-

ސަރުކާރު ބައިވެރިވެގެން އިންވެސްޓްކުރާ ރަށްރަށާއި ބިންބިން ކުއްޔަށްދިނުމުގައި އަމަލުކުރާނެ އުސޫލު

(އުސޫލު - 28 ޖެނުއަރީ 2013)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫން) ގެ 5 ވަނަ މާއްދާގެ ދަށުން ސަރުކާރު ބައިވެރިވެގެން އިންވެސްޓްކުރާ ރަށްރަށާއި ބިންބިން ކުއްޔަށް ދިނުމުގައި އަމަލުކުރަންވީ ގޮތް ބަޔާންކުރާ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔާނީ "ސަރުކާރު ބައިވެރިވެގެން އިންވެސްޓްކުރާ ރަށްރަށާއި ބިންބިން ކުއްޔަށްދިނުމުގައި އަމަލުކުރާނެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި އުސޫލުގެ މަގްސަދަކީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ 5 ވަނަ މާއްދާގައި ޓޫރިސްޓް ރިޒޯޓު ހެދުމަށް ރަށްރަށާއި ބިން ކުއްޔަށް ދޫކުރަންވާނީ، މިނިސްޓްރީ އޮފް ޓޫރިޒަމުން އާންމުކޮށް އިޢްލާންކޮށްގެން، ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅި ފަރާތަކަށް ކަމުގައި ބަޔާންކޮށްފައިވާއިރު، ސަރުކާރުން އިންވެސްޓްކުރާ ނުވަތަ ސަރުކާރު ބައިވެރިވެގެން އިންވެސްޓްކުރާ ރަށްރަށާއި ބިންބިން އެ އުޞޫލުން އިސްތިސްނާވާނެކަމުގައި ބަޔާންކޮށްފައިވާތީ، އެ އިސްތިސްނާ ހާލަތު ބޭނުންކުރުމުގައި ޢަމަލުކުރަންވީ ގޮތް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ސަރުކާރު ބައިވެރިވެގެން ތަރައްގީކުރުމަށް ރަށްރަށް ނުވަތަ ބިންބިން ކުއްޔަށްދިނުމަށް

.ޓޫރިސްޓް ރިޒޯޓް ނުވަތަ ޓޫރިސްޓް ހޮޓާ ނުވަތަ ޓޫރިސްޓް ގެސްޓްހައުސް ނުވަތަ ޔޮޓް ބަނދަރު ތަރައްގީކުރުމަށް ސަރުކާރު ބައިވެރިވެގެން އުފައްދާ ޖޮއިންޓްވެންޗަރ ކުންފުންޏަކަށް މި އުސޫލުގައިވާ ގޮތުގެމަތިން، ރަށްރަށް ނުވަތަ ބިންބިން ކުއްޔަށްދެވިދާނެވެ.

 

4 ވަނަ މާއްދާ - ސަރުކާރު ބައިވެރިވާނެ އިންވެސްޓްމަންޓްތައް ކަނޑައެޅުން

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ސަރުކާރު ބައިވެރިވެގެން ތަރައްގީކުރުމަށް، ރަށްރަށް ނުވަތަ ބިންބިން ކުއްޔަށްދޭންވާނީ ތިރީގައި ބަޔާންކޮށްފައިވާ ދެގޮތުން ކުރެ ގޮތަކަށެވެ.

(ހ) މި އުސޫލުގެ 5 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކާއެކު އިންވެސްޓްކުރުމަށް، ރަށްރަށް ނުވަތަ ބިންބިން ކުއްޔަށްދޫކުރުން؛ ނުވަތަ

(ށ)  ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ އަދި ޔޮޓް ބަނދަރު ހެދުން ފިޔަވައި ޓޫރިޒަމާ ގުޅުންހުރި މަސައްކަތްކުރުމަށް މިހާރު ކުއްޔަށްދީފައިވާ ރަށްރަށް ޓޫރިސްޓް ރިޒޯޓަށް ބަދަލުކުރުމަށް.

 

5 ވަނަ މާއްދާ - ރަށް ނުވަތަ ބިން ކުއްޔަށްދިނުމުގެ ށަރުތުތައް

މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ރަށްރަށް ނުވަތަ ބިންބިން ކުއްޔަށްދޫކުރަންވާނީ އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.

  1. ސަރުކާރާ ބައިވެރިވެގެން އިންވެސްޓްކުރުމަށް ހުށަހަޅާ ފަރާތަކީ، އެފަރާތެއްގެ ނެޓްވާރތު މަދުވެގެން 300 މިލިއަން އެމެރިކާ ޑޮލަރު ހުރި ފަރާތަކަށްވުން؛
  2. އެއިރެއްގެ މާކެޓަށް ބެލުމަށްފަހު ސަރުކާރުން ކަނޑައަޅާ ލީސް އެކުއިޒިށަން ކޮސްޓެއް އެއްފަހަރާ ދެއްކުމަށް އެއްބަސްވާ ފަރާތަކަށްވުން؛
  3. ރަށުގައި ނުވަތަ ބިމުގައި ތަރައްގީކުރާ ރިޒޯޓަކީ، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ދަށުން ތަރައްގީކުރާ ޕްރައިވެޓް އައިލެންޑް ރިޒޯޓެއް ކަމަށްވާނަމަ ސަރުކާރުން ކަނޑައަޅާ އެނުއަލް ލީސް އެކުއިޒިށަންކޮސްޓެއް ދައްކަން އެއްބަސްވާ ފަރާތަކަށްވުން؛
  4. ފަށާއިރު ކުރާ އިންވެސްޓްމަންޓް (އިނީށަލް ކެޕިޓަލް އިންވެސްޓްމަންޓް) މަދުވެގެން 100 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ ބޮޑުވުން؛
  5. ހުށަހެޅޭ ޕްރޮޖެކްޓަށް ބޭނުންވާ ޖުމްލަ ފައިސާގެ %10 އަށްޖެހޭ އަދަދުގެ ބޭންކް ގެރެންޓީއެއް ހުށަހަޅާފައިވުން؛ އަދި
  6. ރަށް ނުވަތަ ބިން ތަރައްގީކުރުމަށް ހުށަހަޅާ ފަރާތަކީ ރާއްޖޭއިން ބޭރުގެ ފަރާތެއްނަމަ، ރާއްޖޭގައި އިންވެސްޓްކުރުމަށް ކަނޑައަޅާ ފައިސާއަކީ ރާއްޖެއިން ބޭރުން ގެނެވޭ ފައިސާއަށްވުން.

 

6 ވަނަ މާއްދާ - ޕްރޮޕޯސަލް ހުށަހެޅުން

(ހ)  މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ އަދި ޔޮޓް ބަނދަރު ތަރައްގީކުރުމަށް ސަރުކާރުން ބައިވެރިވެގެން އިންވެސްޓްކުރާ ރަށްރަށާއި ބިންބިން ކުއްޔަށްހިފަން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާނީ ޓޫރިޒަމާބެހޭ މިނިސްޓްރީއަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ޕްރޮޕޯސަލް ދިރާސާކުރާނީ، އެކަމަށް ހާއްސަކުރެވިފައިވާ ފަންނީ ކޮމިޓީއަކުންނެވެ.

 

7 ވަނަ މާއްދާ - ޓޫރިސްޓް ރިޒޯޓް ހެދުން ފިޔަވައި ޓޫރިޒަމާ ގުޅުންހުރި މަސައްކަތްކުރުމަށް ދީފައިވާ ރަށްރަށް

ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ އަދި ޔޮޓް ބަނދަރު ހެދުން ފިޔަވައި ޓޫރިޒަމާ 7  ގުޅުންހުރި މަސައްކަތްކުރުމަށް ކުއްޔަށްދީފައިވާ ރަށްރަށް މި އުސޫލުގެ 4 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި އަންނަނިވި ށަރުތުތައް ހަމަވާނަމަ، ޓޫރިސްޓް ރިޒޯޓަށް ބަދަލުކުރުމުގެ ފުރުސަތު ދެވިދާނެއެވެ.

(ހ) ރަށް ކުއްޔަށްދޫކުރުމަށް މިހާރު ސޮއިކޮށްފައިވާ އެއްބަސްވުން އުވާލުމަށް ފަހު، ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ރިޒޯޓެއްގެ ގޮތުގައި ރަށް ތަރައްގީކުރުމަށް ލީސް އެގްރީމަންޓެއްގެ ދަށުން ރަށް ކުއްޔަށްދިނުން އަދި އެއްބަސްވުން އުވާލުމުގެ ކުރިން ރަށާ ގުޅިގެން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ކުއްޔެއް، ފީއެއް، ޓެކްސްއެއް ނުވަތަ އެހެންވެސް ފައިސާއެއްވާނަމަ އެފައިސާ ސަރުކާރަށް ދައްކައި ހަލާސްކޮށްފައިވުން އަދި ސަރުކާރު ނޫން އެހެން އެއްވެސް ފަރާތަކަށް ރަށާ ގުޅިގެން ދައްކަންޖެހޭ ފައިސާއެއްވާނަމަ އެފައިސާ ދެއްކުމަށް އެއްބަސްވުން.

(ށ) ރިޒޯޓަށް ބަދަލުކުރުމަށް، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކަނޑައަޅާ އެކުއިޒިށަން ކޮސްޓެއް ދެއްކުން.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ރިޒޯޓުތަކަށް ބަދަލުކުރުމަށް ސަރުކާރަށް ދައްކަންޖެހޭ އެކުއިޒިށަން ކޮސްޓަކީ، ރަށުގެ ހެކްޓަރަކަށް 000،600 އެމެރިކާ ޑޮލަރުގެ ރޭޓުން ގުނަކުރުމުން އަންނަ އަދަދުގެ ތެރެއަށް، އެއަރޕޯޓާ ރަށާ ދެމެދު ހުރި ދުރުމިނަށް 1000000 އެމެރިކާ ޑޮލަރުގެ ރޭޓުން ޖެހޭ އަދަދު ހިމަނައިގެންނެވެ. މި އަދަދު ކަނޑައަޅާނީ، ތިރީގައިވާ ފޯމިއުލާ ބޭނުންކޮށްގެންނެވެ.

 

1،000،000 - އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓާއި ރަށާ ދެމެދު ހުރި ދުރުމިން × 1،000،0000

 

                                                           150

(ރ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައެޅޭ އެކުއިޒިޝަން ކޮސްޓުގެ %60 ،ރަށް ކުއްޔަށްދިނުމަށް ސަރުކާރާއެކު ވެވޭ އެއްބަސްވުމުގައި ސޮއިކުރާ ދުވަހު ދައްކަންވާނެއެވެ. ލީސް އެކުއިޒިޝަން ކޮސްޓުގެ ބާކީ އޮންނަ އަދަދު، ރަށް ކުއްޔަށްދިނުމަށް ވެވޭ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 24(ސައުވީސް) މަސްދުވަހަށް ހަމައަށް ބަހާލުމަށްފަހު އެމަހަކަށް ޖެހޭ ޢަދަދު އެމަހެއްގައި ދައްކާ ޚަލާސްކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - މި އުސޫލުގައި ބުނާ ރަށްރަށާ ބިންބިމުގެ މައްޗަށް ގާނޫނު ހިނގުން

މި އުސޫލުގައި ބުނާ ރަށްރަށާއި ބިންބިމުގެ މައްޗަށް މި އުސޫލުގެ 5 ވަނަ މާއްދާއާއި 7 ވަނަ މާއްދާގައި ބުނާ ޝަރުޠުތައް ފުރިހަމަވުމުގެ އިތުރުން، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގައި ބުނާ އެހެން ހުރިހާ އުޞޫލުތަކެއް ހިނގާނެއެވެ.

 

9 ވަނަ މާއްދާ - ޖޮއިންޓް ވެންޗަރ ކުންފުނި އުފެއްދުން ލާޒިމުވުން

(ހ) މި އުސޫލުގެ ދަށުން ކުއްޔަށްދޫކުރާ ރަށްރަށް ނުވަތަ ބިންބިން ކުއްޔަށްދޫކުރަންވާނީ، އިންވެސްޓްކުރުމަށް ހުށަހަޅާ ފަރާތާއި ސަރުކާރާ އެކު އުފައްދާ ޖޮއިންޓް ވެންޗަރ ކުންފުންޏަކަށް، ދެފަރާތުގެ ދެމެދުގައި ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

(ށ) މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ރަށްރަށް ނުވަތަ ބިންބިން ކުއްޔަށްދޫކުރުމަށް އުފައްދާ ޖޮއިންޓް ވެންޗަރ ކުންފުނީގައި އޮންނަންވާނެ ސަރުކާރުގެ ހިއްސާގެ މިންވަރު ކަނޑައަޅާނީ އިންވެސްޓްމަންޓުގެ ކުޑަ ބޮޑުމިނަށް ބެލުމަށްފަހު ސަރުކާރުންނެވެ. ނަމަވެސް، މި އުސޫލުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަށްރަށް ނުވަތަ ބިންބިން ކުއްޔަށްދޫކުރުމަށް އުފައްދާ ޖޮއިންޓް ވެންޗަރ ކުންފުނީގައި މަދުވެގެން ސަރުކާރުގެ %10 ހިއްސާ އޮންނަންވާނެއެވެ. 

(ނ)  މިއުސޫލުގެ ދަށުން ކުއްޔަށްދޫކުރާ ރަށަށް ނުވަތަ ބިމަށް ސަރުކާރުން އިންވެސްޓްކުރާނެ މިންވަރަކީ، ރަށް ނުވަތަ ބިން ކުއްޔަށްހިފުމަށްޓަކައި މިއުސޫލުގެ ދަށުން ސަރުކާރަށް ދެއްކުމަށް އެއްބަސްވާ ލީސް އެކުއިޒިށަން ކޮސްޓުގެ ތެރެއިން ކަނޑައެޅޭ މިންވަރެކެވެ. އަދި ރަށް ނުވަތަ ބިން ތަރައްގީކޮށް ނިންމުމަށް އިތުރަށް ބޭނުންވާ ފައިސާ ހަރަދުކުރާނީ ސަރުކާރާ ބައިވެރިވެގެން އިންވެސްޓްކުރުމަށް ހުށަހަޅާ ފަރާތުންނެވެ.

 

10 ވަނަ މާއްދާ – އިސްތިސްނާ

ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ސަރުކާރު ބައިވެރިވެހެން އުފައްދާފައިވާ ނުވަތަ އުފައްދާ ޕަބްލިކް ކުންފުންޏަކަށް ރަށްރަށް ނުވަތަ ބިންބިން ކުއްޔަށްދޭ ދިނުން މިއުސޫލުން އިސްތިސްނާވާނެއެވެ. އަދި މީގެ އިތުރުން، ޓޫރިޒަމާބެހޭ ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ސަރުކާރު ބައިވެރިވެގެން އިންވެސްޓްކުރުމަށް ރަށްރަށް ނުވަތަ ބިންބިން ކުއްޔަށްދިނުމަށް، މިއުސޫލަށް އަމަލުކުރުމުގެ ކުރިން ސަރުކާރުން ވަކިގޮތަކަށް އަމަލުކުރުމަށް ނިންމަވާފައިވާ ރަށްރަށާއި ބިންބިން މިއުސޫލުން އިސްތިސްނާވާނެއެވެ.

 

11 ވަނަ މާއްދާ - މާނަކުރުން

(ހ)  "ކުއްޔަށްދީފައިވާ ރަށްރަށް" ކަމުގައި ބުނެފައިއެވަނީ، މި އުސޫލަށް ޢަމަލުކުރަންފަށާ ތާރީހްގައި ކުއްޔަށްދީފައިވާ ރަށްރަށް ނުވަތަ ބިންބިމަށެވެ.

(ށ) 'ޓޫރިޒަމާ ގުޅުންހުރި މަސައްކަތް' ކަމުގައި ބުނެފައިއެވަނީ، ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ހިދުމަތްދިނުމަށް ޚާއްޞަކުރެވިގެން ފީނުމުގެ ޚިދުމަތްދިނުމަށާއި، ވޯޓަރ ސްޕޯޓްސް ޚިދުމަތްދިނުމަށާއި، ފަތުރުވެރިން ދަތުރުދިއުމުގެ (ޕިކްނިކް ދަތުރުފަދަ) ހިދުމަތަށެވެ.

 

12 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަންފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/1999)

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު