-

މީޑިއާ ކައުންސިލަށް މެންބަރުން އިންތިހާބުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް 1 ވަނަ އިސްލާހު ގެނައުމުގެ އުސޫލު

(އުސޫލު ނަންބަރު 2022-37)

(މި އުސޫލަށް އަމަލުކުރަން ފެށީ 11 އޮކްޓޫބަރު 2022 ގައި)

 

މީޑިއާ ކައުންސިލަށް މެންބަރުން އިންތިހާބުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 13 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މީޑިއާ ކައުންސިލުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ، މަދުވެގެން 25 (ފަންސަވީސް) ދުވަސް ކުރިން އިންތިހާބުގައި ވޯޓުލާ ފަރާތްތައް ރަޖިސްޓަރީ ކުރުމަށް މިނިސްޓްރީން އިއުލާން ކުރަންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 13 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކޮށް ނަންބަރު ތަރުތީބުކުރުން.

(ނ) މީޑިއާ ކައުންސިލުގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ނުކުރެވޭނެ ފަރާތްތައް ތިރީގައި އެވަނީއެވެ.

  1. ގާނޫނު ނަންބަރު 2015-09 (ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ހިންގާ މީޑިއާތައް ފިޔަވައި، ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކާއި ދައުލަތުގެ މުއައްސަސާތަކުގެ މަސްއޫލުވެރިކަމުގެ ދަށުގައި ރަޖިސްޓަރީކޮށްފައިވާ ނޫސްމަޖައްލާތަކާއި ބްރޯޑްކާސްޓަރުން؛
  2. މީޑއާ ކައުންސިލުގެ އިންތިހާބަށް އިއުލާންކުރާ ތާރީހުގެ ކުރިއަށް މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ހަމަޖެހިފައިވާ އުސޫލުން ނެރެމުން ނުދާ ނޫސްމަޖައްލާތަކާއި ބްރޯޑްކާސްޓަރުން؛
  3. މީޑއާ ކައުންސިލުގެ އިންތިހާބަށް އިއުލާންކުރާ ތާރީހާއި އެ ތާރީހުގެ ކުރިއަށް 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތުގައި ރަޖިސްޓަރީކޮށްފައިވާ ނޫސްމަޖައްލާތަކާއި ބްރޯޑްކާސްޓަރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 13 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ޅ) އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރާ ފަރާތް ހިމެނޭ ވަގުތީ ލިސްޓު، އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 18 (އަށާރަ) ދުވަސް ކުރިން އިއުލާނުކޮށް، އެ ލިސްޓަށް ށަކުވާ ހުށަހެޅުމަށް 24 (ސައުވީސް) ގަޑިއިރުގެ މުއްދަތެއް ލިބޭނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 13 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ކ) ހުށަހަޅާ ށަކުވާތަކަށް ރިއާޔަތްކުރުމަށްފަހު، އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 15 (ފަނަރަ) ދުވަސް ކުރިން، އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރާ ފަރާތްތައް ހިމެނޭ ދާއިމީ ލިސްޓު އިއުލާންކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާނީ، މި އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި އުސޫޅު

މީޑިއާ ކައުންސިލަށް މެންބަރުން އިންތިހާބުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު - 11 ސެޕްޓެމްބަރު 2020)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު