-

ތެލަސީމިއާ ފަންޑު ހިންގުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 1077/2019) 

 

1 ވަނަ މާއްދާ – ތައާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 4/2012 (ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން، ތެލަސީމިއާ ކޮންޓްރޯލްކުރުމަށާއި، ތެލެސީމިއާ ކުދިންގެ ފަރުވާ ލިބިގަތުމަށްޓަކައި އަހަރެއްގެ ތެރޭގައި ކުރަންޖެހޭ ހަރަދުތަކުގެ ތެރެއިން، ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ހަރަދުތައް ދިވެހި ދައުލަތުގެ ފަރާތުން އުފުލައި، އެ ހަރަދުތައް ކޮށްދިނުމަށް ބޭނުންވާ ފައިސާ އެ ހިދުމަތަށް ބޭނުންވާ ކުދިންގެ ނިސްބަތަށް ބަލައި، ކޮންމެ އަހަރަކު ވަކިން ޖަމާކުރެވެމުންދާނެ ގޮތް ހެދުމުގެ ގޮތުން ގާއިމުކުރާ ތެލެސީމިއާ ފަންޑު، ހިންގުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމަށްޓަކައި އެ ގާނޫނުގެ 23 ވަނަ މާއްދާއިން ބާރު ލިބިގެން އެކުލަވައިލައިފައިވާ  ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ތެލަސީމިއާ ފަންޑު ހިންގުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ – އަމަލުކުރަން ފަށާ ތާރީޚު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

3 ވަނަ މާއްދާ – މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، ތެލެސީމިއާ ފަންޑަށް ފައިސާ ހޯދުމާއި، ފަންޑަށް ލިބޭ ފައިސާ ބޭނުންކުރާނެ ގޮތްތައް ބަޔާންކުރުމެވެ.

 

4 ވަނަ މާއްދާ – ފަންޑަށް ފައިސާ  ޖަމާކުރުން

މި ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތެލެސީމިއާ ފަންޑަށް ލިބޭ ފައިސާ ޖަމާކުރާނީ، ދައުލަތުގެ މާލީ ވުޒާރާގައި ހުޅުވައިފައިވާ ތެލެސީމިއާ ފަންޑު އެކައުންޓަށެވެ.

 

5 ވަނަ މާއްދާ - ފަންޑަށް ޖަމާކުރެވޭނެ ފައިސާގެ ބާވަތްތައް

އަންނަނިވި ބާވަތުގެ ފައިސާ، ފަންޑަށް ޖަމާކުރެވިދާނެއެވެ.

(ހ) ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ތެލެސީމިއާ ކޮންޓްރޯލްކުރުމަށާއި ތެލެސީމިއާއަށް ފަރުވާދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ފަންޑަށް ޖަމާކުރުމަށް ދޫކުރާ ފައިސާ.

(ށ) ދިވެހިރާއްޖޭގައި ތެލެސީމިއާ ކޮންޓްރޯލް ކުރުމަށްޓަކައި، ދިވެހި ސަރުކާރަށް ހިލޭ އެހީގެގޮތުގައި އެކިއެކި ފަރާތްތަކުން ލިބޭ ފައިސާ.

(ނ) ދިވެހިރާއްޖޭގައި ތެލެސީމިއާ ކޮންޓްރޯލްކުރުމަށާއި ތެލެސީމިއާއަށް ފަރުވާދިނުމަށް އެހީގެ ގޮތުގައި ދިވެހިސަރުކާރަށް ދިވެހި ރައްޔިތުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު، ނުވަތަ އެނޫންވެސް ޤައުމެއްގެ ރައްޔިތުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާއަކުން ނުވަތަ ޖަމާއަތަކުން ދޭ ފައިސާ.

 

6 ވަނަ މާއްދާ – ފަންޑޑުގެ ޒިންމާ އުފުލުން

ފަންޑު ހިންގުމަށާއި ފަންޑުގައިވާ ފައިސާއަށް ޒިންމާއުފުލާނީ މިނިސްޓަރެވެ.

 

7 ވަނަ މާއްދާ – ފަންޑުން ފައިސާ ހަރަދު ކުރެވޭނެ ގޮތްތައް

(ހ) ފަންޑުން ފައިސާ ހަރަދުކުރަންވާނީ، ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން، ތެލެސީމިއާ ކޮންޓްރޯލްކުރުމަށާއި ތެލެސީމިއާއަށް ފަރުވާދިނުމުގެ ނިޒާމު ހިންގުމަށްޓަކައި އަންނަނިވި ކަންކަން ކުރުމަށެވެ.

ތެލެސީމިއާގެ ފަރުވާއަށް ސިއްހީ ހިދުމަތްތެރިން ތަމްރީނުކުރުމަށް.
ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް.
ތެލެސީމިއާ ފަރުވާ ހަރުދަނާކުރުމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ހޯދުމަށް.
ތެލެސީމިއާގެ ސަބަބުން ތެލެސީމިއާ ކުދިން ހުށަހެޅޭ އެހެނިހެން ބަލިތަކުން އެ ކުދިން ސަލާމަތްކުރުމަށްޓަކައި، ރާއްޖެއިން ލިބެން ނެތް ފަރުވާތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފަންޑަށް ފައިސާ ދޭ ފަރާތްތަކުން، ވަކިކަމެއް ކުރުމަށް ފައިސާ ދީފައިވާނަމަ، އެ ފައިސާއެއް ހަރަދުކުރެވޭނީ ހަމައެކަނި އެކަމަކަށެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ ކަންކަމަށް ފަންޑުން ހަރަދުތައް ކުރަންވާނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ފުށުނާރާ ގޮތަށެވެ.

 

8 ވަނަ މާއްދާ – ބަޖެޓުގައި ފައިސާ ހިމެނުން

(ހ) ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކު، ވިދިގެން އަންނަ އަހަރުގެ ބަޖެޓު ފާސްކުރާއިރު، އެ ބަޖެޓު މެދުވެރިކޮށް، ތެލެސީމިއާ ކޮންޓްރޯލުކުރުމަށާއި ތެލަސީމިއާއަށް ފަރުވާދިނުމަށް، ފަންޑަށް ލިބޭނެކަމަށް ލަފާކުރާ، އަދި ފަންޑުން ކުރުމަށް ގަސްތުކުރާ ކަންތައްތަކުގެ އަންދާޒީ ބަޖެޓެއް މިނިސްޓްރީން  ތައްޔާރުކޮށް މާލީ ކަންކަމާ ބެހޭ ވުޒާރާއަށް އަށް ފޮނުވަންވާނެއެވެ. އަދި މި ބަޖެޓުގެ ތަފުސީލު ހުންނަންވާނީ، މާލީ ކަންކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ބަޖެޓް، މާލީ ކަންކަމާބެހޭ ވުޒާރާއަށް ފޮނުވުމުން، ކޮންމެ އަހަރަކުވެސް  އެކަށީގެންވާ އަދަދެއްގެ ފައިސާ ފަންޑަށް ދޫކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ލަފާކުރާ ބަޖެޓް ތައްޔާރުކުރާއިރު، ތެލަސީމިއާ ސެންޓަރު ހިންގުމަށާއި، ތެލެސީމިއާ ކޮންޓްރޯލުކުރުމުގެ ގާނޫނު ތަންފީޒުކުރުމަށާއި، މި ގާނޫނުގެ ދަށުން ސެންޓަރުން ކުރަންޖެހޭ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަގޮތުގައި ކުރުމަށް  ބޭނުންވާ މިންވަރަށް ދެއްވާ ފައިސާއަކީ، މި ފަންޑުގައި ހިމެނޭ ފައިސާއަށް ވެގެން ނުވާނެއެވެ.

 

9 ވަނަ މާއްދާތެލަސީމިއާ ފަންޑު ކޮމެޓީ އުފެއްދުމާއި،  އެ ކޮމިޓީ އެކުލަވައިލުން

(ހ) މި ގަވާއިދަށް އަމަލުކުރަންފަށާ ތާރީޚުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ތެލެސީމިއާ ފަންޑު ބަލަހައްޓައި ހިންގުމަށްޓަކައި "ތެލެސީމިއާ ފަންޑު ކޮމެޓީ" ގެ ނަމުގައި ކޮމެޓީއެއް އެކުލަވައިލާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮމެޓީ އެކުލަވައިލައި، އެ ކޮމެޓީއަށް މެންބަރުން އައްޔަނުކުރާނީ މިނިސްޓަރު ނުވަތަ މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނަ އެންމެ އިސްވެރިޔާއެވެ.
(ނ) ކޮމެޓީ އެކުލަވައިލުމަށްފަހު، އެއްވެސް ސަބަބަކާހުރެ ކޮމެޓީއަށް ބަދަލު ގެންނަން ޖެހިއްޖެނަމަ، ގެނައި ބަދަލު 10 (ދިހައެއް) ދުވަހުގެ ތެރޭގައި ކޮމެޓީގެ މެންބަރުންނަން އަންގަންވާނެއެވެ.

(ރ) ކޮމެޓީއަށް އެންމެ މަދުވެގެން އައްޔަނުކުރެވޭނީ 5 (ފަހެއް) މެންބަރުންނެވެ.  އެންމެ ގިނަވެގެން  އައްޔަނުކުރެވޭނީ 7 (ހަތެއް) މެންބަރުންނެވެ.

 

10 ވަނަ މާއްދާ – ކޮމެޓީގެ މަސްއޫލިއްޔަތާއި  ބާރުތައް

ކޮމިޓީގެ މަސްއޫލިއްޔަތާއި ބާރުތައް ތިރީގައި ބަޔާންކޮށްފައި މި ވަނީއެވެ.

(ހ) ފަންޑަށް ބޭނުންވާ ފައިސާ ހޯދުން.

(ށ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަމަށް ފައިސާ ހަރަދުކުރާނެ ގޮތުގެ މިންގަނޑުތަކެއް ކަނޑައެޅުން.

(ނ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ބަޖެޓް ތައްޔާރުކުރުން.

(ރ) ފަންޑަށް އާމްދަނީ ހޯދުމާއި، ފަންޑުން ހަރަދުކުރުމާ ގުޅޭގޮތުން ކޮމެޓީއަށް ހުށަހެޅޭ ކަންކަން ދިރާސާކުރުމަށްފަހު، އެ ކަންކަމަށް ގޮތެއް ނިންމުން.

(ބ) ކޮމެޓީން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ނުވަތަ ކުރަންޖެހޭކަމެއް ކުރުމަށްޓަކައި އެ އިރަކަށް ބޭނުންވާ ފަންނީ ލަފާ ހޯދުން.

 

11 ވަނަ މާއްދާ - ކޮމެޓީ އެކުލެވިގެންވާ ގޮތް

ކޮމެޓީ އެކުލަވައިލާންވާނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް ހިމަނައިގެންނެވެ.

(ހ) މިނިސްޓަރ ނުވަތަ އެ ވަގުތަކު އެ މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނަ އެންމެ އިސްވެރިޔާ.

(ށ) މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ 2 (ދޭއް) މުވައްޒަފުން.

(ނ) މިނިސްޓްރީ 3 (ތިނެއް) މުވައްޒަފުން. (މީގެ ތެރެއިން 1 (އެކެއް) މުވައްޒަފު ވާންވާނީ މިނިސްޓްރީގެ ބަޖެޓުގެ ކަންކަމާބެހޭ މުވައްޒަފަކަށެވެ.

(ރ) ނަރުހެއް.

 

12 ވަނަ މާއްދާ – ކޮމެޓީގެ ޗެއަރޕަރސަނާއި ވައިސް ޗެއަރޕަރސަން

ކޮމެޓީގެ ޗެއަރޕަރސަނަކީ މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ބުނެފައިވާ ފަރާތެވެ. ކޮމެޓީގެ ވައިސް ޗެއަރޕަރސަން ކަނޑައަޅާނީ، ކޮމެޓީގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

 

13 ވަނަ މާއްދާ – ކޮމެޓީގެ ޗެއަރޕަރސަންގެ ޒިންމާތައް

ކޮމެޓީގެ ޗެއަރޕަރސަންގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި މި ވަނީއެވެ.

(ހ) ކޮމެޓީގެ ޖަލްސާތައް ބޭއްވުމާއި ރިޔާސަތު ބެލެހެއްޓުން.

(ށ) ކޮމެޓީގެ މަސްއޫލިއްޔަތު އަދާކުރުމަށް މަގުފަހިކޮށްދީ، އެ މަސްއޫލިއްޔަތުތައް  އަދާކުރެވެމުންދާކަން ކަށަވަރުކުރުން.

(ނ) ކޮމެޓީގެ ނިންމުންތައް ތަންފީޒުކުރަމުންދާ މިންވަރު ބެލުމާއި އެ ކަންކަމަށް  ޖަވާބުދާރީވުން.

(ރ) ކޮމެޓީން ނުވަތަ މި ގަވާއިދުގެ ދަށުން ޗެއަރޕަރސަންގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންކަން ނުވަތަ ދީފައިވާ ބާރެއްގެ ދަށުން ކުރަންޖެހޭ ކަމެއްކުރުން.

 

14 ވަނަ މާއްދާ - ކޮމެޓީގެ ވައިސް ޗެއަރޕަރސަންގެ  ޒިންމާ

ކޮމެޓީގެ ޗެއަރޕަރސަން އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޛުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި އޭނާގެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރާނީ ކޮމެޓީގެ ވައިސް ޗެއަރޕަރސަނެވެ.

 

15 ވަނަ މާއްދާ - ކޮމެޓީގެ މެންބަރުންގެ ޒިންމާތައް

ކޮމެޓީގެ މެންބަރުންގެ ޒިންމާތަކުގެ ތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމެނެއެވެ.

(ހ) މަގްބޫލު އުޛުރެއް ދިމާވެގެން މެނުވީ ކޮމެޓީގެ ޖަލްސާތަކަށް ހާޒިރުވުން.

(ށ) މަގުބޫލު އުޛުރެއް ދިމާވެގެންނޫނީ، ކޮމެޓީން ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.

(ނ) ޒާތީ ތައައްސުބުން އެއްކިބާވެހުރެ، ތިމާގެ މަސައްކަތަށާއި ތިމާގެ ވާޖިބަށް އިޚްލާސްތެރިވުމާއި، އިންސާފުވެރިވުމާއި، ފަރުވާތެރިވުން.

 

16 ވަނަ މާއްދާ – މެންބަރުންގެ ދައުރު

(ހ) ކޮމެޓީއަށް އައްޔަނު ކުރެވޭ މެންބަރަކު، މަގާމުގައި ދެމިހުންނާނީ އެ މެންބަރަކު އައްޔަނު ކުރެވޭ ތާރީޚުން ފެށިގެން 5 ( ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ށ) މި ގަވާއިދުގެ ދަށުން މެމްބަރަކު އައްޔަނު ކުރެވޭނީ، ގިނަވެގެން ވިދިވިދިގެން ދެ ދައުރަށެވެ.

 

17 ވަނަ މާއްދާ - އެލަވަންސް

ކޮމެޓީއަށް އައްޔަނު ކުރެވޭ މެންބަރުންނަށް، ހާޒިރުވާ ޖަލްސާތަކަށް އެލަވަންސެއް ނުދެވޭނެއެވެ.

 

18 ވަނަ މާއްދާ - މަގާމު ހުސްވުން

ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ މެންބަރެއްގެ މަގާމު ހުސްވާނެއެވެ.

(ހ) މެންބަރުކަމުގެ ދައުރު ހަމަވުން.

(ށ) މަރުވުން.

(ނ) އެ މެންބަރަކު އައްޔަނުކުރި ފަރާތުން އެ މެންބަރަކު ކޮމެޓީން ވަކިކުރުން.

(ރ) އެ މެންބަރަކު މިނިސްޓްރީގެ ވަޒީފާއިން ވަކިވުން ނުވަތަ ވަކިކުރުން.

 

19 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން

ކޮމެޓީއަށް އައްޔަނު ކުރެވޭ މެންބަރުން ވަކިކުރާނީ މިނިސްޓަރ ނުވަތަ މިނިސްޓްރީ ހިންގަން ހަވާލުވެ ހުންނަ އެންމެ އިސް ވެރިޔާއެވެ.

 

20 ވަނަ މާއްދާ – ކޮމެޓީގެ ސެކްރެޓޭރިއަޓް

ކޮމެޓީގެ އިދާރީ އެންމެހައި ކަންކަން ބަލަހައްޓާނީ މޯލްޑިވިއަން ބްލަޑް ސަރވިސަސް އިންނެވެ. އެގޮތުން ތިރީގައި މިވަނީ ކޮމެޓީގެ އިދާރީ ކަންކަން ބަލަހައްޓާ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކެވެ.

(ހ) ކޮމިޓީގެ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ޔައުމިއްޔާ ފާސްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، ޔައުމިއްޔާ ބެލެހެއްޓުން.

(ށ) ކޮމިޓީގެ އެންމެހައި ލިޔެކިޔުންތައް ބެލެހެއްޓުން.

(ނ) ކޮމިޓީން ފާސްކުރާ ކަންތައްތަކާބެހޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ދިނުން.

(ރ) ކޮންމެ މީލާދީ އަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ފަންޑު ހިނގިގޮތުގެ އަހަރީ ރިޕޯޓާއި ފައިނޭންޝަލް ސްޓޭޓްމަންޓް ރިޕޯޓު ތައްޔާރުކޮށް، އެ ރިޕޯޓު ފާސްކުރުމަށް ކޮމިޓީއަށް ހުށަހެޅުމާއި، ރިޕޯޓްތައް ބަލަން ބޭނުންވާ ފަރާތަކަށް ގަވާއިދު ހަމަޖެހިފައިވާ ގޮތުގެމަތިން ބެލޭނެ އިންތިޒާމް ފަހިކޮށްދިނުން.

 

21 ވަނަ މާއްދާ - ކޮމެޓީގެ ބައްދަލުވުންތައް

(ހ) ކޮމެޓީގެ ބައްދަލުވުމެއް، މަދުވެގެން އަހަރަކު 4 (ހަތަރެއް) ފަހަރު ބާއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް،  ވަކިކަމަކާ ގުޅިގެން ޗެއަރޕަސަނަށް ފެނިއްޖެ ހާލަތެއްގައި ނުވަތަ މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ހުށަހަޅާ ކަމަކާ ގުޅިގެން، ނުވަތަ މެންބަރަކު އެދިއްޖެ ހާލަތެއްގައި، އިތުރު ބައްދަލުވުންތައް ވެސް ބޭއްވުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

22 ވަނަ މާއްދާ – ކޮމެޓީގެ ބައްދަލުވުންތަކުގެ ގާނޫނީ އަދަދު

ކޮމެޓީގެ ބައްދަލުވުމެއް ބޭއްވޭނީ ކޮމެޓީގެ މެންބަރުންގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.

 

23 ވަނަ މާއްދާ - ބައްދަލުވުމަށް މެންބަރުން ހާޒިރުނުވުން

(ހ) ކޮމިޓީގެ ބައްދަލުވުން ފެށުމަށް ކަނޑައެޅިފައިވާ ގަޑިޔަށް ބައްދަލުވުން ބޭއްވުމަށް ބޭނުންވާ އަދަދަށް މެންބަރުން ހާޒިރު ނުވެއްޖެ ނަމަ، އިތުރު 15 (ފަނަރަ) މިނިޓް ބެލުމަށްފަހު، ޗެއަރޕަސަން ކަނޑައަޅާ އެހެން ދުވަހަކަށް ބައްދަލުވުން ފަސްކުރެވިދާނެއެވެ.

(ށ) ކޮމިޓީގެ މެންބަރަކަށް އެއްވެސް ސަބަބަކާހެދި ކޮމިޓީގެ ބައްދަލުވުމަކަށް ހާޒިރު ނުވެވޭނަމަ، ބައްދަލުވުން ފެށުމުގެ 1 (އެކެއް) ގަޑިއިރުގެ ކުރިން އެކަން ކޮމިޓީގެ ޗެއަރ ޕާރސަނަށް ނުވަތަ، ކޮމިޓީގެ ސެކްރެޓޭރިއެޓަށް އަންގަން ވާނެއެވެ.

(ނ) މަގުބޫލު ސަބަބެއްނެތި ވިދިވިދިގެން 3 (ތިނެއް) ބައްދަލުވުމަށް ހާޒިރު ނުވުމާއި، މެންބަރުންގެ އެހީތެރިކަން ކޮމެޓީއަށް ނުލިބޭނަމަ،  ޗެއަރޕަސަން ނިންމާ ގޮތެއްގެ މަތިން އެ މެންބަރުންނާ މެދު އަމަލުކުރެވޭނެއެވެ.

 

24 ވަނަ މާއްދާ - ކޮމެޓީން ކަމެއް ނިންމުމާއި، ޔައުމިއްޔާ ބެލެހެއްޓުން

(ހ) ކޮމެޓީގެ ކޮންމެ ނިންމުމެއް ނިންމަންވާނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި އެއްވެސް ހާލަތެއްގައި ވޯޓް ހަމަހަމަވެއްޖެނަމަ، ކާސްޓިންގ ވޯޓް ދިނުމުގެ ބާރު ޗެއަރޕަރސަނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް،  އާންމު  އުސޫލެއްގެ ގޮތުން ކޮމެޓީން ނިންމުންތައް ނިންމޭތޯ ބަލާނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

(ނ) ކޮމެޓީން ނިންމާ ނިންމުމުގެ ލިޔުމުގައި، ކޮމެޓީގެ ޗެއަރޕަރސަން ނުވަތަ އެ ވަގުތަކު ޗެއަރޕަރސަންގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތެއްގެ ސޮއިކޮށްފައި އޮންނަންވާނެއެވެ.

(ރ) ކޮމެޓީގެ ނިންމާ ނިންމުމެއް ސައްހަކަމަށް ބެލެވޭނީ ކޮމެޓީގެ ޗެއަރޕަރސަން ނުވަތަ އެ ވަގުތަކު ޗެއަރޕަރސަންގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތެއްގެ ސޮއިކޮށް، އެ ލިޔުމުގައި، މޯލްޑިވިއަން ބްލަޑްސަރވިސަސްގެ ސިއްކަ އޮތުމުންނެވެ.

(ބ) ކޮމިޓީގައި ވޯޓު ދެވޭނީ އަތްމައްޗަށް ހިއްލައިގެންނެވެ.  ކޮންމެ މެންބަރަކަށް ދެވޭނީ މައްސަލައަކަށް 1 (އެކެއް) ވޯޓެވެ.

(ޅ) ކޮމިޓީގެ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ ވަކިވަކިން ލިޔެ ބަލަހައްޓަން ވާނެއެވެ. އަދި ޖެހިގެން އަންނަ ބައްދަލުވުމުގައި، ކުރީގެ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރަންވާނެއެވެ.

25 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

(ހ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މަޢުލޫމާތެއް، މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ  ގޮތުން ފިޔަވައި، ތިންވަނަ ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

(ށ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މަޢުލޫމާތެއްގެ ނުވަތަ އެ މެންބަރެއް އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒު މަންފާއެއް ހާސިލުކުރުމަށް ނުވަތަ އެހެން މީހަކަށް މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެން ނުވާނެއެވެ.

 

26 ވަނަ މާއްދާ - ކޮމެޓީގެ ބައްދަލުވުންތަކުގެ ރިޔާސަތު

ކޮމެޓީގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ތިރީގައި ބަޔާކޮށްފައިވާ ފަރާތްތަކުންނެވެ.

(ހ) ކޮމެޓީގެ ޗެއަރޕަރސަން

(ށ) ކޮމެޓީގެ ޗެއަރޕަރސަން ނެތް ހާލަތެއްގައި ވައިސް ޗެއަރޕަރސަނެވެ.

(ނ) ކޮމެޓީގެ ޗެއަރޕަރސަނާއި ވައިސް ޗެއަރޕަރސަން ނެތް ހާލަތެއްގައި ހާޒިރުވެތިބި މެންބަރުންގެ ތެރެއިން އައްޔަނުކުރާ މެންބަރެކެވެ.

 

27 ވަނަ މާއްދާ - ކޮމެޓީގެ ލިޔެކިޔުންތައް

ބެލެހެއްޓުން ކޮމެޓީގެ މެންބަރުންގެ ހާޒިރީއާއި ބައްދަލުވުންތަކުގެ އެޖެންޑާއާއި ނިންމުންތަކާއި ކޮމެޓީން ތައްޔާރުކުރާ މުހިންމު ލިޔެކިޔުންތަކާއި އަހަރީ ރިޕޯޓާއި މިނޫންވެސް ގާނޫނާއި ގަވާއިދުތަކުން ބެލެހެއްޓުން ލާޒިމުކުރާ ލިޔެކިޔުންތަކުގެ  ރެކޯޑު، ކަނޑައަޅާ އުސޫލެއްގެ މަތިން މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ބަލަހައްޓަން ވާނެއެވެ.

 

28 ވަނަ މާއްދާ - ކޮމެޓީގެ ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައަޅާނެ ގޮތް

ކޮމެޓީގެ ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައަޅާނީ ކޮމެޓީގެ މަޝްވަރާގެ މަތިން ޗެއަރޕަރސަނެވެ.

 

29 ތެލެސީމިއާ ފަންޑުން ހަރަދުކުރުމުގެ ހުއްދަ

(ހ) ތެލެސީމިއާ ފަންޑުން އެއްވެސް ހަރަދެއް ކުރެވޭނީ، އެ ހަރަދެއް ކުރުމަށް ކޮމެޓީން ނިންމުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހަރަދުކުރުމަށް ކޮމެޓީން ނިންމުމުން، އެ ހަރަދެއް ކުރަންވާނީ މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާއާއި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޑިރެކްޓަރ ޖެނެރަލް ނުވަތަ މޯލްޑިވިއަން ބްލަޑް ސަރވިސަސް ހިންގުމާ ހަވާލުވެހުރި ސިވިލް ސަރވިސްގެ އެންމެ އިސް ވެރިޔަކާއި ދެ މީހުން ހަރަދުކުރުމުގެ ހުއްދައިގައި ސޮއިކޮށް، މިނިސްޓަރަށް ހުށަހެޅުމުން މިނިސްޓަރު އެ ހަރަދުކުރުމަށް ހުއްދަ ދިނުމުންނެވެ.

(ނ) ފަންޑުން ފައިސާ ހަރަދުކުރުމަށް ހުށަހަޅާނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ފަރާތުންނެވެ.

 

30 ފަންޑުން ހަރަދުކުރަން ބޭނުންވާ ކަންތައް އަހަރީ ބަޖެޓް ޕްލޭނުގައި ހިމެނުން

ތެލެސީމިއާ ފަންޑުން ހަރަދުކުރުމަށް ބޭނުންވާ ކަންކަން މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ތައްޔާރުކުރާ އަހަރީ ބަޖެޓް ޕްލޭނުގައި ހިމަނައިފައި އޮންނަންވާނެއެވެ.

 

31 ވަނަ މާއްދާ - އަހަރީ ރިޕޯޓު ތައްޔާރުކުރުމާއި،  އެ ރިޕޯޓު އާންމުކުރުން

މިލާދީ ކޮންމެ އަހަރަކުވެސް، ފަންޑަށް ލިބުނު ފައިސާއާއި، އެ ފައިސާ ހަރަދު ކުރެވުނު ގޮތް އެކުލެވޭ ތަފުސީލީ ރިޕޯޓެއް ކޮމެޓީން ތައްޔާރުކުރުމަށްފަހު، އެ ރިޕޯޓު އާންމު ކުރަންވާނެއެވެ.

 

32 ވަނަ މާއްދާ - އެހެނިހެން ކަންތައްތައް

ކޮމެޓީގެ މަސްއޫލިއްޔަތާ ގުޅޭގޮތުން މި ގަވާއިދުގައި ކަނޑައަޅައިފައި ނުވާ ކަމެއް މެދުވެރިވެއްޖެ ނަމަ، އެ ކަމެއް ނިންމާނީ ކޮމެޓީގެ މެމްބަރުންގެ މަޝްވަރާއާއެކު މެންބަރުންގެ އިއްތިފާގުން ނުވަތަ އަޣުލަބިއްޔަތުން އެއްބަސްވާ ގޮތަކަށެވެ.

 

33 ވަނަ މާއްދާ - ގަވާއިދު އިސްލާހު ކުރުން

(ހ) މި ގަވާއިދަށް އިސްލާޙެއް ގެންނަން ބޭނުންވެއްޖެ ހިނދެއްގައި، އެ އިސްލާޙެއް ގެނައުމުގެ އިޚުތިޔާރު ކޮމެޓީއަށް ލިބިގެންވެއެވެ.

 

34 ވަނަ މާއްދާ - މާނަކުރުން   

(ހ) "ކޮމެޓީ" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 4/2012 (ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން އުފައްދާ "ތެލެސީމިއާ ފަންޑު ކޮމެޓީ" އަށެވެ.

(ށ) "ސެންޓަރު" ކަމުގައި ބުނެފައި އެ ވަނީ، ތެލަސީމީއާ އެންޑް އަދަރ ހީމޮގްލޮނޯޕަތީސް ސެންޓަރަށެވެ.

(ނ) "މިނިސްޓަރ" ކަމުގައި ބުނެފައި އެ ވަނީ، ސިއްހީ ސިޔާސަތުތައް ތަންފީޛުކުރުމުގެ ޒިންމާ  އެ ވަގުތަކު އުފުލާ ވުޒާރާގެ ވަޒީރަށެވެ.

(ރ) "މިނިސްޓްރީ" ކަމަށް ބުނެފައި އެ ވަނީ، ސިއްހީ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ  އެ ވަގުތަކު ހަވާލުވެފައިވާ ވުޒާރާއަށެވެ.

(ބ) "މޯލްޑިވިއަން ބްލަޑް ސަރވިސަސް" ކަމަށް ބުނެފައި އެ ވަނީ ލޭ ހޯދުމާއި، ރައްކައުކުރުމުގެ ހިދުމަތް ދިނުމާއި، ލޭގެ ބަލިތަކަށް ފަރުވާކޮށް، މި ކަންކަމާބެހޭ މަސައްކަތްކުރާ ސަރުކާރުގެ އިދާރާއަށެވެ.

 

މައި ގާނޫނު

ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 4/2012)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު