-

އިންކުއަރީ ހެދުމާއި ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު

(އުސޫލު ނަންބަރު 2022-17)

1 ވަނަ މާއްދާ - ތައާރުފާއި ނަން 

(ހ) މިއީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 62 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކައުންސިލަރެއްގެ ނުވަތަ ރައީސެއްގެ ނުވަތަ މޭޔަރެއްގެ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަށް އަދާ ނުކުރެވޭނަމަ ނުވަތަ އިހުމާލުވާނަމަ ނުވަތަ ކައުންސިލްގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފާނަމަ ނުވަތަ ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކައުންސިލަރުންގެ އަމަލުތައް ބަހައްޓާކަމުގެ މައުލޫމާތު ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ލިބުމުން، ނުވަތަ ސެކްޓޯރަލް ގްރާންޓެއްގެ ގޮތުގައި ނުވަތަ ކޮންޑިށަނަލް ގްރާންޓެއްގެ ގޮތުގައި ކައުންސިލް މެދުވެރިކޮށް ސަރުކާރުން ހިންގާ ވަކި ޕްރޮޖެކްޓެއް ނުވަތަ ޕްރޮޖެކްޓްތަކެއް ހިންގުމުގައި ކައުންސިލުން އިހުމާލުވާކަމަށް އެ ޕްރޮޖެކްޓެއް ހިންގާ އިދާރާއަކަށް ފާހަގަކުރެވި، އެކަން ލޯކަލް ގަވަރމަންޓު އޮތޯރިޓީއާ ހިއްސާ ކުރުމުން، އެކަމާ ގުޅޭގޮތުން އިންކުއެރީ ހެދުމާއި ފިޔަވަޅު އެޅުމުގައި ލޯކަލް ގަވަރންމަންޓް އޮތޯރިޓީީން އަމަލުކުރާނެ އިޖުރާތުތައް ބަޔާންކުރާ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔާނ "އިންކުއަރީ ހެދުމާއި ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 62 ވަނަ މާއްދާއިން ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ލިބިދީ ފައިވާ އިންކުއަރީ ހެދުމުގެ ބާރާއި ކަންކަން އިސްލާހުކުރަން އެންގުމާއި މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމުގެ ގާނޫނ ޒިންމާ އަދާކުރުމުގައި ލޯކަލް ގަވަރންމަންޓް އޮތޯރިޓީީން ފުރިހަމަކުރަންޖެހޭ އިޖުރާތުތައް ބަޔާންކުރުމާއި، އެ ބާރުތައް ބޭނުންކުރާނީ ތަފާތުކުރުމެއް ނެތި،ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިންކަން ކަށަވަރުކުރުމެވެ.

 

3 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

4 ވަނަ މާއްދާ - ކައުންސިލަރުންގެ އަމަލުތަކާ ގުޅޭ މައުލޫމާތު އޮތޯރިޓީ އަށް ހުށަހެޅޭނެ ފަރާތްތައް

(ހ) މި އުސޫލުގެ ދަށުން ބެލޭނީ، ކައުންސިލަރުންގެ އަމަލުތަކާ ގުޅޭގޮތުން އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އޮތޯރިޓީ އަށް ލިބޭ މައްސަލަތަކެވެ.

  1. ކައުންސިލުގެ ގަރާރަކާއެކު ކައުންސިލުން ހުށަހަޅާ މައްސަލަތައް؛
  2. ކައުންސިލުގެ އިދާރާގެ ސެކްރެޓަރ ޖެނެރަލް ހުށަހަޅާ މައްސަލަތައް؛
  3. މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ކައުންސިލަރަކު ކޮށްފިކަން ނުވަތަ ކޮއްފައިވާނެކަމަށް ފާހަގަކޮށް، އެންޓި-ކޮރަޕްށަން ކޮމިށަން ނުވަތަ އޮޑިޓަރ ޖެނެރަލްގެ އޮފީސް ނުވަތަ މިނިސްޓްރ އޮފް ފިނޭންސް ނުވަތަ އެނޫންވެސް އެފަދަ ރަސްމީ އިދާރާއަކުން ހުށަހަޅާ މައްސަލަތައް؛
  4. ސެކްޓޯރަލް ގްރާންޓެއްގެ ގޮތުގައި ނުވަތަ ކޮންޑިށަނަލް ގްރާންޓެއްގެ ގޮތުގައި ކައުންސިލް މެދުވެރިކޮށް ސަރުކާރުން ހިންގާ ވަކި ޕްރޮޖެކްޓެއް ނުވަތަ ޕްރޮޖެކްޓްތަކެއް ހިންގުމުގައި ކައުންސިލުން އިހުމާލުވާކަން ފާހަގަކޮށް އެ ޕްރޮޖެކްޓެއް ހިންގާ އިދާރާއިން ހުށަހަޅާ މައްސަލަތައް.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އާންމުންނާއި ކައުންސިލްތަކުގެ މެންބަރުންނާއި މުވައްޒަފުން ނުވަތަ އެ ނޫންވެސް ފަރާތްތަކުން ލިބޭ މައުލޫމާތާއި، އޮތޯރިޓީން ކައުންސިލްތަކުގެ މަސައްކަތް މޮނިޓަރ ކުރުމުގެ ތެރެއިން ފާހަގަކުރެވިފައިވާ ކަންކަމަށް ބިނާކޮށް، ކައުންސިލުގެ އަމަލުތަކާ ގުޅޭ ނުވަތަ ކައުންސިލަރުންގެ އަމަލުތަކާ ގުޅޭ މައްސަލަ ބެލުމަށް ނިންމުމުގެ ބާރު، އޮތޯރިޓީ ގެ ޗީފް އެގްޒެކެޓިވް އޮފިސަރަށާއި އޮތޯރިޓީ ގެ ބޯޑަށް ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ - ބެލޭނެ މައްސަލަތައް

މި އުސޫލުގެ ދަށުން، ލޯކަލް ގަވަރންމަންޓް އޮތޯރިޓީީން ބަލާނީ، އަންނަނިވި ބާވަތްތަކުގެ މައްސަލަތަކެވެ.

(ހ) ކައުންސިލަރެއްގެ ނުވަތަ ރައީސެއްގެ ނުވަތަ މޭޔަރެއްގެ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުން.

(ށ) ކައުންސިލަރެއްގެ ނުވަތަ ރައީސެއްގެ ނުވަތަ މޭޔަރެއްގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި އިހުމާލުވުން.

(ނ) ކައުންސިލަރެއްގެ ނުވަތަ ރައީސެއްގެ ނުވަތަ މޭޔަރެއްގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުން.

(ރ) ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުން.

(ބ) ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކައުންސިލަރުންގެ އަމަލުތައް ބެހެއްޓުން.

(ޅ) ސެކްޓޯރަލް ގްރާންޓެއްގެ ގޮތުގައި ނުވަތަ ކޮންޑިށަނަލް ގްރާންޓެއްގެ ގޮތުގައި ކައުންސިލް މެދުވެރިކޮށް ސަރުކާރުން ހިންގާ ވަކި ޕްރޮޖެކްޓެއް ނުވަތަ ޕްރޮޖެކްޓްތަކެއް ހިންގުމުގައި ކައުންސިލުން އިހުމާލުވުން.

 

6 ވަނަ މާއްދާ - އިންކުއަރީ ހެދުމާ ގުޅޭގޮތުން ވަޒީރުގެ ހުއްދަ ހޯދުން

(ހ) މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއްގެ މައުލޫމާތު، ލޯކަލް ގަވަރންމަންޓް އޮތޯރިޓީ އަށް ލިބުމުން، އެއ އިންކުއަރީ އެއް ހަދަންޖެހޭފަދަ ކަމެއްކަމަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީ ގެ ޗީފް އެގްޒެކެޓިވް އޮފިސަރަށް ފެނިއްޖެނަމަ، ލޯކަލް ގަވަރންމަންޓް އޮތޯރިޓީ އަށް މައްސަލަ ލިބޭތާ ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އެފަދަ އިންކުއަރީ އެއް ހެދުމާމެދު ވަޒީރުގެ ހުއްދައަށް، ޗީފް އެގްޒެކެޓިވް އޮފިސަރ، ލިޔުމުން އެދެންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިންކުއަރީ އެއް ހަދަންޖެހޭފަދަ ކަމެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، ޗީފް އެގްޒެކެޓިވް އޮފިސަރ، އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. ކައުންސިލާ ބެހޭގޮތުން ނުވަތަ ކައުންސިލަރާ ބެހޭގޮތުން ލިބިފައިވާ މައުލޫމާތަކީ، މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ހިމެނޭ މައުލޫމާތެއްކަން ނުވަތަ ނޫންކަން؛
  2. ކައުންސިލާ ގުޅޭގޮތުން ނުވަތަ ކައުންސިލަރާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުގައި ހިމެނޭ މައްސަލަތައް ބެލުމަށް އޮތޯރިޓީ އަށް ވުރެ އެކަށޭނަ އިދާރާއެއް ވާކަން ނުވަތަ ނޫންކަން.

(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، ކައުންސިލާ ގުޅޭގޮތުން ނުވަތަ ކައުންސިލަރާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުގައި ހިމެނޭ މައްސަލައަކ އެ މައްސަލައެއް ބެލުމަށް އޮތޯރިޓީ އަށްވުރެ އެކަށޭނަ އިދާރާއަކުން ބަލަންޖެހޭފަދަ މައްސަލައެއްކަމަށް ޗީފް އެގްޒެކެޓިވް އޮފިސަރ ކަނޑައަޅައިފިނަމަ، އެ މައްސަލަ އެ އިދާރާއަކަށް ފޮނުވަންވާނެއެވެ. އަދި އެ މައްސަލައަކީ އެ މައްސަލައެއްގެ ބާވަތުން، އެ ކައުންސިލަރަކު މަގާމުގެ މަސްއޫލިއްޔަތުން ނުވަތަ މުޖުތަމައުން އެކަހެރިކުރަންޖެހޭ ފަދަ މައްސަލައެއް ކަމަށް ފެންނަނަމަ، މައްސަލަ ބެލުމަށް ފޮނުވާ އިދާރާގެ ސަމާލުކަމަށް އެކަން ގެންނަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ވަޒީރުގެ ހުއްދައަށް އެދުމުން، ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެކަމުގައި ވަޒީރު ނިންމާ ގޮތެއް، ލިޔުމުން، ޗީފް އެގްޒެކެޓިވް އޮފިސަރަށް، ވަޒީރު އަންގަންވާނެއެވެ. އަދި ކައުންސިލާ ނުވަތަ ކައުންސިލަރަކާ ގުޅޭގޮތުން ލިބޭ މައުލޫމާތަކާ ގުޅިގެން، އެކަމުގެ ހަގީގަތްތަކާއި ސަބަބުތައް ދެނެގަތުމަށް ޓަކައި ކަން އޮތްގޮތް ދިރާސާކޮށް ބެލުމަށް އިންކުއަރީ އެއް ހަދަންވާނީ، އެފަދައިން ވަޒީރުގެ ހުއްދަ ލިބިގެންނެވެ.

 

7 ވަނަ މާއްދާ - އިންކުއަރީ ހަދާނެ ގޮތް ކަނޑައެޅުން

ކައުންސިލާ ގުޅޭގޮތުން ނުވަތަ ކައުންސިލަރަކާ ގުޅޭގޮތުން ލިބޭ މައުލޫމާތާ ގުޅިގެން އިންކުއަރީ ހެދުމަށް ވަޒީރުގެ ހުއްދަ ލިބުމުން، އެ މައްސަލައިގެ ބާވަތާއި ހާލަތަށް ރިއާޔަތްކޮށް، އެ އިންކުއަރީ ހެދުމުގައި އަމަލުކުރުމަށް، އަންނަނިވި ގޮތްތަކުން ކުރެ ގޮތެއް، ޗީފް އެގްޒެކެޓިވް އޮފިސަރ ކަނޑައަޅަންވާނެއެވެ.

(ހ) މައްސަލަ ރައްދުވާ ކައުންސިލަށް ނުވަތަ ކައުންސިލަރު ނިސްބަތްވާ ކައުންސިލަށް ޒިޔާރަތްކޮށް މައްސަލަ ބެލުން؛ ނުވަތަ،

(ށ) މައްސަލައާ ގުޅޭގޮތުން ބޭނުންވާ ލިޔެކިޔުމާއި މައުލޫމާތާއި މައްސަލަ ރައްދުވާ ކައުންސިލުގެ ނުވަތަ ކައުންސިލަރުގެ ބަސް ލިޔުމުން ހޯދުން.

 

8 ވަނަ މާއްދާ - އިންކުއަރީ ޓީމު އެކުލަވައިލުން

(ހ) މި އުސޫލުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އެ އިންކުއެރ ހެދުމަށް ހަރަކާތްތެރިވުމަށް،އެކަމަށް ހާއްސަ ޓީމެއް، ޗީފް އެގްޒެކެޓިވް އޮފިސަރ އެކުލަވައިލަންވާނެއެވެ. މިގޮތުން އެކުލަވައިލާ ޓީމުގައި، އޮތޯރިޓީ ގެ އިންވެސްޓިގޭށަން ސެކްށަނުގެ އިތުރުން، މައްސަލައިގެ ބާވަތާއި ހާލަތަށް ރިއާޔަތްކޮށް، ކަމާ ގުޅޭ އެހެނިހެން ސެކްށަންތަކުގެ މުވައްޒަފުން ބައިވެރިކުރެވިދާނެއެވެ. އަދި އެހެން އިދާރާއެއްގެ މީހަކު ނުވަތަ ކަމާގުޅޭ ފަންނުވެރިއަކު ހިމެނުމުން، މައްސަލަ ބެލުން އިތުރަށް ފުރިހަމަވާނެކަމަށް ފެންނަ ހާލަތުގައި އެފަދަ ފަރާތެއް ވެސް ޓީމުގައި ހިމެނިދާނެއެވެ.

(ށ) މި މާއްދާގެ (ށ) ގެ ދަށުން އެކުލަވައިލާ ޓީމުގައި ހިމެނޭ މެންބަރުންނަކީ، އިންކުއަރީ ގައި ބަލާ މައްސަލައާ ގުޅުމެއް ނެތް ނުވަތަ މަސްލަހަތެއް ނެތް ބައެއްކަން ކަށަވަރުކުރުމަށް ޓަކައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. އެ ފަރާތެއްގެ މަންމަ، ނުވަތަ ބައްޕަ، ނުވަތަ އަނބިމީހާ، ނުވަތަ ފިރިމީހާ، ނުވަތަ ދަރިއެއް، ނުވަތަ ނުވަތަ އެއްބަނޑުއެއްބަފާ، ނުވަތަ އެއްބަނޑު، ނުވަތަ އެއްބަފާ މީހަކަށް މައްސަލަ ރައްދު ނުވުން؛
  2. އެ ފަރާތެއް އެއްވެސް އިރެއްގައި ރަށްވެހިވެފައިވާ ރަށެއްގެ ނުވަތަ ސިޓީ އެއްގެ ކައުންސިލަކަށް ރައްދުވާ މައްސަލައަކަށް ނުވުން.

 

9 ވަނަ މާއްދާ - މެންބަރުންގެ މަސްލަހަތުގެ މައުލޫމާތު ހާމަކުރުން

މި މާއްދާގެ ދަށުން ޗީފް އެގްޒެކެޓިވް އޮފިސަރ އެކުލަވައިލާ ޓީމަށް ހުށަހަޅާ މެންބަރަކީ، ޓީމުން ބެލުމަށް ހަމަޖެހިފައިވާ މައްސަލައާ ގުޅިގެން އެއްވެސް މަސްލަހަތެއް އޮތް ފަރާތެއްނަމަ، އެ ކަމުގެ މައުލޫމާތު، ޓީމު އެކުލަވައިލުމުގެ މަރުހަލާގައި، އެމެންބަރަކީު، ޗީފް އެގްޒެކެޓިވް އޮފިސަރއާ ހިއްސާ ކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - އިންކުއަރީ ހެދުން

(ހ) ކައުންސިލާ ގުޅޭގޮތުން ނުވަތަ ކައުންސިލަރަކާ ގުޅޭގޮތުން ލިބޭ މައުލޫމާތާ ގުޅިގެން އިންކުއަރީ ހެދުމަށް ވަޒީރު ހުއްދަ ދީފިނަމަ، އެ ދުވަހުން ފެށިގެން ރަސްމީ 2 ( ދޭއް) ދުވަހުގެ ތެރޭގައި، މި އުސޫލުގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރަންވާނެއެވެ.

(ށ) ކައުންސިލާ ގުޅޭގޮތުން ނުވަތަ ކައުންސިލަރާ ގުޅޭގޮތުން އިންކުއަރީ ހެދުމަށް މި އުސޫލުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުއްދަ، ވަޒީރު ދީފިނަމަ، ރަސްމީ 14 (ސާދަ) ދުވަހުގެ ތެރޭގައި މައްސަލައިގެ އިންކުއަރީ ހަދައި ނިންމަންވާނެއެވެ.

(ނ) އިންކުއަރީ ހެދުމަށް ފަހިކުރުމުގެގޮތުން އިންކުއަރީ ހެދުމުގައި އަމަލުކުރާނެ ގޮތުގެ "އިންކުއަރީ ޕްލޭން" އެއް، މައްސަލަ ބަލާ ޓީމުން ހަދައި، ޗީފް އެގްޒެކެޓިވް އޮފިސަރުގެ ހުއްދަ ހޯދަންވާނެއެވެ.

(ރ) އިޖުރާއ އަދާލަތު ގާއިމްކުރުމުގެ ގޮތުން، އިންކުއަރީ ފެށުމުގައި، ކައުންސިލާ ގުޅޭގޮތުން ނުވަތަ ކައުންސިލަރާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައިގެ މައުލޫމާތު، މައްސަލަ ރައްދުވާ ކައުންސިލަށް ނުވަތަ ކައުންސިލަރަށް ދޭންވާނެއެވެ.

(ބ) މި އުސޫލުގެ ބޭނުމަށް އޮތޯރިޓީީން ވަކިވަކި ކައުންސިލަރުންނާ ކުރާ މުއާމަލާތްތައް ކުރަންވާނ ،އޮތޯރިޓީީން ބަލަހައްޓާ ކައުންސިލަރުންގެ ދަފުތަރުގައި ހިމެނުމަށް ކައުންސިލަރު ދީފައިވާ އެޑްރެހަށް ނުވަތަ އީ-މެއިލް އެޑްރެހަށެވެ.

(ޅ) އޮތޯރިޓީީން ކައުންސިލްތަކުގެ މަސައްކަތް މޮނިޓަރ ކުރުމުގެ ތެރެއިން ލިބޭ ލިޔެކިޔުން ނުވަތަ މި އުސޫލުގެ 4 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ތަހުގީގީ އިދާރާއަކުން ނުވަތަ ރަސްމީ އިދާރާއަކުން ހުށަހަޅާ މައްސަލައިގައި ހިމެނޭ މައުލޫމާތަކ އިންކުއަރީ ގެ ބޭނުމަށް ހޯދައިފައިވާ މައުލޫމާތާއި ލިޔެކިޔުންކަމަށް ބެލޭނެއެވެ.

 

11 ވަނަ މާއްދާ - އިންކުއަރީ ރިޕޯޓު އެކުލަވައިލައިފައި ބޯޑާ ހިއްސާކުރުން

(ހ) މި އުސޫލުގެ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މައްސަލަ ބެލުމަށް އިންކުއަރީ ހެދުމަށްފަހު، އިންކުއަރީ ހެދުމަށް ވަޒީރުގެ ހުއްދަ ލިބޭތާ ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އިންކުއަރީ ޓީމުން ރިޕޯޓު ތައްޔާރު ކުރަންވާނެއެވެ. އަދި އެ ރިޕޯޓާމެދު ކައުންސިލަރު ދެކޭ ގޮތެއް ނުވަތަ ކައުންސިލުން ދެކޭ ގޮތެއް އެންގުމަށް 7 (ހަތެއް) ދުވަހުގެ ފުރުސަތެއް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ތައްޔާރުކުރާ އިންކުއަރީ ރިޕޯޓުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ހުށަހެޅިފައިވާ މައްސަލަ؛
  2. މައްސަލައިގައި ކަން ހިނގައިފައިވާ ގޮތް؛
  3. މައްސަލައާ ގުޅޭގޮތުން ކައުންސިލަރު ނުވަތަ ކައުންސިލުން ޖަވާބުދާރ ވެފައިވާނަމަ،ޖަވާބުދާރ ވުމުގެ ގޮތުން ކައުންސިލަރު ނުވަތަ ކައުންސިލުން ފާހަގަކޮށްފައިވާ ކަންކަން؛
  4. އިންކުއަރީން ފާހަގަކުރެވުނު ކަންކަން؛
  5. ފާހަގަކުރެވޭ މުހިންމު ނުކުތާތައް؛
  6. ފާހަގަކުރެވުނު ކަންކަމަށް އޮތް ހައްލުތަކާއި، އެ ކަންކަން ހައްލުކުރުމަށް ލަފާކުރެވޭ މުއްދަތު؛
  7. މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ކޮށްފައިވާކަން ނުވަތަ ނޫންކަން، އަދި މިކަމާ ގުޅިގެން އަމަލުކުރަން ޓީމަށް ފެންނަ ގޮތް.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންކުއަރީ ރިޕޯޓު ތައްޔާރުކުރުމަށްފަހު، ވީއެންމެ އަވަހަކަށް އޮތޯރިޓީ ގެ ބޯޑަށް ހުށަހަޅަންވާނެއެވެ. އަދި ރިޕޯޓާއެކު އަންނަނިވި ލިޔެކިޔުން ހުށަޅަންވާނެއެވެ.

  1. މައްސަލައާ ގުޅޭގޮތުން ބަޔާން ނަގައިފައިވާނަމަ އެ ބަޔާންތައް؛
  2. މައްސަލައާ ގުޅޭގޮތުން ލިބިފައިވާ ގުޅުންހުރި ލިޔެކިޔުންތަކާއި ހެކި ނުވަތަ ގަރީނާ؛
  3. އިންކުއަރީ ރިޕޯޓަށް ޖަވާބުދާރ ވުމަށް ދިން ފުރުސަތުގައި ކައުންސިލުން ނުވަތަ ކައުންސިލަރު ފާހަގަކޮށްފައިވާ ކަންކަން ނުވަތަ ދިން ޖަވާބު.

(ރ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ އިންކުއަރީ ރިޕޯޓު ބޯޑުން ބެލުމަށްފަހު، އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް، މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ނުވަތަ ކަންތައްތަކެއް ހިނގައިފިކަމަށް އޮތޯރިޓީ ގެ ބޯޑަށް ފެނިއްޖެނަމަ، އެ ކަންކަން ރަނގަޅުކުރުމަށް ކައުންސިލަށް ނުވަތަ ކައުންސިލަރަށް އަންގަންވާނެއެވެ. މިގޮތުން ރަނގަޅުކުރުމަށް އަންގާ ކަމަކ ވަކި މުއްދަތެއްގެ ތެރޭގައި ރަނގަޅުކުރެވިދާނެ ފަދަ ކަމެއް ނަމަ، އެ ކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދެވިދާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން ބޯޑުން ނިންމާ ނިންމުމުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ކައުންސިލަރު ނުވަތަ ކައުންސިލުން ކޮށްފައިވާކަމަށް ބޯޑަށް ފެންނަކަން ނުވަތަ ނޫންކަން؛
  2. އަންނަނިވި ގޮތްތަކުން ކުރެ ގޮތެއް ނިންމިކަން:
    1. ވަކި ފިޔަވަޅެއް ނޭޅުން؛
    2. އިސްލާހުކުރުމަށް އެންގުން؛
    3. މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރުމަށް ކައުންސިލަށް ނުވަތަ ކައުންސިލަރަށް އެންގުން؛
    4. މައްސަލަ ބެލުމުގެ ހާއްސަ މެންޑޭޓު ލިބިފައިވާ އިދާރާއަކަށް މައްސަލަ ހުށަހެޅުން؛ ނުވަތަ،
    5. ސެކްޓޯރަލް ގްރާންޓެއްގެ ގޮތުގައި ނުވަތަ ކޮންޑިށަނަލް ގްރާންޓެއްގެ ގޮތުގައި ކައުންސިލް މެދުވެރިކޮށް ސަރުކާރުން ޕްރޮޖެކްޓް ހިންގާ އިދާރާއަށް އެކަން އެންގުން؛
    6. މައްސަލަ އިތުރަށް ބަލައި ދިރާސާކުރުމަށް އެންގުން.
  3. ބޯޑުން އެފަދައިން ނިންމި ސަބަބު.

 

12 ވަނަ މާއްދާ - ރަނގަޅުކުރުމަށް އަންގާ އެންގުމާމެދު އަމަލުކުރާ ގޮތް ބެލުން

(ހ) މި އުސޫލުގެ 11 ވަނަ މާއްދާގެ ދަށުން ވަކި ކަމެއް ރަނގަޅުކުރުމަށް އެންގުމަށްފަހު، އެ އެންގުމާ ގުޅިގެން ބޯޑުގެ ރިޕޯޓުގައިވާ މުއްދަތުގައި ކައުންސިލަރު އަމަލުކުޅަ ގޮތެއް، ލޯކަލް ގަވަރމަންޓް އޮތޯރިޓީީން ބަލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އަމަލުކުރުމުގައި، އޮތޯރިޓީީން އެންގި އެންގުމާ ގުޅިގެން ކައުންސިލަރު ނުވަތަ ކައުންސިލުން އަމަލުކުރި ގޮތުގެ މައުލޫމާތާއި، އެ ކަމާ ގުޅޭގޮތުން ކައުންސިލަރުގެ ބަސް ހޯދަންވާނެއެވެ. އަދި އެގޮތުން ދެވޭ ފުރުސަތުގައި، މި އުސޫލުގެ 11 ވަނަ މާއްދާގެ (ރ) ގެ ދަށުން، ވަކި ކަމެއް ކުރުމަށް އަންގައިފައިވާނަމަ، އެ ކަމެއް ކުރިކަން އެނގޭނެ ގަރީނާ ނުވަތަ ހެކި، ކައުންސިލަރު ނުވަތަ ކައުންސިލުން އޮތޯރިޓީ އަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އޮތޯރިޓީީން ބެލުމަށްފަހު، ރަނގަޅުކުރުމަށް އެންގި ކަންކަން އިސްލާހުނުކޮށް، ކައުންސިލަރުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާނުކޮށް އިހުމާލުވާނަމަ،ނުވަތަ ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ގާނޫނ އިމުން ބޭރުން ނަހަމަގޮތުގައި ހިފާނަމަ، ނުވަތަ ކައުންސިލުގެ ސުލޫކީ މިންގަނޑާ ހިލާފަށް ކައުންސިލަރުންގެ އަމަލުތައް ބަހައްޓާނަމަ، ނުވަތަ ސެކްޓޯރަލް ގްރާންޓުގެ ގޮތުގައި ނުވަތަ ކޮންޑިށަނަލް ގްރާންޓުގެގޮތުގައި ސަރުކާރުން ހިންގާ ވަކި ޕްރޮޖްކްޓް ހިންގުމުގައި އިހުމާލުވާނަމަ، "ރިވިއު ރިޕޯޓު" ތައްޔާރުކޮށްފައި އޮތޯރިޓީ ގެ ބޯޑަށް ހުށަހަޅަންވާނެއެވެ. މި ގޮތުން ތައްޔާރުކުރާ ރިޕޯޓުގައި،އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. އިންކުއަރީ ރިޕޯޓުގައި ފާހަގަކުރެވުނު ކަންތައްތައް؛
  2. އިންކުއަރީ ރިޕޯޓުގައި ފާހަގަކުރެވުނު ކަންތައްތައް އިސްލާހުކުރުމަށް އެންގުމުން،ކައުންސިލަރަކު ކަންކުރި ގޮތާއި، އެކަމާ ގުޅޭގޮތުން އެ ކައުންސިލަރުގެ ބަސް؛
  3. އިންކުއަރީ ރިޕޯޓުގައި ފާހަގަކުރެވުނު ކަންތައްތަކާ ގުޅޭގޮތުން ކައުންސިލުގެ ބަސް؛
  4. މިކަމާ ގުޅިގެން އަމަލުކުރުމަށް ޓީމަށް ފެންނަ ގޮތް.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ބޯޑަށް ހުށަހަޅާ ރިޕޯޓަށް ބެލުމަށްފަހު، މައްސަލައިގެ ހާލަތާއި ބާވަތަށް ރިއާޔަތްކޮށް، 3 (ތިނެއް) މަސްދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް، އެ ކަންކަމުގައި ށާމިލުވި ކައުންސިލަރުން މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމުގެ ބާރު،ލޯކަލް ގަވަރންމަންޓް އޮތޯރިޓީ ގެ ބޯޑަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން، މަގާމުގެ މަސްއޫލިއްޔަތުން ކައުންސިލަރަކު ވަގުތީ ގޮތުން އެއްކިބާކުރުމަށް އޮތޯރިޓީ ގެ ބޯޑުން ނިންމުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. މައްސަލައިގެ ކުޑަބޮޑުމިން؛
  2. އެކަމަކ ހައްލުކުރުމަށް ފަސޭހަ ކަމެއްކަން ނުވަތަ ނޫންކަން؛
  3. ކައުންސިލަރުގެ އަމަލުގެ ނޭދެވޭ އަސަރު މުޅި ކައުންސިލަށް ނުވަތަ އެހެން ފަރާތަކަށް ކޮށްފައިވާ ނުވަތަ ކުރާނެކަމަށް ބެލެވޭ މިންވަރު؛
  4. ކައުންސިލަރުގެ އަމަލުގެ ސަބަބުން ކައުންސިލުގެ ނުވަތަ ލާމަރުކަޒީ ނިޒާމުގެ ކަރާމަތަށް ކުރި ނުވަތަ ކުރާނެ ކަމަށް ބެލެވޭ ގެއްލުން.

(ޅ) މި މާއްދާގެ ދަށުން ކައުންސިލަރުން މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށް ބޯޑުން ނިންމާ ނިންމުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށް ނިންމިކަން؛
  2. މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރާ ސަބަބު؛
  3. މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރާ މުއްދަތު.

(ކ) މި މާއްދާގެ (ރ) ގެ ދަށުން ކައުންސިލަރަކާމެދު އަޅާ ފިޔަވަޅެއްގެ ސަބަބުން، ކައުންސިލުގެ ކޯރަމް ހަމަނުވާނަމަ، އެ ކައުންސިލުގެ ރަށްވެހިކަމުގެ ހިދުމަތްތައް އެ ރަށަކުން މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު، ރަށު ކައުންސިލެއްނަމަ، އެ ރަށު ކައުންސިލެއް ނިސްބަތްވާ އަތޮޅުގެ އަތޮޅު ކައުންސިލުގެ މަށްވަރާގެ މަތީން، ކައުންސިލާ ހަވާލުވެހުރި ސެކްރެޓަރ ޖެނެރަލް ހަމަޖެއްސުމަށް އޮތޯރިޓީީން އަންގަންވާނެއެވެ. އަދި އަތޮޅު ކައުންސިލެއް ނަމަ ނުވަތަ ސިޓީ ކައުންސިލެއްނަމަ، ލޯކަލް ގަވަރންމަންޓް އޮތޯރިޓީ ގެ މަށްވަރާގެ މަތ ން،ކައުންސިލާ ހަވާލުވެހުރި ސެކްރެޓަރ ޖެނެރަލް އެކަން ހަމަޖެއްސުމަށް އޮތޯރިޓީީން އަންގަންވާނެއެވެ.

 

13 ވަނަ މާއްދާ - ކައުންސިލަރުންނާމެދު ނިންމާ ނިންމުންތަކާއި އަޅާ ފިޔަވަޅުތައް އާންމުކުރުން

މި އުސޫލުގެ 12 ވަނަ މާއްދާގެ ދަށުން، ކައުންސިލަރަކު މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށް އޮތޯރިޓީީން ނިންމައިފިނަމަ، ބޯޑުން ނިންމި ނިންމުން، ދިވެހި ސަރުކާރުގެ ގެޒެޓުގައްޔާއި އޮތޯރިޓީ ގެ ވެބްސައިޓުގައި ށާއިއުކޮށް އާންމުކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ޖަވާބުދާރ ވުމަށް ދޭ ފުރުސަތުގެ ބޭނުން ނުހިފުން

މި އުސޫލުގެ ދަށުން ޖަވާބުދާރ ވުމަށް ކައުންސިލަރަށް ނުވަތަ ކައުންސިލަކަށް ދޭ ފުރުސަތުގައި ކައުންސިލަރު ނުވަތަ ކައުންސިލަރަކު ޖަވާބުދާރ ވެފައި ނުވާނަމަ، ޖަވާބުދާރ ވުމަށް ދިން ފުރުސަތުގެ ބޭނުން ދޫކޮށްލ ކަމަށް ބަލައި، އޮތޯރިތީން މައްސަލަ ކުރިޔަށް ގެންދަންވާނެއެވެ.

 

15 ވަނަ މާއްދާ - މަސްއޫލިއްޔަތުން އެއްކިބާކުރާ މުއްދަތުގެ އުޖޫރަ

މި އުސޫލުގެ ދަށުން އެއްވެސް މުއްދަތަކަށް ކައުންސިލަރަކު މަގާމުގެ މަސްއޫލިއްޔަތުން އެއްކިބާކޮށްފިނަމަ، އެ މުއްދަތުގެ މުސާރައާއި އިނާޔަތްތައް އެ ކައުންސިލަރަކަށް ނުލިބޭނެއެވެ.

 

16 ވަނަ މާއްދާ - ޕްރޮޖެކްޓުތައް ހިންގުމުގައި އިހުމާލުވުން

(ހ) ޕްރޮޖެކްޓް ހިންގުމުގައި ކައުންސިލުން އިހުމާލުވެފައިވާކަމަށް ނުވަތަ އިހުމާލުވަމުންދާކަމަށް މި އުސޫލުގެ ދަށުން އޮތޯރިޓީ ގެ ބޯޑުން ނިންމައިފިނަމަ، އެ ޕްރޮޖެކްޓެއް ހިންގުމަށް ކައުންސިލާ ހަވާލުކުރި އިދާރާއަކަށް، ލޯކަލް ގަވަރންމަންޓް އޮތޯރިޓީީން އެކަން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީީން އަންގާ އެންގުމާ ގުޅިގެން، އެ ޕްރޮޖެކްޓެއްގެ ނުވަތަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް "މެނޭޖަރ" އަކާ ހަވާލުކޮށް ކުރިޔަށް ގެންދިއުމުގެ ބާރު، އެ ޕްރޮޖެކްޓެއް ހިންގުމަށް ކައުންސިލާ ހަވާލުކުރި އިދާރާއަކަށް ލިބިގެންވެއެވެ. އަދި ޕްރޮޖެކްޓެއް ހިންގުމަށް ކައުންސިލާ ހަވާލުކުރި އިދާރާއަކުން ނިންމާ އެފަދަ ނިންމުންތަކަށާއި ޕްރޮޖެކްޓު ކުރިޔަށް ގެންދިއުމަށް ކައުންސިލުން އެއްބާރުލުން ދޭންވާނެއެވެ.

 

17 ވަނަ މާއްދާ - އިންކުއަރީ ހިންގުމަށް މައުލޫމާތު ހޯދުން

މި އުސޫލުގެ ދަށުން އިންކުއަރީ ހިންގުމަށް ކައުންސިލްތަކުގެ އިދާރާތަކަށް ކުރިން އެންގުމަކާ ނުލައި ވަނުމާއި، އިންކުއަރީ އަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ބާރު، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 103 ވަނަ މާއްދާގެ ދަށުން އޮތޯރިޓީ އަށް ލިބިގެންވެއެވެ.

 

18 ވަނަ މާއްދާ - ދަފުތަރު ބެލެހެއްޓުން

މި އުސޫލުގެ ދަށުން ލޯކަލް ގަވަރންމަންޓް އޮތޯރިޓީީން އިންކުއަރީ ހިންގާ މައްސަލަތަކުގެ ދަފުތަރު ،ލޯކަލް ގަވަރންމަންޓް އޮތޯރިޓީީން ބަލަހައްޓަންވާނެއެވެ.

 

19 ވަނަ މާއްދާ - އުސޫލުގައި ނެތް ކަމެއް ދިމާވުން

މި އުސޫލުގައި ނެތް ކަމެއް ދިމާވެއްޖެނަމަ، އެކަމާމެދު ގޮތެއް ނިންމާނީ، ލޯކަލް ގަވަރންމަންޓް އޮތޯރިޓީ ގެ ބޯޑުންނެވެ.

 

20 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން، ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ. އަދި މި އުސޫލުގައި މުފްރަދު މާނަ ދޭހަވާގޮތަށް ބޭނުންކޮށްފައިވާ މާނައިގައި ޖަމްއުކޮށް ބޭނުންކުރާ މާނަވެސް ހިމެނިގެންވެއެވެ.

(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށެވެ.

(ށ) "އިންކުއަރީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ކައުންސިލަރަކު ނުވަތަ ރައީސަކު ނުވަތަ މޭޔަރަކު ކުރާކަމުގެ މައުލޫމާތު ލޯކަލް ގަވަރންމަންޓް އޮތޯރިޓީ އަށް ލިބުމާ ގުޅިގެން އެކަމުގެ ހަގީގަތްތަކާއި ސަބަބުތައް ދެނެގަތުމަށް ޓަކައި އެ މާއްދާގެ (ށ) ގެ ދަށުން ލޯކަލް ގަވަރންމަންޓް އޮތޯރިޓީީން ކަން އޮތްގޮތް ދިރާސާކުރާ ކުރުމަށެވެ.

(ނ) "އިންކުއަރީ ރިޕޯޓު" ކަމަށް ބުނެފައި އެވަނީީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ކައުންސިލަރަކު ނުވަތަ ރައީސަކު ނުވަތަ މޭޔަރަކު ކުރާކަމުގެ މައުލޫމާތު ލޯކަލް ގަވަރންމަންޓް އޮތޯރިޓީ އަށް ލިބުމާ ގުޅިގެން އެކަމުގެ ހަގީގަތްތަކާއި ސަބަބުތައް ދެނެގަތުމަށް ޓަކައި އެ މާއްދާގެ (ށ) ގެ ދަށުން ލޯކަލް ގަވަރންމަންޓް އޮތޯރިޓީީން ކަން އޮތްގޮތް ދިރާސާކޮށް، ލޯކަލް ގަވަރންމަންޓް އޮތޯރިޓީީން އެކުލަވައިލާ ރިޕޯޓަށެވެ.

(ރ) "ރިވިއު ރިޕޯޓު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 62 ވަނަ މާއްދާގެ (ނ) ގައިވާ ގޮތަށް ކައުންސިލަރަކަށް ނުވަތަ ރައީސަކަށް ނުވަތަ މޭޔަރަކަށް ކަންކަން ރަނގަޅުކުރުމަށް އެންގުމުން ވެސް އެ ކަންކަން އިސްލާހު ނުކޮށް، ކައުންސިލުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާނުކޮށް އިހުމާލުވާނަމަ، ނުވަތަ ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ގާނޫނ އިމުން ބޭރުން ނަހަމަގޮތުގައި ހިފާނަމަ، ނުވަތަ ކައުންސިލުގެ ސުލޫކީ މިންގަނޑާ ހިލާފަށް ކައުންސިލަރުންގެ އަމަލުތައް ބަހައްޓާނަމަ، އެ މާއްދާގެ (ރ) ގެ ދަށުން ލޯކަލް ގަވަރންމަންޓް އޮތޯރިޓީީން އެކުލަވައިލާ ރިޕޯޓަށެވެ.

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 07/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު