-

ކުޅުންތެރިންނާއި އޮފިށަލުން ވީއްލުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2018-31)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 11 އެޕްރީލް 2018 ގައި)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މި ގަވާއިދަކީ ގާނޫނު ނަންބަރު 2015-30 (ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު) ގެ 22 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން، އެ ގާނޫނުގެ 32 ވަނަ މާއްދާގައްޔާއި 34 ވަނަ މާއްދާގައި، އެކިއެކި ކުޅިވަރުތަކުގައި ބައިވެރިވާ ދިވެހިރާއްޖޭގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިށަލުންނާއި، ކުޅިވަރުގެ އެކިއެކި މުބާރާތްތަކާއި މުނާސަބަތްތަކުގައި ޓީމުތައް ބައިވެރިވުމަށްޓަކައި، ޓީމުތަކުގެ ކުޅުންތެރިންނާއި، ކޯޗިންގ ސްޓާފުންނާއި، މެޑިކަލް ސްޓާފުންނާއި، އޮފިށަލުންނާއި، މެނޭޖަރުން އެ ފަރާތްތަކުގެ ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެ އޮފީހަކުން ނުވަތަ އެ ކުންފުންޏަކުން ވީއްލަންވާނެކަމަށް ބަޔާންކޮށްފައިވާތީ، އެކަމުގައި އަމަލުކުރާނެގޮތް ބަޔާންކުރާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ކުޅުންތެރިންނާއި އޮފިށަލުން ވީއްލުމާބެހޭ ގަވާއިދު" އެވެ.

(ނ) މި ގަވާއިދުގެ ދަށުން ކުޅުންތެރިން ވީއްލާ މުބާރާތްތަކާއި މުނާސަބަތަކަކީ، ގައުމީ ކުޅިވަރު ޖަމްއިއްޔާއިން ރާވައި ހިންގާ ނުވަތަ އެފަރާތުން ބައިވެރިވާ މަތީ ފެންވަރުގެ ހަރަކާތަކަށް ވާންވާނެއެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) އެކިއެކި ކުޅިވަރުތަކުގައި ބައިވެރިވާ ދިވެހިރާއްޖޭގެ ގައުމީ ޓީމުތައް ގައުމީ އަދި ބައިނަލްއަގްވާމީ އެކިއެކި މުބާރާތްތަކާއި މުނާސަބަތުތަކުގައި ބައިވެރިވުމަށްޓަކައި، އެ ޓީމުތަކުގެ ކުޅުންތެރިންނާއި ކޯޗިންގ ސްޓާފުންނާއި މެޑިކަލް ސްޓާފުންނާއި، އޮފިށަލުންނާއި، މެނޭޖަރުން އެފަރާތްތަކުގެ ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެ އޮފީހަކުން ނުވަތަ އެ ކުންފުންޏަކުން ވީއްލާނެ އުސޫލު ބަޔާންކުރުމާއި، އެކިއެކި ކުޅިވަރުތަކުގައި ނުވަތަ މުނާސަބަތުތަކުގައި ބައިވެރިވާ ކުޅުންތެރިންނާއި އޮފިށަލުން ވީއްލާނެ އުސޫލު ބަޔާންކުރުން.

(ށ) ކުޅިވަރުގެ ހަރަކާތްތަކަށް ވީއްލުމުގައި ޒިންމާވާ ފަރާތްތަކާއި، އެފަރާތްތަކުގެ މަސްއޫލިއްޔަތު ކަނޑައަޅައި، ބަޔާންކުރުން

(ނ) ރަށު ފެންވަރުގައްޔާއި، ގައުމީ ފެންވަރުގައްޔާއި، ބައިނަލްއަގްވާމީ ފެންވަރުގައި، ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްދީގެން، ރާއްޖޭގައި ކުޅިވަރު ކުރިއެރުވުން.

 

3 ވަނަ މާއްދާ - މުބާރާތްތަކާއި މުނާސަބަތުތަކަށް ވީއްލުމަށް ހުށަހެޅުން.

(ހ) ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނުގެ 32 ވަނަ މާއްދާގައްޔާއި 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ދިވެހިރާއްޖޭގައި ކުޅޭ އެކިއެކި ކުޅިވަރުތަކުގައި ބައިވެރިވާ ގައުމީ ޓީމުތަކާއި އެ ޓީމްތަކުގެ އޮފިށަލުންނާއި އެކިއެކި މި ޓީމުތައް ބައިވެރިވާ އެކިއެކި މުބާރާތް ނުވަތަ މުނާސަބާތަކުގެ ތެރެއިން މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުބާރާތްތަކާއި މުނާސަބާތަކުގައި ބައިވެރިވުމަށް އެ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިށަލުން، އެފަރާތްތަކުގެ ވަޒީފާގެ މަސްއޫލިއްޔަތުތަކުން ނުވަތަ ވިޔަފާރީގެ މަސްއޫލިއްޔަތުތަކުން އެ އޮފީހަކުން ނުވަތަ އެ ކުންފުންޏަކުން ވީއްލުމަށް އެންގުމުގެ ބާރު، ކޮމިށަނަރ އޮފް ސްޕޯޓްސްއަށް ލިބިގެންވެއެވެ.

(ށ) މާއްދާގެ (ހ) ގެ ދަށުން، ކުޅުންތެރިންނާއި އޮފިށަލުން، އެފަރާތްތަކުގެ ވަޒީފާގެ ނުވަތަ ވިޔަފާރީގެ މަސްއޫލިއްޔަތުތަކުން އެ އޮފީހަކުން ނުވަތަ އެ ކުންފުންޏަކުން ވީއްލުމަށް އެދި، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު، ގައުމީ ކުޅިވަރު ޖަމްއިއްޔާއިން ފުރިހަމަކުރުމަށްފަހު ކޮމިށަނަރ އޮފް ސްޕޯޓްސްއަށް ހުށަހަޅަންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ވީއްލޭނީ، ގައުމު ތަމްސީލުކުރުމަށްޓަކައި ބައިނަލްއަގްވާމީ މުބާރާތެއްގައި ނުވަތަ ފެސްޓިވަލެއްގައި ބައިވެރިވެފައިވާތީ ވީއްލަން ބޭނުންވާ ކުޅުންތެރިންނާއި، އޮފިށަލުންނާއި، ކޯޗިންގ ސްޓާފުންނާއި، މެޑިކަލް ސްޓާފުންނާއި އޮފިށަލުންނާއި މެނޭޖަރުންނެވެ. އަދި، ގައުމީ ކުޅިވަރު ޖަމްއިއްޔާއިން ބައިވެރިވާ ބައިނަލްއަގްވާމީ މުބާރާތްތަކާއި، ރާއްޖޭގައި ބާއްވާ ގައުމީ މުބާރާތެއްގައި ބައިވެރިވުމަށްޓަކައި އެ ގައުމީ ކުޅިވަރު ޖަމްއިއްޔާއެއްގައި ރަޖިސްޓަރީވެފައިވާ ކުލަބުތަކުގެ ކުޅުންތެރިންނާއި ކޯޗިންގ ސްޓާފުންނާއި، މެޑިކަލް ސްޓާފުންނާއި އޮފިށަލުންނާއި، މެނޭޖަރުން ވީއްލަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފެސްޓިވަލްތަކާއި މުބާރާތްތައް ކަނޑައަޅާނީ، އެ ކުޅިވަރެއްގެ ގައުމީ ޖަމްއިއްޔާއަކުންނެވެ. އަދި، ކުޅުންތެރިންނާއި ކޯޗިންގ ސްޓާފުންނާއި މެޑިކަލް ސްޓާފުންނާއި އޮފިށަލުންނާއި، މެނޭޖަރުން ވީއްލޭނީ، ކަނޑައަޅާ 1 (އެކެއް) ކުޅިވަރަކަށެވެ.

(ބ) މުބާރާތަކަށް ނުވަތަ ހަރަކާތަކަށް ކުޅުންތެރިންނާއި އޮފިށަލުން ވީއްލަންޖެހޭނަމަ އެ މުބާރާތެއް ނުވަތަ އެ ހަރަކާތެއް ފެށުމުގެ 2 (ދޭއް) މަސްދުވަހުގެ ކުރިން މުބާރާތެއް ނުވަތަ އެ ހަރަކާތެއްގައި ބައިވެރިވާ ކުޅުންތެރިންނާއި އޮފިށަލުންގެ މައުލޫމާތާއި، އެ މީހުން ވީއްލަން އެދޭގޮތުގެ ށެޑިއުލް، ކޮމިށަނަރ އޮފް ސްޕޯޓްސްއަށް ހިއްސާކުރަންވާނެއެވެ.

(ޅ) އާންމު އުސޫލެއްގެގޮތުން، މި ގަވާއިދުގެ ދަށުން ވީއްލުމަށް އެދި، އެ މުބާރާތަކަށް ނުވަތަ އެ ހަރަކާތަކަށް ދިޔުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން ނުވަތަ އެ މުބާރާތެއް ނުވަތަ އެ ހަރަކާތެއް ފެށުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން، ކޮމިށަނަރ އޮފް ސްޕޯޓްސްއަށް ޖަމްއިއްޔާތަކުން ހުށަހަޅަންވާނެއެވެ. ވީއްލުމަށް އެދި ހުށަހަޅާއިރު، ވީއްލުމަށް އެދޭގޮތުގެ ށެޑިއުލް ހުށަހަޅަންވާނެއެވެ. އަދި ހާއްސަ ހާލަތެއްގައިނަމަ ނުވަތަ ދިގު މުއްދަތަކަށް ވީއްލަން އެދޭނަމަ، އެ ޖަމްއިއްޔާއަކުން ކޮމިށަނަރ އޮފް ސްޕޯޓްސްއާއެކު މަށްވަރާކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - މުބާރާތާ ގުޅިގެން ބޭއްވޭ ފަރިތަކުރުންތަކަށް ވީއްލުމަށް ހުށަހެޅުން

(ހ) މި ގަވާއިދުގެ ދަށުން، މުބާރާތާ ގުޅިގެން ބޭއްވޭ ފަރިތަކުރުންތަކަށް ވީއްލޭނީ ބައިނަލްއަގްވާމީ މުބާރާތެއްގައި ބައިވެރިވުމަށް ނުވަތަ ގައުމީ ކުޅިވަރު ޖަމްއިއްޔާގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމަނާފައިވާ، އެ ޖަމްއިއްޔާއިން ބާއްވާ މުބާރާތެއްގައި ބައިވެރިވުމަށެވެ. މިހެން އޮތްކަމުގައިވީނަމަވެސް، ހާއްސަ ދައުވަތަކާ ގުޅިގެން ބައިވެރިވާ މުބާރާތްތަކުގައި ނުވަތަ ހަރަކާތްތަކުގައި ބައިވެރިވުމަށް ހުށަހަޅާއިރު، އެކްޓިވިޓީ ކަލަންޑަރުގައި އެ މުބާރާތްތައް ނުވަތަ ހަރަކާތްތައް އޮންނާކަށެއް ނުޖެހެއެވެ.

(ށ) ގައުމީ ޓީމު މުބާރާތަކަށް ދިއުމާ ގުޅޭގޮތުން ނުވަތަ ހަރަކާތަކަށް ދިއުމާ ގުޅޭގޮތުން ބާއްވާ ފަރިތަކުރުންތަކަށް އޮފިށަލުންނާއި ކުޅުންތެރިން ވީއްލޭނީ ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ މުއްދަތަށެވެ.

(ނ) ރާއްޖެއިން ބޭރުގައި ބާއްވާ މުބާރާތަކަށް ދިއުމަށް ތައްޔާރުވުމުގެގޮތުން ބާއްވާ ފަރިތަކުރުންތަކުގައި ބައިވެރިވާ ކުޅުންތެރިޔާއާއި އޮފިށަލަކު އޭނާ ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ކުންފުންޏަކުން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ފަރިތަކުރުންތަކުގައި ބައިވެރިވުމަށްޓަކައި ކަނޑައަޅާ ވަކި ވަގުތެއްގައި ކުޅުންތެރިޔެއްގެ ނުވަތަ އެ އޮފިށަލަކު މަސައްކަތްކުރަން ހަމަޖެހިފައިވާ ރަސްމީގަޑީގައި ވީއްލައިދިނުންއެދި ނުވަތަ ދޫކޮށްދެއްވުންއެދި، ފަރިތަކުރުންތައް ރާވައި ހިންގާ ޖަމްއިއްޔާކުން ހުށަހެޅިދާނެއެވެ.

 

5 ވަނަ މާއްދާ - ވީއްލުމަށް ހުށަހެޅޭނެ ފަރާތްތައް

(ހ) މި ގަވާއިދުގެ ދަށުން ވީއްލުމަށް އެދި ހުށަހެޅޭނީ، ގާނޫނު ނަންބަރު 2015-30 (ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން ކޮމިށަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކޮށްފައިވާ ގައުމީ ކުޅިވަރު ޖަމްއިއްޔާތަކަށް އެކަންޏެވެ.

(ށ) ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާގެ މަގްސަދުތަކުގެ ތެރޭގައި ނުހިމެނޭ ހަރަކާތްތަކަށް ވީއްލުމަށް އެދި ހުށަހަޅައިފިނަމަ، އެ ކަމަށް ގޮތެއް ނިންމުމުގެ ބާރު ކޮމިށަނަރ އޮފް ސްޕޯޓްސްއަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - ގައުމީ ކުޅިވަރު ޖަމްއިއްޔާތަކާއި ކުޅިވަރު ޖަމްއިއްޔާތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް

ގައުމީ ކުޅިވަރު ޖަމްއިއްޔާތަކާއި، ކުޅިވަރު ޖަމްއިއްޔާތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ޖަމްއިއްޔާއެއްގެ ކުރިއަށް އޮތް އަހަރަށް ކަނޑައެޅޭ އެކްޓިވިޓީ ކަލަންޑަރު، ޑިސެންބަރުމަސް ނިމުމުގެ ކުރިން، ކޮމިށަނަރ އޮފް ސްޕޯޓްސްއަށް ފޮނުވުން.

(ށ) ގައުމީ ޓީމު ބައިވެރިވާ މުބާރާތްތަކަށް ނުވަތަ ހަރަކާތްތަކަށް، ވީއްލުމަށް އެދި މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނާފައިވާ ފޯމު މުބާރާތުގެ ށެޑިއުލްއާއެކު ކޮމިށަނަރ އޮފް ސްޕޯޓްސްއަށް ހުށަހެޅުން.

(ނ) މުބާރާތެއްގެ ނުވަތަ ކުޅިވަރުގެ ހާއްސަ މުނާސަބަތެއްގެ ފަރިތަކުރުންތަކަށް، ވީއްލުމަށް އެދޭނަމަ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނާފައިވާ ފޯމު، ފަރިތަކުރުންތަކުގެ ށެޑިއުލްއާއެކު ކޮމިށަނަރ އޮފް ސްޕޯޓްސްއަށް ހުށަހެޅުން.

(ރ) ވީއްލައިދިނުމަށްއެދޭ ކުޅުންތެރިންނާއި އޮފިށަލުންގެ އެންމެހައި ރެކޯޑުތަކާއި، އޭގެ ތެރެއިން ވީއްލައިދިން ކުޅުންތެރިންނާއި އޮފިށަލުންގެ އެންމެހައި ރެކޯޑުތައް ބެލެހެއްޓުން.

(ބ) ވީއްލައިދިން ކުޅުންތެރިންނާއި އޮފިށަލުންގެ ފަރިތަކުރުމުގެ ކަންކަން ކުރިއަށްދިޔަގޮތުގެ ރިޕޯޓެއް ކޮންމެ މަހެއް ނިމުމުން ހުށަހެޅުން.

 

7 ވަނަ މާއްދާ - ކޮމިށަނަރ އޮފް ސްޕޯޓްސްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް

ކޮމިށަނަރ އޮފް ސްޕޯޓްސްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މުބާރާތަކަށް ނުވަތަ ހަރަކާތަކަށް ވީއްލުމަށް އެދި ހުށަހަޅާ ފޯމު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބޭއްވުން.

(ށ) ގައުމީ ޓީމް ބައިވެރިވާ ހަރަކާތްތަކަށާއި، މުބާރާތްތަކަށާއި، ހާއްސަ މުނާސަބާތަކަށް، ކުޅުންތެރިންނާއި އޮފިށަލުން ވީއްލުމަށް އެދި ހުށަހަޅާ ފޯމު، ހުށަހަޅާތާ ރަސްމީ މަސައްކަތު 3 (ތިނެއް) ދުވަހުގެ ތެރޭގައި، ކަމާބެހޭ އޮފީހަކަށް ނުވަތަ ކުންފުންޏަކަށް، އެ މީހުން ވީއްލައިދިނުމަށްއެދި ހުށަހެޅުން.

(ނ) އޮފީހުން ނުވަތަ ކުންފުނިންދޭ ޖަވާބު ރަސްމީ މަސައްކަތު 3 (ތިނެއް) ދުވަހުގެ ތެރޭގައި، ގައުމީ ކުޅިވަރު ޖަމްއިއްޔާއާ ހިއްސާކުރުން.

(ރ) ވީއްލައިދިނުމަށް ހުށަހެޅޭ ފަރާތްތަކުގެ ރިކޯޑާއި ވީއްލައިދިން ފަރާތްތަކުގެ ރިކޯޑު ބެލެހެއްޓުން.

 

8 ވަނަ މާއްދާ - އޮފީސްތަކާއި، ކުންފުނިތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް

ގަވާއިދުގެ ދަށުން ވީއްލަން އެދޭ، ފަރާތްތައް ވަޒީފާ އަދާކުރަމުންގެންދާ އޮފީހުގެ، ނުވަތަ ކުންފުނީގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކުޅުންތެރިއަކު ނުވަތަ އޮފިށަލަކު ވީއްލަން އެދި، ހުށަހަޅައިފިނަމަ ރަސްމީ މަސައްކަތު 3 (ތިނެއް) ދުވަހުގެ ތެރޭގައި ޖަވާބުދިނުން.

(ށ) ކުޅުންތެރިންނާއި އޮފިށަލުން، ކުޅިވަރު ހަރަކާތްތަކަށް ވީއްލުމަކީ ގައުމީ ކަމެއްގެގޮތުގައި ބަލައިގަތުމާއި، އެއީ އުފަލެއްކަމުގައި ދެކިގެން ކުޅުންތެރިންނާއި އޮފިށަލުން ދޫކުރުން.

(ނ) ވަޒީފާގައި އުޅޭ ކުޅުންތެރިޔަކު ނުވަތަ އޮފިށަލަކު، ގައުމީ ޓީމު ބައިވެރިވާ ކުޅިވަރު މުބާރާތްތަކަށް ނުވަތަ ހަރަކާތަކަށް، ވީއްލުމާ ގުޅިގެން ވަޒީފާގެ ކުރިއެރުމަށާއި، އެ ފަރާތަށް ލިބެންޖެހޭ އިނާޔަތްތަކާއި، އެހެނިހެން މަންފާތައް ލިބުމުގައި އުނިކަމެއް އަންނާނެ ކަމެއް ނުކުރުން.

(ރ) ކުޅުންތެރިންނާއި އޮފިށަލުން ވީއްލުމާބެހޭ ރިކޯޑުތައް ބެލެހެއްޓުން.

 

9 ވަނަ މާއްދާ - ކުޅުންތެރިންނާއި އޮފިށަލުންގެ ޒިންމާތަކާއި މަސްއޫލިއްޔަތު

ކުޅުންތެރިންނާއި އޮފިށަލުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ފަރުވާތެރިވުން.

(ށ) ވަޒީފާގެ މާހައުލުގައްޔާއި މުޖުތަމައުގައި އުޅޭއިރު ރިވެތި އަހްލާގެއްގެ މަތީގައި ދެމިހުރުން.

(ނ) ވަޒީފާއާބެހޭ ސައްހަ މައުލޫމާތު ގައުމީ ކުޅިވަރު ޖަމްއިއްޔާއާ ހިއްސާކުރުން.

(ރ) ކުޅިވަރުގެ މައިދާނުގައި، ގައުމަށް ރީތި ނަން ހޯދައިދިނުމަށް ގަދައަޅައި މަސައްކަތްކުރުމާއި ރިވެތި ނަމޫނާ ދެއްކުން.

(ބ) ތަމްރީނަކަށް ވީއްލާފައިވާނަމަ، ގަވާއިދުން ތަމްރީނަށް ހާޒިރުވުން.

 

10 ވަނަ މާއްދާ - ކުލަބުތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތު

ކުލަބުތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކުޅުންތެރިޔަކު ނުވަތަ އޮފިށަލަކު، ވީއްލުމަށް އެދި ހުށަހަޅައިފިނަމަ ރަސްމީ މަސައްކަތު 3 (ތިނެއް) ދުވަހުގެ ތެރޭގައި ޖަވާބުދިނުން.

(ށ) ކުލަބަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން، ގައުމީ ޓީމަށް ހޮވޭ ކުޅުންތެރިންނާއި އޮފިށަލުން ގައުމީ ކުޅިވަރު ހަރަކާތްތަކަށް ވީއްލުމަކީ ގައުމީ ކަމެއްގެގޮތުގައި ބަލައިގަތުމާއި އެއީ އުފަލެއްކަމުގައި ދެކެގެން އެމީހުން ވީއްލުން. 

(ނ) ކުލަބުތަކުގެ ކުޅުންތެރިންނާއި އޮފިށަލުންނަށް، ކުޅުންތެރިންނާއި އޮފިށަލުންނާއި ކުލަބާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް، މުސާރަ ދެމުންގެންދިއުން

 

11 ވަނަ މާއްދާ - ގަވާއިދުގައި ނުހިމެނޭ ކަމެއް މެދުވެރިވުން:

(ހ) ގަވާއިދުގައި ނުހިމެނޭ ކަމެއް މެދުވެރިވެއްޖެނަމަ، އެކަމެއް ނިންމާނީ، ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ ލަފާގެމަތިން ކޮމިށަނަރ އޮފް ސްޕޯޓްސްއެވެ.

(ށ) މި ގަވާއިދު ތަންފީޛުކުރުމަށްޓަކައި ހަދަންޖެހޭ އުސޫލުތައް ހެދުމުގެ ބާރު، ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ - ފިޔަވަޅުއެޅުން

މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވަޅުއެޅުމުގެ ބާރު، ކޮމިށަނަރ އޮފް ސްޕޯޓްސްއަށް ލިބިގެންވެއެވެ.

(ހ) ލިޔުމުން ނަސޭހަތްތެރިވުން.

(ށ) ލިޔުމުން އިންޒާރުދިނުން.

(ނ) 500 (ފަސްސަތޭކަ) ރުފިޔާއާއި 2,000 (ދެހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

 

13 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެ އިބާރާތެއް ހިމެނިފައިވާގޮތުން ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާނަމަ:

"ޖަމްއިއްޔާ" ކަމަށް ބުނެފައި އެވަނީ، ގައުމީ ކުޅިވަރު ޖަމްއިއްޔާތަކަށެވެ.

"ކުޅުންތެރިން" ކަމަށް ބުނެފައި އެވަނީ ގައުމީ ކުޅިވަރު ޖަމްއިއްޔާއިން އެކުލަވައިލާ ކުޅިވަރު ޓީމުތަކުގެ ކުޅުންތެރިންނަށެވެ.

"އޮފިށަލުން" ކަމަށް ބުނެފައި އެވަނީ، ކޯޗުންނާއި، މެނޭޖަރުންނާއި، އެސިސްޓެންޓް ކޯޗުންނާއި، މެޑިކަލް އޮފިށަލުންނާއި، ފިޒިއޯއިންނާއި، ރެފްރީންނާއި، އަމްޕަޔަރުންނާއި، ޓީމުގެ ކުޅުންތެރިން ފިޔަވައި އެހެން މީހުންނަށެވެ.

"ހަރަކާތް" ކަމަށް ބުނެފައި އެވަނީ، ފަރިތަކުރުން، މެޗް، ކޮންގްރެސް، ޖަލްސާ، ވާރކްށޮޕް، ފެސްޓިވަލް ފަދަ ކަންކަމަށެވެ.

"މަތީ ފެންވަރުގެ ހަރަކާތް" ކަމަށް ބުނެފައި އެވަނީ، ގައުމީ ކުޅިވަރު ޖަމްއިއްޔާއިން ކަނޑައަޅާ ގައުމީ ފެންވަރުގެ ހަރަކާތްތަކާއި، ބައިނަލްއަގްވާމީ ފެންވަރުގެ ހަރަކާތްތަކާ ގުޅިގެން ބޭއްވޭ ފަރިތަކުރުން، މެޗް، ކޮންގްރެސް، ޖަލްސާ، ވާރކްށޮޕް، ތަމްރީން ކޯސް، ފެސްޓިވަލް ފަދަ ކަންކަމަށެވެ. 

 

14 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

(މި ގަވާއިދުގެ އަންނަނިވި ޖަދުވަލު/ތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)

ޖަދުވަލު 1 - ކުޅުންތެރިންނާއި އޮފިށަލުން ވީއްލުމަށް އެދޭ ފޯމު

 

މައި ގާނޫނު

ކުޅިވަރު ގާނޫނު (ގާނޫނު ނަންބަރު 2015-30)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު