-

ޒަކާތު ނަފާ ޕްރޮގްރާމް ހިންގާނެ ގޮތުގެ އުސޫލު

(އުސޫލު ނަންބަރު 2022-40)

(މި އުސޫލަށް އަމަލުކުރަން ފެށީ 6 ނޮވެމްބަރު 2022 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ދެމެދު "ޒަކާތު ނަފާ ޕްރޮގްރާމް" ހިންގުމާބެހޭ ގޮތުން، 28 ފެ ބުރުވަރީ 2022 ގައި، ވެފައިވާ ފަހުމުނާމާގައިވާ ގޮތުގެ މަތީން، ދިވެހި ރައްޔިތުންގެ ތެރެއިން "ފަގީރުންނާއި މިސްކީނުންގެ ދަފުތަރު" ގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން، ކަނޑައެޅޭ ވަކި އުސޫލުތަކަކާއި މިންގަނޑުތަކެއްގެ ދަށުން، ފިޔަވަހިތަކަކަށް ބަހައިލައިގެން، ކަނޑަ އެޅޭ ވަކި އަދަދެއްގެ ބަޔަކަށް،އެ ފަރާތްތަކުގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ތައާ ރުފުކުރާ، ޒަކާތު ނަފާ ޕްރޮގްރާމް ހިންގުމާބެހޭ އިޖުރާއަތުކަނޑައެޅުމުގެ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ޒަކާތު ނަފާ ޕްރޮގްރާމް ހިންގާނެގޮތުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މައިގަނޑު މަގުސަދަކީ، ޒަކާތު ނަފާ ޕްރޮގްރާމް ހިންގުމާ ބެހޭ އެންމެހައި އުސޫލުތައް ބަޔާންކުރުމެވެ. އެގޮތުން، ޒަކާތު ނަފާ ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ބަޖެޓު ކަނޑައަޅާނެގޮތް ބަޔާންކުރުމާއި، ޕްރޮގްރާމުގެ ބައިވެރިންގެ ޒިންމާތައް ކަނޑައެޅުމާއި، ޕްރޮގްރާމުގެ ދަށުން އެހީ ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަމަލުކުރާނެ އިޖުރާއަތު ބަޔާންކުރުމާއި، އެހީގެ މިންވަރު ކަނޑައެޅުމާއި،ޕްރޮގްރާމް ފިޔަވަހިތަކަށް ބެހިފައިވާގޮތް ބަޔާންކުރުން ހިމެނެއެވެ.

 

3 ވަނަ މާއްދާ - ޕްރޮގްރާމް ތަންފީޒުކުރުން

(ހ) ޒަކާތު ނަފާ ޕްރޮގްރާމް ރާވައި، މެނޭޖްކޮށް ތަންފީޒުކުރުމުގައި އިސްދައުރު އަދާކުރާ އިމްޕްލިމަންޓިންގ އޭޖެންސީއަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒެވެ. 

(ށ) ޒަކާތު ނަފާ ޕްރޮގްރާމް ހިންގާނީ، މި އުސޫލުގެ 1 ވަނަ މާއްދާގައި ހަވާލާދީފައިވާ ފަހުމުނާމާއާއި މި އުސޫލުގައި ބަޔާންވެގެންވާ ގޮތުގެ މަތީން އެކުލަވައިލާ ޒަކާތު ނަފާ ސްޓިއަރިންގ ކޮމިޓީންނެވެ.(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް،

އިމްޕްލިމަންޓިންގ އެޖެންސީގެ ހައިސިއްޔަތުން މިނިސްޓްރީ އޮފް އިސްލާމިކް އެފައާޒުގެ ޒިންމާތައް ނުވަތަ އެއިން ބައެއް އެ މިނިސްޓްރީން އެގްޒެކިއުޓިންގ އޭޖެންސީގެ ގޮތުގައި އަ އްޔަނުކުރާ އެހެން ފަރާތަކާ ހަވާލުކުރެވިދާނެއެވެ.

 

4 ވަނަ މާއްދާ - ސްޓިއަރިންގ ކޮމިޓީގެ ދައުރު

ޒަކާތު ނަފާ ޕްރޮގްރާމް ހިންގުމަށް އެކުލަވައިލައިފައިވާ ސްޓިއަރިންގ ކޮމިޓީއަށް އައްޔަނުކޮށްފައިވާ މެންބަރުންގެ ދައުރަކީ، 3 (ތިނެއް) އަހަރުދުވަހެވެ.

 

5 ވަނަ މާއްދާ - ސްޓިއަރިންގ ކޮމިޓީ އެކުލެވިގެންވާ ގޮތް

(ހ) ޒަކާތު ނަފާ ޕްރޮގްރާމުގެ ސްޓިއަރިންގ ކޮމިޓީ އެކުލެވިގެންވަނީ، އަންނަނިވި މެންބަރުންގެ މައްޗަށެވެ.

  1. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ފަރާތުން 3 (ތިނެއް) މެންބަރުން؛
  2. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ފަރާތުން 2 (ދޭއް) މެންބަރުން؛
  3. މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭށަނުގެ ފަރާތުން 1 (އެކެއް) މެންބަރު؛
  4. ބިޒްނަސް ސެންޓަރ ކޯޕަރޭށަނުގެ ފަރާތުން 1 (އެކެއް) މެންބަރު ؛
  5. އެސް.އެމް.އީ. ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭށަނުގެ ފަރާތުން 1 (އެކެއް) މެންބަރު؛
  6. އެގްރޯ ނޭށަނަލް ކޯޕަރޭށަނުގެ ފަރާތުން 1 (އެކެއް) މެންބަރު.

(ށ) ސްޓިއަރިންގ ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު އައްޔަނު ކުރާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ މަށްވަރާއާއެކު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒެވެ.

(ނ) މި މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތީން ސްޓިއަރިންގ ކޮމިޓީ އެކުލަވައިލުމާއި ކޮމިޓީގެ މެންބަރުންނަށް ބަދަލުގެނައުމަށް ހުށަހެޅުމުގެ އިހްތިޔާރު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ލިބިގެންވެއެވެ. އެއްވެސް ސަބަބަކާހުރެ ކޮމިޓީއަށް ބަދަލު ގެނެވިއްޖެނަމަ، ގެނައި ބަދަލު، 10 (ދިހައެއް) ދުވަހުގެ ތެރޭގައި ، ކޮމިޓީގެ މެންބަރުންނަށް އަންގަންވާނެވެ.

 

6 ވަނަ މާއްދާ - އެއްބާރުލުން ގާއި މުކުރުމަށް ފަހުމުނާމާ އެކަށައެޅުން

(ހ) ޒަކާތު ނަފާ ޕްރޮގްރާމް ހިންގުމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާ އަދާކުރުން ކަށަވަރުކުރުމަށްޓަކައި އަދި ބައިވެރިންގެ މެދުގައި އެކަށީގެންވާ އެއްބާރުލުން ގާއިމުކުރުމުގެ މަގުސަދުގައި،މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، އެހީގެ އިންތިޒާމްތައް އަމަލީގޮތުން ހަމަޖައްސާ ފަރާތާ )އެގްޒެކިއުޓިންގ އޭޖެންސީ( ދެމެދު ފަހުމުނާމާއެއް ވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށް ފައިވާ ފަހުމުނާމާގައި، އެއް ބަސްވުމުގެ ބައިވެރިންގެ ޒިންމާތަކުގެ ގޮތުގައި، މި އުސޫލުގައި ބަޔާންވެގެންވާ ޒިންމާތަކާއި އެހީ ދިނުމުގައި އަމަލުކުރާނެ ހާއްސަ ޒިންމާތައް ބަޔާންކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ބައިވެރިވާ ފަރާތްތަކުގެ ޒިންމާ

ޒަކާތު ނަފާ ޕްރޮގްރާމް ހިންގުމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިން މާތައް ކަނޑައެޅިގެންވަނީ އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ޒިންމާތައް.

  1. ޕްރޮގްރާމަށް ބަޖެޓު ހަމަޖެއްސުން؛
  2. ޕްރޮގްރާމް ހިންގުމަށް ޓަކައި އެކުލަވައިލަންޖެހޭ ސްޓިއަރިންގ ކޮމިޓީ އެކުލަވައިލުން؛
  3. ސްޓިއަރިންގ ކޮމިޓީގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތީން، މާލީ އެހީދިނުމަށް އެކަށައަޅާ ފަރާތްތަކަށް، އެހީދިނުމަށް ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން މާލީ އެހީތެރިކަން ފޯރުކޮށްދިނުން؛
  4. ސްޓިއަރިންގ ކޮމިޓީގެ ނިންމުންތަކާ އެއްގޮތަށް ޕްރޮގްރާމް ހިންގުން؛
  5. ޕްރޮގްރާމާބެހޭ މައުލޫމާތު ފޯރުކޮށްދިނުން؛
  6. ސްޓިއަރިންގ ކޮމިޓީއަށް ބޭނުންވާ އިދާރީ މައުލޫމާތުތައް ފޯރުކޮށްދިނުން؛
  7. ޒަކާތު ނަފާ ޕްރޮގްރާމުގެ ސްޓިއަރިންގ ކޮމިޓީގެ ހިންގުމާބެހޭ އުސޫލު އެކުލަވައިލުން؛
  8. މި އުސޫލުގެ ދަށުން މިނިސްޓްރީއާ މަތިކޮށްފައިވާ އެހެނިހެން ޒިންމާތައް އަދާކުރުން.

(ށ) މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ޒިންމާތައް.

  1. ޕްރޮގްރާމަށް ބަޖެޓު ހަމަޖެއްސުން؛
  2. ސްޓިއަރިންގ ކޮމިޓީގެ ނިންމުންތަކާ އެއްގޮތަށް ޕްރޮގްރާމް ހިންގުން؛
  3. ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދެވޭ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ދިނުމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުން؛
  4. ސްޓިއަރިންގ ކޮމިޓީއަށް ފަންނީ ލަފަޔާއި އިރުށާދު ބޭނުންވާ ހާލަތްތަކުގައި އެފަދަ ފަންނީ ލަފަޔާއި އިރުށާދު ކަމާބެހޭ ފަރާތްތަކުން ހޯދައި ކޮމިޓީއަށް ފޯރުކޮށްދިނުން؛
  5. ޕްރޮގްރާމް ތަންފީޒުކުރުމަށް ޓަކައި އެކުލަވައިލަންޖެހޭ ފޯމުތަކާއި، ލިޔެކިޔުންތަކާއި،ޕްރޮގްރާމުގެ މައުލޫމާތު ލީފްލެޓްތަކާއި، މައުލޫމާތު ފޯރުކޮށްދޭނެ އެހެން ނިޒާމުތައް އެކުލަވައިލުން؛
  6. ސްޓިއަރިންގ ކޮމިޓީއަށް ބޭނުންވާ އިދާރީ މައުލޫމާތުތައް ފޯރުކޮށްދިނުން؛
  7. ޕްރޮގްރާމާބެހޭ މައުލޫމާތު ފޯރުކޮށްދިނުން؛
  8. ޒަކާތު ނަފާ ޕްރޮގްރާމުގެ ސްޓިއަރިންގ ކޮމިޓީގެ ހިންގުމާބެހޭ އުސޫލު އެކުލަވައިލުން؛
  9. މި އުސޫލުގެ ދަށުން މިނިސްޓްރީއާ މަތިކޮށްފައިވާ އެހެނިހެން ޒިންމާތައް އަދާކުރުން.

(ނ) ސްޓިއަރިންގ ކޮމިޓީގެ ޒިންމާތައް.

  1. ޕްރޮގްރާމް ވިލަރެސްކުރުމާއި، ޕްރޮގްރާމަށް ކަނޑައެޅިފައިވާ ފަންޑު މެނޭޖްކޮށް ހިންގުން ؛
  2. ޕްރޮގްރާމުގެ މަގުސަދާ އެއްގޮތަށް ޕްރޮގްރާމު ހިންގުމަށް ބޭނުންވާ ލަފަޔާއި އިރުށާދު އެގްޒެކިއުޓިންގ އޭޖެންސީއަށް ދިނުން؛
  3. ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް ހޮވުމުގައި އިސްކަންދޭނެ ގޮތް ކަނޑައަޅައި، ޕްރޮގްރާމް ރާވައި ހިންގުމަށް ބޭނުންވާ ލަފާދިނުން؛
  4. ޕްރޮގްރާމް އަމަލީގޮތުން ހިންގުމަށް ބޭނުންވާނޭ އުސޫލުތަކާއި، މިންގަނޑުތައް ކަނޑައެޅުމާއި ބަޖެޓު އެކުލަވައިލުން؛
  5. އެހީ ދިނުމަށް ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް އެހީ ދެވޭނެ ފަރާތްތަކާއި ،އެހީގެ ބާވަތާއި، ދެވޭނެ އެހީގެ މިންވަރު ކަނޑައެޅުން؛
  6. ޕްރޮގްރާމް ނުވަތަ ޕްރޮޖެކްޓް ހިންގުމަށް އިތުރު ފައިސާ ބޭނުންވާނަމަ، އެކަމާ ގުޅޭގޮތުން މަށްވަރާކޮށް އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށް މަސައްކަތްކުރުން؛
  7. ގުޅިފައިވާ އެކިއެކި މުއައްސަސާތަކުން ޒިންމާވާ ކަންކަން، ކަނޑައެޅިފައިވާ އުސޫލުން ކުރިއަށްދޭތޯ ބެލުން ؛
  8. ޕްރޮޖެކްޓްތަކުގެ ޕްރޮގްރެސް ބެލޭނެ އިންތިޒާމު ހަމަޖެއްސުން؛
  9. ޕްރޮގްރާމް ކުރި ޔަށްދާ ގޮތާއި، ޕްރޮގްރާމުގެ ދަށުން އެހީދެވޭ މަސައްކަތްތައް ކުރިޔަށްދާ ގޮތުގެ މައުލޫމާތު އެއްކޮށް ދިރާސާކޮށް، މޮނިޓަރކުރުން؛
  10. މި އުސޫލާއި ޒަކާތު ނަފާ ޕްރޮގްރާމުގެ ސްޓިއަރިންގ ކޮމިޓީ ހިންގާ އުސޫލުގެ ދަށުން ކޮމިޓީއާ މަތިކޮށްފައިވާ އެހެނިހެން ޒިންމާތައް އަދާކުރުން.

(ރ) އެގްޒެކިއުޓިންގ އޭޖެންސީގެ ޒިންމާތައް.

  1. ސްޓިއަރިންގ ކޮމިޓީން ކަނޑައަޅާ ބަޖެޓާ އެއްގޮތްވާ ގޮތުގެ މަތީން އެހީ ލިބެންޖެހޭ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން؛
  2. ސްޓިއަރިންގ ކޮމިޓީން ކަނޑައަޅާ ބަޖެޓުގައި، މި އިސޫލުގެ 11 ވަނަ މާއްދާގެ (ށ) ގެ ދަށުން ލޯނުގެ މިންވަރެއް ހިމެނުމަށް ނިންމައިފައިވާނަމަ، ސްޓިއަރިންގ ކޮމިޓީން ކަނޑައަޅައިފައިވާ ލޯނުގެ މިންވަރު ހަމަޖެއްސުން؛
  3. އެހީ ލިބޭނެ ފަރާތްތަކާއި، އެހީގެ ބާވަތާއި، އެހީދެވޭނެ މިންވަރާ ގުޅޭ ތަފާސްހިސާބު ބެލެހެއްޓުން ؛
  4. ސްޓިއަރިންގ ކޮމިޓީން ކަނޑައަޅާ ޓެމްޕްލޭޓަކާ އެއްގޮތްވާ ގޮތުގެ މަތީން ޕްރޮގްރާމްތަކުގެޕްރޮގްރެސް ރިޕޯޓު، ކަނޑައެޅިފައިވާ އުސޫލުން ސްޓިއަރިންގ ކޮމިޓީއަށް ފޮނުވުން؛
  5. މި އުސޫލުގެ ދަށުން އެގްޒެކިއުޓިންގ އޭޖެންސީއާ މަތިކޮށްފައިވާ އެހެނިހެން ޒިންމާތައް އަދާކުރުން.

 

8 ވަނަ މާއްދާ - އެހީ ދެވޭ ފަރާތްތަކުގެ ޒިންމާ

މި ޕްރޮގްރާމުގައި ބައިވެރިވާ އެހީ ދެވޭ ފަރާތްތަކުގެ ޒިންމާތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) އެހީ ދެވޭ ފަރާތްތަކަށް އެ އެހީ ލިބުމުން، އެގްޒެކިއުޓިންގ އޭޖެންސީއާއެކު ލިޔުމުން ވެވޭ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތީން މަސައްކަތް ކުރިއެރުވުމަށް ނުވަތަ ފެއްޓުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

(ށ) މައުލޫމާތު ބައްދަލުވުންތަކާއި ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވެ، ޕްރޮގްރާމްތައް ފުރިހަމަކުރުން.

(ނ) ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދޭ ހުރިހާ އިކުއިޕްމަންޓްތަކާއި ވަސީލަތްތައް ފަރުވާތެރިކަމާއެކު ރަނގަޅަށް ބެލެހެއްޓުން.

(ރ) ސްޓިއަރިންގ ކޮމިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް، އިކުއިޕްމަންޓާއި ވަސީލަތްތައް ބޭނުންކުރާ މިންވަރާއި ތަމްރީނު ޕްރޮގްރާމްތަކުން ލިބޭ ތަޖުރިބާއިން މަސައްކަތް ފެށްޓުމާއި ކުރިއެރުވުމުގައި ދިމާވާ ކަންތައްތަކާއި ހިނގާ ހަރަދާއި، ލިބޭ އާމްދަނީއާއި ފައިދާގެ މިންވަރާއި އެހެނިހެން ކަންތައްތައް، އެގްޒެކިއުޓިންގ އޭޖެންސީއަށް ރިޕޯޓިންގ ޕީރިއަޑުގެ ތެރޭގައި ގަވާއިދުން ރިޕޯޓު ކުރުން؛ ރިޕޯޓިންގ ޕީރިއަ ޑުގެ ތެރޭގައި ރިޕޯޓުކުރުމަށް އެއްވެސް ހުރަހެއް މެދުވެރިވާނަމަ، ދިމާވެފައިވާ ހުރަސްތައް އެގްޒެކިއުޓިންގ އޭޖެންސީއަށް ލިޔުމުން އަންގަންވާނެއެވެ.

(ބ) އެހީ ދެވޭ ބޭނުމާއި މަގުސަދާ އެއްގޮތަށް އެހީގެ ބޭނުންކުރުން.

(ޅ) އަނބުރާ ދައްކާގޮތަށް ދެވޭ އެހީ، ކަނޑައެޅިފައިވާ ގޮތުގެ މަތީން އަނބުރާ ދެއްކުން.

(ކ) އެހީ ދެވޭ ފަރާތާއި އެގްޒެކިއުޓިންގ އޭޖެންސީއާ ދެމެދު ވެވޭ އެއްބަސްވުމާއި މި އުސޫލާ އެއްގޮތަށް އަމަލުކުރުން.

 

9 ވަނަ މާއްދާ - އެހީ ދެވޭ ދާއިރާތައް

(ހ) ޒަކާތު ނަފާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދެވޭނީ، އަންނަނިވި ދާއިރާތަކާއި މި މާއްދާގެ

(ށ) ގެ ދަށުން ސްޓިއަރިންގ ކޮމިޓީން ކަނޑައަޅާ އިތުރު ދާއިރާތަކުންނެވެ.

  1. ގެދޮރުގެ ނަފާ؛
  2. ޕޯލްޓްރީ ފާރމިންގ؛
  3. ހައިޑްރޯޕޯނިކް ދަނޑުވެރިކަން؛
  4. ފަރުމަސްވެރިކަން؛
  5. ފެހުން؛
  6. ޓްރައިނިންގ/ އޮންދަ ޖޮބް ޓްރައިނިންގ/ އެޕްރެންޓިސްށިޕް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރަށް، ހާލަތަށް ބަލައި އިތުރު ދާއިރާތައް ކަނޑައެޅުމުގެ އިހްތިޔާރު، ސްޓިއަރިންގ ކޮމިޓީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ ދަށުން އެހީ ދެވޭ ދާއިރާތައް މެދުވެރިކޮށް ކުރާ ވިޔަފާރިތަކަކީ ށަރީއާ ކޮމްޕްލަޔަންޓް ވިޔަފާރިތަކެއް ކަމުގައި ވާންވާނެއެވެ.

 

10 ވަނަ މާއްދާ - ޕްރޮގްރާމުގެ ބަޖެޓު

(ހ) ޒަކާތު ނަފާ ޕްރޮގްރާމު ހިންގުމަށް، ޒަކާތު ފަންޑުން ކަނޑައަޅާ އަހަރީ ބަޖެޓު، ޒަކާތު ފަންޑު ކޮމިޓީން ފާސްކުރަންވާނެއެވެ.

(ށ) ޒަކާތު ނަފާ ޕްރޮގްރާމް ހިންގުމަށް އެސް.އެމް.އީ ފަންޑުން ކަނޑައަޅާ މިންވަރެއް ޕްރޮގްރާމުގެ ބަޖެޓުގައި ހިމަނަންވާނެއެވެ.

(ނ) ޒަކާތު ފަންޑާއި އެސް.އެމް.އީ ފަންޑުން ކަނޑައަޅާ މިންވަރަށްވުރެ އެ ޕްރޮގްރާމަކަށް ހިނގާ ހަރަދު ބޮޑުވުމުގެ ސަބަބުން، އިތުރު ކެޕިޓަލް ދޭންޖެހޭކަމަށް ސްޓިއަރިންގ ކޮމިޓީއަށް ފެނިއްޖެ ހާލަތެއްގައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ދަށުން ހިންގާ އިތުރު ފަންޑުތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ.

 

11 ވަނަ މާއްދާ - އެހީގެ މިންވަރު

(ހ) ޒަކާތު ނަފާ ފްރޮގްރާމުގެ ތެރެއިން ޒަކާތު ފަންޑުން ހަރަދު ކުރެވޭނީ، އާއިލާއަކަށް ގިނަވެގެން 150،000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާގެ މިންވަރަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މިންވަރުގެ އިތުރުން، އެސް.އެމް.އީ ފަންޑު މެދުވެރިކޮށް، އަނބުރާ ދައްކާގޮތަށް، އިންޓްރަސްޓް ނުހިމެނޭ ލޯނެއްގެ ގޮތުގައި ވަކި މިންވަރެއް އެހީގެ ގޮތުގައި ހަމަޖެއްސިދާނެއެވެ.

 

12 ވަނަ މާއްދާ - އެހީ ދޭނެ ފަރާތްތައް ކަނޑައެޅުން

(ހ) ޒަކާތު ނަފާ ޕްރޮގްރާމުގެ ދަށުން އެހީ ދޭނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒު ގެ 
"ފަގީރުންނާއި މިސްކީނުންގެ ދަފުތަރު" ގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ. އެގޮތުން މި ދަފުތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެހީ ދެވޭނެ ފަރާތްތައް ކަނޑައަޅާނީ، އަންނަނިވިގޮތުގެމަތީން، ސްޓިއަރިންގ ކޮމިޓީންނެވެ.

  1. ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީކޮށްފައިވާ ފަގީރުންގެ ތެރެއިން، ރަށްރަށުގައި ހުރި ފަގީރުންގެ ގޭބިސީގެ ނިސްބަތުން ރަށްތައް ކެޓަގަރައިޒްކުރުން؛
  2. ކެޓަގަރައިޒްކޮށްގެން ކަނޑައެޅޭ ރަށްރަށުގެ ފަގީރުންނަށް ހަމަހަމަ ފުރުސަތުތަކެއް ދިނުން؛
  3. އެހީ ދިނުމަށް ކަނޑައެޅިފައިވާ ދާއިރާގައި މަސައްކަތްކުރުމަށް ގާބިލު ފަރާތްތަކަށް އިސްކަންދިނުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަކިވަކި ދާއިރާތަކަށް ބައިވެރިން ހޮވުމުގައި ބަލާނީ، މި އުސޫލުގެ ޖަދުވަލު 1 ގައި ހިމެނިފައިވާ ށަރުތުތަކަށެވެ.

 

13 ވަނަ މާއްދާ - ދެވޭ އެހީއާއި، އެހީ ދެވޭނެ މުއްދަތު

(ހ) މި އުސޫލުގެ 12 ވަނަ މާއްދާގެ ދަށުން އެހީ ދިނުމަށް ކަނޑައަޅާ ފަރާތްތަކަށް ޒަކާތު ނަފާ ޕްރޮގްރާމުގެ ދަށުން އެހީގެ ގޮތުގައި ދެވޭނީ، އެ ފަރާތަކަށް އެހީގެ ގޮތުގައި ދިނުމަށް ކަނޑައަޅައިފައިވާ އެހީގެ މިންވަރުގެ ތެރެއިން، މި އުސޫލުގެ 9 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ ދާއިރާތަކުން މަސައްކަތް ކުރުމަށް ބޭނުންވާ ތަކެއްޗާއި ތަމްރީނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މަސައްކަތް ކުރިޔަށް ގެންދިއުމަށް ކޮންމެހެން ފައިސާ ދޭންޖެހޭކަމަށް ސްޓިއަރިންގ ކޮމިޓީއަށް ފެނިއްޖެ ހިނދެއްގައި، އެހީދެވުނު ފަރާތަށް ފައިސާގެ މިންވަރެއް ދިނުމަށް މި މާއްދާ ހުރަހެއްނާޅައެވެ.

(ނ) މި މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތީން އެހީގެ ގޮތުގައި ތަމްރީނު ދޭނެ މުއްދަތު ކަނޑައަޅާނީ، އެހީ ދެވޭ ފަރާތުގެ ހާލަތަށް ބަލައި ، ސްޓިއަރިންގ ކޮމިޓީންނެވެ. މިގޮތުން އެހީ ދިނުމަށް ފުރަތަމަ ކަނޑައަޅާ މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު، ސްޓިއަރިންގ ކޮމިޓީއަށް ލިބިގެންވެއެވެ.

(ރ) މި އުސޫލުގެ (ހ) ގެ ދަށުން މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށްފަހު، އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން މަސައްކަތް ކުރަމުންދާކަން ކަށަވަރުކުރުމަށް ޓަކައި، މޮނިޓަރިންގމުއްދަތެއް، ސްޓިއަރިންގ ކޮމިޓީން ކަނޑައަޅަންވާނެއެވެ. މިގޮތުން މޮނިޓަރ ކުރުމަށް ފުރަތަމަ ކަނޑައަޅާ މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު، ސްޓިއަރިންގ ކޮމިޓީއަށް ލިބިގެންވެއެވެ.

 

14 ވަނަ މާއްދާ - އެހީ ދިނުމާއި މޮނިޓަރކުރުން ހުއްޓައިލުން

ޒަކާތު ނަފާ ޕްރޮގްރާމުގެ ދަށުން އެހީ ދިނުމާއި މޮނިޓަރކުރުން، އަންނަނިވި ހާލަތްތަކުގައި ހުއްޓައިލެވޭނެއެވެ.

(ހ) ޒަކާތު ނަފާ ޕްރޮގްރާމުގެ ދަށުން އެހީ ދިން ފަރާތަށް އެހީ ދެވުނު މަގުސަދު ހާސިލުވީކަމަށް ބަލައި، އެހީ ދިނުން ނުވަތަ މޮނިޓަރކުރުން މުޅިން ހުއްޓައިލުން.

(ށ) އެހީ ދެވޭ ފަރާތާއި އެގްޒެކިއުޓިންގ އޭޖެންސީއާ ދެމެދު ވެފައިވާ އެއްބަސްވުމާ، އެހީދެވޭ ފަރާތުން ހިލާފުވުން.

(ނ) އެހީ ދެވޭ ފަރާތާއި އެގްޒެކިއުޓިންގ އޭޖެންސީއާ ދެމެދު ވެވޭ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މަގުބޫލު އުޒުރެއްނެތި މަސައްކަތް ނުފެށުން ނުވަތަ ވިދިވިދިގެން 14 (ސާދަ) ދުވަހުގެ މުއްދަތަކަށް މަސައްކަތް މެދުކަނޑައިލުން.

(ރ) މައުލޫމާތު ހިފެހެއްޓުން ނުވަތަ ދޮގު މައުލޫމާތު ދިނުން.

(ބ) އެހީ ދިން ބޭނުން ފިޔަވައި އިތުރު ކަމަކަށް އެހީ ބޭނުންކުރުން.

(ޅ) މަގުބޫލު އުޒުރަކާ ނުލައި ރިޕޯޓިން ގ ޕީރިއަޑުގެ ތެރޭގައި ގަވާއިދުން ރިޕޯޓު ނުކުރުން.

 

15 ވަނަ މާއްދާ - އެހީދިނުމާއި މޮނިޓަރކުރުން ހުއްޓައިލުމުގެ ނަތީޖާ

(ހ) މި އުސޫލުގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި، އެހީ ދިނުން ނުވަތަ މޮނިޓަރކުރުން ހުއް ޓައިލުމަށް ނިންމާ ހާލަތުގައި، އެހީ ދެވޭ ފަރާތާ ހަވާލުކޮށްފައިވާ ތަކެއްޗާމެދު އަމަލުކުރާނީ އަންނަނިވި ގޮތުގެ މަތީންނެވެ.

  1. އެހީގެ ގޮތުގައި ދޫކޮށްފައިވާ މުދަލަކީ، ރަޖިސްޓަރީކުރެވިފައިވާ އުފުލޭ މުދަލެއްނަމަ، އެ މުދަލެއް ރަޖިސްޓަރީ ކުރެވިފައިވާ އެގްޒެކިއުޓިންގ އޭޖެންސީއަކަށް އެ މުދާ ނެގޭނެއެވެ. 
  2. އެހީގެ ގޮތުގައި ދޫކޮށްފައިވާ މުދަލަކީ، އެހެން ފަރާތަކަށް އެހީގެ ގޮތުގައި ބޭނުންކުރުމަށް ދޫކުރެވޭފަދަ މުދަލަކަށްވާނަމަ، އެ މުދަލެއް ދޫކޮށްފައިވާ އެގްޒެކިއުޓިންގ އޭޖެންސީއަކަށް އެ މުދާ ނެގޭނެއެވެ. 
  3. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން އެގްޒެކިއުޓިންގ އޭޖެންސީއަށް ނަގާ މުދަލަކީ އެހެން ފަރާތަކަށް އެހީގެ ގޮތުގައި ދޫކުރެވޭފަދަ ހާލަތެއްގައިވާ މުދަލެއްނަމަ، އެހީގެ ގޮތުގައި އެ މުދަލެއް އެހެން ފަރާތަކަށް ދިނުމަށް ސްޓިއަރިންގ ކޮމިޓީއަށް ނިންމިދާނެއެވެ.
  4. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން އެގްޒެކިއުޓިންގ އޭޖެންސީއަށް ނަގާ މުދަލަކީ، މަރާމާތުކުރަންޖެހިފައިވާ މުދަލެއްނަމަ، އެ މުދަލެއް ނަގާ އެގްޒެކިއުޓިންގ އޭޖެންސީއަކުން އެ މުދަލެއް މަރާމާތު ކުރަންވާނެއެވެ. މުދާ މަރާމާތުކުރުމަށް ހިނގާ ހަރަދު ހަމަޖައްސާނީ، ޒަކާތު ނަފާ ޕްރޮގްރާމަށް ކަނޑައެޅިފައިވާ ބަޖެޓުގެ ތެރެއިންނެވެ.
  5. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން އެގްޒެކިއުޓިންގ އޭޖެންސީއަށް ނަގާ މުދަލަކީ، ނީލަން ކިޔަންޖެހޭފަދަ މުދަލެއްނަމަ، އެ އެގްޒެކިއުޓިންގ އޭޖެންސީއަކުން މުދާ ނީލަން ކިޔަންވާނެއެވެ. އަދި މުދާ ވިއްކައިލުމަށްފަހު، މުދަލުގެ އަގުގެ ގޮތުގައި ލިބޭ ފައިސާ، ޒަކާތު ނަފާ ޕްރޮގްރާމުގެ ބަޖެޓަށް ފޮނުވަންވާނެއެވެ. 
  6. ނީލަން ކިޔާ މުދަލަކީ، މި އުސޫލުގެ 11 ވަނަ މާއްދާގެ (ށ) ގެ ދަށުން ލޯނުގެ މިންވަރެއް ހިމެނޭ މުދަލެއްނަމަ، މުދާ ވިއްކައިގެން ލިބޭ ފައިސާއިން ޒަކާތު ނަފާ ޕްރޮގްރާމުގެ ބަޖެޓަށް ފޮނުވާނީ، އެ މުދަލަކަށް ލޯނުގެ ގޮތުގައި ހަރަދުކޮށްފައިވާ މިންވަރު އުނިކުރުމަށްފަހުގައެވެ.
  7. އެގްޒެކިއުޓިންގ އޭޖެންސީއަށް ނަގާ މުދަލާ ގުޅިގެން ދައުލަތުގެ އިދާރާތަކަށް ދައްކަންޖެހޭ ފީތައް ދައްކާނީ، ޒަކާތު ނަފާ ޕްރޮގްރާމަށް ކަނޑައެޅިފައިވާ ބަޖެޓުންނެވެ.

(ށ) މި އުސޫލުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން އެހީ ދިނުން ނުވަތަ މޮނިޓަރކުރުން ހުއްޓައި ލުމަށް ނިންމާ ހާލަތުގައި، އެހީގެ ގޮތުގައި ދޫކޮށްފައިވާ މުދަލެއް އަނބުރާ އެގްޒެކިއުޓިންގ އޭޖެންސީއަކަށް ނުނެގޭނެއެވެ.

(ނ) މި އުސޫލުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން އެހީ ދިނުން ނުވަތަ މޮނިޓަރކުރުން ހުއްޓައި ލުމަށް ނިންމާ ހާލަތުގައި، އެހީގެ ގޮތުގައި ދޫކޮށްފައިވާ މުދަލަކީ ރަޖިސްޓަރީކޮށްފައިވާ މުދަލެއްނަމަ، އެ މުދަލެއްގެ ރަޖިސްޓަރީ، އެހީ ދޫކުރެވުނު ފަރާތަށް ބަދަލުކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - އެހީ ހުއްޓައިލުމު ގެ އިޖުރާއަތު

(ހ) މި އުސޫލުގެ 14 ވަނަ މާއްދާގެ (ށ) އިން ފެށިގެން (ޅ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެކަމަށް އެގްޒެކިއުޓިންގ އޭޖެންސީއަށްގަބޫލުކުރެވިއްޖެނަމަ، އެކަންކަމާ ގުޅޭ އެންމެހައި ލިޔެކިޔުންތަކާއެކު، ސްޓިއަރިންގ ކޮމިޓީއަށް އެ މައްސަލަ ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ސްޓިއަރިންގ ކޮމިޓީއަށް މައްސަލަ ހުށަހަޅާތާ، ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ކޮމިޓީގެ ބައްދަލުވުމެއްގައި ހުށަހެޅުނު މައްސަލައާ މެދު ގޮތެއް ނިންމަންވާނެއެވެ. އަދި ކޮމިޓީގެ ނިންމުމަކީ، އެހީ ހުއްޓައިލުން ކަމުގައި ވާނަމަ، އަންނަނިވި ގޮތުގެ މަތީން އަމަލު ކުރަންވާނެއެވެ.

(ނ)

  1. ނިންމުން ނިންމިތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެހީ ހުއްޓައިލުމަށް ނިންމި ނިންމުން، އެހީ ލިބޭ ފަރާތަށާއި އެގްޒެކިއުޓިންގ އޭޖެންސީއަށް، ސްޓިއަރިންގ ކޮމިޓީން، ސަބަބާއެކު ލިޔުމުން އަންގަންވާނެއެވެ. 
  2. މި މައްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އެހީ ލިބުނު ފަރާތަށް އަންގާ އެންގުމުގައި، މަދުވެގެން 10 (ދިހައެއް) ދުވަހުގެ ނޯޓިހެއް، އެހީ ދެވުނު ފަރާތަށް ލިބިގެންވާކަމަށާއި ، އެހީ ދެވުނު ފަރާތަށް ދޫކޮށްފައިވާ މުދަލާމެދު އަމަލުކުރާނެ ގޮތާއި، މަސައްކަތާ ގުޅިގެން ކުރަންޖެހޭ އިތުރު ހަރަދުތައް ކުރުމުގައި އަމަލުކުރަންވީ ގޮތް ބަޔާންކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމާއި މުރާޖާކުރުމަށް އެދި ހުށަހެޅުން

(ހ) މި ޕްރޮގްރާމާ ގުޅޭ ށަކުވާތައް ހުށަހަޅާނީ، ސްޓިއަރިންގ ކޮމިޓީއަށެވެ. މިގޮތުން ހުށަހެޅޭ ށަކުވާތައް ބަލަންވާނީ، ސްޓިއަރިންގ ކޮމިޓީން ކަނޑައަޅައިފައިވާ ށަކުވާގެ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) ސްޓިއަރިންގ ކޮމިޓީން ނިންމި ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން، އެފަދަ ނިންމުމެއް މުރާޖާކުރުމަށް ޒަކާތު ފަންޑު ކޮމިޓީއަށް ހުށަހެޅިދާނެއެވެ. މުރާޖާކުރުމަށް ހުށަހަޅާ ނިންމުންތައް، ނިންމުން ނިންމިތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މުރާޖާކުރުމަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން މުރާޖާކުރުމަށް ހުށަހަޅާ މައްސަލަތައް، 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ޒަކާތު ފަންޑު ކޮމިޓީން ބަލައި ނިންމަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ހުށަހަޅާ ށަކުވާ ހުށަހަޅަންވާނީ، ސްޓިއަރިންގ ކޮމިޓީން އެކުލަވައިލައިއާންމުކުރާ ފޯމުންނެވެ.

 

18 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އިމްޕްލިމަންޓިންގ އޭޖެންސީ" ކަމަށް ބުނެފައި އެވަނީ، ޒަކާތު ނަފާ ޕްރޮގްރާމް ރާވައި،މެނޭޖްކޮށް ތަންފީ ޒުކުރުމުގައި އިސްދައުރު އަދާކުރާ ފަރާތުގެ ހައިސިއްޔަތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށެވެ.

(ށ) "އެގްޒެކިއުޓިންގ އޭޖެންސީ" ކަމަށް ބުނެފައި އެވަނީ، ޒަކާތު ނަފާ ޕްރޮގްރާމުގެ ދަށުން އަމަލީގޮތުން އެހީގެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާ ފަރާތްތަކަށެވެ.

(ނ) "ސްޓިއަރިންގ ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ޒަކާތު ނަފާ ޕްރޮގްރާމް ހިންގުމަށް ޓަކައި މި އުސޫލުގެ ދަށުން އެކުލަވައިލާ ކޮމިޓީއަށެވެ.

(ރ) "އެހީ ލިބޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޒަކާތު ނަފާ ޕްރޮގްރާމް މެދުވެރިކޮށް، ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން އެހީ ދެވޭ ފަރާތްތަކަށެވެ.

(ބ) "ޒަކާތު ފަންޑު" ކަމަށް ބުނެފައި އެވަނީ، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބެލެހެއްޓުމަށް މިނިސްޓްރީގައި ގާއިމުކޮށްފައިވާ ފަންޑަށެވެ.

(ޅ) "އެސް.އެމް.އީ. ފަންޑު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2013-06 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު) ގެ 30 ވަނަ މާއްދާގެ ދަށުން ގާއިމުކޮށްފައިވާ ފަންޑަށެވެ.

(ކ) "ފަގީރުންނާއި މިސްކީނުންގެ ދަފުތަރު" ކަމަށް ބުނެފައި އެވަނީ، ފަގީރުންނާއި މިސްކީނުންގެ މައުލޫމާތު ބެލެހެއްޓުމަށް ޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވައިލައިފައިވާ ދަފުތަރަށެވެ.

(އ) "ޒަކާތު ނަފާ ޕްރޮގްރާމް ހިންގުމާބެހޭ ގޮތުން ވެވޭ ފަހުމުނާމާ" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ 1 ވަނަ މާއްދާގެ (ހ) ގައި ހަވާލާދީފައިވާ ފަހުމުނާމާއަށެވެ.

(ވ) "އާއިލާ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވައިލައިފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި އާއިލާއެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

(މ) " އެހީ" ކަމަށް ބުނެފައި އެވަނީ، ޒަކާތު ނަފާ ޕްރޮގްރާމުގެ ދަށުން ދެވޭ ހިލޭ އެހީއާއި، އަނބުރާ ދައްކާގޮތަށް، އިންޓްރަސްޓް ނުހިމެނޭގޮތަށް ދެވޭ އެހީ ހިމެނޭ ގޮތުންނެވެ.

 

19 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު/ގަވާއިދު

ނެތް

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު