-

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާދޭ ތަންތަނުގައި ފުރިހަމަވާންޖެހޭނެ ކަންކަން ބަޔާންކޮށްފައިވާ މިންގަނޑު

(އެހެނިހެން ނަންބަރު 2025-09-00)

(މި މިންގަނޑަށް އަމަލުކުރަން ފެށީ 27 ސެޕްޓެމްބަރު 2025 ގައި)

 

އެއްވަނަ ބައި

އާންމު މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގަވާއިދު ނަންބަރު 2024-09 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 6 ވަނަ މާއްދާގެ (ށ) އާއި 7 ވަނަ މާއްދާގެ (ށ) ގެ ދަށުން އެކުލަވައިލައިފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާދޭ ތަންތަނުގައި ފުރިހަމަވާންޖެހޭނެ ކަންކަން ބަޔާންކޮށްފައިވާ މިންގަނޑެވެ.

(ށ) މި މިންގަނޑަށް ކިޔާނީ، "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާދޭ ތަންތަނުގައި ފުރިހަމަވާންޖެހޭނެ ކަންކަން ބަޔާންކޮށްފައިވާ މިންގަނޑު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި މިންގަނޑުގެ މަގުސަދަކީ އަންނަނިވި ކަންތައްތައް ހާސިލުކުރުމެވެ.

(ހ) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންސާފުވެރި، އަދި ތަފާތުކުރުން ނައްތައިލެވިފައިވާ ވަޒީފާގެ މާހައުލެއް ގާއިމުކުރުން.

(ށ) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ މާހައުލުގައި ވަޒީފާއާ ގުޅޭ ކަންކަމުގައި ހުރި ބައިވެރިވުމުގެ ހުރަސްތައް ނައްތައިލައި، ސިޔާސަތުތައް އެކުލަވައިލައި، އެ ފަރާތްތަކަށް ބޭނުންވާނެ ވަސީލަތްތައް ފޯރުކޮށްދިނުން.

(ނ) ވަޒީފާދޭ ތަންތަނުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރާ ގައުމީ އަދި ބައިނަލްއަގްވާމީ ގާނޫނީ އޮނިގަނޑުތަކާ އެއްގޮތަށް ވަޒީފާ ދިނުމުގެ ކަންކަން ހަމަޖައްސައި، އަދި ވަޒީފާ ދިނުމަށް ހަދާ އެންމެހައި ގަވާއިދުތަކަށް އަމަލުކުރުމަށް ބާރުއެޅުން.

(ރ) ވަޒީފާގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހިއްސާ ދެނެގަނެ އެ ފަރާތްތަކުގެ ފަރުދީ ތަފާތުތައް ކުރިއަރުވާ ފަދަ ސަގާފަތެއް ވަޒީފާދޭ ތަންތަނުގައި ގާއިމުކުރުމަށް ބާރުއެޅުން.

(ބ) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފައިދާހުރިގޮތެއްގައި މަސައްކަތްކުރެވި ވަޒީފާގައި ކުރިއެރުމަށް މަގުފަހިކޮށްދީ، އެއްބާރުލުންދޭ ވަޒީފާގެ މާހައުލެއް ގާއިމުކުރުން.

 

3 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރުން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާދޭ ދައުލަތުގެ އިދާރާތަކާއި ޕްރައިވެޓް ސެކްޓަރުގައި ހިމެނޭ ވަޒީފާދޭ ފަރާތްތަކުން ވެސް މި މިންގަނޑުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

 

 

ދެވަނަ ބައި

ގަވާއިދު ތަންފީޒުކުރުން

 

4 ވަނަ މާއްދާ - ވަޒީފާދޭ ތަންތަނުގައި ބަލަންޖެހޭ ކަންކަން

މުވައްޒަފުން ވަޒީފާ އަދާކުރާ ތަނަކީ މަސައްކަތްކުރުމަށް ރައްކައުތެރި ތަނަކަށް ވާންވާނެއެވެ. މިކަން ކަށަވަރުކުރުމަށް ޓަކައި ތިރީގައިމިވާ ކަންކަމަށް ބަލަންވާނެއެވެ.

(ހ) ވަޒީފާ އަދާކުރަނީ އިމާރާތެއްގައި ނަމަ، އެ އިމާރާތަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވަދެނުކުމެވޭ ގޮތަށް (އެކްސެސިބަލް) އަދި ރައްކައުތެރި ގޮތަކަށް މަސައްކަތްކުރެވޭވަރަށް ހަދައިފައިވާ ތަނަކަށް ވުން. އަދި އިމާރާތެއް ނޫން ތަނެއްގައި (މިސާލަކަށް އައުޓްޑޯރ އޭރިޔާގައި) ވަޒީފާ އަދާކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ވަޒީފާގެ މާހައުލު ރައްކައުތެރިގޮތަކަށް މަސައްކަތްކުރެވޭ ތަނަކަށް ވުން.

(ށ) ވަޒީފާ އަދާކުރާ މާހައުލުގައި ގެންގުޅޭ ތަކެއްޗަކީ، އެ ތަކެއްޗަށް ކަނޑައެޅިފައިވާ ރައްކައުތެރިކަމުގެ މިންގަނޑުގެ ތެރެއިން ގެންގުޅޭ ތަކެތިކަން ކަށަވަރުކުރުމާއި އެ މާހައުލުގައި މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ރައްކައުތެރިވާނެ ފަދައިން ގެންގުޅެވޭ ތަކެތިކަން ކަށަވަރުކުރުމަށް ގާއިމުކުރަންޖެހޭ އުސޫލުތަކާއި އިޖުރާއަތުތައް އެކުލަވައިލައިފައިވާ ތަނެއްކަމުގައި ވުން.

(ނ) ވަޒީފާ އަދާކުރާ ތަން ހުންނަ އިމާރާތަކީ އާންމު ސިއްހަތުގެ މިންގަނޑުން މީހުންނަށް މަސައްކަތްކުރުމަށް އެކަށޭނަ ތަނެއްކަމުގައި ވުން.

(ރ) ފަންނީ ވަޒީފާތަކަށް ހޮވޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މަސައްކަތުގެ ތެރެއިން ބޭނުންކުރާ ނުވަތަ ގެންގުޅޭ އާލާތްތައް/ޓޫލްސް ރައްކައުތެރިކަމާއެކު ބޭނުންކުރުމާ ގުޅޭގޮތުން އެ ފަރާތްތައް އަހުލުވެރިކުރުވުން.

 

5 ވަނަ މާއްދާ - ވަޒީފާ އަދާކުރާ އިމާރާތަކީ ސަރުކާރުގެ އިދާރާތަކުން ހުއްދަ ލިބިފައިވާ ތަނަކަށް ވުން

(ހ) މަސައްކަތްކުރުމަށް ހާއްސަކޮށްފައިވާ އިމާރާތެއް ނޫން ނަމަ އެ ތަނުގައި މަސައްކަތްކުރުމުގެ ހުއްދަ ކަމާބެހޭ އިދާރާއަކުން ލިބިފައިވާންވާނެއެވެ. އަދި މިންގަނޑަށް އަމަލުކުރަން ފެށުމަށްފަހު 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މަސައްކަތުގައި ގެންގުޅޭ އެންމެހައި އިދާރާތަކުން، އެ ތަނުގައި މަސައްކަތްކުރުމުގެ ހުއްދައަށް އެދި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާއަށް ހުށަހަޅަންވާނެއެވެ.

(ށ) ކުރާ މަސައްކަތުގެ ބާވަތުން ކަމާ ގުޅުންހުރި ފަރާތަކުން ވަކި ހުއްދައެއް ނަގަންޖެހޭ ނަމަ، އެ ހުއްދަތައް ނަގައިފައި އޮންނަންވާނެއެވެ.

(ނ) މަސައްކަތްކުރުމަށް ވަޒީފާ އަދާކުރަނީ ކަނޑައެޅިގެންވާ ވަކި އިމާރާތެއްގައި ނޫން ނަމަ، (މިސާލަކަށް: އައުޓްޑޯރ އޭރިއާއެއްގައި ވަޒީފާ އަދާކުރާ ނަމަ) އެ ތަނެއްގައި މި މިންގަނޑުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާންވާނެއެވެ.

 

6 ވަނަ މާއްދާ - ކާރިސާތަކާއްިއަލިފާނުގްެ ހާދިސާއަކުނ ްރައ ކައުތެރިވެވޭންެ ނިޒާމްުގާއިމުވެފައިވުން

ގަވާއިދު ނަންބަރު 2024-09 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ ދަށުން ހެދިފައިވާ، ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލުގައި ށާމިލުކުރުމަށް ވަޒީފާދޭ ފަރާތުން ގެންނަންޖެހޭ ސަބަބުވެރި ބަދަލުތަކުގެ މިންގަނޑުގެ 8 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރާ ހަވާލާދީ ވަޒީފާ އަދާކުރާ ތަނުގައި "ކާރިސާތަކާއި އަލިފާނުގެ ހާދިސާތަކުން ރައްކައުތެރިވެވޭނޭ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭނުންތަކަށް ރިއާޔަތްކޮށްގެން އެކުލަވައިލައިފައިވާ ނިޒާމެއް ގާއިމުކޮށްފައި އޮންނަންވާނެއެވެ." އެ ކަންތައްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) އަލިފާނުގެ ހާދިސާތަކުގައްޔާއި ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން ހަދައިފައިވުމާއެކު އެ ޕްލޭނަށް ހުރިހާ މުވައްޒަފުން އަހުލުވެރިކޮށްފައިވުން.

(ށ) ގުދުރަތީ ކާރިސާއެއް ދިމާވެއްޖެ ނަމަ އަމަލުކުރާނެ ގޮތުގެ ޕްލޭން ހަދައިފައިވުމާއެކު އެ ޕްލޭނަށް ހުރިހާ މުވައްޒަފުން އަހުލުވެރިކޮށްފައިވުން.

(ނ) މިފަދައިން ހެދޭ ޕްލޭންތަކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭނުންތަކަށް ރިއާޔަތްކޮށްގެން ހަދާ ޕްލޭންތަކެއް ކަމުގައި ވުން.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ނިޒާމުތަކަށް އަހުލުވެރިކުރުވުމަށް ހިންގާ ތަމްރީނު ނުވަތަ ދޭ މައުލޫމާތު އެ ފަރާތްތަކަށް ލިބޭނެގޮތް ހަމަޖެހިފައިވުން.

 

7 ވަނަ މާއްދާ - ޖިސްމާނީ ނުކުޅެދުނީ ތެރިކަން ހުންނަ ފަރާތްތަކަށް އިމާރާތަށް ވަދެނުކުމެވޭންެގޮތެއް ހަމަޖެއްސުން

ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ހުރަސްތައް މަދުކުރުމަށް ތިރީގައި ހިމަނައިފައިވާ ކަންތައްތައް ވަޒީފާދޭ ތަންތަނުގައި ފުރިހަމަކޮށްފައި ހުރިތޯ ބަލަންވާނެއެވެ.

(ހ) ހެލިފެލިވެއުޅުމަށް ދަތިވާ ފަރާތްތަކާއި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިމާރާތަށް ވަދެނުކުމެވޭނެ ގޮތެއް ހަމަޖެއްސުން:

  1. ހެލިފެލިވެއުޅުމަށް އެހީތެރިވެދޭ އާލާތްތައް (މޮބިލިޓީ ޑިވައިސް) ބޭނުންކުރާ ފަރާތްތަކަށް ވަޒީފާ އަދާކުރާ ތަނަށް ވަދެނުކުމެވޭނެ އިންތިޒާމު ގާއިމުކޮށްފައިވުން.
  2. ހެލިފެލިވެއުޅުމަށް އެހީތެރިވެދޭ އާލާތްތައް (މޮބިލިޓީ ޑިވައިސް) ބޭނުންކުރާ ފަރާތްތަކަށް ބޭނުންކުރެވޭނެ ގޮތަށް އޮފީހުގައި ޔުނިވަރސަލް ޑިޒައިން ޕްރިންސިޕަލްގެ ޑިޒައިން ޕްރިންސިޕަލްގެ މައްޗަށް ބިނާކޮށް ހެލިފެލިވެއުޅުމަށް ދަތިވާ ފަރާތްތަކާއި ފުރޮޅުލީ ގޮނޑީގައި ތިބޭ ފަރާތްތަކަށް ވަދެނުކުމެވޭނެ ގޮތަށް ހުރުން.
  3. ވަޒީފާ އަދާކުރާ ތަނުގެ ތެރޭގައި، އުޅޭއިރު، ހެލިފެލިވެއުޅުމަށް އެހީތެރިވެދޭ، 'މޮބިލިޓީ ޑިވައިސް' (އާލާތްތައް) ބޭނުންކުރާ މުވައްޒަފުންނަށް ފަސޭހައިން އުޅެވޭނެ ގޮތަށް ޖާގަ ހުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމުގައި، ގަވާއިދު ނަންބަރު 2024-09 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ ދަށުން ހަދައިފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލުގައި ށާމިލުކުރުމަށް ވަޒީފާދޭ ފަރާތުން ގެންނަންޖެހޭ އެކަށީގެންވާ ބަދަލުތަކުގެ މިންގަނޑަށް ރިއާޔަތްކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުން ހަމަޖެއްސުން

(ހ) ގަވާއިދު ނަންބަރު 2024-09 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 9 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ވަޒީފާދޭ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ނުވަތަ ވަކި މަގާމެއްގެ ގޮތަށް ޑިސްއެބިލިޓީ ލިއޭޒަން އޮފިސަރުގެ މަގާމަށް މީހަކު ހަމަޖައްސަންވާނެއެވެ. އަދި، އެ ފަރާތްތަކުގެ ޒިންމާ ފުރިހަމަގޮތެއްގައި އަދާކުރުމަށް ކަމާބެހޭ އިދާރާއަކުން އެކަށައަޅާ ތަމްރީނު ދޭންވާނެއެވެ.

(ށ) މި މިންގަނޑު ތަންފީޒުކުރުމުގައި މުއާމަލާތުކުރާނީ ޑިސްއެބިލިޓީ ލިއޭޒަން އޮފިސަރުން މެދުވެރިކޮށެވެ.

(ނ) ޑިސްއެބިލިޓީ ލިއޭޒަން އޮފިސަރުންގެ މަސްއޫލިއްޔަތުތައް ވަޒީފާގެ ބަޔާނުގައި ސާފުކޮށް ހިމަނަންވާނެއެވެ.

 

9 ވަނަ މާއްދާ - މުވައްޒަފުން ހޭލުންތެރިކުރުވުން

(ހ) ވަޒީފާ އަދާކުރާ ތަނުގެ މުވައްޒަފުންނަށް ނުކުޅެދުންތެރިކަން ހުންނަ މީހުން ށާމިލްކުރުމާ ގުޅޭގޮތުން ހިންގިދާނެ ތަމްރީނުތައް ތިރީގައި ހިމަނައިފައި މިވަނީއެވެ:

  1. ހުރިހާ މުވައްޒަފުންނަށް: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު މަސައްކަތްކުރުމާ ގުޅޭގޮތުން އަހުލުވެރިކުރުމުގެ (އެވެއަރނަސް އެންޑް ސެންސިޓައިޒޭށަން) ތަމްރީނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިހްތިރާމާއެކު އެ ފަރާތްތަކުގެ ކަރާމާތަށް ބުރޫނާރާނެ ގޮތަކަށް އަދި ފައިދާކުރަނިވި (އިފެކްޓިވް) ގޮތުގައި މުއާމަލާތުކުރާނެ ގޮތުގެ ތަމްރީނު.
    1. މި މިންގަނޑަށް އަމަލުކުރަން ފަށާތާ ގިނަވެގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، ނުކުޅެދުންތެރިކަމާމެދު އަހުލުވެރިކުރުމުގެ ތަމްރީނުތައް މުވައްޒަފުންނަށް ހިންގަންވާނެއެވެ.
    2. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު މަސައްކަތްކުރުމާ ގުޅޭގޮތުން ހިންގާ ތަމްރީނުތައް، މިންގަނޑަށް އަމަލުކުރަން ފަށާތާ ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުން މަސައްކަތްކުރާ ސެކްށަންތަކުގެ މުވައްޒަފުންނަށް ހިންގަންވާނެއެވެ.
    3. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު މަސައްކަތްކުރުމާ ގުޅޭގޮތުން ކުރިޔަށްގެންދާ ތަމްރީނުތަކުގައި ފޯރުކޮށްދޭ މައުލޫމާތު ހުރިހާ މުވައްޒަފުންނަށް ފަސޭހައިން ލިބޭނެ ގޮތަށް ހުންނަންވާނެއެވެ.
  2. ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފު މަސައްކަތްކުރާ ސެކްށަނަށް: ނުކުޅެދުންތެރިކަމުގެ ގިންތިއަށާއި ވަކިވަކި ބޭނުންތަކަށް ރިއާޔަތްކޮށްގެން ކުރަންޖެހޭ މަސައްކަތަށާއި، މަސައްކަތްކުރާ ޖާގައަށް ސަބަބުވެރި ބަދަލުގެންނާނެ ގޮތުގެ ތަމްރީނު، މި މިންގަނޑަށް އަމަލުކުރަން ފަށާތާ މަދުވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހިންގަންވާނެއެވެ.
  3. ވަޒީފާދޭ ތަން ހިންގުމާ ހަވާލުވެ ތިބޭ ފަރާތްތަކަށް (ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުންނާއި ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުންގެ ސުޕަވައިޒަރުންނަށް): އިންކްލޫސިވް ލީޑަރށިޕް ތަމްރީނާއި، ސަބަބުވެރި ބަދަލު ގެންނާނެ ގޮތުގެ ތަމްރީނާއި، ވަޒީފާއަށް މުވައްޒަފުން ހޮވައި ވަޒީފާގެ މާހައުލަށް އަހުލުވެރިކުރާނެ ގޮތުގެ ތަމްރީނާއި ނުކުޅެދުންތެރިކަމާ ގުޅުންހުރި ގާނޫނީ ލިޔެކިޔުންތަކަށް އަހުލުވެރިކުރުމުގެ ތަމްރީނު.

(ށ) މަތީގައި ބަޔާންކޮށްފައިވާ ތަމްރީނުތަކުގައި އެ ތަނެއްގައި މަސައްކަތްކުރަމުންއަންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބައިވެރިކުރާ ނަމަ އަންނަނިވި ކަންތައްތައް ހަމަޖައްސަންވާނެއެވެ.

  1. ތަމްރީނު ހިންގުމުގެ ކުރިން އެކަމާބެހޭ މައުލޫމާތު ފޯރުކޮށްދީ، ތަމްރީނުގައި ބައިވެރިވުމަށް އެދޭތޯ ނުވަތަ ނޫންތޯ ބެލުން؛
  2. ތަމްރީނުގައި ބައިވެރިވާން އެދޭ ނަމަ އަދި އެ ފަރާތެއްގެ އަމިއްލަ ތަޖުރިބާ ހިއްސާކުރުމަށް އެ ފަރާތުން ނޭދޭ ނަމަ، އެ ކަންކަން ހިއްސާކުރުމަށް އެއްވެސް ހައިސިއްޔަތަކުން ބާރުނޭޅުން؛
  3. މިފަދަ ތަމްރީނު ހިންގުމުގައި އެ ތަނެއްގައި މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ހުނަރުވެރި އަދި ކަމަށް ށައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ބައިވެރިވުމަށް މަގުފަހިކުރުން.

 

10 ވަނަ މާއްދާ - ވަޒީފާއާ ގުޅުންހުރި މައުލޫމާތު

ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންނަށް ވަޒީފާއާ ގުޅުންހުރި މައުލޫމާތު ފުރިހަމަޔަށް ދިނުމަށް ޓަކައި، އަންނަނިވި ކަންކަން ކުރަންވާނެއެވެ.

(ހ) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭގޮތުން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ވަޒީފާ ދިނުމުގައި އަމަލުކުރާނެ ސިޔާސަތު (އިންކްލޫސިވް އެޗް.އާރް ޕޮލިސީ) ގެ ގޮތުގައި ސިޔާސަތެއް ނުވަތަ ޕޮލިސީއެއް އޮތުން.

(ށ) އަލަށް މުވައްޒަފަކު ވަޒީފާއަށް ނުކުންނައިރު އަމަލުކުރާނެ އޮރިއެންޓޭށަނާއި އިންޑަކްށަނާ ގުޅުންހުރި އުސޫލެއް އޮތުން އަދި މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބޭނުންތަކަށް ރިއާޔަތްކޮށްގެން ތައްޔާރުކޮށްފައިވާ އުސޫލެއްކަމުގައިވުން.

(ނ) ނުކުޅެދުންތެރިކަން ހުންނަ ފަރާތަށް އެ ފަރާތުގެ ވަޒީފާގެ ބަޔާން އެނގޭގޮތަށް ތިޔަ އަދި ސާފު އިބާރާތުން ލިޔެފައި އޮތުމާއެކު އެ ފަރާތަށް އެކަން ފަހުމުވެފައިވާކަން ޔަގީންކުރުން.

(ރ) ވަޒީފާގެ އެއްބަސްވުން ހަދައިފައިވުމާއެކު ދެފަރާތުން މި އެއްބަސްވުމަށް ރުހި ގަބޫލުވެފައިވުން.

(ބ) ވަޒީފާގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ވަޒީފާގެ ކުރިއެރުން ލިބޭ ގޮތާއި، އިސްލާހީ ފިޔަވަޅު އެޅޭނެ ގޮތާއި ވަޒީފާއިން ވަކިކުރެވޭނެ ގޮތް މުވައްޒަފުންނަށް އަންގައިދިނުން.

 

11 ވަނަ މާއްދާ - ފިޔަވަޅު އެޅުން

މި މިންގަނޑާ ހިލާފުވެއްޖެ ނަމަ، ގާނޫނު ނަންބަރު 2010-08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ފަދައިން ޖޫރިމަނާ ކުރެވޭނެއެވެ.

 

12 ވަނަ މާއްދާ - މާނަކުރުން

މި މިންގަނޑުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ނުކުޅެދުންތެރިކަން ހުންނަ މީހުން" ނުވަތަ "ފަރާތްތައް" ކަމަށް ބުނެފައި އެވަނީ ދިގު މުއްދަތުގެ ޖިސްމާނީ އުނިކަމެއް ނުވަތަ ނަފްސާނީ އުނިކަމެއް ނުވަތަ ހިއްސުތަކުގެ އުނިކަމެއް ނުވަތަ ސިކުނޑީގެ އުނިކަމެއް ހުރި މީހަކަށް އެ އުނިކަމެއްގެ ސަބަބުން ކުރިމަތިވާ އެންމެހައި ހުރަސްތަކާހުރެ މުޖުތަމައުގެ އެހެން މީހުންނާ އެއްހަމައެއްގައި ބޭނުންތެރިގޮތުގައި އެންމެ ފުރިހަމަޔަށް ބައިވެރިވެ ހަރަކާތްތެރިވެއުޅުމަށް ދަތިވާ ކޮންމެ މީހަކަށެވެ.

(ށ) "އިމާރާތް" ކަމަށް ބުނެފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ނުވަތަ ފަރާތްތައް ވަޒީފާ އަދާކުރާ އޮފީހުގެ ނުވަތަ ތަނުގެ ހަތަރުފާރުން އެތެރެއަށެވެ. ހާމަކޮށް ފެންނަން އޮންނަ ގޮތަށް ހަތަރުފާރު ނެތް އަދި ހިޔާކޮށްފައިނުވާ ތަންތަން މާނައިގެ ތެރެޔަކު ނުހިމެނޭނެއެވެ.

(ނ) "ވަޒީފާ ދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވަޒީފާދޭ ފަރާތަށެވެ.

 

13 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި މިންގަނޑަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި މިންގަނޑު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-09)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު