-

ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2006)

(ގަވާއިދަށް އަމަލުކުރަން ފެށީ 20 ޖުލައި 2006)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

1 ވަނަ މާއްދާ - ތައާރުފް

1.1 މިގަވާއިދަކީ ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ގާނޫނު) ގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

1.2 މިގަވާއިދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ މިންގަނޑުތައް ބަޔާން ކުރެވިފައިވާ ގަވާއިދެވެ.

1.3 މިގަވާއިދަށް ކިޔާނީ "ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްާކތެރިކުރުމާ ބެހޭ ގަވާއިދު" އެވެ.

1.4 މިގަވާއިދުގެ މަގްސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް މަގުފަހިކޮށް ބާރު އެޅުމެވެ.

1.5 މިގަވާއިދުގައި "ފަތުރުވެރިކަމުގެ ދާއިރާ" ކަމަށް ބުނެފައިއެވަނީފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ޓޫރިސްޓް ރިޒޯޓް،ޓޫރިސްޓް ހޮޓާ، ޓޫރިސްޓް ގެސްޓް ހައުސް، ޔޮޓް ބަނދަރު، އަދި ގާނޫނޫ ނަންބަރު 20/1998  (ދިވެހިރާއްޖޭގެ ފަޅުރަށްތަށާބެހޭ ގާނޫނު) ގެ ދަށުންކުއްޔަށްދީފައި ހުންނަ ރަށްރަށާއި އަދި މިނޫނަސް މިނިސްޓްރީ އޮފް ޓޫރިޒަމްއެންޑް ސިވިލް އޭވިއޭށން ގައި ރަޖިސްޓްރީ ކުރެވިގެން ފަތުރުވެރިންނަށްހިދުމަތްދެވޭ އެންމެހާ ތަންތަނާއި ތަކެއްޗެވެ.

1.6 މިގަވާއިދުގައި "ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށްދީފައި ހުންނަ ތަންތަން" ކަމަށް ބުނެފައިއެވަނީ ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، ޓޫރިސްޓް ގެސްޓް ހައުސް، ޔޮޓް ބަނދަރު އަދި ގާނޫނޫ ނަންބަރު 20/1998 (ދިވެހިރާއްޖޭގެ ފަޅުރަށްތަށާބެހޭ ގާނޫނު) ގެ ދަށުން ކުއްޔަށްދީފައި ހުންނަ ރަށްރަށަށެވެ.

 

2 ވަނަ މާއްދާ - އިމާރާތް ކުރުމުގައި ތިމާވެށި ރައްކާތެރިކުރުން 

2.1 ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަނުގައި ތަންތަނުގައި ތިރީގައި މިވާ، އެއްވެސް މަސައްކަތެއް ކުރަންވާނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަން އަށް ހުށަހަޅައި ހުއްދަ ހޯދުމަށްފަހުގައެވެ.

  • ފަޅު ކޮނުމާއި ބިން ހިއްކުން
  • ގޮނޑުދޮށުގަޔާއި މޫދުގައި އިމާރާތްކުރުން
  • ވެލި ޕަންޕުކޮށްގެން ގޮނޑުދޮށް މުއްސަނދިކުރުން
  • ކަނޑު ތޮށިލުން (breakwater)
  • އެއްގަމު ތޮށިލުން (sea wall/revertment/groyne groyne)
  • ނެރުކެނޑުމުގެ މަށްރޫއުތައް ހިންގުން
  • ފަރު ގޮއްވުން
  • ކަނޑު، ފަޅު، ނުވަތަ އެއްގަމުގެ ދިރާސާ ކުރުން
  • އިމާރާތް ކުރެވިފައިވާ ތަނެއް ތަޅާލުން
  • ރަށުގައި ހެދިފައިވާ ގަސްގަހާގެއްސަށް، ރަށުގެ ބިމަށް އަދި ފެންފަށަލައަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް ކުރުން.

2.2 މިގަވާއިދުގެ 2.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުންވެސް ތިމާވެށްޓައް ގެއްލުމެއް ނުވަތަ ނޭދެވޭ އަސަރެއް ކޮށްފާނެފަދަ އެއްވެސް ކަމެއް ކުރަންވާނީ މިގަވާއިދުގެ 2.1 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަންގެ ހުއްދަ ހޯދައިގެންނެވެ.

2.3 މި ގަވާއިދުގެ 2.1 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާފަދަ މަސައްކަތެއް ކުރުމުގެ ހުއްދަ ހޯދުމަށް ހުށަހަޅާއިރު ކުރަން ގަސްދުކުރާ ކަމެއް ފާހަގަކޮށްފައިވާ، އެކަށީގެންވާ ސްކޭލަކަށް ހަދާފައިވާ ރަށުގެ ނުވަތަ ބިމުގެ ސައިޓް ޕްލޭނަކާއެކު އެކަމާބެހޭ ތަފްސީލު ހުށަހަޅަން ޖެޭހނެއެވެ. އަދި ހުށަހަޅާ ސައިޓް ޕްލޭންގައި ތިރީގައިވާ ބައިތައް ފާހަގަކުރެވިފައި ހުންނަންވާނެއެވެ.

  • ގޮނޑުދޮށް ފެށޭ ހިސާބު (Beach toe)
  • ހޭޅިފަށް ފެށޭ ހިސާބު (Vegetation line)
  • ބޮޑުދިއާގައި ހިކިފަސް ހުންނަ ހިސާބު (High Tide Line)
  • ހިކިދިއާގައި ހިކިފަސް ހުންނަ ހިސާބު (Low Tide Line)
  • ރަށުގެ ފަރުން ތޮއްޓަށް ހުންނަ ހިސާބު (Reef crest line)
  • ފުންވިލެއް ނުވަތަ ފަޅެއް އޮތް ނަމަ އެތަނެއްގެ އިން (Deep Lagoon Line)

2.4 ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަނުގައި އިމާރާތްކުރުމުގެ މަށްރޫއެއް ހިންގުމުގެ ނުވަތަ މި ގަވާއިދުގެ 2.1 ވަނަ މާއްދާގައިވާ ފަދަ ކަމެއްކުރުމުގެ ކުރިން ގާނޫނު ނަމްބަރ 4/1993 (ދިވެހިރާއްޖޭގެ ތިމާވެށި ރާއްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫން) ގައި ވާފަދައިން ތިމާވެށްޓަށް އަސަރު ފޯރާމިންވަރު ބަޔާންކުރާ ރިޕޯޓެއް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނަށް ހުށަހަޅަންޖެހޭނެއެވެ.

2.5 ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަން ތަރައްގީ ކުރުމުގެ ގޮތުން ކުރަން ޖެހޭ އިމާރާތްތައް ކުރުމަށް ނުވަތަ އެނޫންވެސް ބޭނުމަކަށް ރުއްގަސް ކަނޑަންވާނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަންގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.

2.6 ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަން އިމާރާތްކުރުމަށް ނުވަތަ އެނޫން އެހެން ސަބަބަކަށްޓަކައި  ގަހެއް ނުވަތަ ރުކެއް ކަނޑައިފިނަމަ އޭގެ ބަދަލުގައި އެރަށެއްގައި 2 ގަސް ނުވަތަ 2 ރުއް އިންދައި 
ހައްދަން ޖެހޭނެއެވެ.

2.7 ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަން އަލަށް ތަރައްގީކުރުމަށް ބިން ހުސްކުރުމަށް ރުއްގަސް ކަނޑަން ޖެހިއްޖެ ހިނދެއްގައި، އެގޮތުން ކަނޑާ ކޮންމެ ގަހަކަށް ނުވަތަ ރުކަކަށް، 2 ގަސް ނުވަތަ 2 ރުއް އިންދައި ހައްދާނެ ޖާގަ އެރަށެއްގައި ނުވަތަ އެބިމެއްގައި ނެތްކަމުގައިވާނަމަ، އެފަދަ ޖާގައެއް ނެތްކަން ބަޔާން ކޮށްދޭ ހެކި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަން އަށް އަންގައި މި ގަވާއިދުގެ 2.6 ގެ މަތިން އަމަލުނުކުރުމަށް އިސްތިސްނާވުމުގެ ހާއްސަ ހުއްދައެއް ހޯދަންވާނެއެވެ.

2.8 ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަން އިމާރާތްކުރުމަށް ހަވާލުކުރެވޭ ރަށުގައި ނުވަތަ ބިމުގައި ހުންނަ ބޮޑެތި ބިޔަ އަދި ދުވަސްވީ ގަސްކަނޑައިގެން ނުވާނެއެވެ. އަދި އެފަދަ ރަށެއްގައި ނުވަތަ ބިމެއްގައި ހުންނަ ރާއްޖެއިން އާއްމުކޮށް ނުފެންނަ އާދަޔާ ހިލާފު ގަސްގަހާގެހިވެސް ކަނޑައިގެން ނުވާނެއެވެ. އަދި ރަށުގައި ނުވަތަ ބިމުގައި އިމާރާތްކުރުމަށް ސަރަހައްދެއް ކަނޑައަޅާއިރު މިފަދަ ކޮންމެ ގަހެއްގެ ވަށައިގެން ގަހުގެ ބުޑުން ފެށިގެން 5 (ފަހެއް) މީޓަރު ހުސްޖާގަ ދޫކުރަންވާނެއެވެ.

2.9 ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަނުގައި އިމާރާތް ކުރުމުގެ މަސައްކަތަށް ބިމުން ފެން ނަގައިގެން ނުވާނެއެވެ.

2.10 ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަން ބިނާކުރުމުގައި ކުރެވޭ އިމާރާތްތައް ހުންނަންޖެހޭނީ ރަށުގެ ނުވަތަ ބިމުގެ ހޭޅިފަށުގެ (Line Vegetation) ބޭރުކައިރިން ފެށިގެން 5 މީޓަރު އެތެރޭގައެވެ.

2.11 ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަގައި ގެސްޓުކޮޓަރި އިމާރާތްކުރާއިރު ކޮންމެ 2 ގެސްޓް ކޮޓަރިއެއްގެ ނުވަތަ ގެސްޓްކޮޓަރި އެކުލެވޭ 2 ބްލޮކްގެ ެއންމެ ހަނި ދިމާގައި މަދުވެގެން 2 މީޓަރު ހުސް ޖާގަ ބަހައްޓަންވާނެއެވެ.

2.12 ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަނުގެ ގުދްރަތީ ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން އެރަށެއްގެ %80 އިމާރާތްނުކޮށް ދޫކުރަންވާންވާނެއެވެ. މި އޭރިއާ ބަލާނީ، ރަށެއްގައި ނަމަ، ރަށުގެ ވަށައިގެންވާ ހޭޅިފަށުގެ ބޭރު ކައިރިން ފެށިގެން އެތެރޭގައިވާ ސަރަހައްދުންނެވެ. އަދި ރަށެއްގެ ވަކު ސަރަހައްދެއް ނަމަ އެ ސަރަހައްދެއްގައި ގޮނޑުދޮށް އިންނަ ހިސާބުގެ ހޭޅިފަށުގެ ބޭރު ކައިރިން ފެށިގެން އެތެރޭގައިވާ ސަރަހައްދުންނެވެ.

2.13 ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށްދޫކޮށްފައި ހުންނަ ތަންތަނުގެ އެއްވެސް ބޭނުމަކަށް، ރާއްޖޭގެ އެއްވެސް ރަށެއްގެ ފަޅުތެރެއިން ނުވަތަ ފަރުމަތިން ގައުނެގުމަކީ މަނާ ކަމެކެވެ.

2.14 ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަނުގައި ހަދާ ހުރިހާ ފާލަމެއްވެސް ހެދިފައި ހުންނަން ވާނީ އޭގެ ދަށުން ވެއްޔާއި އޮއި ދައުރުވާފަދަ ގޮތަކަށެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، މި މާއްދާގައި ބަޔާންކުރެވިފައިވާ ގޮތާ ހިލާފަށް ހެދިފައިވާ ފާލަންތައް، މިގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 03 އަހަރު ދުވަހުގެ ތެރޭ ގަވާއިދާ އެއްގޮތަށް ބަދަލު ކުރަން ވާނެއެވެ.

2.15 މި ގަވާއިދަށް އަމަލުކުރަންފެށުމުގެ ކުރިން މި ގާވާއިދުގެ 2.14 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ މިންގަނޑަށް ހަދާފައިވާ ފާލަމެއް ނުވަތަ ލާފައިވާ ތޮށްޓެއް މަރާމާތު ކުރަން ޖެހިއްޖެ ހާލަތެއްގައިވެސް ރާއްޖޭގެ އެއްވެސް ފަރަކުން ގައުނަގައިގެން އެކަން ކުރުމަކީ މަނާކަމެކެވެ. 

 

3 ވަނަ މާއްދާ - ހިިމާޔަތްކުރެވިފައިވާ ދިރުމާއި ތަންތަން 

3.1 ހިމާޔަތްކުރެވިފައިވާ އެއްވެސް ބާވަތެއްގެ ދޫނިސޫފާސޫފި އަދި ކަނޑުގައިވާ ދިރުންހުރިތަކެތި ހިފާ ހައްޔަރުކޮށް ނުވަތަ ކޮށިކޮށީގައި ބަންދުކޮށް ފަތުރުވެރިކަމުގެ ދާއިރާގެ އެއްވެސް ތަނެއްގައި ގެންގުޅުމަކީ މަނާ ކަމެކެވެ.

3.2 ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ އެއްވެސް ތަނެއްގައިވާ ހިމާޔަތް ކުރެވިފައިވާ ދިރުމަކަށް ގެއްލުންވާފަދަ އަމަލެއްކުރުމާއި، އެފަދަ ތަކެތީގެ ހާލި އަދި ބިސް ފަދަ ތަކެއްޗަށް ގެއްލުމެއްދީ އެހެން ތަނަކަށް ބަދަލުކުރުމާ އަދިއެފަދަ ދިރުމަކަށް ނުވަތަ އެފަދަ ތަކެތި ދިރިއުޅޭ ތަނަކަށް ގެއްލުން ދިނުމަކީ މަނާކަމެކެވެ.

3.3 ހިމާޔަތްކުރެވިފައިވާ އެއްވެސް ސަރަހައްދެއްގައި ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން ހުއްދަކުރާ ކަންތައްތައް ފިޔަވާ އެތަންތަނަށް ބަދަލެއް އަންނަ ފަދަ އެއްވެސްކަމެއް ކޮށްގެން ނުވާނެއެވެ.

3.4 ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކަށް ޒިޔާރަތްކުރާ އުޅަނދުފަހަރު އެ ސަރަހައްދުތަކަށް ނަގިލި ލުމަކީ މަނާކަމެކެވެ. އަދި އެފަދަ ސަރަހައްދުތަކުގައި ބޮއި ލެވިފައިވާ ނަމަ އުޅަނދު އެޅުމަށް އޭގެ ބޭނުން ކުރަންވާނެއެވެ.

3.5 ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަނުގައި ހުންނަ ތާރީހީ ގޮތުން ނުވަތަ ސަގާފީ ގޮތުން ނުވަތަ ގުދްރަތީ ރީތިކަމާއި ތިމާވެށީގެ ގޮތުން ފާހަގަ ކުރެވޭ ތަންތަނާއި ތަކެއްޗާއި ބިނާ ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ މަށްވަރާގެ މަތިން ރަނގަޅަށް ބަލަހައްޓާ ދަމަހައްޓަންވާނެއެވެ.

3.6 ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަނުގައި ހުރި އާސާރީ މުހިންމު ތަންތަން ކަމުގައި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅުއްވާފައިވާ ތަންތަން ރަނގަޅަށް ބަލަހައްޓަންޖެހޭނެއެވެ. އަދި މިފަދަ ތަންތަނުގެ ވަށައިގެން 5 މީޓަރު ހުސް ޖާގަ ބާއްވަންވާނެއެވެ.

3.7 ފީނާ ސަރަހައްދުތަކަށް ފަތުރުވެރިން ގެންގޮސް ފީނުމުގައި އެތަންތަނުގައިވާ އެއްވެސް އެއްޗަކަށް އަދި ތަނަކަށް ގެއްލުމެއް ދީގެން ނުވާނެއެވެ. އަދި މިތަންތަނުން އެއްވެސް އެއްޗެއް ނަގައިގެން ނުވާނެއެވެ.

3.8 ފަތުރުވެރިން ގޮވައިގެން ފީނާ އުޅުމުގައި ތާރީހީ އަދި ސަގާފީ ގޮތުން ރާއްޖެއަށް މުހިއްމު އާސާރީ އެއްޗެއް ނުވަތަ ތަނެއް ފެނިއްޖެ ހިނދެއްގައި އެއެއްޗަކަށް ނުވަތަ ތަނަކަށް ގެއްލުމެއްނުދީ އެކަން މިނސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނަށް އަންގަންވާނެއެވެ.

 

4 ވަނަ މާއްދާ - ގަސްގަހާގެހި ހިންދުމާއި ގަސްކާނާ ބޭނުންކުރުމާއި ދިރޭތަކެތި ގެންގުޅުން

4.1 ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަނުގެ ބޭނުމަށް އިމްޕޯޓްކުރާ ފަހާއި، ޕެސްޓިސައިޑް (pesticides) އަދި ފަރޓިލައިޒަރ (fertilizer) ގެ ގޮތުގައި ބޭނުން ކުރާ ކެމިކަލްސް އިމްޕޯޓްކޮށް ބޭނުން ކުރަން ވާނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހުއްދަ ހޯދައިގެންނެވެ. 

4.2. ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަނުގެ ބޭނުމަށް އިމްޕޯޓް ކުރާ ތަފާތު ބާވަތް ބާވަތުގެ ގަސްގަހާގެހި ބޭނުންކޮށް ނުވަތަ އިންދަން ވާނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ އާއި އިރުށާދުގެ މަތިންނެވެ. އަދި މިގޮތުން އިންދާ ގަސްގަހާގެހީގެ މައުލޫމާތު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނަށް އަންގަންވާނެއެވެ.

4.3 ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަނުގައި ހެދިފައިހުންނަ ގަސްގަހާގެއްސަށް ބައްޔެއް ޖެހިއްޖެނަމަ ނުވަތަ ކޫޑި އަޅައިފިނަމަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކައް އެކަންއަންގައި އެފަރާތްތަކުގެ ލަފައާއި އިރުށާދު ގެ މަތިން މިކަންތައްތައް ރަނގަޅުކުރުމަށް ފިޔަވަޅުއަޅަންވާނެއެވެ. އަދި އެފަދަ މައުލޫމާތު ލަސްނުކޮށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނަށް އަންގަންވާނެއެވެ.

4.4 ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަނުގައި ތިރީގައި ބަޔާންކޮށްފައިވާ ހަރަކާތެއް ހިންގުމުގެ ކުރިން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަންގެ ހުއްދަ އާއި އިރުށާދު ހޯދަންވާނެއެވެ.

  • އެކި ބޭނުމަށް ގަސްގަހާގެހި ކެނޑުން.
  • ދިރޭތަކެތި އެތެރެ ކުރުމާއި ބޭރު ކުރުން. 

 

5 ވަނަ މާއްދާ - ކުނި ނައްތާލުން

5.1 ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަނުގެ އެކިހިސާބުގައި ފަސޭހައިން ބޭނުންކުރެވޭގޮތަށް ކުނިއަޅާ ތަކެތި ބެހެއްޓިފައި ހުންނަންވާނެއެވެ. މިތަކެތި ހުންނަންވާނީ ރަނގަޅަށް މަތިޖެހި ސާފުތާހިރުކޮށެވެ.

5.2 ކާބޯތަކެއްޗާއި ކުނިވާ ބާވަތުގެ ތަކެތި، ޕްލާސްޓިކް، ކަރުދާސް، ބިއްލޫރި، ދަގަނޑާއި ދަޅު ފަދަ ތަކެތި އަދި ކުނީގައި ހިމެނޭ ނުރައްކާތެރި ބާވަތްތައް (ޓޮކްސިކް އަދި ހެޒަޑަސް ވޭސްޓް) އަޅަންވާނީ ކޮންމެބާވަތެއް ކުނިއަޅާ ވަކި އެއްޗަކަށެވެ. އަދި މިތަކެތި ވަކިކޮށް އެނގޭނެގޮތަށް ކުނިއަޅާ އެތީގައި ލޭބަލް ކުރެވިފައި ހުންނަން ވާނެއެވެ.

5.3 .ފަތުރުވެރިކަމުގެ ދާއިރާގެ ތަންތަނުން ކުނި ނައްތާލަންޖެހޭނީ ރާއްޖޭގެ ތިމާވެށްޓަށް އެންމެ ގެއްލުން ކުޑަގޮތެއްގެމަތިން، ރާއްޖޭގައި ހެދިފައިވާ ތިމާވެށީގެ ގާނޫނުތަކާއި ސަރުކާރުގެއެކި އިދާރާތަކުން އަމަލުކުރައްވަމުން ގެންދަވާ ގަވާއިދުތަކުގެ އިތުރުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނުން ކަނޑައަޅާފައިވާ ތިރީގައިވާ އުސޫލުތަކުގެ މަތިންނެވެ.

5.3.1 ރާއްޖޭގައި ހިންގާ ކޮންމެ ޓޫރިސްޓް ރިޒޯޓެއްގައިވެސް އެ ރިޒޯޓަކުން ނައްތާލަން ޖެހޭ ކުނި އެންދޭވަރުގެ ކުނި އަންދާ މެށިނު (Incinerator), ދަޅު ފިއްތާ މެށިން (Compactor) އަދި ބިއްލޫރި މުގުރާ މެށިން (Bottle Crusher) ބަހައްޓައި ބޭނުންކުރަންވާނެއެވެ. މިގޮތުން މިފަދަ ތަކެތި މިހާރު ނެތް ރިޒޯޓްތަކުން މިގަވާއިދަށް އަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި މިތަކެތި ހޯދައި ބޭނުން ކުރަން ފަށަން ވާނެއެވެ.

5.3.2 އުކާލާ ކުނި އުކާލަން ވާނީ އެ ތަނެއް ހިމެނޭ ސަރަހައްދެއްގައި އެކަމަށް ކަނޑައަޅާފައިވާ ތަނެއް ވާނަމަ އެތަންތަނަކަށެވެ. އެފަދަ ތަނެއް ކަނޑައެޅިފައިނުވާ ސަރަހައްދެއްގައިނަމަ ކުނި އުކާލަންވާނީ ތިމާވެއްޓަށް އެންމެ ގެއްލުންކުޑަ ގޮތެއްގެމަތިންނެވެ. 

(5.3.3  އުނިކުރެވިފައި)

5.3.4 ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަނުގައި އުފެދޭ ކުނި ނައްތާލުމަށްޓަކައި ރަށުތެރޭ ހާމަޔަށް އެންދުމަކީ މަނާކަމެކެވެ. އެންދުމުގެ މަސައްކަތް ކުރަން ވާނީ އިންސިނެރޭޓަރ ބޭނުންކޮށްގެންނެވެ. ޕްލާސްޓިކްފަދަ އެ އެއްޗެއް އެންދުމުން ނުރައްކާތެރި ވިހަ ގޭސް ވައިގެ ތެރެއަށް އަރައިގެންދާ ފަދަ ތަކެތި ޖެހޭނީ އެންދުމުގެ ބަދަލުގައި ކުނިޖަމާކޮށް ނައްތާލުމަށް ހަމަޖައްސާފައިވާ ތަނަކާ ހަވާލުކުރާށެވެ.

5.3.5 ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަނުން ކުނި އުފުލުމަށްބޭނުންކުރާ އުޅަނދުފަހަރުގެ މައުލޫމާތާއި އަދި އެއުޅަނދެއް ކުރާ ކުނިއުކާލާ ދަތުރުގެ މައުލޫމާތާއި އެއުޅަނދެއްގައި ކުނި އުފުލޭ މިންވަރު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނަށް އަންގަންޖެހޭނެއެވެ.

5.3.6 ޓޫރިސްޓް އުޅަނދަކުން އެއްވެސް ބާވަތެއްގެ ނަޖިހެއް ނުވަތަ ކުންޏެއް ރަށްރަށުގެ ފަޅުތެރެއަށާއި ހިމާޔަތްކުރެވިފައިވާ ކަނޑުގެ އެއްވެސް ސަރަހައްދަކަށް އެޅުމަކީ މަނާކަމެކެވެ.

5.3.7 ޓޫރިސްޓް އުޅަނދުތަކުން ނަޖިހާއި ނަޖިސްފެން އަދި ކުނި ނައްތާލަންވާނީ ތިމާވެއްޓަށް ގެއްލުން ނުވާގޮތެއްގެމަތިންނެވެ.

5.3.8 ކޮންމެ ޓޫރިސްޓް އުޅަނދެއްގައި ވެސް އެއުޅަނދެއްގައި ޖަމާވާ ކުނި، ކުނި ބަލައިގަންނަ ތަނަކަށް ގެންދެވެންދެން ރައްކާތެރިކަމާ އެކު ޖަމާކޮށްފައި ބެހެއްޓޭނެ ނިޒާމެއް އެ އުޅަނދެއްގައި ހުންނަށް ވާނެއެވެ.

 

6 ވަނަ މާއްދާ - ފެން ރައްކާކުރުން

6.1 ކޮންމެ ރިޒޯޓެއްގައިވެސް އެރަށުގެ ބޭނުންތަކަށް ފުދޭވަރަށް ސާފު ރައްކާތެރިފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ލޮނުފެން މީރުފެނަށް ހަދާ މެށިން (plant Desalination) ހުންނަން ވާނެއެވެ. އަދި ިމ ޕްލާންޓް ހުންނަންވާނީ "ލޮނުފެން މީރުފެނަށް ހަދާ ނިޒާމު ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭށަން އޮތޯރިޓީގައި ރަޖިސްޓަރީ ކުރެވިފައެވެ. ފެން ޕްލާންޓް ހިންގުމުގައި އެ ގަވާއިދަށް އަމަލުކުރަމުން ގެންދަން ވާނެއެވެ.

6.2 ލޮނުފެން މީރުފެނަށް ހަދާ މެށިނުން އުފައްދާ ފެނުގެ ފެންވަރު ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ކަނޑައަޅާ މިންގަނޑަށްވުރެ ދަށްވެގެން ނުވާނެއެވެ. އަދި އުފައްދާ ފެނުގެ ފެންވަރު ދުވަހުން ދުވަހަށް ރެކޯޑްކުރެވިފައި ހުންނަންވާނެއެވެ.

6.3 ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ތަނެއްގައިވެސް، އެތަނެއްގައި ފަތުރުވެރިން ބޭތިއްބުމަށް ހުއްދަކުރެވިފައިވާ އަދަދަށް ފަތުރުވެރިންނާއި މުވައްޒަފުންނަށް 5 ދުވަހު އެރަށެއްގެ ނުވަތަ ތަނެއްގެ ހުރިހާ ބޭނުންތަކަށް ފުދޭވަރަށް ސާފު ރައްކާތެރި ފެން ޖަމާކުރެވިފައި ހުންނަންވާނެއެވެ.

6.4 ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަނުގެ ބިމުގެ ފެންފަށަލަ ތަގައްޔަރުވާފަދަ އަމަލެއް ހިންގައިގެން ނުވާނެއެވެ.

6.5 ފަތުރުވެރިކަމުގެ ދާއިރާގެ އެއްވެސްތަނެއްގެ ބިމުންނަގާފެން ފަތުރުވެރިންނާއި އަދި އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފުން ބުއިމަށް ބޭނުން ކޮށްގެން ނުވާނެއެވެ. އަދި ގެސްޓް ކޮޓަރި ތަކަށާއި ފާހާނާތަކަށް އަދި މުވައްޒަފުންގެ ބޭނުންތަކަށް ސަޕްލައިކުރެވިގެންނުވާނެއެވެ.

6.6 ބުއިމަށް ބޭނުންކުރާ ފެން ހުންނަންވާނީ ތަގައްޔަރު ނުވާފަދަ ގޮތަކަށް ސާފުކޮށް ރައްކާ ކުރެވިފައެވެ. ބޯފެނުގެ ފެންވަރު ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ކަނޑައަޅުއްވާފައިވާ މިންގަނޑަށްވުރެ ދަށްވެގެންނުވާނެއެވެ.

6.7 ތިމާވެށްޓައް ގެއްލުމެއް ލިބޭނެ އެއްވެސް ބާވަތެއްގެ ތެލެއް (މިސާލް: ކަޅު ތެޔޮ) ނުވަތަ މިނޫންވެސް ތިމާވެށްޓައް ގެއްލުމެއް ލިބިދާނެ ކެމިކަލްއެއް ބިމަށް އަޅައި އަދި ނީރާނެ ގޮތަކަށް ބަހައް ަޓއިގެން ނުވާނެއެވެ. 

 

7 ވަނަ މާއްދާ - ނަޖިހާއި ނިޖިސްފެން

7.1 ނަޖިހާއި ނަޖިސްފެން ނައްތާލަންވާނީ ނުވަތަ ބޭރުކުރަންވާނީ ތިމާވެއްޓަށް އެންމެ ގެއްލުންކުޑަ ގޮތަކަށެވެ.

7.2 ނަޖިސް ނައްތާލާލުމުގައި ތިރީގައި މިވާ ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ.

7.2.1 ކާނާ އާއި ދިރޭ ތަކެއްޗަށް ގެއްލުންނުވާނެ ގޮތަކަށް ނަޖިސް ނައްތާލުން.

7.2.2 ރަށުގެ މޫނުމަތިން އެއްކިބާވާ ގޮތަކަށް ނަޖިހާއި ނަޖިސްފެން ނައްތާލުމުގެ ކަންތައް ހަމަޖެހިފައިހުރުން.

7.2.3 އެއްވެސް ގޮތަކަށް ބިންމައްޗަށް ނުނީރާނެ ގޮތަކަށް ނަޖިހާއި ނަޖިސްފެން ނައްތާލުމުގެ ކަންތައް ރޭވުން.

7.2.4 ނުބައިވަސް ދުވުމާއި މިނޫންވެސް އުނދަގުލެއް ނުވާނެފަދަ ގޮތަކަށް ރޭވުން.

7.3 ސެޕްޓިކް ޓޭންކް ބޭނުން ކުރާނަމަ އެކަށީގެންވާ އުސްމިނެއްގެ ވަސްހޮޅި ހުންނަންވާނެއެވެ. ޓޭންކުތަކުގެ މަތި ހުންނަންވާނީ ރަނގަޅަށް ބަންދުކުރެވިފައެވެ.

7.4 ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަނުގައި ހުންނަ އެއްވެސް ޖަންކްށަނެއްގައި ނުވަތަ ނަރުދަމާއެއްގައި ނީރުމެއް ހުރެގެން ނުވާނެއެވެ.

7.5 ފާހާނާ ތަކުން ބޭރުވާ ނަޖިސްފެން ބިމަށް ހިންދައިގެންނުވާނެއެވެ. އަދި މިފެން ސާފުނުކޮށްފައި ފަޅުތެރެއަށް ޕަންޕުކޮށްގެންވެސް ނުވާނެއެވެ.

7.6 ނަޖިހާއި ނަޖިސްފެން ކަނޑަށް ބޭރު ކުރާކަމުގައި ވާނަމަ ބޭރު ކުރަންވާނީ ހަމައެކަނި ރޭގަނޑު ރަށުގެ ފަރުން ބޭރަށެވެ.

7.7 ޓޫރިސްޓު އުޅަނދުތަކުގައި ހުންނަ ފާހާނާއިން ބޭރުވާފެން ހުންނަންވާނީ ސީދާމޫދަށް ދިއުމުގު ބަދަލުގައި އެއުޅަނދަކަށް އެކަށީގެންވާވަރުގެ ޓޭންކަކަށް ޖަމާކުރެވޭ ގޮތަކަށް ހަމަޖެހިފައެވެ. މި ޓޭންކް ހުސްކުރަންވާނީ މާކަނޑަށެވެ.

 

8 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

8.1 މި ގަވާއިދުގެ އެއްވެސް މާއްދާއަކާ ހިލާފުވާ ފަރާތްތައް އެކަމެއްގެ ކުޑަ ބޮޑު މިނަށްބަލައި، އެފަރާތެއް ފުރަތަމަ ފަހަރުނަމަ 1،000 ރުފިޔާއާއި 10،000 ރުފިޔާއާއި ދެ ެމދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި މިކަން ތަކުރާރު ކުރާ ފަރާތްތައް 50،000 ރުފިޔާ އާއި 100،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އެއްފަހަރަށް ވުރެ ގިނައިން އެކަމެއް ތަކުރާރު ކުރާ ފަރާތްތަކުގެ ޓޫރިސްޓުން ބައިތިއްބުމަށް ދީފައިވާ ހުއްދަ ބާތިލް ކުރުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭށަނަށް ލިބިގެންވެއެވެ.

8.2 މިގަވާއިދަށް އަމަލްކުރަން ފަށާނީ 20 ޖުލައި 2006 (24 ޖުމާދަލް އާހިރާ 1427) އިން ފެށިގެންނެވެ.

 

މައި ގަވާއިދު

ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދު (20 ޖުލައި 2006)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

ކިޔުންތެރިންގެ ހިޔާލު