-

ސިއްހީ ފަރުވާގެ އާންމު އުސޫލު

(އުސޫލު - 27 ނޮވެމްބަރު 2012)
 

 

1 ވަނަ މާއްދާ – ތައާރުފު

ސިއްހީ ފަރުވާގެ އާންމު އުސޫލުގެ ބޭނުމަކީ، ޖަލުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހުން ޑޮކްޓަރީ ފަރުވާއަށް ޖަލުން ބޭރަށް ނެރެން ޖެހިއްޖެ ހިނދެއްގައި އެމީހުންގެ މެޑިކަލް ޕްރޮސެސް ޑޮކިއުމެންޓް ކުރުމެވެ. އެހެންކަމުން ޖަލުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހުން، ޑޮކްޓަރަށް ދެއްކުމަށް މެޑިކަލް ސެކްށަނުން ހަމަޖެހިފައިވާ އުސޫލުތަކާއި މިންގަނޑުތައް ތިރީގައި މިވަނީއެވެ. އަދި މީގެ އިތުރުން ގޭބަންދުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނާއި އަރުވާލުމުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ބޭސްކުރާނޭގޮތްވެސް މި އުސޫލުގެ ތެރޭގައި ހިމެނޭނެއެވެ.

 

2 ވަނަ މާއްދާ – ޖަލުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ބޭސްފަރުވާ ކުރުން

ޖަލުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ބަލިވެއްޖެނަމަ، ޑޮކްޓަރުން ތިބި ޖަލެއްގައިނަމަ ފުރަތަމަ އެމީހަކު ޑޮކްޓަރަށް ދައްކައި ފަރުވާދޭނީ އެ ޖަލެއްގައި ގާއިމުކުރެވިފައިވާ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުންނެވެ. އިތުރަށް ފަރުވާދިނުމަށް ޖަލުގެ ޑޮކްޓަރަށް ފެންނަނަމަ ފަރުވާ ދިނުމަށް ހަމަޖައްސާނީ ރާއްޖޭގައި ގާއިމު ކުރެވިފައިވާ ސަރުކާރުގެ ހޮސްޕިޓަލަކުން ނުވަތަ ސިއްހީ މަރުކަޒަކުންނެވެ. އެފަދަ ތަނަކުން ދެވެންނެތް ހިދުމަތެއް ހޯދަން ޖެހިއްޖެ ހާލަތެއްގައި ޑީ.ޕީ.އާރ.އެސް.އިން ހަމަޖައްސާފައިވާ އުސޫލެއްގެ މަތިން ސިއްހަތާ ބެހޭ ވުޒާރާގައި ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ ހިދުމަތްދޭ ކްލިނިކް، ހޮސްޕިޓަލް ނުވަތަ ސެންޓަރަކުން އެ ހިދުމަތެއް ހޯދިދާނެއެވެ.

މިގޮތުން ސިއްހީ ފަރުވާގެ ހިދުމަތް ދެވޭނީ ސަރުކާރުގެ ހެލްތް އިންށުއަރެންސް ސްކީމްގެ ދަށުންނެވެ. ނަމަވެސް އެއްވެސް ސަބަބަކާހުރެ ސްކީމްގެ ހިދުމަތް ދެވޭގޮތް ނުވެއްޖެނަމަ އެމީހަކަށް ރާއްޖޭގައި ދެވޭ ސިއްހީ ފަރުވާއަށް ހިނގާ ހަރަދު ބަލަހައްޓާނީ ޑީ.ޕީ.އާރު.އެސް. އިންނެވެ. މިގޮތުންވެސް ޑީ.ޕީ.އާރު.އެސް.އިން ހަރަދުކުރާނީ ހެލްތް އިންށުއަރެންސް ސްކީމްގެ ދަށުން ފޯރުވައިދޭ ހިދުމަތްތަކަށް އެކަންޏެވެ. އޭގެ އިތުރަށް ކުރަންޖެހޭ ހަރަދުތައް ކުރަންޖެހޭނީ އެމީހަކު ނުވަތަ އެމީހެއްގެ އާއިލާއިންނެވެ. ނުވަތަ އެމީހަކަށް ބޭސްފަރުވާ ކުރުމަށް އެހީތެރިވެދޭ ފަރާތަކުންނެވެ. މިފަދަ ފަރާތެއް ނެތް މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ބައްޔެއް ނުވަތަ ނުކުޅެދޭ މީހަކަށް ވެދާ ފަދަ ބައްޔެއް ކަމުގައިވަނީނަމަ ކޮމިށަނަރ އޮފް ޕްރިޒަންސްގެ ހާއްސަ ހުއްދައެއްގެ ދަށުން އެ ފަދަ ބައްޔަކަށް ބޭސްކުރުމަށް ދާ ހަރަދެއް ޑީ.ޕީ.އާރު.އެސްގެ ބަޖެޓުން ހަމަޖައްސައިދެވޭނެއެވެ.

ރާއްޖެއިން ފަރުވާ ދެވެންނެތް ހާލަތެއްގައި، ޑޮކްޓަރު އިރުށާދު ދެއްވައިފިނަމަ ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ދިއުމުގައި އަމަލު ކުރަންވީގޮތުގެ ތަފުސީލު މި އުސޫލުގެ ނަންބަރު 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާނެއެވެ.

 

3 ވަނަ މާއްދާ – ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭ ބަލި ބައްޔަށް ބޭސްކޮށްދިނުން

ޖަލުގައި ހުރި މީހަކު ބަލިވެގެން ޑީ.ޕީ.އާރު.އެސްގެ މެޑިކަލް އޮފިސަރަކު ބެއްލެވުމަށްފަހު އޭނާގެ ބައްޔަކީ ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭނެ ބައްޔެއް ކަމަށް ލަފާދެއްވައި އެ ބައްޔަކާބެހޭ މެޑިކަލް އޮފިސަރުގެ ރިޕޯޓު ޑީ.ޕީ.އާރު.އެސް.ގެ މެޑިކަލް ސެކްށަނަށް ހުށަހެޅުމުން، ޖަލުގައި ހުރި މީހާ، ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށްޓަކައި ސަރުކާރުގެ ހޮސްޕިޓަލަކަށް ނުވަތަ ސިއްހީ މަރުކަޒަކަށް ގެންގޮސް ފަރުވާގެ ކަންތައް ކުރިޔަށް ގެންދެވޭނެއެވެ. އަދި އެއަށްފަހު ނަންބަރު 8 ގައި ވާގޮތަށް "މެޑިކަލް ބޯޑަށް ދެއްކުމުގެ ޕްރޮސީޖަރ" އަށް އަމަލު ކުރާނީއެވެ. އެ ޕްރޮސީޖަރއިން އޭނާ ގޭގައި ބެހެއްޓުމަށް ނިންމައިފިނަމަ އޭނާ ގޭބަންދުގައި ބަހައްޓައިގެން ބޭސް ކުރަމުން ގެންދާނީ ސަރުކާރުން ގާއިމުކޮށްފައިވާ ހެލްތް އިންށުއަރެންސް ސްކީމްގެ ދަށުންނެވެ. އަދި އޭނާ ޖަލަށް އަނބުރާ ނުގެންދާހާ ހިނދެއްގައި، ޑީ.ޕީ.އާރު.އެސް.އިން އޭނާގެ ބޭސްފަރުވާއަކަށް ހަރަދެއް ނުކުރެވޭނެއެވެ. އަދި އޭނާ ޖަލަށް އަނބުރާ ގެންދެވެންދެން އޭނާއަށް ޖެހޭ އިތުރު ބައްޔަކަށްވެސް ބޭސްފަރުވާ ކުރަމުން ގެންދާނީ ހަމަ މިއުސޫލުންނެވެ.

ބޭސް ފަރުވާއަށް ގޭބަންދުގައި ބެހެއްޓުމަށްޓަކައި މެޑިކަލް ބޯޑުން ކަނޑައަޅާ މުއްދަތުގެ ތެރޭގައި ޑީ.ޕީ.އާރު.އެސް.އިން ބޭނުން ވެއްޖެނަމަ ޑޮކްޓަރަށް ދައްކައި ބަލީގެ ހާލަތު އެވަގުތުހުރި މިންގަނޑު ދެނެގަތުމަށްޓަކައި މެޑިކަލް ރިޕޯޓެއް ތައްޔާރުކޮށް ޑީ.ޕީ.އާރު.އެސްގެ މެޑިކަލް ބޯޑަށް ހުށަހެޅޭނެއެވެ. ފަރުވާކުރުމަށް ގޭގައި ބެހެއްޓޭ މުއްދަތު އިތުރުކުރަން ނިންމޭނީ މިރިޕޯޓަށް ބެލުމަށްފަހު މެޑިކަލް ބޯޑުން ނިންމާ ގޮތެއްގެ މަތިންނެވެ. އަދި ޖަލުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހާ ބޭސް ފަރުވާކުރުމަށް ގޭގައި ބަންދުކޮށްފައިވާ މުއްދަތުގައި، އޭނާ އަމިއްލައަށް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުމަށް އެދޭނަމަ ފަރުވާ ހޯދުމަށް އެދޭ ހޮސްޕިޓަލް ނުވަތަ މަރުކަޒުގެ ނަމާއި އޭނާއާ ހަވާލުވެގެން ހުންނަ ބަލަދުވެރިޔާގެ މައުލޫމާތު ޑީ.ޕީ.އާރު.އެސް.އަށް ދޭންޖެހޭނެއެވެ.  އަދި ފަރުވާ ލިބިގަތުމަށްފަހު އެނބުރި ގެއަށް ދިއުމާއެކު ޑީ.ޕީ.އާރު.އެސް.ގެ މެޑިކަލް ސެކްށަނަށް އެކަންއަންގަންޖެހޭނެއެވެ. އަދި ފަރުވާ ހޯދާފައިވާ ލިޔެކިޔުންތަކުގެ ކޮޕީތައް ލަސްވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ސިޓީއަކާއެކު ޑީ،ޕީ.އާރު.އެސްގެ މެޑިކަލް ސެންށަނަށް ހުށަހަޅަންވާނެއެވެ.

 

4 ވަނަ މާއްދާ – ޖަލުގެ ހުކުމް ތަންފީޒުކުރާ މާބަނޑުމީހުންނާމެދު އަމަލުކުރަންވީގޮތް

ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މާބަނޑު މީހާގެ ބަނޑަށް 6 މަސް ފުރެންދެން، ހަމަޖެހިފައިވާ އުސޫލުގެ މަތިން، ޑީ.ޕީ.އާރު.އެސްގެ މެޑިކަލް އޮފިސަރު ނުވަތަ ޖަލުހުރި ރަށެއްގެ ސިއްހީ މަރުކަޒުގެ މެޑިކަލް އޮފިސަރުގެ އިރުށާދުގެ ދަށުން، ޑީ.ޕީ.އާރު.އެސް.އިން  އޭނާގެ ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސައިދޭނެއެވެ. އަދި މާބަނޑު މީހާގެ ބަނޑަށް 6 (ހައެއް) މަސް ފުރުމުން ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އޭނާ އާއިލާއާ ހަވާލުކުރެވޭނެއެވެ. މާބަނޑުމީހާގެ ބަނޑަށް 6 (ހައެއް) މަސް ފުރުމުން މާބަނޑުމީހާއާ ހަވާލުވުމަށް އޭނާގެ އާއިލާއަށް އެންގުމުން އެކަމަށް އާއިލާއިން އިންކާރުކޮށްފި ހިނދެއްގައި، އޭނާ ވިހެއުމާ ހަމައަށް، އަދި ވިހެއުމާ ގުޅިގެން ދޭންޖެހޭ ސިއްހީ ފަރުވާ، ހަމަޖެހިފައިވާ އުސޫލުގެ މަތިން، ޑީ.ޕީ.އާރު.އެސްގެ މެޑިކަލް އޮފިސަރު ނުވަތަ ސިއްހީ މަރުކަޒުގެ މެޑިކަލް އޮފިސަރުގެ އިރުށާދުގެ ދަށުން، އޭނާ ޖަލުގައި ބަހައްޓައިގެން، ބޭސްފަރުވާގެ ކަންތައް ޑީ.ޕީ.އާރު.އެސް.އިން ހަމަޖައްސައިދޭނެއެވެ. އަދި މިމަރުހަލާގެ ތެރޭގައި އޭނާއަށް އަދި އޭނާގެ ބަނޑުގައިވާ ދަރިފުޅަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް ޑީ.ޕީ.އާރު.އެސް.އިން ޒިންމާ ނުވެވޭނެ ކަމަށް އޭނާގެ އާއިލާއަށާއި އޭނާއަށް ލިޔުމުން އެންގޭނެއެވެ. އަދި އޭނާގެ އާއިލާއިން އޭނާއާ ހަވާލުވެ ގޭބަންދަށް ބަދަލުކުރުމަށްފަހު އެމީހެއްގެ ބޭސްފަރުވާއާބެހޭ އެންމެހައި ކަންތައްތައް ބަލަހައްޓާނީ އޭނާގެ އާއިލާގެ ފަރާތުންނެވެ.

ޖަލުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހާގެ އާއިލާއިން އޭނާއާ ހަވާލުވެ، ގޭބަންދަށް ބަދަލުކުރެވިއްޖެނަމަ، އެ މީހާ ވިހޭ ދަރިފުޅަށް 6 (ހައެއް) މަސްވުމުން އެމީހަކު އަނބުރާ ޖަލަށް ބަދަލުކުރެވޭނެއެވެ. ޖަލަށް ބަދަލު ކުރާއިރު ކުޑަ ދަރިފުޅު، ޖަލު ހުކުމް ތަންފީޒުކުރާ މީހާގެ އާއިލާގެ މީހަކާ ހަވާލުކުރަން ޖެހޭނެއެވެ. ހަވާލުވާނޭ ފަރާތެއް ނެތްނަމަ ސަރުކާރުން އެވަގުތެއްގައި ކުޑަކުދިން ބެލެހެއްޓުމަށް ހަމަޖައްސާފައިވާ ވުޒާރާއަކާ ކުޑަދަރިފުޅު ހަވާލު ކުރަންޖެހޭނެއެވެ. އަދި ވިހެއުމުގެ ތެރޭގައި ދަރިފުޅު ނިޔާވެއްޖެނަމަ ވިހައި ގަދަވާތާ 1 (އެކެއް) މަސްވުމުން އޭނާ އަނބުރާ ޖަލަށް ބަދަލުކުރެވޭނެއެވެ.

އާއިލާގެ ފަރާތުން ހަވާލުވުމަށް އިންކާރުކޮށްފިނަމަ މާބަނޑުމީހާ ޖަލުގައި ހުރެގެން ވިހައިފިނަމަ، ދަރިފުޅާ ހަވާލުކުވުމަށް އޭނާގެ އާއިލާއަށް އެންގޭނެއެވެ. އަދި ދަރިފުޅާ ހަވާލުވާނޭ ފަރާތެއް ނެތްނަމަ، ސަރުކާރުން އެވަގުތެއްގައި ކުޑަކުދިން ބެލެހެއްޓުމަށް ހަމަޖައްސާފައިވާ ވުޒާރާއަކާ ކުޑަ ދަރިފުޅު ހަވާލު ކުރަންޖެހޭނެއެވެ.

 

5 ވަނަ މާއްދާ – ޖަލުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ނިޔާވެއްޖެނަމަ އަމަލުކުރާނެ ގޮތް

ޖަލުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ތެރެއިން މީހަކު ޖަލުގައި ނިޔާވެއްޖެނަމަ އެކަމުގެ މައުލޫމާތު އެމީހެއްގެ އާއިލާއަށް އެންގޭނެއެވެ. އަދި އެމީހަކު ނިޔާވިގޮތުގެ ތަފުސީލު ބަޔާންކޮށް ހާދިސާ ހިނގިގޮތުގެ ރިޕޯޓެއް އެ މީހަކު ހުރި ޖަލެއްގެ ޗީފު ތައްޔާރުކޮށް، އެ ރިޕޯޓުގެ ކޮޕީ، މަރު ފޯމުގެ ކޮޕީ، މަރު ސާބިތުކުރި ޑޮކްޓަރުގެ މެޑިކަލް ލިޔުމުގެ ކޮޕީ އަދި މެޑިކަލް ފައިލް ބޭނުންވެގެން "ރަސްމީ އިދާރާތަކުން މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގެ ދަށުން މައުލޫމާތު ހޯދުމަށް އެދޭ ފޯމު" ފުރިހަމަ ކުރުމަށްފަހު ޑީ.ޕީ.އާރު.އެސް. އަށް ހުށަހެޅުމުން، އެ ލިޔުންތަކުގެ ކޮޕީ، އާއިލާއަށް ލިބޭނެގޮތް ހަމަޖައްސައިދެވޭނެއެވެ.

ނިޔާވީ ބިދޭސީއެއްނަމަ އެމީހަކު ނިސްބަތްވާ ގައުމުގެ އެމްބަސީ، ހައިކޮމިށަން، ނުވަތަ ޑިޕްލޮމެޓިކް ކޮންސިއުލޭޓަށް އޭނާ ނިޔާވިކަން އަންގައި އެފަރާތުން އަންގާގޮތެއްގެ މަތިން އަމަލުކުރެވޭނެއެވެ. އެމްބަސީން، ހައިކޮމިށަނުން ނުވަތަ ކޮންސިއުލޭޓުން އަންގާ ގޮތަށް އަމަލުކުރުމަށް ހަރަދެއް ހިނގާނަމަ އެހަރަދެއް ކުރަން ޖެހޭނީ އެފަރާތުންނެވެ. މިފަދަ ތަނަކުން ހަވާލުނުވާ މީހުންނާއި މިފަދަ ތަނެއް ދިވެހިރާއްޖޭގައި ނެތް ގައުމެއްގެ މީހެއްނަމަ ނިޔާވި މީހާގެ އާއިލާއަށް އެންގޭތޯ ބެލޭނެއެވެ. އާއިލާއަށް އެންގިއްޖެނަމަ އެފަރާތުން އެދޭގޮތެއްގެ މަތިން އަމަލުކުރެވޭނެއެވެ. އެފަރާތުން އެދޭގޮތަށް އަމަލު ކުރުމަށް ހަރަދެއް ހިނގާނަމަ އެ ހަރަދެއް ކުރަންޖެހޭނީ އެފަރާތުންނެވެ. 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި މައްޔިތާއާ ހަވާލުވާނެ ފަރާތެއް ނުވެއްޖެނަމަ ހޯމްމިނިސްޓަރު ނިންމަވާގޮތެއްގެ މަތިން އަމަލުކުރެވޭނެއެވެ.

މައްޔިތާގެ ހަށިގަނޑު ސްކްރީން ކުރުމަށްފަހު ހަމަޖެހިފައިވާ އުސޫލުގެ މަތިން މައްޔިތާގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރެވޭނެއެވެ. އަދި އާއިލާއިން މައްޔިތާގެ ހަށިގަނޑާ ހަވާލުވުމަށްފަހު އެމީހެއްގެ ކަށުކަމާކެމީގެ އެންމެހައި ކަންތައް ކުރިޔަށް ގެންދިއުމަކީ އާއިލާގެ ޒިންމާއެއްކަން އާއިލާއަށް އެންގޭނެއެވެ. އާއިލާއިން މައްޔިތާގެ ހަށިގަނޑާ ހަވާލުނުވެއްޖެ ހިނދެއްގައި ޑީ.ޕީ.އާރު.އެސް.ގެ ބެލުމުގެ ދަށުން ދިވެހި ފުލުހުންނާއި ހިއުމަން ރައިޓް ކޮމިށަން އޮފް ދަ މޯލްޑިވްސްގެ ހާޒިރުގައި ސަހަރާޔަށް ގެންގޮސް ކަށުކަމާކެމީގެ ކަންތައް ކުރިޔަށް ގެންދެވޭނެއެވެ.

އަދި ހުކުމް ތަންފީޒު ކުރުމަށް ގޭބަންދުގައި، ނުވަތަ އަރުވާލާފައި ވަނިކޮށް ނުވަތަ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރުގައި ވަނިކޮށް ނިޔާވެއްޖެނަމަ އެކަން ބަޔާންކޮށް އެމީހެއްގެ އާއިލާގެ ފަރާތުން ސިޓީއެއް (މަރު ފޯމުގެ ކޮޕީއާއި ޕޮލިސް ރިޕޯޓް) ޑީ.ޕީ.އާރު.އެސް.އަށް ހުށަހަޅަން ޖެހޭނެއެވެ.

 

6 ވަނަ މާއްދާ – ދިވެހި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުން

ޖަލުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ބަލިވެގެން ކަމާބެހޭ ހާއްސަ ޑޮކްޓަރެއް ބައްލަވައި އެބައްޔަކީ ދިވެހިރާއްޖެއިން ފަރުވާ ދެވެން ނެތް ބައްޔެއްކަމަށް ޑޮކްޓަރ ލަފާދެއްވައިފިނަމަ، އެ މައްސަލަ "އައި.ޖީ.އެމް.އެޗް.ގެ ކަމާބެހޭ ހާއްސަ ޑިޕާޓްމަންޓަށް ހުށަހެޅުމުގެ ޕްރޮސީޖަރ" އަށް އަމަލު ކުރާނީއެވެ. އަދި ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ބައްޔާގުޅޭ ހާއްސަ ޑިޕާޓްމަންޓުން ކަނޑައަޅައިފިނަމަ 7 ވަނަ ނަންބަރުގައިވާ އުސޫލުން އަމަލުކުރަންވާނެއެވެ.

ޑީ.ޕީ.އާރު.އެސް.ގެ ބެލުމުގެ ދަށުން ހުކުމް ތަންފީޒު ކުރުމަށް ގޭބަންދުކޮށްފައިވާ މީހުންނާއި އަރުވާލާފައިވާ މީހުންވެސް ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ދާންޖެހިއްޖެ ހިނދެއްގައި އަމަލު ކުރާނީ ހަމަ މިއުސޫލުންނެވެ. އަދި ރާއްޖެއިން ބޭރަށް ފޮނުވޭނީ ޑީ.ޕީ.އާރު.އެސް. އިން ތައްޔާރުކުރާ އިގުރާރުގައި ހުކުމް ތަންފީޒުކުރަމުންދާ މީހާއާއި  އާއިލާގެ ފަރާތުން ސޮއި ކުރުމުންނެވެ. ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް ދަތުރުކުރެވޭނީ ހަމައެކަނި ހުއްދަ ދީފައިވާ ގައުމަކަށެވެ. މިގޮތުން ރާއްޖޭން ބޭރަށްދާ، ހުކުމް ތަންފީޒުކުރާ މީހާ ގަވާއިދާ ހިލާފުވެއްޖެނަމަ އޭނާއަށާއި، އޭނާގެ އާއިލާގެ ފަރާތުން އޭނާއާ ހަވާލުވެ ޒިންމާވާ މީހަކާމެދު ގާނޫނީގޮތން އެޅެން ހުރި ފިޔަވަޅުތައް އެޅޭނެއެވެ.

 

7 ވަނަ މާއްދާ – ދިވެހިރާއްޖެއިން ބޭރަށް ބޭސްފަރުވާ ކުރުމަށް ފޮނުވުމަށް ކުރަންޖެހޭ ހަރަދު

ޖަލުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހުން، ރާއްޖެއިން ބޭރަށް ބޭސްފަރުވާ ކުރުމަށް ފޮނުވުމަށާއި ރާއްޖެއިން ބޭރުގައި އެމީހުންނަށް ބޭސްފަރުވާ ކުރުމަށް ޑީ.ޕީ.އާރު.އެސް.އިން އެއްވެސް ހަރަދެއް ނުކުރާނެއެވެ. ރާއްޖެއިން ބޭރަށް ދިއުމަށް ކުރަންޖެހޭ ހުރިހާ ހަރަދެއްކުރާނީ ހަމަޖެހިފައިވާ އުސޫލުގެ މަތިން ސަރުކާރުން ގާއިމުކޮށްފައިވާ ހެލްތު އިންށުއަރެންސް ސްކީމުގެ ދަށުން ނުވަތަ އެމީހެއްގެ އަމިއްލަ ހަރަދުގައެވެ. ރާއްޖެއިން ބޭރަށް ބޭސްފަރުވާ ކުރުމަށް ދާންޖެހެނީ ބިދޭސީއެއްނަމަ، އެމީހެއްގެ ގައުމަށް އެމީހަކު ޑީ ޕޯޓް ކުރެވޭނެއެވެ. އަދި އެމީހަކު އެހެންގޮތަކަށް ނަމަވެސް އެނބުރި ދިވެހިރާއްޖެއަށް އަތުވެއްޖެނަމަ ހުކުމް ތަންފީޒު ކުރަން އަނބުރާ ޖަލަށް ގެންދެވޭނެއެވެ.

 

8 ވަނަ މާއްދާ – މެޑިކަލް ބޯޑަށް ހުށަހެޅުން

ޖަލުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހުން ވަގުތީ ގޮތުން ގޭބަންދުގައި ބަހައްޓައިގެން ބޭސްފަރުވާ ކުރަން، ނުވަތަ ދިވެހިރާއްޖޭގައި އެބައްޔަކަށް ފަރުވާދެވެން ނެތްކަމަށް ޑޮކްޓަރ އިރުށާދު ދެއްވައިފިނަމަ، އެކަން ތަންފީޒު ކުރުމުގެ ކުރިން އައި.ޖީ.އެމް.އެޗްގެ ކަމާގުޅޭ ހާއްސަ ޑިޕާޓްމަންޓަށް ދައްކަންވާނެއެވެ. އަދި އެ ޑިޕާޓްމަންޓުގެ މަދުވެގެން 2 (ދޭއް) ޑޮކްޓަރުން އެމައްސަލަ އިތުރަށް ދިރާސާ ކުރުވުމަށްފަހު މިކަމަށް ހާއްސަ ކުރެވިފައިވާ ފޯމުގައި އެ ދެ ޑޮކްޓަރުންގެ އެންޑޯޒްމަންޓާއެކު ޑީ.ޕީ.އާރު.އެސްގެ މެޑިކަލް ބޯޑަށް އެމައްސަލަ ހުށަހެޅޭނެއެވެ. މެޑިކަލް ބޯޑުން ހުއްދަދެއްވާ ގޮތެއްގެ މަތިން ޑީ.ޕީ.އާރު.އެސް. ހިންގެވުމާ ހަވާލުވެ ހުންނަވާ އެންމެ އިސްވެރިޔާ މިކަމަށް ހާއްސަ ކުރެވިފައިވާ ފޯމުގައި ރަސްމީ އެންޑޯޒްމަންޓެއް ދެއްވުމުން ބޭސްފަރުވާ ކުރުމަށް ގޭބަންދަށް ބަދަލުކުރުމަށް ނުވަތަ ރާއްޖެއިން ބޭރަށް ދިޔުމަށް ހުއްދަ ދެވޭނެއެވެ. މިގޮތަށް ރަސްމީ އެންޑޯޒްމަންޓެއް ނުދެއްވާނަމަ، ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ބޭސް ފަރުވާކުރުމުގެ ބޭނުމުގައި ވަގުތީގޮތުން ގޭބަންދަށް ނުވަތަ ދިވެހިރާއްޖެއިން ބޭރަށް ދިއުމަށް ހުއްދައެއް ނުދެވޭނެއެވެ.

ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުން ނޫން، ހުކުމް ތަންފީޒު ކުރަމުންދާ މީހުންނާއި ކްލެމެންސީ ގާނޫނުގެ ދަށުން ށަރުތުތަކާއެކު ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ތެރެއިން ދޫކޮށްލާ މީހުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަކަށް ދާން ބޭނުންވެއްޖެ ހިނދެއްގައި އަމަލު ކުރާނީ މި އުސޫލުންނެވެ. އަދި މިފަދަ ހާލަތެއްގައި ޑީ.ޕީ.އާރު.އެސް.އިން އަދާކުރާނެ ދައުރަކީ މަގުފަހިކޮށްދިނުން އެކަންޏެވެ.

ޑީ.ޕީ.އާރު.އެސް.ގެ މެޑިކަލް ބޯޑު އެކުލަވާލާނީ، އެ ވަގުތެއްގައި ޑީ.ޕީ.އާރު.އެސް. ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާފައިވާ ވުޒާރާގެ ވަޒީރެވެ. މިބޯޑުގައި ހިމެނޭނީ 5 (ފަހެއް) މެންބަރުންނެވެ. މެންބަރުން ކަނޑައަޅަންވާނީ ތިރީގައިވާ ގޮތަށެވެ.

  1. މެޑިކަލް އޮފިސަރެއް
  2. މޯލްޑިވްސް ޕޮލިސްސާރވިސްގެ ބޭފުޅަކު
  3. ހޯމްމިނިސްޓްރީގެ ބޭފުޅަކު
  4. ޑީ.ޕީ.އާރު.އެސްގެ ދެ ބޭފުޅުން. (ޔުނީފޯމު އޮފިސަރުންގެ ތެރެއިން ކަމިށަން އޮފިސަރުން ކަމުގައިވުން)

 

9 ވަނަ މާއްދާ – މެޑިކަލް ލިޔުންތަކުގެ ކޮޕީ ހުކުމް ތަންފީޒުކުރާ މީހާއަށާއި އާއިލާއަށް ދޫކުރުން

ހުކުމް ތަންފީޒު ކުރަމުންދާ މީހަކު އޭނާއަށް ބޭސްފަރުވާކޮށްފައިވާ ގޮތުގެ ލިޔެކިޔުންތަކުގެ ކޮޕީ ހޯދަން ބޭނުންވާނަމަ "ރަސްމީ އިދާރާތަކުން މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގެ ދަށުން މައުލޫމާތު ހޯދުމަށް އެދޭ ފޯމު" ފުރިހަމަ ކުރުމަށްފަހު ޑީ.ޕީ.އާރު.އެސްއަށް ހުށަހެޅުމުން އެ މީހަކަށް މެޑިކަލް ލިޔުންތަކުގެ ކޮޕީ ހަވާލުކުރެވޭނެއެވެ.

މީގެ އިތުރުން ހުކުމް ތަންފީޒު ކުރަމުންދާ މީހާގެ އާއިލާގެ ފަރާތުން ނުވަތަ އާއިލާއަށް މެޑިކަލް ލިޔުންތަކުގެ ކޮޕީ ހަވާލުކުރަން ބޭނުންވާނަމަ ހުކުމް ތަންފީޒު ކުރަމުންދާ މީހާގެ އިއުތިރާޒެއް ނެތްކަމުގެ ސިޓީއެއް ފޯމާއެކު ހުށަހެޅުމުން،މެޑިކަލް ލިޔުންތަކުގެ ކޮޕީ އާއިލާއާ ހަވާލުކުރެވޭނެއެވެ. މިގޮތުން މެޑިކަލް ލިޔުންތަކުގެ ކޮޕީ ހަވާލު ކުރެވޭނީ އެކަމަށް ހަރަދުވާ މިންވަރެއް ޑީ.ޕީ.އާރު.އެސް.އާ ހަވާލުކުރުމުންނެވެ.

 

10 ވަނަ މާއްދާހުކުމް ތަންފީޒު ކުރުމަށް ޖަލުގައި ތިބޭ މީހުން ޑޮކްޓަރަށް ދެއްކުމާއި އެޕޮއިންޓްމެންޓް ހޯދުން

ހުކުމް ތަންފީޒު ކުރުމަށް ޖަލުގައި ތިބޭ މީހުން ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހޯދާނީ، ޑީ.ޕީ.އާރު.އެސްގެ ކަމާގުޅޭ ސެކްށަންގެ މުވައްޒަފުންނެވެ. ޖަލުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ނުވަތަ އެފަދަ މީހެއްގެ އާއިލާއިން އެ މީހަކު ޑޮކްޓަރަށް ދައްކައިދިނުމަށް އެދިއްޖެ ހާލަތެއްގައި އެ ޖަލެއްގައި ހުންނަ ޑޮކްޓަރަކަށް ދައްކައިދެވޭނެއެވެ. އެގޮތުން ހާއްސަ ޑޮކްޓަރަކަށް ދެއްކޭނީ ޖަލުން ބެއްލެވި ޑޮކްޓަރުގެ ރިފަރަލްއަށް ބިނާކޮށެވެ. ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމަށް ނުވަތަ ވަކިކަހަލަ ޓެސްޓެއް ހެދުމަށް ކަމަށްވިޔަސް، ޖަލުގައި ހުރި މީހާ ނުވަތަ އެ މީހެއްގެ އާއިލާ މެދުވެރިކޮށް އެޕޮއިންޓްމަންޓް ނުހެއްދޭނެއެވެ. އަދި ޑޮކްޓަރަކަށްވެސް ނުދެއްކޭނެއެވެ.

 

11 ވަނަ މާއްދާހުކުމް ތަންފީޒު ކުރަމުންދާ މީހުން، އާއިލާގެ ފަރާތުން ޑޮކްޓަރަށް ދެއްކުން

ހުކުމް ތަންފީޒު ކުރަމުންދާ މީހަކު އާއިލާގެ ހަރަދުގައި ޑޮކްޓަރަށް ދައްކައި ފަރުވާދެވޭނީ، އަރުވާލުމަށް ހުކުމްކޮށްފައިވާ މީހުންނާއި ޖަލުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ދިމާވާ ބަލި ހާލަތަކާ ގުޅިގެން ގޭބަންދަށް ބަދަލުކޮށްފައިވާ ހާލަތެއްގައި ނުވަތަ އާއިލާގެ ބެލުމުގެދަށުގައި ހުންނައިރު އެކަންޏެވެ.

 

12 ވަނަ މާއްދާ – ނަންބަރު އައިނު ހެއްދުން

ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ޑޮކްޓަރަށް ދެއްކުމުން ނަންބަރު އައިނު ހެދުމަށް ޑޮކްޓަރ ލިޔުން ދެއްވައިފިނަމަ، އެމީހެއްގެ ނަންބަރު އައިނު ހަދައިދެވޭނީ ސަރުކާރުން ގާއިމުކޮށްފައިވާ ހެލްތު އިންށުއަރެންސް ސްކީމުގެ ދަށުންނެވެ. މިކަމަށް ޑީ.ޕީ.އާރު.އެސް.އިން އެއްވެސް ހަރަދެއް ނުކުރާނެއެވެ. މިކަމުގައި ޑީ.ޕީ.އާރު.އެސް.ގެ ދައުރަކީ އެހީތެރިވެދިނުމެވެ. މިގޮތަށް ނަންބަރު އައިނު ހައްދައިދޭއިރު ހެލްތު އިންށުއަރެންސުން ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ފައިސާ ދައްކަންޖެހޭނަމަ އެފައިސާ ދައްކާނީ އެމީހެއްގެ އަމިއްލަ ފައިސާއިން (ޑީ.ޕީ.އާރު.އެސް.ގައި ހުޅުވާފައިވާ ހުކުމް ތަންފީޒުކުރަމުންދާ މީހެއްގެ އެކައުންޓުން) ނުވަތަ އޭނާގެ އާއިލާގެ ފަރާތުންނެވެ.

 

13 ވަނަ މާއްދާހުކުމް ތަންފީޒުކުރަމުންދާ ބިދޭސީންގެ ބޭސްފަރުވާއަށް ހިނގާ ހަރަދު

ހުކުމް ތަންފީޒު ކުރަމުންދާ ބިދޭސީއަކު ބަލިވެގެން ބޭސްފަރުވާ ކުރަންޖެހިއްޖެނަމަ ބޭސްފަރުވާ ކުރުމުގެ އެންމެހައި ކަންތައް ބަލަހައްޓާނީ ޑީ.ޕީ.އާރު.އެސް.އިން ކަނޑައަޅާ މެޑިކަލް ސްކީމެއްގެ ދަށުންނެވެ. މިކަމަށް ހިނގާ ހުރިހާ ހަރަދެއް ބަލަހައްޓާނީ ޑީ.ޕީ.އާރު.އެސް. އިންނެވެ.

 

14 ވަނަ މާއްދާ – މިއުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، މިއުސޫލު ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

(ނެތް)

 

ގުޅުން ހުރި ގާނޫނު/ގަވާއިދު

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 29/2015)

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު