-

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް 2 ވަނަ އިސްލާހު ގެނައުން

(އެހެނިހެން ނަންބަރު 2023-03)

(މި ފްރޭމްވަރކަށް އަމަލުުރަން ފެށީ 9 މާޗް 2023 ގައި)

 

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - މިންގަނޑު ނަންބަރު 03-އެސްޓީ/2022/އެންޕީސީ-478 (ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަ ކުރުމުގެ އާންމު މިންގަނޑު) ގެ 2 ވަނަ މާއްދާގެ (ވ) އިސްލާހުކޮށް، އަންނަނިވި އަކުރުތައް އިތުރުކުރުން.

އާންމު މިންގަނޑު 2.

(ވ) އިދާރާތަކުގެ އޮނިގަނޑުތަކުގައި ހިންގުމުގެ ޒިންމާއާއި ވަކި ހާއްސަ ޒިންމާއެއް އަދާކުރުމަށް ކަނޑައަޅައިފައިވާ މަގާމުތައް ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމުގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް ނޭށަނަލް ޕޭ ކޮމިށަނަށް ހުށަހެޅުމުގެ އިހްތިޔާރު އެ އިދާރާއަކަށް ލިބިގެންވެއެވެ. މަރުކަޒީ އިދާރާއަކުން ރެކްރޫޓްމަންޓުގެ މަސައްކަތްތައް ރެގިއުލޭޓްކުރާ ހާލަތްތަކުގައި އެ ކަމެއް ހުށަހަޅާނީ އެފަދަ މަރުކަޒީ އިދާރާއަކުންނެވެ. އަދި އެފަދަ މަގާމުތައް ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުކުރާނީ، ނޭށަނަލް ޕޭ ކޮމިށަނުން ނިންމާ ގޮތެއްގެ މަތީންނެވެ. 

(މ) މި މިންގަނޑުގެ ދަށުން މުވައްޒަފުން ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަ ކުރުމުގައި ޖޮބް މެޓްރިކްސްގައި ކަނޑައަޅައިފައިވާ މަގާމަށް ހިޖުރަ ކުރެވޭނީ އެ މުވައްޒަފު ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުކުރުމުގެ ކުރިން ހުރި މަގާމުގައި އަދާކުރާ މަސްއޫލިއްޔަތުތަކަކީ ހިޖުރަ ކުރެވޭ ޖޮބް މެޓްރިކްސްގެ ފަންނުގެ މަސްއޫލިއްޔަތުތަކަށް ވާނަމައެވެ. މުވައްޒަފު ހުރި މަގާމުގެ ނަމާއި މުވައްޒަފު އަދާކުރަމުންދާ މަސްއޫލިއްޔަތުތަކާ ދިމާނުވާ ހާލަތުގައި އެ މުވައްޒަފެއް ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަ ކުރާއިރު ހިޖުރަ ކުރާނީ، އެ މުވައްޒަފު އަދާކުރަމުންދާ މަސްއޫލިއްޔަތުތަކާ ގުޅޭ ފަންނުގެ ޖޮބް މެޓްރިކްސްއަކަށެވެ. އަދި އެ މުވައްޒަފަކު އަދާކުރާ މަސްއޫލިއްޔަތުތަކާ ގުޅޭ ޖޮބް މެޓްރިކްސްއަށް އަމަލުކުރަން ނުފަށާކަމުގައިވާނަމަ، އެ މުވައްޒަފަކު ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރާނީ އެ ޖޮބް މެޓްރިކްސްއަކަށް އަމަލުކުރަން ފެށުމުންނެވެ.

(ފ) މި މިންގަނޑުގެ ދަށުން މުވައްޒަފުން ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމުގައި، މުވައްޒަފު ހިޖުރަ ކުރާ މަގާމަކީ ވަކި ހާއްސަ ލައިސަންސެއް އޮންނަންޖެހޭ މަގާމަކަށް ވެފައި، މުވައްޒަފު އަތުގައި އެފަދަ ލައިސަންސެއް ނެތް ހާލަތުގައި، އެ މުވައްޒަފަކު ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވުމަށްފަހު ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި އެ ލައިސަންސް ނަގަންވާނެއެވެ. އެގޮތުން ލައިސަންސް ނަގަން ދެވޭ މުއްދަތު ކަނޑައެޅުމުގެ އިހްތިޔާރު އެ އިދާރާއަކަށް ނުވަތަ މަރުކަޒީ އިދާރާއަކުން ރެކްރޫޓްމަންޓުގެ މަސައްކަތްތައް ރެގިއުލޭޓްކުރާ ހާލަތްތަކުގައި އެފަދަ މަރުކަޒީ އިދާރާއަށް ލިބިގެންވެއެވެ.

(ދ) މި މިންގަނޑުގައި ބަޔާންކޮށްފައި ނެތް ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ލަފާ، ނޭށަނަލް ޕޭ ކޮމިށަނުން ފޯރުކޮށްދޭނެއެވެ.

 

2 ވަނަ މާއްދާ - މިންގަނޑު ނަންބަރު 04-އެސްޓީ/2022/އެންޕީސީ-478 (މަގާމަށް ކަނޑައަޅައިފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑު) ގެ 5 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.

ހާޒިރީ (އެޓެންޑެންސް ބެނެފިޓް) 5.

(ރ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތައް ފިޔަވައި އެހެންދުވަސްތަކުގެ ތެރެއިން، އިދާރާއިން އާންމުކޮށް މަސައްކަތް ކުރުމަށްކަނޑައަޅައިފައިވާ ދުވަސްތަކާއި ކަނޑައަޅައިފައިނުވާ ދުވަސްދުވަހުމުވައްޒަފު އިދާރާއަށް ހާޒިރުވެ، އާންމު އުސޫލުން އިދާރާގެ ރަސްމީ މަސައްކަތު ގަޑީގެ ގޮތުގައި ކަނޑައަޅައިފައިވާ ޖުމުލަ ވަގުތުގެ މަދުވެގެންދެބައިކުޅައެއްބައި ވަގުތު މަސައްކަތްކުރާ ހާލަތްތަކުގައި، މަގާމަށްކަނޑައަޅައިފައިވާ ހާޒިރީ އިނާޔަތް އެ ދުވަހަކަށް ދޭންވާނެއެވެ. އަދި އެފަދަ ދުވަސްދުވަހު އިތުރުގަޑީގެ ފައިސާ ދޭނީ، އެ ދުވަހެއްގައި ޖުމުލަ 8 (އަށެއް) ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރުވާ ހާލަތްތަކުގައި "އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑު" ގެ 2 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީންނެވެ.

(ބ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި މަސައްކަތް ކުރުމުން ހާޒިރީ އިނާޔަތެއް ނުދެވޭނެއެވެ. އެފަދަ ދުވަސްތަކުގައި މަސައްކަތް ކުރަންޖެހޭ ހާލަތްތަކުގައި މަސައްކަތްކުރާ ހުރިހާ ވަގުތަކަށް އިތުރުގަޑީގެ ފައިސާ ދޭނީ "އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑު" ގެ 2 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީ ންނެވެ. މިފަދައިން އިތުރުގަޑީގެ ފައިސާ ދޭ އިރުގައި ވެސް "އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑު" ގެ 2 ވަނަ މާއްދާގެ (ޅ) އަށް އަމަލުކުރަންޖެހޭނެއެވެ.

(ޅ) ދައުލަތުގެ ޕޭ ފްރޭމްވަރކްގައި ހިމެނޭ ޖޮބް މެޓްރިކްސްތަކުގައި "މިސްކޯ ކޯޑު" 1 ން ފެށޭ މެނޭޖީރިއަލް ގިންތީގެ މަގާމުތަކުގެ މުވައްޒަފުންނަށް ރަސްމީ ބަންދު ދުވަސްތަކާއި، ސަރުކާރު ބަންދު ދުވަސްތަކާއި، ހޮނިހިރު ދުވަހު ކުރާ މަސައްކަތަށް ހާޒިރީ އިނާޔަތެއް ނުދެވޭނެއެވެ.

(ކ) މުވައްޒަފަކު އެއްވެސް ބާވަތެއްގެ ޗުއްޓީއެއްގައި ހުރެގެން އޮފީހަށް ހާޒިރުވެ މަސައްކަތް ކުރިކަމުގައި ވިޔަސް، އެ ދުވަހަކަށް ހާޒިރީ އިނާޔަތެއް ނުދެވޭނެއެވެ.

(އ) ހާޒިރީ އިނާޔަތަކީ މި މާއްދާގެ (ށ) އާއި (ރ) ގައިވާ ގޮތުގެ މަތީން ދެވޭ އިނާޔަތަކަށްވާތީ، ވަޒީފާއަށް ހާޒިރުނުވާ ދުވަސްތަކަށް މި އިނާޔަތެއް ނުދެވޭނެއެވެ.

(ވ) ޖޮބް މެޓްރިކްސްގައި ހިމަނައިފައިވާ ހާޒިރީ އިނާޔަތުގެ އަދަދަކީ 1 (އެކެއް) ދުވަހަށް ކަނޑައަޅައިފައިވާ އަދަދަކަށްވާތީ، އެއްވެސް ހާލަތެއްގައި 1 (އެކެއް) ދުވަހަކަށް ދެފަހަރަށް ހާޒިރީ އިނާޔަތް ނުދެވޭނެއެވެ.

 

3 ވަނަ މާއްދާ - މިންގަނޑު ނަންބަރު 08-އެސްޓީ/2022/އެންޕީސީ-478 (އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑު) ގެ 2 ވަނަ މާއްދާގެ (ހ) އަދި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިތުރުގަޑީގެ ފައިސާ ހިސާބުކުރުން 2.

(ހ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ "ރަސްމީ ބަންދު ދުވަސް" ތައް ފިޔަވައި އެހެން ދުވަސްދުވަހު އިތުރުގަޑީގެފައިސާ ހިސާބުކުރާނީ ދައުލަތުގެ ޕޭ ފްރޭމްވަރކްގެ "މަގާމަށްކަނޑައަޅައިފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑު" ގައިވާ ގޮތުގެ މަތީން އަސާސީ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރު 1.25 (އެކެއް ޕޮއިންޓް ދޭއް ފަހެއް) އާ ގުނަކޮށްގެން އަންނަ އަދަދު، އެ މުވައްޒަފުދުވާލެއްގެ މައްޗަށް 8 (އަށެއް) ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކޮށްފައިވާ ވަގުތާ ގުނަކޮށްގެން އަންނަ އަދަދެވެ. ހޮނިހިރު ދުވަހާއި ސަރުކާރު ބަންދު ދުވަސްތަކުގައި އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބުކުރާނީ މި ގޮތުގެ މަތީންނެވެ.

(ށ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ"ރަސްމީ ބަންދު ދުވަސް" ތަކުގެ ތެރޭގައި ހިމެނޭ ދުވަހެއް ނަމަ،އިތުރުގަޑީގެ ފައިސާ ހިސާބުކުރާނީ ދައުލަތުގެ ޕޭ ފްރޭމްވަރކްގެ "މަގާމަށްކަނޑައަޅައިފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑު" ގައިވާ ގޮތުގެމަތީން އަސާސީ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރު 1.5 (އެކެއް ޕޮއިންޓް ފަހެއް) އާ ގުނަކޮށްގެން އަންނަ އަދަދު، އެ މުވައްޒަފެއްގެމަސައްކަތްކޮށްފައިވާ ވަގުތާ ގުނަކޮށްގެން އަންނަ އަދަދެވެ. އަދި ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ރަސްމީ ބަންދު ދުވަހެއް ހޮނިހިރު ދުވަހަކާ ދިމާވާ ހާލަތުގައި އެ ދުވަހަކަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބުކުރާނީ މި ގޮތުގެ މަތީންނެވެ.

 

4 ވަނަ މާއްދާ - މިންގަނޑު ނަންބަރު 24-އެސްޓީ/2022/އެންޕީސީ-478 (ދަތުރުފަތުރު އެލަވަންސް ދޭނެ ގޮތުގެ މިންގަނޑު) ގެ 8 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެހެނިހެން 8.

(ހ) ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ނުވަތަ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ފޯރުކޮށްދީގެން ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތަކާއި،ކުރުމުއްދަތުގެ ޓްރޭނިންގ ކޯސްތަކާ ގުޅިގެން ވިސާ ނެގުމަށް ރާއް ޖެއިން ބޭރަށް ފޮނުވާ މުވައްޒަފުންނަށް ޕޮކެޓްމަނީއެއް ނުދެވޭނެއެވެ.

 

5 ވަނަ މާއްދާ - މި އިސްލާހަށް އަމަލުކުރަން ފަށާނީ، މި އިސްލާހު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން  ފެށިގެންނެވެ.

 

މައި ފްރޭމްވަރކް

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (އެހެނިހެން ނަންބަރު 2022)

 

ކޮންސޮލިޑޭޓެޑް ފްރޭމްވަރކް

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (ކޮންސޮލިޑޭޓެޑް ނަންބަރު 2022-00)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު