އަދާކުރުން (އިސްލާހު ކުރެވިފައި)
ކޮމިށަނުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް މިނިވަންކަމާއި، ޢަދުލުވެރިކަމާއެކު، އަދި ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި އަދާކުރުން؛
(ށ) ކޮމިށަނުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން އެ މެންބަރަކާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމާއި، ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ކޮމިށަނުގެ ރައީސަށް ލަފާދިނުމާއި އެހީތެރިވެދިނުން؛
(ނ) ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ މިނިވަންކަމާއި، ނަޒާހަތްތެރިކަމުގެ ހަމަތައް ހިފެހެއްޓުން؛
(ރ) ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގައި ހުރިހާ ވަގުތެއްގައިވެސް ތެދުނިޔަތުގައި މަސައްކަތްކުރުމާއި، ކޮމިށަނުގެ މަގްސަދުތައް ހާސިލުކުރުމަށާއި މަސްލަހަތުތައް ހިމާޔަތްކުރުމަށް އިސްކަންދިނުން.
13-1 ވަނަ މާއްދާ - ކޮމިށަނުގެ ޖަމާޢީ ސުލޫކު (އިތުރު ކުރެވިފައި)
(ހ) ކޮމިށަނުގެ މެންބަރުން އެމީހުންގެ މަގާމުގެ ވާޖިބު އަދާކުރުމުގައި ކޮމިށަނުގެ ގަދަރާއި ދަރަޖައާއި އަބުރުވެރިކަމަށް އުނިކަން އަންނަ ގޮތަށް ޢަމަލުކޮށްގެން ނުވާނެއެވެ.
(ށ) ކޮމިށަނުގެ ސިޔާސަތުތަކާއި ކޮމިށަނުގެ ނިންމުންތަކާއި ކޮމިށަނުން ޢަމަލުކުރާގޮތާ ގުޅޭގޮތުން ޖަވާބުދާރީވުމާއި ޒިންމާ އުފުލުމުގެ ވާޖިބު ކޮމިށަނުގެ މެންބަރުން އަދާކުރަންވާނީ ހާމަކަންބޮޑު ގޮތެއްގެމަތިންނެވެ.
13-2 ވަނަ މާއްދާ - މެންބަރުންގެ ޒާތީ ސުލޫކު (އިތުރު ކުރެވިފައި)
ކޮމިށަނުގެ ކޮންމެ މެންބަރަކުމެ، ފަރުދެއްގެ ހައިސިއްޔަތުންނާއި ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން، ހުރިހާ ހާލަތެއްގައިވެސް، އަންނަނިވި ހަމަތައް ހިފަހައްޓަންވާނެއެވެ.
(ހ) ކޮމިށަނުގެ ގަދަރަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ވަގުތެއްގައި ނުކުރުން.
(ށ) ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ބުރޫއަރާފާނެ ފަދަ އެއްވެސް ކަމެއް ނުކުރުން.
(ނ) ގާނޫނާ ހިލާފު ޢަމަލެއް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް މަގާމުގެ ބޭނުންކޮށްގެން ނުކުރުން.
(ރ) ކަނޑައެޅިގެން ވަކި މީހަކަށް ގެއްލުން ދިނުމުގެ ނިޔަތުގައި ނުވަތަ އޭނާގެ އަބުރު ނަގާލުމުގެ ނިޔަތުގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް މަގާމުގެ ބޭނުންކޮށްގެން ކަމެއް ނުކުރުން.
(ބ) ޢާންމު އުސޫލަކުން ކޮންމެ މީހަކަށްވެސް ލިބެންއޮތް ހަދިޔާއެއް ނުވަތަ އެހީއެއް ނުވަތަ މަންފާއެއް ނުވަތަ މެހެމާންދާރީއެއް ފިޔަވައި އެނޫން ހަދިޔާއެއް، ނުވަތަ އެހީއެއް، ނުވަތަ މަންފާއެއް ނުވަތަ މެހެމާންދާރީއެއް އެއްވެސް ފަރާތަކުން ނުހޯދުން.
(ޅ) ކޮމިށަނުގެ ބައްދަލުވުންތަކަށް ފަރުވާތެރިކަމާއެކު ހާޒިރުވެ، އެ ބައްދަލުވުންތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
13-3 ވަނަ މާއްދާ - މާލީ ހިސާބު ހުށަހެޅުން (އިތުރު ކުރެވިފައި)
(ހ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ނުވަތަ އެފަދަ ގާނޫނެއްގެ ދަށުން އެހެންގޮތަކަށް ޢަމަލުކުރަމުން އައިކަމުގައިވީނަމަވެސް، ކޮމިށަނުގެ މެންބަރުން މާލީ ހިސާބު ހުށަހެޅުމުގައި މި ގާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ޢަމަލުކުރާނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) ކޮމިށަނުގެ މެންބަރުކަމަށް ޢައްޔަންކުރެވޭ މީހާ، އޭނާގެ މަގާމާ ހަވާލުވިއިރު، އޭނާއަށް ލިބިފައިވާ އާމްދަނީއާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، އެ މަގާމާ އޭނާ ހަވާލުވާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މާލީ ހިސާބު ހުށަހެޅުމުގެ އިތުރަށް، ކޮމިށަނުގެ މެންބަރުކަމާ ހަވާލުވާ ތާރީހުން ފެށިގެން ކޮންމެ އަހަރެއްގެ މާލީ ހިސާބު އެ އަހަރެއް ނިމޭތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަމުން ގެންދަންވާނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި އަހަރު ކަމަށް މާނަކޮށްފައި އެވަނީ، އެމީހަކު ކޮމިށަނުގެ މެންބަރުކަމާ ހަވާލުވާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ހަމަވާ ތާރީހަށެވެ.
(ރ) ކޮމިށަނުގެ މެންބަރަކު މަގާމުން ވަކިވުމަށްފަހު ނުވަތަ އިސްތިޢުފާ ދިނުމަށްފަހު ހިނގާ ފުރަތަމަ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އޭނާ މަގާމުން ވަކިވިއިރު އޭނާއަށް ލިބިފައިވާ އާމްދަނީއާއި އާމްދަނީ ލިބޭ ގޮތްތަކާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.
(ބ) މި މާއްދާގެ (ށ)، (ނ)، އަދި (ރ) ގެ ދަށުން ކޮމިށަނުގެ މެންބަރެއްގެ މާލީ ހިސާބު ހުށަހަޅާއިރު، އޭނާ އިނދެގެންއުޅޭ މީހާއާއި، 18 އަހަރު ނުފުރޭ ދަރިންގެ މާލީ ހިސާބުވެސް ހުށަހަޅަންވާނެއެވެ.
(ޅ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގެ ދަށުން ހުށަހެޅުން ލާޒިމުކުރާ މާލީ ހިސާބުތައް ތައްޔާރުކުރާނީ، އޮޑިޓަރ ޖެނެރަލް ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ނަމޫނާއާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ކ) މި މާއްދާގެ ދަށުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅާ ބަޔާނުގައި މައްސަލައެއްވާކަމަށް އޮޑިޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި އެ މައްސަލައެއް އޮޑިޓަރ ޖެނެރަލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
13-4 ވަނަ މާއްދާ - އިތުރު ވަޒީފާ އަދާނުކުރުމާއި މަސްލަހަތު ފުށުއަރާ ވިޔަފާރި ނުކުރުން (އިތުރު ކުރެވިފައި)
(ހ) ކޮމިށަނުގެ މެންބަރަކު، އާމްދަނީއެއް ލިބޭ އިތުރު ވަޒީފާއެއް އަދާކޮށް، ނުވަތަ މަގާމެއް ފުރައިގެން ނުވާނެއެވެ. ނުވަތަ އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެއެވެ.
(ށ) ކޮމިށަނުގެ މެންބަރަކު، އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކޮށްގެންނުވާނެއެވެ. އަދި ވިޔަފާރީގެ އުސޫލުން އެއްވެސް ކަމެއް ކޮށްގެންނުވާނެއެވެ. އަދި ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފައިގެންނުވާނެއެވެ. އަދި ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުޢާމަލާތެއްގައި ސީދާގޮތުންވިޔަސް ނުވަތަ ނުސީދާގޮތުންވިޔަސް ކޮމިށަނުގެ މެންބަރަކު އެ މެންބަރެއްގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެންނުވާނެއެވެ.
(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ސިގްނިފިކަންޓް ށެއަރހޯލްޑަރެއް ކަމުގައިނުވާ ގޮތުން، އެފަދަ ކުންފުންޏެއްގެ ހިއްސާ މިލްކުކުރުމަކީ، މި މާއްދާގެ ބޭނުމަށްޓަކައި ވިޔަފާރިކުރުން ކަމުގައެއް ނުބެލެވޭނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި "ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ސިގްނިފިކަންޓް ށެއަރހޯލްޑަރެއް" ކަމަށް ބަޔާންކޮށްފައިއެވަނީ، ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ހިއްސާގެ ރައުސުލްމާލުގެ %5 (ފަހެއް އިންސައްތަ) އަށްވުރެ ގިނަ ޢަދަދެއްގެ ހިއްސާގެ މައްޗަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބާރު ފޯރުވޭ މަގާމެއްގައި ހުރި ހިއްސާދާރަކަށެވެ.
(ރ) ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން މެނުވީ، ދައުލަތުގެ އެހެން އެއްވެސް ކޮމިށަނެއްގައި، ނުވަތަ ކައުންސިލެއްގައި، ނުވަތަ މަޖިލީހެއްގައި، ނުވަތަ ކޮމިޓީއެއްގައި، ނުވަތަ ބޯޑެއްގައި، ނުވަތަ އެނޫންވެސް ތަނެއްގައި، އުޖޫރައަކަށްވިޔަސް ނުވަތަ އުޖޫރައަކާ ނުލައި ނަމަވެސް، ބައިވެރިވެގެންނުވާނެއެވެ.
(ބ) ކޮމިށަނުގެ މެންބަރަކު، ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުން އެއްވެސް ފަރާތަކަށް މަސައްކަތްކޮށްދީގެންނުވާނެއެވެ.
(ޅ) ކޮމިށަނުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާ ފުށުއަރާފާނެ ބާވަތުގެ މަދަނީ ޖަމާޢަތެއްގެ މެންބަރަކަށް ކޮމިށަނުގެ މެންބަރަކު ވެގެންނުވާނެއެވެ.
(ކ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، ކޮމިށަނުގެ މެންބަރެއްގެ ނަމުގައި އޮތް ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއް، ބާޒާރުގައި އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއްގެ އަގު ޢާންމުކޮށް ހުރި އަގަށްވުރެ ބޮޑުނޫން އަގަކަށް ވިއްކާލުމާއި، އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއް ބާޒާރުގައި ޢާންމުކޮށް ކުއްޔަށްދީއުޅޭ އަގަށްވުރެ ބޮޑުނޫން އަގެއްގައި ކުއްޔަށްދީގެން އާމްދަނީ ހޯދުން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވިޔަފާރިއާއި މަސައްކަތުގެ ތެރޭގައި ހިމެނިގެނެއް ނުވެއެވެ.
(އ) ކޮމިށަނުގެ މެންބަރުކަމުން ވަކިވުމަށްފަހު، ފުރަތަމަ ހިނގާ 12 (ބާރަ) މަސްދުވަހުގެ މުއްދަތު ފާއިތުވަންދެން، ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން އޭނާ އަދާކުރި މަސްލަހަތާ ފުށުއަރާ ވަޒީފާއެއް ނުވަތަ މަސައްކަތެއް، ކޮމިށަނުގެ މެންބަރަކު ކޮށްގެންނުވާނެއެވެ.
13-5 ވަނަ މާއްދާ - ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތައް (އިތުރު ކުރެވިފައި)
(ހ) ކޮމިށަނުގެ މެންބަރުން، އެމީހުންގެ މަގާމުގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމުގައި އަންނަނިވި ހަމަތައް ހިފަހައްޓަންވާނެއެވެ.
- ދިވެހިރާއްޖޭގެ އެންމެހައި ގާނޫނުތަކަށް ތަބާވެ، އެ ގާނޫނުތަކަށް އިހްތިރާމްކުރުމާއި، އެ ގާނޫނުތަކުގެ ދަށުން ހުއްދަ އަމުރެއް ކުރާ ފަރާތެއްގެ އަމުރަށް ރަސްމީ ވާޖިބު އަދާކުރުމުގައި ތަބާވަމުންދިއުން.
- ޒާތީ އެއްވެސް ތަޢައްސުބަކާ ނުލައި، އަދި ހަމައެކަނި ކުރިމަތީގައިވާ ހެކީގެ މައްޗަށް ނިންމުންތައް ނިންމުމާއި، އެކަން ކުރުމުގައި ތިމާގެ މަސައްކަތަށާއި ތިމާގެ ވާޖިބަށް އިހްލާސްތެރިވުމާއި، އިންސާފުވެރިވުމާއި، ފަރުވާތެރިވުން.
- ރަސްމީ މަސައްކަތުގެ ދާއިރާގެ ތެރޭގައި އެހެން މީހުންނާ މުޢާމަލާތް ކުރުމުގައާއި، ކުށުގެ ތުހުމަތުކުރެވޭ ފަރާތްތަކާ މުޢާމަލާތް ކުރުމުގައި، އިހްތިރާމާއެކު މުޢާމަލާތްކުރުން.
- ތިމާއަށް ލިބިދޭ ބާރާއި އިހްތިޔާރު ނުރަނގަޅު ނިޔަތެއްގައި ވަކިފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ ގެއްލުމެއް ދިނުމުގެ ބޭނުމުގައި ބޭނުންނުކުރުމާއި، ގާނޫނުގެ ދާއިރާގެ ތެރޭގައި ލިބިދޭ އިހްތިޔާރު ސައްހަގޮތުގައި ބޭނުންކުރުމާއި، އެ އިހްތިޔާރު ބޭނުންކުރުމުގައި އެހެން މީހުންގެ ހައްގުތަކަށާއި ވާޖިބުތަކަށާއި ގާނޫނުގައި ސައްހަ މަސްލަހަތުތަކަށް އިހްތިރާމްކުރުން.
- މި ގާނޫނުގެ 2-13 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި، އެއްވެސް ފަރާތެއްގެ އެހީއާއި ޢިނާޔަތާއި މެހެމާންދާރީއާއި ހަދިޔާ ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި ނަމަވެސް ނުހޯދުން.
- ގާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބަށް ހުރަސްއެޅިދާނެ ނުވަތަ އެ ވާޖިބު އަދާކުރުމަށް ފަހުން ދަތިވެދާނެ ނުވަތަ މަސްލަހަތު ފުށުއަރާފަދަ އެއްވެސްކަމެއް ނުކުރުން.
- ތިމާއަށް ވަކި މީހަކު ނުވަތަ ވަކި ފަރާތަކުން ކޮށްދީފައިވާ ކަމެއްގެ މުގާބިލުގައި، އެހެން ކަމެއް ތިމާ ކޮށްދޭންޖެހުން ލާޒިމުވާ ހާލަތަށް ތިމާ ނުދިއުން.
- މެންބަރުކަމުގައި ދެމިހުންނައިރު އަދި މެންބަރުކަމުން ވަކިވުމަށްފަހުގައިވެސް، ތިމާގެ މަގާމު އަދާކުރުމުގައި ތިމާއަށް ލިބިފައިވާ މަޢުލޫމާތުތަކާއި، މައްސަލަތަކާ ގުޅިގެންހުރި ސިއްރު ހިފަހައްޓަންޖެހޭ މަޢުލޫމާތުތައް ސިއްރުގެ ގޮތުގައި ހިފެހެއްޓުން.
- ގާނޫނުގައިވާ ގޮތުގެމަތިން، ސައްހަގޮތުގައި އެހެން ފަރާތަކަށް ހާމަކުރަންޖެހޭ މަޢުލޫމާތު ހާމަކުރުމާއި، އެ މަޢުލޫމާތު އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި، ރަސްމީ ވާޖިބު އަދާކުރުމުގައި ސައްހަ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ނުރަނގަޅު ނުވަތަ ދޮގު މަޢުލޫމާތާއި ހަގީގަތް އޮޅޭގޮތަށް މަޢުލޫމާތު ހާމަ ނުކުރުން.
- ކޮމިށަނުގެ މަސައްކަތަށް މީހުން އިހްތިޔާރުކުރުމުގައާއި މީހުން ޢައްޔަންކުރުމުގައި އެންމެ އަސާސީ ރުކުނަކީ މަސައްކަތަށް އެކަށޭނަ ގާބިލުކަމާއި ތަޢުލީމީ ފެންވަރު ހުރުން ކަމުގައި ބެލުމާއި، ވަޒީފާ ދިނުމާއި ވަޒީފާގެ ކުރިއެރުން ދިނުމާއި މުވައްޒަފުންނާގުޅޭ އެހެނިހެން ކަންކަމުގައި ބަލަންޖެހޭ މައިގަނޑު މިންގަނޑަކީ ތަޢުލީމީގޮތުންނާއި އަހްލާގީގޮތުންނާއި މަސައްކަތުގެގޮތުން އެކަށޭނަ ބަޔަކަށްވުން ކަމުގައި ބެލުން.
- ސިޔާސީ ބަހުސްތަކުގައި ބައިވެރިނުވުމާއި، ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ވަޒީފާ ބޭނުންނުކުރުމާއި، ސިޔާސީ ހަރަކާތްތަކަށް ތާއީދުކުރަނީކަން ނުވަތަ ދެކޮޅުހަދަނީކަން ދޭހަވާފަދަ ކަމެއް ނުކުރުމާއި، ސިޔާސީ ނުފޫޒަށް ތިމާ ލެނބޭކަން ދޭހަވާ ފަދަ އެއްވެސްކަމެއް ނުކުރުން. މަދަނީ، ސިޔާސީ، އިޖްތިމާޢީ، އިގްތިސާދީ، ސަގާފީ އަދި މިނޫންވެސް އަސާސީ ހައްގުތަކާ ގުޅޭގޮތުން ކޮމިށަނުން ކުރަންޖެހޭ މަސައްކަތްތަކާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ މި މާއްދާގައި ކުރުން މަނާކޮށްފައިވާ ފަދަ ކަމެއްކުރުން ކަމުގައި ނުބެލެވޭނެއެވެ.
- ކޮމިށަނުގެ މުވައްޒަފުން ކޮރަޕްށަންގެ ޢަމަލުތަކަށް ހުށަހެޅިދާނެ ހާލަތްތައް އަބަދުމެ ވަޒަންކުރަމުން ދިއުމާއި، ކޮރަޕްށަނަށް މަގުފަހިނުވާނެ ގޮތުގެމަތިން އެފަރާތްތަކުގެ ޢަމަލުތައް ހުންނާނެގޮތަށް، އެމީހުންގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތު އަހްލާގާއި ކޮމިށަނުގެ އިދާރީ އުސޫލުތައް ބައްޓަންކުރަމުން ދިއުން.
- ކޮމިށަނުގެ މުވައްޒަފުންނާއި ކޮމިށަނުގެ މެންބަރުން ކޮރަޕްށަންގެ ޢަމަލުތަކުން ދުރުކުރުމަށްޓަކައި ހިންގަންޖެހޭ އުސޫލުތައް ހިންގުމާއި، އެމީހުންނަށް ތަޢުލީމާއި ތަމްރީނުދިނުމާއި، ނުހައްގު މުއްސަނދިކަމުން ސަލާމަތްވެ ތިބޭކަން ކަށަވަރުކުރުމުގެ ގޮތުން އެމީހުންގެ މާލީ ހާލަތަށް ސަމާލުވެތިބުމާއި، ކޮރަޕްށަނުން ރައްކާތެރިވެގެންވާ ނަމޫނާއެއް ކޮމިށަނުގެ މެންބަރުން ދެއްކުން.
- ކޮމިށަނުގެ މެންބަރެއް ނުވަތަ މުވައްޒަފަކު ސުލޫކީ ހަމަތަކާ ހިލާފަށް ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލަން އަންގާނަމަ ނުވަތަ ބާރުއަޅާނަމަ ނުވަތަ މަޖުބޫރުކުރުވާނަމަ، ނުވަތަ މުވައްޒަފުގެ މަސައްކަތް ނަޒާހަތްތެރިކަމާއެކު ކުރިއަށްގެންދިއުމަށް ހުރަސްއެޅޭފަދަ ނުރަނގަޅު ނުފޫޒެއް ފޯރުވާނަމަ، ލަސްނުކޮށް އެންޓި-ކޮރަޕްށަން ކޮމިށަނަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަހެޅުން.
- ކޮމިށަނަށް މައްސަލައެއް ހުށަހަޅާ އެއްވެސް މީހަކާމެދު ނުރަނގަޅު ގޮތަކަށް، އެއްވެސް ކަމެއް ނުކުރުން.
- ކޮމިށަނުގެ މެންބަރުންނާއި މުވައްޒަފުންނަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި، ގާނޫނުތަކާއި، ދިވެހިރާއްޖެއިން ބައިވެރިވާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ މުޢާހަދާތަކުން ލިބިދޭ އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެ ހައްގުތައް ހިމާޔަތްކޮށް، ކުރިއަރުވާ ބަޔަކަށްވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޒިންމާތަކަކީ، ކޮމިށަނުގެ ރައީސާއި ކޮމިށަނުގެ މެންބަރުންނާއި ކޮމިށަނުގެ މުވައްޒަފުންގެވެސް ވަޒީފާގެ މައިގަނޑު އެއް އަސާސް ކަމުގައި ބެލެވޭނެއެވެ. އެއީ، ވަޒީފާގެ އެއްބަސްވުމެއް ނެތްނަމަވެސް، އަދި އޮތް ވަޒީފާގެ އެއްބަސްވުމެއްގައި އެއިން ކަމެއް ހިމެނިފައިނުވި ނަމަވެސްމެއެވެ. އަދި، އެއިން ކަމަކާ ހިލާފުވުމަކީ، އެމީހަކާމެދު ތައުދީބީ ފިޔަވަޅު އެޅުމުގެ ހާލަތެއް އުފަންވުން ކަމުގައި ބެލެވޭނެއެވެ.
13-6 ވަނަ މާއްދާ - ސިޔާސަތުތައް އެކަށައެޅުން (އިތުރު ކުރެވިފައި)
މި ގާނޫނުގެ 5-13 ވަނަ މާއްދާގައި ބަޔާންވެގެންވާ ހަމަތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ސިޔާސަތުތަކާއި އުސޫލުތަކާއި ތަމްރީނުތަކާއި ހަމަތަކާގުޅޭ ތަފްސީލުތައް މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮމިށަނުން އެކުލަވާލައި، ތަންފީޒުކުރަން ފަށަންވާނެއެވެ. އަދި އެ ހަމަތަކަށް ޢަމަލުކުރުމުގައި ކުރުން ހުއްދަވެގެންވަނީ ކޮން ކަމެއްކަން ނުވަތަ މަނާވެގެންވަނީ ކޮން ކަމެއްކަން އެނގޭނެ މިންވަރަށް އެ ހަމަތައް ތަފްސީލުކޮށްދޭންވާނެއެވެ.
13-7 ވަނަ މާއްދާ - ސުލޫކީ ހަމަތަކަށް ތަބާވުން (އިތުރު ކުރެވިފައި)
(ހ) ކޮމިށަނުގެ މެންބަރުން އެމީހުންގެ މަގާމުގެ ވާޖިބު އަދާކުރުމުގައި، މި ގާނޫނުގައި ބަޔާންވެގެންވާ ސުލޫކީ ހަމަތަކުގެ އެންމެމަތީ މިންގަނޑުގައި ހިފަހައްޓައި، އެހެން މީހުންނަށްވެސް އެ ހަމަތަކަށް ތަބާވާކަން އެނގޭ މިންވަރަށް، ހުރިހާ ހާލަތެއްގައިވެސް އެ ހަމަތަކަށް ތަބާވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ސުލޫކީ ހަމަތަކަށް ކޮމިށަނުގެ މެންބަރުން ތަބާވާ ފަދައިން، ކޮމިށަނުގެ މުވައްޒަފުންވެސް އެ ސުލޫކީ ހަމަތަކަށް ތަބާވާކަން، ކޮމިށަނުގެ ރައީސް ކަށަވަރުކުރަންވާނެއެވެ.
(ނ) ކޮމިށަނުގެ މެންބަރުން ވަކިވަކި ފަރުދުންގެ ހައިސިއްޔަތުންނާއި ކޮމިށަނެއްގެ ހައިސިއްޔަތުން ކޮމިށަނުގެ މިނިވަންކަމާއި، އަބުރުވެރިކަމާއި، ހަމަހަމަކަމާއި އަހްލާގީ އަދި ސުލޫކީ މިންގަނޑުތައް ހިފަހައްޓަންވާނެއެވެ.
13-8 ވަނަ މާއްދާ - ސުލޫކީ ހަމަތަކާ މެންބަރުން ހިލާފުވުން (އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގައި ބަޔާންވެގެންވާ ސުލޫކީ ހަމަތަކުގެ ތެރެއިން ހަމައަކާ ކޮމިށަނުގެ މެންބަރަކު ހިލާފުވުމަކީ، މި ގާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމަށް ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއް އުފަންވީ ކަމުގައި ބެލެވޭނެއެވެ.
(ށ) ކޮމިށަނުގެ މެންބަރަކު ސުލޫކީ ހަމަތަކާ ހިލާފަށް ކުރި ކަމަކީ، އޭގައި ޖިނާއީ ކުށެއްގެ ޢަމަލު ހިމެނިގެންވާ ކަމެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅު އެޅުމަކީ، ޖިނާއީ ދަޢުވާއެއް އޭނާގެ މައްޗަށް ކުރުމަށް އޮތް ހުރަހެއް ނޫނެވެ.
13-9 ވަނަ މާޢްދާ - ސުލޫކީ ހަމަތަކާ މުވައްޒަފުން ހިލާފުވުން (އިތުރު ކުރެވިފައި)
(ހ) ކޮމިށަނުގެ މުވައްޒަފަކު މި ގާނޫނުގެ 5-13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ސުލޫކީ ހަމަތަކުގެ ތެރެއިން ހަމައަކާ ހިލާފުވެއްޖެކަމަށްވާނަމަ، އެ ހިލާފުވި މިންވަރެއްގެ ކުޑަބޮޑު މިނަށް ބަލައި، އެ މުވައްޒަފަކާމެދު ކޮމިށަނުގެ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި ކޮމިށަނުގެ މުވައްޒަފުން ސުލޫކާ ހިލާފުވެގެން އެ މުވައްޒަފުންނާމެދު އެޅޭނެ ފިޔަވަޅުތައް، މި ގާނޫނުގެ ދަށުން ހަދާ ކޮމިށަނުގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) ކޮމިށަނުގެ މުވައްޒަފަކު ސުލޫކީ ހަމަތަކާ ހިލާފަށް ކުރިކަމަކީ، އޭގައި ޖިނާއީ ކުށެއްގެ ޢަމަލު ހިމެނިގެންވާ ކަމެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނުގެ މުވައްޒަފުންގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އެޅުމަކީ، އޭނާގެ މައްޗަށް ޖިނާއީ ދަޢުވާއެއް ކުރުމަށް އޮތް ހުރަހެއް ނޫނެވެ.
14 ވަނަ މާއްދާ - ކޮމިށަންގެ މެންބަރުން މަގާމާ ހަވާލުވުން (އިސްލާހު ކުރެވިފައި)
ކޮމިށަނުގެ މެންބަރަކަށް އެމީހެއްގެ މަގާމާ ހަވާލުވެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި އަންނަނިވި ހުވައިކޮށް، އެ ހުވައިގެ އިގްރާރުގައި ސޮއިކުރުމުންނެވެ.
"އަހުރެން ...... (މީހާގެ ނަން) ...... އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ރައްކާތެރި ވުމަށާއި، ދިވެހި ގައުމަށް އިހްލާސްތެރިވުމަށާއި، ހިއުމަން ރައިޓްސް ކޮމިށަނުގެ މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެމަތީން، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ."
15 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން (އިސްލާހު ކުރެވިފައި)
ކޮމިށަނުގެ މެންބަރަކު މަގާމުން ވަކިކުރެވޭނީ، އެ މެންބަރަކު، މެންބަރުކަމުގެ މަގާމާ އެކަށީގެން ނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަގާމު އަދާކުރުމަށް އުޒުރުވެރިވާފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ މަގާމު އަދާކުރުމުގެ ގާބިލުކަން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން، އެ މެންބަރަކު ކޮމިށަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުން ފާސްކުރުމުންނެވެ. ރައްޔިތުންގެ މަޖިލީހުން އެފަދައިން ފާސްކުރުމުން، އެ ހިނދުން ފެށިގެން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.
16 ވަނަ މާއްދާ - އިސްތިއުފާ ދިނުން (އިސްލާހު ކުރެވިފައި)
(ހ) ކޮމިށަނުގެ މެންބަރަކު މެންބަރުކަމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާނީއެވެ. އަދި އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.
(ށ) ކޮމިށަނުގެ ރައީސް ނުވަތަ ނާއިބު ރައީސް އެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން ކޮމިށަނުގެ ރައީސްކަމުގެ މަގާމުން ނުވަތަ ނާއިބު ރައީސްކަމުގެ މަގާމުން އެމީހަކު ވަކިވީއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ކޮމިށަނުގެ ރައީސް ނުވަތަ ނާއިބު ރައީސް އޭނާގެ މަގާމުން އިސްތިއުފާދިން ކަމުގައިވިޔަސް، ކޮމިށަނުގެ މެންބަރުކަމުން އޭނާ އިސްތިއުފާ ދިނީ ކަމުގައެއް ނުބެލެވޭނެއެވެ.
17 ވަނަ މާއްދާ - އުޖޫރަ
(ހ) ކޮމިށަނުގެ ރައީސާއި ނާއިބުރައީސާއި މެންބަރުންނަށް ދެވޭ އުޖޫރައާއި އެހެނިހެން މާލީ އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
(ށ) ކޮމިށަނުގެ ރައީސަށާއި ނާއިބުރައީސަށް ދެވޭ އުޖޫރައާއި މާލީ އިނާޔަތްތައް، އެމީހުންގެ މަގާމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ. އަދި ކޮމިށަނުގެ މެންބަރުންނަށް ދެވޭ އުޖޫރައާއި މާލީ އިނާޔަތްތައްވެސް، އެމީހުންގެ މެންބަރުކަމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ.
(ނ) ކޮމިށަނުގެ މުވައްޒަފުންނަށް ދެވޭ އުޖޫރައާއި އެހެނިހެން މާލީ އިނާޔަތްތައް ކަނޑައަޅާނީ ކޮމިށަނުންނެވެ.
18 ވަނަ މާއްދާ - ކޮމިށަންގެ ޖަލްސާތައް (އިސްލާހު ކުރެވިފައި)
(ހ) ކޮމިށަނުގެ ޖަލްސާއެއް ބޭއްވޭނީ، ކޮމިށަނުގެ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.
(ށ) ކޮމިށަނުގެ ޖަލްސާއެއް މަދުވެގެން ކޮންމެ މަހަކު އެއްފަހަރު ބާއްވަންވާނެއެވެ.
19 ވަނަ މާއްދާ - ކޮމިށަނުގެ ނިންމުންތައް (އިސްލާހު ކުރެވިފައި)
ކޮމިށަނުން އެއްވެސް ކަމެއް ނިންމޭނީ ކޮމިށަނުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތު އެކަމަކަށް ލިބިގެންނެވެ.
19-1 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ރެކޯޑު ބެލެހެއްޓުން (އިތުރު ކުރެވިފައި)
(ހ) ކޮމިށަނުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަކުރުން އަކުރަށް ލިޔެ ބަލަހައްޓަންވާނެއެވެ. އަދި އެ ބައްދަލުވުންތަކުގެ އޯޑިއޯ ރެކޯޑިންގ ބަލަހައްޓަންވާނެއެވެ.
(ށ) ޔައުމިއްޔާ ލިޔެ ތައްޔާރުކުރަންވާނީ، މެންބަރުން ދައްކާ ވާހަކައަށް އުނިއިތުރެއް ނުގެނެސް، ކޮމިށަނުގެ މެންބަރަކު ދައްކާ ވާހަކައެއް، އެ ދެއްކި ގޮތަކަށް ޔައުމިއްޔާއިން ފެންނާނެ، އަދި ޖަލްސާގައި ކަންހިނގައިދިޔަގޮތް ސާފުކޮށް އެނގޭނެ ގޮތުގެމަތިންނެވެ.
(ނ) ކޮމިށަނުން އެއްވެސް ތަހްގީގެއް ހިންގައިފިނަމަ ނުވަތަ އެއްވެސް ހެކިބަހެއް ހޯދައިފިނަމަ، އަކުރުން އަކުރަށް ޔައުމިއްޔާކުރަންވާނެއެވެ. އަދި އެ ތަހްގީގުގެ އޯޑިއޯ ރެކޯޑިންގ ބަލަހައްޓަންވާނެއެވެ.
(ރ) ކޮމިށަނުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާގައި، ކޮމިށަނުގެ މެންބަރުންގެ ހާޒިރީއާއި ވޯޓު ދިންގޮތުގެ ތަފްސީލު ހިމަނަންވާނެއެވެ.
(ބ) ކޮމިށަނުގެ ބައްދަލުވުންތަކުގެ ހާޒިރީ ކޮންމެ މަހަކު 1 (އެކެއް) ފަހަރު ކޮމިށަނުގެ ވެބްސައިޓުގައި ށާއިޢުކުރަންވާނެއެވެ
(ޅ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އޮތްނަމަވެސް، މި މާއްދާގެ (ހ) އަދި (ނ) ގައި ވާ ލިޔެކިޔުންތަކާއި ރެކޯޑިންގތައް މަދުވެގެން 10 (ދިހައެއް) އަހަރުދުވަސް ވަންދެން ކޮމިށަނުން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.
20 ވަނަ މާއްދާ - ކޮމިށަނުގެ މަސްއޫލިއްޔަތުތައް
ކޮމިށަނުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާން ކޮށްފައި އެވަނީއެވެ.
(ހ) މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފިކަމަށް، ނުވަތަ އިންސާނީ ހައްގެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެއްޖެކަމަށްބުނެ، އެމީހަކު އަމިއްލައަށް ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު ނުވަތަ ބަޔަކު ނުވަތަ ޖަމާޢަތަކުން މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ތަހްގީގުކޮށް ބެލުމާއި، ބުނެވިދިޔަ ފަދަ ކަމެއް ހުއްޓުވުމަށް ނުވަތަ ހިނގިޔަ ނުދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާކަމަށްބުނެ، މީހަކު އަމިއްލައަށް ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު ނުވަތަ ބަޔަކު ނުވަތަ ޖަމާޢަތަކުން މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ތަހްގީގުކޮށް ބެލުމާއި، އިންސާނީ ހައްގެއް ނިގުޅައިގެންފައިވާކަމަށް ކޮމިށަނަށް ސާބިތުވެއްޖެ ހިނދެއްގައި މަދަނީ ފިޔަވަޅުއެޅުމާއި، އަނިޔާ ލިބުނު ފަރާތަށް މަދަނީ ބަދަލު ނަގައިދިނުމާއި، މި ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން (އިސްލާހު ކުރެވިފައި)
(ށ) މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފިކަމަށް، ނުވަތަ އިންސާނީ ހައްގެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެއްޖެކަމަށް ކޮމިށަނަށް ފެންނަ މީހުން ނުވަތަ ފަރާތްތަކުގެ މައްސަލަތަކާއި، އެފަދަ ކަމެއް ހިނގާކަމަށް، ނުވަތަ ހިނގާފައިވާކަމަށް ކޮމިށަނަށް ގަބޫލުކުރެވޭ މައްސަލަތައް ތަހްގީގުކޮށް ބެލުމާއި، ބުނެވިދިޔަ ފަދަ ކަމެއް ހުއްޓުވުމަށް ނުވަތަ ހިނގިޔަ ނުދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، އެ މައްސަލައެއް ތަހްގީގުކޮށް ބެލުމާއި، އިންސާނީ ހައްގެއް ނިގުޅައިގެންފައިވާކަމަށް ކޮމިށަނަށް ސާބިތުވެއްޖެ ހިނދެއްގައި މަދަނީ ފިޔަވަޅުއެޅުމާއި، އަނިޔާ ލިބުނު ފަރާތަށް މަދަނީ ބަދަލު ނަގައިދިނުމާއި، މި ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛ (އިސްލާހު ކުރެވިފައި)
(ނ) ރާއްޖޭގައި އަމަލު ކުރެވޭ އެއްވެސް އިދާރީ އުސޫލަކީ، އެއްވެސް މީހަކަށް ލިބިދޭ އިންސާނީ ހައްގަކާ ހިލާފު އުސޫލެއްކަމަށް ބުނެ ހުށަހަޅާ ށަކުވާތައް ބަލައި، ތަހްގީގު ކުރުމާއި، މިގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
(ރ) ސަރުކާރުގެ އިދާރާއަކުން ނުވަތަ އަމިއްލަ ފަރާތަކަށް ނިސްބަތްވާ އިދާރާއަކުން ނަމަވެސް، އިންސާނީ ހައްގުތަކާ ހިލާފަށް ކަމެއް ހިންގާ ކަމަށް ބުނެ ހުށަހަޅާ ށަކުވާތައް ބަލައި، އެކަމާ ގުޅޭގޮތުން އަޅަން ކޮމިށަނަށް ފެންނަ ފިޔަވަޅުތަކާ ބެހޭގޮތުން އެއިދާރާއަކަށް ލަފާދިނުން؛
(ބ) އިންސާނީ ހައްގުތަކުގެ ރޫހު ދިވެހިރާއްޖޭގައި އާލާކުރުމާއި، އެ ހައްގުތައް ރައްކާތެރިކުރުމާއި، ދެމެހެއްޓުމާއި، ކުރިއެރުވުމާއި، އެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރުން (އިސްލާހު ކުރެވިފައި)
(ޅ) ސަރުކާރުން އެކުލަވާލާ ގާނޫނުތަކާއި ގަވާއިދުތަކާއި، އިދާރީ އުސޫލުތައް އެކުލަވާލުމުގައި، އިންސާނީ ހައްގުތަކުގެ ރޫހު އާލާކުރުމާއި، ހިމާޔަތް ކުރުމާއި ދެމެހެއްޓުމުގެ ގޮތުން، ދޭންޖެހޭ މަށްވަރާއާއި ލަފާ ސަރުކާރަށް ދިނުން؛
(ކ) ރާއްޖޭގައި އަމަލުކުރެވޭ ގާނޫނުތަކާއި ގަވާއިދުތަކާއި، އިދާރީ އުސޫލުތަކުގެ ތެރޭގައި އިންސާނީ ހައްގަކާ ހިލާފަށް ކަންތައްތަކެއް ހުރިނަމަ އެކަންކަން ފާހަގަކޮށް، ސަރުކާރަށް ހުށަހެޅުން؛
(އ) އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގްވާމީ އަދި ސަރަހައްދީ އެކިއެކި މުއާހަދާތަކާއި އެއްބަސްވުންތަކުގައި، ރާއްޖެ ބައިވެރިވުމުގައާއި، އެފަދަ މުއާހަދާތަކާއި އެއްބަސްވުންތައް ރާއްޖޭން ތަސްދީގު ކުރުމުގައި، ސަރުކާރަށް މަށްވަރާއާއި ލަފާ ދިނުމާއި، ހުށަހަޅަންޖެހޭ ހުށަހެޅުންތައް ސަރުކާރަށް ހުށަހެޅުން؛
(ވ) އަލަށް އެކުލަވާލެވޭ އިންސާނީ ހައްގުތަކާބެހޭ މުއާހަދާތައް އެކުލަވާލުމުގައި އަމަލީގޮތުން އެހީތެރިވެ، ބައިވެރިވުން؛
(މ) އިންސާނީ ހައްގުތަކާ ގުޅޭގޮތުން، ދިވެހި ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ އެހެނިހެން މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުވައި، އެ ހައްގުތަކަށް ހުރްމަތްތެރިކޮށް ހިތުމުގެ ރޫހު އާލާކުރުން؛
(ފ) އިންސާނީ ހައްގުތަކާ ބެހޭގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުން؛
(ދ) އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ ގޮތުން ކޮމިށަނަށް ފެންނަ ހިޔާލުތަކާއި ހުށަހަޅާ ހުށަހެޅުންތައް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން އާންމުކުރުން؛
(ތ) އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ މިންވަރު ބަލައި މޮނިޓަރކޮށް ވަޒަންކުރުން؛ އެގޮތުން މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ރިޕޯޓެއް އެކުލަވާލައި، އެ ރިޕޯޓު 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ށާއިޢުކުރުން (އިތުރު ކުރެވިފައި)
(ލ) އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި، މަތީގައިވާ ކަންތައްތަކުގެ އިތުރުންވެސް، ކުރަންޖެހޭ ކަންކަން ކުރުން.
21 ވަނަ މާއްދާ - ކޮމިށަނުގެ ބާރުތައް
ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، އަންނަނިވި ބާރުތައް ކޮމިށަނަށް ލިބިގެންވެއެވެ.
(ހ) މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފިކަމަށް، ނުވަތަ އިންސާނީ ހައްގެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެއްޖެކަމަށްބުނެ، އެމީހަކު އަމިއްލައަށް ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު ނުވަތަ ބަޔަކު ނުވަތަ ޖަމާޢަތަކުން މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ތަހްގީގުކޮށް ބެލުމާއި، ބުނެވިދިޔަ ފަދަ ކަމެއް ހުއްޓުވުމަށް ނުވަތަ ހިނގިޔަ ނުދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާކަމަށްބުނެ، މީހަކު އަމިއްލައަށް ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު ނުވަތަ ބަޔަކު ނުވަތަ ޖަމާޢަތަކުން މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ތަހްގީގުކޮށް ބެލުމާއި، މި ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން (އިސްލާހު ކުރެވިފައި)
(ށ) މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފިކަމަށް، ނުވަތަ އިންސާނީ ހައްގެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެއްޖެކަމަށް ކޮމިށަނަށް ފެންނަ މީހުން ނުވަތަ ފަރާތްތަކުގެ މައްސަލަތަކާއި، އެފަދަ ކަމެއް ހިނގާކަމަށް، ނުވަތަ ހިނގާފައިވާކަމަށް ކޮމިށަނަށް ގަބޫލުކުރެވޭ މައްސަލަތައް ތަހްގީގުކޮށް ބެލުމާއި، ބުނެވިދިޔަ ފަދަ ކަމެއް ހުއްޓުވުމަށް ނުވަތަ ހިނގިޔަ ނުދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، އެ މައްސަލައެއް ތަހްގީގުކޮށް ބެލުމާއި، މި ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން (އިސްލާހު ކުރެވިފައި)
(ނ) ށަރުޢީ ހުކުމެއްގެ ދަށުން ނުވަތަ ގާނޫނީ އަމުރެއްގެ ދަށުން ނުވަތަ ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ތިބޭ ކޮންމެ ތަނަކަށްވެސް ކޮމިށަނުން ކަނޑައަޅާ އުސޫލެއްގެ މަތިން، ކޮމިށަނުގެ މެންބަރަކު ނުވަތަ ކޮމިށަނުގެ މެންބަރުން، ނުވަތަ ކޮމިށަނުން ކަނޑައަޅާ ފަރާތަކުން ނުވަތަ ފަރާތްތަކަކުން، ކޮމިށަނުން ކަނޑައަޅާ ވަގުތެއްގައި ކަމާބެހޭ ފަރާތަށް ކުރިން އެންގުމަކާ ނުލައި ޒިޔާރަތްކުރުން (އިސްލާހު ކުރެވިފައި)
(ރ) މިމާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ކުރާ ޒިޔާރަތްތަކުގައި، ބަންދުގައިތިބޭ މީހުންގެ، އިންސާނީ ހައްގުތަކަށް އުނިކަމެއް އައިސްފައި، ނުވަތަ ގެނެސްފައިވޭތޯ ބަލައި، އެމީހުންގެ މަސްލަހަތުތައް ބަލައި ދިރާސާކޮށް، އެމީހުން ބަންދުގައި ތިބޭ ތަންތަނުގެ ވަސީލަތްތައް ރަނގަޅު ކުރަންޖެހޭކަމަށް ފެންނަނަމަ، ނުވަތަ އެމީހުންނަށް ލިބިދޭ އިނާޔަތްތައް އިސްލާހުކުރަން ޖެހޭކަމަށް ފެންނަނަމަ، އެ ކަންކަމާ ގުޅޭގޮތުން ކޮމިށަނަށް ފެންނަގޮތް ސަރުކާރުގެ ކަމާބެހޭ ފަރާތަށް ހުށަހެޅުން؛
(ބ) އަމިއްލަ ފަރުދަކު ނުވަތަ ސަރުކާރުން ނުވަތަ އަމިއްލަ ޖަމްއިއްޔާއަކުން، ނުވަތަ ކޮމިށަނުގެ މެންބަރަކު ހުށަހަޅާ އިންސާނީ ހައްގުތަކާ ގުޅުންހުރި މައްސަލަތައް ބަލައި ތަހްގީގުކުރުމާއި، އެ މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
(ޅ) ސަރުކާރުގެ އިދާރާއަކާ ގުޅޭގޮތުން ނުވަތަ އަމިއްލަ އިދާރާއަކާ ގުޅޭގޮތުން ނަމަވެސް، ހުށަހަޅާ އިންސާނީ ހައްގުތަކާ ގުޅުންހުރި، ށަކުވާތައް ބަލައި، ދިރާސާކޮށް، އެކަމާބެހޭ މައްލޫމާތު އެއިދާރާއަކަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށްދީ، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، އެތަންތަނަށް އެންގުން؛
(ކ) ށަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި، މީހެއްގެ އިންސާނީ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ނުވަތަ އިންސާނީ ހައްގަކަށް އުނިކަމެއް ކަނޑައެޅިގެން ލިބިދާނެކަމަށް، މައްސަލަ ބަލާ ފަނޑިޔާރަށް ނުވަތަ ބަންޑާރަނައިބަށް ނުވަތަ އެމީހަކަށް ފެނިގެން އެކަމެއް ބެލުމަށް ކޮމިށަނަށް ފޮނުވައިފިނަމަ، ނުވަތަ ކޮމިށަނަށް ފެނިއްޖެނަމަ، އެ މައްސަލައެއް ބަލައި، މައްސަލަ ބަލާ ކޯޓަށް ރިޕޯޓެއް ހުށަހެޅުން (އިސްލާހު ކުރެވިފައި)
(އ) ސެމިނާރާއި، މަސައްކަތު ބައްދަލުވުމާއި، އެހެނިހެން ޕްރޮގްރާމްތައް ހިންގައިގެން އިންސާނީ ހައްގުތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުވައި، އެކިއެކި ދިރާސާތައްކޮށް، އެދިރާސާތައް ހާމަކޮށް ށާއިއުކުރުން؛
(ވ) އިންސާނީ ހައްގުތަކާ ގުޅޭގޮތުން އާންމުކޮށް ހާމަކުރަންޖެހޭ ކަންކަން ހާމަކުރުމާއި، ކަމާ ގުޅޭގޮތުން ށާއިއު ކުރަންޖެހޭ ބަޔާންތައް ށާއިއު ކުރުން؛
(މ) ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، އެމަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުފަހިވާނެ އެންމެހައި ކަންކަން ކުރުން.
22 ވަނަ މާއްދާ - ބަލައި ތަހްގީގު ކުރުމުގެ ބާރު
(ހ) މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ބުނެ، ނުވަތަ އިންސާނީ ހައްގަކަށް އުނިކަމެއް ކަނޑައެޅިގެން ލިބިދާނެ ކަމަށް ބުނެ، މީހަކު ނުވަތަ ބަޔަކު ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ފަރާތުން ށަކުވާ ހުށަހެޅުމުން، ނުވަތަ ކޮމިށަނުން އަމިއްލައަށް މައްސަލައެއް ތަހްގީގުކުރުމަށް ނިންމުމުން، އެކަމެއް ބަލައި، ތަހްގީގުކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ (އިސްލާހު ކުރެވިފައި)
(ށ) ކޮމިށަނުން ކުރަމުންދާ ތަހްގީގަކާ ގުޅިގެން، އަންނަނިވި ކަންކަން ކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
- ހެކީންގެ ގޮތުގައި ހާޒިރު ކުރަންޖެހޭ ފަރާތްތައް ކޮމިށަނަށް ހާޒިރު ކުރުމާއި، ހެކިބަސް ހޯދުން.
- ކޮމިށަނުން ކުރަމުންދާ ތަހްގީގާ ގުޅުންހުރިކަމަށް ފެންނަ ފަރާތްތައް ކޮމިށަނަށް ހާޒިރު ކުރުމާއި، އެމީހުންގެ ބަޔާން ހޯދުން.
- ކޮމިށަނުން ކުރަމުންދާ ތަހްގީގަކާ ގުޅުންހުރި ކަމަށް ފެންނަ ލިޔެކިޔުންތައް ހޯދުމާއި، ބެލުމާއި، ބޭނުންވެއްޖެނަމަ، ކޮމިށަނަށް ގެނައުން.
- ކޮމިށަނުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ވަކި ކަންކަމާ ގުޅޭގޮތުން ހާއްސަ މައްލޫމާތެއް ދެވިދާނެ ކަމަށް ކޮމިށަނަށް ފެންނަ ފަރާތްތަކުން، އެމައްލޫމާތެއް ލިޔުމަކުން ކޮމިށަނަށް ދިނުމަށް އެންގުން.
- ކޮމިށަނަށް ހުށަހެޅޭ މައްސަލައަކާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތުން ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ކޮމިށަނަށް މައްލޫމާތެއް ދިނުމަށް، ނުވަތަ ރިޕޯޓެއް ހުށަހެޅުމަށް އެންގުމުން އެމުއްދަތުގެ ތެރޭގައި އެމައްސަލައަކާބެހޭ މައްލޫމާތެއް ނުފޮނުވައިފިނަމަ، ނުވަތަ ރިޕޯޓެއް ހުށަނާޅައިފިނަމަ، ކޮމިށަނުން އެމައްސަލަ، އަމިއްލައަށް ބެލުން.
- ކޮމިށަނުން ބަލަމުންދާ މައްސަލައެއްގައި ކޮމިށަނުން ސުވާލުކުރެވެމުންދާ މީހަކު، ކޮމިށަނުގެ ހުއްދަ ހޯދައިގެން މެނުވީ ދިވެހިރާއްޖެއިން ބޭރަށް ފުރައިގެންނުދިއުމަށް އެންގުމާއި، މިފަދައިން އަންގާ ފަރާތްތަކުގެ ޕާސްޕޯޓު ހިފަހައްޓައިދިނުމުގެ ކޯޓު އަމުރަކަށް އެދުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ (އިސްލާހު ކުރެވިފައި)
- އާންމުކޮށް ހުޅުވާލައިގެން، ނުވަތަ ހުޅުވާނުލައި ތަހްގީގު ކުރުން.
- ކޮމިށަނުގެ މެންބަރަކު އެކަނި، ނުވަތަ އެއަށްވުރެ ގިނަ މެންބަރުންގެ ކޮމިޓީއަކުން މައްސަލަ ބަލައި ތަހްގީގު ކުރުން.
- ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަންޖެހޭ ހެކި ހޯދުމާއި ބަލައިގަތުން.
- (އުނި ކުރެވިފައި)
(ނ) ށަރްއީ ނުވަތަ ގާނޫނީ ބަންދެއްގައި ހުރިމީހަކު، ކޮމިށަނަށް މައްސަލައެއް ނުވަތަ ށަކުވާއެއް ހުށަހަޅަން ބޭނުންވެއްޖެ ކަމަށްވާނަމަ، އެކަން އޭނާއަށް ފަހިކޮށްދިނުމަކީ، ބަންދުގައި އެމީހަކު ބަހައްޓާފައިވާ ފަރާތެއްގެ ޒިންމާއެކެވެ. އަދި، އެފަދަ މައްސަލައެއް ނުވަތަ ށަކުވާއެއް އެފަރާތަށް ލިބުމާއެކު، ބަންދުކޮށްފައިވާ އުރައެއްގައި، އެއަށް އެއްވެސް ބަދަލެއް ނުގެނެވޭނެފަދަ ގޮތެއްގައި، އަދި ކޮމިށަން ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ކަނޑައި ބަލާނެ ފުރުސަތެއް ނެތްގޮތުގައި، ލަސްނުކޮށް އެމައްސަލައެއް ނުވަތަ ށަކުވާއެއް ކޮމިށަނަށް ފޮނުވަންވާނެއެވެ.
(ރ) ށަކުވާއެއް ހުށަހަޅާފައިވާ މީހަކަށް، އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމަކީ، ނުވަތަ ބިރެއް ދެއްކުމަކީ، ނުވަތަ އެނޫންވެސް ދެރަގޮތެއް ދިމާވާނެގޮތް ހެދުމަކީ، މިގާނޫނު ހުއްދަކުރާ ކަމެއްނޫނެވެ.
23 ވަނަ މާއްދާ - ށަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ކޯޓަށް އެހީތެރިވެދިނުން
މި މާއްދާގެ (ހ) ގައިވާ ގޮތަށް މައްސަލައެއްގައި މަޢުލޫމާތު ހިއްސާކުރަން ނުވަތަ މައްސަލައެއްގައި ތަދައްހުލުވުމަށް ކޮމިށަނުން އެދުމުން، ށަރީޢަތްކުރުމާބެހޭ އިޖުރާއަތުތައް ބަޔާންކުރާ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކޯޓުން އެކަން ހަމަޖައްސައިދޭންވާނެއެވެ (އިސްލާހު ކުރެވިފައި)
(ނ) ގާނޫނުއަސާސީއާއި ގާނޫނުތަކާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާބެހޭ މުޢާހަދާތަކުގައި ބަޔާންކޮށްފައިވާ ހައްގުތައް އަނިޔާ ލިބޭ ފަރާތާއި ދަޢުވާކުރާ ފަރާތާއި ދިފާޢީ ވަކީލުންނާއި ށަރީޢަތްތައް އަޑުއެހުމަށް ހާޒިރުވާ މީޑިއާގެ ފަރާތްތަކާއި ޢާންމުންނަށް ށަރުޢީ މަރުހަލާގައި ލިބިދޭކަން ކަށަވަރުކުރުމުގެ ގޮތުން، ށަރީޢަތްތައް ކުރިއަށްދާގޮތް އޮބްޒަރވްކޮށް އިންސާނީ ހައްގުތަކުގެ ނަޒަރުން އިސްލާހުކުރަން ފެންނަ ކަންކަން ކޯޓުތަކަށާއި، ޖުޑީށަލް ސަރވިސް ކޮމިށަނަށާއި، އެޓަރނީ ޖެނެރަލްގެ އޮފީހަށާއި، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހަޅަންވާނެއެވެ (އިސްލާހު ކުރެވިފައި)
24 ވަނަ މާއްދާ - މައްސަލަ ބެލުމަށްފަހު އަމަލުކުރެވޭގޮތް
ކޮމިށަނުން މައްސަލައެއް ބަލައި ނިންމުމަށްފަހު އަމަލުކުރާނީ ތިރީގައިވާ ގޮތަށެވެ.
(ހ) އިންސާނީ ހައްގަކާ ހިލާފު ވެފައިވާކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، ނުވަތަ އިންސާނީ ހައްގަކާ ހިލާފު އަމަލެއް ހުއްޓުވުމަށް، ނުވަތަ ހިނގިޔަ ނުދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލު ވެފައިވާ ކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، އަދި އެމައްސަލައަކީ އޭގެ ބާވަތުން ސުލްހަވެރި ހައްލެއް ހޯދިދާނެ މައްސަލައެއްކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، މައްސަލައިގައި ހިމެނޭ ދެފަރާތުގެ އެއްބަސްވުމާއެކު، ސުލްހަވެރި ހައްލެއް ހޯދައިދެވޭތޯ ކޮމިށަނުން މަސައްކަތްކުރުން؛
(ށ) މައްސަލައިގެ ބާވަތުން ސުލްހަވެރި ހައްލެއް ހޯދައިދެވެން ނެތް މައްސަލައާއި، ސުލްހަވެރި ހައްލެއް ހޯދައިދެވޭތޯ ކޮމިށަނުން މަސައްކަތްކޮށްގެންވެސް ސުލްހަވެރި ހައްލެއް ހޯދައިނުދެވޭ މައްސަލަ، ށަރީއަތަށް ހުށަހަޅައިގެން ނިންމުން؛
(ނ) ކޮމިށަނުން މައްސަލަ ބަލައި ނިންމިގޮތުގެ ރިޕޯޓު އެމައްސަލަ ހުށަހެޅި ފަރާތަށް ދިނުމާއި، އެ މައްސަލައިގައި ޒިންމާ އުފުލަންޖެހޭ ފަރާތް ކަމަށް ކޮމިށަނަށް ފާހަގަކުރެވޭ ފަރާތަށްވެސް، އެރިޕޯޓުގެ ކޮޕީއެއް ދިނުން؛
(ރ) ކޮމިށަނުން މައްސަލަ ބަލައި ނިންމިގޮތުގެ ރިޕޯޓުގެ ކޮޕީއެއް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ކަމަށް ކޮމިށަނަށް ފެންނަ ފިޔަވަޅުތައް އެފަރާތްތަކަށް އެންގުން.
25 ވަނަ މާއްދާ - ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުން
ކޮމިށަނުން ބަލައި ތަހްގީގު ކުރާ މައްސަލައެއްގައި ތުހުމަތު ކުރެވޭ ފަރާތަށް އޭނާގެ ދިފާއުގައި ވާހަކަ ދައްކައި، ނުވަތަ ވަކީލަކު ބޭނުންކޮށްގެން މައްސަލަ ދިމާވި ގޮތް ކަމަށް އެފަރާތަށް ފެންނަ ގޮތެއް، ނުވަތަ އެކަމުގައި އެފަރާތުން އަމަލުކުރި ގޮތްކަމަށް އެފަރާތުން ބުނާ ގޮތެއް ކޮމިށަނަށް ބަޔާން ކޮށްދިނުމުގެ ފުރުސަތު ދޭންވާނެއެވެ. އެފަދަ ފުރުސަތެއް އޭނާއަށް ކޮމިށަނުން ދީފައި ނުވާނަމަ، ކޮމިށަނުން އެމައްސަލަ ނިންމި ގޮތަކީ، ސައްހަ ގޮތަކަށް ނުވާނެއެވެ.
26 ވަނަ މާއްދާ - އެންގުންތަކަށް ތަބާވުން
(ހ) ކޮމިށަނަށް ހާޒިރުވުމަށް، ނުވަތަ ކޮމިށަނަށް މައްލޫމާތެއް ދިނުމަށް، ނުވަތަ ކޮމިށަނަށް ލިޔުމެއް ހުށަހެޅުމަށް ނުވަތަ، ކޮމިށަނުން އުފުލަންޖެހޭ މަސްއޫލިއްޔަތަކާ ގުޅިގެން ކޮމިށަނަށް ލިބިދޭ ބާރެއްގެ ދަށުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އެންގުމަކަށް އަމަލު ކުރުމަކީ، ދިވެހިރައްޔިތުންގެ މައްޗަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ބާރު ހިނގާ ސަރަހައްދުގައިވާ މީހުންގެ މައްޗަށްވެސް މިގާނޫނު ލާޒިމުކުރާ ކަމެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިށަނުން އަންގާ އެންގުމަކަށް ތަބާނުވެއްޖެނަމަ، ނުވަތަ ކޮމިށަނުގެ ގަދަރަށް އުނިކަމެއް ލިބޭގޮތަކަށް އަމަލުކޮށްފިނަމަ، އެފަދަ އަމަލެއްކުރި މީހެއްގެ އަދަބަކީ 3 (ތިނެއް) މަސްދުވަހަށް ގޭގައި ބަންދުކުރުމެވެ. އަދި އެ އަމަލުކުރި މީހަކީ ސަރުކާރުގެ ވަޒީފާއެއްގައި ހުރި މީހެއްނަމަ އެމީހަކު ސަރުކާރުގެ ވަޒީފާއިން ވަކިކުރުމެވެ.
26-1 ވަނަ މާޢްދާ - ބައިނަލްއަގްވާމީ ގުޅުން (އިތުރު ކުރެވިފައި)
އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމުގައި، އަންނަނިވި ކަންކަން ކުރުމުގެ ބޭނުމުގައި، ނުވަތަ އެކަންކަން ހާސިލުކުރުމުގެ ބޭނުމުގައި، ދޭދޭ ގައުމުތަކާއި، ސަރަހައްދީ ޖަމާޢަތްތަކާއި، އެހެނިހެން ނޭށަނަލް ހިޔުމަން ރައިޓްސް އިންސްޓިޓިއުށަންތަކާއި، އެހެން ގައުމުތަކުގެ ފޮރެންސިކް ތަހުލީލުތަކާއި ތަހްގީގުތައް ހިންގާ އިދާރާތަކާއި، ކަމާބެހޭ ތަންފީޒީ އިދާރާތަކާއެކު އުފައްދަންޖެހޭ ގުޅުންތައް އުފައްދައި، އެ ގުޅުންތައް އުފެއްދުމުގައި އެއްބަސްވާންޖެހޭ ކަންކަމަށް ގާނޫނުއަސާސީއާ ހިލާފުނުވާނެ ގޮތުގެމަތިން އެއްބަސްވެ، އެ ގުޅުންތައް މެދުވެރިކޮށް މަދަދާއި އެހީތެރިކަމާއި މަންފާ ހޯދައި ލިބިގަތުމަކީ، ކޮމިށަނުން ކުރުމަށް މި ގާނޫނު ހުއްދަކުރާ ކަންކަމެވެ.
(ހ) އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމުގައި ބޭނުންވާ އެހީތެރިކަން އެފަދަ ފަރާތްތަކުން ހޯދުން.
(ށ) ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން، ނޭށަނަލް ހިޔުމަން ރައިޓްސް އިންސްޓިޓިއުށަނެއްގެ ހައިސިއްޔަތުން ހުށަހަޅަންޖެހޭ ތަފާތު ރިޕޯޓުތައް ކަމާބެހޭ ބައިނަލްއަގްވާމީ ޖަމްޢިއްޔާތަކާއި، ކޮމިޓީތަކާއި، ބޮޑީތަކާއި، ވަރކިންގ ގްރޫޕްތަކާއި އެނޫންވެސް ފަރާތްތަކަށް ހުށަހެޅުން.
27 ވަނަ މާއްދާ - ހިމާޔަތް
(ހ) ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުންނާއި، ކޮމިށަނަށް ލިބިދޭ ބާރުތަކުގެ ދަށުން އަމަލު ކުރުމުގެ ގޮތުން ގާނޫނުގައިވާ ގޮތުގެމަތިން، ނުވަތަ ގާނޫނަކުން ލިބިދޭ ބާރެއްގެ ދާއިރާގެ ތެރޭގައި، ކޮމިށަނުގެ ރައީސް، ނުވަތަ އެކޮމިށަނުގެ ނާއިބުރައީސް ނުވަތަ ކޮމިށަނުގެ މެންބަރަކު، ނުވަތަ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން، ހެޔޮނިޔަތުގައި ކުރާ ކަމަކާމެދު ނުވަތަ، ނުކޮށް ދޫކޮށްލާ ކަމަކާމެދު އެއްވެސް މަދަނީ ނުވަތަ ޖިނާއީ ދައްވާއެއް ނުއުފުލޭނެއެވެ.
(ށ) ކޮމިށަނުން މައްސަލައެއް ބަލައި ތަހްގީގު ކުރުމަށްފަހު ށާއިއް ކުރާ ރިޕޯޓެއްގައި ހިމެނޭ ކަމަކާ ގުޅިގެން، ކޮމިށަނާ ސުވާލެއްކުރެވޭނީ ނުވަތަ އެއްވެސް ފަނޑިޔާރުގެއެއްގައި، ކޮމިށަނުގެ މައްޗަށް ދައްވާއެއް އުފުލޭނީ، އެކަމަކީ ހަގީގަތާ ހިލާފަށް ބަޔާން ކޮށްފައިވާ ކަމެއްކަމަށް ގަބޫލުކުރެވޭފަދަ، އެކަށީގެންވާ ހެކިހުރިނަމައެވެ.
28 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުން (އިސްލާހު ކުރެވިފައި)
(ހ) ކޮމިށަނުގެ މެންބަރަކު އަދާކުރަންޖެހޭ ރަސްމީ ވާޖިބާއި އޭނާގެ މަސްލަހަތާ ދެމެދު އެއްވެސް ފުށުއެރުމެއް އުފެދުމަކަށް ފުރުސަތު ދީގެން ނުވާނެއެވެ.
(ށ) ކޮމިށަނުގެ މެންބަރެއްގެ މަސްލަހަތު ފުށުއެރުންކަމަށް މި މާއްދާގެ (ހ) ގައި ބުނެފައިއެވާ އުސޫލުގައި، ކޮމިށަނުގެ މެންބަރަކު އިނދެގެންއުޅޭ މީހާއާއި، އޭނާގެ ދަރިންނާއި، އޭނާ ސީދާ ބަލަހައްޓަމުން ގެންދާ އެހެންމީހުންގެ މަސްލަހަތު ފުށުއެރުމަކީވެސް، އެ މެންބަރެއްގެ މަސްލަހަތު ފުށުއެރުން ކަމުގައި ބެލެވޭނެއެވެ.
(ނ) ކޮމިށަނުން ބަލަމުންދާ މައްސަލައެއް ބެލުމުގައި، ކޮމިށަނުގެ މެންބަރެއްގެ މަސްލަހަތު ފުށުއަރާފާނެފަދަ ހާލަތެއް ދިމާވެއްޖެނަމަ، ނުވަތަ ދިމާވެދާނެކަމަށް ގަބޫލުކުރެވޭނަމަ، އެކަން ކޮމިށަނުގައި ބަޔާންކުރުމަށްފަހު، އެ މައްސަލައެއް ބެލުމުން އޭނާ ތަނާޒުލުވާންވާނެއެވެ. އަދި އެ މައްސަލައެއް ނިންމުމުގައި އެމީހަކު، އޭގެފަހުން އެއްވެސް މިންވަރަކަށް ބައިވެރިވެގެންނުވާނެއެވެ.
(ރ) ވަކި މައްސަލައެއް ބެލުމުގައި ނުވަތަ ވަކި ކަމެއް ކުރުމުގައި ވަކި މެންބަރަކު ބައިވެރިވުމަކީ، މަސްލަހަތު ފުށުއަރާނެ ކަމެއްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ކޮމިށަނުގެ ރައީސަށް ގަބޫލުކުރެވޭ ހާލަތެއްގައި ލިޔުމުން ސަބަބު ބަޔާންކުރުމާއެކު އެ މެންބަރަށް އެކަން އެންގުމަށްފަހު، އެ މެންބަރަކު އެ މައްސަލައެއް ބެލުމުން އެކަހެރިކުރެވިދާނެއެވެ.
(ބ) ވަކި މައްސަލައެއް ބެލުމުގައި ކޮމިށަނުގެ ރައީސް ބައިވެރިވުމަކީ، މަސްލަހަތު ފުށުއަރާނެ ކަމެއްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އޭނާއަށް ގަބޫލުކުރެވޭ ހާލަތެއްގައި، ކޮމިށަނުގެ ނާއިބު ރައީސަށް ލިޔުމުން އެކަން އެންގުމަށްފަހު، އެ މައްސަލައެއް ބެލުމުން، ކޮމިށަނުގެ ރައީސް ތަނާޒުލުވާންވާނެއެވެ.
(ޅ) މި މާއްދާގެ (ހ)، (ނ)، (ރ)، އަދި (ބ) ގައި ބަޔާންވެގެންވާ އުސޫލުތައް، ކަމާގުޅޭ ނިސްބަތަށް، ކޮމިށަނުގެ މުވައްޒަފުންގެ މައްޗަށްވެސް ހިނގާނެއެވެ.
(ކ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގައި ބަޔާންވެގެންވާ އުސޫލަކާ ކޮމިށަނުގެ މެންބަރަކު ހިލާފުވުމަކީ، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމުގައި ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއްކަމުގައި ބެލެވޭނެއެވެ.
(އ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގައި ބަޔާންވެގެންވާ އުސޫލަކާ ކޮމިށަނުގެ މުވައްޒަފަކު ހިލާފުވުމަކީ، މި ގާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ގާނޫނެއްގައި އެހެންގޮތަކަށް އޮތްނަމަވެސް، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމަށް ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއްކަމުގައި ބެލެވޭނެއެވެ.
29 ވަނަ މާއްދާ - ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލް އަދި މުވައްޒަފުން އައްޔަންކުރުން
(ހ) ކޮމިށަނުގެ އިދާރާ ހިންގުމަށްޓަކައި ކޮމިށަނުން ސެކްރެޓަރީ ޖެނެރަލެއް އައްޔަން ކުރަންވާނެއެވެ. އަދި ކޮމިށަނުން ހަދާ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ކޮމިށަނުގެ އިދާރާ ހިންގާނީ ސެކްރެޓަރީ ޖެނެރަލެވެ.
(ށ) ކޮމިށަނަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާދީ، މުވައްޒަފުން ވަޒީފާއިން ވަކިކުރާނީ ކޮމިށަނުންނެވެ.
30 ވަނަ މާއްދާ - މާލީ ކަންކަން
(ހ) ކޮމިށަނުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓެއްގެ ދަށުން ދައުލަތުގެ މާލިއްޔާއިން، ކޮމިށަނަށް ދޫކުރަންވާނެއެވެ.
(ށ) އެއްވެސް ބަޔަކު ނުވަތަ ޖަމާއަތަކުން ނުވަތަ ބޭރު ގައުމެއްގެ ސަރުކާރަކުން ކޮމިށަނަށްދޭ މާލީ އެހީއެއް، ކޮމިށަނުގެ މަގްސަދުގެ ތެރޭގައިވާ ކަންކަން ކުރުމަށް މެނުވީ ބޭނުންކޮށްގެން ނުވާނެއެވެ.
(ނ) ކޮމިށަނުގެ އާމްދަނީއާއި ހަރަދާއި މިލްކިއްޔާތާއި، މާލީ ޒިންމާތަކާ ބެހޭ ހިސާބު، އޮޑިޓަރ ޖެނެރަލްގެ މަށްވަރާއާއެކު، ކޮމިށަނުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ލިޔެ ބަލަހައްޓައި އޮޑިޓް ކުރުމަށްފަހު، އެކުލަވާލެވޭ މާލީ ބަޔާނެއް، މި ގާނޫނުގެ 32 ވަނަ މާއްދާގައި ބުނެފައިވާ އަހަރީ ރިޕޯޓާއެކު، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.
31 ވަނަ މާއްދާ - ގަވާއިދު ހެދުން
ކޮމިށަނުން އެކިއެކި މައްސަލަތައް މި ގާނޫނުގައިވާ ގޮތުގެމަތިން ބަލައި ތަހްގީގު ކުރުމުގައި އަމަލުކުރާނެ މިންގަނޑުތަކާއި، މި ގާނޫނަށް އަމަލުކުރުމަށްޓަކައި، ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، ހިންގާނީ ކޮމިށަނުންނެވެ.
32 ވަނަ މާއްދާ - އަހަރީ ރިޕޯޓު
(ހ) ކޮމިށަނުގެ ހަރަކާތްތަކުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ކޮމިށަނުން ފޮނުވަން ވާނެއެވެ.
(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓުގައި، އެރިޕޯޓުގެ މުއްދަތުގައި ހިނގާދިޔަ، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ކޮމިށަނަށް ހުށަހެޅުނު މައްސަލަތައް.
- ކޮމިށަނުން ނިންމި މައްސަލަތަކާއި، އެ މައްސަލަތައް ނިންމިގޮތް.
- ހުށަހެޅިފައިވާ މައްސަލަތަކުގެތެރެއިން ބަލަމުންގެންދާ މައްސަލަތައް.
- ސަރުކާރުގެ އިދާރާތަކުން އިސްލާހުކޮށް ރަނގަޅު ކުރަންޖެހޭ ކަމަށް އެމުއްދަތުގެ ތެރޭގައި ސަރުކާރަށް ހުށަހެޅި ކަންކަން.
- އިސްލާހު ކުރުމަށް ހުށަހެޅި ކަންކަމުގެ ތެރެއިން ސަރުކާރުން އަމަލުކުރި ކަންކަމާއި، އަމަލު ނުކުރާ ކަންކަން.
(ނ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ރިޕޯޓު، ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ފޮނުވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، ކޮމިށަނުން އެރިޕޯޓު އާންމުކޮށް ށާއިއުކުރަން ވާނެއެވެ.
(ރ) މިމާއްދާގެ (ހ) އެހެން އޮތްނަމަވެސް، ދިމާވާ ހާއްސަ ހާލަތެއްގައި، ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި، އެހާލަތަކާ ގުޅޭ ހާއްސަ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
32-1 ވަނަ މާޢްދާ - ކޮމިށަނުން ޖަވާބުދާރީވުން (އިތުރު ކުރެވިފައި)
(ހ) ކޮމިށަނުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން، އެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، ޖަވާބުދާރީވެ، އެމީހުންގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ޒިންމާ އުފުލަންޖެހޭނެއެވެ. އަދި ކޮމިށަން ހިނގަމުންދާ ގޮތާ ގުޅޭގޮތުން، ނުވަތަ ކޮމިށަނުން ކުރަމުންދާ ކަމަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުން ހޯދައި ބަލަންޖެހޭ ކޮންމެ ކަމެއްގައި، އީޖާބީ ގޮތެއްގައި އެއްބާރުލުން ދޭންވާނެއެވެ.
(ށ) ކޮމިށަނުން ހިންގަމުންގެންދާ ތަހްގީގަކާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ސިއްރުކުރަންޖެހޭ މަޢުލޫމާތެއް ކޮމިށަނުން ރައްޔިތުންގެ މަޖިލީހަށް ހާމަނުކޮށް ހިފެހެއްޓުމަކަށް، މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.
33 ވަނަ މާއްދާ - ބެލުމުގެ ބާރު ލިބިގެންވާ މައްސަލަ
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކަމަކާގުޅިގެން ކޮމިށަނަށް މައްސަލައެއް ހުށަހެޅޭނީ އަދި ކޮމިށަނުން މައްސަލައެއް ބެލޭނީ، އެކަމެއްގެ މައްޗަށް މައްސަލަ ބިނާވެފައިވާ ކަންތައް ހިނގާފައިވަނީ، 1 ޖަނަވަރީ 2000 ގެ ފަހުގެ ތާރީހެއްގައިކަމަށް ވާނަމައެވެ.
(ށ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މައްސަލައެއް ހިނގާފައިވަނީ، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ފަހުން ކަމުގައިވިޔަސް، އެހެން ގޮތަކަށް މި ގާނޫނުގައި ބަޔާންކޮށްފައި ނުވާހާހިނދަކު، ކޮމިށަނުން އެމައްސަލައެއް ބެލޭނީ، އެކަމެއްގެ މައްޗަށް އެމައްސަލަ ބިނާވެފައިވާ ކަންތައް ހިނގި ތާރީހާއި، އެމައްސަލައެއް ކޮމިށަނަށް ހުށަހެޅި ތާރީހާ ދެމެދު، މީލާދީ ގޮތުން އެއްއަހަރު ދުވަސް ފުރިހަމަ ނުވާނަމައެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) އެހެން އޮތްނަމަވެސް، ކޮމިށަނަށް ހުށަހެޅޭ މައްސަލައަކީ، އެމައްސަލައިގެ ބާވަތަށާއި، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލާއިރު، ކޮންމެހެން ބަލަންޖެހޭ މައްސަލައެއްކަމަށް ކޮމިށަނަށް ފެންނަ މައްސަލައެއް ބެލުމަކަށް މިގާނޫނު ހުރަހެއް ނާޅައެވެ.
34 ވަނަ މާއްދާ - ކޮމިށަން އެކުލަވާލުމާއި ކޮމިށަންގެ މެންބަރުންނާއި ރައީސާއި، ނާއިބުރައީސްގެ ނަންތައް ހުށަހެޅުން
(ހ) މިގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 120 (އެއްސަތޭކަ ވިހި) ދުވަހުގެތެރޭގައި ހިޔުމަން ރައިޓްސް ކޮމިށަން އުފައްދައި، ކޮމިށަންގެ މެންބަރުންނާއި ރައީސާއި ނާއިބުރައީސް މި ގާނޫނުގައިވާ ގޮތުގެމަތިން އައްޔަންކޮށް ނިންމަންވާނެއެވެ.
(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަމަލުކުރުމަށްޓަކައި:
- މި ގާނޫނަށް އަމަލުކުރަންފަށާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެތެރޭގައި ކޮމިށަނުގައި ހިމަނަން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.
- 1 ވަނަ ނަންބަރުގައިވާފަދައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނަންތައް މަޖިލީހުން ފާސްކޮށް، އެކަން ރައީސުލްޖުމްހޫރިއްޔާއަށް އަންގާދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެތެރޭގައި ކޮމިށަންގެ ރައީސްކަމާއި ނާއިބުރައީސްކަމުގެ މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
- 1، 2 އަދި 4 ވަނަ ނަންބަރުގައިވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަމެއް ނުވަތަ ނަންތަކެއް ހުށަހަޅާދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މަޖިލީހުން ވަކިގޮތެއް ނިންމައި ރައީސުލްޖުމްހޫރިއްޔާއަށް އަންގަންވާނެއެވެ.
- މިމާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަމެއް މަޖިލީހުން ފާސްނުކޮށްފިނަމަ، އެކަން ރައީސުލްޖުމްހޫރިއްޔާއަށް އަންގާދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައުނަމެއް ނުވަތަ ނަންތަކެއް މަޖިލީހަށް ހުށަހަޅަންވާނެއެވެ.
(ނ) މި ގާނޫނު ފާސްވުމަށްފަހު މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިށަނަށް އައްޔަންކުރަންޖެހޭ ކޮމިށަންގެ މެންބަރުންނާއި ކޮމިށަންގެ ރައީސާއި ނާއިބްރައީސް އައްޔަން ކުރެވެންދެން މި ގާނޫނު ފާސްވުމުގެކުރިން ހިނގަމުންއައި ހިޔުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްގެ ރައީސާއި މެންބަރުން އެ މަގާމުގައި ދެމިތިބޭނެއެވެ.
35 ވަނަ މާއްދާ - އުވާލުން
މި ގާނޫނު ފާސްވެ މިގާނޫނަށް އަމަލުކުރަން ފެށުމުން، ގާނޫނު ނަންބަރު 1/2005 (ހިޔުމަންރައިޓްސް ކޮމިށަންގެ ގާނޫނު) އުވުނީއެވެ.
36 ވަނަ މާއްދާ - މާނަ
މި ގާނޫނުގައި އެހެންގޮތަކަށް ބުނެފައި ނުވާހާ ހިނދަކު؛
"އިންސާނީ ހައްގު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ލިބިދޭ އަސާސީ ހައްގުތަކަށާއި، ބައިނަލްއަގްވާމީ މުއާހަދާތަކާއި ގަރާރުތަކުގެތެރެއިން ދިވެހިރާއްޖޭގައި އަމަލުކުރަންޖެހޭ މުއާހަދާތަކާއި ގަރާރުތަކުގައި ކަނޑައަޅާފައިވާ ހައްގުތަކުގެ ތެރެއިން، އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާ ހައްގު ތަކަށެވެ.
"އުއްތަމަ ފަނޑިޔާރު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށެވެ.
"އޮޑިޓަރ ޖެނެރަލް" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލަށެވެ.
"ރައީސުލްޖުމްހޫރިއްޔާ" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށެވެ.
"ދިވެހިރާއްޖޭގައި އަމަލުކުރަންޖެހޭ މުއާހަދާތަކާއި، ގަރާރުތައް" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖެއިން ތަސްދީގުކޮށްފައިވާ މުއާހަދާތަކާއި، ދިވެހިރާއްޖެ ސޮއިކޮށްފައިވާ މުއާހަދާތަކާއި، ދިވެހިރާއްޖެއިން ގަބޫލުކޮށްފައިވާ މުއާހަދާތަކުގެ ތެރެއިން އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށާއި ދެމެހެއްޓުމަށާއި ކުރިއެރުވުމަށް ދިވެހިރާއްޖެއަށް ލާޒިމުކުރާ މުއާހަދާތަކަށާއި، އެފަދަ ގަރާރުތަކަށެވެ.
"ސަރުކާރު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ސަރުކާރަށެވެ.
"ކޮމިށަން" ކަމަށް ބުނެފައިއެވަނީ، ހިޔުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްއަށެވެ.
''ފަނޑިޔާރު'' ކަމަށް ބުނެފައި އެވަނީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ބަލައި ހުކުމް ކުރާ ފަރާތްތަކަށެވެ.
"މީހުން" ކަމަށް ބުނެފައި އެވަނީ، ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ބާރު ހިނގާ ސަރަހައްދުގައިވާ ބިދޭސީން ހިމެނޭ ގޮތަށެވެ. އަދި ފަރުދުންނާއި ގާނޫނީ ށަހްސްތަކާއި، ޖަމްއިއްޔާތަކާއި ކޮމިޓީތަކާއި، ސަރުކާރުގެ އިދާރާތަކާއި އޮފީސްތައްވެސް ހިމެނޭގޮތުންނެވެ.
މި ގާނޫނަށް ގެނެވުނު އިސްލާހު
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު
- ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް އިން ގާނޫނީ އެ ހީތެރިކަން ހިލޭ ފޯރުކޮށްދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 1001/2019)
- ހިޔުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް އަށް ހުށަހެޅޭ މައްސަލަތަކުގައި ގާނޫނީ ވަކީލަކު އައްޔަންކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 92/2016)
ކިޔުންތެރިންގެ ހިޔާލު