-

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގެ އާންމު މިންގަނޑު

(އެހެނިހެން ނަންބަރު 2025-09-00)

(މި މިންގަނޑަށް އަމަލުކުރަން ފެށީ 27 ސެޕްޓެމްބަރު 2025 ގައި)

 

އެއްވަނަ ބައި

އާންމު މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގަވާއިދު ނަންބަރު 2024-09 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 28 ވަނަ މާއްދާގެ (ށ) އާއި (ނ) އާއި، 30 ވަނަ މާއްދާގެ (ކ) ގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާއަށް ހޮވުމުގައި އަމަލުކުރާނެ ގޮތާއި، އެ ފަރާތްތަކަށް ވަޒީފާ ލިބުމުގައި ފަހި ފުރުސަތުތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން، އެކުލަވައިލައިފައިވާ މިންގަނޑެކެވެ.

(ށ) މި މިންގަނޑަށް ކިޔާނީ، "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގެ އާންމު މިންގަނޑު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި މިންގަނޑުގެ މަގުސަދަކީ، އަންނަނިވި ކަންތައްތައް ހާސިލުކުރުމެވެ.

(ހ) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާތަކަށް ހޮވުމާއި އައްޔަނުކުރުމުގައި އިންސާފުވެރިގޮތެއްގައި ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުން.

(ށ) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާމެދު ތަފާތުނުކުރުމާއި، ވަޒީފާގެ ހަމަހަމަ ހައްގުތަކާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކަށް، ވަޒީފާދޭ ތަންތަނުން ހޭލުންތެރިކުރުވައި، އަމަލުކުރުމަށް ބާރުއެޅުން.

(ނ) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ ބާޒާރަށް ނެރުން

 

3 ވަނަ މާއްދާ - މި މިންގަނޑަށް އަމަލުކުރަންޖެހޭ ފަރާތް

މި މިންގަނޑު ހިނގާނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާދޭ ކޮންމެ ފަރާތެއްގެ މައްޗަށެވެ.

 

 

ދެވަނަ ބައި

ވަޒީފާގެ ފުރުސަތު ހުޅުވައިލުން

 

4 ވަނަ މާއްދާ - ވަޒީފާއަށް އިއުލާނުކުރުން

ފަހި ފުރުސަތުތަކަށް އިއުލާނުކުރާއިރު، ގަވާއިދު ނަންބަރު 2024-09 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 (ފަހެއް) ކަންތަކުގެ އިތުރުން އަންނަނިވި ބައިތައް ވެސް ހިމަނައިފައި ހުންނަންވާނެއެވެ.

(ހ) މަގާމު (ޖޮބް ޓައިޓަލް) ހިމަނައިފައި އޮތުމާއެކު، ސާފު ބަހުން ލިޔެފައި، (މިސާލު: ސައިޓް ސުޕަވައިޒަރ، ހެލްޕްލައިން އޮޕަރޭޓަރ) އޮންނަންވާނެއެވެ.

(ށ) ވަޒީފާއަށް ބޭނުންވާ ށަރުތުތައް ކަނޑައަޅައި، އާންމުކުރުމުގައި، އެ ވަޒީފާއެއް އަދާކުރުމަށް ކޮންމެހެން ހުންނަންޖެހޭ އަސާސީ ށަރުތުތައް (މިނިމަމް ރިކުއަރމަންޓްސް) ކޮންމެހެން ހިމަނައިފައި ހުންނަންވާނެއެވެ.

(ނ) ވަޒީފާގެ ބަޔާން ބައްޓަންކުރުމުގައި، އަންނަނިވި ކަންކަން ހިމަނައިފައި ވާންވާނެއެވެ.

  1. ވަޒީފާގައި ކޮންމެހެން ކުރަންޖެހޭ އަސާސީ މަސައްކަތްތަކާއި (އެސެންށަލް ފަންކްށަންސް) އެހެނިހެން މަސައްކަތް (މާރޖިނަލް ފަންކްށަންސް) ސާފުކޮށް ބަޔާންކޮށްފައި އޮތުން؛
  2. ފަންނީ ލަފުޒު ބޭނުންކުރުމުގެ ބަދަލުގައި ނުކުޅެދުންތެރިކަން ހުންނަ މީހާއަށް ފަހުމުވާ ފަދަ ސާފު، ތިލަ އިބާރާތް ބޭނުންކުރުން؛
  3. ވަޒީފާ އަދާކުރަން ޖެހިފައިވާ ތަނާ ގުޅޭގޮތުން އެނގުން މުހިންމު މައުލޫމާތު ހިމަނައިފައި ހުރުން (މިސާލު: މަސައްކަތްކުރަންޖެހޭ ސައިޓް ނުވަތަ އޮފީސް ނުވަތަ ސެކްށަން ހިމަނައިފައި އޮތުން)؛

  4. ކުރަންޖެހޭ މަސައްކަތުގެ ބާވަތުން ޖިސްމާނީގޮތުން ކޮންމެހެން ހުންނަންޖެހޭ ށަރުތުތަކެއްވާ ނަމަ އެކަން ބަޔާންކޮށްފައިވުން (މިސާލު: ބަރު އެއްޗެހި އުފުލަން ޖެހުން، އިމާރާތްކުރާ ސައިޓްތަކުގައި މަސައްކަތްކުރުން)؛

(ރ) ވަޒީފާ އަދާކުރުމުގައި ފްލެކްސިބިލިޓީ ދެވޭނަމަ، ދެވޭ ފްލެކްސިބިލިޓީތަކަކީ ކޮބައިކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. މިސާލު: މަސައްކަތްކުރަންޖެހޭ ގަޑިތަކާއި ތަން ކަނޑައެޅުމުގައި ދެވޭނެ ފްލެކްސިބިލިޓީ.

(ބ) ވަޒީފާއަށް އެދެވޭނެ/އެޕްލައިކުރެވޭނެ މުއްދަތާއި، ކުރާ މަސައްކަތަށް ދެވޭ އުޖޫރައާއި، ހުޅުވައިލެވިފައިވާ ސްލޮޓުގެ އަދަދާއި، ވަޒީފާއަށް އެދެވޭނެ ގޮތްތައް އިއުލާނުގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ޅ) އަންނަނިވި ކަންކަން ހިމެނޭނެހެން ވަޒީފާގެ އިއުލާނުގައި ސަބަބުވެރި ބަދަލާބެހޭ މައުލޫމާތު ހިމަނައިފައި އޮންނަންވާނެއެވެ.

  1. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ހުރިހާ މަރުހަލާތަކެއްގައި އެ ފަރާތްތަކުގެ ނުކުޅެދުންތެރިކަމާ ގުޅޭގޮތުން ބޭނުންވާ އިތުރު ސަބަބުވެރި ބަދަލެއް އޮތްތޯ ބަލައި އެފަދަ ބަދަލެއް އޮތް ނަމަ، އެ ކަމެއް ބަޔާންކޮށްފައި ހުށަހެޅުމުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ ލަފަޔާއެކުގައި ގޮތެއް ނިންމައި، ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖައްސައިދެވޭނެކަން ބަޔާންކޮށްފައި އޮތުން.
  2. ވަޒީފާއަށް ކުރިމަތިލުމަށް ކޮށްފައިވާ އިއުލާނާ ގުޅިގެން އެ ހިދުމަތް ފޯރުކޮށްދިނުމަށް ވަޒީފާދޭ ތަނުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތީން އެ ހިދުމަތް ފޯރުކޮށްދެވޭނެ ފަރާތަކަށް ގުޅޭނެ ފޯނު ނަންބަރު ނުވަތަ އީމެއިލް އެޑްރެސް ހިއްސާކޮށްފައި އޮތުން. މިސާލު: ލިއޭޒަން އޮފިސަރުންގެ ފޯނު ނަންބަރު ހިމެނުން.

  3. އާންމުކޮށް ކުރިމަތިވާ ސުވާލުތައް (އެފް.އޭ.ކިޔު) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކްސެސިބަލް ފޯމެޓުގައި ހިމަނައިފައި އޮތުން. މިސާލު: ބޭނުންވެއްޖެ ހިނދެއްގައި އިށާރާތުގެ ބަސް (އަދި އޯޑިއޯއާއެކު) ހިމަނައިފައި ހުރުން.

 

5 ވަނަ މާއްދާ - ވަނަ މާއްދާ - ވަޒީފާ އިއުލާނުގެ އެކްސެސިބިލިޓީ

(ހ) ވަޒީފާއަކަށް ކުރާ އިއުލާނެއް ނަމަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެކި ގިންތިތަކަށް އެކްސެސިބަލް ވާންވާނެއެވެ. އެގޮތުން އިއުލާނު އެކި ފޯމެޓްތަކަށް ތައްޔާރުކޮށް ށާއިއުކުރަންވާނެއެވެ. މިސާލު: ބޭނުންވެއްޖެ ހިނދެއްގައި ލާރޖް ޕްރިންޓް ވަރށަން، އޯޑިއޯ ވަރށަން ނުވަތަ އެކްސެސިބަލްކޮށް އިއުލާނު ހުރި ސައިޓްގެ ލިންކް ލައިފައި ހުރުން.

(ށ) ގަވާއިދު ނަންބަރު 2024-09 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 29 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން، ވަޒީފާގެ އިއުލާނުތައް އެކި ޕްލެޓްފޯމްތަކުގައި ހިއްސާކުރަންވާނެއެވެ.

 

 

ތިންވަނަ ބައި

ވަޒީފާއަށް ހޮވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް

 

6 ވަނަ މާއްދާ - ސްކްރީން ކުރުން

ފަހި ފުރުސަތުގެ ދަށުން ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ސްކްރީން ކުރަންވާނީ، ގަވާއިދު ނަންބަރު 2024-09 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. އަދި ސްކްރީނިންގ މަރުހަލާ ނިމުމުން، ވަޒީފާއަށް ހޮވޭ ފަރާތްތަކާއި ނުހޮވޭ ފަރާތްތައް ކަނޑައެޅުމުގައި ވެސް އިސްވެ ބަޔާންކޮށްފައިވާ މާއްދާއަށް ރިއާޔަތްކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - އިންޓަވިއު ކުރުން

(ހ) ސްކްރީނިންގ މަރުހަލާއިން ހޮވޭ ފަރާތްތައް އިންޓަވިއުކުރުމުގައި ނުކުޅެދުންތެރިކަމުގެ ބާވަތަށް ވިސްނައިގެން އިންޓަވިއު ރޭވުން މުހިންމެވެ. މިގޮތުން ކުރެވިދާނެ ކަންކަން ތިރީގައި ހިމަނައިފައި މިވަނީއެވެ.

  1. ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓަވިއު އޮންނަ ތަނަކީ، މޮބިލިޓީ (ހެލިފެލިވުމަށް އެހީތެރިވެދޭ) އާލާތްތައް ބޭނުންކުރާ ފަރާތަކަށް ފަސޭހައިން ވަދެނުކުމެވޭ ތަނަކަށް ވުން.
  2. ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓަވިއުއަށް އަންނައިރު އެހީތެރިއަކަށް ފުރުސަތުދިނުން ނުވަތަ ވަޒީފާދޭ ތަނުގެ ފަރާތުން އެ އިންތިޒާމު ހަމަޖައްސައިދިނުމާއި، އިންޓަވިއުގައި ފޮޓޯ ފަދަ ތަކެތި ބޭނުންކޮށްގެން ސުވާލުނުކުރުމާއި އިންޓަވިއުކުރުމަށް ލިޔެކިޔުން ބޭނުންކުރާ ނަމަ، އެ ލިޔުމުގައި ހުރި ބައިތައް އަޑު މެދުވެރިކޮށް އެ ފަރާތަށް ސާފުވާނެ ނިޒާމެއް ހަމަޖައްސައިދިނުން.
  3. އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިށާރާތުގެ ބަހުގެ އިންޓަޕްރިޓަރއެއްގެ އެހީތެރިކަން ހޯދައިދިނުން.
  4. ވިސްނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓަވިއުގައި ސުވާލުކުރުމުގައި ވީހާވެސް ސާދާ އަދި ތިލަ އިބާރާތުން ސުވާލުކުރުމާއި ސުވާލު ފަހުމުވީކަން ޔަގީންކުރުމުގެ ގޮތުން އަހައި އޮޅުންފިލުވުމާއި، ޖަވާބު ދިނުމަށް އިތުރު ވަގުތު ހަމަޖައްސައިދިނުން.

(ށ) އިންޓަވިއުކުރުމުގެ ކުރިން ވަޒީފާއަށް އެދޭ ފަރާތަށް އިންޓަވިއު ކުރުމުގެ މަރުހަލާގައި ބޭނުންވާ ސަބަބުވެރި ބަދަލުތަކާ ބެހޭގޮތުން އެ މީހެއްގެ ފަރާތުން މައުލޫމާތު ސާފުކޮށް، މި ސަބަބުވެރި ބަދަލުތައް ހަމަޖެހުމުން އެ ކަންކަން ހަމަޖައްސައިފައިވާކަން އިންޓަވިއުއަށް ހާޒިރުވުމުގެ ކުރިން އަންގަންވާނެއެވެ. އަދި މިފަދައިން ފާހަގަކުރެވޭ ބަދަލުތައް އިމްތިހާނުގެ މަރުހަލާގައްޔާއި އިންޓަވިއުގެ މަރުހަލާގައި ފޯރުކޮށްދޭންވާނެއެވެ. މިސާލަކަށް އިމްތިހާނު ހެދުމަށް ނުވަތަ އިންޓަވިއުއަށް އިތުރު ވަގުތު ދިނުމާއި މުއާމަލާތުކުރުމަށް އެހީތެރިވުމަށް އިށާރާތުގެ ބަހުގެ އިންޓަރޕްރިޓަރުން ހަމަޖައްސައިދިނުން.

(ނ) އިންޓަވިއުއަށް މީހާ ހާޒިރުވެގެން އިންޓަވިއުކުރުމުގެ ފުރުސަތު ނުވަތަ އޮންލައިންކޮށް އިންޓަވިއު ގެންދިއުމުގެ ފުރުސަތު ދޭންވާނެއެވެ. އަދި މި މިންގަނޑުގެ 8 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ފަދައިން، އިންޓަވިއުއަށް ހާޒިރުވާންޖެހޭ ތަނަކީ ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ފަރާތަކަށް ވެސް ފަސޭހައިން ވަދެނުކުމެވޭ ތަނަކަށް ވާންވާނެއެވެ.

(ރ) ހާއްސަ ހާލަތްތަކުގައި އިންޓަވިއުކުރުމުގައި ބޭނުންކުރާނެ ސަބަބުވެރި ބަދަލުތައް ދެނެގަނެ، އިންޓަވިއުގެ މަރުހަލާގައި މި ސަބަބުވެރި ބަދަލުތައް ބޭނުންކުރާނެ ގޮތް، ގަވާއިދު ނަންބަރު 2024-09 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގެ (ހ) ގައިވާ "ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމެޓީ"ގެ ލަފާގެ މަތީން ކުރިޔަށް ގެންދަންވާނެއެވެ.

(ބ) ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ އިންޓަވިއުކުރާއިރު، އިންޓަވިއު ޕެނަލުގައި މިކަމާ ގުޅޭގޮތުން ހޭލުންތެރި މީހުން ހިމަނަން އިސްކަން ދޭންވާނެއެވެ.

(ޅ) ވަޒީފާގެ ފުރުސަތާ ގުޅޭ އިއުލާނުތައް ވީހައިވެސް ގިނަ ތަންތަނުން ލިބެން ހުންނާނޭހެން ބަހައްޓަންވާނެއެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އާންމުކޮށް ބޭނުންކުރާ ވެބްސައިޓުތައް (މިސާލު: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ރަމްޒުކޮށްދޭ ޖަމުއިއްޔާތަކުގެ ވެބްސައިޓުތައް) ފަދަ ތަންތަނުގައި ހިމަނަންވާނެއެވެ.

(ކ) އިންޓަވިއުގެ މަރުހަލާގައި ގެނެވޭ ސަބަބުވެރި ބަދަލުތައް ހަމަޖައްސައިދިނުމުގައި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތާ މަށްވަރާކޮށް އެ ފަރާތްތައް އެދޭ މިންވަރަށް އަދި ވަޒީފާދޭ ފަރާތަށް ބުރަނުވާނޭހެން ސަބަބުވެރި ބަދަލުތައް ހަމަޖައްސައިދޭންވާނެއެވެ.

 

8 ވަނަ މާއްދާ - ޕްރެކްޓިކަލް ދިނުން

ވަޒީފާއަށް އެދި ހުށަހަޅައިފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާއަށް ހޮވުމުގައި ފުރިހަމަކުރަންޖެހޭ މަރުހަލާތަކުގެ ތެރެއިން އިންޓަވިއުއަށްފަހު، ފަރާތްތައް ވަޒީފާއަށް ހޮވުމުގެ ގޮތުން ދެވޭ އަމަލީ މަސައްކަތް ވާންވާނީ އެ ވަޒީފާއެއްގައި ކުރަންޖެހޭނެ މަސައްކަތް ހިމެނޭ މަސައްކަތަކަށެވެ. ނަމަވެސް އަމަލީ މަސައްކަތް ދޭއިރު ނުކުޅެދުންތެރިކަމުގެ ބާވަތްތަކަށް ހާއްސަކޮށްގެން، ސަބަބުވެރި ބަދަލުތައް ގެންނަންވާނެއެވެ. މިސާލު: އިތުރުގަޑި ދިނުން، އަތުން ލިޔުމުގެ ބަދަލުގައި ކޮމްޕިއުޓަރު ބޭނުންކުރުން، އަނގަބަހުން ޖަވާބުދިނުމުގެ އިންތިޒާމު ހަމަޖައްސައިދިނުން، އެހީތެރިއެއް މެދުވެރިކޮށް ކިޔައިދޭ އެއްޗެއް އިމްތިހާނުގައި ލިޔަން ހަމަޖައްސައިދިނުން އަދި އަޑުއިވުމުން މަހުރޫމްވެފައިވާ ފަރާތެއް ނަމަ ރަނގަޅަށް އިރުށާދު ދިނުމަށް ޓަކައި އިށާރާތުގެ ބަހުގެ އިންޓަޕްރިޓަރއެއް ބޭނުންކުރުން.

 

9 ވަނަ މާއްދާ - މާކްސް ދިނުން

މާކްސް ދިނުމުގައި ބަލާނީ، ހުށަހެޅިފައި ހުރި ލިޔެކިޔުންތަކަށާއި ޕްރެކްޓިކަލްއަށާއި އިންޓަވިއުއަށާއި ރިފަރެންސް ދީފައިވާ ފަރާތްތަކުން ނުވަތަ ފަރާތުން ހިއްސާކޮށްފައިވާ މައުލޫމާތަށެވެ. މިގޮތުން އެންމެންނަށް ފެންނާނޭހެން އާންމުކުރާ ވަޒީފާއަށް ހޮވޭ ފަރާތްތަކުގެ ލިސްޓަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކްސެސިބަލް ލިސްޓަކަށް ވާންވާނެއެވެ.

 

 

ހަތަރުވަނަ ބައި

ވަޒީފާގެ ފުރުސަތު ހަމަޖައްސައިދިނުން

 

10 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހަމަޖައްސައިދިނުމުގައި އަމަލުކުރެވޭނެ ގޮތްތައް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހަމަޖައްސައިދިނުމުގައި އަންނަނިވި ގޮތަށް އަމަލުކުރެވިދާނެއެވެ.

(ހ) ވަޒީފާގެ ތަމްރީނު ދިނުން: ވަޒީފާގައި ކުރަންޖެހޭ ކަންކަމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުބާރު އިތުރުކުރުމަށާއި، ހުނަރު ކުރިއެރުވުމަށް ޓަކައި ޖޮބް-ރެޑިނަސްއާއި އިންޓާންށިޕާއި އެޕްރެންޓިސްށިޕާއި، ޕްރޮބޭށަނާއި ވަޒީފާގެ ތަޖުރިބާ ލިބޭނެ ފަދަ ފުރުސަތުތައް ހަމަޖައްސައިދިނުން. މިފަދައިން ދެވޭ ފުރުސަތުތަކުގައި މަސައްކަތް ދަސްކުރުމަށް މަގުފަހިވާނޭހެން މެންޓަރއެއް ނުވަތަ ޖޮބް ކޯޗެއްގެ އެހީތެރިކަން ފޯރުކޮށްދިނުން.

(ށ) ކޮންޓްރެކްޓަށް ނެގުން: މަސައްކަތްކުރާ ތަނަކުން އަމަލުކުރާ ގާނޫނާއި، ގަވާއިދުގައި (މިސާލު: ވަޒީފާއާބެހޭ ގާނޫނާ) ފުށުނާރާ ގޮތެއްގެ މަތީން، އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދުތައް އަދި ކުންފުނީގެ މުވައްޒަފެއް ނަމަ، ކުންފުނީގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ގަވާއިދާ ފުށުނާރާނޭ ގޮތެއްގެ މަތީން ކުރަންޖެހޭ މަސައްކަތުގެ ބާވަތަށް ބަލައި ވަކި މުއްދަތަކަށް ކޮންޓްރެކްޓް ހެދުން.

(ނ) ވަޒީފާ ދާއިމީ ކުރުން: ޕްރޮބޭށަން ނުވަތަ އިންޓާންށިޕް ފަދަ ތަމްރީނު ފުރިހަމަކުރާ، ވަޒީފާއަށް ބޭނުންވާ ހުނަރު ހުރި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދާއިމީ ވަޒީފާއަށް، އެ ފަރާތްތަކަށް ބޭނުންވާ ސަބަބުވެރި ބަދަލުތަކާއި އެހީތެރިކަމާއެކީ މަސައްކަތްކުރާ ތަނަކުން އަމަލުކުރާ ގާނޫނާ ފުށުނާރާނޭ ގޮތެއްގެ މަތީން އަދި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ބަދަލުކުރުން.

 

11 ވަނަ މާއްދާ - ފިޔަވަޅު އެޅުން

މި މިންގަނޑާ ހިލާފުވެއްޖެ ނަމަ ގާނޫނު ނަންބަރު 2010-08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) ގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޖޫރިމަނާ ކުރެވޭނެއެވެ.

 

12 ވަނަ މާއްދާ - މާނަކުރުން

މި މިންގަނޑުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ކޮންމެހެން ކުރަންޖެހޭ (އަސާސީ) މަސައްކަތްތައް" ނުވަތަ "އެސެންށަލް ފަންކްށަންސް" ކަމަށް ބުނެފައި އެވަނީ، ވަޒީފާގެ މުހިންމު ވާޖިބެއް ނުވަތަ ޒިންމާއެއްގެ ތެރޭގައި ހިމެނޭ މަސައްކަތްތަކަށެވެ. މިފަދަ މަސައްކަތްތަކަކީ އޭގެ ޒާތުން (މިސާލު: ހުރިހާ މުވައްޒަފުންގެ ކިބައިގައި ނެތް ހުނަރެއް ނުވަތަ ހާއްސަ ކޮލިފިކޭށަންތަކެއް ބޭނުންވާ ފަދަ) އެހެން ފަރާތަކަށް އެ މަސައްކަތް ކުރަން ހަވާލުކޮށްގެން ނުވާނެ ނުވަތަ ނުކުރެވޭނެ މަސައްކަތްތަކެވެ. މީގެ އިތުރުން، އެ މަސައްކަތެއް ނުކުރެވުމުގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުކުމެދާނެ އަދި އެ މަސައްކަތެއް އުނިކުރުމުގެ ސަބަބުން ވަޒީފާއަށް ބޮޑު ބަދަލެއް އަންނަ ނުވަތަ ވަޒީފާގެ ބޭނުން ކެނޑޭ މަސައްކަތްތަކެވެ.

(ށ) "އެސެންށަލް ފަންކްށަނާ ހިލާފަށް، އެހެނިހެން މަސައްކަތް ނުވަތަ މާޖިނަލް ފަންކްށަންސް" ކަމަށް ބުނެފައި އެވަނީ، ވަޒީފާގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ނުހިމެނޭ މަސައްކަތްތަކަށެވެ. މިއީ މި މަސައްކަތްތައް އުނިކުރި ނަމަވެސް ނުވަތަ އެހެން ފަރާތަކާ ހަވާލުކުރި ނަމަވެސް އެ މީހެއްގެ ވަޒީފާގެ ދައުރަށް މާބޮޑު އަސަރެއްނުކުރާނެ މަސައްކަތްތަކެވެ. ގިނަގިނައިން ކުރަންނުޖެހޭ ކަންކަން ވެސް މީގެ ތެރޭގައި ހިމެނެއެވެ. އެހެންކަމުން، ހާއްސަކޮށް، ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންނަށް ވަޒީފާ ދިނުމުގައި އަދި ހަމަހަމަކަން ގެންގުޅުމުގައި ކޮންމެހެން ކުރަން މުހިންމުނޫން މިފަދަ ކަންތައްތައް އުނިކުރެވިދާނެއެވެ ނުވަތަ ބަދަލު ގެނެވިދާނެއެވެ.

(ނ) "ސަބަބުވެރި އަދި ބަދަލު" ކަމަށް ބުނެފައި އެވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ޓަކައި، އަދި އެ މީހުންގެ އަސާސީ މިނިވަންކަން ކަށަވަރުކުރުމަށް ޓަކައި، ނިސްބަތުން ބޮޑު ނުވަތަ ނާޖާއިޒު ބުރައަކަށް ނުވާނޭހެން، އެކި ހާލަތްތަކުގައި ކޮންމެހެން ގެންނަންޖެހޭ އެކަށީގެންވާ ބަދަލުތަކަށެވެ. ސަބަބުވެރި ބަދަލުތަކަކީ ކޮންމެ މީހަކަށް ވެސް، އެ މީހެއްގެ ބޭނުންތަކަށް ރިއާޔަތްކޮށް ގެނެވޭނެ ބަދަލުތަކެވެ.

(ރ) "ފަހި ފުރުސަތު" ކަމަށް ބުނެފައި އެވަނީ ނުކުޅެދުންތެރިކަން ހުންނަ މީހަކީ ވަޒީފާތަކުގެ އަސާސީ ށަރުތު ހަމަވާ މިންވަރަށް ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާ ނަމަ، ނުވަތަ އެ ފަރާތުގެ އެފަދަ ތައުލީމާއި ތަޖުރިބާ ހުރިކަމުގައި ވިޔަސް، (ނޮން ކޮމްޕެޓިޓިވް) މެދުވެރިކޮށް ވަޒީފާގެ ފުރުސަތު ފަހިވުމަށް ހިޔާރުކުރާ ފަރާތަކަށް ވާ ނަމަ، ފަހި ފުރުސަތުގެ މަގު (ނޮން ކޮމްޕެޓިޓިވް) މެދުވެރިކޮށް ވަޒީފާއަށް އެދޭ ފަރާތްތަކުގެ ދަފުތަރުގައި ނޯޓުކުރެވިދާނެއެވެ.

 

13 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި މިންގަނޑަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި މިންގަނޑު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-09)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު