-

ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު

(އުސޫލު ނަންބަރު 2023-31)

(މި އުސޫލަށް އަމަލުކުރަން ފަށާނީ 24 ސެޕްޓެމްބަރު 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅައިފައިވާ ސިޔާސަތުގެ ދަށުން، "ގެދޮރުވެރިން" މި ނަމުގައި ކުރިޔަށްގެންދާ ޕްރޮގްރާމުގެ "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ގިރާވަރު އުތުރުފަޅުން ބަންޑާރަ ގޯތި ދޫކުރުމަށް ޓަކައި ކަނޑައަޅައިފައިވާ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކީ، "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ގިރާވަރު އުތުރުފަޅުން ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެހައި ކަންކަން އިންތިޒާމުކޮށް ހިންގަނީ ކަނޑައެޅިފައިވާ ހަމަތަކެއްގެ މަތީން، ވީހައިވެސް ގިނަ ބަޔަކަށް ގޯތި ލިބުމުގެ ފުރުސަތު ފަހިވާގޮތަށްކަން ކަށަވަރުކުރުމެވެ.

 

3 ވަނަ މާއްދާ - ގޯތި ހޯދުމަށް އެދޭ މީހުންގެ ށަރުތުތައް

މި ސްކީމުގެ ދަށުން ގޯތި ހޯދުމަށް އެދޭ މީހުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ހުންނަންވާނެއެވެ.

(ހ) ދިވެހި ރައްޔިތެއް ކަމުގައި ވުން.

(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.

(ނ) "ބިންވެރިޔާ" ސްކީމުގެ ދަށުން ނުވަތަ "ވެށިފަހި މާލެ ޕްރޮގްރާމް" ގެ ދަށުން ގޯއްޗެއް ލިބިފައި ނުވުން.

(ރ) މާލޭގައި ދިރިއުޅޭތާ މަދުވެގެން 20 (ވިހި) އަހަރުދުވަސް ވެފައިވުން، ނުވަތަ އެއްވެސް އިރެއްގައި މާލެ ނޫން އެހެން ރަށެއްގެ ރަށްވެހީންގެ ރަޖިސްޓަރީގައި ހިމެނިފައި ނުވުން.

(ބ) މާލޭ ސަރަހައްދުން 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެ މީހަކަށް ލިބިފައި ނެތުން ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން.

(ޅ) މާލެ ސަރަހައްދުން 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ހައުސިންގ ޔުނިޓެއް، ނުވަތަ ރޯހައުސްއެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައިވާނަމަ، ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާނަމަ، އެފަދަ ތަނެއް މި އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން.

(ކ) ސަރުކާރުން ހިންގައިފައިވާ ބޯހިޔާވަހިކަމުގެ މަށްރޫއެއްގެ ދަށުން އެއްވެސް ރަށެއްގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓެއް، ނުވަތަ ރޯހައުސްއެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާނަމަ، ނުވަތަ ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި އަގު އަދާކުރާގޮތަށް އެފަދަ ތަނެއް ގަނެވިއްކުމުގެއެއްބަސްވުމެއްގައި ސޮއިކޮށްފައިވާނަމަ، އެފަދަ ތަނެއް މި އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން.

(އ) ރާއްޖޭގެ އެއްވެސް ރަށެއްގައި އޮތް ބަންޑާރަ ގޯއްޗެއްގައިވާ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނޫފުލޭ މުދަލުން ބަހައިގެން ބިމުން ލިބެން އޮންނަބައި، ނުވަތަ ހައުސިންގޔުނިޓެއް، ނުވަތަ ރޯހައުސްއެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ބަހައިގެން ލިބެން އޮންނަ ބައި މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ދޫކޮށްލުމަށް އެއްބަސްވުން.

(ވ) ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ހައުސިންގ ޔުނިޓެއް، ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު އި މާރާތެއްގެ ފުލެޓެއް އަމިއްލަ ނަމުގައި އޮވެ، އެ ތަން އެހެން ފަރާތަކަށް ދީފައިވާތ،ާ ނުވަތަ ދޫކޮށްލައިފައިވާތ،ާ ނުވަތަ ވިއްކައިލައިފައިވާތާ 5 (ފަހެއް) އަހަރުދުވަހަށްވުރެ ގިނަދުވަސް ވެފައިވުން.

 

4 ވަނަ މާއްދާ - ގޯއްޗަށް އެދި ހުށަހެޅުން

(ހ) މި ސްކީމުގެ ދަށުން ގޯތި ހޯދުމަށް އެދި އެޕްލިކޭށަން ހުށަހަޅާނީ "ގެދޮރުވެރިން" ޕޯޓަލް މެދުވެރިކޮށެވެ. ގޯތި ހޯދުމަށް އެދި ވަކި ފަރުދަކަށް ސިންގަލް އެޕްލިކޭށަނެއް ނުވަތަ އެކަކަށްވުރެ ގިނަ މީހުން އެކުވެގެން ޖޮއިންޓް އެޕްލިކޭށަނެއް ވެސް ހުށަހެޅިދާނެއެވެ.

(ށ) ޖޮއިންޓް އެޕްލިކޭށަނުގައި ބައިވެރިވެވޭނީ އަންނަނިވި ފަރާތްތަކަށެވެ.

  1. އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓަރީވެފައި އޮންނަ ގޯތީގެ ބެހެނިވެރިން (ޓައިޓްލް ހޯލްޑަރސް).
  2. ލީޑިންގ އެޕްލިކަންޓުގެ މަންމަ، ބައްޕަ، އަނބިމީހާ ނުވަތަ ފިރިމީހާ، ދަރިން، އެއްބަނޑުއެއްބަފާ މީހުން، އެއްބަނޑު މީހުން ނުވަތަ އެއްބަފާ މީހުން.

 

5 ވަނަ މާއްދާ - ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުން

(ހ) ގޯތި ދޫކުރުމުގައި މި އުސޫލުގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވެފައިވާ މީހުންގެ އަދަދު، މި އުސޫލުގެ ދަށުން ދޫކުރާ ގޯތީގެ އަދަދަށްވުރެއިތުރުވާނަމަ، ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭނެ ފަރާތްތައް ކަނޑައަޅާނީ، ގޯއްޗަށް އެދި ހުށަހަޅާ އެޕްލިކޭށަނުގެ ބައިވެރީންގެ އަދަދަށާއި، ގޯއްޗަށް އެދިފައިވާ ފަރާތުގެ ރަށްވެހިކަމާއި، ގޯއްޗަށް އެދިފައިވާ ފަރާތުގެ އުފަންދަރިންނާއި، ށަރުއީގޮތުން ބަލަންޖެހި ފައިވާ މީހުންގެ އަދަދަށާއި، ގޯއްޗަށް އެދިފައިވާ ފަރާތާއި ގޯއްޗަށް އެދިފައިވާ ފަރާތުގެ އުފަން ދަރިންނާއި ށަރުއީގޮތުން ބަލަންޖެހިފައިވާ ފަރާތްތަކާއި، ގޯއްޗަށް އެދިފައިވާ ފަރާތުގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބިމުގެ ތަނަވަސްކަމާއި، ގޯއްޗަށް އެދިފައިވާ ފަރާތަށް ކުރިން ގޯއްޗެއް ލިބި ނުވަތަ އޮވެ، އެ ގޯއްޗާމެދު އަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ރިއާޔަތްކޮށެވެ.

(ށ) ގޯތި ލިބޭ މީހުން ކަނޑައަޅާނީ، މިނިސްޓްރީން އެކުލަވައިލާ ކޮމިޓީއަކުންނެވެ. އަދި ށަރުތު ފުރިހަމަވާ މީހުންގެ އަދަދު ގޯތީގެ އަދަދަށްވުރެ އިތުރުވާނަމަ، ގޯތި ދިނުމުގައި އިސްކަންދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުސޫލުތައް ކަނޑައަޅާނީ މި ކޮމިޓީންނެވެ.

(ނ) ސިންގަލް އެޕްލިކަންޓެއްގެ ގޮތުގައި ދެމަފިރިން ވަކިން ހުށަހަޅައިގެން ދެމަފިރިންނަށް ވެސް ގޯތި ލިބޭނަމަ، ދެމަފިރިންނަށް ހަވާލުކުރާނީ 1 (އެކެއް) ގޯއްޗެވެ. އެގޮތުން، ގޯތި ހަވާލުކުރާނީ، ދެމަފިރިންގެ ނަމުގައި، ނުވަތަ ދެމަފިރިންގެ ތެރެއިން އެއްބަސްވެވޭ 1 )އެކެއް( ފަރާތުގެ ނަމުގައެވެ. މިގޮތުން ގޯތި ހަވާލުކުރާނެ ފަރާތަކާމެދު އެ ދެފަރާތުގެ ދެމެދުގައި އެއްބަސް ނުވެވިއްޖެނަމަ، ގޯތި ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ، އެ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ.

(ރ) ދެމަފިރިންނަށް ވެސް ގޯތި ލިބޭ ހާލަތުގައި، އެއްފަރާތަކީ ޖޮއިންޓް އެޕްލިކޭށަނެއްގެ ބައިވެރިއެއްނަމަ، ގޯތި ދިނުމުގައި އިސްކަންދެވޭނީ، ޖޮއިންޓް އެޕްލިކޭށަން ހުށަހެޅި ފަރާތަށެވެ.

(ބ) ގޯތި ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް ލިބޭ ގޯތި ކަނޑައަޅާނީ، ގޯތި ލިބުމަށް ހޮވިފައިވާ ފަރާތްތަކުގެ މެދުގައި ބޭއްވޭ ގުރުއަތަކުންނެވެ.

 

6 ވަނަ މާއްދާ - ގޯތި ލިބޭނެ ބޮޑުމިން ކަނޑައަޅާނެ ގޮތް

(ހ) މި އުސޫލުގެ ދަށުން ގޯއްޗަށް އެދި ވަކި ފަރުދެއް ފޯމު ހުށަހަޅާނަމަ އެ ފަރާތަށް ލިބޭނީ، 1250 (އެއްހާސް ދުއިސައްތަ ފަންސާސް) އަކަފޫޓުގެ ގޯއްޗެކެވެ.

(ށ) މި އުސޫލުގެ ދަށުން ޖޮއިންޓް އެޕްލިކޭށަނެއް ހުށަހަޅާނަމަ، އިތުރަށް ބައިވެރިވާ ކޮންމެ ފަރާތަކަށް 400 (ހަތަރުސަތޭކަ) އަކަފޫޓ،ު ގޯތީގެ ބޮޑުމިނަށް އިތުރުކުރެވޭނެއެވެ.

(ނ) 7 (ހަތެއް) މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭށަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭށަނަށް ލިބޭނީ، ޖުމުލަ 4,000 (ހަތަރުހާސް) އަކަފޫޓެވެ. 

 

6 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާ ގުޅޭ ތާވަލު

އެޕްލިކޭށަނުގައި ހިމެނޭ މީހުންގެ ޖުމުލަ އަދަދު

ލިބޭ ގޯތީގެ ބޮޑުމިން

1 1،250 އަކަފޫޓު
2 1،650 އަކަފޫޓު
3 2،050 އަކަފޫޓު
4 2،450 އަކަފޫޓު
5 2،850 އަކަފޫޓު
6 3،250 އަކަފޫޓު
7 3،650 އަކަފޫޓު
8 މީހުން ނުވަތަ 8 މީހުންނަށްވުރެ އިތުރުވާނަމަ 4،000 އަކަފޫޓު

 

7 ވަނަ މާއްދާ - ދޫކޮށްލާ ބިމާމެދު އަމަލުކުރާނެ ގޮތް

(ހ) މި އުސޫލުގެ 3 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތީން ދޫކޮށްލާ ތަނަކީ ހުށަހަޅާ ފަރާތުގެ ނަމުގައި އެކަނި އޮންނަ ތަނެއްނަމަ، އެ ތަނެއް ދައުލަތަށް ދޫކޮށްލުމަށް އެއްބަސްވާންވާނެއެވެ. އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި އޮންނަ ތަނެއްނަމަ،އެ ތަނުގެ ބާކީތިބި އެއްމެދު މިލްކުވެރިންނަށް ދޫކޮށްލުމަށް އެއްބަސްވާންވާނެއެވެ.

(ށ) މި އުސޫލުގެ 3 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތީން ދޫކޮށްލަނީ ސަރުކާރުންހިންގާ ބޯހިޔާވަހިކަމުގެ މަށްރޫއަކުން ލިބިފައިވާ ފްލެޓެއ/ްރޯހައުސްއެއް ނުވަތަ ހައުސިންގ ޔުނިޓެއްނަމަ އެ ތަނެއް ދޫކޮށްލާނީ، އެ ޕްރޮޖެކްޓެއްގެ ބެލެނިވެރި ފަރާތަށް ނުވަތަ އެ ޕްރޮޖެކްޓެއް ހިންގި ފަރާތަށް ނުވަތަ އެ ފަރާތާ ދެމެދު އެއްބަސްވުމެއް ވެފައިވާނަމަ އެ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) މި އުސޫލުގެ 3 ވަނަ މާއްދާގެ (އ) ގައިވާ ގޮތުގެ މަތީން ތަރިކައިން ލިބެން އޮންނަ ތަން ދޫކޮށްލުމުން ދެން މިތަން ލިބޭނީ، މި ތަނުގެ ބާކީ ތިބި ވާރުތަވެރީންނަށެވެ. އަދި އިތުރު ވާރުތަވެރިއެއް ނެތް ހާލަތުގައި އެ ތަނެއް ދޫކޮށްލަންވާނީ ދައުލަތަށެވެ.

(ރ) ތަރިކައިން ލިބެން އޮންނަ ތަން ދޫކޮށްލުމަށް ގޯތި ލިބޭ ފަރާތުން އެއްބަސްވެ ސޮއިކުރާ އިގްރާރ،ު ކަމާބެހޭ ކޯޓަކަށް މިނިސްޓްރީން ހިއްސާ ކުރަންވާނެއެވެ.

(ބ) މި އުސޫލުގެ ދަށުން ގޯތި ލިބޭ ފަރާތަށް ލިބިފައިވާ ތަނެއް ނުވަތަ ލިބެން އޮންނަ ތަނެއް ދޫކޮށްލުމަށް އެއްބަސްވެ، އެގޮތުގެ މަތީން އަމަލު ނުކޮށްފިނަމަ، އެ ފަރާތަކަށް ލިބިފައިވާ ގޯތި އެއްވެސް ބަދަލެއް ދިނުމަ ކާ ނުލައި ވަކިކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - މާނަކުރުން

"ބިންވެރިޔާ" ސްކީމުގެ ދަށުން ގިރާވަރު އުތުރުފަޅުން ބަންޑާރަ ގޯތި ދޫކުރުމުގެ ބޭނުމަށް ޓަކައި ގޯތީގެ ބޮޑުމިން ނުވަތަ ބޯހިޔާވަހިކަމުގެ ބޮޑުމިން ބަލާނީ، އަދި އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ހ) ''މިނިސްޓްރީ'' ކަމުގައި ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ނޭށަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ނުވަތަ ދިވެހިރާއްޖޭގެ ބިމާބެހޭ އެންމެހައިކަންކަން ހިންގާ ބެލެހެއްޓުމަށް އެ އިރެއްގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައިފައިވާސަރުކާރުގެ ވުޒާރާއަށެވެ.

(ށ) ''ސަރުކާރުން ހިންގައިފައިވާ ބޯހިޔާވަހިކަމުގެ މަށްރޫއު'' ކަމުގައި ބުނެފައި އެވަނީ،ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން އަގަކާއެކު ނުވަތަ އަގެއް ނެގުމަކާ ނުލައި އެއްމެދު އިމާރާތުގެ ފްލެޓ،ް ނުވަތަ ރޯހައުސ،ް ނުވަތަ ހައުސިންގ ޔުނިޓް ދޫކުރުމަށް ހިންގާ މަށްރޫއުތަކަށެވެ.

(ނ) އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓަރީކޮށްފައި އޮންނަ ގޯތި ނުވަތަ ބޯހިޔާވަހިކަމުގެ ބޮޑުމިން ބަލާނީ، ރަޖިސްޓަރީވެފައިވާ މީހުންގެ މެދުގައި ބަހައިލުމުން،އެ މީހަކަށް ޖެހޭ އަކަފޫޓުގެ އަދަދަށެވެ.

(ރ) "އުމުރު" ގުނުމުގައި ބަލާނީ، މި ސްކީމަށް ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވާ ތާރީހަށެވެ.

 

9 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގާނޫނު/ގަވާއިދު

(ނެތް)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު