-

ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު

(އުސޫލު - 12 ނޮވެމްބަރު 2015)

 

1 ވަނަ މާއްދާ – ތައާރަފު

މިއީ، ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމާ ބެހޭގޮތުން މިނިސްޓްރީން ކަނޑައަޅާ އުސޫލެކެވެ. މި އުސޫލު އެކުލަވާލާފައިވަނީ (ގައުމުތަކުން) މީހުން އުމްރާއަށް ގެންދިއުމުގައި އަމަލުކުރުމަށް ސައޫދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީން ނެރުއްވާފައިވާ އެންމެހާ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީންނެވެ. ދިވެހިރާއްޖެއިން އުމްރާއަށް މީހުންގެންދާ ހުރިހާ ފަރާތްތަކުން މި އުސޫލަށް އަމަލުކުރަން ވާނެއެވެ. މި އުސޫލު އެކުލަވާލާފައިވަނީ (ގައުމުތަކުން) މީހުން އުމްރާއަށް ގެންދިއުމުގައި އަމަލުކުރުމަށް ސައޫދީ އަރަބިއްޔާގެ ސަރުކާރުން ކަނޑައަޅާފައިވާ އުއޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖެއިން އުމްރާއަށް މީހުންގެންދާ ހުރިހާ ކުންފުނިތަކުން އަމަލުކުރުމަށްޓަކައެވެ.

 

2 ވަނަ މާއްދާ – ނަން

މި އުސޫލަށް ކިޔާނީ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު" އެވެ.

 

3 ވަނަ މާއްދާ – މަގްސަދު

މި އުސޫލުގެ ބޭނުމަކީ، އަންނަނިވި މަގްސަދުތައް ހާސިލް ކުރުމެވެ.

(ހ) ދިވެހިރާއްޖެއިން އުމްރާއަށް ދާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށްދިނުން

(ށ) އުމްރާއަށް ދާން ބޭނުންވާ ދިވެހިރައްޔިތުންގެ (ފަރާތްތަކުގެ) ފައިސާ ރައްކާތެރިކަމާއެކު ބަލަހައްޓައި އަދި ފެންވަރު ރަނގަޅު ހިދްމަތެއް ލިބޭނެ ފަދަ އިންތިޒާމެއް ހަމަޖައްސައި ދިނުން.

(ނ) ދިވެހިރާއްޖެއިން އުމްރާގެ ހިދުމަތްދޭ ކުންފުނިތަކުގެ އުމްރާގެ ހިދުމަތާގުޅޭ ކަންކަން ރެގިއުލޭޓްކުރުން.

 

4 ވަނަ މާއްދާ – ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެން ދިއުމުގެ ހުއްދަ ދޫކުރުމާ ހުއްދައިގެ މުއްދަތު

ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކުރާނީ ތިރީގައި ބަޔާންކުރާ ގޮތުގެމަތީންނެވެ.

(ހ) ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކުރެވޭނީ، ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން މިނިސްޓްރީން އިއުލާންކުރުމުން، އެ އިއުލާނުގެ މުއްދަތުގައި ހުއްދައަށް އެދި ހުށަހަޅާ ކުންފުނިތަކުގެ ތެރެއިން ށަރުތު ފުރިހަމަވާ ކުންފުނިތަކަށެވެ.

(ށ) ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަދެވޭ ކޮންމެ ކުންފުންޏަކަށްވެސް ހުއްދަދެވޭނީ 3 އަހަރުގެ މުއްދަތަށެވެ.

(ނ) ކުންފުންޏަކަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ އެއް މަސްދުވަސް ކުރިން، ލިޔުމަކުން ހުއްދަ އައު ކުރުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ، ދެން ހުއްދައަށް އެދި ހުށަހެޅޭނީ މިނިސްޓްރީން އެކަމަށް އިއުލާން ކުރުމުން އެ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތެއްގެމަތީންނެވެ. އަދި ހުއްދަ ލިބިފައިވާ ކުންފުނިން އެ ހުއްދައިގެ މުއްދަތު ހަމަވުމުގެ ކުރިން އެ މަސައްކަތް ހުއްޓާލަން ބޭނުންވެއްޖެނަމަ، އެ ހުއްދަ ބާތިލްކުރުމަށް އެދި މި މިނިސްޓްރީއަށް ސިޓީއަކާއެކު، އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައިގެ އަސްލު ހުށަހެޅުމުން އެ ހުއްދަ ބާތިލްކޮށް ދެވޭނެއެވެ.

 

5 ވަނަ މާއްދާ – ޕްރޮޕޯސަލް ހުށަހަޅާ ކުންފުނިތަކުގައި ހުންނަންޖެހޭ ށަރުތުތަސް

ވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ މި އުސޫލުގައިވާ ގޮތުގެމަތީން ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ކުންފުނިތަކަށެވެ.

(ހ) އުމްރާއަށް މީހުން ގެންދިއުމަށް އެދި ކުރިމަތިލެވޭނީ، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި އުމްރާއަށް މީހުން ގެންދިއުމުގެ ހިދުމަތްދިނުން ހިމެނިފައިވާ ކުންފުނިތަކަށެވެ.

(ށ) ހައްޖަށް ނުވަތަ އުމްރާއަށް ގެންދިއުމުގައި އެއްވެސް ފަރުދެއްގެ އަތުން ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އްސޫލާ ހިލާފަށް ފައިސާ ނަގާފައިވާނަމަ، ނުވަތަ ހައްޖުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ސާބިތުވެފައިވާ ފަރާތެއް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ނުވަތަ މެނޭޖުމަ ންޓުގައި ހިމެނޭނަމަ، އެފަދަ ކުންފުންޏަކަށް އުމްރާއަށް މީހުން ގެންދިއުމަށް އެދި ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން ކުރިމަތިނުލެވޭނެއެވެ. އަދި އެފަދަ މައްސަލައެއް ހިނގަމުން ދަނިކޮށް، މައްސަލައާމެދު ށަރީއަތުން ވަކި ގޮތަކަށް ކަނޑަނާޅަނީސްވެސް ކުރިމަތި ނުލެވޭނެއެވެ.

(ނ) ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ހުށަހަޅަން ބޭނުންވާ ކޮންމެ ކުންފުންޏަކުންވެސް އެކަމުގެ ހުއްދައަށް އެދޭއިރު، ކުންފުނީގެ މައުލޫމާތާއި އަދި އުމްރާއަށް މީހުން ގެންދިއުމަށް އެދޭ އަދަދާއި އަދި އުމްރާއަށް މީހުން ގެންދިއުމުގައި ކުންފުނިން އަމަލު ކުރާނެގޮތުގެ މުހިންމު ނުކުތާތައް އެކުލެވޭ ޕްރޮޕޯސަލްއެއް ހުށަހަޅަން ވާނެއެވެ.

(ރ) ހުއްދައަށް އެދޭ ކުންފުނީގެ ޑައިރެކްޓަރުންނަކީ، ހުއްދައަށް އެދި ހުށަހަޅާ ދުވަހާއި ހަމައަށް ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒު ކުރަމުންދާ، ނުވަތަ އެފަދަ ހުކުމެއް ތަންފީޒު ކޮށްފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ. އަދި ޖިނާޢީ ކުށްތަކުގެ ތެރެއިން ފައިސާގެ ހިޔާނާތާބެހޭ އެއްވެސް މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ ފަރާތެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.

(ބ) ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ މަސައްކަތް ކުރުމަށްޓަކައި މި އުސޫލުގެ 9 ވަނަ މާއްދާގައި ކަނޑައެޅިފައިވާ މިންގަ ނޑުތަކާ އެއްގޮތަށް ހިދުމަތްދޭނޭ އޮފީހެއް މާލޭގައި ހުރުން.

 

6 ވަނަ މާއްދާ – ޕްރޮޕޯސަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ދިވެހިރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަ ހޯދުމަށް ހުށަހަޅާއިރު ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ޕްރޮޕޯސަލްއާއެކު ހުށަހަޅަން ވާނެއެވެ.

(ހ) ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ (އަސްލާ އެއްގޮތްކަން ބަޔާންކޮށް ސަރުކާރުގެ ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ).

(ށ) ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގެ ކޮޕީ

(ނ) ކުންފުނީގެ ފަރާތުން އުމްރާއަށް މީހުން ގެންދިއުމަށް ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ގަރާރުގެ ކޮޕީ.

(ރ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެމްބަރުންގެ ފުރިހަމަ މައުލޫމާތު (ނަން، ކުންފުނީގެ މަގާމު، އެޑްރެސް، ފޯނު ނަންބަރ، އަދި އައިޑީ ކާޑުކޮޕީ)

(ބ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެމްބަރުންގެ މައުލޫމާތު ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯމް )ކުށުގެ ރެކޯޑު ފޯމް މިނިސްޓްރީން ލިބެން ހުންނާނެއެވެ).

(ޅ) އުމްރާއަށް ގެންދާ ފަރާތާއި ކުންފުންޏާ ދެމެދު ވެވޭ އެއްބަސްވުމުގެ ނަމޫނާ ކޮޕީ

(ކ) އެއްވެސް ފަރާތަކަށް ހައްޖާއި އުމްރާއާ ގުޅޭގޮތުން ދައްކަންޖެހޭ އެއްވެސް ފައިސާއެއް ދައްކަންޖެހިފައިވާނަމަ، އެ ފައިސާ ގަވާއިދުން ދައްކަމުންދާކަން އަންގައިދޭ ލިޔުން.

 

7 ވަނަ މާއްދާ – ޕްރޮޕޯސަލް ބަލައިގަތުން

 އުމްރާއަށް މީހުން ގެންދިއުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް ބަލައިގަންނާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) ޕްރޮޕޯސަލާއެކު ހުށަހަޅަންޖެހޭނެ ކަމަށް 6 ވަނަ މާއްދާގެ (ހ) އިން (ކ) އަށް ބަޔާންކޮށްފައިވާ ލިޔުންތަކުގެ ތެރެއިން އެއްވެސް ލިޔުމެއް ޕްރޮޕޯސަލާއެކު ހުށަނާޅާނަމަ އެޕްރޮޕޯސަލް ބާތިލް ކުރެވޭނެއެވެ.

(ށ) ޕްރޮޕޯސަލްތައް ހުށަހެޅޭނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެމްބަރުންނަށެވެ. ޑިރެކްޓަރުންގެ ބޯޑުގައި ނުހިމެނޭ ފަރާތެއް ޕްރޮޕޯސަލް ހުށަހަޅާނަމަ، އެފަރާތަކީ ކުންފުނީގެ ފަރާތުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުއްދަދީފައިވާ ފަރާތެއްކަން އަންގައިދޭ ކުންފުނީގެ ސިޓީއެއް ނުވަތަ ލިޔުމެއް އޮންނަންވާނެއެވެ. މީގެ އިތުރުން އެފަރާތެއްގެ މުއްދަތު ހަމަނުވާ އައިޑީ ކާޑު ހުށަހަޅަންވާނެއެވެ. މި ސިޓީ ނުވަތަ ލިޔުން އޮންނަންވާނީ މިނިސްޓްރީއަށް ހުށަހަޅާ ޕްރޮޕޯސަލްއާ ވަކިންނެވެ.

 

8 ވަނަ މާއްދާ – ޕްރޮޕޯސަލް އިވޭލުއޭޓް ކުރުން

(ހ) ޕްރޮޕޯސަލް އިވެލުއޭޓް ކުރާނީ، މިނިސްޓްރީން ޢައްޔަންކުރާ، 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުންނެވެ.

(ށ) ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް ނިމުމުން މާކްސް ދެވުނުގޮތް ހާމަކޮށް، ހޮވޭ ކުންފުނިތައް އިއުލާނުކުރަންވާނެއެވެ.

(ނ) ޕްރޮޕޯސަލް އިވެލުއޭޓް ކުރުމަށްފަހު، ޖަދުވަލު 1 ގައިވާ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މެނުވީ، އެއްވެސް ކުންފުންޏަކުން އުމްރާއަށް މީހުން ގެންދިއުމަށް ކުރަންޖެހޭ މަސައްކަތެއް ކޮށްގެންނުވާނެއެވެ.

 

9 ވަނަ މާއްދާ - އުމްރާއަށް ދިއުމަށްއެދޭ ފަރާތްތަކަށް ހިދުމަތްދޭ އޮފީހުގައި ހުންނަންޖެހޭ މިންގަނޑުތައް

ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދޭ ކުންފުނިތަކުން އުމްރާއަށް ދިއުމަށްއެދޭ ފަރާތްތަކަށް ހިދުމަތްދޭއޮފީސް ހުންނަންވާނީ އަންނަނިވި މިންގަނޑުތަކަށް ފެތޭގޮތަށެވެ.

(ހ) އޮފީހާ ގުޅޭނެ ޓެލެފޯން ނަންބަރ، ފެކްސް ނަންބަރ، އީމެއިލް އެޑްރެސް އާންމުކޮށް އެނގޭނެ ގޮތަށް ހުރުން.

(ށ) ކުންފުނީގެ އޮފީސް ހުންނަ އިމާރާތުގެ ބޭރަށް ފެންނަގޮތަށް އެ ކުންފުނީގެ ނަންބޯޑާއި އަދި ހިދުމަތްދޭގަޑިތައް އާންމުކޮށް ފެންނަން ހުރުން.

(ނ) އޮފީސް ހުޅުވާފައި ހުންނަ ކޮންމެ ގަޑިއެއްގައިވެސް، އެ އޮފީހުގައި މުވައްޒަފަކު ހުރުން.

(ރ) މިނިސްޓްރީން އުމްރާއަށް މީހުން ގެންދިއުމަށް ދޫކުރާ ހުއްދަ ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފެންނަހެން ހުރުން.

(ބ) އުމްރާއަށް ދިއުމަށްޓަކައި ފައިސާ ދައްކާ ފަރާތާއި ކުންފުންޏާއި ދެމެދު ވެވޭ އެއްބަސްވުމާއި އެންމެހައި ލިޔެކިޔުންތައް، ކަމާބެހޭ ފަރާތްތަކުން ބަލަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ފަސޭހައިން ފެންނާނެގޮތަށް ފައިލްކޮށް ބެލެހެއްޓުން.

 

10 ވަނަ މާއްދާ - އުމްރާއަށް ގެންދާ މީހުންގެ ލިސްޓް ހުށަހެޅުން

އުމްރާއަށް ގެންދާ މީހުންގެ ލިސްޓެއް ތިރީގައިވާ މައުލޫމާތު ހިމެނޭގޮތަށް ހުށަހަޅަންވާނެއެވެ.

(ހ)

  1.  ނަން.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު .
  3. ޕާސްޕޯޓު ނަންބަރު .
  4. ދާއިމީ އެޑްރެސް .
  5. މިހާރު ދިރިއުޅޭ އެޑްރެސް .
  6. ޖިންސު.
  7. އުފަން ތާރީހް.
  8. އުމުރު.
  9. ގުޅޭނެ ފޯނު ނަންބަރު.
  10. ރާއްޖެއިން ބޭރުގައި އުޅެނިކޮށް ގެއްލުމެއް ލިބިޖެއްނަމަ، ގުޅާނެ ފަރާތެއްގެ ނަމާއި، އެޑްރެހާއި، ފޯނު ނަންބަރު.X

(ށ) އުމްރާއަށް ގެންދާ މީހުންގެ ލިސްޓު އުމްރާއަށް ފުރުމުގެ 7 (ހަތެއް) ދުވަސް ކުރިން މިނިސްޓްރީ އަށް ހުށަހަޅަންވާނެއެވެ.

(7 ދުވަސް ގުނާނީ ބަންދު ދުވަސްތަކާއި އެކުގައެވެ(. އަދި އެ ލިސްޓްގެ ސޮފްޓް ކޮޕީ އީމެއިލް ކުރަން ވާނެއެވެ. ލިސްޓް އީމެއިލްކުރާނީ   [email protected] މި އީމެއިލް އެޑްރެހަށެވެ. މިފަދައިން ކުންފުނިން އަމަލުކޮށްފައި ނުވާނަމަ، އެ ކުންފުންޏަށް ދީފައިވާ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ބާތިލްކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - އުމްރާއަށް ގެންދާ ފަރާތާއި ކުންފުންޏާ ދެމެދު ވެވޭ އެއްބަސްވުން

އުމްރާއަށް ދާ ފަރާތާއި ކުންފުންޏާ ދެމެދު ވެވޭ އެއްބަސްވުމެއް ތިރީގައި އެވާ ޖަދުވަލުގައިވާ ގޮތަށް އޮންނަން ޖެހޭނެއެވެ.

(ހ) ކުންފުންޏާއި އުމުރާއަށްދާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގައި ސޮއިކުރަންޖެހޭނެއެވެ. މި އެއްބަސްވުމުގައި އުމްރާއަށްދާ ފަރާތަށް ކުންފުނިން ފޯރުކޮށްދޭނެ އެންމެހާ ހިދުމަތްތައް ހިމަނާފައި އޮންނަންވާނެއެވެ.

(ށ) ކުންފުނިން އުމްރާއަށް މީހުން ގެންދާ ކޮންމެ ދަތުރަކަށް، އުމްރާއަށް ގެންދާ ފަރާތާއި ކުންފުންޏާ ދެމެދު ވެވޭ އެއްބަސްވުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ފެންނަގޮތަށް ކުންފުނީގައި އޮންނަންވާނެއެވެ.

(ނ) އުމްރާއަށް ގެންދާ ފަރާތާއި ކުންފުންޏާ ދެމެދު ވެވޭ އެއްބަސްވުމުގެ ކޮޕީއެއް އުމްރާއަށް ދާ ފަރާތަށް ދޭންވާނެއެވެ.

 

12 ވަނަ މާއްދާ - އުމްރާއަށް ދިޔުމަށް ފައިސާ ދެއްކުން

މި އުސޫލުގެ ދަށުން، ކުންފުނިތަކުން އުމްރާއަށް ދިއުމަށް އެދޭ މީހުންގެ އަތުން ފައިސާ ނަގަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ހ) އުމްރާއަށް ދިޔުމަށް ފައިސާ ދައްކަންވާނީ މިނިސްޓްރީން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކަށެވެ.

(ށ) އުމްރާއަށް ދިއުމަށްޓަކައި ކުންފުންޏަށް ފައިސާ ދެއްކި ކަމުގެ ރަސީދެއް ފައިސާ ދެއްކި ފަރާތަށް އެ ކުންފުންޏަކުން ދޭންވާނެއެވެ.

(ނ) އުމްރާއަށް ދިޔުމަށްޓަކައި ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކުގެ ލިސްޓު، ފައިސާ ދެއްކި ރަސީދު ނަންބަރުތަކާއެކު އުމްރާއަށް ފުރުމުގެ 7(ހަތެއް) ދުވަސް ކުރިން (ބަންދުދުވަސްތައް ހިމަނައިގެން) މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

13 ވަނަ މާއްދާ - އުމްރާއަށްދާ ފަރާތްތަކަށް ކުންފުނީގެ ފަރާތުން ފުރިހަމަކޮށްދޭންޖެހޭ ކަންތައްތައް

އުމްރާއަށް ގެންދާ ފަރާތްތަކަށް ކޮންމެ ކުންފުންޏަކުންވެސް ތިރީގައިވާ ކަންތައްތައް އުމްރާވެރިންނަށް ފޯރުކޮށްދޭން ޖެހޭނެއެވެ.

(ހ) ވައިގެ މަގުން ދެކޮޅު ޓިކެޓް އުމްރާއަށްދާ ފަރާތްތަކަށް ކުންފުނީގެ ފަރާތުން ހަމަޖެއްސުން.

(ށ) އުމްރާއަށް ގޮސް މައްކާގައިތިބޭ ދުވަސްވަރު އެ ކުންފުންޏެއްގެ އުމްރާ ޕެކޭޖުގައިވާ ގޮތުގެމަތިން އުމްރާވެރިންގެ ހުރުމާއި ކެއިންބުއިން އަދި އެއްގަމުގެ ދަތުރުތައް ހމަޖައްސައިދިނުން. ކޮންމެ ކުންފުންޏަކުންވެސް، އުމްރާއަށް ގެންދާ މީހުންނަށް ދޭން އެ ކުންފުންޏަކުން ދިނުމަށް އެއްބަސްވެފައިވާ އެންމެހާ ހިދުމަތްތައް ފޯރުކޮށްދޭންޖެހޭނެއެވެ.

(ނ) މަދީނާއަށް ޒިޔާރަތްކުރުމުގައި އެ ކުންފުންޏެއްގެ އުމްރާ ޕެކޭޖުގައިވާ ގޮތުގެމަތިން އުމްރާއަށް ދާ ފަރާތްތަކަށް ހިދުމަތް ހަމަޖައްސައިދިނުން

(ރ) މަހުރަމުން ފިޔަވައި ކޮޓަރިތަކުގައި ދެ ޖިންސުގެ މީހުން ވަކިން ބޭތިއްބުން.

(ބ) އުމްރާވެރިން ދަތުރުކުރާ ހުރިހާ ދަތުރުތަކެއްގައި އުމްރާވެރިންނާއެކު ކުންފުނީގެ ޒިންމާ އުފުލޭނެ ފަރާތެއް ދަތުރުތަކުގައި ބައިވެރިވުން.

(ޅ) މައްކާ އާއި މަދީނާގައި އުމްރާވެރިން އުޅޭ އިރު ސިއްހީ ކަންތައް ބެލެހެއްޓުމަށް މެޑިކަލް ޑޮކްޓަރެއް ނުވަތަ ހުއްދަލިބިފައިވާ ސިއްހީ އެހީތެރިއެއް ހުންނަންވާނެއެވެ. އަދި ދީނީ ނަޞޭހަތް ދިނުމަށް މިނިސްޓްރީން ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދެވިފައިވާ ދީނީ އިލްމުވެރިއަކު ބައިވެރިކުރަންވާނެއެވެ.

(ކ) ރާއްޖެއިން އުމްރާއަށް ފުރާ ދުވަހުން ފެށިގެން އެނބުރި ރާއްޖެއަށް އައުމާ ހަމައަށް އަރަބި ބަސް ދަންނަ މީހުން އެ އުމްރާގެ ހުރިހާ ދަތުރުތަކެއްގައި ހިމެނުން.

 

14 ވަނަ މާއްދާ - ކޮށްގެން ނުވާނެ ކަންތައްތައް

މި އުސޫލުގެ ދަށުން ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަލިބިފައިވާ ކުންފުނިތަކާއި އަދި ރާއްޖެއިން އުމްރާއަށްދާ ފަރާތްތަކުން އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްގެން ނުވާނެއެވެ.

(ހ) ދިވެހިރާއްޖެއިން އުމްރާއަށް މީހުންގެންދާ ކުންފުނިތަކާއި އެކުންފުނިތަކުގެ ހަވާލުގައި އުމްރާއަށް ގެންދާ މީހުން ސައޫދީ އަރަބިއްޔާގެ ދާހިލީ އަދި ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމާއި، އެފަދަ ކަމަކަށް ވާގިދޭފަދަ އަމަލެއް ހިންގާ ނުވަތަ ލިޔެކިޔުމެއް ބަހައި، ނުވަތަ އެފަދަ އެއްވެސް ޢަމަލެއް ހިންގައިގެން ނުވާނެއެވެ.

(ށ) އުމްރާ ވެރިންނާއި ކުންފުޏާ މެދު ވެފައިވާ އެއްބަސްވުމުގައި އުމްރާގެ އަގަށް ނެގުމަށް ކަޑައަޅާފައިވާ ފައިސާގެ އިތުރުން އެއްވެސް ފައިސާއެއް އުމްރާވެރިންގެ އަތުން ނަގައިގެން ނުވާނެއެވެ.

(ނ) ކައިވެނި ހެޔޮވާ އަންހެނުންނާއި ފިރިހެނުން އެއް ކޮޓަރިއެއްގައި ބަހައްޓައިގެން ނުވާނެއެވެ.

(ރ) އުމްރާއަށް މީހުންގެންދާ ކުންފުނިތަކުން ނުވަތަ ރާއްޖެއިން އުމްރާއަށްދާ ފަރާތްތަކުން، މަސްތުވާ އެއްވެސް އެއްޗެއް ނުވަތަ ޤާނޫނާއި ގަވާއިދުތައް ހުއްދަ ނުކުރާ އެއްވެސް އެއްޗެއް ސައޫދީ އަރަބިއްޔާއަށް އެތެރެ ކޮށްގެން ނުވާނެއެވެ.

(ބ) 45 އަހަރުން ދަށުގެ އަންހެނުން މަހުރަމަކާނުލައި އުމްރާއަށް ގެންގޮސްގެން ނުވާނެއެވެ.

(ޅ) ދީނީ އިރުށާދާއި ދީނީ ނަސޭހަތް ދިނުމުގައި، ދިވެހިރާއްޖޭގައި ދީނީ ނަސޭހަތްދިނުމުގެ ހުއްދަ ދީފައިނުވާ ފަރާތެއް ލައްވައި ދީނީ ނަސޭހަތް ދިނުމާއި، ދީނީ ނަސޭހަތް ދިނުމުގައި އެއްވެސް ފަރާތަކަށް އުދަގޫވާގޮތަށް އަމަލު ކޮށްގެން ނުވާނެއެވެ.

 

15 ވަނަ މާއްދާ – އުމްރާ ވިސާޖެހުން

އިތުރު އެއްވެސް ފައިސާއެއް އުމްރާވެރިންގެ އަތުން ނެގުމަކާނުލައި ކުންފުނީގެ ހަވާލުގައި އުމްރާއަށް ގެންދާ ފަރާތްތަކަށް ވިސާ ހޯދުމަކީ ކުންފުނީގެ ޒިންމާއެކެވެ. އަދި ވިސާގެ ކަންތައްތަކަށް އެއްވެސް ހަރަދެއް ކުރަންޖެހިއްޖެނަމަ އެހަރަދެއް ކުރުމުގެ ހުރިހާ ޒިންމާއެއްވެސް ނަގަންޖެހޭނީ ކުންފުނިންނެވެ.

 

16 ވަނަ މާއްދާ - މައުލޫމާތު ދިނުމާއި އުމްރާ ދަތުރުގެ ރިޕޯޓް ހުށަހެޅުން

(ހ) ކުންފުނީގެ ބެލުމުގެ ދަށުން އުމްރާއަށް ގެންދާ މީހުންގެ ދަތުރު ހަމަޖެހިފައިވާގޮތުގެ ތަފްޞީލް އުމްރާއަށް ފުރުމުގެ  14 (ސާދަ) ދުވަސް ކުރިން މިނިސްޓްރީއަށް ލިޔުމުން ހުށައަޅަންވާނެއެވެ.

(ށ) ކޮންމެ އުމްރާ ދަތުރަކަށްފަހު، އެ ދަތުރަށް ޚަރަދުވީ މިންވަރާއި އަދި ދަތުރުގެ މުހިއްމު ކަންކަމާބެހޭ ރިޕޯޓެއް ދަތުރު ނިންމާފައި އަންނަތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

 

17 ވަނަ މާއްދާ – އުމްރާ ދަތުރުގައި ދިމާވާ ކުއްލި ހާދިސާތައް އެންގުން

އުމްރާ ދަތުރަށް ފުރުމަށްފަހު، އެނބުރި ދިވެހިރާއްޖެ އައުމާ ހަމައަށް ދިމާވާ ކުއްލި ހާދިސާތައް މިނިސްޓްރީއަށް އަންގަންވާނެއެވެ.

 

18 ވަނަ މާއްދާ - ފިޔަވަޅު އެޅުން

މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކޮށްފައިނުވާނަމަ، މި މާއްދާގެ (ހ)،(ށ) އަދި (ނ) ގެ ދަށުން ފިޔަވަޅު އެޅުމަކީ މިނިސްޓްރީއަށް ލިބިގެންވާ އިޚްތިޔާރެކެވެ.

(ހ) އުމްރާއަށް މީހުން ގެންދިޔަ ކުންފުނިތަކުން އުމްރާއަށް ގެންދާ ފަރާތްތަކަށް ދޭންޖެހޭ ހިދުމަތްތަކުގެ ތެރެއިން ދޭން އެއްބަސްވެފައިވާ ފެންވަރުގެ ހިދުމަތްތައް ފުރިހަމަކޮށް ނުދީފިނަމަ، އެފަރާތަކަށް ދީފައިވާ ހުއްދަ ބާތިލުކުރެވޭނެއެވެ.

(ށ) އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ހުށަހަޅާ ލިޔެކިޔުންތަކާއި ދެވޭ މައުލޫމާތުތަކުގެ ތެރޭގައި ދޮގު މައުލޫމާތު ހިމެނޭ ލިޔުމެއް ހުށަހަޅައިފިނަމަ، އެފަރާތަށް އެކަން އެންގުމާއެކު، ހުއްދައަށް އެދި ހުށަހެޅި ޕްރޮޕޯސަލް ބާޠިލު ކުރެވޭނެއެވެ.

(ނ) މި އުސޫލުގެ އެއްވެސް މާއްދާއަކާ ހިލާފު ވެއްޖެނަމަ، އެކުންފުންޏަކަށް ކުރިއަށް އޮންނަ 2 (ދޭއް) އަހަރު އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދެވޭނެއެވެ.

 

19 ވަނަ މާއްދާ – ބަދަލުގެނައުން

މި އުސޫލަށް ބަދަލު ގެނައުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

20 ވަނަ މާއްދާ - މި އުސޫލުގައި ނުހިމެނޭކަމެއް މެދުވެރިވުން

އުސޫލުގައި ހިމެނިފައި ނުވާކަމެއް މެދުވެރިވެއްޖެނަމަ، ނުވަތަ ހާއްސަ ހާލަތަކާއި ގުޅިގެން ވަކިގޮތަކަށް އަމަލުކުރަން ޖެހިއްޖެނަމަ، އެކަމެއް ނިންމާނީ މިނިސްޓްރީންނެވެ.

 

21 ވަނަ މާއްދާ – މާނަ ކުރުން

މި އުސޫލުގައި އެހެންގޮތަކަށް ބުނެފައިނުވާނަމަ، ނުވަތަ ބަހެއް، ނުވަތަ އިބާރާތެއް އޮތްގޮތުން ސީދާ އެހެންގޮތަކަށް މާނަ ނުކުރެވޭނަމަ، ތިރީގައި ބަޔާންކޮށްފައިވާ ބަސްބަހާއި ޢިބާރާތްތައް މާނަ ކުރެވޭނީ އަންނަނިވި ގޮތަށެވެ. "

މިނިސްޓްރީ" ކަމަށް ބުނެފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށެވެ.

"ކުންފުނި" ކަމަށް ބުނެފައިވަނީ އުމްރާއަށް މީހުންގެންދިއުމުގެ ހުއްދަޔަށް އެދޭ ކުންފުނި ނުވަތަ އެކަމަށް ހުއްދަ ދެވިފައިވާ ކުންފުންޏަށެވެ.

"ޑިރެކްޓަރ/ޑިރެކްޓަރުން" ކަމަށް ބުނެފައިވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނަށެވެ.

"ތުހުމަތު" ކަމަށް ބުނެފައިވަނީ ތަހުގީގީ އިދާރާއަކުން ހިޔާނާތް/ފައިސާގެ އެއްވެސް މައްސަލައެއް ބަލަމުންދިއުން، ނުވަތަ ށަރުއީ ކޯޓެއްގައި މައްސަލައެއް ހިނގަމުން ދިއުން.

"އުމްރާ ޕެކޭޖް" ކަމަށް ބުނެފައި އެވަނީ ކުންފުނިތަކުން އުމްރާ ވެރިންނަށް ދިނުމަށް އެއްބަސްވެފައިވާ އެއްބަސްވުމުގައިވާ ހިދުމަތްތަކެވެ.

"ކުއްލި ހާދިސާ" ކަމަށް ބުނެފައި އެވަނީ، ދިމާވާ ގުދުރަތީ ހާދިސާއަކުން އުމްރާ ވެރިއަކަށް ގެއްލުމެއްވުން، މަރުވުން އަދި ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުމެވެ.

 

22 ވަނަ މާއްދާ

މި އުސޫލަށް އަމަލުކުރަން ފަށާނީ، މި އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ. މިއުސޫލަށް އަމަލުކުރަން ފެށުމުން މީގެކުރިން އަމަލުކުރަމުން ގެންދިޔަ އުސޫލު ބާތިލްވީއެވެ.

 

 

--------------- 

 

ޖަދުވަލު 1

 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް                                                                                 އުމްރާގެ ހުއްދަ

 މާލެ، ދިވެހިރާއްޖެ                                                                                                    ތާރީޚް:

 

ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެން ދިއުމާބެހޭ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން

 ...ވަނަ އަހަރު އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކާއި

 މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ދެމެދު ވެވޭ އެއްބަސްވުން.

 

 

  • ހުއްދައަށް އެދުނު ކުންފުނީގެ ނަން:

ދިވެހިބަހުން:

 

އަރަބިބަހުން:

 

އިނގިރޭސިބަހުން:

 

 

  • ނަން:                         އަ.އި.ޑީ ކާޑް ނަންބަރު:
  • މަގާމް:                          މޯބައިލް ނަންބަރު:
  • އޮފީހުގެ އެޑްރެސް:                ފޯނު ނަންބަރު:
  • ހުއްދައިގެ ނަންބަރު:            ހުއްދަދިން ކޯޓާގެ އަދަދު:

 

މި އެއްބަސްވުމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ("މިނިސްޓްރީ") އާއި ........................ ("ކުންފުނި"(  އާ ދެމެދު ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމުގެ ގޮތުން 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ކުރެވޭ އެއްބަސްވުމެކެވެ. މި އެއްބަސްވުން ކުރެވޭ ދެފަރާތުން ވެސް ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އެއްބަސްވެ، އަމަލު ކުރަންވާނެއެވެ.

 

  1. ދިވެހިރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާއި ބެހޭ އުސޫލަށް ތަބާވެ، އެ އުސޫލުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އިޙްތިރާމް ކޮށް އެއަށް އަމަލުކުރަންވާނެއެވެ.
  2. އުމްރާއަށްދާން ގަސްދުކުރާ ފަރާތުގެ ފައިސާ ނެގުމުގައި އަމަލު ކުރަންޖެހޭނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

    (ހ) ފައިސާ ދެއްކި ކަމުގެ ހެއްކެއްގެ ގޮތުން ފައިސާ ދެއްކިކަމުގެ ރަސީދަކާއި، ކޯޓާ ދޫކުރާ ތަރުތީބުން ހާއްސަ ނަންބަރެއް އެކުލެވޭ، ކޯޓާ ކަށަވަރުކޮށްފިކަމުގެ ލިޔުމެއް ކޮންމެ ފަރާތަކަށްވެސް ދޫކުރަންވާނެއެވެ.
    (ށ) ނަގުދު ފައިސާއިން އެއްވެސް ފަރާތަކުން ފައިސާ ދައްކައިފިނަމަ، ބަންދު ނޫން 2( ދޭއް) ދުވަހުގެ ތެރޭގައި އެ ފައިސާ ކުންފުނީގެ ކަލެކްޝަން އެކައުންޓަށް ޖަމާކުރަންވާނެއެވެ.
    (ނ) ކުންފުންޏަށް ކަނޑައަޅާފައިވާ ކޯޓާގެ އަދަދު ހަމަވާތާ 7( ހަތެއް)  ދުވަހުގެ ތެރޭގައި، ފައިސާ ދެއްކިފަރާތަކަށް ދޫކުރި ރަސީދު އަދި ކޯޓާ ޔަގީންވިކަމުގެ ލިޔުމުގެ ކޮޕީ އަކާއި، ކުންފުނީގެ ކަލެކްށަން އެކައުންޓުގައި ހުރި އަދަދު އެނގޭ ގޮތުގެ ސްޓޭޓްމަންޓެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އެކައުންޓަށް ޖަމާކުރެވުނު ފައިސާއިން އެއްވެސް ހޭދައެއް ކޮށްފައިވާނަމަ، އެ ހޭދަކުރި ކަމެއް ހެކިކޮށްދޭ ލިޔުމެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި މިކަމާބެހޭ އިތުރު ތަފްޞީލެއް މިނިސްޓްރީއަށް ބޭނުންވާ ނަމަ، ކުންފުނިން އެ ތަފްޞީލެއް ހުށަހަޅަން ވާނެއެވެ.
    (ރ) މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައިވާ ކަންކަން ފުރިހަމަ ކުރުމުގައި އިހުމާލެއް ވެއްޖެނަމަ، މިނިސްޓްރީން ކުންފުންޏަށް ދީފައިވާ ހުއްދަ ބާތިލުކޮށް، އަދި 10000 (ދިހަ ހާސް) ރުފިޔާ އާއި 3000 (ތިރީސް ހާސް) ރުފިޔާ އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ. އަދި މިފަދަ ކުންފުނިތަކުގެ ނަން އާންމުކޮށް އިއުލާނުކުރެވޭނެއެވެ.

  3. ކޮންމެ އުމްރާވެރިއަކަށްވެސް އުމްރާގެ އަޅުކަމުގެ ކަންތައްތައް ކީރިތި ގުރުއާނާއި ސުންނަތާއި އެއްގޮތަށް އުގަންނާދޭން ވާނެއެވެ. އަދި އުމްރާގެ އަޅުކަމާބެހޭގޮތުން ދިވެހިބަހުން ލިޔެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ފާސްކޮށްފައިވާ ފޮތްތައް އުމްރާވެރިންނަށް ދޭންވާނެއެވެ. އަދި ދަތުރަށް ތައްޔާރުވުމަށް ނަސޭހަތްތެރިވެ، އުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީއަށް ހުށަހެޅި އާރް.އެފް.ޕީ ޑޮކިޔުމެންޓު (ޕްރޮޕޯސަލް) ގައި ހުރި ހުރިހާ ކަމެއް ފުރިހަމަ ކޮށްދޭންވާނެއެވެ.
  4. އުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީއަށް ކުންފުނިން ހުށަހެޅި އާރް.އެފް.ޕީ ޑޮކިޔުމެންޓު (ޕްރޮޕޯސަލް) ގައިވާ މަޢުލޫމާތާ އެއްގޮތަށް އެއްގޮތަށް ހިދުމަތް ނުދެވިއްޖެނަމަ، މި އެއްބަސްވުމާއި ކުންފުނިން ހިލާފުވިކަމަށް ބަލައި، ދަޢުވާ ކުރުމުގެ ހައްގު މިނިސްޓްރީއަށް ލިބިގެންވެއެވެ.
  5. ކުންފުނީގެ އިހުމާލުން އުމްރާގެ ރުކުނެއް ނުވަތަ ވާޖިބެއް އެއްވެސް އުމްރާވެރިއަކަށް ފުރިހަމަ ނުކުރެވިއްޖެކަން ސާބިތުވެއްޖެނަމަ، ދެވަނަ ފަހަރަށް އެ ކުންފުންޏަކަށް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައެއް ނުދެވޭނެއެވެ. އަދި އެއްވެސް އުމްރާވެރިއަކަށް އެއްވެސް ކަމެއް އޮޅުވާލައިގެން ނުވާނެއެވެ.
  6. މި އެއްބަސްވުމުގައިވާ އެއްވެސް ކަމަކާއި މެދު ހިލާފެއް އުފެދިއްޖެނަމަ، މައްސަލަ ޙައްލު ކުރާނީ ފުރަތަމަ ދެފަރާތުން ސުލްޙަވެރިކަމާއެކު ވާހަކަދައްކައިގެންނެވެ. މިގޮތުން ހައްލު ނުވެއްޖެނަމަ ދެން އެމައްސަލަ ހައްލުކުރާނީ ދިވެހިރާއްޖޭގެ ޝަރުއީ ކޯޓު މެދުވެރިކޮށެވެ.
  7. މި އެއްބަސްވުމަށް އިސްލާޙެއް ގެނެވޭނީ، އެއްބަސްވުމުގެ ބައިވެރިން އެކަމަށް އެއްބަސްވެ ލިޔުމުން ގެނެވޭ އިސްލާހެއްގެ ޒަރީއާއިންނެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފަށާނީ ދެފަރާތުން ސޮއި ކުރާ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

 

 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން

ކުންފުނީގެ ފަރާތުން

 

ސޮއި:

ނަން:

މަގާމް:

ތައްގަޑު:

 

ސޮއި:

ނަން:

 މަގާމް:

ތައްގަޑު:

 

 

ހެކިން:

ހެކިން:

އައި ޑީ ކާޑް ނަންބަރު:

އައި ޑީ ކާޑް ނަންބަރު:

ސޮއި:

ސޮއި:

ހެކިން:

ހެކިން:

އައި ޑީ ކާޑް ނަންބަރު:

އައި ޑީ ކާޑް ނަންބަރު:

ސޮއި:

ސޮއި:

 

 

ގުޅުންހުރި އުސޫލު

އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު (24 ޖެނުއަރީ 2019)

 

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު