ހުރިހާ ދަރިވަރުން ށާމިލުކޮށްގެން ތައުލީމު ދިނުމުގެ ސިޔާސަތު
(އެހެނިހެން ނަންބަރު 10-11-2021)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ސިޔާސަތަކީ ހުރިހާ ދަރިވަރުންނަށް އުނގެނުމުގެ ހައްގު ކަށަވަރުކޮށްދިނުމަށްޓަކައި ޕްރީސްކޫލުތަކާއި، ފަށާތައުލީމު ދޭ ސްކޫލުތަކާއި، ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ދޭސްކޫލުތަކުގައި އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ހުރިހާ ގިންތިއެއްގެ އެންމެހައިދަރިވަރުންނަށް އުނގެނުމުގެ އަދުލުވެރި އަދި ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީ، އެ ދަރިވަރުންގެ ގާބިލުކަން ކުރިއަރުވައި ތަރައްގީ ކުރުމަށް، ގާނޫނު ނަންބަރު 24/2020 (ތައުލީމުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ރ) ގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭށަނުން އެކުލަވައިލައިފައިވާ ސިޔާސަތެކެވެ.
(ށ) މި ސިޔާސަތަށް ކިޔާނީ "ހުރިހާ ދަރިވަރުން ށާމިލުކޮށްގެން ތައުލީމު ދިނުމުގެ ސިޔާސަތު" އެވެ.
(ނ) މި ސިޔާސަތުގައި ހިމަނައިފައިވާ މައިގަނޑު މަފްހޫމްތަކާއި، ބޭނުންކޮށްފައިވާ ހާއްސަލަފުޒުތަކާއި އިބާރާތްތައް މި ސިޔާސަތުގައި މާނަކުރާނެގޮތް ޖަދުވަލު 1 ގައި ހިމަނައިފައިވާނެއެވެ.
2 ވަނަ މާއްދާ - ސިޔާސަތު މާނަކުރާ ގޮތް
(ހ) ހުރިހާ ދަރިވަރުން ށާމިލުކޮށްގެން ތައުލީމު ދިނުމުގެ ސިޔާސަތު މާނަކުރަނީ، އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ހުރިހާ ގިންތިއެއްގެ އެންމެހައި ދަރިވަރުންނަށް ތައުލީމުފޯރުކޮށްދިނުމުގައި އެ ދަރިވަރެއްގެ ގާބިލުކަން ތަންދިން އެންމެ ފުޅާ ދާއިރާއެއްގައިމެއިންސްޓްރީމް ނިޒާމުގެ ތެރެއިން ނުވަތަ އިތުރު ލަރނިންގ ޕާތުވޭ އެއް މެދުވެރިކޮށް ހިންގާއެންމެހައި ހަރަކާތްތައް ތަންފީޒުކުރުމަށް އެކަށައަޅައިފައިވާ މިންގަނޑުތަކާއި، އުސޫލުތަކާއި، ވަސީލަތްތަކާއި، ޒިންމާތަކާއި އަދި މަސްއޫލިއްޔަތުތަކުގެ ގޮތުގައެވެ.
3 ވަނަ މާއްދާ - ސިޔާސަތު އަމާޒުކޮށްފައިވާ ފަރާތްތައް
(ހ) މި ސިޔާސަތު އަމާޒުކޮށްފައިވަނީ ސްޓުޑެންޓްސް ވިތް ކޮމްޕްލެކްސް ލަރނިންގ ޕްރޮފައިލްސް (Profiles Learning Complex with Students) ގެ ގޮތުގައި މި ސިޔާސަތުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ހުރިހާ ގިންތިއެއްގެ ދަރިވަރުންނަށެވެ.
4 ވަނަ މާއްދާ - ސިޔާސަތުގެ މަގުސަދުތައް
(ހ) މި ސިޔާސަތުގެ މަގުސަދަކީ އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
- ގާނޫނު ނަންބަރު 24/2020 (ތައުލީމުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ކަންކަން ހާސިލުކުރުމުގެ ގޮތުން، އެ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ދިވެހިރާއްޖޭގެ ސްކޫލުތަކުން ފުރުސަތު ދިނުމާއި، ތައުލީމު ފޯރުކޮށްދިނުމާއި، ހިފަހައްޓަންޖެހޭ މިންގަނޑުތަކާއި، ފޯރުކޮށްދޭންޖެހޭ ވަސީލަތްތައް ބަޔާންކުރުން.
- މި ސިޔާސަތު ތަންފީޒު ކުރުމުގައި މަސްއޫލުވާ އެކިއެކި ފަރާތްތަކުގެ މަސްއޫލިއްޔަތާއި ޒިންމާތައް ބަޔާންކުރުން.
- ސިޔާސަތުގައި ބަޔާންކޮށްފައިވާ ހުރިހާ ގިންތިއެއްގެ ދަރިވަރުންނަށް އުނގެނުމުގެ އަދުލުވެރި އަދި ހަމަހަމަ ފުރުސަތުތަކާއި، ހުނަރު ދަސްކުރުމާއި، ކުޅިވަރާއި، އިތުރު ހަރަކާތްތަކުގައި ބައިވެރިވެވޭނެ ފަހި ފުރުސަތުތައް އެކުލެވޭ ތައުލީމީ ނިޒާމެއްގާއިމުކުރުން.
5 ވަނަ މާއްދާ - ސިޔާސަތުގެ އަސާސްތައް
(ހ) މި ސިޔާސަތުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުރިހާ ދަރިވަރުން ށާމިލުކޮށްގެން ތައުލީމު ދިނުމުގައި ތިރީގައި ބަޔާންކޮށްފައިވާ އަސާސްތައް ހިފަހައްޓަންވާނެއެވެ.
-
ފަރުދީ ތަފާތުތަކަށް އިހްތިރާމު ކުރުމާއެކު އަގުކުރާ މާހައުލެއް އުފެއްދުން
(Respecting and Valuing Diversity)
ފަރުދީ ތަފާތުތަކަށް އިހްތިރާމުކުރުމާއި، ތަފާތުތައް ބަލައިގަތުމާއި، ހުރިހާ ދަރިވަރުންށާމިލުކޮށްގެން ތައުލީމު ފޯރުކޮށްދޭ މާހައުލެއް ގާއިމުކުރުން. -
ޒިންމާދާރު ވެރިން އުފެއްދުން
(Committed Leadership)
ސްކޫލުތަކުގެ ވެރިންނަކީ ށާމިލުކުރުމުގެ އަސާސްތަކާއި އިންކްލޫސިވްވެލިއުސްތަކަށް އަހުލުވެރި އަދި ހުރިހާ ދަރިވަރުންގެ އުނގަންނައިދިނުން ތަރައްގީކުރުމަށް ގަދައަޅާ މަސައްކަތްކުރާ ގާބިލު ޒިންމާދާރު ވެރިންނަށްވުން. - ށާމިލުކުރުމުގައި މުޅި ސް ކޫލު ބައިވެރިކުރުން
(Whole School Approach)
މުޅި ސްކޫލުގެ ހުރިހާ ފަންތިއެއް ހިމެނޭގޮތަށް ހުރިހާ ދަރިވަރުން ށާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމަށް މަގުފަހި ކުރުން. (ސްކޫލް މެނޭޖްމަންޓް، ޓީޗަރުން، ފަންނީ އަދި އެހީތެރިވެދޭ މުވައްޒަފުންނާއި ބެލެނިވެރިން ހިމެނޭގޮތަށް ށާމިލުކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވުން.) - މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުން
(Collaboration with School Community)
ށާމިލު ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި ކަމާ ގުޅުންހުރި މުއައްސަސާތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި، ބެލެނިވެރިންނާއި، ދަރިވަރުން އަދި ދަރުމަވެރިންގެ ދައުރު ފުޅާކޮށް އެ ފަރާތްތަކުގެ ބައިވެރިވުން ހިމެނޭގޮތަށް ކަންކަން ރާވައި ހިންގުން. - ގުޅިގެން މަ ސައްކަތް ކުރުމުގެ ނިޒާމު ގާއިމުކުރުން
(Multi-Sectorial Approach)
ކަމާގުޅުންހުރި މުއައްސަސާތައް އެކުގައި މަސައްކަތްކޮށް، ހުރިހާ ދަރިވަރުން ށާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ކުޑަކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން. - ހުނަރުވެރި ގާބިލު ޓީޗަރުންނާއި ފަ ންނީ މީހުން ބި ނާކުރުން
(Competent Skilled and Capable Workforce)
ތައުލީމީ މުއައްސަސާތަކުގެ މަސައްކަތްތެރިންނަކީ އިތުބާރާއެކު ށާމިލު ކުރުމުގައި ދަރިވަރުންނަށް ދިމާވާ ގޮންޖެހުންތަކާއި ދަތިތަކަށް ރިއާޔަތްކޮށް އުނގަންނައިދިނުމާއި ފެންވަރު ވަޒަންކުރުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ އެންމެހައި ބަދަލުތަކަށް އަހުލުވެރި، ގާބިލު، ހުނަރުވެރި، މަސައްކަތްތެރިންނަށްވުން. - އުނގެނުމަށް ފަ ހި މާހައުލެއް ގާއިމުކުރުން
(Accessible Positive Learning Environment)
ސްކޫލު މާހައުލަކީ ޖިސްމާނީ ދަތިތަކާއި އުނގެނުމުގައި ތަފާތު އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް އުނގެނުމަށް ފަހި އަދި ރައްކައުތެރި މާހައުލަކަށްވުން. ކޮންމެ ސްކޫލަކީ ހުރިހާ ދަރިވަރުންނަށް އުނގެނުމަށް ފަހި ވަސީލަތްތަކާއި އާލާތްތައް ލިބެންހުރި ތަންތަނުގެ ގޮތުގައި ފަރުމާކުރުން. - ކާމިޔާބު ކަމާއެކު އެއް މަރުހަލާއިން އަ ނެއް މަރުހަލާއަށް ވާސިލުވުން
(Effective Transition)
ދަރިވަރުން ދިރިއުޅުމަށް ތައްޔާރު ކުރުމުގެ ގޮތުން ޅަފަތުގެ މަރުހަލާ، އުނގެނުމުގެ މަރުހަލާ، މަސައްކަތްތެރިކަމުގެ މަރުހަލާ ފަސޭހަކަމާއެކު ކަޑައްތު ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން. - ގާތުން ބެލުމާއި ވަޒަންކުރުމާއި ޒިންމާދާރު ކުރުން
(Monitoring, Evaluation and Accountability)
ދަރިވަރުން ށާމިލު ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި ތައުލީމީ ދާއިރާގެ ހުރިހާ ފަރާތްތައް ހިމެނޭ ގޮތަށް ސްކޫލު ފެންވަރުގައްޔާއި ސަރަހައްދީ ފެންވަރުގައި އަދި ގައުމީ ފެންވަރުގައި މޮނިޓަރކޮށް، ކަމާގުޅުންހުރި ފަރާތްތައް ޖަވާބުދާރީ ކުރާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން.
6 ވަނަ މާއްދާ - ށާމިލުކުރުމުގެ ގިންތިތައް
(ހ) މި ސިޔާސަތުގައި ދަރިވަރުން ގިންތިކޮށްފައިވަނީ، ދަރިވަރުންގެ ފަރުދީ ތަފާތުތަކަށް ރިއާޔަތްކޮށް، ކިޔަވައިދިނުމަށް ބޭނުންވާނެ ވަސީލަތްތަކާއި އާލާތްތައް ހޯދައިދިނުމަށާއި، އަދި އުނގަންނައިދިނުމަށް ކޮންމެހެން ގެންނަންޖެހޭ ތަފާތު ބަދަލުތަކަށް ސްކޫލުތަކާއި ކަމާގުޅުންހުރި އެންމެހައި ފަރާތްތައް އަހުލުވެރި ކުރުމަށެވެ. ވީމާ، ދަރިވަރުންގެ އިންސާނީ ކަރާމާތްނުގެއްލޭނެގޮތަށް ދަރިވަރުންގެ އަސްލު ނަން ނުވަތަ މި ސިޔާސަތުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 'ސްޓުޑެންޓްސް ވިތް ކޮމްޕްލެކްސް ލަރނިންގ ޕްރޮފައިލްސް' (Profiles Learning Complex with Students) މި ނަން ނުވަތަ މަފްހޫމް ބޭނުންކުރުމަށް ސަމާލުކަން ދިނުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސްޓުޑެންޓްސް ވިތް ކޮމްޕްލެކްސް ލަރނިންގ ޕްރޮފައިލްސްގެ ތެރޭގައި ހިމެނޭނީ، ތިރީގައި ބަޔާންކޮށްފައިވާ 3 ގިންތީގެ ދަރިވަރުންނެވެ.
-
ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން
މި ސިޔާސަތުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން ގިންތި ކޮށްފައިވާނީ، ގަވާއިދު ނަންބަރު 54/2021 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކޮބައިކަން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވައިލުމާއި، އެ ދަފްތަރު ބެލެހެއްޓުމުގެ ގަވާއިދު) އަސްލަކަށް ބަލައިގެންނެވެ.
1.1 ފެނުމުގެ ނުކުޅެދުންތެރިކަން
1.2 އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން
1.3 ޖިސްމާނީ ނުކުޅެދުންތެރިކަން
1.4 ސިކުނޑީގެ ނުކުޅެދުންތެރިކަން
1.5 މަލްޓިޕަލް ޑިސްއެބިލިޓީ (އެއް ނުކުޅެދުންތެރިކަމަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުރުން) -
އުނގެނުމުގައި ތަފާތު އެހީތެރިކަން ބޭނުންވާ ދަރިވަރުން
1.2 އުނގެނުމުގައި ތަފާތު މައްސަލަތައް ދިމާވާ ދަރިވަރުން
(Students with Learning Disabilities)
• ޑިސްލެކްސިއާ (Dyslexia with Students)
• ޑިސްގްރެފިއާ (Dysgraphia with Students)
• ޑިސްކަލްކިއުލާ (Dyscalculia with Students)
2.2 އާދަޔާހިލާފަށް ތޫނުފިލި އަދި ހުނަރުވެރި ދަރިވަރުން
(Students with Gifts and Talents)
2.3 އުނގެނުމުގައި ތަފާތު ދަތިތައް ކުރިމަތިވާ ދަރިވަރުން
(Students with Learning Difficulties)
2.4 އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ
(Students with Autism Spectrum Disorder)
2.5 ސަމާލުކަން ދަމަހައްޓަން ދަތިވުމުގެ ސަބަބުން ކިޔެވުމުގައި ތަފާތު މައްސަލަތައް ދިމާވާ ދަރިވަރުން
(Students with Attention-deficit Hyperactivity Disorder) -
ހާއްސަ ހާލަތްތައް ދިމާވާ ދަރިވަރުން
3.1 ގުދުރަތީ ކާރިސާއަކާ ގުޅިގެން ކިޔެވުމަށް ނޭދެވޭ އަސަރުފޯރާ ދަރިވަރުން (އާލަމީ ވަބާ، ކޯވިޑް-19 ،ސުނާމީ، އިމަރޖެންސީ ހާލަތްތައް)
3.2 ދަރިވަރުންނަށް ކުރާ ތަފާތު ގޯނާތަކާ ގުޅިގެން ކިޔެވުމަށް ނޭދެވޭ އަސަރުފޯރާ ދަރިވަރުން.
3.3 އާއިލީ ތަފާތު މައްސަލަތަކާހުރެ ކިޔެވުމަށް ނޭދެވޭ އަސަރުފޯރާ ދަރިވަރުން.
3.4 ތަފާތު އެކްސިޑެންޓްތަކުގެ ސަބަބުން ކިޔެވުމަށް ނޭދެވޭ އަސަރުފޯރާ ދަރިވަރުން.
3.5 ސިއްހީ އެއްވެސް މައްސަލައެއްގެ ސަބަބުން ކިޔެވުމަށް ނޭދެވޭ އަސަރުފޯރާ ދަރިވަރުން (ލޭއެޅުން، ނޭވާހިއްލުން، އަތުގައި ފެން އުފެދުން ފަދަ).
3.6 އެހެން ދަރިވަރެއްގެ ފަރާތުން ނުވަތަ މީހެއްގެ ފަރާތުން ހަނގާކުރުމުގެ ސަބަބުން ކިޔެވުމަށް ނޭދެވޭ އަސަރުފޯރާ ދަރިވަރުން.
3.7 ތަފާތު ކުށްކުށަށް ހުށަހެޅުމުގެ ސަބަބުން ކިޔެވުމަށް ނޭދެވޭ އަސަރުފޯރާ ދަރިވަރުން.
3.8 އިޖްތިމާއީ، ޖަޒްބާތީ، އަދި ނަފްސާނީ ތަފާތު މައްސަލަތައް ދިމާވުމުގެ ސަބަބުން ކިޔެވުމަށް ނޭދެވޭ އަސަރުފޯރާ ދަރިވަރުން (Students with Social, Emotional and Behavioral Difficulties)
3.9 ކާރިސާތަކާ ގުޅިގެން ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ ދިރިއުޅޭ ވަޒަން ގެއްލުމުގެ ސަބަބުން ކިޔެވުމަށް ނޭދެވޭ އަސަރުފޯރާ ދަރިވަރުން.
7 ވަނަ މާއްދާ - ށާމިލުކޮށްގެން ކިޔަވައިދޭނެ ގޮތްތައް
(ހ) މި ސިޔާސަތުގައި ހުރިހާ ދަރިވަރުން ށާމިލުކޮށްގެން ކިޔަވައިދިނުމަށް ބޭނުންކުރާ ގޮތްތައްމާނަކުރަނީ، ގާނޫނު ނަންބަރު 24/2020 (ތައުލީމުގެ ގާނޫނު) ގައި އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އަދުލުވެރި އަދި ހަމަހަމަ ފުރުސަތުތައްފަހިކޮށްދިނުމަށް އެކަށައަޅައިފައިވާ މިންގަނޑުތަކާއި އުނގަންނައިދިނުމުގައި ބޭނުންކުރާކާމިޔާބު ތަފާތު އެޕްރޯޗްތަކާއި، ފޯރުކޮށްދޭންޖެހޭ ވަސީލަތްތައް ބަޔާންކުރުމަށެވެ.
(ށ) އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދޭންވާނީއިންޑިވިޖުއަލައިޒްޑް ކަރިކިއުލަމް ޕްލޭން (އައި.ސީ.ޕީ) ތައްޔާރުކޮށް އެ ޕްލޭނާ އެއްގޮތްވާގޮތުގެމަތިންނެވެ.
(ނ) ދިވެހިރާއްޖޭގެ ގައުމީ މަންހަޖު (2015) ގެ ލަނޑުދަނޑިތައް ހުރިހާ ދަރިވަރުންނަށް ހާސިލުކޮށްދިނުމުގެގޮތުން ކިޔަވައިދިނުމުގައި އަންނަނިވި ގޮތްތައް ބޭނުންކުރަންވާނެއެވެ.
- ޔުނިވަރސަލް ޑިޒައިން ފޯރ ލަރނިންގ (Learning for Design Universal)
- ޑިފަރެންށިއޭޓަޑް އިންސްޓްރަކްށަން (Instruction Differentiated)
- ކޯޓީޗިންގ ސްޓްރެޓަޖީސް (Strategies Teaching-Co)
- ދަރިވަރުންގެ އުނގެނުމުގެ ހާލަތަށް ރިއާޔަތްކޮށް ކިޔަވައިދިނުމުގައި އެސިސްޓިވް ޓެކްނޮލޮޖީ (Technology Assistive) ބޭނުންކުރުން.
- ފޯމެޓިވް އެސެސްމަންޓުގެ (Assessment Formative) އަސާސްތަކާ އެއްގޮތަށްދަރިވަރުންގެ ފެންވަރު ވަޒަންކުރުން.
- ރެސްޕޮންސް ޓު އިންޓަރވެންށަން (Intervention To Response) ގެ އެހީގައިދަރިވަރުންގެ އިންޓަރވެންށަން ޕްލޭންތައް އެކުލަވައިލައި ތަންފީޒުކުރުން.
(ރ) ގާނޫނު ނަންބަރު 24/2020 (ތައުލީމުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ރ) ގައިބަޔާންކޮށްފައިވާ ހަމަތައް ހިފެހެއްޓުމަށް ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އިންކްލޫށަންގެ އަސާސްތަކާ އެއްގޮތަށް ތައުލީމު ފޯރުކޮށްދިނުމަށް ތިރީގައިވާ ވަސީލަތްތައް ސްކޫލުތަކުގައި ގާއިމުކުރަންވާނެއެވެ.
- ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ބްރެއިލް ނުވަތަ ޑިޖިޓަލް ޓެކްނޮލޮޖީ ނުވަތަ އެސިސްޓިވް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެއިންތިޒާމު ހަމަޖެއްސުން.
- އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް 'ސައިންލެންގުއޭޖް' ނުވަތަ ޑިޖިޓަލް ޓެކްނޮލޮޖީ ނުވަތަ އެސިސްޓިވް ޓެކްނޮލޮޖީގެ ވަސީލަތްތައްބޭނުންކޮށްގެން ކިޔަވައިދިނުމުގެ އިންތިޒާމު ހަމަޖެއްސުން.
- ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އުނގަންނައިދިނުމަށް'ޔުނިވަރސަލް އެކްސެސިބިލިޓީ' ގެ މިންގަނޑުތަކާ އެއްގޮތަށް ސްކޫލުގެ ކްލާސްރޫމް ،ލެބޯޓްރީ، ލައިބްރަރީ، ފާހާނާ ފަދަ ތަންތަން ފަރުމާކުރުން.
- ލިޔުމާއި ކިޔުމުގައި ތަފާތު މައްސަލަތައް ދިމާވާ ދަރިވަރުންނަށާއި ކަރުދާސް ފޮތް ބޭނުންކުރަން ދަތިވާ ދަރިވަރުންނަށް ކަރިކިއުލަމް ކޮންޓެންޓާއި ކިޔަވާ ފޮތްތައް ޑިޖިޓަލް ފޯމެޓުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
- ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމުގައި ދަރިވަރުންގެ އުނގެނުމުގެ ހާލަތަށް ރިއާޔަތްކޮށް އެސިސްޓިވް އަދި ޑިޖިޓަލް ޓެކްނޮލޮޖީގެ ހާއްސަ ވަސީލަތްތަކާއި އެހެނިހެން އާލާތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ގާއިމުކުރުން.
(ބ) އާދަޔާހިލާފަށް ތޫނުފިލި އަދި ހުނަރުވެރި ދަރިވަރުންނަށް އުނގަންނައިދިނުން ކުރިއަށް ގެންދިއުމަށް ތިރީގައިވާ އިންތިޒާމުތައް ސްކޫލުތަކުގައި ގާއިމު ކުރަންވާނެއެވެ.
- ތޫނުފިލި ހުނަރުވެރި ދަރިވަރުންނަށް ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރެއިން އުނގެނުމުގެ އަދުލުވެރި ފުރުސަތުތައް ހޯދައިދިނުމަށް 'ޑިފަރެންށިއޭޓެޑް އިންސްޓްރަކްށަން' އަދި 'ޕްރޮޖެކްޓް-ބޭސްޑް ލަރނިންގ' ނުވަތަ 'އިންކުއަރީ-ބޭސްޑް ލަރނިންގ' ގެ އުސޫލުތަކާ އެއްގޮތަށް އުނގަންނައިދިނުން ބައްޓަންކުރުން.
- ދަރިވަރުންގެ ތޫނުފިލިކަމާއި ހުނަރުތައް އިތުރަށް ތަރައްގީކޮށްދިނުމަށް 'ކްރިޓިކަލް އަދި ކްރިއޭޓިވް ތިންކިންގ' އަށް ހާއްސަ ޕްރޮގްރާމުތައް ސްކޫލުގައި ރާވައި ހިންގުމާއި، ކެރިއަރ ކައުންސެލިންގ އާއި ކެރިއަރ ގައިޑެންސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ސްކޫލުތަކުގައި ހަމަޖައްސައިދިނުން.
- ތޫނުފިލި އަދި ހުނަރުވެރި ދަރިވަރުންގެ އުނގެނުމުގެ ހާލަތަށް ރިއާޔަތްކޮށްގެން ކުރިއަށް ދެވޭނެ ތަފާތު ލެވަލްގެ 'ލަރނިންގ ޕަރތްވޭތައް' ގާއިމުކޮށްދީ، ވަޒީފާތަކަށް އަހުލުވެރި ކުރުމަށް ތަފާތު އިންޓާންށިޕް ޕްރޮގްރާމްތައް ރާވައި ހިންގުން.
(ޅ) މި ސިޔާސަތު އަމާޒުކުރާ ހުރިހާ ގިންތިއެއްގެ ދަރިވަރުންނަށް އެ ދަރިވަރެއްގެ އުނގެނުމުގެ ހާލަތަށް ރިއާޔަތްކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު އުނގެނުމަށްފަހި ށާމިލު ވެށްޓެއް ސްކޫލުތަކުގައި ގާއިމުކުރަންވާނެއެވެ. އަދި މި ނިޒާމުގެ ތެރެއިން ދަރިވަރުންނަށް އިތުރަށް ކުރިއަށް ދެވޭނެ ތަފާތު 'ލަރނިންގ ޕަރތްވޭތައް' ގާއިމުކޮށްދީ، ވަޒީފާތަކަށް އަހުލުވެރިކުރުމަށް ތަފާތު ލެވަލްގެ އިންޓާންށިޕް ޕްރޮގްރާމްތައް ރާވައި ހިންގަންވާނެއެވެ.
(ކ) މި ސިޔާސަތު އަމާޒުކުރާ ހުރިހާ ގިންތިއެއްގެ ދަރިވަރުންނަށް އެ ދަރިވަރެއްގެ ހާލަތަށް ރިއާޔަތްކޮށް، އިމްތިހާނުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ އެންމެހައި ބަދަލުތައް ގެންނަންވާނެއެވެ.
(އ) ދަރިވަރުން ށާމިލުކޮށްގެން ތައުލީމު ދިނުމުގައި ތިރީގައި ބަޔާންކޮށްފައިވާ 4 ޕްރޮގްރާމުގެ ތެރެއިން ދަރިވަރުގެ އުނގެނުމުގެ ހާލަތަށް ރިއާޔަތްކޮށް، އެކަށީގެންވާ ތައުލީމީ ޕްރޮގްރާމަކުން ފުރުސަތު ހޯދައިދޭންވާނެއެވެ.
-
ހޯމް-ބޭސްޑް ލަރނިންގ
މިއީ، އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ތެރެއިން ނުކުޅެދުންތެރިކަމުގެ ދަރަޖަ މަތިވުމުގެ ސަބަބުން ނުވަތަ އާލަމީ ވަބާއެއް ނުވަތަ ކާރިސާއަކާ ގުޅިގެން ނުވަތަ އެނޫންވެސް މަގުބޫލު ސަބަބަކާހުރެ ސްކޫލަށް ހާޒިރުވުމަށް އުޒުރުވެރިވާ ދަރިވަރުންނަށް ގޭގައި ދެވޭ ތައުލީމީ ޕްރޮގްރާމެވެ. -
ސްކޫލް ރެޑިނެސް
މިއީ، އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނާއި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން މެއިންސްޓްރީމް ނިޒާމުގެ ތެރެއިން ތައުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދީ، އުނގެނުމާއި އުނގަންނައިދިނުމުގެ މާހައުލަށް ދަރިވަރުން ތައްޔާރު ކުރުމަށް ހިންގާ ޕްރޮގްރާމެވެ. -
އަރލީ އިންޓަރވެންށަން
މިއީ، ފައުންޑޭށަން ސްޓޭޖު އުމުރުފުރާގެ ދަރިވަރުންގެ ތެރެއިން އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ނުކުޅެދުންތެރިކަމަށް ރިއާޔަތްކޮށް އުނގަންނައިދިނުމުގެ ހުނަރުތައް އިތުރަށް ތަރައްގީކޮށްދިނުމަށާއި، އަދި ރަސްމީ ތައުލީމީ ނިޒާމުގެ ތެރެއިން ފައުންޑޭށަން ސްޓޭޖުގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. -
މެއިންސްޓްރީމް އެޑިޔުކޭށަން
މިއީ، އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން މެއިންސްޓްރީމް ނިޒާމުގެ ތެރެއިން ހުރިހާ ދަރިވަރުން ށާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމަށް އެކުލަވައިލައިފައިވާ ޕްރޮގްރާމެކެވެ.
(ވ) އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ސްކޫލަށް ވެއްދުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭށަނުން ކަނޑައަޅައިފައިވާ އާންމު އުސޫލުތަކާ އެއްގޮތަށް އަމަލު ކުރަންވާނެއެވެ.
8 ވަނަ މާއްދާ - މިނިސްޓްރީ އޮފް އެޑިޔުކޭށަންގެ ޒިންމާ
(ހ) ހުރިހާ ދަރިވަރުން ށާމިލުކޮށްގެން ތައުލީމު ދިނުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭށަނުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.
- ހުރިހާ ދަރިވަރުން ށާމިލުކޮށްގެން ތައުލީމު ދިނުމުގެ ސިޔާސަތު ކަނޑައެޅުމާއި، އެ ސިޔާސަތު ތަންފީޒު ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ގާއިމު ކުރުމަށް މިިނިސްޓްރީ އޮފް އެޑިޔުކޭށަނުގެ ތަފާތު ޑިޕާޓްމަންޓުތަކާއި، ސެކްށަންތަކާއި، އަދި ސްކޫލުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ށާމިލުކުރުމުގެ ސަގާފަތެއް ރާއްޖޭގެ ސްކޫލުތަކުގައި އަށަގެންނެވުމަށް އިންކްލޫސިވް އެޑިޔުކޭށަންގެ އަސާސްތަކާއި، ބަހާތަކަށް، ފުށުނާރާނެހެން ތައުލީމީ ސިޔާސަތުތަކާއި، އުސޫލުތަކާއި، ގަވާއިދުތައް އެކުލަވަލައި ތަންފީޒުކުރުން.
- ދަރިވަރުންގެ ފަރުދީ ތަފާތުތަކަށް ރިއާޔަތްކޮށްގެން ކިޔަވައިދިނުމަށް ބޭނުންވާ ސްޕެށަލައިޒްޑް ޓީޗަރުންނާއި ފަންނީ ގާބިލު މީހުން ސްކޫލުތަކަށް ހަމަޖައްސައިދިނުން.
- ހުރިހާ ދަރިވަރުން ށާމިލުކޮށްގެން ކިޔަވައިދިނުމަށް ބޭނުންވާ އެސިސްޓިވް އަދި ޑިޖިޓަލް ޓެކްނޮލޮޖީގެ ހާއްސަ ވަސީލަތްތަކާއި އެހެނިހެން އާލާތްތައް ސްކޫލުތަކަށް ފޯރުކޮށްދިނުމަށް ހަރުދަނާ ނިޒާމެއް ގާއިމުކުރުން.
(ށ) 'އަރލީ އައިޑެންޓިފިކޭށަން އަދި އަރލީ އިންޓަރވެންށަން ޕްރޮގްރާމް' ހިންގުމަށް ވަކި އުސޫލެއް ނުވަތަ ގައިޑްލައިނެއް އެކުލަވައިލައި ކަމާބެހޭ މުއައްސަސާތަކާއި، ސްކޫލްތަކާއި، އަދި ކަމާބެހޭ އެހެނިހެން ފަރާތްތަކާ ގުޅިގެން އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަރުދަނާ ނިޒާމެއް ގާއިމުކުރުން.
(ނ) އިންކްލޫސިވް އެޑިޔުކޭށަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރުން.
(ރ) އާންމުން ހޭލުންތެރިކުރުމަށާއި އެކަމާބެހޭ އެންމެހައި ސިޔާސަތުތަކާއި، އުސޫލުތަކާއި، މައުލޫމާތު ފަސޭހައިން ލިބޭނެހެން މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށް ބެލެހެއްޓުން.
(ބ) މިނިސްޓްރީގެ ވެބްސައިޓާއި މީޑިއާގެ އެހެނިހެން ވަސީލަތްތަކުގައި 'އިންކްލޫށަން ޑިޖިޓަލް އެކްސެސިބިލިޓީ' ގެ މިންގަނޑުތައް ހިފެހެއްޓުން.
(ޅ) މުދައްރިސުން ތަމްރީނުކުރުމަށް ހިންގާ ހުރިހާ ކޯހެއްގައި އިންކްލޫސިވް އެޑިއުކޭށަންގެ ބައިތައް ހިމަނައިފައިވާކަން ކަށަވަރުކުރުން.
(ކ) ހުރިހާ ދަރިވަރުން ށާމިލްކޮށްގެން ތައުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހައި މައުލޫމާތު މޯލްޑިވްސް އެޑިޔުކޭށަން މެނޭޖްމަންޓް އިންފޮމޭށަން ސިސްޓަމް (މީމިސް) ގައި ހިމެނިފައިވާކަން ކަށަވަރު ކުރުމާއި، އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ސްޓެޓިސްޓިކްސް އަހަރަކު 1 ފަހަރު އާންމުކުރުން.
(އ) މި ސިޔާސަތު ތަންފީޒު ކުރަން ފެށުމަށްފަހު ކޮންމެ 5 އަހަރަކުން 1 ފަހަރު މުތާލިއާކުރުން.
9 ވަނަ މާއްދާ - ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭށަނުގެ ޒިންމާ
(ހ) ހުރިހާ ދަރިވަރުން ށާމިލުކޮށްގެން ތައުލީމު ދިނުމަށްޓަކައި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭށަނުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.
- ހުރިހާ ދަރިވަރުން ށާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށް 'ށާމިލުވެށި' ޔުނިވަރސަލް ޑިޒައިން ސްކޫލު ކޮންސެޕްޓް ސްކޫލުތަކަށް ތައާރުފު ކުރުން.
- ދަރިވަރުންގެ ތަފާތު ގިންތިތަކަށް އަމާޒުކޮށް މެއިންސްޓްރީމް ސްކޫލުތަކުގައި ހިންގުމަށް ފަރުމާކޮށްފައިވާ ސްޕެށަލައިޒްޑް ސެންޓަރުތައް 'އިންކްލޫށަން ރިސޯސް ސެންޓަރ' ތަކަށް ބަދަލު ކުރުމާއި، ސްޕެށަލް އެޑިޔުކޭށަން ކުލާސްތައް 'އިންކްލޫށަން ސަޕޯޓް' ކުލާސްތަކަށް ބަދަލުކުރުން.
- ދަރިވަރުންގެ ފަރުދީ ތަފާތުތަކަށް ރިއާޔަތްކޮށްގެން ކިޔަވައިދިނުމަށް ބޭނުންވާ މިންގަނޑުތަކާއި އުސޫލުތައް އެކުލަވައިލުން.
- އިންކްލޫސިވް އެޑިޔުކޭށަނާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށާއި، ކަމާގުޅޭ އެންމެހައި މައުލޫމާތުތަކާއި ސިޔާސަތުތަކާއި އުސޫލުތައް ފަސޭހައިން ލިބޭނެހެން ޑިޕާޓްމަންޓުގެ ވެބްސައިޓުގައި ށާއިއުކޮށް ބެލެހެއްޓުން.
(ށ) މި ސިޔާސަތުގެ 7 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ށާމިލުކޮށްގެން ކިޔަވައިދޭނެ ގޮތްތަކަށް ސްކޫލުގެ ވެރިންނާއި، ޓީޗަރުންނާއި، ބެލެނިވެރިންނާއި އަދި ކަމާގުޅުންހުރި އެންމެހައި ފަރާތްތައް އަހުލުވެރި ކުރުމަށް ތަފާތު ޕްރޮގްރާމުތައް ރާވައި ހިންގުން. އަދި މި ކަމުގައި ސްކޫލުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
(ނ) ހަރުދަނާ ރެފަރަލް ނިޒާމެއް ޑިޕާޓްމަންޓުގައި ގާއިމުކޮށް ސްކޫލުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
(ރ) އިންކްލޫސިވް އެޑިޔުކޭށަން ޕްރޮމޯޓު ކުރުމަށާއި ޓީޗަރުންގެ ފަންނީ ގާބިލުކަން އިތުރު ކުރުމަށް ސްކޫލުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ދާއިމީ ގޮތެއްގައި ލިބޭނެ ނިޒާމެއް ގާއިމުކުރުން.
(ބ) އިންކްލޫސިވް އެޑިޔުކޭށަނަށް މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސެމިނަރ އަދި ކޮންފަރެންސްތައް ބޭއްވުން.
(ޅ) އިންކްލޫސިވް އެޑިޔުކޭށަން ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމަށް ޓެކްނިކަލް ކޮމިޓީއެއް އެކުލަވައިލައި އެ ކޮމިޓީގެ ފަންނީ ލަފައާއި އިރުށާދާ އެއްގޮތަށް ސިޔާސަތު ތަންފީޒުކުރުން.
(ކ) އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ މައުލޫމާތު 'މީމިސް' މެދުވެރިކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުން. އަދި އެފަދަ ދަރިވަރުންގެ ކިޔެވުން ކުރިއަށްދާގޮތް ދެނެގަތުމާއި، ސްކޫލުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
(އ) 'އަރލީ އިންކްލޫށަން ޕްރޮގްރާމް' ހަރުދަނާގޮތެއްގައި ކުރިއަށް ގެންދާނެ ނިޒާމެއް ގާއިމުކުރުން.
(ވ) މި ސިޔާސަތު ހަރުދަނާ ގޮތެއްގައި ތަންފީޒުކުރާ ސްކޫލުތައް ފާހަގަކޮށް އެކަމުގެ އަގު ވަޒަން ކުރާނެ ނިޒާމެއް ގާއިމުކުރުން.
(މ) ޑިޕާޓްމަންޓުގެ ވެބްސައިޓާއި މީޑިޔާގެ އެހެނިހެން ވަސީލަތްތަކުގައި 'އިންކްލޫށަން ޑިޖިޓަލް އެކްސެސިބިލިޓީ'ގެ މިންގަނޑުތައް ހިފެހެއްޓުން.
10 ވަނަ މާއްދާ - ސްކޫލުތަކުގެ ޒިންމާ
(ހ) ހުރިހާ ދަރިވަރުން ށާމިލުކޮށްގެން ތައުލީމު ދިނުމަށްޓަކައި ސްކޫލްތަކުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.
- ސްކޫލުގައި ތިބި އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ތަފުސީ ލީ ރަޖިސްޓަރީއެއް ސްކޫލުގައި އެކުލަވައިލައި، ކޮންމެ އަހަރެއްގެ ސެޕްޓެންބަރުމަސް ނިމުމުގެ ކުރިން 'މީމިސް' ގައި އެ މައުލޫމާތުތައް ހިމެނިފައިވާކަން ކަށަވަރުކުރުން.
- އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އުނގެނުމުގެ ހާލަތު ވަޒަން ކުރުމަށް ސްކޫލުގައި ރިފަރަލް ނިޒާމެއް ގާއިމުކުރުން.
- ދަރިވަރުންގެ އުނގެނުމުގެ ހާލަތަށް ރިއާޔަތްކޮށް ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް މިނިސްޓްރީގެ ތަފާތު ގުނަވަންތަކާއެކު މަސައްކަތްކުރުން.
(ށ) 'ޔުނިވަރސަލް އެކްސެސިބިލިޓީ' ގެ މިންގަނޑުތަކާ އެއްގޮތަށް ސްކޫލުގެ އިމާރާތް ފަރުމާކުރުމަށާއި، ބޭނުންވާ ވަސީލަތްތައް ހޯދުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު ގުޅިގެން މަސައްކަތްކުރުން. (މިސާލު: ސްކޫލުގެ ލައިބްރަރީ، ލެބޯޓަރީ، ފާހާނާ ފަދަ ތަންތަން، ހުރިހާ ދަރިވަރުންނަށް ވެސް ފަސޭހަކަމާއެކު ބޭނުން ކުރެވޭނެގޮތަށް ފަރުމާކުރުމަށް ރަށުކައުންސިލާއި ތަފާތު ޖަމާއަތްތަކުގެ އެހީތެރިކަން ހޯދުން).
(ނ) އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ރަސްމީ ތައުލީމުގެ ތެރެއިން އުނގެނުމާއި ހުނަރު ދަސްކުރުމާއި ކުޅިވަރާއި އަދި އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުގެ އަދުލުވެރި އަދި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުން.
(ރ) އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އިންޑިވިޖުއަލައިޒްޑް ކަރިކިއުލަމް ޕްލޭނެއް (އައި.ސީ.ޕީ) ތައްޔާރުކޮށްގެން ކިޔަވައިދިނުމާއި، ކޮންމެ ޓަރމެއްގައި މަދުވެގެން 1 ފަހަރު އެ ޕްލޭން މުތާލިއާކޮށް ގެންނަން ފެންނަ ބަދަލުތައް ބެލެނިވެރިޔާ އާ ހިއްސާކުރުން.
(ބ) ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭށަނުން ކަނޑައަޅާ ހާއްސަ އުސޫލުތަކާ އެއްގޮތަށް ސްކޫލުގައި 'އިންކްލޫށަން ކޮމިޓީއެއް' އުފައްދައި، އެ ކޮމެޓީގެ މަށްވަރާގެ މަތީން ށާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
(ޅ) 'އަރލީ އިންކްލޫށަން' ސްކޫލުގައި ތައާރުފު ކުރުމަށް ބޭނުންވާނެ އިންތިޒާމުތައް ހަމަޖެއްސުމަށް މިނިސްޓްރީގެ ތަފާތު ގުނަވަންތަކާއެކު މަސައްކަތްކުރުން.
(ކ) ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންގެ ތެރެއިން އިތުރު ވަގުތާއި ހާއްސަ އެހީތެރިކަން ލިބިގެން މެނުވީ އުނގަންނައިދިނުން ކުރިއަށް ނުގެންދެވޭނެ ދަރިވަރުންނަށް ސްކޫލުގެ 'އިންކްލޫށަން ކޮމެޓީ' ގެ މަށްވަރާގެ މަތިން އުމުރުން 21 އަހަރު ފުރެންދެން އުނގެނުމުގެ ފުރުސަތު ހޯދައިދިނުން.
11 ވަނަ މާއްދާ - ބެލެނިވެރިޔާގެ ޒިންމާ
ހުުރިހާ ދަރިވަރުން ށާމިލުކޮށްގެން ތައުލީމު ދިނުމަށްޓަކައި އެ ދަރިވަރުންގެ ބެލެނިވެރިންގ ފަރާތުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.
- .ދަރިވަރު ގަވާއިދުން ސްކޫލަށް ފޮނުވައި، ދަރިވަރުގެ އުނގެނުން ކުރިއަށްދާ މިންވަރު ދެނެގަތުން.
- ދަރިވަރުންގެ މެޑިކަލް ރިޕޯޓުތައް ބަލަހައްޓައި، ދަރިވަރަށް އަންނަ ބަދަލުތައް ގަވާއިދުން ދަރިވަރު ނިސްބަތްވާ ސްކޫލާ ހިއްސާކުރުން.
- ދަރިވަރުގެ ކަރިކިއުލަމް ޕްލޭން އިވެލުއޭޓްކުރުމުގައި ޓީޗަރުންނަށް ފުރިހަމަ އެއްބާރުލުން ދީ އެހީތެރިވުން.
- ދަރިވަރުގެ އުޅުމަށް އެއްވެސް ބަދަލެއް އަންނަމުންދާކަން ފާހަގަ ކުރެވިއްޖެނަމަ، ކަމާގުޅޭ ފަރާތްތަކާ މަށްވަރާކޮށް އެކަން ސްކޫލާ ހިއްސާކުރުން.
- ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން 'ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު' ގައި ރަޖިސްޓަރީކުރުމާގުޅޭ އެންމެހައި ކަންތައްތައް ކުރުން.
- ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ގާނޫނުތަކުން ލިބެން ލާޒިމުކުރާ އެންމެހައި ހައްގުތައް ދަރިވަރަށް ލިބޭކަން ކަށަވަރު ކުރުން.
12 ވަނަ މާއްދާ - ރިފަރަލް ނިޒާމް
(ހ) މި ސިޔާސަތުގައި ރިފަރަލް ނިޒާމު ކަމުގައި ބަޔާންކޮށްފައިވަނީ، ދާއިމީ ގޮތެއްގައި ދަރިވަރުގެ ކިޔެވުމާ ގުޅޭގޮތުން އެއްކުރެވޭ މައުލޫމާތުގެ އަލީގައި، ދަރިވަރުގެ އުނގެނުމުގެ ހާލަތު ވަޒަންކޮށް އަދި އެ ދަރިވަރަކަށް އެންމެ އެކަށޭނަ ތައުލީމީ ޕްރޮގްރާމެއް ކަނޑަޅައި، އެ ޕްރޮގްރާމް މެދުވެރިކޮށް އުނގަންނައިދިނުމަށް ބޭނުންކުރާ ނިޒާމެއްގެ ގޮތުގައެވެ.
(ށ) މި ނިޒާމުގައި އުނގެނުމުގެ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ކިޔެވުމާ ގުޅޭގޮތުންހޯދަންޖެހޭ މައުލޫމާތުތައް ސްކޫލުތަކުން ހޯދުމުގައި ތިރީގައިވާ ކަންތައްތައް ފުރިހަމަ ކުރަންވާނެއެވެ.
- ދަރިވަރުންގެ އުނގެނުމާ ގުޅުންހުރި ތަފާތު ދާއިރާތަކުން މައުލޫމާތު ހޯދުން.
- ދަރިވަރުގެ އުނގެނުމުގެ ހާލަތު އިތުރަށް ދެނެގަތުމަށް ފީލްޑްވިޒިޓް، އިންޓަރވިއު އަދިއޮބްޒަރވޭށަން ހެދުން.
- ދަރިވަރާ ގުޅޭ މައުލޫމާތު އެއްކުރުމުގައި ކޭސް ދިރާސާ ކުރެވޭނޭގޮތަށް ދަރިވަރުގެސަކްސަސް ސްޓޯރީއާއި ދަރިވަރަށް ކުރިމަތިވާ ގޮންޖެހުންތަކާއި އިތުރަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަވާނޭހެން ތަހުލީލީ ނަޒަރަކުން ދަރިވަރާ ގުޅޭ މައުލޫމާތުއެއްކުރުން.
(ނ) އެއްކުރެވުނު މައުލޫމާތުގެ އަލީގައި ސްކޫލުން ދަރިވަރުގެ ނީޑް އެނަލިސިސް ހަދަންވާނެއެވެ .މިގޮތުން ދަރިވަރުންގެ ނީޑް އެނަލިސިސް ހެދުމުގައި ތިރީގައިވާ ކަންތައްތަކަށް ސަމާލުކަންދިނުން.
- ޑައިގްނޯސް ކުރެވިފައިވާ ދަރިވަރުންނާއި، އުނގެނުމުގައި އިތުރު އެހީތެރިކަން ބޭނުންވާ ދަރިވަރުންގެ ލިސްޓު ތައްޔާރު ކުރުން.
- ދަރިވަރުންގެ ތެރެއިން ފަންކްށަނަލް އެސެސްމަންޓް އިތުރަށް ހަދަންޖެހޭ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންގެ އެސެސްމަންޓް ހެދުން.
- އެސެސްކުރެވުނު ގޮތުގެ މަތިން ދަރިވަރުންނަށް އުނގަންނައިދިނުމަށް ކަނޑައަޅައިފައިވާ ޕްރޮގްރާމް ހަމަޖައްސައި، ބޭނުންވާ ވަސީލަތްތަކާއި ޕްރޮގްރާމުތައް ކަނޑައެޅުން.
- އިތުރު އެހީތެރިކަން ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެސެސްމަންޓާއި އިންޓަރވެންށަން ޕްލޭންތައް އެކުލަވައިލުން.
- ރިފަރަލް ނިޒާމަށް ސްކޫލާއި ޓީޗަރުން އަދި ބެލެނިވެރިން އަހުލުވެރި ކުރުމަށް ތަފާތު ޕްރޮގްރާމްތައް ރާވައި ހިންގުން.
(ރ) ރިފަރަލް ނިޒާމުގައި ބަޔާންކޮށްފައިވާ ދަރިވަރުންގެ މައުލޫމާތު 'މީމިސް' ގައި ރެކޯޑުކުރުމާއެކު އެ ރެކޯޑުތައް ސްކޫލުން ބަލަހައްޓައި މޮނިޓަރ ކުރަންވާނެއެވެ.
13 ވަނަ މާއްދާ - މޮނިޓަރިން، އިވެލުއޭށަން އަދި އެކައުންޓަބިލިޓީ
(ހ) މި ސިޔާސަތުގައި މޮނިޓަރިންގ އިވެލުއޭށަން އަދި އެކައުންޓަބިލިޓީ މާނަ ކުރަނީ، މުޅި ސްކޫލް ހިމެނޭގޮތަށް ށާމިލު ކުރުމުގެ ސިޔާސަތު ތަންފީޒު ކުރާގޮތާއި މިންވަރު ބަލައި ދިރާސާކޮށް، ތައުލީމީ ނިޒާމަށާއި ވަކިވަކި ސްކޫލްތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ސްކޫލްތައް މޮނިޓަރކުރެވޭނީ ތިރީގައިވާ ފިޔަވަހިތަކަށް ބަހައިލައިގެންނެވެ.
- ސްކޫލް ފެންވަރުގައި މޮނިޓަރކުރުން (ސްކޫލް ސެލްފް އިވެލުއޭށަން)
- ސަރަހައްދީ ފެންވަރުގައި މޮނިޓަރކުރުން (ޓީޗަރ ރިސޯސްސެންޓަރުތަކާއި، ސަރަހައްދީ ހަބް ސްކޫލުތަކުން ލީޑް ކުރާގޮތަށް އިވެލުއޭށަން ކުރިއަށް ގެންދިއުން)
- މަރުކަޒީ ފެންވަރުގައި މޮނިޓަރކުރުން (ކޮލިޓީ އެށުއަރަންސް ޑިޕާޓްމަންޓުން މޮނިޓަރކޮށް އިވެލުއޭށަން ކުރިއަށް ގެންދިއުން)
(ނ) ސްކޫލު އަދި ސަރަހައްދީ ފެންވަރުގެ މޮނިޓަރިންގ އިވެލުއޭށަން އަދި އެކައުންޓަބިލިޓީގެ އެންމެހައި ކަންތައް ކުރަންވާނީ، ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭށަނުގެ 'މޮނިޓަރިންގ ފްރޭމްވާރކް ފޮރ އިންކްލޫސިވް އެޑިޔުކޭށަން' ގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ރ) ސްކޫލްތައް އިވެލުއޭޓް ކުރުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ސްކޫލުގެ ހުރިހާ ދާއިރާއަކުން ބައިވެރިން ހިމެނޭ ގޮތަށް އިވެލުއޭށަން ކޮމިޓީއެއް ގާއިމުކުރުން.
- ށާމިލުކުރުމުގައި ދިމާވާ ދަތިތައް ދެނެގަތުމަށް ބެލެނިވެރިން ދަރިވަރުން އަދި ސްކޫލު ގެ އެންމެހައި މުވައްޒަފުންގެ ހިޔާލު ހޯދުމަށްފަހު އިވެލުއޭށަން ކޮމިޓީގައި މަށްވަރާ ކުރެވި ހުށަހެޅިފައިވާ ހިޔާލުތަކަށް ހައްލު ހުށަހެޅުން.
(ބ) މި ސިޔާސަތު ތަންފީޒު ކުރުމަށް ހަމަޖެހިފައިވަނީ ހުރިހާ ދަރިވަރުން ށާމިލުކޮށްގެން ތައުލީމު ދިނުމަށް ބޭނުންވާނެ މަރުކަޒީ، ސަރަހައްދީ އަދި ސްކޫލް ފެންވަރުގައި ވަސީލަތްތަކާއި އާލާތްތައް ނިޒާމީގޮތެއްގައި ފޯރުކޮށްދީގެން ކަމަށްވާތީ، މޮނިޓަރިންގ އިވެލުއޭށަން އަދި އެކައުންޓަބިލިޓީގެ އެންމެހައި ކަންތައް ކުރިއަށް ގެންދަންވާނީ ދެމެހެއްޓެނިވި އަދި ހަރުދަނާގޮތެއްގެމަތިންނެވެ.
(ޅ) މި ސިޔާސަތު ތަންފީޒު ކުރުމުގައި ކާރިސާތަކުގައި އަމަލު ކުރުމަށް ކަނޑައަޅައިފައިވާ އުސޫލުތަކާއި މިނިސްޓްރީ އޮފް އެޑިޔުކޭށަނުގެ 'އިމަޖެންސީ ރެސްޕޮންސް ޕްލޭން' ގައި ބަޔާން ކުރެވިފައިވާ މައިގަނޑު ކަންތައްތަކަށް ސަމާލުކަންދީގެން ސިޔާސަތު ތަންފީޒު ކުރުމާއި މޮނިޓަރިންގ ކުރިއަށް ގެންދަންވާނެއެވެ.
ޖަދުވަލު 1
މި ސިޔާސަތުގައި ބޭނުންކ ޮށްފައިވާ ހާއްސަ ލަފުޒުތަކާއި އި ބާރާތްތައް މާނަކުރާ ގޮތް
# |
ލަފުޒު |
މާނަކުރުން |
1. |
އިންކްލޫސިވް އެޑިޔުކޭށަނ |
ކަމަށް ބުނެފައި އެވަނީ، އެ ދަރިވަރެއްގެ ގާބިލުކަން ތަންދިން އެންމެ ފުޅާ ދާއިރާއެއްގައި ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރެއިން އެ އުމުރުފުރާގެ އެހެން ދަރިވަރުންނާއެކު އުނގެނުމާއި، ހުނަރު ދަސްކުރުމާއި، ކުޅިވަރާއި، އިތުރު ހަރަކާތްތަކުގައި ބައިވެރިވެވޭނެ ފުރުސަތުތައް ހަމަހަމަކަމާއި އަދުލުވެރިކަމާއެކު ލިބިދެވޭނެ ތައުލީމީ ނިޒާމަށެވެ. |
2. | ސްޓޫޑެންޓް ވިތް ކޮމްޕްލެކްސް ލަރނިންގ ޕްރޮފައިލް (Student with complex learning profile |
ކަމަށް ބުނެފައި އެވަނީ، އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ހުރިހާ ގިންތިއެއްގެ އެންމެހައި ދަރިވަރުން އެއީ ނުކުޅެދުންތެރިކަންހުންނަ ދަރިވަރުންނާއި، އާދަޔާހިލާފަށް ތޫނުފިލި ހުނަރުވެރި ދަރިވަރުންނާއި، އުނގެނުމުގައި ތަފާތު އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނާއި ހާއްސަ ހާލަތްތައް މެދުވެރިވެގެން ކިޔެވުމަށް ނޭދެވޭ އަސަރުފޯރާ ދަރިވަރުންނާއި، އިޖްތިމާއީ، ނަފްސާނީ، އަދި ޖަޒުބާތީ ގޮތުން ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ ކިޔެވުމަށް ނޭދެވޭ އަސަރު ފޯރަފާނެ އެންމެހައި ދަރިވަރުންނަށެވެ. 'ސްޓޫޑެންޓް ވިތް ކޮމްޕްލެކްސް ލަރނިންގ ޕްރޮފައިލަށް މި ސިޔާސަތުގައި ދިވެހިބަހުން ބޭނުންކުރާނީ، 'އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން' މިގޮތަށެވެ. |
3. | .ހުރިހާ ދަރިވަރުން ށާމިލުކުރުމުގެ ގިންތިތައް |
ކަމަށް ބުނެފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި އުނގެނުމުގައި ތަފާތު އެހީތެރިކަން ބޭނުންވާ ދަރިވަރުންނާއި ހާއްސަ ހާލަތްތައް މެދުވެރިވެގެން ކިޔެވުމަށް ނޭދެވޭ އަސަރު ފޯރާފައިވާ ދަރިވަރުންނަށެވެ. |
4. | އިންޑިވިޖުއަލައިޑްޒް ކަރިކިއުލަމް ޕްލޭން (އައި.ސީ.ޕީ) |
ކަމަށް ބުނެފައި އެވަނީ، އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ވަކިވަކި ދަރިވަރުންނަށް ހާއްސަކޮށްގެން ގައުމީ މަންހަޖުގައި ހިމެނޭ ބައިތަކާއި ދަރިވަރު ދިރިއުޅުމަށް ތައްޔާރު ކުރުމަށް ބޭނުންވާ ހުނަރުތަކާއި މައިގަނޑު ގާބިލިއްޔަތުތައް ބަޔާންކޮށް ތައްޔާރުކުރެވޭ ފަރުދީ އުނގެނުމުގެ ކަރިކިއުލަމް ޕްލޭނަށެވެ. |
5. | އާރލީ އައިޑެންޓިފިކޭށަން | ކަމަށް ބުނެފައި އެވަނީ، އިތުރު އެހީތެރިކަން ބޭނުންވާ ކުދިން، ޅަފަތުގައި ދެނެގަތުމަށް ބޭނުންކުރާ ނިޒާމަށެވެ. |
6. | އަރލީ އިންޓަރވެންށަން | ކަމަށް ބުނެފައި އެވަނީ، އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ހުނަރުތައް ޅަފަތުގައި ތަރައްގީ ކުރުމަށް އެކުލަވައިލެވޭ ނިޒާމަށެވެ. |
7. | އިންކްލޫށަން ސަޕޯޓް ކްލާސް | ކަމަށް ބުނެފައި އެވަނީ، އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ތަފާތު ގިންތިތަކަށް އަމާޒުކޮށް ތައުލީމު ފޯރުކޮށްދިނުމަށް ތައްޔާރު ކުރެވިފައިވާ ރިސޯސް ޔުނިޓުތަކަށެވެ. |
8. | ހަބް ސްކޫލް | ކަމަށް ބުނެފައި އެވަނީ، އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ސަރަހައްދީ ފެންވަރުގައި ތައުލީމު ފޯރުކޮށްދިނުމަށް ކަނޑައަޅައިފައިވާ ސްކޫލަށެވެ. |
9. | މެއިންސްޓްރީމް ކްލާސް | ކަމަށް ބުނެފައި އެވަނީ، ގައުމީ މަންހަޖުގައި ހިމެނޭ ބައިތަކަށް އަމާޒުކުރެވިގެން ގަވާއިދުން ކިޔަވައިދޭ އާންމު ކްލާސްތަކަށެވެ. |
10. | އުނގެނުމުގައި ތަފާތު އެހީތެރިކަން ބޭނުންވާ ދަރިވަރުން |
ކަމަށް ބުނެފައި އެވަނީ، އާދަޔާހިލާފު ތޫނުފިލިކަމެއް ހުންނަ ދަރިވަރުން ނުވަތަ އުނގެނުމުގައި ތަފާތު ދަތިތައް ކުރިމަތިވާ ދަރިވަރުން ނުވަތަ އުނގެނުމުގައި ތަފާތު މައްސަލަތައް ދިމާވާ ދަރިވަރުން ނުވަތަ އުނގެނުމާއި އުނގަންނައިދިނުމަށް އިތުރު އެހީއާއި ވަސީލަތްތަކަށް ބޭނުންވާ ދަރިވަރުންނެވެ. |
11. | ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން |
ކަމަށް ބުނެފައި އެވަނީ، ޖިސްމާނީގޮތުން ހަށިގަނޑުގެ ގުނަވަނަކަށް އުނިކަން ލިބިފައިވުމުގެ ސަބަބުން، ނުވަތަ ބުއްދީގެގޮތުން ނުވަތަ، ސިއްހީ މައްސަލައަކާ ހުރެ ނުވަތަ ނަފްސާނީ އުނދަގުލަކާ ހުރެ ނުވަތަ މުޖުތަމައުގައި ހުރި ހުރަސްތަކުގެ ސަބަބުން އަމިއްލައަށް ކަންކަން ކުރުމަށް ނުކުޅެދުންތެރިވެ އިތުރު އެހީތެރިކަން ބޭނުންވާ ހާލަތުގައި ތިބޭ ދަރިވަރުންނަށެވެ. |
12. | ހާއްސަ ހާލަތްތައް ދިމާވާ ދަރިވަރުން |
ކަމަށް ބުނެފައި އެވަނީ، ގުދްރަތީ ކާރިސާއެއްގެ ސަބަބުން ނުވަތަ އާއިލީ މައްސަލައެއްގެ ނުވަތަ ލިބޭ ގޯނާއެއްގެ ނުވަތަ އެކްސިޑެންޓެއްގެ ނުވަތަ ސިއްހީ އުނދަގުލެއްގެ ނުވަތަ އެކިއެކި ކުށްތަކަށް ހުށަހެޅުމުގެ ސަބަބުން، ކިޔެވުމަށް ތަފާތު ދަތިތަކާ ކުރިމަތިލާން ޖެހި ކިޔެވުމަށް ނޭދެވޭ އަސަރުފޯރާ ދަރިވަރުންނާއި، އިޖްތިމާއީ، ނަފްސާނީ، އަދި ޖަޒުބާތީ ގޮތުން ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ ކިޔެވުމަށް ނޭދެވޭ އަސަރު ފޯރަފާނެ އެންމެހައި ދަރިވަރުންނަށެވެ. |
13. | ށާމިލުވެށި | ކަމަށް ބުނެފައި އެވަނީ، ޔުނިވަރސަލް ޑިޒައިން ފޮރ ލަރނިންގގެ އަސާސްތަކާ އެއްގޮތަށް ހުރިހާ ކުދިންނަށް އުނގެނެން ފަހި ސްކޫލެއް ބިނާ ކުރުމަށް ފަރުމާކޮށްފައިވާ ކޮންސެޕްޓަށެވެ. |
ކިޔުންތެރިންގެ ހިޔާލު