ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 1086/2019)

0 occurrences found.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 1086/2019)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 41 ވަނަ މާއްދާގެ (ރ) ގެ ދަށުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ރަށު / ސިޓީއެއްގައި ހިމެނޭ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާއި، އެ ގާނޫނުގެ 6-56 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާއްވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކޮންމެ ރަށު / ސިޓީއެއްގައި ހިމެނޭ އިންތިހާބީ ދާއިރާތައް ކަނޑައަޅާނެ ގޮތާއި، އެ އިންތިހާބީ ދާއިރާތަކުގެ ސަރަހައްދުތައް ކަނޑައަޅާނެ ގޮތް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން

މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކުގެ މަތިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބެއްގެ ކުރީން، އިންތިހާބީ ދާއިރާތަކުގެ ނަންތަކާއި އިންތައް ކަނޑައަޅައި ވަކިކޮށް، އެކަންކަމަށް ބަދަލުގެނެސް، މުރާޖައާ ކުރަމުން ގެންދިއުމާއި، މިކަންކަމަށް ގެނެވޭ ބަދަލުތައް ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، އިންތިހާބީ ދާއިރާތައް ކަނޑައެޅުމާއި، އިންތިހާބީ ދާއިރާތަކުގެ ސަރަހައްދުތައް ކަނޑައެޅުމުގެ ކަންތައްތައް ހިންގައި ބަލަހައްޓާނީ އިލެކްށަންސް ކޮމިށަނުންނެވެ.

 

3 ވަނަ މާއްދާ - މައުލޫމާތު ހޯދުމުގެ ބާރާއި އިހްތިޔާރު

މި ގަވާއިދުގެ ދަށުން ހޯދަންޖެހޭ މައުލޫމާތު ހޯދުމުގެ ބާރާއި އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ. އަދި މިގޮތުން އިލެކްށަންސް ކޮމިށަނަށް ބޭނުންވާ މައުލޫމާތު ދިނުމަކީ އެކަމަށް އެދި އިލެކްށަންސް ކޮމިށަނުން އަންގާ ފަރާތްތަކަށް ލާޒިމުވެގެންވާ ކަމެކެވެ.

 

4 ވަނަ މާއްދާ - ސަރުކާރުގެ އިދާރާތަކުން އެހީތެރިކަން ދިނުން

ގާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 4 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން، މި ގަވާއިދުގެ ދަށުން އިލެކްށަންސް ކޮމިށަނުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި އެ ކޮމިށަނަށް ސަރުކާރުގެ އިދާރާތަކުން ބޭނުންވާ އެހީތެރިކަމާއި، ވަސީލަތްތަކާއި، ހިދުމަތްތައް އެ އިދާރާތަކުން އިލެކްށަންސް ކޮމިށަނަށް ދޭންވާނެއެވެ.

 

5 ވަނަ މާއްދާ - ރަށު / ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު

(ހ) ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ކަނޑައަޅާނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އަންނަނިވި ގޮތަށެވެ.

  1. 3000 (ތިން ހާސް) މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ 5 (ފަހެއް) މެންބަރުން؛
  2. 3000 (ތިން ހާސް) މީހުން ނުވަތަ އެއަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ 7 (ހަތެއް) މެންބަރުން؛

(ށ) ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ކަނޑައަޅާނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ގެ 41 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އަންނަނިވި ގޮތަށެވެ.

  1. ސިޓީގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ އަދަދަކީ، 10،000 (ދިހަ ހާސް) މީހުންނާއި 30,000 (ތިރީސް ހާސް) މީހުންނާ ދެމެދުގެ އަދަދެއްނަމަ، ކައުންސިލުގެ މޭޔަރާއި، އިންތިހާބުކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭ ގޮތުން 7 (ހަތެއް) މެންބަރުން؛
  2. ސިޓީގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ އަދަދަކީ، 30,000 (ތިރީސް ހާސް) މީހުންނާއި 60,000 (ފަސްދޮޅަސް ހާސް) މީހުންނާ ދެމެދުގެ އަދަދެއްނަމަ، ކައުންސިލުގެ މޭޔަރާއި، އިންތިހާބުކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭ ގޮތުން 13 (ތޭރަ) މެންބަރުން؛
  3. ސިޓީގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ އަދަދަކީ، 60،000 (ފަސްދޮޅަސް ހާސް) މީހުންނަށްވުރެ އިތުރު އަދަދެއްނަމަ، ކައުންސިލުގެ މޭޔަރާއި، އިންތިހާބުކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭ ގޮތުން   19 (ނަވާރަ) މެންބަރުން؛

 (ނ) މި ގަވާއިދުގެ ބޭނުމަށްޓަކައި "ރަޖިސްޓަރީކުރެވިފައިވާ އާބާދީ" އަދަދުކުރުމުގައި ބަލާނީ، ކޮންމެ މީހަކުވެސް އެ މީހެއްގެ ދާއިމީ އެޑްރެހުގެ ގޮތުގައި ރަޖިސްޓަރީކުރެވިފައިވާ ތަނެކެވެ. މި އާބާދީގެ ތެރޭގައި އެ ރަށު / ސިޓީއެއްގެ ދަފުތަރުގައި ޖައްސައިފައިވާ މީހުން ހިމެނޭނެއެވެ.

(ރ)  މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން، އެ ސިޓީއެއްގެ ދަފުތަރުގައި ޖައްސައިފައިވާ މީހުން، އިންތިހާބީ ދާއިރާތަކަށް ބަހާނެ ގޮތެއް ކަނޑައަޅާނީ އިލެކްށަންސް ކޮމިށަނުންނެވެ.

 

6 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އަދަދު

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އަދަދު ކަނޑައަޅާނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 6-56 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތީން، އަންނަނިވި ގޮތަށެވެ.

(ހ) ރަށެއްގައި ނަމަ، 5 (ފަހެއް) މެންބަރުން؛

(ށ) ސިޓީއެއްގައި ނަމަ؛

  1.  ސިޓީގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ އަދަދަކީ، 10،000 (ދިހަ ހާސް) މީހުންނާއި 30,000 (ތިރީސް ހާސް) މީހުންނާ ދެމެދުގެ އަދަދެއް ނަމަ،   6 (ހައެއް) މެންބަރުން؛
  2. ސިޓީގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ އަދަދަކީ، 30,000 (ތިރީސް ހާސް) މީހުންނާއި 60,000 (ފަސްދޮޅަސް ހާސް) މީހުންނާ ދެމެދުގެ އަދަދެއް ނަމަ، 10 (ދިހައެއް) މެންބަރުން؛
  3. ސިޓީގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ އަދަދަކީ، 60،000 (ފަސްދޮޅަސް ހާސް) މީހުންނަށްވުރެ އިތުރު އަދަދެއް ނަމަ، 18 (އަށާރަ) މެންބަރުން.

 

7 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އުމުރު ހަމަވުމުގެ ސަބަބުން ބާއްވާ އިންތިހާބުގައި މެނުވީ އިންތިހާބީ ދާއިރާތަކަށް ބަދަލު ނުގެނައުން

(ހ) ހިނގަމުންދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އުމުރު، ގާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމުގެ ސަބަބުން ބާއްވާ އިންތިހާބު ބޭއްވުމުގެ ކުރިން ސިޓީތަކުގެ އާބާދީއަށް ބަދަލުތަކެއް އައިނަމަވެސް، މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން އެއްވެސް ރަށަކަށް / ސިޓީއަކަށް ކަނޑައަޅައިފައިވާ މެންބަރުންގެ އަދަދަށް ބަދަލެއް ނާންނާނެއެވެ.

(ށ) ހިނގަމުންދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އުމުރު، ގާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމުގެ ސަބަބުން ބާއްވާ އިންތިހާބުގެ ބޭނުމަށްޓަކައި މެނުވީ، އިންތިހާބީ ދާއިރާތަކަށް ބަދަލު ގެނެސްގެން ނުވާނެއެވެ.

 

8 ވަނަ މާއްދާ - ރަށު / ސިޓީތަކުގެ  އާބާދީގެ އަދަދުތައް ހޯދުން

(ހ) ގާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް އިއުލާނު ކުރުމުގެ 5 (ފަހެއް) މަސްދުވަހާއި 3 (ތިނެއް) މަސްދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގެ ކޮންމެ ރަށު/ ސިޓީއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ އަދަދުތައް އިލެކްށަންސް ކޮމިށަނުން ހޯދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮންމެ ރަށެއްގައި / ސިޓީއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ ހޯދުމަށްޓަކައި އިލެކްށަންސް ކޮމިށަނުން ބޭނުންކުރަންވާނީ މި މާއްދާގެ  (ހ) ގައި ބުނެފައިވާ މުއްދަތުގެ ތެރެއިން ވަކި ތާރީޚެއްގެ ނިޔަލަށް އެ ރަށެއްގައި / ސިޓީއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީއެވެ. އަދި މިގޮތުން ހުރިހާ ރަށެއްގެ / ސިޓީއެއްގެ އާބާދީގެ އަދަދު ހޯދުމަށް ބޭނުންކުރަންވާނީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އެއް ތާރީޚެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ ރަށެއްގައި / ސިޓީއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ އަދަދުތައް ފަސޭހައިން އަދި އަވަހަށް ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން، ކޮންމެ ރަށެއްގައި / ސިޓީއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީއަށް އަންނަ ބަދަލުތައް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އެހީއާއެކު ގަވާއިދުން އަޕްޑޭޓްކުރެވޭނެ ނިޒާމެއް އިލެކްށަންސް ކޮމިށަނުން ގާއިމްކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ރަށު / ސިޓީތަކަށްވާ މެންބަރުންގެ އަދަދާއި، އާބާދީގެ އަދަދުތައް އާންމުކުރުން

މި ގަވާއިދުގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާއާއި، 8 ވަނަ މާއްދާގައިވާ މައުލޫމާތު، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނުކޮށް ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. އަދި އެ މައުލޫމާތުތައް، އިލެކްށަންސް ކޮމިށަނުން، ސިޔާސީ ޕާޓީތަކަށާއި ލޯކަލް ގަވަރންމަންޓް އޮތޯރިޓީއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

 

10 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުގެ އިންތިހާބީ ދާއިރާގެ އަދަދު

(ހ) ސިޓީތައް ފިޔަވައި، އިދާރީ ދާއިރާއެއްގައި ހިމެނޭ ކޮންމެ ރަށަކީ އިންތިހާބީ ދާއިރާއެކެވެ.

(ށ) ސިޓީ ކައުންސިލްތަކުގެ އިންތިހާބީ ދާއިރާ ކަނޑައަޅާނީ އަންނަނިވި ގޮތަށެވެ.

  1. ސިޓީގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ އަދަދަކީ، 10،000 (ދިހަ ހާސް) މީހުންނާއި 30،000 (ތިރީސް ހާސް) މީހުންނާ ދެމެދުގެ އަދަދެއް ނަމަ،   6 (ހައެއް) އިންތިހާބީ ދާއިރާ؛
  2. ސިޓީގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ އަދަދަކީ، 30,000  (ތިރީސް ހާސް) މީހުންނާއި 60,000 (ފަސްދޮޅަސް ހާސް) މީހުންނާ ދެމެދުގެ އަދަދެއްނަމަ، 12 (ބާރަ) އިންތިހާބީ ދާއިރާ؛
  3. ސިޓީގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ އަދަދަކީ، 60,000  (ފަސްދޮޅަސް ހާސް) މީހުންނަށްވުރެ އިތުރު އަދަދެއް ނަމަ، 18 (އަށާރަ) އިންތިހާބީ ދާއިރާ.

 

11 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ސިޓީތަކުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުން

(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ސިޓީތަކުގެ އިންތިހާބީ ދާއިރާ ކަނޑައެޅުމުގައި، ވަކި ރަށަކަށް ނުވަތަ އިދާރީ ދާއިރާއަކަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ، އިދާރީގޮތުން ވަކިވަކި ރަށްތަކެއްގެ ގޮތުގައި ހިނގަމުން އައި ރަށްތަކެއް އެކުވެގެން އެކުލަވައިލައިފައިވާ އެއް ރަށުގެ ގޮތުގައި ކަމުގައި ވެފައި، އަދި މި ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ އިންތިހާބީ ދާއިރާގެ އަދަދަކީ އެ ސިޓީގައި ކުރިން ހިމެނުނު ރަށްތަކުގެ އަދަދަށްވުރެ ގިނަ އަދަދެއް ނަމަ، އެ ސިޓީއެއްގެ އިންތިހާބީ ދާއިރާ ކަނޑައަޅަންވާނީ، އެ ރަށް ނުވަތަ އިދާރީ ދާއިރާއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ ކުރިން އިދާރީގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި ހިންގުމަށް ކަނޑައަޅައިފައި އޮތް ކޮންމެ ރަށަކަށް މަދުވެގެން 1 (އެކެއް) އިންތިހާބީ ދާއިރާ ކަނޑައެޅޭ ގޮތަކަށެވެ.

(ށ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ އިންތިހާބީ ދާއިރާގެ އަދަދަކީ    އެ ސިޓީގައި ކުރިން ހިމެނުނު ރަށްތަކުގެ އަދަދަށްވުރެ މަދު އަދަދެއް ނަމަ، އެ ސިޓީއެއްގެ އިންތިހާބީ ދާއިރާ ކަނޑައަޅަންވާނީ، އެ ސިޓީއެއްގެ ރަޖިސްޓަރީ ކުރެވިފައިވާ ޖުމުލަ އާބާދީގެ އަދަދު އެ ސިޓީއަކަށް އިންތިހާބުކުރަންޖެހޭ ގޮނޑީގެ (މޭޔަރު ނުހިމެނޭ ގޮތަށް) ޖުމުލަ އަދަދުން ގެއްލުމުން ޖެހޭ އަދަދު އަސްލަކަށް ބަލައިގެންނެވެ.

(ނ) މި ގަވާއިދުގެ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނުން އިއުލާނު ކުރާ އަދަދުތަކުގެ މައްޗަށް ބިނާކޮށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިންތިހާބީ ދާއިރާތައް ކަނޑައެޅުމަށްފަހު، އިތުރުވާ އިންތިހާބީ ދާއިރާތައް ކަނޑައަޅާނީ، އެ ސިޓީއެއްގެ ރަޖިސްޓަރީ ކުރެވިފައިވާ ޖުމުލަ އާބާދީގެ އަދަދު،      އެ ސިޓީއަކަށް އިންތިހާބު ކުރަންޖެހޭ ގޮނޑީގެ (މޭޔަރު ނުހިމެނޭ ގޮތަށް) ޖުމްލަ އަދަދުން ގެއްލުމުން ޖެހޭ އަދަދު (ދާއިރާއަކަށްވާ އެވްރެޖް އަދަދު) އަސްލަކަށް ބަލައިގެންނެވެ. އަދި އެ ސިޓީއެއްގައި ހިމެނޭ އިންތިހާބީ ދާއިރާތައް ކަމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތުގެ ވަގުތީ ރިޕޯޓެއް، އިލެކްށަންސް ކޮމިށަނުން ތައްޔާރުކުރަންވާނެއެވެ.

 (ރ) މި މާއްދާގެ (ށ) އާއި (ނ) ގައިވާ ގޮތުގެ މަތިން ކޮންމެ ސިޓީއަކުން އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގައި އަސްލަކަށް ބަލާ އަދަދަށްވުރެ (ދާއިރާއަކަށްވާ އެވްރެޖް އަދަދު) އެ އިންތިހާބީ ދާއިރާއެއްގެ ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ އަދަދު %25 (ފަންސަވީސް އިންސައްތަ) މަދުވެގެން ނުވަތަ ގިނަވެގެން ނުވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބުނެފައި އޮތް ނަމަވެސް، އެނޫން ގޮތެއް ނެތިއްޖެ ހާލަތެއްގައި، އެ ސިޓީއަކުން އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގެ އަސްލަކަށް ބަލާ އަދަދަށްވުރެ (ދާއިރާއަކަށްވާ އެވްރެޖް އަދަދު) އެ އިންތިހާބީ ދާއިރާއެއްގެ ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ އަދަދު %25 (ފަންސަވީސް އިންސައްތަ) މަދުވާގޮތަށް ނުވަތަ ގިނަވާގޮތަށް އިންތިހާބީ ދާއިރާ ކަނޑައެޅުމުގެ އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ. އެހެންނަމަވެސް، މިފަދަ ގޮތަކަށް އިންތިހާބީ ދާއިރާއެއް ކަނޑައަޅާނަމަ، އެގޮތަށް އެ އިންތިހާބީ ދާއިރާއެއް ކަނޑައެޅި ސަބަބު ތަފުސީލުކޮށް މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި އިލެކްށަންސް ކޮމިށަނުން ހިމަނަންވާނެއެވެ.

 

12 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ  އިންތިހާބީ ދާއިރާ ކަނޑައެޅުން

(ހ) ސިޓީތައް ފިޔަވައި، އިދާރީ ދާއިރާއެއްގައި ހިމެނޭ ކޮންމެ ރަށަކީ އިންތިހާބީ ދާއިރާއެކެވެ.

(ށ) ސިޓީއެއްގައި ނަމަ، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިހާބު ކުރަންޖެހޭ މެންބަރުންގެ އަދަދާއި    މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ  ލޯކަލް ކައުންސިލްތަކުގެ އިންތިހާބީ ދާއިރާތަކުގެ އަދަދު އެއްވަރު ނަމަ، ކޮންމެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބީ ދާއިރާއަކަށް އަންހެނުންގެ ކޮމިޓީގެ މެންބަރަކު އިންތިހާބު ކުރަންވާނެއެވެ.

(ނ)  މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް، ސިޓީއެއްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިހާބު ކުރަންޖެހޭ މެންބަރުންގެ އަދަދު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބީ ދާއިރާތަކުގެ އަދަދަށްވުރެ މަދުވެފައި، އެ ރަށަކަށް ނުވަތަ އިދާރީ ދާއިރާއަކަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ، އިދާރީގޮތުން ވަކިވަކި ރަށްތަކެއްގެ ގޮތުގައި ހިނގަމުން އައި ރަށްތަކެއް އެކުވެގެން އެކުލަވައިލައިފައިވާ އެއް ރަށުގެ ގޮތުގައި ކަމުގައިވާނަމަ، ކޮންމެ ރަށަކަށް 1 (އެކެއް) މެންބަރު އިންތިހާބު ކުރަން ވާނެއެވެ. އަދި އިތުރުވާ މެންބަރުން އިންތިހާބު ކުރާނީ އެ ސިޓީއެއްގައި ހިމެނޭ ރަށްތަކުގެ އާބާދީއަށް ބެލުމަށްފަހު، އެންމެ އާބާދީ ގިނަ ރަށަކުންނެވެ.

(ރ) މި މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތަށް އެންމެ އާބާދީ ގިނަ ރަށުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބު ކުރާނީ، އެރަށެއްގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބީ ދާއިރާގެ އަދަދާއި މެންބަރުންގެ އަދަދު އެއްވަރުވާނަމަ، އެރަށެއްގެ ކޮންމެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބީ ދާއިރާއަކުން 1 (އެކެއް) މެންބަރު އިންތިހާބުކުރާ ގޮތަށެވެ.

 

13 ވަނަ މާއްދާ - އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭ އުސޫލުތައް

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ ސިޓީއަކުން އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގައި އަންނަނިވި އުސޫލުތަކަށް އިލެކްށަންސް ކޮމިށަނުން ރިއާޔަތް ކުރަން ވާނެއެވެ.

  1. ވަކި ރަށަކަށް ނުވަތަ އިދާރީ ދާއިރާއަކަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ، އިދާރީގޮތުން ވަކިވަކި ރަށްތަކެއްގެ ގޮތުގައި ހިނގަމުން އައި ރަށްތަކެއް އެކުވެގެން އެކުލަވައިލައިފައިވާ އެއް ރަށުގެ ގޮތުގައި ކަމުގައި ވާނަމަ، އެ ސިޓީއެއްގެ ކޮންމެ ރަށަކަށް އިންތިހާބީ ދާއިރާއެއް ކަނޑައެޅުން.
  2. އެއް ސިޓީއެއްގައި ހިމެނޭ އިންތިހާބީ ދާއިރާތަކުގެ އާބާދީ ވީ އެންމެ ބޮޑަކަށް ހަމަހަމަކުރެވޭ ގޮތެއްގެ މަތިން އިންތިހާބީ ދާއިރާތައް ކަނޑައެޅުން.
  3. ސިޓީއެއްގައި އާބާދީއަށް ބަލައިގެން ދާއިރާ ކަނޑައެޅުމުގައި އެ ސިޓީއެއްގެ ވަކި ރަށަކަށް ގިނަ ދާއިރާތަކެއް އިތުރުކުރުމަށްވުރެ އާބާދީއަށް ބެލުމަށްފަހު އެހެން ރަށްތަކަށް ދާއިރާތައް ކަނޑައެޅުން.
  4. އެ ސިޓީއެއްގައި ހިމެނޭ ރަށް / އަވަށްތަކުގެ ތެރެއިން ކައިރީގައިވާ ރަށް / އަވަށްތަކުގެ އާބާދީ، އެއް އިންތިހާބީ ދާއިރާއަކަށް ނިސްބަތްވާ ގޮތަށް ކަނޑައެޅުން.
  5. އާބާދީގެ އަދަދަށް އައިސްފައިވާ ބަދަލަށް ބެލުމަށްފަހު، ވީވަރަކުން، ކުރިން ކަނޑައެޅިފައިވާ އިންތިހާބީ ދާއިރާތަކަށް ބަދަލުގެނެސް އިންތިހާބީ ދާއިރާތައް ކަނޑައެޅުން.
  6. އާބާދީގެ އަދަދަށް ބެލުމަށްފަހު، ވީވަރަކުން، އެއްރަށެއްގެ އާބާދީ، އެއް އިންތިހާބީ ދާއިރާއަކަށް ނިސްބަތްވާ ގޮތަށް ކަނޑައެޅުން.
  7. އެ ސިޓީއެއްގެ މުޖުތަމައުގެ ހަމަޖެހުމާއި އެއްބައިވަންތަކަން ނުގެއްލޭނެހެން އިންތިހާބީ ދާއިރާތައް ކަނޑައެޅުން.  އެއް ރަށެއްގައި/ އަވަށެއްގައި، އެއް އިންތިހާބީ ދާއިރާއަށްވުރެ ގިނަ އިންތިހާބީ ދާއިރާ ކަނޑައަޅާ ކަމުގައި ވާނަމަ، ޖެހިޖެހިގެން ހުންނަ ސަރަހައްދުތައް އެއް އިންތިހާބީ ދާއިރާގެ ގޮތުގައި ކަނޑައެޅުމާއި، އެ ރަށެއް / އަވަށެއް އިދާރީގޮތުން ނުވަތަ އިޖުތިމާއީގޮތުން ބައިވެފައިވާ ގޮތަށް ރިއާޔަތްކޮށް އިންތިހާބީ ދާއިރާތައް ކަނޑައެޅުން.

(ށ) އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގައި އިލެކްށަންސް ކޮމިށަނުން ރިއާޔަތް ކުރަން ޖެހޭނެކަމަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ތެރެއިން އެ ހާލަތެއްގެ ދަށުން ރިއާޔަތް ކުރަންޖެހޭ އުސޫލުތަކަށް ރިއާޔަތް ކުރަންވާނީ މި މާއްދާގެ (ހ) ގައި އެ އުސޫލުތައް ކަނޑައަޅައިފައިވާ ތަރުތީބުންނެވެ. އެ ތަރުތީބުން ނޫން ގޮތަކަށް އެއްވެސް އިންތިހާބީ ދާއިރާއެއް ކަނޑައެޅުމުގައި އިލެކްށަންސް ކޮމިށަނުން ބަލައިފައިވާނަމަ، އިލެކްށަންސް ކޮމިށަނުން ތައްޔާރުކުރާ ވަގުތީ ރިޕޯޓުގައި، އިލެކްށަންސް ކޮމިށަނުން، ސަބަބާއެކު އެ ކަމެއް ހިމަނަންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ކޮންމެ ސިޓީއެއްގައި އެ ސިޓީއެއްގެ އިންތިހާބީ ދާއިރާތައް އިލެކްށަންސް ކޮމިށަނުން ކަނޑައެޅުމުގައި އެ ސިޓީއެއްގައި ހިމެނޭ މީހުންގެ ހިޔާލާއި މަށްވަރާ ހޯދޭނެ ނިޒާމެއް އިލެކްށަންސް ކޮމިށަނުން ގާއިމުކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓުގައި ހިމަނަންޖެހޭ މައުލޫމާތާއި ތަކެތި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓެއް އިލެކްށަންސް ކޮމިށަނުން ތައްޔާރުކުރަންވާނެއެވެ. މި ވަގުތީ ރިޕޯޓުގައި އަންނަނިވި މައުލޫމާތާއި ތަކެތި ހިމަނަންވާނެއެވެ.

  1. ކޮންމެ ރަށު / ސިޓީއެއްގައި ރަޖިސްޓަރީކުރެވިފައިވާ ޖުމުލަ އާބާދީގެ އަދަދު.
  2. ކޮންމެ ރަށު / ސިޓީއަކަށްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ އަދަދު.
  3. ކޮންމެ ރަށު / ސިޓީއެއްގެ ރަޖިސްޓަރީ ކުރެވިފައިވާ ޖުމުލަ އާބާދީގެ އަދަދު އެ ރަށު / ސިޓީއަކަށް ކަނޑައެޅޭ ކައުންސިލްތަކާއި (މޭޔަރު ނުހިމެނޭގޮތަށް) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ ޖުމުލަ އަދަދުން ގެއްލުމުން ޖެހޭ އަދަދު އަސްލަކަށް ބަލައިގެން، އެ ސިޓީއެއްގައި ހިމެނޭ އިންތިހާބީ ދާއިރާތައް ކަނޑައެޅުމުން، އަސްލަކަށް ބަލާ އަދަދަށްވުރެ (ދާއިރާއަކަށްވާ އެވްރެޖް އަދަދު) އެ އިންތިހާބީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ އަދަދު ގިނަވެފައިވާ ނުވަތަ މަދުވެފައިވާ އިންސައްތަ.
  4. ކޮންމެ ރަށު / ސިޓީއެއްގައި ހިމެނޭ އިންތިހާބީ ދާއިރާތަކާއި، ކޮންމެ އިންތިހާބީ ދާއިރާއެއްގެ ނަން.
  5. ކޮންމެ ރަށު / ސިޓީއެއްގައި ހިމެނޭ އިންތިހާބީ ދާއިރާތަކުގެ ސަރަހައްދުތަކުގެ ތަފުސީލު.
  6. މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތަށް ހާއްސަ ހާލަތެއްގައި އިންތިހާބީ ދާއިރާއެއް އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާނަމަ، އެ އިންތިހާބީ ދާއިރާއެއް އިލެކްށަންސް ކޮމިށަނުން އެގޮތަށް ކަނޑައެޅި ސަބަބު.

 

15 ވަނަ މާއްދާ - އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓު އާންމުކޮށް އިއުލާނުކޮށް ށާއިއުކުރުން

މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓު،  ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް އިއުލާނު ކުރުމުގެ މަދުވެގެން 2 (ދޭއް) މަސްދުވަހުގެ ކުރިން އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށް، އާންމުކޮށް އިއުލާނުކޮށް ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. އަދި އެ ރިޕޯޓުގެ ކޮޕީއެއް، ހުރިހާ ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ގަވަރންމަންޓް އޮތޯރިޓީއަށާއި، ރައްޔިތުންގެ މަޖިލީހަށް، އިލެކްށަންސް ކޮމިށަނުން ފޮނުވަންވާނެއެވެ.

 

16 ވަނަ މާއްދާ - އިންތިހާބާބެހޭ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓާމެދު ށަކުވާ އުފުލުން

(ހ) މި ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނުކޮށް ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓާމެދު ށަކުވާ އުފުލުމުގެ އިހްތިޔާރު، އުމުރުން 18 (އަށާރަ) އަހަރުން މަތީގެ ކޮންމެ ދިވެހިރައްޔިތަކަށާއި، ސިޔާސީ ޕާޓީތަކަށާއި، ގާނޫނީ ކޮންމެ ށަހުސަކަށްވެސް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތިން ށަކުވާއެއް އުފުލަން ބޭނުންވާނަމަ،   އެ ށަކުވާއެއް، މި ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓު ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން   7 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމުން އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ 7 (ހަތެއް) ދުވަސް ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ އަކުރުގެ ދަށުން އިލެކްށަންސް ކޮމިށަނަށް ލިބޭ ށަކުވާތައް އެ ކޮމިށަނުން ބަލައި، އެ ށަކުވާތަކާމެދު ގޮތެއް ކަނޑައަޅަންޖެހޭނެއެވެ. އަދި މިގޮތުން އިލެކްށަންސް ކޮމިށަނުން ނިންމާ ނިންމުން   މި މުއްދަތުގެ ތެރޭގައި އެ ށަކުވާއެއް ހުށަހެޅި ފަރާތަކަށް ސަބަބާއެކު އަންގަން ވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ފަރާތަކުން، ކޮމިށަނުން އެ މައްސަލައަކާމެދު ނިންމި ނިންމުން ށަކުވާ ހުށަހެޅި ފަރާތަށް އަންގާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު އެ ފަރާތަކަށް ލިބިގެންވެއެވެ. އަދި މިގޮތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާ މައްސަލައަކާމެދު، އެ މައްސަލައެއް ހުށަހަޅާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ކޯޓުގެ ހުކުމް އިއްވަންވާނެއެވެ.

 

17 ވަނަ މާއްދާ - އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ފައިނަލް ރިޕޯޓު އާންމުކޮށް އިއުލާނުކޮށް ށާއިއުކުރުން

(ހ) މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓަށް، މި ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން އެއްވެސް ބަދަލެއް އައިސްފައިވާނަމަ، އެ ބަދަލެއް އެނގޭގޮތަށް، އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ފައިނަލް ރިޕޯޓުގެ ގޮތުގައި، ހިނގަމުންދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް އިއުލާނު ކުރުމުގެ މަދުވެގެން 1 (އެކެއް) މަސްދުވަހުގެ ކުރިން އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށް، އާންމުކޮށް އެ ރިޕޯޓު އިއުލާނުކޮށް ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. އަދި އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި ވެސް އެ ރިޕޯޓު ށާއިއުކުރަންވާނެއެވެ. އަދި އެ ރިޕޯޓުގެ ކޮޕީއެއް، ހުރިހާ ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ގަވަރންމަންޓް އޮތޯރިޓީއަށާއި، ރައްޔިތުންގެ މަޖިލީހަށް، އިލެކްށަންސް ކޮމިށަނުން ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތިން އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ފައިނަލް ރިޕޯޓު ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރިޕޯޓުގައިވާ އެ ރަށެއްގައި ހިމެނޭ އިންތިހާބީ ދާއިރާއަކާ ގުޅޭ ބައި އާންމުކޮށް ފެންނަގޮތަށް އިލެކްށަންސް ކޮމިށަނުން ބަހައްޓަންވާނެއެވެ. އަދި އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ފައިނަލް ރިޕޯޓު، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ކަމަށް އެދޭ ކޮންމެ ފަރާތަކަށް ބެލޭނެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.

(ނ)  އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ފައިނަލް ރިޕޯޓުގައި، މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބުނެފައިވާ މައުލޫމާތާއި ތަކެތި ހިމަނަންވާނެއެވެ.

 

18 ވަނަ މާއްދާ - ކުށާއި އަދަބު

(ހ) މި ގަވާއިދުގެ ދަށުން އިލެކްށަންސް ކޮމިށަނުން ހޯދަންޖެހޭ މައުލޫމާތެއް ހޯދުމަށް އިލެކްށަންސް ކޮމިށަނަށް ނުވަތަ އިލެކްށަންސް ކޮމިށަނުން އެ ކަމެއް ކުރުމަށް ހަވާލުކުރާ ރަސްމީ ފަރާތަކަށް ހުރަސްއަޅައިފި މީހަކު، ނުވަތަ މި ގަވާއިދުގެ ދަށުން އިލެކްށަންސް ކޮމިށަނުން ހޯދަންޖެހޭ މައުލޫމާތެއް ހޯދުމުގައި އިލެކްށަންސް ކޮމިށަނަށް ނުވަތަ އިލެކްށަންސް ކޮމިށަނުން އެ ކަމެއް ކުރުމަށް ހަވާލުކުރާ ރަސްމީ ފަރާތަކަށް ގަސްތުގައި ދޮގު މައުލޫމާތެއް ދީފި މީހަކު ކުށްވެރިވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެ މީހަކު ކުރި ކުށެއްގެ ކުޑަބޮޑުމިނަށް ބަލައި، 6 (ހައެއް) މަސްދުވަހާއި 2 (ދޭއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ 6،000 (ހަހާސް) ރުފިޔާއާއި 24،000 (ސައުވީސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

19 ވަނަ މާއްދާ - އިންތިގާލީ މަރުހަލާގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު

ގާނޫނު ނަންބަރު 24/2019 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) ތަސްދީގު ކުރުމަށްފަހު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށްޓަކައި މި ގަވާއިދުގެ ދަށުން އިންތިހާބީ ދާއިރާތައް ކަނޑައަޅާނީ އަންނަނިވި އުސޫލުންނެވެ.

(ހ) ދިވެހިރާއްޖޭގެ ކޮންމެ ރަށު/ ސިޓީއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ އަދަދުތައްކަމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅަންވާނީ 15 ޑިސެންބަރު 2019 ގެ ނިޔަލަށް އެ ރަށު / ސިޓީއެއްގެ ރަޖިސްޓަރީ ކުރެވިފައިވާ އާބާދީއެވެ. އަދި މިގޮތުން އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އާބާދީގެ އަދަދުތަކުގެ މައްޗަށް ބިނާކޮށް މި ގަވާއިދުގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުން ކޮންމެ ސިޓީއަކަށްވާ ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ އަދަދާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ އަދަދު އިލެކްށަންސް ކޮމިށަނުން ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އަދަދުތަކުގެ މައްޗަށް ބިނާކޮށް، މި ގަވާއިދުގެ 11 ވަނަ މާއްދާއާއި 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން އިންތިހާބީ ދާއިރާތައް ކަނޑައަޅައި، މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން އިންތިހާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓު އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށް،     މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ގިނަވެގެން 4 (ހަތަރެއް) ދުވަހުގެ ތެރޭގައި އެ ރިޕޯޓު އާންމުކޮށް އިއުލނުކޮށް ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. އަދި އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި ވެސް  އެ ރިޕޯޓު ށާއިއު ކުރަން ވާނެއެވެ. އަދި އެ ރިޕޯޓުގެ ކޮޕީއެއް، ހުރިހާ ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ގަވަރންމަންޓް އޮތޯރިޓީއަށާއި، ރައްޔިތުންގެ މަޖިލީހަށް، އިލެކްށަންސް ކޮމިށަނުން ފޮނުވައި، މި ރިޕޯޓު އާންމުންނަށް ބެލޭނެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނުކޮށް ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓާމެދު އެއްވެސް ފަރާތަކުން ށަކުވާއެއް އުފުލަން ބޭނުންވާނަމަ، އެ ށަކުވާއެއް، މި މާއްދާގެ (ށ) ގެ ދަށުން އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓު ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން ގިނަވަގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ލިޔުމުން އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބުނެފައިވާ 3 (ތިނެއް) ދުވަސް ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 2 (ދޭއް) ދުވަހުގެ ތެރޭގައި އެ އަކުރުގެ ދަށުން އިލެކްށަންސް ކޮމިށަނަށް ލިބޭ ށަކުވާތައް އެ ކޮމިށަނުން ބަލައި، އެ ށަކުވާތަކާމެދު ގޮތެއް ކަނޑައަޅަން ޖެހޭނެއެވެ. އަދި މިގޮތުން އިލެކްށަންސް ކޮމިށަނުން ނިންމާ ނިންމުން، މި މުއްދަތުގެ ތެރޭގައި، އެ ށަކުވާއެއް ހުށަހެޅި ފަރާތަކަށް ސަބަބާއެކު އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ފަރާތަކުން، ކޮމިށަނުން އެ މައްސަލައަކާމެދު ނިންމި ނިންމުން ށަކުވާ ހުށަހެޅި ފަރާތަށް އަންގާތާ ގިނަވެގެން 2 (ދޭއް) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅުމުގެ އިހްތިޔާރު އެ ފަރާތަކަށް ލިބިގެންވެއެވެ. އަދި މިގޮތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާ މައްސަލައަކާމެދު އެ މައްސަލައެއް ހުށަހަޅާތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ކޯޓުގެ ހުކުމް އިއްވަންވާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓަށް، މި މާއްދާގެ (ރ) ނުވަތަ (ބ) ދަށުން އެއްވެސް ބަދަލެއް އައިސްފައިވާނަމަ، އެ ބަދަލެއް އެނގޭގޮތަށް، މި ގަވާއިދާށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނުން އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ފައިނަލް ރިޕޯޓު ތައްޔާރުކޮށް،  އެ ރިޕޯޓް އިއުލާނުކޮށް، ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. އަދި އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި ވެސް އެ ރިޕޯޓު ށާއިއުކުރަންވާނެއެވެ. އަދި އެ ރިޕޯޓުގެ ކޮޕީއެއް، ހުރިހާ ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ގަވަރންމަންޓް އޮތޯރިޓީއަށާއި، ރައްޔިތުންގެ މަޖިލީހަށް، އިލެކްށަންސް ކޮމިށަނުން ފޮނުވައި، އެ ރިޕޯޓު އާންމުންނަށް ބެލޭނެ އިންތިޒާމު، އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.

 

20 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ކޮމިށަނުން ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

21 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު:

"އިލެކްށަންސް ކޮމިށަން" ނުވަތަ "ކޮމިށަން" ކަމުގައި ބުނެފައި އެ ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން އައްޔަނުކުރާ އިލެކްށަންސް ކޮމިށަނަށެވެ. "އިންތިހާބީ ދާއިރާ" ކަމުގައި ބުނެފައި އެ ވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށްޓަކައި ކޮންމެ ރަށެއްގައި ނުވަތަ ސިޓީއެއްގައި ވަކިވަކި އިންތިހާބީ ދާއިރާއެއް ގޮތުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ސަރަހައްދުތަކަށެވެ.

"ރަޖިސްޓަރީކުރެވިފައިވާ އާބާދީ" ކަމަށް ބަޔާންކޮށްފައި އެ ވަނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) ގައި ދީފައިވާ މާނައިގައެވެ.

(ށ) މި ގަވާއިދުގައި ބުނެފައިވާ އެކިއެކި މުއްދަތުތައް ގުނުމުގައި ސަރުކާރު ބަންދު ދުވަސްތައް ހިމެނޭނެއެވެ.

(ނ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު ނުވަތަ ދޭހަ ނުވާހައި ހިނދަކު، މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް، އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ ޖަމްއު މާނައިގައި އަދި ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް، އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ މުފްރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މައި ގަވާއިދު

 އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 7/2010)

 

 

 

ގެޒެޓު ކުރެވުނު ގޮތް

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com