-

 އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2008-13)

(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ގާއިމުކޮށްފައިވާ "އެންޓި-ކޮރަޕްށަން ކޮމިށަން" ގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެންޓި-ކޮރަޕްށަން ކޮމިށަނުގެ މަސައްކަތުގެ ދާއިރާއާއި، އެންޓި-ކޮރަޕްށަން ކޮމިށަނުގެ މެންބަރުންގެ ކިބައިގައި ހުންނަންވާނެ ށަރުތުތަކާއި، ސުލޫކީ މިންގަނޑުތައް ކަނޑައެޅުމާއި ކޮރަޕްށަނަކީ ކޮބައިކަން ބަޔާންކޮށްދޭ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު އެވެ.

 

2 ވަނަ މާއްދާ - ގާނޫނީ ހައިސިއްޔަތު

އެންޓި-ކޮރަޕްށަން ކޮމިށަނަކީ، އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ށަހްސެކެވެ.

 

3 ވަނަ މާއްދާ - ކޮމިށަން އެކުލެވިގެންވާ ގޮތް

އެންޓި-ކޮރަޕްށަން ކޮމިށަން އެކުލެވިގެންވަނީ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.

 

4 ވަނަ މާއްދާ - މެންބަރުން އައްޔަންކުރުން

(ހ) ކޮމިށަނުގެ މެންބަރުން އައްޔަންކުރާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) ކޮމިށަނަށް މެންބަރުން ނުވަތަ މެންބަރެއް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެފަހަރަކު އައްޔަންކުރަންޖެހޭ މެންބަރުންގެ އަދަދަށްވުރެ މަދުނޫން އަދަދަކަށް މީހުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކަކީ ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ މީހުންނާއި، އާންމުކޮށް އިއުލާނުކޮށްގެން އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން ހޮވާލެވޭ ނަންތަކެއް ކަމުގައި ވާންވާނެއެވެ. އަދި މިގޮތުން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް ފޮނުވާއިރު، އާންމުކޮށް އިއުލާނުކޮށްގެން އެކަމަށް އިޖާބަދިން އެހެން މީހުންގެ ނަންތައްވެސް ރައްޔިތުންގެ މަޖިލީހުގެ މައުލޫމާތަށްޓަކައި އެ މަޖިލީހަށް ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ބަޔަކު އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.

(ބ) ކޮމިށަނުގެ މެންބަރުކަމަށް އައްޔަންކުރަންވާނީ، ކޮމިށަނުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރެވޭ ފަދަ ތައުލީމާއި ގާބިލްކަން ހުރި މީހުންގެ ތެރެއިން، މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިފަތައް ފުރިހަމަވާ މީހުންނެވެ.

 

5 ވަނަ މާއްދާ - މެންބަރުންގެ ހުރުން ލާޒިމުވާ ސިފަތައް

ކޮމިށަނުގެ މެންބަރުކަމުގެ މަގާމުގައި ދެމިތިބޭއިރު ތިރީގައިމިވާ ސިފަތައް އެ މެންބަރުންގެ ކިބައިގައި ފުރިހަމަވާންވާނެއެވެ.

(ހ) މުސްލިމަކު ކަމުގައިވުން؛

(ށ) ދިވެހި ރައްޔިތަކު ކަމުގައިވުން؛

(ނ) އުމުރުން 25 އަހަރު ވެފައިވުން؛

(ރ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛

(ބ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛

(ޅ) ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން؛

(ކ) މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ކުށެއް ނުވަތަ މަކަރާއި ހީލަތް ހެދުމުގެ ކުށެއް ނުވަތަ ރިށްވަތުގެ ކުށެއް ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛

(އ) ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކުކަމުގައި ނުވުމާއި، އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ 5 (ފަހެއް) އަހަރު ވެފައިވާ މީހަކު ކަމުގައިވުން؛

(ވ) ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން.

 

6 ވަނަ މާއްދާ - މެންބަރުކަމުގެ މުއްދަތު

(ހ) ކޮމިށަނަށް އައްޔަންކުރެވޭ މެންބަރެއްގެ މަގާމުގެ މުއްދަތަކީ  އެ މެންބަރަކު އައްޔަންކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހުގެ 1 (އެކެއް) ދައުރެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މި ގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ މެންބަރަކު ފިޔަވައި، އެހެން ކޮންމެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު އިތުރު 5 (ފަހެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިދާނެއެވެ.

 

7 ވަނަ މާއްދާ - ކޮމިށަނުގެ ރައީސާއި ނައިބުރައީސް އައްޔަންކުރުން

ކޮމިށަނުގެ ރައީސަކާއި، ނައިބުރައީސަކު އައްޔަންކުރާނީ، ކޮމިށަނުގެ މެންބަރުންގެ ތެރެއިން، ކޮމިށަނުގެ މެންބަރުންނެވެ. އަދި މިގޮތުން، ކޮމިށަނުގެ ރައީސަކާއި، ނައިބުރައީސަކަށް އައްޔަންކުރާ ބަޔަކު، އެމަގާމަށް އައްޔަންކުރާތާ ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ކޮމިށަނުން އަންގަންވާނެއެވެ.

 

8 ވަނަ މާއްދާ - ކޮމިށަނުގެ ރައީސްގެ މަސްއޫލިއްޔަތު (އިސްލާހު ކުރެވިފައި)

ކޮމިށަނުގެ ރައީސްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން، ނަތީޖާ ނެރެދެވޭ ގޮތުގައި ހަރުދަނާ އުސޫލުން، ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ލަފާއާއި އިރުށާދުދިނުން؛

(ށ) ކޮމިށަނުގެ ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައެޅުމާއި، ބައްދަލުވުން ބާއްވާނެ ތާރީޚާއި ވަގުތު ކަނޑައެޅުން ފަދަ ކޮމިށަން ހިންގުމާގުޅޭ ނިންމުންތައް ނިންމުން؛

(ނ) ކޮމިށަނާއި ކޮމިށަނުގެ މެންބަރުންނާއި ކޮމިށަނުގެ މުވައްޒަފުން ސުލޫކީ ހަމަތަކަށް ތަބާވުމުގައި ނަމޫނާ ދައްކައި، ޒަޢާމަތު ގާއިމުކުރުން؛

(ރ) ކޮމިށަނުގެ މަށްވަރާގެ މަތިން ކޮމިށަނުގެ އިދާރީ އެކިއެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލު ކަނޑައަޅައި، އެ އުސޫލާ އެއްގޮތަށް އިދާރީކަންކަން ހިންގަމުންދާކަން ކަށަވަރުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

(ބ) ކޮމިށަނުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން؛ އަދި

(ޅ) ކޮމިށަނުން ނިންމާ ނިންމުންތައް ތަންފީޒުކުރުން.

 

9 ވަނަ މާއްދާ - ކޮމިށަނުގެ ނައިބުރައީސްގެ މަސްއޫލިއްޔަތު

ކޮމިށަނުގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ  އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކޮމިށަނުގެ ނައިބުރައީސްއެވެ. މީގެ އިތުރުން، ކޮމިށަނުގެ ރައީސް، ކޮމިށަނުގެ ނައިބުރައީސާ ހަވާލުކުރާ ކޮމިށަނުގެ އެހެނިހެން މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - މަގާމު ހުސްވުން

(ހ) ކޮމިށަނުގެ މެންބަރެއްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ އަންނަނިވި ހާލަތުތަކުގައެވެ.

  1. މެންބަރުކަމުގެ މުއްދަތު ހަމަވުމުން؛
  2. އިސްތިއުފާ ދިނުމުން؛
  3. މި ގާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮމިށަނުގެ މެންބަރުކަމުން ވަކިކުރުމުން؛
  4. ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތިލުމުން؛
  5. މަރުވުމުން؛
  6. ކޮމިށަނުގެ މެންބަރުންގެ ކިބައިގައި ހުރުން މި ގާނޫނު ލާޒިމްކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުމުން.

(ށ) ކޮމިށަނުގެ ރައީސްގެ މަގާމު ނުވަތަ ނައިބުރައީސްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ، ކޮމިށަނުގެ މެންބަރުކަމުގެ މަގާމު ހުސްވެއްޖެކަމަށް ބެލެވޭ ހާލަތެއް ކުރިމަތިވުމުންނެވެ. ނުވަތަ ރައީސާއި ނައިބުރައީސާއި ދެމީހުންކުރެ މީހަކު އެމީހެއްގެ މަގާމުން އިސްތިއުފާ ދިނުމުންނެވެ.

(ނ) ކޮމިށަނުގެ ރައީސް ނުވަތަ ނައިބުރައީސް އެމީހެއްގެ މަސްއޫލިއްޔަތު އެކަށީގެންވާގޮތެއްގައި އަދާކުރަމުން ނުދާކަމަށް ކޮމިށަނުގެ މެންބަރުންގެ އަގްލަބިއްޔަތުން ފާސްކޮށްފި ހިނދެއްގައި އެމަގާމަކުން އެމީހަކު އިސްތިއުފާދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުގެމަތިން ކޮމިށަނުގެ ރައީސް ނުވަތަ ނައިބުރައީސް މަގާމުން އިސްތިއުފާދިންކަމުގައިވިއަސް ކޮމިށަނުގެ މެންބަރުކަމުން އެމީހަކު އިސްތިއުފާ ދިނީކަމުގައި ނުބެލެވޭނެއެވެ.

 

11 ވަނަ މާއްދާ - ހުސްވާ މަގާމަށް މީހުން އައްޔަންކުރުން

(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބުނެފައިވާ ހާލަތު މެދުވެރިވެގެން، ކޮމިށަނުގެ މެންބަރުކަމުގެ މަގާމެއް ހުސްވުމުގެ 30 (ތިރީސް) ދުވަސް ކުރިން، މި ގާނޫނުގެ 4 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ހޯދަންޖެހޭ މަށްވަރާ ހޯދައި ނިންމަންވާނެއެވެ.

(ށ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައާއި، (3) ވަނަ ނަންބަރުގައާއި، (4) ވަނަ ނަންބަރުގައާއި، (5) ވަނަ ނަންބަރުގައާއި، (6) ވަނަ ނަންބަރުގައި ބުނެފައިވާ ހާލަތުތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން ކޮމިށަނުގެ ރައީސްކަމުގެ މަގާމު، ނުވަތަ ކޮމިށަނުގެ ނައިބުރައީސްކަމުގެ މަގާމު ނުވަތަ ކޮމިށަނުގެ މެންބަރެއްގެ މަގާމެއް ހުސްވެއްޖެނަމަ، އެމަގާމެއް ހުސްވާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެމަގާމަށް މީހަކު އަލުން އައްޔަންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މުއްދަތު ހަމަވެގެން ކޮމިށަނަށް މެންބަރުން ހޮވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް، އެ މުއްދަތު ހަމަވުމުގެ 60 (ފަސްދޮޅަސް) ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

(ރ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ނުވަތަ މި ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ކޮމިށަނުގެ ރައީސްކަމުގެ މަގާމު ނުވަތަ ނައިބުރައީސްކަމުގެ މަގާމު ހުސްވެއްޖެނަމަ، ގިނަވެގެން 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި މި ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުސްވި މަގާމަށް މީހަކު ކޮމިށަނުން އައްޔަންކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - މެންބަރުންގެ މަސްއޫލިއްޔަތު (އިސްލާހު ކުރެވިފައި)

ކޮމިށަނުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް މިނިވަންކަމާއި، ޢަދުލުވެރިކަމާއެކު، އަދި ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި އަދާކުރުން؛

(ށ) ކޮމިށަނުގެ ބައްދަލުވުންތަކަށް ފަރުވާތެރިކަމާއެކު ހާޒިރުވެ، އެ ބައްދަލުވުންތަކުގައި ޢަމަލީގޮތުން ގުޅިގެން ބައިވެރިވުން؛

(ނ) ކޮމިށަނުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން އެ މެންބަރަކާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމާއި، ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ކޮމިށަނުގެ ރައީސަށް ލަފާދިނުމާއި އެހީތެރިވެދިނުން؛

(ރ) ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ މިނިވަންކަމާއި، ނަޒާހަތްތެރިކަމުގެ ހަމަތައް ހިފެހެއްޓުން؛

(ބ) ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގައި ހުރިހާ ވަގުތެއްގައިވެސް ތެދުނިޔަތުގައި މަސައްކަތްކުރުމާއި، ކޮމިށަނުގެ މަގްސަދުތައް ހާސިލުކުރުމަށާއި މަސްލަހަތުތައް ހިމާޔަތްކުރުމަށް އިސްކަންދިނުން.

 

13 ވަނަ މާއްދާ - މެންބަރުން މަގާމާ ހަވާލުވުން

ކޮމިށަނުގެ މެންބަރަކަށް އެމީހެއްގެ މަގާމާ ހަވާލުވެވޭނީ ފަނޑިޔާރެއްގެ ކުރިމަތީގައި އަންނަނިވި ހުވައިކޮށް، އެ ހުވައިގެ އިގްރާރުގައި ސޮއި ކުރުމުންނެވެ.

 

"އަހުރެން ......... (މީހާގެ ނަން) ......... އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ރައްކާތެރިވުމަށާއި، ދިވެހި ގައުމަށް އިހްލާސްތެރިވުމަށާއި، އެންޓި-ކޮރަޕްށަން ކޮމިށަނުގެ މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތީން، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ."

 

14 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން

ކޮމިށަނުގެ މެންބަރަކު އެ މަގާމުން ވަކިކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ހާލަތެއްގައި، މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިންނެވެ.

(ހ) މި ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށް ކަމެއް ކުރިކަމަށް، ނުވަތަ އެ މަގާމު އަދާކުރުމަށް އުޒުރުވެރިވާފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ މަގާމު އަދާކުރުމުގެ ގާބިލުކަން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި ނުވަތަ މި ގާނޫނުގެ 8-17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތް މެދުވެރިވެއްޖެނަމަ؛ (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން މުސްތަގިއްލު ކޮމިށަންތަކާއި މަގާމުތަކާބެހޭ ކަންކަން ބެލުމުގެ މަސްއޫލިއްޔަތު ހަވާލުކުރުމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ފެނިގެން،  އެ މެންބަރަކު އެ ކޮމިށަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލައްބިޔަތުން ފާސްކުރުމުން، އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.

 

15 ވަނަ މާއްދާ – އިސްތިއުފާދިނުން

(ހ) ކޮމިށަނުގެ މެންބަރަކު އޭނާގެ މެންބަރުކަމުގެ އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން ކޮމިށަނުގެ މެންބަރުކަމުން އެ މެންބަރަކު ވަކިވީއެވެ.

(ށ) ކޮމިށަނުގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ކޮމިށަނަށް ހުށަހެޅުމުން، ކޮމިށަނުގެ ރައީސް، ރައީސްކަމުގެ މަގާމުން ވަކިވީއެވެ. ހަމައެފަދައިން، ކޮމިށަނުގެ ނައިބުރައީސް، ނައިބުރައީސްކަމުގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ކޮމިށަނުގެ ރައީސަށް ހުށަހަޅާ، އެސިޓީ ކޮމިށަނުގެ ރައީސަށް ލިބުމުން، ކޮމިށަނުގެ ނައިބުރައީސް، ނައިބުރައީސް ކަމުގެ މަގާމުން ވަކިވީއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކޮމިށަނުގެ ރައީސް ނުވަތަ ނައިބުރައީސް އެއިން މީހެއްގެ މަގާމުން އިސްތިއުފާ ދިންކަމުގައި ވިޔަސް، ކޮމިށަނުގެ މެންބަރުކަމުން އެމީހަކު އިސްތިއުފާ ދިނީ ކަމުގައެއް ނުބެލެވޭނެއެވެ.

 

16 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް

(ހ) ކޮމިށަނުގެ ރައީސާއި ނައިބުރައީސާއި މެންބަރުންނަށް ދެވޭ މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

(ށ) ކޮމިށަނުގެ ރައީސަށާއި، ނައިބުރައީސަށް ދެވޭ މުސާރައާއި އިނާޔަތްތައް، އެމީހުންގެ މަގާމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ. އަދި ކޮމިށަނުގެ މެންބަރުންނަށް ދެވޭ މުސާރައާއި އިނާޔަތްތައްވެސް، އެމީހުންގެ މެންބަރުކަމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ.

(ނ) ކޮމިށަނުގެ މުވައްޒަފުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާއާއެކު ކަނޑައަޅާނީ ކޮމިށަނުންނެވެ.

 

17 ވަނަ މާއްދާ - މެންބަރުންގެ ސުލޫކީ މިންގަނޑުތައް (އުނި ކުރެވިފައި)

 

17 ވަނަ މާއްދާ - ނުފޫޒެއް ނެތި މިނިވަންކަމާއެކު މަސައްކަތްކުރުން (އިތުރު ކުރެވިފައި)

(ހ) ކޮމިށަނުގެ ވާޖިބު އަދާކުރުމުގައި، ކޮމިށަނުގެ މެންބަރުން އެއްވެސް ބިރަކަށް ނުވަތަ އެއްވެސް ނުފޫޒަކަށް ލެނބިގެނެއް ނުވާނެއެވެ.

(ށ) ކޮމިށަނުގެ އެއްވެސް މައްސަލައެއް ނިންމުމުގައި ނުވަތަ މައްސަލައެއް ހިންގުމުގައި ނުވަތަ މަށްވަރާއެއް ކުރުމުގައި ނުވަތަ ސިޔާސަތެއް ކަނޑައެޅުމުގައި ސީދާގޮތުންވެސް ނުވަތަ ނުސީދާގޮތުންވެސް އަމިއްލަ މަސްލަހަތެއް ހާސިލުކުރަން މަސައްކަތްކޮށްގެން ނުވާނެއެވެ.

(ނ) ކޮމިށަނުގެ ހުރިހާ ކަމެއްވެސް ކުރަންވާނީ، ކޮމިށަނުގެ މަގްސަދު ހާސިލުވާނެ ގޮތުގެމަތިން، ޢާންމު މަސްލަހަތަށްޓަކައެވެ.

(ރ) ހާމަކަން ބޮޑުގޮތެއްގައި ކަންތައްތައް ކުރުމަށްޓަކައި، އެކަމެއްގެ ވަގުތުގައި، އެކަމަކާބެހޭ ސައްހަ މަޢުލޫމާތު ޢާންމުންނަށް ފަސޭހައިން ލިބިގަނެވޭ ގޮތަށް ފޯރުކޮށްދޭންވާނެއެވެ.

(ބ) ކޮމިށަނުގެ މަސައްކަތްތައް ހިންގުމުގައާއި، ކޮމިށަނުގެ އިދާރީ އޮނިގަނޑު ތަރުތީބުވެގެންވާ ގޮތުގައާއި، ކޮމިށަނުގެ މަސައްކަތްތައް ކުރުމުގައާއި، ކޮމިށަނުގެ ޕްރޮގްރާމްތައް ރޭވުމުގައާއި، ކޮރަޕްށަނުގެ ޢަމަލެއް ހިނގިޔަ ނުދިނުމަށް ކުރާ ކަންކަމުގައާއި، ކޮމިށަނުގެ ތަހްގީގުތައް ހިންގުމުގައާއި، ކޮމިށަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި، ކޮމިށަނަށް ފުރިހަމަ ގާނޫނީ އިހްތިޔާރާއި މިނިވަންކަމާއި ބާރު ލިބިގެންވެއެވެ.

 

17-1 ވަނަ މާއްދާ - ކޮމިށަނުގެ ޖަމާޢީ ސުލޫކު (އިތުރު ކުރެވިފައި)

(ހ) ކޮމިށަނުގެ މެންބަރުން އެމީހުންގެ މަގާމުގެ ވާޖިބު އަދާކުރުމުގައި ކޮމިށަނުގެ ގަދަރާއި ދަރަޖައާއި އަބުރުވެރިކަމަށް އުނިކަން އަންނަ ގޮތަށް ޢަމަލުކޮށްގެން ނުވާނެއެވެ.

(ށ) ކޮމިށަނުގެ ސިޔާސަތުތަކާއި ކޮމިށަނުގެ ނިންމުންތަކާއި ކޮމިށަނުން ޢަމަލުކުރާގޮތާ ގުޅޭގޮތުން ޖަވާބުދާރީވުމާއި ޒިންމާ އުފުލުމުގެ ވާޖިބު ކޮމިށަނުގެ މެންބަރުން އަދާކުރަންވާނީ ހާމަކަންބޮޑު ގޮތެއްގެމަތިންނެވެ.

 

17-2 ވަނަ މާއްދާ - މެންބަރުންގެ ޒާތީ ސުލޫކު(އިތުރު ކުރެވިފައި) 

ކޮމިށަނުގެ ކޮންމެ މެންބަރަކުމެ، ފަރުދެއްގެ ހައިސިއްޔަތުންނާއި ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން، ހުރިހާ ހާލަތެއްގައިވެސް، އަންނަނިވި ހަމަތައް ހިފަހައްޓަންވާނެއެވެ.

(ހ) ކޮމިށަނުގެ ގަދަރަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ވަގުތެއްގައި ނުކުރުން.

(ށ) ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ބުރޫއަރާފާނެ ފަދަ އެއްވެސް ކަމެއްނުކުރުން.

(ނ) ގާނޫނާ ހިލާފު ޢަމަލެއް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް މަގާމުގެ ބޭނުންކޮށްގެން ނުކުރުން.

(ރ) ކަނޑައެޅިގެން ވަކި މީހަކަށް ގެއްލުން ދިނުމުގެ ނިޔަތުގައި ނުވަތަ އޭނާގެ އަބުރު ނަގާލުމުގެ ނިޔަތުގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް މަގާމުގެ ބޭނުންކޮށްގެން ކަމެއް ނުކުރުން.

(ބ) ޢާންމު އުސޫލަކުން ކޮންމެ މީހަކަށްވެސް ލިބެންއޮތް ހަދިޔާއެއް ނުވަތަ އެހީއެއް ނުވަތަ މަންފާއެއް ނުވަތަ މެހެމާންދާރީއެއް ފިޔަވައި އެނޫން ހަދިޔާއެއް، ނުވަތަ އެހީއެއް، ނުވަތަ މަންފާއެއް ނުވަތަ މެހެމާންދާރީއެއް އެއްވެސް ފަރާތަކުން ނުހޯދުން.

(ޅ) ކޮމިށަނުގެ ބައްދަލުވުންތަކަށް ފަރުވާތެރިކަމާއެކު ހާޒިރުވެ، އެ ބައްދަލުވުންތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

 

17-3 ވަނަ މާއްދާ - މާލީ ހިސާބު ހުށަހެޅުން (އިތުރު ކުރެވިފައި)

(ހ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ނުވަތަ އެފަދަ ގާނޫނެއްގެ ދަށުން އެހެންގޮތަކަށް ޢަމަލުކުރަމުން އައިކަމުގައިވީނަމަވެސް، ކޮމިށަނުގެ މެންބަރުން މާލީ ހިސާބު ހުށަހެޅުމުގައި މި ގާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ޢަމަލުކުރާނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) ކޮމިށަނުގެ މެންބަރުކަމަށް ޢައްޔަންކުރެވޭ މީހާ، އޭނާގެ މަގާމާ ހަވާލުވިއިރު، އޭނާއަށް ލިބިފައިވާ އާމްދަނީއާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، އެ މަގާމާ  އޭނާ ހަވާލުވާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މާލީ ހިސާބު ހުށަހެޅުމުގެ އިތުރަށް، ކޮމިށަނުގެ މެންބަރުކަމާ ހަވާލުވާ ތާރީހުން ފެށިގެން ކޮންމެ އަހަރެއްގެ މާލީ ހިސާބު އެ އަހަރެއް ނިމޭތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަމުން ގެންދަންވާނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި އަހަރު ކަމަށް މާނަކޮށްފައިއެވަނީ، އެމީހަކު ކޮމިށަނުގެ މެންބަރުކަމާ ހަވާލުވާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ހަމަވާ ތާރީހަށެވެ.

(ރ) ކޮމިށަނުގެ މެންބަރަކު މަގާމުން ވަކިވުމަށްފަހު ނުވަތަ އިސްތިޢުފާ ދިނުމަށްފަހު ހިނގާ ފުރަތަމަ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އޭނާ މަގާމުން ވަކިވިއިރު އޭނާއަށް ލިބިފައިވާ އާމްދަނީއާއި އާމްދަނީ ލިބޭ ގޮތްތަކާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ށ)، (ނ)، އަދި (ރ) ގެ ދަށުން ކޮމިށަނުގެ މެންބަރެއްގެ މާލީ ހިސާބު ހުށަހަޅާއިރު، އޭނާ އިނދެގެންއުޅޭ މީހާއާއި، 18 (އަށާރަ) އަހަރު ނުފުރޭ ދަރިންގެ މާލީ ހިސާބުވެސް ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގެ ދަށުން ހުށަހެޅުން ލާޒިމުކުރާ މާލީ ހިސާބުތައް ތައްޔާރުކުރާނީ، އޮޑިޓަރ ޖެނެރަލް ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ނަމޫނާއާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ކ) މި މާއްދާގެ ދަށުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅާ ބަޔާނުގައި މައްސަލައެއްވާ ކަމަށް އޮޑިޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އެ މައްސަލައެއް އޮޑިޓަރ ޖެނެރަލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

 

17-4 ވަނަ މާއްދާ - އިތުރު ވަޒީފާ އަދާނުކުރުމާއި މަސްލަހަތު ފުށުއަރާ ވިޔަފާރި ނުކުރުން (އިތުރު ކުރެވިފައި)

(ހ) ކޮމިށަނުގެ މެންބަރަކު، އާމްދަނީ ލިބޭ އިތުރު ވަޒީފާއެއް އަދާކޮށްގެންނުވާނެއެވެ. ނުވަތަ އާމްދަނީއެއް ނުވަތަ ފައިދާއެއް ލިބޭ ފަދަ އެހެން މަގާމެއް ފުރައިގެންނުވާނެއެވެ.

(ށ) ކޮމިށަނުގެ މެންބަރަކު، ވިޔަފާރިއެއް ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވެގެންނުވާނެއެވެ. ނުވަތަ އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ށާމިލުވެގެންނުވާނެއެވެ. ނުވަތަ އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެއެވެ. އަދި ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފައިގެންނުވާނެއެވެ. އަދި ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުޢާމަލާތެއްގައި ސީދާގޮތުންވިޔަސް ނުވަތަ ނުސީދާގޮތުންވިޔަސް ކޮމިށަނުގެ މެންބަރަކު އެ މެންބަރެއްގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެންނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ސިގްނިފިކަންޓް ށެއަރހޯލްޑަރެއް ކަމުގައިނުވާ ގޮތުން، އެފަދަ ކުންފުންޏެއްގެ ހިއްސާ މިލްކުކުރުމަކީ، މި މާއްދާގެ ބޭނުމަށްޓަކައި ވިޔަފާރިކުރުން ކަމުގައެއް ނުބެލެވޭނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި "ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ސިގްނިފިކަންޓް ށެއަރހޯލްޑަރެއް" ކަމަށް ބަޔާންކޮށްފައިއެވަނީ، ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ހިއްސާގެ ރައުސުލްމާލުގެ %5 (ފަހެއް އިންސައްތަ) އަށްވުރެ ގިނަ ޢަދަދެއްގެ ހިއްސާގެ މައްޗަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބާރު ފޯރުވޭ މަގާމެއްގައި ހުރި ހިއްސާދާރަކަށެވެ.

(ރ) ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން މެނުވީ، ދައުލަތުގެ އެހެން އެއްވެސް ކޮމިށަނެއްގައި، ނުވަތަ ކައުންސިލެއްގައި، ނުވަތަ މަޖިލީހެއްގައި، ނުވަތަ ކޮމިޓީއެއްގައި، ނުވަތަ ބޯޑެއްގައި، ނުވަތަ އެނޫންވެސް ތަނެއްގައި، އުޖޫރައަކަށްވިޔަސް ނުވަތަ އުޖޫރައަކާ ނުލައި ނަމަވެސް، ބައިވެރިވެގެންނުވާނެއެވެ.

(ބ) ކޮމިށަނުގެ މެންބަރަކު ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުން އެއްވެސް ފަރާތަކަށް މަސައްކަތްކޮށްދީގެންނުވާނެއެވެ.

(ޅ) ކޮމިށަނުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާ ފުށުއަރާފާނެ ބާވަތުގެ މަދަނީ ޖަމާޢަތެއްގެ މެންބަރަކަށް ކޮމިށަނުގެ މެންބަރަކު ވެގެންނުވާނެއެވެ.

(ކ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، ކޮމިށަނުގެ މެންބަރެއްގެ ނަމުގައި އޮތް ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއް، ބާޒާރުގައި އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއްގެ އަގު ޢާންމުކޮށް ހުރި އަގަށްވުރެ ބޮޑުނޫން އަގަކަށް ވިއްކާލުމާއި، އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއް ބާޒާރުގައި ޢާންމުކޮށް ކުއްޔަށްދީއުޅޭ އަގަށްވުރެ ބޮޑުނޫން އަގެއްގައި ކުއްޔަށްދީގެން އާމްދަނީ ހޯދުން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވިޔަފާރިއާއި މަސައްކަތުގެ ތެރޭގައި ހިމެނިގެނެއް ނުވެއެވެ.

(އ) ކޮމިށަނުގެ މެންބަރުކަމުން ވަކިވުމަށްފަހު، ފުރަތަމަ ހިނގާ 12 (ބާރަ) މަސްދުވަހުގެ މުއްދަތު ފާއިތުވަންދެން، ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން އޭނާ އަދާކުރި މަސްލަހަތާ ފުށުއަރާ ވަޒީފާއެއް ނުވަތަ މަސައްކަތެއް، ކޮމިށަނުގެ މެންބަރަކު ކޮށްގެންނުވާނެއެވެ.

 

17-5 ވަނަ މާއްދާ - ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތައް (އިތުރު ކުރެވިފައި)

(ހ) ކޮމިށަނުގެ މެންބަރުން، އެމީހުންގެ މަގާމުގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމުގައި އަންނަނިވި ހަމަތައް ހިފަހައްޓަންވާނެއެވެ.

  1. ދިވެހިރާއްޖޭގެ އެންމެހައި ގާނޫނުތަކަށް ތަބާވެ، އެ ގާނޫނުތަކަށް އިހްތިރާމްކުރުމާއި، އެ ގާނޫނުތަކުގެ ދަށުން ހުއްދަ އަމުރެއް ކުރާ ފަރާތެއްގެ އަމުރަށް ރަސްމީ ވާޖިބު އަދާކުރުމުގައި ތަބާވަމުންދިޔުން؛
  2. ޒާތީ އެއްވެސް ތަޢައްސުބަކާ ނުލައި، އަދި ހަމައެކަނި ކުރިމަތީގައިވާ ހެކީގެ މައްޗަށް ނިންމުންތައް ނިންމުމާއި، އެކަން ކުރުމުގައި ތިމާގެ މަސައްކަތަށާއި ތިމާގެ ވާޖިބަށް އިހްލާސްތެރިވުމާއި އިންސާފުވެރިވުމާއި، ފަރުވާތެރިވުން؛
  3. ރަސްމީ މަސައްކަތުގެ ދާއިރާގެ ތެރޭގައި އެހެން މީހުންނާ މުޢާމަލާތް ކުރުމުގަޔާއި، ކުށުގެ ތުހުމަތުކުރެވޭ ފަރާތްތަކާ މުޢާމަލާތް ކުރުމުގައި، އިހްތިރާމާއެކު މުޢާމަލާތްކުރުން؛
  4. ތިމާއަށް ލިބިދޭ ބާރާއި އިހްތިޔާރު ނުރަނގަޅު ނިޔަތެއްގައި ވަކިފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ ގެއްލުމެއް ދިނުމުގެ ބޭނުމުގައި ބޭނުންނުކުރުމާއި، ގާނޫނުގެ ދާއިރާގެ ތެރޭގައި ލިބިދޭ އިހްތިޔާރު ސައްހަގޮތުގައި ބޭނުންކުރުމާއި، އެ އިހްތިޔާރު ބޭނުންކުރުމުގައި އެހެން މީހުންގެ ހައްގުތަކަށާއި ވާޖިބުތަކަށާއި ގާނޫނުގައި ސައްހަ މަސްލަހަތުތަކަށް އިހްތިރާމްކުރުން؛
  5. މި ގާނޫނުގެ 2-17 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި، އެއްވެސް ފަރާތެއްގެ އެހީއާއި ޢިނާޔަތާއި މެހެމާންދާރީއާއި ހަދިޔާ ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި ނަމަވެސް ނުހޯދުން؛
  6. ގާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބަށް ހުރަސްއެޅިދާނެ ނުވަތަ އެ ވާޖިބު އަދާކުރުމަށް ފަހުން ދަތިވެދާނެ ނުވަތަ މަސްލަހަތު ފުށުއަރާފަދަ އެއްވެސްކަމެއް ނުކުރުން؛
  7. ތިމާއަށް ވަކި މީހަކު ނުވަތަ ވަކި ފަރާތަކުން ކޮށްދީފައިވާ ކަމެއްގެ މުގާބިލުގައި، އެހެން ކަމެއް ތިމާ ކޮށްދޭންޖެހުން ލާޒިމުވާ ހާލަތަށް ތިމާ ނުގެންދިޔުން؛
  8. މެންބަރުކަމުގައި ދެމިހުންނައިރު އަދި މެންބަރުކަމުން ވަކިވުމަށްފަހުގައިވެސް، ތިމާގެ މަގާމު އަދާކުރުމުގައި ތިމާއަށް ލިބިފައިވާ މަޢުލޫމާތުތަކާއި، މައްސަލަތަކާ ގުޅިގެން ލިބޭ ސިއްރު ހިފަހައްޓަންޖެހޭ މަޢުލޫމާތުތައް ސިއްރުގެ ގޮތުގައި ހިފެހެއްޓުން؛
  9. ގާނޫނުގައިވާ ގޮތުގެމަތިން، ސައްހަގޮތުގައި އެހެން ފަރާތަކަށް ހާމަކުރަންޖެހޭ މަޢުލޫމާތު ހާމަކުރުމާއި، އެ މަޢުލޫމާތު އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި، ރަސްމީ ވާޖިބު އަދާކުރުމުގައި ސައްހަ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ނުރަނގަޅު ނުވަތަ ދޮގު މަޢުލޫމާތާއި ހަގީގަތް އޮޅޭގޮތަށް މަޢުލޫމާތު ހާމަނުކުރުން؛
  10. ކޮމިށަނުގެ މަސައްކަތަށް މީހުން އިހްތިޔާރުކުރުމުގައާއި މީހުން ޢައްޔަންކުރުމުގައި އެންމެ އަސާސީ ރުކުނަކީ މަސައްކަތަށް އެކަށޭނަ ގާބިލުކަމާއި ތަޢުލީމީ ފެންވަރު ހުރުން ކަމުގައި ބެލުމާއި، ވަޒީފާ ދިނުމާއި ވަޒީފާގެ ކުރިއެރުން ދިނުމާއި މުވައްޒަފުންނާގުޅޭ އެހެނިހެން ކަންކަމުގައި ބަލަންޖެހޭ މައިގަނޑު މިންގަނޑަކީ ތަޢުލީމީގޮތުންނާއި އަހްލާގީގޮތުންނާއި މަސައްކަތުގެގޮތުން އެކަށޭނަ ބަޔަކަށްވުން ކަމުގައި ބެލުން؛
  11. ސިޔާސީ ބަހުސްތަކުގައި ބައިވެރިނުވުމާއި، ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ވަޒީފާ ބޭނުންނުކުރުމާއި، ސިޔާސީ ހަރަކާތްތަކަށް ތާއީދުކުރަނީކަން ނުވަތަ ދެކޮޅުހަދަނީކަން ދޭހަވާފަދަ ކަމެއް ނުކުރުމާއި، ސިޔާސީ ނުފޫޒަށް ތިމާ ލެނބޭކަން ދޭހަވާ ފަދަ އެއްވެސްކަމެއް ނުކުރުން؛
  12. ކޮމިށަނުގެ މުވައްޒަފުން ކޮރަޕްށަންގެ ޢަމަލުތަކަށް ހުށަހެޅިދާނެ ހާލަތްތައް އަބަދުމެ ވަޒަންކުރަމުން ދިޔުމާއި، ކޮރަޕްށަނަށް މަގުފަހިނުވާނެ ގޮތުގެމަތިން އެފަރާތްތަކުގެ ޢަމަލުތައް ހުންނާނެގޮތަށް، އެމީހުންގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތު އަހްލާގާއި ކޮމިށަނުގެ އިދާރީ އުސޫލުތައް ބައްޓަންކުރަމުން ދިޔުން؛
  13. ކޮމިށަނުގެ މުވައްޒަފުންނާއި ކޮމިށަނުގެ މެންބަރުން ކޮރަޕްށަންގެ ޢަމަލުތަކުން ދުރުކުރުމަށްޓަކައި ހިންގަންޖެހޭ އުސޫލުތައް ހިންގުމާއި، އެމީހުންނަށް ތަޢުލީމާއި ތަމްރީނުދިނުމާއި، ނުހައްގު މުއްސަނދިކަމުން ސަލާމަތްވެ ތިބޭކަން ކަށަވަރުކުރުމުގެ ގޮތުން އެމީހުންގެ މާލީ ހާލަތަށް ސަމާލުވެ ތިބުމާއި، ކޮރަޕްށަނުން ރައްކާތެރިވެގެންވާ ނަމޫނާއެއް ކޮމިށަނުގެ މެންބަރުން ދެއްކުން؛
  14. ކޮމިށަނުގެ މެންބަރެއް ކަމުގައިވީނަމަވެސް ނުވަތަ މުވައްޒަފެއް ކަމުގައިވީނަމަވެސް، ސުލޫކީ ހަމަތަކާ ހިލާފަށް ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލަން އަންގާނަމަ ނުވަތަ ބާރުއަޅާނަމަ ނުވަތަ މަޖުބޫރުކުރުވާނަމަ، ނުވަތަ މުވައްޒަފުގެ މަސައްކަތް ނަޒާހަތްތެރިކަމާއެކު ކުރިއަށްގެންދިޔުމަށް ހުރަސްއެޅޭފަދަ ނުރަނގަޅު ނުފޫޒެއް ފޯރުވާނަމަ، ލަސްނުކޮށް ޕްރޮސިކިއުޓަރ ޖެނެރަލަށާއި އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން؛ އަދި
  15. ކޮމިށަނަށް މައްސަލައެއް ހުށަހަޅާ އެއްވެސް މީހަކާމެދު ނުރަނގަޅު ގޮތަކަށް އެއްވެސް ކަމެއް ނުކުރުން. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޒިންމާތަކަކީ، ކޮމިށަނުގެ ރައީސާއި ކޮމިށަނުގެ މެންބަރުންނާއި ކޮމިށަނުގެ މުވައްޒަފުންގެވެސް ވަޒީފާގެ މައިގަނޑު އެއް އަސާސް ކަމުގައި ބެލެވޭނެއެވެ. އެއީ، ވަޒީފާގެ އެއްބަސްވުމެއް ނެތްނަމަވެސް، އަދި އޮތް ވަޒީފާގެ އެއްބަސްވުމުގައި އެއިން ކަމެއް ހިމެނިފައިނުވި ނަމަވެސްމެއެވެ. އަދި، އެއިން ކަމަކާ ހިލާފުވުމަކީ، އެމީހަކާމެދު ތައުދީބީ ފިޔަވަޅު އެޅުމުގެ ހާލަތެއް އުފަންވުން ކަމުގައި ބެލެވޭނެއެވެ.

 

17-6 ވަނަ މާއްދާ - ސިޔާސަތުތައް އެކަށައެޅުން (އިތުރު ކުރެވިފައި)

މި ގާނޫނުގެ 5-17 ވަނަ މާއްދާގައި ބަޔާންވެގެންވާ ހަމަތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ސިޔާސަތުތަކާއި އުސޫލުތަކާއި ތަމްރީނުތަކާއި ހަމަތަކާގުޅޭ ތަފްސީލުތައް މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮމިށަނުން އެކުލަވާލައި ތަންފީޒުކުރަންވާނެއެވެ. އަދި އެ ހަމަތަކަށް ޢަމަލުކުރުމުގައި ކުރުން ހުއްދަވެގެންވަނީ ކޮން ކަމެއްކަން ނުވަތަ މަނާވެގެންވަނީ ކޮން ކަމެއްކަން އެނގޭނެ މިންވަރަށް އެ ހަމަތައް ތަފްސީލުކޮށްދޭންވާނެއެވެ.

 

17-7 ވަނަ މާއްދާ - ސުލޫކީ ހަމަތަކަށް ތަބާވުން (އިތުރު ކުރެވިފައި)

(ހ)  ކޮމިށަނުގެ މެންބަރުން އެމީހުންގެ މަގާމުގެ ވާޖިބު އަދާކުރުމުގައި، މި ގާނޫނުގައި ބަޔާންވެގެންވާ ސުލޫކީ ހަމަތަކުގެ އެންމެމަތީ މިންގަނޑުގައި ހިފަހައްޓައި، އެހެން މީހުންނަށްވެސް އެ ހަމަތަކަށް ތަބާވާކަންއެނގޭ މިންވަރަށް، ހުރިހާ ހާލަތެއްގައިވެސް އެ ހަމަތަކަށް ތަބާވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ސުލޫކީ ހަމަތަކަށް ކޮމިށަނުގެ މެންބަރުން ތަބާވުން އެ އަކުރުގެ ދަށުން ލާޒިމުކުރާ ފަދައިން، ކޮމިށަނުގެ މުވައްޒަފުންވެސް އެ ސުލޫކީ ހަމަތަކަށް ތަބާވާކަން، ކޮމިށަނުގެ ރައީސް ކަށަވަރުކުރަންވާނެއެވެ.

(ނ) ކޮމިށަނުގެ މެންބަރުން ވަކިވަކި ފަރުދުންގެ ހައިސިއްޔަތުންނާއި ކޮމިށަނަރެއްގެ ހައިސިއްޔަތުން ކޮމިށަނުގެ މިނިވަންކަމާއި، އަބުރުވެރިކަމާއި، ހަމަހަމަކަމާއި އަހްލާގީ އަދި ސުލޫކީ މިންގަނޑުތައް ހިފަހައްޓަންވާނެއެވެ.

 

17-8 ވަނަ މާއްދާ - ސުލޫކީ ހަމަތަކާ މެންބަރުން ހިލާފުވުން (އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގައި ބަޔާންވެގެންވާ ސުލޫކީ ހަމަތަކުގެ ތެރެއިން ހަމައަކާ ކޮމިށަނުގެ މެންބަރަކު ހިލާފުވުމަކީ، މި ގާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމަށް ބަލައި،    އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއް އުފަންވީ ކަމުގައި ބެލެވޭނެއެވެ.

(ށ) ކޮމިށަނުގެ މެންބަރަކު ސުލޫކީ ހަމަތަކާ ހިލާފަށް ކުރި ކަމަކީ، އޭގައި ޖިނާއީ ކުށެއްގެ ޢަމަލު ހިމެނިގެންވާ ކަމެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅު އެޅުމަކީ، ޖިނާއީ ދަޢުވާއެއް އޭނާގެ މައްޗަށް ކުރުމަށް އޮތް ހުރަހެއް ނޫނެވެ.

(ނ) ކޮމިށަނުން ނިންމާ ނިންމުމުގައި ބައިވެރިވި މެންބަރެއް ނުވަތަ މުވައްޒަފެއް މި ގާނޫނުގައި ބަޔާންކޮށްފައިވާ ސުލޫކީ ހަމަތަކާ ހިލާފަށް ކަމެއްކުރިކަމަށް ނުވަތަ މި ގާނޫނުގެ 28 ވަނަ މާއްދާއާ ހިލާފަށް ކަމެއް ކުރިކަމަށް ކޮމިށަނުން ކަނޑައަޅައިފިނަމަ، އެ މެންބަރަކު ނުވަތަ މުވައްޒަފަކު ބައިވެރިވެގެން ކޮމިށަނުން ނިންމާފައިވާ ނިންމުމެއް އަލުން މުރާޖަޢާކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

17-9 ވަނަ މާއްދާ - ސުލޫކީ ހަމަތަކާ މުވައްޒަފުން ހިލާފުވުން (އިތުރު ކުރެވިފައި)

(ހ) ކޮމިށަނުގެ މުވައްޒަފަކު މި ގާނޫނުގެ 5-17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ސުލޫކީ ހަމަތަކުގެ ތެރެއިން ހަމައަކާ ހިލާފުވެއްޖެނަމަ، އެ ހިލާފުވި މިންވަރެއްގެ ކުޑަބޮޑު މިނަށް ބަލައި، އެ މުވައްޒަފަކާމެދު ކޮމިށަނުގެ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި ކޮމިށަނުގެ މުވައްޒަފުން ސުލޫކާ ހިލާފުވެގެން އެ މުވައްޒަފުންނާމެދު އެޅޭނެ ފިޔަވަޅުތައް، މި ގާނޫނުގެ ދަށުން ހަދާ ކޮމިށަނުގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) ކޮމިށަނުގެ މުވައްޒަފަކު ސުލޫކީ ހަމަތަކާ ހިލާފަށް ކުރިކަމަކީ، އޭގައި ޖިނާއީ ކުށެއްގެ ޢަމަލު ހިމެނިގެންވާ ކަމެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނުގެ މުވައްޒަފުންގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އެޅުމަކީ، އޭނާގެ މައްޗަށް ޖިނާއީ ދަޢުވާއެއް ކުރުމަށް އޮތް ހުރަހެއް ނޫނެވެ.

 

18 ވަނަ މާއްދާ – ހިމާޔަތް

ކޮމިށަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުންނާއި، ކޮމިށަނަށް ލިބިދޭ ބާރުތަކުގެ ދަށުން އަމަލުކުރުމުގެ ގޮތުން ގާނޫނުގައިވާ ގޮތުގެމަތިން، ނުވަތަ ގާނޫނަކުން ލިބިދޭ ބާރެއްގެ ދާއިރާގެ ތެރޭގައި، ކޮމިށަނުގެ ރައީސް، ނުވަތަ ކޮމިށަނުގެ ނައިބުރައީސް، ނުވަތަ ކޮމިށަނުގެ މެންބަރަކު، ނުވަތަ ކޮމިށަނުގެ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން، ހެޔޮނިޔަތުގައި ކުރާ ކަމަކާމެދު، ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އެއްވެސް މަދަނީ ނުވަތަ ޖިނާއީ ދައުވާއެއް ނުއުފުލޭނެއެވެ.

 

19 ވަނަ މާއްދާ - ކޮމިށަނުގެ ޖަލްސާ

ކޮމިށަނުގެ ޖަލްސާއެއް މަދުވެގެން ކޮންމެ މަހަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.

 

20 ވަނަ މާއްދާ - ގާނޫނީ އަދަދާއި ވޯޓު ދިނުން

(ހ) ކޮމިށަނުގެ ޖަލްސާއެއް ބޭއްވޭނީ ކޮމިށަނުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.

(ށ) ކޮމިށަނަށް އެއްވެސް ކަމެއް ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތު އެކަމަށް ލިބިގެންނެވެ.

 

20-1 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ރެކޯޑު ބެލެހެއްޓުން (އިތުރު ކުރެވިފައި)

(ހ) ކޮމިށަނުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަކުރުން އަކުރަށް ލިޔެ ބަލަހައްޓަންވާނެވެ. އަދި އެ ބައްދަލުވުންތަކުގެ އޯޑިއޯ ރެކޯޑިންގ ބަލަހައްޓަންވާނެއެވެ.

(ށ) ޔައުމިއްޔާ ލިޔެ ތައްޔާރުކުރަންވާނީ، މެންބަރުން ދައްކާ ވާހަކައަށް އުނިއިތުރެއް ނުގެނެސް، ކޮމިށަނުގެ މެންބަރަކު ދައްކާ ވާހަކައެއް، އެ ދެއްކި ގޮތަކަށް ޔައުމިއްޔާއިން ފެންނާނެ، އަދި ބައްދަލުވުމުގައި ކަންހިނގައިދިޔަގޮތް ސާފުކޮށް އެނގޭނެ ގޮތުގެމަތިންނެވެ.

(ނ) ކޮމިށަނުން އެއްވެސް ތަހްގީޤެއް ހިންގައިފިނަމަ ނުވަތަ އެއްވެސް ހެކިބަހެއް ހޯދައިފިނަމަ، އަކުރުން އަކުރަށް ޔައުމިއްޔާކުރަންވާނެއެވެ. އަދި އެ ތަހްގީގުގެ އޯޑިއޯ ރެކޯޑިންގ ބަލަހައްޓަންވާނެއެވެ.

(ރ) ކޮމިށަނުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާގައި، ކޮމިށަނުގެ މެންބަރުންގެ ހާޒިރީއާއި ވޯޓު ދިންގޮތުގެ ތަފްސީލު ހިމަނަންވާނެއެވެ.

(ބ) ކޮމިށަނުގެ ބައްދަލުވުންތަކުގެ ހާޒިރީ ކޮންމެ މަހަކު 1 (އެކެއް) ފަހަރު ކޮމިށަނުގެ ވެބްސައިޓުގައި ށާއިޢުކުރަންވާނެއެވެ.

(ޅ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އޮތްނަމަވެސް، މި މާއްދާގެ (ހ) އަދި (ނ) ގައިވާ ލިޔެކިޔުންތަކާއި ރެކޯޑިންގތައް މަދުވެގެން 10 (ދިހައެއް) އަހަރުދުވަސް ވަންދެން ކޮމިށަނުން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

 

21 ވަނަ މާއްދާ - ކޮމިށަނާ ހަވާލުވެގެންވާ މަސްއޫލިއްޔަތުތައް (އިސްލާހު ކުރެވިފައި)

ކޮމިށަނުގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ކޮރަޕްށަންގެ ކުށުގެ މައްސަލަތައް ބަލައި ތަހްގީގުކުރުމާއި، އެގޮތުން، ކޮރަޕްށަންގެ ޢަމަލެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމަށް، ނުވަތަ ހިންގާކަމަށް، ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އެކަމެއް ބަލައި ތަހްގީގުކުރުން.

(ށ) ވަކިފަރާތަކުން މައްސަލައެއް ހުށަހެޅުމަކާ ނުލައި، ކޮރަޕްށަންގެ ކުށެއް ހިނގައިފިކަމުގެ، ނުވަތަ ހިންގާކަމުގެ، ނުވަތަ ހިންގަން އުޅޭކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ، ނުވަތަ އެފަދަ ކުށެއް ހިނގައިފިކަމުގެ، ނުވަތަ ހިންގާކަމުގެ ނުވަތަ ހިންގަން އުޅޭކަމުގެ މައްޗަށް ށައްކުކުރެވިއްޖެނަމަ، ވަކިފަރާތަކުން އެކަމެއް އެންގުމަކާ ނުލައި، ވަކިފަރާތަކުން އެ މަޢުލޫމާތު ލިބުމަކާ ނުލައި، އަމިއްލަ އިސްނެގުމުގައި ހޯދަންޖެހޭ ހޯދުންތައް ހޯދައި، ކުރަންޖެހޭ ތަހްގީގުތައް ކުރުން.

(ނ) ކޮމިށަނުން ތަހްގީގުކުރާ ކަންތައްތަކާ ގުޅިގެން އިތުރަށް ބަލައި ސާފުކުރަންޖެހޭ ކަންތައްތައް ދައުލަތުގެ އިދާރާތަކަށާއި އަމިއްލަ ފަރާތްތަކަށް ހުށަހަޅައިގެން ސާފުކުރުން. އެގޮތުން ކޮމިށަނުން ތަހްގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން، ކޮމިށަނުގެ ބާރުހިނގާ ދާއިރާގެ ތެރޭގައި ހިމެނޭ ފަރާތަކަށް އަންގަންޖެހޭ އެންގުންތައް އެންގުން.

(ރ) ކޮމިށަނުން ކުރާ ތަހްގީގަކަށްފަހު، ކޮރަޕްށަންގެ ކުށުގެ ދަޢުވާ އުފުލުމަށް އެކަށޭނަ ހެކި ހުރިކަމަށް ކޮމިށަނަށް ގަބޫލުކުރެވޭ ކަންކަމުގައި، ށަރީޢަތަށް ހުށަހެޅުމަށްޓަކައި އެ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުން.

(ބ) ކޮރަޕްށަންގެ ޢަމަލުތަކުން ލިބޭ ގެއްލުމާއި އެ ޢަމަލުތަކުގެ ނުބައިކަމުގެ މައްޗަށާއި، ދައުލަތް ހިންގުމުގައި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ނަޒާހަތްތެރިކަން ކުރިއަރުވައި، އެކަންކަމުގެ މައްޗަށް ދައުލަތުގެ މުވައްޒަފުންނާއި ދައުލަތުގެ ކުންފުނިތަކާއި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ހޭލުންތެރިކުރުވައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

(ޅ) ކޮރަޕްށަންގެ ޢަމަލުތަކުން ލިބޭ ގެއްލުމާއި އެ ޢަމަލުތަކުގެ ނުބައިކަމުގެ މައްޗަށް ޢާންމުން ހޭލުންތެރި ކުރުވައި ޢާންމުންގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުން.

(ކ) ކޮރަޕްށަންގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް، ދައުލަތުގެ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ލަފާ ދިނުމާއި، ކަމާގުޅޭގޮތުން އަންގަންޖެހޭ އެންގުންތައް އެ އިދާރާތަކަށް އެންގުން.

(އ) ސެމިނާތަކާއި، މަސައްކަތު ބައްދަލުވުންތަކާއި، އެހެނިހެން ޕްރޮގްރާމްތައް ހިންގައިގެން ކޮރަޕްށަންގެ ޢަމަލު ހުއްޓުވުމާއި މަނާކުރުމާ ގުޅޭގޮތުން ޢާންމު ހޭލުންތެރިކަން އިތުރުކުރުން.

(ވ) ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމާގުޅޭ ތަފާސްހިސާބު އެއްކޮށް، ތައްޔާރުކޮށް، ބަލަހައްޓައި، ކޮރަޕްށަންގެ ޢަމަލުތައް ހިންގޭގޮތާއި އެފަދަ ޢަމަލުތަކުގެ ބާވަތްތަކާއި އެ ޢަމަލުތައް ހިނގުމަށް މެދުވެރިވާ ސަބަބުތަކާއި އެ ޢަމަލުތައް ހިންގާ ގޮތަށް އަންނަ ބަދަލުތައް ދެނެގަތުމުގެ ދިރާސާކޮށް ހޯދުންތައް ހޯދައި، އެ ދިރާސާތައް ހާމަކޮށް، ށާއިޢުކޮށް، އެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކޮރަޕްށަންގެ ޢަމަލު ހުއްޓުވުމާއި މަނާކުރުމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުން.

(މ) ކޮރަޕްށަންގެ ޢަމަލު ހުއްޓުވުމާއި މަނާކުރުމާ ގުޅޭގޮތުން ޢާންމުކޮށް ހާމަކުރަންޖެހޭ ކަންކަން ހާމަކުރުމާއި، ކަމާ ގުޅޭގޮތުން ށާއިޢުކުރަންޖެހޭ ބަޔާންތައް ށާއިޢުކުރުން.

(ފ) ކޮރަޕްށަން ހުއްޓުވުމަށްޓަކައި ގައުމީ ފެންވަރުގައި ސިޔާސަތުތައް އެކަށައެޅުމާއި އެ ސިޔާސަތުތައް މުރާޖަޢާކޮށް އިސްލާހުކުރުމާއި، އަދި އެ ސިޔާސަތުތައް ތަންފީޒުކުރުން.

(ދ) މި މާއްދާގެ (ފ) ގައި ބުނާ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި، ދައުލަތުގެ އިދާރާތަކުން އެކުލަވާލައި ހިންގަންޖެހޭ ޕްލޭންތަކާއި، މަށްރޫޢުތަކާއި، ހަދަންޖެހޭ އުސޫލުތަކާއި، ތަޢާރަފުކުރަންޖެހޭ ހަމަތައް، ތަޢާރަފުކޮށް ހިންގާތޯ ބަލައި، ކަމާގުޅޭގޮތުން، ދައުލަތުގެ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތަކާއި، ތަންފީޒުކުރަންޖެހޭ އުސޫލުތަކާއި، ތަޢާރަފުކުރަންޖެހޭ ހަމަތަކާ ގުޅޭގޮތުން، އެފަރާތްތަކަށް ދޭންޖެހޭ ލަފާދިނުމާއި، ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމާއި، އަންގަންޖެހޭ އެންގުންތައް އެންގުމާއި، އެކަންކަމަށް ޢަމަލުކުރަމުންދާ ގޮތް ބަލައި، ނަތީޖާ ނެރެދޭ މިންވަރު ވަޒަންކުރަމުންދިޔުން.

(ތ) ދައުލަތުގެ މުވައްޒަފުންގެ މިލްކިއްޔާތަށް، އެފަރާތަށް ލިބޭ އާމްދަނީއާ ނުބައްދަލު އާދަޔާ ހިލާފު ބަދަލެއް އައިސްފައިވާކަމަށް ށައްކުކުރެވޭނަމަ، އެކަން ދިރާސާކުރުމާއި، ނުހައްގު މުއްސަނދިކަން ތަހްގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

(ލ) މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅުން ބަދަހިކޮށްގެން، އެ ޖަމްޢިއްޔާ ޖަމާޢަތްތަކުގައި ކޮރަޕްށަނާ ދެކޮޅަށް ހޭލުންތެރިކަން އުފައްދައި، ނަޒާހަތްތެރިކަމަށް އަހުލުވެރިކޮށް، ކޮރަޕްށަން ހުއްޓުވުމަށްޓަކައި އެފަދަ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު މަސައްކަތްކުރުން.

(ގ) ގާނޫނު ތަންފީޒުކުރާ އިދާރާތަކާ ގުޅިގެން ކޮރަޕްށަންގެ ކުށްތައް ތަހްގީގު ކުރުމާއި، ދައުލަތުގެ އިދާރާތަކާ ގުޅިގެން ކޮރަޕްށަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

(ޏ) ކޮރަޕްށަންގެ ކުށްތަކުގެ ތަހްގީގުތަކާއި ކޮރަޕްށަންގެ ޢަމަލު ހުއްޓުވުމާއި މަނާކުރުމާއި ވިޔަނުދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، އަދި ދައުލަތުން ބައިވެރިވާ ބައިނަލްއަގްވާމީ މުޢާހަދާއަކާ ގުޅޭގޮތުން، ކޮރަޕްށަންގެ ޢަމަލު ހުއްޓުވުމާއި މަނާކުރުމާ ގުޅޭ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތަކަކީ ކޮބައިކަން ފާހަގަކޮށް، ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުން.

(ސ) ކޮރަޕްށަން ހުއްޓުވުމަށް ކުރެވޭ މަސައްކަތުގައި، ބޭރުގެ ސަރުކާރުތަކާއި ބޭރުގެ ކަމާގުޅުންހުރި އިދާރާތަކާއި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ޖަމާޢަތްތަކާ ގުޅުން އުފެއްދުމާއި، އެ ގުޅުމުގެ ތެރެއިން ރާއްޖެއަށް ފައިދާހުރި ކަންކަމުގައި މަދަދާއި އެހީ ހޯދުމާއި، އެކަންކަމާ ގުޅޭގޮތުން އެއްބަސްވާންޖެހޭ ކަންކަމަށް އެއްބަސްވުމާއި، އެފަރާތްތަކަށް ދޭންޖެހޭ އެއްބާރުލުން ދިނުން.

(ޑ) ދައުލަތުގެ އިދާރާތަކުގަޔާއި އަމިއްލަ ވިޔަފާރި ތަންތަނުގައި ކޮރަޕްށަން ހުއްޓުވުމާ ގުޅޭގޮތުން ޢަމަލުކުރަންޖެހޭ ހަމަތަކާއި އުސޫލުތަކާއި ނިޒާމުތައް އެކަށައެޅުމާއި، އެ ނިޒާމުތަކަށް އެތަންތަނުން ތަބާވާ މިންވަރު ދެނެގަތުމާއި، އެ ނިޒާމުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި، އެއިން ތަނަކުން ތަބާނުވާކަމަށް ފާހަގަކުރެވޭނަމަ، އެކަމަށް ތަބާވުމަށް އެންގުން.

(ޒ) ކޮމިށަނަށް ހުށަހެޅޭ ށަކުވާތަކުގެ ތެރެއިން ކޮމިށަނުގެ އިހްތިސާސްގެ ތެރެއަށް ނުފެތޭ ށަކުވާތައް ކަމާގުޅުންހުރި މުއައްސަސާއަކަށް ފޮނުވުމާއި، ކޮމިށަނުން ތަހްގީގު ކުރަމުންދާ މައްސަލައެއްގެ ތެރެއިން އެހެން އިދާރާއަކުން ތަހްގީގު ކުރަންޖެހޭ ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަމެއް އެ އިދާރާއަކަށް ފޮނުވުން.

 

22 ވަނަ މާއްދާ - ކޮމިށަނުގެ ބާރުތައް

ކޮމިށަނުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ޖިނާއީ އިޖުރާއަތާގުޅޭ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުނުވާ ގޮތުގެމަތިން އަންނަނިވި ކަންކަން ކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ހ) ހެކީންގެ ގޮތުގައި ހާޒިރު ކުރަންޖެހޭ ފަރާތްތައް ކޮމިށަނަށް ހާޒިރު ކުރުމާއި، ހެކިބަސް ހޯދުން؛

(ށ) ކޮމިށަނުން ކުރަމުންދާ ތަހުގީގާ ގުޅުންހުރިކަމަށް ފެންނަ ފަރާތްތައް ކޮމިށަނަށް ހާޒިރު ކުރުމާއި، އެމީހުންގެ ބަޔާން ހޯދުން؛

(ނ) ކޮމިށަނުން ކުރަމުންދާ ތަހުގީގަކާ ގުޅުންހުރި ކަމަށް ފެންނަ ލިޔެކިޔުންތައް ހޯދުމާއި، ބެލުމާއި، ބޭނުންވެއްޖެނަމަ، ކޮމިށަނަށް ގެނައުން؛

(ރ) ކޮމިށަނުން ކުރަމުންދާ ތަހުގީގަކާ ގުޅުންހުރިކަމަށް ފެންނަ ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ހޯދުމަށްޓަކައި މި ގާނޫނުގެ 24 ވަނަ މާއްދާގައިވާ ފަރާތްތަކުގެ އެންމެހައި ތަންތަނަށް ކޮމިށަނުގެ މުވައްޒަފުން ގޮސް، އެ ތަންތަނާއި އެ ތަންތަނުގައި ހުރި ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ބަލައި ތަހްގީގްކުރުމާއި، ބޭނުންވެއްޖެނަމަ އެ ތަކެތި ކޮމިށަނަށް ގެނައުން؛

(ބ) ކޮމިށަނުން ކުރަމުންދާ ތަހްގީގަކާ ގުޅިގެން ވަކި ކަންކަމާ ގުޅޭގޮތުން ހާއްސަ މައުލޫމާތެއް ދެވިދާނެކަމަށް ކޮމިށަނަށް ފެންނަ ފަރާތްތަކުން، އެ މައުލޫމާތެއް ލިޔުމަކުން ކޮމިށަނަށް ދިނުމަށް އެންގުން؛

(ޅ) ކޮމިށަނަށް ހުށަހެޅޭ މައްސަލައަކާ ގުޅޭގޮތުން މި ގާނޫނުގެ 24 ވަނަ މާއްދާގައިވާ ފަރާތަކުން ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ކޮމިށަނަށް މައުލޫމާތެއް ދިނުމަށް، ނުވަތަ ރިޕޯޓެއް ހުށަހެޅުމަށް އެންގުމުން އެ މުއްދަތުގެ ތެރޭގައި އެ މައްސަލައަކާބެހޭ މައުލޫމާތެއް ނުފޮނުވައިފިނަމަ، ނުވަތަ ރިޕޯޓެއް ހުށަނާޅައިފިނަމަ، ކޮމިށަނުން އެ މައްސަލަ، އަމިއްލައަށް ބެލުން؛

(ކ) ކޮމިށަނުން ބަލަމުންދާ މައްސަލައެއްގައި ކޮމިށަނުން ސުވާލު ކުރެވެމުންދާ މީހަކު، ރާއްޖޭން ފުރައިގެންދާނަމަ، ކޮމިށަނުން ހުއްދަ ހޯދައިގެން ނޫނީ ނުފުރުމަށް އެންގުން؛

(އ) އާންމުކޮށް ހުޅުވާލައިގެން، ނުވަތަ ހުޅުވާނުލައި ތަހްގީގްކުރުން؛

(ވ) ކޮމިށަނުގެ މެންބަރަކު އެކަނި، ނުވަތަ އެއަށްވުރެ ގިނަ މެންބަރުންގެ ކޮމިޓީއެއްގެ ބެލުމުގެ ދަށުން މައްސަލަ ބަލައި ތަހްގީގްކުރުން؛

(މ) ކޮމިށަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ އެންމެހައި ސާމާނާއި، ވަސީލަތްތަކާއި، އާލާތްތައް ހޯދައި، ގެންގުޅެ، ރައްކާތެރިކަމާއެކު އެތަކެތީގެ ބޭނުން ހިފުން؛

(ފ) މީގެއިތުރުން، މި ގާނޫނާއި އަދި ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމާ ގުޅޭގޮތުން ހެދިފައިވާ އެހެން ގާނޫނުތަކުގައިވާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ތަހްގީގުކުރުމާއި މައްސަލަބެލުމަށްޓަކައި ކޮމިށަނަށް ބޭނުންވާ އެހެނިހެން ބާރުތައް.

 

23 ވަނަ މާއްދާ - ކޮރަޕްށަން (އިސްލާހު ކުރެވިފައި)

(ހ) "ކޮރަޕްށަން" ކަމަށް ބުނެފައިއެވަނީ، ކޮރަޕްށަންގެ ކުށާއި، ކޮރަޕްށަންގެ ކުށެއް ކުރުމަށްޓަކައި ހިންގާ އެންމެހައި އަމަލުތައް ހިމެނޭގޮތުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، "ކޮރަޕްށަންގެ ކުށް" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 510 ވަނަ މާއްދާއާއި 513 ވަނަ މާއްދާއާއި 515 ވަނަ މާއްދާއާއި 516 ވަނަ މާއްދާއާއި 517 ވަނަ މާއްދާއާއި 518 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކުށްކުށާއި، އެނޫންވެސް ގާނޫނެއްގައި ކޮރަޕްށަންގެ ކުށް ކަމުގައި ކަނޑައަޅާފައިވާ ކޮންމެ ކުށަކަށެވެ.

 

24 ވަނަ މާއްދާ - ކޮމިށަނުގެ ބާރު ހިނގާ ދާއިރާ

މި ގާނޫނުގެ މަގްސަދު ހާސިލުކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ކޮމިށަނަށް ލިބިދީފައިވާ ބާރުތަކާއި ކޮމިށަނުން ކުރާ އެންމެހާ މަސައްކަތްތައް އަންނަނިވި ދާއިރާތަކަށް ހިންގޭނެއެވެ.

(ހ) ވެރިކަން ހިންގުމުގެ ބާރުގެ އެންމެހާ މުއައްސަސާތަކާއި   އެ މުއައްސަސާތަކުގެ އެންމެހާ މުވައްޒަފުން.

(ށ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ އެންމެހާ އޮފީސްތަކާއި އިދާރާތަކުގެ އެންމެހާ މުވައްޒަފުން.

(ނ) އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެހާ އޮފީސްތަކާއި އިދާރާތަކުގެ އެންމެހާ މުވައްޒަފުން.

(ރ) މި މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން ދައުލަތުގެ އެހެނިހެން މުއައްސަސާތަކާއި އެ މުއައްސަސާތަކުގެ މުވައްޒަފުން.

(ބ) ސަރުކާރުން ހިންގާ ކުންފުނިތަކާއި، ސަރުކާރުން ބައިވެރިވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ އެންމެހާ މުވައްޒަފުން.

 (ޅ) އެހީގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތެއްގައި ދައުލަތުގެ މާލިއްޔަތުން ފައިސާ ދެވޭ އެންމެހާ ކުންފުނިތަކާއި، ޖަމްއިއްޔާތަކާއި، ޖަމާއަތްތަކާއި، ސިޔާސީ ޕާޓީތަކާއި އަދި އެނޫންވެސް އެންމެހާ މުއައްސަސާތަކާއި އެ މުއައްސަސާތަކުގެ އެންމެހާ މުވައްޒަފުން.

(ކ) ސަރުކާރުގެ ކޮންޓްރެކްޓެއްގެ ދަށުން ސަރުކާރުގެ މުދާ ނުވަތަ ތަކެތި ނުވަތަ ފައިސާ ހަވާލުކޮށްފައިވާ އެންމެހާ މުއައްސަސާތަކާއި  އެ މުއައްސަސާތަކުގެ އެންމެހާ މުވައްޒަފުން.

(އ) މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުންވެސް، ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ކޮމިށަނުން ތަހްގީގުކުރާ އެއްވެސް މައްސަލައަކާ ގުޅުންހުރި އެހެން އެންމެހާ މުއައްސަސާތަކާއި އެ މުއައްސަސާތަކުގެ އެންމެހާ މުވައްޒަފުން.

(ވ) މާލީ ފައިދާ ހޯދުން ނޫން މަގްސަދުގައި ހިންގާ އަމިއްލަ ޖަމްއިއްޔާތަކާއި ޖަމާއަތްތައް.

(މ) އަތޮޅުތަކުގެ ނުވަތަ ރަށްރަށުގެ ނުވަތަ އަވަށްތަކުގެ މުޖުތަމައުގެ ކަންކަމާ ގުޅޭގޮތުން އެ މުޖުތަމައުގެ ރައްޔިތުންގެ ނަމުގައި ހޯދާ ނުވަތަ ލިބޭ ފައިސާ ނުވަތަ ތަކެއްޗާ ގުޅުންހުރި އެންމެހާ ކަންކަން.

(ފ) ކޮމިށަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ދިވެހިރާއްޖޭގައި ހިންގޭ މުއާމަލާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވާ ނުވަތަ ބައިވެރިވާކަމަށް ކޮމިށަނަށް މައުލޫމާތު ލިބިފައިވާ، ނުވަތަ ބައިވެރިވުމަކީ އެކަށީގެންވާކަމެއްކަމަށް ކޮމިށަނަށް ގަބޫލުކުރެވޭ ބިދޭސީ ފަރާތްތައް.

 

25 ވަނަ މާއްދާ - މައްސަލަ ބެލުމަށްފަހު ކޮމިށަނުން އަމަލުކުރަންވީ ގޮތް

(ހ) ކޮމިށަނުން މައްސަލައެއް ބަލައި ނިންމުމަށްފަހު އަމަލުކުރާނީ ތިރީގައިއެވާ ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.

  1. އެ މައްސަލައަކީ ކޮރަޕްށަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއްނަމަ، އެ މައްސަލައަކީ ކޮރަޕްށަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި މައްސަލަ ނިންމުން؛
  2. އެ މައްސަލައަކީ ކޮރަޕްށަންގެ ކުށެއް އެކުލެވިގެންވާ މައްސަލައަކަށްވެފައި، ށަރީއަތަށް ހުށަހަޅައިގެން ސާބިތު ކުރެވޭވަރުގެ އެކަށީގެންވާ ހެއްކާއި ގަރީނާ ހުރިކަމަށް ކޮމިށަނަށް ގަބޫލުކުރެވޭނަމަ، އެ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުން؛
  3. މި މާއްދާގެ (ހ) ގެ (1) ނުވަތަ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމުގެ އިތުރުން، އެ މައްސަލައަކީ މި ގާނޫނުގެ 24 ވަނަ މާއްދާގައިވާ މުއައްސަސާއެއްގެ ހިންގުމުގެ ދާއިރާގައި ހުރި މައްސަލައެއްގެ ސަބަބުން ދިމާވެފައިވާ ކަމެއްނަމަ، އެކަން އިސްލާހުކުރަން އެ މުއައްސަސާއަކަށް އެންގުން.

(ށ) ކޮމިށަނުން މައްސަލަ ބަލައި ނިންމުމަށްފަހު މައްސަލައާބެހޭ ރިޕޯޓެއް އެ މައްސަލަ ހުށަހެޅި ފަރާތުން އެދިއްޖެ ހިނދެއްގައި އެފަރާތަށް ދިނުމަށާއި، އެ މައްސަލައިގައި ޒިންމާ އުފުލަންޖެހޭ ފަރާތްކަމަށް ކޮމިށަނަށް ފާހަގަކުރެވޭ ފަރާތަށް އެ ރިޕޯޓުގެ ކޮޕީއެއް ކޮމިށަނުން ދޭންވާނެއެވެ.

 

26 ވަނަ މާއްދާ - ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުން

ކޮމިށަނުން ބަލައި ތަހްގީގުކުރާ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތަށް އޭނާގެ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ނުވަތަ އޭނާގެ ދިފާއުގައި ގާނޫނީ ވަކީލެއް ތަމްސީލްކުރުމުގެ ފުރުސަތު ދޭންވާނެއެވެ. އެފަދަ ފުރުސަތެއް އޭނާއަށް ކޮމިށަނުން ދީފައި ނުވާނަމަ، އެ މައްސަލައާ ގުޅޭގޮތުން ކޮމިށަނުން ނިންމާފައިވާ ނިންމުމަކީ ސައްހަ ނިންމުމެއްކަމަށް ނުބެލެވޭނެއެވެ.

 

27 ވަނަ މާއްދާ - ކޮމިށަނުގެ ނިންމުންތަކަށް ތަބާވުން

(ހ) ކޮމިށަނަށް ހާޒިރުވުމަށް، ނުވަތަ މައުލޫމާތެއް ދިނުމަށް، ނުވަތަ ލިޔުމެއް ހުށަހެޅުމަށް ނުވަތަ ކޮމިށަނުން އުފުލަންޖެހޭ މަސްއޫލިއްޔަތަކާ ގުޅިގެން ކޮމިށަނަށް ލިބިދޭ ބާރެއްގެ ދަށުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އެންގުމަކަށް އަމަލުކުރުމަކީ، ދިވެހި ރައްޔިތުންގެ މައްޗަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ބާރު ހިނގާ ސަރަހައްދުގައިވާ މީހުންގެ މައްޗަށް ލާޒިމުކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިށަނުގެ އެންގުމަކަށް ތަބާނުވެއްޖެނަމަ، ނުވަތަ ކޮމިށަނުގެ ގަދަރަށް އުނިކަމެއް ލިބޭގޮތަކަށް އަމަލުކޮށްފިނަމަ، އެފަދަ އަމަލެއްކުރި މީހެއްގެ އަދަބަކީ 1 (އެކެއް) މަސްދުވަހަށް ޖަލަށްލުން، ނުވަތަ 3 (ތިނެއް) މަސްދުވަހަށް ގޭގައި ބަންދުކުރުން، ނުވަތަ -/3,000 (ތިންހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

 

28 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުން (އިސްލާހު ކުރެވިފައި)

(ހ) ކޮމިށަނުގެ މެންބަރަކު އަދާކުރަންޖެހޭ ރަސްމީ ވާޖިބާއި އޭނާގެ މަސްލަހަތާ ދެމެދު އެއްވެސް ފުށުއެރުމެއް އުފެދުމަކަށް ފުރުސަތު ދީގެން ނުވާނެއެވެ.

(ށ) ކޮމިށަނުގެ މެންބަރެއްގެ މަސްލަހަތު ފުށުއެރުންކަމަށް މި މާއްދާގެ (ހ) ގައި ބުނެފައިއެވާ އުސޫލުގައި، ކޮމިށަނުގެ މެންބަރަކު އިނދެގެންއުޅޭ މީހާއާއި، އޭނާގެ ދަރިންނާއި، އޭނާ ސީދާ ބަލަހައްޓަމުން ގެންދާ އެހެންމީހުންގެ މަސްލަހަތު ފުށުއެރުމަކީވެސް، އެ މެންބަރެއްގެ މަސްލަހަތު ފުށުއެރުން ކަމުގައި ބެލެވޭނެއެވެ.

(ނ) ކޮމިށަނުން ބަލަމުންދާ މައްސަލައެއް ބެލުމުގައި، ކޮމިށަނުގެ މެންބަރެއްގެ މަސްލަހަތު ފުށުއަރާފާނެފަދަ ހާލަތެއް ދިމާވެއްޖެނަމަ، ނުވަތަ ދިމާވެދާނެކަމަށް ގަބޫލުކުރެވޭނަމަ، އެކަން ކޮމިށަނުގައި ބަޔާންކުރުމަށްފަހު، އެ މައްސަލައެއް ބެލުމުން އޭނާ ތަނާޒުލުވާންވާނެއެވެ. އަދި އެ މައްސަލައެއް ބެލުމުގައި އެއްވެސް ފަރާތަކަށް އެއްވެސް މިންވަރަކަށް ނުފޫޒު ފޯރުވައިގެން ނުވާނެއެވެ. އަދި އެ މައްސަލައެއް ނިންމުމުގައި އެމީހަކު، އޭގެފަހުން އެއްވެސް މިންވަރަކަށް ބައިވެރިވެގެންނުވާނެއެވެ.

(ރ) ވަކި މައްސަލައެއް ބެލުމުގައި ނުވަތަ ވަކި ކަމެއް ކުރުމުގައި ވަކި މެންބަރަކު ބައިވެރިވުމަކީ، މަސްލަހަތު ފުށުއަރާނެ ކަމެއްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ކޮމިށަނުގެ ރައީސަށް ގަބޫލުކުރެވޭ ހާލަތެއްގައި ލިޔުމުން ސަބަބު ބަޔާންކުރުމާއެކު އެ މެންބަރަށް އެކަން އެންގުމަށްފަހު، އެ މެންބަރަކު އެ މައްސަލައެއް ބެލުމުން އެކަހެރިކުރެވިދާނެއެވެ.

(ބ) ވަކި މައްސަލައެއް ބެލުމުގައި ކޮމިށަނުގެ ރައީސް ބައިވެރިވުމަކީ، މަސްލަހަތު ފުށުއަރާނެ ކަމެއްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އޭނާއަށް ގަބޫލުކުރެވޭ ހާލަތެއްގައި، ކޮމިށަނުގެ ނައިބު ރައީސަށް ލިޔުމުން އެކަން އެންގުމަށްފަހު، އެ މައްސަލައެއް ބެލުމުން، ކޮމިށަނުގެ ރައީސް ތަނާޒުލުވާންވާނެއެވެ.

(ޅ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގައި ބަޔާންވެގެންވާ އުސޫލުތައް، ކަމާގުޅޭ ނިސްބަތަށް، ކޮމިށަނުގެ މުވައްޒަފުންގެ މައްޗަށްވެސް ހިނގާނެއެވެ.

(ކ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގައި ބަޔާންވެގެންވާ އުސޫލަކާ ކޮމިށަނުގެ މެންބަރަކު ހިލާފުވުމަކީ، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމުގައި ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއްކަމުގައި ބެލެވޭނެއެވެ.

(އ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގައި ބަޔާންވެގެންވާ އުސޫލަކާ ކޮމިށަނުގެ މުވައްޒަފަކު ހިލާފުވުމަކީ، މި ގާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ގާނޫނެއްގައި އެހެންގޮތަކަށް އޮތްނަމަވެސް، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމަށް ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއްކަމުގައި ބެލެވޭނެއެވެ.

 

28-1 ވަނަ މާއްދާ - ކޮމިށަނުން ޖަވާބުދާރީވުން (އިތުރު ކުރެވިފައި)

(ހ) ކޮމިށަނުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން، އެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، ޖަވާބުދާރީވެ، އެމީހުންގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ޒިންމާ އުފުލަންވާނެއެވެ. އަދި ކޮމިށަން ހިނގަމުންދާ ގޮތާ ގުޅޭގޮތުން، ނުވަތަ ކޮމިށަނުން ކުރަމުންދާ ކަމަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުން ހޯދައި ބަލަންޖެހޭ ކޮންމެ ކަމެއްގައި، އީޖާބީ ގޮތެއްގައި އެއްބާރުލުން ދޭންވާނެއެވެ.

(ށ) ކޮމިށަނުން ހިންގަމުންގެންދާ ތަހްގީގަކާ ގުޅޭގޮތުން ހިފަހައްޓަންޖެހޭ މަޢުލޫމާތެއް ކޮމިށަނުން ރައްޔިތުންގެ މަޖިލީހަށް ހާމަނުކޮށް ހިފެހެއްޓުމަކަށް، މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.

 

29 ވަނަ މާއްދާ - ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލް އަދި މުވައްޒަފުން އައްޔަންކުރުން

(ހ) ކޮމިށަނުގެ އިދާރީ ހިންގުމަށްޓަކައި ކޮމިށަނުން ސެކްރެޓަރީ ޖެނެރަލެއް އައްޔަންކުރަންވާނެއެވެ. އަދި ކޮމިށަނުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކޮމިށަނުގެ އިދާރާ ހިންގާނީ ސެކްރެޓަރީ ޖެނެރަލެވެ.

(ށ) ކޮމިށަނަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާ ދީ، މުވައްޒަފުން ވަޒީފާއިން ވަކިކުރާނީ ކޮމިށަނުންނެވެ.

 

30 ވަނަ މާއްދާ - މާލީ ކަންކަން

(ހ) ކޮމިށަނުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓެއްގެ ދަށުން ދައުލަތުގެ މާލިއްޔާއިން، ކޮމިށަނަށް ދޫކުރަންވާނެއެވެ. މިކަމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާގެ މަތިން ކޮމިށަނުން، ކޮމިށަނުގެ ބަޖެޓް އެކުލަވާލައި ދައުލަތުގެ ބަޖެޓާއެކު ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

(ށ) އެއްވެސް ބަޔަކު ނުވަތަ ޖަމާއަތަކުން ނުވަތަ ބޭރު ގައުމެއްގެ ސަރުކާރުން ކޮމިށަނަށްދޭ މާލީ އެހީއެއް، ކޮމިށަނުގެ މަސްއޫލިއްޔަތުގެ ތެރޭގައިވާ ކަންކަން ކުރުމަށް މެނުވީ ބޭނުންކޮށްގެން ނުވާނެއެވެ.

(ނ) ކޮމިށަނުގެ އާމްދަނީއާއި ހަރަދާއި މިލްކިއްޔާތާއި، މާލީ ޒިންމާތަކާބެހޭ ހިސާބު، އޮޑިޓަރ ޖެނެރަލްގެ މަށްވަރާއާއެކު، ކޮމިށަނުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ލިޔެ ބަލަހައްޓައި އޮޑިޓްކުރުމަށްފަހު، އެކުލަވާލެވޭ މާލީ ބަޔާނެއް، މި ގާނޫނުގެ 31 ވަނަ މާއްދާގައި ބުނެފައިވާ އަހަރީ ރިޕޯޓާއެކު، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

 

31 ވަނަ މާއްދާ - އަހަރީ ރިޕޯޓު

(ހ) ކޮމިށަނުގެ ހަރަކާތްތަކުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ކޮމިށަނުން ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓުގައި، އެރިޕޯޓުގެ މުއްދަތުގައި ހިނގާދިޔަ، އަންނަނިވި ކަންކަން ހިމަންވާނެއެވެ.

  1. ކޮމިށަނުން ކޮށްފައިވާ މަސައްކަތްތައް؛
  2. ކޮމިށަނަށް ހުށަހެޅުނު މައްސަލަތައް؛
  3.  ކޮމިށަނުން ނިންމާފައިވާ މައްސަލަތަކާއި، އެ މައްސަލަތައް ނިންމާފައިވާ ގޮތް؛
  4. ކޮމިށަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ބަލަމުންގެންދާ މައްސަލަތައް؛
  5. ކޮމިށަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ނުނިމިވާ މައްސަލަތައް؛
  6. މި ގާނޫނުގެ 24 ވަނަ މާއްދާގައިވާ މުއައްސަސާތަކަށް،  މި ގާނޫނުގައިވާ ގޮތުގެމަތިން އިސްލާހުކުރަން ނުވަތަ ފިޔަވަޅު އަޅަންޖެހޭކަމަށް އަންގާފައިވާ ކަންކަން؛
  7. އިސްލާހުކުރުމަށް ނުވަތަ ފިޔަވަޅު އެޅުމަށް އަންގާފައިވާ ކަންކަމުގެ ތެރެއިން އެ މުއައްސަސާތަކުން އަމަލުކުރި ކަންކަމާއި، އަމަލުނުކުރާ ކަންކަން؛
  8. ކޮމިށަނުގެ ހިންގުމުގެ ދާއިރާއާއި މުވައްޒަފުންނާ ގުޅޭގޮތުން އިދާރީ ގޮތުން އެ އަހަރެއްގެ ތެރޭގައި ހިނގި ކަންކަމުގެ ތަފްސީލު.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ފޮނުވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، ކޮމިށަނުން އެ ރިޕޯޓު އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ދިމާވާ ހާއްސަ ހާލަތެއްގައި، ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި، އެ ހާލަތަކާ ގުޅޭ ހާއްސަ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

32 ވަނަ މާއްދާ - ކޮމިށަން އެކުލަވާލުމާއި ކޮމިށަނުގެ މެންބަރުންގެ ނަންތައް ހުށަހެޅުން

(ހ) ގާނޫނުއަސާސީގެ 296 ވަނަ މާއްދާގެ ދަށުން އިންތިހާބުކުރެވޭ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކޮމިށަން އުފައްދައި، ކޮމިށަނުގެ މެންބަރުންނާއި

ރައީސާއި ނައިބުރައީސް މި ގާނޫނުގައިވާ ގޮތުގެމަތިން އައްޔަންކޮށް ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަމަލުކުރުމަށްޓަކައި؛

  1. ގާނޫނުއަސާސީގެ 296 ވަނަ މާއްދާގެ (ށ) ގެ ދަށުން އިންތިހާބުކުރެވޭ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާ ދުވަހުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި ކޮމިށަނުގައި ހިމަނަން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.
  2. މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަމެއް ނުވަތަ ނަންތަކެއް ހުށަހަޅާ ދުވަހުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ވަކިގޮތެއް ނިންމައި ރައީސުލްޖުމްހޫރިއްޔާއަށް އަންގަންވާނެއެވެ.
  3. މި މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަމެއް ރައްޔިތުންގެ މަޖިލީހުން ފާސްނުކޮށްފިނަމަ، އެކަން ރައީސުލްޖުމްހޫރިއްޔާއަށް އަންގާ ދުވަހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައު ނަމެއް ނުވަތަ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

 

33 ވަނަ މާއްދާ - އިންތިގާލީ މަރުހަލާގައި އައްޔަންކުރާ އެންޓި-ކޮރަޕްށަން ކޮމިށަން

(ހ) ގާނޫނުއަސާސީގެ 289 ވަނަ މާއްދާގައިވާ ގޮތުގެމަތިން އައްޔަންކުރާ އެންޓި-ކޮރަޕްށަން ކޮމިށަނަށް މި ގާނޫނުގެ ދަށުން އައްޔަންކުރާ ކޮމިށަނުގެ އެންމެހައި މަސްއޫލިއްޔަތުތަކާއި ބާރުތައް ލިބިގެންވެއެވެ. އަދި ގާނޫނުއަސާސީގެ 289 ވަނަ މާއްދާގައިވާ ގޮތުގެމަތިން އުފައްދާ އެންޓި-ކޮރަޕްށަން ކޮމިށަނުގެ މައްޗަށް މި ގާނޫނަށް އަމަލުކުރަންފަށާ ދުވަހުން ފެށިގެން، މި ގާނޫނުގެ 6 ވަނަ މާއްދާއާއި، 32 ވަނަ މާއްދާ ފިޔަވައި މި ގާނޫނުގެ އެހެން މާއްދާތައް ހިނގާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އައްޔަންކުރާ އެންޓި-ކޮރަޕްށަން ކޮމިށަން އައްޔަންވުމުން، މި ގާނޫނު ފާސްވުމުގެ ކުރިން ހިނގަމުންދިޔަ އެންޓި-ކޮރަޕްށަން ބޯޑު އުވުނީއެވެ. އަދި އެ ބޯޑަށް ހުށަހެޅިފައިވާ އެންމެހައި މައްސަލަތަކާއި ށަކުވާތައް މި މާއްދާގެ (ހ) ގެ ދަށުން އައްޔަންކުރާ އެންޓި-ކޮރަޕްށަން ކޮމިށަނަށް ބަދަލުވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އައްޔަންކުރާ އެންޓި-ކޮރަޕްށަން ކޮމިށަން ދެމި އޮންނާނީ، މި ގާނޫނުގެ 32 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، އެންޓި-ކޮރަޕްށަން ކޮމިށަނެއް އުފެއްދުމާ ހަމައަށެވެ.

 

34 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަންފަށާ ތާރީހް

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

35 ވަނަ މާއްދާ - އުވާލެވޭ ގާނޫނު

މި ގާނޫނަށް އަމަލުކުރަން ފެށުމުން ގާނޫނު ނަންބަރު 2/2000 (ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) ގެ 27 ވަނަ މާއްދާ އުވުނީއެވެ.

 

36 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ ކޮމިށަނުންނެވެ. މި ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކޮމިށަން އުފައްދާތާ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި އެގަވާއިދުތައް ހަދައި ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާފައިވާ ގަވާއިދަކަށް އުނި އިތުރު ގެނައުމަށް ނުވަތަ އެމާއްދާގައި ބުނާ މުއްދަތުގެ ފަހުން މި ގާނޫނުގެ ދަށުން އިތުރު ގަވާއިދެއް ހަދަން ކޮމިށަނުން ބޭނުންވެއްޖެ ހާލަތެއްގައި އެ ގަވާއިދެއް ހެދުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ގާނޫނުއަސާސީގެ 289 ވަނަ މާއްދާގެ ދަށުން އުފައްދާ އެންޓި-ކޮރަޕްށަން ކޮމިށަނަށް އެ ކޮމިށަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދެއް ހެދުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.

 

37 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި އެހެންގޮތަކަށް ބުނެފައި ނުވާހާ ހިނދަކު؛

 "އޮޑިޓަރ ޖެނެރަލް" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 4/2007 (އޮޑިޓް ގާނޫނު) ގެ ދަށުން އިސްކޮށްފައިވާ އޮޑިޓަރ ޖެނެރަލަށެވެ.

 "ކޮމިށަން" ކަމަށް ބުނެފައިއެވަނީ، އެންޓި-ކޮރަޕްށަން ކޮމިށަނަށެވެ.

 "މުއައްސަސާ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 24 ވަނަ މާއްދާގައި ބުނެފައިވާ އެންމެހާ މުއައްސަސާތަކާއި، އެ މުއައްސަސާއަކަށް އިންތިހާބުވެފައިވާ ނުވަތަ އައްޔަންކޮށްފައިވާ އެންމެހާ ފަރުދުންވެސް ހިމެނޭ ގޮތުގެމަތިންނެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. އެންޓި-ކޮރަޕްށަން ކޮމިށަނުގެ ތަހުގީގު ކުރުމުގެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 98/2020)
  2. އެންޓި-ކޮރަޕްށަން ކޮމިށަނުގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 18/2010)
  3. އެންޓި-ކޮރަޕްށަން ކޮމިށަނުގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2017/40)

ކިޔުންތެރިންގެ ހިޔާލު