-

ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރ 20/2010) ތަންފީޒުކުރުމުގައި އަމަލުކުރާ އުސޫލު

(އުސޫލު - 13 ސެޕްޓެމްބަރ 2011)

 

1 ވަނަ މާއްދާ - ތައާރުފު

މިއީ ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 20/2010) ތަންފީޒުކުރުމުގައި ޓޫރިޒަމާބެހޭ މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން އަމަލުކުރާނެ އުސޫލެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި އުސޫލު އެކުލަވާލުމުގެ މަގްސަދަކީ، މަތީގައި ބަޔާންކުރެވިފައިވާ ގަވާއިދު ތަންފީޒުކުރުމުގައި އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމާއި، ގަވާއިދުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުމުގައި ހަމަހަމަކަމާއެކު އަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - އުސޫލުގެ ދާއިރާ

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 7 ވަނަ މާއްދާގެ ދަށުން، ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުން ސަރުކާރަށް ދައްކަންޖެހޭ ކުލި ނުވަތަ ކުލި ދައްކަންޖެހޭ ތާރީހަށް ނުދެއްކުމުން ކުރެވޭ ޖޫރިމަނާ، ކަނޑައަޅާފައިވާ ތާރީހަށް ހަމައަށް ދައްކާފައިނުވާނަމަ، މި ތަންތަން ކުއްޔަށް ހިފާފައިވާ ފަރާތްތަކާއި އަދި ހިންގާ ފަރާތްތަކާމެދު ގަވާއިދުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީއާއި ފިނޭންސް މިނިށްޓްރީއާއި އެމް.އައި.އާރ.އޭ އިން އަޅަންޖެހޭ އެންމެހައި ފިޔަވަޅެއް އަޅަންވާނީ މި އުސޫލުގައިވާ ގޮތުގެމަތިންނެވެ.

 

4 ވަނަ މާއްދާ - ކުލި އަދި ޖޫރިމަނާ ދެއްކުމަށް އެންގުން.

ޓޫރިސްޓް ރިޒޯޓަކުން ނުވަތަ ޓޫރިސްޓް ހޮޓަލަކުން ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި ނުވަތަ ކުލި ދައްކަންޖެހޭ ތާރީހަށް ނުދެއްކުމުން ކުރެވޭ ޖޫރިމަނާއާއެކު، ކުލި ދެއްކުމަށް ކަނޑައަޅާފައިވާ ތާރީހަށް އެއްެވެސް ފަރާތަކުން، އެ ފައިސާ ނުދައްކައިފިނަމަ، އެ ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް އެމް.އައި.އާރ.އޭ އިން ލިޔުމުން އެކަން އަންގަންވާނެއެވެ. އަދި މި އެންގުމުގެ ކޮޕީއެއް ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ފޮނުވަންވާނެއެެވެ.

 

5 ވަނަ މާއްދާ - ފައިސާ ދެއްކުމަށް އަންގާ ފުރަތަމަ ނޯޓިސް

ޓޫރިސްޓް ރިޒޯޓަކުން ނުވަތަ ޓޫރިސްޓް ހޮޓަލަކުން ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި ނުވަތަ ކުލި ދައްކަންޖެހޭ ތާރީހަށް ނުދެއްކުމުން ކުރެވޭ ޖޫރިމަނާއާއެކު ކުލި ދައްކަންޖެހުނު ތާރީހުން ފެށިގެން 30 ދުވަސް ހަމަވާއިރު ފައިސާ ނުދައްކާ އެއްވެސް ފަރާތެއްވާނަމަ، އެކަން އެމް.އައި.އާރ.އޭ ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އަންގަންވާނެއެވެ. އަދި މި މައުލޫމާތު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެ ފަރާތަކަށް ފައިސާ ދެއްކުމަށް ލިޔުމުން އަންގަންވާނެއެވެ. މި އެންގުމުގައި، ފައިސާ ދައްކަންޖެހުނު ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ފައިސާ ހަމައަށް ނުދައްކައިފިނަމަ، އެ ފައިސާ ދެއްކުން ބިނާވާ، ތަން ހިންގުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ، ގަވާއިދުގެ 5 ވަނަ މާއްދާގެ (ވ) އަދި (މ) ގައިވާ ގޮތުގެމަތިން ވަގުތީ ގޮތުން ހިފެހެއްޓޭނެކަން ބަޔާންކުރުމުގެ އިތުރުން ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ. އަދި މިފަދަ ކޮންމެ އެންގުމެއްގެ ކޮޕީއެއް، އެ ތަނެއް ހިންގުމުގެ ހުއްދަ ދޫކުރެވިފައިވާ ފަރާތަށް އަދި އެމް.އައި.އާރ.އޭ އަށް ފޮނުވަންވާނެއެެވެ.

(ހ) ނުދައްކާ އޮތް ފައިސާގެ އަދަދުތަކާއި އޭގެ ތަފުސީލު؛

(ށ) އެ އެންގުން ފޮނުވުމަކުން، އެ ފަރާތަކުން ދައްކަންޖެހޭ ފައިސާ ހޯދުމަށް ގަވާއިދުގެ ދަށުން އެމް.އައި.އާރ.އޭ އަށް ލިބިދޭ ބާރަކަށް އެއްވެސް އުނިކަމެއް ނާންނާނެކަމާއި، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އެ އޮތޯރިޓީއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކަށް ހުރަހެއް ނޯންނާނެކަމާއި، އަދި ފައިސާ ނުދައްކާ ފަރާތާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ ބާރު އެމް.އައި.އާރ.އޭ އަށް ލިބިގެންވާކަން؛

(ނ) ފައިސާ ދައްކަންޖެހުނު ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަސް ހަމަވާ ތާރީހު.

 

6 ވަނަ މާއްދާ - ފައިސާ ދެއްކުމަށް އަންގާ ދެވަނަ ނޯޓިސް

ޓޫރިސްޓް ރިޒޯޓަކުން ނުވަތަ ޓޫރިސްޓް ހޮޓަލަކުން ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި ނުވަތަ ކުލި ދައްކަންޖެހޭ ތާރީހަށް ނުދެއްކުމުން ކުރެވޭ ޖޫރިމަނާއާއިއެކު ފައިސާ ދައްކަންޖެހުނު ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަސް ހަމަވާއިރު އެއްވެސް ފަރާތަކުން، އެ ފައިސާ ނުދައްކާވާނަމަ، އެކަން އެމް.އައި.އާރ.އޭ އިން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އަންގަންވާނެއެވެ. އަދި މި މައުލޫމާތު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެ ފަރާތަކަށް ފައިސާ ދެއްކުމަށް ލިޔުމުން އަންގަންވާނެއެވެ. މި އެންގުމުގައި، ފުރަތަމަ ފައިސާ ދައްކަންޖެހުނު ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ފައިސާ ހަމައަށް ނުދައްކައިފިނަމަ، އެ ފައިސާ ދެއްކުން ބިނާވާ، ތަން ހިންގުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ، ގަވާއިދުގެ 5 ވަނަ މާއްދާގެ (ވ) އަދި (މ) ގައިވާ ގޮތުގެމަތިން ވަގުތީ ގޮތުން ހިފެހެއްޓޭނެކަން ބަޔާންކުރުމުގެ އިތުރުން މި އުސޫލުގެ 5 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) ގައިވާ މައުލޫމަތު ހިމަނަންވާނެއެވެ.

 

7 ވަނަ މާއްދާ - ފައިސާ ދެއްކުމަށް އަންގާ ފައިނަލް ނޯޓިސް

ޓޫރިސްޓް ރިޒޯޓަކުން ނުވަތަ  ޓޫރިސްޓް ހޮޓަލަކުން ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި ނުވަތަ ކުލި ދައްކަންޖެހޭ ތާރީހަށް ނުދެއްކުމުން ކުރެވޭ ޖޫރިމަނާ ދައްކަންޖެހުނު ތާރީހުން ފެށިގެން 75 (ހަތްދިހަ ފަހެއް) ދުވަސް ހަމަވާއިރު ފައިސާ ނުދައްކާވާ އެއްވެސް ފަރާތެއްވާނަމަ، އެކަން އެމް.އައި.އާރ.އޭ އިން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އަންގަންވާނެއެވެ. އަދި މި މައުލޫމާތު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެ ފަރާތަކަށް ފައިސާ ދެއްކުމަށް ލިޔުމުން އަންގަންވާނެއެވެ. މި އެންގުމުގައި، ފައިސާ ދައްކަންޖެހުނު ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ފައިސާ ހަމައަށް ނުދައްކައިފިނަމަ، އެ ފައިސާ ދެއްކުން ބިނާވާ، ތަން ހިންގުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ، ގަވާއިދުގެ 5 ވަނަ މާއްދާގެ (ވ) އަދި (މ) ގައިވާ ގޮތުގެމަތިން ވަގުތީ ގޮތުން ހިފެހެއްޓޭނެކަމާއި މި އުސޫލުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެެވެ.

(ހ) އެ އެންގުމަކީ، ހުއްދަ ހިފެހެއްޓުމާއި ހަމައަށް އެ ފަރާތަށް ދެވޭ ފަހުގެ އިންޒާރުކަން؛

(ށ) ހުއްދަ ހިފެހެއްޓިއްޖެނަމަ އެ ހުއްދަ އަލުން ދެވޭނީ އެ ފަރާތަކުން ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސްކުރުމުންކަން؛

(ނ) އެއްވެސް ފަރާތަކަށް ދެވިފައިވާ ހުއްދަ، ގަވާއިދުގެ ދަށުން ވަގުތީގޮތުން ހިފެހެއްޓިއްޖެނަމަ، ހުއްދަ ހިފެހެއްޓުނުއިރު އެ ތަނެއްގައި ތިބި ފަތުރުވެރިން ފިޔަވައި، އެ ތާރީހުން ފެށިގެން އެއްވެސް ފަތުރުވެރިއަކަށް އެތަނަކުން އެއްވެސް ހިދުމަތެއް ދީގެންނުވާނެކަމަށާއި، އަދި މި އެންގުން ލިބުމަށްފަހު، އެ ތާރީހުގެ ފަހަށް ދެމިގެންދާގޮތަށް އެއްވެސް ފަތުރުވެރިއެއްގެ ބުކިންގ އެ ތަނަކުން ގަބޫލުކޮށްގެން ނުވާނެކަމާއި، މިފަދަ ބުކިންގ އެއްގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭ މާލީ ނުވަތަ އެނޫންވެސް ގެއްލުމަކަށް ޓޫރިޒަމާބެހޭ މިނިސްޓްރީނަ އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން ޒިންމާ ނުވާނެކަން.

 

8 ވަނަ މާއްދާ - ވަގުތީ ގޮތުން ހުއްދަ ހިފެެހެއްޓުން.

(ހ) ޓޫރިސްޓް ރިޒޯޓަކުން ނުވަތަ ޓޫރިސްޓް ހޮޓަލަކުން ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި ނުވަތަ ކުލި ދައްކަންޖެހޭ ތާރީހަށް ނުދެއްކުމުން ކުރެވޭ ޖޫރިމަނާއާއެކު ކުލި ދައްކަންޖެހުނު ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަސް ހަމަވާއިރު ފައިސާ ނުދައްކާ އެއްވެސް ފަރާތެއްވާނަމަ، އެކަން އެމް.އައި.އާރ.އޭ އިން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ށ) ޓޫރިސްޓް ރިޒޯޓަކުން ނުވަތަ ޓޫރިސްޓް ހޮޓަލަކުން ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި ނުވަތަ ކުލި ދައްކަންޖެހޭ ތާރީހަށް ނުދެއްކުމުން ކުރެވޭ ޖޫރިމަނާއާއިއެކު ކުލި ދައްކަންޖެހުނު ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަސް ހަމަވާއިރުއެ ފައިސާ ހަމައަށް ދައްކާ ހަލާސްކޮށްފައި ނުވާނަމަ، ނުވަތަ އެ ފައިސާ ދެއްކުމަށް މި އުސޫލުގެ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ފައިސާ ދައްކަމުން ނުގެންދާނަމަ، އެފަދަ ތަނެއް ހިންގުމަށް ދޫކުރެވިފައިވާ ހުއްދަ، އެ ފައިސާ ދެއްކުން ހަލާސްކުރުމާ ހަމައަށް ހިފަހައްޓަންވާނެއެވެ. އަދި އެ މުއްދަތު ހަމަވި ތާރީހުން ފެށިގެން ހުއްދަ ހިފެހެއްޓިއްޖެކަން، އެ ފަރާތަކަށް ލިޔުމުން އެންގުމުގެ އިތުރުން އެކަން އާންމުކޮސް އިއުލާނުކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ހުއްދަ ހިފަހައްޓާފައި ވަނިކޮށް ތަން ހިންގުން

ގަވާއިދުގެ ދަށުން އެއްވެސް ފަރާތަކަށް ދެވިފައިވާ ހުއްދަ ހިފަހައްޓާފައިވަނިކޮށް އެތަނެއް ހިންގަމުން ގެންދާނަމަ، އެކަން ހުއްޓުވުމުގެ ގޮތުން ދައުލަތުގެ ކަމާބެހޭ ތަންފީޒީ އިދާރާތައް މެދުވެރިކޮށް އަޅަންޖެހޭ އެންމެހައި ފިޔަވަޅެއް ޓޫރިޒަމާބެހޭ މިނިސްޓްރީން އެ ފަރާތަކާމެދު އަޅަންވާނެއެވެ.

 

10 ވަނަ މާއްދާ - ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުން.

(ހ) ގަވާއިދުގެ ދަށުން އަދި މި އުސޫލުގައިވާ ގޮތުގެ މަތިން ދެވޭ ނޯޓިސް ދެވިފައި ވަނިކޮށް އަދި 90 (ނުވަދިހަ) ދުވަހުގެ މައްދަތު ހަމަވުމުގެ ކުރިން އެއްވެސް ފަރާތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ގަވާއިދުގެ 5 ވަނަ މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން ލުއިގޮތްތަކެއް ހަމަޖައްސައިދިނުމަށް އެދިއްޖެނަމަ، އެކަން ކުރަންވާނީ އެމް.އައި.އާރ.އޭ އިންނެވެ. އަދި ހަމަ މިގޮތުގެމަތިން މިފަދަ ފުރުސަތަކަށް އެއްވެސް ފަރާތަކުން އެމް.އައި.އާރ.އޭ ގައި އެދިއްޖެނަމަވެސް، އެމް.އައި.އާރ.އޭ ގެ އެންފޯސްމަންޓް ޕޮލިސީގައިވާ ގޮތުގެމަތިން އެކަން ހަމަޖައްސައިދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ފައިސާ ދެއްކުމުގައި ލުއިގޮތްތަކެއް ހަމަޖައްސައިދެވިފައިވާ ފަރާތަކުން، އެ ފަރާތަކަށް ހަމަޖައްސައިދެވުނު އުސޫލުގެ ދަށުން ދައްކަންޖެހޭ އިންސްޓޯލްމަންޓުގެ އަދަދެއް، ކަނޑައެޅިފައިވާ ތާރީހަށް ހަމައަށް ނުދައްކައިފިނަމަ، އެމް.އައި.އާރ.އޭ ގެ އެންފޯސްމަންޓް ޕޮލިސީގައިވާ ގޮތުގެމަތިން ފައިސާ ދެއްކުމަށް 10 (ދިހައެއް) ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެ މުއްދަތުގެ ތެރޭގައި އެ ފަރާތަކުން ދައްކަންޖެހިފައިވާ ފައިސާ ހަމައަށް ނުދައްކައިފިނަމަ، 10 ދުވަސް ހަމަވުމާއެކު، އެ ފަރާތަކަށް ދެވިފައިވާ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓިއްޖެކަން ޓޫރިޒަމާބެހޭ މިނިސްޓްްރީން އެ ފަރާތަކަށް އަންގަންވާނެއެވެ.

 

11 ވަނަ މާއްދާ - ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ފިނޭންސް މިނިސްޓްރީއާ ހަވާލުކުރުން.

(ހ) މި އުސޫލުގެ ދަށުން ދޭންޖެހޭ ފަހު އިންތިޒާރުގެ މުއްދަތު ހަމަވާއިރު، ފައިސާ ދައްކައި ނިންމާފައިނުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްޓަކައި ޓޫރިޒަމާބެހޭ މިނިސްޓްރީން، ފިނޭންސް މިނިސްޓްރީއާ ހަވާލުކުރަންވާނެއެވެ. އަދި މިކަން، ފައިސާ ދައްކަންޖެހޭ ފަރާތަށާއި އެމް.އައި.އާރ.އޭ ޓޫރިޒަމާބެހޭ މިނިސްޓްރީން ލިޔުމުން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފިޔަވަޅު އެޅުމަށް ހަވާލުކުރެވޭ ފަރާތްތަކަށް، އެ ފަރާތްތަކުން ދައްކަންޖެހި ނުދައްކާވާ ފައިސާ، ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ދެއްކުމަށް ފިނޭންސް މިނިސްޓްރީން އަންގަންވާނެއެެވެ. އަދި ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ދެއްކުމަށް ފިނޭންސް މިނިސްޓްރީން އަންގަންވާނެއެވެ. އަދި ކަނޑައެޅޭ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ އެ ފަރާތަކާމެދު އެޅޭނެ ފިޔަވަޅުތަކާއި، އެ ފަރާތަކުން ދައްކަންޖެހޭ ފައިސާ ހޯދުމަށްޓަަކައި ދެން އަމަލުކުރާނެގޮތް މި އެންގުމުގައި ހިމަނަންވާނެެއެވެ.

(ނ) މި މާއްދާގެ ދަށުން ފިނޭންސް މިނިސްޓްރީން އަޅާ އެންމެހައި ފިޔަވަޅެއް އަޅަންވާނީ، ޓޫރިޒަމާބެހޭ މިނިސްޓްރީ އަދި އެމް.އައި.އާރ.އޭ ގެ މަޝްވަރާގެ މަތިންނެވެ.

 

12 ވަނަ މާއްދާ - މައުލޫމަތު ހާމަކުރުން.

ގަވާއިދުގެ ދަށުން އަދި މި އުސޫލުގައިވާ ގޮތުގެ މަތިން ފައިނަލް ނޯޓިސް ދެވިއްޖެނަމަ، އެ ފަރަތެއްގެ މައުލޫމާތު ޓޫރިޒަމާބެހޭ މިނިސްޓްރީން މީޑިއާ އާ ހިއްސާކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - އަލުން ހުއްދަ ދޫކުރުން

އެއްވެސް ފަރާތަކަށް ދޫކޮށްފައިވާ ހުއްދަ، ގަވާއިދުގެ ދަށުން އަދި މި އުސޫލުގައިވާ ގޮތުގެ މަތިން ހިފެހެއްޓިއްޖެނަމަ، ޓޫރިޒަމާބެހޭ މިނިސްޓްރީން އެ ފަރާތަކަށް އަލުން ހުއްދަ ދޫކުރަންވާނީ އެ ހުއްދަ ދޫކޮށްފައިވާ ތަނާއި އަދި އެ ހުއްދަ ދޫކުރެވިފައިވާ ފަރާތާ ގުޅިގެން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތްކަން، ލިޔުމުން، އެމް.އައި.އާރ.އޭ އިން ކަށަވަރު ކުރުމަށްފަހުއެވެ.

 

14 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި އެ އިބާރާތެއް ހިމެނިފައިވާގޮތުން ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާނަމަ:

"ޓޫރިޒަމާބެހޭ މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އަށެވެ.

"ފިނޭންސް މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަށެވެ.

"އެމް.އައި.އާރ.އޭ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން "މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ" ގެ ނަމުގައި އުފައްދާފައިވާ މުއައްސަސާއަށެވެ.

"ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށެވެ.

"ގަވާއިދު" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 20/2010 (ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓް ހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު) އަށެވެ.

"ހުއްދަ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ދޫކުރާ ހުއްދައަށެވެ.

 

15 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، 21 އޭޕްރިލް 2011 ވަނަ ދުވަހުން ފެށިގެންނެވެ.

  

ގުޅުން ހުރި ގަވާއިދު

ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 20/2010)

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު