-

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް 3 ވަނަ އިސްލާހު ގެނައުން

(އެހެނިހެން ނަންބަރު 2023-04)

(މި ފްރޭމްވަރކަށް އަމަލުުރަން /ފަށާނީ/ފެށީ 1 މޭ 2023 ގައި)

 

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - މިންގަނޑު ނަންބަރު 03-އެސްޓީ/2022/އެންޕީސީ-478 (ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަ ކުރުމުގެ އާންމު މިންގަނޑު) ގެ 2 ވަނަ މާއްދާގެ (ފ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އާންމު މިންގަނޑު 2.

(ފ) މި މިންގަނޑުގެ ދަށުން މުވައްޒަފުން ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމުގައި، މުވައްޒަފު ހިޖުރަކުރާ މަގާމަކީ ވަކި ހާއްސަލައިސަންސެއް އޮންނަންޖެހޭ ނުވަތަ ވަކި ހާއްސަ ތަމްރީނެއް ހާސިލުކޮށްފައި އޮންނަންޖެހޭ މަގާމަކަށް ވެފައި، މުވައްޒަފު އެފަދަ ލައިސަންސެއް ނުވަތަ ތަމްރީނެއް ފުރިހަމަކޮށްފައި ނެތް ހާލަތުގައި، އެ މުވައްޒަފަކު ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވުމަށްފަހު ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި އެ ލައިސަންސް ނަގަންވާނެއެވެ. ނުވަތަ އެ ތަމްރީނެއް ފުރިހަމަކުރަންޖެހޭނެއެވެ. އެގޮތުން ލައިސަންސް ނެގުމަށް ނުވަތަ ތަމްރީނު ފުރިހަމަކުރުމަށް ދެވޭ މުއްދަތު ކަނޑައެޅުމުގެ އިހްތިޔާރުއެ އިދާރާއަކަށް ނުވަތަ މަރުކަޒީ އިދާރާއަކުން ރެކްރޫޓްމަންޓުގެ މަސައްކަތްތައް ރެގިއުލޭޓްކުރާ ހާލަތްތަކުގައި އެފަދަ މަރުކަޒީ އިދާރާއަށްލިބިގެންވެއެވެ.

 

2 ވަނަ މާއްދާ - މިންގަނޑު ނަންބަރު 06-އެސްޓީ/2022/އެންޕީސީ-478 (މުސާރައިގެ ކުރިއެރުން ދިނުމުގެ މިންގަނޑު) ގެ 5 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.

މުސާރައިގެ ކުރިއެރުން ދިނުމާ ގުޅުންހުރި މުހިންމު ބައެއް ކަންތައްތައް 5.

(ކ) ކުރިޔަށް އޮންނަ އަހަރުގެ ބަޖެޓް ހުށަހަޅާއިރު، ކުރިޔަށް އޮންނަ އަހަރުގެތެރޭގައި މުސާރައިގެ ކުރިއެރުންދޭންޖެހޭނެކަމަށް އަންދާޒާކުރާމުވައްޒަފުން ފާހަގަކޮށް، އެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުންދިނުމަށް އިތުރަށް ހިނގާނެ ހަރަދު ބަޖެޓުގައި ހިމަނަންވާނެއެވެ. އަދި މުސާރައިގެ ކުރިއެރުންދޭންވާނީ ބަޖެޓް ފާސްވެ، އެ ފައިސާ ބަޖެޓުގައި ހިމެނޭ ހާލަތްތަކުގައި އެކަންޏެވެ. އެނޫން ހާލަތްތަކުގައިމިނިސްޓްރީ އޮފް ފިނޭންސުން ހާއްސަ ހުއްދައެއް ލިޔުމުންހޯދަންޖެހޭނެއެވެ. އަދި މުސާރައިގެ ކުރިއެރުން ދިނުމުގެ ކުރިން ފައިސާއާގުޅޭ އެ ކަންތައްތައް ފުރިހަމަކޮށްފައިވާކަން އިދާރާގެ މާލީ ޒިންމާދާރު ވެރިޔާ ކަށަވަރުކުރަންޖެހޭނެއެވެ.

 

3 ވަނަ މާއްދާ - މިންގަނޑު ނަންބަރު 07-އެސްޓީ/2022/އެންޕީސީ-478 (މަސައްކަތުގެ ފެންވަރު ބެލުމުގެ އާންމު މިންގަނޑު) ގެ 2 ވަނަ މާއްދާގެ އަކުރުތަކުގެ ތަރުތީބުގައި ކުށެއް އޮތުމާ ގުޅިގެން، އެ މާއްދާގެ (ބ) އަކީ (ރ) ގެ ގޮތުގައި އިސްލާހު ކުރުން.

 

4 ވަނަ މާއްދާ - މިންގަނޑު ނަންބަރު 08-އެސްޓީ/2022/އެންޕީސީ-478 (ތުރުގަޑީގެ ފައިސާދޭނެ ގޮތުގެ މިންގަނޑު) ގެ 1 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ތއަާރުފު 1.

މިއީ ދައުލަތުގެ ޕޭ ފްރޭމްވަރކްގައި އިތުރުގަޑީގެ ފައިސާދޭނެ ގޮތުގެ މިންގަނޑެވެ. އަހަރުގެ ހުރިހާ މަހެއްގައި ވެސް އިތުރުގަޑީގެ ފައިސާދޭނީ މި މިންގަނޑުގައިވާ ގޮތުގެ މަތީންނެވެ.

 

5 ވަނަ މާއްދާ - މިންގަނޑު ނަންބަރު 08-އެސްޓީ/2022/އެންޕީސީ-478 (އިތުރުގަޑީގެ ފައިސާދޭނެ ގޮތުގެ މިންގަނޑު) ގެ 2 ވަނަ މާއްދާގެ އަކުރުތަކުގެ ތަރުތީބުގައި ކުށެއް އޮތުމާ ގުޅިގެން، އެ މާއްދާގެ (ބ) އަކީ (ރ) ގެ ގޮތުގައި އިސްލާހުކޮށް، (ޅ) އަކީ (ބ) ގެ ގޮތުގައި އިސްލާހު ކުރުން.

 

6 ވަނަ މާއްދާ - މިންގަނޑު ނަންބަރު 10-އެސްޓީ/2022/އެންޕީސީ-478 (ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދެވޭނެ މިންގަނޑު) އަށް އަންނިވި އިސްލާހުތައް ގެނައުން. 

 

ބުނެވިދިޔަ މިންގަނޑުގެ 5 ވަނަ މާއްދާގައިވާ ޕޮއިންޓްތަކުގެ ފަހަތަށް ތިރީގައިވާ ޕޮއިންޓް އިތުރުކުރުން.

ވަޒީފާއިން ވަކިވެގެންދާއިރު ދެވޭނެ އިނާޔަތް ހިސާބު ކުރާނެގޮތް 5.

  • ހިދުމަތުގެ މުއްދަތު ގުނާއިރު ދައުލަތުގެ ހުރިހާ އިދާރާތަކެއްގައި ހިދުމަތްކުރި މުއްދަތު ގުނުމުގެ އިހްތިޔާރު އޮންނާނެއެވެ. ނަމަވެސް މި މިންގަނޑުގެ 6 ވަނަ މާއްދާއާ ތައާރުޒުވެގެން ނުވާނެއެވެ. 

 

ބުނެވިދިޔަ މިންގަނޑަށް ތިރީގައިވާ ގޮތަށް 8 ވަނަ މާއްދާ އިތުރުކުރުން.

ނޭށަނަލް ޕޭކޮމިށަނުގެ ލަފާ ހޯދުން 8.

މި މިންގަނޑުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވެއްޖެނަމަ އެ ކަމެއްގައި  އަމަލުކުރަންވާނީ، ނޭށަނަލް ޕޭކޮމިށަނުން ދޭ ލަފަޔާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

7 ވަނަ މާއްދާ - މިންގަނޑު ނަންބަރު 20-އެސްޓީ/2022/އެންޕީސީ-478 (ކޮއްތު އެލަވަންސްދޭނެ ގޮތުގެ މިންގަނޑު) ގެ 3 ވަނަ މާއްދާގެ އަކުރުތަކުގެ ތަރުތީބުގައި ކުށެއް އޮތުމާ ގުޅިގެން، އެ މާއްދާގެ (ޅ) އަށް ފަހު އޮންނަ އަކުރަކީ (ކ) ގެ ގޮތުގައި އިސްލާހު ކުރުން.

 

8 ވަނަ މާއްދާ - ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް، މިންގަނޑު ނަންބަރު 25-އެސްޓީ/2022/އެންޕީސީ-478 (މަގާމުގެ ކުރިއެރުން ދިނުމުގެ މިންގަނޑު) އިތުރުކުރުން.

 

މަގާމުގެ ކުރިއެރުން ދިނުމުގެ މިންގަނޑު 

މިންގަނޑު ނަންބަރު 25-އެސްޓީ/2022/އެންޕީސީ-478 

ތައާރުފު 1. 

މިއީ ދައުލަތުގެ ޕޭ ފްރޭމްވަރކްގައި މަގާމުގެ ކުރިއެރުންދޭނެ ގޮތުގެ މިންގަނޑެވެ. މި މިންގަނޑަށް ރިއާޔަތްކޮށް މަގާމުގެ ކުރިއެރުން ދިނުމުގައި ގެންގުޅޭނެެ ތަފުސީލީ އުސޫލުތައް އިދާރާތަކުން އެކުލަވައިލެވިދާނެއެވެ. މަރުކަޒީ އިދާރާއަކުން ރެކްރޫޓްމަންޓުގެ މަސައްކަތްތައް ރެގިއުލޭޓްކުރާ ހާލަތްތަކުގައި އެފަދަ އުސޫލުތައް އެކުލަވައިލާނީ އެފަދަ މަރުކަޒީ އިދާރާއަކުންނެވެ.

 

މަގާމުގެ ކުރިއެރުމުގެ މާނަ 2.

(ހ) ދައުލަތުގެ ޕޭ ފްރޭމްވަރކްގައި މަގާމުގެ ކުރިއެރުން ކަމުގައި ބަލާނީ މި މާއްދާގައިވާ ކަންތައްތަކަށެވެ.

(ށ) ޖޮބް މެޓްރިކްސްގައި މުވައްޒަފު އެވަގުތު ހުރި ރޭންކާ ޖެހިގެން ހަމަ އެ ޖޮބް މެޓްރިކްސްގެ މަތީގައި އޮންނަ ރޭންކުގެ މަގާމަށް މުވައްޒަފު ބަދަލުކުރުމަކީ މަގާމުގެ ކުރިއެރުން ދިނުމެވެ. (މިސާލު: "ސްކޫލް ޓީޗަރުން" ޖޮބް މެޓްރިކްސްގެ ޕަބްލިކް ސަރވިސް ރޭންކް 5 ގެ މަގާމަކުން ރޭންކް 7 ގެ މަގާމަކަށް ބަދަލުކުރުން.)

(ނ) ޖޮބް މެޓްރިކްސެއްގައި އެއް ރޭންކެއްގެ ގޮތުގައި ކަނޑައަޅައިފައި ވިޔަސް، މުވައްޒަފު އެ ވަގުތަކު ހުރި ރޭންކުގެ މުސާރައާއި އިނާޔަތްތަކަށްވުރެ ބޮޑުކޮށް އެ ރޭންކެއްގެ އެހެން މަގާމެއްގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅައިފައިވާނަމަ، މުވައްޒަފަށް މުސާރައާއި އިނާޔަތްތަކުގެ ކުރިއެރުން ދިނުމަކީ މަގާމުގެ ކުރިއެރުން ދިނުމެވެ. މިފަދަ ހާލަތްތަކުގައި މަގާމުގެ ނަން ތަފާތުވާ ހާލަތްތަކާއި ތަފާތު ނުވާ ހާލަތްތައް ހިމެނެއެވެ. (މިސާލު: "ނަރުހުން" ޖޮބް މެޓްރިކްސްގެ ޕަބްލިކް ސަރވިސް ރޭންކް 7 ގެ ރެޖިސްޓަރޑް ނަރސްގެ މަގާމުން ހަމަ އެ ރޭންކުގެ ސީނިއަރ ރެޖިސްޓަރޑް ނަރސްގެ މަގާމަށް ބަދަލުކުރުން.)

(ރ) ޖޮބް މެޓްރިކްސެއްގެ ވަކި މަގާމެއްގެ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ ކަނޑައަޅައިފައިވަނީ އެ ޖޮބް މެޓްރިކްސްގެ ވަކި މަގާމުތަކެއްގައި ވަކި މުއްދަތުތަކެއް ހޭދަކޮށް ތަޖުރިބާ ލިބިފައިވުން ކަމުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މަތީ ރޭންކުގެ ނުވަތަ މުސާރައާއި އިނާޔަތްތައް ބޮޑުކޮށް އޮންނަ މަގާމަށް މުވައްޒަފު ބަދަލުކުރުމަކީ މަގާމުގެ ކުރިއެރުން ދިނުމެވެ. (މިސާލު: "ސްޕެށަލިސްޓް މެޑިކަލް ޕްރެކްޓިށަނަރުން" ޖޮބް މެޓްރިކްސްގެ ޕަބްލިކް ސަރވިސް ރޭންކް 9 ގެ މަގާމުން ރޭންކް 10 ގެ މަގާމަށް ބަދަލުކުރުން.)

(ބ) ޖޮބް މެޓްރިކްސްގައި މުވައްޒަފު ހުރި މަގާމުގެ ގިންތި ("ޖޮބް މެޓްރިކްސްތައް ބޭނުންކުރާނެ ގޮތުގެ އާންމު މިންގަނޑު" ގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ) އަށްވުރެ މަތީ ގިންތިއެއްގެ މަގާމަކަށް، އެ ޖޮބް މެޓްރިކްސްގެ އޮތް ތަފާތު ގިންތިއެއްގެ މަގާމަކަށް ނުވަތަ އެހެން ޖޮބް މެޓްރިކްސްއެއްގައި އޮތް ތަފާތު ގިންގިއެއްގެ މަގާމަކަށް މުވައްޒަފު ބަދަލުކުރުމަކީ މަގާމުގެ ކުރިއެރުން ދިނުމެވެ. (މިސާލު: "މެޑިކަލް ލެބޯރެޓަރީ ޓެކްނޯލޮޖިސްޓުން" ގެ ޖޮބް މެޓްރިކްސްގެ ޕަބްލިކް ސަރވިސް ރޭންކް 8 ނުވަތަ 9 ގެ މަގާމެއްގައި ހުރި މުވައްޒަފަކު އެ ޖޮބް މެޓްރިކްސްގެ ރޭންކް 10 ގެ މަގާމަކަށް ބަދަލުކުރުން. އަދި "ނަރުހުން" ގެ ޖޮބް މެޓްރިކްސްގެ މަގާމެއްގައި ހުރި މުވައްޒަފަކު "ނަރސް މެނޭޖަރުން" ގެ ޖޮބް މެޓްރިކްސްގެ މަގާމަކަށް ބަދަލުކުރުން.)

(ޅ) ޖޮބް މެޓްރިކްސްއެއްގައި މަގާމުގެ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ ބަޔާންކޮށްފައިވާއިރު، އެހެން ޖޮބް މެޓްރިކްސެއްގެ މަގާމެއްގެ ތައުލީމީ ފެންވަރާއި މަސައްކަތު ތަޖުރިބާ ފުރިހަމަވާގޮތަށް މި ޖޮބް މެޓްރިކްސްގެ މަގާމެއް ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ ބަޔާންކޮށްފައިވާ ހާލަތްތަކުގައި، މި ޖޮބް މެޓްރިކްސްގެ މަގާމަކަށް މުވައްޒަފު ބަދަލުކުރުމަކީ މަގާމުގެ ކުރިއެރުން ދިނުމެވެ. (މިސާލު: "ސްޕެށަލިސްޓް މެޑިކަލް ޕްރެކްޓިށަނަރުން" ޖޮބް މެޓްރިކްސްގެ ޕަބްލިކް ސަރވިސް ރޭންކް 10 ގެ މަގާމެއްގައި ހުރި މުވައްޒަފަކު "ސަބް-ސްޕެށަލިސްޓް މެޑިކަލް ޕްރެކްޓިށަނަރުން" ޖޮބް މެޓްރިކްސްގެ ޕަބްލިކް ސަރވިސް ރޭންކް 10 ގެ މަގާމަކަށް ބަދަލުކުރުން.)

 

މަގާމުގެ ކުރިއެރުން ކަމުގައި ނުބެލެވޭނެ ހާލަތްތައް 3.

(ހ) ދައުލަތުގެ ޕޭ ފްރޭމްވަރކްގައި ހިމެނޭ "މުސާރައިގެ ކުރިއެރުން ދިނުމުގެ މިންގަނޑު" ގެ ދަށުން "މަގާމުގެ އެލަވަންސް" އަށް އަންނަ ބަދަލުތަކަކީ މަގާމުގެ ކުރިއެރުމެއް ނޫނެވެ. 

(ށ) އިދާރާގައި އޮތް ދާއިމީ މަގާމަކަށް މުވައްޒަފަކު ހަމަޖެއްސުމުގެ މަރުހަލާ ފުރިހަމަވުމަށް ޓަކައި އެ މުވައްޒަފަކު ވަކި ބާވަތެއްގެ ލައިސަންސެއް އޮންނަންޖެހޭނެ ކަމަށް ނުވަތަ ވަކި ބާވަތެއްގެ ޕްރޮފެށަނަލް ތަމްރީނެއް ފުރިހަމަކުރުން ލާޒިމުވާ ހާލަތްތަކުގައި، އެ މުވައްޒަފު ވަގުތީގޮތުން މަގާމަކަށް ހަމަޖައްސައި، އެ ލައިސަންސެއް ނުވަތަ ޕްރޮފެށަނަލް ތަމްރީނެއް ފުރިހަމަކުރުމުން ދާއިމީ މަގާމަށް ހަމަޖެއްސުމުގެ ފުރުސަތު އޮންނާނެކަމަށް ޖޮބް މެޓްރިކްސްގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ދާއިމީ މަގާމަށް ހަމަޖެއްސުމަކީ މަގާމުގެ ކުރިއެރުން ދިނުމެއް ނޫނެވެ. (މިސާލު: "ކްލިނިކަލް ސައިކޮލޮޖިސްޓް" ޖޮބް މެޓްރިކްސްގެ ރޭންކް 8 ގެ މަގާމަށް ހަމަޖެއްސުމުގެ ކުރިން، ލައިސަންސްޑް ސައިކޮލޮޖިސްޓެއްގެ ލައިސަންސް ހޯދުމަށް ޓަކައި ފުރިހަމަކުރަންޖެހޭ ޕްރޮފެށަނަލް ތަމްރީނު ފުރިހަމަ ކުރަމުންދާ މުއްދަތުގައި އެ ޖޮބް މެޓްރިކްސްގެ ރޭންކް 7 ގެ މަގާމަކަށް ވަގުތީގޮތުން އައްޔަނުކުރުމަށްފަހު، ލައިސަންސްޑް ސައިކޮލޮޖިސްޓެއްގެ ލައިސަންސް ލިބުމުން އެ ޖޮބް މެޓްރިކްސްގެ ރޭންކް 8 ގެ މަގާމަށް ހަމަޖެއްސުމަކީ މަގާމުގެ ކުރިއެރުން ދިނުމެއް ނޫނެވެ.)

 

މަގާމުގެ ކުރިއެރުން ދިނުމުގައި އިސްކަންދ ންވާނެ މުހިންމު ބައެއް ކަންތައްތައް 4.

މަގާމުގެ ކުރިއެރުން ދިނުމުގެ މައިގަނޑު އަމާޒަކަށް ވާންވާނީ މުވައްޒަފުގެ ފަރާތުންއިދާރާއަށް ލިބެމުންދާ ހިދުމަތްތަކުގެ އަގުވަޒަންކޮށް، އެ މުވައްޒަފުގެ ފަރާތުންއިދާރާއަށް ލިބ ހިދުމަތުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދިއުން ކަމުގައިވާތީ، މަގާމުގެ ކުރިއެރުން ދިނުމުގައި އިސްކަންދ ނެ މުހިންމު ބައެއް ކަންތައްތައް ތިރީގައި މިވަނީއެވެ.

(ހ) މުވައްޒަފާ ހަވާލުކޮށްފައިވާ މަގާމުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރާކަން ސާބިތުކޮށްދީފައިވުން.

(ށ) މުވައްޒަފަށް މަގާމުގެ ކުރިއެރުން ލިބުމުން، އައު މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވ ކަން އިދާރާއަށް ގަބޫލުކުރެވުން.

(ނ) ދައުލަތުގެ ޕޭ ފްރޭމްވަރކްގައި ހިމެނޭ "މަސައްކަތުގެ ފެންވަރު ބެލުމުގެ އާންމު މިންގަނޑު" ގައި ބަޔާންކޮށްފައިވާ ފަދައިން، އިދާރާގައި ބޭނުންކުރާ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން، އެ މުވައްޒަފަށް ކޮންމެ އަހަރަކުވެސް، މަދުވެގެން %75 (ހަތްދިހަ ފަހެއް) އިންސައްތަ ލިބިފައިވުން.

(ރ) އިދާރާގެ މެންޑ ޓަށް ރިއާޔަތްކޮށް، ނުވަތަ މުވައްޒަފު ހިމެނޭ ފަންނަށް ރިއާޔަތްކޮށް، މަގާމުގެ ކުރިއެރުން ދިނުމުގައި ކޮންމެހެން ރިއާޔަތްކުރަންޖެހޭނެ ކަމަށް އިދާރާއިން ގަބޫލުކުރާ ކަންތައްތައް ފުރިހަމަވެފައިވުން. 

 

އިދާރާގެ އޮގަނައިޒޭށަން ސްޓްރަކްޗަރއަށް ގެންނަންޖެހޭ ބަދަލުތައް 5.

(ހ) މަގާމުގެ ކުރިއެރުން ދިނުމާ ގުޅޭ ގޮތުން އިދާރާގެ އޮގަނައިޒޭށަން ސްޓްރަކްޗަރއަށް ގެންނަންޖެހޭ ބަދަލުތައް، ދައުލަތުގެ ޕޭ ފްރޭމްވަރކްގައި ހިމެނޭ "ދައުލަތުގެ ޕޭ ފްރޭމްވަރކްގައި ހިމެނޭ ޖޮބް މެޓްރިކްސްތައް ބޭނުންކޮށްގެން އިދާރާގެ އޮގަނައިޒޭށަން ސްޓްރަކްޗަރ އެކުލަ ވައިލުމުގެ އާންމު މިންގަނޑު" އާ އެއްގޮތްވާ ގޮތުގެ މަތީން ގެންނަންޖެހޭނެއެވެ. 

(ށ) މަގާމުގެ ކުރިއެރުން ދެވޭނީ، އިދާރާގައި އޮންނަ ހުސް މަގާމުތަކަށެވެ. ހުސް މަގާމެއް ނެތް ހާލަތްތަކުގައި މަގާމުގެ ކުރިއެރުން ދިނުމުގެ ކުރިންބޭނުންވާ މިންވަރަށް އައު މަގާމު އުފައްދަންވާނެއެވެ.

(ނ) މަގާމުގެ ކުރިއެރުން ދިނުމުގެ ގޮތުގެ މަގާމުތައް އުފައްދާއިރު، އޮގަނައިޒޭށަން ހައިރާކީ ވަކި މިންގަނޑުތަކެއްގައި ހިފެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެއެވެ. އަދި އިދާރާގެ ޖުމުލަ މަގާމުތަކުގެ އަދަދުވެސް ދެމެހެއްޓެނެވި މިންގަނޑެއްގެ ތެރޭގައި ހިފެހެއްޓުމަށް ސަމާލުކަން ދިނުމާއެކު، އުވައިލަންޖެހޭ މަގާމުތައް އުވައިލަންޖެހޭނެއެވެ.

 

މަގާމުގެ ކުރިއެރުން ދިނުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުން 6.

(ހ) ކުރިޔަށް އޮންނަ އަހަރުގެ ބަޖެޓް ހުށަހަޅާއިރު، ކުރިޔަށް އޮންނަ އަހަރުގެ ތެރޭގައި މަގާމުގެ ކުރިއެރުންދޭންޖެހޭނެކަމަށް އަންދާޒާކުރާ މުވައްޒަފުން ފާހަގަކޮށް، އެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމަށް އިތުރަށް ހިނގާނެ ހަރަދު ބަޖެޓުގައި ހިމަނަންވާނެއެވެ. އަދި މަގާމުގެ ކުރިއެރުންދޭންވާނީ ބަޖެޓް ފާސްވެ، ބަޖެޓުގައި އެ ފައިސާ ހިމެނޭ ހާލަތްތަކުގައި އެކަންޏެވެ. އެނޫން ހާލަތްތަކުގައި މިނިސްޓްރީ އޮފް ފިނޭންސުން ހާއްސަ ހުއްދައެއް ލިޔުމުން ހޯދަންޖެހޭނެއެވެ. އަދި މަގާމުގެ ކުރިއެރުން ދިނުމުގެ ކުރިން ފައިސާއާ ގުޅޭ އެ ކަންތައްތައް ފުރިހަމަކޮށްފައިވާކަން އިދާރާގެ މާލީ ޒިންމާދާރުވެރިޔާ ކަށަވަރު ކުރަން ޖެހޭނެއެވެ. 

(ށ) ދުރާލައި އަންދާޒާކުރަން ދަތި ހާލަތްތަކުގައި ހިނގަމުންދާ އަހަރުގެ ތެރޭގައި ކޮންމެހެން މަގާމުގެ ކުރިއެރުންދޭންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، މަގާމުގެ ކުރިއެރުން ދިނުމަށް ބޭނުންވާ ފައިސާ، އިދާރާގެ ބަޖެޓުން ހަމަޖެއްސިދާނެކަން، އެ އިދާރާގެ މާލީ ޒިންމާދާރު ވެރިޔާ ކަށަވަރު ކުރަންޖެހޭނެއެވެ.

(ނ) މަގާމުގެ ކުރިއެރުން ދިނުމަކީ އިދާރާގެ ބަޖެޓުން އިތުރަށް ހަރަދު ހިނގާނެ ކަމެއްކަމުގައި ވާތީ، އިދާރާގެ އޮގައިނަޒޭށަން ސްޓްރަކްޗަރ އެކުލަވައިލުމުގެ މަސައްކަތް ކުރިޔަށްގެންދާ މުވައްޒަފުންނާ ގުޅިގެން، އެ އިދާރާގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ހިނގާ ހަރަދުތައް ދެމެހެއްޓެނެވި މިންގަނޑުތަކެއްގެ ތެރޭގައި ހިފެހެއްޓުމަކީ އެ އިދާރާގެ މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތެކެވެ.

 

މަގާމުގެ ކުރިއެރުން ދިނުމާ ގުޅުންހުރި މުހިންމު ބައެއް ކަންތައްތައް 7.

(ހ) މަގާމުގެ ކުރިއެރުން ދިނުމުން މަގާމުގެ ބުރަދަން (ޖޮބް އިވެލުއޭށަން ޕޮއިންޓް) މަތިވެގެންދާނެތީ، މަގާމުގެ ކުރިއެރުމާއެކުގައި މުވައްޒަފު ކުރަމުންދިޔަ މަސައްކަތްތަކަށް ބަދަލު އަންނަންޖެހޭނެއެވެ. އަދި އެއާގުޅިގެން މުވައްޒަފުގެ ވަޒީފާ ބަޔާނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަންޖެހޭނެއެވެ.

(ށ) މަގާމުގެ ކުރިއެރުން ދިނުމަށް ޓަކައި، ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، އާންމުކޮށް އިއުލާނު ނުކޮށް، ހަމައެކަނި އިދާރާގެ އެތެރޭގައި އިއުލާނުކޮށްގެން، ނުވަތަ އާންމުކޮށް އިއުލާނުކޮށްގެން ކުރިޔަށްދިއުމުގެ އިހްތިޔާރު ލިބިގެންވެއެވެ.

(ނ) މަގާމުގެ ކުރިއެރުން ދިނުމުގައި އާންމުކޮށް އިއުލާނުކޮށްގެން ކުރިއެރުންދޭހާލަތްތަކުގައި، ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިސްކަންދިނުމުގެ އިހްތިޔާރު ލިބިގެންވެއެވެ.

(ރ) މަގާމުގެ ކުރިއެރުން ދިނުމުގައި ފާއިތުވި 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި އިސްލާހީ ފިޔަވަޅު އަޅައިފައިވާ ފަރާތްތަކަށް އިސްކަން ނުދެވޭނެގޮތަށް ކަނޑައެޅުމުގެ އިހްތިޔާރު ލިބިގެންވެއެވެ.

 

ނޭށަނަލް ޕޭކޮމިށަނުގެ ލަފާ ހޯދުން 8.

މި މިންގަނޑުގައި ބަޔާންކޮށްފައި ނުވާ ކަމެއް ދިމާވެއްޖެނަމަ އެ ކަމެއްގައި އަމަލުކުރަންވާނީ، ނޭށަނަލް ޕޭކޮމިށަނުން ދޭ ލަފަޔާ އެއްގޮތްވާ ގޮތުގެމަތީންނެވެ.

 

9 ވަނަ މާއްދާ - މި އިސްލާހަށް އަމަލުކުރަން ފަށާނީ، 1 މޭ 2023 އިން ފެށިގެންނެވެ.

 

މައި ފްރޭމްވަރކް

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (އެހެނިހެން ނަންބަރު 2022)

 

ކޮންސޮލިޑޭޓެޑް ފްރޭމްވަރކް

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (ކޮންސޮލިޑޭޓެޑް ނަންބަރު 2022-00)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު