ސިޓީއާއި އަތޮޅު ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީއާއި އިމަރޖެންސީ މެނޭޖަރުންނާ ގުޅޭ އުސޫލު
(އުސޫލު ނަންބަރު 2023-10)
(މި އުސޫލަށް އަމަލުކުރަން ފެށީ 4 އެޕްރީލް 2023 ގައި)
ފުރަތަމަ ބާބު
އާންމު މާއްދާތައް
1 ވަނަ މާއްދާ - ތައާރަފު
(ހ) މިއީ، ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިނގާ ކާރިސާތަކުގައި ސިޓީއާއި އަތޮޅު ފެންވަރުގައި، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި، ކަމާބެހޭ މުއައްސަސާތަކާއި ޖަމްއިއްޔާ ޖަމާއަތްތައް ގުޅިގެން ކާރިސާގެ ކަންކަން ބެލެހެއްޓުމުގައި މަސައްކަތް ކުރެވޭނެ ގޮތްތައް ބަޔާންކުރުމަށް ޓަކައި، ގާނޫނު ނަންބަރު 2015-28 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގެ 28 ވަނަ މާއްދާގެ (ޔ) އަށާއި، 35 ވަނަ މާއްދާއަށާއި، 39 ވަނަ މާއްދާގެ (ހ) އަށާއި، 40 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ އުސޫލެކެވެ.
(ށ) މި އުސޫލަށް ކިޔާނީ، "ސިޓީއާއި އަތޮޅު ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީއާއި އިމަރޖެންސީ މެނޭޖަރުންނާ ގުޅޭ އުސޫލު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި އުސޫލު އެކުލަވައިލުމުގެ މައިގަނޑު މަގުސަދުތައް، ތިރީގައި މިވަނީއެވެ.
(ހ) ކާރިސާގެ ކަންކަން ބެލެހެއްޓުން ލާމަރުކަޒީ އުސޫލުން ކުރުމަށް ބާރުއެޅުން.
(ށ) ކާރިސީ ހިރާސް ކުޑަކުރުމަށް މަސައްކަތްކުރުން.
(ނ) ކާރިސާތަކަށް ވިލުންވެރިކަން އިތުރުކުރުން.
(ރ) ރާއްޖޭގެ ކާރިސާގެ ކަންކަން ބެލެހެއްޓުމުގައި އެންމެ ފުރަތަމަ އިޖާބަދޭން ތިބޭ ބަޔަކީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް ކަމުގައި ވާތީ، ކައުންސިލް ހިންގުމުގެ އިދާރީ މަސައްކަތުގެ ތެރެއިން ކާރިސާގެ ކަންކަން ބެލެހެއްޓުމަށް މަގުފަހިވާނެ ވެށްޓެއް ގާއިމުވެ ހަމަޖެހިފައިވުން.
(ބ) ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކާރިސާތަކަށް އިޖާބަދިނުން އަވަސްކުރުން.
(ޅ) އަތޮޅުތެރޭގައި ހިނގާ ކާރިސާތަކުގައި ހުރިހާ ރަށަކުން އެއްހަމަޔަކުން ކަންކަން ހިންގުމަށް ބާރުއެޅުމާއި، ކާރިސާގެ ސަބަބުން ހާލުގައި ޖެހޭ ފަރާތްތަކަށް ލިބިފައިވާ ނިކަމެތިކަމާއި ނާޒުކު ހާލަތުން އަރައިގަތުމަށް ކުރެވޭ މަސައްކަތް އެއްހަމަޔަކުން ކުރިޔަށް ގެންދިޔުން.
(ކ) ހާލުގައި ޖެހިފައިވާ ފަރާތްތައް އާންމު ހާލަތަށް ރުޖޫއަވުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
(އ) ކާރިސާގެ ކަންކަން ބެލެހެއްޓުމުގައި އާންމު ރައްޔިތުންގެ ހިއްސާ އިތުރުކުރުން.
(ވ) ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ގާބިލުކަން، ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގައި އިތުރުކުރުން.
ދެވަނަ ބާބު
ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީ އެކުލަވައިލުން
3 ވަނަ މާއްދާ - ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީ އެކުލެވިގެންވާ ގޮތް
(ހ) ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީ އެކުލަވައިލަންވާނީ، އަންނަނިވި މެންބަރުން ހިމެނޭގޮތުންނެވެ.
- ސިޓީ ކައުންސިލެއް ނަމަ ސިޓީގެ މޭޔަރ، އަތޮޅު ކައުންސިލެއް ނަމަ ކައުންސިލުގެ ރައީސް؛
- ދިވެހި ރެޑް ކްރެސެންޓުގެ ގޮތްޕެއް ހުރެއްޖެނަމަ، އެ ގޮފި ތަމްސީލުކުރާނެ މެންބަރެއް؛
- ސިޓީގައި ނުވަތަ އަތޮޅުގައި ސިފައިންގެ މަރުކަޒެއް ނުވަތަ ފުލުހުންގެ މަރުކަޒެއް ގާއިމްކޮށްފައިވާނަމަ، އެއިން ކޮންމެ މަރުކަޒަކުން މެންބަރެއް؛
- ކްލަބް ޖަމްއިއްޔާތަކުގެ ފަރާތުން މެންބަރެއް ހިމެނުމަށް، ކޮމިޓީއަށް ނުވަތަ ސިޓީ/އަތޮޅު ކައުންސިލަށް ފެނިއްޖެ ހިނދެއްގައި، އެއް މެންބަރަކަށްވުރެ ގިނަ މެންބަރުން؛
(ށ) މި އުސޫލުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ އިތުރުން، ކޮމިޓީއަށް ނުވަތަ ސިޓީ/އަތޮޅު ކައުންސިލަށް ފެނިއްޖެ ހިނދެއްގައި ތިރީގައި ބަޔާންކޮށްފައިވާ މެންބަރުން ހިމަނަންވާނެއެވެ.
- ސިޓީގައި ނުވަތަ އަތޮޅުގައި ހޮސްޕިޓަލެއް ގާއިމު ކޮށްފައިވާނަމަ އެއިން ކޮންމެ އިދާރާއަކުން މެންބަރެއް؛
- ސިޓީއާއި އަތޮޅުގައި ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ތަމްސީލުކުރާ މެންބަރެއް؛
- މުޖުތަމައުން މެންބަރެއް؛
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން ވެސް، ކައުސިލަށް ފެނިއްޖެ ހިނދެއްގައި އިތުރު އިދާރާތައް ތަމްސީލުކުރާ މެންބަރުން އައްޔަނުކުރުމުގެ އި ހްތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ.
(ރ) ސިޓީ ކައުންސިލެއް ނަމަ، މި މާއްދާގެ ދަށުން އުފައްދާ ކޮމިޓީގެ ޗެއަރޕަރސަނަކީ ސިޓީގެ މޭޔަރެވެ. އަދި އަތޮޅު ކައުންސިލެއް ނަމަ، ކައުންސިލުގެ ރައީސެވެ.
(ބ) މި މާއްދާގެ ދަށުން އުފައްދާ ކޮމިޓީގެ ވައިސް ޗެއަރޕަރސަނަކީ، ކޮމިޓީގެ އަޣްލަބިއްޔަތުން ހޮވާ މެންބަރެކެވެ.
(ޅ) މި މާއްދާގެ ދަށުން އުފައްދާ ކޮމިޓީ އުފައްދާނީ، ސިޓީއެއް ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލުންނެވެ. އަތޮޅެއް ނަމަ، އެ އަތޮޅެއްގެ އަތޮޅު ކައުންސިލުންނެވެ.
(ކ) ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީއަށް މެންބަރުން ހަމަޖައްސަންވާނީ، %50 (ފަންސާސް އިންސައްތަ) އަންހެނުންނާއި، %50 (ފަންސާސް އިންސައްތަ) ފިރިހެނުން ހިމެނޭގޮތަށެވެ.
(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކޮމިޓީއަށް މެންބަރުން އައްޔަނުކުރަން ދަތިވެއްޖެނަމަ، އެ ކޮމިޓީގެ ޗެއަރޕަރސަނާއި ވައިސް ޗެއަރޕަރސަނަށް ފެންނަ ގޮތަކަށް ކުރިޔަށް ގެންދެވިދާނެއެވެ.
4 ވަނަ މާއްދާ - ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީ ކަނޑައެޅުމާއި ރިޕޯޓު ކުރުން
(ހ) ރަށު ކައުންސިލްތަކުގެ ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީގެ ފޯކަލް ޕޮއިންޓަކަށް ހަމަޖައްސާނީ، ސިޓީއާއި އަތޮޅު ފެންވަރުގައި ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީން ނިންމާ ނިންމުންތައް ތަންފީޒު ކުރުމުގައި އެހެން ފަރާތްތަކާ ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރެވޭފަދަ ގާބިލުކަން ހުރި ފަރާތެކެވެ.
(ށ) ސިޓީއާއި އަތޮޅު ޑިޒާސްޓަރ މެނޭޖްމަންޓް ކޮމެޓީގެ ފޯކަލް ޕޮއިންޓުގެ ގޮތުގައި މަސައްކަތްކުރާނީ، މި އުސޫލުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިމަރޖެންސީ މެނޭޖަރެވެ.
(ނ) ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީގެ ހައިސިއްޔަތުން ކުރާ މަސައްކަތްތައް ބަލަހައްޓާނީ، އެ ކޮމިޓީއެއް ނިސްބަތްވާ ލޯކަލް ކައުންސިލް އިދާރާއިންނެވެ.
ތިންވަނަ ބާބު
ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީގެ ޒިންމާއާއި މަސްއޫލިއްޔަތު
5 ވަނަ މާއްދާ - ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީގެ މަސްއޫލިއްޔަތު
މި އުސޫލުގެ ދަށުން ސިޓީގެ ފެންވަރުގައި ނުވަތަ އަތޮޅު ފެންވަރުގައި އެކުލަވައިލާ ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތުތައް، ތިރީގައި މިވަނީއެވެ.
(ހ) ސިޓީއާއި އަތޮޅު ފެންވަރުގައި ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގައި، އެކަން ބަލައި ވިލަރެސްކުރާ ގުނަވަނުގެ ގޮތުގައި ހަރަކާތްތެރިވުން.
(ށ) ސިޓީއާއި އަތޮޅުގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނާއި އިމަރޖެންސީ އޮޕެރޭށަންސް ޕްލޭން، ކަމާބެހޭ ފަރާތްތަކާ މަށްވަރާކޮށް، ނޭށަނަލް ޑިޒަސްޓަރ މެނޭޖްމަންޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީން ތައްޔާރުކުރުން.
(ނ) ކޮންމެ ސިޓީއަކާއި އަތޮޅެއްގައި އެ ތަނެއްގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނާއި އިމަރޖެންސީ އޮޕެރޭށަންސް ޕްލޭނެއް ތައްޔާރުކޮށް، ނޭށަނަލް ޑިޒަސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ހުއްދަޔާއެކު ޕްލޭންތައް ތަންފީޒުކުރުން.
(ރ) ކާރިސާއަކާ ގުޅިގެން ކުރިމަތިވާ ނުރައްކަލުގެ ހާލަތުގައި ނުވަތަ ކާރިސާގެ ހާލަތުގައި ސިޓީ ފެންވަރުގައި ނުވަތަ އަތޮޅު ފެންވަރުގައި މީހުން ސަލާމަތްކުރުމާއި، ކާރިސާއިން ލިބޭ ގެއްލުމާއި ދަތި ކަންތައްތަކަށް އެހީ ހޯދުމާއި، އެހީ ފޯރުކޮށްދިނުމާއި، ކާރިސާ ހިނގުމުގެ ކުރީގައި އޮތް ހާލަތަށް ރުޖޫއަވުމުގެ މަސައްކަތްތައް ގައުމީ މިންގަނޑުތަކާއި ނޭށަނަލް އިމަރޖެންސީ އޮޕަރޭށަންސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީން ވިލަރެސްކުރުން.
(ބ) ކާރިސާއެއް ދިމާވުމުގެ ފުރުސަތު ކުޑަކުރުމުގައި ރައްޔިތުންގެ ދައުރާމެދު ހޭލުންތެރިކަމާއި ބައިވެރިވުން އިތުރުކުރުން.
(ޅ) ކާރިސާއެއްގެ ސަބަބުން އުފެދޭ ށަކުވާތަކާއި މައްސަލަތަކަށް ޙައްލު ހޯދައިދިނުމަށް މަސައްކަތްކުރުން.
(ކ) ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ހިންގޭ ގައުމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި، އެ ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްށްދިނުން.
- އެކި ރަށްތަކާއި، ދާއިރާތަކަށާއި، އަތޮޅުތަކަށް ހާއްސަ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭންތައް އެކުލަވައިލުން؛
- ކާރިސާތައް ދިމާވުމުގެ ފުރުސަތު ކުޑަކުރުމާއި ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުން؛
- ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުން؛
- ކާރިސާތަކަށް ތައްޔާރުވުން؛
- ކާރިސާތަކުގައި ހަރަކާތްތެރިވުން؛
- ކާރިސާތަކަށް އިޖާބަދިނުމާއި އިޔާދަވުމުގެ މަސައްކަތްކުރުން؛
- ކާރިސާއާބެހޭ ދިރާސާތައް ކުރުން.
(އ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަންނީ ލަފަޔާއި އިރުށާދާ އެއްގޮތްވާ ގޮތުގެ މަތީން ކާރިސާގެ ކަންކަން ބެލެހެއްޓުން.
ހަތަރުވަނަ ބާބު
އިމަރޖެންސީ މެނޭޖަރުން ކަނޑައެޅުން
6 ވަނަ މާއްދާ - އިމަރޖެންސީ މެނޭޖަރުން ކަނޑައެޅުން
(ހ) އިމަރޖެންސީ މެނޭޖަރުން ގޮތުގައި ކަނޑައަޅާނީ، ކޮންމެ ސިޓީއަކާއި އަތޮޅެއްގެ ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީގެ މަށްވަރާގެ މަތީން އެ ސިޓީ ކައުންސިލުގެ އިދާރާއާއި، އަތޮޅު ކައުންސިލް އިދާރާއެއްގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ތެރެއިން ފަރާތެކެވެ.
(ށ) އިމަރޖެންސީ މެނޭޖަރެއްގެ ގޮތުގައި ކަނޑައެޅޭ ފަރާތަކީ ސިޓީގެ ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީއާއި ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީން ނިންމާ ނިންމުންތައް ތަންފީޒު ކުރުމުގައި އެހެން ފަރާތްތަކާ ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރެވޭ ފަދަ ގާބިލުކަން ހުރި ފަރާތަކަށް ވާންވާނެއެވެ.
(ނ) އިމަރޖެންސީ މެނޭޖަރުންގެ ހައިސިއްޔަތުން ކުރާ މަސައްކަތްތައް ބަލަހައްޓާނީ، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ދޭ ފަންނީ ލަފަޔާއި އިރުށާދާ އެއްގޮތަށް އެ ސިޓީއެއްގެ ނުވަތަ އަތޮޅެއްގެ ކައުންސިލުންނެވެ.
(ރ) އިމަރޖެންސީ މެނޭޖަރުންގެ ގޮތުގައި ކަނޑައެޅޭނީ، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިންޑަކްށަން ޓްރެއިނިންގ ފުރިހަމަކޮށްފައިވާ ފަރާތްތަކެވެ.
(ބ) ކާރިސާގެ ކަންކަން ބެލެހެއްޓުމުގައި މުޖުތަމައާއެކު މަސައްކަތް ކުރުމަށް ށައުގުވެރިކަން ހުންނަ ފަރާތަކަށް ވާންވާނެއެވެ.
(ޅ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 139 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ކުއްލި ނުރައްކަލުގެ ހާލަތުގައި މަސައްކަތް ރާވައި ހިންގުމަށް ޓަކައި ކުރާންޖެހޭ ކަންކަން ކުރާނެ ފަރާތެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައިފި ހާލަތެއްގައި، އިމަރޖެންސީ މެނޭޖަރުން މަސައްކަތް ކުރާންވާނީ މި ފަރާތްތަކާ ގުޅިގެންނެވެ.
7 ވަނަ މާއްދާ - އިމަރޖެންސީ މެނޭޖަރުންގެ މަސައްކަތްކުރާނެ ތަން ކަނޑައެޅުމާއި ރިޕޯޓު ކުރުން
އިމަރޖެންސީ މެނޭޖަރުންގެ ގޮތުގައި ކަނޑައެޅޭ ފަރާތްތަކުން މަސައްކަތްކުރާނީ، އެ މުވައްޒަފު މަސައްކަތްކުރާ ކައުންސިލް އިދާރާގައެވެ. އިމަރޖެންސީ މެނޭޖަރެއްގެ ޒިންމާ އަދާކުރުމަށް އެ ހައިސިއްޔަތުން މަސައްކަތް ކުރާނެ ވަކި ހާއްސަ ތަނެއް ކަނޑައެޅިފައެއް ނުވެއެވެ.
ފަސްވަނަ ބާބު
ސިޓީއާއި އަތޮޅު އިމަރޖެންސީ މެނޭޖަރުންގެ ޒިންމާއާއި މަސްއޫލިއްޔަތު
8 ވަނަ މާއްދާ - އިމަރޖެންސީ މެނޭޖަރުންގެ އާންމު މަސްއޫލިއްޔަތު
(ހ) ކާރިސީ ހިރާސް ކުޑަކުރުމަށް ސިޓީތަކުގެ ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި މަސައްކަތް ކުރުން.
(ށ) ކާރިސާގެ ކަންކަން ބެލެހެއްޓުމުގައި ކައުންސިލްތަކާއި އެހެނިހެން އިދާރާތަކާ ގުޅިގެން އިސްކޮށް މަސައްކަތްކުރުން.
(ނ) ވަކިފަރާތަކަށް ނުޖެހި، ސިޔާސީ ނުފޫޒާއި އަމިއްލަ މަސްލަޙަތު ހިމެނޭ ކަންކަމުން އެއްކިބާވެ ތިބެ، އި ހްލާސްތެރިކަމާއެކު މަސައްކަތް ކުރުން.
9 ވަނަ މާއްދާ - ކާރިސާއެއްގެ ކުރިން އިމަރޖެންސީ މެނޭޖަރުންގެ މަސްއޫލިއްޔަތު
(ހ) އަތޮޅުގައި އިވަކުއޭށަން ސެންޓަރުތައް ކަނޑައެޅުމަށް ބާރުއެޅުމާއި އެހީތެރިކަން ދިނުން.
(ށ) ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކަށް މަގުފަހިކުރުމަށް ސިޓީއާއި އަތޮޅުގެ ގާބިލުކަމާއި ވަސީލަތްތައް އިތުރުކުރުމަށް މަސައްކަތް ކުރުން.
(ނ) ކާރިސީ ހިރާސް ކުޑަކުރުމާއި އިޖާބަ ދިނުމުގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ކުރުމުގައި ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީއާއެކު އިސްކޮށް ހަރަކާތްތެރިވުން.
(ރ) އަތޮޅުގައި ކޮމިޔުނިޓީ އިމަރޖެންސީ ރެސްޕޮންސް ޓީމްތައް އެކުލަވައިލުމުގެ މަސައްކަތް ކުރުމުގައި ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީއާއެކު އިސްކޮށް ހަރަކާތްތެރިވުން.
(ބ) ކްރިޓިކަލް އިންފްރާސްޓަކްޗަރއާއި ސެކްޓޯރަލް ޕްލޭންތައް (ސްކޫލް، ސިއްޙީ ހިދުމަތް ފޯރުކޮށްދޭ ތަންތަން، ކައުންސިލް އިދާރާ، ކޯޓު، އިންޖީނުގެ، ފެނާއި ނަރުދަމާގެ ހިދުމަތްދޭ ތަންތަން) އެކުލަވައިލުމުގެ މަސައްކަތް އިދާރާތަކާ ގުޅިގެން ވިލަރެސްކުރުމާއި، މި ފަދަ ޕްލޭންތައް ކާރިސީ ހިރާސް ކުޑަކުރުމާއި އިޖާބަދިނުމުގެ ޕްލޭނާ އެއްގޮތްކަން ކަށަވަރުކުރުން.
(ޅ) އިވަކުއޭށަން ޑްރިލްތައް ބޭއްވުމަށް ބާރުއަޅައި އެ މަސައްކަތް ކުރުމުގައި ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީއާއެކު އިސްކޮށް ހަރަކާތްތެރިވުން.
(ކ) ކާރިސާގެ ކަންކަން ބެލެހެއްޓުމަށް އަތޮޅުތެރޭގައި ކުރެވޭ މަސައްކަތްތަކުގައި މުޖުތަމައުގެ ނާޒުކު ގިންތީގެ ބައިވެރިވުމާއި، މިންތީގެ ހަމަހަމަކަން ގާއިމްކުރުން.
(އ) ކާރިސާގެ ކަންކަން ބެލެހެއްޓުމުގައްޔާއި ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުމަށް ސިޓީއާއި އަތޮޅު ފެންވަރުގައި ކަނޑައެޅޭ ސިޔާސަތުތަކާއި ސްޓޭންޑަޑް އޮޕެރޭޓިންގ ޕްރޮސީޖަރސް (އެސް.އޯ.ޕީ) ހެދުމަށް އެހީތެރިވުމާއި އެ ތަންފީޒުކުރެވޭކަން ކަށަވަރުކުރުން.
(ވ) ކާރިސާގެ ކަންކަން ބެލެހެއްޓުމަށް މާލީ އެހީއާއި ތަކެތީގެ އެހީ ހޯދޭނެ މަގުތައް ހޯދުމަށް މަސައްކަތް ކުރުން.
(މ) ސިޓީއާއި އަތޮޅުގެ ރަށްތަކުގެ ނާޒުކުކަމާއި، ހުރި އަރައްކާތަކާބެހޭ ދިރާސާ ހެދުމަށް ސިޓީއާއި އަތޮޅު ކައުންސިލަށް އެހީތެރިވުން. އަދި މި ދިރާސާގައި އެންމެ ނާޒުކު ފަރާތްތަކުގެ ބައިވެރިވުން ހިމެނޭކަން ކަށަވަރުކުރުމާއެކު، މުޖުތަމައުގެ އެކި މުއައްސަސާތަކާއި އަމިއްލަ ފަރުދުންގެ ބައިވެރިވުމާއި މަށްވަރާ ހޯދުން.
(ފ) ސިޓީތަކާއި އަތޮޅުގެ ރަށްތަކުގައި ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން ހެދުމަށް އެހީތެރިވުން.
10 ވަނަ މާއްދާ - ކާރިސާތަކަށް އިޖާބަދިނުމުގެ މަރުޙަލާގައި އިމަރޖެންސީ މެނޭޖަރުންގެ މަސްއޫލިއްޔަތު
(ހ) އަތޮޅުގެ ރަށްތަކުގައްޔާއި ސިޓީއަށް ދިމާވާ ކާރިސާތަކާއި ކުއްލި ހާލަތްތަކަށް އިޖާބަދިނުމުގެ ކަންކަން ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީއާއެކު ވިލަރެސްކުރުން.
(ށ) ކާރިސާގެ ކަންކަން ބެލެހެއްޓުމާ ގުޅޭގޮތުން ހަދައިފައިވާ އެންމެހައި ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރުމުގައި ކައުންސިލް އިދާރާތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން، ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ލަފާގެ މަތީން ފޯރުކޮށްދިނުން.
(ނ) އިޖާބަދިނުމުގެ މަރުޙަލާގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ނާޒުކު ފަރާތްތަކަށް އިސްކަންދެވޭކަން ކަށަވަރުކުރުން.
(ރ) އަތޮޅުތެރޭގައި ދިމާވާ ކާރިސާތަކުގައި އިޖާބަދޭ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ކައުންސިލް އިދާރާތަކާއި ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅިގެން މަސައްކަތް ކުރުން.
(ބ) އިޖާބަދިނުމުގެ މަރުޙަލާގައްޔާއި، ދާއިމީ ބޯހިޔާވަހިކަމަކަށް ދެވެންދެން، ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދެވޭ "އިންސާނީ އެހީތެރިކަން" ފޯރުކޮށްދެވޭކަން ކަށަވަރުކުރުން.
(ޅ) އިޖާބަދިނުމުގެ މަރުޙަލާގައި ފޯރުކޮށްދެވޭ އެހީތެރިކަން، އެހީދިނުމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ފޯރުކޮށްދެވޭކަން ކަށަވަރުކުރުން.
(ކ) އިޖާބަދިނުމުގެ މަރުޙަލާގައި ލިބޭ ވަސީލަތްތައް ލިބުނުކަން ޔަގީންކުރުމާއި، އެ ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުމާއި، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތީން ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް އިންވެންޓްރީ ރިޕޯޓުތައް ފޮނުވަމުން ގެންދިޔުން.
11 ވަނަ މާއްދާ - ކާރިސާއެއް ކުރިމަތިވާ ފަހުން އިމަރޖެންސީ މެނޭޖަރުންގެ މަސްއޫލިއްޔަތު
(ހ) ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން، ކާރިސާއާ ގުޅިގެން ހެދޭ އެކިއެކި އެސެސްމެންޓުތައް ހެދުމަށް، ސިޓީއާއި އަތޮޅުގެ ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދިނުން.
(ށ) ކާރިސާއަކާ ގުޅިގެން ހުށަހެޅޭ ށަކުވާތައް ބަލައި، އެ ކަންކަން ޙައްލުކުރުމަށް ސިޓީއާއި އަތޮޅު ކައުންސިލަށް އެހީތެރިވުން.
(ނ) ކާރިސާއަކުން ލިބޭ ގެއްލުމުން އިއާދަވުމުގައި، ސިޓީއާއި އަތޮޅު ކައުންސިލަށް އެހީތެރިވެދީ، ފަންނީ ލަފާ ދިނުމާއެކު، މަސައްކަތް ވިލަރެސްކުރުން.
(ރ) ކާރިސާގެ ސަބަބުން ލިބުނު ގެއްލުންތަކަށް ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަން އެ ފަރާތްތަކަށް ލިބުނުކަން ކަށަވަރު ކުރުން.
(ބ) ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަން ފޯރުކޮށްދިންކަމުގެ އެންމެހައި ލިޔެކިޔުންތައް ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ފޮނުވިކަން ޔަގީންކުރުން.
ހަވަނަ ބާބު
ސިޓީއާއި އަތޮޅު އިމަރޖެންސީ މެނޭޖަރުންނާއި ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީ ތަމްރީނު ކުރުން
12 ވަނަ މާއްދާ - ތަމްރީނު ދިނުން
(ހ) ސިޓީއާއި އަތޮޅު އިމަރޖެންސީ މެނޭޖަރުންނާއި ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީގެ ގޮތުގައި ކަނޑައަޅާ ފަރާތްތަކަށް ތިރީގައިވާ ދާއިރާތަކުން ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ތަމްރީނު ފޯރުކޮށްދޭންވާނެއެވެ.
- އިމަޖެންސީ މެނޭޖަރުންގެ އިންޑަކްށަން ޓްރެއިނިންގ؛
- މުޖުތަމައާ ގުޅިގެން ކާރިސީ ހިރާސް ކުޑަކުރުން؛
- ކުއްލި ހާލަތްތަކަށް އިޖާބަދިނުން؛
- ކާރިސާތަކުގައި އެސެސްމެންޓް ހެދުން؛
- ކާރިސާގެ ކަންކަން ބެލެހެއްޓުމާ ގުޅޭ އެހެނިހެން ދާއިރާތައް.
(ށ) ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ދާއިރާއިން ގައުމީ ފެންވަރުގައްޔާއި ބައިނަލްއަގްވާމީ ފެންވަރުގައި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުން.
(ނ) އިމަރޖެންސީ މެނޭޖަރުންގެ ގޮތުގައި ކަނޑައަޅާ ފަރާތްތައް ބަދަލުވާ ހާލަތްތަކުގައި އެ ފަރާތްތަކަށް ބޭނުންވާ ތަމްރީނު، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ފޯރުކޮށްދިނުން.
ހަތްވަނަ ބާބު
ދަފުތަރު
13 ވަނަ މާއްދާ - އިމަރޖެންސީ މެނޭޖަރުންނާއި ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީގެ ދަފުތަރު ބެލެހެއްޓުން
(ހ) އިމަރޖެންސީ މެނޭޖަރުންނާއި ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ދަފުތަރު، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.
(ށ) ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު، ދަފުތަރުގައި ހިމަނަންވާނެއެވެ.
- ނަން؛
- އުމުރު؛
- ޖިންސު؛
- ތައުލީމީ ފެންވަރު؛
- ގައުމިއްޔަތު.
(ނ) ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން، ކޮންމެ އަހަރަކު އެއްފަހަރު ދަފުތަރު މުރާޖައާ ކުރަންވާނެއެވެ.
އަށްވަނަ ބާބު
އެހެނިހެން
14 ވަނަ މާއްދާ - އުސޫލުގައި ނެތްކަމެއް ދިމާވުން
މި އުސޫލުގައި ހިމެނިފައި ނުވާ ކަމެއް ދިމާވެއްޖެނަމަ އެ ކަމެއް ޙައްލުކުރާނީ، ކައުންސިލް އިދާރާއާއި ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅިގެންނެވެ.
15 ވަނަ މާއްދާ - މި އުސޫލަށް އަމަލު ކުރަން ފެށުން
މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
16 ވަނަ މާއްދާ - މާނަކަރުން
މި އުސޫލުގައި، އެ ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކުރެވިފައިވާ ގޮތުން، ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު ތިރީގައިވާ އަކުރުތަކުގައިވާ ލަފުޒުތަކާއި އިބާރާތައް މާނަކުރާނީ އެ އަކުރުތަކުގައިވާ ގޮތަށެވެ.
(ހ) "ޑިޒާސްޓަރ މެނޭޖްމަންޓް ކޮމެޓީ" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން އެކުލަވައިލާ ސިޓީ ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީއަށާއި އަތޮޅު ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީއަށެވެ.
(ށ) "އިންޑަކްށަން ޓްރެއިނިންގ" ކަމަށް ބުނެފައި އެވަނީ، އިމަރޖެންސީ މެނޭޖަރަކަށް ވުމަށް ކޮންމެހެން ފުރިހަމަކުރަންޖެހޭ ތަމްރީނުތަކަށެވެ.
މައި ގާނޫނު
ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު (ގާނޫނު ނަންބަރު 2015-28)
ކިޔުންތެރިންގެ ހިޔާލު