-

ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު

(އުސޫލު ނަންބަރު 2022-42)

(މި އުސޫލަށް އަމަލުކުރަން ފެށީ 28 ނޮވެމްބަރު 2022 ގައި)

(މި އުސޫލު ވަނީ ގަރާރަު ނަންބަރު 2023-12 އިން އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފު

މިއީ، ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެކިއެކި އެއްބަސްވުންތަކާމެދު، ގާނޫނާއި، ގަވާއިދާއި، ސަރުކާރުން އާންމުކޮށް އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފަށް އަދި އެއްވެސް ހަމަހަމަކަމެއް އިންސާފުވެރިކަމެއް ނެތި، ވަކި ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް އަމާޒުކޮށްގެން ސަރުކާރުން އަމަލުކޮށްފައި ވުމުގެ ސަބަބުން ގެއްލިފައިވާ ވިޔަފާރީގެ ފުރުސަތަށް ބަދަލު ހަމަޖައްސައިދީ، މާލީ ގެއްލުން ލިބިފައިވާނަމަ، އެފަދަ ގެއްލުމަކަށް އަދުލުވެރިކަމާއި ހާމަކަމާއެކު އަދި ދައުލަތުން އުފުލަންޖެހިދާނެކަމަށް އަންދާޒާކުރެވޭ މާލީ ބުރަ ވީވަރަކުން ކުޑަކުރުމާއެކު،ގެއްލުމުގެ ބަދަލު ހަމަޖައްސައިދީ ނުވަތަ ގެއްލުމުގެ ބަދަލު ދީ، މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ހަމަތަކާއި އިޖުރާއަތުތައް ބަޔާންކުރުމަށް ޓަކައި އެކުލަވައިލައިފައިވާ އުސޫލެކެވެ.

 

2 ވަނަ މާއްދާ - އުސޫލު އެކުލަވައިލި ސަބަބު

މި އުސޫލު އެކުލަވައިލި ސަބަބަކީ، ދައުލަތުގެ މަށްރޫއުތަކުގައި ގެއްލުމުގެ ބަދަލުދިނުމުގެ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާކުރުމަށް ހާއްސަކުރެވިގެން އެންޓި-ކޮރަޕްށަން ކޮމިށަނުން އެކުލަވައިލައި ނެރުނު "ހުދު ކަރުދާސް"، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރުމަށްފަހު، އެ ދިރާސާ ނިންމި ގޮތުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، ދައުލަތުގެ މަށްރޫއުތަކުގައި ގެއްލުމުގެ ބަދަލުދިނުމަށް ކޯޓުން ބޭރު މަރުހަލާތަކުގައި މައްސަލަ ހައްލުކުރުމަށް ފުރުސަތުދޭވަނެކަމަށް ބަޔާންކޮށް، ދައުލަތުން ބަދަލުދިނުމުގެ ކަންކަން ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ދަށުން ކުރިޔަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ލަފާދީފައިވުމެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކީ، ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ކޮށްފައިވާ ވިޔަފާރީގެ އެކިއެކި މުއާމަލާތްތަކާމެދު ސަރުކާރުން އަމަލުކުރި ގޮތުގައި، ފާޅުކަން ބޮޑު ބޭއިންސާފެއް އޮންނަ ހާލަތުގައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ށަރީއަތުން ބޮޑެތި އަދަދުތައް ނަގައިދިނުމުގެ ފުރުސަތު އޮންނާތީ، އެފަދަ މައްސަލަތަކުން ދައުލަތަށް ލިބިދާނެކަމަށް އަންދާޒާކުރެވޭ ބޮޑު ގެއްލުމަކުން ބަރީއަވުމާއި، ނުހައްގުން ބާޠިލުކޮށްފައިވާ އެއްބަސްވުންތައް އިއާދަކޮށް، އެފަދަ އެއްބަސްވުންތަކުގެ މަންފާ ދައުލަތަށް ލިބިދިނުން އަވަސްކޮށް، އެފަދަ އެއްބަސްވުންތަކުން ގާއިމުކުރާ ވިޔަފާރި ހަރަކާތްތަކުން ދައުލަތަށް އާމްދަނީ ލިބޭނޭ މަގުފަހިކުރުމާއި، އެފަދަ ވިޔަފާރިހަރަކާތްތަކުން ދިވެހީންނަށް ވަޒީފާގެ ފުރުސަތުތައް އުފެއްދުމާއި ، އިގްތިސާދީ އެހެނިހެން ފުރުސަތުތައް އިތުރުކުރުމަށް މަގުފަހިކޮށް، އެފަދަ މައްސަލަތައް ކޯޓުން ބޭރުން ހައްލުކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ.

 

4 ވަނަ މާއްދާ - މި އުސޫލުގެ ދަށުން ހައްލުކުރާނެ މައްސަލަތައް

(ހ) މި އުސޫލުގެ ދަށުން ހައްލުކުރާނީ ، ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ކޮށްފައިވާ ވިޔަފާރި މުއާމަލާތްތަކަށް ހަދައިފައިވާ އެއްބަސްވުންތަކުގެ ތެރެއިން، 7 އޮގަސްޓު 2008 އިން ފެށިގެން މި އުސޫލަށް އަމަލުކުރަން ފަށާ ތާރީހާ ދެމެދު، އެ އެއްބަސްވުމަކާމެދު އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ސަރުކާރުން އަމަލުކުރުމުގެ ސަބަބުން އުފެދިފައިވާ މައްސަލަތަކެވެ.

  1. އެއްބަސްވުން ބާޠިލުކުރުން؛
  2. އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރުން؛
  3. އެއްބަސްވުމާ ހިލާފުވުން؛
  4. ރަސްމީ ހުއްދައެއް ދޫނުކުރުން ނުވަތަ ހުއްދައެއް ބާޠިލުކުރުން.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި އުސޫލުގެ ދަށުން ހައްލުކުރާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ކޯޓަކަށް ނުވަތަ ދައުލަތުގެ މުއައްސަސާއަކަށް ނުވަތަ މައްސަލަ ހައްލުކުރުމަށް ކަނޑައަޅައިފައިވާ ރަސްމީ އިދާރާއަކަށް ހުށަހަޅައިގެން ނުވަތަ ސަރުކާރުގެ މުއައްސަސާއެއްގެ ސަމާލުކަމަށް ލިޔުމުން ގެނައުމަށްފަހު ހައްލެއް ނުލިބި 3 (ތިނެއް) އަހަރުދުވަސް ފާއިތުވެފައިވާ މައްސަލަތަކެވެ.

 

5 ވަނަ މާއްދާ - މައްސަލަ ހައްލުކުރުމަށް  ހުށަހެޅުން

(ހ) މި އުސޫލަށް އަމަލުކުރަން ފަށާއިރު، އެއްބަސްވުން ބާޠިލުކޮށްފައިވާ މައްސަލައެއް ނުވަތަ ވިޔަފާރިއާ ގުޅޭ މައްސަލައެއް، ކަމާބެހޭ މިނިސްޓްރީއަށް ނުވަތަ ކަމާބެހޭ އިދާރާއަށް ހުށަހަޅައިފައި ނުވާ ފަރާތްތަކުން، މި އުސޫލަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި އުސޫލާ އެއްގޮތަށް އެ މައްސަލައެއް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވުމަށްފަހު ހުށަހަޅާ މައްސަލަތައް ބަލައިގަނެވޭނީ، އެ މައްސަލަ ހުށަނޭޅުނު ސަބަބަކީ މައްސަލަ ހުށަހަޅާ ފަރާތުގެ ބާރުން ބޭރުގައިވާ ސަބަބެއްކަމަށް މިނިސްޓްރީއަށް ނުވަތަ އިދާރާއަށް ގަބޫލުކުރެވޭ ސަބަބެއް ކަމުގައި ވާނަމައެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލަ ހައްލުކުރުމަށް ހުށަހަޅާނީ، އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށެވެ.

  1. އެއްބަސްވުންތަކާ ގުޅޭ މައްސަލަ ހައްލުކުރުމަށް ހުށަހަޅާނީ، ދައުލަތުގެ ފަރާތުން އެ އެއްބަސްވުމެއް އެކުލަވައިލައި ފައިވާ މިނިސްޓްރީއަށް ނުވަތަ އިދާރާއަށެވެ.
  2. އެއްބަސްވުމާ ގުޅުންހުރި ވިޔަފާރީގެ ހުއްދަތަކުގެ މައްސަލަތައް ހައްލުކުރުމަށް ހުށަހަޅާނީ، އެ ވިޔަފާރިއެއް ރެގިއުލޭޓް ކުރުން މަތިކުރެވިފައިވާ މިނިސްޓްރީއަށްނުވަތަ އިދާރާއަށެވެ.

 

6 ވަނަ މާއްދާ - މައްސަލަ ހައްލުކުރުމަށް ލަފާދޭ ކޮމިޓީ

(ހ) މައްސަލަ ހައްލުކުރުމަށް ލަފާދޭ ކޮމިޓީ އެކުލެވިގެންވަނީ، އަންނަނިވި މެންބަރުންގެ މައްޗަށެވެ.

  1. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅާ ފަރާތެއް؛
  2. މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅާ ފަރާތެއް؛
  3. މިނިސްޓްރީ އޮފް ނޭށަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަނޑައަޅާ ފަރާތެއް؛
  4. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާ ފަރާތެއް؛
  5. މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ ފަރާތެއް؛
  6. މިނިސްޓްރީ އޮފް ފިށަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ކަނޑައަޅާ ފަރާތެއް؛
  7. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ކަނޑައަޅާ ފަރާތެއް.

(ށ) ކޮމިޓީ މަސައްކަތުގައި އެހީތެރިވެދިނުމުގެ ގޮތުން ފަންނީ ލަފާ ދިނުމަށާއި މައްސަލަތައް އިތުރަށް ދިރާސާކުރުމަށް އެހެނިހެން ފަރާތްތައް، ކޮމިޓީގެ މަސައްކަތުގައްޔާއި ބައްދަލުވުންތަކުގައި ބައިވެރި ކުރެވިދާނެއެވެ.

(ނ) ކޮމިޓީގެ ސެކްޓޭރިއަޓް ބަލަހައްޓާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެލުމުގެ ދަށުންނެވެ. ކޮމިޓީގެ ބައްދަލުވުންތަކާއި، މަސައްކަތްތައް، ކޮމިޓީން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު ހިންގާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

 

7 ވަނަ މާއްދާ - މައްސަލަ ހައްލުކުރުމުގެ އިޖުރާއަތު

(ހ) މައްސަލަ ހައްލުކުރުމަށް މިނިސްޓްރީއަށް ނުވަތަ އިދާރާއަށް ހުށަހަޅާ މައްސަލަތައް ފުރަތަމަ ދިރާސާ ކުރާނީ، އެ މިނިސްޓްރީއަކުން ނުވަތަ އެ އިދާރާއަކުންނެވެ. މިގޮތުން މައްސަލަ ދިރާސާކުރަންވާނީ، މި އުސޫލާ ހިލާފުނުވާ ގޮތުގެ މަތީން، އެ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުން ކަނޑައަޅާ ފަރާތްތަކެއް މެދުވެރިކޮށް، އެ މިނިސްޓްރީއަކުން ނުވަތަ އެ އިދާރާއަކުން ކަނޑައަޅާ އިންތިޒާމެއްގެ ތެރެއިންނެވެ.

(ށ) މައްސަލަތައް ދިރާސާކުރުމުގައި، މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅައިފައިވާ ލިޔުންތަކަށާއި، އެ ފަރާތާއި މިނިސްޓްރީއާ ދެމެދު ނުވަތަ އިދާރާއާ ދެމެދު ނުވަތަ ދައުލަތުގެ އެހެން އިދާރާއަކާ ދެމެދު ބަދަލުކުރެވިފައިވާ ލިޔުންތަކަށާއި، އެ ފަރާތުން ގެއްލުމުގެ ބަދަލަށް އެދޭނަމަ، ގެއްލުން ހިސާބުކޮށް ހުށަހަޅައިފައިވާ ލިޔުންތަކަށް ރިއާޔަތް ކުރަންވާނެއެވެ.

(ނ) މިނިސްޓްރީން ނުވަތަ އިދާރާއިން މައްސަލަ ދިރާސާކުރުމުގައި، މައްސަލަ ހުށަހެޅި ފަރާތުގެ ކިބައިން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވެއްޖެނަމަ، ނުވަތަ ލިޔުމެއް ހޯދަން ބޭނުންވެއްޖެނަމަ، އެ މައުލޫމާތެއް ސާފުކޮށްދިނުމަށް ނުވަތަ އެ ލިޔުމެއް ހުށަހެޅުމަށް މިނިސްޓްރީން ނުވަތަ އިދާރާއިން އެ ފަރާތަކަށް އަންގަންވާނެއެވެ.

(ރ) މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅައިފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީގެ ނުވަތަ އިދާރާގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް އަނގަބަހުން މައުލޫމާތެއް ސާފުކޮށްދޭން ބޭނުންވާކަމަށް އެ ފަރާތުން އެދިއްޖެނަމަ، އެ ކަމަށް ފުރުސަތު ދޭންވާނެއެވެ. މިގޮތުން، މިނިސްޓްރީގެ ނުވަތަ އިދާރާގެ ކަމާބެހޭ ފަރާތްތަކާއެކު ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ އެ ތަނަކުން ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ. މައްސަލައިގައި ކަން ހިނގައިފައިވާ ގޮތް އަންގައިދޭ ރިކޯޑެއްގެ ގޮތުގައި މިފަދަ ބައްދަލުވުންތަކުގެ ޔައުމިއްޔާ ގަބޫލުކުރެވޭނީ، އޭގައި ދެ ފަރާތުން ވެސް ސޮއިކޮށްފައިވާ ނަމައެވެ.

(ބ) މިނިސްޓްރީން ނުވަތަ އިދާރާއިން މައްސަލަ ދިރާސާކުރުމަށްފަހު، މައްސަލައިގެއެންމެހައި ލިޔެކިޔުންތަކުގެ ކޮޕީއާއި، ބަޔާންތަކުގެ ކޮޕީއާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ތައްޔާރުކޮށް، މައްސަލަ ހައްލުކުރުމަށް ލަފާދޭ ކޮމިޓީއަށް ފޮނުވަންވާނެއެވެ. މިގޮތުން ފޮނުވާ ކޮންމެ މައްސަލައަކާއެކު، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ޓައިމްލައިން؛
  2. އެ މައްސަލައެއް އުފެދުމުގެ އަސްލަކަށްވި ނިންމުން ނިންމި ފަރާތުގެ ނަމާއި މަގާމު ނުވަތަ ހައިސިއްޔަތު.

(ޅ) މިނިސްޓްރީން ނުވަތަ އިދާރާއިން ފޮނުވާ މައްސަލަ ބެލުމަށްފަހު، އެއީ ކޯޓުން ބޭރުން ހައްލުކުރެވިދާނެ މައްސަލައެއްކަމަށް ފެންނަކަމަށް ލަފާދޭނީ، މައްސަލަ ހައްލުކުރުމަށް ލަފާދޭ ކޮމިޓީންނެވެ. ކޮމިޓީން މައްސަލަ ބެލުމުގައި އިތުރު މައުލޫމާތު ބޭނުންވާނަމަ، މިނިސްޓްރީ ނުވަތަ އިދާރާ މެދުވެރިކޮށް ނުވަތަ ސީދާ މައްސަލަ ހުށަހެޅި ފަރާތާ މުއާމަލާތުކޮށްގެން އެ މައުލޫމާތު ހޯދުމުގެ އިހްތިޔާރު ކޮމިޓީއަށް ލިބިގެންވެއެވެ.

(ކ) މި އުސޫލުގެ ދަށުން މައްސަލަ ހައްލުކުރުމަށް ޓަކައި، އެ މަރު ހަލާއަކަށް ޒިންމާވާ ފަރާތުން ފުރިހަމަކުރަންޖެހޭ ކަންކަން، އަންނަނިވި މުއްދަތުތަކުގައި ނިންމަންވާނެއެވެ.

  1. މި އުސޫލަށް އަމަލުކުރަން ފަށާއިރު މިނިސްޓްރީއަށް ނުވަތަ އިދާރާއަށް ހުށަހަޅައިފައިވާ ހުރިހާ މައްސަލައެއް ދިރާސާކުރުމަށްފަހު، މި އުސޫލަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ކޮމިޓީއަށް ފޮނުވަންވާނެއެވެ.
  2. މި އުސޫލުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީއަށް ނުވަތަ އިދާރާއަށް ހުށަހަޅާ މައްސަލަތައް ދިރާސާކުރުމަށްފަހު، އެ މައްސަލައެއް ހުށަހަޅާ ދުވަހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކޮމިޓީއަށް ފޮނުވަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ކަނޑައަޅައިފައިވާ މުއްދަތުތަކުގައި ކުރަންޖެހޭ ކަންކަމުގެ ތެރެއިން ކަމެއް އެ މުއްދަތުގައި ފުރިހަމަ ނުކުރެވުނީ، މައްސަލަ ހުށަހަޅާ ފަރާތުން ފޯރުކޮށްދޭންޖެހޭ ލިޔެކިޔުން ނުވަތަ މައުލޫމާތު ނުލިބިގެން ކަމަށް ވާނަމަ، އެފަދަ ލިޔެކިޔުން ނުވަތަ މައުލޫމާތު ފޯރުކޮށްދިނުމަށް އެ ފަރާތަށް އިތުރު ފުރުސަތެއް ދީ، އެ މައްސަލައެއް ދިރާސާކުރުމަށް ނުވަތަ ބެލުމަށް އިތުރު ވަގުތު ހޭދަކުރެވިދާނެއެވެ.

 

8 ވަނަ މާއްދާ - ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުން

(ހ) ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް ލަފާދިނުމަށް ކޮމިޓީއަށް ނިންމޭނީ، އަންނަނިވި ހާލަތްތަކުގައި އެކަންޏެވެ.

  1. އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ ހިލާފަށް ނުވަތަ ކަނޑައެޅިގެން ބޭއިންސާފުން އެއްބަސްވުމެއް ބާޠިލުކޮށްފައިވާކަން ހާމަކޮށް ފެންނަން އޮތުން؛ ނުވަތަ 
  2. ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު، ބޭއިންސާފުން ވަކި ބަޔަކަށް އެކަނި އަމާޒުކޮށްގެން އެއްބަސްވުން ބާޠިލުކޮށްފައިވާކަމަށް ފާހަގަވުން؛ ނުވަތަ
  3. އެއްބަސްވުމުގެ މަގުސަދު ހާސިލުކުރުމަށް ސަރުކާރުން ދޫކުރާ ހުއްދައެއް ދޫނުކުރުމުގެ މައްސަލައެއް ނަމަ، ނުވަތަ ހުއްދައެއް ބާޠިލުކުރުމާ ގުޅޭ މައްސަލައެއް ނަމަ، އެކަމާ ގުޅުންހުރި މިނިސްޓްރީން ނުވަތަ އިދާރާއިން އެ މައްސަލައިގައި އަމަލުކޮށްފައިވަނީ، އެކަމާ ގުޅޭ ގާނޫނާ ނުވަތަ ގަވާއިދާ ނުވަތަ އުސޫލަކާ ނުވަތަ އެފަދަ ހާލަތްތަކުގައި އާންމުކޮށް އަމަލުކުރާ ގޮތާ ހިލާފަށްކަން ފާހަގަވުން؛ ނުވަތަ 
  4. އެ މައްސަލައެއްގައި، ކޯޓުގެ ހުކުމަކުން ނަގައިދެވޭނެ ބަދަލު ގެ އަދަދު، މި އުސޫލުގެ ދަށުން މައްސަލަ ހައްލުކުރުމުގައި ދެވޭ އަދަދަށްވުރެ ބޮޑުވެދާނެކަމަށް ގަބޫލުކުރެވޭ ހާލަތުގައި؛ ނުވަތަ (5) އެ މައްސަލައެއް ހައްލުކުރުމުގައި ދައުލަތަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަކީ އެ މައްސަލައެއް ކޯޓުން ބޭރުން ހައްލުކުރުން ކަމަށް، އެ މައްސަލައެއްގައި ށާމިލުވާ އިދާރާއަށް ނުވަތަ އެ މައްސަލައެއް ހުށަހެޅިފައިވާ މިނިސްޓްރީއަށް އެކަށީގެންވާ ހަމަތަކުގެ މަތީން ގަބޫލުކުރެވުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައިވާ ހާލަތްތަކުގައި ވެސް ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަ ށް ނިންމަންވާނީ، ކޯޓު މެދުވެރިކޮށް މައްސަލަ ނިންމާ ހިނދެއްގައި، ކޯޓުން ނަގައިދޭނެކަމަށް ބެލެވޭ ބަދަލުގެ މިންވަރު، ދެފަރާތް މަށްވަރާކޮށްގެން އެއްބަސްވެވޭނެ ބަދަލަށްވުރެ ބޮޑުވެދާނެކަމަށް އެކަށީގެންވާ ހަމަތަކުގެ މަތީން ގަބޫލުކުރެވޭނަމައެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އުސޫލުތައް، އާބިޓްރޭށަނުގައި ކުރިޔަށްދާ މައްސަލައަކާ މެދުގައި ވެސް ހިންގިދާނެއެވެ.

 

9 ވަނަ މާއްދާ - މައްސަލައަށް ހޯދައިދޭ ހައްލު

މި އުސޫލުގެ ދަށުން ހައްލުކުރާ މައްސަލަތައް ނިންމާނީ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށްނުވަތަ ގޮތްތަކަކަށް މުޅި މައްސަލައަށް ހައްލު ހޯދައިދިނުމަށެވެ.

(ހ) އެއްބަސްވުން އިއާދަކުރުމަށް ނިންމައި، އަލުން އެއްބަސްވުމެއްގައި ސޮއިކުރުން.

(ށ) ރަސްމީ ހުއްދައެއް ދޫކުރުން ނުވަތަ ހުއްދަ އައުކޮށްދިނުން.

(ނ) ގެއްލުމުގެ ބަދަލުދިނުން ނުވަތަ ބަދަލު ހަމަޖައްސައިދިނުން.

 

10 ވަނަ މާއްދާ - ގެއްލުމުގެ ބަދަލުދިނުން

(ހ) ގެއްލުމުގެ ބަދަލުގެ ގޮތުގައި މާލީ ބަދަލު ދިނުމަށް ކަނޑައަޅާ މައްސަލަތަކުގައި، ދައުލަތުން ފައިސާ ދިނުމުގެ ބަދަލުގައި، އެ މުއާމަލާތަކާ ގުޅިގެން އެ ފަރާތަށް، ގާނޫނު ހުއްދަކުރާ މިންވަރަކަށް ސަރުކާރުން ދެވެން އޮތް އެހެނިހެން ލުއިތަކާއި އިނާޔަތްތައް ދީފައި މައްސަލަ ނިންމުމަށް އިސްކަންދޭންވާނެއެވެ.

(ށ) ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ޖުމުލަ އަދަދަކީ ދައުލަތަށް ގަބޫލުކުރެވޭފަދަ ހިސާބުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ އަދަދެއްކަމުގައި ވާންވާނެއެވެ.

(ނ) ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަށް ކަނޑައަޅާ އަދަދު ދޫކުރެވޭނީ، މައްސަލަ ހުށަހަޅާ ފަރާތުން ދައުލަތަށް ދައްކަންޖެހިފައިވާ ފައިސާއެއް އޮތްނަމަ، އެ އަދަދެއް އުނިކުރުމަށްފަހު، ނުވަތަ އެ ފައިސާ ދައްކާނެ ގޮތަކާމެދު އެ ފަރާތާއި ދައުލަތުގެ އިދާރާއަކާ ދެމެދު ކުރީން އެއްބަސްވެފައިވާނަމަ، އެފަދަ އެއްބަސްވުމަކަށް ރިޔާއަތްކޮށެވެ.

 

11 ވަނަ މާއްދާ - ގެއްލުމުގެ ބަދަލު ހިސާބުކުރުން

(ހ) ގެއްލުމުގެ ބަދަލު ހިސާބުކުރަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން ލައިސަންސް ލިބިފައިވާ ފަރާތަކުންނެވެ.

(ށ) ގެއްލުމުގެ ބަދަލު ހިސާބުކުރުމުގައި، އެއްބަސްވުމުގެ ދަށުން އެއްވެސް އެޑްވާންސް ފައިސާއެއް (އެޑްވާންސް ޕޭމަންޓް، ލީޒް އެކުއިޒިށަން ކޮސްޓް، އެޑްވާންސް ރެންޓް ހިމެނޭގޮތަށް) ދައްކައިފައިވާ ހާލަތުގައި، އެ ފައިސާ ދެއްކި ތާރީހުން ފެށިގެން އެއްބަސްވުން އަނބުރާ އިއާދަކޮށްދިނުމާ މެދު ހިނގާ މުއްދަތަށް އެ ފަދަ އެޑްވާންސް ފައިސާގެ "ކޮސްޓް އޮފް ފައިނޭންސިންގ" ބެލުމުގައި، އެކަން ހިނގި ދުވަސްވަރު ރާއްޖޭގެ ބޭންކްތަކުގައި އާންމުކޮށް ހުރި އިންޓަރެސްޓް ރޭޓަށް ރިޔާއަތް ކުރަންވާނެއެވެ. މިގޮތުން ހިސާބުކުރެވޭނެ އެންމެ މަތީ އިންޓަރެސްޓް ރޭޓަކީ، އަހަރަކަށް %11 (އެގާރަ އިންސައްތަ) އެވެ.

(ނ) އެއްބަސްވުން ބާޠިލުކުރިއިރު، އެއްބަސްވުމުގެ މަގުސަދު ހާސިލުކުރުމަށް ކޮށްފައިވާ އިންވެސްޓްމަންޓް، އެއްބަސްވުން ބާޠިލުކުރިއިރު ހުރި ހާލަތަށް އަނބުރާ ރުޖޫއަކުރުމަށް ނުވަތަ އެ ފެންވަރަށް އަލުން ގެ ނައުމަށް ނުވަތަ ހުއްޓިފައިވާ ވިޔަފާރިއެއް އެ ވިޔަފާރި ހުއްޓުނު ވަގުތު ހުރި ހާލަތަށް އިއާދަކުރުމަށް މަސައްކަތް ކުރަންޖެހޭ ހާލަތުގައި އެކަމަށް ހިނގާނެ ހަރަދު، ބަދަލުގެ ގޮތުގައި ހިމެނިދާނެއެވެ.

(ރ) ބާޠިލުކޮށްފައިވާ އެއްބަސްވުމުގެ ދަށުން ތަނެއް ކުއްޔަށް ދޫކޮށްފައިވުމާއެކު އެ ތަނެއް އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާނަމަ، ނުވަތަ އެ ތަނެއް އަނބުރާ ދެވެން ނެތްނަމަ، އެ ތަނެއްގެ ކުލީގެ އެއްބަސްވުން ބާޠިލުކުރުމާ ހަމަޔަށް އެ ތަން ތަރައްގީކުރުމަށް ނުވަތަ އެއްބަސްވުމުގެ މަގުސަދު ހާސިލުކުރުމަށް ކޮށްފައިވާ އިންވެސްޓްމަންޓް ބަދަލުގެ ގޮތުގައި ހިމެނިދާނެއެވެ.

(ބ) ދައުލަތުން ހަރަދުކޮށްގެން މަށްރޫއެއް ހިންގުމަށް ހަވާލުކޮށްފައިވާ އެއްބަސްވުމެއް ބާޠިލުކޮށްފައިވާ ހާލަތުގައި އެ މަށްރޫއެއް ހިންގުމަށް އެ ފަރާތުން ކޮށްފައިވާ ހަރަދު ބަދަލުގެ ގޮތުގައި ހިމެނިދާނެއެވެ.

(ޅ) އެއްބަސްވުން ބާޠިލުކުރި އިރު އެއްބަސްވުމުގެ މަގުސަދު ހާސިލުކުރުމަށް މާލީ އިދާރާއަކުން ލޯނެއް ނަގައިފައިވާނަމަ، އެއްބަސްވުން ބާޠިލުކުރި ތާރީހުން ފެށިގެން އެއްބަސްވުން އިއާދަކޮށްދިނުމާ ހަމަޔަށް ހިނގާ މުއްދަތުގައި ހިނގާ އިންޓަރެސްޓާއި ޖޫރިމަނާއެއް އަރައިފައިވާނަމަ، އެ ފައިސާ ހިމެނިދާނެއެވެ.

(ކ) މި އުސޫލުގެ ދަށުން ބެލޭ މައްސަލަތަކުގެ ތެރެއިން، ސަރުކާރުގެ އަމަލަކުން ވިޔަފާރިއެއް ހުއްޓިފައިވާނަމަ، އެ ވިޔަފާރި ހުއްޓުނުއިރު އެ ވިޔަފާރި ހިންގުމަށް ނުވަތަ ތަރައްގީކުރުމަށް މާލީ އިދާރާތަކުން ނަގައިފައިވާ ލޯނުތަކަށް ވެސް، އެ ވިޔަފާރި ހުއްޓުނު ތާރީހުން ފެށިގެން ސެޓްލްމަންޓް އެގްރީމަންޓުގައި ސޮއިކުރާ ތާރީހާ ހަމަޔަށް ހިނގި މުއްދަތުގެ އިންޓަރެސްޓާއި، އެ މުއްދަތުގައި ޖޫރިމަނާއެއް ވެފައިވާނަމަ، އެ ފައިސާ ހިމެނިދާނެއެވެ.

(އ) ބާޠިލުކޮށްފައިވާ އެއްބަސްވުމަކާ ގުޅިގެން ނުވަތަ ވިޔަފާރިއަކާ ގުޅިގެން އޮޕޮޗޫނިޓީ ކޮސްޓުގެ ގޮތުގައި އެއްވެސް ބަދަލެއް ދޭނަމަ، އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. އެއްބަސްވުމުގެ މަގުސަދު ހާސިލުކުރުމަށް ކޮށްފައިވާ އިންވެސްޓްމަންޓް؛
  2. އެއްބަސްވުމުގެ މަގުސަދު ހާސިލުކުރުމަށް ކުރަމުން ގެންދިޔަ މަސައްކަތުން އާމްދަނީއެއް ލިބޭނަމަ، ލިބެމުންދިޔަ އާމްދަނީ؛
  3. އެއްބަސްވުމުގެ މަގުސަދު ހާސިލުކުރުމަށް އިމާރާތްކުރުމުގެ މަސައްކަތެއް ނުވަތަ ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތެއް ކުރަންޖެހޭނަމަ، އެ މަސައްކަތް ކުރަމުން ގެންދިޔަ އަވަސްމިނަށް ބަލައި، އެ މަސައްކަތް ނިމޭނެ ތާރީހެއް އަންދާޒާކޮށް، އެ ތާރީހުން ފެށިގެން ލިބޭނެކަމަށް ބުއްދީގެ ހަމަތަކުން ގަބޫލުކުރެވޭ އާމްދަނީ.

(ވ) ދައުލަތުން ހަރަދުކޮށްގެން މަށްރޫއެއް ހިންގުމަށް ހަވާލުކޮށްފައިވާ އެއްބަސްވުމެއް އިއާދަކޮށްދެވެން ނެތް ހާލަތުގައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ދޫކުރާއިރު، އެންމެ ގިނަވެގެން އެ ފަރާތަށް ދޫކުރެވޭނީ، އެ މަށްރޫއެއްގެ ކޮންޓްރެކްޓުގައި ކަނޑައަޅައިފައިވާ ޖުމުލަ އަދަދު ނުވަތަ ކޮންޓްރެކްޓް ވެލިއުއާ ހަމައަށެވެ.

 

12 ވަނަ މާއްދާ - އިކޮނޮމިކް ކައުންސިލު ގެ ލަފާ ހޯދުން

(ހ) މި އުސޫލުގެ ދަށުން މައްސަލަ ހައްލުކުރުމަށް ޓަކައި، މައްސަލަ ހައްލުކުރުމަށް ލަފާދޭ ކޮމިޓީން، ކޮންމެ މައްސަލައެއް ވެސް، އިކޮނޮމިކް ކައުންސިލަށް ހުށަހަޅަންވާނެއެވެ.

(ށ) މައްސަލަ ހައްލުކުރުމަށް ލަފާދޭ ކޮމިޓީން މައްސަލަ ބެލުމަށްފަހު، އިކޮނޮމިކްކައުންސިލަށް ހުށަހަޅަންވާނީ، ކޮންމެ މައްސަލައަކަށް ވަކިން، އެ މައްސަލައިގެ އެންމެހައި ލިޔެކިޔުންތަކާއި ބަޔާންތަކަށް ބިނާކޮށް އެކުލަވައިލައިފައިވާ ހުލާސާރިޕޯޓަކާއެކުގައެވެ. މިގޮތުން ހުށަހަޅާ ކޮންމެ މައްސަލައަކާއެކު އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.

  1. މައްސަލަ ހައްލުކުރުމަށް ކޮމިޓީން ދޭ ލަފާ؛
  2. މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތަކުގެ މައުލޫމާތު.

(ނ) ކޮމިޓީގެ ނިންމުން ބަލައިގަތުމަށް ނުވަތަ އަލުން މުރާޖައާކުރުމަށް ކޮމިޓީއަށް އެންގުމުގެ އިހްތިޔާރު، އިކޮނޮމިކް ކައުންސިލަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ - ސެޓްލްމަންޓް އެގްރީމަންޓް ކުރުން

(ހ) އިކޮނޮމިކް ކައުންސިލުގެ ލަފާގެ މަތީން، މައްސަލަ ހައްލުކުރުމަށް ނިންމި ގޮތާ ގުޅޭގޮތުން، އެ މައްސަލަ ހުށަހެޅި ފަރާތާއެކު މިނިސްޓްރީން ނުވަތަ އިދާރާއިން،ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ.

(ށ) ސެޓްލްމަންޓް އެއްބަސްވުމުގައި، މި އުސޫލުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތީން ނިންމައިފައިވާ ކޮމިޓީގެ ނިންމުމުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އަންނަނިވި ކަންކަން، އެ ކަންކަމުގެ ލަފަޔާއެކު ހިމަނަންވާނެއެވެ.

  1. އެޑްވާންސްގެ ގޮތުގައި ސަރުކާރަށް ފައިސާއެއް ދައްކައިފައިވާ ނަމަ، އެ ފައިސާއަކީ ދައުލަތަށް ލިބިފައިވާ ފައިސާއެއްކަން ބަޔާންކުރުމާއެކު، އެ ފައިސާ އަނބުރާ ރައްދު ނުކުރުން؛
  2. ނަން-ރީފަންޑަބަލް އެއްވެސް ފައިސާއެއް ދައްކައިފައިވާނަމަ، އެ ފައިސާ އަނބުރާ ރައްދު ނުކުރެވޭނެކަން ބަޔާންކުރުން؛
  3. އެއްބަސްވުން ބާޠިލުކޮށްފައިވާ ހާލަތުގައި، ބާޠިލުކޮށްފައިވާ މުއްދަތަށް، ކުލި ނުވަތަ ނުވަތަ ޖޫރިމަނާ ދައްކަން ނުޖެހޭކަމަށް ކަނޑައެޅުން؛
  4. ސެޓްލްމަންޓަކަށް ދާން ބޭނުންވާ މައްސަލައާ ގުޅޭ އެއްވެސް މައްސަލައެއް، ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް ނުވަތަ އެ ނޫން އިދާރާއަކަށް ހުށަހެޅިފައިވާނަމަ، އެ މައްސަލައެއް އަނބުރާ ނެގުމަށް އެއްބަސްވުމާއި، އެފަދަ މައްސަލައެއް، ބުނެވިދިޔަ އެއްވެސް ތަނަކަށް ހުށަހެޅުމުގެ ހައްގު ދޫކޮށްލުމަށް އެއްބަސްވުން.

 

14 ވަނަ މާއްދާ - ކުރިން ކުއްޔަށް ދޫކޮށްފައިވާ ތަނެއް ހަވާލުކުރެވެން ނެތުން

(ހ) މި އުސޫލުގެ ދަށުން މައްސަލަ ހައްލުކުރުމުގައި، ސަރުކާރުން ތަނެއް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމެއް ބާޠިލުކޮށްފައިވާނަމަ، އެ އެއްބަސްވުން އިއާދަކޮށް، އެ ތަނެއް އަނބުރާ ހަވާލުކުރެވެން ނެތްނަމަ ، މި އުސޫލުގެ 15 ވަނަ މާއްދާގައިވާ ކަންކަމަށް ރިއާޔަތްކުރުމާއެކު، މައްސަލަ ހުށަހަޅާ ފަރާތަށް ކުއްޔަށް ދޭނެ އެހެން ތަނަކާމެދު ކޮމިޓީން އެ ފަރާތާ މަށްވަރާކޮށްފައި އިކޮނޮމިކް ކައުންސިލަށް ހުށަހަޅާ ހުށަހެޅުމުގައި އެ ފަދަ ތަނެއް ނުވަތަ ތަންތަން ހިމަނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ހުށަހެޅުމަށް ރިއާޔަތްކުރުމާއެކު، ކުރިން ކުއްޔަށް ދޫކޮށްފައިވާ ތަނެއްގެ ބަދަލުގައި އެހެން ތަނެއް ކުއްޔަށް ދިނުމަށް ނިންމާނީ، އިކޮނޮމިކް ކައުންސިލުންނެވެ.

 

15 ވަނަ މާއްދާ - ކުއްޔަށް ދޭނެ އެހެން ތަނެއް ކަނޑައެޅުން

(ހ) ބަދަލުގައި ކުއްޔަށް ދޭން ކަނޑައަޅާ ތަނަކީ، އެ ފަރާތުގެ ކިބައިން ވަކިކުރި ތަން ކުއްޔަށް ދޫކުރި މަގުސަދު ހާސިލުކުރެވޭފަދަ ތަނަކަށް ވާންވާނެއެވެ.

(ށ) މި އުސޫލުގެ ބޭނުމަށް، ތަން ފުރަތަމަ ކުއްޔަށް ދޫކޮށްފައިވާ މަގުސަދު ހާސިލުކުރެވޭ ފަދަ ތަނެއްކަން ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކަށް އިސްކަންދޭންވާނީ އަންނަނިވި ތަރުތީބުންނެވެ.

  1. ތަނުގެ ބޮޑުމިން؛
  2. ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރަށް ބިނާވާ ފަދަ މަގުސަދަކަށް ދީފައިވާ ތަނެއް ނަމަ، ވެލާނާ އިންޓަރނޭށަނަލް އެއަރޕޯޓުން ފެށިގެން އެ ތަނަކާ ހުރި ދުރުމިން؛
  3. އެތެރޭގެ ދަތުރުފަތުރަށް ބިނާވާ ފަދަ މަގުސަދަކަށް ދީފައިވާ ތަނެއް ނަމަ، މަގުސަދަށް ބަލައި، އެންމެ ކައިރީގައިވާ އެއަރޕޯޓާ ނުވަތަ ސީޕޯޓާ އެ ތަނަކާ ދެމެދު ހުރި ދުރުމިން؛
  4. ފަތުރުވެރިކަމުގެ ބޭނުން ފިޔަވައި އިގްތިސާދީ މަސައްކަތެއް ކުރުމަށް ދޫކޮށްފައިވާ ތަނެއްނަމަ، އެ ތަނެއްގެ އުފެއްދުންތައް ޑޮމެސްޓިކް މާކެޓަށް ނެރުމުގައި ހުރި ފުރުސަތުތައް ނުވަތަ ފަސޭހަތައް؛
  5. ރަށެއް ނަމަ، ފަޅުގެ ސަރަހައްދުގެ ބޮޑުމިން.

 

16 ވަނަ މާއްދާ - ޒިންމާވާންޖޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

މި އުސޫލުގެ ދަށުން ބަލާ މައްސަލަތަކުގައި، ސަރުކާރަށް ގެއްލުންވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ނުވަތަ އިހުމާލުވެފައިވާކަމަށް ކޮމިޓީއަށް ފާހަގަކުރެވޭ މުވައްޒަފުންގެ މައްސަލަތައް ބަލައި، އެފަދަ ފަރާތްތަކާމެދު ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅަންވާނެއެވެ.

 

17 ވަނަ މާއްދާ - މުއްދަތު ގުނުން

މި އުސޫލުގެ ދަށުން މުއްދަތު ކަނޑައަޅައިފައިވާ މަރުހަލާތައް ފުރިހަމަކުރުމުގައި މުއްދަތު ގުނާނީ، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެންނެވެ.

 

18 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގެ ބޭނުމަށް ޓަކައި، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ ތިރީގައިވާ މާނަކުރުމެވެ.

(ހ) "ރަސްމީ ހުއްދަ" ކަމަށް ބުނެފައި އެވަނީ، އެއްބަސްވުމުގެ މަގުސަދު ހާސިލުކުރުމަށް ބޭނުންވާ ކަމެއް ކުރުމަށް ނުވަތަ އެއްބަސްވުން ތަންފީޒުކުރުމަށް ޓަކައި ބޭނުންވާ ކަމެއް ކުރުމަށް ދައުލަތުގެ އިދާރާއަކުން ކޮންމެހެން ނަގަންޖެހޭ ހުއްދަތަކަށެވެ.

(ށ) "ތަން" ނުވަތަ "ތަނެއް" ކަމަށް ބުނެފައި އެވަނީ، ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ފަޅުފަޅާއި، ބިންބިމާއި، އިމާރާތާއި، ބިނާތަކާއި، ސަރަހައްދުތަކަށެވެ.

 

19 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި އަސާސް

(ނެތް)

 

އުވި ގަރާރު

ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު ނަންބަރު 2022-42) އުވައިލުމުގެ ގަރާރު (ގަރާރު ނަންބަރު 2023-12)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު