ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލުގައި ށާމިލުކުރުމަށް ވަޒީފާދޭ ފަރާތުން ގެންނަންޖެހޭ ސަބަބުވެރި ބަދަލުތަކުގެ މިންގަނޑު
(އެހެނިހެން ނަންބަރު 2025-09-00)
(މި މިންގަނޑަށް އަމަލުކުރަން ފެށީ 27 ސެޕްޓެމްބަރު 2025 ގައި)
އެއްވަނަ ބައި
އާންމު މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި މިންގަނޑަކީ، ގާނޫނު ނަންބަރު 2010-08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) ގެ 19 ވަނަ މާއްދާގެ (ނ) އާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2024-09 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 28 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ވަޒީފާ އަދާކުރުމަށް ޓަކައި އެ ވަޒީފާ އަދާކުރާ މާހައުލެއްގައި ވަޒީފާދޭ ފަރާތުން ހަމަޖައްސަންޖެހޭ ސަބަބުވެރި ބަދަލުތައް ހަމަޖެއްސުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކޮށްފައިވާ މިންގަނޑެކެވެ.
(ށ) މި މިންގަނޑަށް ކިޔާނީ، "ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލުގައި ށާމިލުކުރުމަށް ވަޒީފާދޭ ފަރާތުން ގެންނަންޖެހޭ ސަބަބުވެރި ބަދަލުތަކުގެ މިންގަނޑު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި މިންގަނޑުގެ މަގުސަދުތައް ތިރީގައި މިވަނީއެވެ.
(ހ) މަސައްކަތުގެ މާހައުލުގައި، ސަބަބުވެރި ބަދަލުތައް ލިބިދޭ މީހުންނަށް، އޮފީސް މާހައުލާއި، މަސައްކަތާ ގުޅިގެން އޮފީހުން ބޭރުގައި އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމަށް މަގުފަހިކުރުން.
(ށ) މުވައްޒަފުންގެ މެދުގައި އޮންނަ މަސައްކަތުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރިޔަށްގެންދާ ހަރަކާތްތަކުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަފާތުކުރުމުން އެއްކިބާވެފައިވާކަން ކަށަވަރުކޮށް އަދި ށާމިލުކުރަނިވި މާހައުލެއް ގާއިމުކުރުން.
(ނ) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ހުރަސްތައް ނައްތައިލައި، މީގެ ސަބަބުން އެ މީހުންނަށް ވަޒީފާ ލިބި އެ މީހުން ބާރުވެރިވެ، ވަޒީފާގައި ދެމިތިބެގެން، ވަޒީފާގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރުމަށް މަގުފަހިކުރުން.
3 ވަނަ މާއްދާ - ސަބަބުވެރި ބަދަލުގެ ސްކޯޕް
ސަބަބުވެރި ބަދަލަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ޓަކައި، އަދި އެ މީހުންގެ އަސާސީ މިނިވަންކަން ކަށަވަރުކުރުމަށް ޓަކައި، ނިސްބަތުން ބޮޑު ނުވަތަ އިތުރު ބުރައަކަށް ނުވާނޭހެން ވަޒީފާ ދިނުމުގެ އެކި މަރުހަލާތަކާއި ހާލަތްތަކުގައި، ކޮންމެހެން ގެންނަންޖެހޭ އެކަށީގެންވާ ބަދަލުތަކެވެ. ސަބަބުވެރި ބަދަލުތަކަކީ ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ބޭނުންތަކަށް ރިއާޔަތްކޮށްގެން ގެނެވޭނެ ބަދަލުތަކެކެވެ. އަދި މި ބަދަލުތަކަކީ ބަދަލަށް އެދޭ ފަރާތާއި، ފޯރުކޮށްދޭ ފަރާތުގެ ތެރެއިން އެއް ފަރާތަކަށް ނުބައްދަލު (ޑިސްޕްރޮޕޯށަނަލް) ބުރައަކަށް ވެއްޖެ ނަމަ އެ ކަންކަން ނުކޮށް ދޫކޮށްލެވޭނެ ކަންތައްތަކެކެވެ.
4 ވަނަ މާއްދާ - އަސާސީ މިންގަނޑުތައް
(ހ) ގާނޫނު ނަންބަރު 2010-08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) ދަށުންނާއި، އެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުންނާއި، ގަވާއިދު ނަންބަރު 2024-09 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ ދަށުން ހެދިފައިވާ ވަޒީފާދޭ ތަންތަނުގައި ފުރިހަމަވާންޖެހޭ ކަންތައްތައް ހިމެނޭ މިންގަނޑުތަކުގައި ކަނޑައެޅިފައިވާ ފަދައިން، ވަޒީފާދޭ ތަންތަނުން، ވަޒީފާގެ މާހައުލަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކްސެސިބަލް މާހައުލެއްކަން ކަށަވަރުކުރަންވާނެއެވެ.
(ށ) ވަޒީފާދޭ ތަންތަނުން، ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކަށް ވެސް ދާއިމީ ވަޒީފާއާއި (ވަގުތީ ވަޒީފާ ހިމެނޭހެން) ވަޒީފާއަށް ހޮވުމުގެ މަރުހަލާގައްޔާއި ވަޒީފާ އަދާކުރުމުގެ މަރުހަލާގައި، ކޮންމެ މީހެއްގެ ހާލަތަށް ވަކިވަކިން ރިއާޔަތްކޮށް އެ މީހެއްގެ މަސައްކަތް ފަސޭހަކަމާއެކު ކުރުމަށް، މި މިންގަނޑުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބުވެރި ބަދަލުތައް ގެނެސްދޭންވާނެއެވެ. މިފަދައިން ގެންނަ ބަދަލުތައް ނުވަތަ އެކަމަޑޭށަންތައް ކަނޑައަޅަންވާނީ ނުކުޅެދުންތެރިކަން ހުންނަ މީހާއާ މަށްވަރާކުރުމަށްފަހުގައެވެ. އަދި މި މަރުހަލާގައި ސިއްރު ހިފެހެއްޓުމަކީ ލާޒިމު ކަމެކެވެ.
(ނ) ސަބަބުވެރި ބަދަލު ހަމަޖައްސައިދިނުމަކީ ބައެއްފަހަރު ކޮންމެވެސްވަރެއްގެ ހަރަދެއް ހިނގައިފާނެ ކަމެކެވެ. ނަމަވެސް، ސަބަބުވެރި ބަދަލު ހަމަޖައްސައިދިނުމުގައި ވެސް މުވައްޒަފަށް ވަޒީފާ ދިނުމަށް އިސްކަންދޭންވާނެއެވެ. އެހެންކަމުން، އެދިފައިވާ ސަބަބުވެރި ބަދަލަކީ ވަޒީފާގައި އަދާކުރަންޖެހޭ އަސާސީ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ސަބަބުވެރި ބަދަލަކަށް ނުވާ ނަމަ، އެންމެ އިސްކަމެއް ދޭންޖެހޭނީ އެ ފަރާތަށް ވަޒީފާ ހަމަޖެއްސުމަށް އިސްކަންދިނުމަށެވެ. އަދި ވަޒީފާދޭ ފަރާތުގެ މާލީ ތަނަވަސްކަމާއި ގާބިލުކަން ހުރި މިންވަރަކުން ސަބަބުވެރި ބަދަލުތައް ގެނައުމަށް މަސައްކަތްކޮށްދޭންވާނެއެވެ. މިގޮތުން، ސަބަބުވެރި ބަދަލެއް ފަހިކޮށްދިނުމަށް ހަރަދު ހިނގާ ނަމަ ގަވާއިދު ނަންބަރު 2024-09 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 28 ވަނަ މާއްދާގެ (ވ) ގައިވާ ގޮތުގެ މަތީން، އެފަދަ އިންތިޒާމުތަކަށް ހިނގާ ހަރަދަށް އެ ތަނަކުން ގެންނަންޖެހޭ ބަދަލުތަކާ ގުޅިގެން ހިނގާނެ ހަރަދުތައް އެ ތަނެއްގެ އަހަރީ ބަޖެޓުގައި ހިމަނައިގެން ކުރެވިދާނެއެވެ. ނަމަވެސް، ހަރަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހާއަށް ބޭނުންވާ އާލާތެއް ހޯދަންޖެހޭ ކަމެއް ނަމަ، ނުވަތަ އެހެން ކަމެއް ހަމަޖައްސަންޖެހޭ ކަމެއް ނަމަ އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ކަމަކަށް ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީ (އެންސްޕާ) ގައި އެދެވިދާނެއެވެ. މި މަސައްކަތަށް މަގުފަހިކުރުމުގެ ގޮތުން މުވައްޒަފުގެ ޕްރޮފައިލެއް ތައްޔާރުކޮށް، ބޭނުންވާނެ ސަބަބުވެރި ބަދަލުތައް ދެނެގަންނަންވާނެއެވެ.
ދެވަނަ ބައި
އިސްތިސްނާތައް
5 ވަނަ މާއްދާ - އެދިފައިވާ ބަދަލުތަކަކީ ސަބަބުވެރި ބަދަލަކަށް ވުމުން އިސްތިސްނާވާ ހާލަތްތައް
(ހ) މިންގަނޑުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ސަބަބުވެރި ބަދަލަކަށް ހުށަހަޅައިފައިވާ ހުށަހެޅުން، އެ ކަމަކުން ވަޒީފާދޭ ތަންތަނަށް ނުވަތަ އެ ތަންތަނުގެ ހިންގުމަށް ބަލައިނުގަތުމުގެ އިހްތިޔާރު، ވަޒީފާދޭ ތަންތަނަށް ލިބިދެއެވެ. މިސާލަކަށް އެންމެ ފަރުދެއްގެ ނިސްބަތުން ނުބައްދަލު ދަތި ކަންތައްތަކެއް (ޑިސްޕްރޮޕޯށަނަލް) ކުރިމަތިވެދާނޭ ހާލަތްތަކުގައި، އެދުމަށް އިޖާބަދިނުމުގެ ގޮތުން، ތަނުގެ ފިޒިކަލް ސްޓްރަކްޗަރއަށް ބަދަލުގެނައުމަކީ ވަގުތުން ކުރެވޭނެ ކަމަކަށް ނުވެދާނެއެވެ. މިފަދަ ހާލަތްތަކުގައި މުވައްޒަފާ ނުވަތަ ވަޒީފާއަށް ހޮވޭ ފަރާތާއި ވަޒީފާދޭ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ވަގުތީގޮތުން މުވައްޒަފަށް އެކަށީގެންވާ ގޮތަކަށް މަސައްކަތްކުރެވޭނެ އިންތިޒާމު، މިސާލަކަށް ގޭގައި ހުރެގެން ކުރެވޭ ފަދަ މަސައްކަތެއް ނަމަ ގޭގައި މަސައްކަތްކުރެވޭނެ އިންތިޒާމު، ހަމަޖައްސައިދެވިދާނެއެވެ.
(ށ) ސަބަބުވެރި ބަދަލު ހަމަޖައްސައިދިނުމަށްފަހު، ކުރިމަގަށް ރިއާޔަތްކޮށް މިންގަނޑުގެ 3 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން މާލީ ހާލަތު ތަންދޭ މިންވަރުން މި ފަދަ ބަދަލުތައް ކުރިމަގުގައި ވެސް ގެނައުމަށް ވަޒީފާދޭ ފަރާތުން މަސައްކަތް ކުރަންވާނެއެވެ. ސަބަބުވެރި ބަދަލު ގެނައުމުގައި، މި މިންގަނޑުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ނިސްބަތުން ބޮޑު ބުރައެއް ހިމެނޭތޯ ބެލުމުގައި ވަޒީފާދޭ ފަރާތާއި ސަބަބުވެރި ބަދަލަށް އެދޭ ފަރާތުގެ ބޭނުންތަކަށް ހަމަހަމަ ގޮތެއްގެ މަތީން ބަލަންވާނެއެވެ. އަދި މިކަން ކުރަންވާނީ، ވަޒީފާ އަދާކުރާ ނުކުޅެދުންތެރިކަން ހުންނަ ވަކިވަކި ފަރުދުންގެ ބޭނުންތަކަށް ބެލުމަށްފަހުގައެވެ.
(ނ) އެދިފައިވާ ބަދަލު ހަމަޖައްސައިދިނުމަކީ، ވަޒީފާދޭ ތަނަށް ނިސްބަތުން ބޮޑު ބުރައެއް ކުރިމަތިވާނެ ކަމެއްތޯ ކަނޑައެޅުމުގައި ރިއާޔަތްކުރާ ބައެއް ކަންތައް ތިރީގައި ހިމެނިފައި މިވަނީއެވެ.
- ސަބަބުވެރި ބަދަލު ގެނައުމަށް ހިނގާ ހަރަދު މަސައްކަތްކުރާ ތަނުގެ މާލީ ގާބިލުކަމަށް ބަލައި، ތަނަށް ނުކުރެވޭނެ ފަދަ ބޮޑު ހަރަދަކަށް ވާ ނަމަ، ހާއްސަކޮށް އިތުރު އެހެން ގޮތަކުން މާލީ އެހީ ލިބެން ނެތް ހާލަތްތައް.
-
ހަމަޖައްސައިދިނުމަށް އެދޭ ބަދަލަކީ، އެކަށީގެންވާ ވަގުތެއްގެ ތެރޭގައި ހަމަޖައްސައިދެވޭނެ ބަދަލެއްކަމުގައި ނުވުން؛
-
ވަޒީފާދޭ ފަރާތުގެ ބޮޑުމިނާއި މާލީ ފުދުންތެރިކަން (މިސާލަކަށް، ގިނަ ވަސީލަތްތައް ލިބިފައިވާ ބޮޑެތި ކުންފުނިތަކާ އަޅައިބަލާއިރު، ކުދި ވިޔަފާރިތައް ކުރާ ފަރާތްތަކަށް ސަބަބުވެރި ބަދަލު ހަމަޖައްސައިދިނުމަށް ބޭނުންވާ ހަރަދުތައް ކުރުމަށް ދަތިވުން އެކަށީގެންވޭ)؛
-
ހަމަޖައްސައިދޭންޖެހޭ ބަދަލުގެ ސަބަބުން އެކަމަށް އެދުނު ފަރާތް ފިޔަވައި، އިތުރު ފަރާތްތަކަށް އެކަމުގެ ސަބަބުން ދަތިވުން (މިސާލަކަށް، ފުރޮޅުލީގޮނޑި ބޭނުންކުރާ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފަކަށް ސަބަބުވެރި ބަދަލެއްގެ ގޮތުގައި ރޭމްޕު ނުވަތަ އޮޓޮމެޓިކު ދޮރު ހަރުކޮށްދިނުމުން، ތަނުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް ވެސް ވަދެނުކުމެއުޅުމަށް ފަސޭހަވާނެ)؛
-
ހަމަޖައްސައިދޭންޖެހޭ ބަދަލަށް ހަރަދެއް ހިނގާ ނަމަ، އެ ހަރަދުގެ ޖުމުލަ ނުވަތަ ބައިކުޅަބައެއް ހަމަޖެއްސޭނެ މާލީ އެހީ ލިބެން ހުރި މިންވަރު (މިސާލަކަށް، ސަބަބުވެރި ބަދަލު ހަމަޖެއްސުމަށް ކުރަންޖެހޭ ހަރަދުތައް ކުރުމަށް ސަރުކާރުން ނުވަތަ އެހެނިހެން ގޮތްގޮތުން މާލީ އެހީތެރިކަން ލިބެން ހުރުމަކީ ސަބަބުވެރި ބަދަލު ހަމަޖައްސައިދިނުމުގައި ވަޒީފާދޭ ފަރާތުގެ މާލީ ބުރަ ލުއިކޮށްދީ އެ ވަޒީފާދޭ ފަރާތަށް ފަސޭހަވާނެ ކަމަކަށް ވާނެއެވެ)؛
- ވަޒީފާގެ މުއްދަތު، މިސާލަކަށް، ކޮންޓްރެކްޓް އުސޫލުން ކުރު މުއްދަތަށް ވަޒީފާއަށް ހޮވާ ފަރާތަކަށް ބޭނުންވާ ބޮޑެތި ބަދަލުތައް ގެނައުމަށް ވަޒީފާދޭ ތަންތަނުން ހަރަދުކުރަން ދަތިވުން (ގިނަ ބަޔަކަށް ފައިދާވާނެ ކަމެއް މެނުވީ) އެކަށީގެންވެއެވެ.
ތިންވަނަ ބައި
ސަބަބުވެރި ބަދަލުގެ ބާވަތްތައް
6 ވަނަ މާއްދާ - ވަޒީފާ ފަރުމާކުރުމުގައި ގެނެވޭނެ ސަބަބުވެރި ބަދަލުތައް
ވަޒީފާ ފަރުމާކުރުމުގައި ގެނެވިދާނެ ސަބަބުވެރި ބަދަލުތައް ތިރީގައި ހިމެނިފައި މިވަނީއެވެ.
(ހ) މުވައްޒަފުންގެ ގާބިލްކަމާއި ހާލަތަށް ބަލައިފައި ވަޒީފާގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތަކާއި، ހަވާލުކުރާ މަސައްކަތެއް ނިންމަންޖެހޭ ގަޑިއަށް ނުވަތަ މަސައްކަތް ކުރަންޖެހޭ ތަނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން. މިސާލަކަށް، މަސައްކަތަށް ހާޒިރުވާންޖެހޭ ގަޑި ފަސްކޮށްދިނުމާއި ރިމޯޓްކޮށް މަސައްކަތްކުރެވޭނެ ފަދަ ފްލެކްސިބިލިޓީ ހަމަޖައްސައިދިނުން.
(ށ) ފަސޭހަކަމާއެކު މަސައްކަތްކުރެވޭނެ ގޮތް ފަހިކުރުމުގެގޮތުން ބޭނުންވާނެ އެންމެހައި ވަސީލަތްތައް ފޯރުކޮށްދިނުން.
(ނ) މި މިންގަނޑުގެ 10 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ މަސައްކަތްކުރުމަށް ބޭނުންވާ އެސިސްޓިވް ޓެކްނޮލޮޖީ ފޯރުކޮށްދިނުން.
(ރ) މަސައްކަތްކުރާ މާހައުލަށް ބަދަލު ގެނައުން. މިސާލަކަށް، ވަދެނުކުމެވުމުގައި ފަސޭހަވާގޮތަށް ކަންކަން އިންތިޒާމުކުރުމާއި، ތަނަށް އެކަށީގެންވާ އަލި ލިބޭނެ ގޮތަށް ހަމަޖެއްސުމަށާއި، މަސައްކަތުގެ މާހައުލުގެ އަޑުމަޑުވާނެ ގޮތަށް ހަމަޖެއްސުމަށާއި، ފަރުނީޗަރު ބަހައްޓައިފައިވާ ލޭއައުޓަށް ބަދަލުގެނައުމަށާއި، ފަސޭހައިން މަސައްކަތް ކުރެވޭނެ މިނޫންވެސް އިތުރު ބަދަލުތައް ގެނައުން.
(ބ) ޔުނިވަރސަލް ޑިޒައިނަށް ފައްތައިގެން ގެނެވޭނެ ބަދަލުތައް ގެނައުން. މިސާލު: ފޮރޮޅުލީ ގޮނޑި ވެއްދޭނޭހެން އޮފީހުގެ ފާހާނާ ބަދަލުކޮށްލުން.
7 ވަނަ މާއްދާ - ވަޒީފާއަށް މީހެއް ހޮވުމުގައި ގެނެވޭނެ ސަބަބުވެރި ބަދަލު
ގަވާއިދު ނަންބަރު 2024-09 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ ދަށުން ހެދިފައިވާ ހުންނަ ފަރާތްތަކަށް، ވަޒީފާ ހަމަޖެއްސުމުގެ އާންމު މިންގަނޑުގެ ދަށުން ވަޒީފާއަށް މީހެއް ހޮވުމުގައި ގެންނަންޖެހޭ ސަބަބުވެރި ބަދަލުތައް ހަމަޖައްސައިދެވެންވާނެއެވެ.
8 ވަނަ މާއްދާ - ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުމުގައި ގެނެވޭނެ ސަބަބުވެރި ބަދަލު
ތިރީގައި ހިމެނިފައިވަނީ، ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުމުގައި ގެނެވިދާނެ ސަބަބުވެރި ބަދަލުތަކެވެ.
(ހ) އަލަށް ވަޒީފާއަށް ނުކުންނަ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންގެ އޮރިއެންޓޭށަން ޕްރޮގުރާމުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެ ތަނަކުން ހަމަޖައްސައިދެވޭނެ ސަބަބުވެރި ބަދަލުތަކާއި ތަނެއްގައި ހުންނަ ވަސީލަތްތަކާ ބެހޭގޮތުން މައުލޫމާތު ހިމެނުން. އަދި އޮރިއެންޓޭށަން ޕްރޮގުރާމުގައި ބޭނުންކުރެވޭ ވަސީލަތްތަކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކްސެސިބަލް އަދި ފަހުން ވެސް މުވައްޒަފު ބޭނުންވެއްޖެ ނަމަ، ފަސޭހައިން ލިބޭނެ ގޮތަށް ހުންނަ ތަކެތިކަމުގައި ވުން.
(ށ) އަލަށް ވަޒީފާއަށް ވަންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މަސައްކަތްތަކަށް އަހުލުވެރިކުރުވުމަށާއި ވަޒީފާ އަދާކުރާ ތަނުގެ މާހައުލަށް ފަރިތަވުމަށް އެހީތެރިވެދިނުމަށް ހާއްސަ މުވައްޒަފުން (މެންޓަރއެއް) ކަނޑައަޅައިފައި ހުރުން.
(ނ) ގެނެވިފައިވާ ސަބަބުވެރި ބަދަލުތަކަކީ ފައިދާހުރި ބަދަލުތަކެއްތޯ ނުވަތަ އިތުރަށް ގެންނަންޖެހޭ ބަދަލެއް އޮތްކަން ބެލުމަށް ޓަކައި މުވައްޒަފުގެ ކިބައިން ގަވާއިދުން ހިޔާލު ހޯދޭނެ ނިޒާމެއް ގާއިމުކުރުން. އެގޮތުން، ގަވާއިދު ނަންބަރު 2024-09 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 9 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ކަނޑައެޅިފައި ހުންނަ ލިއޭޒަން އޮފިސަރާ ނުވަތަ ސުޕަވައިޒަރާ މަށްވަރާކޮށްގެން މިކަން ކުރުން. ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފާއި ސުޕަވައިޒަރުގެ ސޮޔާއެކު މިކަމާ ގުޅުންހުރި ފީޑްބެކް ފޯމު ތައްޔާރުކޮށްފައި ހުންނަންވާނެއެވެ. މިސާލަކަށް، ކޮންމެ 6 (ހައެއް) މަހަކުން މުވައްޒަފާއި، ސުޕަވައިޒަރާއި ލިއޭޒަން އޮފިސަރު ބައްދަލުކޮށް އެ މުވައްޒަފަކަށް ފޯރުކޮށްދީފައިވާ ސަބަބުވެރި ބަދަލުތަކާ ގުޅިގެން މަށްވަރާކުރުން.
(ރ) އަލަށް ވަޒީފާއަށް ވަންނަ މުވައްޒަފުންނަށް ދެވޭ ތަމްރީނު (އޮރިއެންޓޭށަން ޕްރޮގްރާމް) ގައި ބޭނުންކުރާ ޕްރެޒެންޓޭށަނާއި ލިޔެކިޔުމާއި، ވީޑިއޯ ފަދަ ތަކެއްޗަކީ ނުކުޅެދުންތެރިކަމުގެ ވަކިވަކި ގިންތިތަކަށް ހާއްސަކޮށް، ފެނުމުގެ ނުކުޅެދުންތެރިކަމާއި، އަޑުއިވުމުން މަހްރޫމުވެފައިވާ ފަރާތްތަކަށް އެނގޭނެގޮތަށް ހަދައިފައިވާ ތަކެތިކަމުގައިވުން. މިފަދައިން ތަކެތި ތައްޔާރުކޮށްފައި ނުވާ ނަމަ، އެހީތެރިއެއް މެދުވެރިކޮށް މިކަން ފަހިކޮށްދިނުން. އަދި މި ތަމްރީނު ރިކޯޑުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުން ނުވަތަ ތަމްރީނުގެ ރިކޯޑިންގ އެ ފަރާތްތަކަށް ފޯރުކޮށްދިނުން.
(ބ) ކުއްލި ހާލަތުގައި އަމަލުކުރުމަށް ތައްޔާރުކޮށްފައިވާ ރޭވުންތަކަކީ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންގެ ބޭނުންތަކަށް ރިއާޔަތްކޮށްފައިވާ ރޭވުންތަކެއްކަން ކަށަވަރުކުރުން. މިސާލު: ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، އިމަރޖެންސީ ހާލަތްތަކުގައި އަޑުން އެލަރޓް ކުރެވޭނެ ގޮތަށް ހުރުން. މި ފަދަ ހާލަތެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތަށް އެހީތެރިވެދޭނެ ހާއްސަ މުވައްޒަފަކު ބެހެއްޓުން ނުވަތަ މުވައްޒަފުން ކަނޑައަޅައިފައި ބޭތިއްބުން.
(ޅ) ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުން މި ރޭވުންތަކަށް އަހުލުވެރިވެފައިވާކަން ކަށަވަރުކޮށް، ރޭވުންތައް ހިމެނޭ ލިޔެކިޔުން އެކްސެސިބަލް ފޯމެޓުގައި، ބޭނުން ޖެހިއްޖެ ހާލަތުގައި ފަސޭހައިން ލިބެން ހުންނާނެ ގޮތަށް ބެހެއްޓުން.
9 ވަނަ މާއްދާ - މަސައްކަތުގެ ގަޑިއަށް ގެނެވިދާނެ ސަބަބުވެރި ބަދަލު
(ހ) ސަބަބުވެރި ބަދަލެއްގެ ގޮތުގައި މަސައްކަތުގެ ގަޑިއަށް ގެނެވިދާނެ ބަދަލުތައް، ތިރީގައި މިވަނީއެވެ.
- ހަފުތާއަކު ޖުމުލަގޮތެއްގައި މަސައްކަތްކުރަންޖެހޭ ގަޑިތައް، މުވައްޒަފުގެ ހާލަތަށް ރިއާޔަތްކޮށްގެން ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތީން ހަމަޖައްސައިދިނުން.
- ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތީން ވަޒީފާ އަދާކުރަން ފަށާ ގަޑިއާއި ނިމޭގަޑިއަށް ބަދަލުގެނައުން. (މިސާލަކަށް: ބޭނުންކުރާ ބޭހެއްގެ ސަބަބުން، ހެނދުނުހެނދުނާ ހޭލުމަށް ދަތިވާ މުވައްޒަފަކަށް ސޮއިކުރަންޖެހޭ ގަޑި ލަސްކޮށްދިނުމާއި، މަސައްކަތުގެ ވަގުތު ހަމަވާނޭހެން ނިމޭ ގަޑި ވެސް ލަސްކުރުން).
-
ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ގޭގައި ނުވަތަ ރިމޯޓުކޮށް މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން. މިގޮތުން، މުވައްޒަފުގެ ހާލަތަށް ބަލައި ހުރިހާ ދުވަހެއްގައި ގޭގައި މަސައްކަތްކުރުން ނުވަތަ ހަފުތާގެ ވަކި ދުވަސްތަކެއްގައި މިގޮތަށް މަސައްކަތް ކުރުމުގެ ފުރުސަތު ދިނުން އަދި މިގޮތަށް މަސައްކަތްތައް ކުރުމުގައި މަސައްކަތްކުރުމާ ގުޅިގެން ހިނގާ ހަރަދުތަކާއި ގޭގައި މަސައްކަތްކުރުމަށް ބޭނުންވާނެ ވަސީލަތްތަކާއި އިންތިޒާމުތައް ހަމަޖައްސައިދިނުން (މިސާލަކަށް ލެޕްޓޮޕް ފަދަ ތަކެތި ފޯރުކޮށްދިނުން) އަދި ފޯރުކޮށްދޭ ވަސީލަތަށް އެއްވެސް ގެއްލުމެއް ވެއްޖެ ނަމަ (މިސާލަކަށް ވެއްޓި ހަލާކުވުން ނުވަތަ ގެއްލުން) ފަދަ ކަމެއް މުވައްޒަފުގެ ފަރާތުން ވެއްޖެ ނަމަ މުވައްޒަފު ޒިންމާ ވާންޖެހޭގޮތަށް ކަނޑައެޅުން؛
-
މުވައްޒަފުގެ ހާލަތަށް ބަލައި މަސައްކަތުގެ ވަގުތުގައި ދެވޭ ބްރޭކް ގަޑިއަށް ބަދަލުގެނައުން. މިސާލަކަށް، ހާސްވެ ކަންބޮޑުވުން ނުވަތަ އެންޒައިޓީ ހުންނަ މުވައްޒަފެއް ނަމަ އަދި އެއީ އެ މުވައްޒަފަކު ހަމަޖެހިލަން އެހީތެރިވެދޭ ކަމެއްކަން ފާހަގަކުރެވިފައިވާ ނަމަ ގަޑި ކައިރިކޮށް ކުދި ބްރޭކް ދިނުން ނުވަތަ ބްރޭކަށް ލިބޭ ވަގުތު އިތުރުކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ހަމަޖައްސައިދޭނީ މަސައްކަތްކުރާ ތަނަކުން އަމަލުކުރާ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ ހިލާފުނުވާ ގޮތެއްގެ މަތިންނެވެ. (މިސާލަކަށް ސިވިލް ސަރވިސްގެ މުވައްޒަފުން ނަމަ، ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދު)
10 ވަނަ މާއްދާ - ސަބަބުވެރި ބަދަލެއްގެ ގޮތުގައި އޮފީހަށް ބޭނުންވާ ހާއްސަ ސާމާނު ހޯދައިދިނުން
ސަބަބުވެރި ބަދަލެއްގެ ގޮތުގައި އެ ފަރާތަކަށް ހާއްސަކޮށް ފޯރުކޮށްދެވިދާނެ ހާއްސަ ސާމާނާއި، އޭގެ ބޭނުންތައް
ތިރީގައި ހިމަނައިފައި މިވަނީ، މި މިންގަނޑުގައި ބަޔާންކޮށްފައިވާ ސަބަބުވެރި ބަދަލުތައް ފޯރުކޮށްދިނުމުގެ ގޮތުން އޮފީހަށް ގަންނަންޖެހޭ ހާއްސަ ސާމާނު ހޯދައިދިނުން:
- އަރގޮނޮމިކް ފަރުނީޗަރު؛
- އުސްމިން ބަދަލުކުރެވޭ، ބުރަކަށްޓަށް ސަޕޯޓު ލިބޭ، (ލަމްބަރ ސަޕޯޓު) އަދި އަތް ބާއްވާނެ ޖާގަ ހުންނަ ގޮނޑިއަކީ ޖިސްމާނީ އެކިއެކި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބޭނުންތަކަށް ރިއާޔަތްކުރެވޭ އެއްޗެއް.
-
އުސްމިން ބަދަލުކުރެވޭ ސިޓް/ސްޓޭންޑް ޑެސްކުން، ބުރަކަށީގެ މައްސަލަތައް ނުވަތަ ޕޮސްޗަރ މައްސަލަތައް ހުންނަ މީހުންނަށް ފަސޭހަވެދޭ، މިސާލަކަށް، އެ މީހަކު އިހްތިޔާރުކުރާ ގޮތަކަށް، އިށީނދެގެން ނުވަތަ ކޮޅަށް ހުރެގެން، މަސައްކަތް ކުރެވޭ އަދި އެޑްޖަސްޓްކުރެވޭ ފަދަ ކޮމްޕިއުޓަރު ކީބޯޑު ބަހައްޓާ ޓްރޭއިން ތަކުރާރުކޮށް ސްޓްރެއިންވުން ފަދަ އަނިޔާތައް ލިބޭ މީހުންނަށް ފަސޭހަވެދޭ.
- އެސިސްޓިވް ޓެކްނޮލޮޖީ:
- ސްކްރީން ރީޑްކުރާ ސޮފްޓްވެއަރއިން ސްކްރީނުގައި ލިޔެވިފައިވާ ތަކެތި އަޑަށް (ނުވަތަ ބްރެއިލްއަށް) ބަދަލުކުރުމުން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ނުވަތަ ކިޔުމުގައި އުނދަގޫކަން ކުރިމަތިވާ ފަރާތްތަކަށް އެ ތަކެތި ކިޔުމަށް އެކްސެސް ލިބޭ.
- މެގްނިފިކޭށަން ސޮފްޓްވެއަރއިން، ފެނުމުގެ ނުކުޅެދުންތެރިކަން/ދަތިކަން ހުންނަ ފަރާތްތަކަށް ސްކްރީނުގައިވާ ތަކެތި ބޮޑެތިކޮށް، ސާފުކޮށް ފެނުމަށް މަގުފަހިވެދޭ.
- ވޮއިސް ރިކޮގްނިށަން ސޮފްޓްވެއަރއިން ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތްތަކަށް، ނުވަތަ އެހެނިހެން ސަބަބުތަކާހުރެ ކީބޯޑުން ޓައިޕްކުރުމަށް ދަތިވާ ފަރާތްތަކަށް އަޑު ބޭނުންކޮށްގެން ޓައިޕްކުރުމަށާއި ކޮމްޕިއުޓަރު ކޮންޓްރޯލްކުރުމަށް ފަސޭހަވޭ.
- އަޑުގެ ލެވެލް މަތިކުރެވޭ (އެމްޕްލިފައިޑް) ފޯނާއި ހެޑް ސެޓް ފަދަ ތަކެތިން އިވުމުގެ ނުކުޅެދުންތެރިކަން/ދަތިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ މާހައުލުގައި ފަސޭހަވޭ.
- އަޑުގެ ލެވެލް މަޑުކޮށް ނުވަތަ އެއްކޮށް ކަނޑައިލެވޭ (ނޮއިސް ކެންސަލޭށަން) ހެޑްފޯން ފަދަ ތަކެތިން އޯޓިޒަމް، އޭޑީއެޗްޑީ
ނުވަތަ އެކި އަޑުތަކުން އުނދަގޫވާ ފަރާތްތަކަށް މަސައްކަތަށް ސަމާލުކަން ދިނުމަށް އަދި ނަފުސު ރެގިއުލޭޓްކުރުމަށް އެހީތެރިވެދޭ
-
އޮންލައިން ބައްދަލުވުމާއި ވީޑިއޯ ފަދަ ތަކެތީގައި، ކްލޯސްޑް ކެޕްށަން (ދެކެވޭ ވާހަކަތައް ލިޔުމުން ސްކްރީނަށް އެރުން) ބޭނުންކުރުމުން އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވީޑިއޯ އަދި ކުރިޔަށްގެންދެވޭ ބައްދަލުވުންތަކަށް އެކްސެސް ލިބޭ
-
ކޮމިއުނިކޭށަން ބޯޑު ނުވަތަ ޓެކްސްޓް-ޓު-ސްޕީޗް ސޮފްޓްވެއަރ އަޅައިފައި ހުންނަ ވަސީލަތްތަކުން (ޓެބްލެޓް، ފޯނު) ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ނުވަތަ ވާހަކަދެއްކުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް އެހެން މީހުންނާ މުއާމަލާތުކުރަން މަގުފަހިވެގެންދޭ
- އެއްތަނުން އަނެއްތަނަށް ދިއުމުގައި އެހީތެރިވެދޭ ވަސީލަތްތައް/ކަންކަން
- މަސައްކަތްކުރާ ހިސާބުގައި (ވަރކް ސްޓޭށަނުގައި) ވަށައިގެން އޮންނަ ޖާގަ ބޮޑުވާގޮތަށް މޭޒާއި ގޮނޑި އަތުރައިފައި ހުރުމުން، ހެލިފެލިވުމަށް އެހީތެރިވެދޭ އާލާތްތައް (މޮބިލިޓީ ޑިވައިސް) ބޭނުންކުރާ ފަރާތްތަކަށް މަސައްކަތްކުރާ ތަނުގައި ހަރަކާތްތެރިވުމަށް މަގުފަހިވޭ
- އޮޓޮމެޓިކުން ނުވަތަ ތިރީގައި ހަރުކޮށްފައި ހުންނަ ސްވިޗަކުން ހުޅުވޭ ދޮރާއި، ލިފްޓާއި ރޭމްޕް ހުރުމުން ފުރޮޅުލީ ގޮނޑި ބޭނުންކުރާ އަދި ޖިސްމާނީ އެހެނިހެން ބައެއް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތްކުރާ ތަންތަނަށް ވަދެނުކުތުމަށް ފަސޭހަކަން ލިބޭ
11 ވަނަ މާއްދާ - އޮފީހުގެ ލިޔެކިޔުން "އެކްސެސިބަލް" ފޯމެޓުގައި ހުރުން
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކްސެސިބަލް ވާނޭ ގޮތަށް ލިޔެކިޔުން ބެހެއްޓުމަށް ކުރެވިދާނެ ކަންކަން ތިރީގައި ހިމަނައިފައި މިވަނީއެވެ.
(ހ) ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިޔެކިޔުން އެކްސެސިބަލް ކުރުމަށް ޓަކައި ބޮޑެތި ފޮންޓުގެ ޕްރިންޓްސް، ލާރޖް ޕްރިންޓް (ޑޮކިއުމަންޓްސް) އާއި، ބްރެއިލްއާއި އޯޑިއޯ ރިކޯޑިންގ ބޭނުންކުރެވިދާނެއެވެ.
(ށ) ވިސްނުމުގެ/ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ގިނަ މައުލޫމާތުދޭ ލިޔެކިޔުން ފަހުމުވާނެ ފަދައިން ތިލަކުރުމަށް ޓަކައި، ކުރު ޖުމުލަތަކާއި ސާފު ޖުމުލަތަކާއި، އާދައިގެ ބަހުރުވައިން ވިދާޅުވެފައިވާ ޖުމުލައިގެ މާނަ އޮޅުން ފިލުވައިދޭ ފޮޓޯ ނުވަތަ ކުރެހުން ހިމެނޭހެން، އީޒީ ރީޑް ފޯމެޓަށް ތައްޔާރުކުރެވިދާނެއެވެ.
(ނ) ލިޔެކިޔުންތައް ހުންނަންވާނީ ސްކްރީން ރީޑަރ ފަދަ އެސިސްޓިވް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔޭނެ ފަދައިން (މިސާލު: ޕީޑީއެފް ޑޮކިއުމަންޓެއް ނަމަ، ސްކްރީން ރީޑްކުރާ ސޮފްޓްވެއަރއަށް ބޭނުންވާ ޓެގްސް ނުވަތަ ލިންކް އެ ޑޮކިއުމަންޓެއްގައި ހިމަނަންވާނެއެވެ. އަދި ޕީޑީއެފް ޑޮކިއުމަންޓު ބޭނުންކުރާ ސްކްރީން ރީޑްކުރާ ސޮފްޓްވެއަރއިން ސަޕޯޓުނުކުރާ ނަމަ، ޑޮކިއުމަންޓުގެ ވޯޑް ފައިލް އެޓޭޗް ކުރެވިދާނެއެވެ.)
(ރ) އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނުވަތަ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވީޑިއޯ އެކްސެސިބަލް ކުރުމަށް ޓަކައި އެ ވީޑިއޯއެއްގައި ކްލޯޒްޑް ކެޕްށަން ނުވަތަ އިށާރާތުގެ ބަހުގެ އިންޓަޕްރިޓޭށަނާއި އޯޑިއޯ ޑިސްކްރިޕްށަން ހިމަނައިފައި ހުރުން.
(ބ) އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިވެހިބަހުން ލިޔެފައި ހުންނަ ލިޔުންތައް އެކްސެސިބަލްކުރުމަށް ބޭނުންވާނެ ސޮފްޓްވެއަރ ހޯދައިދިނުން ނުވަތަ ލެޓިނުން މުހިންމު ލިޔުންތައް (މިސާލު: ގަވާއިދުތަކާއި، ވަޒީފާގެ މަސްއޫލިއްޔަތުތަކާއި، ތަމްރީނު ފުރުސަތުތަކާ ގުޅޭ މައުލޫމާތު) ލިޔެފައި ހުރުން.
12 ވަނަ މާއްދާ - ސައިން ލެންގުއޭޖް އިންޓަރޕްރިޓަރުން ހަމަޖައްސައިދިނުން
އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންނަށް ދިމާވާ މުއާމަލާތުކުރުމުގެ ހުރަސްތައް މަދުކުރުމަށް ޓަކައި، ބައްދަލުވުންތަކާއި، ތަމްރީނު ސެށަންތަކާއި، އިވެންޓުތަކުގައި، ތަމްރީނުވެފައިވާ ފަރާތްތައް ލިބެންހުރި މިންވަރަކުން، އިށާރާތުގެ ބަސް އިންޓަރޕްރިޓްކުރާ މީހުން ހަމަޖައްސައިދޭންވާނެއެވެ.
13 ވަނަ މާއްދާ - ދަތުރުފަތުރު ހަމަޖައްސައިދިނުން
ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންނަށް ވަޒީފާގެ ތެރެއިން ދަތުރުފަތުރު ކުރުމުގައި ދިމާވާ ހުރަސްތައް ހަނިކުރުމަށް ޓަކައި ވަޒީފާދޭ ފަރާތްތަކުން ތިރީގައިވާ ކަންކަން ކުރެވިދާނެއެވެ.
(ހ) ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންނަށް ހުރި ހުރަސްތައް ދެނެގަތުމަށް ޓަކައި މުޖުތަމައުގައި އަދި ވަޒީފާދޭ ތަނުގެ ދަތުރުފަތުރުގެ ނިޒާމުތައް ވަޒަންކުރުން.
(ށ) ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންނަށް ދަތުރުފަތުރު ކުރުމުގައި އެ ފަރާތްތަކުގެ ވަކިވަކި ބޭނުންތައް ދެނެގަތުމަށް ގަވާއިދުން ލަފާ ހޯދައި މަށްވަރާކުރުން.
(ނ) ވަޒީފާ އަދާކުރާ ތަނުގައި އެކްސެސިބަލް އުޅަނދުފަހަރު ގެންގުޅޭ ނަމަ، ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންނަށް ވަޒީފާއާ ގުޅޭ ދަތުރުތަކުގައި އެ އުޅަނދުފަހަރުގެ ހިދުމަތް ދިނުން.
(ރ) ވަޒީފާ އަދާކުރާ ތަނަށް އައިސް ގޮސް ހެދުމަށް އިތުރު ފައިސާ ހޭދަކުރަންޖެހޭ ނަމަ، އެ ފައިސާ ދެއްކުމުގައި ފައިސާގެ އެހީ ދޭނެ ނިޒާމެއް ކަނޑައެޅި، އޭގެ ދަށުން އެހީ ދިނުން.
ހަތަރުވަނަ ބައި
ސަބަބުވެރި ބަދަލުގެ މަރުހަލާ
14 ވަނަ މާއްދާ - ސަބަބުވެރި ބަދަލަށް ހުށަހެޅުން
ސަބަބުވެރި ބަދަލު ބޭނުންވާ ފަރާތުން ވަޒީފާދޭ ފަރާތަށް އެކަން ހުށަހަޅާނީ އީމެއިލް ނުވަތަ ސިޓީ ނުވަތަ އެކަމަށް ތައްޔާރުކޮށްފައިވާ ފޯމު މެދުވެރިކޮށް ނުވަތަ ލިއޭޒަން އޮފިސަރު މެދުވެރިކޮށެވެ. އިންޓަވިއު މަރުހަލާގައި ނުވަތަ ވަޒީފާއަށް ހޮވުމުން ނުވަތަ ވަޒީފާއަށް ވަނުމުގެ ފަހުން، ކޮންމެ މަރުހަލާއެއްގައި ވެސް މިކަން ކުރެވިދާނެއެވެ.
15 ވަނަ މާއްދާ - ސަބަބުވެރި ބަދަލަށް އެދިފައިވާ އެދުން ޕްރޮސެސްކުރުން
ސަބަބުވެރި ބަދަލަށް އެދިފައިވާ ފަރާތާއި ލިއޭޒަން އޮފިސަރު މަށްވަރާކޮށް، އިތުރު ލިޔެކިޔުމެއް ބޭނުންވާ ނަމަ، އެ ފަރާތަކަށް އެކަން އަންގައި، އެ ލިޔެކިޔުމެއް ހޯދަންވާނެއެވެ. މި ލިޔުން ހޯދުމަށް މުވައްޒަފުގެ އެންމެފަހުގެ މެޑިކަލް ޕްރޮފައިލް ނުވަތަ ސައިކޮލޮޖިކަލް ޕްރޮފައިލް ހިމެނޭ ޑޮކިއުމަންޓު ހުށަހަޅަންވާނެއެވެ. އަދި އެދިފައިވާ ސަބަބުވެރި ބަދަލާ ގުޅިގެން ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު ލިއޭޒަން އޮފިސަރު މެދުވެރިކޮށް މުވައްޒަފަށް އަންގަންވާނެއެވެ.
16 ވަނަ މާއްދާ - ސަބަބުވެރި ބަދަލު ހަމަޖައްސައިދިނުން
(ހ) އެދިފައިވާ ބަދަލަކީ އެސިސްޓިވް ޓެކްނޮލޮޖީއަކަށް ނުވަތަ ލިޔޭޒަން އޮފިސަރަށް އަމިއްލައަށް ނިންމުން ނިންމޭނެ ފަދަ އާންމު ކަމެއް ނަމަ (މިސާލު: ކޮމްޕިއުޓަރަށް ސޮފްޓްވެއަރއެއް އެޅުން)، ވަޒީފާދޭ ފަރާތުގެ ހަމަޖެހިފައިވާ މިންގަނޑުގެ ތެރެއިން އެކަން ވަގުތުން ހަމަޖައްސައިދެވިދާނެއެވެ. އެހެންނަމަވެސް އެދިފައިވާ ކަމަކީ ވަޒީފާގެ އެހެން ފަރާތްތަކެއްގެ ރައުޔު ބޭނުންވާ ކަމެއް ނަމަ، (މިސާލު: ގަޑިއަށް ގެންނަންޖެހޭ ބަދަލު) އެ ފަރާތެއްގެ މެނޭޖަރާ ނުވަތަ ސުޕަވައިޒަރާ މަށްވަރާކޮށްގެން މިކަމުގައި ގޮތެއް ނިންމިދާނެއެވެ.
(ށ) އެދިފައިވާ ކަމެއް ސާފުނޫން ނަމަ، ނުވަތަ ސަބަބުވެރި ބަދަލަށް އެދޭ ފަރާތުން އެދެނީ ކޮން ކަމަކަށްކަން ޔަގީންނުވާ ހާލަތްތަކުގައި ވަޒީފާދޭ ތަނުން ނުވަތަ އެ ތަނެއްގެ ބޭރުން މާހިރެއްގެ ލަފާ ހޯދައި، ގަވާއިދު ނަންބަރު 2024/R-9 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ ދަށުން ހެދިފައިވާ ޑިސްއެބިލިޓީ އެޑްވައިޒަރީ ކޮމިޓީން އެ ފަރާތަކަށް ގެނެސްދެވޭނެ ސަބަބުވެރި ބަދަލާމެދު މަށްވަރާކޮށްގެން ގޮތެއް ނިންމިދާނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން ހަމަޖައްސައިދިނުމަށް އެދޭ ސަބަބުވެރި ބަދަލުތަކާ ގުޅޭގޮތުން އިދާރާތަކަށް ލަފާ ދިނުމުގެ މަސްއޫލިއްޔަތަކީ މި ކޮމިޓީގެ މަސްއޫލިއްޔަތެއްކަމަށް ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ. މަސައްކަތުގެ ހުރިހާ މަރުހަލާއެއްގައި ސަބަބުވެރި ބަދަލަށް އެދިފައިވާ ފަރާތް ނުވަތަ އެދެން ބޭނުންވާ ފަރާތް ބައިވެރިކުރަންވާނެއެވެ.
17 ވަނަ މާއްދާ - ސަބަބުވެރި ބަދަލަށް އެދިފައިވާ އެދުން ބަލައިނުގަތުން
އެދިފައިވާ ބަދަލަކީ ސަބަބުވެރި ބަދަލެއްކަން ކަށަވަރުކުރުމަށް ލިޔޭޒަން އޮފިސަރު ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީއަށް އެކަން ހުށަހަޅަންވާނެއެވެ. މި މަރުހަލާގައި އޭގެ ބަދަލުގައި ކުރެވިދާނެ ހުރިހާ ކަމެއް މަށްވަރާކުރުމަށްފަހު، އެ ބަދަލަކީ ސަބަބުވެރި ބަދަލެއްކަމަށް ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީއަށް ނުފެންނަ ނަމަ، އެ ނިންމުން ނިންމުމަށްފަހު، ބަދަލަށް އެދިފައިވާ ނުކުޅެދުންތެރިކަން ހުރި ފަރާތަށް، ސަބަބުތަކާއެކުގައި ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި އެކަން ލިޔުމުން ހިއްސާކޮށް އެ ފަރާތަށް ފަހުމުކޮށްދޭންވާނެއެވެ.
ފަސްވަނަ ބައި
ސަބަބުވެރި ބަދަލާބެހޭ އިތުރު މައުލޫމާތު
18 ވަނަ މާއްދާ - ސަބަބުވެރި ބަދަލު ގެނައުމުގައި ވިސްނަންޖެހޭ ކަންތައް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ އެކި މަރުހަލާތަކުގައި ސަބަބުވެރި ބަދަލުތައް ގެނައުމުގައި ވިސްނަންޖެހޭ ބައެއް ކަންކަން ތިރީގައި ހިމަނައިފައި މިވަނީއެވެ.
(ހ) ވަޒީފާދޭ ތަނަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބޭނުންތަކަށް ރިއާޔަތްކުރާ ތަނަކަށް ހެދުމަށް ޓަކައި، އެ ފަރާތަށް ބޭނުންވާނެ ސަބަބުވެރި ބަދަލުތައް ވަޒީފާއަށް ހޮވުމުގެ މަރުހަލާގެ ވީހައިވެސް ކުރީކޮޅު (މިސާލު: ވަޒީފާއަށް ކުރިމަތިލާ ހިސާބުން) ދެނެގަންނަން މަސައްކަތްކުރުން.
(ށ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބޭނުންތައް އެސެސްކުރެވޭ/ދެނެގަނެވޭ ނިޒާމެއް ގެންގުޅުން. އަދި މި ނިޒާމުގެ ދަށުން ކޮންމެ
6 (ހައެއް) މަސްދުވަހުން އެސެސްކުރުން/ދެނެގަތުން.
(ނ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބޭނުންތައް ދެނެގަތުމުގައި އެ ފަރާތަކީ މައުލޫމާތު ފޯރުކޮށްދޭ މައިގަނޑު ފަރާތްކަމުގައި
ބެލުން.
(ރ) ނުކުޅެދުންތެރިކަން ހުންނަ ފަރާތް މީގެ ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި ތަންތަނުގައި ގެނެވުނު ސަބަބުވެރި ބަދަލުތަކުގެ ލިޔުންތައް ހުރި ނަމަ، އެ ލިޔުންތަކަށް ރިއާޔަތްކުރުން.
19 ވަނަ މާއްދާ - ސަބަބުވެރި ބަދަލު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަބަބުވެރި ބަދަލުތައް ގެނައުމަށް ކުރެވިދާނެ ސުވާލުތައް
ދެނެގަތުމާއި އެސެސްކުރުމަށް ކުރެވިދާނެ ސުވާލުތައް ތިރީގައި ހިމަނައިފައި މިވަނީއެވެ.
(ހ) ނުކުޅެދުންތެރިކަން ހުންނަ ފަރާތަށް ވަޒީފާގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށް ދިމާވާ ހުރަސްތަކަކީ ކޮބައިހެއްޔެވެ؟
(ށ) މި ހުރަސްތަކުގެ ތެރެއިން އެ ފަރާތަށް އަދި އެ ފަރާތުގެ މަސައްކަތަށް ކުރާ އަސަރަކީ ކޮބައިހެއްޔެވެ؟
(ނ) މިފަދައިން އަސަރުކުރަނީ ވަޒީފާގެ ޖުމްލަ މަސައްކަތްތަކުގެ ތެރެއިން ކޮން މަސައްކަތްތަކަކަށް (ސްޕެސިފިކް ޖޮބް ޓާސްކްސް) ހެއްޔެވެ؟
(ރ) މި ހުރަސްތައް މަދުކުރުމަށް ނުވަތަ ނައްތައިލުމަށް، ގެނެވޭނެ ބަދަލުތަކަކީ ކޮބައިހެއްޔެވެ؟
(ބ) މިވަގުތު ފޯރުކޮށްދެވެން ހުރި ބަދަލުތަކާއި އެކޮމޮޑޭށަންތަކާއި، އޭގެ ބަދަލުގައި ގެނެވޭނެ ބަދަލުތަކާއި އެކޮމަޑޭށަންތަކާ ބެހޭގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ލަފާ ނުވަތަ މަށްވަރާ ހޯދައިފައިވޭހެއްޔެވެ؟
20 ވަނަ މާއްދާ - ވފިޔަވަޅު އެޅުން
މި މިންގަނޑާ ހިލާފުވެއްޖެ ނަމަ ގާނޫނު ނަންބަރު 2010-08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ފަދައިން، ޖޫރިމަނާ ކުރެވޭނެއެވެ.
21 ވަނަ މާއްދާ - މާނަކުރުން
މި މިންގަނޑުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ނުކުޅެދުންތެރިކަން ހުންނަ މީހުން" ނުވަތަ "ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، ދިގު މުއްދަތުގެ ޖިސްމާނީ ނުވަތަ ނަފުސާނީ ނުވަތަ ހިއްސުތަކުގެ ނޫނީ ސިކުނޑީގެ އުނިކަމެއް ހުރި މީހަކަށް އެ އުނިކަމެއްގެ ސަބަބުން ކުރިމަތިވާ އެންމެހައި ހުރަސްތަކާހުރެ، މުޖުތަމައުގެ އެހެން މީހުންނާ އެއްހަމައެއްގައި ބޭނުންތެރިގޮތުގައި، އެންމެ ފުރިހަމައަށް ބައިވެރިވެ ހަރަކާތްތެރިވެ އުޅުމަށް ދަތިވާ ކޮންމެ މީހަކަށެވެ.
(ށ) "ނިސްބަތުން ބޮޑު ނުވަތަ ބުރަ" (ޑިސްޕްރޮޕޯށަނަލް) ކަމަށް ބުނެފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މާހައުލުގައި ފޯރުކޮށްދެވޭ ސަބަބުވެރި ބަދަލުތަކުގެ ތެރެއިން "ނުބައްދަލު ނުވަތަ ބުރަ" (ޑިސްޕްރޮޕޯށަނަލް) އަކީ ވަޒީފާދޭ ފަރާތުގެ ގާބިލިއްޔަތު ހުރި މިންވަރުން ހަމަޖައްސައިނުދެވޭނެ ވަރުގެ ދަތިތަކެއް (ނުވަތަ އުނދަގޫތަކެއް) ވަޒީފާދޭ ފަރާތަށް ކުރިމަތިކުރުވާ ބަދަލުތަކަށެވެ. އެދިފައިވާ ބަދަލަކީ ނުބައްދަލު ބުރައެއްތޯ ވަޒަންކުރުމުގައި، ސަބަބުވެރި ބަދަލަށް އެދި ހުށަހަޅައިފައިވާ ފަރާތުގެ މައްސަލައިގެ ހުރިހާ ހާލަތްތަކަކަށް ރިއާޔަތްކުރެވެއެވެ.
22 ވަނަ މާއްދާ - އަމަލުކުރަން ފެށުން
މި މިންގަނޑަށް އަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި މިންގަނޑު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު